-

ރިހެބިލިޓޭށަންއާއި ރީ-އިންޓެގްރޭށަންއާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު

(ގަވާއިދު ނަންބަރު 58/2021)

 

1 ވަނަ މާއްދާ - ތައާރަފު

މިއީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދަށުން، ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅިދާނެ ފަރާތްތައް އެފަދަ އަމަލުތަކުން ދުރުކޮށް، މުޖުތަމައަށް އަނބުރާ ރުޖޫއަކުރުމަށް ޓަކައި ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި، އެ ޕްރޮގްރާމްތައް ހިންގޭނެ ގޮތުގެ ތަފުސީލުތައް ބަޔާންކުރުމަށާއި، އެ ފަރާތްތައް މުޖުތަމައަށް އަނބުރާ ދޫކުރުމުގެ ކުރިން ހަދަންޖެހޭ އެސެސްމަންޓް ހެދުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 8 ވަނަ ބާބާއި 9 ވަނަ ބާބުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ، "ރިހެބިލިޓޭށަންއާއި ރީ-އިންޓެގްރޭށަންއާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް ތިރީގައި މިވަނީއެވެ.

(ހ) ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅިދާނެ ފަރާތްތައް އެފަދަ އަމަލުތަކުން ދުރުކޮށް، މުޖުތަމައަށް އަނބުރާ ރުޖޫއަކުރުމަށް ޓަކައި ގާނޫނުގެ 21-60 ވަނަ މާއްދާގެ ދަށުން އެ ފަރާތްތަކަށް ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި، އެ ޕްރޮގްރާމްތައް ހިންގޭނެ ގޮތުގެ ތަފުސީލުތައް ބަޔާންކުރުން؛

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރިހެބިލިޓޭށަން ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތެއް، ގާނޫނުގެ 22-60 ވަނަ މާއްދާގެ ދަށުން މުޖުތަމައަށް އަނބުރާ ދޫކުރުމުގެ އުސޫލުތަކާއި، މުޖުތަމައަށް އަނބުރާ ދޫކުރުމުގެ ކުރިން ހަދަންޖެހޭ އެސެސްމަންޓް ހެދުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމާއި، އެ ކަންކަމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން.

(ނ) ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ވަގުތީ މަރުކަޒުތަކުގައި ބަންދުކުރާ މީހުންނަށް މަރުކަޒުން ލިބެންޖެހޭ ހިދުމަތްތައް ބަޔާންކުރުން.

 

އެއްވަނަ ބާބު

މަރުކަޒުތަކަށް ގެންނަ މީހުންނާމެދު އަމަލުކުރާނެ ގޮތް

4 ވަނަ މާއްދާ - ވަގުތީ މަރުކަޒުތަކަށް ގެންނަ މީހުން

(ހ) ގާނޫނުގެ 6-60 މާއްދާގެ ދަށުން ގާއިމުކުރާ ވަގުތީ މަރުކަޒުތަކަށް ގެނެވޭނީ އަންނަނިވި ފަރާތްތަކެވެ.

  1. ގާނޫނުގައި ބަޔާންކޮށްފައިވާ މޮނިކޮން އަމުރެއް އެ މީހެއްގެ މައްޗަށް ނެރެފައިވާ ކޮންމެ މީހެއް؛
  2. ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެ މީހުންނާއެކު އަންނަ އެ މީހުންގެ އާއިލާ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އަނބުރާ އަންނަ ހަނގުރާމަވެރިންނާއި އެ މީހުންގެ އާއިލާގެ މެންބަރުން ބަންދުކޮށްފައި ބައިތިއްބާނީ، އެ މީހުންގެ ރިސްކް އެސެސްމަންޓް ހަދައި،  އެ މީހުންނާމެދު ގޮތެއް ކަނޑައެޅެންދެނެވެ.

 

5 ވަނަ މާއްދާ - ވަގުތީ މަރުކަޒުތަކުގައި ބަންދުކުރުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މަރުކަޒަށް ގެނެވޭ މީހުން ބަންދުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. ޓެރަރިޒަމްގެ އަމަލުތައް ހިންގިކަމަށް ތުހުމަތުކުރެވޭ ބޮޑެތި މީހުން ބަންދުކުރާ މަރުކަޒެއްގައި؛
  2. ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ، ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި؛
  3. ޓެރަރިޒަމްގެ އަމަލުތައް ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ އާއިލާގެ މެންބަރުންގެ ތެރެއިން ކުށުގެ ށިކާރައަކަށް ވެފައިވާ ކަމަށް ބެލެވޭ އަންހެނުންނާއި ކުޑަކުދިން ބައިތިއްބާ މަރުކަޒެއްގައި.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތައް، އެއް އިމާރާތެއްގައި ހުރުމަކަށް މި ގަވާއިދު ހުރައެއްނާޅައެވެ. އެފަދަ މަރުކަޒުތައް ހުންނަންވާނީ، އެއިން ކޮންމެ މަރުކަޒެއްގައި ތިބޭ މީހުން، އެއްބަޔަކު އަނެއް ބަޔަކާ ދިމާވެ، މުއާމަލާތު ނުކުރެވޭނެ ގޮތަކަށެވެ.

 

6 ވަނަ މާއްދާ - އަނބުރާ އަންނަ ހަނގުރާމަވެރިންނާމެދު އަމަލުކުރާނެ ގޮތް

މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބަންދުކުރާ މީހުންނާމެދު އަންނަނިވި ގޮތުގެ މަތިން އަމަލު ކުރަންވާނެއެވެ.

(ހ) އެ މީހުން ބަންދުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ކަމުގައި ނުވާނަމަ، އެފަދައިން ބަންދުކުރާ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، އެ މީހުން ބަންދުކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާމެދު ގޮތެއް ނިންމުން.

(ށ) އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ވަގުތުން ފެށިގެން، މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ހަދާ ރިސްކް އެސެސްމަންޓަށްފަހު ގިންތިކުރުމާ ހަމައަށް، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، ގާނޫނީ ވަކީލުގެ އެހީތެރިކަން ލިބިގަތުމުގެ ހައްގު އެ މީހުންނަށް ލިބިދިނުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދިނުމުގައި، ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިންގުމަށް އެ މާއްދާ ހުރަހެއް ނާޅައެވެ.

(ރ) އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ވަގުތުން ފެށިގެން، މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ހަދާ ރިސްކް އެސެސްމަންޓަށްފަހު ގިންތިކުރުމާ ހަމައަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާއިލާއާ ބައްދަލުކުރުމުގެ ހައްގު      އެ މީހުންނަށް ލިބިދިނުން.

(ބ) އެ މީހުންނަކީ ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމަށް ތަމްރީނު ލިބިފައިވާ ބައެއްތޯ ނުވަތަ ކުށުގެ ށިކާރައަކަށް ވެފައިވާ ބައެއްތޯ ބެލުމަށް ޓަކައި، އެ މީހުންގެ ރިސްކް އެސެސްމަންޓެއް ހެދުން.

(ޅ) އެ މީހުންގެ ރިސްކް އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، އެ މީހަކީ، ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވާ މީހެއް ކަމަށް ބެލެވޭނަމަ، އެ މީހަކީ، ކުށުގެ ތުހުމަތުކުރެވޭ މީހެއް ކަމުގައި ކަނޑައެޅުން.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ތުހުމަތުކުރެވޭ މީހުން ކަމުގައި ކަނޑައެޅޭ މީހުން ބަންދުކޮށް، އެ މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ށަރީއަތް ހިންގައި ނިމެންދެން މަރުކަޒުގައި ބަންދުކުރުން.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ޖިނާއީ ތަހުގީގު ފުރިހަމަކޮށް، ގާނޫނުގެ 1-28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

(ވ) މި މާއްދާގެ (ޅ) ގެ ދަށުން ތުހުމަތުކުރެވޭ ފަރާތަކީ ކުޑަކުދިން ކަމުގައި ވާނަމަ، އެ ކުދިން ބަންދުގައި ބޭތިއްބުމުގައި، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން.

(މ) އެ މީހުންގެ ރިސްކް އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، އެ މީހަކީ، ޓެރަރިޒަމްގެ އަމަލުތައް ކުރިކަމަށް ނުވަތަ ކުރުމުގައި ބައިވެރިވި ފަރާތެއް ކަމުގައި ނުބެލެވޭ ކަމުގައި ވާނަމަ، ނުވަތަ އެފަދަ އަމަލުތައް ކުރުމަށް ތަމްރީނު ހޯދައިފައިވާ ފަރާތެއް ކަމުގައި ނުވާނަމަ، އެ މީހަކީ، ކުށުގެ ށިކާރައަކަށް ވެފައިވާ މީހެއް ކަމުގައި ކަނޑައެޅުން.

 

ދެވަނަ ބާބު

ކުޑަކުދިންނާމެދު އަމަލުކުރާނެ ގޮތް

7 ވަނަ މާއްދާ - ށިކާރައަކަށްވެފައިވާ ކުޑަކުދިން

(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި، ބައިވެރިވުމަށްފަހު، ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު، އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއެކު އަންނަ ކުދިންނަކީ ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންކަމުގައި ބަލައި، އެ ކުދިންނަށް ލިބިދޭންޖެހޭ ރައްކައުތެރިކަން ލިބިދޭންވާނެއެވެ.

(ށ) ވަކި ކުއްޖަކީ ބޮޑު މީހެއްކަމަށް ޔަގީންކުރެވެންދެން ބަލަންވާނީ، އެ ކުއްޖާއަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރައްކައުތެރިކަން ލިބިގެންވާ ކުއްޖެއް ކަމުގައެވެ.

 

8 ވަނަ މާއްދާ - ތުހުމަތުކުރެވޭ ކުޑަކުދިން

(ހ) ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު، ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ގޮސް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމަށްފަހު، ނުވަތަ ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ލިބުމަށްފަހު ރާއްޖެއަށް އަންނަ ކުޑަކުދިންނަކީ،  މި ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ރިސްކް އެސެސްމަންޓް ހެދުމަށްފަހު،  ގާނޫނުގެ 13-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައިވާ ކުއްޖެއްނަމަ، އެ ކުއްޖަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތެއްކަމަށް ބަލަންވާނެއެވެ.

(ށ) ޓެރަރިޒަމްގެ ތުހުމަތުކުރެވޭ ކުޑަކުދިން ބައިތިއްބާނީ، ގާނޫނުގެ 6-60 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރުކަޒެއްގައެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުދިން، އެ ކުދިންގެ މައިންބަފައިންނާ އެކުގައި ތިބުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

 

9 ވަނަ މާއްދާ - ކުޑަކުދިން މައިންބަފައިންނާ ވަކިކުރުން

(ހ) އާންމު އުސޫލެއްގެ ގޮތުން ކުށުގެ ށިކާރައަކަށް ވެފައިވާ ކުޑަކުދިން، އެ ކުދިންގެ މައިންބަފައިންނާ ވަކިކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި ކުޑަކުދީންގެ މަސްލަހަތު ރައްކައުތެރި ކުރުމަށް ޓަކައި، އެ ކުދިން އެކުދީންގެ މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިހްތިޔާރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަތަކުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށް ލިބިގެންވެއެވެ.

  1. ޖިސްމާނީ އަނިޔާއިން ރައްކައުތެރިކުރުމަށް؛
  2. ނަފްސާނީ އަނިޔާއިން ރައްކައުތެރިކުރުމަށް؛
  3. އަޅައިނުލުމުން ނުވަތަ އިހުމާލުވުމުން ރައްކައުތެރިކުރުމަށް؛
  4. ނާޖާއިޒު ފައިދާ ނެގުމުން ރައްކައުތެރިކުރުމަށް؛
  5. ހެދިބޮޑުވުމަށް ހުރަސްއެޅޭ އެންމެހައި ށިކާރަތަކުން ރައްކައުތެރިކުރުމަށް؛
  6. ރައްކައުތެރި މާހައުލަކަށް ބަދަލުކުރަންޖެހޭކަމަށް ފާހަގަވުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ވެސް، ކުޑަކުދިން އެ ކުދިންގެ މައިންބަފައިންނާ ވަކިކުރަންވާނީ، އެއީ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތްކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށް ފެންނަ ހާލަތުގައެވެ.

 

10 ވަނަ މާއްދާ - ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ހަގު އުމުރުގެ ކުދިން

(ހ) އުމުރުން 2 (ދޭއް) އަހަރު ނުވާ ކުޑަކުދިން، އެ ކުދިންގެ މައިންނާއި ވަކިކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އެ ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ އެ ކުއްޖާގެ މަންމަޔާ  ވަކިކުރުން ކަމުގައި ވާނަމަ، އެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެނެސް، ކުއްޖާގެ އާއިލާގެ އެހެން މެންބަރަކާ ނުވަތަ މެންބަރުންނާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން ހަވާލުކުރެވިދާނެއެވެ. މިގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއިން ހަދާ އެސެސްމަންޓަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ ތަރުތީބުން، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ފަރާތަކާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަވާލުކުރުމަށް ކަނޑައެޅިދާނެއެވެ.

  1. ކުއްޖާގެ މަންމަގެ މަންމަ؛
  2. ކުއްޖާގެ ބައްޕަ؛
  3. ކުއްޖާގެ ބައްޕަގެ މަންމަ؛
  4. ކުއްޖާގެ އެއްބަނޑުއެއްބަފާ އުހުތު؛
  5. ކުއްޖާގެ އެއްބަފާ އުހުތު؛
  6. ކުއްޖާގެ އެއްބަނޑު އުހުތު؛
  7. ކުއްޖާގެ މަންމައާ އެއްބަނޑު އެއްބަފާ ބޮޑުދައިތަ؛
  8. ކުއްޖާގެ މަންމައާ އެއްބަފާ ބޮޑުދައިތަ؛
  9. ކުއްޖާގެ މަންމައާ އެއްބަނޑު ބޮޑުދައިތަ؛
  10. ކުއްޖާއާ އެއްބަނޑުއެއްބަފާ އުހުތުގެ އަންހެން ދަރިން؛
  11. ކުއްޖާއާ އެއްބަފާ އުހުތުގެ އަންހެން ދަރިން؛
  12. ކުއްޖާއާ އެއްބަނޑު އުހުތުގެ އަންހެން ދަރިން؛
  13. ކުއްޖާއާ އެއްބަނޑު އެއްބަފާ އަހުގެ އަންހެން ދަރިން؛
  14. ކުއްޖާއާ އެއްބަފާ އަހުގެ އަންހެން ދަރިން؛
  15. ކުއްޖާއާ އެއްބަނޑު އަހުގެ އަންހެން ދަރިން؛
  16. ކުއްޖާގެ ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުދައިތަ؛
  17. ކުއްޖާގެ ބައްޕައާ އެއްބަފާ ބޮޑުދައިތަ؛
  18. ކުއްޖާގެ ބައްޕައާ އެއްބަނޑު ބޮޑުދައިތަ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާއިލާ މެންބަރުންގެ ތެރެއިން، ކުއްޖާއާ ހަވާލުވާނެ އާއިލާގެ މެންބަރެއް ނެތް ހާލަތެއްގައި، ކުޑަކުދިން ބަލަހައްޓާ ދައުލަތުގެ މަރުކަޒެއްގައި ކުއްޖާ ބަހައްޓަންވާނެއެވެ. ނުވަތަ ދައުލަތުން ކަނޑައަޅާ އެހެން ފަރާތަކަށް ކުއްޖާ ބަލަން ހަވާލުކުރާންވާނެއެވެ.

(ރ) ދައުލަތުން ކަނޑައަޅާ އެހެން ފަރާތަކަށް ކުއްޖާ ބަލަން ހަވާލުކުރާ ހާލަތުގައި އަމަލުކުރާނީ، ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއިން މި ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.

(ބ) އުމުރުން 2 (ދޭއް) އަހަރުން މަތީގެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ހާލަތުގައި އަމަލުކުރާނީ، ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއިން މި ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ގޮތަށެވެ.

 

11 ވަނަ މާއްދާ - މައިންބަފައިންނާ ވަކިކުރެވޭ ކުދީންގެ ރެކޯޑު ބެލެހެއްޓުން

(ހ) މި ގަވާއިދުގެ ދަށުން މައިންބަފައިންނާ ވަކިކޮށްގެން މަރުކަޒުން ބޭރަށް ގެންދާ ކުދިންގެ އަންނަނިވި މައުލޫމާތު، މަރުކަޒުގެ ފަރާތުން ބަލަހައްޓަންވާނެއެވެ.

  1. ނަމާއި ދާއިމީ އެޑްރެސް؛
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު؛
  3. މައިންބަފައިންގެ މައުލޫމާތު؛
  4. މަރުކަޒުން ގެންދިޔަ ތާރީހާއި ގަޑި؛
  5. ކުއްޖާއާ ހަވާލުވެގެން ދިޔަ ފަރާތުގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު؛
  6. މައިންބަފައިންނާ ވަކިކުރަން ނިންމި ސަބަބު؛
  7. ކުއްޖާގެ ސިއްހީ ހާލަތު ހުރިގޮތް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ  މައުލޫމާތުގެ ތެރެއިން އެއްވެސް މައުލޫމާތެއް ނޭނގޭނަމަ، ނުވަތަ ކަށަވަރުކުރެވޭނެ ގޮތެއް ނެތްނަމަ، އަންނަނިވި މައުލޫމާތު ލިޔެ ރައްކައުކުރަންވާނެއެވެ.

  1. ކުއްޖާގެ ފޮޓޯއެއް؛
  2. ކުއްޖާގެ އިނގިލީގެ ނިށާން (ޓެންޕްރިންޓްސް)

 

12 ވަނަ މާއްދާ - މައިންބަފައިންނާ ވަކިކުރެވޭ ކުދިން އަނބުރާ މައިންބަފައިންނާ ހަވާލުކުރުން

(ހ) މި ގަވާއިދުގެ ދަށުން މައިންބަފައިންނާ ވަކިކޮށްފައިވާ ކުދިން، އަނބުރާ އެ ދެ ފަރާތުން ކުރެ ފަރާތަކާ ހަވާލުކުރެވޭނީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ފުރިހަމަވުމުންނެވެ.

  1. ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއިން ހަދާ އެސެސްމަންޓަކަށްފަހު؛
  2. މައިންބަފައިންގެ ތެރެއިން ފަރާތެއް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރޮގްރާމްތައް ފުރިހަމަކޮށް މަރުކަޒުން ދޫކޮށްލުމަށްފަހު.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހަދާ އެސެސްމަންޓުގައި އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. ކުއްޖާގެ ސަލާމަތާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާނެ ކަންކަމާއި، އެ ކަންކަން ރަނގަޅު ކުރުމަށް ޓަކައި ގެންނަންޖެހޭނެ ބަދަލުތައް؛
  2. ކުއްޖާ މައިންބަފައިންނާ ވަކިކުރަންޖެހުނު ސަބަބު؛
  3. ކުއްޖާއާ ހަވާލުވާން މަންމަ ނުވަތަ ބައްޕަ ތައްޔާރުވެފައިވާ މިންވަރު؛
  4. ކުއްޖާއަށް ދޭންޖެހޭ އަޅައިލުން ދިނުމުގެ ގާބިލުކަން ހުރި މިންވަރު؛
    ކުއްޖާއަށް އަޅައިލަން ބޭނުންވެފައިވާ ނުވަތަ ތައްޔާރުވެފައިވާ މިންވަރު؛
  5. މާލީ ހާލަތު؛
  6. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ލާޒިމުކުރާ އެހެނިހެން ކަންތައްތައް.

 

ތިންވަނަ ބާބު

ރިސްކް އެސެސްމަންޓް

13 ވަނަ މާއްދާ - ރިސްކް އެސެސްމަންޓް ހެދުން

  1. (ހ) ގާނޫނުގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓް، އަންނަނިވި ފަރާތްތަކަށް ހަދަންވާނެއެވެ.
    ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު، ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެ އަންނަ ހަނގުރާމަވެރިންނާއި، އެ މީހުންނާއެކު އަންނަ އެ މީހުންގެ އާއިލާގެ މެންބަރުން؛
  2. އެ ފަރާތަކަށް ރިހެބިލިޓޭށަން ޕްރޮގްރާމްތައް ހިންގޭ ކޮންމެ ފަރާތެއް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓް ހަދާނީ، ގާނޫނުގެ 16-60 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓް ކޮމިޓީންނެވެ.

(ނ) ރިސްކް އެސެސްމަންޓް ހެދުމަށް ޓަކައި އެކަމަށް ހާއްސަ ޓޫލްކިޓެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މިނިސްޓަރު ތައްޔާރު ކުރަންވާނެއެވެ.

(ރ) މި ޓޫލްކިޓަކީ، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން ފާސްކޮށްފައިވާ ޓޫލްކިޓަކަށް ވާންވާނެއެވެ. އަދި މި ޓޫލްކިޓަށް އުނި އިތުރެއް ގެނެވޭނީ، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން ފާސްކޮށްގެންނެވެ.

 

14 ވަނަ މާއްދާ - ރިސްކް އެސެސްމަންޓް ހެދުމަށް ބޭނުންކުރެވިދާނެ މައުލޫމާތު

(ހ) މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވައިލެވޭ ރިސްކް އެސެސްމަންޓް ޓޫލްކިޓް މެދުވެރިކޮށް ރިސްކް އެސެސްމަންޓް ހެދޭނީ، އަންނަނިވި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

  1. އިންޓެލިޖެންސް އިދާރާތަކުން ފޯރުކޮށްދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓް؛
  2. ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ނުވަތަ ބޭރުގައުމެއްގެ އިންޓެލިޖެންސް އިދާރާއަކުން ލިބޭ އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓް؛
  3. ރިސްކް އެސެސްމަންޓް ހެދޭ ފަރާތުގެ މެޑިކަލް ރިޕޯޓުތައް؛
  4. ރިސްކް އެސެސްމަންޓް ހެދޭ ފަރާތުގެ ތައުލީމީ ވަނަވަރު؛
  5. ރިސްކް އެސެސްމަންޓް ހެދޭ ފަރާތުގެ އިންޓަރވިއު؛
  6. ސައިކޯސޯށަލް އެސެސްމަންޓް ރިޕޯޓު.

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންޓަރވިއު ކުރިޔަށް ގެންދާނީ، ރިސްކް އެސެސްމަންޓް ކޮމިޓީގެ ފަރާތުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ ތެރެއިން އެ ވަގުތަކަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރިސްކް އެސެސްމަންޓް ހެދިދާނެއެވެ.

 

15 ވަނަ މާއްދާ - ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ހޯދުން

ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީގެ މަސައްކަތަށް ބޭނުންވާ ފަންނީ ލަފާ ހޯދުމުގެ އިހްތިޔާރު އެ ކޮމިޓީއަށް ލިބިގެންވެއެވެ.

 

16 ވަނަ މާއްދާ - ރިސްކް އެސެސްމަންޓް ހަދައި ނިންމަންޖެހޭ މުއްދަތު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބަންދުކުރާ ފަރާތް ބަންދުކުރާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ރިސްކް އެސެސްމަންޓް ހަދައި ނިންމަންވާނެއެވެ.

(ށ) ރިސްކް އެސެސްމަންޓް ހެދުމަށް ބޭނުންވާ މައުލޫމާތު، 16 (ސޯޅަ) ދުވަހުގެ ތެރޭގައި، ކަމާބެހޭ އިދާރާތަކުން، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއަށް ފޯރުކޮށްދޭން ވާނެއެވެ.

 

17 ވަނަ މާއްދާ - ރިސްކް އެސެސްމަންޓް ރިޕޯޓް

(ހ) ރިކްސް އެސެސްމަންޓް ކޮމިޓީން، މި ބާބުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ރިސްކް އެސެސްމަންޓް ހެދުމަށްފަހު ރިޕޯޓެއް ތައްޔާރު ކުރަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ރިސްކް އެސެސްމަންޓް ރިޕޯޓަކީ، އަންނަނިވި ބައިތައް ހިމެނޭ ރިޕޯޓަކަށް ވާންވާނެއެވެ.

  1. ރިސްކް އެސެސްމަންޓް ހެދޭ ފަރާތުގެ ވަނަވަރު؛
  2. ކުށުގެ ރެކޯޑު؛
  3. ރިސްކް އެސެސްމަންޓުގެ ނަތީޖާ.

 

18 ވަނަ މާއްދާ - ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީގެ ނިންމުން

(ހ) މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބުނެފައިވާ ރިސްކް އެސެސްމަންޓް ރިޕޯޓުގައި ހިމަނައިފައިވާ މައުލޫމާތު ރިވިއު ކުރުމަށްފަހު، ރިސްކް އެސެސްމަންޓް ހެދޭ ފަރާތްތައް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން ކަނޑައަޅަންވާނެއެވެ.

  1. ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް؛
  2. ކުށުގެ ށިކާރައަކަށް ވެފައިވާ ފަރާތެއް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން ކަނޑައަޅާ ގޮތެއް، އެ ކޮމިޓީން ފާސްކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް ކަމަށް ކަނޑައެޅުން

(ހ) މި ބާބުގެ ދަށުން ރިސްކް އެސެސްމަންޓް ހެދޭ ފަރާތްތަކުގެ ތެރެއިން އަންނަނި ހާލަތުގައިވާ މީހެއް ކަމަށް ބެލެވޭނަމަ، އެ މީހަކީ، ޓެރަރިޒަމްގެ އަމަލު ކުރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހެއް ކަމުގައި ކަނޑައަޅަންވާނެއެވެ.

  1. ޓެރަރިޒަމްގެ އަމަލުތައް ކޮށްފައިވާ މީހުން ނުވަތަ ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި ބައިވެރިވި މީހުން؛
  2. ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ލިބިފައިވާ މީހުން.

(ށ) މި ބާބުގެ ދަށުން ރިސްކް އެސެސްމަންޓް ހަދާ ފަރާތްތަކުގެ ތެރެއިން، އެ މީހަކީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވާ މީހެއް ކަމަށް ބެލެވޭނަމަ، އެ މީހަކީ، ކުށުގެ ތުހުމަތުކުރެވޭ މީހެއް ކަމުގައި ކަނޑައަޅާންވާނެއެވެ.

 

20 ވަނަ މާއްދާ - ކުށުގެ ށިކާރައަކަށް ވެފައިވާ ފަރާތެއް ކަމަށް ކަނޑައެޅުން

މި ބާބުގެ ދަށުން ރިސްކް އެސެސްމަންޓް ހަދާ ފަރާތްތަކުގެ ތެރެއިން، އެ މީހަކީ ޓެރަރިޒަމްގެ އަމަލުތައް ކުރި ފަރާތެއް ކަމަށް ނުވާނަމަ، ނުވަތަ ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި ބައިވެރިވި ފަރާތެއް ކަމުގައި ނުވާނަމަ، ނުވަތަ އެފަދަ އަމަލުތައް ކުރުމަށް ތަމްރީނު ހޯދައިފައިވާ ފަރާތެއް ކަމުގައި ނުވާނަމަ،  އެ މީހަކީ، ކުށުގެ ށިކާރައަކަށް ވެފައިވާ މީހެއް ކަމުގައި ކަނޑައަޅަންވާނެއެވެ.

 

21 ވަނަ މާއްދާ - ރިސްކް އެސެސްމަންޓް ހެދޭ ކުޑަކުދިން

މި ގަވާއިދުގެ ދަށުން ރިސްކް އެސެސްމަންޓް ހަދާ ކުޑަކުދިންނާމެދު އަމަލުކުރަންވާނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

 

22 ވަނަ މާއްދާ - ރިސްކް އެސަސްމަންޓް ރިޕޯޓަށާއި ކޮމިޓީގެ ނިންމުމަށް ބަދަލުގެނައުން

(ހ) މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ކުށުގެ ށިކާރައަކަށް ވެފައިވާ ފަރާތެއް ކަމަށް ކަނޑައަޅައިފައިވަނިކޮށް، ފަހުން ލިބޭ މައުލޫމާތެއްގެ ސަބަބުން ނުވަތަ ހެއްކެއްގެ ސަބަބުން، އެ މީހެއްގެ ރިސްކް އެސެސްމަންޓުގެ ނަތީޖާއަށް ބަދަލު އަންނަކަމުގައި ބެލެވޭނަމަ، އެ މީހަކާ ގުޅޭގޮތުން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެވަނަ ރިސްކް އެސެސްމަންޓެއް، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން ހަދަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ދެވަނަ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހު، އެ މީހަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތެއްކަމަށް ވާނަމަ، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން އެގޮތަށް ކަނޑައެޅިދާނެއެވެ.

 

23 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން ނިންމާ ނިންމުންތަކުގައި، މި ބާބުގެ ދަށުން ކަނޑައަޅައިފައިވާ އިޖުރާއީ ކަންކަން ފުރިހަމަކޮށްފައި ނުވާކަމަށް ގަބޫލުކުރެވޭނަމަ، އިޖުރާއީގޮތުން އެ މައްސަލަ ބަލައި، އެ މައްސަލައާމެދު ގޮތެއް ނިންމައިދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.

 

ހަތަރުވަނަ ބާބު

ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓެގްރޭށަން ޕްރޮގްރާމް

24 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގާނެ ފަރާތެއް ކަނޑައެޅުން

ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅިފައިވާ ފަރާތްތައް، އެފަދަ އަމަލުތަކުން ދުރުކޮށް، މުޖުތަމައަށް އަނބުރާ ރުޖޫއަ ކުރުމަށް ޓަކައި ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގާނެ ފަރާތެއް ކަނޑައަޅާނީ މިނިސްޓަރެވެ.

 

25 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމް ހިންގޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން ހިންގާ ރިހެބިލިޓޭށަން ޕްރޮގްރާމްތައް، އަންނަނިވި ފަރާތްތަކުގެ މައްޗަށް ހިންގިދާނެއެވެ.

(ހ) ގާނޫނުގައި ބަޔާންކޮށްފައިވާ މޮނިކޮން އަމުރެއް އެ މީހެއްގެ މައްޗަށް ނެރެފައިވާ ކޮންމެ މީހެއް؛

(ށ) ގާނޫނުގެ 3-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހަނގުރާމަވެރިންނާއި އެ މީހުންގެ އާއިލާގެ މެންބަރުން؛

(ނ) ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ސާބިތުވެ، ހުކުމް ތަންފީޛު ކުރަމުންދާ މީހުން.

 

26 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމް

(ހ) ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅިދާނެ ފަރާތްތައް، އެފަދަ އަމަލުތަކުން ދުރުކޮށް، މުޖުތަމައަށް އަނބުރާ ރުޖޫއަވުމަށް ޓަކައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަކުރަންވާނެއެވެ. މިގޮތުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް އެކުލެވިގެންވަނީ އަންނަނިވި މަރުހަލާތަކުގެ މައްޗަށެވެ.

  1. ހަރުކަށި ފިކުރާ ގުޅުންހުރި އަމަލުތަކާއި ވިސްނުންތަކަށް ފަރުވާކުރުމުގެ  މަރުހަލާ؛
  2. މުޖުތަމައުގައި މީހުންނާއެކު އުޅުމަށް ތައްޔާރުކުރުވާ މަރުހަލާ؛
  3. މުޖުތަމައަށް އަނބުރާ ދޫކުރުމަށްފަހު، ނިޒާމެއްގެ ތެރެއިން މޮނިޓަރ ކުރުމުގެ މަރުހަލާ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގެ އިތުރުން، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން، ކުޑަކުދިންނަށް ހާއްސަ ވަކި ޕްރޮގްރާމެއް ނުވަތަ މި ޕްރޮގްރާމުގެ މަރުހަލާތަކުގެ ތެރެއިން ވަކި މަރުހަލާތަކެއް ފުރިހަމަކުރުމުން ޕްރޮގްރާމް ފުރިހަމަވީ ކަމަށް ބެލުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުހަލާތަކާ ގުޅޭ އޮނިގަނޑެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި މި ގަވާއިދުގެ ދަށުން އެކުލަވައިލަންވާނެއެވެ.

 

27 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުތައް ބެހިގެންވާ ބައިތަކާއި، އެ ޕްރޮގްރާމުތަކުގައި ހިމަނަންޖެހޭ ކަންތައްތައް

(ހ) މި ގަވާއިދުގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް އެކުލަވައިލަންވާނީ ޕްރިވެންޓިންގ އެންޑް ކައުންޓަރިން ވައިލެންޓް އެކްސްޓްރިމިޒަމްގެ އަލީގައި، އަންނަނިވި މައިގަނޑު ބައިތަކުގެ މައްޗަށެވެ.

  1. ނަފްސާނީ އެހީތެރިކަމާއި، އިޖުތިމާއީ އެހީތެރިކަން؛
  2. ދީނީ ތައުލީމާއި، ކައުންސެލިންގ؛
  3. ތައުލީމީ އެހީތެރިކަން؛
  4. އަމިއްލަ ނަފްސު ތަރައްގީކުރުން؛
  5. ވޮކޭށަނަލް ތައުލީމް؛
  6. ކޮމިއުނިޓީ އެންގޭޖްމަންޓް.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ފަރުމާކުރަންވާނީ، އަންނަނިވި ކަންތައްތައް ހިމަނައިގެންނެވެ.

  1. ޕްރޮގްރާމް އަމާޒުވާ އުމުރުފުރާ؛
  2. ޕްރޮގްރާމް ހިންގާ މުއްދަތު؛
  3. ޕްރޮގްރާމުގައި ބައިވެރިވާ ފަރާތުން ބައިވެރިވާނެ އެކި ސެށަންތަކާއި، އެ ސެށަންތަކުގެ މިންވަރާއި، މުޅި ޕްރޮގްރާމް ބެހިފައިވާ މަރުހަލާތަކުގެ ތަފުސީލު؛
  4. ޕްރޮގްރާމުގައި ބައިވެރިވާ ފަރާތުން ހާސިލުކުރާނެ ލަނޑުދަނޑިތައް؛
  5. ޕްރޮގްރާމުގައި ބައިވެރިވާ ފަރާތުގެ ޒިންމާތަކާއި، އޭނާގެ ބައިވެރިވުން ލިބެންޖެހޭ މިންވަރު؛
  6. މި މާއްދާގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތައް ވަޒަންކުރާނެ މިންގަނޑު؛
  7. ޕްރޮގްރާމުގެ މުއްދަތުގައި ހެދޭނެ އެސެސްމަންޓްތަކުގެ ތަފުސީލުތައް؛
  8. ކަނޑައެޅިފައިވާ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާއި، އެ މިންގަނޑާ ހިލާފުވުމުން އަޅާނެ ފިޔަވަޅުތައް.

 

28 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގޭ ފަރާތްތައް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް، އަންނަނިވި ފަރާތްތަކުގެ މައްޗަށް ހިންގިދާނެއެވެ.

  1. ގާނޫނުގައި ބަޔާންކޮށްފައިވާ މޮނިކޮން އަމުރެއް އެ މީހެއްގެ މައްޗަށް ނެރެފައިވާ ކޮންމެ މީހެއް؛
  2. ގާނޫނުގެ 3-60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހަނގުރާމަވެރިންނާއި، އެ މީހުންގެ އާއިލާގެ މެންބަރުން؛
  3. ގާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ސާބިތުވެ، ހުކުމް ތަންފީޛު ކުރަމުންދާ މީހުން؛
  4. ށަރުއީ ކޯޓަކުން މި ޕްރޮގްރާމް ފުރިހަމަކުރަން އަމުރުކުރާ ފަރާތްތައް.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތަކުގައި ބައިވެރިވާނެ ފަރާތްތަކާއި އެ ފަރާތްތަކަށް ހިންގާނެ ޕްރޮގްރާމް ކަނޑައަޅާނީ، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީންނެވެ.

(ނ) މި މައްދާގެ (ށ) ގެ ދަށުން ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގޭ ފަރާތްތައް ބައިވެރިވާނެ ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ކަނޑައެޅުމުގައި އަންނަނިވި މައުލޫމާތުތަކަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ރިސްކް އެސެސްމަންޓުގެ ރިޕޯޓް؛
  2. ރިސްކް އެސެސްމަންޓް ރިޕޯޓުގެ ރިކޮމަންޑޭށަން؛
  3. މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން.

 

29 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ހިންގޭ ކުޑަކުދިން

(ހ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ (2) ނަންބަރުގައި ބަޔާންކޮށްފައިވާ އާއިލާގެ މެންބަރުންގެ ތެރޭގައި ހިމެނޭ ކުޑަކުދިން ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއަށް ނިންމިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ކުޑަކުދިންނަށް ހިންގަންވާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިންނެވެ.

 

30 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ހިންގާނެ ތަން

މި ގަވާއިދުގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގަންވާނީ، މިނިސްޓަރ ކަނޑައަޅާ ތަނެއްގައެވެ.

 

31 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަކުރަމުންދާ ފަރާތްތައް އެސެސްކުރުން

މި ގަވާއިދުގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ފަރާތްތަކުގެ އަންނަނިވި އެސެސްމަންޓްތައް، މި ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ކަނޑައަޅާ ފަރާތުން ހަދަންވާނެއެވެ.

(ހ) ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތް ޕްރޮގްރާމުގައި ކުރިޔަށްދާ މިންވަރު އެސެސްކުރުމުގެ ގޮތުން ހަދާ ޕީރިއޮޑިކް އެސެސްމަންޓް؛

(ށ) ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތް، ޕްރޮގްރާމުގެ އެއް މަރުހަލާ ފުރިހަމަ ކުރުމަށްފަހު އަނެއް މަރުހަލާއަށް ދިއުމުގެ ކުރިން ހަދާ، ފޭސް ކޮމްޕްލީށަން އެސެސްމެންޓް؛

(ނ) ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތް، ޕްރޮގްރާމުގެ އެންމެ ފަހުގެ މަރުހަލާ ފުރިހަމަ ކުރުމުން ހަދާ ފައިނަލް އެސެސްމަންޓް.

 

32 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަ ކުރުން

(ހ) ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރުމުން، ޕްރޮގްރާމް ފުރިހަމަކުރި ފަރާތުގެ އެސެސްމަންޓް ރިޕޯޓެއް، މި ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ކަނޑައަޅާ ފަރާތުން، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އެސެސްމަންޓް ރިޕޯޓުގައި، އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމުގެ އެކި މަރުހަލާތަކުގައި ހަދައިފައިވާ އެސެސްމަންޓްތަކުން ޕްރޮގްރާމުގައި ބައިވެރިވި ފަރާތުން ހާސިލުކޮށްފައިވާ ނަތީޖާ؛
  2. ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގެ މުއްދަތުގައި ޕްރޮގްރާމުގައި ބައިވެރިވި ފަރާތުގެ އަމަލުތަކާއި، ހަރަކާތްތަކުގެ މައްޗަށް، ޕްރޮގްރާމްތައް ހިންގާ ފަރާތުން އެކުލަވައިލައިގެން ތައްޔާރުކުރާ އެސެސްމަންޓް.

 

33 ވަނަ މާއްދާ - މުޖުތަމައަށް އަނބުރާ  ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއްކަމަށް ކަނޑައެޅުން

(ހ) ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތައް، އެ ޕްރޮގްރާމްތައް ފުރިހަމަކޮށް، މުޖުތަމައަށް އަނބުރާ ރުޖޫއަވުމަށް ތައްޔާރުވެފައިވާކަން ކަނޑައެޅުމަށް، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން އެސެސްމަންޓް ހަދަންވާނެއެވެ.

(ށ) ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތައް، އެ ޕްރޮގްރާމްތައް ފުރިހަމަކޮށް، މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާކަން ކަނޑައެޅުމުގައި، އަންނަނިވި މައުލޫމާތުތަކަށް، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން ރިއާޔަތް ކުރަންވާނެއެވެ.

  1. ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން، އެ ޕްރޮގްރާމްތައް ފުރިހަމަކުރުމުން، މި ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން މިނިސްޓަރު ކަނޑައަޅާ ފަރާތުން، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއަށް ހިއްސާކުރުމަށް މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ރިޕޯޓް؛
  2. ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމުގެ މުއްދަތުގައި ހަދައިފައިވާ އެކި އެސެސްމަންޓްތަކުގެ ނަތީޖާ.

 

34 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތް

(ހ) ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކުގެ އެސެސްމަންޓް، މި ގަވާއިދުގެ 33 ވަނަ މާއްދާއާ އެއްގޮތަށް ފުރިހަމަކުރުމަށްފަހު، އެ ފަރާތްތައް އަނބުރާ މުޖުތަމައަށް ރުޖޫއަކުރުމާމެދު، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ގޮތެއް ނިންމަންވާނެއެވެ.

(ށ) މި ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް، މި މާއްދާގެ (ހ) އިން އިސްތިސްނާވެގެންވެއެވެ. 

 

35 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގެ މުއްދަތު އިތުރުކުރުން

(ހ) މި ގަވާއިދުގެ 34 ވަނަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައި އޮތްނަމަވެސް، ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް ހިންގޭ ފަރާތްތަކުގެ ތެރެއިން، އެ ފަރާތެއްގެ ޕްރޮގްރާމުގެ މުއްދަތު އިތުރުކުމަށް، ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއަށް ފެންނަ ކަމުގައި ވާނަމަ، އެގޮތަށް އެ ކޮމިޓީން ނިންމިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިހެބިލިޓޭށަން ޕްރޮގްރާމާއި  ރީ-އިންޓަގްރޭށަން ޕްރާގްރާމުގެ މުއްދަތު އިތުރުކުރުމަށް ނިންމަންވާނީ، މި ގަވާއިދުގެ 33 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

 

36 ވަނަ މާއްދާ - ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް މުރާޖައާ ކުރުން

(ހ) މި ގަވާއިދުގެ ދަށުން ހިންގޭ ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް، މަދުވެގެން ކޮންމެ 5 (ފަހެއް) އަހަރުން އެއް ފަހަރު، މިނިސްޓަރ ކަނޑައަޅާ ފަރާތަކުން މުރާޖައާ ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރިހެބިލިޓޭށަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމްތައް މުރާޖައާ ކުރުމުގައި އަންނަނިވި ކަންތައްތަކަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ޕްރޮގްރާމުގެ މުއްދަތު؛
  2. ޕްރޮގްރާމް ފުރިހަމަކުރަމުންދާ ފަރާތްތައް އެސެސްކުރެވޭ ގޮތް؛
  3. ނަތީޖާ ހާސިލުކުރެވެމުންދާ މިންވަރު؛
  4. ގުޅުންހުރި މިންވަރު؛
  5. ޕްރޮގްރާމާ ގުޅޭ އެހެނިހެން ކަންކަން؛

 

ފަސްވަނަ ބާބު

މަރުކަޒުތަކުން ދޭނެ ހިދުމަތްތައް

37 ވަނަ މާއްދާ - މަރުކަޒުތަކުން ލިބެންޖެހޭ ހިދުމަތްތައް

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގައި އަންނަނިވި ހިދުމަތްތައް ލިބެން ހުންނަންވާނެއެވެ.

(ހ) ކެއިންބުއިމުގެ އިންތިޒާމު؛

(ށ) ހުރިހާ ވަގުތެއްގައިވެސް ސާފު ބޯފެން ލިބޭނެ އިންތިޒާމު؛

(ނ) އަންނައުނު ފޯރުކޮށްދިނުމާއި، ދޮވެ އިސްތިރިކުރެވޭނެ އިންތިޒާމު؛

(ރ) ނިދުމުގެ އިންތިޒާމު؛

(ބ) ފާހާނާ ކުރުމާއި ފެންވެރުމުގެ އިންތިޒާމު؛

(ޅ) ސާފުތާހިރު ކުރެވޭނެ އިންތިޒާމު؛

(ކ) ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް؛

(އ) ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމުގެ އިންތިޒާމް؛

(ވ) ނަމާދުކުރުމާއި، ގުރްއާން ކިޔެވުމާއި،  ދީނުގައި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަންތައް ކުރުމުގެ އިންތިޒާމް؛

(މ) ކަސްރަތު ކުރުމުގެ އިންތިޒާމު؛

(ފ) ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ އިންތިޒާމް؛

(ދ) އާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމް؛

(ތ) އާއިލާއާ މުއާމަލާތު ކުރެވޭނެ އިންތިޒާމް؛

(ލ) އެކަހެރި ބައްދަލުކުރުމުގެ އިންތިޒާމް؛

(ގ) ރިހެބިލިޓޭށަން ޕްރޮގްރާމް ހިންގުން.

 

38 ވަނަ މާއްދާ - ކެއިންބުއިމުގެ އިންތިޒާމު

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ކާންދިނުމަށް ވަކި ގަޑިތަކެއް ކަނޑައަޅައި، އެ ގަޑިތަކުގައި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ. މިގޮތުން ފޯރުކޮށްދޭ ކާތަކެތި ހުންނަންވާނީ ސިއްހީގޮތުން ހަށިގަނޑަށް ފައިދާ ލިބިދޭގޮތަށް އަދި ސާފުތާހިރުކަމާއި ތާޒާކަންމަތީގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކެއުމުގެ އިންތިޒާމް، ތިރީގައި ބަޔާންކޮށްފައިވާ ވަގުތުތަކުގައި ހަމަޖައްސައިދޭންވާނެއެވެ.

  1. ހެނދުނު ސައި؛
  2. މެންދުރު ކެއުން؛
  3. ހަވީރު ސައި؛
  4. ރޭގަނޑު ކެއުން.

(ނ) މަރުކަޒުތަކުގައި ތިބޭ މީހުން ކެއިންބުއިމަށް ޓަކައި ބޭނުންކުރާ ސާމާނު މަރުކަޒުން ފޯރުކޮށްދޭންވާނެއެވެ. މި ތަކެއްޗަކީ އާންމުކޮށް ދިވެހިން ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗާ އެއް ފެންވަރުގެ ތަކެތި ކަމުގައި ވާންވާނެއެވެ. އަދި މަރުކަޒުތަކަށް ކާބޯތަކެތި ގެންދިއުމަށް ބޭނުންކުރާ ސާމާނު، މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު އައުކުރާން ޖެހޭނެއެވެ. އަދި މަރުކަޒުތަކުގައި ކެއުމަށާއި ބުއިމަށް ބޭނުންކުރާ ތަށްޓާއި، ޖޯޑު ފަދަ ތަކެތީގެ ފެންވަރަށް ބަލައި، އެ ތަކެތި ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ބަދަލުކުރުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަންވާނެއެވެ.

(ރ) ސިއްހީ މައްސަލައެއް ހުރެގެން ވަކި ބާވަތެއްގެ ޑައިޓަކަށް އަމަލުކުރުމަށް ޑޮކްޓަރަކު ލަފާދީފައިވާ މީހެއްނަމަ، ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އެފަދަ މީހެއްގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްފަހު، ލިޔެކިޔުމުން އެކަން އެނގޭނޭ އިންތިޒާމް ހަމަޖައްސަންވާނެއެވެ.

(ބ) ތުއްތު ކުއްޖަކަށް ނުވަތަ ކުޑަކުދިންނަށް ބޭނުންވާ ކެއިންބުއިމުގެ ކަންކަން ހަމަޖައްސަންވަނީ، ކަމާ ގުޅުންހުރި ފަރާތްތަކުގެ ލަފާގެ މަތިން އެކުލަވައިލައިފައިވާ ޗައިލްޑް ނިއުޓްރިށަން ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ޅ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ސާފު ބޯފެން މެދުނުކެނޑި ލިބެން ހުންނަންވާނެއެވެ. އަދި އެ ފެނަކީ ސާފު ބޯފެން ކަމުގައި ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއަކުން ކަނޑައަޅައިފައި އޮންނަންވާނެއެވެ.

 

39 ވަނަ މާއްދާ - އަންނައުނު ފޯރުކޮށްދިނުމާއި، ދޮވެ އިސްތިރިކުރުން

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންގެ ތެރެއިން އަމިއްލައަށް އަންނައުނު ހޯދުމުގެ އިންތިޒާމް ހަމަޖެހިފައިނުވާ މީހުންނަށް، ކަނޑައެޅޭ އުސޫލެއްގެ ދަށުން އަންނައުނު ފޯރުކޮށްދޭންވާނެއެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް އެ މީހުންގެ އަންނައުނު ދޮވުމާއި އިސްތިރިކުރުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ.

 

40 ވަނަ މާއްދާ - ނިދުމުގެ އިންތިޒާމު

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ނިދުމުގެ އިންތިޒާމު، އެ މަރުކަޒަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެހިފައި ހުންނަންވާނެއެވެ. މިގޮތުން ނިދުމަށް ބޭނުންވާ ތިރީގައިވާ ތަކެތި ފޯރުކޮށްދޭންވާނެއެވެ.

  1. ގޮދަޑި؛
  2. ބެޑްށީޓް؛
  3. ބާލީސް؛
  4. ބާލީހު އުރަ؛
  5. ރަޖާ.

(ށ) ސިއްހީ މައްސަލައެއް ހުރެގެން މަރުކަޒުގައި ވަކި ގޮތަކަށް ނިދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޑޮކްޓަރަކު ލަފާދީފައިވާ މީހަކު ހުރިނަމަ، އެގޮތަކަށް އެ އިންތިޒާމް ހަމަޖައްސައިދީ، އެކަން ލިޔުމުން ރެކޯޑުކުރަންވާނެއެވެ.

 

41 ވަނަ މާއްދާ - ފާހާނާކުރުމާއި ފެންވެރުމުގެ އިންތިޒާމު

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ފާހާނާކުރެވޭނެ އިންތިޒާމާއި ފެންވެރޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ށ) ފާހާނާއަކީ ހުރިހާ ވަގުތެއްގައިވެސް ބޭނުންކުރެވޭގޮތަށް ހުންނަ ތަންތަން ކަމުގައި ވާންވާނެއެވެ. އަދި ފާހާނާގައި ބޭނުންކުރަން ހުންނަ ފެނަކީ ފެންވެރުމަށާއި، ވުލޫކުރުމަށާއި، ގައިންތާހިރުވުމަށް އާންމުކޮށް ބޭނުންކުރާ، ނުބައިވަސް ނުދުވާ ފެންކަމުގައި ވާންވާނެއެވެ.

(ނ) ފާހާނާ ހުންނަންވާނީ، ފާހާނާގައި ހުންނަ މީހާގެ އައުރަ އެހެން މީހުންނަށް ނުފެންނާނެ ގޮތަށެވެ.

(ރ) މަރުކަޒުގައި ތިބޭ މީހުންނަށް ފެންވަރާ ތާހިރުވެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. މިގޮތުން، ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން، އަންނަނިވި ތަކެތި ފޯރުކޮށްދޭންވާނެއެވެ.

  1. ދަތް އުނގުޅާ ބުރުހާއި، ދަތް އުނގުޅާނެ ބޭސް؛
  2. ސައިބޯނި؛
  3. ށޭމްޕޫ؛
  4. ތުވާލި؛
  5. އަންހެނުންނަށް ބޭނުންވާ ސެނިޓަރީ ކިޓް؛
  6. ތުއްތު ކުދިންނަށް ބޭނުންވާ ނެޕީ.

 

42 ވަނަ މާއްދާ - އާންމު ސާފުތާހިރުކަމަށް ބޭނުންވާ ތަކެއްޗާއި އިންތިޒާމު

(ހ) މަޒުކަޒުތަކުގައި ތިބޭ ފިރިހެނުންނަށް، ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ބޯކޮށުމާއި، ތުނބުޅި ބޭލުމުގެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ.

(ށ) އާންމު ސާފުތާހިރުކަމަށް، އަންހެނުންނާއި ފިރިހެނުންނަށް ވަކި ހާއްސަ އެއްޗެއް ބޭނުންވާނަމަ، ކަނޑައެޅޭ އުސޫލެއްގެ ދަށުން އެ އެއްޗެއް ފޯރުކޮށްދޭންވާނެއެވެ.

 

43 ވަނަ މާއްދާ - ސާފުތާހިރު ކުރެވޭނެ އިންތިޒާމު

(ހ) މަރުކަޒުތަކުގެ ފާހާނާއާއި ދިރިއުޅޭތަން ސާފުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ ކޮންމެ މީހަކަށް ވެސް، އެ މީހަކު ދިރިއުޅޭ ސަރަހައްދު ސާފުކުރެވޭނެ ފުރުސަތު ދޭންވާނެއެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތާއި ތަކެތި މަރުކަޒުތަކުން ފޯރުކޮށްދޭންވާނެއެވެ.

(ނ) މަރުކަޒުތަކުގައި ތިބޭ މީހުން، އެ މީހުންނާ ހަވާލުކޮށްފައިވާ ތަކެތި ގަސްތުގައި ހަލާކުކޮށް ނުވަތަ ސާފުކުރުމަށް ދެވޭ ތަކެތި ބޭނުންކުރަންޖެހޭ ގޮތަށް ނޫންގޮތަކަށް ބޭނުންކުރާނަމަ، ނުވަތަ ގަސްތުގައި މުދަލަކަށް ނުވަތަ މީހަކަށް ގެއްލުން ދިނުމަށް ބޭނުންކުރާނަމަ، ސާފުކުރުމަށް ތަކެތި އެ މީހަކަށް ދިނުމާމެދު ގޮތެއް ކަނޑައަޅާނީ އެ މަރުކަޒެއްގެ އިސްވެރިޔާއެވެ.

(ރ) އެ މަރުކަޒެއްގެ އިސްވެރިއަކަށް ހުންނަ މީހަކު ކަނޑައަޅާ ގޮތެއްގެ މަތިން މަރުކަޒު ސާފުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

 

44 ވަނަ މާއްދާ - ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މަރުކަޒުން ކުރަންޖެހޭނެ ކަމެކެވެ. މިގޮތުން، ދެވޭ ސިއްހީ ހިދުމަތް ވާންވާނީ އާންމު މުޖުތަމައުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތާ ތަފާތު ނުވާނޭ ހިދުމަތަކަށެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ކުއްލިއަކަށް ދިމާވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ޓަކައި މަރުކަޒުތަކުގައި އެކަމަށް ހާއްސަ ޑޮކްޓަރަކު ނުވަތަ ސިއްހީ އެހީތެރިޔަކު ހުންނަންވާނެއެވެ.

(ނ) މަރުކަޒުތަކުގައި ތިބޭ ކޮންމެ މީހަކަށް، މެޑިކަލް ފައިލެއް އޮންނަންވާނެއެވެ.  މި ފައިލް ވާންވާނީ، އޭގައިވާ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓޭގޮތަށް ބެލެހެއްޓެމުންދާ ފައިލަކަށެވެ. ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މަރުކަޒުން ބޭރަށް ގެންދާނަމަ، އެ ތަނަކަށް އެފައިލް ގެންދަންވާނެއެވެ.

(ރ) ސިއްހީ އެމެޖެންސީ ކަމެއް ދިމާވުމުން ނުވަތަ ކުއްލިއަކަށް މީހެއްގެ ސިއްހަތަށް ދިމާވާ ކަމަކަށް އަވަސް ފަރުވާ ދެވޭނެ އިންތިޒާމު މަރުކަޒުތަކުގައި އަބަދުވެސް ހަމަޖެހިފައި ހުންނަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އެމެޖެންސީ ކަންކަމަށް މަރުކަޒުތަކުން އަންނަނިވި ކަންކަން ހަމަޖައްސައިފައި ބަހައްޓަންވާނެއެވެ.

  1. ފުރަތަމަ އެހީ ދެވޭނެ ތަމްރީނާއި ތަޖުރިބާ ހުރި މީހަކު އަބަދުވެސް ހާޒިރުވެވޭނެ ގޮތަށް ބެހެއްޓުން؛
  2. ދިމާވާ އެމެޖެންސީ ކަމެއްގައި މަރުކަޒު ހުންނަ ރަށުގެ ސިއްހީ ފަރުވާދޭ ތަނަކަށް ގެންދެވޭނެ ގޮތް ކަނޑައަޅައިފައި ބެހެއްޓުން؛
  3. މަރުކަޒު ހުންނަ ރަށުގެ ސިއްހީ ހިދުމަތް ދޭ ފަރާތަކުން، އެމެޖެންސީކޮށް ފަރުވާދޭންޖެހޭ މީހާ އެމެޖެންސީކޮށް ފަރުވާދިނުމަށް އިތުރު ތަނަކަށް ގެންދިއުމަށް އަންގާނަމަ، އެކަން ކުރެވޭނެ އިންތިޒާމު ފުލް ސެކިއުރިޓީއާއެކު ހަމަޖައްސައިފައި ބެހެއްޓުން.

(ޅ) މަރުކަޒެއްގައި ހުރި މީހަކު ބަލިވެގެން ޑޮކްޓަރަކަށް ދެއްކުމުން ސިއްހީ ފަރުވާދޭ ހޮސްޕިޓަލަކަށް ގެންދިއުމަށް ނުވަތަ ހާއްސަ ފަރުވާއެއް ދޭންޖެހޭކަމަށް ބުނާނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެފަދަ ތަނަކަށް ގެންދަންވާނެއެވެ.

 

45 ވަނަ މާއްދާ - ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުން

(ހ) މަރުކަޒުތަކުގައި ތިބޭ މީހުން ކުޅިވަރު ކުޅުމާއި މުނިފޫހިފިލުވުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް ފޮތް ކިޔޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

46 ވަނަމާއްދާ - ނަމާދު ކުރުމާއި، ގުރްއާން ކިޔެވުމާއި، ދީނުގައި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަން ކުރުމުގެ އިންތިޒާމު

މަރުކަޒުތަކުގައި ތިބޭ މީހުންނަށް، ނަމާދު ކުރުމާއި، ގުރްއާން ކިޔެވުމާއި، ދީނުގައި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަން އަދާކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ.

 

47 ވަނަ މާއްދާ - ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ އިންތިޒާމް

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް، މަރުކަޒުތަކުން ކަނޑައަޅާ އުސޫލާ އެއްގޮތަށް އެ މީހުންގެ ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު ވާންވާނީ އާންމުކުރެވިފައިވާ އުސޫލަކަށެވެ.

 

48 ވަނަ މާއްދާ - އާއިލާއާ ބައްދަލުކޮށް މުއާމަލާތުކުރުމުގެ އިންތިޒާމު

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް، އެ މީހުންގެ އާއިލާއާ އޮންނަ ގުޅުން ދަމަހައްޓައި، އާއިލާއާ މުއާމަލާތުކޮށް، ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން، މި ގަވާއިދުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭންވާނެއެވެ.

  1. އާއިލީ ބައްދަލުވުން؛
  2. އެކަހެރި ބައްދަލުވުން؛
  3. އާއިލާއަށް ފޯނުކުރުން.

(ށ) މަރުކަޒުތަކުގައި ތިބޭ މީހުންނާ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ބައްދަލުކުރަން އެދޭ މީހުން، އެކަމަށް އެދި، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ މަރުކަޒަކަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކާމެދު އެ މަރުކަޒަކުން ނިންމާ ގޮތެއް، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް، ފޯމު ހުށަހަޅާ ތާރީހުން ފެށިގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

(ރ) އާއިލީ ބައްދަލުވުމަށާއި އެކަހެރި ބައްދަލުވުމަށް މަރުކަޒަކަށް ޒިޔާރާތްކުރާ ފަރާތްތަކަށް މަރުކަޒުން ދޫކޮށްފައިވާ ޖަވާބާއި އެ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ މައުލޫމާތު، މަރުކަޒުގެ ފަރާތުން ބަލައި ޗެކްކުރަންވާނެއެވެ.

(ބ) އާއިލީ ބައްދަލުވުން ނުވަތަ  އެކަހެރި ބައްދަލުވުން ފެށުމުގެ ކުރިން، މަރުކަޒުގައި ހުންނަ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ނުވަތަ ސާބިތުވެފައިވާ މައްސަލައާބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ބައްދަލުވުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަންގަންވާނެއެވެ.

(ޅ) އާއިލީ ބައްދަލުވުމަށާއި އެކަހެރި ބައްދަލުވުމަށް މަރުކަޒަކަށް ޒިޔާރާތްކުރާ ފަރާތްތަކުގެ އަތުގައި ހުރި ތަކެތި ބައްދަލުވުމަކަށް ނުވެއްދޭނެއެވެ. އަދި އެ ތަކެތި ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު މަރުކަޒުތަކުން ހަމަޖައްސަންވާނެއެވެ.

(ކ) އާއިލީ ބައްދަލުވުން ނުވަތަ އެކަހެރި ބައްދަލުވުން ހިނގަމުންދާ ވަގުތު ބައްދަލުވުމުގައި ހިމެނޭ އެއްވެސް ފަރާތަކުން މަރުކަޒުތައް ހިންގުމުގެ ނިޒާމަށް ހުރަސް އެޅޭފަދަ އަމަލެއް ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގައިފިނަމަ، އެ ބައްދަލުވުމެއް ވަގުތުން ހުއްޓުވައި، އެ މައްސަލައެއް ތަހުގީގު ކުރަންވާނެއެވެ.

(އ) އާއިލީ ބައްދަލުވުމަށާއި އެކަހެރި ބައްދަލުވުމަށް މަރުކަޒަކަށް ޒިޔާރާތްކުރާ ފަރާތްތަކުން މަރުކަޒުގައި ހުންނަ މީހާއަށް އެއްވެސް އެއްޗެއް ހަވާލުކުރުމަކީ މަނާކަމެކެވެ. މީގެ އިތުރުން، ބައްދަލުވުމަށް ޒިޔާރާތްކުރާ ފަރާތްތަކުން މުއާސަލާތީ އެއްވެސް ވަސީލަތެއް ބޭނުންކުރުމާއި، މަރުކަޒުގެ އެއްވެސް ތަނެއް ފޮޓޯނަގައި ވީޑިއޯ ކުރުމަކީ މަނާކަމެކެވެ.

(ވ) އާއިލީ ބައްދަލުވުމަށާއި އެކަހެރި ބައްދަލުވުމަށް މަރުކަޒަކަށް ޒިޔާރާތްކުރާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ އިގްރާރުގައި ސޮއިކުރަންވާނެއެވެ.

(މ) މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒުތަކުގައި ތިބޭ މީހުންނަށް ދެވޭ އާއިލީ ބައްދަލުވުންތަކާއި، އެކަހެރި ބައްދަލުވުންތަކާއި، ފޯނުކޯލުތަކުގެ ރެކޯޑު މަރުކަޒުތަކުން ލިޔުމުން ބަލަހައްޓަންވާނެއެވެ.

(ފ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ކަންތައްތައް އަންނަނިވި ސަބަބުތަކަށް ޓަކައި ހިފެހެއްޓުމުގެ ބާރު، އެ މަރުކަޒަކާ ހަވާލުވެ ހުންނަ އިސްވެރިޔާއަށް ލިބިގެންވެއެވެ.

  1. މަރުކަޒުތަކުގެ ސަލާމަތާއި ރައްކައުތެރިކަން ހިފެހެއްޓުމަށް؛
  2. އެސެސްމަންޓަށް ހުރަސްއެޅިދާނެ ކަމަށް ޓަކައި ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ޓަކައި؛
  3. މަރުކަޒުގައި ހުރި މީހަކު އެ ތަނުގައި ހުރި ހުރުމުގައި އެއްވެސް މީހަކަށް ބިރުދެއްކުން، ނުވަތަ މާރާމާރީ ހިންގުން، ނުވަތަ މަރުކަޒުގެ ގަވާއިދާ ހިލާފުވުން.

(ދ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާއިލާއާ ބައްދަލުކޮށް މުއާމަލާތުކުރުން ހިފަހައްޓާނަމަ، އެކަމެއް ހިފެހެއްޓޭ މުއްދަތާއި، ހިފެހެއްޓޭ ސަބަބު، ލިޔުމުން އެ މީހަކަށް އަންގަންވާނެއެވެ.

 

49 ވަނަ މާއްދާ - އާއިލީ ބައްދަލުވުން

(ހ) އާއިލީ ބައްދަލުވުން ދެވޭނީ، މަރުކަޒުތަކުގައި ތިބޭ ފަރާތްތަކުގެ އާއިލާ މީހުންގެ ތެރެއިން މި ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ) ގައި އާއިލާ މެންބަރުންކަމަށް މާނަކޮށްފައިވާ ފަރާތްތަކަށެވެ.

(ށ) މަރުކަޒުތަކުގައި ތިބޭ މީހުންނާ އެ މީހުންގެ އާއިލާގެ ފަރާތުން ބައްދަލުކުރެވޭނީ، އެ ފަރާތުން ފުރިހަމަކުރަމުންދާ ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށް ނިމުމުންނެވެ. އަދި ކޮންމެ ބައްދަލުވުމެއް ވެސް ހަމަޖައްސަންވާނީ، އެންމެ ފަހުން ބައްދަލުކުރިތާ 7 (ހަތެއް) ދުވަސް ވެފައިވާ ނަމައެވެ.

(ނ) އާއިލީ ބައްދަލުވުމުގެ ދިގުމިނަކީ، ގިނަވެގެން 1 (އެކެއް) ގަޑިއިރެވެ.  ބައްދަލުވުން ބާއްވަންވާނީ، އެ މަރުކަޒެއްގައި އެކަމަށް ހާއްސަކޮށްފައިވާ ތަނެއްގައެވެ.

(ރ) އާއިލީ ބައްދަލުވުމުގެ ތެރޭގައި ތަހުގީގަށާއި މަރުކަޒުގެ ސެކިއުރިޓީއަށް ހުރަސްއެޅޭނެކަމަށް ބެލެވޭ އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ. އަދި މިފަދަ ވާހަކައެއް ދައްކައިފިނަމަ ވަގުތުން ބައްދަލުވުން ހުއްޓައިލުމުގެ އިހްތިޔާރު، ބައްދަލުވުމުގެ ކަންކަން ބަލަހައްޓާ މުވައްޒަފަށް ލިބިގެންވެއެވެ.

 

50 ވަނަ މާއްދާ - އެކަހެރި ބައްދަލުވުން

(ހ) މިއީ މަރުކަޒުތަކުގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ އަނބިމީހާއާ ނުވަތަ ފިރިމީހާއާ މަރުކަޒުތަކުގައި އެކަހެރިކޮށް ބައްދަލުކުރުމަށް ދެވޭ ފުރުސަތެކެވެ.

(ށ) ބައްދަލުކުރުމަށް އެދޭ ދެ ފަރާތްވެސް ހުރީ މަރުކަޒުތަކުގެ ބެލުމުގެ ދަށުގައި ކަމަށް ވާނަމަ، އެ ދެ ފަރާތަށް އެކަހެރި ބައްދަލުވުން ހަމަޖައްސައިދޭންވާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ނ) އެކަހެރި ބައްދަލުކުރުމުގެ ފުރުސަތު ދެވޭނީ، މަރުކަޒުތަކުގައި ތިބޭ މީހުން ފުރިހަމަ ކުރަމުންދާ ރިހެބިލިޓޭށަން ޕްރޮގްރާމާއި ރީ-އިންޓަގްރޭށަން ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ފުރިހަމަކޮށް ނިމުމުން، އެ މީހެއްގެ އުޅުމާއި އަހްލާގަށް ބެލުމަށް ފަހުގައެވެ.

(ރ) އެކަހެރި ބައްދަލުވުން ދެވޭނީ، މަހަކު 1 (އެކެއް) ފަހަރު، ގިނަވެގެން 12 (ބާރަ) ގަޑިއިރަށެވެ.

(ބ) އެކަހެރި ބައްދަލުވުން ކުރިޔަށް ގެންދަންވާނީ، މަރުކަޒުތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ތަނެއްގައެވެ.

(ޅ) މަރުކަޒުތަކުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، އެކަހެރި ބައްދަލުވުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހަށިގަނޑު ގާތުން ބަލައި ފާސްކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތީން ހަށިގަނޑު ބަލައި ފާސްކުރާއިރު، އަންހެނުންނާއި ފިރިހެނުން ވަކިން ބަލައި ފާސްކުރުމުގެ އިންތިޒާމެއް ހަމަޖެހިފައި އޮންނަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެކަހެރި ބައްދަލުވުމަށް ޒިޔާރާތްކުރާ އެއްވެސް ފަރާތަކުން، އެ ފަރާތެއްގެ ހަށިގަނޑު ބަލައި ފާސްކުރުމަށް އިންކާރުކުރާނަމަ، އެކަހެރި ބައްދަލުވުން ހަމަޖައްސައިދީގެން ނުވާނެއެވެ.

 

51 ވަނަ މާއްދާ - އާއިލާއަށް ފޯނުކުރުން

(ހ) މަރުކަޒުތަކުގައި ތިބޭ މީހުންނަށް، ކޮންމެ 7 (ހަތެއް) ދުވަހަކުން އެއްފަހަރު، ގިނަވެގެން 10 (ދިހައެއް) މިނެޓުގެ ފޯނު ކޯލެއް ދެވިދާނެއެވެ.

(ށ) ފޯނު ކުރުމަށް ދެވޭ ފުރުސަތުގައި ގުޅޭނީ ދިވެހިރާއްޖޭގެ ނަންބަރުތަކަށެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް، ހާލަތަށް ރިއާޔަތްކޮށް ރާއްޖެއިން ބޭރުގެ ނަންބަރުތަކަށް ގުޅުމުގެ ފުރުސަތު ދޭންވާނެއެވެ.

(ރ) ފޯނު ކުރުމަށް ދެވޭ ފުރުސަތުގައި ގުޅޭނީ، މި ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ގުޅުމެއް އޮންނަ ފަރާތަކަށެވެ.  މިގޮތުން ދެވޭ ފުރުސަތުގައި، ކަނޑައެޅިފައިވާ ވަގުތު ބަހައިލައިގެން 1 (އެކެއް) ނަންބަރަށްވުރެ ގިނަ ނަންބަރުތަކަށް، މަރުކަޒުތަކުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ގުޅުމުގެ ފުރުސަތު ދެވިދާނެއެވެ.

(ބ) މަރުކަޒުތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް، މި މާއްދާގައި ބަޔާންކޮށްފައިވާ ފޯނުކޯލްތައް އަޑުއަހައި ރެކޯޑު ކުރުމުގެ އިހްތިޔާރު، މަރުކަޒާ ހަވާލުވެހުރި އެންމެ އިސްވެރިޔާއަށް ލިބިގެންވެއެވެ.

 

52 ވަނަ މާއްދާ - ތަފުސީލު އިޖުރާއަތުތައް އެކުލަވައިލުން

މި ބާބުގައި ބަޔާންކޮށްފައިވާ އިންތިޒާމުތައް ކޮންމެ މަރުކަޒެއްގައި ހަމަޖައްސާނެ ގޮތުގެ އިޖުރާއަތުތައް، ކޮންމެ މަރުކަޒަކުން، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވައިލަންވާނެއެވެ.

 

ހަވަނަ ބާބު

އާންމު މާއްދާތައް

53 ވަނަ މާއްދާ - އިދާރީ ކަންކަން

މަރުކަޒު އިދާރީގޮތުން ހިންގާނެ ގޮތުގެ އުސޫލެއް، މި ގަވާއިދުގެ ދަށުން ހަދަންވާނެއެވެ.

 

54 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.
 
 
(ހ) "ހަނގުރާމަވެރިން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގުސަދުތަކުގެ ތެރެއިން މަގުސަދަކަށް ޓަކައި ދިވެހިރާއްޖެ ދޫކޮށްފައި ދާ ފަރާތްތަކަށެވެ.

  1. ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން، ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛
  2. ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ޓެރަރިޒަމްގެ އަމަލުތައް ހިންގަން ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛
  3. ހަނގުރާމަކުރުން ހިމެނޭގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.

(ށ) "ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އަށެވެ.

(ނ) "ކުޑަކުދިންގެ އަދުލުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށެވެ.

(ރ) މި ގަވާއިދުގެ 49 ވަނަ މާއްދާގެ (ހ) އާއި 51 ވަނަ މާއްދާގެ (ރ) ގެ ބޭނުމަށް "އާއިލާގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތަކަށެވެ.

  1. އަނބިމީހާ / ފިރިމީހާ؛
  2. މަންމަ / ބައްޕަ؛
  3. އެއްބަނޑުއެއްބަފާ / އެއްބަނޑު / އެއްބަފާ މީހުން؛
  4. މަންމަޔާ ނުވަތަ ބައްޕަޔާ އެއްބަނޑު އެއްބަފާ / އެއްބަނޑު / އެއްބަފާ މީހުން؛
  5. މާމަ / ކާފަ؛
  6. މަންމަގެ ފިރިމީހާ / ބައްޕަގެ އަނބިމީހާ ނުވަތަ އަނބިން؛
  7. މައިދައިތަ / ބަފައިބެ؛
  8. ދަރިން / ދޮންދަރިން؛
  9. ދަނބިދަރިން / ޅީދަރިން؛
  10. މާމަ ދަރިން / ކާފަ ދަރިން؛
  11. ޅިޔަނުން / ފަހަރިން؛
  12. ށަރުއީ ބަލަދުވެރިޔާ / ބެލެނިވެރިޔާ.

(ބ) "މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒަށެވެ.

(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒަށެވެ.

(ކ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒަށެވެ.

(އ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނު) އަށެވެ.

(ވ) "ޓެރަރިޒަމްގެ އަމަލު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމުގެ ގޮތުން އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރުމަށެވެ.

  1. މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛
  2. ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛
  3. ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛
  4. މުދަލަށް ބޮޑެތި ގެއްލުން ދިނުން؛
  5. ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛
  6. އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން؛
  7. އުމްރާނީ މުހިންމު ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން، ނުވަތަ އަސާސީ ހިދުމަތަކަށް ގެއްލުންދިނުން.

 

55 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައިގާނޫނު

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015) 

ކިޔުންތެރިންގެ ހިޔާލު