-

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 34/2012)

އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 116/2015) 

 

1 ވަނަ މާއްދާމުދާ އެކްސްޕޯޓްކުރުމާއި، އިމްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ ފަހަތަށް، 30 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކޮށް، އެ މާއްދާގެ ފަހަތަށް ހުރި މާއްދާތައް ތަރުތީބު ކުރުން.

30. މުދަލުގެ ބާވަތްތައް މާނަކުރުން

ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓުގެ ގާނޫނު) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗެޕްޓަރު 27 ގެ (ށ)، ޗެޕްޓަރު 33 ގެ (ނ)، ޗެޕްޓަރު 43 ގެ (ނ) އަދި ޗެޕްޓަރު 89 ގެ (ށ) ގައި ބަޔާންކޮށްފައިވާ، މުދަލުގެ ބާވަތްތައް މާނަކުރުމުގައި އަމަލުކުރާނީ، ތިރީގައިވާ ގޮތަށެވެ.

(ހ) ޗެޕްޓަރު 27 ގެ (ށ) ގައި ބަޔާންކޮށްފައިވާ ތެލުގެ ބާވަތްތަކުގެ ގޮތުގައި ބަލާނީ؛ ޕެޓްރޯލް، ޑީސަލް، ޖެޓް އޭވަން ފިއުލް (އޭވިއޭށަން ގޭސް) އަދި ކަރާސީނު ތެލެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ތެލުގެ ބާވަތްތަކުގެ ތެރޭގައި، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (ކުކިންގ ގޭސް) ނުހިމެނޭނެއެވެ.

(ނ) ޗެޕްޓަރު 33 ގެ (ނ) ގައި ބަޔާންކޮށްފައިވާ ލަގްޒަރީ ކޮސްމެޓިކްސް އަދި ޗެޕްޓަރު 34 ގެ (ނ) ގައި ބަޔާންކޮށްފައިވާ، ކޮސްމެޓިކްސްގެ ބާވަތްތައް ދެނެގަތުމުގައި ބަލާނީ، ރީތިވުމަށާއި ޒީނަތްތެރިވުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން، ޒަރޫރީ ބޭނުމަށް ބޭނުންކުރާ ކޮސްމެޓިކްސްގެ ބާވަތްތައް ފިޔަވައި، އެހެނިހެން ބާވަތްތަކުގެ ކޮސްމެޓިކްސްއަކީ ލަގްޒަރީ ކޮސްމެޓިކްސް ކަމަށެވެ.

(ރ) މި މައްދާގެ (ނ) ގައިވާ ފަދައިން، ރީތިވުމަށާއި ޒީނަތްތެރިވުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން، ޒަރޫރީ ބޭނުމަށް ބޭނުންކުރާ ކޮސްމެޓިކްސްގެ ބާވަތްތަކުގެ ގޮތުގައި ބަލާނީ، ތިރީގައި ބަޔާންކުރާ އައިޓަމުތަކެވެ. މިނޫން ހުރިހާ އައިޓަމުތަކަކީ ލަގްޒަރީ ކޮސްމެޓިކްސްގެ ގޮތުގައި ބެލެވޭނެ ތަކެއްޗެވެ.

  1. ށޭމްޕޫ އަދި ހެއަރ ކޮންޑިށަނަރ
  2. ގައިގަ ލާ ލޯށަން އަދި ކްރީމް
  3. ސައިބޯނި އަދި ގައި ދޮވުމަށް ބޭނުން ކުރާ ތަވެތި
  4. ދަތް އުނގުޅާ ބޭސް
  5. ބޮޑީ ސްޕްރޭ އަދި ޑިއޮޑޮރެންޓް
  6. މޫނުގައި އަދި ގައިގައި ޖަހާ ފުށް
  7. ށޭވިންގ ޕްރިޕަރޭށަންސް އަދި ހެއަރ ރިމޫވިންގ ޕްރެޕެރޭށަންސް
  8. ބޮލުގައިލާ ތެޔޮ، ކްރީމް، ޖެލް އަދި ސްޕްރޭ (ބޯ ފަންކުރުމަށާއި، ބުޅި ކުރުމަށް އަދި ކުލަޖެއްސުމަށް ބޭނުންކުރާ ތަކެތި ފިޔަވައި)
  9. އަނގަ ދޮވުމަށް / ސާފުކުރުމަށް ބޭނުންކުރާ ތަކެތ
  10. ފޭސް ވޮޝް ނުވަތަ ފޭސް ކްރިމްގެ ގޮތުގައި ބޭނުންކުރާ ތަކެތި
  11. ކޯލޯން
  12. ސަން ސްކްރީން އަދި ސަންޓޭން ޕްރިޕަރޭށަން 

(ބ) ޗެޕްޓަރު 89 ގެ (ށ) ގައި ބަޔާންކޮށްފައިވާ، ފަތުރުވެރިކަމަށް ބޭނުންކުރުމަށް ގެންނަ ކަނޑުގައި ދުއްވާ ލަގްޒަރީ އުޅަނދުފަހަރު ކަމުގައި ބަލާނީ، މި  މާއްދާގެ (ޅ)، (ޚ) އަދި (އ) ގައި ބަޔާންކުރާ ތިން ބާވަތުގެ އުޅަނދުފަހަރެވެ.

(ޅ) ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް އުފައްދާފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން، 1 ނުވަތަ އެއަށްވުރެ ގިނަ ކެބިން ގާއިމުކުރެވިފައިވާ އުޅަނދުފަހަރު؛ މިފަދަ އުޅަނދުފަހަރުގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. މަދުވެގެން 1 ކެބިން، ފަސިންޖަރުންނަށް ހާއްސަ ކުރެވިފައިވުމާއި، ނިދުމާއި ފާހާނާ ކުރުމާއި، ފެންވެރުމުގެ ހިދުމަތް ލިބެން ހުރުން؛
  2. ކައްކައި ކެއުމުގެ ހިދުމަތް ދެވެންހުރި އުޅަނދަކަށްވުން؛
  3. ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގެންނަ އުޅަނދަކަށްވުން؛
  4. އުޅަނދަކީ 15 އަހަރު ނުވާ އުޅަނދަކަށްވުން؛
  5. 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދެއްނަމަ، އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީއަކުން ކްލެސިފައިކޮށް، ކްލާސް ސެޓްފިކެޓް ލިބިފައިވާ އުޅަނދަކަށްވުން.

(ކ) ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް އުފައްދާފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން، ކެބިން ގާއިމުކުރެވިފައި ނުހުންނަ އުޅަނދުފަހަރު، މިފަދަ އުޅަނދުފަހަރުގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1.  ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ނުވަތަ ފަތުރުވެރިން ބޭނުނުންކުރުމަށް ގެންނަ އުޅަނދަކަށްވުން؛
  2. އުޅަނދަކީ 15 އަހަރު ނުވާ އުޅަނދަކަށްވުން.
  3. 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދެއްނަމަ، އިންޓަރނޭށަނަލް އެސޯއިސޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީއަކުން ކްލެސިފައިކޮށް، ކްލާސް ސެޓްފިކެޓް ލިބިފައިވާ އުޅަނދަކަށްވުން.

(އ) ފަތުރުވެރިކަމުގެ ބޭނުމަށް ގެންނަ ސަބްމެރިން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް ގެނެވޭ އިސްލާހަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 34/2012)ޖު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު