-

ހދ. ކުޅުދުއްފުށީ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1021)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 31 މާރިޗު 2019 ގައި)

 

1 ވަނަ މާއްދާ - ތައާރަފު

މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) 152 ވަނަ މާއްދާއިން ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ދަށުން، ހދ. ކުޅުދުއްފުށީ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ބެލެހެއްޓުމަށް ހަ ދައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "ހދ. ކުޅުދުއްފުށީ މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދިނުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމެވެ.

 

4 ވަނަ މާއްދާ - އުސޫލު ތަންފީޒުކުރާ ފަރާތް

މި ގަވާއިދު ހިންގައި ތަންފީޒުކުރާނީ، ހދ. ކުޅުދުއްފުށީ ކައުންސިލުންނެވެ.

 

5 ވަނަ މާއްދާ - ކުއްޔަށް ހިފުމަށް ފުރުސަތު ހުޅުވާލުން

މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށްޓަކައި، ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް، ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވައިލައި، ހދ. ކުޅުދުއްފުށީ ކައުންސިލުން އިއުލާނު ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ކުއްޔަށް ދޫކުރުމަށް ކުރާ އިއުލާނު

މި ގަވާއިދުގެ 5 ވަނަ މާއްދާގެ މަތިން، މާރުކޭޓުތަކުގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށް ކުރާ އިއުލާނުގައި، ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

(ހ) ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަނުގެ މައުލޫމާތު

(ށ) ކުއްޔަށް ދޫކުރާ ތަނުގެ ކުލީގެ އަދަދު

(ނ) ކުއްޔަށް ދޫކުރާ މުއްދަތު

(ރ) ޕޮއިންޓު ދިނުމުގައި އަމަލުކުރާނެ ގޮތް

(ބ) ފޯމު ހުށަހަޅަންޖެހޭ މުއްދަތު. 

(ޅ) ތަން ކުއްޔަށް ހިފުމަށް ހާއްސަ ށަރުތުތަކެއް ފުރިހަމަވާންޖެހޭ ނަމަ، އެ ށަރުތުތައް

 

7 ވަނަ މާއްދާ - މުއްދަތު ހަމަވުމުން އަލުން އިއުލާނު ކުރުން

ކުއްޔަށް ދޫކޮށްފައިވާ ތަނެއްގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން، އަލުން އެ ތަން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު އޮތްކަން އަންގައި، މި ގަވާއިދުގެ 5 ވަނަ މާއްދާގެ މަތިން އިއުލާނު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ތަން ހުސްވެގެން އިއުލާނު ކުރުން

ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި، ކުއްޔަށް ދޫކޮށްފައިވާ ތަން، ކުއްޔަށް ހިފާ ފަރާތުން ދޫކޮށްލައިފިނަމަ، ނުވަތަ އެނޫން ސަބަބަކާހުރެ ކުއްޔަށް ދޫކޮށްފައިވާ ތަން ހުސްވެއްޖެނަމަ، ތަން ހުސްވާތާ 2 (ދޭއް) ހަފުތާގެ ތެރޭގައި މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިއުލާނު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ފޯމު ހުށަހެޅުން

(ހ) މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނީ، "މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ހިފުމަށް އެދ ފޯމު" އިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު، ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ލިބޭނެ އިންތިޒާމު، ކައުންސިލުން ހަމަޖައްސަންވާނެއެވެ.

 

10 ވަނަ މާއްދާ - ހޮވޭ ފަރާތްތައް އާންމުކޮށް އިއުލާނުކުރުން

މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިއުލާނު ކުރުމުން، އެކަމަށް އިޖާބަދީ، ފޯމުހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއ ޓުކޮށް، ހޮވޭ ފަރާތްތައް ކަނޑައަޅައި، ކުއްޔަށް ދިނުމަށް ހޮވުނު ފަރާތްތައް ކައުންސިލުން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ތަން ހަވާލުކުރުން

ކުއްޔަށް ދިނުމަށް ހޮވޭ ފަރާތްތަކާ ކައުންސިލާ ދެމެދު، ކުއްޔަށް ދޫކުރާ ތަން ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރާތާ 15 )ފަނަރަ( ދުވަހުގެ ތެރޭގައި، ކުއްޔަށް ދޫކުރާ ތަން ހަވާލުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ކުއްޔަށް ދެވޭނެ މުއްދަތު

މި ގަވާއިދުގެ ދަށުން ކުއްޔަށްދ ތަންތަން ކުއްޔަށްދެވޭނެ އެންމެ ދިގު މުއްދަތަކީ، 1 (އެކެއް) އަހަރުދުވަހެވެ.

 

13 ވަނަ މާއްދާ - ކުއްޔަށް ހިފާ ފަރާތް ނިޔާވުން

(ހ) ކުއްޔަށްހިފި ފަރާތް ނިޔާވެއްޖެނަމަ، 7 (ހަތެއް) ދުވަހުގެ ތެރޭގައި، ވާރުތަވެރިން ކައުންސިލަށް އެކަން އަންގަން ވާނެއެވެ.

(ށ) ކުއްޔަށްހިފި ފަރާތް ނިޔާވެއްޖެކަން ކައުންސިލަށް އެންގުމުން، ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައިވާ، ކުއްޔަށް ހިފި ފަރާތުގެ އާއިލާގެ މެންބަރަކަށް، ކުއްޔަށް ދޫކޮށްފައިވާ ތަން، އެއްބަސްވުމުގެ ބާކީއޮތް މުއްދަތަށް ހިންގަން ހަވާލުކުރުމުގެ އިހްތިޔާރު ކައިންސިލަށް ލިބިގެންވެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ކުއްޔަށް ދޫކޮށްފައިވާ މާރުކޭޓު ގޮޅި ކުއްޔަށް ހިފައިފައިވާ ފަރާތެއް ނިޔާވެއްޖެނަމަ، އެ ތަނަކާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި އެކަމާމެދު ގޮތެއް ކަނޑައަޅާނީ ކައުންސިލުންނެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކައުންސިލަށް އެންގުމެއްނެތި، ކުއްޔަށް ދޫކޮށްފައިވާ ތަން ބޭނުންކޮށްފިނަމަ، އެ ތަން ބޭނުންކުރާ ފަރާތެއް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށްފަހު، އެ ތަން ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ.

 

14 ވަނަ މާއްދާ - ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން

(ހ) މި ގަވާއިދުގެ ދަށުން ދޫކުރާ އެއްވެސް ތަނެއް، ކައުންސިލުން ކުއްޔަށް ދީފައިވާ ފަރާތުން، އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.

(ށ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރި ތަނެއް، އިތުރު ފަރާތަކަށް ކުއްޔަށް ދޫކޮށްފިނަމަ، އެ ފަރާތެއް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު، ކުއްޔަށް ދޫކޮށްފައިވަ ފަރާތުގެ ކިބައިން، ކުއްޔަށް ދޫކޮށްފައިވާ ތަން ކައުންސިލަށް ނެގޭނެއެވެ.

 

15 ވަނަ މާއްދާ - ގަވައިދާ ހިލާފުވެގެން ވަކިކުރެވ ފަރާތެއް ދެވަނަފަހަރަށް ކުރިމަތިލުން

މި ގަވާއިދާ ހިލާފުވެގެން ވަކިކުރެވ އެއްވެސް ފަރާތަކަށް ދެވަނަފަހަރަށް މާރުކޭޓް ގޮޅިއަށް އެދި ކުރިމަތިލެވޭނީ، ވަކިކުރާ ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރުދުވަހުގެ ފަހުންނެވެ.

 

16 ވަނަ މާއްދާ - ކުއްޔަށް ދޫކުރެވުނު ތަނުގައި ވިއްކާ ތަކެތި

މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަނުގައި ވިއްކާނީ، ކައުސިލުން ކަނޑައަޅާ ތަކެއްޗެވެ.

 

17 ވަނަ މާއްދާ - ކުނި މެނޭޖުކުރުން

(ހ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ސާފުތާހިރުކަމާއެކު ބަލަހައްޓަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގައި، އެ ދުވަހަކު އުފެދޭ ކުނި، އެ ދުވަހަކު އުކާލަންވާނެއެވެ.

 

18 ވަނަ މާއްދާ - ބޭރުގައި ތަކެތި ބެލެހެއްޓުން

މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގައި، ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުން ބޭރުގައި އެއްވެސް އެއްޗެއް ބެހެއްޓުމަކީ މަނާކަމެކެވެ.

 

19 ވަނަ މާއްދާ - އެއްބަސްވުން

މި ގަވާއިދުގެދަށުން ކުއްޔަށް ދޫކުރާ ތަންތަން ކުއްޔަށް ދޫކުރުމަށް ހަދާ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ކުއްޔަށް ދޫކުރާ ތަނުގެ ތަފުސީލު،

(ށ) ކުއްޔަށް ހިފާ ފަރާތާއި، ކުއްޔަށް ދޫކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު.

(ނ) ކުއްޔަށް ދޫކުރި މުއްދަތު.

(ރ) ކުލީގެ މިންވަރާއި، ކުލި ދައްކާނެ ގޮތް.

(ބ) ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދައްކައިފިނަމަ އަމަލުކުރަންވީ ގޮތް.

(ޅ) އެއްބަސްވުން ބާތިލުނުކޮށް ޖޫރިމަނާގެގޮތުގައި އެންމެ ގިނަވެގެން ނެގޭ ނިސްބަތް.

(ކ) އެއްބަސްވުމުގައިވާގޮތަށް ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލުކޮށް، ކުއްޔަށް ހިފި ފަރާތުގެ ކިބައިން އެތަން ވަކިކުރެވ ނެކަން .

(އ) ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކައިގެން ތަން ވަކިކުރާއިރު، ކުއްޔާއި ޖޫރިމަނާ ފައިސާގެ ތެރެއިން ނުދައްކާ އޮތް ފައިސާއެއް ހޯދާނެގޮތް.

(ވ) ކުއްޔަށް ދޫކުރާ ތަނުގައި ކުރާ މަސައްކަތް.

(މ) ކުއްޔަށް ދޫކުރި ބޭނުން ފިޔަވައި އެނޫން ކަންކަމެއް ނުކުރެވ ނެކަން.

(ފ) ކުއްޔަށް ދޫކުރާ ތަން، ކުލީގެ މުއްދަތުގައި ތިންވަނަ ފަރާތަކަށް ކުއްޔަކަށް ނުދެވޭނެކަން.

(ދ) އެއްބަސްވުމާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅާއި، ޖޫރިމަނާ ކުރާނެ މިންވަރު.

(ތ) މަތީގައިވާ މާއްދާތަކުގެ އިތުރުން، ކައުންސިލުން ހިމަނަން ބޭނުންވާ މާއްދާތައް.

 

20 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރުން

މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ކުއްޔަށް ހިފާ ފަރާތްތަކުން ބޭނުންކުރަންވާނީ، ދިވެހިރާއްޖޭގައި ހަދައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

21 ވަނަ މާއްދާ - އުސޫލާ ހިލާފު އަމަލެއް ކުރުން

(ހ) މި ގަވާއިދުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ، އެ ފަރާތެއް 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެކަން ރަނގަޅުކުރުމަށް ކައުންސިލުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޖޫރިމަނާކުރުމުންވެސ،ް އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެއްބަސްވުން އުވައިލައި، ކުއްޔަށް ދޫކޮށްފައިވާ ތަން ކައުންސިލުގެ ބެލެހެއްޓުމުގެ ދަށަށް ގެނައުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

22 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކަރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

23 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދެއްގައި، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، "ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ" އަށެވެ.

(ށ) "އާއިލާގެ މެންބަރެއް" ކަމަށް ބުނެފައި އެވަނީ، ކުއްޔަށް ހިފާ ފަރާތުގެ ދަރިން، ނުވަތަ ދޮންދަރިން، ނުވަތަ ބައްޕަ، ނުވަތަ މަންމަ، ނުވަތަ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަދަރިންގެ އަނބިމީހާ ނުވަތަ ފިރިމީހާއަށެވެ. 

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު