-

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 49/2013)

 

ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގައި "މިނިސްޓްރީ އޮފް ޓޫރިޒަމް" ނުވަތަ "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭށަން" އޮތް ކޮންމެ ތަނެއް "ޓޫރިޒަމާބެހޭ މިނިސްޓްރީ" މިގޮތަށް ބަދަލުކުރުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގައި "ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު" އޮތް ކޮންމެ ތަނެއް "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" މިގޮތަށް ބަދަލުކުރުން.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާއަކީ، އެގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ކަމުގައި ކަނޑައަޅައި އެމާއްދާގެ (ށ) ގެ ގޮތުގައި އަންނަނިވި ގޮތަށް އިތުރުކުރުން.

(ށ) މި ގަވާއިދުގެ ދަށުން ހުއްދަދީފައިވާ ކޮންމެ އުޅަނދެއްވެސް މަދުވެގެން އަހަރަކު އެއްފަހަރު ބަލައި ޗެކް ކުރުމަށް އެދި ޓޫރިޒަމާބެހޭ މިނިސްޓްރީއަށް މަދުވެގެން އަހަރަކު އެއްފަހަރު ހުށަހަޅަންވާނެއެވެ. އަދި އުޅަނދު ބަލައި ޗެކުކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަކީ، އުޅަނދު ހިނގުމުގެ ހުއްދަ ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ފަރާތުގެ ޒިންމާއެކެވެ. އަދި، ޓޫރިސްޓް އުޅަނދު ހިނގުމުގެ ހުއްދަ ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ފަރާތުގެ އިހުމާޅުން އެ އަހަރުގެ ތެރޭގައި އުޅަނދު ބަލައި ޗެކު ނުކުރެވިއްޖެނަމަ މި ގަވާއިދުގެ 34 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖޫރިނަމާކުރެވޭނެއެވެ. މި މާއްދާގައި އިހުމާލުން ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓް އުޅަނދު ބަލައި ޗެކުކުރުމަށް އެދި ޓޫރިސްޓް އުޅަނދު ހިނގުމުގެ ހުއްދަ ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ފަރާތުން އެމިނިސްޓްރީއަށް އެ އަހަރުގެ ތެރޭގައި ހުށަހަޅާފައި ނުވުން ނުވަތަ ޓޫރިސްޓް އުޅަނދު ބަލައި ޗެކުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީން އެދުމުން އެކަމަށް ފެސިލިޓޭޓްކޮށްދީފައި ނުވުމެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އެ މާއްދާގެ (ނ) އަދި (ރ) ގެ ގޮތުގައި ދެ އަކުރެއް އިތުރުކުރުން.

(ނ) މި ގަވާއިދުގެ ދަށުން ޓޫރިސްޓް އުޅަނދު ހިންގުމަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން ކުރީން، އެ ހުއްދަ އައުކުރުމަށް ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ހުށަހަޅައި، ހުއްދަ އައުކޮށްފައި ނުވާނަމަ، އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލުވީޢެވެ.

(ރ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ މުއްދަތުގައި ހުއްދައަށް އެދި އެ މާއްދާގައި ބުނެފައިވާގޮތަށް ހުށަހަޅާފައިވާނަމަ ހުއްދައިގެ މުއްދަތު ހަމަވުމުގެ ސަބަބުން ހުއްދަ ބާތިލެއް ނުވާނެއެވެ.

 

5 ވަނަ މާއްދާ – ބުނެވިދޔަ ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ޓޫރިސްޓް އުޅަނދު ހިންގުމަށް ދޫކުރާ ހުއްދަ ބާތިލުވުމަށްފަހު އަލުން ހުއްދައަށް އެދޭނަމަ އެ އުޅަނދަކަށް އަލުން އެ ހުއްދަ ދޫކުރެވޭނީ، ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަދިނުމުގެ ފީ ކަމުގައިވާ 5000 (ފަސްހާސް) ރުފިޔާ ދެއްކުމުންނެވެ.

 

6 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ޓޫރިސްޓް އުޅަނދުފަހަރަށް ކިޔާ ނަމަކީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ފާސްކޮށް ސަރުކާރުގެ ކަމާބެހޭ ފަރާތެއްގައި ވިޔަފާރި ނަމެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ނަމަކަށް ވާންވާނެއެވެ. އަދި އެނަން ފިޔަވައި އެހެން ނަމެއް ޓޫރިސްޓް އުޅަނދު މާކެޓްކުރުމަށް ނުވަތަ ޓޫރިސްޓް އުޅަނދާގުޅޭ އެހެންވެސް ކަމަކަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ފާސްކުރާ ނަމަކީ، ޓްރާސްޕޯޓް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ ނަމަށްވުން ލާޒިމެއް ނޫނެވެ.

(ނ) މި މާއްދާގެ (ހ)ގެ ދަށުން ޓޫރިސްޓް އުޅަނދެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭ ނަމާއެކު، "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދު" ގެ 3.21 އަދި 3.22 ގައިވާ ގޮތުގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ ރަޖިސްޓްރީ ނަންބަރު އުޅަނދުގައި ފެންނަން ހުންނަންވާނެއެވެ.

(ނޯޓް: މި ގަވާއިދުގައި 6 ވަނަ ނަންބަރު ދެފަހަރު މަތިން ގެނެވިފައިވޭ)

6 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ޓޫރިސްޓް އުޅަނދެއްގައި ވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި ތިބި ޓޫރިސްޓުންނާ ބެހޭ މައުލޫމާތު (ޓެކްސް ށީޓް)، ހިނގާ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި މައުލޫމާތު ހުށާހަޅާނީ ޖަދުވަލު 4 ގައިވާ ނަމޫނާއާ އެއްގޮތަށެވެ.

 

7 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގައި ވަކި މާއްދާއަކަށް ނުވަތަ މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، ގެނެވުނު އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

8 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދިވެހިރާއްޖޭގައި ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު (2008)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު