އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު
(ގަވާއިދު ނަންބަރު 14/2012)
1 ވަނަ މާއްދާ – ތައާރުފާއި ނަން
1.1. މިއީ ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 35 ވަނަ މާއްދާ އާއި 57 ވަނަ މާއްދާގެ ދަށުން ކޮންމެ ރަށު ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމިޓީގެ ކަންކަން ތަންޒީމުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ.
1.2. މި ގަވާއިދު ހެދުފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 35 ވަނަ މާއްދާގެ (ރ) އާއި 57 ވަނަ މާއްދާގެ (ރ) އިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
1.3. މި ގަވާއިދަށް ކިޔާނީ " އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު" އެވެ.
1.4. މިގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
2 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގްސަދު
މިގަވާއިދުގެ ދަށުން އުފެދޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގްސަދަކީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުގައި ހިމެނޭ އަވަށްތަކުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ލަފައާއި މަށްވަރާ ދިނުމާއި، އަންހެނުންގެ ތަރައްގީއަށާއި ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުމެވެ.
3 ވަނަ މާއްދާ - އަންހުނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސްއޫލިއްޔަތާއި ބާރުތައް
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސްއޫލިއްޔަތާއި ބާރުތައް ތިރީގައި މިވަނީއެވެ.
(ހ) ރަށް ނުވަތަ ސިޓީގެ ތަރައްގީގެ ކަންކަމުގަ އާއި ކައުންސިލުން ދެމުންދާ ރަށްވެހިކަމުގެ ހިދުމަތްތަކާއި ބެހޭގޮތުން ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ލަފާދިނުން.
(ށ) ކޮމިޓީގެ ނަމުގައި މުދާ މިލްކުކުރުމާއި ކޮމިޓީގެ ނަމުގައި އެކިއެކި ވިޔަފާރި މުއާމަލާތުކުރުން
(ނ) ކޮމިޓީގެ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުން
(ރ) އާމްދަނީ ހޯދުމަށާއި އަންހެނުންގެ ތަރައްގީއަށްޓަކައި އެކިއެކި ހަރަކާތްތައް ހިންގުން
(ބ) އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުން
(ޅ) އަންހެނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން
(ކ) ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުން
(އ) މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން
(ވ) އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރުން
(ފ) ކޮމިޓީގެ މާލިއްޔަތުގައިވާ މުދަލާއި ފައިސާ ބެލެހެއްޓުން
4 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރާ
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރާއަކީ ރަށްރަށުގައި ނަމަ ރަށު ކައުންސިލްތަކެވެ. ސިޓީގައި ނަމަ ސިޓީ ކައުންސިލްގެ އިދާރާ ނުވަތަ އަވަށު އޮފީހެވެ. ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަށްވަރާގެ މަތިން ރަށު/ސިޓީ ކައުންސިލުން ކަނޑައަޅާ ތަނެކެވެ.
5 ވަނަ މާއްދާ - ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އޮންނަ ގުޅުން
5.1. ކޮމިޓީތަކަށް މަސައްކަތްކުރެވޭނެ ވެށްޓެއް ގާއިމުކުރުމަށް ކައުންސިލުތަކުން އެހީތެރިވެދޭންވާނެއެވެ.
5.2. ރަށު ތަރައްގީގެ ޕްލޭން އެކުލަވާލުމާއި ތަންފީޒުކުރުމުގައި ކޮމިޓީގެ އެއްބާރުލުން ހޯދައި އަދި ކޮމިޓީން ކައުންސިލަށް އެއްބާރުލުން ދޭންވާނެއެވެ.
5.3. ކޮމިޓީގެ މަސައްކަތް ހިނގާނުހިނގާ ގޮތް ކައުންސިލްތަކުން ބަލައި، ކަންކަން ރަނގަޅު ކުރުމުގައި އެހީތެރިވެދޭންވާނެއެވެ.
5.4. ކޮމިޓީތަކުން ޖަވާބުދާރީވެ ރިޕޯޓުކުރާނީ އެކޮމިޓީ ނިސްބަތްވާ ރަށު/ސިޓީ ކައުންސިލަށެވެ.
5.5. ކޮމިޓީއިން މަހަކު އެއްފަހަރު އެކޮމިޓީއެއް ނިސްބަތްވާ ރަށު/ސިޓީ ކައުންސިލާއި އެކު މަދުވެގެން 1 (އެއް) ބައްދަލުވުން ބާއްވަން ވާނެއެވެ.
5.6. ރަށްރަށުގެ ޕްލޭންތައް އެކުލަވާއިރު، ބާއްވާ މަށްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ނަތީޖާ ހޯދުމަށް ފުރުސަތު ލިބިފައިވާކަން ޔަގީންކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރުމާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރަންވާނެއެވެ.
5.7. ކައުންސިލްތަކުން އާންމުކޮށް ހާމަކުރާ ރިޕޯޓުތަކާއި މައުލޫމާތު ދިނުމުގައި ބައިވެރިވާންވާނެއެވެ.
5.8. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގުމަށް ކަނޑައަޅާ ހަރަކާތްތައް ރަށުގެ ތަރައްގީގެ ޕްލޭންގައި ހިމަނައި އަދި ކޮމިޓީގެ އަހަރީ ޕްލޭން ތައްޔާރުކޮށް އެއަށް ބިނާކޮށް ބަޖެޓް ހަދަންވާނެއެވެ.
6 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލެވިގެންވާ ގޮތް
6.1. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލެވިގެންވާނީ އެރަށެއްގެ އާބާދީގެ ނިސްބަތަށް ބަލައި އިންތިހާބުކުރެވޭ މެންބަރުންގެ މައްޗަށެވެ. މިގޮތުން 2000 (ދެހާސް) މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް އިންތިހާބުކުރާނީ 5 (ފަހެއް) މެންބަރުންނެވެ. 2000 (ދެހާސް) އާއި 5000 (ފަސްހާސް) އާ ދެމެދުގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް އިންތިހާބުކުރާނީ 7 (ހަތެއް) މެންބަރުންނެވެ. 5000 (ފަސްހާސް) މީހުންނަށްވުރެ ގިނަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް އިންތިހާބުކުރާނީ 9 (ނުވައެއް) މެންބަރުންނެވެ.
6.2. ފުވައްމުލަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލެވިގެން ވަނީ ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ "ށ" ގައިވާ ގޮތަށް ކޮންމެ އަވަށަކީ ވަކި ރަށެއް ކަމުގައި ބަލައިގެންނެވެ.
6.3. ސިޓީ ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލެވިގެންވާނީ އެސިޓީ ކައުންސިލްގެ އިންތިހާބީ ދާއިރާތަކުގެ ތެރެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބުކުރާ މެންބަރެއް ހިމަނައިގެން އެކުލެވޭ މެންބަރުންގެ މައްޗަށެވެ.
6.4. މި ގަވާއިދުގެ 8 ވަނަ މާޢްދާގައިވާ ސިފަތައް ފުރިހަމަވެފައިވާ، އެރަށެއްގެ ނުވަތަ އެސިޓީއެއްގެ ކޮންމެ މީހަކަށް ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލެވޭނެއެވެ.
7 ވަނަ މާއްދާ - އަންހެނުންގެ ކޮމިޓީ ހޮވުމަށް ވޯޓު ދިނުން
7.1. މިގަވާއިދުގެ ދަށުން އިންތިހާބުކުރެވޭ އަންހެނުންގެ ކޮމިޓީ ހޮވުމަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވެވޭނީ އެރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ރަށްވެހިވެ ވޯޓުލާ ދުވަހު އެރަށެއްގައި ނުވަތަ އެ ސިޓީއެއްގައި ތިބި އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ އަންހެނުންނަށެވެ.
7.2. ކޮމިޓީގެ މެންބަރުކަމަށް މެންބަރުން އިންތިހާބުކުރުމުގެ ކަންތައްތައް އިންތިޒާމުކުރާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު އެކޮމިޓީ ނިސްބަތްވާ ކައުންސިލަކުންނެވެ.
7.3. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމުގެ އިންތިހާބުގައި މަސައްކަތް ކުރިއަށް ގެންދާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އެކުލަވާލައި އިންތިހާބުގައި އަމަލުކުރާ އުސޫލާ އެއްގޮތަށެވެ.
8 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ހުންނަންޖެހޭ ސިފަތައް
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލެވޭނީ ތިރީގައި މިވާ ސިފަތައް ފުރިހަމަވާ މީހުންނަށެވެ.
(ހ) އެރަށެއް ނުވަތަ ސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރުވެފައިވާ ބުއްދި ސަލާމަތުން ހުރި ދިވެހިރައްޔިތެއް ކަމުގައިވުން.
(ށ) އެރަށެއް ނުވަތަ އެ ސިޓީއެއްގެ އިންތިހާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން.
(ނ) ދިވެހިރާއްޖޭގެ އަސާސީ ތައުލީމުގެ ފެންވަރު ހުރި މީހަކު ކަމުގައިވުން
(ރ) ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުން
(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން
(ޅ) އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ށަރީއަތަށް ސާބިތުވެފައި ނުވުން
(ކ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން
(އ) ފުލްޓައިމް ދަރިވަރަކު ކަމުގައިވުން
(ވ) ވޭތުވެދިޔަ 5 އަހަރުތެރޭގައި އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެ ހުކުމް ތަންފީޒުކޮށްފައިވާ މީހަކަށް ނުވުން.
(މ) ރައްޔިތުން އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
9 ވަނަ މާއްދާ - އަންހެނުންގެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން
9.1. ކޮމިޓީ އިންތިހާބު ކުރާތާ މަސައްކަތު 7 (ހަތެއް) ދުވަސް ތެރޭގައި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަން ވާނެއެވެ.
9.2. ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައ ކޮމިޓީގެ ރައީސް އަދި ނައިބު ރައީސް ހޮވަންވާނެއެވެ.
9.3. މިގޮތުން ބާއްވާ ފުރަތަމަ ބައްދަލުވުމުގައި ރައީސަކު އިންތިހާބު ކުރެވެންދެން ބައްދަލުވުން ކުރިއަށް ގެންދާނީ ކައުންސިލްގެ ރައީސެވެ
10 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މުއްދަތު
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އުމުރަކީ ކޮމިޓީ އިންތިހާބުކުރެވޭ ތާރީހުން ފެށިގެން މީލާދީ 3 (ތިނެއް) އަހަރު ދުވަހެވެ. ކޮމިޓީގެ އުމުރު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން އައު ކޮމިޓީއެއް އިންތިހާބު ކުރަން ވާނެއެވެ.
11 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގާމުތައް
11.1. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިބުވުމުން ތިރީގައި އެވާ މަގާމުތަކަށް މީހުން އައްޔަންކުރަންވާނެއެވެ.
(ހ) ރައީސް
(ށ) ނައިބު ރައީސް
11.2 މާއްދާ 11.1 ގައި އެވާ މަގާމުތަކަށް މެންބަރުން ހޮވާނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
11.3 މާއްދާ 11.1 ގައި އެވާ މަގާމެއް ކޮމިޓީގެ ދައުރުގެ ތެރޭގައި ހުސްވެއްޖެނަމަ އެ މަގާމަކަސް އެހެން މެންބަރަކު ހޮވަން ވަނެއެވެ. އެމީހެއްގެ މަގާމުގެ މުއްދަތަކީ ކޮމިޓީގެ ދައުރުގެ ބާކީ އޮތް މުއްދަތެކެވެ.
11.4 ކޮމިޓީގެ މަގާމެއްގައި ހުރި މެމްބަރަކު 1 މަސް ދުވަހަށް ވުރެ ދިގުމަތަކަށް ރަށުން ބޭރަށް ދާންޖެހިއްޖެ ހިނދެއްގައި އެ މެންބަރެއްގެ މަސްއޫލިއްޔަތު، ކޮމިޓީގެ މަށްވަރާއާއެކު ލިޔުމަކުން އެހެން މެންބަރަކާ ހަވާލުކުރަން ޖެހޭނެއެވެ.
12 ވަނަ މާއްދާ – އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަސްއޫލިއްޔަތު ތިރީގައި މިވަނީއެވެ.
(ހ) ކޮމިޓީގެ މަގްސަދާ އެއްގޮތަށް ކޮމިޓީގެ ހަރަކާތްތައް ރާވައި ހިންގުން.
(ށ) ކޮމިޓީގައި މަށްވަރާކޮށް ނިންމާ ކަންތައްތައް ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅައި ތަންފީޒު ކުރުމަށް މަސައްކަތް ކުރުން
(ނ) ގަވާއިދުން ޖަލްސާ ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން
(ރ) މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުން
(ބ) ކޮމިޓީން ނިންމާ ކަންތައް ވިލަރެސްކޮށް، ހިނގުމުގައި އިސްކޮށް ހަރަކާތްތެރިވުން
(ޅ) ކޮމިޓީގެ މާލިއްޔާއިން ކުރަންޖެހޭ ހަރަދުތައް ކުރުމުގެ ހުއްދަދިނުމާއި ފައިސާގެ ކަންތައްތައް ކަނޑައެޅިފައިވާ ގަވާއިދުން ހިންގާތޯ ބެލުން
(ކ) އިދާރީ ގޮތުން ކޮމިޓީން ކުރަންޖެހޭ ކޮމިޓީގެ ހުރިހާކަމެއް ފުރިހަމައަށް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަން ހިނގާ ނުހިނގާގޮތް ބެލުން.
13 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސްގެ މަސްއޫލިއްޔަތު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީށްގެ މަސްއޫލިއްޔަތު ތިރީގައި މިވަނީއެވެ.
(ހ) ރައީސްގެ މަސައްކަތުގައި އެހީތެރިވުން އަދި ރައީސް ޗުއްޓީގައި ހުންނައިރު ނުވަތަ ކޮމިޓީއަށް ހާޒިރު ނުވެވޭފަދަ އުޒުރެއް މެދުވެރި ވެއްޖެނަމަ ރައީސްގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރުން
(ށ) ކޮމިޓީން ހިންގަންޖެހޭ އިދާރީ މަސައްކަތްތައް ހިންގުމުގައި ރައީސްގެ ލަފާގެ މަތިން މަސައްކަތްކުރުން
(ނ) ކޮމިޓީގެ ރައީށްގެ މަށްވަރާގެ މަތިން ކޮމިޓީން ކުރާ މަސައްކަތުގެ ރިޕޯޓު ލިޔެ ތައްޔާރުކޮށް އެރިޕޯޓު ފޮނުވަން ޖެހޭ އިދާރާތަކަށް ފޮނުވުން.
(ރ) ކޮމިޓީގެ ރައީށް ކޮމިޓީން ވަކިވެއްޖެ ހިނދެއްގައި ވަގުތީ ގޮތުން ކޮމިޓީގެ ހިންގުމާއި ހަވާލުވެ ރައީސްގެ ހުރިހާ މަސްއޫލިއްޔަތެއް އަދާކުރުން
14 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނަމުގައި ސޮއިކުރުން
14.1. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އެކިފަރާތްތަކަށް ފޮނުވާ ސިޓީއާއި ރިޕޯޓު އަދި މި ނޫންވެސް ރަސްމީ ލިޔުންތަކުގައި ސޮއިކުރާނީ ރައީސެވެ. ރައީސް ނެތް ހިނދެއްގައި ނައިބު ރައީސެވެ.
14.2. ކޮމިޓީގެ ފައިސާއާބެހޭ ލިޔުންތަކުގައި ސޮއިކުރާނީ ރައީސެވެ. ރައީސް ނެތް ހިނދެއްގައި ނައިބު ރައީސާއި އެކު މެންބަރަކު ސޮއިކުރަންވާނެއެވެ.
15 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޖަލްސާ ބޭއްވުން
15.1. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޖަލްސާއެއް މަދުވެގެން މަހަކު އެއްފަހަރު ބާއްވަން ވާނެއެވެ. މީގެ އިތުރަށް ވެސް ކޮމިޓީގެ ޖަލްސާ ބޭއްވުމުގެ އިހްތިޔާރު ކޮމިޓީގެ ރައީސަށް ލިބިގެންވެއެވެ.
15.2. މާއްދާ 15.1 ގައި ބަޔާންކޮށްފައިވާ ޖަލްސާގެ އިތުރުން މެންބަރުންގެ ތެރެއިން 3/1 (ތިންބައިކުޅަ އެއްބައި) މެންބަރުން ޖަލްސާއެއް ބޭއްވުމަށް އެދިއްޖެ ހިނދެއްގައި ކުއްލިޖަލްސާގެ ގޮތުގައި ޖަލްސާއެއް ބާއްވަން ވާނެއެވެ.
15.3. ޖަލްސާ ބާއްވާނެ ދުވަހާއި ގަޑި އަދި ތަނެއް ކަނޑައަޅަން ވާނީ ކޮމިޓީގެ ރައީސެވެ. ރައީސް ނެތް ނަމަ ނައިބު ރައީސެވެ.
15.4. ކޮމިޓީގެ ޖަލްސާއެއް ބޭއްވޭނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން 2/1 (ދެބައިކުޅަ އެއްބައިގެ) އަގުލަބިއްޔަތު ހާޒިރުވެގެންނެވެ.
15.5. ޖަލްސާއަށް ރިޔާސަތުން ހުށަހަޅާ މައްސަލަތަކުގައި އިތުރުން ކޮމިޓީގެ މެންބަރުން ހުށަހަޅާ މައްސަލަތަކުގެ މައްޗަށް ބަލައި ކޮންމެ ޖަލްސާއެއްގެ އެޖެންޑާ ކަނޑައަޅަން ވާނެއެވެ. އަދި ކުއްލި ޖަލްސާތައް ފިޔަވައި އެހެން ޖަލްސާ ބާއްވާ ދުވަހުގެ 1 ދުވަސްކުރިން ހުރިހާ މެންބަރުންނަށް އަންގަން ވާނެއެވެ.
15.6. ކޮމިޓީގެ ޖަލްސާތަކުގެ ހާޒިރީއާއި ޔައުމިއްޔާ ލިޔެ ބަލަހައްޓަން ވާނެއެވެ
15.7. ޖަލްސާތަކުގެ ޔައުމިއްޔާ ފާސްކޮށް ހާޒިރުވި މެންބަރުން ޔައުމިއްޔާގައި ސޮއިކުރަން ވާނެއެވެ. އަދި 7 ދުވަހުގެ ތެރޭގައި ޔައުމިއްޔާގެ ކޮޕީ ރަށު/ސިޓީ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
16 ވަނަ މާއްދާ - ރައީސް، ނައިބު ރައީސްގެ މަގާމު ހުސްވުން
16.1. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ނުވަތަ ނައިބު ރައީށްގެ މަގާމު ހުސްވެއްޖެ ނަމަ ބަދަލުގައި އެއިން މަގާމަކަށް މެންބަރަކު 30 (ތިރީސް) ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ކުރަންވާނެއެވެ.
16.2. ކޮމިޓީގެ މަގާމުތަކަށް އަންނަ ބަދަލުތައް 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކޮމިޓީއެއް ނިސްބަތްވާ ކައުންސިލަކަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް އަންގަން ވާނެއެވެ.
16.3. ކޮމިޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބުވީ ގޮތް އިންތިހާބު ނިމޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި އެކޮމިޓީއެއް ނިސްބަތްވާ ކައުންސިލަށް އަންގަންވަނެއެވެ.
17 ވަނަ މާއްދާ - މެންބަރަކު މެންބަރުކަމުން ވަކިވުން
17.1. މެންބަރަކު އެއްވެސް ސަބަބަކާއި ހުރ ވަކިވެއްޖެނަމަ. ރަށެއް ނަމަ ރަށު ކައުންސިލް މެދުވެރިކޮށް ސިޓީއެއް ނަމަ ސިޓީކައުންސިލް މެދުވެރިކޮށް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި ސަބަބު އެނގޭ ގޮތަށް ލިޔުމަކުން އަންގަން ވާނެއެވެ. މެންބަރަކު މެންބަރު ކަމުން ވަކިވިކަމަށް ބެލެޥޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
(ހ) އެމީހަކު މެންބަރުކަމުން ވަކިވާނ އެދި ކޮމިޓީއަށް އެޑްރެސްކޮށް ސިޓީ ފޮނުވުން
(ށ) މަގްބޫލު އުޒުރެއް ނެތި ވިދިވިދިގެން 5 (ފަހެއް) ޖަލްސާއަށް ހާޒިރުނުވުން. މަގުބޫލު އުޒުރެއް ކަމަށް ބެލެވޭނީ ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ މި ނޫންވެސް ކޮމިޓީން ގަބޫލުކުރާ ސަބަބެއް މެދުވެރިވުމުން.
(ނ) މެންބަރެއްގެ ކިބައިގައި ހުރުން މި ގަވާއިދު ލާޒިމްކުރާ ސިފައެއް އެ މެންބަރެއްގެ ކިބައިން އުނިވުން.
(ރ) މަރުވުން ނުވަތަ ކޮމިޓީގެ ވާޖިބު އަދާނުކުރެވޭ މިންވަރަށް ދާއިމަށް ނުކުޅެދުން.
(ބ) 6 (ހައެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް އަމިއްލަ ބޭނުމަކަށް ރަށުން ބޭރަށް ދިއުން.
17.2. މިގޮުން ހުސްވާ ޖާގައަށް 45 (ސާޅީށް ފަހެއް) ދުވަހުގެ ތެރޭގައި މެންބަރަކު ހޮވަންވާނީ 7.1 ވަނަ މާއްދާގައި ވާގޮތަށް އަންހެނުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
18 ވަނަ މާއްދާ - އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިސާބުތައް ބެލެހެއްޓުމާއި ހަރަދުކުރުން
(ހ) އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފައިސާ ހުންނަންވާނީ އެ ކޮމިޓީގެ ނަމުގައި ބޭންކް އެކައުންޓެއްގައެވެ.
(ށ) ތަފާތު މަސައްކަތްތައް ކޮށްގެން އެކޮމިޓީއަށް ލިބޭ އާމްދަނީ ހަރަދުކުރާނީ ކޮމިޓީގެ މެންބަރުންގެ މަށްވަރާގެ މަތިންނެވެ. އަދި ހަރަދުކުރުމުގައި އެންމެ އިސްކަން ދޭންވާނީ އަންހެނުންގެ ތަރައްގީއަށް ކުރެވޭ ކަންކަމަށެވެ.
(ނ) ކޮމިޓީގެ މާލިއްޔަތުގައިވާ ތަކެތީގެ އޯޑިޓް ހިސާބު ރަށު/ސިޓީ ކައުންސިލްގެ އޯޑިޓް ރިޕޯޓްގައި ހިމެނުމަށް ކައުންސިލުން ކަނޑައަޅާ ތާރީހަކަށް ރަށު/ސިޓީ ކައުންސިލަށް ހުށަހަޅަންވާނެއެވެ.
(ރ) ކޮމިޓީގެ ޖަލްސާއަށް ހާޒިރުވާ ކޮންމެ މެންބަރަކަށް ކައުންސިލާއި ކޮމިޓީ އެއްބަސްވާ ގޮތެއްގެ މަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއި އެކު އެލަވަންސެއް ހަމަޖެއްސިދާނެއެވެ. މިގޮތުން ފައިސާ ދެވޭނީ ގިނަވެގެން މަހަކު 4 (ހަތަރެއް) ޖަލްސާއަށެވެ. އެއަށް ވުރެ އިތުރަށް ޖަލްސާ ބޭއްވި ނަމަވެސް އެލަވަންސެއް ނުދެވޭނެއެވެ.
(ބ) ކޮމިޓީގެ ނިންމުމަކާއި ނުލައި ކޮމިޓީގެ ފަރާތުން ކުއްލިއަކަށް ކުރަންޖެހޭ ހަރަދުތައް ގިނަވެގެން -/500 (ފަސްސަތޭކަ) ރުފިޔާ ހަރަދުކުރުމުގެ އިހްތިޔާރު ރައީސަށް ލިބިގެންވެއެވެ. މިހެން ކުރެވޭ ހަރަދުތަކުގެ ތަފްސީލް ޖެހިގެން އަންނަ ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ.
19 ވަނަ މާއްދާ - ކޮމިޓީގެ މާލިއްޔަތު
ކޮމިޓީގެ މާލިއްޔަތުން ހަރަދުކުރެވޭނީ އަދި ފައިސާ ހޯދޭނީ މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ މަސްއޫލިއްޔަތު އަދާކުރުމަށެވެ. މިގޮތުގެ މަތިން ހަރަދުކުރުމަށާއި މާލިއްޔަތު އިތުރުކުރުމަށް ތިރީގައިވާ ކަންކަމަށް އިސްކަންދޭންވާނެއެވެ.
(ހ) ކޮމިޓީގެ މަގުސަދު ހާސިލުކުރުމަށްޓަކައި ކޮމިޓީގެ މާލިއްޔަތު އިތުރުކުރުމަށް މަސައްކަތްކުރަންވާނެއެވެ.
(ށ) ކޮމިޓީގެ މާލިއްޔަތަށް ލިބޭ ފައިސާއިން ހަރަދުކުރުމުގައި އިސްކަން ދޭންވާނީ ރަށުގެ/އަވަށުގެ އަންހެނުންގެ ތަރައްގީއަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށެވެ.
(ނ) ވަކިކަމަކަށް ފައިސާ އެއްކޮށްފިނަމަ ނުވަތަ ވަކި ފަރާތަކުން ދީފައިވާ ފައިސާއެއް ނަމަ އެ ފައިސާ ހަރަދުކުރަންވާނީ އެކަމަކަށެވެ. މިގޮތުން ހޯދާ ފައިސާ އިތުރުވެއްޖެނަމަ އެ ފައިސާއެއް ހަރަދުކުރަންވާނީ ކޮމިޓީން ނިންމާ ގޮތަށް އެ ފައިސާއެއް ދިން ފަރާތަކަށް އަންގަވާފައެވެ.
(ރ) ކޮމިޓީގެ މާލިއްޔާގެ ފައިސާއާ ބެހޭ ހުރިހާ ކަމެއް ކުރަންވާނީ ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި މުދަލާއި ފައިސާ ހޭދަކުރުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
20 ވަނަ މާއްދާ - ރިޕޯޓް ފޮނުވުމާއި ރިޕޯޓް ކުރުން
(ހ) ކޮމިޓީގެ އަހަރީ ޕްލޭނުގައި ކުރުމަށް ހިމަނާފައިވާ ކަންތައްތައް ހާސިލުވި މިންވަރު އެނގޭނޭގޮތަށް ކޮމިޓީގެ ތަފުސީލު ރިޕޯޓް ތައްޔާރުކޮށް، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 07 ވަނަ ދުވަހުގެ ކުރިން ރަށު/ސިޓީ ކައުންސިލުގެ ރިޕޯޓްގައި ހިމެނުމަށް ފޮނުވަން ވާނެއެވެ.
(ށ) އަހަރު ތެރޭގައި ކޮމިޓީން ބާއްވާ ޖަލްސާތަކުގެ ހާޒިރީ ރިޕޯޓު ކޮންމެ 3 މަހަކުން 1 މަހު ރަށު/ސިޓީ ކައުންސިލަށް ފޮނުވަން ވާނެއެވެ.
(ނ) ކޮމިޓީގެ މާލިއްޔަތު ރިޕޯޓު ސަރުކާރުގެ ގަވާއިދާއި އެއްގޮތަށް ކޮންމެ 3 މަހަކުން 1 މަހު ރަށު/ސިޓީ ކައުންސިލަށް ފޮނުވަން ވާނެއެވެ.
21 ވަނަ މާއްދާ - ކޮމިޓީ އުވާލުން
21.1. އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާގެ މަތިން ކޮމިޓީ އުވާލުމުގެ މައްސަލަ ށަރުއީ ކޯޓަކަށް ހުށަހެޅުމުގެ ބާރު އެކޮމިޓީއެއް ނިސްބަތްވާ ކައުންސިލަކަށް ލިބިގެންވެއެވެ.
(ހ) ކޮމިޓީގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް ތަކުރާރުކޮށް ނުކުޅެދޭނަމަ.
(ށ) ކޮމިޓީގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާނަމަ.
(ނ) ކޮމިޓީން ކަންކަން ނިންމުމުގައި ކޮމިޓީއަށް ވަކިގޮތަކަށް އެއްބަސްވުމަށް ތަކުރާރުކޮށް ހުރަސްއެޅި ނުވަތަ ކޮމިޓީގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ކޮމިޓީގެ ޖަލްސާތައް ބޭއްވުމަށް ހުރަސްއެޅި ޖެހިޖެހިގެން 3 (ތިނެއް) މަހު ޖަލްސާ ނުބޭއްވި ކޮމިޓީގެ ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން.
21.2. މި ގަވާއިދު ގެ ދަށުން ކޮމިޓީއެއް އުވާލައިފިނަމަ، އެކޮމިޓީއެއް އުވާލާ ތާރީހުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އަލުން ކޮމިޓީއަށް މެންބަރުން އިންތިހާބުކޮށް ނިންމަންވާނެއެވެ. މިގޮތުން އަލުން އިންތިހާބެއް ބޭއްވި ކޮމިޓީން މެންބަރުން އިންތިހާބުކުރެވެންދެން ކޮމިޓީ ވަގުތީ ގޮތުން ހިންގާނޭ ބަޔަކު އައްޔަންކުރާނީ ރަށު/ސިޓީ ކައުންސިލުންނެވެ.
22 ވަނަ މާއްދާ - ގަވާއިދު އިސްލާހު ކުރުން
މި ގަވާއިދު އިސްލާހުކުރުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެންވެއެވެ.
23 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތް
މިގަވާއިދުގައި ނުހިމެނޭކަމެއް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ، އެކޮމިޓީއަކާއި، ރަށު/އަތޮޅު/ސިޓީ ކައުންސިލާއި މަށްވަރާ ކުރެއްވުމަށްފަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީއިންނެވެ.
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010)
ކިޔުންތެރިންގެ ހިޔާލު