-

ސިއްހީ ދިރާސާކުރުމާ ބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1006)

 

އެއްވަނަ ބައި: ފެށުން

ބާބު 1: ތައާރަފާއި މަގްސަދު

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2015-29 (ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު) ގެ 32 ވަނަ މާއްދާއާއި 33 ވަނަމާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ސިއްހީ ހިދުމަތްދޭތަނަކުން މެޑިކަލް ރިސާޗް ހެދުމުގައި ނުވަތަ ކްލިނިކަލް ޓްރަޔަލްހެދުމުގައި އަމަލުކުރާނެގޮތުގެ އުސޫލުތަކާއި، އަދި ސިއްހީ ދިރާސާއާގުޅޭ އާންމު އުސޫލުތައް ކަނޑައެޅުމުގެގޮތުން ބުނެވިދިޔަ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެދަށުންއެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ސިއްހީ ދިރާސާކުރުމާބެހޭ ގަވާއިދު" އެވެ.

(ނ) މި ގަވާއިދުގައިވާ ކަންކަން ހިންގާނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ މިނިސްޓްރީއަކުންނެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހް

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގޭނެ ދާއިރާ

(ހ) ދިވެހިރާއްޖޭގައި ކުރާ އެންމެހައި ސިއްހީ ދިރާސާތަކުގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ދިވެހި މުއައްސަސާއަކުން ނުވަތަ ފަރާތަކުން ދިވެހިން ހިމަނައިގެން ރާއްޖެއިން ބޭރުގައި ކުރިއަށްގެންދާ ދިރާސާތަކަށްވެސް މި ގަވާއިދު ހިނގާނެއެވެ.

(ނ) ދިވެހިރާއްޖޭގައި ކުރާ ދިރާސާތަކުގައި ސިއްހަތާބެހޭ ބައެއް ހިމެނޭނަމަ، އެފަދަ ދިރާސާއެއްގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.

 

4 ވަނަ މާއްދާ - މަގްސަދު

(ހ) މި ގަވާއިދުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ސިއްހީ ދިރާސާތަކަކީ ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި، ދެފުށްފެންނަ ނިޒާމެއްގެ ދަށުން، ސާބިތު ހެކިތަކުގެ މައްޗަށް ބިނާކޮށްގެންކުރާ ފެންވަރު ރަނގަޅު ދިރާސާތަކެއްކަން ކަށަވަރުކުރުން.
  2. ދިރާސާގެ ބައިވެރިންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ސިއްހީ ދިރާސާތަކުގެ ސައިންޓިފިކް ކަންކަމާއިސުލޫކީ ކަންކަން ބަލަހައްޓާ ނިޒާމު ހަރުދަނާކުރުން.
  3. ސިއްހީ ދިރާސާތަކުން އެއްކުރާ މައުލޫމާތު އާކައިވްކުރުމާއި ރިޓްރީވް ކުރެވޭނެ ނިޒާމެއް ގާއިމުކުރުން.
  4. ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމާއި، ސިއްހީ ހިދުމަތް ދިނުމާގުޅޭ ކަންކަން ނިންމުމުގައި، ސިއްހީ ދިރާސާތަކުގެނަތީޖާއާއި މައުލޫމާތު ބޭނުންކުރުމަށް ހިތްވަރުދިނުން.
  5. ސިއްހީ ދިރާސާތަކުގެ އިދާރީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުން.

 

 

ދެވަނަ ބައި: ނޭށަނަލް ހެލްތު ރިސާރޗް ކައުންސިލް

ބާބު 1: ނޭށަނަލް ހެލްތު ރިސަރޗް ކައުންސިލް އުފެއްދުމާއި، އެ ކައުންސިލް ހިންގުން"

 

5 ވަނަ މާއްދާ - (މި މާއްދާއަށް ސުރުހީއެއް ދެވިފައި ނުވޭ)

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެތެރޭގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން "ނޭށަނަލް ހެލްތު ރިސާރޗްކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދަންވާނެއެވެ. މި ކައުންސިލް އުފައްދާނީ މިނިސްޓަރެވެ. 

(ށ) މިގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، މިނިސްޓްރީގެ ދަށުން ހިނގަމުން އައި "ނޭށަނަލް ހެލްތު ރިސާރޗް ކޮމިޓީ" އިން ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އުފުލަންޖެހޭ އެންމެހައި އިލްތިޒާމްތަކާއި އެއްބަސްވުންތަކުގެ ދަށުން އެ ކޮމިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ނޭށަނަލް ރިސަރޗް ކައުންސިލް އުފެދުމާއެކު އެ ކައުންސިލަށް ބަދަލުވީއެވެ.

 

6 ވަނަ މާއްދާ - ކައުންސިލް އެކުލެވިގެންވާގޮތް

(ހ) ކައުންސިލް އެކުލެވިގެންވަނީ، ތިރީގައި ބުނެފައިވާ 17 (ސަތާރަ) މެންބަރުންގެމައްޗަށެވެ.

  1. މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ ފަންނީ ދާއިރާތައް ތަމްސީލުވާގޮތަށް ކަނޑައަޅާ 7 (ހަތެއް) މެންބަރުން؛
  2. ތައުލީމީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ މިނިސްޓްރީއަކުން ކަނޑައަޅާ މެންބަރެއް؛
  3. ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުން 2 (ދޭއް) މެންބަރުން؛ މީގެތެރެއިން 1 (އެކެއް) މެންބަރަކު ވާންވާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ މީހަކަށެވެ.
  4. ނޭށަނަލް ރެފަރަލް ހޮސްޕިޓަލުން ކަނޑައަޅާ ސްޕެށަލިސްޓް ޑޮކްޓަރެއް ނުވަތަ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއ.ް
  5. ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ ޓާށަރީ ހޮސްޕިޓަލްތަކުން ކަނޑައަޅާ ސްޕެށަލިސްޓް ޑޮކްޓަރެއް ނުވަތަ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއ.ް
  6. އިސްލާމީ ކަންތައްތަކާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލު ކޮށްފައިވާ މިނިސްޓްރީއަކުން ކަނޑައަޅާ އިސްލާމީ ށަރީއާއިން ތައުލީމް ހާސިލުކޮށްފައިވާ މެންބަރެއް؛
  7. އެޓަރނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ގާނޫނީ ވަކީލެއް؛
  8. ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތަކުން ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު އައްޔަންކުރާ މެންބަރެއް؛
  9. ދައުލަތުގެ މުއައްސަސާތަކުގެ ރެކޯޑާއި ތަފާސްހިސާބު ބެލެހެއްޓުމުގައި ޒިންމާވާ އެންމެ އިސްފަރާތުން ކަނޑައަޅާ މެންބަރެއ.ް
  10. ސިއްހީ ދިރާސާކުރާ ތަޖުރިބާކާރުންގެ ތެރެއިން، ނުވަތަ އިލްމީ ދިރާސާކުރާ ތަޖުރިބާކާރުންގެ ތެރެއިން، ށައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު އައްޔަންކުރާ މެންބަރެއް؛

 

7 ވަނަ މާއްދާ - މެންބަރުންގެ ށަރުތުތައް

މި ގަވާއިދުގެ ދަށުން އެކުލަވައިލެވޭ ކައުންސިލް މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހި ރައްޔިތެއްކަމުގައިވުން؛
  2. ތައުލީމީގޮތުން ދަށްވެގެން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން؛
  3. ހެލްތު ރިސާޗު ނުވަތަ އެކަޑަމިކް ރިސާޗުގެ ދާއިރާއިން ތައުލީމު ހާސިލު ކޮށްފައިވުން ނުވަތަ ރިސާޗު ތީސިސްއެއް ހަދައިފައިވުން، ނުވަތަ ކިޔެވުމުގެ މަރުހަލާގައި ރިސާޗް މޮޑިއުލެއް ފުރިހަމަ ކޮށްފައިވުން؛
  4. އެ މެންބަރަކު ތަމްސީލުކުރާ ދާއިރާއިން މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  5. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ހުކުމެއް ކޮށްފައިވާ މީހަކު ކަމުގައިނުވުން؛
  6. ދިރާސާކުރުމުގައި އަމަލުކުރަންޖެހޭ ސައިންޓިފިކް މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛

 

8 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުން

މި ކައުންސިލަށް މެންބަރުން އައްޔަންކުރާނީ، މިނިސްޓަރ އޮފް ހެލްތެވެ.

 

 

ބާބު 2: ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

 

9 ވަނަ މާއްދާ - ކައުންސިލްގެ މަސްއޫލިއްޔަތުތައް

(ހ) ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.

  1. ސިއްހަތާ ގުޅުންހުރި ދިރާސާތަކާއި ކްލިނިކަލް ޓްރަޔަލްތައް ހެދުމުގެ މިންގަނޑުތައް އެކަށައަޅައި، އެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން ސައިންޓިފިކް މިންގަނޑުތަކަށާއި ސުލޫކީ މިންގަނޑުތަކަށް ފެތޭ ސިއްހަތާ ގުޅުންހުރި ދިރާސާތަކާއި ކްލިނިކަލް ޓްރަޔަލްތައް ހެދުމުގެ ހުއްދަ ދިނުން؛
  2. ސިއްހީ ދިރާސާތައް ނުވަތަ އިލްމީ ދިރާސާތައް ކުރުމުގެ މިންގަނޑުތައް އެކަށައަޅައި، އެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިރާސާކުރުމަށް ހުއްދަދީ ހަރުދަނާގޮތެއްގައި އެ ދިރާސާތައް ކުރަމުން އަންނަކަން ކަށަވަރުކުރުން؛
  3. ދިވެހިރާއްޖޭގެ ބޭނުންތަކަށް ރިއާޔަތްކޮށް ސިއްހީ ދިރާސާތަކުގައި އިސްކަންދޭންވީ ކަންކަމާއި ސްޓްރެޓެޖީތައް ކަނޑައެޅުމުގެ ނިޒާމެއް ގާއިމުކޮށް ތަރައްގީކުރުން؛
  4. ސިއްހީ ދިރާސާތަކުން ހާސިލުކުރެވޭ ނަތީޖާތައް، ސިއްހީ ދާއިރާގެ ސިޔާސަތު ކަނޑައެޅުމުގައި ބޭނުންކުރުމަށް ބާރުއެޅުން؛
  5. ސިއްހީ ދިރާސާތަކާ ގުޅޭ ކަންތައްތަކުގައި މިނިސްޓަރަށް ލަފާ ދިނުން؛
  6. ސިއްހީ ދިރާސާތަކާ ގުޅިގެން ހިނގާ ނޭދެވޭ ކަންތައްތަކާއި ހުށަހެޅޭ ށަކުވާގެ ރިޕޯޓުތައް ބަލައި މިފަދަ ކަންކަން، ކަމާބެހޭ ފަރާތްތަކަށް ނުވަތަ ގާނޫނުން ކަނޑައަޅާ އިދާރާތަކަށް ރިޕޯޓްކުރުން؛
  7. މި ގަވާއިދުގެ ދަށުން ކައުންސިލުގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ގުޅުންހުރި ކޮންމެ މަސައްކަތެއް ކުރުން؛

 

10 ވަނަ މާއްދާ - ކައުންސިލުގެ ބާރުތައް

(ހ) ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމަށް، އަންނަނިވި ބާރުތައް ކައުންސިލަން ލިބިގެންވެއެވެ.

  1. ސިއްހީ ދިރާސާކުރުމުގެ ހުއްދަދިނުމާގުޅޭ އެންމެހައި ކަންކަން ކުރުން؛
  2. ސިއްހީ ދިރާސާތަކާ ގުޅުންހުރި އެންމެހައި ކަންތައްތައް ބަލައި މޮނިޓަރކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލުން؛
  3. ސިއްހީ ދިރާސާއެއްގެ ޕްރޮޕޯސަލަކާ ގުޅިގެން ނުވަތަ ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަންނީ އެހީތެރިންގެގޮތުގައި ކަމާގުޅޭ ދާއިރާތަކުގެ ފަންނީ މާހިރުންގެ އެހީތެރިކަން ހޯދުން؛
  4. ސިއްހީ ދިރާސާތައް ކުރުމަށް ހުއްދަދީފައިވާ ތަންތަން ބަލައި ފާސްކުރުން؛
  5. ސިއްހީ ދިރާސާއަކާ ގުޅިގެން ތަންތަން ބަލައިފާސްކުރުމަށްފަހު ދިރާސާއާ ގުޅުންހުރި އެއްވެސް އެއްޗެއް ނެއްތައިލަންޖެހޭކަމަށް ފާހަގަވާ ހާލަތްތަކުގައިކަމާގުޅުންހުރި ފަރާތްތައް މެދުވެރިކޮށް އެފަދަ ތަކެތި ނެއްތައިލުން؛
  6. ސިއްހީ ދިރާސާކުރާ ފަރާތެއް ނުވަތަ އިދާރާއަކުން ހިންގާ ހަރަކާތްތައް ބަލައި މޮނިޓަރކުރުމުގެގޮތުން ކޮންމެހެން ބޭނުންވާ މައުލޫމާތާއި ރިކޯޑުތައް ހުށަހެޅުމަށް އެންގުން؛
  7. މި ގަވާއިދާއި ހިލާފުވެއްޖެނަމަ، ހިނގަމުންދާ ދިރާސާއެއް ހުއްޓުވުން؛
  8. މި ގަވާއިދުގެ ދަށުން ކައުންސިލުގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅުންހުރި ނުވަތަ ދިމާވާ ކަމެއްގެ ނަތީޖާއެއްގެގޮތުން ކައުންސިލުން ކުރަންޖެހިއްޖެ ކޮންމެ މަސައްކަތެއް ކުރުން؛
  9. ކައުންސިލް ހިންގުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތަކާއި، އެ ކަންތައްތައް ފުރިހަމަގޮތުގައި ހިންގުމަށްޓަކައި އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން؛

(ށ) ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ހާލަތަށް ރިއާޔަތްކުރުމަށްފަހު ކައުންސިލުން ކަނޑައަޅާ ފަރާތަކާ ހަވާލުކުރުމުގެ އިހުތިޔާރު ލިބިގެންވުން؛

 

11 ވަނަ މާއްދާ - ކައުންސިލުގެ ރައީސް

ކައުންސިލުގެ ރައީސްގެ މަގާމަށް ކައުންސިލް މެންބަރުންގެ ތެރެއިން މީހަކު އައްޔަންކުރާނީ މިނިސްޓަރެވެ. މިގޮތުން އައްޔަންކުރާ މެންބަރަކީ ކައުންސިލުގައި ހިމެނޭ މިނިސްޓްރީގެ ފަންނީ މީހަކަށް ވާންވާނެއެވެ.

 

12 ވަނަ މާއްދާ - ކައުންސިލުގެ ރައީސްގެ ޒިންމާތައް

(ހ) ކައުންސިލުގެ ރައީސްގެ ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. 1 ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށްދީ، އެ މަސްއޫލިއްޔަތުތައް އަދާކުރެވެމުންދާކަން ކަށަވަރުކުރުން؛
  2. ކައުންސިލުގެ ޖަލްސާތައް ބޭއްވުމާއި ރިޔާސަތު ބެލެހެއްޓުން؛
  3. ކައުންސިލުގެ ނިންމުންތައް ތަންފީޒުކުރުން؛ 
  4. ކައުންސިލުގެ މަސައްކަތްތަކާ ގުޅިގެން މިނިސްޓަރަށް ޖަވާބުދާރީވުން؛
  5. މީގެ އިތުރުންވެސް ކައުންސިލުގެ ފަރާތުން ނުވަތަ މި ގަވާއިދުގެ ދަށުން ރައީސްގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅައިފައިވާ އެހެނިހެން ކަންކަންކުރުން.

 

13 ވަނަ މާއްދާ - ކައުންސިލުގެ ނައިބުރައީސް

ކައުންސިލުގެ ނައިބުރައީސްގެ މަގާމަށް ކައުންސިލް މެންބަރުންގެ ތެރެއިން މީހަކު އައްޔަންކުރާނީ މިނިސްޓަރެވެ. މިގޮތުން އައްޔަންކުރާ މެންބަރަކީ ކައުންސިލުގައި ހިމެނޭ މިނިސްޓްރީގެ ފަންނީ މީހަކަށް ވާންވާނެއެވެ.

 

14 ވަނަ މާއްދާ - ކައުންސިލުގެ ނައިބުރައީސްގެ ޒިންމާ

ކައުންސިލުގެ ރައީސަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރާނީ ކައުންސިލުގެ ނައިބުރައީސެވެ. މީގެ އިތުރުން، ކައުންސިލް ހިންގުމުގައި ކައުންސިލުގެ ރައީސަށް އެހީތެރިވެދޭންވާނެއެވެ.

 

15 ވަނަ މާއްދާ - މެންބަ ރަކު ރިޔާސަތު ބެލެހެއްޓުން

ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ހާޒިރުނުވެވޭ ޖަލްސާތަކުގައި ކައުންސިލުގެ ރިޔާސަތު ބެލެހެއްޓުމަށް ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ކަނޑައަޅާ މެންބަރަކަށް ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެއެވެ.

 

16 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުންގެ ޒިންމާތައް

(ހ) ކައުންސިލުގެ މެންބަރުންގެ ޒިންމާތަކުގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނެއެވެ.

  1. ކައުންސިލުގެ ޖަލްސާތަކަށް ހާޒިރުވުން؛
  2. ކައުންސިލުން ހަވާލުކުރާ މަސްއޫލިއްޔަތު އަދާކުރުން؛ 
  3. ޒާތީ އެއްވެސް ތައައްސުބަކާނުލައި، ތިމާގެ މަސައްކަތަށާއި ތިމާގެ ވާޖިބަށް އިހްލާސްތެރިވުމާއި، އިންސާފުވެރިވުމާއި، ފަރުވާތެރިވުން.

 

17 ވަނަ މާއްދާ - މެންބަރަކު މެންބަރުންގެ ދައުރު

(ހ) ކައުންސިލަށް އައްޔަންކުރާ މެންބަރަކު، އެ މަގާމުގައި ދެމިހުންނާނީ، އެ އައްޔަންކުރާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

 

18 ވަނަ މާއްދާ - އެލަވަންސް

(ހ) ކައުންސިލަށް އައްޔަންކުރާ މެންބަރުންނަށް ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް އެލަވަންސެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެލަވަންސް ކަނޑައަޅާނީ، މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެމަތިން މިނިސްޓްރީ އޮފް ހެލްތުންނެވެ.

 

19 ވަނަ މާއްދާ - މަގާމު ހުސްވުން

ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރެއްގެ މަގާމު ހުސްވާނެއެވެ.

  1. މެންބަރުކަމުން އިސްތިއުފާދިނުން؛
  2. މެންބަރަކު މަރުވުން؛
  3. މެންބަރުކަމުގެ ދައުރު ހަމަވުން؛
  4. މެންބަރުކަމުން ވަކިކުރުން؛
  5. މެންބަރުންގެ ށަރުތުތައް ކަމުގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން.

 

20 ވަނަ މާއްދާ - އިސްތިއުފާދިނުން

(ހ) ކައުންސިލުގެ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާދޭން ބޭނުންވެއްޖެނަމަ، އެކަން މިނިސްޓަރަށް ހުށަހަޅަންވާނެއެވެ. އަދި އެގޮތަށް ހުށަހަޅާ އިސްތިއުފާ މިނިސްޓަރަށް ލިބުމުން، އެ މެންބަރަކު، މެންބަރުކަމުން ވަކިވީއެވެ.

 

21 ވަނަ މާއްދާ - މެންބަރުކަމުން ވަކިކުރުން

ކައުންސިލަށް އައްޔަންކުރާ މެންބަރުން ވަކިކުރާނީ މިނިސްޓަރެވެ.

 

22 ވަނަ މާއްދާ - ކައުންސިލުގެ ސެކްރެޓޭރިއޭޓު

ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކައުންސިލުން ކަނޑައަޅާ ށަރުތުތަކެއްގެ މަތީން މުވައްޒަފުން ހަމަޖައްސައި ދޭންވާނެއެވެ.

 

23 ވަނަ މާއްދާ - ކޮންސަލްޓެންޓުން

(ހ) ކައުންސިލަށް ލަފާދިނުމަށްޓަކައި ކޮންސަލްޓެންޓުންގެގޮތުގައި ފަންނީ ފަރާތްތައް ކައުންސިލުގެ ލަފައާއެކު މިނިސްޓަރަށް އައްޔަންކުރެވިދާނެއެވެ. މިގޮތުން ކޮންސަލްޓެންޓުން ހޯދާނެ ގޮތާއި އިޖުރާއަތާއި ކަމާގުޅޭ އެހެނިހެން އުސޫލުތައް ކައުންސިލުން އެކަށައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުން ހޯދާ ކޮންސަލްޓެންޓުންނަކީ ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް ދިރާސާކުރާ ފަރާތާނުވަތަ ރިސާޗް ޕްރޮޖެކްޓާ ގުޅުންހުރި ފަރާތަކަށް ވެގެންނުވާނެއެވެ.

 

24 ވަނަ މާއްދާ - ކައުންސިލުގެ ބައްދަލުވުންތައް

(ހ) ކައުންސިލަށް ޕްރޮޕޯސަލް ލިބޭ ނިސްބަތަށް ރިއާޔަތްކޮށް، ކައުންސިލުގެ ބައްދަލުވުމެއް، މަދުވެގެން ހަފުތާއަކު އެއްފަހަރު ބާއްވަންވާނެއެވެ

(ށ) ކައުންސިލު ގެ ބައްދަލުވުންތައް ބޭއްވުމާއި، ޔައުމިއްޔާކުރުމާއި، ލިޔެކިޔުންތައް ބަލަހައްޓާނެގޮތާއި، ކައުންސިލް ހިންގާނެގޮތް ބަޔާންކޮށް، ކައުންސިލުން އުސޫލެއް އެކުލަވައިލާންވާނެއެވެ.

 

25 ވަނަ މާއްދާ - ކައުންސިލް ބައްދަލުވުންތަކުގެ ކޯރަމް

ކައުންސިލުގެ ބައްދަލުވުމެއް ބޭއްވޭނީ ކައުންސިލުގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދުނުވާ އަދަދަކަށް މެންބަރުން ހާޒިރުވެ ތިބެގެންނެވެ. މީގެ ތެރެއިން 2 (ދޭއް) މެންބަރުން ވާންވާނީ މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ ފަންނީ ދާއިރާތައް ތަމްސީލުކުރާ މެންބަރުންނަށެވެ.

 

26 ވަނަ މާއްދާ - ކައުންސިލުގެ ނިންމުންތައް

(ހ) އާންމު އުސޫލެއްގެގޮތުން، ކައުންސިލުގެ ނިންމުންތައް ނިންމަންވާނީ، ޖަލްސާއަށް ހާޒިރުވި ހުރިހާ މެންބަރުންގެ މަށްވަރާގެމަތިންނެވެ. ނަމަވެސް ވޯޓަކަށްދާންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމެއް ނިންމަންވާނީ، ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ ކަމެއް ކައުންސިލުގައި މަށްވަރާކުރާނަމަ، އެކަމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި މިފަދަ ކަމެއް އެ މެންބަރަކަށް އެނގޭ ހިނދުން ފެށިގެން، ރިޔާސަތަށާއި ކައުންސިލުގެ އެހެން މެންބަރުންނަށް އެކަން އެންގުމާއެކު، އެ މައްސަލައަކާ ގުޅޭގޮތުން ކުރެވޭ މަށްވަރާތަކުން އެއްކިބާވާންވާނެއެވެ.

 

27 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ނުވަތަ މުވައްޒަފަކަށް ލިބިފައިވާ މައުލޫމާތެއް، މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ނުވަތަ މުވައްޒަފަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

 

 

ތިންވަނަ ބައި: ސިއްހީ ދިރާސާއާ ގުޅޭ އާންމު އަސާސީ އުސޫލުތައް

ބާބު 1: ސިއްހީ ދިރާސާތަކާ ގުޅޭ އަސާސީ ރުކުންތައް

 

28 ވަނަ މާއްދާ - ސިއްހީ ދިރާސާގެ އަސާސީ ސުލޫކުތައް

(ހ) ކައުންސިލުން ހުއްދަދޭ އެންމެހައި ސިއްހީ ދިރާސާތައް ބިނާކުރަންވާނީ އަންނަނިވި އަސާސީ ސުލޫކުތަކުގެ މައްޗަށެވެ.

  1. ދިރާސާގެ ބައިވެރިންގެ އަމިއްލަ އިހްތިޔާރަށް އިހްތިރާމްކުރުން (އޮޓޮނޮމީ)؛
  2. ދިރާސާގެ ބައިވެރިންގެ ސަލާމަތާއި ރައްކައުތެރިކަމަށް އިސްކަންދިނުން (ބެނިފިސެންސް)؛
  3. ގެއްލުން ކުޑަކުރުމަށް އިސްކަންދިނުން (ނޮން -މެލިފިސެންސް)؛
  4. ދިރާސާގެ ބައިވެރިން ހޮވުމުގައި މައުޒޫއީގޮތުންނާއި އިޖުރާއީގޮތުން އަދުލުވެރިކަން ގާއިމްކުރުން (ޖަސްޓިސް)؛
  5. ބައިވެރިންގެ ރުހުން ހޯދުން؛
  6. ސިއްރު ހިފެހެއްޓުން؛
  7. ޒާތީ މައުލޫމާތު ހާމަނުކުރުން.

 

 

ބާބު 2: ރުހުން

 

29 ވަނަ މާއްދާ - ރުހުން ހޯދުން 

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްވެސް ފަރާތަކުން ނުވަތަ ތަނަކުން، ސިއްހީ ދިރާސާއެއް ކުރަން ބޭނުންވާނަމަ، އެކަން ކުރަންވާނީ، ދިރާސާގައި ބައިވެރިވާ ފަރާތުގެ ރުހުން ހޯދުމަށްފަހުގައެވެ.

(ށ) މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، މި މާއްދާގެ (ހ) ގެ ދަށުން ހޯދާ ރުހުމަކީ ފުރިހަމަ އިހްތިޔާރުގައި، އެއްވެސް މަޖުބޫރުކަމެއް ނެތ،ި ރުހުން ދިނުމަށް އިހްތިޔާރުދޭ ކަންތައްތަކުގެ ފުރިހަމަ މައުލޫމާތު އެނގިހުރެ އަދި ރުހުން ދެވޭ ހާލަތެއްގައި ހުރ،ެ ދިރާސާގެ ބައިވެރިޔާ ލިޔުމުން ދީފައިވާ ރުހުމަކަށް ވާންވާނެއެވެ.

 

30 ވަނަ މާއްދާ - ފުރިހަމަ އިހްތިޔާރުގައި ދޭ ރުހުން

(ހ) ފުރިހަމަ އިހްތިޔާރުގައި ދޭ ރުހުންކަމުގައި ބަލާނީ، ބިރެއް ދައްކައިގެން ނުވަތަ ހަގީގަތް އޮޅުވައިލައިގެން ނުވަތަ ނުރަނގަޅު ނުފޫޒުގެ ބޭނުންކުރުން ފަދަ އެއްވެސް ކަމެއް ނުހިމެނޭގޮތަށް، އެމީހެއްގެ އަމިއްލަ އިހްތިޔާރުގައި ދޭ ރުހުމަށެވެ.

(ށ) ދިރާސާގައި ރުހުން ހޯދުމަށް އެދި ހުށަހަޅާ ފަރާތާއި ބައިވެރިޔާއާ ދެމެދު އޮންނަ ގުޅުމަކީ ބައިވެރިޔާ ރުހުންދިނުމަށް އަސަރުކުރުވާފަދަ ގުޅުމެއް ކަމަށްވާނަމަ، އެފަދަ ބައިވެރިއެއްގެ ރުހުން ހޯދަންވާނީ އެހެން ފަރާތެއް މެދުވެރިކޮށްގެންނެވެ.

 

31 ވަނަ މާއްދާ - އެނގިހުރެ ރުހުން ދިނުން.

(ހ) ސިއްހީ ދިރާސާގައި ބައިވެރިވުމަށް ދޭ ރުހުމަކީ ދިރާސާގެ ބާވަތާއި، ދިރާސާގެ ބޭނުމާއި، ދިރާސާގެ މުއްދަތާއި، ދިރާސާގެ އިޖުރާއަތުތަކާއި، ދިރާސާގައި ހިމެނިދާނެކަމަށް ފެންނަ ނުރައްކަލާއި، އެ ދިރާސާއިން ކޮށްފާނެ ނޭދެވޭ އަސަރާއި،ދިރާސާއިން ހާސިލުކުރެވިދާނެކަމަށް ފެންނަ ނަތީޖާ އެނގިހުރެގެން ދެވޭ ރުހުމަކަށް ވާންވާނެއެވެ.

(ށ) ދިރާސާގެ ބައިވެރިން ރުހުން ދީފައިވަނީ ދިރާސާއާގުޅޭ މައުލޫމާތު އެނގިހުރެކަން ކަށަވަރުކުރުމަށްޓަކައި، ދިރާސާގެ ބައިވެރިޔާއަށް އަންނަނިވި މައުލޫމާތު ދޭންވާނެއެވެ.

  1. ކުރެވެނީ ދިރާސާއެއްކަމާއި، ދިރާސާގެ ބޭނުމަކީ ކޮބައިކަމާއި، ދިރާސާގައި ބައިވެރިޔާ ހޭދަކުރަންޖެހޭނެކަމަށް ލަފާކުރެވޭ ވަގުތާއި، ދިރާސާގައި އަމަލުކުރަންވީ ގޮތުގެ ތަފުސީލާއި، އަޖުމަބެލުމުގެގޮތުން ކަމެއް ކުރާނަމަ،އެކަމެއް ތަފުސީލުކޮށްދިނުން؛
  2. ބައިވެރިޔާއަށް ލިބުން އެކަށީގެންވާކަމަށް ފެންނަ ގެއްލުމާއި، ނޭދެވޭ އަސަރުތަކާއި، އުދަނގޫ ތައް؛ )މީގެ ތެރޭގައި މާއްދީ ގެއްލުމާއި، ނަފްސާނީ ގެއްލުމާއި، އިޖުތިމާއީ ގެއްލުމާއި، މާލީ ދަތިތަކާއި އަސަރުތައް ހިމެނޭގޮތަށް(
  3. ބައިވެރިޔާއަށް ނުވަތަ މުޖުތަމައަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ލިބޭނެކަމަށް ފެންނަ ފައިދާތައް؛
  4. ބައިވެރިޔާއަށް ފައިދާކުރާ އެހެން ފަރުވާއެއް ނުވަތަ މެޑިކަލް ޕްރޮސީޖަރއެއް ވާނަމަ، އެކަން ބައިވެރިޔާއަށް ހާމަކޮށްދިނުން؛
  5. ބައިވެރިޔާގެ ޒާތީ މައުލޫމާތާއި ރެކޯޑުތައް ސިއްރުކުރެވޭ މިންވަރާއި ސިއްރުކުރެވޭގޮތުގެ ތަފުސީލު؛
  6. ދިރާސާއާ ގުޅިގެން ދިމާވެދާނެ ގެއްލުމަކަށް ފަރުވާ ލިބޭނަމަ، ނުވަތަ ގެއްލުމެއްގެ ބަދަލު ލިބޭނަމަ، އެކަމުގެ ތަފުސީލު؛
  7. ދިރާސާގެ ބައިވެރިންގެ ހައްގުތަކާ ގުޅުންހުރި ނުވަތަ ދިރާސާއާ ގުޅުންހުރި މުހިންމު އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ، މި މައުލޫމާތު ފޯރުކޮށްދޭ ފަރާތާ ގުޅޭނެގޮތާއި އަމަލުކުރަންވާގޮތް؛ 
  8. ދިރާސާގައި ބައިވެރިވުމަކީ އަމިއްލަ އިހްތިޔާރެއްކަމާއި، ބައިވެރިނުވުމަކުން ނުވަތަ ރުހުން އަނބުރާ ގެންގޮސް ދިރާސާ ހުއްޓައިލުމަކުން ބައިވެރިޔާއަށް އަދަބެއް ނުވަތަ ގެއްލުމެއް ނުލިބޭނެކަމާއި، ބައިވެރިޔާއަށް ހައްގު އެހެން އެއްވެސް ފައިދާއަކުން މަހުރޫމު ނުވާނެކަން ތަފުސީލުކޮށް ބަޔާންކޮށްދިނުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، ދިރާސާގެ ބާވަތަށާއި ބައިވެރިންނަށް ރިއާޔަތްކޮށް، އަންނަނިވި މައުލޫމާތު އެނގުން މުހިންމުކަމަށްވާނަމަ، އެފަދަ މައުލޫމާތު ދޭންވާނެއެވެ.

  1. ދިރާސާކުރަމުންދާ ކަމެއްގެ ސަބަބުން ނުވަތަ ދެމުންއައި ފަރުވާއެއްގެ ސަބަބުން ނުވަތަ ޕްރޮސީޖަރއިން ބައިވެރިޔާއަށް ނުވަތަ ބަނޑުގައިވާ ދަރިފުޅަށް ނުވަތަ ލިބޭ ދަރިއަކަށް ދިމާވެދާނެކަމަށް ފެންނަ ނުރައްކަލުގެ ތަފުސީލު؛
  2. ބައިވެރިޔާގެ ރުހުމާނުލައި، ދިރާސާކުރާ ފަރާތަށް ބައިވެރިޔާ ދިރާސާގައި ބައިވެރިވުން މަނާކުރެވިދާނެ ހާލަތްތައް ނުވަތަ ދިރާސާގައި ބައިވެރިވުން ހުއްޓުވިދާނެ ހާލަތްތައް؛ 
  3. ދިރާސާއާ ގުޅިގެން ބައިވެރިޔާ އިތުރު އެއްވެސް ހަރަދެއް ކުރަންޖެހޭނަމަ،އެކަމުގެ ތަފުސީލު؛
  4. ދިރާސާގެ ނަތީޖާއަކީ ބައިވެރިޔާ އެ ދިރާސާ އިތުރަށް ކުރިއަށްގެންދިއުމަށް އިންކާރުކޮށްފާނެ ނަތީޖާއެއްކަމުގައި ވާނަމަ، އެ ނަތީޖާއެއް ބައިވެރިޔާއާ ހިއްސާކުރުން. 
  5. ދިރާސާގައި ބައިވެރިވާނެކަމަށް ލަފާކުރާ މީހުންގެ އަދަދު.

(ރ) ދިރާސާގެ ބާވަތަށާއި، ދިރާސާގެ ޒާތަށާއި، ދިރާސާގެ ހާލަތަށާއި، ދިރާސާގެ އާންމު މަސްލަހަތަށް ރިއާޔަތްކޮށް، ދިރާސާއާ ގުޅިގެން ބައިވެރިންނަށް ދޭންޖެހޭނެކަމަށް މި މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު އިތުރުކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

32 ވަނަ މާއްދާ - ރުހުން ދިނުމުގެ އަހުލިއްޔަތު

(ހ) ސިއްހީ ދިރާސާއެއްގައި ބައިވެރިވުމަށް ރުހުން ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ގާނޫނަކުން ނުވަތަ ގަވާއިދަކުން އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، ނުވަތަ އެ ދިރާސާ ޕްރޮޖެކްޓުގެ ތަބީއަތުގެގޮތުން ކައުންސިލުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، 18 (އަށާރަ) އަހަރު ނުވަތަ އެއަށްވުރެ މަތީ އުމުރުގެ ފަރާތްތައް؛ 
  2. ށަރުއީގޮތުންނާއި ގާނޫނީގޮތުން ރުހުންދިނުމުގެ އަހުލިއްޔަތު ލިބިގެންވާ ފަރާތަކަށްވުން.

 

33 ވަނަ މާއްދާ - ކުޑަކުދިން ސިއްހީ ދިރާސާތަކުގައި ބައިވެރިކުރުން

(ހ) އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުދިން ދިރާސާގައި ބައިވެރިކުރުމަށް ރުހުންދޭނީ، އެކުދިންގެ ށަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ސިއްހީ ދިރާސާގައި ބައިވެރިވަނީ، އުމުރުން 15 (ފަނަރަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ އުމުރުފުރާގެ ކުއްޖެއްކަމުގައިވާނަމަ، އެ ކުއްޖަކު ދިރާސާގައި ބައިވެރިކުރެވޭނީ، އެ ކުއްޖާގެ ބެލެނިވެރިޔާއާއި، އެކުއްޖާގެ ރުހުން އެކަމަށް ހޯދުމަށްފަހުއެވެ.

 

34 ވަނަ މާއްދާ - ސިކުނޑީގެ ނުކުޅެދުންތަރިކަން ހުންނަ މީހުން ސިއްހީ ދިރާސާއެއްގައި ބައިވެރިކުރުން

ސިކުނޑީގެ ނުކުޅެދުންތަރިކަން ހުންނަ މީހުން ސިއްހީ ދިރާސާއެއްގައި ބައިވެރިކުރެވޭނީ، އެފަރާތެއްގެ ށަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިއެއްގެ ރުހުން އެކަމަށް ހޯދުމަށްފަހުއެވެ.

 

35 ވަނަ މާއްދާ - ކުޑަކުދިންނާއި ސިކުނޑީގެ ނުކުޅެދުންތަރިކަން ހުންނަ މީހުން ސިއްހީ ދިރާސާއެއްގައި ބައިވެރިކުރުމުގެ ށަރުތުތައް

(ހ) ސިއްހީ ދިރާސާގައި ކުޑަކުދިންނާއި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރި މީހުން ބައިވެރިކުރެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސިއްހީ ދިރާސާތަކާ ގުޅޭ އެހެނިހެން އުސޫލުތަކާއި، އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އެފަދަ ފަރާތްތައް އެ ދިރާސާއެއްގައި ބައިވެރިވުމަކީ ސައިންޓިފިކް މިންގަނޑުން ސާބިތު ހެތްކަށް ރިއާޔަތްކޮށްގެން ބަލާއިރު ކޮންމެހެން ބޭނުންތެރިކަމަކަށްވުން؛
  2. ދިރާސާގެ ސަބަބުން ލިބިދާނެކަމަށް ފެންނަ ގެއްލުންތަކަކީ ސައިންޓިފިކް މިންގަނޑުން ބަލައިގަނެވޭ ފަދަ ކުޑަ މިންވަރެއްގެ ގެއްލުމެއްކަމުގައިވުން؛ 
  3. ދިރާސާގެ ނަތީޖާގެ ސަބަބުން އެފަރާތަކަށް ނުވަތަ އެ އުމުރުފުރައިގެ ފަރާތްތަކަށް ފައިދާކުރުން؛ 
  4. ދިރާސާ ފަރުމާކުރުމުގައި އެންމެ އިސްކަންދީފައިވަނީ އެފަރާތެއްގެ މަސްލަހަތަށް ކަމުގައިވުން؛ 
  5. އެފަރާތް ރުހުންދިނުމަށް އިންކާރުކޮށްފާނެކަމަށް ބެލިދާނެ ސަބަބެއް ނެތުން؛ 
  6. އެފަރާތުން ހުއްދަދިނުމަށް ގާނޫނީގޮތުން ބާރުލިބިގެންވާ ފަރާތުގެ ހުއްދަ ކަނޑައެޅިފައިވާ ގޮތުގެ މަތިން ލިބިފައިވުން.

 

36 ވަނަ މާއްދާ - ރުހުން އޮންނަންވާ ގޮތް

(ހ) ސިއްހީ ދިރާސާގެ ބޭނުމަށް ދޭ ރުހުން އޮންނަންވާނީ ލިޔުމުންނެވެ.

(ށ) ރުހުންދޭ މީހަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ލިޔަންކިޔަން ނުދަތުމުގެ ސަބަބުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ލިޔުމުން، ރުހުންދިނުމަށް އުޒުރުވެރިވާ މީހަކުކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބުނެފައިވާ ރުހުން، ދިރާސާކުރާ ފަރާތަށް އަނގަބަހުން ނެގިދާނެއެވެ. އެފަދަ ހާލަތެއްގައި، ދިރާސާކުރާ ފަރާތުން ރުހުން އޮތްކަމުގެ ލިޔުން ލިޔެ، ރުހުން އޮތްކަމުގެ ލިޔުމުގައި ސޮއިކޮށް، އެކަން އެގޮތަށް ކުރުމުގައި ހެކިވެރިޔަކު ބަހައްޓައި، ހެކިވެރިއެއްގެގޮތުގައި ހުރި މީހާގެ ސޮއި އެ ލިޔުމަށް ހޯދައި އިނގިލީގެ ނިށާން އެ ލިޔުމުގައި ޖަހައި، އެ ލިޔުމުގެ ކޮޕީ،ރުހުން އަނގަބަހުން ދިން ފަރާތަށް ދޫކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - މަސްދަރު ނޭނގޭ ބައޮލޮޖިކަލް މެޓީރިއަލް ނުވަތަ ޑާޓާ ބޭނުންކޮށްގެން ކުރެވޭ ސިއްހީ ދިރާސާ

މަސްދަރު ނޭނގޭ ބައޮލޮޖިކަލް މެޓީރިއަލެއް ނުވަތަ ޑާޓާއެއް ބޭނުންކޮށްގެން ސިއްހީ ދިރާސާކުރުމުގައި ރުހުން ހޯދާކަށެއް ނުޖެހޭނެއެވެ. ކާކުކަން އަންގައިދޭ ތަފުސީލުތައް ފަހުން ސިއްރުކުރިނަމަވެސް، ދިރާސާ ހެދުމަށް މައުލޫމާތު ހޯދަނީ މަސްދަރު އެނގިގެންކަމުގައިވާނަމަ، މި ގަވާއިދާއި އެހެނިހެން ގާނޫނުތަކުގައި ކަނޑައަޅައިފައިވާ ފަދައިން، ބައިވެރިޔާގެ ރުހުން ހޯދަންވާނެއެވެ.

 

38 ވަނަ މާއްދާ - ދިރާސާއަށް ބަދަލު އައުމުން އަލުން ރުހުން ހޯދަންޖެހުން

(ހ) ހިނގަމުންދާ ސިއްހީ ދިރާސާއަކަށް ބަދަލު އަންނަ ހިނދެއްގައި، އެ އަންނަ ބަދަލަކީ އެ ދިރާސާގެ ބައިވެރިން ދީފައިވާ ރުހުމަށް އަސަރުކުރުކޮށްފާނެ ފަދަ ބަދަލެއްކަމުގައި ބެލޭނަމަ، ބައިވެރިންގެ ރުހުން އަލުން ހޯދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ދިރާސާގެ ބައިވެރިންގެ ރުހުން އަލުން ހޯދުމަށް ދަތިވާނަމަ، ބައިވެރިންގެ ރުހުންނެތި އެ ޕްރޮޖެކްޓަށް އައި ބަދަލާއެކު ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހުއްދަދިނުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން ހުއްދަދިނުމުގައި، އެ ދިރާސާގައި މުޖުތަމައުގެ މަސްލަހަތު އެކުލެވިގެންވާ މިންވަރަށާއި، އެގޮތަށް ހުއްދަދިނުމުގެ ސަބަބުން ދިރާސާގެ ބައިވެރިޔާގެ މަސްލަހަތު ރައްކައުތެރިކުރެވިފައިވާ މިންވަރަށް ކައުންސިލުން ރިއާޔަތްކުރަންވާނެއެވެ.

 

39 ވަނަ މާއްދާ - ރުހުން އަނބުރާ ގެންދިއުން

(ހ) ސިއްހީ ދިރާސާއެއްގައި ބައިވެރިވުމަށް ދީފައިވާ ރުހުން އަނބުރާ ގެންދިއުމުގެ އިހްތިޔާރު ބައިވެރިޔާއަށް ލިބިގެންވެއެވެ. މިގޮތުން ރުހުން އަނބުރާ ގެންދެވޭނީ، އެ ބައިވެރިއެއްގެ މައުލޫމާތު ނެގުމުގެ މަރުހަލާ ނިމުމުގެ ކުރިންނެވެ.

(ށ) ދިރާސާގެ ބައިވެރިޔަކު ރުހުން އަނބުރާ ގެންގޮސްފިނަމަ، އެ ބައިވެރިޔާ ހިމެނޭ އިންވެސްޓިގޭށަންތައް ވަގުތުން ހުއްޓައިލަންވާނެއެވެ.

 

40 ވަނަ މާއްދާ - ބައިވެރިޔެއްގެ މަސްލަހަތު ހިމެނޭ ތަކެތި ނެއްތައިލުމަށް އެދުން

(ހ) ރުހުން އަނބުރާ ގެންދާ ބައިވެރިޔާގެ ސާމްޕަލްތައް ނެއްތައިލުމަށާއި، ރައްކައުކޮށްފައިވާ ސިއްހީ މައުލޫމާތުތައް ނެއްތައިލުމަށް އެދުމުގެ އިހްތިޔާރު އެ ބައިވެރިޔަކަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަކެތި ނެއްތައިލުމަށް އެދޭނަމަ، އެ ބައިވެރިއެއްގެ މައުލޫމާތު ނެގުމުގެ މަރުހަލާ ނިމުމުގެ ކުރިން އެކަމަށް އެދި ހުށަހަޅަންވާނެއެވެ.

(ނ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ސާމްޕަލްތައް ނެއްތައިލުމަށް ބައިވެރިއަކު އެދުނުކަމުގައިވިޔަސް، އެ ދިރާސާއަކުން މުޖުތަމައުގެ އާންމު ސިއްހަތުގެ މަންފާއެއް ހާސިލުކުރެވެން އޮތް މިންވަރަށް ރިއާޔަތްކޮށް، އެ ސާމްޕަލްތައް ބޭނުންކޮށްގެން ދިރާސާ ފުރިހަމަކުރުމަށް ހުއްދަދިނުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

41 ވަނަ މާއްދާ - ރުހުމާ ގުޅޭ މިންގަނޑު ކަނޑައެޅުން

ދިރާސާގައި ބައިވެރިންގެ ރުހުމާ ގުޅޭ އިތުރު އުސޫލުތަކާއި މިންގަނޑުތައް، ކައުންސިލަށް ކަނޑައެޅިދާނެއެވެ.

 

 

ބާބު: 4 ހުއްދަ ހޯދުން

 

42 ވަނަ މާއްދާ - ހުއްދައާ ނުލައި ދިރާސާކުރުން މަނާކުރުން.

(ހ) ސިއްހަތާއި ސިއްހަތާ ގުޅުންހުރި އިލްމީ ދިރާސާއެއް ދިވެހިރާއްޖޭގައި ކުރަންވާނީ،ކައުންސިލުގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

(ށ) ސިއްހީ ދިރާސާތަކަށް ހުއްދަދިނުމުގައި އަމަލުކުރާނެ އުސޫލެއް، ކައުންސިލުން ކަނޑައަޅަންވާނެއެވެ.

 

43 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން

(ހ) ސިއްހީ ދިރާސާކުރުމުގެ ހުއްދައަށްއެދި ހުށަހަޅާނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތަކާއެކު ކައުންސިލަށެވެ.

 

44 ވަނަ މާއްދާ - ރިސާޗް ޕްރޮޕޯޒަލް 

(ހ) އެޕްލިކޭށަން ފޯމާއެކު ހުށަހަޅާ ރިސާޗް ޕްރޮޕޯޒަލުގައި، އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. ފަސޭހައިން ދޭހަވާގޮތަށް (ޓެކްނިކަލް ބަސްމަގު މަދު) ތައްޔާރުކޮށްފައިވާ ޕްރޮޖެކްޓުގެ ހުލާސާއެއް ނުވަތަ ސިނޮޕްސިސްއެއް؛
  2. ދިރާސާގައި ރިއާޔަތްކުރެވޭ ސުލޫކީ މިންގަނޑުތަކާއި، ދިރާސާގައި ހިމެނޭ ސުލޫކީ ގޮންޖެހުންތަކުގެ ތަފުސީލު؛
  3. ދިރާސާގައި އަޖުމަބެލުމުގެގޮތުން އެއްވެސް އެއްޗެއް (ބޭހެއް ނުވަތަ ޑިވައިސެއް ނުވަތަ ޕްރޮސީޖަރއެއް ފަދަ) ޓެސްޓުކުރެވޭނަމަ، އެތަކެއްޗާ ބެހޭގޮތުން އެހައިތަނަށް ކޮށްފައިވާ ތަހުލީލާއި ލިބެންހުރި މައުލޫމާތުތަކުގެ ހުލާސާ؛
  4. ދިރާސާ ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ފަރާތް (ޕްރޮޖެކްޓު މެނޭޖަރު) އަދި އިންވެސްޓިގޭޓަރުންގެ އެންމެ ފަހުގެ ވަނަވަރު؛
  5. ދިރާސާގައި ބޭނުންކުރަން ހަމަޖެހިފައިވާ ސުވާލު ކަރުދާސްތަކާއި، އިންޓަވިއު ށެޑިއުލްތައް ފަދަ ޑާޓާ ކަލެކްށަން ފޯމުތައް؛
  6. ދިރާސާގެ ބައިވެރިން ހޮވުމަށް އިށްތިހާރުކުރާނަމަ، އެކަމާ ގުޅޭ ލިޔެކިޔުންތަކާއި ފޯމުތައް؛
  7. ބައިވެރިން ހޮވުމަށް ބޭނުންކުރާ އިޖުރާއަތުތަކުގެ ތަފުސީލު؛
  8. ދިރާސާ އަމާޒުކުރާ ބައިވެރިންނަށް ކިޔަން އެނގޭ ބަހުރުވައަކުން ކިޔަން ފަސޭހަ ގޮތަކަށް ތައްޔާރުކޮށްފައިވާ ރުހުމުގެ ފޯމު؛
  9. ރުހުން ހޯދާނެގޮތުގެ ތަފުސީލީ މައުލޫމާތު؛
  10. އެއްކުރާ މައުލޫމާތު ސިއްރުކުރާނެ މިންވަރާއި، ބައިވެރިންގެ ޒާތީ މައުލޫމާތު ރައްކައުކުރުމުގެގޮތުން އަޅާނެ ފިޔަވަޅުތަކުގެ ތަފުސީލު؛
  11. ދިރާސާގައި ބައިވެރިވުމުން ބަދަލުގެގޮތުގައި ލިބޭ އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ވާނަމަ، އެކަމުގެ ތަފުސީލު (މީގެ ތެރޭގައި، އަތުން ހިނގާ ހަރަދު އަނބުރާ ލިބިދޭނަމަ އެކަމުގެ ތަފުސީލާއި، ފަރުވާގެގޮތުގައި ކޮށްދޭ ކަންތައްތައް ހިމެނޭގޮތުން)؛
  12. ދިރާސާގެ ބައިވެރިންނަށް އިންށުއަރެންސްގެ ހިދުމަތް ލިބިދޭނަމަ، އެކަން އިންތިޒާމް ކޮށްފައިވާގޮތުގެ ތަފުސީލު؛
  13. ހުށަހެޅޭ ޕްރޮޓޮކޯލާ އެއްގޮތް ކަމެއްގައި ކައުންސިލުން ކުރިން ގޮތެއް ނިންމާފައިވާނަމަ، އެކަމުގެ ތަފުސީލު؛ (ހުއްދަ ނުލިބޭ ޕްރޮޓޮކޯލް ނުވަތަ އިސްލާހުކޮށްފައިވާ ޕްރޮޕޯޒަލް ހިމެނޭގޮތުން) 
  14. ދިރާސާކުރުމާ ގުޅޭ އާންމު ސުލޫކީ މިންގަނޑުތަކަށާއި އުސޫލުތަކަށް އަމަލުކުރާނެކަމުގެ އިގްރާރު؛ (ޑިކްލެރޭށަން ފޯމު ޖަދުވަލް ކުރުމަށް)

 

45 ވަނަ މާއްދާ - ހުއްދަޔާމެދު ގޮތެއް ނިންމުމުގެ މުއްދަތު

(ހ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ހުއްދަޔަށް އެދި ހުށަހަޅާ ފޯމު ލިބޭ ތާރީހުން ފެށިގެން ގިނަވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ހުއްދަ ދިނުމާމެދު ނިންމި ގޮތެއް، ހުއްދަޔަށް އެދި ހުށަހެޅި ފަރާތަށް ކައުންސިލުން އަންގަންވާނެއެވެ.

(ށ) ސައްހަ އެޕްލިކޭށަނެއް ކައުންސިލަށް ލިބުމަށްފަހު، ހުއްދަ ދިނުމުގެ ކުރިން އިތުރު މައުލޫމާތު ބޭނުންވާކަމަށް ކައުންސިލަށް ފެނިއްޖެނަމަ، ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި ކައުންސިލަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް ލިޔުމުން އެންގިދާނެއެވެ. މިގޮތަށް ދޭ މުއްދަތު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައި ނުހިމެނޭނެއެވެ.

 

46 ވަނަ މާއްދާ - ހުއްދަދިނުމުގައި ބަލާނެ މިންގަނޑު

(ހ) ހުށަހަޅައިފައިވާ އެޕްލިކޭށަނަށް ހުއްދަ ދިނުމުގައި ކައުންސިލުން އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ދިރާސާ ފަރުމާކުރުމުގައި ސައިންޓިފިކް އުސޫލުތަކަށާއި މަގްސަދުތަކަށް ބިނާކޮށްފައިވާ މިންވަރު؛
  2. މަގްސަދަށް ރިއާޔަތްކޮށް، ދިރާސާގައި ބައިވެރިވުމުގެ ށަރުތުތަކާއި މިންގަނޑު ކަނޑައެޅިފައިވާގޮތް؛ 
  3. ދިރާސާގައި ތަހުލީލުކުރެވޭ "ސާމްޕަލް" ނެގުމަށް ނިންމި އަސާސްތައް؛
  4. ދިރާސާގައި ބައިވެރިވާނެ ފަރާތްތައް ހޮވުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތައް؛
  5. ދިރާސާކުރުމުގައި ބޭނުންކުރެވޭ އިޖުރާއަތުތައް؛
  6. ދިރާސާގެ ބައިވެރިންނަށް ނުވަތަ މުޖުތަމައަށް ލިބިދާނެކަމަށް ފެންނަ ގެއްލުމާ އަޅައިކިޔާއިރު ދިރާސާގެ ބައިވެރިން ނުވަތަ މުޖުތަމައަށް ފައިދާކުރާ ނިސްބަތް؛ 
  7. ބައިވެރިންނަށް ދެވޭ ފީއާއި އެހެނިހެން މަންފާތައް؛
  8. ބައިވެރިންގެ ޒާތީ މައުލޫމާތާއި ސިއްރު ހިފެހެއްޓޭ މިންވަރު؛ 
  9. ބައިވެރިން ދިރާސާއަށް ރުހުންދީފައިވާ ގޮތް؛ 
  10. މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ހުށަހެޅޭ ދިރާސާއަކަށް ނިސްބަތްކޮށް ބަލަންޖެހޭ އެހެނިހެން ކަންކަން ކަނޑައެޅުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

47 ވަނަ މާއްދާ - ހުއްދަ ދޭން ނިންމުން

(ހ) ސިއްހީ ދިރާސާއެއް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، ހުއްދަ ދިނުމަށް ކައުންސިލުން ނިންމައިފިނަމަ، އެކަން އެނގޭނެ ރަސްމީ ލިޔުމެއް އެފަރާތަކަށް ދޫކުރަންވާނެއެވެ. އެ ލިޔުމުގައި، ދިރާސާ ކުރުމުގައި ބަލަންޖެހޭނެކަމަށް ކައުންސިލަށް ފެންނަ ށަރުތުތަކެއް ހިމެނިދާނެއެވެ

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމާއި، ވަކި މުއްދަތަކަށް ހުއްދަ ހިފެހެއްޓުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

48 ވަނަ މާއްދާ - ހުއްދައިގެ މުއްދަތު

(ހ) ސިއްހީ ދިރާސާތަކަށް ދޭ ހުއްދައިގެ މުއްދަތު ދެމިއޮންނާނީ، ހުއްދަ ދޫކުރި ތާރީހުން ފެށިގެން މީލާދީގޮތުން 2 (ދޭއް) އަހަރުދުވަހަށެވެ. މި ދެއަހަރުދުވަހުގެ ތެރޭގައި ދިރާސާކުރަން ނުފަށައިފިނަމަ، އެ ހުއްދަ ބާތިލުވާނެއެވެ. މުއްދަތުގެ ތެރޭގައި ދިރާސާކޮށް ނިމިއްޖެނަމަ، ހުއްދައިގެ މުއްދަތުވެސް ނިމުމަކަށް އަންނާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދިރާސާ ނުނިމޭނަމަ، ނުވަތަ ނިންމައިނުލެވިއްޖެނަމަ، މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ކައުންސިލަށް ހުށަހެޅުމުން، އިތުރު 2 (ދޭއް) އަހަރުދުވަހަށް ހުއްދައިގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

(ނ) 4 (ހަތަރެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްގައި ކުރެވޭ ދިރާސާއެއްނަމަ، ކޮންމެ 2 (ދޭއް) އަހަރުދުވަހަކުން ހުއްދަ އައުކުރަން އެދި ކައުންސިލަށް ހުށަހެޅުމުން، މުއްދަތު އިތުރުކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

49 ވަނަ މާއްދާ - ނިންމުން މުރާޖައާކުރުން

ކައުންސިލުން ހުއްދަ ނުދިނުމަށް ނުވަތަ ހުއްދަ ބާތިލްކުރުމަށް ނިންމާ ނިންމުން މިނިސްޓަރަށް އިލްތިމާސް ކުރެވިދާނެއެވެ.

 

 

ހަތަރުވަނަ ބައި: ދިރާސާކުރާ ފަރާތުގެ ޒިންމާތައް

 

50 ވަނަ މާއްދާޒިންމާ ނެގުން 

(ހ) ސިއްހީ ދިރާސާއެއް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ އެ ދިރާސާ ކުރުމުގެ ފަންނީ ގާބިލުކަން ހުރި އަދި އެ ދިރާސާގެ ސައިންޓިފިކް އެންމެހައި ކަންތައްތަކަށާއި ސުލޫކީ އެންމެހައި ކަންތައްތަކަށް ޒިންމާވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

(ށ) ދަރިވަރުންގެ އެޕްލިކޭށަން ފޯމު ހުށަހަޅަންވާނީ އެ ދަރިވަރުންގެ ދިރާސާ ހިނގަމުންދާގޮތް ބަލައި މޮނިޓަރކުރުމުގެ ޒިންމާ ނަގާނެ އިތުބާރުހުރި ފަރާތެއްގެ ސޮއި ހޯދުމަށްފަހުގައެވެ.

(ނ) ކައުންސިލުން ބޭނުންވެގެން ދިރާސާކުރާ ފަރާތަށް ނުވަތަ ދިރާސާކުރުމަށް ޒިންމާވާ ފަރާތަށް، ކައުންސިލަށް ހުށަހެޅުމަށް އަންގާ އެންމެހައި ލިޔެކިޔުންތައް ކައުންސިލާ ހިއްސާކުރުމާއި، ކައުންސިލުން ހުށަހަޅާ ކަންކަން ކުރުމަކީ ސިއްހީ ދިރާސާއެއް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

51 ވަނަ މާއްދާ - ދިރާސާގެ ނަތީޖާ ކައުންސިލާ ހިއްސާކުރުން

މި ގަވާއިދުގެ ދަށުން ކައުންސިލުގެ ހުއްދަ ލިބިގެން ހަދާ ދިރާސާތަކުގެ ނަތީޖާ އާންމުކުރުމުގެ ކުރިން، އެ ނަތީޖާ، ކައުންސިލާ ހިއްސާކުރަންވާނެއެވެ.

 

52 ވަނަ މާއްދާ - ފުރިހަމަ މައުލޫމާތު ހުށަހެޅުން

ދިރާސާކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭ ޕްރޮޕޯސަލް އެންމެ ފުރިހަމަގޮތުގައި މުރާޖައާ ކުރުމަށްޓަކައި ބޭނުންވާ އެންމެހައި މައުލޫމާތު ހުށަހެޅުމަކީ ދިރާސާކުރާ ފަރާތުގެ ޒިންމާއެކެވެ. މިފަދަ މައުލޫމާތުތަކުގެ ތެރޭގައި ދިރާސާކުރާ ފަރާތުގެ މަސްލަހަތު ފުށުއަރާފަދަ ކަމެއްވާނަމަ،އެކަމުގެ މައުލޫމާތު ހިމަނަންވާނެއެވެ.

 

53 ވަނަ މާއްދާ - ހުއްދައާ އެއްގޮތަށް ދިރާސާކުރުން

(ހ) ސިއްހީ ދިރާސާ ކުރަންވާނީ ކައުންސިލުން ހުއްދަދީފައިވާ ށަރުތުތަކާއެކު، ގާނޫނާއި ގަވާއިދުތަކާއި މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) ސިއްހީ ދިރާސާގެ ބައިވެރިންނަށް ލިބިދާނެ ކުއްލި ނުރައްކަލަކުން ބައިވެރިން ސަލާމަށްކުރުމަށް، ކައުންސިލުގެ ހުއްދަ ލިބިގެން މެނުވީ، ހުއްދަ ދީފައިވާ ޕްރޮޕޯސަލަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ގެންނަ ބަދަލުތައް، ބަދަލުގެނައި ސަބަބު އެނގޭނެފަދައިން، ލަސްކުރުމެއްނެތި ކައުންސިލަށް އަންގަންވާނެއެވެ.

(ނ) އަމިއްލަ ބާރު ނުފޯރާފަދަ ސަބަބަކާހުރެ ސިއްހީ ދިރާސާކުރާގޮތަށް ނުވަތަ ބައިވެރިންނަށް ލިބިދާނެ ފައިދާއާއި ގެއްލުމަށް ނުވަތަ މިނޫންވެސް ދިރާސާގެ އަސްލަށް އަސަރުކުރާފަދަ ބަދަލެއް އައިސްފައިވާނަމަ، އެކަން ލަސްކުރުމެއްނެތި ކައުންސިލަށް އަންގަންވާނެއެވެ.

 

54 ވަނަ މާއްދާ - ނުރައްކައުތެރި ހާދިސާތައް ރިޕޯޓުކުރުން

(ހ) ސިއްހީ ދިރާސާއަކާ ގުޅިގެން ދިމާވާ ހާދިސާތައް ނުވަތަ ބައިވެރިންނަށް ނުރައްކަލެއް ލިބިދާނެ ފަދަ ހާދިސާތަކުގެ ވާހަކަ، ކައުންސިލަށާއި ގާނޫނާއި ގަވާއިދުން ލާޒިމުކުރާ އެހެނިހެން ފަރާތްތަކަށް ވަގުތުން ރިޕޯޓު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ ރިޕޯޓާ ގުޅިގެން ކައުންސިލުން ދޭ އިރުށާދާއި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ތަންފީޒުކުރަންވާނެއެވެ.

 

55 ވަނަ މާއްދާރިޕޯޓުކުރުން

(ހ) ދިރާސާ ކުރިއަށް ގޮސްފައިވާ މިންވަރު، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު ނުވަތަ ކައުންސިލުން އަންގާ އެއަށްވުރެ އަވަސް މުއްދަތެއްގައި، ދިރާސާކުރާ ފަރާތުން ކައުންސިލަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ރިޕޯޓުގައި އަންނަނިވި މައުލޫމާތުތައް ހިމަނަންވާނެއެވެ.

  1. ދިރާސާ ކުރިއަށް ގޮސްފައިވާ ހިސާބު. 
  2. ދިރާސާގެ ބައިވެރިންގެ އަދަދު (ވަކިވި ބައިވެރިންގެ އަދަދު ނުވަތަ އަލަށް ބައިވެރިވި ބައިވެރިންގެ އަދަދު އެނގޭގޮތަށް)؛
  3. ބައިވެރިންގެ ދައުރު އޮތް މިންވަރު؛
  4. ރިކޯޑު ބެލެހެއްޓިފައިވާ ގޮތާއި، ސިއްރު ހިފެހެއްޓުމުގެގޮތުން ފިޔަވަޅު އަޅައިފައިވާ މިންވަރު؛
  5. ޕްރޮޕޯޒަލަށް ހުއްދަ ދިންގޮތަށް ދިރާސާ ކުރިއަށްގެންދެވޭކަން އެނގޭނެފަދަ މައުލޫމާތު؛
  6. ބަދަލެއް ގެނެސްފައިވާނަމަ، އެ މައުލޫމާތު؛
  7. ނުރަނގަޅު ނުވަތަ ނޭދެވޭ އަސަރުތައް އެނގޭނެ ފަދަ މައުލޫމާތު.

(ނ) ސިއްހީ ދިރާސާ ނިމުމުން ނުވަތަ ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ދިރާސާ މެދުކަނޑައިލައިފިނަމަ، ނުވަތަ ހުއްޓައިލައިފިނަމަ، އެކަމުގެ ސަބަބު، ދިރާސާކުރާ ފަރާތުން ތަފުސީލާއެކު ކައުންސިލަށް އަންގަންވާނެއެވެ. އަދި މެދު ކަނޑައިލުމާ ހަމަޔަށް ނުވަތަ ހުއްޓައިލުމާ ހަމަޔަށް ލިބިފައިވާ ނަތީޖާގެ ހުލާސާއާއި ހުއްޓައިލިކަން ނުވަތަ މެދުކަނޑައިލިކަން ބައިވެރިންނަށް އެންގުމުގައި އަމަލުކުރާނެ ގޮތް ކައުންސިލަށް އަންގަންވާނެއެވެ.

 

56 ވަނަ މާއްދާ - ބައިވެރިންނަށް މައުލޫމާތުދިނުން

(ހ) ދިރާސާއަކަށް އަންނަ ބަދަލުތަކާއި އަންނަ ކުރިއެރުންތައް، ދިރާސާގެ ބައިވެރިންނަށް، އެފަރާތްތަކަށް ފަސޭހައިން ދޭހަވާނެފަދަ ގޮތަކަށް، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހިއްސާކުރުމަކީ ސިއްހީ ދިރާސާކުރާ ފަރާތްތަކުގެ ޒިންމާއެކެވެ. މިގޮތުން އަންނަނިވި މައުލޫމާތުތައް ބައިވެރިންނަށް އަންގަންވާނެއެވެ.

  1. ދިރާސާގެ ތަހުލީލީ ބައި ނިމުމުން ނުވަތަ ބާތިލުކުރުމުން، އެކަން؛
  2. ދިރާސާގެ ސަބަބުން ލިބިދާނެކަމަށް ފެންނަ ފައިދާއާއި ގެއްލުމަށް އަސަރު ކުރުވާފަދަ ބަދަލެއް އައުމުން، އެ މައުލޫމާތު؛
  3. ދިރާސާ ޕްރޮޖެކްޓް ނިމުމުން، އެ މައުލޫމާތު؛
  4. ދިރާސާގެ ނަތީޖާ ބައިވެރިންނަށް ލިބެންހުރުން؛
  5. މީގެ އިތުރުންވެސް ކައުންސިލުން ކަނޑައަޅާ އިތުރު މައުލޫމާތު.

 

 

ފަސް ވަނަ ބައި: ދިރާސާއާ ގުޅުންހުރި މައުލޫމާތު ބެލެހެއްޓުމާއި، އެ މައުލޫމާތު ފޯރުކޮށްދިނުން

ބާބު 1: މައުލޫމާތު ލިބުމުގެ ހައްގު

 

57 ވަނަ މާއްދާ - މައުލޫމާތު ފޯރުކޮށްދިނުމުގެ ޒިންމާ

ސިއްހީ ދިރާސާއަކީ ދެފުށް ފެންނަ ދިރާސާއެއްކަމުގައި ހެދުމަކީ އެ ދިރާސާކުރާ ފަރާތުގެ ޒިންމާއެކެވެ.

 

58 ވަނަ މާއްދާ - ދިރާސާގެ ބައިވެރިން މައުލޫމާތު ލިބިގަތުމުގެ ހައްގު

(ހ) މި ގަވާއިދުގެ 59 ވަނަ މާއްދާގެ ދަށުން އިސްތިސްނާވެގެންވާ ހާލަތުގައި މެނުވީ،ދިރާސާގައި ބޭނުންކުރާ ބައިވެރިއެއްގެ ޒާތީ ސިއްހީ މައުލޫމާތު ލިބިގަތުމާއި، އެމީހަކީ ކާކުކަން އަންގައިދޭ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަށް އެޅިފައިވާ ސަލާމަތީ ފިޔަވަޅުތައް އެނގުމުގެ ހައްގު ކޮންމެ ބައިވެރިއަކަށްވެސް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިރާސާގެ ބައިވެރިންނަށް މައުލޫމާތު ދޭންވާނީ އެމީހެއްގެ ބޭނުންތަކަށާއި އެމީހަކަށް އޮޅުންފިލާފަދަ ގޮތަށް އެކަށީގެންވާ މިންވަރަށް ބަދަލުކޮށްގެންނެވެ. ބައިވެރިޔާގެ މަސްލަހަތު ހިމާޔާތްކުރުމަށްޓަކައި ކޮންމެހެން އެނގެންޖެހޭ މިންވަރަށް މައުލޫމާތު ތަފުސީލުކޮށްދިނުމަށް ދިރާސާކުރާ ފަރާތުގެ ކިބައިން އެދުމުގެ ހައްގު ބައިވެރިޔާއަށް ލިބިގެންވެއެވެ.

 

59 ވަނަ މާއްދާ - އާންމުން މައުލޫމާތު ލިބިގަތުމުގެ ހައްގު

ހުއްދަ ދީގެން ކުރަމުންދާ ސިއްހީ ދިރާސާތަކަކީ ކޮބައިކަމާއި، ދިރާސާކުރާ ފަރާތަކީ ކޮބައިކަމާއި،ދިރާސާގެ މަގްސަދު އެނގުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ.

 

60 ވަނަ މާއްދާ - މައުލޫމާތު ލިބިގަތުމުގެ ހައްގުން އިސްތިސްނާވާ ހާލަތްތައް

(ހ) މި ގަވާއިދުގެ 57 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ ދަށުން ހޯދަންއެދޭ މައުލޫމާތަކީ އެ މައުލޫމާތެއް ހާމަކޮށްފިނަމަ، އަންނަނިވި ކަންތައްތަކަށް މަގުފަހިކޮށްދޭފަދަ މައުލޫމާތަކަށްވާނަމަ، ކައުންސިލުގެ ލަފާގެމަތިން، އެ މައުލޫމާތެއް ދޫނުކުރުމުގެ އިހްތިޔާރު، ސިއްހީ ދިރާސާކުރާ ފަރާތަށް ލިބިގެންވެއެވެ.

  1. ގައުމީ ސަލާމަތަށާއި ދިފާއަށް ނުރައްކައުވުން ނުވަތަ ބޭރު ފަރާތްތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާ އޮންނަ ގުޅުމަށް ބުރޫއެރުން؛
  2. ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ ހިނގަމުންދާ ތަހުގީގަކަށް ނުވަތަ ޖިނާއީ ށަރީއަތަކަށް ހުރަސްއެޅިގެންދިއުން؛
  3. ދިރާސާގެ ބައިވެރިޔާ އާއި މީހަކާ އޮންނަ ގާތް ގުޅުމުގެ މަސްލަހަތުގައި އެފަދަ މައުލޫމާތު ހާމަކުރުން އެދެވިގެންނުވުން؛
  4. މީގެ އިތުރުންވެސް ކައުންސިލުން އިތުރު ހާލަތްތައް ކަނޑައަޅައި އާންމުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

 

ބާބު: 2 މައުލޫމާތު ހާމަކުރުން

 

61 ވަނަ މާއްދާ - ސިއްހީ ދިރާސާގެ މައުލޫމާތު ހާމަކުރުން

އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްގެން، ކައުންސިލުގެ މަށްވަރާއާއެކު ސިއްހީ ދިރާސާގެ މައުލޫމާތުތައް ހާމަކުރެވޭނެ އުސޫލުތައް މިނިސްޓަރު ކަނޑައަޅަންވާނެއެވެ.

(ހ) ރާއްޖޭގައި ކުރެވޭ ސިއްހީ ދިރާސާތައް ރާއްޖެއިން ބޭރަށް ށާއިއުކުރުމުގެ ކުރިން ރާއްޖޭގައި ށާއިއުކުރުން؛

(ށ) ސިއްހީ ދިރާސާގެ މައުލޫމާތު ހާމަކުރުމުގެގޮތުން މީޑިއާގެ ޒަރީއާއިން ނުވަތަ އެހެންވެސް ވަސީލަތެއްގެ އެހީގައި ވީހައިވެސް ގިނަބަޔަކަށް އެ މައުލޫމާތު ފޯރުކޮށްދިނުން؛

(ނ) ސިއްހީ ދިރާސާ އާންމުކުރުމުގައި ކާކުކަން އެނގޭގޮތަށް އާން މުކުރެވޭނީ ބައިވެރިންގެ ހުއްދަ ލިޔުމުން އޮތުން ލާޒިމުކުރުމާއެކު، ދިރާސާގެ މައުލޫމާތު އާންމުކޮށްގެން ދިރާސާގެ ބައިވެރިއެއްގެ މަސްލަހަތަށް އުނިކަމެއް އަންނަނަމަ އެ މައުލޫމާތުތައް ސިއްރުކުރުމަށް ފަހުގައެވެ.

 

 

ހަވަނަ ބައި: ބަލައިފާސްކުރުން

ބާބު: 1 ބަލައިފާސްކުރުން

 

62 ވަނަ މާއްދާ

(ހ) ބަލައިފާސްކުރުމުގެ ހައްގު

ކައުންސިލުން ހުއްދަދީގެން ހިންގާ އެންމެހައި ސިއްހީ ދިރާސާތައް ނޯޓިސްދިނުމަކާ ނުލައި ބަލައިފާސްކުރުމުގެ ހައްގު އެ ކައުންސިލަށް ލިބިގެންވެއެވެ.

(ށ) ބަލައި ފާސްކުރާ ފަރާތުގެ ށަރުތު

މި މާއްދާގެ ދަށުން ބަލައިފާސްކުރެވޭނީ، ދިރާސާގެ ބާވަތަށް ބަލައި އެބާވަތުގެ ދިރާސާތައް ބަލައި ފާސްކުރުމުގެ ތަމްރީނު ލިބިފައިވާ ފަރާތްތަކަށެވެ.

 

63 ވަނަ މާއްދާ - ބަލައިފާސްކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުން

ދިރާސާކުރެވޭ ތަން ނުވަތަ ތަނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރުމަށް ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުން ދިއުމުން، އެފަރާތްތަކަށް ފުރިހަމަ އެއްބާރުލުން، އެ ދިރާސާގެ އެންމެ އިސްވެރިޔާއާއި ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ދޭންވާނެއެވެ.

 

64 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ތެރޭގައި ސާމްޕަލް ލިޔެކިޔުން އަދި ތަކެތިނެގުން

ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުން ބަލައިފާސްކުރުމުގެ ތެރޭގައި އެތަނެއްގައި ހުރި ތަކެތިންނާއި ލިޔެކިޔުންތަކުންނާއި، އާލާތްތަކުން ނުވަތަ އެތަނުގެ ވެށިން ސާމްޕަލް، ލިޔެކިޔުން، އަދި ތަކެތި ބޭނުންވެއްޖެ ހިނދެއްގައި ނެގިދާނެއެވެ.

 

ބާބު 2: ށަކުވާ

 

65 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) ސިއްހީ ދިރާސާތަކާ ގުޅިގެން ށަކުވާ ހުށަހެޅުމުގެ ހައްގު، ކޮންމެ ފަރާތްތަކަށްމެ ލިބިގެންވެއެވެ. މިގޮތުން ށަކުވާތައް ހުށަހަޅަންވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުން،މިނިސްޓްރީއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ށަކުވާ ބަލައިގަތުމާމެދު ގޮތެއް ނިންމައި،ބަލައިގަތުމަށް ނިންމާ ށަކުވާ ރަޖިސްޓަރީކޮށް، ށަކުވާ ބަލައިގަތްކަން އެނގޭނެފަދަ ރަސްމީ ލިޔުމެއް، ށަކުވާ ހުށަހަޅާތާ ގިނަވެގެން ރަސްމީ ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

 

66 ވަނަ މާއްދާ - ށަކުވާގެ ބާވަތްތައް

(ހ) މި ގަވާއިދުގެ 64 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ށަކުވާތަކުގެ ތެރޭގައި އަންނަނިވި ބާވަތްތަކުގެ ށަކުވާ ހިމެނެއެވެ.

  1. ދިރާސާކުރާ ފަރާތްތަކުން ސުލޫކީ މިންގަނޑާއި ފަންނީ މިންގަނޑާ ހިލާފުވެފައިވާކަމަށް ބުނެ ހުށަހެޅޭ ށަކުވާ؛
  2. ހުއްދަދިނުމުގައި ކައުންސިލުން އަމަލުކޮށްފައިވާ ގޮތާމެދު ހުށަހެޅޭ ށަކުވާ؛
  3. ކައުންސިލުން އަޅައިފައިވާ ފިޔަވަޅަކާ ގުޅިގެން ހުށަހެޅޭ ށަކުވާ.

(ށ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ކަންކަމާ ގުޅިގެން ށަކުވާ ހުށަހަޅާނީ ކައުންސިލަށެވެ.

(ނ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 3 ވަނަ ނަންބަރުގައިވާ ކަންކަމާ ގުޅިގެން ށަކުވާ ހުށަހަޅާނީ މިނިސްޓަރަށެވެ.

 

67 ވަނަ މާއްދާ - ށަކުވާ ރައްދުވާ ފަރާތުގެ ހައްގުތައް

މި ގަވާއިދުގެ 64 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ށަކުވާތައް ބެލުމުގައި، ށަކުވާ ރައްދުވާ ފަރާތަށް އަންނަނިވި ހައްގުތައް ލިބިގެންވެއެވެ.

  1. ށަކުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތުދީ، ށަކުވާއާމެދު ގޮތެއް ނިންމުމުގައި އެ ޖަވާބަށް ރިއާޔަތްކުރުން؛
  2. ޖަވާބުދާރީވުމަށްޓަކައި ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ލިބުމުގެ ހައްގު؛
  3. ށަކުވާގެ ބާވަތާއި، މައްސަލައިގެ ބާވަތަށް ބަލައި، ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ލިބުން؛
  4. ކައުންސިލުން ނިންމި ގޮތެއް، ނުވަތަ މިނިސްޓަރު ނިންމި ގޮތެއް ނިންމުމުގައި އެ ނިންމުމަށް ވާސިލުވި ސަބަބާއެކު އެންގުމުގެ ހައްގު؛

 

68 ވަނަ މާއްދަ - ށަކުވާ ބެލުން

ކައުންސިލަށް ހުށަހެޅޭ ށަކުވާތައް ބަލަންވާނީ، އެކަމަށް ކަނޑައަޅައި، އާންމުކޮށް އިއުލާނުކުރާ އިޖުރާއީ މިންގަނޑެއްގެ ދަށުންނެވެ.

 

 

ބާބު: 3 ސުލޫކީ މިންގަޑާ ހިލާފުވުމާއި ފިޔަވަޅުއެޅުން

 

69 ވަނަ މާއްދާ - ސިއްހީ ދިރާސާގެ ސުލޫކީ މިންގަނޑާ ހިލާފުވުން

(ހ) އަންނަނިވި ހާލަތްތަކުގައި، ދިރާސާކުރާ ފަރާތްތަކުން ދިރާސާކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފުވީކަމުގައި ބެލޭނެއެވެ.

  1. މި ގަވާއިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ހޯދަންޖެހޭ ހުއްދަ ނުހޯދައި، ދިރާސާ ހިންގުން؛
  2. މި ގަވާއިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ހޯދަންޖެހޭ ހުއްދަ ނުހޯދާ ދިރާސާގެ ބޭނުމަށް އިންސާނުންގެ ޒާތީ މައުލޫމާތު ހޯދުމާއި ސާމްޕަލް ނެގުން؛
  3. މި ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓެއް ގަވާއިދުން ހުށަނޭޅުން؛
  4. މި ގަވާއިދުގެ ދަށުން ކައުންސިލުގެ ހުއްދަޔާއެކު ހެދޭ ދިރާސާތައް ނިމުމުން ދިރާސާގެ ނަތީޖާ ކައުންސިލަށް ހުށަނޭޅުން.
  5. ދިރާސާގެ ބައިވެރިންގެ ޒާތީ މައުލޫމާތާއި ސިއްރު ހިފެހެއްޓުމުގެ ޒިންމާއާ ހިލާފުވުން؛
  6. ހުއްދަދެވިފައިވާ ޕްރޮޕޯޒަލާ ހިލާފަށް ނުވަތަ ބަދަލުގެނެސްގެން ދިރާސާ ހިންގުން؛
  7. ހުއްދަދެވިފައިވާ ޕްރޮޕޯޒަލަށް ގެނެވޭ ބަދަލުތައް ކަނޑައެޅިފައިވާ އުސޫލުން ރިޕޯޓުނުކުރުން؛
  8. ދިރާސާގައި ހިމެނޭއެއްވެސް ލިޔުމެއް ނުވަތަ ރިކޯޑެއް ނުވަތަ އެއްޗަކަށް ބަދަލުގެނައުން، ނުވަތަ އެފަދަ އެއްޗެއް ބެހެއްޓުމަށް ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ހަލާކުކޮށްލުން ނުވަތަ ހުއްދަނޫންގޮތުގައި ނަކަލުކުރުން؛ 
  9. މި ގަވާއިދުގެ ދަށުން ދެވޭ ހުއްދަ ނުވަތަ ހުއްދައާ ގުޅުންހުރި ސައްހަ ލިޔެކިޔުންތަކަށް ބަދަލުގެނައުން؛
  10. ދިރާސާ ހިންގުމުގެ ހުއްދަ ދީފައިވާ ތަންތަން ބަލައިފާސްކުރުމަށް ކައުންސިލުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދިއުމުން،އެފަރާތުގެ މަސައްކަތަށް ހުރަސްއެޅުން 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅިފައިވާ އަމަލެއް ކުރާ ފަރާތްތަކުން އެ ކުރަނީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

 

70 ވަނަ މާއްދާ - ދިރާސާކުރުމުގެ ހުއްދަ ބާތިލްކުރުން ނުވަތަ ސަސްޕެންޑުކުރުން

(ހ) ދިރާސާ ކުރިއަށް ގެންދެވިފައިވަނީ ހުއްދައިގެ ށަރުތުތަކާ ހިލާފަށްކަމަށްކަމުގައި ވާނަމަ، ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފަށްކަމުގައި ވާނަމަ އަދި އެކަމުގެ ސަބަބުން ދިރާސާގެ ބައިވެރިންގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެކަމަށް ފެންނަ ސަބަބުތަކެއް ހުރިނަމަ، ދިރާސާ ހިންގުމަށް ދީފައިވާ ހުއްދަ، ކަނޑައަޅާ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެމަތިން ކައުންސިލުން ސަސްޕެންޑްކޮށް ނުވަތަ ބާތިލްކުރެވިދާނެއެވެ.

 

71 ވަނަ މާއްދާ - ދިރާސާކުރުމުގެ ހުއްދަ ވަގުތުން ބާތިލްކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ދިރާސާކުރުމުގެ ހުއްދަ ވަގުތުން ބާތިލްކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

  1. ކުރެވެމުންދާ ދިރާސާގެ ސަބަބުން ބައިވެރިންގެ މަސްލަހަތަށް ނުވަތަ އާންމު ސިއްހަތަށް ނުވަތަ މުޖުތަމައުގެ އާންމު މަސްލަހަތަށް ނުރައްކައުވާކަން ނުވަތަ ނުރައްކައުވެއްޖެކަން ކައުންސިލަށް ގަބޫލުކުރެވުން؛
  2. ބަލައިފާސްކުރުމަށްފަހު ނުވަތަ މޮނިޓަރކުރުމަށްފަހު އިސްލާހުކުރުމަށް އަންގާ ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްލާހުނުކުރުން؛
  3. ދިރާސާކުރުމުގެ ހުއްދަ ނުހޯދައި ނުވަތަ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު، އެ ހުއްދަ އައުނުކޮށް ދިރާސާ ހިންގުން.

 

72 ވަނަ މާއްދާ - ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން

މި ބާބުގެ ދަށުން ފިޔަވަޅުއެޅުމުގައި އަމަލުކުރާނެ ދެފުށްފެންނަ، ޖަވާބުދާރީވަނިވި އިޖުރާއަތެއް ކައުންސިލުން ކަނޑައަޅައި އާންމުކުރަންވާނެއެވެ.

 

73 ވަނަ މާއްދާ - ފިޔަވަޅުއެޅުނުކަން އެންގުން

މި ބާބުގެ ދަށުން، ދިރާސާ ކުރުމަށް ދީފައިވާ ހުއްދަ ސަސްޕެންޑުކުރާހިނދު، ނުވަތަ ބާތިލްކުރާ ހިނދު، ދިރާސާ ހިންގާ ފަރާތަށާއި މަސްލަހަތު ހިމެނޭ އެހެނިހެން ފަރާތްތަކަށް ކައުންސިލުން އެކަން އަންގަންވާނެއެވެ.

 

74 ވަނަ މާއްދާ - ފިޔަވަޅަށް ތަބައަވުމުގެ ޒިންމާ

މި ބާބުގެ ދަށުން ފިޔަވަޅުއެޅުމުގެގޮތުން ކައުންސިލުން އަންގާ އެންގުންތަކަށް، ދިރާސާކުރާ ފަރާތްތަކުންނާއި އެ އެންގުން ރައްދުވާ އެހެނިހެން ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

 

ހަތްވަނަ ބައި: މާނަކުރުން

 

75 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިއެވަނީ އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމުވެ.

(ހ) "ސިއްހީ ދިރާސާ" ކަމަށް ބުނެފައި އެވަނީ، ސައިންޓިފިކް އުސޫލުތައް ބޭނުންކޮށްގެން،ބަލިތަކާއި ސިއްހަތާ ގުޅޭގޮތުން އައު މައުލޫމާތު ހޯދުމަށެވެ. މީގެ ތެރޭގައި:

  1. އިންސާނުންގެ ސިއްހަތާ ގުޅުންހުރ،ި ބައޮލޮޖިކަލް، ކްލިނިކަލް، ޓެކްނޮލޮޖިކަލް، ނަފްސާނީ އަދި އިޖުތިމާއީ ކަންތައްތަކާބެހޭ މައުލޫމާތު ހޯދުމަށް ކުރެވޭ ދިރާސާއާއި ސާވޭ؛ އާއި
  2. ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތަކާބެހޭ ދިރާސާއާއި ސާވޭ؛ އާއި
  3. ތިމާވެށްޓާ ގުޅުންހުރި ދިރާސާއާއި ސާވޭ؛ އާއި 
  4. ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ ދިރާސާއާއި ސާވޭ؛ އާއި 
  5. އައު ބޭހާއި، މެޑިކަލް ޑިވައިސަސްއާއި ޕްރޮސީޖަރތަކާ ގުޅޭ ދިރާސާއާއި ސާވޭ؛ އާއި 
  6. ސިއްހަތާއި ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގައި އައު ޓެކްނޮލޮޖީއެއްގެ ދައުރު ދެނެގަތުމަށް ކުރާ ދިރާސާއާއި ސާވޭ؛ އަދި 
  7. މީގެ އިތުރުންވެސް ސިއްހަތާ ގުޅުންހުރި އެންމެހައި ބާވަތްތަކުގެ ދިރާސާ ހިމެނެއެވެ.

(ށ) މި ގަވާއިދުގައި "ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ދިރާސާގައި ބައިވެރިވާނެ ފަރާތްތައް ހޮވުމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކަށް ބެލުމަށްފަހު، ދިރާސާ އަމާޒުވާ އާބާދީ ރަމްޒުކުރާނެ ދިރާސާގެ ބައިވެރިން ނުވަތަ ދިރާސާގެ މަގްސަދު ހާސިލުކުރުމަށްޓަކައި ދިރާސާގެ ބައިވެރިންގެ ކިބައިން އެއްކުރެވޭ ސިއްހީ މައުލޫމާތާއި ތަކެއްޗަށެވެ.

(ނ) "ދިރާސާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައިވާ ގޮތުގެމަތިން ކުރާ ސިއްހީ ދިރާސާތަކާއި، އެ ދިރާސާއަކާ ގުޅޭ ތައުލީމާއި ތަޖުރިބާ ލިބިފައިވާ، ދިރާސާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ބަލައި، އެ މަސައްކަތް ހިންގުމާ ހަވާލުވެ ހުންނަ ފަރާތެވެ.

(ރ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ބ) “މިނިސްޓްރީ” ކަމަށް ބުނެފައި އެވަނީ، ސިއްހީ ސިޔާސަތު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ޅ) "ދަރިވަރުން" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކާއި، ރިސާޗު ފެލޯށިފް /އިންޓާންށިފް ފަދަ ތަމްރީނު ޕްރޮގުރާމުތަކުގައި ބައިވެރިވާ ފަރާތްތަކަށެވެ.

(ކ) "ކުއްލި ނުރައްކާ" ކަމަށް ބުނެފައި އެވަނީ، ކުރެވޭ ދިރާސާގެ ސަބަބުން ބައިވެރިންގެ ސިއްހަތަށް ގެއްލުމެއް ލިބިދާނެ ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެ ކޮންމެ ކަމަކަށެވެ.

(އ) "ކައުންސިލް" ކަމަށްބުނެފައި އެވަނީ، ނޭށަނަލް ހެލްތު ރިސާޗް ކައުންސިލަށެވެ.

(ވ) "ނޭށަނަލް ރިފަރަލް ހޮސްޕިޓަލް" ކަމަށް ބުނެފައި އެވަނީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (2015-15) ގެ 7 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ހޮސްޕިޓަލަށެވެ.

(ނޯޓް: މި މާއްދާގައި ގާނޫނު ނަންބަރު 2015-15 އަށް ހަވާދެވިފައި އެވަނީ ގާނޫނު ނަންބަރު 2015-29 ގެ ބަދަލުގަިއ އޮޅުމަކުން ކަމަށް ބެލެވޭ.)

 

މައި ގާނޫނު

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2015-29)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު