-

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 20/2012)

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި އެ އުސޫލުތައް ތަންފީޒުކުރުމާއި އެ ހިދުމަތް ދޭނެ އުސޫލުތައް ކަނޑައަޅައި ބެލެހެއްޓުމާއި ހިދުމަތްދޭ ފަރާތްތަކާއި އެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް މަންފާހުރި ގޮތެއްގައި އެ ހިދުމަތް ފޯރުވައި ދެވޭނެ މަގު ތަނަވަސް ކޮށްދިނުމާއި ވާދަވެރި ކަމާއި އިންސާފުވެރި ކަމާއެކު ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމާއި އެކަންކަން ކުރި އެރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކަނޑައެޅުމަށްޓަކައި ޤާނޫނު ނަންބަރު 16/2010 “ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު” ގެ 46 ވަނަ މާއްދާގެ ދަށުން އެކުލަވާލައި ފައިވާ ގަވާއި ދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ “ދިވެހިރާއްޖޭގެ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު” އެވެ.

(ނ) މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކޭބަލް ޓެލެވި ޒަންގެ ހިދުމަތް ދިނުމަށް މިނިސްޓްރީ އޮފް އިންފޮމޭށަން، އާޓްސް އެންޑް ކަލްޗަރއިން 2001 ވަނަ އަހަރު ނެރެފައިވާ ގަވާއިދާއި 2007 ވަނަ އަހަރު މިނިސްޓްރީ އޮފް އިންފޮމޭށަން އެންޑް އާޓްސްއިން ނެރެފައިވާ ގަވާއިދުތައް ބާތިލުވާނެއެވެ.

 

2 ވަނަ މާއްދާ – މަގުސަދު

މި ގަވާއިދުގެ މަޤުސަދަކީ އަންނަނިވި ކަންކަމަށް މަގުފަހި ކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި ތަރައްޤީކޮށް ހިންގުމެވެ. މީގެ ތެރޭގައި ހިމެނެނީ ؛

(ހ) ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރި ކޮށް ޢާންމުކޮށް އެންމެންނަށް ހަބަރާއި މަޢުލޫމާތު ފެތުރުމާއި އުނގެނުމުގެ ފުރުސަ ތާއި މުނިފޫހިފިލުވުމުގެ ފުރުސަތު އިތުރުކޮށްދި ނުން؛

(ށ) ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި އެ ހިދުމަތް ލިބޭނެ، ހިދުމަތް ދިނުމުގެ ވާދަވެރި މާހައުލެއް އުފެއްދުމާއި ، މޮނޮޕޮލީއަށް މަގުފަހި ނުވާނެ އުސޫލުތައް ކަނޑައެޅުން؛

(ނ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެމުންދާއިރު އުފެދޭ ށަކުވާތައް ބަލައި ހައްލުކޮށްދިނުމުގެ ނިޒާމެއް އެކަށައެޅުން؛

(ރ) ރީބްރޯޑްކާސްޓްކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން؛

(ބ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ކޮންޓެންޓް، ހިދުމަތްދޭ ފަރާތްތަކަށް އިންސާފުވެރި އުސޫލަކުން ލިބޭނެ މަގު ފަހި ކޮށްދިނުމާއި، މި ދާއި ރާގައި އެކްސްކުލޫސި ވި ޓީއަށް ފުރުސަ ތު ނުދިނުމުގެ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ހިދުމަތް ދިނުން

 ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭންވާނީ، އެކަމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނުން ދޫކުރާ “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް” ލިބިގެންނެވެ.

 

4 ވަނަ މާއްދާހިދުމަތް ދެވޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން ރާއްޖޭގައި ރީބްރޯޑްކާސްޓްގެ ހިދުމަތް ދެވޭނީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއް ނުވަތަ ޕަބްލިކް ލިމިޓެޑް ކުންފުންޏެއް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާ ކުންފުންޏެއް ނުވަތަ ވަކި ޤާނޫނެއްގެ ދަށުން އުފައްދާ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށެވެ.

 

5 ވަނަ މާއްދާ – ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ށަރުތުތައް

މި ގަވާއިދުގެ ދަށުން ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރި ހަމަވާ ފަރާތްތަކަށެވެ.

  1. ފަރާތުގެ ށަރުތުތައް ރީބްރޯޑްކާސްޓް ކުރުމަށް އެދޭ ފަރާތަކީ، ޕްރައިވެޓް ލިމިޓެޑް ކުންފުންޏެއް ނުވަތަ ޕަބްލިކް ލިމިޓެޑް ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، އެފަރާތުގެ ހިންގާ ގަވާއިދުގެ މަޤުސަ ދުތަކުގެ ތެރޭގައި ރީބްރޯޑްކާސްޓް ކުރުން ހިމެނޭ ފަރާތަކަށްވުން.
  2. ރީބްރޯޑްކާސްޓް އަދި ބްރޯޑްކާސްޓް ހިދުމަތް ދޭ އެހެން ކުންފުންޏެއްގެ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ އެއްވެސް ހިއްސާ އެއް ނުވަތަ މާލީ މަސްލަހަތެއް އޮތް މީހެއްގެ ހިއްސާ އޮތް ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން؛
  3. ކޮމިށަންގެ އެއްވެސް މުވައްޒަ ފެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން؛
  4. ބްރޯޑްކާސްޓްކުރުމުގެ ނުވަތަ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ކުންފުންޏެއްގައި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގައި ހިއްސާ އޮތް މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން؛
  5. ވޭތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލުކޮށްފައިވާ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން؛
  6. މި މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގައި ހިއްސާ އޮންނަ މީހެއްގެ ހިއްސާ ހިމެނޭ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައި ނުވުން.

 

6 ވަނަ މާއްދާ – ލައިސަންސަށް އެދުން

(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފޯމު” އިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމާއެކު އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ކުންފުންޏެއް ނަމަ، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އަސްލެއްކަން އެނގޭނެ ތައްގަނޑު ޖަހާފައިވާ، ކުންފުނީ ގެ ހިންގާ ގަވާއިދުގެ ނަކަލަކާއި އަސާސީ ގަވާއިދުގެ ނަކަލަކާއި ރަޖިސްޓްރީ ގެ ނަކަލު އަދި ކުންފުނީ ގެ ޕްރޮފައިލް؛
  2. ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އަސްލެއްކަން އަންގައި ދޭ ތައްގަނޑު ޖަހާފައިވާ، ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ގަވާއިދުގެ ނަކަލަކާއި، ރަޖިސްޓްރީ ގެ ނަކަލު އަދި ކޯޕަރޭޓިވް ސޮސައިޓީގެ ޕްރޮފައިލް؛
  3. ޓޫރިސްޓް ރިސޯޓެއްގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ނަމަ، ތަން ހިންގުމަށް ދޫކޮށްފައިވާ ރަސްމީ ހުއްދައި ގެ އަސްލެއްކަން އަންގައި ދޭ ތައްގަނޑު ޖަހާފައިވާ ނަކަލު އަދި ޕްރޮފައިލް؛
  4. ޓޫރިސްޓް ރިސޯޓެއްގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ނަމަ، ތަނުގެ ވެރި ފަރާތާއި އެނދުގެ އަދަދު އެނގޭނެ ރަސްމީ ލިޔުމުގެ އަސްލެއްކަން އަންގައި ދޭ ތައްގަނޑު ޖަހާފައިވާ ނަކަލު؛
  5. ހިދުމަތް ދިނުމުގައި، ބޭނުންކުރާނެ ވި ޔަފާރި ނަމާއި ނި ށާ ން ރަޖިސްޓްރީ ކޮށް، އެކަމަށް ދޫކުރި ލިޔުމުގެ އަސްލާ އެއްގޮތް ނަކަލު އަދި ނިށާނުގެ ކުލަ ނަކަލަކާއި ސޮފްޓް ކޮޕީ؛
  6. ހިދުމަތް ދިނުމަށް ރާވާފައިވާ ޓެކްނިކަލް ޕްލޭނާއި ބޭނުންކުރާނެ އާލާތްތަކުގެ ތަފުސީލު؛ (ހިދުމަތް ދިނުމަށް ރާވާފައިވާ ޓެކްނިކަލް ޕްލޭނާއި ސެންސަރު ކުރުމަށް، ނަމާދު ވަގުތު އެރުވުމަށް އަދި އެމަރޖެންސީ ހާލަތުގައި އެކަން ކުރުމަށް ބޭނުން ކުރާ އާލަތްތަކުގެ ތަފުސީލު)
  7. ހިދުމަތް ދިނުމުގައި، ސެންސަރުކުރުމަށް ބޭނުންކުރާ އާލަތްތައް ހަމަޔަށް ބެހެއްޓުމާއި އެ އާލާތްތައް ބޭނުންކޮށްގެން ސެންސަރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތުގެ ތަފުސީލު؛
  8. ނަމާދު ވަގުތު އަންގައި ދޭ ލިޔުން ނުވަތަ އަޑު ގެނެސްދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތުގެ ތަފުސީލު؛
  9. މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ މުޢާމަލާތު ކުރާނެ އިސްފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ ނަކަލަކާއި، އޭނާގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން؛
  10. އަސާސީ ޕެކޭޖްގެ ގޮތުގައި ފޯރުވައި ދިނުމަށް ހުށަހަޅާ ޗެނަލްތަކާއި ގަންނަން ލި ބެން ހުންނާނެ އިތުރު ޗެނަލް ތަކުގެ މަޢުލޫމާތު؛
  11. ރީބްރޯޑްކާސްޓް ކުރެވޭ ކޮންޓެންޓް، ރީބްރޯޑްކާސްޓްކުރުމުގެ ހައްޤު ލިބިފައިވާ ކަމުގެ ލިޔުން؛

(ނ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފޯމު ހުށަހަޅާއިރު، ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ކަމަށް މި ގަވާއިދުގައި ބަޔާންކުރާ ލި ޔުމެއް ހުށަހަޅާފައި ނުވާ ނަމަ އެކަން ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އަންގާ އެ ލި ޔެކި ޔުންތައް ފުރި ހަމަކޮށް 30 (ތި ރީ ސް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ރ) ލައިސަންސަށް އެދި ހުށަހަޅާ ހުރިހާ ފަރާތަކަށްވެސް ކޮމިށަނުގެ ނިންމުން ލިޔުމަކުން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ. ލައިސަންސެއް ދޫނުކުރުމަށް ކޮމިށަނުން ނިންމައިފިނަމަ، ލައިސަންސް ދޫނުކުރާން ނިންމި ސަބަބު އެ ލިޔުމުގައި ބަޔާންކުރަންވާނެއެވެ.

 

7 ވަ ނަ މާއްދާ – މުއާމަލާތު ކުރާނެ އިސްފަރާތެއް ކަނޑައެޅުން

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ “މުޢާމަލާތު ކުރާނެ އިސްފަރާތުގެ މަޢުލޫމާތު ފޯމު” ފުރި ހަމަކޮށް ހުށަހަޅަންވާނެއެވެ. އަދި މުޢާމަލާތުކުރާ ފަރާތް ބަދަލުވެއްޖެ ނަމަ، އެކަން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ލިޔުމަކުން އަންގަންވާނެއެވެ.

 

8 ވަނަ މާއްދާލައިސަންސް ދޫކުރުން

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރާނީ މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވުމުގެ އިތުރަށް މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސް ފީދެއްކުމުންނެވެ.

 

9 ވަނަ މާއްދާ – ލައިސަންސްގެ މުއްދަތު

ރީބްރޯޑްކާސްކުރުމަށް ދޫކުރެވޭ ލައިސަންސްގެ މުއްދަތަކީ 10 (ދިހައެއް) އަހަރެވެ.

 

10 ވަނަ މާއްދާ -  ލައިސަންސްގެ ބާވަތްތައް

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް 2 (ދޭއް) ބާވަތަކަށް ބެހި ގެންވެއެވެ.

(ހ) މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމަށް

(ށ) ވަކި ރަށަކަށް ނުވަތަ ވަކި ރަށްތަކަކަށް ރީބްރޯޑްކާސްޓްކުރުމަށް

 

11 ވަނަ މާއްދާ - ލައިސަންސް ފީ

(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ފީ 2 (ދޭއް) ބަޔަކަށް ބެހި ގެންވެއެވެ

  1. ލައިސަންސް ދޫކުރާއިރު ދައްކަންޖެހޭ ރަޖިސްޓްރޭށަންފީ
  2. ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަށް ދައްކަންޖެހޭ އަހަރީފީ

(ށ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްތަކަށް ދައްކަންޖެހޭ ރަޖިސްޓްރޭށަންފީ އާއި އަހަރީފީ މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނި ފައިވާނެއެވެ.

(ނ) ރީބްރޯޑްކާސްޓް ކުރާ ފަރާތްތަކުން ދައްކަންޖެހޭ އަހަރީފީ ކޮންމެ އަހަރެއްގެ މާޗް މަހުގެ ނިޔަލަށް ދައްކަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް އަލަށް ލައިސަންސް ހޯދާ ފަރާތްތަކުން އެ އަހަރުގެ ބާކީ އޮތް މުއްދަތަށް ދައްކަންޖެހޭ އަހަރީފީ، ރަޖިސްޓްރޭށަންފީ އާއެކު ދައްކަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއި ރު އަހަރީފީ ދައްކާފައި ނުވާ ނަމަ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ކަނޑައެޅި ފައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - ލައިސަންސް އާކުރުން

(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އާކުރުމަށް ބޭނުންވާ ނަމަ، ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވާން 3 (ތިނެއް) މަސް ދުވަސް ވުމުގެ ކުރިން ލައިސަންސް އާކުރުމަށް އެދި ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ލައިސަންސް އާކުރުމަށް އެދި ހުށަހަޅައި ފައި ނުވާ ނަމަ ދެން ލައިސަންސް އާކޮށްދެވޭނީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފީ އާއެކުގައި ލައިސަންސް އާކުރުމަށް އެދި ހުށަހެޅުމުންނެވެ.

(ނ) ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ށަރުތުތަކުގެ ތެރެއިން ށަރުތަކާ ލައިސަންސްގެ މުއްދަތުގެ ތެރޭގައި ހިލާފުވެއްޖެ ނަމަ ލައިސަންސް އާކޮށެއް ނުދެވޭނެއެވެ.

(ރ) އާންމު މަސްލަހަތަށްޓަކައި ލައިސަންސް އާކޮށްނުދީ ހިފަހައްޓަންޖެހޭ ކަމަށް ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި ލައިސަންސް އާކޮށްނުދިނުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - ލައިސަންސް ހިފެހެއްޓުން

(ހ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ކަނޑައެޅި ފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައި ފި ނަމަ، ގި ނަވެގެން 90 (ނުވަދިހަ)  ދުވަހުގެ މުއްދަތަށް ލައިސަންސް ހި ފެހެއްޓުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.)

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް ލައިސަންސް ހިފަހައްޓައި ފައި ވަނިކޮށް ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅި އްޖެ ނަމަ، ކޯޓުން ވަކި ގޮތެއް ނިންމަންދެން ލައިސަންސް ހިފެހެއްޓި ފައި އޮންނާނެއެވެ.

 

14 ވަނަ މާއްދާ - ލައިސަންސް ބާތިލު ކުރުން

(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރި ވެއްޖެ ނަމަ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހި ފެހެއްޓުމަށްފަހު، ލައިސަންސް ބާތިލު ކުރުމަށްޓަކައި ކޯޓަށް ހުށަހެޅޭނެއެވެ.

  1. ލައިސަންސް ދޫކުރެވޭ ފަރާތް އިފްލާސްކުރުން؛
  2. ރަސްމީކޮށް ރީބްރޯޑްކާސްޓް ކުރަން ފެށުމަށްފަހު، ކޮމިށަންގެ ހުއްދައާ ނުލައި، ރީބްރޯޑްކާސްޓް ނުކޮށް 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވުން؛
  3. ޤައުމީ ސަ ލާމަތަށް އުނި ކަން އަންނަ ގޮތަށް ރީބްރޯޑްކާސްޓްކުރުން؛
  4. ލައިސަންސް ދޫކުރެވި ފައިވާ ފަރާތުން، މި ގަވާއިދުގެ ދާއިރާގެ ތެރެއިން ކަމެއް ކޮމިށަނަށް އޮޅުވާލައި ފައިވާކަން ސާބިތުވުން؛
  5. އެއްވެސް ސަބަބަކާ ހުރެ ކޮމިށަނުން ލައިސަންސް ހިފަހައްޓައި ފައި ވަނިކޮށް ރީބްރޯޑްކާސްޓްކުރުން؛

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރި ވެއްޖެ ނަމަ ކޯޓަށް ހުށަހެޅުމަކާ ނުލައި ލައިސަންސް ބާތިލުވާނެއެވެ.

  1. ލައިސަންސް ދޫކުރެވޭ ފަރާތުން އެދި ގެން ލައިސަންސް ބާތިލުކުރުން؛
  2. މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު ލައިސަންސް އާކުރުމަށް އެދި ހުށަހަޅައި ފައި ނުވުން؛
  3. މި ގަވާއިދުގެ 19 ވަނަ މާއްދާއާ ހިލާފުވުން؛

(ނ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލުކުރުމުގެ ސަބަބުން ހިދުމަތްލިބޭ ފަރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުންނެވެ.

 

15 ވަނަ މާއްދާ - ލައިސަންސަށް ބަދަލު ގެނައުން

ރާއްޖޭގެ ޤާނޫނާއި، ގަވާއިދަށް އަންނަ ބަދަލަކާ ގުޅިގެން ނުވަތަ ކޮމިށަނުން ކަނޑައަޅާފައިވާ ސިޔާސަތަށް އަންނަ ބަދަލަކާ ގުޅިގެން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ – އަހަރީ ފީ

ރީބްރޯޑްކާސްޓްގެ ހިދުމަތްދޭ ފަރާތްތަކުން މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތިން  އަހަރީފީ ކޮންމެ އަހަރެއްގެ މާޗް މަހުގެ ނިޔަލަށް ދައްކަންވާނެއެވެ.

 

17 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ ފަރާތުގެ ހިއްސާ ބަދަލުކުރުން

(ހ)  ރީބްރޯޑްކާސްޓްގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ކުންފުންޏަކުން ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކުން ހިއްސާ ބަދަލުކޮށްފިނަމަ އެބަދަލެއް ކުރާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ބަދަލެއްގެ ތަފުސީލު ކޮމިށަނަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) ފަރާތުގެ ހިއްސާ ބަދަލުކުރުން ލައިސަންސް ލިބިފައިވާ ކުންފުނީ ގެ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ހިއްސާ ބަދަލުކުރުމުން އެ ފަރާތަކީ މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ށަރުތުތައް ފުރި ހަމަނުވާ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމަށްވާ ނަމަ، އެ ފަރާތްތަކަށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބާތިލު ކުރުމަށްޓަކައި ކޮމިށަނުން ކޯޓަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ޗެނަލް އެއްބަސްވުން

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލެއް ފޮނުވަންވާނީ، ޗެނަލް ދޭ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން އެކްސްކްލޫސިވް އެއްބަސްވުމެއް އޮވެގެންނެވެ.

 

19 ވަނަ މާއްދާ - ހިދުމަތް ފެށުން

މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލި ބުމަށްފަހު، އެ ލައިސަންސް ލި ބުނު ތާރީހުން ފެށިގެން ގި ނަވެގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށަންވާނެއެވެ.

 

20 ވަނަ މާއްދާ - ހިދުމަތް މެދުކަނޑާލުން

ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް މެދުކަނޑާލަންވާނީ، މެދުކަނޑާލަންޖެހޭ ތާރީހާއި ސަ ބަބާއި އަލުން ހިދުމަތް ފަށާނެ ތާރީހް، މެދުކަނޑާލުމުގެ 15 (ފަނަރަ) ދުވަސް ކުރިން ކޮމިށަނަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ. އަދި ހިދުމަތް މެދުކަނޑާލުމުގެ 7 (ހަތެއް) ދުވަސް ކުރިން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޢާންމުކޮށް އަންގަންވާނެއެވެ.

 

21 ވަނަ މާއްދާ - ޗެނަލް އުނިކުރުން

ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތުގެ ތެރޭގައި ހިމެނޭ އެއްވެސް ޗެނަލެއް އުނި ކޮށްފި ނަމަ ހިދުމަތް ލިބިގަންނަ ފަރާތާއި ހިދުމަތް ދޭ ފަރާތާ ދެމެދު އެއްބަސްވެވޭ ޢަދުލުވެރި ބަދަލެއް ދޭންވާނެއެވެ.

 

22 ވަނަ މާއްދާ -  ހިދުމަތް ހުއްޓާލުން

(ހ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ދެމުން ގެންދާ ހިދުމަތް ހުއްޓާލާ ނަމަ، އެކަން ހިދުމަތް ހުއްޓާލަން ޤަސް ދުކުރާ ތާރީ ހުގެ 15 (ފަނަރަ) ދުވަސް ކުރިން ލިޔުމަކުން ކޮމިށަނަށް އަންގަންވާނެއެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް މި މުއްދަތުގެ ކުރިން އެކަން އަންގަންވާނެއެވެ.

(ށ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ދެމުން ގެންދާ ހިދުމަތް ހުއްޓާލާނަމަ އެ ހިދުމަތް ހޯދާ ފަރާތްތަކުން ހިދުމަތުގެ އަގު ނަގަންޖެހޭނީ ހިދުމަތް ހުއްޓާލަން ކަނޑައަޅާފައިވާ ތާރީހާ ހަމައަށެވެ.

(ނ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ދެމުން ގެންދާ ހިދުމަތް ހުއްޓާލާއިރު، ހިދުމަތް ހޯދަމުން ގެންދިޔަ ފަރާތްތަކުން މި މާއްދާގެ (ށ) ގައި ބަޔާންކުރާ ތާރީ ހަށްވުރެ އިތުރަށް ފީ ދައްކާފައިވާ ނަމަ، އިތުރަށް ދައްކާފައިވާ ފައިސާ، ހިދުމަތް ހުއްޓާލާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ފަރާތްތަކާ އަނބުރާ ހަވާލު ކުރަންވާނެއެވެ.

(ރ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ފީ ނަގާފައިވާ ހިދުމަތެއް ނުފެށުމުގެ ސަބަބުން ނުވަތަ ދެމުން ގެންދި ޔަ ހިދުމަތެއް ހުއްޓާލުމުގެ ސަބަބުން ހިދުމަތް ހޯދަމުންދި ޔަ ފަރާތަކަށް މާލީ ގެއްލުމެއް ލިބިއްޖެނަމަ ށަ ރީ ޢަތް މެދުވެރި ކޮށް ބަދަލު ހޯދުމުގެ ހައްޤު ހިދުމަތް ހޯދި ފަރާތަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް

މި ގަވާއިދުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ކުރާ ކަމަކުން ހިދުމަތް ލިބިގަންނަ ފަރާތަށް މާލީގޮތުން ގެއްލުމެއް ލިބިއްޖެނަމަ އެ ގެއްލުމެއްގެ ޒިންމާ އުފުލަންޖެހޭނީ ލައިސަންސް ލިބިފައިވާ ފަރާތުންނެވެ.

 

24 ވަނަ މާއްދާ -  ދިވެހި ޗެނަލްތައް

(ހ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު، ހުރި ހައި ޕެކޭޖެއްގައި ވެސް ހިމަނަންވާނެއެވެ. ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު، އެއް ޗެނަލަށްވުރެ ގިނައިން ބްރޯޑްކާސްޓް ކުރާ ނަމަ ހިމަނާނެ ޗެނަލެއް ކަނޑައަޅާނީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެވެ.

(ށ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ނެޓްވާރކް ތަކުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ހި މަނަންވާނީ އެއްވެސް އަގަކާ ނުލައެވެ.

 (ނ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ނެޓްވާރކް ތަކުގައި ދިވެހިރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންގެ ޗެނަލްތައް ހަމަހަމަ އުސޫލެއްގެ މަތިން ހި މަނަންވާނެއެވެ.

 (ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބްރޯޑްކާސްޓަރުންގެ އަތުން ފީއެއް ނަގާނަމަ އެ ފީއެއް ނަގަންވާނީ ކޮމިށަނަށް ހުށަހަޅައި ފާސްކޮށްގެންނެވެ.

 

25 ވަނަ މާއްދާ - ކޮމިށަނަށް ށަކުވާ ހުށަހެޅުމާއި ޖަވާބުދާރީވުން

(ހ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތަކުން ފޮނުވާ ކޮންޓެންޓަކާ ގުޅޭގޮތުން ހިދުމަތް ލިބިގަންނަ ފަރާތަކުން އެއްވެސް ށަކުވާއެއް ކޮމިށަނަށް ހުށަހަޅާ ނަމަ އެ ށަކުވާއެއް ހުށަހަޅަންވާނީ ކޮމިށަނުން އެކަށައަޅައި ފައިވާ ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރެވި ފައިވާ ފަދަ ށަކުވާއެއް ކޮމިށަނަށް ހުށަހެޅުމުން ކޮމިށަނުން އެކަށައަޅައި ފައިވާ ށަކުވާ ހުށަހެޅުމާއި ށަކުވާ ބެލުމުގެ ނިޒާމާ އެއްގޮތްވާ ގޮތުގެ މަތިން، އެ ށަކުވާއެއް ބަލައި ދޭންވާނެއެވެ.

 

26 ވަނަ މާއްދާ - ހިދުމަތް ލިބިގަންނަ ފަރާތުން ހުށަހެޅޭ ށަކުވާ ބަލައި ގަތުން

ށަކުވާއާއި މައްސަލަ ބަލައި ރަނގަޅު ކުރެވޭނެ ނިޒާމެއް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ މަރުކަޒުގައި ޤާއިމު ކުރަންވާނެއެވެ.

 

27 ވަނަ މާއްދާ - ކޮންޓެންޓަށް އުނި އިތުރު ގެނައުން

(ހ) ރީބްރޯޑްކާސްޓް ކުރާ ކޮންޓެންޓަކީ ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅައި ފައިވާ ކްލެސި ފައި ކުރުމުގެ މިންގަނޑުތަކަށް ފެތޭ ކޮންޓެންޓް ކަމުގައި ވާންވާނެއެވެ.

(ށ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލް ފޮނުވަންވާނީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މިންގަނޑަށް ފެއްތުމަށްޓަކައި އުނި ކުރެވޭ އުނި ކުރުން ފިޔަވައި އިތުރު އެއްވެސް ބަދަލެއް ނުގެނެސް، އެ ކޮންޓެންޓްގެ ފީޑް ލިބެމުންދާ ގޮތަށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މިންގަނޑަށާއި މި ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ނަމާދު ވަގުތު ގެނެސްދިނުމާއި މި ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންޓެންޓް ފިޔަވައި އެހެން އެއްވެސް ކޮންޓެންޓެއް ފޮނުވުމަކީ މަނާކަމެކެވެ.

 

28 ވަނަ މާއްދާ - ނަމާދު ވަގުތު

ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެމުންދާ ވަގުތުތަކުގައި އަންނަ ނަމާދު ވަގުތުތައް އަންގައި ދިނުމުގެ ގޮތުން، ލިޔުންކޮޅެއް މަދުވެގެން 10 (ދިހައެއް) ސިކުންތު ވަންދެން ފޮނުވަންވާނެއެވެ.

 

29 ވަނަ މާއްދާ - ޗެނަލް ގިންތި ކުރުން

(ހ) ރީބްރޯޑްކާސްޓް ކުރާ ޗެނަލްތަކަކީ ރާއްޖޭގެ ކަމާ ބެހޭ އިދާރާއިން ގިންތި ކޮށް ހުއްދަދީފައިވާ މިންގަނޑުތަކަށް ފެތޭ ޗެނަލްތަކެއް ކަމުގައި ވާންވާނެއެވެ.

(ށ) ރީބްރޯޑްކާސްޓް ކުރާ ޗެނަލްތައް ގިންތި ކުރެވި ފައިވާ ގޮތުގެ މަޢުލޫމާތު ހިދުމަތް ލިބިގަންނަ ފަރާތަށް ފޯރުވައިދީ، ފަސޭ ހައި ން އެ މަޢުލޫމާތު ލި ބޭނެގޮތް ރީބްރޯޑްކާސްޓް ކުރާ ފަރާތުން ހަމަޖައްސައިދޭން ވާނެއެވެ.

(ނ) ރާއްޖޭގައި ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ޗެނަލްތައް މި މާއްދާއިން އިސްތިސްނާވާނެއެވެ.

 

30 ވަނަ މާއްދާ - އަސާސީ ޕެކޭޖް

(ހ) ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގައި އަސާސީ ޕެކޭޖެއް ހި މަނަންވާނެއެވެ. މި ޕެކޭޖް އެކުލަވާލަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ބައި ތައް ހިމެނޭ ގޮތަށެވެ.

  1. ރާއްޖޭގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު؛
  2. މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރާ މަދުވެގެން 5 (ފަހެއް) ދިވެހި ޗެނަލް ހިމެނުމުގެ ހަމަހަމަ ފުރުސަތު؛
  3. އިނގިރޭސި ބަހުން ފޮނުވާ ބައި ނަލްއަޤުވާމީ ހަބަރު ޗެނަލެއް؛
  4. މަޢުލޫމާތު ފޯރުވައިދޭ (ޢާންމު މަޢުލޫމާތާއި، ތަޢުލީމީ މަޢުލޫމާތު ހިމެނޭ) ޗެނަލެއް؛
  5. ބައި ނަލްއަޤުވާމީ ކުޅި ވަރު ޗެނަލެއް؛
  6. ކުޑަކުދި ންގެ ޗެނަލެއް؛
  7. މުނިފޫހިފިލުވުމުގެ 5 ޗެނަލް؛

(ށ) އަސާސީ ޕެކޭޖްގެ ގޮތުގައި ފޯރުވައި ދިނުމަށް ބޭނުންވާ ޗެނަލްތަކާއި ގަންނަން ލި ބެން ހުންނަ އިތުރު ޗެނަލްތަކުގެ މަޢުލޫމާތު ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލި ބޭނެފަދަ އިންތިޒާމު ލައިސަންސް ލިބިފައިވާ ފަރާތުން ހަމަޖައްސަ ދޭންވާނެއެވެ.

 

31 ވަނަ މާއްދާ -  ޗެނަލް ޕެކޭޖް

(ހ) މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޕެކޭޖްގެ އިތުރުން ރީބްރޯޑްކާސްޓްކުރާ ޗެނަލްތައް ޕެކޭޖްގެ ގޮތުގައި ބައި ކުރުމުގެ އިހުތިޔާރު، އެ ފަރާތްތަކަށް ލިބިގެންވެއެވެ. ޕެކޭޖް ނުހަދައި، ހިދުމަތްދޭނަމަ ބެލެވޭނީ އެފަރާތުން ދޫކުރާ ހުރިހާ ޗެނަލްތައް އެއްކޮށް އެއް ޕެކޭޖެއްގެ ގޮތުގައި ދެނީ ކަމުގައެވެ.

(ށ) ރީބްރޯޑްކާސްޓްކުރާ ފަރާތުން، ހަދާ ކޮންމެ ޕެކޭޖަކާއެކު މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޕެކޭޖް ހިމަނަންވާނެއެވެ.

 (ނ) ޕެކޭޖްތަކުގައި ހިމަނާފައިވާ ޗެނަލް ތަކުގެ ލިސްޓަށް އުނި އިތުރެއް ގެންނަ ނަމަ އެކަން މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމުން ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ރ) ޓޫރިސްޓް ރިސޯޓެއްގައި ހިދުމަތްދޭ ނަމަ މި މާއްދާއިން އިސްތިސްނާވާނެއެވެ.

 

32 ވަނަ މާއްދާ -  ހިދުމަތުގެ އަގު ކޮންޓްރޯލްކުރުން

(ހ) ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް ފޯރުވައިދޭ ފަރާތަކުން އެ ހިދުމަތެއް ފޯރުވައި ދިނުމަށް އަގެއް ނަގަންވާނީ، އެ އަގެއް ކޮމިށަނަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ.

(ށ) ރީބްރޯޑްކާސްޓްގެ ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން އެހެން ފަރާތަކަށް ޗެނަލް ވި އްކާ ނަމަ، ޗެނަލް ވި އްކަންވާނީ އެއް އުސޫލެއްގެ މަތިން އެއް އަގަކަށެވެ.

 

33 ވަނަ މާއްދާ - ހިދުމަތުގެ ފެންވަރު

(ހ) ރީބްރޯޑްކާސްޓްކުރާ ފަރާތުން ހިދުމަތުގެ ގޮތުގައި ފޮނުވާ އަޑާއި މަންޒަރުތައް ހުންނަން ޖެހޭނީ އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަން ޔޫނިއަން (އައި.ޓީ.ޔޫ) ގެ ސްޓޭންޑެޑްތަކާ އެއްގޮތަށެވެ.

(ށ) ފޮނުވާ މަންޒަރުތަކާއި އެމަންޒަރުތަކާ ގުޅޭ އަޑުތައް ހުންނަންވާނީ އަޑާއި މަންޒަރު ދި މާވާ ގޮތަށް ނުވަތަ ސިންކްރޮނައިޒް ވެފައެވެ.

 

34 ވަނަ މާއްދާ -  ޖޫރިމަނާ ކުރުން

މި ގަވާއިދުގެ ޖަދުވަލުގެ 2 ގައިވާ ޢަމަލެއް ކޮށްފިނަމަ އެ ޖަދުވަލުގައިވާ ގޮތުގެ މަތިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

 

35 ވަނަ މާއްދާ - ލައިސަންސް ލިބިފައިވާ ފަރާތްތަކެއް އެއްކޮށްލުން

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ އެއް ފަރާތަށްވުރެ ގިނަ ފަރާތް އެކުގައި، އެއް ލައިސަންސެއްގެ ދަށުން ހިދުމަތްދޭ ގޮތަށް ހަމަޖައްސައިދެވޭނީ، އެކަމަށް އެދި ކޮމިށަނަށް ހުށަހެޅުމަށްފަހު، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ށަރުތުތައް އެ ހުރިހާ ފަރާތެއްގެ ކިބައިގައި ވެސް ފުރި ހަމަވާ ނަމަ، ކޮމިށަނުން ހުއްދަ ދޫކުރުމުންނެވެ.

 

36 ވަނަ މާއްދާލައިސަންސް ބަދަލުކުރުން

(ހ) ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކުން އެހެން ފަރާތަކަށް އެލައިސަންސް ބަދަލުކުރަން ބޭނުންވެއްޖެނަމަ، ބަދަލުކުރެވޭ ލައިސަންސް ލިބޭފަރާތަކީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަރާތަކަށް ވާންވާނެއެވެ. އެކަން ކުރަންވާނީ މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު ފުރި ހަމަކޮށް އަންނަނިވި ލިޔުންތައް ކޮމިށަންއަށް ހުށަހަޅައި ގެންނެވެ.

  1. ކުންފުންޏެއް ނުވަތަ ކޯޕަރޭޓް ސޮސައިޓީއެއް ނަމަ، އެ ހިދުމަތް ބަދަލުކުރަން ނިންމި ކަން އެނގޭނެ، ބޯޑު ރިޒޮލިއުށަނެއް ނުވަތަ ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ޤަރާރެއް އޮންނަންވާނެއެވެ.
  2. ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބަދަލުކުރަން ބޭނުންވާ ފަރާތަށް މި ހިދުމަތް ދިނުމަށްޓަކައި ދޫކޮށްފައިވާ އެންމެހައި ލިޔުންތައް.
  3. ބަދަލުކުރެވޭ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގައި ކޮމިށަނަށް މުޢާމަލާތްކުރާނެ ފަރާތެއް ކަނޑައަޅައި، އެފަރާތުގެ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން.

(ށ) ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ބަދަލުކުރާއިރު، ކުރިން ދޫކޮށްފައިވާ ލައިސަންސާ ގުޅޭ ހުރިހާ ލިޔުންތައް، ފަހުން ހަވާލުވާ ފަރާތުގެ ނަމަށް ބަދަލުކުރަން ވާނެއެވެ.

(ނ) ލައިސަންސް ބަދަލުކޮށްދިނުމަށް ފަހު، ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ ފަރާތުން ކުރިން ވެފައިވާ އެއްބަސްވުންތަކާއި އެ ފަދަ އެހެން މުޢާމަލާތުތައް، ލައިސަންސް ބަދަލުވި ފަރާތުގެ ނަމަށް ބަދަލުކޮށް ނިންމަންވާނެއެވެ.

 

37 ވަނަ މާއްދާ - ކުއްލި ހާލަތުއި އުލާން ކުރުން

(ހ) ޤުދުރަތީ ކާރިޘާއެއް، ހަނގުރާމައެއް ނުވަތަ ޤައުމީ ސަ ލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރި މަތި ވެގެން ނުވަތަ އެ ނޫން ވެސް ކުއްލި ހާލަތެއް މެދުވެރި ވެގެން އެކަން ސަރުކާރުން އި ޢުލާންކޮށްފި ނަމަ، އެ އި ރަކު ފޮނުވަމުންދާ ހުރިހާ ޗެނަލަކުން ވެސް މި ގަވާއިދުގެ ޖަދުވަލު 6 ގައިވާ ކޮންޓެންޓް ވީ އެންމެ އަވަހަކަށް ދައްކަން ފަށަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ކޮންޓެންޓް ދައްކާނީ އެ ފަދަ ހާލަތެއް މެދުވެރި ވެއްޖެކަން ސަރުކާރުން އި ޢުލާނުކުރާ ވަގުތުން ފެށިގެން 12 (ބާރަ) ގަޑިއިރު ވަންދެން ކޮންމެ 15 (ފަނަރަ) މިނެޓަކުން 1 (އެކެއް) ފަހަރު މަދުވެގެން 5 (ފަހެއް) ސިކުންތު ވަންދެނެވެ.

 

38 ވަނަ މާއްދާ - ދިވެހި ރައްޔި ތުންގެ ހާއްސަ ށައުގެއް ހިމެނޭ އިވެންޓް

(ހ) ދިވެހި ރައްޔި ތުންގެ ހާއްސަ ށައުޤެއް ހިމެނޭ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްޤު އެއްވެސް ރީބްރޯޑްކާސްޓަރެއް ހޯދައިފިނަމަ، ޤާނޫނުން ކަނޑައަޅާފައިވާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރަށް އެ ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްޤު އެ ރީބްރޯޑްކާސްޓަރު އަގަކާ ނުލައި ފޯރުވައިދޭން ވާނެއެވެ. މި ގޮތުން ފޯރުވައިދޭ ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓް ކުރުމުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ހޯދާ ވިޔަފާރީ ގެ ފައިދާއިން 50 އިންސައްތައަށް ވުރެ މަދު ނޫން، ދެ ފަރާތުން އެއްބަސްވާ، ޢަދަދެއް ރީބްރޯޑްކަސްޓަރަށް ދޭންވާނެއެވެ.

(ށ) ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ނޫން އެހެން ބްރޯޑްކާސްޓަރަކަށް ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްޤު ވިޔަފާރީ ގެ އުސޫލުން ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) އެއްވެސް ހާލެއްގައި، ލިސްޓަޑް އިވެންޓެއް ފޯރުވައި ދިނުމުން ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު މަހްރޫމްވާނޭ ފަދަ ގޮތަކަށް، ނުވަތަ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު އެންމެ ފުޅާ ދާއި ރާއެއްގައި ހިދުމަތް ފޯރުވައިދޭ ޒަރީއާއިން ނުގެނެސްދެވޭ ފަދަ ގޮތަކަށް، ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ވަކި ހައްޤުތަކެއް ހޯދުމަކީ މި ގަވާއިދު މަނާކުރާ ކަމެކެވެ.

(ރ) ލިސްޓަޑް އިވެންޓެއް ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހައްޤު އެންމެ ފުރަތަމަ ހޯދާ ފަރާތް ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ، އެ ނޫން އެހެން ފަރާތަކަށް އެ އިވެންޓެއް އިތުރު ފަރާތަކަށް ވިއްކުމުގެ ނުވަތަ ދިނުމުގެ ހައްޤު ލިބިގެންނެއް ނުވެއެވެ.

(ބ) ލިސްޓަޑް އިވެންޓެއް ފޯރުވައި ދިނުމަށް ހިދުމަތް ލިބިގަންނަ ފަރާތުން ރީބްރޯޑްކާސްޓަރު ހާއްސަ އަގެއް ނަގައި ގެން ނުވާނެއެވެ. އެހެން ނަމަވެސް، ހައި ޑެފި ނި ށަ ން ނުވަތަ ތްރީ ޑީ ނުވަތަ މި ނޫންވެސް މި ފަދަ ހާއްސަ ގޮތަކަށް ދެވޭ އިތުރު ހިދުމަތެއް ފޯރުވައި ދިނުމަށް ކޮމިށަނަށް ހުށަހަޅައި ފާސްކުރާ އަގެއް ނެގުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ޅ) ދިވެހިރާއްޖޭގައި ލިސްޓަޑް އިވެންޓެއް ބްރޯޑްކާސްޓްކުރެވޭނީ މި ގަވާއިދުގައިވާ ގޮތުގެ މަތިންކަން އެ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްޤު ވި އްކާ ފަރާތަށް ސާފުކޮށްދިނުމާއި ވި އްކާ ފަރާތާއެކު ކަމާގުޅޭ ގޮތުން ސޮއި ކުރާ ކޮންޓްރެކްޓް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލުމަކީ އެ އިވެންޓެއް ބްރޯޑްކާސްޓްކުރުމުގެ ހައްޤު ހޯދާ ރީބްރޯޑްކާސްޓަރެއްގެ ޒިންމާއެކެވެ.

 

39 ވަނަ މާއްދާ - އަހަރީ ރިޕޯޓް

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަސް ހުސްވުމުގެ ކުރިން، އެފަރާތަކުން ފޯރުވައިދޭ ހިދުމަތާ ބެހޭ އަހަރީ ރިޕޯޓް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

40 ވަނަ މާއްދާ - މިހާރު ހިދުމަތްދޭ ފަރާތްތައް

މި ގަވާއިދުގައި ވަކި މުއްދަތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ފިޔަވައި އެހެނި ހެން ކަންކަން، މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 90 (ނުވަދިހަ)  ދުވަހުގެ ތެރޭގައި ފުރި ހަމަކޮށް ނިންމަންވާނެއެވެ.

 

41 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

42 ވަނަ މާއްދާ - ލަފުޒުތަކާއި އޭގެ މާނަ

މި ގަވާއިދުގައި ކަނޑައެޅި ގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު އަންނަނިވި ލަފްޒު ތަކާއި ޢިބާރާތްތަކުގެ މާނަ ކުރާނީ ތިރީގައި އެވާ ގޮތަށެވެ.

ރީބްރޯޑްކާސްޓް ކުރާ ފަރާތް” ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިގެން އެ ހިދުމަތް ފޯރުވައިދޭ ކޮންމެ ފަރާތަކަށެވެ.

“ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ” ކަމަށް ބުނެފައި އެ ވަނީ ، ދިވެހިރާއްޖޭގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓި ންގގެ ހިދުމަތް ދިނުމަށް ޤާނޫނަކުން ކަނޑައަޅާފައިވާ ފަރާތަށެވެ.

ހިދުމަތް ލިބިގަންނަ ފަރާތް” ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުގެ ހިދުމަތް ލިބިގަންނަ ކޮންމެ ފަރާތަކަށެވެ.

“ރީބްރޯޑްކާސްޓް” ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ޤާއިމުކޮށްފައިވާ މަރުކަޒަކުން އެހެން ބައެއްގެ ކޮންޓެންޓެއް، އެއްވެސް އުނި އިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓް ކުރުމަށެވެ.

“ކޮންޓެންޓް” ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ފަރާތުން ފޮނުވާ އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލި ބޭ ޕްރޮގްރާމް ތަކުގެ މަންޒަރާއި އަޑަށެވެ.

“ވަސީލަތް” ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓް ސި ގްނަލް، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުވައި ދިނުމަށް ބޭނުންކުރާ އެންމެހައި އާލާތްތަކެވެ.

“ކޮމިށަން” ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރ 16/2010 ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނަށެވެ.

ޗެނަލް ރަޖިސްޓްރީ” ކަމަށް ބުނެފައި އެވަނީ، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް، ވަކި ޗެނަލެއް ދެއްކުމަށް ކޮމިށަނުން ދޫކުރާ ހުއްދައަށެވެ.

ޗެނަލް ޕެކޭޖް” ކަމަށް ބުނެފައި އެވަނީ، ތަފާތު ޗެނަލްތަކެއް އެއްކޮށްގެން ލިސްޓްކޮށް ވަކި ނަމެއްގެ ދަށުން އެއް އަގަކަށް ދޫކުރާ ޕެކޭޖްއަކަށެވެ.

ޗެނަލް” ކަމަށް ބުނެފައި އެވަނީ، ވަކި ސްޓޭށަ ނެއްގެ އައި ޑެންޓި ފި ކޭށަ ންގެ ދަށުން ފޮނުވޭ ކޮންޓެންޓަށެވެ.

ސެންސަރުކުރުން” ކަމަށް ބުނެފައި އެވަނީ، ފޮނުވާ އަޑު ނުވަތަ މަންޒަރު ކަނޑާލުމަށްޓަކައި މި ގަވާއިދުގައި ހުއްދަކުރެވި ފައިވާ އުނި އިތުރު ގެނައުމަށެވެ.

ދިވެހި ޗެނަލް” ކަމަށް ބުނެފައި އެވަނީ ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ޗެނަލްތަކަށެވެ.

"ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް" ކަމަށް ބުނެފައި އެވަނީ ، ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް ކޮމިށަނުން ދޫކުރާ ލައިސަންސަ ށެވެ.

“ޓެކްނޮލޮޖީ” ކަމަށް ބުނެފައި އެވަނީ ، ރީބްރޯޑްކާސްޓް ކުރުމުގައި ބޭނުންކުރެވޭ ހުރިހާ ވަސީލަތްތަކަށެވެ.

“މޮނޮޕޮލީ” ކަމަށް ބުނެފައި އެވަނީ ، ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް އެއް ބައެއްގެ ނުފޫޒުގެ ދަށުގައި އޮތުމަށެވެ.

އެކްސްކުލޫސިވިޓީ” ކަމަށް ބުނެފައި އެވަނީ ، އެއް ފަރާތަކުން ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ބާރަށެވެ.

“ސަރަހައްދު” ކަމަށް ބުނެފައި އެވަނީ ، ރާއްޖޭގެ ރަށެއް ނުވަތަ އެ ރަށެއްގެ އަވަށަކަށެވެ.

“ޕްލޭން” ކަމަށް ބުނެފައި އެވަނީ ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމަށް އެކަށައެޅި ފައިވާ ނެޓްވާރކް ކުރެހުމަށެވެ.

“ޓޫރިސްޓް ރިސޯޓް” ކަމަށް ބުނެފައި އެވަނީ، އެނދު ނުވަތަ ކޮޓަރި އަށް ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް އަގު ނަގައި ގެން ހިދުމަތް ފޯރުވައިދޭ ހޮޓާ، ގެސްޓް ހައުސް، އުޅަނދު އަދި އެނޫންވެސް އެފަދަ ތަންތަނަށެވެ.

 

 

ޖަދުވަލު 1

ޖޫރިމަނާގެ ތާވަލު

1.

މި ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އާ ހިލާފުވުން. (ފާއިތުވާ ކޮންމެ ދުވަހަކަށް)

2000 (ދެހާސް) ރުފިޔާ

2.

ރީބްރޯޑްކާސްޓް ކުރުމުގެ ހައްޤު ލިބިފައި ނެތް ޗެނަލެއް ރީބްރޯޑްކާސްޓް ކުރުން.

2000 (ދެހާސް) ރުފިޔާ

3.

ބްރޯޑްކާސްޓް ކުރުން މަނާ ކޮންޓެންޓް ފޮނުވުން

މަނާ ކޮންޓެންޓެއް ރީބްރޯޑްކާސްޓް ކުރެވޭ ކޮންމެ މިނިޓަކަށް 2000 (ދެހާސް) ރުފިޔާ އަށް ވުރެ ބޮޑު ނުވާ އަދަދެއް.

4.

އަމިއްލަ ކޮންޓެންޓް ފޮނުވުން

އަމިއްލަ ކޮންޓެންޓެއް ރީބްރޯޑްކާސްޓް ކުރެވޭ ކޮންމެ މިނިޓަކަށް 2000 (ދެހާސް) ރުފިޔާ އަށް ވުރެ ބޮޑު ނުވާ އަދަދެއް

5.

ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި ހިދުމަތްދިނުން

މިނިޓަކަށް 2000 (ދެހާސް) ރުފިޔާ އަށް ވުރެ ބޮޑު ނުވާ އަދަދެއް

6.

ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ޗެނަލްތަކަށް އުނި އިތުރު ގެނައުން.

2000 (ދެހާސް) ރުފިޔާ

7.

ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުގެ ޗެނަލް ކަނޑާލުން

މިނިޓަކަށް 2000 (ދެހާސް) ރުފިޔާ އަށް ވުރެ ބޮޑު ނުވާ އަދަދެއް

8.

ކޮމިށަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލު ގެނައުން

2000 (ދެހާސް) ރުފިޔާ

9.

ކޮމިށަނުން ފާސްކޮށްފައި ނުވާ އަގެއް ހިދުމަތަކަށް ނެގުން

2000 (ދެހާސް) ރުފިޔާ

10.

މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އާ ހިލާފުވުން. (ފާއި ތުވާ ކޮންމެ ދުވަހަކަށް)

2000 (ދެހާސް) ރުފިޔާ

11.

މި ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އާ ހިލާފުވުން. (ފާއި ތުވާ ކޮންމެ ދުވަހަކަށް)

2000 (ދެހާސް) ރުފިޔާ

 

 

( ރޯބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދޭ ފޯމް. މި ފޯމް، އެޓޭޗްކުރެވިފައިވާ މި ގަވާއިދު ޕީ.ޑީ.އެފް ފައިލްގައި ހިމެނިފައި ވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެ އެވެ. ) 

( މުއާމަލާތު ކުރާނެ އިސްފަރާތުގެ މައުލޫމާތު ފޯމް. މި ފޯމް، އެޓޭޗްކުރެވިފައިވާ މި ގަވާއިދު ޕީ.ޑީ.އެފް ފައިލްގައި ހިމެނިފައި ވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެ އެވެ. ) 

( ޕެކޭޖް ހެދުމަށް އެދޭ ފޯމް. މި ފޯމް، އެޓޭޗްކުރެވިފައިވާ މި ގަވާއިދު ޕީ.ޑީ.އެފް ފައިލްގައި ހިމެނިފައި ވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެ އެވެ. )

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

ބްރޯޑްކާސްޓްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 16/2010) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު