ދިވެހިރާއްޖޭގެ ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2014-20)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 މާރިޗް 2014 ގައި)
1 ވަނަ ބައި
ތައާރުފާއި ގަވާއިދު ހިންގުމުގެ ބާރު
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު)ގެ 12 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމް (މީގެފަހުން "ރިޓަޔަރމަންޓް ޕެންށަން ސްކީމް") ގާއިމުކޮށް، ރިޓަޔަރމަންޓް ޕެންށަން ސްކީމް ހިންގުމާބެހޭ އެންމެހައި ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދެވެ.
(ށ) މި ގަވާއިދު އެކުލަވައިލާފައި މިވަނީ، ރިޓަޔަރމަންޓް ޕެންށަން ސްކީމް ގާއިމުކޮށް ހިންގުމަށްޓަކައި، ވަޒީފާ ދޭފަރާތްތައް ޕެންށަން އޮފީހުގައި ރަޖިސްޓަރީ ކުރުމާއި، ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި މުވައްޒަފުން ބައިވެރި ކުރުވުމާއި، ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދެއްކުމާއި، ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދެއްކިކަމުގެ ރިކޯޑު ބެލެހެއްޓުމާއި، އަދި ރިޓަޔަރމަންޓް ޕެންށަން ސްކީމާގުޅޭ އެހެނިހެން ކަންކަމުގައި ޢަމަލުކުރާނޭ ގޮތުގެ އުސޫލުތައް ތަފުސީލުކޮށް ބަޔާންކުރުމުގެ ގޮތުންނެވެ.
(ނ) ގަވާއިދުގެ ނަން
މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދު އެކުލަވައިލުމުގެ ބާރު
މި ގަވާއިދު އެކުލަވައިލާފައިވަނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި، 12 ވަނަ މާއްދާއާއި، 14 ވަނަ މާއްދާގެ ދަށުން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަ ނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ނަގައިގެންނާއި، އެ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއިން ހިންގޭ ރިޓަޔަރމަންޓް ޕެންށަން ސްކީމެއް "ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމް" ގެ ނަމުގައި ގާއިމުކޮށް، ރިޓަޔަރމަންޓް ޕެންށަން ސްކީމް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި، އެކަމާބެހޭ މިންގަ ނޑުތަކާއި ގައިޑްލައިންތައް ހެދުމަށް، ޕެންށަން އޮފީހަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.
3 ވަނަ މާއްދާ - އިހްތިސާސް
ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ އެންމެހައި ބައިވެރިން (ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ އަދާކުރާ މުވައްޒަފުން އަމިއްލަ މަސައްކަތްކުރާ މީހުން) ގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.
2 ވަނަ ބައި
ވަޒީފާދޭ ފަރާތްތައް ރަޖިސްޓަރީވުމާއި، ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި މުވައްޒަފުން ބައިވެރިކުރުވުން
4 ވަނަ މާއްދާ – ވަޒީފާ ދޭފަރާތް ރަޖިސްޓަރީކުރުމާއި ސްކީމްގައި މުވައްޒަފުން ބައިވެރި ކުރުން
(ހ) ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން، މީލާދީ ގޮތުން އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފެއް، ޕެންށަނާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ޕެންށަން ފޯރުވައިދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކޮށް، އެ މުވައްޒަފުންގެ ފަރާތުން ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ޖަމާކުރުމަކީ، ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުކަމެކެވެ. އަދި ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވުމަކީ ވަޒީފާ އަދާކުރާ ފަރާތުގެ މައްޗަށް ލާޒިމުކަމެކެވެ.
(ށ) މުވައްޒަފެއްގެ އުމުރުން މީލާދީ ގޮތުން 16 އަހަރު ފުރުމަށްފަހު، އެ މުވައްޒަފެއްގެ މުސާރަދޭ ފުރަތަމަ މަހުން ފެށިގެން، ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި އެ މުވައްޒަފެއް ބައިވެރިކޮށް ސްކީމަށް ފައިސާ ދައްކަން ވާނެއެވެ.
(ނ) މުވައްޒަފެއްގެ އުމުރުން މީލާދީ ގޮތުން 65 އަހަރު ފުރުމަށްފަހު، އެ މުވައްޒަފެއް ވަޒީފާ އަދާކުރި ނަމަވެސް، އެ މުވައްޒަފެއްގެ ފަރާތުން، ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރި ކުރުމަށްޓަކައި، ވަޒީފާދޭ ކޮންމެ ފަރާތެއް، ޕެންށަން އޮފީހުގައި ރަޖިސްޓަރީ ވާންޖެހޭނެއެވެ. އަދި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، އެ ތަނެއްގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުން، ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިކޮށް، ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދައްކަން ވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވާގޮތުގެ މަތިން، ވަޒީފާދޭ ކޮންމެ ފަރާތެއް، ޕެންށަން އޮފީހުގައި ރަޖިސްޓަރީވެ، އެތަނެއްގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުން، ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރި ނުކުރުމަކީ، ޕެންށަނާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުށެކެވެ. އަދި ސްކީމަށް ދައްކަންޖެހޭ ފައިސާ ވަޒީފާދޭ ފަރާތުން ނުދައްކައިފިނަމަ، ނުދައްކާ އޮތް ފައިސާއާއި، ޕެންށަން އޮފީހުން ކަ ނޑައަޅާ ޖޫރިމަނާއެއް، ޕެންށަނާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތުން ދައްކަންވާނެއެވެ. ޕެންށަނާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) އާއި 23 ވަނަ މާއްދާގެ ދަށުން ދެވޭ އަދަބު، މި ގަވާއިދުގެ 31 ވަނަ މާއްދާއިން ފެށިގެން 38 ވަނަ މާއްދާއާ ދެމެދު ބަޔާން ކޮށްފައި އެވަނީއެވެ.
(ޅ) މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާދޭ ފަރާތް، ޕެންށަން އޮފީހުގައި ރަޖިސްޓަރީވެ، އެތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރި ކުރުމުން، ޕެންށަނާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން، މުވައްޒަފުން ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރި ކުރެވުނީ ކަމުގައި ބެލެވޭނެއެވެ.
(ކ) މުވައްޒަފުން ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރި ކުރުމަށްޓަކައި، އެކަމަށް ކަ ނޑައަޅާފައިވާ ފޯމު، ވަޒީފާ ދޭފަރާތުން ފުރިހަމަ ކުރުމަށްފަހު، ޕެންށަން އޮފީހަށް ހުށަހަޅަން ވާނެއެވެ. މި ފޯމު ޕެންށަން އޮފީހުން ބަލައިގަންނާނީ، ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، ވަޒީފާ ދޭފަރާތުން، ޕެންށަން އޮފީހަށް ހުށަހެޅުމުންނެވެ. މި ފޯމު ޕެންށަން އޮފީހުގެ ވެބްސައިޓުންނާއި ޕެންށަން އޮފީހުންނާއި ސާރވިސް ޑެލިވަރީ ޗެނަލްތަކުން ލިބޭނެގޮތް ޕެންށަން އޮފީހުން ހަމަޖައްސަން ވާނެއެވެ.
- ވަޒީފާދޭ ފަރާތުގެ ނަން.
- ވަޒީފާދޭ ފަރާތުގެ އެޑްރެސް.
- އެތަނެއްގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފެއްގެ ނަން.
- މުވައްޒަފުގެ އައިޑެންޓިޓީ ކާޑު ނަންބަރު (ބިދޭސީ މުވައްޒަފެއްނަމަ، އިމިގްރޭށަން ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު).
- މުވައްޒަފުގެ އުފަން ތާރީހު.
- މުވައްޒަފުގެ ޕެންށަނަށް ބަލާ މުސާރަ (ފާއިތުވި މަހުގައި ދެވުނު).
- ވަޒީފާގެ އެއްބަސްވުން ފެށުނު ތާރީހު.
- މީގެ އިތުރުންވެސް، ރިޓަޔަރމަންޓް ޕެންށަން ސްކީމް ރަނގަޅުގޮތުގައި ހިންގުމަށްޓަކައި ބޭނުންވާކަމަށް ޕެންށަން އޮފީހުން ކަނޑައަޅާ މަޢުލޫމާތު.
5 ވަނަ މާއްދާ - ހުށަހަޅާ މައުލޫމާތު ސައްހަތޯ ބެލުން
(ހ) މި ގަވާއިދުގެ ދަށުން، ވަޒީފާ ދޭފަރާތް ރަޖިސްޓަރީ ކުރުމަށާއި، މުވައްޒަފުން ސްކީމްގައި ބައިވެރިކުރުމަށާއި، އަދި މީގެ އިތުރުންވެސް މި ގަވާއިދުގެ ދަށުން ވަޒީފާ ދޭފަރާތުން، ޕެންށަން އޮފީހަށް ހުށަހަޅާ މަޢުލޫމާތު ވާންވާނީ ސައްހަ އަދި ފުރިހަމަ މަޢުލޫމާތަށެވެ.
(ށ) މި ގަވާއިދުގެ ދަށުން، ވަޒީފާ ދޭފަރާތް ރަޖިސްޓަރީ ކުރުމަށާއި، މުވައްޒަފުން ސްކީމްގައި ބައިވެރިކުރުމަށާއި، އަދި މީގެ އިތުރުންވެސް މި ގަވާއިދުގެ ދަށުން ވަޒީފާ ދޭފަރާތުން، ޕެންށަން އޮފީހަށް ހުށަހަޅާ މަޢުލޫމާތު ސައްހަތޯ ބެލުމުގެ ގޮތުން، ވަޒީފާދޭ ފަރާތުން، ދައުލަތުގެ އެހެން މުއައްސަސާތަކަށް ދީފައިވާ މަޢުލޫމާތާ އެއްގޮތްތޯ ބެލުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެން ވެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، މަޢުލޫމާތު ސައްހަތޯ ބެލުމަށްފަހު، ވަޒީފާ ދޭފަރާތް ޕެންށަން އޮފީހުގައި ރަޖިސްޓަރީވުމުން، ވަޒީފާދޭ ކޮންމެ ފަރާތަކަށް ވަކި އެމްޕްލޯޔަރ އައިޑީއެއް ޕެންށަން އޮފީހުން ކަ ނޑައަޅަންވާނެއެވެ.
6 ވަނަ މާއްދާ - އަލަށް އުފެދޭ ވަޒީފާ ދޭފަރާތްތައް ރަޖިސްޓަރީވުން
(ހ) އަލަށް އުފައްދާ ވަޒީފާދޭ ފަރާތެއްނަމަ، މި ގަވާއިދުގައިވާ ގޮތުގެމަތީން އެފަރާތެއް ޕެންށަން އޮފީހުގައި ރަޖިސްޓަރީކޮށް، އެތަނެއްގެ މުވައްޒަފުން ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރިކޮށް، ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ޕެންށަން ކޮންޓްރިބިއުށަން، ވަޒީފާދޭ ފަރާތުން ސްކީމަށް ދައްކަންވާނެއެވެ.
(ށ) މި ގަވާއިދަށް ޢަމަލު ކުރަންފަށާއިރު އުފެދިފައިވާ ވަޒީފާ ދޭފަރާތްތަކުން، މި ގަވާއިދުގެ 41 ވަނަ މާއްދާއިން 45 ވަނަ މާއްދާ (އިންތިގާލީ އިންތިޒާމުތަކާބެހޭ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ ދޭފަރާތް ޕެންށަން އޮފީހުގައި ރަޖިސްޓަރީކޮށް، އެތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުން ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރިކޮށް، މި ގަވާއިދުގައިވާ ގޮތުގެ މަތިން ސްކީމަށް ފައިސާ ދައްކަން ވާނެއެވެ.
(ނ) މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ ދޭފަރާތް ޕެންށަން އޮފީހުގައި ރަޖިސްޓަރީވެ، އެތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުން ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރިކުރުމަށް ހުށަހެޅުމުން، އެ ހުށަހެޅުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާނަމަ، އެފަރާތް ރަޖިސްޓަރީކޮށް، މުވައްޒަފުން ސްކީމްގައި ބައިވެރި ކުރެވިފައިވާކަން ކަށަވަރުކޮށްދޭ ލިޔުމެއް ޕެންށަން އޮފީހުން ދޭންވާނެއެވެ. މި ގޮތުން ޕެންށަން އޮފީހުން ފޮނުވާ ލިޔުމުގައި ތިރީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.
- އެމްޕްލޯޔަރ އައިޑީ.
- އެތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާ ގުޅޭގޮތުން އެފަރާތުން ދީފައިވާ މަޢުލޫމާތުގެ ހުލާސާ.
- އެފަރާތުގެ ހުށަހެޅުން ގަބޫލުކޮށް ބަލައިގަނެފައިވާކަން.
7 ވަނަ މާއްދާ - ސްކީމުގައި ބައިވެރިވާންޖެހޭ ތާރީހު
ވަޒީފާ ދޭފަރާތް ޕެންށަން އޮފީހުގައި ރަޖިސްޓަރީކޮށް، އެތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުން ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރި ކޮށް، ސްކީމަށް ފައިސާ ދެއްކޭނެ ގޮތްތައް ޕެންށަން އޮފީހުން ކަ ނޑައަޅަން ވާނެއެވެ. މިގޮތުން މުވައްޒަފުން ވަޒީފާގައި ގެންގުޅޭ އަދަދަށް ރިޢާޔަތްކޮށް، އެކަށީގެން ވާފަދަ ގޮތްތައް ކަ ނޑައެޅިދާނެއެވެ. މިގޮތުން ކަ ނޑައަޅާ ތަފުސީލު އުސޫލުތައް، ތިރީގައި ބަޔާން ކޮށްފައިވާ ތާރީހު ފާއިތުވުމުގެ ކުރިން، ޕެންށަން އޮފީހުން ޢާންމުކޮށް އިޢުލާން ކުރަންވާނެއެވެ.
- ދައުލަތުގެ ވަޒީފާދޭ ތަންތަން، 1 އޭޕްރީލް 2010 ގެ ކުރިން.
- ޕްރައިވެޓް ސެކްޓަރގައި ވަޒީފާ ދޭފަރާތްތަކާއި އަމިއްލަ މަސައްކަތް ކުރާ މީހުން (ސެލްފް އެމްޕްލޮއިޑް) 1 އޭޕްރީލް 2011 ގެ ކުރިން.
3 ވަނަ ބައި
ސްކީމަށް ދައްކަންޖެހޭ ފައިސާގެ އަދަދު ސައްހަތޯ ބެލުމާއި ސްކީމަށް ފައިސާ ދެއްކުން
8 ވަނަ މާއްދާ - ސްކީމަށް ފައިސާ ދެއްކުން
(ހ) ޕެންށަނާބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ (2) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެމުވައްޒަފަކު ސްކީމަށް ދައްކަންޖެހޭ ފައިސާ މުސާރައިން ކެނޑުމަށް ފަހު، ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދައްކަން ވާނެއެވެ. މުވައްޒަފުންގެ އަދަދު ކިތަންމެ ގިނަވި ކަމުގައި ވީނަމަވެސް، ނުވަތަ މުވައްޒަފުންގެ އަދަދު ކިތަންމެ މަދުވި ކަމުގައި ވީނަމަވެސް މި މާއްދާގައި ބުނެފައިވާ މުއްދަތުގައި ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދައްކަން ވާނެއެވެ.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންށަނަށް ބަލާ މުސާރަ (ޕެންށަނަބަލް ވޭޖް)ގެ މަދުވެގެން %7 އެ މުވައްޒަފަކު، އަދި ޕެންށަނަބަލް ވޭޖްގެ މަދުވެގެން %7 އެ މުވައްޒަފަކަށް ވަޒީފާދީފައިވާ ފަރާތުން، މުވައްޒަފު ވަޒީފާއަދާކުރަން ފެށި މަހާއި ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ޕެންށަން އޮފީހަށް ދައްކަންވާނެއެވެ.
9 ވަނަ މާއްދާ - ސްޓޭޓްމަންޓް އޮފް ޕެންށަން ކޮންޓްރިބިއުށަންސް ހުށަހެޅުން
މުވައްޒަފުންނަށް މުސާރަދޭ ކޮންމެ މަހަކު، ވަޒީފާދޭ ފަރާތުން "ސްޓޭޓްމަންޓް އޮފް ޕެންށަން ކޮންޓްރިބިއުށަންސް" (އެސް.ޕީ.ސީ) ފުރިހަމަކުރުމަށްފަހު ޕެންށަން އޮފީހަށް ހުށަހަޅަން ވާނެއެވެ. މިގޮތުން ހުށަހަޅާ އެސްޕީސީގައިވާ މަޢުލޫމާތު ސައްހަ ނޫންނަމަ، ޕެންށަން އޮފީހުން އަންގާ ގޮތެއްގެ މަތިން އެސްޕީސީ ގައިވާ މަޢުލޫމާތު އިސްލާހުކުރުމަށްފަހު ވަޒީފާދޭ ފަރާތުން ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ.
10 ވަނަ މާއްދާ - އެސްޕީސީ ހުށަހެޅުން
މި ގަވާއިދުގެ ދަށުން، ކޮންމެ މުވައްޒަފެއްގެ ކިބައިން ވަޒީފާދޭ ފަރާތުން ޕެންށަން ސްކީމަށް ދައްކަންޖެހޭ އަދަދާއި، ވަޒީފާ އަދާކުރާ ފަރާތުން ޕެންށަން ސްކީމަށް ދައްކަންޖެހޭ އަދަދު ވަކިން ހިސާބުކޮށް، އެ މަޢުލޫމާތާއި، އެސްޕީސީގައި ހިމަނަންޖެހޭ މަޢުލޫމާތު ގަވާއިދުން ޕެންށަން އޮފީހަށް ހުށަހެޅުމަކީ، ވަޒީފާ ދޭފަރާތުގެ ޒިންމާއެކެވެ.
11 ވަނަ މާއްދާ - އެސްޕީސީ ހުށަހެޅޭނެ ވަސީލަތްތައް
(ހ) އެސްޕީސީ، ވަޒީފާ ދޭފަރާތުން ހުށަހަޅަންވާނީ، އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް، ނުވަތަ ޕެންށަން އޮފީހުން ހުއްދަކުރާ އެހެންވެސް ގޮތަކަށެވެ. މިގޮތުން އެސްޕީސީ ހުށަހެޅުމުން، އެ މަޢުލޫމާތާއި ކުރިން ހުށަހަޅާފައިވާ މަޢުލޫމާތާ އެއްގޮތްތޯ ބެލުމުގެ އިހުތިޔާރު، ޕެންށަން އޮފީހަށް ލިބިގެން ވެއެވެ.
(ށ) ވަޒީފާ ދޭފަރާތުން ހުށަހެޅި، އެސްޕީސީ، ޕެންށަން އޮފީހުން ބަލައިގެންފި ކަމަށްވާނަމަ، ޕެންށަން އޮފީހުން އެސްޕީސީ ބަލައިގަތް ކަމުގެ ލިޔުމެއް ދޭންވާނެއެވެ.
(ނ) ވަޒީފާ ދޭފަރާތުން އެސްޕީސީ ފުރިހަމަކޮށް، ހުށަހެޅޭނެ ގޮތްތައް ޕެންށަން އޮފީހުން ގާއިމު ކުރަން ވާނެއެވެ. އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް އެސްޕީސީ ހުށަހެޅުމަށް ގާއިމު ކުރެވޭ ގޮތްތައް ފަރުމާކުރަންވާނީ، ކުދި އަދި ބޮޑެތި ވަޒީފާދޭ ފަރާތްތަކަށްވެސް އެކަށީގެންވާ ގޮތްތަކަކަށެވެ.
12 ވަނަ މާއްދާ - އެސްޕީސީގައި ހިމަނަންޖެހޭ މައުލޫމާތު
(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ޕެންށަން ސްކީމަށް ފައިސާ ދެއްކުމަށްޓަކައި ހުށަހަޅާ އެސްޕީސީ ހުށަހަޅާއިރު ތިރީގައި މިވާ މަޢުލޫމާތު އެ އެސްޕީސީގައި ހިމަނަންވާނެއެވެ.
- ވަޒީފާ ދޭފަރާތުގެ ނަން.
- އެމްޕްލޯޔަރ އައިޑީ.
- މުސާރަދޭ މުއްދަތަށް، ވަޒީފާ ދޭފަރާތުން ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދާއި، އެތަނެއްގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު.
(ށ) މި ގަވާއިދުގައިވާ ގޮތުގެ މަތިން ޕެންށަން ސްކީމަށް ފައިސާ ދެއްކުމަށްޓަކައި ހުށަހަޅާ އެސްޕީސީ ހުށަހެޅުމުން ޕެންށަން އޮފީހުން ދޫކުރާ ލިޔުމުގައި ތިރީގައި މިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
- ވަޒީފާ ދޭފަރާތުގެ ނަން.
- އެމްޕްލޯޔަރ އައިޑީ.
- ޓްރެކިންގ ނަންބަރު.
- ސްކީމްގެ ބޭންކް އެކައުޓްގެ ތަފުސީލު.
- މުސާރަދޭ މުއްދަތަށް، ވަޒީފާ ދޭފަރާތުން ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދާއި، އެތަނެއްގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދާއި ކުރީ މަސްތަކުގައި އިތުރަށް ނުވަތަ މަދުން ދެއްކިފައިވާނަމަ، އެ ފައިސާގެ އަދަދާއި ކުރީ މަސްތަކުގައި ޖޫރިމަނާއެއް ކުރެވިފައިވާނަމަ، އެ ފައިސާގެ އަދަދު.
- ފައިސާ ދައްކަންޖެހޭ ތާރީހު.
13 ވަނަ މާއްދާ - ޕެންށަން ސްކީމަށް ފައިސާ ދެއްކުން
(ހ) ޕެންށަން ސްކީމަށް ދައްކާ ފައިސާ ޖަމާކުރަންވާނީ ބޭންކު އެކައުންޓަކަށެވެ. ޕެންށަން ސްކީމަށް ދައްކާ ފައިސާ، ޕެންށަން އޮފީހުން ކަ ނޑައަޅާ ކޮންމެ ބޭންކަކަށްވެސް ޖަމާކުރެވިދާނެއެވެ. މިގޮތުން ޕެންށަން އޮފީހުން ކަ ނޑައަޅާ ބޭންކްތަކާއި، ކޮންޓްރިބިއުށަން ކަލެކްށަން އެކައުންޓްގެ ނަންބަރުތައް ޕެންށަން އޮފީހުގެ ވެބްސައިޓްގައި ށާއިޢުކޮށް ޢާންމުކޮށް އިޢުލާން ކުރަންވާނެއެވެ.
(ށ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ އެކައުންޓަށް ނަގުދު ފައިސާއިން ނުވަތަ ބޭންކް ޗެކުން ފައިސާ ޖަމާކުރެވިދާނެއެވެ. މީގެއިތުރުންވެސް، އަލަށް ތަޢާރަފްކުރެވޭ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ރިޢާޔަތްކޮށް، ފައިސާ ދެއްކިދާނެ އެހެން ގޮތްތައް ކަ ނޑައަޅާ އުސޫލެއް އެކުލަވައިލުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ - މަދުން މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖެއްސުން
ފަހެއް ނުވަތަ އެއަށްވުރެ މަދު މުވައްޒަފުން ގެންގުޅޭ ވަޒީފާ ދޭފަރާތްތަކަށް، މި ގަވާއިދުގެ 8 ވަނަ މާއްދާއިން 13 ވަނަ މާއްދާއަށް، ބަޔާންކޮށްފައިވާ ގޮތްތައް ފުރިހަމަކުރުމަށްވުރެ ލުއިގޮތަކަށް، ފައިސާ ދެއްކުމުގެ އިންތިޒާމު ޕެންށަން އޮފީހަށް ހަމަޖެއްސިދާނެއެވެ. މިގޮތުން ފައިސާ ދެއްކުމަށް ހަމަޖައްސާ އުސޫލު، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން އެކަށައަޅާ އުސޫލުތަކުގައި ބަޔާންކޮށްފައި އޮންނަން ވާނެއެވެ.
4 ވަނަ ބައި
ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާގެ މިންވަރު
15 ވަނަ މާއްދާ - ޕެންށަން ސްކީމަށް ފައިސާ ދެއްކުން
(ހ) މި ގަވާއިދުގައި ކަ ނޑައެޅިގެން އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހައި ހިނދަކު، ވަޒީފާދޭ ކޮންމެ ފަރާތަކުންނާއި، މީލާދީ ގޮތުން އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކުން ދައްކަންޖެހޭ ޕެންށަނަށްބަލާ މުސާރައިގެ މަދުވެގެން %7 އަށްވާ ފައިސާ، ވަޒީފާދޭ ފަރާތުން ޕެންށަން ސްކީމަށް ދައްކަން ވާނެއެވެ.
(ށ) ޕެންށަނަށް ބަލާ މުސާރައަކީ، ޕެންށަނާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، އެ މުވައްޒަފެއްގެ އަސާސީ މުސާރައާ އެހެނިހެން ޢިނާޔަތްތަކުގެ ތެރެއިން، ޕެންށަނަށް ބަލާ މުސާރައިގެ ގޮތުގައި ޕެންށަން އޮފީހުގެ ބޯޑުން ކަ ނޑައަޅާ މިންވަރެކެވެ.
(ނ) މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުން، އެ އޮފީހުގެ ބޯޑުން ކަ ނޑައަޅާ ގޮތެއްގެ މަތިން "ޕެންށަނަށްބަލާ މުސާރަ" މާނަކުރާގޮތް މުތާލިޢާކޮށް، އެކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަންވާނެއެވެ.
16 ވަނަ މާއްދާ - ވަޒީފާދޭ ފަރާތުން ދައްކަންޖެހޭ އެންމެ މަދުމިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކުން
(ހ) ޕެންށަނާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ވަޒީފާ ދޭފަރާތުން ދައްކަންޖެހޭ އެންމެ މަދު މިންވަރު ކަމަށްވާ، ޕެންށަނަށް ބަލާ މުސާރައިގެ %7 ގެ އިތުރުން، ޕެންށަން ސްކީމަށް ފައިސާ ދެއްކުމުގެ އިހުތިޔާރު ވަޒީފާ ދޭފަރާތަށް ލިބިގެންވެއެވެ.
(ށ) ޕެންށަނާބެހޭ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، އަދި މި ގަވާއިދުގެ 26 ވަނަ މާއްދާގައި އެންމެ ގިނަވެގެން ސްކީމަށް ފައިސާ ދެއްކޭނެ ކަމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފު ނުވާގޮތުގެ މަތިން، ޕެންށަން ސްކީމަށް ދައްކަންޖެހޭ އަދަދަށްވުރެ އިތުރަށް ފައިސާ ދެއްކުމުގެ އިހުތިޔާރު ވަޒީފާ ދޭފަރާތަށް ލިބިގެންވެއެވެ.
(ނ) ޕެންށަނާބެހޭ ގާނޫނުގެ 14 ވަނަ މާއްދާގެ (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ފަރާތުން ސްކީމަށް ދައްކަންޖެހޭ ޖުމުލަ އަދަދު، ނުވަތަ އެއިން ބައެއް، ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން ކެނޑުމުގެ ބަދަލުގައި، ވަޒީފާ ދޭފަރާތަށް ދެއްކިދާނެއެވެ.
17 ވަނަ މާއްދާ - ޕެންށަން ސްކީމަށް ގިނަވެގެން ފައިސާ ދެއްކޭނެ މިންވަރު މުތާލިއާކުރުން
ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ގިނަވެގެން ފައިސާ ދެއްކޭނެ މިންވަރު ކަނޑައެޅުން ނުވަތަ ކަނޑައަޅާފައިވާ އަދަދު މުތާލިޢާ ކުރުމުގެ ބާރާއި އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެން ވެއެވެ. މިގޮތުން އަދަދު ކަނޑައެޅުމުގައި ނުވަތަ މުތާލިޢާ ކުރުމުގައި، ތިރީގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތް ކުރަން ވާނެއެވެ.
- ނަހަމަ ގޮތުގައި ޕެންށަން ސްކީމްގެ ފައިދާނެގުމަށް މަގުފަހިވާ މިންވަރު.
- މުވައްޒަފުންނަށް ލިބޭ މުސާރައިގެ މިންވަރު.
- ޕެންށަން ސްކީމަށް ފައިސާ ދެއްކުމާއި، ސްކީމް ހިންގުމާގުޅޭ އެހެނިހެން ކަންތައްތަކާގުޅޭ 11 ޓްރާންސެކްށަން ކޮސްޓް އަދި އިކޮނޮމީސް އޮފް ސްކޭލް.
- ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ގިނަވެގެން ފައިސާ ދެއްކޭނެ މިންވަރު ކަ ނޑައެޅުމާ ގުޅިގެން، ވަޒީފާ ދޭފަރާތްތަކުންނާއި ވަޒިފާ އަދާކުރާ ފަރާތްތަކުން ކުރަންޖެހޭ ހަރަދުތައް.
- ސްކީމް ރަނގަޅު ގޮތުގައި ހިންގުމާ ގުޅުންހުރިކަމަށް ޕެންށަން އޮފީހުން ކަނޑައަޅާ އެހެންވެސް ކަންކަން.
5 ވަނަ ބައި
ސްކީމްގައި ބައިވެރިވާ މުވައްޒަފުންގެ ރިޓަޔަރމަންޓް ސޭވިންސް އެކައުންޓް ގާއިމު ކުރުން
18 ވަނަ މާއްދާ - ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓް ގާއިމުކުރުން
(ހ) މުވައްޒަފަކު ސްކީމްގައި ބައިވެރިކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ހުށަހެޅުމުން، މިގަވާއިދުގައި ވާގޮތުގެ މަތިން، ޕެންށަން އޮފީހުން، ކޮންމެ މުވައްޒަފަކަށް ވަކި ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓެއް ގާއިމު ކުރަންވާނެއެވެ.
(ށ) ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ކޮންމެ މެންބަރެއްވެސް ދެނެގަންނާނީ، އެ މެންބަރަކީ ދިވެއްސެއްނަމަ، އެމީހެއްގެ އައިޑެންޓިޓީ ކާޑު ނަންބަރުންނެވެ. އަދި އެ މެންބަރަކީ، ބިދޭސީ މުވައްޒަފެއްނަމަ، އެ މީހެއްގެ ޕާސްޕޯޓް ނަންބަރުން ނުވަތަ އިމިގްރޭށަން ނަންބަރުންނެވެ. ވަޒީފާ ދޭފަރާތުން ނުވަތަ އަމިއްލަ މަސައްކަތްކުރާމީހުން، ސްކީމްގައި ބައިވެރިކުރުމަށް ހުށަހަޅާ ކޮންމެ މީހަކަށް ވަކި ރިޓަޔަރމަންޓް ސޭވިންސް އެކައުންޓެއް ގާއިމު ކުރަންވާނެއެވެ. ވަޒީފާދޭ ފަރާތް ބަދަލުވިނަމަވެސް މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންސް އެކައުންޓް ބަދަލެއް ނުވާނެއެވެ.
(ނ) ވަޒީފާދޭ ފަރާތްތަކުން ސްކީމަށް ދައްކާ ފައިސާ، މި ގަވާއިދުގައިވާ ގޮތުގެ މަތިން އެތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ރިޓަޔަރމަންޓް ސޭވިންސް އެކައުންޓަށް ޖަމާކުރެވޭނެއެވެ. ސްކީމްގެ ބައިވެރިއަކު، އެއް ވަޒީފާ އަށްވުރެ ގިނަ ވަޒީފާ އަދާކުރާނަމަ، އޭނާއަށް ވަޒީފާ ދޭކޮންމެ ފަރާތަކުންވެސް ސްކީމަށް ފައިސާ ދައްކަން ވާނެއެވެ.
6 ވަނަ ބައި
ސްކީމަށް ފައިސާ ދެއްކުމަށްފަހު، ފައިސާގެ އަދަދު ނުވަތަ މަޢުލޫމާތު އިސްލާހު ކުރުން
19 ވަނަ މާއްދާ - އޮޅިގެން އިތުރަށް ނުވަތަ މަދުން ސްކީމަށް ފައިސާ ދެއްކުން
(ހ) އެސްޕީސީ ތައްޔާރު ކުރުމުގައި ސައްހަނޫން މަޢުލޫމާތު ހިމެނިފައިވުމުގެ ސަބަބުން، މުވައްޒަފެއްގެ ފަރާތުން ޕެންށަން ސްކީމަށް ދައްކަންޖެހޭވަރަށްވުރެ އިތުރަށް ނުވަތަ މަދުން ފައިސާ ދެއްކިފައިވާކަމަށް ވަޒީފާ ދޭފަރާތަށް ގަބޫލު ކުރެވޭނަމަ، އަލުން ސައްހަ މަޢުލޫމާތު ހިމެނޭ ސްޓޭޓްމަންޓް އޮފް ޕެންށަން ކޮންޓްރިބިއުށަންސް ފުރިހަމަ ކުރުމަށްފަހު، އެކަން ރަނގަޅު ކުރުމަށް ވަޒީފާ ދޭފަރާތުން ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ހުށަހެޅުން ލިބުމުން، ހުށަހެޅުން ލިބުނުކަމުގެ ނޯޓިސް ވަޒީފާ ދޭފަރާތަށް ލިބޭނެގޮތުގެ އިންޒާމު ޕެންށަން އޮފީހުން ހަމަޖައްސައިދޭންވާނެއެވެ.
(ނ) ދައްކަންޖެހޭވަރަށްވުރެ އިތުރަށް ފައިސާ ދެއްކިފައިވާނަމަ، އިތުރަށް ފައިސާ ދެއްކިފައިވާ މަސް ނިމުމަށްފަހު، 1 އަހަރުދުވަހުގެ ތެރޭގައި އެކަން ރަނގަޅުކުރުމަށް ވަޒީފާދޭ ފަރާތުން ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ.
20 ވަނަ މާއްދާ - މަދުން ފައިސާ ދެއްކިފައިވާނަމަ، އެފައިސާ ޕެންށަން އޮފީހަށް ދެއްކުން
ވަޒީފާ ދޭފަރާތުން ދައްކަންޖެހޭ ވަރަށްވުރެ މަދުން ސްކީމަށް ފައިސާ ޖަމާކޮށްފައިވާނަމަ، އަދި އެ އެކައުންޓް އެޖަސްޓް ކުރުމުން، ވަޒީފާ ދޭފަރާތުން ސްކީމަށް ފައިސާ ދައްކަން ޖެހޭނަމަ، އެ މަދުވާ އަދަދެއްގެ ފައިސާއާއި، އެފަދައިން ޢަމަލުކުރުމުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ޕެންށަން އޮފީހަށް ދައްކަންވާނެއެވެ. މި ގޮތުން ފައިސާ ދައްކަންޖެހޭ ތާރީހު މި ގަވާއިދުގެ 8 ވަނަ މާއްދާގައި އެވަނީއެވެ.
21 ވަނަ މާއްދާ - ސްކީމަށް އިތުރަށް ދެއްކޭ ފައިސާ އަނބުރާ ހޯދަން އެދުން
(ހ) ޕެންށަން ކޮންޓްރިބިއުށަންގެ ގޮތުގައި ދައްކަންޖެހޭ އަދަދަށްވުރެ އިތުރަށް ފައިސާ ދެއްކިފައިވާނަމަ، އެޖަސްޓްމަންޓް އެސްޕީސީއެއް ހުށަހެޅުމުން ވަޒީފާގައި އުޅެމުންދާ މުވައްޒަފުންނަށް އިތުރަށް ދެއްކުނު ފައިސާގެ އަދަދު ރިސިޕްޓް ނޯޓިސްއިން އެނގެން އޮންނާނެއެވެ. ޕެންށަން އޮފީހުން އެ އަދަދު އޭގެފަހުން ހުށަހަޅާ އެސްޕީސީއިން އެޖަސްޓް ކޮށްދޭންވާނެއެވެ. އެޖަސްޓްމަންޓް އެސްޕީސީ ހުށަހަޅާއިރު އެފަރާތުގެ ވަޒީފާގައި ނޫޅޭ ފަރާތްތަކަށް އިތުރަށް ދެއްކުނު އަދަދު، ޕެންށަން އޮފީހުން ވަޒީފާދޭ ފަރާތުގެ ބޭންކު އެކައުންޓަށް ޖަމާކޮށްދޭން ވާނެއެވެ. މި ފައިސާގެ ތެރެއިން ވަޒީފާ އަދާކުރި ފަރާތަށް ދައްކަންޖެހޭ އަދަދު އެފަރާތަށް ދެއްކުމަކީ ވަޒީފާ ދިން ފަރާތުގެ ޒިންމާއެކެވެ.
(ށ) ސްކީމަށް އިތުރަށް ދެއްކިފައިވާ ފައިސާ، މި މާއްދާގެ (ހ) ގެ ދަށުން އަނބުރާ ދޭއިރު، އެ ފައިސާ އިންވެސްޓް ކޮށްގެން އާމްދަނީ ލިބިފައި ވީނަމަވެސް، ވަޒީފާ ދޭފަރާތަށް އަނބުރާ ދެވޭނީ، ހަމައެކަނި އެ އިތުރަށް ދެއްކި ފައިސާ އެވެ.
22 ވަނަ މާއްދާ - އިތުރަށް ނުވަތަ މަދުން ޖަމާކުރެވޭ ފައިސާ އަނބުރާ ހޯދުމުގެ ޒިންމާ
ސްކީމަށް ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް، ނުވަތަ މަދުން ފައިސާ ދެއްކިފައިވަނީ، މުވައްޒަފެއްގެ މުސާރައިން ސްކީމަށް ކަނޑަންޖެހޭ މިންވަރަށްވުރެ އިތުރަށް، ނުވަތަ މަދުން ފައިސާ ހިފެހެއްޓިގެން ކަމުގައިވާނަމަ، އެފައިސާ އަނބުރާ އެމުވައްޒަފަކަށް ދެއްކުމަކީ، ނުވަތަ މުސާރައިން ސްކީމަށް ކަނޑަންޖެހޭ މިންވަރަށްވުރެ މަދުން މުސާރައިން ފައިސާ ހިފެހެއްޓިފައިވާނަމަ، އެ ފައިސާ މުވައްޒަފުގެ އަތުން ހޯދުމަކީ، ވަޒީފާ ދޭފަރާތުގެ ޒިންމާއެކެވެ.
23 ވަނަ މާއްދާ - ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވާކަމަށް ވަޒީފާ އަދާކުރާ މީހާއަށް ގަބޫލު ކުރެވޭނަމަ، ފުރަތަމަ މަސައްކަތް ކުރަންވާނީ ވަޒީފާ ދޭފަރާތާ މަށްވަރާކޮށް އެކަމެއް ހައްލު ކުރުމަށެވެ.
- ވަޒީފާ ދޭފަރާތުން، އޮޅުމަކުން، އޭނާގެ ނަމުގައި ސްކީމަށް ދައްކަންޖެހޭވަރަށްވުރެ މަދުން ފައިސާ ދެއްކިކަމަށް ގަބޫލު ކުރެވުން
- މުސާރައިން އުނިކުރި އަދަދަށް ފައިސާ ނުދައްކާކަމަށް ގަބޫލު ކުރެވުން.
- މުސާރައިން އުނިކުރަންޖެހޭ އަދަދަށްވުރެ އިތުރަށް އުނިކޮށް، އިތުރަށް ފައިސާ ދެއްކިކަމަށް ގަބޫލު ކުރެވުން.
(ށ) ވަޒީފާ ދޭފަރާތާ މަށްވަރާކޮށް އެކަމެއް ހައްލު ނުކުރެވުނުނަމަ، އެކަމެއް ބަލައި ހައްލުކޮށްދިނުމަށް އެދި ޕެންށަން އޮފީހަށް ހުށަހަޅާނީއެވެ. ޕެންށަން އޮފީހަށް ހުށަހެޅުމުން ކަމާބެހޭ ރިކޯޑުތައް ބެލުމަށްފަހު، އެކަމެއް އިސްލާހު ކުރަންޖެހޭކަމަށް ޕެންށަން އޮފީހަށް ފެނިއްޖެނަމަ، އެކަމެއް އިސްލާހު ކުރުމަށް ޕެންށަން އޮފީހުން ވަޒީފާ ދޭފަރާތަށް އަންގަން ވާނެއެވެ. މިގޮތުން ބަލާބެލުމުން، މުވައްޒަފެއްގެ ޕެންށަންގެ ގޮތުގައި ދައްކަންޖެހޭވަރަށްވުރެ އިތުރަށް ނުވަތަ މަދުން ފައިސާ ދެއްކިފައިވާކަމަށް ސާބިތުވެއްޖެނަމަ، އެކަމާގުޅޭ ފިޔަވަޅުތައްއަޅައި، އެކައުންޓް އެޖަސްޓް ކުރުމަށް ވަޒީފާ ދޭފަރާތަށް އަންގަންވާނެއެވެ. އަދި މައްސަލައާއި ގުޅިގެން އެކަމެއް ޕެންށަން އޮފީހުން ނިންމި ގޮތާއި އެކަމާގުޅިގެން އެޅި ފިޔަވަޅު ނުވަތަ ފިޔަވަޅުތަށް މައްސަލަ ހުށަހެޅި ފަރާތަށް ޕެންށަން އޮފީހުން އަންގަން ވާނެއެވެ.
(ނ) ވަޒީފާ ދޭފަރާތުންނާއި ވަޒީފާ އަދާކުރާފަރާތުން ޕެންށަން ސްކީމަށް ދެއްކުން ލާޒިމު ކުރާ ފައިސާއާއި، ވަޒީފާ އަދާކުރާ ފަރާތުން ވޮލަންޓަރީ ކޮންޓްރިބިއުށަންގެ ގޮތުގައި ދައްކާ ފައިސާގެ ތެރެއިން ވަޒީފާ ދޭފަރާތް މެދުވެރިކޮށް ސްކީމަށް ދައްކާ ފައިސާއާ ގުޅޭގޮތުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުންކުރެ ގޮތެއް މެދުވެރިވާކަމަށް ވަޒީފާ އަދާކުރާ މީހާއަށް ގަބޫލު ކުރެވޭނަމަ، އަދި މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޕެންށަން އޮފީހަށް މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅަން ޖެހިއްޖެނަމަ، މި މާއްދާގެ (ހ) ގައިވާ ފަދަ ކަމެއް ދިމާވާ މަހުން ފެށިގެން ގިނަވެގެން 12 މަސް ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމަށްއެދި ލިޔުމުން ޕެންށަން އޮފީހަށް ހުށަހަޅަންވާނެއެވެ.
24 ވަނަ މާއްދާ - މަދުން ފައިސާ ޖަމާކުރުމުން ކުރެވޭ ޖޫރިމަނާ
(ހ) މުވައްޒަފެއްގެ ޕެންށަންގެ ގޮތުގައި ދައްކަންޖެހޭވަރަށްވުރެ މަދުން ފައިސާ ދެއްކިފައިވާކަމަށް ވަޒީފާ ދޭފަރާތަށް އެނގިއްޖެނަމަ، އެކަމެއް ލަސްނުކޮށް އިސްލާހު ކުރަންވާނެއެވެ. މަދުން ފައިސާ ޖަމާކުރެވިފައި ވާކަން އެނގުނީ ކޮންމެ އިރަކުނަމަވެސް، ސްކީމަށް ފައިސާ ޖަމާކުރަން ވަޒީފާ ދޭފަރާތުގެ މައްޗަށް ލާޒިމުކުރާ ކުރުމަކަށް ބަދަލެއް ނާންނާނެއެވެ. އަދި ސްކީމަށް ފައިސާ ދައްކަންޖެހޭ ތާރީހުގެ ފަހުގެ ތާރީހެއްގައި ސްކީމަށް ފައިސާ ޖަމާކޮށްފިނަމަ، މި ގަވާއިދުގެ 33 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖޫރިމަނާ ދައްކަން ޖެހޭނެއެވެ. އަދި މަދުން ފައިސާ ޖަމާކުރެވިފައި ވާކަން އެނގުނީ ކޮންމެ އިރަކުނަމަވެސް، މި ގަވާއިދުގެ 33 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޖޫރިމަނާ ހިސާބު ކުރެވޭނެއެވެ.
(ށ) ސްކީމަށް ފައިސާ ދެއްކުމުގައި، މި ގަވާއިދުގައި ވާގޮތުގެ މަތީން، ވަޒީފާ ދޭފަރާތުން ޢަމަލު ކޮށްފައި ނުވާކަމާއި، (މީގެތެރޭގައި މުވައްޒަފެއްގެ ފަރާތުން ޕެންށަން ސްކީމަށް ދައްކަންޖެހޭވަރަށްވުރެ މަދުން ނުވަތަ އިތުރަށް ފައިސާ ދެއްކުންވެސް ހިމެނޭ) އެހެން މެދުވެރިވެފައިވަނީ، ވަޒީފާދޭ ފަރާތުގެ އިހުމާލުން (ގްރޮސް ނެގްލިޖެންސް)، ނުވަތަ ވަޒީފާ ދޭފަރާތުން ގަސްދުގައި ކުރި ކަމެއްގެ ސަބަބުން، ނުވަތަ ތަކުރާރުކޮށް ފަރުވާކުޑަކުރުމުގެ ސަބަބުން، ނުވަތަ ގާނޫނީ ޒިންމާ އަދާކުރުމަށް ފަރުވާކުޑަކުރުމުގެ ސަބަބުންކަމަށް ޕެންށަން އޮފީހުން ކަ ނޑައަޅައިފިނަމަ، މި ގަވާއިދުގެ 31 ވަނަ މާއްދާއިން ފެށިގެން 38 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެން ވެއެވެ.
7 ވަނަ ބައި
މުވައްޒަފުން ބޭނުންވެގެން ޕެންށަން ސްކީމަށް އިތުރަށް ފައިސާ ދެއްކުން
25 ވަނަ މާއްދާ - މުވައްޒަފަކު ބޭނުންވެގެން ސްކީމަށް އިތުރަށް ފައިސާ ދެއްކުން
މުވައްޒަފަކު ބޭނުންވެއްޖެނަމަ، ޕެންށަނާބެހޭ ގާނޫނުގައި ޕެންށަން ސްކީމަށް ދެއްކުމަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް، ސްކީމަށް ފައިސާ ދެއްކިދާނެއެވެ. މިފަދަ ހާލަތްތަކުގައި، އެ ފައިސާ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓަށް ޖަމާކުރަންވާނެއެވެ.
26 ވަނަ މާއްދާ - ގިނަވެގެން ސްކީމަށް ފައިސާ ދެއްކޭނެ މިންވަރު
ޕެންށަނާބެހޭ ގާނޫނުގައި ޕެންށަން ސްކީމަށް ދެއްކުމަށް ކަނޑައަޅާފައިވާ ވަރަށްވުރެ އިތުރަށް، މުވައްޒަފަކު ބޭނުންވެގެން، އަހަރަކަށް، ވޮލަންޓަރީ ކޮންޓްރިބިއުށަންގެ ގޮތުގައި ދެއްކޭނެ އެންމެ ބޮޑު އަދަދަކީ، ފާއިތުވި އަހަރު، ދައުލަތުގެ ވަޒީފާއެއް އަދާކުރި މީހުންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބުނު މީހާގެ، ޕެންށަނަށް ބަލާ މުސާރައިގެ، (އަހަރީ މުސާރައިގެ) %14 އަށް ވުރެ އިތުރު ނޫންއަދަދެކެވެ.
27 ވަނަ މާއްދާ - ސްކީމަށް އިތުރަށް ފައިސާ ދެއްކޭނެ ގޮތްތައް
(ހ) ތިރީގައި ބަޔާން ކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ސްކީމަށް އިތުރަށް ފައިސާ ދެއް ކިދާނެއެވެ.
- ވަޒީފާ ދޭފަރާތުން އެއްބަސްވާނަމަ، ސްކީމަށް އިތުރަށް ދައްކަން ކަ ނޑައަޅާ އަދަދެއްގެ ފައިސާ، މުސާރައިން އުނިކުރުމަށްފަހު، ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދުގެ ދަށުން، ސްކީމަށް ދެއްކުމަށް ލާޒިމުކުރާ ފައިސާ ދައްކާ މުއްދަތުގައި އެ ފައިސާއާއެކު ދެއްކުމަށް ވަޒީފާ ދޭފަރާތުގައި އެދިގެން.
- އަމިއްލަ މަސައްކަތް ކުރާ މީހުން ސްކީމަށް ފައިސާ ދައްކާ އުސޫލުން ފައިސާ ދައްކައިގެން.
(ށ) މި މާއްދާގެ (ހ) ގެ 1 ގައިވާ ގޮތަށް ޢަމަލު ކުރުމަށް ވަޒީފާ ދޭފަރާތުން އެއްބަސްވާނަމަ، އެގޮތުން ސްކީމަށް އިތުރަށް ދައްކާ ފައިސާގެ އަދަދު، އެސްޕީސީ ގައި ބަޔާން ކޮށްފައި އޮންނަން ވާނެއެވެ.
8 ވަނަ ބައި
ވަޒީފާ ދޭފަރާތުން ރިކޯޑު ބެލެހެއްޓުން ރިކޯޑު ބެލެހެއްޓުން
28 ވަނަ މާއްދާ - ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، ތިރީގައި ބަޔާން ކޮށްފައިވާ ރިކޯޑުތައް، މަދުވެގެން 6 އަހަރު ދުވަސް ވަންދެން ރައްކާކޮށް ބަލަހައްޓަން ވާނެއެވެ.
- މުސާރަ ށީޓް.
- ސްޓޭމަންޓް އޮފް ޕެންށަން ކޮންޓްރިބިއުށަންސް އަދި މިނޫންވެސް، މި ގަވާއިދުގެ ދަށުން، ވަޒީފާ ދޭފަރާތުން ޕެންށަން އޮފީހަށް ފޮނުވާ ރިޕޯޓުތައް.
- އެސްޕީސީ ހުށަހެޅުމުން ލިބޭ ރިސީޕްޓް ނޯޓިސްތައް.
- ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރު ކުރެވިފައިވާ މުސާރައިގެ ބަޔާންތައް.
- ވަޒީފާއިން ވަކިވާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ވަޒީފާއިން ވަކިވާ/ ވަކިކުރާ ތާރީހުން ފެށިގެން 6 އަހަރު ދުވަހުގެ މުއްދަތަށް.
9 ވަނަ ބައި
ސްކީމްގެ ބައިވެރިންނަށް މައުލޫމާތު ދިނުން
29 ވަނަ މާއްދާ - ސްޓޭޓްމަންޓް އޮފް އެކައުންޓް ބެލޭނެ އިންތިޒާމު
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ކޮންމެ ބައިވެރިއަކަށް، ކޮންމެ އަހަރަކު އެއްފަހަރު، އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންސް އެކައުންޓާބެހޭ މަޢުލޫމާތު (ސްޓޭޓްމަންޓް އޮފް އެކައުންޓް) ލިބޭނެ އިންޒާމު ޕެންށަން އޮފީހުން ހަމަޖައްސަންވާނެއެވެ.
30 ވަނަ މާއްދާ - މުސާރައިގެ ބަޔާން ދިނުން
ކޮންމެ މުވައްޒަފަކަށްވެސް މުސާރައިގެ ބަޔާނެއް ދިނުމަކީ، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން، ވަޒީފާ ދޭފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ. ޕެންށަނާބެހޭ ގާނޫނުގެ ދަށުން، އެމީހެއްގެ ފަރާތުން ޕެންށަން ސްކީމަށް ދެއްކުމަށް މުސާރައިން އުނިކުރާކުރުން، ވަޒީފާއާބެހޭ ގާނޫނުގައި ވާގޮތުގެ މަތިން، މުސާރައިގެ ބަޔާނުގައި ހިމެނުމަކީ، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ.
10ވަނަ ބައި
ޖޫރިމަނާ ކުރުމާއި ވަޒީފާ ދޭފަރާތުން ގާނޫނާ ހިލާފުވުމުން ފިޔަވަޅު އެޅުން
31 ވަނަ މާއްދާ - ވަޒީފާދޭ ފަރާތް ރަޖިސްޓަރީކޮށްފައި ނުވުމުން ޖޫރިމަނާކުރުން
(ހ) މި ގަވާއިދުގައި ވާގޮތުގެ މަތިން، ވަޒީފާ ދޭފަރާތް ޕެންށަން އޮފީހުގައި ރަޖިސްޓަރީ ކޮށްފައި ނުވުމާއި، ވަޒީފާ އަދާކުރާ ފަރާތް ޕެންށަން ސްކީމްގައި ބައިވެރި ކޮށްފައި ނުވާނަމަ، ތިރީގައިވާ ގޮތަށް ވަޒީފާދޭ ފަރާތާ މެދު ޢަމަލު ކުރެވޭނެއެވެ.
(ށ) ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، ވަޒީފާ ދޭފަރާތް ޕެންށަން އޮފީހުގައި ރަޖިސްޓަރީކޮށް އެތަނުގެ މުވައްޒަފުން ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރި ކޮށްފައި ނުވާނަމަ، ޕެންށަނާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) އަދި 12 ވަނަ މާއްދާގެ (ނ) ގެދަށުން ޖޫރިމަނާގެ ފައިސާ ޕެންށަން އޮފީހަށް ދައްކަން ވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކުރެވޭ ޖޫރިމަނާގެ އަދަދަކީ، ރަޖިސްޓަރީ ނުކޮށް ފާއިތުވާ ކޮންމެ މަހަކަށް 500 (ފަސް ސަތޭކަ) ރުފިޔާ އެވެ.
32 ވަނަ މާއްދާ - އެސްޕީސީ ހުށަނާޅާ ފަރާތްތައް ޖޫރިމަނާކުރުން
(ހ) މި ގަވާއިދުގައި ވާގޮތުގެ މަތިން، އެސްޕީސީ، ވަޒީފާ ދޭފަރާތުން ޕެންށަން އޮފީހަށް ހުށަހަޅާފައި ނުވާނަމަ، ތިރީގައިވާ ގޮތަށް ޢަމަލު ކުރެވޭނެއެވެ.
(ށ) މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެސްޕީސީ ހުށަހަޅަން ޖެހޭ ފަރާތެއް އެގޮތަށް ޢަމަލު ކޮށްފައި ނުވާނަމަ، ޕެންށަނާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެފަރާތެއް ޖޫރިމަނާކޮށް، ޕެންށަން އޮފީހުގެ އެކައުންޓަށް ޖަމާވާގޮތަށް، ޖޫރިމަނާ ފައިސާ ދައްކަން ވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ކުރެވޭ ޖޫރިމަނާގެ އަދަދަކީ، ގަވާއިދުން ސްޓޭޓްމަންޓް އޮފް ޕެންށަން ކޮންޓްރިބިއުށަންސް ހުށަހަޅާފައި ނުވާ ކޮންމެ މަހަކަށް، 100 (ސަތޭކަ) ރުފިޔާއެވެ.
33 ވަނަ މާއްދާ - ސްކީމަށް ފައިސާ ދައްކާފައި ނުވުމުން ކުރެވޭ ޖޫރިމަނާ
(ހ) މި ގަވާއިދުގައި ވާގޮތުގެ މަތިން، ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ދެއްކުމަށްޓަކައި، އެ މުވައްޒަފެއްގެ މުސާރައިން އުނިކުރަންވާ އަދަދަށް އުނިކޮށްފައި ނުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ، ކަ ނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ޕެންށަން ސްކީމަށް ފައިސާ ނުދައްކައިފިނަމަ، ތިރީގައިވާ ގޮތަށް ޢަމަލު ކުރެވޭނެއެވެ.
- ވަޒީފާ ދޭފަރާތުން ސްކީމަށް ދައްކަންޖެހޭ އަދަދާއި، ވަޒީފާ އަދާކުރާ ފަރާތުން ސްކީމަށް ދައްކަންޖެހޭ އަދަދަށްވާ ފައިސާ، އެއްކޮށް ނުވަތަ އެއިން ބައެއް، ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދުގައި ބަޔާން ކޮށްފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާ ދޭފަރާތުން ނުދައްކައިފިނަމަ، ވަޒީފާ ދޭފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ޖޫރިމަނާގެ އަދަދު ކަ ނޑައެޅުމުގައި ނުދައްކައިވާ ފައިސާގެ އަދަދަށާއި، ފައިސާ ނުދައްކައި ފާއިތުވެފައިވާ މުއްދަތަށް ރިޢާޔަތް ކުރެވޭނެއެވެ.
- މި މާއްދާގެ (ހ) ގެ ދަށުން ކުރެވޭ ޖޫރިމަނާގެ އަދަދަކީ، ފައިސާ ނުދައްކައިވާ ކޮންމެ މަހަކަށް، ނުދައްކައިވާ ފައިސާގެ އަދަދުގެ %5.0 އާ އެއްވަރުގެ އަދަދެކެވެ. ފައިސާ ނުދައްކައިވާ ކޮންމެ މަހަކަށް ކުރާ ޖޫރިމަނާގެ %5.0 އަށްވާ ފައިސާ، ފައިސާ ނުދައްކައިވާ ކޮންމެ މަހަކަށް އެއްކުރެވޭނެއެވެ. އަދި ސްކީމަށް ދައްކަންޖެހޭ އަދަދަށްވާ ފައިސާއިން ބައެއް ނުދައްކަވާނަމަ، ޖޫރިމަނާ ކުރެވޭނީ، އެ ނުދައްކާވާ އަދަދަށް ނިސްބަތްކޮށެވެ. ޖޫރިމަނާ ގުނަން ފަށާނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ވާގޮތުގެމަތިން، ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވި ތާރީހުން ފެށިގެންނެވެ. އަދި މި ފައިސާ ޖަމާކުރެވޭނީ އެ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓަށެވެ.
(ށ) މި ގަވާއިދުގެ 35 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން، ލުޔެއްގެ ގޮތުގައި ބައިބަޔަށް ބަހާލައިގެން ސްކީމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިންތިޒާމު، ހަމަޖެއްސުމުގެ ބާރު މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުރެވޭ ޖޫރިމަނާއަކީ، ޕެންށަނާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، ސްކީމަށް ދައްކަންޖެހޭ ފައިސާ ވަޒީފާ ދޭފަރާތުން ނުދައްކައިފިނަމަ، ނުދައްކާ އޮތް ފައިސާގެ އިތުރުން، ކުރެވޭ ޖޫރިމަނާއެކެވެ. ރިކޯޑުތައް ނުބެލެހެއްޓުމާއި އެހެނިހެން ކުށުގެ ޖޫރިމަނާ
34 ވަނަ މާއްދާ - މި ގަވާއިދުގައި ވާގޮތުގެ މަތިން، ޕެންށަން ސްކީމާގުޅޭ ރިކޯޑުތައް، ނުބެލެހެއްޓުމާއި މި ގަވާއިދުގައި ވަކި ޖޫރިމަނާއެއް ކަ ނޑައަޅާފައި ނުވާ ކުށްތަކާމެދު ތިރީގައިވާ ގޮތަށް ޢަމަލު ކުރެވޭނެއެވެ.
(ހ) މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތަށް ޕެންށަން ސްކީމާގުޅޭ ރިކޯޑުތައް ވަޒީފާ ދޭފަރާތުން ބަލަހައްޓާފައި ނުވާނަމަ، އަދި މި ގަވާއިދުން ލާޒިމުކުރާ އެހެން ކަމެއް އެފަދައިން ކޮށްފައިނުވާނަމަ މި ގަވާއިދާ ހިލާފުވެފައިވާތީ، ވަޒީފާ ދޭފަރާތުން ޕެންށަން އޮފީހަށް ޖޫރިމަނާގެ ފައިސާ ދައްކަން ވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާ ދޭފަރާތް ޖޫރިމަނާ ކުރެވޭނެ އަދަދަކީ، ގަވާއިދާ ހިލާފުވި މިންވަރަށާއި އަދި ރިކޯޑު ބަލަހައްޓާފައި ނުވާތީ ނުކުތް ނަތީޖާއަށް ބަލައި، 500 (ފަސް ސަތޭކަ) ރުފިޔާ އާއި 50،000 (ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
11 ވަނަ ބައި
ފައިސާ ދެއްކުމަށް ލުއިގޮތެއް ކަނޑައެޅުން
35 ވަނަ މާއްދާ - ފައިސާ ދެއްކުމަށް ލުއި ގޮތެއް ކަނޑައެޅުމާއި ޖޫރިމަނާ މާފުކުރުން
(ހ) މި ގަވާއިދުގެ ދަށުން ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާ ޕެންށަން އޮފީހަށް ދައްކާފައިނުވާ، ވަޒީފާ ދޭފަރާތްތަކުގެ މައްސަލަ، ނުވަތަ ޕޭމަންޓް ވައުޗަރގައި ބަޔާން ކޮށްފައިވާ އަދަދަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ދެއްކުމާ ހިލާފުވެފައިވާ ވަޒީފާދޭ ފަރާތްތަކުގެ މައްސަލަ، ކޯޓަށް ހުށަހެޅުމުގެ ކުރިން، އެ ފަރާތްތަކާ މަށްވަރާ ކުރުމަށްފަހު، ޕެންށަން އޮފީހުން ކަ ނޑައަޅާ ށަރުތުތަކަކަށް ޢަމަލުކުރުން ލާޒިމުކޮށް، އައު ޕޭމަންޓް ވައުޗަރއެއް ދިނުމުގެ އިހުތިޔާރު ޕެންށަން އޮފީހަށް ލިބިގެން ވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އެއްވެސް ހާލެއްގައި، ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާ، ނުވަތަ އެއިން ބައެއް މަޢާފު ކުރެވުނީކަމުގައި ނުވަތަ އެ ފައިސާއިން ބައެއް އުނިކުރެވުނީ ކަމުގައި ބަލައިގެން ނުވާނެއެވެ. އަދި މި ގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ކުރެވޭ ޖޫރިމަނާ ފައިސާ މަޢާފު ކުރެވުނީ ކަމުގައި، ނުވަތަ ޖޫރިމަނާ ފައިސާއިން ބައެއް އުނިކުރެވުނީ ކަމުގައި ބަލައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ދައުލަތް ފިޔަވައި އެހެން ފަރާތްތަކުގެ ވަޒީފާ އަދާކުރާ މުވައްޒަފުން ރިޓަޔަރމަންޓް ޕެންށަން ސްކީމުގައި ބައިވެރިވާންޖެހޭ ތާރީހުކަމުގައިވާ 30 އެޕްރީލް 2011 އިން ފެށިގެން 2 އަހަރު ދުވަސް ހަމަވަންދެން، މި ގަވާއިދުގެ ދަށުން ކުރެވިފައިވާ ޖޫރިމަނާއެއް މާފުކޮށްދިނުން އެދި، ވަޒީފާދޭ ފަރާތަކުން އެކަށީގެންވާފަދަ އުޒުރެއް ހުށަހަޅައިފިނަމަ، އެފަދަ ވަޒީފާދޭ ފަރާތްތަކުގެ ޖޫރިމަނާ މާފުކުރެވޭނީ އެ މައްސަލަ ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުގެ ބޯޑުން ބައްލަވައި، ބޯޑުގެ 3/2 އަޣުލަބިއްޔަތުން ޖޫރިމަނާ މާފުކުރަން ނިންމަވައިފި ހާލަތެއްގައެވެ.
12 ވަނަ ބައި
ފައިޑިއުށަރީން ގަވާއިދާ ހިލާފުވުން
36 ވަނަ މާއްދާ - ޕެންށަން އެސެޓްސްއާ މެދު ހިނގާނެ އުސޫލު
(ހ) ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދުގެ ދަށުން ޕެންށަން ސްކީމަށް ދައްކަންޖެހި ނުދައްކައިވާ ފައިސާ ބެލެވޭނީ އެއީ ޕެންށަން އެސެޓް ކަމުގައެވެ. އެހެންކަމުން، އެފަދަ ފައިސާ އެފަރާތެއްގެ ބެލުމުގެ ދަށުގައި ނުވަތަ ބާރުގެ ދަށުގައިވާ ވަޒީފާ ދޭފަރާތްތަކުން، ޕެންށަނާބެހޭ ގާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ފައިޑިއުށަރީ ޑިއުޓީގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވާނެއެވެ.
(ށ) މި މާއްދާގެ (ހ) އާ ހިލާފު ވެއްޖެނަމަ، އެފަރާތެއްގެ މައްޗަށް، މަދަނީ އަދި ޖިނާޢީ ދަޢުވާ އުފުލުމަށްޓަކައި ކަމާބެހޭ ފަރާތަށް ހުށަހެޅުމުގެ ހައްގު، ޕެންށަނާބެހޭ ގާނޫނުގެ 24 ވަނަ މާއްދާއިން ޕެންށަން އޮފީހަށް ލިބިދެއެވެ.
37 ވަނަ މާއްދާ
މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ކަނޑައެޅޭ އަދަބުތަކާއި ޖޫރިމަނާތަކަކީ، އެއިން ކޮންމެ އަދަބަކާއި ޖޫރިމަނާއެއް، އެއްކޮށް ތަންފީޒުކުރުމުގެ ބޭނުމުގައި އަދި ނިޔަތުގައި ކަނޑައެޅޭ އަދަބުތަކަކާއި ޖޫރިމަނާތަކެކެވެ. މިގޮތުން އަރާފާނެ އޮޅުމެއް ފިލުވައިލުމަށްޓަކައި، މި ގަވާއިދުގެ ދަށުން ކަނޑައެޅޭ އެއްވެސް އަދަބެއް ނުވަތަ ޖޫރިމަނާއަކީ، އޭގެ ސަބަބުން މި ގަވާއިދުގެ ދަށުން ކަނޑައެޅޭ އެހެން އަދަބެއް ނުވަތަ ޖޫރިމަނާއެއް މާފުވާނޭ ނުވަތަ އެއަށް ލުޔެއް ލިބޭނޭ ކަމެއް ކަމުގައި ބަލައިގެން ނުވާނެއެވެ.
38 ވަނަ މާއްދާ - ފައިސާ ނުދައްކައިގެން ދެވޭ ނޯޓިސް
(ހ) ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ޕެންށަން ސްކީމަށް ވަޒީފާ ދޭފަރާތުން ފައިސާ ނުދައްކައިފިނަމަ، ފައިސާ ދެއްކުމަށް މި ގަވާއިދުގައި ކަ ނޑައަޅާފައިވާ މުއްދަތު ހަމަވި ތާރީހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި، ވަޒީފާ ދޭފަރާތުން ޕެންށަނާބެހޭ ގާނޫނާއި ނުވަތަ މި ގަވާއިދާ ހިލާފުވިކަން އަންގައި ނޯޓިހެއް އެ ފަރާތަކަށް ލަސްނުކޮށް ޕެންށަން އޮފީހުން ފޮނުވަން ވާނެއެވެ. މިގޮތުން ފޮނުވާ ނޯޓިހުގައި، ޕެންށަނާބެހޭ ގާނޫނާއި ނުވަތަ މި ގަވާއިދާ އެފަރާތުން ހިލާފުވެފައިވާ ގޮތުގެ ތަފްސީލާއި، ޕެންށަނާބެހޭ ގާނޫނާއި ނުވަތަ މި ގަވާއިދާ ހިލާފުވެފައިވާ ތާރީހާއި، ޕެންށަނާބެހޭ ގާނޫނާއި ނުވަތަ މި ގަވާއިދުގެ ދަށުން ދައްކަންޖެހި ނުދައްކައިވާ ފައިސާގެ އަދަދާއި، އަދި އެ ފަރާތުން ޢަމަލު ކުރަންވީގޮތް ބަޔާން ކުރަންވާނެއެވެ.
38 ވަނަ މާއްދާ - މައްސަލަ ށަރީޢަތަށް ހުށަހަޅާނެކަން އަންގައި ދެވޭ ނޯޓިސް
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ނޯޓިހާ އެއްގޮތަށް، އެ ނޯޓިހުގައި ބުނެފައިވާ މުއްދަތުގައި، ވަޒީފާ ދޭފަރާތުން ޢަމަލު ކޮށްފައި ނުވާނަމަ، ފައިސާ ދެއްކުމަށް މި ގަވާއިދުގައި ކަ ނޑައަޅާފައިވާ މުއްދަތު ހަމަވި ތާރީހުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާ އާއި ޖޫރިމަނާ ދައްކައި ނިންމުމަށް އަންގައި ދެވަނަ އަދި ފަހުގެ ނޯޓިސް ޕެންށަން އޮފީހުން އެ ވަޒީފާ ދޭފަރާތަކަށް ފޮނުވަން ވާނެއެވެ. އަދި މި ގޮތުން ފޮނުވާ ދެވަނަ ނޯޓިހުގައި، އެ ނޯޓިހުގައި ބުނެފައިވާގޮތަށް ޢަމަލު ނުކޮށްފިނަމަ، މައްސަލަ ށަރީޢަތަށް ފޮނުވުމުގެ އިހުތިޔާރު މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހަށް ލިބިގެންވާކަން ބަޔާން ކުރަންވާނެއެވެ.
13 ވަނަ ބައި
ވަޒީފާގެ އެއްބަސްވުން ހެދުން
39 ވަނަ މާއްދާ - ޕެންށަނަށް ފައިސާ ދެއްކުމާ ބެހޭ މާއްދާއެއް ވަޒީފާގެ އެއްބަސްވުމުގައި ހިމެނުން
(ހ) ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދެއްކުމަށްޓަކައި، މުސާރައިން އުނިކުރާނެކަމާއި އުނިކުރާނެ މިންވަރާއި، އުނިކުރާނެ އުސޫލު ހިމެނޭ މާއްދާއެއް ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ސޮއިކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި އޮތްކަން، ވަޒީފާ ދޭފަރާތުން ކަށަވަރުކުރަން ވާނެއެވެ.
(ށ) ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޕެންށަން ސްކީމަށް ދެއްކުމަށްޓަކައި މުވައްޒަފުގެ މުސާރައިން ފައިސާ އުނިކުރުމުގެ ކުރިން، މި މާއްދާގެ (ހ) ގައި ބުނެފައިވާ ށަރުތު ފުރިހަމަ ވާގޮތަށް، ވަޒީފާގެ އެއްބަސްވުން އިސްލާހު ކުރުމަކީ ވަޒީފާ ދޭފަރާތުގެ ޒިންމާއެކެވެ.
14 ވަނަ ބައި
ޕެންށަން ސްކީމަށް ދައްކާ ފައިސާއިން ޓެކްސް ނެގުމުން އިސްތިސްނާވުން
40 ވަނަ މާއްދާ - ޓެކްސް ނެގުމުން އިސްތިސްނާވުން
މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ޕެންށަން ސްކީމަށް، ވަޒީފާ ދޭފަރާތުންނާއި، ވަޒީފާ އަދާކުރާ ފަރާތުންނާއި، އަދި އަމިއްލަ މަސައްކަތް ކުރާ މީހުން ދައްކާ ފައިސާއިން، އިންކަމް ޓެކްސް ނެގުމުން އިސްތިސްނާ ވާނެއެވެ.
15 ވަނަ ބައި
އިންތިގާލީ އިންތިޒާމުތަކާއި އަމަލުކުރަން ފަށާ ތާރީހުތައް
41 ވަނަ މާއްދާ - ސްކީމަށް ފައިސާ ދައްކަން ފަށަންޖެހޭ ތާރީހް
(ހ) ތިރީގައި ބަޔާން ކޮށްފައިވާ ތާރީހު ތަކުން ފެށިގެން، ދައުލަތުގެ ވަޒީފާ ދޭފަރާތްތަކާއި ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކާއި، ދައުލަތް ފިޔަވައި އެހެނިހެން ވަޒީފާދޭ ފަރާތްތަކާއި )ޕްރައިވެޓް ސެކްޓަރ އެމްޕްލޯޔަރުން) އެތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން، ޕެންށަނާބެހޭ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޕެންށަން ސްކީމަށް ފައިސާ ދެއްކުން ލާޒިމުވާނެއެވެ.
(ށ)
- ދައުލަތުގެ ވަޒީފާ ދޭފަރާތްތަކުން، 15 އެޕްރީލް 2010 ގެ ކުރިން ޕެންށަން އޮފީހުގައި ރަޖިސްޓަރީކޮށް، އަދި 1 މޭ 2010 އިން ފެށިގެން ދޭ މުސާރައިން ޕެންށަން ސްކީމަށް ފައިސާ ދައްކަން ވާނެއެވެ.
- ދައުލަތް ފިޔަވައި އެހެނިހެން ވަޒީފާ ދޭފަރާތްތަކުން ޕެންށަން ސްކީމުގައި ބައިވެރިވާނީ، ތިރީގައި ބަޔާން ކޮށްފައިވާ ތާރީހުން ފެށިގެންނެވެ.
(ނ)
- ސަރުކާރު ކުންފުނިތަކާއި ޕަބްލިކް ލިމިޓެޑް ކުންފުނިތަކުން، 1 އޭޕްރީލް 2011 ގެ ކުރިން ޕެންށަން އޮފީހުގައި ރަޖިސްޓަރީކޮށް، އަދި 1 މޭ 2011 އިން ފެށިގެން ދޭ މުސާރައިން ޕެންށަން ސްކީމަށް ފައިސާ ދައްކަން ފަށަން ވާނެއެވެ.
- ދައުލަތް ފިޔަވައި އެހެނިހެން ވަޒީފާ ދޭފަރާތްތަކުގެ ތެރޭގައި ހިމެނޭ، މި މާއްދާގެ (ނ)ގެ 1 ގައި ބަޔާން ކޮށްފައިވާ ވަޒީފާ ދޭފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން، 15 އެޕްރީލް 2011 ގެ ކުރިން ޕެންށަން އޮފީހުގައި ރަޖިސްޓަރީކޮށް، 1 މޭ 2011 އިން ފެށިގެން ދޭ މުސާރައިން ޕެންށަން ސްކީމަށް ފައިސާ ދައްކަން ފަށަން ވާނެއެވެ.
(ރ) އަމިއްލަ މަސައްކަތް ކުރާ މީހުން، 1 މޭ 2011 އިން ފެށިގެން ސްކީމްގައި ބައިވެރިވެ، ސްކީމަށް ފައިސާ ދެއްކުމުގެ އިހުތިޔާރު އެ ފަރާތަށް ލިބިގެން ވެއެވެ.
(ބ) ވަޒީފާ އަދާކުރާ ފަރާތުގެ އިހުތިޔާރުގައި، 1 މޭ 2011 އިން ފެށިގެން ވޮލަންޓަރީ ކޮންޓްރިބިއުށަންގެ ގޮތުގައި ސްކީމަށް ފައިސާ ދެއްކި ދާނެއެވެ.
42 ވަނަ މާއްދާ - ދައުލަތުގެ މުވައްޒަފުން ސްކީމުގައި ބައިވެރިކުރުން
ދައުލަތުގެ ވަޒީފާ ދޭފަރާތްތަކުންވެސް، މި ގަވާއިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް، ޕެންށަން އޮފީހުގައި ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި އެތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރި ކުރަންވާނެއެވެ.
43 ވަނަ މާއްދާ - ޕެންށަނަށް ބަލާމުސާރަ
(ހ) 1 މޭ 2012 ގެ ކުރިން ދެވޭ މުސާރައަށް ނިސްބަތްކޮށް "ޕެންށަނަށް ބަލާ މުސާރަ" ކަމަށް ބުނެފައި އެވަނީ، އަސާސީ މުސާރަ އަށެވެ. އަސާސީ މުސާރައަކީ، ވަޒީފާގެ އެއްބަސްވުމުގައި އަސާސީ މުސާރަ ކަމަށް ބަޔާން ކޮށްފައިވާ އަދަދެވެ. އަދި މިގޮތުން އަރާފާނެ އޮޅުމެއް ފިލުވާލުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ހާލަތެއްގައި، އަސާސީ މުސާރައިން ޕެންށަން ސްކީމަށް ދެއްކުމަށްޓަކައި %7 އުނިކުރާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަސާސީ މުސާރައިން އުނިކުރަންޖެހޭ އަދަދު އުނިކުރުމަށްފަހު، އެމަހަކު އެ މުވައްޒަފަކަށް އަސާސީ މުސާރައިން ދޭންޖެހޭ އަދަދަށް ނިސްބަތްކޮށެވެ.
- ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން، ގަޑިލާރީގެ ގޮތުގައި އަސާސީ މުސާރައިން ބައެއް އުނިކޮށްފައިވާނަމަ އެ އަދަދެއް. އަދި،
- އޮފީހަށް ނުނިކުންނަ ދުވަހަށް އަސާސީ މުސާރައިން ބައެއް އުނިކޮށްފައިވާނަމަ އެ އަދަދެއް. އަދި،
- ވަޒީފާ ފެށުނު ނުވަތަ ފަޒީފާ ނިމުނު ތާރީހަށް ބަލައި އެ މަހެއްގައި މުސާރަ ދޭންނުޖެހޭ ދުވަސްތަކަށް އަސާސީ މުސާރައިން ބައެއް އުނިކޮށްފައިވާނަމަ އެ އަދަދެއް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުތައް ފިޔަވައި އެހެން ހާލަތެއްގައި، ވަޒީފާގެ އެއްބަސްވުމުގައި ވާގޮތުގެ މަތިން އަސާސީ މުސާރައިން ބައެއް އުނިކުރާނަމަވެސް، އެ މިންވަރެއް އުނިކުރާނީ ޕެންށަން ސްކީމަށް ދައްކަންޖެހޭ ފައިސާ އުނިކުރުމަށް ފަހުގައެވެ.
(ނ) 1 މޭ 2012 ގެ ފަހުން ދެވޭ މުސާރައަށް ނިސްބަތްކޮށް "ޕެންށަނަށް ބަލާ މުސާރަ" މި ގަވާއިދުގެ 15 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަނޑައަޅަން ވާނެއެވެ.
44 ވަނަ މާއްދާ - ޕެންށަން ލިބެމުންދާ މީހުންގެ ޕެންށަން ހައްގުތައް ރައްކާތެރި ކުރުން
(ހ) ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ޢަމަލުކުރަން ފަށާއިރު (01 މޭ 2010) ، އުމުރުން 65 އަހަރު ނުވަތަ އެއަށްވުރެ ދުވަސްވީ މީހުންނަށް، ލިބެމުންދާ ޕެންށަން، އެ މީހުންގެ މުޅި އުމުރަށް ލިބިދެވޭނެއެވެ.
(ށ) 13 މޭ 2009 ގައި ދައުލަތުގައި ވަޒީފާ އަދާކޮށްފައިނުވާ، 20 އަހަރު ނުވަތަ 40 އަހަރުގެ ޕެންށަން ލިބެމުންދިޔަ ފަރާތްތަކަށް އެ ޕެންށަން އުމުރަށް ފޯރުވައިދެވޭނެއެވެ.
(ނ) ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ޢަމަލުކުރަން ފަށާއިރު (01 މޭ 2010) ، އުމުރުން 65 އަހަރު ހަމަނުވާ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި ހިމެނޭ މީހުންނަށް، ކުރިން ލިބެމުން ދިޔަ ޕެންށަން، ޕެންށަނަށް ބަލާ އުމުރު ހަމަވަންދެން (65 އަހަރު) ލިބިދެވޭނެއެވެ.
(ރ) ޕެންށަނާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައިވާގޮތުން، ޕެންށަނާބެހޭ ގާނޫނަށް ޢަމަލުކުރަން ފަށާއިރު (13 މޭ 2009) ،އުމުރުން 65 އަހަރުނުވާ ދައުލަތުގެ މުވައްޒަފުންނަށް ލިބެންޖެހޭ އެކްރޫޑް ޕެންށަން ހައްގުތައް، ސަރުކާރުގެ ރިކޮގްނިށަން ބޮންޑްސް ގެ ގޮތުގައި އެމީހުންގެ ރިޓަޔަރމަންޓް ސޭވިގްންސް އެކައުންޓަށް ޖަމާކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ރ) ގައިވާގޮތުން ޖަމާކުރެވޭ ރިކޮގްނިށަން ބޮންޑްތައް ވާންޖެހޭނީ، ޕެންށަނާބެހޭ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެ މީހަކަށް ލިބެންޖެހޭ އެކްރޫޑް ޕެންށަން ހައްގުތަކާ އެއްވަރުގެ ކެޕިޓަލްއެއް ކަމުގައެވެ. އަދި އެ ކެޕިޓަލްއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ކަމާބެހޭ ގަވާއިދުތަކުގެ ދަށުން ކަނޑައަޅާ އިންޓްރެސްޓް ރޭޓަކުން އިންޓަރެސްޓް ދެވޭނެއެވެ.
45 ވަނަ މާއްދާ - އިތުރު އުސޫލުތައް އެކުލަވައިލުން
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމަށް ފައިސާ ދެއްކުމާއި، އެއާގުޅޭ މަޢުލޫމާތު ޕެންށަން އޮފީހަށް ހުށަހެޅުމުގައި ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރާނެ ގޮތުގެ ތަފުސީލު އުސޫލުތައް ބަޔާންކޮށް، އިންސްޓްރަކްށަން މެނުއަލެއް އެކުލަވައިލައި، އެކަން އާންމުކޮށް އިޢުލާން ކުރަންވާނެއެވެ.
16 ވަނަ ބައި
އެހެނިހެން ކަންތައްތައް
46 ވަނަ މާއްދާ - މާނަކުރުން
އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާހައި ހިނދަކު، މިގަވާއިދުގައި ބޭނުން ކޮށްފައިވާ ބަސްތަކާއި ލަފުޒުތައް ބޭނުން ކޮށްފައި އެވަނީ، ޕެންށަނާބެހޭ ގާނޫނުގައި އެ ބަސްތަކާއި ލަފުޒުތަކަށް ދީފައިވާ މާނައިގައެވެ.
"އެމްޕްލޯޔަރ އައިޑީ" ކަމަށް ބުނެފައި އެވަނީ، ވަޒީފާ ދޭފަރާތް ފުރަތަމަ ރަޖިސްޓަރީކޮށް އެތަނުގެ މުވައްޒަފުން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރިކުރާއިރު، ޕެންށަން އޮފީހުން އެ ވަޒީފާ ދޭފަރާތަށް ކަނޑައަޅާ ނަންބަރަށެވެ.
"ރިސިޕްޓް ނޯޓިސް" ކަމަށް ބުނެފައި އެވަނީ، ސްޓޭޓްމަންޓް އޮފް ޕެންށަން ކޮންޓްރިބިއުށަންސް ހުށަހެޅުމުން ވަޒީފާދޭ ފަރާތަށް، ޕެންށަން އޮފީހުންދޭ ނޯޓިހަށެވެ. މި ނޯޓިހުގައި، އެ ހުށަހެޅުން ގަބޫލު ކުރިކަން ނުވަތަ ނޫންކަމާއި، ވަޒީފާ ދޭފަރާތުގެ މަޢުލޫމާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މަޢުލޫމާތާއި، (ވަޒީފާ ދޭފަރާތުން ބަޔާންކޮށްފައިވާ ގޮތަށް)، އަދި އެ ހުށަހެޅުމާގުޅިގެން ސްކީމަށް ފައިސާ ދައްކަން ޖެހޭނަމަ ޕޭމަންޓް ވައުޗަރެއް ހިމެނޭނެއެވެ.
"ވަޒީފާ އަދާކުރާ ފަރާތް" ނުވަތަ "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުން އުޖޫރަދޭ، އަދި ވަޒީފާދޭ ފަރާތަށް ޖަވާބުދާރީވާން ޖެހޭގޮތަށް މަސައްކަތްކުރާ ނުވަތަ އިދާރީ އޮނިގަ ނޑުގެ ތެރޭގައި ހިމެނިގެން މަސައްކަތްކުރާ ކޮންމެ ފަރުދަކަށެވެ.
"މަހު މުސާރަ" ކަމަށް ބުނެފައި އެވަނީ، ކޮންމެ މަހަކު އެއްފަހަރު ދެވޭ މުސާރަޔަށް ނުވަތަ މުވައްޒަފަކަށް މުސާރަދޭއިރު ކޮންމެ ދުވަހަކަށް މުސާރަދެވޭނަމަ އެ މުސާރަ މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރަޔަށް، ނުވަތަ ކޮންމެ ހަފުތާއަކުން މުސާރަދެވޭނަމަ އެމުސާރަ، މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރަޔަށް، ނުވަތަ މިނޫންވެސް އުސޫލަކުން ދެވޭ މުސާރަ މަހަކަށް ހިސާބުކުރުމުން ޖެހޭ މުސާރަޔަށެވެ.
"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާ ބެހޭ ގާނޫނުގައި އެލަފުޒަށް ދީފައިވާ މާނަ ދޭހަވާ ގޮތުން ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއި ގައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް މިއިން އިސްތިސްނާ ކުރެވިގެންނެވެ.
"ސެލްފް އެމްޕްލޯއިޑް" ނުވަތަ "އަމިއްލަ ވަޒީފާގައި އުޅޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ ގާނޫނުގައިވާ ފަދައިން އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނެހެން އަދި ވަޒީފާދޭ ފަރާތެއްގެ ބާރު ނުފޯރާނެހެން ނުވަތަ ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުން ކުރާކަމަކަށް ނުވާނޭ ގޮތަށް، މުދާ ވިއްކައިގެން ނުވަތަ ހިދުމަތެއް ދީގެން ނުވަތަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށެވެ.
"ސްޓޭޓްމެންޓް އޮފް ޕެންށަން ކޮންޓްރިބިއުށަން (އެސްޕީސީ)" ކަމަށް ބުނެފައި އެވަނީ، މައިކްރޯސޮފްޓް އޮފީސް އެކްސެލް ސްޕްރެޑްށީޓެއް މެދުވެރިކޮށް މުވައްޒަފުން ޕެންށަން އޮފީހުގައި އެންރޯލް ކުރުމަށާއި ފައިސާ ދެއްކިކަން ޕެންށަން އޮފީހަށް އެންގުމަށާއި، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެޖެސްޓްމަންޓް ހެދުމަށް ބޭނުންކުރާ ކަރުދާހަށެވެ.
47 ވަނަ މާއްދާ
މި ގަވާއިދުގައި މުފުރަދުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ ޖަމްޢު މާނައިގައްޔާއި ޖަމްޢުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ މުފުރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.
48 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލު ކުރަން ފަށާނީ، މިގަވާއިދު ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
49 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން
މި ގަވާއިދަށް އިސްލާހެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި އެ އިސްލާހެއް ގެނައުމުގެ ބާރު ލިބިގެންވަނީ މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީހުގެ ބޯޑަށެވެ.
މިގަވާއިދަށް ގެނެވުނު އިސްލާހު
ކޮންސޮލިޑޭޓެޑް ގަވާއިދު
ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-20)
ކިޔުންތެރިންގެ ހިޔާލު