-

ޕޭމަންޓް ސިސްޓަމާބެހޭ ގަވާއިދު 2011

(ގަވާއިދު ނަންބަރު 14/2011)

 

ފުރަތަމަ ބާބު

1 ވަނަ މާއްދާ - މަގްސަދު

މިއީ، ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖެގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 36 ވަނަ މާއްދާގެ (ށ)، 37 ވަނަ މާއްދާގެ (ހ)، 65 ވަނަ މާއްދާގެ (ނ) ގެ (4)، 93 ވަނަ މާއްދާ އަދި 98 ވަނަ މާއްދާގެ (ށ) ގެ (14) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ޕޭމަންޓް ސިސްޓަމާބެހޭ ގަވާއިދު 2011" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަންޖެހޭ ފަރާތްތައް

މި ގަވާއިދު ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގޭނެއެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ 7 އޭޕްރިލް 2011 އިން ފެށިގެންނެވެ.

 

 

ދެވަނަ ބާބު

ޕޭމަންޓް ސިސްޓަމްތައް ގަބޫލުކުރުމާއި ޕޭމަންޓް ސިސްޓަމްތަކަށް ރައްކާތެރިކަންދިނުން

5 ވަނަ މާއްދާ - ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްއާއި ސްވިޗް

އެމް.އެމް.އޭއިން ގާއިމްކޮށް އޮޕަރޭޓްކުރާ ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސް އާއި ސްވިޗަކީ ދިވެހިރާއްޖޭގެ ބޭންކިންގ އާބެހޭ ގާނޫނުގެ 93 ވަނަ މާއްދާގެ ބޭނުމަށްޓަކައި "އެމް.އެމް.އޭ އިން ގަބޫލުކުރާ ސިސްޓަމްތަކެކެވެ."

 

6 ވަނަ މާއްދާ - ނެޓިންގ

އޮޓޮމޭޓޭޑް ކްލިއަރިންގ ހައުސް އަދި ސްވިޗް ސިސްޓަމް ގެ ސިސްޓަމް ރޫލްސް ގައި ބަޔާންކުރާ ނެޓިން އޯރޑަރަކީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ 98 ވަނަ މާއްދާގެ (ށ) ގެ (14) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި އެމް.އެމް.އޭ އިން ގަބޫލުކުރާ "ށަރުތު ހަމަވާ މާލީ އެއްބަސްވުމެކެވެ."

 

7 ވަނަ މާއްދާ - ސިސްޓަމް ރޫލްސް

ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްއާއި ސްވިޗް ގެ ހިންގުމުގެ ކަންތައް ކުރަންވާނީ، އެމް.އެމް.އޭ އިން އެކަށައަޅާފައިވާ ސިސްޓަމް ރޫލްސްގައި ބަޔާންކުރާ ގޮތަށެވެ.

 

 

ތިންވަނަ ބާބު

ޗެކް ޓްރަންކޭށަން

8 ވަނަ މާއްދާ - އިލެކްޓްރޯނިކް ޒަރީއާއިން ޗެކްތައް ހުށަހެޅުން

ބޭންކަކުން އެހެން ބޭންކަކަށް ލިޔާ ޗެކަކަށް ފައިސާ ދެއްކުމަށްޓަކައި އެޗެކެއްގެ އަސްލު ހުށަހެޅުމުގެ ބަދަލުގައި ޓްރަންކޭޓަޑް ޗެކް ހުށަހެޅިދާނެއެވެ.

މި ބާބުގެ ބޭނުމަށްޓަކައި "ޓްރަންކޭޓަޑް ޗެކް" ކަމަށް ބުނެފައި އެވަނީ ޗެކްގެ އިމޭޖް ނުވަތަ ޗެކްގެ އިލެކްޓްރޯނިކް ޕޭމަންޓް މައުލޫމާތަށެވެ.

 

9 ވަނަ މާއްދާ - ޓްރަންކޭޓަޑް ޗެކް ގާނޫނީ ގޮތުން ގަބޫލުކުރުން

ށަރުއީ ކޯޓަކަށް ހެކީގެ އަސްލުގެ ގޮތުގައި ހުށަހެޅޭ ނުވަތަ އެނޫން މަގްސަދުތަކަށް ހުށަހެޅޭ ޓްރަންކޭޓަޑް ޗެކެއް ބެލެވޭނީ އެ އެއްޗެއް ރަމްޒުކުރާ ޗެކުގެ އަސްލާ އެއްގޮތް ޗެކެއް ކަމުގައެވެ.

 

10 ވަނަ މާއްދާ - ސައްހަ ހުށަހެޅުން

މިގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ އިލެކްޓްރޯނިކް ހުށަހެޅުމަކީ އެ ޗެކް ގަބޫލުކުރުމުގެ މަގްސަދަށްޓާކައި ސައްހަ ހުށަހެޅުމެއްކަމުގައި ބެލެވޭނެއެވެ.

 

11 ވަނަ މާއްދާ - ފައިސާއަށް ބަދަލުކުރުމުގެ މަގްސަދުގައި ޗެކުގެ އަސްލު އަލުން ބޭނުންކުރުން

ޓްރަންކޭޓަޑް ޗެކަކަށް ފަންޑު ޓްރާންސްފަރކުރުމަށްފަހު ހަމަ އެމަގްސަދަށްޓަކައި ޗެކުގެ އަސްލު އިތުރަށް ބޭނުމެއް ނުކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - ހުށަހެޅުމަށްފަހު ފައިސާ ނުދެއްކި ހުންނަ ޗެކްތައް

(ހ) ފައިސާދެއްކުމަށް ހުށަހެޅޭ ޓްރަންކޭޓެޑް ޗެކަކަށް، ފަންޑު ނެތުމުގެ ސަބަބުން ނުވަތަ ކުށެއް އޮތުމުގެ ސަބަބުން ފައިސާ ނުދެއްކިވާނަމަ، ހޯލްޑަރގެ ފަރާތުން ޗެކްގެ އަސްލު ރައްދުކުރި ބޭންކަކަށް އެ ޗެކް އަނބުރާ ރައްދުކުރުމަށް އެދުމުން ހޯލްޑަރއަށް ފޮނުވިދާނެއެވެ. އަދި ޑްރޯވަރ ބޭންކުން ފޮނުވާ ނޮން-ޕޭމަންޓް ނޯޓިސް އެފަރާތުގެ ރެކޯޑްތަކުގައި ބަހައްޓަންވާނެއެވެ.

(ށ) ޑްރޯވަރ ބޭންކުން އެފަރާތުގެ ރެކޯޑުގައި، ހުށަހެޅިފައިވާ ޗެކް އިމޭޖް ނުވަތަ ޓްރަންކޭޓަޑް ޗެކް ބަހައްޓަންވާނެއެވެ.

(ނ) ޗެކުގެ އަސްލު ހޯލްޑަރއަށް އަނބުރާ ރައްދުނުކޮށްވާ ހާލަތްތަކުގައި، ނޮން-ޕޭމަންޓް ނޯޓިސްއާއެކު ޓްރަންކޭޓަޑް ޗެކް ނޮން-ޕޭމަންޓް ސާބިތުކުރުމަށް ހެއްކެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ޓްރަންކޭޓަޑް ޗެކަކީ، އޭގެ އަސްލުގެ ގޮތުގައި ބަލަންވާނެ ހެއްކެކެވެ.

 

މައި ގާނޫނު

ބޭންކިންގއާބެހޭ ގާނޫނު (ނޫނު ނަންބަރު 24/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު