-

އެޗް.ސީ.އެފް.ސީ އާއި، އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ބޭނުންކުރުން މެނޭޖްކޮށް ކޮންޓްރޯލް ކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 19/2010) 

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މިގަވާއިދަކީ ގާނޫނު ނަންބަރު 4/1993 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ބާރުލިބިގެން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްކަމުގައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދަ އޯޒޯން ލޭޔާގެ ދަށުން، ހައިޑްރޯ-ކްލޯރޯ=ފްލޯރޯ ކާބަން (އެޗް.ސީ.އެފް.ސީ) އާއީ އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުން ކުރުން، އަދި ވިއްކުން މެނޭޖް ކޮށް ކޮންޓްރޯލް ކުރުމާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އަމަލުކުރާނެގޮތުގެ މައްޗަށް އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދުގެ ނަމަކީ" އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ބޭނުންް ކުރުން މެނޭޖް ކޮށް ކޮންޓްރޯލްކުރުމާބެހޭ ގަވާއިދު 2010 " އެވެ.

 

3 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، 2011 ވަނަ އަހަރުގެ ކުރީން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެ ކުރުމާއި، ބޭނުން ކުރުން އަދި ވިއްކުން މިގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީން ވަކިމިންގަނޑެއްގައި ހިފަހައްޓައި މަދުކުރަމުންގޮސް ބޭނުން ކުރުން 2020 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ އުސޫލުތަކެއް ކަނޑައެޅުމެވެ.

 

4 ވަނަ މާއްދާ- ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒުކުރާނީ ތިމާވެށްޓާބެހޭ ވުޒާރާއިންނެވެ.

 

5 ވަނަ މާއްދާ- ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖެނުއަރީ 2011 އިން ފެށިގެންނެވެ.

 

6 ވަނަ މާއްދާ- އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން ކޮންޓްރޯލްކުރުން

އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭބާވަތްތައް ބޭނުން ކުރުން މަދުކުރުމާއި ހުއްޓާލުމަށް ކުރެވޭ މަސައްކަތްތައް އަމާޒުކުރާނީ ޖަދުވަލު 3 ގައިވާ ތާވަލުގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށެވެ.

 

7 ވަނަ މާއްދާ- އެތެރެކުރެވޭ މިންވަރާއި އެތެރެކުރެވޭ ފަރާތްތައް ކަނޑައެޅުން

މިގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންވެގެންވާ ށެޑިއުލްއާ އެއްގޮތްވާ ގޮތުގެ މަތިން، އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ކުރިއަށް އޮތް މީލާދީ އަހަރު އެތެރެކުރެވޭނޭ ފަރާތްތަކާއި އެފަރާތްތަކަށް އެތެރެކުރެވޭނޭ މިންވަރު ހިނގަމުންދާ ކޮންމެ މީލާދީ އަހަރެއްގެ 31 ޑިސެމްބަރގެ ކުރިން ތިމާވެށްޓާބެހޭ ވުޒާރާއިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިރުކޮށް އާންމުކޮށް އަންގާ އިއުލާން ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ- ރަޖިސްޓްރީ ކުރުން

އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާއި ގަންނަ ފަރާތްތައް މިގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރުމަށް ތިމާވެށްޓާއިބެހޭ ވުޒާރާގައި ކަނޑައެޅިފައިވާ ދަފްތަރުގައި، ޖަދުވަލު 5 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅައި ރަޖިސްޓްރީކުރަންވާނެއެވެ.

 

9 ވަނަ މާއްދާ- ކޯޓާއަށް އެދުން

އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތަކުގެ ތެރެއިން މިގަވާއިދުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނޭ ބާވަތްތައް، އެތެރެކުރަން ބޭނުންވާ އަހަރުގެ ކުރީ އަހަރުގެ 15 ޑިސެމްބަރުގެ ކުރިން ތިމާވެށްޓާބެހޭ ވުޒާރާއިން އެތެރެކުރަން ބޭނުންވާ މިންވަރު ބަޔާންކޮށް އިއްލާން ކުރުމުން، އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރުމަށް ތިމާވެށްޓާބެހޭ ވުޒާރާއިން އަންގާ މައުލޫމާތާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ- ކޯޓާ ދިނުން

(ހ) އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރުމަށް ކޯޓާއަށްއެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންމެ އަހަރަކު މިތަކެތި އެތެރެކުރެވޭނޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައަޅާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ ފަރާތްތަކަށެވެ.

(ށ) މިމާއްދާގައި ބަޔާންވެގެންވާ ފަދައިން ތިމާވެށްޓާބެހޭ ވުޒާރާއިން ކަނޑައަޅާ ކޯޓާއެއްގެ ދަށުން ކަނޑައަޅާ ކޯޓާގެ މިންވަރަކަށް އެއަހަރަކު އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރުމަށް ހުއްދަ ދިނުމުން އެހުއްދައެއްގެ މައްޗަށް ބިނާކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރުމުގެ ލައިސަންސް ދޫކުރާނެއެވެ.

(ނ) މިމާއްދާގެ (ށ) ގެ ދަށުން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރަން ހުއްދަދެވޭ ފަރާތުން އެތެރެކުރަން ބޭނުންވާ ކޮންމެ ފަހަރަކު މިގަވާއިދުގެ ޖަދުވަލު 4 ގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ތިމާވެށްޓާބެހޭ ވުޒާރާއަށް ހުށަހަޅައި ހުއްދަ ހޯދަންޖެހޭނެއެވެ.

 

11 ވަނަ މާއްދާ - ރާއްޖޭގައި އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ވިއްކުން

(ހ) މިގަވާއިދުގެ ދަށުން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ވިއްކޭނީ މިގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމު ތިމާވެށްޓާބެހޭ ވުޒާރާއަށް ހުށަހަޅައިގެން ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

(ށ) މިގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ވިއްކުމަށް ތިމާވެށްޓާބެހޭ ވުޒާރާއިން ކަނޑައަޅާފަރާތުން އެތަކެތި ވިއްކޭނީ ތިމާވެށްޓާބެހޭ ވުޒާރާއާއި ވިއްކާ ފަރާތާދެމެދު އެއްބަސްވާ އަގަކަށެވެ.

 

12 ރާއްޖޭއިން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ގަތުން

އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ވިއްކުމަށް ނުވަތަ މިތަކެތި ބޭނުންކޮށްގެން ހިދުމަތްދިނުމަށް މިތަކެތި ގަނެވޭނީ ތިމާވެށްޓާބެހޭ ވުޒާރާގައި ރަޖިސްޓްރީކުރުމަށްފަހު ގަންނަން ބޭނުންވާ މާއްދާއާއި އަދަދާއި ބޭނުން އެނގޭނެގޮތަށް ޖަދުވަލު 5 ގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ތިމާވެށްޓާބެހޭ ވުޒާރާއަށް ހުށަހެޅުމުން އެފަރާތުގެ ހުއްދަލިބިގެންނެވެ.

 

13 ވަނަ މާއްދާ - ތަފާސް ހިސާބު ބެލެހެއްޓުން

 އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރާ އަދި ވިއްކާ ނުވަތަ މިތަކެތި ބޭނުންކޮށްގެން ހިދުމަތްދޭ ފަރާތްތަކުން، އެ ފަރާތްތަކުން މިތަކެއްޗާގުޅޭ ގޮތުން ކުރެވިފައިވާ ވިޔަފާރީގެެ މުއާމަލާތްތަކުގެ މައުލޫމާތުތައް 01 ޖަނަވަރީ 2011 ން ފެށިގެން ބަލަހައްޓަންވާނެއެވެ. މި މައުލޫމާތުތައް ބަލަހައްޓާނީ ކޮންމެ އަހަރެއްގެވެސް 01 ޖަނަވަރީން 31 ޑިސެމްބަރުގެ ނިޔަލަށެވެ. އަދި ކޮންމެ އަހަރެއްގެ 15 ޖަނަވަރީގެ ކުރީން ނިމިދިޔަ އަހަރުގެ މައުލޫމާތުތައް ތިމާވެށްޓާބެހޭ ވުޒާރާއަށް ހުށަހަޅަންވާނެއެވެ. އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރާ ފަރާތްތައް، ވިއްކާ ފަރާތްތައް އަދި މިތަކެތި ބޭނުންކޮށްގެން ހިދުމަތްދޭ ފަރާތްތަކަށް ހުއްދަ ދިނުމުގައި މިހިސާބުތަކަށް ތިމާވެށްޓާއިބެހޭ ވުޒާރާއިން ރިއާޔަތް ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ފިޔަވަޅު އެޅުން

މިގަވާއިދަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރާ، ވިއްކާ ނުވަތަ މިތަކެތި ބޭނުންކޮށްގެން ހިދުމަތްދޭ ފަރާތްތައް މިގަވާއިދުގައި ބަޔާންވެގެންވާ ކަންތައްތަކާ ހިލާފުވާނަމަ ތިރީގައިވާ ގޮތްތަކުގެ މަތިން ފިޔަވަޅުއެޅޭނެއެވެ.

(ހ) މިގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރަން އެއަހަރަކު ކޯޓާދެވިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން އެތަކެތި އެތެރެކޮށްފިނަމަ އެފަދަތަކެތި އެތެރެކުރާ ފަރާތްތައް އެެތެރެކުރާ ކޮންމެ ކިލޯގްރާމަކަށް 1000 ރުފިޔާގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) މިގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރަން އެއަހަރަކު ކޯޓާދެވިފައިވާ ފަރާތްތައް އެތެރެކުރަން ހުއްދަ ދެވިފައިވާ ކޯޓާއަށްވުރެ އިތުރަށް އެތެރެކޮށްފިނަމަ އިތުރަށް އެތެރެކުރާ ކޮންމެ ކިލޯގްރާމަކަށް 1000 ރުފިޔާގެ ރޭޓުން ޖޫރިމަނާ ކުރުމަށްފަހު ކުރިއަށް އޮތް 3 އަހަރު އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރުމަށް ކޯޓާއެއް ނުދެވޭނެއެވެ. އަދި އެތަކެތި ނައްތާލުމަށް ހިނގާނެ ހުރިހާ ހަރަދެއްގެ ޒިންމާ އުފުލަންޖެހޭނެއެވެ.

(ނ) މިގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެއަހަރަކު އެތެރެކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން ތިމާވެށްޓާބެހޭ ވުޒާރާގެ ހުއްދައަކާނުލައި އެތެރެކޮށްފިނަމަ އެތެރެކުރާ ކޮންމެ ކިލޯގްރާމަކަށް 1000 ރުފިޔާގެ ރޭޓުން ޖޫރިމަނާ ކުރުމަށްފަހު ކުރިއަށް އޮތް 3 އަހަރު އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރުމަށް ކޯޓާއެއް ނުދެވޭނެއެވެ.

(ރ) މިގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން އެޗް.ސީ.އެފް.ސީ ،އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ވިއްކާ ފަރާތްތަކުން އެތަކެތި ތިމާވެށްޓާބެހޭ ވުޒާރާގެ ހުއްދަދެވިފައިވާ ފަރާތެއްނޫން އެހެން ފަރާތަކަށް ވިއްކައިފި ނަމަ ކުރިއަށް އޮތް 3 އަހަރު އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައްް ވިއްކުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ބ) މިގަވާއިދުގެ 12 ވަނަ މާއްދާގެ ގެ ދަށުން އެޗް.ސީ.އެފް.ސީ، އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ގަނެ މިތަކެތި ބޭނުންކޮށްގެން ހިދުމަތްދޭ ފަރާތްތަކުން ތިމާވެށްޓާބެހޭ ވުޒާރާގެ ހުއްދައެއްނެތި ގަނެ، ނުވަތަ މިތަކެތި ބޭނުންކޮށްގެން ހިދުމަތެއް ދީފިނަމަ އެފަރާތެއް 5000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

(ޅ) މިގަވާއިދުގެ 13 ވަނަ މާއްދާގެ ގެ ދަށުން އެޗް.ސީ.އެފް.ސީ ،އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރާ އަދި ވިއްކާ ނުވަތަ މިތަކެތި ބޭނުންކޮށްގެން ހިދުމަތްދޭ ފަރާތްތަކުން، ތިމާވެށްޓާބެހޭ ވުޒާރާއަށް ހުށަހަޅާ އެފަރާތްތަކުން މިތަކެއްޗާގުޅޭ ގޮތުން ކުރެވިފައިވާ ވިޔަފާރީގެ މުއާމަލާތްތަކުގެ މަައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއް ނޫންނަމަ އެފަރާތެއް 5000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެއެވެ.

 

15 ވަނަ މާއްދާ - އެކިބަސްބަހުގެ މާނަ

"ތިމާވެށްޓާބެހޭ ވުޒާރާ" އަކީ މިހިނދަށް ސަރުކާރުގެ ފަރާތުން ތިމާވެށީގެ ކަންތައްތައް ބަލަހައްޓާ ވުޒާރާއެވެ. މިވަގުތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްއެވެ. ވުޒާރާތަކަށް ބަދަލެއް އައިނަމަ، މިގަވާއިދު ތަންފީޒުކުރާނީ އެވަގުތަކަށް ތިމާވެށީގެ ކަންތައްތައް ބަލަހައްޓާ ވުޒާރާއަކުންނެވެ.

"ހުއްދަ" އަކީ މިނިސްޓްރީގެ ފަރާތުން، އެޗް.ސީ.އެފް.ސީ ،އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރާ ފަރާތްތަކުގެ މައްޗަށް ކަނޑައެޅޭ ށަރުތުތައް ހިމަނާ، އެޗް.ސީ.އެފް.ސީ ،އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އެތެރެކުރުމާއި ވިއްކުމާއި، ގަތުމާއި ބޭނުންކުރުމުގެ ހުއްދަ ދިންކަން އަންގައިދޭ ލިޔުމެވެ.

"މޮންޓްރިއަލް ޕްރޮޓޮކޯލް" އަކީ 16 ސެޕްޓެމްބަރ 1987 ގައި ކެނެޑާގެ މޮންޓްރިއަލް ގައި ތަސްދީގުކުރެވުނު "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑި ޕްލީޓް އޯޒޯން ލޭޔަރ" އެވެ.

"އޯޒޯން ލޭޔަރ" އަކީ ބިމުންފެށިގެން މައްޗަށް 10 ކިލޯމީޓަރާއި 50 ކިލޯމީޓަރުގެ ދެމެދުގައިވާ ފަށަލައަކަށް ކިޔާނަމެކެވެ. މިފަށަލައިގައި މައިގަނޑުގޮތެއްގައި އެކުލެވިގެންވަނީ އޮކްސިޖަންގެ ތިން އެޓޮމް އެކުލެވިގެން ހެދޭ މާއްދާއެކެވެ.

"އެޗް.ސީ.އެފް.ސީ" އަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ "ހައިޑްރޯ-ކްލޮރޯ-ފްލޮރޯ-ކަރބަންސް" އެވެ. މިތަކެތީގެ ލިސްޓް މިގަވާއިދުގެ ޖަދުވަލު 1 ގައި ވާނެއެވެ.

"އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތް (ބްލެންޑްސް)" އަކީ 2 ނުވަތަ އެއަށްވުރެ އިތުރު އެޗް.ސީއެފް.ސީ ގޭސް ނުވަތަ 2 ނުވަތަ އެއަށްވުރެ އިތުރު އެޗް.ސީ.އެފް.ސީ ގޭސް އޯޒޯން ފަށަލައަށް ގެއްލުންނުދޭ މާއްދާތަކާއި ގެހޭ އެއްކޮށްގެން އުފައްދާފައިވާ ކެމިކަލްއެވެ. މިތަކެތީގެ ލިސްޓް މިގަވާއިދުގެ ޖަދުވަލު 2 ގައި ވާނެއެވެ.

 

--------------- 

 ޖަދުވަލު 1

(ޖަދުވަލު 1 މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ކޮންޓްރޯލްކުރެވިފައިވާ އެޗް.ސީ.އެފް.ސީގެ ތަފްސީލީ ތާވަލް، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ.) 

 

---------------  

ޖަދުވަލު 2

(ޖަދުވަލު 2 މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ކޮންޓްރޯލްކުރެވިފައިވާ އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތަކުގެ ތާވަލް، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ.)

 

--------------- 

ޖަދުވަލު 3 

މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުންް، އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ބޭނުންކުރުން

ކޮންޓްރޯލް ކުރުމަށް ކަނޑައެޅިފައިވާ ށެޑިއުލް

 

ހުއްދަކުރެވޭނޭ އެންމެ ގިނަ މިންވަރު (މެޓްރިކް ޓަނުން)

އަހަރު

ދަށްކުރާނެ މިންވަރު

67

 

ފެށޭމިންވަރު (ބޭސްލައިން)

67

2011

ފަށާ މިންވަރަށް އަމަލު ކުރަން ފެށުން

60.3

2013

10% ދަށްކުރުން

53.6

2015

20% ދަށްކުރުން

43.55

2016

35% ދަށްކުރުން

22

2018

67.5% ދަށްކުރުން

1.68

2020

100% ދަށްކުރުން

1.68

2020-2025

2.5% ހަމައެކަނި ހިދުމަތްދިނުމުގެ ބޭނުމަށް

 

 --------------- 

ޖަދުވަލު 4

(އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް އިމްޕޯޓްކުރުމަށް ބޭނުންވާ ހުއްދައިގެ ފޯމް އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ.)

 

ޖަދުވަލު 4 (ހ)

(މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ކޮންޓްރޯލްކުރެވިފައިވާ އެޗް.ސީ.އެފް.ސީ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ.)

 

 

ޖަދުވަލު 4 (ށ)

(މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ކޮންޓްރޯލްކުރެވިފައިވާ އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ.)

 

--------------- 

ޖަދުވަލު 5

(އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ވިއްކާފަރާތްތަކާއި ގަންނަފަރާތްތައް ރަޖިސްޓްރީކުރުމަށް ފުރިހަމަކުރަންޖެހޭ ފޯމު މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ.)

 

މައި ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/1993)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު