-

އާއިލީ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 3/2010)  

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ އާއިލީ މައްސަލަތައް ހައްލުކުރުމުގައި އާއިލާއާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، ހެދިފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިން ކޯޓަށްހުށައެޅޭ އާއިލީ މައްސަލަތައް ށަރީއަތުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނެގޮތް ބަޔާންކޮށްދޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "އާއިލީ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނޭ ގޮތުގެ ގަވާއިދު"އެވެ.

 

2 ވަނަ މާއްދާ - އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފޮނުވިދާނެ ބާވަތުގެ މައްސަލަތައް

(ހ) ކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ސުލްހައަށް އެދި ހުށައަޅާ މައްސަލަތަކާއި ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށައަޅާ މައްސަލަތައް ފޮނުވާނީ "އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށެވެ."

(ށ) ސުލްހައަށް އެދި ހުށަހަޅާ މައްސަލަތަކާއި ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށައަޅާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގެ ތެރެއިންވެސް ކޯޓަށް އެމައްސަލައެއްގައި ހިމެނޭ ދެފަރާތުން ވާހަކަ ދައްކައި ސުލްހަވެރި ހައްލަކަށް ވާސިލުވެވިދާނެކަމަށް ފެންނަ މައްސަލަތައް " އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް" ފޮނުވިދާނެއެވެ.

 

3 ވަނަ މާއްދާ - މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ގާނޫނީގޮތުން ލިބިދޭ ފުރުސަތުތަކާއި ހައްގުތަކުގެ މައުލޫމާތު ފޯރުކޮށްދިނުން

"އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް" މައްސަލައެއް ފޮނުވައިފިނަމަ މައްސަލައިގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް ހުށައެޅިފައިވާ މައްސަލައިގައި ދެފަރާތަށް ގާނޫނީ ގޮތުން ލިބިދޭ ފުރުސަތުތަކާއި ހައްގުތަކުގެ މައުލޫމާތު ވީވަރަކުން ދެފަރާތަށް ގާނޫނީ ގޮތުން ލިބިދޭނެ މަގު "އާއިލީ މައްސަލަތައް ހައްލު ކުރުމާބެހޭ ބައިން" ފަހިކޮށްދޭންވާނެއެވެ.

 

4 ވަނަ މާއްދާ - ސުލްހަ ކުރުމުގެ މަރުހަލާގައި ބައިވެރިކުރެވިދާނެ އެހެނިހެން ފަރާތްތައް

ދެމަފިރިންގެ ދެމެދު ސުލްހަކުރުމަށްޓަކައި ދެފަރާތުގެ އާއިލާގެ މެންބަރެއް ނުވަތަ ގާތްމީހެއް ހާޒިރުކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ކޯޓަށް ފެންނަ ހާލަތްތަކުގައި އެފަދަ ފަރާތެއް ސުލްހަކުރުމުގެ މަރުހަލާގައި ހާޒިރު ކުރެވިދާނެއެވެ.

 

5 ވަނަ މާއްދާ - ސުލްހަކުރުމުގައި ކޯޓަށް ލިބިދޭންޖެހޭ އެހީތެރިކަން ފޯރުކޮށްނުދެވޭ ފަރާތްތައް

ކޯޓުން ދެފަރާތުގެ އާއިލާގެ ފަރާތުން އައްޔަންކުރާ ފަރާތަކީ ސުލްހަކުރުމުގައި ލިބިދޭންޖެހޭ އެހީފޯރުވައިނުދެވޭ ފަރާތެއްނަމަ ނުވަތަ މައްސަލައަށް އެފަރާތެއްގެ ސަބަބުން އިތުރު ހީނަރުކަމެއް ފޯރާކަމަށް ކޯޓަށް ފެނިއްޖެނަމަ އެފަދަ ފަރާތެއް މައްސަލައިން ވަކިކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

.

 6 ވަނަ މާއްދާ - ވަރީގެ މައްސަލަތައް ސުލްހަ ނުކުރެވޭނަމަ ދަރިންނާމެދު ގޮތެއް ކަނޑައެޅުން

ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށައަޅާ މައްސަލަތައް ދެމަފިރިންގެ މެދުގައި ސުލްހަކުރުމަށް "އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން" މަސައްކަތްކުރުމަށްފަހުވެސް ސުލްހަ ނުކުރެވިއްޖެނަމަ އަދި އެދެމީހުން ކައިވެނިކޮށްގެން ތިބެ ދަރިން ލިބިފައިވާނަމަ، މައްސަލަ ށަރީއަތްކުރުމާބެހޭ ބަޔަށް ފޮނުވުމުގެ ކުރިން ދަރިންގެ މަސްލަހަތަށްޓަކައި ނިންމަންޖެހޭ ކަންތައްތަކުގައި ދެމަފިރިން އެއްބަސްވާ ގޮތްތަކެއް ކަނޑައެޅުމަށް "އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން" މަސައްކަތްކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ދެމަފިރިން ސުލްހަ ކުރުމުގެ ގޮތުން އެމީހުން ކައުންސެލިންގ ހޯދުމަށް ކަނޑައެޅުން

ވަރިވުމަށް ނުވަތަ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގެ ތެރެއިން "އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން" ދެމަފިރިންގެ ދެމެދު ސުލްހަކުރުމަށް މަސައްކަތްކޮށް ސުލްހަ ނުކުރެވި ށަރީއަތްކުރުމާބެހޭ ބަޔަށް މައްސަލަ ފޮނުވާލެވޭ ހާލަތްތަކުގައި، ދެމަފިރިން ކައުންސެލިންގ ހޯދުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި ށަރީއަތަށް ފެނިއްޖެނަމަ އެގޮތަށް ކަނޑައެޅިދާނެއެވެ.

 

8 ވަނަ މައްދާ - ގާނޫނާ ހިލާފަށް ވަރިކޮށް ވަރި ސާބިތުކުރުމަށް ހުށަހަޅާ މައްސަލަތައް

ވަރިސާބިތު ކުރުމަށް ހުށަހެޅޭ މައްސަލަތަކުގައިވެސް ދެމަފިރިންނަށް ދަރިން ލިބިފައިވާނަމަ ށަރީއަތުގެ މަޖިލީހިގައި ދަރިންގެ ކަންތަކާމެދު ވަކިގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ، ވަރި ސާބިތު ކުރުމުގެ ކުރިން އެ މައްސަލައެއް "އާއީލީ މައްސަލަތައް ހައްލު ކުރުމާބެހޭ ބަޔަށް" ފޮނުވައި ދަރިންގެ މަސްލަހަތަށްޓަކައި ނިންމަންޖެހޭ ކަންތައްތަކުގައި ދެފަރާތުން އެއްބަސްވާ ގޮތްތަކެއް ކަނޑައެޅުމަށް މަސައްކަތް ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ދަރިންގެ މަސްލަހަތުގައި ނިންމަންޖެހޭ ކަންތައްތައް

(ހ) ދަރިންގެ މަސްލަހަތުގައި ނިންމަންޖެހޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. ދަރިންގެ ހަރަދުގެ މައްސަލަ ހަމަޖެއްސުން. ދަރިންގެ ހަރަދަށް ގާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާ މިންވަރަށްވުރެ ބޮޑު އަދަދެއް ހަމަޖައްސަން ބޭނުންވާނަމަ، އެކަން ދެފަރާތް އެއްބަސްވާ އެންމެ މަސްލަހަތު ހުރި ގޮތަކަށް ކަނޑައެޅުން.
  2. ދަރިންގެ ހަޒާނަތު ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމާއި ކުއްޖާއަށް ޒިޔާރަތްކުރުމުގައި އެއްބަސްވާ ގޮތެއް ކަނޑައެޅުން.
  3. ކުއްޖާގެ ސިއްހަތާއި ތައުލީމާއި އަދި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ދެފަރާތުން ކުރަންޖެހޭ ކަންތައްތަކާއި އަދި ހަރަދާ ބެހޭގޮތުން އެއްބަސްވުމަކަށް ވާސިލުވުން
  4. މިނޫންވެސް ދަރިންގެ މަސްލަހަތުގަޔާއި ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި ނިންމަންޖެހޭ ކަމަށް "އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް" ނުވަތަ ދެމަފިރިންކުރެ މީހަކަށް ފެންނަ ކަންތައްތަކުގައި އެއްބަސްވުމަކަށް ވާސިލުވުން.

(ށ) ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ހަޒާނަތު ހަވާލުކުރެވޭ ނުވަތަ ޒިޔާރަތްކުރުމުގެ ހައްގު ލިބިގެންވާ ފަރާތެއްގެ ސުލޫކުގެ ސަބަބުން ކުއްޖާއަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ބެލެވޭ ހާލަތްތަކުގައި ސީދާ އެމީހަކާ ކުއްޖާ ހަވާލުކުރުމުގެ ބަދަލުގައި ކުއްޖާއާ ބައްދަލުކޮށް އުޅެވޭނެ އެހެން ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

(ނ) މިމާއްދާގެ (ށ)ގައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ނޫނީ އަބަދުވެސް ކުއްޖާގެ ހައްގުގައި އެންމެ މަސްލަހަތުހުރި ގޮތްކަމުގައި ބަލަންވާނީ ކުއްޖާގެ މަންމަ އަދި ބައްޕައާ ވެސް ބައްދަލުކުރެވޭނެ ގޮތަށް ހަމަޖެއްސުން.

(ރ) ކުއްޖާއަށް ޒިޔާރަތްކުރުމުގެ ހައްގު ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކުއްޖާގެ މާމައާއި ކާފަ އަދި އާއިލާގެ އެހެން މެންބަރުންނަަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ކުދިންނާ ބެހޭގޮތުން ކޯޓުން ހޯދާ މައުލޫމާތު

އެއްވެސް ކައިވެންޏެއް ރޫޅާލުމުގެ ކުރިން ދެމަފިރިންގެ މެދުގައި ދަރިން ތިބިނަމަ އެކުދިންގެ އަންނަނިވި މައުލޫމާތު ކޯޓުން ހޯދަންވާނެއެވެ.

  1. ކުދިންގެ އުމުރާއި އުފަންދުވަސް.
  2. ކުދިން މަދަރުސާއަށް ދާކަން ނުވަތަ ނޫންކަން.
  3. ކުދިން މަދަރުސާއަށް ދާ ގަޑި.
  4. މައްސަލަ ހުށަހެޅި ވަގުތު ކުދިން ދިރިއުޅެމުންދަނީ ކާކާ އެކުގައިކަން.
  5. ކުދިންނަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންކަން ނުވަތަ ނޫންކަން.
  6. ކުދިންގެ ހަޒާނަތު ހަވާލުކުރަން ބޭނުންވަނީ ކާކާކަން.
  7. ކުއްޖާގެ ހަޒާނަތު ހަވާލުކުރެވޭ ފަރާތުން ދެންހުރި ފަރާތާއި ކުއްޖާއާ ބައްދަލުކޮށްދޭން ބޭނުުންވަނީ ކޮން ގޮތަކަށްކަން.
  8. ކުއްޖާ ބަލާ ބެލެހެއްޓުމުގެ ކަންތައްތަކުގައި ހަރަދު ބޭނުންވާނެ މިންވަރު.

 

11 ވަނަ މާއްދާ - ދެމަފިރިންގެ ދެމެދުގައި އެއްބަސްވާ ގޮތްތަކެއް ކަނޑައެޅުމުގައި އެހީތެރިވުން

(ހ) މި ގަވާއިދުގެ މާއްދާ 6،8 ގައިވާ ހާލަތުގައި އަންނަނިވި ކަންތައްތަކާ ބެހޭގޮތުން ދެމަފިރިން އެއްބަސްވާ ގޮތެއް ނުވަތަ ހައްލުކުރުމަށް ހުށަހަޅާ ގޮތް "އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން" ބަލަންވާނެއެވެ.

  1. ދަރިންގެ ހަޒާނަތާއި އެކުދިންނަށް ޒިޔާރަތްކުރުމާއި ބެހޭގޮތުން.
  2. ކުދިންގެ މަސްލަހަތުގައި ދެމަފިރިން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމާބެހޭ ގޮތުން.
  3. ކުދިންގެ ހަރަދު ބަރަދު ހަމަޖެއްސުމާ ބެހޭގޮތުން.
  4. ދެމަފިރިންގެ ދަރިން ތިބިނަމަ މުސްތަގްބަލުގައި ދަރިންނާބެހޭ ގޮތުން އެދެފަރާތުން އަމަލު ކުރާނެ ގޮތާބެހޭގޮތުން

 

(ށ) މި މާއްދާގެ (ހ)ގައިވާ މައުލޫމާތުތައް ހޯދުމަށްފަހު "އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން" އެކަންކަން ހައްލުކުރެވިދާނެ ގޮތްތަކެއްގެ މައުލޫމާތު ދަމަފިރިންނަށް ދޭންވާނެއެވެ. އަދި އެގޮތްތަކުން ކުރެ ދެމަފިރިންނަށް އެއްބަސްވެވިދާނެ ގޮތްތައް ދެނެގަތުމަށް އެހީތެރިވެވިދާނެއެވެ.

 

12 ވަނަ މާއްދާ - އެއްބަސްވާ ގޮތް ށަރީއަތްކުރުމާބެހޭ ބަޔަށް އެންގުން

ދެމަފިރިން ވަކިގޮތަކަށް އެއްބަސްވެއްޖެނަމަ އެ އެއްބަސްވިގޮތް ލިޔުމަކުން ކޯޓުގެ ށަރީއަތްކުރުމާބެހޭ ބަޔަށް އަންގަންވާނެއެވެ.

 

13 ވަނަ މާއްދާ - އެއްބަސްވާ ގޮތުގެ ލިޔުމެއް ތައްޔާރުކޮށް މައްސަލައިގައި ހިމެނޭ ދެފަރާތުން ސޮއި ކުރުން

"އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައި" ގައި އެއްވެސް މައްސަލައެއްގައި ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެެއްޖެނަމަ އެ އެއްބަސްވި ގޮތް ލިޔެ، އެލިޔުމުގައި ދެފަރާތުން ސޮއި ކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން

"އާއިލީ މައްސަލަތައް ހައްލު ކުރުމާބެހޭ ބަޔަށް" މައްސަލައެއް ފޮނުވައިފިނަމަ އެމައްސަލައިގައި ހިމެނޭ ފަރާތްތައް ހާޒިރުކޮށް އެއްބަސްވާ ސުލްހަވެރި ގޮތަކަށް މައްސަލަ ހައްލުކުރުމަށް "އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން" މަސައްކަތްކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ދެފަރާތުގެ މަސްލަހަތަށް ރިއާޔަތްކުރުން

"އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް" ހުށައެޅޭ މައްސަލައިގައި ހައްލު ހޯދުމުގައި މަސައްކަތް ކުރަންވާނީ ދެފަރާތުގެ މަސްލަހަތަށް ރިއާޔަތްކޮށް ދެފަރާތް ހަމަހަމަވާ ގޮތެއްގެ މަތިންނެވެ.

 

16 ވަނަ މާއްދާ - މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނެރުން

(ހ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށައެޅޭ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނެރެންޖެހޭކަމަށް ފެންނަ ހާލަތްތަކުގައި އެފަދަ އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ށ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެން ދަރިންގެ ހައްގުގައި އެއްވެސް އަމުރެއް ނެރެންވާނީ ކުއްޖާގެ މަސްލަހަތުގައި އަމުރެއް ނުނެރުމަށްވުރެ ނެރުން ރަނގަޅުކަމުގައި ފެންނަ ހާލަތުގައެވެ.

 

17 ވަނަ މާއްދާ - މައްސަލައިގައި ފަންނީ އެހީތެރިއެއްގެ އެހީތެރިކަން ހޯދުން

 އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ހިންގާ މައްސަލަތަކުގައި ކަމުގެ އިލްމާއި ފަންނުހުރި ފަރާތެއް ކޯޓުން ކަނޑައަޅާނަމަ އެ މައްސަލައެއް އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިގައި ކުރިއަށް ގެންދަންވާނީ އެފަރާތެއްގެ ހާޒިރުގައެވެ.

 

18 ވަނަ މާއްދާ - ފަންނީ އެހީތެރިއެއް ބުނާ އެއްޗަކަށް ރިއާޔަތްކުރުން

އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށައެޅޭ މައްސަލައެއްގައި ހައްލު ހޯދުމަށް މަސައްކަތްކުރުމަށްފަހު އެމައްސަލައެއްގައި ވަކި ގޮތެއް ކަނޑައެޅުމުގައި މައްސަލައިގައި ކޯޓުން ކަނޑައަޅާފައިވާ ކަމުގެ އިލްމާއި ފަންނު ލިބިފައިވާ ފަރާތް ބުނާ އެއްޗަކަށް ރިއާޔަތްކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - މައްސަލަތައް އަވަހަށް ނިންމުމަށް މަސައްކަތްކުރުން

(ހ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށައެޅޭ މައްސަލަތަކުގައި ވީ އެންމެ އަވަހަކަށް ގޮތެއް ނިންމުމަށް މަސައްކަތްކުރަންވާނެއެވެ. މިގޮތުން އާންމު އުސޫލުއްގެ ގޮތުން އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް މައްސަލައެއް ހުށައެޅޭތާ 1 (އެކެއް) މަސް ނުވަތަ (ދޭއް) މަސްދުވަހުގެ ތެރޭގައި މައްސަލައިގައި ވަކި ގޮތެއް ނިންމުމަށް ސަމާލުކަން ދޭންވޭނެއެވެ.

(ށ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށައެޅޭ މައްސަލަތައް އާއިލާއާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 3 މަސްދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.

 

20 ވަނަ މާއްދާ - ލަސްނުކޮށް ށަރީއަތާބެހޭ ބަޔަށް ހުށައަޅާ މައްސަލަތައް

(ހ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ސުލްހަވެރި ހައްލަކަށް ވާސިލްވެވޭނެކަމަށް އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފެންނަ މައްސަލަތައް ވެސް 19 ވަނަ މާއްދާގެ (ހ)ގައިވާ މުއްދަތުގައި ލަސްނުކުށް ކޯޓުގެ ށަރީއަތްކުރުމަބެހޭ ބަޔަށް ފޮނުވަންވާނެއެވެ.

(ށ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން އެ މައްސަލައަކީ ހައްލުނުވެ، ނުރައްކަލަކަށް ވެދާނެ ކަމަށް ފެންނަ މައްސަލައެއްނަމަ، 19 ވަނަ މާއްދާގެ (ހ)ގައިވާ މުއްދަތުގައި ލަސްނުކޮށް ކޯޓުގެ ށަރީއަތްކުރުމާބެހޭ ބަޔަށް ފޮނުވަންވާނެއެވެ.

 

21 ވަނަ މާއްދާ - އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް ފާހަގަކުރެވޭ ކަންތައްތައް ށަރީއަތްކުރުމާބެހޭ ބަޔަށް އެންގުން

އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ހުށައެޅިފައިވާ މައްސަލައިގައި ދެފަރާތް އެއްބަސްވެފައިވާ ކަންތައްތަކާއި، މައްސަލަތައް ހައްލުކުރުމާބެހޭ ބަޔަށް އަންގަންވާނެވެ.

 

22 ވަނަ މާއްދާ - އާއިލީ މައްސަލަތައް ހައްލުކުރުމާބޭހޭ ބައިން ދީފައިވާ މައުލޫމާތަށް ރިއާޔަތްކޮށް ށަރީއަތުން ގޮތެއް ނިންމުން

(ހ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ފޮނުވާ މައްސަލަތަކުގައި ށަރީއަތުން ގޮތެއް ނިންމުމުގައި އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ދީފައިވާ މައުުލޫމާތާއި ލަފަޔަށް ރިއާޔަށްކުރަންވާނެއެވެ.

(ށ) އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން މައްސަލައިގައި ސުލްހަވެރި ހައްލަކަށް ވާސިލުނުވެވިއްޖެނަމަ މައްސަލައިގައި ގޮތެއް ނިންމާނީ އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިން ދީފައިވާ ލަފަޔަށް ރިއާޔަތްކޮށް ށަރީއަތުންނެވެ.

(ނ) މި މާއްދާގެ (ށ)ގައިވާ ފަދައިން ށަރީއަތުން ގޮތެއް ނިންމާ ހާލަތުގައި ކުދިން ތިބިނަމަ އެކުދިންނާބެހޭ ގޮތުން ގޮތެއް ނިންމުމުގައި މިގަވާއިދުގެ 9 ވަނަ މާއްދާގައިވާ ކަންތައްތަކަށް ބަލައި ކުދިންގެ މަސްލަހަތުގައި އެންމެ ރަނގަޅު ގޮތަށް ރިއާޔަށްކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - ސުލްހަ މަޖިލީސް ބާއްވާނެ ތަނާއި ގަޑި

ސުލްހަ މަޖިލީސް ބާއްވައި ހިންގަންވާނީ، ކޯޓުން ކަނޑައަޅާ ވަގުތެއްގައި، އެކަމަށް ކަނޑައެޅިފައިވާ މަޖިލީހެއްގައި، މައްސަލައާގުޅޭ ގުޅޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ހާޒިރުގައެވެ.

 

24 ވަނަ މާއްދާ - ސުލްހަ ހިންގާފަރާތް

ސުލްހަ މައްސަލަ ހިންގާނެފަރާތް ކަނޑައަޅާނީ ކޯޓުންނެވެ. ނުވަތަ ކޯޓުން އެކަމަށް އައްޔަންކުރާ ފަަރާތްތަކުންނެވެ. ސުލްހަ ހިންގުމަށް ކަނޑައަޅަންވާނީ އެކަމަށް ހާއްސަ ފަރާތެކެވެ.

 

25 ވަނަ މާއްދާ - ހަސްމުންގެ ގައިރު ހާޒިރުގައި އެ މައްސަލައެއް ނުހިނގުން

ސުލްހަ މަޖިލީސް ހިންގަންވާނީ މައްސަލައިގެ ހަސްމުންގެ ހާޒިރުގައެވެ. ހަސްމުންގެ އަައިރު ހާޒިރުގައި އެ މައްސަލައެއް ނުހިނގޭނެއެވެ. ނަމަވެސް ސުލްހަ މަޖިލީސް ހިންގާ ފަރާތަށް ފެނިއްޖެނަމަ އެ މައްސަލައިގެ ހަސްމުނާއި އަދި ހަކަމުންނާއި ވަކިވަކިން ބައްދަލުކުރުމަކީ އައިރު ހާޒިރުގައި އެ މައްސަލައެއް ހިންގަނީކަމަށް ނުބެލެވޭނެއެވެ.

 

26 ވަނަ މާއްދާ - ސުލްހަ ނުވުމުން ރިޕޯޓު ހުށައެޅުން

ސުލްހަ މަޖިލީހުގައި، ދެފަރާތުގެ ދެމެދުގައި ދިމާވެފައިވާ މައްސަލަތައް ހައްލުނުވާނަމަ، އެ މަޖިލީހުގައި ނެގިފައިވާ ބަޔާންތަކާއި، މައްސަލަ ހައްލުކުރުމަށް ސުލްހަ ހިންގާނެފަރާތުން ކުރެއްވި މަސަައްކަތާއި، އަދި އެފަރާތަށް މައްސަލައާމެދު ފެންނަ ގޮތުގެ ރިޕޯޓެއް ތައްޔާރުކުރުމަށްފަހު ށަރީއަތަށް ފޮނުވަންވާނެއެވެ.

 

27 ވަނަ މާއްދާ - ސުލްހަ ރިޕޯޓުގައި ހިމަނަންޖެެހޭ ނުކުތާތައް

- ގަޒިއްޔާ ނަންބަރު

- ހުށައެޅުނު ތާރީހު

- ނިމުނު ތާރީހު

- މައްސަލަ ފޮނުވި ސެކްށަން

- ސުލްހަވީ ގޮތުގެ ހުލާސާ

- ސުލްހަވީ ގޮތް

- ސުލްހަ ނުވާނަމަ ނުވާކަން އަދި ސަބަބު

- ސުލްހައިގެ ހަސްމުންގެ ނަމާއި އެޑްރެހާއި އެމީހުންގެ ސޮއި

- ސުލްހަ ހިންގި ފަރާތުގެ މަގާމާއި ސޮއި

 

28 ވަނަ މާއްދާ - ދެފަރާތުން އެއްބަސްވާ އެއްބަސްވުމަށް ށަރީއަތުން ރިއާޔަށްކުރުން

އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިގައި ދެފަރާތުން އެއްބަސްވާ އެއްބަސްވުމަށް ށަރީއަތުން ރިއާޔަށްކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - އެއްބަސްވުމާ ހިލާފުވުން

 އާއިލީ މައްސަލަތައް ހައްލުކުރުމާބެހޭ ބައިގައި ދެފަރާތުން އެއްބަސްވާ އެއްބަސްވުމާ ހިލާފުވެގެން ހުށައަޅާ މައްސަލަތައް ހުށައަޅާނީ އާއިލީ މައްސަލަތައް ހުށައެޅޭ ކޯޓުތަކަށެވެ.

 

30 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ 1 އޯގަސްޓް 2010 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އާއިލާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/2000)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު