-

ފުލުހުން ރިޓަޔަރ ކުރުމާބެހޭ ގަވާއިދު

(2008) 

 

1 ވަނަ މާއްދާ - ތައާރުފް

މިއީ ގާނޫނު ނަންބަރ 5/2008 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވާލެވިފައިވާ، ފުލުހުންގެ ރިޓަޔަރމެންޓާބެހޭ އެންމެހާ ކަންތައް ބަޔާންވެގެންވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ "ފުުލުހުން ރިޓަޔަރ ކުރުމާބެހޭ ގަވާއިދު"އެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ޕޮލިސް ސަރިވސް އިންނެވެ.

 

4 ވަނަ މާއްދާ - ރިޓަޔަރ ކުރެވޭ ހާލަތްތައް

ފުލުހަކު ވަޒީފާއިން ރިޓަޔަރކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީންނެވެ.

(ހ) އުމުރުން 60 (ފަސްދޮޅަސް) އަހަރު ހަމަވުމުން ރިޓަޔަރ ކުރުން؛ ނުވަތަ

(ށ) އުމުރުން 55 (ފަންސާސް ފަސް) އަހަރު ވުމުން އެފުލުހަކު އަމިއްލައަށް އެދިގެން ރިޓަޔަރ ކުރުން؛ ނުވަތަ

(ނ) ފުލުހެއްގެ ގޮތުގައި 20 (ވިހި) އަހަރު ހިދުމަތްކުރުމަށް ފަހު އަމިއްލައަށް އެދިގެން ރިޓަޔަރކުރުން؛ ނުވަތަ

(ރ) ފުލުހެއްގެ ވާޖިބު އަދާކުރަމުން ދަނިކޮށް ފުލުހަކަށް ލިބޭ ދާއިމީ އަނިޔާއަކާއި ގުޅިގެން ރަނގަޅު ނުވުމުން ރިޓަޔަރކުރުން؛ ނުވަތަ

(ބ) ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުމުން؛ ނުވަތަ

(ޅ) ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއް މަގާމެއްގައި ހުރުން؛

(ކ) ވަޒީފާގައި ދެމިހުރުމަށް ސިއްހީ ހާލަތު ތަން ނުދިނުން.

 

5 ވަނަ މާއްދާ -  ރިޓަޔަރ ކުރުމުގެ ށަރުތު

މިގަވާއިދުގެ 4 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ބ) އަދި (ޅ) ގައިވާ އުމުރު  ނުވަތަ މުއްދަތު ހަމަވެގެން ރިޓަޔަރ ކުރިކަމުގެ ދަރަޖަ ދެވޭނީ، ވަޒީފާއިން ވަކިކުރެވޭ އިރު މަދުވެގެން 20 (ވިހި) އަހަރު ދުވަހު ފުލުހެއްގެ ގޮތުގައި ހިދުމަތްކޮށްފައިވާ މީހުންނަށެވެ.

 

6 ވަނަ މާއްދާ - ށަރަފުވެރިކަމާއި އެކު ވަޒީފާއިން ވަކިވުން

(ހ) މި ގަވާއިދުގެ 4 ވަނަ މާޢްދާގައި ބަޔާންވެގެންވާ ހާލަތް ފިޔަވައި އެހެން ހާލަތެއް މެދުވެރިވެގެން ނުވަތަ އެހެން ސަބަބަކާއި ގުޅިގެން ފުލުހަކު އަމިއްލައަށް އެދިގެން ފުލުހުންގެ ވަޒީފާއިން ވަކިވި ނަމަވެސް އެއީ ށަރަފުވެރިކަމާއި އެކު ވަޒީފާއިން ވަކިވެފައިވާ މީހަކު ކަމުގައިވާނެއެވެ. އެހެން ނަމަވެސް، އެފަދަ މީހަކީ މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ށަރުތު ފުރިހަމަ ނުވާ މީހަކު ކަމުގައިވާނަމަ މިގަވާއިދުގައި ބަޔާންވެގެންވާ އިނާޔަތެއް ނުދެވޭނެއެވެ.

(ށ) މި ގަވާއިދުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ސަބަބަކާ ގުޅިގެން ށަރަފުވެރިކަމާއި އެކު ފުލުހުންގެ ވަޒީފާއިން ވަކިވާ ފަރާތްތަކާއި މެދު އަމަލުކުރާނީ ގާނޫނުނ ނަންބަރު 5/2008 ގެ 17 ވަނަ މާއްދާގެ (ނ) ގެ (4) ގައިވާ "ވަޒީފާއާއި ބެހޭ ގަވާއިދު" ގައިވާ ގޮތަށެވެ.

 

7 ވަނަ މާއްދާ - ކޮމްޕަލްސަރީ ރިޓަޔަރމެންޓް

(ހ) ފުލުހެއްގެ ގޮތުގައި ދެމިހުރި ކޮންމެ ކޮމިށަންޑް އޮފިސަރަކު އުމުރުން 60 (ފަސްދޮޅަސް) އަހަރުވުމާއެކު (ވަޒީފާއިން ރިޓަޔަރ ކުރަން އޭނާ ނޭދުނުކަމުގައި ވިޔަސް) ވަޒީފާއިން އެ ފުލުހަކު ރިޓަޔަރކުރެވޭނެއެވެ.

(ށ) ކޮމިށަންޑް އޮފިސަރ ރޭންކަށް ނާދެވޭ ކޮންމެ ފުލުހަކު އެމީހެއްގެ އުމުރުން  55 (ފަންސާސް ފަސް) އަހަރު ވުމާއެކު (ވަޒީފާއިން ރިޓަޔަރ ކުރަން އޭނާ ނޭދުނު ކަމުގައިވީ ނަމަވެސް) ވަޒީފާއިން އެފުލުހަކު ރިޓަޔަރ ކުރެވޭނެއެވެ.

(ނ) ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ތަސްދީގުވުމުގެ ކުރިން މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ އުމުރު ހަމަވެފައިވާ ފުލުހުންގެ ރިޓަޔަރމެންޓާއި މެދު އަމަލުކުރާނީ ގާނޫނު ނަންބަރު 5/2008 ގެ 61 ވަނަ މާއްދާގެ (ރ) ގައިވާ ގޮތަށެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންވެގެންވާ އުމުރު ހަމަވެފައިވާ ފުލުހުން ރިޓަޔަރ ކުރުމުގައި އަމަލުކުރާނީ މި ގަވާއިދު ފާސްކުރާ ތާރީހުން ފެށިގެން އެއްއަހަރު ހަަމަވުމުންނެވެ.

(ބ) ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުވަތަ ހަވާލުކުރެވިފައިވާ މަސައްކަތެއް ކުރުމަށް އެފުލުހެއްގެ ސިއްހީ ހާލަތު ތަންނުދޭ ކޮންމެ މީހަކު ވަޒީފާއިން ވަކިކުރެވޭނެއެވެ. މި ސަބަބާއި ގުޅިގެން ވަޒީފާއިން ވަކިކުރެވޭ މީހުންގެ ތެރެއިން ރިޓަޔަރ ކުރި ކަމަށް ބަލަންވާނީ، މި ގަވާއިދުގެ 05 ވަނަ މާއްދާގައިވާ ށަރުތު ފުރިހަމަވާ ފަރާތްތައް އެކަންޏެވެ. މީހެއްގެ ސިއްހީ ހާލަތު ހުރި ގޮތުން ފުލުހެއްގެ ވަޒީފާގައި ދެމިހުރުމަށް ތަންނުދޭ ކަމަށް ނިންމާނީ، އޭނާގެ މަސައްކަތަށާއި މެޑިކަލް ހިސްޓްރީއަށް ރިއާޔަތްކޮށްް އެގްޒެކިއުޓިވް ބޯޑުގެ ލަފާގެ މަތިންނެވެ.

 

8 ވަނަ މާއްދާ - ވޮލަަންޓްރީ ރިޓަޔަރމެންޓް

(ހ) ވޮލަންޓްރީ ރިޓަޔަރމެންޓަކީ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ މީހުންގެ އުމުރުން 60 (ފަސްދޮޅަސް) އަހަރު ވުމުން؛ ނުވަތަ މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައިވާ މީހުންގެ އުމުރުން 55 (ފަންސާސް ފަސް) އަހަރުވުމަށް ފަހު؛ ނުވަތަ 20 (ވިހި) އަހަރު ފުލުހެއްގެ ގޮތުގައި ހިދުމަތް ކުރުމަށްފަހު އެ ފުލުހަކު އަމިއްލައަށް އެދިގެން ވަޒީފާއިން ރިޓަޔަރ ވުމެވެ. ވޮލަންޓްރީ ރިޓަޔަރމެންޓް ބޭނުންވާ ފުލުހުންނަށް އެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޭން ވާނެއެވެ.

(ށ) ވޮލަންޓްރީ ރިޓަރމެންޓް ބޭނުންވާ ފުލުހުން، އެކަމަށް އެދެންވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ލިޔުމުންނެވެ.

(ނ) ވޮލަންޓްރީ ރިޓަޔަރމެންޓް ބޭނުންވާ ފުލުހުން، ރިޓަޔަރކުރަން ބޭނުންވާ ތާރީހްގެ 02 (ދޭއް) މަސްދުވަސް ކުރިން އެކަމަށް އެދެން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ މުއްދަތު ކުރުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

(ބ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން ރިޓަޔަރ ކުރުމަށް ބޭނުންވާ ފުލުހަކީ، އެމީހަކު ފުރިހަމަކޮށްފައިވާ ތަމްރީނެއް ނުވަތަ ސެމިނަރއެއް ނުވަތަ ވާރކްށޮޕެއްގެ ސަބަބުން ވަކި މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހިދުމަތް ކުރަންޖެހޭ މީހަކު ކަމަށް ވެފައި، އެކަމަކު ހިދުމަތް ކުރަންޖެހޭ ބޮންޑުގެ މުއްދަތު ހަމަނުވާ މީހެއް ނަމަ، ހިދުމަތްކުރަން އެއްބަސްވެފައިވާ މުއްދަތުން ބާކީ އޮތް މުއްދަތަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދައްކަން ޖެހޭ ފައިސާ އެމީހަކު ދެއްކުމުން މެނުވީ ރިޓަޔަރ ނުކުރެވޭނެއެވެ.

 

9 ވަނަ މާއްދާ - ރިޓަޔަރ ކުރުމަށް ހިތްވަރު ދިނުމާއި އިނާޔަތް ކަނޑައެޅުމުގެ އުސޫލު

(ހ) އެ ފުލުހެއްގެ ތައުލީމީ ފެންވަރަށާއި ވަޒީފާގެ ގާބިލުކަން ހުރި މިންވަރަށާއި އެ ފުލުހެއްގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ވަޒީފާއިން ރިޓަޔަރވުމަށް ހިތްވަރުދީ އެ ފުރުސަތު ދޭންވާނެއެވެ. ރިޓަޔަކުރުމަށް ހިތްވަރުދޭން ވާނީ އެކަމަށްޓަކައި ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ހާއްސަ ޕެނެލް އަކުންނެވެ.

(ށ)  ވަޒީފާއިން  ރޓަޔަރކުރެވޭ ފުލުހުންނަށްދެވޭ  އިނާޔަތްތަކާ އެލަވަންސްތަކަކީ، ގާނޫނެއް ނުވަތަ މިގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަަކަށް ބަޔާންވެގެން ނުވާހާ ހިނދަކު، އެއް އުސޫލަކުން ދެވޭ އިނާޔަތަާއި އެލަވަންސް ކަމުގައި ވާންވާނެއެވެ.

 

 10 ވަނަ މާއްދާ - ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވެގެން ރިޓަޔަރ ކުރުން

ކޮންސްޓަބްލްގެ ރޭންކުގައި ފުލުހަކަށް ހުރެވޭނެ އެންމެ ދޮށީ އުމުރަކީ، އޭނާގެ އުމުރުން 45 (ސާޅީސް ފަސް) އަހަރުވުމާއި ހަމައަށެވެ. އެއަށް ފަހު އެ ފުލުހަކަށް މަގާމުގެ ކުރިއެރުން ނުލިބޭނަމަ ވަޒީފާއިން ރިޓަޔަރ ކުރަން ވާނެއެވެ.

 

11 ވަނަ މާއްދާ - ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެއް މަގާމެއްގައި ހުރުމުގެ ސަބަބުން ރިޓަޔަރ ކުރުން

(ހ) އުމުރުން 55 (ފަންސާސް ފަސް) އަހަރު ފުރޭއިރު ކޮށަންޑް އޮފިސަރެއްގެ ރޭންކަށް ނުދެވޭ ފުލުހުން، ވަޒީފާއިން ރިޓަޔަރކުރަން ޖެހޭނެއެވެ.

(ށ) ފުލުހުންގެ ރޭންކުތަކުގެ ތެރެއިން އެއްވެސް ރޭންކެއްގައ ފުލުހަކު ހުންނަތާ 10 (ދިހަ) އަހަރު ވާއިރު މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ މުއްދަތު ހަމަވެފައިވާ ފުލުހަކަށް ރިޓަޔަރ ވުމަށް އެދެވިދާނެއެވެ.

(ނ) ފުލުހެއްގެ ވަޒީފާ އަދާކުރާތާ 20 (ވިހި) އަހަރު ވާއިރު، ސާރޖެންޓެއްގެ ރޭންކަށް ނުދެވޭ ފުލުހުން ވަޒީފާއިން ރިޓަޔަރކުރަން ޖެހޭނެއެވެ.

 

12 ވަނަ މާއްދާ - ސަސްޕެންށަނުގައި ވަނިކޮށް ރިޓަޔަރކުރުން

ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާ ފުލުހެއްގެ މައްޗަށް އުފުލިފައިވާ މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް، އެއީ އެހެން މީހެއްގެ ހައްގަކަށް އުނިކަމެއް ނާންނަ ޒާތުގެ މައްސަލައެއް ކަމުގައިވާނަމަ މި ގަވާއިދުގައިވާ ރިޓަޔަރ ކުރުމުގެ ށަރުތު ފުރިހަމަވާ ފުލުހެއްގެ ރިޓަޔަރމެންޓާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕޮލިސް އަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ޑިއުޓީ އަދާކުރުމުގައި ލިބޭ އަނިޔާއަކާ ގުޅިގެން ސިއްހީ ހާލަތު ހުރި ގޮތުން ވަޒީފާގައި ދެމި ނުހުރެވުން

(ހ) ފުލުހެއްގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ފުލުހަކަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ނުވަތަ އެފަދަ އަނިޔާއަކާ ގުޅިގެން އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނުވެ އޮގޮތަށް ދެމިގެންދާނަމަ ނުވަތަ އިތުރަށް ހާލަތު ގޯސްވަމުންދާ ނަމަ، ނުވަތަ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަކީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭވަރުގެ މީހެއް ކަމަށް އެގްޒެކިއުޓިވް ބޯޑުން ކަނޑައަޅާ އޭނާ ރިޓަޔަރކުރަން ޖެހޭނެ ކަމަށް އެ ބޯޑުން ކަނޑައަޅައިފި ނަމަ އެފަދައިން އަމަލުކުރަން ޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ)ގައިވާ ފަދައިން ނިންމުމަށްޓަކއި ތިރީގައިވާ ކަންތަކަށް އެކްޒެކިއުޓިވް ބޯޑުން ރިއާޔަތްކުރަންވާނެއެވެ.

  1. އެފުލުހެއްގެ މެޑިކަލް ސެޓްފިކެޓްތަކަށާއި ޑޮކްޓަރުގެ ލަފާ؛
  2. އެ ފުލުހަކު އަދާކުރަމުންދާ މަސައްކަތާއި އެފުލުހަކާއި ހަވާލުކުރެވިދާނެ އެހެން މަސައްކަތް؛
  3. އެފުލުހެއްގެ ކިބައިގައިވާ ކޮމިޓްމަންޓް
  4. ސިއްހީ ހާލަތު މެދުވެރިވި ސަބަބު ނުވަތަ ގޮތް؛

(ނ) މި މާއްދާގެ ދަށުން ރިޓަޔަރ ކުރެވޭ ފުލުހުން މިގަވާއިދުގެ 5 ވަނަ މާއްދާއިން އިސްތިސްނާ ވެގެން ވެއެވެ.

(ރ) ޑިއުޓީ އަދާކުރުމުގެ ތެރޭ ފުލުހަކަށް ލިބޭ އަނިޔާއެއްގެ ސަބަބުން ވަޒީފާ އަދާކުރުމަށް އޭނާ ނުކުޅެދިގެން ފުލުހުންގެ ވަޒީފާއިން ރިޓަޔަރކުރާއިރު، އޭނާގެ އުމުރަށް، އޭނާއަށް ލިބެމުން އައި މުސާރައިގެ %100 (ސަތޭކަ އިންސައްތަ) އަށް ވާ ފައިސާ ދޭންވާނެއެވެ. މިއީ މަހަކު އެއްފަހަރު ދެވޭ އިނާޔަތެކެވެ. މީގެ އިތުރުން އޭނާގެ ސިއްހީ ފަރުވާ ހަރަދާއި އޭނާގެ އަނބި ނުވަތަ ފިރިމީހާގެ ބޭސްފަރުވާގެ ހަރަދާއި، 18 (އަށާރ) އަހަރު ނުފުރޭ ދަރިންގެ ބޭސްފަރުވާގެ ހަރަދާއި ދަރިން، އަނބި ނުވަތަ ފިރިމީހާ ރާއްޖޭގައި މަރުވެއްޖެ ނަމަ އެކުއްޖެއގެ ނުވަތަ އެމީހެއްގެ ޖަނާޒާގެ ހަރަދާއި އޭނާ މަރުވުމުން އޭނާގެ ޖަނާޒާގެ އިންތިޒާމު ނުވަތަ ހަރަދު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހަމަޖައްސައިދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އަނބިމީހާއަށް ދެވޭ ބޭސްފަރުވާ ކުރުމުގެ ހަރަދު ދެވޭނީ އަނބިމީހާ އެހެން މީހަކާ ކައިވެނިކުރުމާ ހަމައަށް ނުވަތަ އޭނާ މަރުވުމާ ހަމައަށެވެ. އަދި، މި މާއްދާގެ (ރ) ގެ ދަށުން ފިރިމީހާއަށް ދެވޭ ބޭސްފަރުވާ ކުރުމުގެ ހަރަދު ދެވޭނީ، އޭނާ އަކީ އެހެން މަސައްކަތެއް ކުރުމަށް ނުކުޅެދިފައިވާ މީހަކަށް ވާނަމަ ނުވަތަ އެދެމަފިރިންގެ ދަރިން ބެލުމަށްޓަކައި އޭނާ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނަމައެވެ.

 

14 ވަނަ މާއްދާ - ރިޓަޔަރ ކުރުމުން ދެވޭ އިނާޔަތްތައް

(ހ) ރިޓަޔަރ ކުރެވޭ ކޮންމެ ފުލުހަކަށް އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި އެމީހަކު ހުރި ރޭންކަށް ކަނޑައެޅިފައިވާ މުސާރައާއި ހިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ އެމީހަކަށް ލިބިދޭން ވާނެއެވެ. ނަމަވެސް، އެމީހަކު ހިދުމަތް ކުރި އަހަރު 30 (ތިރީސް) އަހަރަށް ވުރެ އިތުރުވާނަމަ، އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާ ދިނުމުގައި ބަލާނީ 30 (ތިރީސް) އަހަރަށެވެ.

(ށ) ފުލުހެއްގެ ވަޒީފާއިން ރިޓަޔަރކުރާ ކޮންމެ މީހަކަށް މަހުން މަހަށް އޭނާގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އޭނާ އެންމެފަހުން ހުރި ރޭންކަށް ކަނޑައެޅިފައިވާ މުސާރައިގެ ވަކި ޕަސެންޓެއް ރިޓަޔަރމެންޓް ޕޭގެ ގޮތުގައި ދެވިދާނެއެވެ. ރިޓަޔަރމެންޓް ޕޭ ލިބެން ފެށުމުން އެމީހަކީ، ޕެންށަން ފައިސާ ލިބެމުން އައި މީހަކު ކަމުގައިވި ނަމަވެސް ޕެންށަން ފައިސާއެއް ދެން ނުލިބޭނެއެވެ

(ނ) މި މާއްދާގައި ބުނެފައިވާ ހިދުމަތުގެ މުއްދަތު ބަލާއިރު، ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ތަސްދީގުކުރި ތާރީހު 2008 އޯގަސްޓް 05 ވަނަ ދުވަހާއި ހަމައަށް އެފުލުހެއްގެ ވަޒީފާ ލިބިފައިވާ މީހުން، ހިދުމަތްކޮށްފައިވާ މުއްދަތު އިތުރަށް ސަރުކާރުގެ އެހެން އޮފީހެއްގައި ވަޒީފާ އަދާކޮށް، މެދުނުކެނޑި އޮތްނަމަ އެ މުއްދަތު ބެލެވޭނީ، މި ގަވާއިދުގެ މަގްސަދަށްޓަކައި ފުލުހެއްގެ ވަޒީފާގައި ހުރި މުއްދަތުގެ ގޮތުގައެވެ.

(ރ) ވަކި ރޭންކަކަށް ފުލުހަކު ޕްރޮމޯޓްވުމުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެފުލުހަކަށް ދޫކޮށްފައިވާ އެއްގަމު އުޅަނދަކީ، އެފުލުހެއްގެ މިލްކެއް ގޮތުގައި ބަދަލުކޮށް އެ ފުލުހަކު ރިޓަޔަރކުރުމުން އެ އުޅަނދެއް އެ ފުލުހަކަށް ހިބަކޮށްދޭން ވާނެއެވެ.

(ބ) ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލސްގެ މަގާމު އަދާކޮށްފައިވާ ފުލުހަކު ރިޓަޔަރކުރާނަމަ އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތުގެ ގޮތުގައި އެމީހަކު ހުރި ރޭންކަށް ކަނޑައެޅިފައިވާ މުސާރަ އާއި 30 (ތިރީސް) އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ އެމީހަކަށް ލިބިދޭން ވާނެއެވެ.

(ޅ) ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމު އަދާކޮށްފައިވާ ފުލުހަކު ރިޓަޔަރކުރުމުން ރިޓަޔަރމަންޓް ޕޭ ހިސާބުކުރާނީ ރިޓަޔަރކުރިއިރު ހުރި މަގާމަށް ކަނޑައެޅިފައިވާ މުސާރައިގެ %75 (ހަތްދިހަފަހެއް އިންސައްތަ) އަކީ އެމީހަކަށް ދޭންވާ ރިޓަޔަރމެންޓް ޕޭގެ ގޮތުގައެވެ.

(ކ) ރިޓަޔަރމަންޓް ޕޭގެ އިންސައްތަ ހިސާބުކުރާނެ ގޮތް ޖަދުވަލު 1 ގައި އެވަނީއެވެ.

 

15 ވަނަ މާއްދާ – ބޭސްފަރުވާގެ ހިދުމަތް

(ހ) ފުލުހެއްގެ ވަޒީފާއިން ރިޓަޔަރ ކުރާ ކޮންމެ މީހަކަށް، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެމީހެއްގެ މުޅި އުމުރަށް ސިއްހީ ފަރުވާގެ ހިދުމަތް ލިބިދެވޭނެއެވެ. މިގޮތުން އާންމު އުސޫލެއްގެ ގޮތުގައި މިގަވާއިދުގެ ވަކި ގޮތަކަށް ބަޔާންވެގެން ނުވާނަމަ ސިއްހީ ފަރުވާގެ ހިދުމަތް ހަމަޖައްސާދޭންވާނީ ރާއްޖެއިންނެވެ.

(ށ) ހިދުމަތުގައި 30 އަހަރު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ވަޒީފާގައި ދެމިހުރުމަށް ފަހު ރިޓަޔަރކޮށްފައިވާ  މީހުންނަށް ބޭސްފަރުވާގެ ހިދުމަތް ދޭންވާނީ އޭނާގެ މުޅި އުމުރަށް، އޭނާ ރިޓަޔަރކުރިއިރު ހުރި ރޭންކްގެ ވަޒީފާގައި ދެމިހުރި މީހެކޭ އެއް އުސޫލަކުންނެވެ.

(ނ) ރިޓަޔަރ ކޮށްފައިވާ މީހެއްގެ އާއިލާގެ މެމްބަރުންނަށް ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ މެޑިކަލް ކްލިނިކް ފަދަ ސިއްހީ ހިދުމަތްދޭ ތަނެއްގެ ހިދުމަތް ހޯދިދާނެއެވެ. އަދި އޭނާގެ އާއިލާގެ މެމްބަރުން (މަންމަ، ބައްޕަ، އަނބި ނުވަތަ ފިރިމީހާ އާއި 18 އަހަރު ނުފުރޭ ދަރިން) ގެ ބޭސްފަރުވާއަށް ހިނގާ ހަރަދުގެ %50 (ފަންސާސް އިންސައްތަ) އެމީހަކު ނުވަތަ އާއިލާގެ ފަރާތުން ދައްކަންވާނެއެވެ.

(ރ) ފުލުހެއްގެ ވަޒީފާ އަދާކުރުމަށް ނުކުޅެދިގެން މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ރިޓަޔަރކުރާ މީހަކަށް އޭނާއަށް ވެފައިވާ އަނިޔާއަށް ފުރިހަމަ ފަރުވާއެއް ލިބެންދެން މޯލްޑިވްސް ޕޮލިސް ސަރިވިސް އިން ހަމަޖައްސައިދޭ ހެލްތް އިންށުއަރެންސް ސްކީމަކުން ބޭސްފަރުވާގެ ހިދުމަތް ލިބިދެވޭނެއެވެ. އަދި އެ އަނިޔާއެއް ރަނގަޅުވުމަށް ފަހު އޭނާއަށް ވެސް ބޭސްފަރުވާގެ ހިދުމަތް ދެވޭނީ މި މާއްދާގައި ބަޔާންވެގެންވާ ފަދައިންނެވެ.

 

16 ވަނަ މާއްދާ - މަގާމުގެ ނަން ބޭނުން ކުރުން

ކޮމިށަންޑް އޮފިސަރެއްގެ ރޭންކުން ރިޓަޔަރ ކޮށްފައިވާ ފުލުހެއްގެ ނަމުގެ ކުރިއަށް ފުލުހެއްގެ ވަޒީފާގައި އެންމެފަހުން އޭނާ ހުރި ރޭންކް ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ. މިގޮތުން ރޭންކް ބޭނުންކުރާއިރު ރޭންކްގެ ފަހަތުގައި ބްރެކެޓެއް ތެރޭ "ރިޓަޔާޑް" މި ލަފްޒު ލިޔެފައި އޮންނަން ވާނެއެވެ.

 

17 ވަނަ މާއްދާ - ފުލުހުންގެ ޔުނިފޯމް ބޭނުންކުރުން

(ހ) ހާއްސަ ރަސްމިއްޔާތު ތަކުގައި އެ ރަސްމިއްޔާތުގައި ބައިވެރިވާ ފުލުހުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސެރެމޯނިއަލް ޔުނިފޯމް ކަމުގައިވާނަމަ، ކޮމިށަންޑް އޮފިސަރެއްގެ ރޭންކުން ރިޓަޔަރ ކޮށްފައިވާ މީހަކަށް ފުލުހުންގެ ސެރެމޯނިއަލް ޔުނީފޯމް ބޭނުންކުރެވިދާނެއެވެ.

(ށ) ރޓަޔަރ ކުރުމަށްފަހު މި މާއްދާގެ (ހ) ގައިވާ ހާލަތުގައި ބޭނުންކުރާ ފުލުހުންގެ ސެރެމޯނިއަލް ޔުނިފޯމް ފިޔަވައި އިތުރު އެހެން އެއްވެސް ޔުނިފޯމެއް އެއްވެސް މީހަކު ބޭނުންކުރުމަކީ މަނާ ކަމެކެވެ.

(ނ) ފުލުހުންގެ ސެރެމޯނިއަލް ޔުނިފޯމަށް ގެނެވޭ ބަދަލަކާ ގުޅިގެން ރިޓަޔާކޮށްފައިވާ ފަރާތްތަކަށް އައު ޔުނިފޯމް ދޫކުރުމަށް މި ގަވާއިދު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލާޒިމެއް ނުކުރެއެވ. ނަމަވެސް ކޮމިށަންޑް އޮފިސަރެއްގެ ރޭންކުން ރިޓަޔަރކޮށްފައިވާ މީހުންނަށް، އެމީހުން ބޭނުންވާނަމަ ނުވަތަ ޔުނިފޯމް ބައު ވެފައިވާނަމަ، ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު އައު ސެރިމޯނިއަލް ޔުނިފޯމެއް ދޫކުރަން ވާނެއެވެ.

 

18 ވަނަ މާއްދާ - ށަރަފުގެ ނިށާން ބޭނުންކުރުން

ފުލުހަކަށް ލިބިފައިވާ ށަރަފުގެ ނިށާން އޭނާ ރިޓަޔަރކުރުމަށް ފަހު ވެސ އެކި މުނާސަބަތު ތަކުގައި ބޭނުންކުރެވިދާނެއެވެ. ށަރަފުގެ ނިށާން ބޭނުންކުރަން ވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށެވެ.

 

19 ވަނަ މާއްދާ - ހަފްލާތަކުގައި ބައިވެރިވުން

(ހ) ފުލުހުންގެ ކޮމިށަންޑް އޮފިސަރުން ބާއްވާ ހާއްސަ ހަފްލާތަކުގައި ބައިވެރިވުމަށް ކޮމިށަންޑް އޮފިސަރެއްގެ މަގާމުގައި ހުރެ  ރިޓަޔަރ ކުރާ ފުލުހުންނަށް ދައުވަތު ދެވިދާނެއެވެ.

(ށ) ރިޓަޔަރކޮށްފައިވާ ފުލުހުންނަށް ހާއްސަވެގެން މޯލްޑިވްސް ޕޮލިސް ސަރިވސް އިން ހާއްސަ ހަފްލާތައް ބޭއްވުމަށް މި ގަވާއިދު ހުއްދަކުރެއެވެ.

 

20 ވަނަ މާއްދާ - ވެލްފެއަރ ފަންޑުގައި ބައިވެރިވުން

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާ އުސޫލުގެ ތެރެއިން ރިޓަޔަރކުރާ ފުލުހުންނަށް ޕޮލިސް ވެލްފެއަރ ފަންޑުގައި ބައިވެރިވެވިދާނެއެވެ.

 

21 ވަނަ މާއްދާ- އަލުން ވަޒީފާއަށް ވަނުން

(ހ) އުމުރުން 55 (ފަންސާސް ފަސް) އަހަރު ވެގެން ނުވަތަ 20 (ވިހި) އަހަރަށް ހިދުމަތްކުރުމަށް ފަހު ވަޒީފާއިން ރިޓަޔަރ ކުރެވިފައިވާ އެއްވެސް މީހަކަށް އަލުން ފުލުހުންގެ ވަޒީފާއެއް ނުދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މީހަކަށް ފުލުހެއްގެ ވަޒީފާ ފިޔަވައި ގާނޫނާއި ގަވާއިދު ތަންދޭނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހެން ވަޒީފާއެއް ދިނުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

22 ވަނަ މާއްދާ - ކޮމިށަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް މަގާމުން ރިޓަޔަރ ކުރުން

(ހ) ކޮމިށަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ދެ މަގާމު ކަމަށް ވާތީ އެމަގާމުގައި ހުރި ފުލުހަކު ރިޓަޔަރކުރަން ބޭނުންވެއްޖެ ނަމަ އެކަމަށް ހުށަހަޅާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

(ށ) ކޮމިށަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުރި ފުލުހަކު ގާނޫނީ ގޮތުން ކުށްވެރިނުވެ މަގާމުން ވަކިކުރަން ނުވަތަ މަގާމުން އިސްތިއުފާ ދިނުން، މި ދެ ސަބަބުގެ ތެރެއިން ސަބަބަކާއި ގުޅިގެން ފުލުހުންގެ ހިދުމަތުން ވަކި ވެއްޖެ ނަމަ އެފުލުހަކާއި މެދު އަމަލުކުރަން ވާނީ ރިޓަޔަރކޮށްފައިވާ ކޮމިށަންޑް އޮފިސަރެއްގެ ގޮތުގައެވެ. އަދި މިފަދަ މީހަކަށް މިގަވާއިދުގެ 14 ވަނަ މާއްދާއާ އެއްގޮތަށް އިނާޔަތް ދިނުމުގެ އިތުރުން މިގަވާއިދުގައި ކޮމިށަންޑް އޮފިސަރަކަށް ލިބިގެންވާ އެންމެހާ އެހެނިހެން އިނާޔަތްތައް ލިބިދޭން ވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައިވާ ފަދައިން ރިޓަޔަރ ކުރާ ފަރާތްތައް އެހެން ވަޒީފާއަކަށް ނުދާހާ ހިނދަކު އެމީހަކާއި އެމީހެއްގެ އަނބި ނުވަތަ ފިރިމީހާގެ ބޭސްފަރުވާގެ ކަންތައް ހަމަޖެއްސުމަށް ޕްރީމިއަމް އިންށުއަރެންސް ޕެކެޖެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ފަރާތަކަށް ހަމަޖައްސައިދޭން ވާނެއެވެ. އަދި މިފަދަ މީހަކު އެހެން ވަޒީފާއެއް ލިބުމުން، 15 (ފަނަރަ) ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރިވިސް އަށް ލިޔުމުން އަންގަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި އެމީހަކު އެކަން ނާންގައި އޮވެއްޖެނަމަ، އެމީހަކަށް ހަމަޖައްސައިދީފައިވާ މެޑިކަލް އިންށުއަރެންސްގެ ފުރުސަތު އިތުރަށް ނުދިނުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ރިޓަޔަރކުރުމަށް ފަހު ފިޓްނެސް ސެންޓަރގެ ބޭނުންކުރުން

ރިޓަޔަރ ކޮށްފައިވާ މީހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފިޓްނެސް ސެންޓަރ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާ އުސޫލެއްގެ ނުވަތަ ތާވަލަކާއި އެއްގޮތަށް ބޭނުންކުރެވިދާނެއެވެ.

 

24 ވަނަ މާއްދާ - މަހުން މަހަށް ދެވޭ އިނާޔަތް ހިސާބުކުރުން

މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން، މަހުން މަހަށް ދެވޭ އިނާޔަތް ދިނުމުގައި ބެލެވޭނީ އެއިރަކު ފުލުހުންނަށް ހަމަޖެހިފައިވާ މުސާރައަށެވެ.

 

25 ވަނަ މާއްދާ - މުއްދަތު ބަލާނެ ގޮތް

(ހ) މި ގަވާއިދުގެ ދަށުން އުމުރާއި މުއްދަތު ކަނޑައަޅަންޖެހޭ ހާލަތްތަކުގައި އަމަލުކުރަންވާނީ، މީލާދީ ތާރީހަށެވެ. އަދި މީހަކު ހިދުމަތްކޮށްފައިވާ މުއްދަތު އަހަރަކަށްވުރެ ކުރު ނަމަވެސް 06 (ހައެއް) މަސް ނުވަތަ އެއަށްވުރެ އިތުރުވާނަމަ، އިނާޔަތްތައް ހިސާބުކުރުމުގައި އެއީ އެއްއަހަރު ކަމުގައި ބަލަންވާނެއެވެ.

(ށ) އެއްވެސް އެހެން މުއައްސަސާއެއްގައި ނުވަތަ އޮފީހެއްގައި ވަކި މުއްދަތަކަށް މަސައްކަތް ކުރުމުގެ ސަބަބުން، އެ މުއައްސަސާއަކުން ނުވަތަ އޮފީހަކުން ރިޓަޔަރ ނުވަތަ މުސްކުޅިކުރިކަމުގެ ދަރަޖަދީ، ވަކި އިނާޔަތްތަކެއް ހަމަޖައްސާފައިވާ މީހަކު ރިޓަޔަރ ކުރާއިރު، އޭނާގެ ކުރީގެ ވަޒީފާގެ މުއްދަތު ގުޅުވާފައި އޮތް ކަމުގައި ވީ ނަމަވެސް،  މި ގަވާއިދަށް އަމަލުކުރުމުގައި އަމަލުކުރުމުގައި އެ މުއްދަތު ނުގުނޭނެއެވެ.

 

26 ވަނަ މާއްދާ - ރިޓަޔަރމެންޓް ކާޑު

(ހ) ރިޓަޔަރ ކުރާ ފުލުހުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ރިޓަޔަރމެންޓް ކާޑު ނަމުގައި ހާއްސަ އައިޑެންޓިޓީ ކާޑެއް ދޫކުރަން ވާނެއެވެ.

(ށ) ރިޓަޔަރމެންޓް ކާޑަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެކިއެކި ހިދުމަތް ލިބިގަތުމަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ކުރަންޖެހޭ މުއާމަލާތް ފަސޭހަކަމާއެކު ކުރުމަށް ދޫކުރެވޭ ކާޑަކަށްވާތީ މި ނޫން ބޭނުމަކަށް މިކާޑު ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) ރިޓަޔަރ ކުރެވިފައިވާ މީހަކު މަރުވުމުން، އޭނާއަށް ދޫކުރެވިފައިވާ ރިޓަޔަރމެންޓް ކާޑު، އޭނާގެ ވާރިސުން ނުވަތަ ބަލަދުވެރިން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހަވާލުކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ދިރިއުޅުމަށް ގަސްތުކުރާ މަންޒިލަކަށް ދިއުމުގެ ހަރަދު ދިނުން

ފުލުހުންގެ ވަޒީފާއިން ރިޓަޔަރކޮށްފައިވާ ކޮންމެ މީހަކަށް އެމީހަކު ދިރިއުޅެން ގަސްތުކުރާ މަންޒިލަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއް ނުވަތަ އަވަށެއް ނަމަ، އެމަންޒިލަކަށް ދިއުމަށް ކުރާ ފުރަތަމަ ދަތުރުގެ ޕެސެޖް ފީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޭން ވާނެއެވެ. ޕެސެޖް ފީ ދެވޭނީ ރިޓަޔަރ ކުރާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެމަންޒިލަކަށް ދިއުމަށް ދަތުރު ފަށާނަމައެވެ.

 

28 ވަނަ މާއްދާ - ފުލުހަކަށް ހަމަޖައްސައި ދެވިފައިވާ ބޯހިޔާވަހިކަން

ފުލުހަކު ނުވަތަ ފުލުހެއްގެ އާއިލާ ދިރިއުޅުމަށް އޭނާ އަދާކުރަމުންދާ މަގަމުގެ ހައިސިއްޔަތު ނޫން ގޮތަކަށް ދޫކޮށްފައިވާ ތަން (ހިޔާވަހިކަން) ރިޓަޔަރ ކުރުމަށް ފަހު އެހެން ތަނެއް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުން ގިނަވެގެން 3 (ތިން) މަސްދުވަހުގެ މުއްދަތު ދެވިދާނެއެވެ.

 

29 ވަނަ މާއްދާ - ރިޓަޔަރކުރުމަށް ފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދަށް ވަނުން

(ހ) އާންމު ހާލަތްތަކުގައި އާންމު ރައްޔިތުންނަށް ވަނުމަށް ހުއްދަ ދޫކުރެވިފައިވާ ސަރަހައްދާއި ރިޓަޔަރކޮށްފައިވާ މީހުންނަށް ވަނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުއްދަ ދޫކޮށްފައިވާ ސަރަހައްދު މެނުވީ އެހެން ސަރަހައްދުތަކަށް ރިޓަޔަރކޮށްފައިވާ މީހުން ވަދެގެން ނުވާނެއެވެ.

(ށ) ރިޓަޔަރކޮށްފައިވާ މީހުންނަށް، ވަކި މުނާސަބަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަކި ސަރަހައްދަކަށް ވަނުމަށް ހުއްދަ ދޫކުރެވޭ ހާލަތްތަކުގައި އެފަދަ ސަރަހައްދަށް ވެސް ވަދެ ނުކުމެ އުޅެން ވާނީ އެކަމަށް ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ.

(ނ) ރިޓަޔަރކޮށްފައިވާ މީހުންނަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރަހައްދުތަކުގައިވާ ޕޮލިސް ށޮޕްގެ ފިހާރަ ހުންނަ ސަރަހައްދަށް އެކަމަށް މޯލްޑިވްސް ޕޮލިސް ސަރިވިސް އިން ކަނޑައަޅާ އުސޫލާ އެއްގޮތަށް ވަދެ ނިކުމެ އުޅެވޭނެއެވެ.

 

30 ވަނަ މާއްދާ - ރިޓަޔަރމެންޓްގެ ށަރަފު ނިގުޅައިގަތުން

(ހ) ފުލުހުންގެ ހިދުމަތުން ރިޓަޔަރކޮށްފައިވާ މީހަކު ދިވެހި ދައުލަތަށް ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ދާހިލީ ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެފަދަ އަމަލެއްކުރިކަމަށް ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވިކަމަށް ށަރީއަތުގައި ސާބިތުވެއްޖެނަމަ، އެމީހަކަށް ދެވިފައިވާ ރިޓަޔަރމެންޓްގެ ށަރަފު ނިގުޅައިގަނެވޭނެއެވެ.

(ށ) ރިޓަޔަރމެންޓްގެ ށަރަފު ނިގުޅައިގަތުމުން އެމީހަކަށް މި ގަވާއިދުގެ ދަށުން ލިބެމުން އައި އެންމެހާ އިނާޔަތްތަކުން މަހްރޫމްކުރެވޭނެއެވެ.

(ނ) އެއްވެސް މީހަކަށް ލިބިދީފައިވާ ރިޓަޔަރމެންޓްގެ ށަރަފު ނިގުޅައިގަނެވިއްޖެނަމަ އެކަން ލަސްނުކޮށް އިއުލާންކުރަން ވާނެއެވެ.

 

31 ވަނަ މާއްދާ – ބަހުގެ މާނަ

(ހ) މިގަވާއިދުގައި އެގްޒެކިއުޓިވް ބޯޑު ކަމުގައި ބުނެފައި އެވަނީ، ކޮމިށަނަރ އޮފް ޕޮލިސް އަށް ލަފާއެރުވުމަށް ފުލުހުންގެ އިސް އޮފިސަރުން ށާމިލްކޮށްގެން ކޮމިށަނަރ އޮފް ޕޮލިސް އެކުލަވާލާފައިވާ ބޯޑަށެވެ.

(ށ) މި ގަވާއިދުގައި ކޮމިށަންޑް އޮފިސަރުން ކަމުގައި ބުނެފައި އެވަނީ ސަބް އިންސްޕެކްޓަރުން ފެށިގެން މަތީ ރޭންކްގެ ފުލުހުންނަށެވެ.

(ނ) މިގަވާއިދުގައި "ރިޓަޔަރމަންޓް ޕޭ" ކަމަށް ބުނެފައިވަނީ ރިޓަޔަރ ކުރާ ދުވަހުން ފެށިގެން އެމީހަކަށް މަހުން މަހަށް ދެވޭ ފައިސާއަށެވެ.

 

32 ވަނަ މާއްދާ - އަމަލު ކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ މިގަވާއިދު ފާސްކުރާ ތާރީހުން ފެށިގެންނެވެ. ނަމަވެސް މިގަވާއިދުގެ 4 ވަނަ މާއްދާގެ (ބ) އަދި (ޅ) އާއި 10 އަދި 11 ވަނަ މާއްދާއަށް އަމަލުކުރެވޭނީ މިގަވާއިދު ފާސްކުރާތާ 01 (އެކެއް) އަހަރު ހަމަވާ ދުވަހުން ފެށިގެންނެވެ.

(ށ) ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ތަސްދީގުވުމުގެ ފަހުން ރިޓަޔަރ ކޮށްފައިވާ މީހުންނާ މެދު މިގަވާއިދުގައިވާ ގޮތުގެ މަތީން އަމަލު ކުރަންވާނެއެވެ.

(ނ) މިގަވާއިދު ފާސްވުމުގެ ކުރިން ރިޓަޔަރކޮށްފއިވާ ފަރާތްތަކަށް ރިޓަޔަރމެންޓް ބެނެފިޓްސް ދެވޭނީ މިގަވާއިދު އިސްލާހު ކުރި ތާރީހުން (09 ނޮވެމްބަރ 2009) ފެށިގެން މިގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

 

(މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ޓޭބަލް މި ގަވާއިދުގެ ޕީޑީއެފް ފައިލްގައި އެޓޭޗްކުރެވިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު