ކަސްޓަމްސްގެ އާންމު ގަވާއިދު 2011 އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2018-04)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ފެބްރުއަރީ 2018 ގައި)
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 283 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ބޮންޑު 283.
ކަސްޓަމްސްގެ ބޮންޑަކީ، އެކި ފަރާތްތަކުން ރާއްޖެއަށް ގެންނަ މުދާ ކްލިއަރކުރެވެންދެން ނުވަތަ އަނބުރާ ރާއްޖެއިން ބޭރަށް ފޮނުވާލެވެންދެން ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި، ކަސްޓަމްސްއިން ކަނޑައަޅާ މުއްދަތަކަށް ބެހެއްޓުމަށް ހާއްސަކުރެވިފައިވާ ތަންތަނެވެ.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 285 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
އަނބުރާ ރާއްޖެއިން ބޭރަށް ގެންދާގޮތަށް ކަސްޓަމްސްގައި ތަކެތި ބެހެއްޓުން 285.
އެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ތެރޭގައި ހިމެނޭ ތަކެއްޗާއި ހާއްސަ ހުއްދައެއް އޮވެގެން ރާއްޖެއަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެހެން އެއްޗެއް، ރާއްޖެއަށް އަންނަ ބިދޭސީއަކު ގެނެސްފިނަމަ، އެ މީހަކު އެނބުރި ރާއްޖެއިން ބޭރަށް ފުރާއިރު އަނބުރާ ދޭގޮތަށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެ އެއްޗެއް 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބެހެއްޓިދާނެއެވެ.
- އޫރުމަހާއި، އޫރުމަސް އެކުލެވޭ ބާވަތްތައް.
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 285 ވަނަ މާއްދާގެ (ނ) އުނިކުރުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 287 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ކަސްޓަމްސްގެ ބޮންޑުގައި މުދާ ބެހެއްޓޭނެ މުއްދަތު 287.
ކަސްޓަމްސްގެ ބޮންޑުގައި، އަދި މި ގަވާއިދުގެ 285 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މުދާ ބެހެއްޓޭނީ ގިނަވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތުގެ ތެރޭގައި މުދާ ނުގެންގޮސްފިނަމަ، އެ މުދަލެއް ހިފެހެއްޓުމަށްފަހު އެ މުދަލަކާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. މިގޮތުން އެފަދަ މުދަލާމެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ މި ގަވާއިދުގެ ފަނަރަވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ "ކަސްޓަމްސްގެ ކޮންޓްރޯލުގެދަށަށް ގެނެވޭ ތަކެއްޗާއިމެދު ގޮތެއް ނިންމާ ކޮމެޓީ" ންނެވެ.
5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 412 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ސަރުކާރުގެ އިދާރާތަކުގެ ހުއްދަ ބޭނުންވާ ތަކެއްޗާމެދު ގޮތެއް ކަނޑައެޅުން 412.
ރާއްޖެއަށް އިމްޕޯޓް ކުރުމަށް ގެންނަ ތަކެތީގެ ތެރެއިން ސަރުކާރުގެ އިދާރާތަކުން ހުއްދަ ނަގައިގެން އެތެރެކުރަންޖެހޭ ތަކެތީގެ ތެރެއިން ހުއްދަ ނެތި ގެންނަ ތަކެއްޗާއި، ނުވަތަ އެފަދަ އިދާރާތަކުން އެފަދަ ތަކެއްޗާ ގުޅޭގޮތުން ހަދާފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ގެންނަ ތަކެއްޗާއި، އެފަދަ ގަވާއިދުތަކާއި އުސޫލުތަކަށް ނުފެތޭ ތަކެތި ހިފެހެއްޓުމަށްފަހު އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. މިގޮތުން އެފަދަ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، މި ގަވާއިދުގެ ފަނަރަވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ "ކަސްޓަމްސްގެ ކޮންޓްރޯލުގެދަށަށް ގެނެވޭ ތަކެއްޗާމެދު ގޮތެއް ނިންމާ ކޮމެޓީ" ންނެވެ. އަދި މިފަދަ ތަކެތި ނައްތައިލުމަށް ކަސްޓަމްސްއިން ކަނޑައަޅައިފިނަމަ، ތަކެތި ނައްތާލަންވާނީ، އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ހޯދަންޖެހޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 420 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
ހިފެހެއްޓޭ މުދަލާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުން 420.
(ހ) ާނޫނާއި ގަވާއިދާ ހިލާފުވެގެން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެއްޗާއި، ހިފެހެއްޓޭ ތަކެއްޗާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ތަކެއްޗާއި، އެކިފަރާތްތަކުން ދޫކޮށްލާފައި ދާ ތަކެއްޗާއި، މިލްކުވެރިއަކު އެނގެން ނުހުންނަ މުދަލާމެދު ައމަލުކުރާނެގޮތް ކަނޑައެޅުމުގެ އިހްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. މިގޮތުން އެފަދަ މުދަލާމެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ މި ގަވާއިދުގެ ފަނަރަވަނަ ބައިގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ "ކަސްޓަމްސްގެ ކޮންޓްރޯލުގެދަށަށް ގެނެވޭ ތަކެއްޗާއިމެދު ގޮތެއް ނިންމާ ކޮމިޓީ" ންނެވެ.
7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 428 ވަނަ މާއްދާ އުނިކުރުން.
8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް، މި ގަވާއިދުން އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.
9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.
10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު