-

ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ށަރުތުތަކާ ހިލާފުވުމުން އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ ގަވާއިދު

(ގަވާއިދު ނަންބަރު 35/2013)

 

1 ވަނަ މާއްދާ - ތައާރަފް

މި ގަވާއިދަކީ، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު)ގެ 41 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށް ލިބިގެންވާ ބާރުގެ ދަށުން، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ށަރުތުތަކާއި، އެ ށަރުތުތަކާ ހިލާފުވުމުން އެފަރާތްތަކުގެ މައްޗަށް އެޅޭނެ ފިޔަވަޅުތައް ބަޔާންކުރާ ގަވާއިދެވެ.

 

2 ވަނަ މައްދާ – މަގްސަދު

މި ގަވާއިދުގެ މަގްސަދުތައް ތިރީގައިމިވަނީއެވެ.

(ހ) ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ށަރުތުތައް ކަނޑައެޅުން.

(ށ) ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރަމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ށަރުތުތަކާ އެފަރާތްތަކުން ހިލަފުވެއްޖެނަމަ އެޅިދާނެ ފިޔަވަޅުތައް ބަޔަންކުރުން.

(ނ) ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ށަރުތުތައް ކަނޑައެޅުމުގައާއި، ށަރުތުތަކާ ހިލާފުވުމުން ފިޔަވަޅު އެޅުމުގައި ހަމަހަމަކަން ހިފެހެއްޓުން.

 

3 ވަނަ މާއްދާ – އިބްތިދާއީ ބައްދަލުވުމުގައި ކަނޑައެޅޭ ށަރުތުތައް

(ހ) އިބްތިދާއީ ބައްދަލުވުމުގައި ގަނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 62 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުން ކޯޓުން ކަނޑައަޅާ ށަރުތުތަކާއެކު ދައުވާލިބޭފަރާތް ދޫކޮށްލުމަށް އަމުރުކުރާނަމަ އޭނާގެ މައްޗަށް އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ށަރުތު ކުރަންވާނެއެވެ.

  1. ޑްރަގް ކޯޓުން އަންގާ ތާރީހެއްގައި ޑްރަގް ކޯޓަށް ހާޒިރުވުން.
  2. އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީން އަންގާ ތަރީހެއްގައި އަންގާ ތަނަކަށް ހާޒިރުވެ، އެ އެޖެންސީއިން ކަނޑައަޅާ ބަޔަކާ ބައްދަލުކުރުން.
  3. ޑްރަގް ކޯޓުގެ ހުއްދަލިބިގެން މެނުވީ މާލެއިން ބޭރަށް ނުދިއުން.
  4. އިތުރު ކުށެއް ނުކުރުން.
  5. ދިރިއުޅޭ އެޑްރެސް ނުވަތަ ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެކަން ޑްރަގް ކޯޓަށް އެންގުން.

(ށ) އިބްތިދާއީ ބައްދަލުވުމަށް ހާޒިރުކުރެވޭއިރު ދައުވާލިބޭ ފަރާތަކީ ބަންދެއްގައި ހުރި ފަރާތަކަށްވެފައި، އެބަންދުން އެއްވެސް ސަބަބަކާހެދި އެފަރާތް ދޫކޮށްލެވިއްޖެނަމަ، އެހިނދުން ފެށިގެން އެފަރާތަކީ، ށަރުތުތަކާއެކު ދޫކޮށްލެވިފައިވާ މިހެއްގެ ގޮތުގައި ހަމަގައްސަން ވާނެއެވެ.

 

4 ވަނަ މާއްދާ – އިބްތިދާއީ ބައްދަލުވުމުގައި ކަނޑައެޅޭ ށަރުތުތަކާ ހިލާފުވުން

އިބްތިދާއީ ބައްދަލުވުމުގައި ކަނޑައެޅޭ ށަރުތުތަކާ ހިލާފުވެއްޖެނަމަ މި ނަންބަރުގެ ދަށުން ފިޔަވަޅު އަޅަން ވާނެއެވެ.

(ހ) ޑްރަގް ކޯޓުން އަންގާ ތާރީހެއްގައި ޑްރަގް ކޯޓަށް ހާޒިރުނުވެއްޖެނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފަޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު 75 (ހަތްދިހަ ފަސްރުފިޔާ) އިން ޖޫރިމަނާ ކުރުން.
  2. ދެވަނަ ފަހަރު، އެމީހަކު ކޯޓަށް ހާޒިރުވުމުގެ އަމުރުގައި ކަނޑައެޅިފައިވާ ޖޫރިމަނާ ކުރުމައެކު ބަންދުކޮށްގެން ހާޒިރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރު ކުރުން.
  3. ތިންވަނަ ފަހަރު، އެމީހަކީ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އިއުތިރާޒުކުރާ މީހެއްކަމަށް ބަލައި ޑްރަގް ކޯޓުގައި އެ ދައުވާ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، އެ މައްސަލަ ކަމުގެ އިހްތިސާސް އޮތް ކޯޓަކަށް ބަދަލުކުރުން. އަދި އެ މައްސަލައަކީ ނޭށަނަލް ޑްރަގް އެޖެންސީ މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލައެއްނަމަ، އެ މައްސަލަ ބާތިލުކޮށް އެ މައްސަލަ އަނބުރާ ނޭށަނަލް ޑްރަގް އެޖެންސީއަށް ފޮނުވުން.

(ށ) އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީން އަންގާ ތާރީހެއްގައި އަންގާ ތަނަކަށް ހާޒިރުވެ، އެ އެޖެންސީއިން ކަނޑައަޅާ ބަޔަކާ ބައްދަލު ނުކޮށްފިނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، ޑްރަގް ކޯޓަށް ހާޒިރުކޮށް ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންނުވާ މީހެއްކަމުގައި ބަލާނެކަމުގެ އިންޒާރުދިނުން.
  2. ދެވަނަ ފަހަރު، އެމީހަކީ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އިއުތިރާޒުކުާ މީހެއްކަމަށް ބަލައި ޑްރަގް ކޯޓުގައި އެ ދައުވާ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، އެ މައްސަލަ ކަމުގެ އިހްތިސާސް އޮތް ކޯޓަކަށް ބަދަލުކުރުން. އަދި އެ މައްސަލައަކީ ނޭށަނަލް ޑްރަގް އެޖެންސީ މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލައެއްނަމަ، އެ މައްސަލަ ބާތިލުކޮށް އެ މައްސަލަ އަނބުރާ ނޭށަނަލް ޑްރަގް އެޖެންސީއަށް ފޮނުވުން.

(ނ) އިންޑިކޭޓިވް ހެދުމަށް އަމުރުކުރެވިފައިވާ މުއްދަތުގައި ޑްރަގް ކޯޓުން ހުއްދަނެތި މާލެއިން ބޭރަށް ހިނގައްޖެނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، 250 (ދުއިސައްތަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، 500 (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.
  3. ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު 750 (ހަތްސަތޭކަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކުރުން.

(ރ) އިތުރު ކުށެއްކޮށްފިނަމަ ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، ގިނަވެގެން 10 ދުވަހުގެ މުއްދަތަށް ޑޮރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައި ނުވަތަ ފުލުހުންގެ ބަންދުގައި ބެހެއްޓުން.
  2. ދެވަނަ ފަހަރު، ފުރަތަމަ ހުކުމްކުރެވެންދެން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއްގައި ނުވަތަ ފުލުހުންގެ ބަންދުގައި ބެހެއްޓުން،

(ބ) ދިރިއުޅޭ އެޑްރެސް ނުވަތަ ފޯން ނަންބަރު ބަދަލުވެ، އެކަން ޑްރަގް ކޯޓަށް ނާންގައި ހުރެއްޖެނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، 100 (ސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، 250 (ދުއިސައްތަ ފަންސާސް ރުފިޔާ) އިން ޖުރިމަނާކުރުން.
  3. ދެވަނަ ފަހަރަށްވުރެއް އިތުރުވާ ކޮންމެ ފަހަރަކު، 500 (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.

 

5 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރުގެ ށަރުތުތައް

ދައުވާލިބޭ ފަރާތުގެ މައްޗަށް ރިހެބިލިޓޭށަން އަމުރެއް ކުރާއިރު، އަންނަނިވި ށަރުތުތައް އެ އަމުރުގައި ހިމަނަންވާނެއެވެ.

  1. ރީހެބިލިޓޭށަން އަމުރުގެ މުއްދަތުގައި އިތުރުކުށެއް ނުކުރުން.
  2. ޑްރަގް ކޯޓާއި ފަރުވާދޭ މަރުކަޒުންކުރާ އަމުރުތަކަށް ކިޔަމަންވަމުންދިޔުން.
  3. ޑްރަގް ކޯޓަށް ހާޒިރުވުމަށް އަންގާ ދުވަސްތަކުގައި ގަވާއިދުން ޑްރަގް ކޯޓަށް ހާޒިރުވުން.
  4. ދިރިއުޅޭ އެޑްރެސް ނުވަތަ ވަޒީފާ އަދާކުރާތަން ބަދަލުވެއްޖެނަމަ، ފަރުވާ ލިބިގަތުމަށް ރަޖިސްޓްރިކޮށްފައިވާ މަރުކަޒަށް 03 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން އެންގުން.
  5. ޑްރަގް ކޯޓުގެ އަމުރެއް ލިޔުމަކުން ލިބިގެން މެނުވީ، ފަރުވާދޭ މަރުކަޒުހުރި ރަށުން ފުރައިގެން ނުދިޔުން.

 

6 ވަނަ މާއްދާ - ރީހެބިލިޓޭށަން އަމުރުގައި ކަނޑައެޅިފައިވާ ށަރުތުތަކާ ހިލާފުވުން.

ރީހެބިލިޓޭށަން އަމުރުގައި ކަނޑައެޅިފައިވާ ށަރުތުތަކާ ހިލާފުވެއްޖެނަމަ މިނަންބަރުގެ ދަށުން އެމީހަކާ މެދު ފިޔަވަޅު އަޅަން ވާނެއެވެ.

(ހ) ރީހެބިލިޓޭށަން އަމުރުގެ މުއްދަތުގައި އިތުރުކުށެއް ކޮށްފިނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަަތަމަ ފަހަރު، އެމީހަކު 100 (ސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، ފަރުވާއިން ވަކިކުރުން.

(ށ) ޑޮރަގް ކޯޓާއި ފަރުވާދޭ މަރުކަޒުންކުރާ އަމުރުތަކަށް ކިޔަމަންތެރިނުވެއްޖެނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަަތަމަ ފަހަރު، އެމީހަކު 100 (ސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.
  2.  ދެވަނަ ފަހަރު، 250 (ދުއިސައްތަ ފަންސާސް ރުފިޔާ) އިން ޖުރިމަނާކުރުން.
  3. ތިންވަނަ ފަހަރު، ފަރުވާއިން ވަކިކުރުން.

(ނ) ޑްރަގް ކޯޓުން ހާޒިރުވުމަށް އަންގާ ދުވަސްތަކުގައި ގަވާއިދުން ޑްރަގް ކޯޓަށް ހާޒިރުނުވެއްޖެނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ފުރަަތަމަ ފަހަރު، އެމީހަކު 100 (ސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، 250 (ދުއިސައްތަ ފަންސާސް ރުފިޔާ) އިން ޖުރިމަނާކުރުން.
  3. ތިންވަނަ ފަހަރު، ފަރުވާއިން ވަކިކުރުން.

(ރ) ދިރިއުޅޭ އެޑްރެސް ނުވަތަ ވާޒީފާ އަދާކުރާތަން ބަދަލުވެ، ފަރުވާ ލިބިގަތުމަށް ރަޖިސްޓަރީކޮށްފައިވާ މަރުކަޒަށް 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ނާންގައިފިނަމަ، އެމީހަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަަވަޅު އަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު، 75 (ހަތްދިހަފަސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  2. ދެވަނަ ފަހަރު، 175 (ސަތޭކަ ހަތްދިހަފަސް ރުފިޔާ) އިން ޖޫރިމަނާކުރުން.
  3. ދެވަނަ ފަހަރަށްވުރެއް އިތުރުވާ ކޮންމެ ފަހަރަކު، 500 (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާކުރުން.

(ބ) ޑްރަގް ކޯޓުގެ އަމުރެއް ލިޔުމަކުން ނުލިބި ފަރުވާދޭ މަރުކަޒުހުރި ރަށުން ފުރައިގެން ހިނގައްޖެނަމަ، އެނީހަކާމެދު ތިރީގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ.

  1. ރެސިޑެންށަލް ފަރުވާގެ ޕްރޮގްރާމެއްގައި ހުރި މީހެއްނަމަ، ފަރުވާއިން ވަކިކުރުން.
  2. ކޮމިއުނިޓީ ފަރުވާގެ ޕްރޮގްރާމެއްގައި ހުރި މީހަކު ފަރުވާދޭ މަރުކަޒު ހުރިރަށުން ބޭރުގައި ހޭދަކުރި މުއްދަތަކީ 05 ދުވަހަށްވުރެ އިތުރު މުއްދަތެއްނަމަ، ފަރުވާއިން ވަކިކުރުން، އަދި 05 ދުވަހަށްވުރެ މަދުނަމަ، ފުރަތަމް ފަހަރު، 250 (ދުއިސައްތަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކުރުމާއެކު، ފަރުވާއިން ވަކިކުރެވިދާނެކަމުގެ އިންޒާރުދިނުން. އަދި ދެވަނަ ފަހަރު، ފަރުވާއިން ވަކިކުރުން.

 

7 ވަނަ މާއްދާ - ދައުވާކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައެޅޭ މައްސަލަތައް އަލުން ނުބެލުން

މި ގަވާއިދުގެ ދަށުން ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި އެހެން ކޯޓަކަށް ފޮނުވާލެވޭ މައްސަލައެއް ނުވަތަ ބާތިލުކޮށް ނޭށަނަލް ޑްރަގް އެޖެންސީއަށް އަނބުރާ ފޮނުވާލެވޭ މައްސަލައެއް ދެވަނަ ފަހަރަށް ބަލައެއް ނުގަނެވޭނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

9 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެ އިބާރާތެއް ބޭނުންކޮށްފައި އޮތް ގޮތުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާހުނދަކު؛

(ހ) "އިތުރު ކުށެއް ކުރުން" ކަމަށް ބުނެފައިއެވަނީ އެކަށީގެންވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ޖިނާއި ތަހުގީގުކުރާ އިދާރާއަކުން ޖިނާއީ ކުށެއްގެ ތުހުމަތު ކުރުމަށެވެ.

(ށ) "މާލެއިން ބޭރަށް ދިޔުން" ކަމަށް ބުނެވުފައިވަނީ މާލެއާއި ހުޅުމާލެއާއި ވިލިނގިލިން ބޭރަށް ދިއުމަށެވެ.

(ނ) "އިބްތިދާއި ބައްދަލުވުން" ކަމަށް ބުނެވިފައިވަނީ މައްސަލައިގެ ށަރީއަތުގެ އަޑުއެހުމުގެ ކުރިން މައްސަލައާ ގުޅިގެން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށެވެ.

 

މައި ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު