ފުލުހުންގެ އާންމު ގަވާއިދު
(200)
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ- ތައާރުފް
މިއީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - މިގަވާއިދުގެ ނަން
މި ގަވާއިދަށް ކިޔާނީ "ފުލުހުންގެ އާންމު ގަވާއިދު'' އެވެ.
3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.
4 ވަނަ މާއްދާ - އެކުލެވިގެންވާ ބާބުތައް
މިއީ 14 ބާބުގެ މައްޗަށް އެކުލެވޭ ގަވާއިދެކެވެ. އެބާބުތަކަކީ؛
(ހ) އެއްވަނަ ބާބު "މައުލޫމާތު ދިނުމާ، މައްސަލަ ހުށަހެޅުމާއި، މައްސަލައާގުޅޭ މަޢުލޫމާތު ދިނުން"
(ށ) ދެވަނަ ބާބު "މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޫކުރާ ރިޕޯޓްތައް"
(ނ) ތިންވަނަ ބާބު ''ސިޓީއަށް ޖަވާބު ދިނުމާއި، ބިލާއި، ފައިސާއާއި، ޗެކްފަދަ ލިޔެކިއުންތަކަށް ޢަމަލު ކުރަންވީ ގޮތާއި، އެޕޮއިންޓްމަންޓް ހެއްދުން"
(ރ) ހަތަރުވަނަ ބާބު "މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހައްޔަރުކުރާ މޯ މީހުންނާއި ދޫކުރާ މީހުން"
(ބ) ފަސްވަނަ ބާބު "ސީން އޮފް އިންސިޑެންޓާއި ސީން އޮފް ކްރައިމް"
(ޅ) ހަވަނަ ބާބު "ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން"
(ކ) ހަތްވަނަ ބާބު "މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުން"
(އ) އަށްވަނަ ބާބު "ބިޑިއެޅުވުން"
(ވ) ނުވަވަނަ ބާބު "މީޑިއާ ޕޮލިސީ"
(މ) ދިހަވަނަ ބާބު "ސްޕޮންސަރށިޕް"
(ފ) އެގާރަވަނަ ބާބު "މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކަށް ވަދެ ނިކުމެ އުޅުމާއި ރަށްރަށަށް އަރާ ފޭބުން"
(ދ) ބާރަވަނަ ބާބު "ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކްކޮށްފައި ހުންނަ އެއްގަމު އުޅަނދު ނެގުން"
(ތ) ތޭރަވަނަ ބާބު "އޯޑިއޯ ރިކޯޑްކުރުމާއި ދޫކުރުން
(ލ) ސާދަވަނަ ބާބު "ތަހްގީގަށް ހާޒިރުކުރުން"
އެއްވަނަ ބާބު
މައުލޫމާތު ދިނުމާއި، މައްސަލަ ހުށަހެޅުމާއި، މައްސަލަ އާއި ގުޅޭ މައުލޫމާތު ސާފުކުރުން
5 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމާއި މައުލޫމާތު ސާފުކުރުން
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މަޢުލޫމާތު ދިނުމާ، މައްސަލަ ހުށަހެޅުމާއި އަދި މައްސަލައާގުޅޭ މައުލޫމާތު ސާފުކުރުމުގެ އެންމެހާ ކަންތައްތައް ހިންގޭނީ މިބާބުގައިވާ ގޮތުގެ މަތީންނެވެ.
6 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން
ފުލުހުންގެ ޤާނޫނުގައި ފުލުހުންނަށް ލާޒިމުކުރާ ކަންކަމާއި ގުޅިގެން ކޮންމެ މައްސަލައެއް ވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިދާނެއެވެ.
7 ވަނަ މާއްދާ - މައުލޫމާތު ދޭފަރާތް
މިގަވާއިދުގެ މަގްސަދަށްޓަކައި މައުލޫމާތު ދޭ ފަރާތަކީ ކުށެއް ކުރިކަމުގެ ނުވަތަ ކުށެއް ކުރަމުން ދާކަމުގެ ނުވަތަ ކުށެއް ކުރާނެ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ނުވަތަ ހާދިސާއެއް ހިނގައިގެން އެކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދޭ ކޮންމެ ފަރާތެކެވެ.
8 ވަނަ މާއްދާ - މައްސަލަ ހުށަހަޅާ ފަރާތް
މއްސަލަ ހުށަހަޅާ ފަރާތަކީ ފުލުހުން ތަހުގީގު ކުރަންޖެހޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާ ކޮންމެ ފަރާތެވެ.
9 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ވަގުތު
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް މައްސަލަ ހުށަހެޅިދާނެއެވެ.
10 ވަނަ މާއްދާ – މައްސަލަ ހުށަހެޅޭނެ ތަން
ފުލުހުންގެ ހިދުމަތްދޭ ކޮންމެ މަރުކަޒަކަށް މައްސަލަ ހުށަހެޅިދާނެއެވެ.
11 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭނެ ގޮތް
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައްސަލަ ހުށަހެޅޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ފޯނުގެ ޒަރިއްޔާއިން؛
(ށ) ލިޔުމުން؛
(ނ) ފެކްސްގެ ޒަރިއްޔާއިން؛
(ރ) އީމެއިލްގެ ޒަރިއްޔާއިން؛
(ބ) ޕޮލިސް ސްޓޭށަނަށް ހާޒިރުވެ؛
ޕޮލިސް ވެބްސައިޓްގެ އޮންލައިން ފެސިލިޓީން.
12 ވަނަ މާއްދާ - ކާކުކަން އަންގައިދޭ މައުލޫމާތު ދިނުން
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައްސަލައެއް ހުށަހަޅާނަމަ، އެމައްސަލަ ކާކުކަން އަންގައިދޭ އަންގައިދޭ މަޢުލޫމާތު ދޭން ވާނެއެވެ. ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައުލޫމާތެއް ދޭ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު ދިނުމަކީ ލާޒިމް ކަމެއް ނޫނެވެ.
13 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުން ދޫކުރުންން
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައްސަލަ ހުށަހެޅުމުން އެމައްސަލައިގެ މައުލޫމާތު ސާފުކުރުމަށްފަހު މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ ލިޔުމެއް އެމައްސަލަ ހުށަހެޅި ފަރާތަށް ދޫކުރަން ވާނެއެވެ.
14 ވަނަ މާއްދާ - މައްސަލައާގުޅޭ މައުލޫމާތު ސާފުކުރުން
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން އެ މައްސަލައަކާ ގުޅުން ހުރި ފަރާތަކުން މައުލޫމާތެއް ސާފުކުރަން ބޭނުން ވެއްޖެނަމަ، ތަހުގީގަށް ދަތިނުވާ ގޮތުގެ މަތިން އެމައްސަލައަކާ ގުޅޭ މައުލޫމާތު ސާފުކޮށް ދޭންވާނެއެވެ.
15 ވަނަ މާއްދާ- މައްސަލަ ނިމުނު ގޮތް އެންގުން
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅޭ މައްސަލަތައް ތަހުގީގްކޮށް ނިންމުމަށްފަހު އެމައްސަލަ ހުށަހަޅާ ފަރާތަށާއި ތުހުމަތުކުރެވޭ ފަރާތަށް މައްސަލަ ނިންމި ގޮތް އަންގަން ވާނެއެވެ.
ދެވަނަ ބާބު
މޯލްޑިވްސް ޕޮލިސް ސަރިވސް އިން ދޫކުރާ ރިޕޯޓްތައް
16 ވަނަ މާއްދާ- ރިޕޯޓް ހޯދުމަށް ހުށަހެޅުން
(ހ) މިގަވާއިދުގައި ބަޔާންކުރާ ކޮންމެ ރިޕޯޓެއް ހޯދަން ބޭނުންވާ ކޮންމެ ފަރާތަކަށް އެ ރިޕޯޓެއް ހޯދުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިދާނެއެވެ. އެހެން މީހެއްގެ ފަރާތުން ރިޕޯޓަށް އެދެވޭނީ މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިނުވާ ކުޑަކުދިންނާ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، މަގުބޫލު އުޒުރެއް މެދުވެރިވެގެން އެފަރާތްތަކުގެ ބެލެނިވެރިއެއް ނުވަތަ އެފަރާތުން ކަނޑައަޅާ މީހަކަށެވެ.
(ށ) މި ގަވާއިދުގައި ބަޔާންކުރާ ކޮންމެ ރިޕޯޓެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައި ވެސް ހުށަހެޅިދާނެއެވެ.
(ނ) މި ގަވާއިދުގައި ބަޔާންކުރާ ކޮންމެ ރިޕޯޓެއް ހޯދުމަށް ޕޮލިސް ސްޓޭށަނަކަށް ހުށަހެޅިދާނެއެވެ.
(ރ) މި ގަވާއިދުގައި ބަޔާންކުރާ ރިޕޯޓެއް ހޯދުމަށް ވަކި ފޯމެއް ހުށަހަޅަން ބަޔާންކޮށްފައި ނުވާނަމަ، ތިރީގައި ބަޔާންކުރާ ކޮންމެ ގޮތަކަށް ވެސް ރިޕޯޓް ހޯދުމަށް އެދި ހުށަހެޅިދާނެއެވެ.
- ޕޮލިސް ސްޓޭށަނަށް ހާޒިރުވެ؛
- ލިޔުމުން.
17 ވަނަ މާއްދާ - ޕޮލިސް ސެޓްފިކެޓް (މި މާއްދާ އުވާލެވިފައި)
18 ވަނަ މާއްދާ - ލޮސްޓް ރިޕޯޓް (ގެއްލޭ ތަކެތީގެ ރިޕޯޓް)
(ހ) ލޮސްޓް ރިޕޯޓަކީ އެފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި އެހެން މީހެއްގެ މުދަލެއް ނުވަތަ އެނޫންވެސް އެއްޗެއް ގެއްލިގެން ނުވަތަ އެފަދަ މުދަލަކަށް ނުވަތަ އެއްޗަކަށް ވީނުވީއެއް ނޭނގިގެން ހުށަހަޅާ މައްސަލަތަކުގައި އެތަކެތި ގެއްލިގެން ނުވަތަ ވީނުވީއެއް ނޭނގިގެން މޯ ލްޑްވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައިވާކަން އަންގައި ދިނުމަށްޓަކައި ދޫކުރާ ރިޕޯޓެކެވެ.
(ށ) ލޮސްޓް ރިޕޯޓް ދޫކުރަންވާނީ މައްސަލައިގެ ތަހުގީގް ނިމުމުން ނުވަތަ މިފަދަ ރިޕޯޓެއް ދޫކުރެވޭ ވަރަށް އެމައްސަލައިގެ ތަހުގީގް ކުރިއަށް ގެންދިއުމަށް ފަހުއެވެ.
19 ވަނަ މާއްދާ - ޕޮލިސް ރިޕޯޓް
ޕޮލިސް ރިޕޯޓަކީ މައްސަލައަކާ ގުޅިގެން އެމައްސަލައެއްގެ ތަހުގީގްގައި ފާހަގަ ކުރެވުނު މުހިންމު ކަންތައްތައް ހުލާސާކޮށް ބަޔާންކޮށް ދޫކުރާ ރިޕޯޓެކެވެ. ތަހުގީގް ހިނގަމުންދާ މައްސަލައެއްގައި ޕޮލިސް ރިޕޯޓެއް ބޭނުން ވެއްޖެނަމަ އެ މައްސަލައިގެ ތަހުގީގް ނުނިމޭކަން އެ ރިޕޯޓްގައި ބަޔާންކުރުމަށްފަހު ޕޮލިސް ރިޕޯޓެއް ދޫކުރެވިދާނެއެވެ.
ތިންވަނަ ބާބު
ސިޓީއަށް ޖަވާބު ދިނުމާއި، ބިލާއި، ފައިސާއާއި ޗެކްފަދަ ލިޔެކިޔުންތަކަށް އަމަލުކުރަންވީ ގޮތާއި، އެޕޮއިންޓްމަންޓް ހެއްދުން
20 ވަނަ މާއްދާ - ސިޓީގެ ޖަވާބު ދިނުން
(ހ) އެކިއެކި ކަންކަމާ ގުޅިގެން ޢާންމު ފަރާތްތަކުން ޕޮލިސް ސްޓޭށަންތަކަށް، މަޢުލޫމާތު ސާފުކުރުމަށްޓަކައި ސިޓީ އާއި މިނޫންވެސް މިފަދަ ލިޔުން ހުށަހެޅިދާނެއެވެ. އެފަދަ ސިޓީތަކުގެ ނުވަތަ ލިޔުންތަކުގެ ޖަވާބު، 03 ދުވަހުގެތެރޭގައި ސިޓީ ފޮނުވި ފަރާތަށް ލިޔުމުން ދޭން ވާނެއެވެ. މަތީގައި ބަޔާން ކުރެވުނު 03 ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސް ނުހިމަނައެވެ. އަދި މިފަދަ ސިޓީތަކުގެ ޖަވާބު ޕޮލިސް ހެޑްކްއޯޓަރޒުންނާއި ޕޮލިސް ސްޓޭށަންތަކުން ދޫކުރާނީ ރަސްމީ ގަޑިތަކުގައެވެ.
(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުކަޒެއްގައި ކުށެއްގެ ތުހުމަތުގައި، ބަންދުކޮށްފައިވާ މީހަކަށް، އެމީހަކު އެދޭ ފަރާތަކަށް ސިޓީ ފޮނުވުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް ބަންދުގައިވާ މީހާއަށް، އެހެން ފަރާތަކުން ފޮނުވާ ސިޓީ އެމީހާއަށް ރައްދުކޮށްދޭނީ މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށެވެ.
(ނ) ޑކުށެއްގެ ތުހުމަތުގައި، މޯ ލްޑިވްސް ޕޮލިސް ސަރވިސް މަރުކަޒެއްގައި ބަންދުގައިވާ މީހަކު މޯލްޑިވްސް ޕޮލިސް ސަރިވސްއަށް އަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާނަމަ، އެސިޓއެއް ފޮނުވަން ވާނީ އެމީހަކު ބަންދުކުރެވިފައިވާ މަރުކަޒެއް މެދުވެރިކޮށެވެ. އަދި މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖަވާބު ބަލާ އަންނަ ފަރާތް، އެމީހަކީ ކާކުކަން އަންގައިދޭ ފޮޓޯ ޖެހި ރަސްމީ ލިޔުމެއް ގެނައުމުން އެމީހަކަށް އެސިޓީގެ ޖަވާބު ރައްދު ކުރެވޭނެއެވެ.
21 ވަނަ މާއްދާ - ފައިސާއާއި ބިލްފަދަ ތަކެތި ބަލައިގަތުމާޢި ބިލަށް ފައިސާ ދެއްކުން
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހަވާލު ކުރަންޖެހޭ ފައިސާ އާއި ބިލް އަދި ޗެކް ފަދަ ތަކެތި ޙަވާލުކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓަށެވެ. ފައިނޭންސް ޑިޕާރޓްމަންޓާއި ހަވާލު ކުރުމަށްޓަކައި އަތޮޅުތަކުގައި ހުންނަ ޕޮލިސް ސްޓޭށަނަށްވެސް އެތަކެތި ހަވާލުކުރެވިދާނެއެވެ.
22 ވަނަ މާއްދާ – އެޕޮއިންޓްމެންޓް ހެއްދުން
ކޮމިށަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއާ ބައްދަލު އެޕޮއިންޓްމަންޓް ހެއްދޭނީ ތިރީގައިވާ ގޮތްތަކުގެ މަތިންނެވެ.
(ހ) ޕޮލިސް ހެޑްކުއޯޓާރޒަށް ހާޒިރުވެ؛
(ށ) ފޯނުން؛
(ނ) ސިޓީން؛
(ރ) އީމެއިލުން؛
(ބ) ޕޮލިސް ވެބްސައިޓް މެދުވެރިކޮށް.
23 ވަނަ މާއްދާ - އެޕޮއިންޓްމަންޓަށް އެދޭ ފަރާތުގެ މައުލޫމާތު ދިނުން
ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސް އާ ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާނަމަ، ބައްދަލު ކުރަން ބޭނުންވާ މީހާގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯން ނަންބަރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދޭންވާނެއެވެ.
24 ވަނަ މާއްދާ – އެޕޮއިންޓްމެންޓްގެ ވަގުތު
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮމިށަންޑް އޮފިސަރަކާ ބައްދަލު ކުރުމަށއެޕޮއިންޓްމަންޓް ހެއްދުމުން، 24 ގަޑިއިރުގެ ތެރޭގައި އެމީހަކަށް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ތާރީހާއި ގަޑި އަންގަންވާނެއެވެ.
25 ވަނަ މާއްދާ - ބައްދަލުވުމަށް އެހެން މީހަކު ކަނޑައެޅުން
ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއާ ބައްދަލުވުމަށް އެހެން މީހަކު ކަނޑައެޅުން ބައްދަލު ކުރަން އެދޭތާ 7 ދުވަހުގެ ތެރޭގައި ޖަވާބެއް ދޭން ވާނެއެވެ. ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއަށް އެމީހަކާ ބައްދަލު ކުރެވެން ނެތް ހާލަތެއްގައި ބަދަލުގައި އެހެން މީހަކު ކަނޑައެޅިދާނެއެވެ.
ހަތަރުވަނަ ބާބު
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހައްޔަރުކުރާ މީހުންނާއި ދޫކުރާ މީހުން
26 ވަނަ މާއްދާ – މާނަ
(ހ) މިބާބުގެ މަގްސަދަށްޓަކައި 'ޕޮލިސް ކަސްޓަޑީ' ކަމަށް ބުނެފައިވަނީ، ފުލުހުންގެ މަރުކަޒުތަކުގެ ތެރެއިން މީހުން ހައްޔަރުކުރުމުގެ ވަސީލަތް ގާއިމްކުރެވިފައި ހުންނަ މަރުކަޒުތަކަށެވެ.
(ށ) 'ޕޮލިސް ކަސްޓަޑީގައި ތިބޭ މީހުން' ކަމަށް ބުނެފައިވަނީ، މޯ ޕޮލިސް ސަރވިސް އިން ތަހްގީގްކުރާ މައްސަލަތަކުގައި ތުހުމަތަށް ހައްޔަރުކުރެވޭ ނުވަތަ ކޯޓު އަމުރަކަށް ހައްޔަރު ކުރާ މީހުންނެވެ.
(ނ) 'ސެލް' ކަމަށް ބުނެފައިވަނީ ޕޮލިސް ޑިޓެންށަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ހުންނަ ވަކި ގޮޅިތަކަށެވެ.
27 ވަނަ މާއްދާ - ޕޮލިސް ކަސްޓަޑީއަށް މީހުން ގެނައުން
މި ޤަވާޢިދުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މީހުން ޕޮލިސް ކަސްޓަޑީއަށް ގެންދަން ވާނީ މި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
28 ވަނަ މާއްދާ - ޕޮލިސް ކަސްޓަޑީގައި ތިބޭ މީހުންގެ މައުލޫމާތު
ޕޮލިސް ކަސްޓަޑީއަށް ގެނެވޭ މީހުންގެ އަންނަނިވި މައުލޫމާތު ނެގޭނެއެވެ.
(ހ) ޕޮލިސް ކަސްޓައީއަށް ގެނެވޭ މީހާގެ ވަނަވަރު؛ މިގަވާއިދުގެ ޖަދުވަލު 02 ގައި ނަމޫނާ ހިމެނިފައިވާނެއެވެ.
(ށ) ފިންގަރޕްރިންޓް (އިނގިލީގެ ނިށާން)؛
(ނ) ފޮޓޯ؛
(ރ) ޕޮލިސް ކަސްޓަޑީއަށް ގެނެވޭ މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާނަމަ، އެކަން؛
(ބ) ޕޮލިސް ކަސްޓަޑީއަށް ގެނެވޭ މީހުންގެ ހަށިގަނޑުގެ ބަރުދަނާއި އިސްކޮޅު؛
29 ވަނަ މާއްދާ - ޕޮލިސް ކަސްޓަޑީއަށް ވެއްދުން ހުއްދަ ތަކެތި
ޕޮލިސް ކަސްޓަޑީއަށް ގެނެވޭ މީހުންނަށް ތިރީގައި އެވާ ތަކެތި ހޯދައި ދެވޭނެއެވެ.
(ހ) ކީރިތި ގުރުއާނާއި ކީރިތި ގުރުއާނުގެ ތަރުޖަމާ؛
(ށ) އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުން ފާސްކޮށްފައިވާ ދީނީ ފޮތް؛
(ނ) އަންހެނުން ނަމާދުކުރާ ދޮޅި އަދި ސްޓާކިން ނުވަތަ ފިރިހެނުންނަށް ރުމާ/ތާކިހާ؛
(ރ) ފެންވަރާ ގައިން ތާހިރުވުމަށް ބޭނުންވާ ސާމާނު؛
(ބ) ލިޔެކިޔުމަށް ބޭނުންވާ ކަރުދާހާއި ދެލި؛
(ޅ) ތުވާލި؛
(ކ) އަންނައުނު؛
(އ) ސަރުކާރުން ފާސްކޮށްފައިވާ ނޫސް މަޖައްލާ؛
(ވ) ފެން ފައިވާން ޖޯޑު؛
(މ) އެތެރޭގައި ކުޅެވޭ ކުޅިވަރުތައް ކުޅުމަށް ކަރުދާސް ތާސްބައި ފަދަ ތަކެތި؛
(ފ) ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ބޭނުންވާ ތަކެތި.
30 ވަނަ މާއްދާ - ޕޮލިސް ކަސްޓަޑީގައި ތިބޭ މީހުންގެ އަތުން ތަކެތި އަތުލުން
(ހ) ޕޮލިސް ކަސްޓަޑީގައި ތިބޭ މީހުން، ސެލްއަށް ވެއްދުމުގެ ކުރިން އެމީހެއްގެ ހަށިގަނޑު ބަލާފާސްކުރުމަށްފަހު އޭނާގެ އަތުގައި ހުރި ތަކެތީގެ ތެރެއިން ސެލްއަށް ވެއްދުން ހުއްދަކުރާ ތަކެތި ފިޔަވައި އެހެން ހުރިހާ ތަކެތި އަތުލެވޭނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ކަސްޓޯޑިއަލްގެ ބެލުމުގެ ދަށަށް ނެގުމަށްފަހު އެތަކެތީގެ ތަފްސީލް ލިޔެ އެތަކެތި ބަލައިގަތް ކަމުގެ ރަސީދެއް ހައްޔަރު ކުރެވޭ މީހާއަށް ވަގުތުން ދޭންވާނެއެވެ.
31 ވަނަ މާއްދާ - ސެލްއަށް ވެއްދުމުގެ ކުރިން ލިބިދޭނެ ތަކެތި
(ހ) ޕޮލިސް ކަސްޓަޑީގައި މީހުން ތިބޭއިރު، ތިރީގައިވާ ތަކެތި އޭނާގެ އަތުގައި ނެތްނަމަ، މިތަކެތި އޭނާ ދިރިއުޅޭ ތަނަކުން ގެނައުމުގެ ފުރުސަތު ދޭންވާނެއެވެ. ނަމަވެސް އެތަކެތި ގެނެވެން ނެތް މީހުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތިރީގައިވާ ތަކެތި ދޭންވާނެއެވެ.
- ސައިބޯނި
- ދަތް އުނގުޅާ ބުރުސް އަދި ބޭސް،
- ތުވާލި؛
- އަންނައުނު ނެތްނަމަ، އޭނާ ސާފުތާހިރުކޮށް ހުރުމަށް ބޭނުންވާ މިންވަރަކަށް އަންނައުނު؛
- ފެން ފައިވާން ޖޯޑެއް.
(ށ) ސެލްއަށް ވައްދާ ކޮންމެ މީހަކަށް އަނބުރާ ދައްކާ ގޮތަށް ބާލީހެއް، ބާލީހުގެ އުރައެއް، އަދި ކުނަލެއް ދޭންވާނެއެވެ.
32 ވަނަ މާއްދާ - ހައްޔަރުގައި ހުންނައިރު ލިބޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތައް
ޕޮލިސް ކަސްޓަޑީގައި ތިބޭ މީހުންނަށް ތިރީގައިވާ އިނާޔަތްތަކާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ވާނެއެވެ.
(ހ) ގަލާ ހާޖަތްކޮށް ފެންވެރުމަށް ބޭނުންވާ ފެން؛
(ށ) ބޯފެނާ އަދި ތިންއިރުގެ ކެއުން؛ ކެއުން ލިބޭ ގަޑިތަކަކީ؛
- ހެނދުނު ސައި؛
- މެންދުރު ކެއުން؛
- ރޭގަނޑު ކެއުން؛
(ނ) ވަކި ކާއެއްޗެއް، ވަކި ގަޑިއެއްގައި ކާންދިނުމަށް ޑޮކްޓަރު، ބޭސް ސިޓީގައި ލިޔެފިނަމަ އެތަކެތި އެމީހަކަށް ދޭން ވާނެއެވެ.
(ރ) ސެލްއަކަށް މީހަކު ވެއްދުމުގެ ކުރިން އެ ސެލް ހުންނަން ޖެހޭނީ ސާފުތާހިރުކޮށްފައެވެ.
(ބ) ސެލްގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ސެލްތައް ސާފުތާހިރުކޮށް ބަލަހައްޓަން ޖެހޭނެއެވެ.
(ޅ) އަންނައުނު ދާވެގެން ބުނުމުން، އެތަކެތި ދޮވުމަށް ދޮންނަކުނޑި ދޭން ވާނެއެވެ.
(ކ) ތުބުޅި މަތިމަސް ބާލަން ބޭނުންވާ މީހުންނަށް ޑިޔުޓީ މީހާގެ ބެލުމުގެ ދަށުން ތުބުޅިމަތިމަސް ބޭލުމުގެ ކަންތައް ހަމަޖައްސައި ދޭންވާނެއެވެ.
(އ) ނިޔަފަތި ކަނޑަން ބޭނުންވާ މީހުންނަށް، ޑިއުޓީ މީހުންގެ ބެލުމުގެ ދަށުން ނިޔަފަތި ކެނޑުމުގެ ކަންތައްތައް ހަމަޖައްސައި ދޭންވާނެއެވެ.
(ވ) ބޯކޮށަން ބޭނުންވާ މީހުން ޕޮލިސް ކަސްޓަޑީގެ ސެލްއިން ބޭރަށް ނެރެ ބޯކޮށައި ދޭންވާނެއެވެ.
(މ) ހައްޔަރުކުރެވިފައިވާ މީހުނަށް ޑޮކްޓަރަކު ލިޔެދީފައިވާ ބޭސް، އެބޭސް ކާން ޖެހޭ ގަޑިތަކުގައި ދޭންވާނެއެވެ.
(ފ) ޕޮލިސް ކަސްޓަޑީގައި ހައްޔަރުކޮށްފައިވާ މީހަކު އެދިއްޖެ ހާލެއްގައި، ހައްޔަރުކޮށްފައިވާ މައްސަލައިގެ ތަހުގީގަށް ބުރޫއަނާރާ ގޮތަށް، އޭނާގެ އާއިލާގެ މީހަކަށް ފޯނު ކުރުމަށް ފުރުސަތު ދޭންވާނެއެވެ. ބިދޭސީއެއް ނަމަ، އޭނާގެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު ނުވަތަ ރެޕްރެޒެންޓޭޓިވް ހުންނަ ތަނަކަށް ނުވަތަ އޮފީހަކަށް ފޯނު ކުރުމަށް ފުރުސަތު ދޭން ވާނެއެވެ.
(ދ) ޕޮލިސް ކަސްޓަޑީގައި ތިބޭ މީހުން ހައްޔަރުކޮށްފައި ތިބޭ މުއްދަތުގައި، ސަރުކާރުގެ އިދާރާތަކާއި ކޮމިށަންތަކަށް ފޮނުވުމަށްޓަކާ ދޭ ސިޓީ، ބަންދުކޮށްފައިވާ ސިޓީ އުރައިގައިވާ ލިޔެކިޔުމަށް، އެއްވެސް އުނިއިތުރެއް ގެނައުމެއް ނެތި އެފަރާތްތަކަށް ފޮނުވައި ދޭންވާނެއެވެ. އަދި ކުރިން ބުނެވިދިޔަ މުއައްސަސާތަކުން އެމީހަކަށް އަންނަ ސިޓީ އޭނާ އެވަގުތު ޕޮލިސް ކަސްޓަޑީގައި ހުރިނަމަ، އޭނާއަށް ރައްދުކޮށް ދޭން ވާނެއެވެ. އަދި އެމީހާ ޕޮލިސް ކަސްޓަޑީގައި އެވަގުތު ނެތް ނަމަ، ސިޓީ ފޮނުވި ފަރާތަކަށް އެސިޓީ އަނބުރާ ފޮނުވައި ދޭން ވާނެއެވެ.
(ތ) ޕޮލިސް ކަސްޓަޑީގައި، މީހަކު ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި އޭނާ ވަޒީފާ އަދާކުރާ ތަނަށް، އޭނާ ކުރާ މަސައްކަތަކާ ގުޅިގެން ފޮނުވަން ޖެހޭ ލިޔެކިޔުން ފޮނުވުމުގެ ފުރުސަތު ލިބިދެވޭނެއެވެ. ކޮންމެހެން ބޭނުންވެއްޖެ ހިނދެއްގައި މިފަދަ ލިޔެކިޔުންތައް ފުލުހުންނަށް ބަލައި ފާސްކުރެވިދާނެއެވެ. އަދި ހަމަ އެބީދައިން އެމީހާއަށް އަންނަ ލިޔެކިޔުންތައްވެސް ފުލުހުނަށް ބަލައި ފާސްކުރެވިދާނެއެވެ.
33 ވަނަ މާއްދާ - ބޭސްފަރުވާ ކުރުން
(ހ) ޕޮލިސް ކަސްޓަޑީއަށް މީހަކު ގެނައިރު އޭނާގެ ހަށިގަނޑަށް އެއްވެސް ބޭސްފަރުވާ ކުރުން އަނިޔާއެއް ލިބިފައިވާނަމަ އަދި އެއަނިޔާއަށް ބޭސްފަރުވާ ކުރުމަށް ޑޮކްޓަރަށް ދައްކާފައި ނުވާނަމަ، ވަގުތުން އޭނާ ޑޮކްޓަރަށް ދައްކާ ބޭސް ފަރުވާކޮށް ދޭންޖެހޭނެއެވެ.
(ށ) ޕޮލިސް ކަސްޓަޑީގައި ހުންނަ މީހަކު ބަލިވެއްޖެނަމަ، ޕޮލިސް ކަސްޓަޑީގައި ހުންނަ މުއްދަތުގައި ބޭސްފަރުވާ ކޮށްދޭންވާނެއެވެ.
(ނ) ޕޮލިސް ކަސްޓަޑީގައި ތިބޭ މީހުން ބަލިވެގެން، ވަކި ޑޮކްޓަރަކަށް ދެއްކުމަށް ޝަރުތެއް ނުކުރެވޭނެއެވެ. ނަމަވެސް އޭނާގެ ބައްޔާ ގުޅޭ ބޭސްފަރުވާ ކުރެވޭނީ ވަކި ޑޮކްޓަރަކަށް ދައްކައިގެން ކަމަށް ގަބޫލްކުރެވޭނަމަ، ނުވަތަ ޑޮކްޓަރަކު އެގޮތަށް ލަފާ ދީފިނަމަ އެފަދަ ޑޮކްޓަރަކަށް އޭނާ ދައްކަންވާނެއެވެ.
(ރ) ޕޮލިސް ކަސްޓަޑީގައި ތިބޭ މީހުންގެ ތެރެއިން މީހަކު ހަސްފަތާލުގައި ނުވަތަ ސިއްޙީ ހިދުމަތް ދޭ ތަނެއްގައި އެނދުމަތިކޮށްފިނަމަ އޭނާ ބަލަހައްޓާނީ ފުލުހުންނެވެ.
(ބ) ޕޮލިސް ކަސްޓަޑީގައި ހުރި މީހަކު އެނދުމަތި ކޮށްފައިވަނިކޮށް، ހައްޔަރުން އޭނާ ދޫކޮށްފިނަމަ، ނުވަތަ ގޭބަންދަށް ބަދަލުކޮށްފިނަމަ، ހައްޔަރުން ދޫކޮށް ނުވަތަ ގޭބަންދަށް ބަދަލުކުރާ ވަގުތުން ފެށިގެން، އޭނާ ބެލެހެއްޓުން ހަވާލުވާނީ އޭނާގެ އާއިލާއާއެވެ. ނަމަވެސް މިފަދަ މީހުން ޑޮކްޓަރު ދޫކޮށްލަންދެން އެމީހާގެ ބޭސްފަރުވާގެ ހަރަދު ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.
(ޅ) ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައި ތިބޭ މީހުންގެ ތެރެއިން، ވަގުތުން ޑޮކްޓަރަށް ދައްކަން ޖެހޭ މީހުން ވަގުތުން ޑޮކްޓަރަށް ދައްކާ ފަރުވާ ދޭންވާނެއެވެ. ޑޮކްޓަރަށް ދައްކަން އެދޭ އެނޫން މީހުންނަށް 24 ގަޑިއިރު ތެރޭގައި، ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދާދޭން ޖެހޭނެއެވެ.
(ކ) ޕޮލިސް ކަސްޓަޑީގައި ހުންނަ މީހަކަށް ކުއްލިއަކަށް ދިމާވާ ސިއްޙީ ކަމެއްގައި ވަގުތުން އެކަން އެންގޭނެ ގޮތަށް އެމީހުން ފެންނަ ހިސާބުގައި ޑިއުޓީގައި ފުލުހަކު ހުންނަން ވާނެއެވެ.
34 ވަނަ މާއްދާ - އާއިލީ ބައްދަލުވުން
(ހ) ޕޮލިސް ކަސްޓަޑީގައި ހުންނަ މީހަކާ ބައްދަލުކުރުމަށް އެދޭ ފަރާތްތަކުން މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ އާއިލީ ބައްދަލުވުން ފޯމް ފުރިހަމަ ކުރުމަށްފަހު ޕޮލިސް ސްޓޭށަނަކަށް ނުވަތަ މާލޭ ކަސްޓޯޑިއަލް އަށް ހުށަހަޅަންވާނެއެވެ. މިފޯމް ޕޮލިސް ސްޓޭށަންތަކުންނާއި ކަސްޓޯޑިއަލް އަދި ޕޮލިސް ވެބްސައިޓުން ލިބެން ހުންނާނެއެވެ.
(ށ) ޕޮލިސް ކަސްޓަޑީގައި ހުންނަ މީހަކާ، އޭނާ ހައްޔަރުކުރެވުނުތާ 48 ގަޑިއިރުގެ ތެރޭގައި މިމާއްދާގެ (ބ)ގެ (4) ގައިވާ މީހުންކުރެ އޭނާ އެދޭ މީހަކަށް، އޭނާއާ ބައްދަލުކޮށްދިނުމުގެ ފުރުސަތު ލިބިގެންވާކަން އަންގާ، ވީއެންމެ އަވަހަކަށް، ބައްދަލުވުމުގެ ފުރުސަތު އޭނާއަށް ދޭންވާނެއެވެ.
(ނ) ޕޮލިސް ކަސްޓަޑީގައި ހުންނަ މީހަކާ ބައްދަލުކުރުމަށް އެދޭ ފަރާތްތަކުން ޖަދުވަލު - 03 ގައިވާ ފޯމް ފުރިހަމަކުރުމަށް ފަހު މާލޭ ކަސްޓޯޑިއަލް އަށް ނުވަތަ އަތޮޅުތެރޭގައި ނަމަ ޕޮލިސް ސްޓޭށަނަކަށް ހުށަހެޅުމުން މިޤަވާޢިދުގެ ޖަދުވަލު - 04 ގައިވާ ޖަވާބު ސްލިޕަކުން ލަސްނުކޮށް ބައްދަލުވުން ބޭއްވޭނެ ތަނަކާއި، ތާރީހާއި ގަޑިއެއް އެފަރާތަށް އަންގަން ވާނެއެވެ. އަދި މިބައްދަލުވުން ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ބާއްވަން ޖެހޭނެއެވެ. މިގޮތުން ބާއްވާ ބައްދަލުން ބާއްވާނީ ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުގައި ހުރި ޕޮލިސް ކަސްޓަޑީގައި ހުންނަ ބައްދަލުކުރާ ކޮޓަރިއެއްގައެވެ.
(ރ) ހައްޔަރުގައިވާމީހާއާ ކުރެވޭ ހުރިހާ ބައްދަލުވުންތަކުގެ ރިކޯޑް ބަލަހައްޓާން ވާނެއެވެ.
(ބ) ޕޮލިސް ކަސްޓަޑީގައިވާ މީހާއާ ބައްދަލުކުރުމަށް ފުރުސަތު ދެވޭނީ ތިރީގައިވާ ށަރުޠުތައް ފުރިހަމަވާ މީހުންނަށެވެ.
- ގާނޫނީ ބަންދެއްގައިވާ މީހަކު ކަމުގައި ނުވުން؛
- ޕޮލިސް ކަސްޓަޑީގައިވާ މީހަކީ ބައްދަލުކުރުމަށް ކުރިން ދެވުނު ފުރުސަތެއްގައި މި ގަވާއިދުގައި ބުނެފައިވާ ކަމަކާއި ހިލާފްވެގެން މި މާއްދާގެ (އ)ގައިވާ ފަދަ ސަބަބަކާއި ހުރެ ބައްދަލުވުން ހުއްޓާލެވިފައިވާ މީހަކު ކަމުގައި ނުވުން؛
- ށަރުއީ ކޯޓަކަށް ނުވަތަ ސަރުކާރުގެ އިދާރާއަކަށް ފިލައިގެން އުޅޭ މީހަކު ކަމުގައި ނުވުން؛
- ޕޮލިސް ކަސްޓަޑީގައިވާ މީހަކީ ބައްދަލު ކުރުމަށް އެދުނު ފަރާތުގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިފުޅު، ދަނބިދަރިފުޅު، ޅީދަރިފުޅު، އެއްބަނޑު އެއްބަފާ މީހެއް، ދެބެންގެ ދެދަރި، ބެލެނިވެރިޔާ ނުވަތަ ބަލަދު އަރާފައިވާ މީހެއް ކަމުގައިވުން، ނުވަތަ ބަންދުގައިވާ މީހާ އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތަކާ ގުޅިގެން ނުވަތަ އެނޫން ގޮތަކުންވިޔަސް ކޮންމެހެން ބައްދަލުކުރުވުން މުހިންމު މީހެއް ކަމުގައިވުން.
(ޅ) ޕޮލިސް ކަސްޓަޑީގައިވާ މީހާއާއި ބައްދަލުކުރުމަށް އެދިފައިވަނީ މިމާއްދާގެ (ބ)ގެ (1) އަދި (2) ގައިވާފަދަ ށަރުތެއް ފުރިހަމަނުވާ މީހެއްކަމުގައި ވީނަމަވެސް އެމީހަކީ މިމާއްދާގެ (ބ) ގެ (4) ގައި ބުނެފައިވާފަދަ ގާތް ކަމެއް ބަންދުގައިވާ މީހާއާ ހުރި މީހެއް ނަމަ އެފަދަ މީހަކާ ބަންދުގައިވާ މީހާއާ ބައްދަލު ކުރެވިދާނެއެވެ.
(ކ) ޕޮލިސް ކަސްޓަޑީގައިވާ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުން ބަރީއަވުމަށްޓަކައި އައްޔަން ކުރެވިފައިވާ ގާނޫނީ ވަކީލާއި ގާނޫނީ ހައިސިއްޔަތު ލިބިގެން ޖަލަށް ޒިޔާރަތްކުރާ އެހެނިހެން ފަރާތްތަކާއެކު ހިނގާ އެކަހެރި ބައްދަލުވުންތައް ފިޔަވައި އެހެން ބައްދަލުވުންތައް ބާއްވާނީ ފުލުހުންގެ ހާޒިރުގައެވެ.
(އ) މިމާއްދާގައި ބަޔާންކޮށްފައިވާ ބައްދަލުވުމެއްގައި ހައްޔަރުގައިވާ މީހުން ނުވަތަ ހައްޔަރުގައި ހުރި މީހާއަށް ޒިޔާރަތްކުރާ ފަރާތުން، ޕޮލިސް ކަސްޓަޑީ ބެލެހެއްޓުމުގެ ނިޒާމަށް ހުރަސް އެޅޭފަދަ އެއްވެސް އަމަލެއް ކޮށްފިނަމަ، ނުވަތަ ކުރަން އުޅޭނަމަ ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ކުރުމަށް އެކަކު އަނެކަކަށް ބާރުއަޅާ ހިތްވަރުދީ ހަދައިފިނަމަ ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމަށް ބެލެވިއްޖެނަމަ، އެފަދަ ބައްދަލުވުމެއް ވަގުތުން ހުއްޓުވާލުމުގެ އިހްތިޔާރު އެކަސްޓަޑީއާއި ހަވާލުވެހުރި އިންޗާރޖަށް ލިބިގެންވެއެވެ.
(ވ) ހައްޔަރުގައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުން ބަރީއަވުމަށްޓަކައި އައްޔަން ކުރެވިފައިވާ ގާނޫނީ ވަކީލާއި ގާނޫނީ ހައިސިއްޔަތު ލިބގެން ޕޮލިސް ކަސްޓަޑީއަށް ޒިޔާރަތްކުރާ އެހެނިހެން ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ހައްޔަރުގައިވާ މީހާ އާއި ބައްދަލުކުރެވޭނީ، އެކަމަށް ކަނޑައެޅިފައިވާ ވަކި ތަނެއްގައި ގިނަވެގެން 1 (އެކެއް) ގަޑިއިރުގެ ވަގުތަކަށެވެ.
(މ) ޕޮލިސް ކަސްޓަޑީގައި ހައްޔަރުގައިވާ މީހާއާ ބައްދަލުކުރުމަށް ޒިޔާރަތްކުރާ އެއްވެސް މީހަކު ގަވާއިދާއި ހިލާފަށް އެއްވެސް އެއްޗެއް ޕޮލިސް ކަސްޓަޑީއަށް، އެތެރެކޮށްފިނަމަ، ހައްޔަރުގައިވާ އެއްވެސް މީހަކާ އިތުރަށް ބައްދަލުކުރުމުގެ ފުރުސަތު އެފަދަ މީހަކަށް ނުދިނުމުގެ އިހްތިޔާރު އެކަސްޓަޑީއާއ ހަވާލުވެހުރި އިންޗާރޖަށް ލިބިގެންވެއެވެ.
(ފ) ހައްޔަރުގައިވާ މީހާގެ ގާނޫނީ ވަކީލުގެ ގޮތުގައި އައްޔަނުވެފައިވާ ވަކީލާއި ގާނޫނީ ހައިސިއްޔަތު ލިބިގެން ޖަލަށް ޒިޔާރަތްކުރާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ހައްޔަރުގައިވާ މީހަކާ ފަހަރަކު ބައްދަލުކުރެވޭނީ ގިނަވެގެން 3 (ތިނެއް) މީހުންނަށެވެ. އަދި އެފަރާތްތަކަށް ހައްޔަރުގައިވާ މީހާއާ ބައްދަލުކުރުމަށް ގިނަވެގެން ދެވޭނީ ހަފްތާއަކު 1 (އެކެއް) ފުރުސަތެވެ.
(ދ) ޕޮލިސް ކަސްޓަޑީގައިވާ މީހަކީ، ހައްޔަރުގައިވާ މީހުން ބެލެހެއްޓުމުގެ ނިޒާމަށާއި، ޕޮލިސް ކަސްޓަޑީގެ ސަލާމަތަށް ހުރަސްއަޅާފައިވާ މީހެއް ނަމަ، އެފަދަ މީހަކަށް އޭނާގެ ގާނޫނީ ވަކީލާއި، ގާނޫނީ ހައިސިއްޔަތު ލިބިގެން ޕޮލިސް ކަސްޑަޓީއަށް ޒިޔާރަތްކުރާ އެހެނިހެން ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކާ 02(ދޭއް) ހަފްތާގެ މުއްދަތަކަށް ބައްދަލުކުރުމުގެ ފުރުސަތު ނުދިނުމުގެ އިހްތިޔާރު އެޕޮލިސް ކަސްޓަޑީއާއި ހަވާލުވެހުރި އިންޗާރޖަށް ލިބިގެންވެއެވެ.
(ތ) ހައްޔަރުގައިވާ މީހާއަކީ، އެމީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިދޭފަދަ އެއްވެސް ބާވަތެއްގެ އެއްޗެއް ޕޮލިސް ކަސްޑަޓީއަށް އެތެރެކޮށްފައިވާ ނުވަތަ އެތެރެ ކުރުމަށް މަސައްކަތްކޮށްފައިވާ މީހެއް ނަމަ، އެފަދަ މީހަކަށް އޭނާގެ ގާނޫނީ ވަކީލާއި، ގާނޫނީ ހައިސިއްޔަތެއް ލިބިގެން ޖަލަށް ޒިޔާރަތްކުރާ އެހެން ފަރާތްތައް ފިޔަވައި އެހެން އެއްވެސް މީހަކާ 02 (ދޭއް) ހަފްތާގެ މުއްދަތަކަށް ބައްދަލުވުމުގެ ފުރުސަތު ނުދިނުން ނުވަތަ އޭނާއަށް ހިނގުމުގެ ފުރުސަތު ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ.
(ލ) ޕޮލިސް ކަސްޓަޑީގައިވާ މީހާއަކީ ހައްޔަރުގައިވާ މީހުން ބެލެހެއްޓުމުގައި މަސައްކަތްކުރާ އެއްވެސް މުއައްޒަފަކަށް ނުވަތަ ފުލުހަކަށް ނުވަތަ އެފަދަ ތަނަކަށް ޒިޔާރަތްކުރާ އެއްވެސް މީހަކަށް ބިރުދައްކާ އެއްވެސް ބާވަތެއްގެ މާރާމާރީއެއް ހިންގާފައިވާ މީހެއް ނަމަ، ނުވަތަ އެފަދަ ތަނެއް ބެލެހެއްޓުމުގެ ގަވާއިދުތަކާއި ހިލާފް ވެފައިވާ މީހެއް ނަމަ، އެފަދަ މީހަކަށް އޭނާގެ ގާނޫނީ ވަކީލާއި ގާނޫނީ ހައިސިއްޔަތެއް ލިބިގެން ޕޮލިސް ކަސްޓަޑީއަށް ޒިޔާރަތްކުރާ އެހެން ފަރާތްތައް ފިޔަވައި އެހެން އެއްވެސް މީހަކާ ވަކި މުއްދަތެއް ނެތި ބައްދަލުވުމުގެ ފުރުސަތު ނުދިނުމާއި އޭނާއަށް ދޫކޮށްފައިވާ ބައެއް ތަކެތި އަތުލުމުގެ އިހްތިޔާރު ޕޮލިސް ކަސްޓަޑީއާއި ހަވާލުވެހުރި އިންޗާރޖަށް ލިބިގެންވެއެވެ.
(ގ) އާއިލީ ބައްދަލުވުމަށް އަންނަ މީހުން، ބައްދަލުވުމަށް އައިސް އެމީހެއްގެ އަތުގައި ހުރި ހުރިހާ ތަކެތި ހާމަކޮށް އެތަކެތި ބެހެއްޓުމަށް ހާއްސަކޮށްފައިވާ ތަނެއްގައި ބަހައްޓަން ޖެހޭނެއެވެ.
35 ވަނަ މާއްދާ - ކަސްޓަޑީގައިވާ މީހަކަށް ށަރީއަތުން ހުކުމެއް އިއްވުން
(ހ) ޕޮލިސް ކަސްޓަޑީގައި ހުރި މީހަކު، އޭނާ ކުރިން ކޮށްފައިވާ ކުށަކަށް ށަރީއަތުން ހުކުމެއް ކޮށްފިނަމަ، އޭނާ އެޙުކުމް ތަންފީޒު ކުރުމަށް ޑިޕާރޓްމަންޓް އޮފް ޕނިޓެންށަރީ އެންޑް ރިހެބިލިޓޭށަން ސަރވިސަސް އަށް ހަވާލުކުރާނީ އޭނާ ހައްޔަރުކޮށްފައިވާ މައްސަލައިގެ ހައްޔަރުން ދޫކުރުމަށް ފަހުގައެވެ.
(ށ) ށަރީއަތުން ކޮށްފައިވާ ހުކުމަކަށް ފިލައިގެން އުޅޭ މީހަކު ނުވަތަ ހައްޔަރު ކުރުމަށް ގައިރު ހާޒިރުގައި ހުކުމެއް ކޮށްފައިވާ މީހަކު، ފުލުހުން ކުރާ ތަހުގީގަކާއި ގުޅިގެން ހައްޔަރުކޮށްފިނަމަ، އޭނާގެ ތަހުގީގް ނިމުމުން ފުލުހުންގެ ހައްޔަރުން ދޫކުރުމަށްފަހު އޭނާ ޑިޕާރޓްމަންޓް އޮފް ޕެނިޓެންށަރީ އެންޑް ރިހެބިލިޓޭށަން ސަރވިސް އާ ހަވާލު ކުރަންވާނެއެވެ.
36 ވަނަ މާއްދާ - ޕޮލިސް ކަސްޓަޑީގައި ހުރި މީހަކު ބަދަލުކުރުން
ޕޮލިސް ކަސްޓަޑީގައި ހުރި މީހަކު، އެމީހާ ހައްޔަރުކޮށްފައިވާ މަރުކަޒު ނޫން އެހެން މަރުކަޒަކަށް ބަދަލުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރިވސް އަށް ލިބިގެންވެއެވެ.
37 ވަނަ މާއްދާ - ޕޮލިސް ކަސްޓަޑީގައި ތިބޭ މީހުން ނުކިޔަމަންތެރިވުން
(ހ) ޕޮލިސް ކަސްޓަޑީގައިވާ މީހަކު ސެލްއަށް ވަނުމަށް އިންކާރުކޮށް، ދެކޮޅުވެރި ވެއްޖެނަމަ ފުރަތަމަ ނަސޭހަތްތެރިވާނެއެވެ. އަދި ނަސޭހަތް ގަބޫލްނުކޮށް ނުކިޔަމަންތެރިކަން ދައްކައިފިނަމަ، އޭނާ ސެލްއަށް ވައްދާނެކަމަށާއި، ފުލުހުންގެ ޤާނޫނުގެ 72 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެއަމަލަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުންކަން ނުވަތަ ހުރަސްއެޅުންކަން އަންގާ، ސެލްއަށް ވައްދަން އުޅުމުގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ލިބޭ އަނިޔާއެއްގައި ޒިންމާ އުފުލަންޖެހޭނީ އެމީހަކު ކަން އަންގަންޖެހޭނެއެވެ. ދެންވެސް ނުކިޔަމަންތެރިކަން ދައްކާ ސެލްއަށް ވަނުމަށް އިންކާރުކޮށްފިނަމަ، އެކަށީގެންވާ ފިޔަވަޅުއަޅާ އޭނާ ސެލްއަށް ވައްދާނީއެވެ. އަދި މިފަދަ މީހަކަށް، ހައްޔަރުގައި ތިބޭ މީހުންނަށް މި ގަވާއިދުގެ ދަށުން ލިބިދޭ އިނާޔަތްތަކުގެ ތެރެއިން، އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު އެޕޮލިސް ކަސްޓަޑީއާއި ހަވާލުވެ ހުރި އިންޗާރޖަށް ލިބިގެންވެއެވެ.
(ށ) ޕޮލިސް ކަސްޓަޑީގައިވާ މީހާ އަޑުގަދަކޮށް ނުކިޔަމަންތެރިވާނަމަ، އަޑުގަދަ ނުކުރުމަށް ނަސޭހަތްތެރިވާން ވާނެއެވެ. އަދި ނުކިޔަމަންތެރިކަން ތަކުރާރުކޮށްފިނަމަ، ހައްޔަރުގައި ތިބޭ އެހެން މީހުންނަށް އުނދަގޫ ނުވާނޭ ގޮތަށް އެކަހެރިކޮށް، އަދި ހައްޔަރުގައި ތިބޭ މީހުންނަށް މި ގަވާއިދުން ލިބިދޭ އިނާޔަތްތަކުގެ ތެރެއިން، އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު އެޕޮލިސް ކަސްޓަޑީއާ ހަވާލުވެހުރި އިންޗާރޖަށް ލިބިގެންވެއެވެ.
(ނ) ޕޮލިސް ކަސްޑަޓީގައިވާ މީހުން ބޭނުންކުރުމަށް ސެލްއަށް ލައިފައި ހުންނަ ތަކެއްޗަށް ގެއްލުންދީ އެއިން އެއްޗެއް ހަލާކުކޮށްފިނަމަ، އެމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހްގީގްކޮށް ށަރީއަތަށް ފޮނުވޭނެއެވެ. އަދި އެފަދަ މީހަކަށް، ހައްޔަރުގައި ތިބޭ މީހުންނަށް މިގަވާއިދުގެ ދަށުން ލިބިދޭ އިނާޔަތްތަކުގެ ތެރެއިން، އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު އެޕޮލިސް ކަސްޓަޑީއާއި ހަވާލުވެ ހުރި އިންޗާރޖަށް ލިބިގެންވެއެވެ.
(ރ) ޕޮލިސް ކަސްޓަޑީގައިވާ މީހުން މާރާމާރީ ހިންގައިފިނަމަ، އެމީހުން ވަކި ގޮޅިތަކަށް ބަދަލުކޮށް އެމީހުން ކުރި ޖިނާއީ ކުށް ތަޙްޤީޤުކޮށް އެމައްސަލަ ށަރީއަތަށް ފޮނުވޭނެއެވެ. އަދި އެފަދަ މީހަކަށް ހައްޔަރުގައި ތިބޭ މީހުންނަށް މި ގަވާއިދުގެ ދަށުން ލިބިދޭ އިނާޔަތްތަކުގެ ތެރެއިން، އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ނުދީ ހިފެހެއްޓުމުގެ އިހްތިޔާރު އެޕޮލިސް ކަސްޓަޑީއާއި ހަވާލުވެ ހުރި އިންޗާރޖަށް ލިބިގެންވެއެވެ.
38 ވަނަ މާއްދާ – ކަސްޓަޑީގައިވާ މީހަކު އަމިއްލަ ހަށިގަނޑަށް އަނިޔާ ދިނުން
ޕޮލިސް ކަސްޓަޑީގައިވާ މީހަކު އެއްވެސް ވަސީލަތެއް ނުވަތަ އެއްޗެއް ބޭނުންކޮށްގެން އޭނާގެ ހަށިގަނޑަށް އަނިޔާއެއް ލިބިގަންނަން އުޅެފިކަން އެނގިއްޖެނަމަ، ނުވަތަ އަނިޔާއެއް ލިބިގެންފިނަމަ، ނުވަތަ މަރުވާން މަސައްކަތް ކުރަން އުޅެފިނަމަ، ހާލަތު ނިޔާކުރާ ގޮތެއްގެ މަތިން ވަގުތުން ބިޑިއަޅާ، އެމީހަކު ކުރަން އުޅުނު ކަމެއް ހުއްޓުވާ އެމައްސަލަ ގަވާއިދުން ތަހްގީގްކޮށް ށަރީއަތަށް ފޮނުވޭނެއެވެ. އަދި ދަންޖެހެން ނުވަތަ އަނިޔާ ލިބިގަންނަން މަސައްކަތް ކުރި އެއްޗެތި އޭނާ ހައްޔަރުކޮށްފައި ހުރި ތަނުން ނެރެން ވާނެއެވެ.
39 ވަނަ މާއްދާ – ޕޮލިސް ކަސްޓަޑީގައި ތިބޭ މީހުން ގޭބަންދަށް ބަދަލުކުރުން ނުވަތަ ދޫކުރުން
(ހ) ޕޮލިސް ކަސްޓަޑީގައިވާ މީހަކު ހައްޔަރުން ދޫކުރުމަށް ނުވަތަ ގޭ ބަންދަށް ބަދަލުކުރުމަށްޓަކާ ޕޮލިސް ކަސްޓަޑީން ނެރުމުގެ ކުރިން، އޭނާ އަށް ހަވާލުކޮށްފައިވާ ތަކެތީގެ ތެރެއިން ތިރީގައިއެވާ ތަކެތި ހަވާލު ކުރަންޖެހޭނެއެވެ.
- ސައިބޯނި؛
- ދަތް އުނގުޅާ ބުރުސް އަދި ބޭސް؛
- ތުވާލި؛
- އަންނައުނު ނެތް މީހުންނަށް ދެވިފައިވާ ތަކެތި.
(ށ) ފުލުހުން ހައްޔަރުކުރާ މީހާ ދޫކޮށްލާއިރު، އޭނާ ޕޮލިސް ކަސްޓަޑީގައި ހައްޔަރުކުރުމުގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައިވާ، މާއްދީ ހެކީގެ ގޮތުގައި ނުބެލޭ ތަކެތި އޭނާއަށް އަނބުރާ ލިޔުމުން ހަވާލު ކުރަން ޖެހޭނެއެވެ. އަދި މިތަކެތި ބަލައިގަނެފައި އޭނާއަށް ދޫކޮށްފައިވާ ރަސީދު އޭނާ، އެޕޮލިސް ކަސްޓަޑީއަށް ހަވާލު ކުރަންޖެހޭނެއެވެ.
(ނ) މިމާއްދާގެ (ށ)ގައި ބުނެފައިވާ ތަކެތި އޭނާއާއި ޙަވާލުކުރާއިރު އޭނާގެ އަތުން އަތުލެވުނު ތަކެތި މަދުވާނަމަ، ވަކި މައްސަލައެއްގެ ގޮތުގައި އެކަން ބަލައި، އޭނާއަށް އޭގެ ބަދަލު ދޭންވާނެއެވެ.
(ރ) ފޮލިސް ކަސްޓަޑީގައި ހައްޔަރުކުރެވޭ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން، އެކުދިން ހައްޔަރުން ދޫކުރުމަށްފަހު، ފުލުހުންގެ ބެލުމުގެ ދަށުން އެކުއްޖެއްގެ ބެލެނިވެރިއަކަށް ހަވާލުކުރަންޖެހޭނެއެވެ. އަދި ބެލެނިވެރިއަކު ނެތް ކުއްޖަކު ހަވާލުކުރާނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ސަރުކާރުގެ މުއައްސަސާއަކަށް ނުވަތަ އެމުއައްސަސާއަކުން ކަނޑައަޅާ ފަރާތަކާއިއެވެ.
(ބ) ޕޮލިސް ކަސްޓަޑީގައި ހުންނަ މީހަކު ހައްޔަރުން ދޫކުރުމަށްފަހު އެންމެ ލަސްވެގެން 04 ގަޑިއިރުގެ ތެރޭގައި، އޭނާ ހައްޔަރުކުރުމަށްފަހު ހައްޔަރުކުރިކަން އެންގުނު ފަރާތަށް، ނުވަތަ އޭނާ އެދޭ ފަރާތަކަށް ހައްޔަރުން ދޫކުރެވުނުކަން އަންގާން ވާނެއެވެ.
(ޅ) ޕޮލިސް ކަސްޓަޑީގައި ހުރި މީހާ ހައްޔަރުކުރީ އޭނާގެ ވަޒަނުގައި ހުއްޓާ ގެނެސްގެންނަމަ، އޭނާ ދޫކޮށްލާއިރު ހުރި ރަށަކުން އޭނާގެ ވަޒަނަށް ދެވޭފަދަ ފައިސާގެ އެހީއެއް އޭނާއަށް ވެދޭން ވާނެއެވެ.
40 ވަނަ މާއްދާ - ކަސްޓަޑީގައިވާ މީހުން ގާނޫނީ ވަކީލަކާއި ބައްދަލުކުރުން
(ހ) މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހްގީގްކުރާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރެވޭ މީހުން އެމީހުންގެ ގާނޫނީ ވަކީލަށް ފޯނުކޮށް ބައްދަލުކުރަން އެދިއްޖެނަމަ، އެފުރުސަތު ދޭންވާނެއެވެ.
(ށ) ޕޮލިސް ކަސްޓަޑީގައި ހުންނަ މީހަކު ގާނޫނީ ވަކީލެއްގެ އެހީ ހޯދަން އެދޭނަމަ، ހަމަޖެހިފައިވާ ގަވާއިދުން އޭނާއަށް އެފުރުސަތު ދޭންވާނެއެވެ.
ފަސްވަނަ ބާބު
ސީން އޮފް އިންސިޑެންޓާއި، ސީން އޮފް ކްރައިމް
41 ވަނަ މާއްދާ - ހާދިސާ ހިނގިތަން ނުވަތަ ކުށް ހިނގިތަން ބަންދުކުރުމުގެ ބާރު
ހުށަހެޅޭ ކުށުގެ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި ބޭނުންވާ މާއްދީ ހެކި ދުމުގެ ބޭނުމުގައި، ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަކަށް ލިބިދާނެ ހޯ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކައި ނުވަތަ ހުށަހެޅޭ ކަމެއްގެ ޒާތުން އެކަމެއް ހިނގިތަން ރައްކާތެރިކުރަން ޖެހޭ ކަމަށް ގަބޫލު ކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ އެ ކުށެއް ނުވަތަ ހާދިސާއެއް ހިނގި ތަނަށް ވަކި ބަޔަކަށް ނުވަދެވޭ ގޮތަށް ބަންދުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ.
42 ވަނަ މާއްދާ - ހާދިސާ ނުވަތަ ކުށް ހިނގިތަން
(ހ) ހާދިސާ ހިނގި ތަނަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގް ކުރަން ޖެހޭ ހާދިސާއެއް ކަމަށް ކަނޑައެޅޭ ހާދިސާއެއް ނުވަތަ އެ ހާދިސާ އާއި ގުޅުން ހުރި ކަމެއް ހިނގާފައިވާ ކޮންމެ ތަނަކާއި އެތަނެއްގައި ހިމެނޭ ކޮންމެ އެއްޗެކެވެ.
(ށ) ކުށް ހިނގި ތަނަކީ ގާނޫނާ ހިލާފު އަމަލެއް ނުވަތަ ގާނޫނާ ހިލާފް އަމަލެއް ކަމަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރި، ކަމެއް ހިންގާފައިވާ ކޮންމެ ތަނަކާއި އެތަނެއްގައި ހިމެނޭ އެންމެހާ ތަކެއްޗަކާއި ކުށެއް ކުރުމަށް ބޭނުންކުރި ނުވަތަ ކުށެއް ކުރިކަން ދޭހަކޮށްދޭ ކޮންމެ އެއްޗަކާއި އެއެއްޗެއް ހުރި ނުވަތަ އޮތް ތަނެވެ.
43 ވަނަ މާއްދާ - ހާދިސާ ނުވަތަ ކުށް ހިނގިތަން ކަނޑައެޅުން
(ހ) ވަކި ތަނެއް ނުވަތަ ތަނަކުން ބައެއް ނުވަތަ ވަކި ސަރަޙައްދެއް އެއީ ހާދިސާ ހިނގިތަން ކަމުގައި ނުވަތަ ކުށް ހިނގި ތަންކަމުގައި ކަނޑައަޅާނީ އެހާދިސާ ހިނގިތަން ނުވަތަ ކުށް ހިނގިތަން ބަލާފާސްކުރުމާ ހަވާލުވެހުރި އެންމެ އިސް ފުލުހެކެވެ.
(ށ) ހާދިސާ ހިނގިތަން ކަނޑައަޅާއިރު ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ރިއާޔަތް ކުރަންވާނެއެވެ.
- ހިނގި ހާދިސާ ތަހުގީގްކޮށްދިނުމަށް އެއްވެސް ފަރާތުން ހުށަހަޅާފައިވުން؛
- ހިނގި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވުން؛
- ހުށަހެޅޭ ކަމެއްގެ ޒާތުން އެކަމެއް ހިނގިތަން ރައްކާތެރި ކުރަންޖެހޭ ކަމަށް ގަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރުން.
(ނ) ހާދިސާ ހިނގިތަން ނުވަތަ ކުށް ހިނގިތަން ކަނޑައެޅުމުން އެތަން ނުވަތަ އެ ސަރަހައްދު ފާޅުކޮށް އެނގޭ ގޮތަށް ފާހަގަކުރަން ޖެހޭނެއެވެ.
44 ވަނަ މާއްދާ - ހާދިސާ ހިނގި ތަނަށް ވަނުން
(ހ) ހާދިސާ ހިނގި ތަން ކަމަށް ކަނޑައެޅިފައިވާ ތަނަށް ނުވަތަ ހާދިސާ ހިނގި ތަނަށް ވަނުން ސަރަހައްދަށް އެއްވެސް މީހަކަށް ވަދެވޭނީ އެތަން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އެންމެ އިސްފުލުހެއްގެ ހުއްދަ ލިބިގެންނެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތާ ހިލާފަށް އެއްވެސް މީހަކު ހާދިސާ ހިނގި ތަނަށް ވަދެއްޖެނަމަ، އެމީހަކަށް އެތަނުން ވަގުތުން ނުކުތުމަށް އަންގާ، އެމީހަކު އެތަނަކުން ނެރުމުގެ އިހްތިޔާރު އެތަން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އެންމެ އިސްފުލުހަކަށް ލިބިގެންވެއެވެ.
45 ވަނަ މާއްދާ - ކުށް ހިނގި ތަނަށް ވަނުން
(ހ) ކުށް ހިނގި ތަން ކަމަށް ކަނޑައެޅިފައިވާ ތަނަށް ނުވަތަ ސަރަހައްދަށް އެއްވެސް މީހަކަށް ވަދެވޭނީ އެތަން ބަލާ ފާސްކުރުމަށް ކަނޑައެޅިފައިވާ އިސް ފުލުސް މީހާގެ ހުއްދަ ލިބިގެން އޭނާ އަންގާ ގޮތެއްގެ މަތީންނެވެ.
(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތާ ހިލާފަށް އެއްވެސް މީހަކު ކުށް ހިނގި ތަނަށް ވަދެއްޖެނަމަ، އެމީހަކަށް އެތަނުން ވަގުތުން ނުކުތުމަށް އަންގާ، އެމީހަކު އެތަނަކުން ނެރުމުގެ އިހްތިޔާރު އެތަން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އެންމެ އިސްމީހަކަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތާ ހިލާފަށް ކުށް ހިނގި ތަނަށް ވަދެހުރި މީހަކަށް މިމާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ގޮތަށް ކުށް ހިނގި ތަނުން ނުކުތުމަށް އެންގުމުން އެތަނުން ނުނިކުމެ ހުރެއްޖެނަމަ އެމީހަކު އެތަނަށް ވަނީ ގަސްތުގައި ތަހުގީގަށް ހުރަސް އެޅުމަށް ކަމަށް ބަލާ އެމީހަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ. އަދި މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތާ ހިލާފަށް ކުށް ހިނގި ތަނަކަށް ވަން މީހެއްގެ ސަބަބުން އެއްވެސް ހެއްކެއް ގެއްލިއްޖެނަމަ އެމީހަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ.
46 ވަނަ މާއްދާ - ކުށް ހިނގިތަން ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު
ތަނެއް ނުވަތަ ތަނެއްގެ ބައެއް ނުވަތަ ސަރަޙައްދެއް، އެއީ ކުށް ހިނގި ތަން ކަމަށް ކަނޑައެޅުމުގެ ކުރިންވެސް އެތަނަކީ ޖިނާއީ ކުށެއް ހިނގާފައިވާ ތަނެއް ކަމުގައި ވާނަމަ ނުވަތަ އެތަނުގައި ޖިނާއީ ކުށެއް ހިނގިކަން ގަބޫލޫކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެތަނުން މާއްދީ ހެއްކެއް ގެއްލޭ ފަދަ އެއްވެސް ޢަމަލެއް އެއްވެސް މީހަކު ކޮށްގެން ނުވާނެއެވެ.
47 ވަނަ މާއްދާ - ހާދިސާ ހިނގިތަން ބަންދުކޮށްފައި ބޭއްވޭނެ މުއްދަތު
ހާދިސާ ހިނގިތަން ކަމަށް ކަނޑައެޅޭ ތަނެއް ބަންދުކޮށްފައި ބޭއްވޭނީ އެތަނަކަށް އާއްމުކޮށް މީހުން ވަދެނުކުމެ އުޅުމުން މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރު ފިލުމުން ނުވަތަ ހުށަހެޅުނު ކަމުގެ ޒާތުން އެހާދިސާ ހިނގިތަން ރައްކާތެރި ކުރަންޖެހޭ ކަމަށް ގަބޫލުކުރެވޭ އެންމެ ކުރު މުއްދަތަކަށެވެ. މިގޮތަށް ބަންދުކުރެވޭ ތަނެއް 72 ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ބަންދުކޮށްފައި ބާއްވަންޖެހޭނަމަ ގާނޫނުގައިވާ ގޮތުގެމަތިން ހުއްދަ ދަން ވާނެއެވެ.
48 ވަނަ މާއްދާ - ކުށް ހިނގިތަން ބަންދުކޮށްފައި ބޭއްވޭނެ މުއްދަތު
ކުށް ހިނގިތަން ކަމަށް ކަނޑައެޅޭ ތަނެއް ބަންދުކޮށްފައި ބޭއްވޭނީ އެތަނަކުން ބޭނުންވާ މާއްދީ ހެކި ހޯދުމަށް ހޭދަވާނެ އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށެވެ. މިގޮތަށް ބަންދުކުރެވޭ ތަނެއް 72 ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ބަންދުކޮށްފައި ބާއްވަންޖެހޭނަމަ ގާނޫނުގައިވާ ގޮތުގެ މަތިން ހުއްދަ ހޯދަން ޖެހޭނެއެވެ.
49 ވަނަ މާއްދާ - އިސްތިސްނާވާ ހާލަތް
ހާދިސާ ހިނގި ތަނަށް ނުވަތަ ކުށެއް ހިނގި ތަނަށް ނުވަތަ ކުށެއް ހިނގި ތަނަށް ނުވަނުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކަލެއް ލިބޭނޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް އެތަނަކަށް، އެވަގުތު، ވަންނަ ވަނުން މިގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.
ހަވަނަ ބާބު
ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން
50 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ލިބިގެންވާކަން އެންގުން
ކުށުގެ ތުހުމަތުގައި ގެނެވޭ ނުވަތަ ހައްޔަރުކުރެވޭ ކޮންމެ މީހަކަށް ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ލިބިގެންވާކަން އެމީހަކު ގެނެވޭ ވަގުތު ނުވަތަ ހައްޔަރުކުރެވޭ ވަގުތު އަންގަން ވާނެއެވެ.
51 ވަނަ މާއްދާ- ފޯނު ކޯލު ދިނުމާއި ވަކީލު ގައިރު ހާޒިރުގައި ސުވާލުނުކުރުން
ގާނޫނީ ވަކީލެއްގެ އެހީއަށް އެދިއްޖެނަމަ، އޭނާ އައްޔަންކުރަން ބޭނުންވާ ވަކީލަކަށް ނުވަތަ އެވަކީލަކު ހަމަޖެއްސުމަށް އޭނާ އެދޭ އެހެން ފަރާތަކަށް ލެއް ދޭންވާނެއެވެ. އަދި ގާނޫނީ ވަކީލަކަށް އެދިފައިވާ މީހަކާ، ޖިނާއީ އިޖްރާއަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މެނުވީ ގާނޫނީ ވަކީލުގެ ގައިރު ހާޒިރުގައި ތަހުގީގަށް ބޭނުންވާ އެއްވެސް ސުވާލެއް ކޮށްގެން ނުވާނެއެވެ.
52 ވަނަ މާއްދާ - ވަކީލު އައްޔަން ކުރެވުނު ކަމުގެ ސްލިޕް ދޫކުރުން
ވަކީލުކަން ގަބޫލުކުރިކަން ހުށަހަޅާފައިވާ ލިޔުމަކީ މި ގަވާއިދުގެ ދަށުން ބަލައިގަނެވޭފަދަ ލިޔުމެއްނަމަ އެވަކީލަކު އެ ފޯމު ހުށަހެޅިކަން އެނގޭ ގޮތަށް ރިކޯޑު ބަލަހައްޓާ، ޖަދުވަލު 05 ގައިވާ "ގާނޫނީ ވަކީލުގެ ގޮތުގައި އައްޔަނު ކުރެވުނުކަމުގެ ސްލިޕް" އެވަކީލަކަށް ލަސްނުކޮށް ދޫކުރަން ވާނެއެވެ.
53 ވަނަ މާއްދާ - ވަކީލު އައްޔަނުކޮށްދެވެން ނެތް ހާލަތްތައް
ވަކީލުކަން ގަބޫލުކުރިކަމަށް ހުށަހަޅާފައިވާ ލިޔުމުގައިވާ ވަކީލަކީ ގާނޫނީ އެހީ ހޯދާ ލިބިގަތުމުގެ ގަވާއިދު ނުވަތަ ސަރުކާރުގެ ވަކީލުން އަމިއްލަ އަށް ހަވާލުވުމުގެ ގަވާއިދުގެ ދަށުން އައްޔަން ކުރެވެން ނެތް ވަކީލެއް ނަމަ އެވަކީލަކު އައްޔަނުކޮށްދެވެން ނެތްކަން އެވަކީލަކަށް އަންގަން ވާނެއެވެ.
54 ވަނަ މާއްދާ - ގާނޫނީ ވަކީލު ހާޒިރުވުމަށް ވަގުތު ދިނުން
(ހ) ހިނގަމުންދާ ތަހުގީގެއްގައި ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރުމަށް ބޭނުންވާ ވަގުތުގެ 18 ގަޑިއިރުގެ ކުރިން އައްޔަންވެފައިވާ ގާނޫނީ ވަކީލު ހާޒިރުވާންޖެހޭ ތަނަކާއި ގަޑިއެއް އެވަކީލަށް އަންގަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައިވީ ނަމަވެސް ތަހުގީގްކުރަން ބޭނުންވާ މައްސަލައިގެ ކުޑަބޮޑުމިނަށާއި އެންމެހާ ހާލަތްތަކަށް ރިއާޔަތްކޮށް ތަހުގީގް ފެށުމުގެ 10 ގަޑިއިރަށްވުރެ ލަސްނުކޮށް އެވަކީލަކަށް ހާޒިރުވާންޖެހޭ ތަނަކާއި ގަޑިއެއް އެންގިދާނެއެވެ.
55 ވަނަ މާއްދާ - ގާނޫނީ ވަކީލާ ބައްދަލުކުރުމަށް ބަންދުގައިވާ މީހާ އެދުން
މިގަވާއިދުގައި ވާގޮތުގެ މަތިން ކުށުގެ ތުހުމަތުގައިވާ މީހާ، އޭނާގެ ގާނޫނީ ވަކީލާ ބައްދަލުކުރަން އެދޭ ކޮންމެ ފަހަރަކު، އެމީހަކު ބަންދުކުރި ފަރާތުން އެކަން އެވަކީލަކަށް އަންގާ، ތާރީހާއި ވަގުތު އެނގޭނޭހެން ލިޔުމުން އެމައުލޫމާތު ރިކޯޑު ކުރާން ވާނެއެވެ.
56 ވަނަ މާއްދާ - އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ދިނުން
ކުށުގެ ތުހުމަތުގައިވާ މީހާއާ ބައްދަލުކުރުމަށް އޭނާގެ ގާނޫނީ ވަކީލު އެދިއްޖެނަމަ ބަންދުގައިވާ މީހުންނަށް ޒިޔާރަތް ކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގެ ދަށުން ގާނޫނީ ވަކީލުންނަށް އެފުރުސަތު ލިބިގެންވެއެވެ. އަދި ބަންދުގައިވާ މީހާ ހުރީ ގާނޫނީ ވަކީލު އެކަމަށް އެދުނު ފުލުހުންގެ މަރުކަޒުގައި ކަމަށްވާނަމަ ގާނޫނީ ވަކީލާއި ބަންދުގައިވާ މީހާއާ ބައްދަލު ކުރުމުގެ ފުރުސަތު ލަސްނުކޮށް ދޭންވާނެއެވެ.
ހަތްވަނަ ބާބު
މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުން
57 ވަނަ މާއްދާ - ގެންދަން ޖެހޭ ގޮތް
ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްތަނުން އަނެއްތަނަށް ގެންދަން ޖެހޭނީ ބިޑި އަޅައިގެންނެވެ.
58 ވަނަ މާއްދާ - އެއްތަނުން އަނެއްތަނަށް މީހުން އުފުލާއިރު ބިޑި އެޅުވޭނެ ގޮތް
(ހ) އެއްގަމު މަގުން އެއްތަނުން އަނެއްތަނަށް ގެންދާނަމަ ގެންދަންވާނީ، ދެއަތް ފުރަގަހަށް ލައި ބިޑިއަޅައިގެންނެވެ. ނަމަވެސް ހާލަތަށާއި އެމީހެއްގެ ކިޔަމަންތެރިކަމުގެ މިންވަރަށް ރިއާޔަތްކޮށް، ދެއަށް ކުރިމައްޗަށް ވާގޮތަށް ބިޑ0 އެޅުމުގެ އިހްތިޔާރު އެސްކޯޓިން އޮފިސަރަށް ލިބިގެންވެއެވެ.
(ށ) ކަނޑުމަގުން އެއްތަނުން އަނެއްތަނަށް ގެންދާނަމަ، ލައިފް ޖެކެޓް އެޅުވުމަށްފަހު ދެއަތް ކުރިމައްޗަށް ވާގޮތަށް ބިޑި އަޅަން ޖެހޭނެއެވެ.
(ނ) ވައިގެ މަގުން އެއްތަނުން އަނެއްތަނަށް ގެންދަންވާނީ ދެއަތް ކުރިމައްޗަށް ވާގޮތަށް ބިޑިއަޅައިގެންނެވެ.
(ރ) މިމާއްދާގައި ކުރިން ބުނެވިދިޔަ ހާލަތްތަކުގައި މީހަކު އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އޭނާ ނުކިޔަމަންތެރި ވެއްޖެނަމަ، އެވަގުތެއްގެ ހާލަތު ނިޔާކުރާ ގޮތަށް އެންމެ އެކަށޭނެ ބިޑިއެއް އެޅުމުގެ އިހްތިޔާރު އެސްކޯޓިން އޮފިސަރަށް ލިބިގެންވެއެވެ.
59 ވަނަ މާއްދާ - އެއްތަނުން އަނެއްތަނަށް ގެންދިއުން
ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އަމަލު ކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްތަނުން އަނެއް ތަނަށް އުފުލޭނީ މަދުވެގެން 2 ފުލުހުން ތިބެގެންނެވެ.
(ށ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހާ އާއި އެކުގައި ހަވާލުވެގެންދާ ފުލުހުންގެ ދެމީހުން ކުރެ އެކަކީ، އޭނާގެ އެސްކޯޓިން އޮފިސަރެވެ.
(ނ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ ކުރިން އޭނާ ގެންދެވެނީ ކޮންތަނަކަށްކަން އެސްކޯޓިން އޮފިސަރު އޭނާއަށް އަންގަން ޖެހޭނެއެވެ.
(ރ) މިމާއްދާގެ (ނ) ގައިވާ ގޮތަށް އެންގުމަށްފަހު ގެންދެވޭ މީހާ، ބިޑި އަޅަން ޖެހޭކަން އޭނާއަށް ބުނެދޭން ވާނެއެވެ. އަދި ބިޑި އަޅަނީ އެމީހާއާއި އެހެންމީހުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަން ވެސް ބުނަން ޖެހޭނެއެވެ. ކިޔަމަންތެރިކަމާއެކު ބިޑި އަޅަން ދައްކާނަމަ އެއްވެސް ނުރައްކަލެއް އޭނާއަށް ނޯންނާނެކަން އަންގަން ޖެހޭނެއެވެ.
(ބ) މިމާއްދާގެ (ރ)ގައި ބުނެފައިވާ އެންގުން "ގެންދާ މީހާ"އަށް އަންގާނީ އެސްކޯޓިންގ އޮފިސަރެވެ. އަދި މިއެންގުން އެންގުމަށްފަހު ބިޑިއަޅައި، އެބިޑީގެ ތަޅުދަނޑި އެސްކޯޓިން އޮފިސަރުގެ ބެލުމުގެ ދަށުގައި ބާއްވަން ވާނެއެވެ.
(ޅ) މިމާއްދާގެ (ނ) އަދި (ރ) ގައި ބުނެފައިވާ އެންގުން އަންގާއިރު އަދި މިމާއްދާގެ (ބ) ގައި ބުނެފައިވާ ފަދައިން އަމަލު ކުރާއިރު އެސްކޯޓިން އޮފިސަރުގެ އިތުރުން 1 ފުލުހަކު ހުންނަން ޖެހޭނެއެވެ.
60 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު އެއްގަމުގައި އެއްތަނުން އަނެއް ތަނަށް އުފުލުން.
(ހ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްގަމު މަގުން އެއްތަނުން އަނެއް ތަނަށް ގެންދާއިރު އެމީހެއްގެ އެއްފަރާތުގައި އޭނާގެ އެސްކޯޓިންގ އޮފިސަރު އަދި ކުރިމަތީގައި "ގެންދެވޭ މީހާ" އަށް އެސްކޯ ކުރިމަތިލެވޭ ގޮތަށް އިތުރު ފުލުހަކު ހުންނަން ޖެހޭނެއެވެ.
(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ފަދައިން ނުތިބެވޭ އުޅަނދެއްނަމަ، ކުރިމަތީގައި އިންނަން ޖެހޭ ފުލުހުންގެ މީހާ އިންނަން ޖެހޭނީ އެސްކޯޓިންގ އޮފިސަރު އިންފަރާތް ނޫން އަނެއް ފަރާތުގައެވެ.
(ނ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްގަމުގައި އެއްތަނުން އަނެއްތަނަކަށް ގެންދަން ޖެހޭނީ ގަވާއިދުގެ 59 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން އަމަލުކުރުމަށް ފަހުއެވެ.
(ރ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްގަމުގައި އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގައި އޭނާ ކައިރީ ގެންދާކަމަށް ބުނެފައިވާ ތަން ފިޔަވައި، އެހެން ތަނަކަށް އުޅަނދު މަޑުކޮށްގެން ނުވާނެއެވެ.
(ބ) މިމާއްދާގެ (ރ) ގައި ބަޔާންވެގެންވާ ގޮތާއި ހިލާފަށް، މީހަކު އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގައި އުޅަނދު މަޑުކުރަން ވާނީ އަންނަނިވި ހާލަތްތަކުގައެވެ.
- އުޅަނދަށް މެކޭނިކަލް ނުވަތަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހުއްޓިއްޖެނަމަ، ނުވަތަ މަޑުކުރަން މަޖުބޫރު ވެއްޖެ ހާލަތެއް މެދުވެރިވެގެން.
- އުޅަނދު ދުއްވަނިކޮށް އެކްސިޑެންޓްވެގެން
- އުޅަނދުގައި އިން މީހަކަށް ނުރައްކަލެއް މެދުވެރިވެގެން ސިއްހީ ފަރުވާއެއް ކުއްލިއަކަށް ދޭން ޖެހިގެން.
- އުޅަނދު ދުއްވާފައި ދަނިކޮށް ފުލުހެއްގެ އެހީތެރިކަން ބޭނުންވާފަދަ ހާދިސާއެއް މެދުވެރިވެއްޖެ ހާލަތެއްގައި.
- އިސްވެ ދެންނެވުނު ހާލަތްތައް ނޫން އެހެން ހާލަތެއް މެދުވެރިވެގެން، ކޮންމެހެން އުޅަނދު މަޑުކުރަން ޖެހިއްޖެނަމަ، އެގޮތަށް އަމަލުކުރުމުގެ އިހްތިޔާރު އެސްކޯޓިންގ އޮފިސަރަށް ލިބިގެންވެއެވެ.
61 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ކަނޑުމަގުން އެއްތަނުން އަނެއްތަނަށް އުފުލުން
(ހ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު ކަނޑުމަގުން އެއްތަނުން އަނެއްތަނަށް ގެންދާއިރު އެމީހެއްގެއް އެއްފަރާތުގައި އެސްކޯޓިން އޮފިސަރު އަދި ކުރިމަތީގައި "ގެންދާ މީހާ" އަށް ކުރިމަތި ލެވޭ ގޮތަށް އިތުރު ފުލުހަކު އިންނަން ޖެހޭނެއެވެ.
(ށ) މިމާއްދާގެ (ހ)ގައި ބުނެފައިވާ ގޮތަށް ނުތިބެވޭ އުޅަނދެއް ނަމަ، ކުރިމަތީގައި އިންނަން ޖެހޭ ފުލުހުންގެ މީހާ އިންނަން ޖެހޭނީ އެސްކޯޓިންގ އޮފިސަރު އިންފަރާތް ނޫން އަނެއް ފަރާތުގައެވެ.
(ނ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު ކަނޑުމަގުން އެއްތަނުން އަނެއް ތަނަކަށް ގެންދަން ޖެހޭނީ މި ގަވާއިދުގައި ބުނެފައިވާ ފަދައިންނެވެ.
(ރ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު ކަނޑުމަގުން އެއްތަނުން އަނެއް ތަނަކަށް ގެންދާއިރު ފުލުހުންނާއި ގެންދާ މީހާއާ ތިބެން ޖެހޭނީ ލައިފު ޖެކެޓް އަޅައިގެންނެވެ.
(ބ) އުޅަނދު ދުއްވާފައި ދަނިކޮށް، ގެންދާ މީހާ މޫދަށް ނުވަތަ ކަނޑަށް ފުންމާލައިފިނަމަ، ނުވަތަ ދިމާވާ ހާދިސާއެއްގައި އޭނާ މޫދަށް ނުވަތަ ކަނޑަށް ވެއްޓިއްޖެނަމަ، އޭނާގެ އެސްކޯޓިން އޮފިސަރާއި އިތުރަށް ހުރި ފުލުހުސް މީހާ، "ގެންދާ މީހާ" ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވަގުތުން ކުރަން ޖެހޭނެއެވެ.
(ޅ) މިމާއްދާގެ (ބ)ގައި ބަޔާން ކޮށްފައިވާ ހާދިސާއެއް މެދުވެރިވެއްޖެނަމަ، ދަތުރު ކުރަމުންދާ އުޅަނދުގައި ތިބި ފަޅުވެރިން، މޫދަށް ނުވަތަ ކަނޑަށް ވެއްޓިފައިވާ މީހާ ނުވަތަ ފުންމާލި މީހާ ސަލާމަތް ކޮށްގެން އަލުން އުޅަނދަށް ނެގުމުގައި އެހީތެރިވާން ޖެހޭނެއެވެ.
(ކ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު ކަނޑުމަގުން އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގައި ހާލަތަށް ރިއާޔަތްކޮށް ބިޑި އެޅުމާއި ނޭޅުމުގެ އިހްތިޔާރު އެސްކޯޓިން އޮފިސަރަށް ލިބިގެންވެއެވެ. މިގޮތުން ހާލަތަށް ރިއާޔަތް ކުރުމުގައިވެސް މި ގަވާއިދުގެ 59 ވަނަ މާއްދާގައިވާ ބިޑިއެޅުމާއި ގުޅޭ ކަންތައްތައް ފިޔަވައި އެހެން ކަންތައްތައް ފުރިހަމަ ކުރަންޖެ ހޭނެއެވެ.
(އ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު ކަނޑުމަގުން އެއްތަނުން އަނެއް ތަނަށް ގެންދާ ދަތުރަކީ 04 ގަޑިއިރަށްވުރެ ދިގު ދަތުރެއް ނަމަ، ގެންދެވޭ މީހާ ބެލެހެއްޓުމުގައި ސަމާލުކަން ދީގެން އަބަދުވެސް 1 ފުލުހަކު ހުންނަން ޖެހޭނެއެވެ.
62 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ވައިގެމަގުން އުފުލުން
(ހ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްތަނުން އަނެއް ތަނަށް ވައިގެ މަގުން އުފުލަން ޖެހޭނީ، އިންޓަރނޭށަނަލް ސިވިލް އޭވިއޭށަން އޯގަނައިޒޭށަންގެ ގަވާއިދާއި އެމީހަކު އުފުލާ އެއަރލައިންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ށ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު ވައިގެ މަގުން އުފުލުމުގައި އޭނާ ދަތުރު އޮތް ދުވަހުގެ 24 ގަޑިއިރުގެ ކުރިން އެއުޅަނދެއްގެ ހޭންޑްލިންގ އެޖެންޓަށް އެކަން ލިޔުމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންގަން ޖެހޭނެއެވެ. ނަމަވެސް، ހާލަތު ނިޔާކުރާ ގޮތުން، މިވަގުތު މިއަށްވުރެ ކުރުކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ.
(ނ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކަށް އެއްވެސް އުޅަނދެއްގައި، އެއުޅަނދެއްގެ ހުއްދަ ނެތި ވައިގެ މަގުން ދަތުރެއް ނުކުރެވޭނެއެވެ.
(ރ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު ވައިގެމަގުން އެއްތަނުން އަނެއް ތަނަށް އުފުލަން ޖެހިއްޖެނަމަ، ދަތުރުކުރާ އުޅަނދަށް އެދަތުރުގެ އެހެން ފަސިންޖަރުން އެރުމުގެ ކުރިން، އެއުޅަނދަށް އެމީހަކު އަރުވަން ޖެހޭނެއެވެ. އަދި މިގޮތުން އަރުވާ، ބައިންދަން ޖެހޭނީ އެއަރލައިނުން ކަނޑައަޅާ ގޮނޑިއެއްގައެވެ.
(ބ) މިމާއްދާގެ (ރ)ގައި ބުނެފައިވާ ފަދައިން އަމަލުކުރުމަށްފަހު ސީޓް ބެލްޓު އަޅަން ޖެހޭނެއެވެ. ސީޓު ބެލްޓު އަޅަން ޖެހޭނީ، އެހެން ފަސިންޖަރުންވެސް އަޅާ ފަދައިން ދެއަތް މިނިވަން ވާގޮތަށެވެ.
(ޅ) ވައިގެ މަގުން މީހުން އެއްތަނުން އަނެއް ތަނަށް އުފުލާއިރު، ގެންދެވޭ މީހާއާއި ޖެހިގެން އިންނަ ސީޓުގައި އިންނަން ޖެހޭނީ، އެސްކޯޓިން އޮފިސަރެވެ. އަދި ދެވަނަ ފުލުހުންގެ މީހާ އިންނަން ޖެހޭނީ ގެންދާ މީހާ އިންނަ ސީޓާ ޖެހިގެން ފަހަތުގައި ހުންނަ ސީޓުގައެވެ.
(ކ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު ވައިގެމަގުން އެއްތަނުން އަނެއް ތަނަށް ގެންދާއިރު، އުޅަނދު ދަތުރު ކުރަމުން ދަނިކޮށް ގެންދާ މީހާ ނުކިޔަމަންތެރިކަން ދައްކާ، އެއުޅަނދުން ދަތުރުކުރާ އެހެން މީހުންނަށް ނުރައްކަލެއް ވެދާނެގޮތަކަށް ނުވަތަ އުޅަނދަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް އަމަލުތައް ބަހައްޓައިފިނަމަ، އެމީހާ ހިފެއްޓުމުގެ ގޮތުން އޭނާގެ ފައިގާ ޕްލާސްޓިކް ރެސްޓްރެއިނާރ އެޅުމުގެ އިހްތިޔާރު އެސްކޯޓިންގ އޮފިސަރަށް ލިބިގެންވެއެވެ. އަދި އޭނާގެ ދެއަތް ހައްޔަރުވާ ގޮތަށް ސީޓު ބެލްޓު އެޅުމުގެ އިހްތިޔާރު އެސްކޯޓިން އޮފިސަރަށް ލިބިގެންވެއެވެ.
(އ) މިމާއްދާގެ (ކ)ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް މެދުވެރި ވެއްޖެނަމަ، އެއުޅަނދެއް ދިޔުމަށް ހަމަޖެހިފައިވާ މަންޒިލެއް ފިޔަވައި އެންމެ ކައިރީގައިވާ އެއަރޕޯޓަކަށް ތިރިކޮށް ގެންދާ މީހާ އެއުޅަނދަކުން ބޭލުމާއިމެދު ޕައިލެޓް ނިންމާ ނިންމުމަށް އެސްކޯޓިންގ އޮފިސަރ ތަބާވާން ޖެހޭނެއެވެ.
(ވ) ފުލުހުންގެ ބެލުމުގެ ދަށުން ވައިގެ މަގުން ގެންނަ މީހުންވެސް ދަތުރުކުރާ އުޅަނދަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި އެހެން ފަސިންޖަރުން އަމަލުކުރުމަށް އަންގާ އެންގުންތަކަށް ކިޔަމަންވާން ޖެހޭނެއެވެ.
(މ) ވައިގެ މަގުން ގެންނަ މީހުން، ދަތުރުމަތީ ފާހާނާކުރަން ޖެހިއްޖެނަމަ، އެމީހަކާ އެކު އެސްކޯޓިންގ އޮފިސަރު ދާން ޖެހޭނެއެވެ. އަދި އެމީހާ ފާޚާނާކޮށް ނިމެންދެން، އޭނާ ފެންނާނޭހެން އެސްކޯޓިން އޮފިސަރ ހުންނަން ޖެހޭނެއެވެ.
(ފ) ވައިގެ މަގުން އެއްތަނުން އަނެއްތަނަށް ޑޯން އެއަރ 228 މަރުކާގެ ޓެއްގައި އުފުލޭނީ ބިޑިއަޅައިގެން އެންމެ މީހެކެވެ. އަދި ޑޭށް 8 ބޯޓެއްގައި 2 މީހުންނެވެ. އެހެނިހެން މަރުކާގެ ބޯޓެއްގައިނަމަ، އެއަރލައިނުން ކަނޑައަޅާ އަދަދެކެވެ.
(ދ) ހާލަތު ނިޔާކުރާ ގޮތުން މިގަވާއިދުން ވަކި މަރުކާއެއްގެ ބޯޓަކުން މީހުން އުފުލަން ބަޔާންކޮށްފައިވާ އަދަދަށްވުރެ ގިނައިން މީހުން ގެންދަން ޖެހިގެން، އެ އަރލައިނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، މިގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ ގިނައިން މީހުން އުފުލަން މި ގަވާއިދު ހުރަހެއް ނާޅައެވެ.
63 ވަނަ މާއްދާ - އުފުލުމުގައި ސަމާލުވުމާއި ހައްޔަރުގައި ހުރި މީހާ ފިލުން
ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްތަނުން އަނެއް ތަނަށް އުފުލުމުގައި ފިލާފާނެކަމަށް ވިސްނައި އެސްކޯޓިން އޮފިސަރ ސަމާލުވާން ޖެހޭނެއެވެ. އަދި މިފަދަ އަމަލެއް އޭނާއަށް ނުހިންގޭނެ ގޮތަށް ބަލަހައްޓަން ޖެހޭނެއެވެ.
(ހ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްތަނުން އަނެއް ތަނަށް ގެންދަނިކޮށް އޭނާ ފިލަން މަސައްކަތް ކޮށްފިނަމަ، އެސްކޯޓިންގ އޮފިސަރާއި އޭނާއާ އެކު ހުރި ދެވަނަ ފުލުހުންގެ މީހާ، ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހާ ފިލިޔަނުދިނުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭނެއެވެ. އަދި ވަގުތުން އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭށަނަށް އެކަން އަންގަން ޖެހޭނެއެވެ. މާލޭގައި ނަމަ އަންގަން ޖެހޭނީ ކޮމާންޑް ސެންޓަރަށެވެ.
(ށ) ފުލުހުންގެ ބެލުމުގެދަށުގައިވާ މީހަކު އެއްތަނުން އަނެއް ތަނަށް ގެންދަނިކޮށް ފިލައިފިނަމަ، އެމީހަކު އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް އެންގި ފަރާތަކަށް ޕޮލިސް ސްޓޭށަނުން ނުވަތަ ކޮމާންޑް ސެންޓަރުން އެކަން އަންގަން ޖެހޭނެއެވެ.
(ނ) ފުލުހުންގެ ބެލުމުގެދަށުގައިވާ މީހަކު އެއްތަނުން އަނެއް ތަނަށް ގެންދަނިކޮށް ފިލައިފިނަމަ، އެކަން ބަލައި ތަހްގީގްކުރަން ޖެހޭނެއެވެ.
64 ވަނަ މާއްދާ - ފުލުހުންގެ ބެލުމުގެދަށުގައިވާ ބަޔަކު އެއްތަނުން އަނެއް ތަނަށް ގެންދިޔުން
(ހ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންގެ ތެރެއިން އެކަކަށްވުރެ ގިނަ މީހުން އެއްތަނުން އަނެއް ތަނަށް ގެންދަން ޖެހިއްޖެނަމަ، ގެންދަން ޖެހޭނީ މިގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެ މީހަކާމެދު ވަކިން އަމަލު ކޮށްފައެވެ.
(ށ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެކަކަށް ވުރެ ގިނަ މީހުން އެއްވަގުތެއްގައި އެއްތަނުން އަނެއް ތަނަށް ގެންދަން ޖެހިއްޖެނަމަ، މަދުވެގެން ކޮންމެ 3 މީހަކަށް އެސްކޯޓިންގ އޮފިސަރެއް ހުންނަން ޖެހޭނެއެވެ.
(ނ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންގެ ތެރިން އެކަކަށް ވުރެ ގިނަ މީހުން އެއް ވަގުތެއްގައި އެއްތަނުން އަނެއް ތަނަށް ގެންދަން ޖެހިއްޖެނަމަ، އެސްކޯޓިންގް އޮފިސަރުގެ އިތުރަށް މަދުވެގެން ކޮންމެ މީހަކަށް ފުލުހެއް ހުންނަން ޖެހޭނެއެވެ.
65 ވަނަ މާއްދާ - އާންމު ފަރާތެއްގެ އުޅަނދެއްގައި ހައްޔަރު މީހުން އުފުލުން
(ހ) ވައިގެ މަގުން ފިޔަވައި ކަނޑު މަގުން ނުވަތަ އެއްގަމުގައި ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އާންމު ފަރާތެއްގެ އުޅަނދެއްގައި އެއްތަނުން އަނެއް ތަނަށް އުފުލަން ޖެހޭނީ، އެނޫން އެހެން ގޮތެއް ނެތް ހާލަތެއްގައި، އެމީހަކު ހައްޔަރު ކޮށްފައިވާ ޑިޕާރޓްމަންޓްގެ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ.
(ށ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އާންމު ފަރާތެއްގެ އުޅަނދެއްގައި އެއްގަމުގައި އެއްތަނުން އަނެއް ތަނަށް އުފުލާނަމަ، މިގަވާއިދުގެ 60 ވަނަ މާއްދާއިވާ ގޮތުގެ މަތިން އަމަލުކުރަން ޖެހޭނެއެވެ.
(ނ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އާންމު ފަރާތެއްގެ އުޅަނދެއްގައި ކަނޑުމަގުން އެއްތަނުން އަނެއް ތަނަށް އުފުލާނަމަ، މިގަވާއިދުގެ 58 ވަނަ މާއްދާގައިވާ ނުކުތާތަކުގެ ތެރެއިން (ރ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި އެހެން ހުރިހާ ނުކުތާއެއްގައިވާ ގޮތަށް އަމަލުކުރަން ޖެހޭނެއެވެ.
(ރ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު ޢާއްމު ފަރާތެއްގެ އުޅަނދެއްގައި ކަނޑުމަގުން އެއްތަނުން އަނެއްތަނަށް އުފުލާނަމަ، އެމީހަކު ގެންދަންޖެހޭ ރަށް ފިޔަވައި އެހެން ރަށަކަށް 2 ގަޑި އިރަށްވުރެ ގިނައިރު ބަނދަރުކުރާނަމަ، އަދި އެރަށަކީ ފުލުހުންގެ މަރުކަޒެއް ހުރެ އެމަރުކަޒުގައި މީހުން ހައްޔަރު ކުރުމުގެ ވަސީލަތް ހުރި މަރުކަޒެއް ނަމަ، އެމީހަކު މަރުކަޒަށް ގެންދަން ޖެހޭނެއެވެ. އަދި ދަތުރުކުރާ އުޅަނދު ފުރަންދެން މަރުކަޒުގެ ބެލުމުދަށުގައި އެމީހާ ބަހައްޓަން ވާނެއެވެ.
(ބ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އާއްމު ފަރާތެއްގެ އުޅަނދެއްގައި ކަނޑުމަގުން އެއްތަނުން އަނެއް ތަނަށް އުފުލާނަމަ، އަދި ދަތުރު މަތީގައި ކޭންބުއިމުގެ ވަގުތެއް އަތުވެއްޖެނަމަ، އެމީހާއަށް ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައި ދޭންޖެހޭނެއެވެ.
(ޅ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އާއްމު ފަރާތެއްގެ އުޅަނދެއްގައި ކަނޑުމަގުން އެއްތަނުން އަނެއްތަނަށް އުފުލާނަމަ، ވަކި ހާލަތެއް މެދުވެރި ނުވާހާ ހިނދަކު އެމީހަކު ދަތުރުކުރާ އުޅަނދުގައި ތިބޭ އާންމުންނާއި މުއާމަލާތް ކުރުން މަނައެއް ނުކުރެއެވެ.
66 ވަނަ މާއްދާ - އުފުލުމުގައި ހަވާލުވެގެން ތިބި ފުލުހުންގެ އިހުމާލުވުން
ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް އުފުލުމުގައި ހަވާލުވެގެން ތިބި ފުލުހުންގެ އިހުމާލުވުން ހަވާލުކޮށްފައިވާ ފުލުހުން އިހުމާލު ވެއްޖެނަމަ، އެކަން ބަލައި ތަހްގީގްކުރަން ޖެހޭނެއެވެ.
އަށްވަނަ ބާބު
ބިޑިއެޅުވުން
67 ވަނަ މާއްދާ - ބިޑި އެޅޭނެ ހާލަތު
ފުލުހުންނަށް މީހެއްގެ އަތުގައި ބިޑި އެޅާނީ ތިރީގައިވާ ހާލަތްތަކުގައެވެ.
(ހ) ކުށެއްގެ ތުހުމަތުގައި، މީހަކު ހައްޔަރުކުރުމަށް؛
(ށ) ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގައި؛
(ނ) ކޯޓްގެ އަމުރެއްގެ ދަށުން ޙުކުމެއް ތަންފީޒު ކުރުމަށް ހައްޔަރުކުރަން ޖެހޭ މީހަކު ހައްޔަރުކުރުމުގައި.
68 ވަނަ މާއްދާ - ބިޑި އަޅުވާނެ ގޮތް
(ހ) ބިޑިއަޅަޖެހޭ ހާލަތެއް މެދުވެރިވެގެން ބިޑި އަޅަންޖެހިއްޖެނަމަ، ބިޑި އަޅާނީ އެމީހަކަށް ނުވަތަ އެމީހެއްގެ ފުށުން އެހެން މީހަކަށް އަނިޔާއެއް ނުލިބޭ ގޮތެއްގެ މަތިންނެވެ. މިގޮތުން ބިޑިއެޅުމުގައި ބިޑި އަޅާ ބާރުކުރަންވާނީ، އެއިރެއްގައި ދެމިއޮތް ހާލަތާއި ބިޑި އަޅުވަންޖެހޭ މީހާގެ އުމުރާއި، އަމަލުތަކުގެ މައްޗަށް ރިއާޔަތްކޮށް އެކަށޭނެ އެންމެ ކުޑަ ބާރުމިނެކެވެ.
(ށ) މިގަވާއިދުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއްގައި މީހެއްގެ އަތުގައި ބިޑިއަޅަން އުޅުމުން އޭނާ ނުކިޔަމަންތެރި ވެއްޖެނަމަ، އަނިޔާވެދާނެ ކަމަށާއި، އެގޮތުން ލިބޭ އަނިޔާއާއި މެދު ޒިންމާ އުފުލަން ޖެހޭނީ އެމީހާ އަމިއްލައަށް ކަމަށް ބުނެ އިންޒާރުކުރަން ޖެހޭނެއެވެ.
(ނ) މިގަވާއިދުގެ 67 ވަނަ މާއްދާގެ (ހ) ނުވަތަ (ނ)ގައި ބަޔާންކޮށްފައިވާ ޙާލަތުގައި މީހެއްގެ އަތުގައި ބިޑިއެޅުމުގައި އެމީހެއްގެ ޢަމަލުތައް ހުންނަ ގޮތަށް ރިޢާޔަތްކޮށް މިމާއްދާއިގެ (ށ)ގައި ބަޔާންކޮށްފައިވާ އިންޒާރު ނުދީ ބިޑި އެޅުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
(ރ) މިގަވާއިދުގެ ދަށުން މީހެއްގެ އަތުގައި ބިޑި އެޅުމުގެ ތެރޭގައި، އެމީހަކު ދައްކާ ދެކޮޅުވެރިކަމެއްގެ ސަބަބުން އެމީހާގެ ނުވަތަ އެހެން ޞަފްހާ 32 މީހެއްގެ ނަފްސަށް، ނުވަތަ މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ، އެނުކިޔަމަންތެރިކަން ދެއްކި މީހެކެވެ.
(ބ) އެނދުބިޑި ފިޔަވައި، އެހެން ވައްތަރުތަކުގެ ބިޑި އަޅާއިރު އެއްވެސް ތަނަކާއެކު، ނުވަތަ އެހެން މީހަކާއެކު ބިޑި އަޅައިގެން ނުވާނެއެވެ.
69 ވަނަ މާއްދާ - އަޅަން ޖެހޭ ބިޑި
މިގަވާއިދުގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން މީހެއްގައި ބިޑިއަޅަން ޖެހިއްޖެނަމަ، އަޅާނެ ބިޑިއެއްގެ ބާވަތް ކަނޑައަޅާނީ ބިޑި އަޅަން ހުންނަ މީހާއެވެ. މިގޮތުން އަޅާ ބިޑީގެ ވައްތަރަކީ، އެވަގުތެއްގެ ހާލަތާއި ބިޑި އަޅަން ޖެހޭ މީހާގެ އުމުރާއި، އޭނާގެ އަމަލުތަކުގެ މައްޗަށް ރިއާޔަތްކޮށް، އެންމެ އެކަށޭނެ ވައްތަރުގެ ބިޑިއަކަށް ވާންވާނެއެވެ.
70 ވަނަ މާއްދާ - ބިޑި އަޅައިގެން ގެނެވޭ މީހުންނާއި މެދު އަމަލުކުރާނެ ގޮތް
(ހ) ބިޑި އަޅައިގެން މީހަކު ޕޮލިސް ސްޓޭށަނަކަށް ނުވަތަ އެމީހަކު ބިޑި އަޅައިގެން ގެނެވޭ މީހުންނާއި މެދު އަމަލުކުރާނެ ގޮތް ހައްޔަރުކުރަން ހަމަޖެހިފައިވާ ތަނަކަށް ހާޒިރުކުރެވިއްޖެނަމަ، އެމީހަކު ހައްޔަރުކުރުމާބެހޭ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކޮށް، އެފަދަ މީހުން ބޭތިއްބުމަށް ހާއްސަ ކުރެވިފައިވާ ތަނަކަށް އެމީހާ ވެއްދުމަށްފަހު، ބިޑި ނައްޓަން ވާނެއެވެ.
(ށ) އެއްވެސް ސަބަބެއް މެދުވެރިވެގެން، ބިޑިއަޅާފައި އެއް ގަޑިއިރަށްވުރެ އިތުރަށް މީހަކު ބަހައްޓަން ޖެހިއްޖެނަމަ، ބިޑި އަޅަން ޖެހުނު ސަބަބާއެކު ތަފްސީލް އެނގޭނޭ ގޮތަށް މައުލޫމާތު ރިކޯޑްކޮށް ބަލަހައްޓާން ވާނެއެވެ
(ނ) ބިޑިއަޅާފައިވާ މީހާގެ އަމަލުތައް ހުރިގޮތުން ބިޑި ނައްޓައިފިނަމަ އެމީހާގެ ފުށުން ގެއްލުމެއް އެމީހާއަށް ނުވަތަ އެހެން މީހަކަށް ނުވަތަ މުދަލަކަށް ކުރިމަތިވެދާނެ ކަމަށް، މައްސަލަ ތަހްގީގްކުރާ ފަރާތަށް، ނުވަތަ އެމީހަކާ ހަވާލުވެހުރި ފަރާތަށް، ނުވަތަ ތަހްގީގްކުރާ ޔުނިޓްގެ ވެރިއަކަށް ފެނިއްޖެނަމަ، ނުވަތަ ބަޔާންކުރެވުނު ފަރާތްތަކަށް ގެއްލުމެއް ދޭންއުޅޭ ކަމަށް ގަބޫލްކުރެވޭނަމަ މިމާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ 1 ގަޑިއިރަށްވުރެ އިތުރަށް، 5 ގަޑިއިރަށް (ޖުމްލަ 6 ގަޑިއިރަށް) ބިޑިއަޅާފައި ބެހެއްޓިދާނެއެވެ.
(ރ) މިމާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހުވެސް، ބިޑި އަޅުފައިވާ މީހާގެ ޢަމަލުތައް އިސްލާހު ނުވެއްޖެނަމަ، އިތުރު 06 ގަޑިއިރަށް (ޖުމްލަ 12 ގަޑިއިރަށް) ބިޑިއަޅާފައި ބޭންދުމުގެ އިހްތިޔާރު އެމީހަކު ހައްޔަރުކޮށްފައި ހުރި ޕޮލިސް ސްޓޭށަނަކާއި ނުވަތަ ޕޮލިސް ކަސްޓަޑީއާ ހަވާލުވެގެން ހުރި އެންމެ އިސް ކޮމިށަންޑް އޮފިސަރަށް ލިބިގެންވެއެވެ.
(ބ) މިމާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހުވެސް ހައްޔަރުގައި ހުރި މީހާގެ ޢަމަލުތައް އިސްލާހް ނުވެއްޖެނަމަ، އޭނާގެ އަމަލުތައް އިސްލާހް ވަންދެން ބެހެއްޓުގެ އިހްތިޔާރު އެސްޓޭށަނާއި ނުވަތަ ޕޮލިސް ކަސްޓަޑީއާ ހަވާލުވެހުރި އެންމެ އިސް ކޮމިށަންޑް އޮފިސަރަކަށް ލިބިގެންވެއެވެ.
(ޅ) މިގަވާއިދުގެ 68 ވަނަ މާއްދާގައިވާފަދަ ހާލަތެއްގައި ބިޑިއަޅުން އުޅެނިކޮށް މީހެއްގެ އަމަލުތައް އިސްލާހް ވެއްޖެކަމަށް، އެމީހާ ބެލެހެއްޓުމާއި ހަވާލުވެހުރި ފަރާތަށް ފެނިއްޖެނަމަ، ވަގުތުން އެމީހެއްގައި އަޅުފައިވާ ބިޑި ނައްޓަން ވާނެއެވެ. ބިޑި ނެއްޓި ސަބަބާއެކު ތަފްސީލް އެނގޭނޭ ގޮތަށް މައުލޫމާތު ރިކޯޑްކޮށް ބަލަހައްޓަން ވާނެއެވެ.
71 ވަނަ މާއްދާ - ވަގުތީ ގޮތުން ބިޑި ނެއްޓުން
(ހ) މިގަވާއިދުގެ ދަށުން ބިޑިއަޅާފައިވާ މީހާ އަންނަނިވި ކަންތައްތައް ވަގުތީ ގޮތުން ބިޑި ނެއްޓުން ކުރުމަށްޓަކައި އެހެން ގަވާއިދަކުން މަނާނުކުރާހާ ހިނދަކު، ވަގުތީ ގޮތުން އެކަމެއް ކޮށް ނިމެންދެން ބިޑި ނައްޓަންވާނެއެވެ.
- ނަމާދުކުރުން؛
- ކައިބޮއިހެދުން؛
- ގަލާހާޖާކުރުން؛
- ފެންވެރުން؛
- ލިޔެކިޔުންތަކުގައި ސޮއިކުރުމާއި އިނގިލީގެ ނިށާން ޖެހުން.
(ށ) މިމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް ބިޑި ނައްޓާ ވަގުތު، ބިޑި އަޅާފައިވާ މީހާ ގަދަ ހަދާގޮތް ދައްކައި، ނުކިޔަމަންތެރިވާނަމަ، ވަގުތީ ގޮތުންވެސް ބިޑި ނައްޓާނުލައި ބެހެއްޓުމުގެ އިހްތިޔާރު، ހައްޔަރުކުރާ ފަރާތަށް ނުވަތަ އޭނާ ބަލަހައްޓާ ފަރާތަށް ލިބިގެންވެއެވެ.
72 ވަނަ މާއްދާ- ބިޑި ގެންގުޅުން
(ހ) ބިޑި އާއި ހަވާލުވެފައިވާ ފަރާތުން ބިޑި ގެންގުޅުމުގައި ސަމާލުވާން ވާނެއެވެ.
(ށ) މަގުމަތީގައި އުޅޭ އުޅުމުގައި ބިޑި އާއި ހަވާލުވެފައިވާ މީހާ، ބިޑީގެ ބޭނުން ކުރަން ނުޖެހޭ ވަގުތުތަކުގައި ބިޑި ހުންނަންވާނީ ޕައުޗުގައި ހަރުކުރެވިފައެވެ. އަދި ބިޑީގެ ތަޅުދަނޑި ވެސް އޮންނަން ވާނީ ހަރުކުރެވިފައެވެ.
(ނ) ހަވާލުވެފައިވާ ބިޑިއެއް ގެއްލިއްޖެނަމަ، ނުވަތަ މިގަވާއިދާ ހިލާފަށް ފުލުހަކު ބިޑި ބޭނުން ކުރި ކަމަށް ތުހުމަތުކުރެވިގެން މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެމައްސަލައެއް ބަލާ ތަހްގީގް ކުރަންވާނެއެވެ.
73 ވަނަ މާއްދާ - ބިޑީގެ ވައްތަރުތައް
މިގަވާއިދުގެ ދަށުން އެޅޭނެ ބިޑިތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ނައިލޯނު ބިޑި؛
(ށ) އަތުބިޑި؛
(ނ) އެއްހުޅު ބިޑި؛
(ރ) ބައިން ބިޑި؛
(ބ) އިނިގިލިބިޑި؛
(ޅ) އަންގިބިޑި؛
(ކ) އެކަހެރިބިޑި؛
(އ) ޖޯޑުބިޑި؛
(ވ) މުލައްދަނޑި ބިޑި؛
(މ) ޖެކެޓް ބިޑި؛
(ފ) އެނދު ބިޑި؛
(ދ) ދޯރިބިޑި؛
(ތ) ދަހަނާ ބިޑި؛
(ލ) ރޯނު ބިޑި؛
(ގ) ގައި ބިޑި؛
74 ވަނަ މާއްދާ - ބަހުގެ މާނަ
މިގަވާއިދުގައި އެއިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ބަހުގެ މާނަ ކަނޑައެޅިގެން ދޭހަ ނުވާނަމަ:-
(ހ) 'ބިޑި' ކަމަށް ބުނެފައި އެވަނީ މިގަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އެންމެހާ ވައްތަރުތަކުގެ ބިޑި ހިމެނޭ ގޮތަށެވެ.
(ށ) "ކޮމިށަންޑް އޮފިސަރު" ކަމުގައި ބުނެފައިވަނީ ފުލުހުންގެ ކޮމިށަންޑް އޮފިސަރު ރޭންކުގެ ފުލުހަކަށެވެ.
ނުވަވަނަ ބާބު
މީޑިއާ ޕޮލިސީ
75 ވަނަ މާއްދާ - މީޑިޔާއަށް މައުލޫމާތު ދިނުން
ގާނޫނުގައިވާ ގޮތުގެމަތިން ތިރީގައި އެވާ ކަންކަން މީޑިޔާ މެދުވެރިކޮށް މީޑިޔާއަށް މައުލޫމާތު ދިނުން ފުލުހުންނަށް ހާމަކުރެވިދާނެއެވެ.
(ހ) ކުށުގެ ވެށީގައި ހިމެނޭ ފޮޓޯއާއި ވީޑިއޯ ނުވަތަ ކުށުގެ (ހ) ކުށުގެ ޢަމަލު ހިންގަނިކޮށް ނެގިފައިވާ ފޮޓޯ އާއި ވީޑިއޯ ތަހުގީގަށް ހުރަސް ނޭޅޭ ގޮތުގެ މަތިން އާންމުކުރުން؛
(ށ) ތަހުގީގަށް އިތުރު މައުލޫމާތު ހޯދުމުގެ ގޮތުން މީހެއްގެ ނުވަތަ ތަނެއްގެ ނުވަތަ އެއްޗެއްގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާންމުކުރުން؛
(ނ) މަރުގެ ހާދިސާތަކާ ގުޅިގެން ގުޅިގެން އެމަރުވި މީހާގެ ބަލަދުވެރިޔާއަށް ނުވަތަ ބެލެނިވެރިޔާ ނުވަތަ އާއިލާއަށް އެކަން އެނގުމަށްފަހު މީޑިޔާއަށް މައުލޫމާތު ހާމަކުރުން އަދި މަރުވެފައިވާ މީހާއަކީ ބިދޭސީއެއްނަމަ، އެމީހެއްގެ ގައުމުގެ އެމްބަސީއަކަށް ވީ އެންމެ އަވަހަކަށް އެކަން އެންގުމަށްފަހު.
76 ވަނަ މާއްދާ – ކުށުގެ ވެށީގެ މައުލޫމާތު މީޑިޔާއަށް ހާމަކުރުން
ޖިނާއީ ކުށުގެ ޢަމަލެއް ހިނގައިގެން އުޅޭ ތަނަކުން މީޑިޔާގެ ފަރާތްތަކުން ކުށުގެ ވެށީގެ މަޢުލޫމާތު މީޑިޔާއަށް މައުލޫމާތު ހޯދަން އެދޭނަމަ، އެފަދަ ފަރާތްތަކަށް ފުރުސަތު ދިނުމުގައި ޢަމަލު ކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
(ހ) ކުށުގެ ހާދިސާ ހިނގާ ސަރަޙައްދުތަކުގައި މީޑިޔާގެ ފަރާތްތައް ފޮޓ ނަގާ، ވީޑިއޯ ކުރުމަށް ފުރުސަތު ދެވޭނީ އެޙާދިސާއެއް ހިނގި ސަރަހައްދުގައި، ހިނގި ކަމެއް ތަހުގީގް ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހުރަސް ނޭޅޭ ގޮތެއްގެ މަތިން ހާލަތަށް ރިއާޔަތް ކުރުމަށް ފަހުއެވެ.
(ށ) ކުށުގެ ހާދިސާ ހިނގާ ސަރަހައްދުތަކުގައި މީޑިޔާގެ ފަރާތްތައް ފޮޓޯ ނަގާ، ވީޑިއޯ ކުރުމަށް ފުރުސަތު ދެވޭނީ އެހާދިސާއެއް ހިނގި ސަރަހައްދުގައި، ހިނގި ކަމެއް ތަހުގީގް ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހުރަސް ނޭޅޭ ގޮތެއްގެ މަތިން ހާލަތަށް ރިއާޔަތް ކުރުމަށް ފަހުއެވެ.
77 ވަނަ މާއްދާ - ބޮޑެތި ހާދިސާތަކުގައި މީޑިޔާއަށް މައުލޫމާތު ދިނުން
ގައުމުގެ އަމަންއަމާންކަމާއި މަސްލަހަތަށް ބުރޫ އަރާފަދަ މައްސަލައެއްގައި ނުވަތަ ހާދިސާއެއްގެ މައުލޫމާތު މީޑިޔާ މެދުވެރިކޮށް ވަގުތުން ބްރޯޑްކާސްޓް ނުކުރުމަށް އަންގާ، އެފަދަ ފަރާތްތަކަށް ފުލުހުންނަށް އެ ފުރުސަތު ދެވިދާނެއެވެ.
78 ވަނަ މާއްދާ - ދެވޭ މައުލޫމާތު ބަދަލުކުރުން
ފުލުހުން މީޑިޔާއަށް ހާމަކުރި މައުލޫމާތެއް އޮޅުވައިލައިގެން ނުވަތަ މުޖުތަމަޢުގެ މަސްލަހަތު ގެއްލޭ ގޮތަށް ބަދަލުކޮށްގެން އާންމުންނަށް އެމައުލޫމާތެއް ގެނެސްދީފައިވާނަމަ، އެފަދަ ފަރާތަކަށް މަޢުލޫމާތު ހާމަ ނުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެން ވެއެވެ.
79 ވަނަ މާއްދާ - މައުލޫމާތު ހާމަނުކުރުން
ތިރީގައިވާ މައުލޫމާތު މީޑިޔާއަށް ހާމަނުކޮށް ހިފެހެއްޓުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ.
(ހ) ގާނޫނާ ހިލާފަށް މީހަކު ޢަމަލެއް ކޮށްފިކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ކުރަމުންދާ ތަޙުގީގަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު؛
(ށ) ގާނޫނާ ހިލާފަށް މީހަކު އަމަލެއް ކޮށްފިކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ކުރަމުންދާ ތަހުގީގަކަށް ހުރަސްއެޅިދާނެފަދަ މައުލޫމާތު؛
(ނ) މައުލޫމާތެއް ހާމަކުރުމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުންނަށް ނުލިބިދާނެފަދަ ހާލަތްތަކުގައި؛
(ރ) ގާނޫނެއް ހިންގުމުގައި ނުވަތަ ތަންފީޒް ކުރުމުގައި ހިފަހައްޓަން ޖެހޭ ސިއްރު މައުލޫމާތު؛
(ބ) މީހެއްގެ ނަފްސަށް ނުވަތަ ރައްކާތެރިކަމަށް ގެއްލުމެއް ލިބިދާނެ މައުލޫމާތު؛
(ޅ) ހިނގަމުންދާ ށަރީއަތަކަށް ހުރަސްއެޅިދާނެ މައުލޫމާތު؛
(ކ) ގާނޫނާ ހިލާފަށް ކުރާ އަމަލުތައް ހުއްޓުވުމަށްޓަކައި ނުވަތަ ތަހުގީގް ކުރުމަށްޓަކައި ނުވަތަ އެފަދަ ކަންކަމާގުޅޭ ގޮތުން މުއާމަލާތް ކުރުމަށްޓަކައި ހެދިފައިވާ ސައްހަ އުސޫލުތަކަށް އަމަލު ނުކުރެވިދާނެފަދަ މައުލޫމާތު؛
(އ) އަމަންއާއްމާއި އާއްމު މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި ގާނޫނު ހުއްދަ ކުރާ ގޮތެއްގެ މަތިން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ހުރަސް އެޅޭފަދަ މައުލޫމާތު؛
(ވ) އިމާރާތުގެ ނުވަތަ ތަނެއްގެ ނުވަތަ ފުރާ ދުއްވާ އުޅަނދެއްގެ ރައްކާތެރިކަމަށް ގެއްލުން ލިބިދާނެ ކަމަށް ގަބޫލުކުރެވޭ މައުލޫމާތު؛
(މ) މީހުންނާއި މުދާ ރައްކާތެރިކުރުމަށް ހިންގޭ އެކިއެކި އުސޫލުތަކަށް ހުރަސް އެޅޭފަދަ ނުވަތަ އުނިކަން ލިބޭފަދަ މައުލޫމާތު؛
(ފ) ހައްޔަރުކުރެވިފައިވާ ނުވަތަ ބަންދުކުރެވިފައިވާ މީހަކު ފިލުމަށް ފަސޭހަވާފަދަ މައުލޫމާތު؛
80 ވަނަ މާއްދާ – މީޑިއާއަށް މައުލޫމާތު ހާމަކުރެވިދާނެ ގޮތްތައް
އަންނިވި ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ރަސްމީކޮށް މީޑިޔާއަށް މައުލޫމާތު ހާމަކުރެވިދާނެއެވެ.
(ހ) ޕްރެސް ކޮންފަރެންސް؛
(ށ) ފެކްސް؛
(ނ) އީމެއިލް؛
(ރ) ވެބްސައިޓް؛
(ބ) ފޯނުން؛
(ޅ) އެސް.އެމް.އެސް؛
(ކ) އިންޓަރވިއު.
ދިހަވަނަ ބާބު
ސްޕޮންސަރށިޕް
81 ވަނަ މާއްދާ - ސްޕޮންސާށިޕް ބޯޑް
މި ގަވާއިދުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ރާވާ ހިންގާ ހަރަކާތްތެއްގައި ސްޕޮންސަރށިޕް ހޯދުމާ ސްޕޮންސަރށިޕްގެ އެންމެހާ ކަންތައް ރާވާ ހިންގާ އަދި ބެލެހެއްޓުމަށްޓަކާ "ސްޕޮންސަރށިޕް ބޯޑު" ގެ ނަމުގައި ބޯޑެއް އުފެދިފައި އޮންނަން ވާނެއެވެ.
82 ވަނަ މާއްދާ - ސްޕޮންސާށިޕް ހޯދޭނެ ކަންތައްތައް
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ސްޕޮންސަރށިޕް ހޯދޭނީ ތިރީގައިވާ ކަންތައްތަކުގައެވެ.
(ހ) ގައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި ހިންގޭ ހަރަކާތްތަކުގައި ފުލުހުން ތަމްސީލް ކުރާ ކަންތައްތަކަށް؛
(ށ) ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގާ ޕްރޮގްރާމްތަކުގައި؛
(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިޕާރޓްމަންޓްތަކުގެ މެދުގައި ބޭއްވޭ މޯ އެކިއެކި ހަރަކާތްތަކުގައި؛
(ރ) ފުލުހުންގެ އެކި ދާއިރާތަކުގެ މަސައްކަތާއި ގުޅޭ ކަންތައްތަކުގައި؛
(ބ) މޯލްޑިވްސް ޕޮލިސް ސަރވިސް ކުރިއެރުވުމަށް ކުރެވޭ ކަންތައްތަކުގައި.
83 ވަނަ މާއްދާ - ސްޕޮންސަރށިޕް ހޯދުން
(ހ) ގައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި ހިންގޭ މޯލްޑިވްސް ޕޮލިސް ސާރވިސް ތަމްސީލުކުރާ ހަރަކާތެއްގައި ނުވަތަ ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގާ، ޕްރޮގްރާމްތަކުގައި ސްޕޮންސަރށިޕް ހޯދަން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޮންސަރށިޕް ބޯޑުގެ މަށްވަރާގެ މަތިން ހުއްދަ ލިބިގެންނެވެ.
(ށ) އެއްވެސް ހަރަކާތަކަށް ސްޕޮންސަރށިޕް ހޯދަން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ސްޕޮންސަރށިޕް ދޭފަރާތާއި އެޙަރަކާތެއް ހިންގާ ފަރާތަކާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ސްޕޮންސަރށިޕް ދެވޭ ގޮތްތަކާއި ސްޕޮންސަރށިޕް ދޭފަރާތުން އިށްތިހާރު ކުރުމަށް ބޭނުންވާ ހިދުމަތެއް ނުވަތަ އެއްޗެއް ފާހަގަކޮށް އެއެއްޗެއް ނުވަތަ ހިދުމަތެއް ބޭނުންކުރެވޭނެ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނަން ވާނެއެވެ. އެގޮތުން ވެފައިވާ އެއްބަސްވުމުގައި ސްޕޮންސަރށިޕަށް ދެވޭ އިނާޔަތްތަކުގެ ބޭނުން ހިފަން ޖެހޭނެ ގޮތް ބަޔާންކޮށްފައި އޮންނަން ވާނެއެވެ.
(ރ) މިގަވާއިދުގެ ދަށުން ސްޕޮންސަރ ކުރަން ބޭނުންވާ އެއްޗަކީ ނުވަތަ ހިދުމަތަކީ ރާއްޖޭގައި އިސްތިހާރު ކުރުމުގެ ނުވަތަ ވިޔަފާރި ކުރުމުގެ ނުވަތަ ބޭނުންކުރުމުގެ ހުއްދަ އޮންނަ އެއްޗަކަށް ނުވަތަ ހިދުމަތަކަށް ވާންވާނެއެވެ.
(ބ) އެއްވެސް ހަރަކާތަކަށް ސްޕޮންސަރށިޕް ހޯދުމަށްފަހު ކެންސަލް ކުރަން ޖެހިއްޖެނަމަ ނުވަތަ ވަކި ހިސާބަކުން ހުއްޓާލަން ޖެހިއްޖެނަމަ އެމައްސަލަ ހައްލު ކުރާނީ ސްޕޮންސަރށިޕް ދިން ފަރާތާއި ޕޮލިސް ސަރވިސް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިންނެވެ.
(ޅ) މި މައްދާގެ (ށ) ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ހިމެނިފައިނުވާ ކަމެއް ދިމާވެގެން އެކަމެއް ހައްލު ނުކުރެވޭ ހާލަތްތަކުގައި އެފަދަ ކަމެއް ހައްލުކުރާނީ ށަރީއަތަށް ހުށަހަޅައިގެންނެވެ.
(ކ) ސްޕޮންސަރށިޕްގައި ލިބޭ ފައިސާ ހަރަދުކުރެވޭ ގޮތުގެ ތަފްސީލް ލިޔުމުން ބަލަހައްޓަން ވާނެއެވެ.
84 ވަނަ މާއްދާ - ފައިސާ ޖަމާކުރުން
ސްޕޮންސަރށިޕްގެ ދަށުން މޯ ޖަމާކުރަން ވާނީ ސްޕޮންސަރށިޕް ބޯޑުގެ ބެއްލެވުމުގެ ދަށުން ހިންގާ އެކައުންޓަކަށެވެ.
އެގާރަވަނަ ބާބު
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ވާ އިމާރާތްތަކަށް ވަދެ ނިކުމެ އުޅުމާއި ރަށް ރަށުން އަރާ ފޭބުން
85 ވަނަ މާއްދާ – ހުއްދަ ހޯދަން ނުޖެހޭ ފަރާތްތައް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކަށާ، ބިންބިމަށް ވަދެނިކުމެ އުޅުމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ރަށްރަށަށް އަރާ ފޭބުމުގެ ގާނޫނީ ބާރުލިބިފައިވާ ފަރާތްތައް މިގަވާއިދުން އިސްތިސްނާ ކުރެވޭނެއެވެ.
86 ވަނަ މާއްދާ - އިމާރާތަށް ނުވަތަ ރަށްރަށަށް ހާއްސަ ގަވާއިދެއް އޮތުން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކަށާ، ރަށްރަށަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުން ފިޔަވާ އެހެން ފަރާތްތަކުން އަރާފޭބުމާ ނުވަތަ ވަދެނިކުމެ އުޅުމާބެހޭ ގޮތުން، އެއިމާރާތަކުން ނުވަތަ އެރަށަކުން ދެމުންގެންދާ ހިދުމަތާ ނުވަތަ ކުރަމުންދާ ބޭނުމާ ގުޅޭ ގޮތަށް އެތަނަކަށް ނުވަތަ އެރަށަކަށް ހާއްސަ ގަވާއިދެއް އެކުލެވިފައި އޮންނަން ވާނެއެވެ.
87 ވަނަ މާއްދާ - ހާއްސަ ގަވާއިދުގައި ހިމަނަންޖެހޭ ކަންކަން
މިގަވާއިދުގެ 86 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ، އެތަނަކަށް ނުވަތަ ހާއްސަ ގަވާއިދުގައި އެތަނަކަށް ވަދެނިކުމެ އުޅުމުގައި އަމަލު ކުރާނޭ ގޮތާއި، އެރަށަކަށް އަރާ ފޭބުމުގައި އަމަލުކުރަންވީ ގޮތާއި އެތަނަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުން ފިޔަވާ އެހެން ފަރާތްތަކަށް ވަނުމުގެ ހުއްދަ އޮންނަ ސަރަހައްދާއި އެތަނެއްގައި ނުވަތަ އެރަށެއްގައި އުޅޭ އުޅުމުގައި އަމަލު ކުރަންވާ ގޮތް ބަޔާންކުރެވިފައި އޮންނަން ވާނެއެވެ.
88 ވަނަ މާއްދާ - ތަންތަނަށާއި ރަށްރަށަށް ވަނުމުގެ ހުއްދަ ހޯދުން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި ބިންބިމުގެ ތެރެއިން އާންމު ހިދުމަތެއް ދޭ ތަންތަން ފިޔަވާ އެނޫން ތަންތަނަށް ވަދެނިކުމެ އުޅެންވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ހޯދައިގެންނެވެ.
89 ވަނަ މާއްދާ – ވަދެނިކުތުމުގައި އަމަލުކުރަން ޖެހޭގޮތް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި ބިންބިމުގެ ތެރެއިން އާންމު ހިދުމަތެއް ދޭ ތަންތަނަށް ވަދެނިކުމެ އުޅުމުގައި އާއި އެތަނެއްގެ ތެރޭގައި އުޅޭ އުޅުމުގައި އަމަލުކުރަން ވާނީ އެތަނަކުން ހިދުމަތް ހޯދާ އެހެން ފަރާތްތަކަށް ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދަތިނުވާނޭ ގޮތުގެ މަތިންނެވެ.
90 ވަނަ މާއްދާ - ތަކެތި ފާސްކުރެވިދާނެ ހާލަތްތައް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކަށާއި، ބިންބިމަށް ވަދެނިކުމެވާ، މީހުންނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ރަށްތަކަށް އަރާފައިބާ މީހުންނާއި، އެމީހުން ގެންގޮސް ގެނެސް ހަނދާ ކޮންމެ އެއްޗެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ބަލާ ފާސްކުރެވިދާނެއެވެ.
91 ވަނަ މާއްދާ - މާނަކުރެވިފައިވާ ގޮތް
(ހ) މި ގަވާއިދުގައި ''އިމާރާތް'' މާނަކުރެވިފައި އެވަނީ އިމާރާތް ހުރި ގޯއްޗާއި އެ ގޯތީގައި ހުރި އެންމެހާ ތަކެތި ހިމެނޭ ގޮތަށެވެ.
(ށ) މިގަވާއިދުގައި "ރަށް" މާނަކުރެވިފައިވާ އެވަނީ ރަށާއި ރަށުގެ ފަޅާއި ރަށު ތެރޭގައިވާ އެންމެހާ ތަންތަން ހިމެނޭ ގޮތަށެވެ.
ބާރަވަނަ ބާބު
ގަވާއިދު ހިލާފަށް މަގުމަތީގައި ޕާކްކޮށްފައި ނުވަތަ ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ނެގުން
92 ވަނަ މާއްދާ – މަގުމަތީގައި ހުންނަ އުޅަނދުތަކުގެ ތެރެއިން ނެގޭނެ އެއްގަމު އުޅަނދު
މަގުމަތިގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައި އެވާ ގޮތަށް ޕާކުކޮށްފައި ނުވަތަ ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފުލުހުންނަށް ނެގޭނެއެވެ.
(ހ) ޕާކުކުރަން ކަނޑައަޅާފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދު؛
(ށ) ދުވާރު މަތީގައި ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދު؛
(ނ) ކަފިހި ހުރަހުގައި ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދު؛
(ރ) މީހުން ވަދެނިކުމެވާ ތަންތަނަށް ވަދެ ނިކުތުމަށް ދަތިވާގޮތަށް، ޕާރކިންގ ޒޯނުން ބޭރުގައި ބާއްވާފައި ހުންނަ އެއްގަމު އުޅަނދު؛
(ބ) މަގުން ދަތުރުކުރާ ޓްރެފިކަށް އުނދަގޫވާ ގޮތަށް، ޕާރކިންގ ޒޯނުން ބޭރުގައި ބާއްވާފައި ހުންނަ އެއްގަމު އުޅަނދު؛
(ޅ) ޕާކިން ޒޯނެއްގައި ޕާކުކޮށްފައި އޮންނަތާ ވިދިވިދިގެން 3 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ އެއްގަމު އުޅަނދު؛
(ކ) ބަސް ސްޓޮޕެއްގައި ޕާކްކޮށްފައި ހުންނަ ބަސް ނޫން އެހެން އެއްގަމު އުޅަނދު؛
(އ) ޓެކްސީ ސްޓޭންޑެއް ނުވަތަ ޓެކްސީ ކިޔުއެއްގައި ބާއްވާފައި ހުންނަ ޓެކްސީ ނޫން އެހެން އެއްގަމު އުޅަނދު؛
(ވ) މުދާ އަރުވާ ބާލާ ސަރަހައްދެއް ކަމުގައި ކަނޑައަޅާފައިވާ ސަރަހައްދެއްގައި ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދު؛
(މ) އެއްގަމު އުޅަނދު މަޑުކުރުން މަނާ ސަރަހައްދެއްކަން ކަނޑައަޅަފައިވާ ސަރަހައްދެއްގައި ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދު؛
(ފ) ހަމައެކަނި މީހުން އަރުވާ ބޭލުމަށް ހާއްސަކޮފައިވާ ތަނެއްގައި ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދު؛
(ދ) ވަކި ބާވަތެއްގެ އުޅަނދެއް ޕާކުކުރުމަށް ކަނޑައަޅާފައިވާ ޒޯނެއްގައި ޕާކްކޮށްފައި އޮންނަ އެހެން ބާވަތެއްގެ އެއްގަމު އުޅަނދު؛
(ތ) ރަޖިސްޓަރީ ނުކޮށް ނުވަތަ ރަޖިސްޓަރީ ނަންބަރު ޕްލޭޓް ނެތި ޕާކްކޮށްފައި ހުންނަ އިންޖީނުލީ އެއްގަމު އުޅަނދު؛
(ލ) އުޅަނދު ބެހެއްޓުން މަނާކަން އަންގާދިނުމަށް ރީނދޫ ދެރޮނގު ދަމާފައިވާ ސަރަހައްދެއްގައި ޕާކްކޮށްފައި ހުންނަ އެއްގަމު އުޅަނދު؛
(ގ) އެއްގަމު އުޅަނދު ހުއްޓުން މަނާކަން އަންގައިދޭ ސަރަހައްދެއްގައި ޕާކްކޮށްފައި ހުންނަ އެއްގަމު އުޅަނދު؛
(ޏ) އަހަރީ ފީ ނުދައްކާ ހުންނަ އެއްގަމު އުޅަނދު؛
(ސ) އެއްގަމު އުޅަނދެއް ބާއްވައިފިނަމަ ނަގާނެ ސަރަހައްދެއްކަން އަންގައިދޭ ނިށާން ހަރުކޮށްފައިވާ ސަރަހައްދެއްގައި ބާއްވާފައި އޮންނަ އެއްގަމު އުޅަނދު؛
(ޑ) ހާއްސަ ޒޯނުގައި ޕާކުކޮށްފައި ހުންނަ އެހެން ފަރާތްތަކުގެ އެއްގަމު އުޅަނދު.
93 ވަނަ މާއްދާ - އުޅަނދު ނެގުން
(ހ) އެއްގަމު އުޅަނދު ނަގާ ނެގުމުގައާއި ގެންދާ ގެންދިއުމުގައި އަދި ބާއްވަން ޖެހިފައިވާ ތަނެއްގައި ބޭއްވުމުގައި، އެއެއްގަމު އުޅަނދު ނަގާ ފަރާތުން ފަރުވާތެރިވާން ވާނެއެވެ. އެހެން ނަމަވެސް، އުޅަނދެއް ނެގުމުގެ ތެރޭގައި އެއުޅަނދަށް ލިބޭ ގެއްލުމަށް، އުޅަނދު ނަގާ ފަރާތުން ޒިންމާ ނަގާކަށް ނުޖެހޭނެއެވެ.
(ށ) އެއްގަމު އުޅަނދު ނަގައިގެން ބާއްވަން ޖެހިފައިވާ ތަނެއްގައި އޮންނަ އޮތުމުގައި ގުދުރަތީ ގޮތުން އެއްގަމު އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް އުޅަނދު ނަގާ ފަރާތުން ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ.
94 ވަނަ މާއްދާ - ނަގާ އެއްގަމު އުޅަނދު ބާއްވާ ތަން
މި ގަވާއިދުގެ ދަށުން ނެގޭ އެއްގަމު އުޅަނދުފަހަރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ގެންދެވޭނެއެވެ.
95 ވަނަ މާއްދާ - އެއްގަމު އުޅަނދު ނަގައިފައިވާކަން އެންގުމަށް އިއުލާން ކުރުން
މިގަވާއިދުގެ 92 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބަކާ ހުރެ އެއްގަމު އުޅަނދެއް ނަގާތާ ލަސްވެގެން 72 ގަޑިއިރުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެއުޅަނދު ނަގާފައިވާކަން އަންގައި އާންމު އިއުލާނެއް ކުރަން ވާނެއެވެ. އެ އިއުލާނުގައި އުޅަނދުގެ ރަޖިސްޓަރީ ނަންބަރު ނުވަތަ ކުލަ، މޮޑެލް އަދި ބާވަތް ހާމަކުރަން ޖެހޭނެއެވެ.
96 ވަނަ މާއްދާ - ނަގާފައިވާ އެއްގަމު އުޅަނދެއް އުޅަނދުގެ ވެރިފަރާތް ހަވާލުކުރުން
(ހ) މިގަވާއިދުގެ ދަށުން ނަގާ އެއްގަމު އުޅަނދުގެ ވެރިފަރާތުން އެ އުޅަނދަކާ ހަވާލުވުމަށްޓަކައި އަންގާ ތަނަކަށް ހާޒިރުވެ އުޅަނދާބެހޭ ރަސްމީ ލިޔުންތައް ހުށަހަޅާ އަދި މިގަވާއިދުގެ 92 ވަނަ މާއްދާގެ (ޏ) އާއި، 97 ވަނަ މާއްދާ އަދި 98 ވަނަ މާއްދާގައި ބުނެފައިވާ ފަދަ ފައިސާއެއް ދައްކަން އޮތްނަމަ، އެފައިސާއެއް ދެއްކުމުން އެއުޅަނދެއްގެ ވެރިފަރާތާ އުޅަނދު ހަވާލުކުރަން ވާނެއެވެ.
(ށ) މިގަވާއިދުގެ ދަށުން ނެގޭ އެއްގަމު އުޅަނދު އޭގެ ވެރިފަރާތާ ހަވާލު ކުރާނީ މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ތަނުންނެވެ. އަދި ނަގާފައިވާ އެއްގަމު އުޅަނދު ބާއްވާފައިވާ ތަނުން އުޅަނދު ގެންދިއުމަކީ އެއުޅަނދެއްގެ ވެރިފަރާތުގެ ޒިންމާއެކެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ނަގާފައިވާ އެއްވެސް އުޅަނދެއް ދޫކުރެވޭނީ، އެއުޅަނދުގެ ފަރާތުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް ދައްކަން ޖެހޭ ފީއެއް އޮތްނަމަ އެ ފައިސާ ދައްކާ ނިންމުމަށްފަހުއެވެ.
97 ވަނަ މާއްދާ - އުޅަނދު ނެގުމަށް ދިޔަ ހަރަދު ދިނުން
.މިގަވާއިދުގެ ދަށުން ނަގާ އެއްގަމު އުޅަނދު، އެއުޅަނދު ނެގުމަށް ދިޔަ ހަރަދު އުޅަނދުގެ ވެރިފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދައްކަން ވާނެއެވެ.
(ހ) ބައިސްކަލް 100 ރުފިޔާ
(ށ) ސައިކަލް 350 ރުފިޔާ
(ނ) ކާރު،ވޭން 800 ރުފިޔާ
(ރ) ޕިކަޕް 2 ޓަނަށް ވުރެ ދަށް 800 ރުފިޔާ
(ބ) ޕިކަޕް، ލޮރީ ޓަނުން މަތި 4 ޓަން ހަމަނުވާ 1000 ރުފިޔާ
(ޅ) ލޮރީ 4 ޓަނުން މަތި އަދި ބަސް 1500 ރުފިޔާ
(ކ) ވެހިކިއުލަރ އޮކްވިޕްމަންޓ 5000 ރުފިޔާ
98 ވަނަ މާއްދާ - ނަގާފައިވާ އެއްގަމު އުޅަނދުގެ މައްސަލަ ނުނިންމާ ފަރާތްތަކާއި މެދު އަމަލު ކުރާނެ ގޮތް
އެއްގަމު އުޅަނދެއް ނެގިކަން އިއުލާން ކުރާ ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި އެއުޅަނދަކާބެހޭ މައްސަލަ ނުނިންމާ އޮވެ، ހޭދަވާ އިތުރު ކޮންމެ ދުވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތިރީގައި އެވާ ގޮތުގެ މަތިން އެއުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރާނެތެވެ.
(ހ) ބައިސްކަލް 30 ރުފިޔާ
(ށ) ސައިކަލް 50 ރުފިޔާ
(ނ) ކާރު، ވޭން 100 ރުފިޔާ
(ރ) ޕިކަޕް 2 ޓަނަށް ވުރެދަށް 150 ރުފިޔާ
(ބ) ޕިކަޕް.ލޮރީ 2 ޓަނުން މަތި 4ޓަނު ހަމަނުވާ 200 ރުފިޔާ
(ޅ) ލޮރީ 4 ޓަނު މަތި، ބަސް 250 ރުފިޔާ
(ކ) ވެހިކިއުލަރ އިކުއިޕްމަންޓް 250 ރުފިޔާ
99 ވަނަ މާއްދާ - ނެގޭ އުޅަނދާއި ވެރިފަރާތުން ހަވާލުނުވުން
މިގަވާއިދުގެ ދަށުން ނަގާ އެއްގަމު އުޅަނދު ނެގިކަން އިއުލާން ކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތުން އުޅަނދާ ހަވާލު ނުވެއްޖެނަމަ ކޯޓު އަމުރަކާއި އެކު އެ އުޅަނދެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނައްތާލާނީއެވެ.
100 ވަނަ މާއްދާ – ނެގޭ އުޅަނދުގެ މައުލޫމާތު ބެލެހެއްޓުން
(ހ) މިގަވާއިދުގެ ދަށުން ނެގޭ އެއްގަމު އުޅަނދުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަހައްޓަން ވާނެއެވެ.
(ށ) މިގަވާއިދުގެ ދަށުން ނެގޭ އެއްގަމު އުޅަނދުގެ ތަފާސް ހިސާބު ބަލަހައްޓަން ވާނެއެވެ. އަދި އެމައުލޫމާތު މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ކޮމިޔުނިކޭޝަނަށް މަހަކު އެއްފަހަރު ފޮނުވަން ވާނެއެވެ.
ތޭރަވަނަ ބާބު
އޯޑިއޯ އަދި ވީޑިއޯ ރިކޯޑްކުރުމާއި ދޫކުރުން
101 ވަނަ މާއްދާ - ރިކޯޑްކުރެވޭނެ އިންޓަރވިއުތައް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތަޙުގީގްރާ މައްސަލަތަކާ ގުޅިގެން ހޯދާ ނުވަތަ ކުރާ ބަސްދީގަތުމުގެ (އިންޓަރވިއުގެ) އަޑު ރިކޯޑުކުރަން ވާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބޭނުންވެއްޖެ ހާލަތެއްގައި ބަސްދީގަތުމުގެ ވީޑިއޯ ރިކޯޑް ކުރެވިދާނެއެވެ.
102 ވަނަ މާއްދާ - ރިކޯޑްކުރަމުން ދަނިކޮށް ރިކޯޑްކުރުމަށް ހުރަހެއް އެޅުން
.ބަސްދީގަތުން ރިކޯޑުކުރަމުން ދަނިކޮށް ރިކޯޑު ކުރުމަށް ހުރަސްއެޅޭފަދަ ކަމެއް މެދުވެރިވެއްޖެނަމަ ބަސްދީގަތުން ކުރިއަށް ނުގެންގޮސް ހުއްޓާލަން ވާނެއެވެ.
103 ވަނަ މާއްދާ - ރިކޯޑިން ބެލެހެއްޓުން
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބާއްވާ ބަސްދީގަތުމުގެ ރިކޯޑިންގ ށަރީއަތަށް ބޭނުންވެއްޖެ ހިނދެއްގައި ހުށަހެޅޭ ގޮތަށް ބަލަހައްޓާން ވާނެއެވެ.
ސާދަ ވަނަ ބާބު
ތަހްގީގަށް ހާޒިރުކުރުން
104 ވަނަ މާއްދާ - މީހުން ހާޒިރުކުރެވޭނެ ގޮތް
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް، ވަގުތުން ހާޒިރުކުރަން ޖެހޭ މީހުން ފިޔަވައި އެހެން މީހުން ތަހުގީގަށް ހާޒިރުކުރެވޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.
(ހ) ހާޒިރުވުމުގެ ޗިޓް ފޮނުވައިގެން
(ށ) ފޯނުން އަންގައިގެން.
(ނ) ވަކިވަކި މީހުންނާ ބައްދަލުކޮށް ހާޒިރުވުމަށް އަންގައިގެން
105 ވަނަ މާއްދާ - ޗިޓަށް މީހުން ހާޒިރުވުން
(ހ) މިގަވާއިދުގެ 104 ގައިވާ ގޮތުގެ މަތިން މީހަކު ހާޒރުކުރަން ބޭނުންވާ ގަޑީގެ 24 ގަޑިއިރުގެ ކުރިން ހާޒިރުވުމުގެ ޗިޓްގައި އެމީހަކު ހާޒިރުކުރާ މައްސަލައިގެ ކުރު ތަފްސީލާ އެކު، ހާޒިރުވުމުގެ ޗިޓް އެމީހަކަށް ރައްދުކުރަން ޖެހޭނެއެވެ. މިޗިޓްގެ ނަކަލެއް ޖަދުވަލު 6 ގައި ވާނެއެވެ.
(ށ) ހާޒިރުކުރަން ބޭނުންވާ މީހާގެ އަތަށް ހާޒިރުވުމުގެ ޗިޓް ހަވާލު ނުކުރެވޭ ހާލަތްތަކުގައި އެޗިޓް ހަވާލުކޮށްދިނުމަށްޓަކާ، އޭނާ ދިރިއުޅޭ ނުވަތަ މަސައްކަތްކުރާ ތަނެއްގައި އުޅޭ އެހެން ފަރާތަކަށް ހަވާލު ކުރެވިދާނެއެވެ.
(ނ) މިމާއްދާއިގެ (ށ) ގައިވާ ގޮތަށް ހާޒިރްވުމުގެ ޗޓް ހަވާލުކުރެވޭ މީހާ، ހާޒިރު ނުވެއްޖެނަމަ، ޗިޓަށް ހާޒިރުނުވާ މީހުންނާ މެދު ޢަމަލުކުރުމަށް މިގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އަމަލު ކުރަންވާނެއެވެ.
(ރ) ހާޒިރުވުމުގެ ޗިޓާއި ހަވާލުވުމަށްފަހު މަގްބޫލު އުޒުރެއް މެދުވެރިވެގެން ހާޒިރު ނުވެވޭނަމަ، ހާޒިރުވުމަށް އަންގާފައިވާ ގަޑި ޖެހުމުގެ ލަސްވެގެން 02 ގަޑިއިރުގެ ކުރިން ލިޔުމުން ހާޒިރު ނުވެވޭ ސަބަބު ބަޔާންކޮށް އަންގަން ޖެހޭނެއެވެ. މިގޮތުން އަންގަން ޖެހޭނީ ހާޒިރުވުމަށް އަންގާފައިވާ ފުލުހުންގެ މަރުކަޒަށެވެ.
106 ވަނަ މާއްދާ - ހެކިބަސްދޭން ހާޒިރުވުން
ކޮންމެހެން ހާޒިރުކޮށްގެން ހެކިބަސް ނަގަން ޖެހޭ ހާލަތްތަކުގައި މެނުވީ ފުލުހުން ކުރާ ތަހުގީގަކަށް ބޭނުންވާ ހެކިބަސް ހޯދަންވާނީ ހެކިބަސްދޭ މީހަކު ހުރި ތަނަކަށް ފުލުހުން ގޮސްގެންނެވެ. އަދި ކޮންމެހެން ފުލުހުންގެ އިދާރާއަކަށް ހާޒިރުވެ ހެކިބަސް ނުނެގޭނެ ހާލަތްތަކުގައި އެފަދަ މީހަކު ފުލުހުންގެ އިދާރާއަކަށް ހާޒިރުކުރާންވާނީ އެމީހަކަށް ދަތިނުވާނޭ ގޮތެއްގެ މަތީންނެވެ.
107 ވަނަ މާއްދާ – މީހުން ހާޒިރުކުރެވޭ ގަޑި
މޯލްޑިވްސް ޕޮލިސް ސަރވިސް އިންކުރާ ތަހްގީގްއިން ކޮންމެހެން ގެންނަން މޯ ޖެހޭ މީހުން ފިޔަވައި، އާންމު ހާލަތުގައި ތިރީގައިއެވާ ގަޑިތަކުގައި އެއްވެސް މީހަކު ޗިޓަށް ހާޒިރުކޮށްގެން ނުވާނެއެވެ.
(ހ) ހުކުރު ދުވަހުގެ ހެނދުނު 10:30 އިން 02:00 އަށް
(ށ) ރޭގަނޑު 10:30 އިން ހެނދުނު 07:30 އާއި ދެމެދު؛
(ނ) ރަމަޒާން މަހުގެ ހަވީރު 05:30 އާއި ރޭގަނޑު 09:00 އާއި ދެމެދު.
106 ވަނަ މާއްދާ - ޗިޓަށް ހާޒިރު ނުވާ މީހުން
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހްގީގްކުރާ މައްސަލައަކާ ގުޅިގެން ހާޒިރުކުރަން ބޭނުންވާ މީހަކު މަގްބޫލު އުޒުރެއް ނެތި ޗިޓަށް ހާޒރު ނުވެއްޖެނަމަ، އެމީހަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.
109 ވަނަ މާއްދާ - ޖަދުވަލުގައިވާ ފޯމުތައް
މިގަވާއިދުގެ ޖަދުވަލުތަކުގައިވާ ފޯމުތަކަށް، އެއިރަކު ގެންނަން ޖެހޭ ފެންނަ ބަދަލު ގެނައުމުގެ އިހްތިޔާރު ކޮމިށަނަރ އޮފް ޕޮލިސް އަށް ލިބިގެންވެއެވެ.
---------------
"އާންމު ގަވާއިދު" އަށް އިސްލާހު ގެނައުން
ގަވާއިދު ނަންބަރު: MPS-S/2008-2
ގަވާއިދު ފާސްކުރި ތާރީހް: 31 އޯގަސްޓް 2008
ގަވާއިދު އިސްލާހްކުރި ތާރީހް: 10 ޖޫން 2008
ރިވިށަން ނަންބަރު: 02
ޕޮލިސް ރިކޯޑަށް އެދުމާއި، ރިކޯޑް ދޫކުރުމާއި ބެހޭ އެންމެހާ އުސޫލުތައް ބަޔާންކުރުމަށް، 'ޕޮލިސް ރިކޯރޑް ހާމަކުރުމުގެ ގަވާއިދު" ގެ ނަމުގައި ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު 9 ގެ 17 ވަނަ މާއްދާގެ (ށ) އިން ބާރު ލިބިގެން ގަވާއިދެއް އެކުލަވާލެވިފައިވާތީ، ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން އެކުލަވައިލެވިފައިވާ، "އާންމު ގަވާއިދު" ގެ 17 ވަނަ މާއްދާ އުވާލައިފީމެވެ.
10 ޖޫން 2009
---------------
(ޖަދުވަލު 1)
ޕޮލިސް ސެޓްފިކެޓަށް އެދޭ ފޯމު، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
---------------
(ޖަދުވަލު 2)
'ހައްޔަރު ކުރެވޭ މީހާގެ ވަނަވަރު، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
---------------
(ޖަދުވަލު 3)
ބަންދުގައިވާ މީހާއަށް ޒިޔާރަތް ކުރުމަށް އެދޭ ފޯމް- އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
(ޖަދުވަލު 4)
ބަންދުގައިވާ މީހާއަށް ޒިޔާރަތް ކުރުމަށް އެދޭ ފޯމް- އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
---------------
(ޖަދުވަލު 5)
ބަންދުގައިވާ މީހާއަށް ޒިޔާރަތް ކުރުމަށް އެދޭ ފޯމް- އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
---------------
(ޖަދުވަލު 6)
ބަންދުގައިވާ މީހާއަށް ޒިޔާރަތް ކުރުމަށް އެދޭ ފޯމް- އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
ކިޔުންތެރިންގެ ހިޔާލު