-

ފާނައިގެ މަސްވެރިކަން ކުރުމާއި ރާއްޖެއިން ފާނަ އެކްސްޕޯޓް ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 376/2014)

 

1 ވަނަ މާއްދާ - ތައާރުފު

މިގަވާއިދަކީ، ޤާނޫނު ނަންބަރު 5/1987 "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު" ގެ 3 ވަނަ މާއްދާ ގެ (ހ) އިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. މިގަވާއިދަށް ކިޔާނީ "ފާނަ މަސްވެރިކަން ކުރުމާއި ފާނަ ރާއްޖެއިން އެކްސްޕޯރޓް ކުރުމުގެ ގަވާއިދު" މިފަދައިންނެވެ.

 

2 ވަނަ މައްދާ - ލައިސަންސް ލިބިގެން ބޭނޭނެ ބާވަތްތަކާއި، އެކްސްޕޯރޓްކުރެވޭނެ ބާވަތްތައް

ފާނަ މަސްވެރިކަން ކުރުމުގެ ލައިސަންސް ދެވޭނީ، ހަމައެކަނި މިގަވާއިދުގެ ޖަދުވަލު (1) ގައި ހިމެނޭ ބާވަތްތައް ބޭނުމަށެވެ. އަދި އެކްސްޕޯރޓްކުރުމަށް ހުއްދަދެވޭނީ ދިރޭ ފާނައާއި އަދި ފާނައިގެ ބާވަތްތަކުން އުފައްދާފައިވާ އުފެއްދުންތަކަށެވެ.

 

3 ވަނަ މާއްދާ - ކޯޓާ ކަނޑައެޅުމާއި ދޫކުރުން

(ހ) ރާއްޖެއިން ފާނަ ބާނަންވީ މިންވަރުގެ ޖުމްލަ ކޯޓާ ކަނޑައެޅުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ޖުމްލަ ކޯޓާ ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް މިނިސްޓްރީއިން ރިއާޔަތްކުރަންވާނެއެވެ.

 1. ފާނައިގެ ސްޓޮކްގެ ހާލަތު
 2. ފާނައިގެ ސްޓޮކްތަކުގެ ހާލަތާއިބެހޭގޮތުން ލިބެންހުރި މަޢުލޫމާތުގެ ސައްހަކަން
 3. ރާއްޖޭގެ މަސްވެރިކަމާއި އިގްތިސާދު ކުރިއެރުވުމާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި ވަޒީފާއާއި މަސައްކަތުގެ ފުރުސަތު ދެމެހެއްޓުމުގެ މުހިންމުކަން.

(ށ) ކަނޑައެޅިފައިވާ ޖުމްލަ ކޯޓާއަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، ކަނޑައެޅޭ އުސޫލަކާއި އެއްގޮތަށް ފާނަ މަސްވެރިކަންކުރުމަށް ކޯޓާ ދޫކުރާނީ މިނިސްޓްރީއިންނެވެ.

 

4 ވަނަ މާއްދާ - މަސްވެރިކަމުގައި ބޭނޭނެ ފާނައިގެ ބޮޑުމިނާއި ބަރުދަން

އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްގައި ފާނައިގެ ބާވަތްތައް ބޭނޭނީ، ހިފޭނީ ނުވަތަ ނެގޭނީ މިގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ސައިޒް ލިމިޓްތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

5 ވަނަ މާއްދާ - މަސްވެރިކަންކުރުމަށް ހުއްދަދޭ ސަރަހައްދު

(ހ) ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ޤާނޫނުގައި ނުވަތަ ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ  ގަވާއިދުގައި ނުވަތަ މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އަތުނަނު ނުވަތަ ފައްތާނަނު ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ކޮންމެ ހިސާބެއްގައިވެސް ފާނަ މަސްވެރިކަން ކުރެވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން ބާރުލިބިގެން ހިމާޔަތްކޮށްފައިވާ ތަންތަނުންނާއި، މިގަވާއިދުގެ ޖަދުވަލު (3) ގައި ބަޔާންކޮށްފައިވާ މަސްވެރިކަންކުރުން މަނާ ސަރަހައްދުތަކުން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން މަނާވާނެއެވެ.

 

6 ވަނަ މާއްދާ - ފާނަ މަސްވެރިކަން މެނޭޖްކުރާ ކޮމިޓީ

(ހ) މިގަވާއިދުގެ 3، 4 އަދި 5 ވަނަ މާއްދާގައި ބަޔާންކުރާ ކަންތައްތައް ކުރުމަށް މިނިސްޓްރީއަށް ލަފާ ދިނުމަށް އަންނަނިވި ފަރާތްތަކުގެ މައްޗަށް އެކުލެވިގެންވާ "ފާނަ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމެޓީ" އެއް މިނިސްޓްރީއިން އުފައްދާ ހިންގަންވާނެއެވެ.

 1. މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުގެ 2 މަންދޫބުން.
 2. މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓްގެ މަންދޫބެއް.
 3. މެރިން ރިސާރޗް ސެންޓަރގެ މަންދޫބެއް.
 4. ފާނައިގެ މަސްވެރިކަން ދިރާސާކުރުމުގައި މަސައްކަތް ކުރައްވާ ބޭފުޅެއް.
 5. ފާނައިގެ މަސްވެރިންގެ ފަރާތުން ހޮވާލެވިފައިވާ މަންދޫބެއް.
 6. ފާނަ އެކްސްޕޯރޓަރުންގެ ފަރާތުން ހޮވާލެވިފައިވާ މަންދޫބެއް.
 7. މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްގެ ފަރާތުން މަންދޫބެއް
 8. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން މަންދޫބެއް
 9. މޯލްޑިވްސް ނޭށަނަލް ޑިފެންސްފޯސް- ކޯސްޓްގާރޑްގެ ފަރާތުން މަންދޫބެއް.

(ށ) މިމާއްދާގެ (ހ) ބަޔާންކޮށްފައިވާ ކޮމެޓީގެ ޗެއަރޕާސަން އައްޔަން ކުރާނީ ކޮމެޓީގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

(ނ) ފާނައިގެ މަސްވެރިކަން މެނޭޖްކުރާ ކޮމެޓީގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ 6 (ހައެއް) މަސްދުވަހުން އެއްފަހަރު ބާއްވަންވާނެއެވެ.

 

7 ވަނަ މާއްދާ - ފާނަ މަސްވެރިކަން މެނޭޖްކުރާ ކޮމެޓީގެ ޒިންމާތަކާއި މަސްއޫލިއްޔަތު

(ހ) ފާނައިގެ މަސްވެރިކަން މެނޭޖްކުރާ ކޮމެޓީގެ ޒިންމާތަކާއި މަސްއޫލިއްޔަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން އެކުލެވިގެންވެއެވެ.

 1. ފާނައިގެ މަސްވެރިކަމާ ގުޅޭ ހުރިހާ ރިޕޯރޓްތަކާއި އެހެނިހެން ޑޮކިއުމަންޓްތައް ރިވިއުކުރުން.
 2. ފާނައިގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން ރިވިއު ކުރުމަށް  ބާއްވާ ބައްދަލުވުންތަކުގެ ނިންމުންތަކާއި ހުށަހެޅުންތައް ރިވިއިކުރުން.
 3. މިމާއްދާގެ (ހ) ގެ (2) ވަނަ ނަމްބަރުގައި ބަޔާންކުރެވުނު ބައްދަލުވުމުގެ  ނިންމުންތަކާއި ހުށަހެޅުންތައް  ފާނައިގެ މަސްވެރިކަމާ ގުޅޭގޮތުން ތައްޔާރުކުރެވޭ ރިޕޯރޓްތަކުގެ އަލީގައި ފާނައިގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންއާއި އަޅަންވީ ފިޔަވަޅުތަކާމެދު ގޮތެއް ނިންމުން.

 

8 ވަނަ މާއްދާ - މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދުން

(ހ) މިގަވާއިދުގެ ދަށުން ރާއްޖޭގައި ފާނައިގެ މަސްވެރިކަންކުރެވޭނީ، ގާނޫނު ނަމްބަރު 5/1987 ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނާއި "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" ގެ ދަށުން ސައްހަ  ލައިސަންސެއް  ލިބިގެންނެވެ.

(ށ) ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ފާނައިގެ މަސްވެރިކަން ކުރަން ލައިސަންސް ދެވޭނީ ހަމައެކަނި ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހިންގެ އުޅަނދުފަހަރަށެވެ. އަދި ފާނަ މަސްވެރިކަން ކުރާ އުޅަނދެއްގައި އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ މަސްވެރިކަން ކުރުމަށް އެއްވެސް ބިދޭސީއެއް ގެންގުޅެގެން ނުވާނެއެވެ.

(ނ) ފާނައިގެ މަސްވެރިކަން ކުރުމުގެ ލައިސަންސަށް އެދޭނީ "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.

(ރ) ފާނައިގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ އުޅަނދެއް މަސްވެރިކަން ކުރުމުގައި އުޅޭއިރު،  އެއުޅަނދަކަށް ދޫކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސް އެއުޅަނދެއްގައި އޮންނަންވާނެއެވެ.

 

9 ވަނަ މާއްދާ - ފާނަކޮށި ހަދައިގެންނާއި ޓޭންކްތަކުގައި ނުވަތަ ބޯޓުފަހަރުގައި ދިރޭމަސްގެންގުޅުމަށް ލައިސަންސް ދޫކުރުން

(ހ) ފާނަމަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ކޮށީގައި ނުވަތަ ޓޭންކުތަކުގައި ނުވަތަ ބޯޓުފަހަރުގައި ދިރޭފާނަ ގެންގުޅޭ ފަރާތްތަކުން "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" ގެ ދަށުން މިނިސްޓްރީ އިން ލައިސަންސް ހޯދަންވާނެއެވެ.

(ށ) ފާނައިގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ކޮށީގައި ނުވަތަ ޓޭންކުތަކުގައި ނުވަތަ ބޯޓުފަހަރުގައި ދިރޭފާނަ ގެންގުޅޭ ފަރާތްތަކުން ލައިސަންސަށް އެދޭނީ "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.

(ނ) މިމާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މިގަވާއިދުގެ (8) ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސް ލިބިފައިވާ އުޅަނދަކުން ނޫނީ މަސްގަނެގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - ފާނަ ޕްރޮސެސްކުރުމުގެ ލައިސަންސް ދޫކުރުން

(ހ) ފާނައިގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ފިނިކޮށްގެން ނުވަތަ ގަނޑުކޮށްގެން  ނުވަތަ ފާނަ އެނޫންވެސް ގޮތްގޮތުން ޕްރޮސެސްކޮށްގެން ފާނަ ގެންގުޅޭ ފަރާތްތަކުން "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު" ގެ ދަށުން މިނިސްޓްރީއިން ލައިސަންސް ހޯދަންވާނެއެވެ.

(ށ) ފާނައިގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ފިނިކޮށްގެން ނުވަތަ ގަނޑުކޮށްގެން ނުވަތަ ފާނަ އެނޫންވެސް ގޮތްގޮތުން ޕްރޮސެސްކޮށްގެން  ފާނަ ގެންގުޅޭ ފަރާތްތަކުން ލައިސަންސަށް އެދޭނީ "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.

(ނ) މިމާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މިގަވާއިދުގެ (8) ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސް ލިބިފައިވާ އުޅަނދަކުން ނޫނީ މަސް ގަނެގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - އެކްސްޕޯޓްކުރަން ތައްޔާރުކުރާ މަހުގެ ކޮލިޓީ

(ހ) މިގަވާއިދުގެދަށުން ލައިސަންސް ލިބިގެން ބާނާ މަހުން ތައްޔާރުކުރާ ބާވަތްތައް ހުންނަންވާނީ އަދި އެމަސް ނުވަތަ އެމަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރަން ވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިންނާއި މިނިސްޓްރީއިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭގޮތަށެވެ.

(ށ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ބާނާ މަހުން ޔޫރަޕިއަން ޔޫނިއަންއަށް އެކްސްޕޯޓް ކުރުމަށްޓަކައި އެއްވެސް ބާވަތެއް ތައްޔާރުކުރަން ވާނީ އަދި އެފަދަ ބާވަތެއް އެކްސްޕޯޓްކުރަން ވާނީ، ޔޫރަޕިއަން ޔޫނިއަން އިން ކަނޑައަޅައި ޢާއްމުކޮށްފައިވާ، މަހާއި މަހުން ތައްޔާރުކުރާ ބާވަތްތައް އެޔޫނިއަންއަށް އެކްސްޕޯޓްކުރުމާ ބެހޭ ގަވާއިދުތަކަށް ފެތޭގޮތަށެވެ.

(ނ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ފާނަ މަސްވެރިކަންކުރާ ކޮންމެ އުޅަނދެއްގައި، އަދި ފާނަ ގެންގުޅޭ ކޮންމެ ކޮށްޓެއްގައި އަދި ޓޭންކުތަކުގައި، ތަނެއްގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި މިނިސްޓްރީއިން ކަނޑައަޅާ ނުވަތަ ގަބޫލުކުރާ ފެންވަރަކަށް މަސް ރައްކާކޮށް ބެހެއްޓޭނޭ އިންތިޒާމް، ހަމަޖެހިފައި ހުންނަންވާނެއެވެ.

(ރ) މަސްވެރިކަންކުރާ އުޅަނދުގައި މަސް ރައްކާކުރާ ބަޔާއި، މަސްގެންގުޅުމުގައި ބޭނުންކުރާ ތަކެއްޗާއި އެކްސްޕޯޓްކުރުމަށް މަސް ޕްރޮސެސްކުރާ ތަންތަނާއި ތަކެތި ހުންނަންވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި މިނިސްޓްރީއިން ކަނޑައަޅާ މިންގަނޑު ތަކާއި އެއްގޮތަށެވެ.

 

12 ވަނަ މާއްދާ - މައުލޫމާތު ދިނުން

(ހ) މަސްވެރިކަމާބެހޭ މައުލޫމާތު އެއްކުރުމަށް، މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ ލޮގްފޮތުގައި ހިމެނޭ މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު ފާނައިގެ މަސްވެރިކަންކުރާ ފަރާތްތަކުންނާއި އެކްސްޕޯރޓްކުރުމުގެ ބޭނުމުގައި ފާނަ ގެންގުޅޭ ފަރާތްތަކުން ކޮންމެ މީލާދީ މަހެއްގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ވޭތުވެދިޔަ މީލާދީ މަހުގެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މިމާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުދިނުމުގެ އިތުރުން، މިނިސްޓްރީއިން ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ އެހެން ފަރާތަކުން، މަސްވެރިކަމާބެހޭ މަޢުލޫމާތު ހޯދުމަށް ފާނައިގެ މަސްވެރިކަންކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތެއްގެ ކިބައިން އެދިއްޖެނަމަ، އެމައުލޫމާތެއް އެފަރާތަކަށް ފޯރުކޮށްދޭންވާނެއެވެ.

(ނ) މައުލޫމާތުދޭ ފަރާތްތަކުން، މިނިސްޓްރީއަށް ދޭ ނުވަތަ ފުރިހަމަކޮށްދޭ ނުވަތަ މިނިސްޓްރީއަށް ދިނުމަށްޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މަޢުލޫމާތަކީ ތެދު، ފުރިހަމަ މައުލޫމާތުކަމަށްވާންވާނެއެވެ. އަދި މިގޮތުން ދޭ އެއްވެސް މައުލޫމާތަކީ ދޮގު ނުވަތަ ސައްހަ ނޫން މައުލޫމާތުކަމުގައި ވެގެންނުވާނެއެވެ.

 

13 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންތައްތައް

ގާނޫން ނަންބަރު 5/1987 "ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނު" އާއި، އެގާނޫނުން ބާރުލިބިގެން ހަދާފައިވާ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދު" އާއި، "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" އާއި މިގަވާއިދުގައި މަނާކަމެއްކަމަށް ނުވަތަ ކޮށްގެންް ނުވާނެކަމެއް ކަމަށް ކަނޑައަޅާފައިވާ  އެއްވެސްކަމެއް، ފާނައިގެ މަސްވެރިކަން ކުރުމަށް އަދި އެކްސްޕޯރޓްކުރުމުގެ ބޭނުމަށް މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން

(ހ) މިގަވާއިދުގައި ވަކިގޮތަކަށް ކުރުމަށް ކަނޑަޅާފައިވާކަމެއް އެގޮތަކަށް އެކަމެއް ނުކުރާ ފަރާތްތަކާއިމެދު ނުވަތަ މިގަވާއިދާއި ހިލާފުވާ ފަރާތްތަކާއިމެދު، މިގަވާއިދުގައި  ކަނޑައަޅާފައިވާ ގޮތުގެމަތީން، މިނިސްޓްރީއިން އިދާރީ ފިޔަވަޅު އަޅަން ވާނެއެވެ.

(ށ) މިމާއްދާގެ (ހ)ގައިވާ ގޮތުގެމަތިން އަޅާފިޔަވަޅު އެޅުމުގެ އިތުރުން،  ފާނައިގެ މަސްވެރިކަން ކުރުމަށް ލައިސަންސްދެނީ، މިގަވާއިދާ އެއްގޮތަށް އަމަލުކުރުން ށަރުތުކޮށް، "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު"ގެ ދަށުން ކަމަށް ވީހިނދު، މިގަވާއިދާ ހިލާފުވާ ފަރާތްތަކާއިމެދު، އެކަމެއްގެ ޒާތަށާއި ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، "އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު" ގައި ކަނޑައަޅާފައިވާގޮތުގެމަތިން، އިދާރީ ފިޔަވަޅުއެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މިގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ސައިޒް ލިމިޓާއި ހިލާފަށް އެއްވެސް ފަރާތަކުން މަސްވެރިކަން ކޮށްފިނަމަ ނުވަތަ މިގަވާއިދުގެ ދަށުން މަސްވެރިކަންކުރުން މަނާކޮށްފައިވާ ސަރަހައްދަކުން މަސްވެރިކަންކޮށްފިނަމަ ނުވަތަ މަސްވެރިކަންކުރަން މަސައްކަތްކޮށްފިނަމަ  ނުވަތަ ފާނަ ބިސްދޫކުރުމަށް ޖަމާވާ ޖަމާވުމަށާއި އަދި ފާނައިގެ އުޅުމަށް އަސަރު ކުރާފަދަ އެއްވެސް އަމަލެއް ނުވަތަ ހަރަކާތެއް ހިންގައިފިނަމަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެފަރާތަކާއި މެދު ޢަމަލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 1. ފުރަތަމަ ފަހަރު 10,000 (ދިހަ ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއިއެކު އެއުޅަނދެއްގައި ނުވަތަ ކޮއްޓެއްގައި އަލުން މޫދަށް ދޫކޮށްލެވޭފަދަ ހެޔޮ ހާލުގައިވާ ފާނައެއްނަމަ މޫދަށް ދޫކޮށްލުން އަދި ދޫނުކުރެވޭވަރަށް ބަލިވެފައިވާނަމަ ފާނައެއް ނަމަ ނައްތާލުން.
 2. ދެވަނަ ފަހަރަށް ކުށެއްކޮށްފިނަމަ 10,000 (ދިހަހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއެކު އެއުޅަނދެއްގައި ނުވަތަ ކޮއްޓެއްގައި އަލުން މޫދަށް ދޫކޮށްލެވޭފަދަ ހެޔޮހާލުގައިވާ ފާނައެއްނަމަ މޫދަށްދޫކޮށްލުން އަދި ދޫނުކުރެވޭވަރަށް ބަލިވެފައިވާ ފާނަ ނައްތާލުމާއި އަދި ކުށްކުރި ފަރާތަށް ދޫކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސް 6 (ހަޔެއް) މަސްދުވަހަށް ހިފެހެއްޓުން.
 3. ތިންވަނަ ފަހަރަށް އަދި އޭގެ ފަހުން 10,000 (ދިހަ ހާސް ރުފިޔާ)އިން ޖޫރިމަނާ ކުރުމާއިއެކު އެއުޅަނދެއްގައި ނުވަތަ ކޮއްޓެއްގައި އަލުން މޫދަށް ދޫކޮށްލެވޭފަދަ ހެޔޮހާލުގައިވާ ފާނައެއްނަމަ މޫދަށް ދޫކޮށްލުން އަދި ދޫނުކުރެވޭވަރަށް ބަލިވެފައިވާނަމަ ފާނަ ނައްތާލުމާއި އަދި ކުށްކުރި ފަރާތަށް ދޫކޮށްފައިވާ މަސްވެރިކަންކުރުމުގެ ލައިސަންސް 12 (ބާރަ) މަސްދުވަހަށް ހިފެހެއްޓުން

(ރ) މިގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ސައިޒް ލިމިޓާއި ޚިލާފަށް މަސްވެރިކަންކޮށްގެން ބާނާފައި ނުވަތަ ހިފާފައި ނުވަތަ ނަގާފައިވާ މަސް އެއްވެސް ފަރާތަކުން ގަނެފިނަމަ ނުވަތަ އެފާނައިން ވިޔަފާރީގެ ނަފައެއް ހޯދުމަށް ބެނުންކޮށްފިނަމަ ނުވަތަ އެކްސްޕޯޓްކޮށްފިނަމަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 1. ފުރަތަމަ ފަހަރު  10,000 (ދިހަ ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއެކު އަލުން މޫދަށް ދޫކޮށްލެވޭފަދަ ހެޔޮ ހާލުގައިވާ ފާނައެއްނަމަ މޫދަށް ދޫކޮށްލުން އަދި ދޫނުކުރެވޭވަރަށް ބަލިވެފައިވާ ފާނަ ނައްތާލުމާއި އެކު އެފަރާތަކަށް ދީފައިވާ ލައިސަންސް 3 (ތިނެއް) މަސްދުވަހަށް ހިފެހެއްޓުން.
 2. ދެވަނަފަހަރު ކުށެއްކޮށްފިނަމަ 10,000 (ދިހަހާސްރުފިޔާ) އިން ޖޫރިމަނާ ކުރުމާއެކު އަލުން މޫދަށް ދޫކޮށްލެވޭފަދަ ހެޔޮ ހާލުގައިވާ ފާނައެއްނަމަ މޫދަށް ދޫކޮށްލުން އަދި ދޫނުކުރެވޭވަރަށް ބަލިވެފައިވާ ފާނަ ނައްތާލުމާއި އެކު އެފަރާތަކަށް ދީފައިވާ ލައިސަންސް 6 (ހައެއް) މަސް ދުވަހަށް ހިފެހެއްޓުން.
 3. ތިންވަނަ ފަހަރު  އަދި އޭގެ ފަހުން ގަވާއިދާއި ޚިލާފުވާ ކޮންމެ ފަހަރަކު އެލިބުނު އާމްދަނީއަކާއި އެއްވަރުގެ ފައިސާގެ އަދަދަކުން ނުވަތަ އެކަމެއް އެގޮތަށް ކޮށްގެން އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެލިބުނު ގެއްލުމަކާ އެއްވަރުގެ ފައިސާގެ އަދަދަކުން ޖޫރިމަނާކުރުމާއި ކުށުގެ ވެށިން ހޯދާފައިވާ ފާނަ ނައްތާލުމާއެކު އެފަރާތަކަށް ދީފައިވާ ލައިސަންސް 12 (ބާރަ) މަސް ދުވަހަށް ހިފެހެއްޓުން.

(ބ) މިގަވާއިދުގެ ދަށުން ވަކިކަމެއް ކުރުމަށް ނުވަތަ ވަކިކަމެއް ނުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް ކަމެއް، މިގަވާއިދުގައި ކަނޑައަޅާފައިވާ ގޮތްނޫން އެހެން ގޮތަކަށް ނުވަތަ އެގޮތާއި ހިލާފު ގޮތަކަށް ކޮށްފިނަމަ މިގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނޑައަޅައި އެކުރި ކުށަކަށް މިމާއްދާގެ ދަށުން ފިޔަވަޅު އެޅުމުގައި ބަލާނީ ކޮންމެ ކުށެއް ވަކިންނެވެ.

(ޅ) މިމާއްދާގެ ދަށުން ޖޫރިމަނާ ކުރުމުގައި އެކަމެއް ކޮށްގެން ލިބުނު ނުވަތަ ލިބޭނެ ފައިސާގެ މިންވަރު ނުވަތަ އެކަމެއް އެގޮތަކަށް ކުރުމުން ލިބުނު ގެއްލުމުގެ މިންވަރު ފައިސާއިން ވަޒަންކޮށް ކަނޑައަޅާނީ މިނިސްޓްރީއިންނެވެ.

(ކ) މިގަވާއިދާއި ހިލާފުވުމާއި ގުޅިގެން، މިގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅެއް އެޅުމަކީ ނުވަތަ ކުރާ ޖޫރިމަނާއެއް ކުރުމަކީ، މަސްވެރިކަމުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ނުވަތަ އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އެފަރާތަކުން ކޮށްފައިވާ އަމަލަކާއިމެދު ދިވެހިރާއްޖޭގެ ށަރުއީ ކޯޓެއްގައި ދައުވާކުރުމަށް ހުރަސްއެޅޭނެ ކަމެއް ނޫނެވެ.

 

15 ވަނަ މާއްދާ - މިނިސްޓްރީގެ ނިންމުމަކާމެދު ހިތްހަމަ ނުޖެހުން

މި ގަވާއިދުގެ ދަށުން މިނިސްޓްރީއިން ލައިސަންސް ދޭގޮތާއިމެދު ނުވަތަ ލައިސަންސް ދިނުމަށް މިނިސްޓްރީއިން ނިންމާ ނިންމުމަކާމެދު ނުވަތަ ދީފައިވާ ލައިސަންސެއް ހިފެހެއްޓުމަށް ނުވަތަ އަނބުރާ އަތުލުމަށް ނުވަތަ ބާތިލުކުރުމަށް ނިންމާ ނިންމުމަކާމެދު ނުވަތަ މިގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅަކާމެދު ނުވަތަ ކުރާ ޖޫރިމަނާއަކާމެދު ހިތްހަމަ ނުޖެހޭ ހާލަތުގައި އެމައްސަލައާއި މެދު އަލުންވިސްނައި، އިދާރީގޮތުން މައްސަލައާއިމެދު ގޮތެއް ނިންމައިދިނުމަށް ހުށަހަޅާނަމަ، އެކަމަކާއިމެދު މިނިސްޓްރީން ނިންމި ނިންމުމުގެ ނޯޓިސް ލިބޭތާ ގިނަވެގެން 30 (ތިރިސް) ދުވަހުގެ ތެރޭގައި، އެމައްސަލައެއް ލިޔުމަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ - މޮނީޓަރކޮށް ކޮންޓްރޯލް ކުރުމާއި ސާވޭލަންސް  ބެލެހެއްޓުމުގެ ނިޒާމް

(ހ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ހިންގާ އެކިއެކި ކަންކަން ބެލެހެއްޓުމުގެ ބޭނުމުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މަށްވަރާގެ މަތިން ނުވަތަ އެފަރާތަކާއި ގުޅިގެން މިގަވާއިދުގެ ދަށުން ހިނގާ ކަންކަން މޮނީޓަރކޮށް، ކޮންޓްރޯލްކޮށް، ސާރވޭލަންސް ބެލެހެއްޓުމުގެ ނިޒާމެއް މިނިސްޓްރީން ރާވާ ތަންފީޒްކުރަން ވާނެއެވެ.

(ށ) ފާނަ މެނޭޖްމަންޓް ޕްލޭންގައިވާ ކަންކަން ތަންފީޒްކުރުމުގެ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތު އުފުލާނީ މިނިސްޓްރީ އިންނެވެ.

(ނ) މިމާއްދާގެ (ށ)ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފާނަ މެނޭޖްމަންޓް ޕްލޭންގައިވާ އެންމެހައި ކަންކަން ތަންފީޒްކޮށް ބެލެހެއްޓުމުގެ ފުރިހަމަ އިހްތިޔާރު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކައުންސިލް އިދާރާތަކުގެ ތެރެއިން މިމިނިސްޓްރީން ކަނޑައަޅާ ފަރާތްތަކާއި ހަވާލުކުރެވިދާނެއެވެ.

 

17 ވަނަ މާއްދާ - ވެސަލް މޮނިޓަރިން ސިސްޓަމް

"އެކްސްޕޯރޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯރޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާއި ބެހޭ ގަވާއިދު"ގެ 18 ވަނަ މާއްދާގެ (ނ) ގައި، ލައިސަންސް ލިބިގެން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި 01 ޖޫން 2014 އިން ފެށިގެން ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުކުރަންޖެހޭކަމަށް އޮތް ނަމަވެސް، ފާނަ މަސްވެރިކަންކުރާ އުޅަނދުފަހަރުގައި "ވެސަލް ލޮކޭޓިންގ ޑިވައިސް" ހަރުކުރުމަށް ލާޒިމުވާ ތާރީހަކީ 1 މާރިޗު 2015 އެވެ. 

 

18 ވަނަ މާއްދާ - މާނަކުރުން

މިގަވާއިދުގައި ލަފްޒެއް ނުވަތަ އިބާރާތެއް، އެއިބާރާތެއް ހިމެނިފައިވާގޮތުން، ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާހާ ހިނދަކު، މިގަވާޢިދުގައި:

"ލޮގް ފޮތް" ކަމުގައި ބުނެފައި އެވަނީ، ލައިސަންސް ލިބިފައިވާ އުޅަނދުފަހަރުން ފުރިހަމަކުރަންޖެހޭ ދުވަހު މަސްވެރިކަމުގެ ރެކޯޑް ފުރިހަމަކުރާ ފޮތަށެވެ.

"ކެޔޮޅު" ކަމުގައި ބުނެފައި އެވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ، އުޅަނދު، ނުވަތަ ބޯޓުގައި ގާއިމްވެ ހުންނަ އުޅަނދު ނުވަތަ އެބޯޓު ދުއްވުމުގެ ހުރިހާ ޒިންމާތަކާއި ހަވާލުވެ ހުންނަ އެންމެ އިސްފަރާތަށެވެ.

"މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރއަށެވެ.

"ދިރޭމަސް ނުވަތަ ދިރޭ ފާނަ ގެންގުޅުން" ކަމުގައި ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ގާނޫނު ހިންގާ ސަރަހައްދުން ބާނައިގެން ނުވަތަ ހިފައިގެން ނުވަތަ ނަގައިގެން އެކުސްޕޯރޓުކުރުމުގެ ބޭނުމުގައި ނުވަތަ އެކުސްޕޯރޓުކުރާ ފަރާތަކަށް ވިއްކުމުގެ ބޭނުމުގައި ނުވަތަ ރިސޯޓުތަކަށް ވިއްކުމުގެ ބޭނުމުގައި ކޮށީގައި ނުވަތަ ޓޭންކުގައި ނުވަތަ އުޅަނދުފަހަރުގައި ދިރުވައިގެން މަސްގެންގުޅުމަށެވެ.

"ކޯޓާ" ކަމުގައި ބުނެފައި އެވަނީ، ފާނައިގެ ސުޓޮކުގެ ދުޅަހެޔޮކަމަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން ފާނަބޭނޭނެ ކަމަށް ކަނޑައަޅާ އެންމެ މަތީ މިނަށެވެ.

"ސައިޒް ލިމިޓް" ކަމުގައި ބުނެފައި އެވަނީ ދެމެހެއްޓެނިވިގޮތެއްގައި ފާނައިގެ ސްޓޮކް ދެމެހެއްޓުމަށްޓަކައި ފާނަ ބޭނުން ހުއްދަކޮށްފައިވާ ކުޑަ، ބޮޑުމިނަށެވެ.

"މެނޭޖްމަންޓް ޕްލޭން" ފާނައިގެމަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ އޮނިގަނޑަށެވެ.

"ފާނައިގެ މަސްވެރިކަމުގެ ބޭނުމުގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އެއްވެސް ބޭނުމަކަށް ބޭނުން ކުރުން" ކަމުގައި ބުނެފައިއެވަނީ، ދަތުރުފަތުރުކުރުމުގެ ބޭނުމަށް ނޫން އެހެން އެއްވެސް ބޭނުމަކަށް އެސަރަހައްދު ބޭނުންކުރުން

 

19 ވަނަ މާއްދާ - ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހް

މިގަވާއިދަށް އަމަލުކުރަން ފާށާނީ މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއު ކުރާ ތާރީހުން ފެށިގެން 15 ދުވަސް ފަހުންނެވެ.

 

 

ޖަދުވަލު 1

(ފާނައިގެ މަސްވެރިކަންކުރުމަށް ލައިސަންސް ދެވޭ ބާވަތްތައް)

 

ދިވެހި ނަން

Scientific Name

English Name

ގިނިމަސްފާނަ

Aethaloperca rogaa

Red mouth grouper

ބޯޅަޖެހިފާނަ

Anyperodon leucogrammicus

Slender grouper

މަސްފާނަ

Cephalopholis argus

Peacok hind

ރަންފާނަ

Cephalopholis aurantia

Golden hind

ރަތްތިކިފާނަ

Cephalopholis leopardus

Leopard hind

ކޮވެލިފާނަ

Cephalopholis miniata

Coral hind, Vermilion seabass

ލަނޑާފާނަ

Cephalopholis sexmaculata

 Sixblotch hind

ވެލިފާނަ

Cephalopholis sonnerati

Tomato hind

ނާރިނގުފާނަ

Cephalopholis spiloparaea

Strawberry hind

ކަންފަތްކަޅުފާނަ

Cephalopholis urodeta

Darkfin hind

ތިއްޖެހިފާނަ

Epinephelus areolatus

Areolate grouper

ހުދުލައްފާނަ

Epinephelus caeruleopunctatus

White-spotted grouper

ކުޅަނދުރުފާނަ

Epinephelus chlorostigma

Brown-spotted grouper

ރަތްގަޅިފާނަ

Epinephelus fasciatus

Black-tip grouper, Red banded grouper

ދޮންނޫފާނަ

Epinephelus flavocaeruleus

Blue and Yellow Grouper

ކަސްފާނަ

Epinephelus fuscoguttatus

Brown- marbled grouper

މުޑުފާނަ

Epinephelus Lanceolatus

Giant grouper

ކޫރުފާނަ

Epinephelus longispinis

Long-spine grouper , Streaky spot grouper

ފިއްޖެހިފާނަ

Epinephelus macrospilos

Snubnose grouper, Big spot grouper

ލަށްފާނަ

Epinephelus merra

Honeycomb grouper

ކުރެހިފާނަ

Epinephelus miliaris

Netfin grouper,Honeyfin grouper

ދުންތަރިފާނަ

Epinephelus morrhua

Comet grouper

ބާފޮތިފާނަ

Epinephelus multinotatus

White blotched grouper

ކަޅުފާނަ/އައްގަޅިފާނަ

Epinephelus octofasciatus

Eight bar grouper

ކިރުޅިފާނަ

Epinephelus ongus

White streaked grouper

ކުލަފާނަ

Epinephelus polyphekadion

Camouflage grouper

ދޮންފާނަ

Epinephelus retouti

Red tipped grouper

އަސްދާނުފާނަ

Epinephelus spilotoceps

 Four-saddle grouper

ލޮނދިފާނަ

Epinephelus tauvina

Greasy grouper

ބޯކުޑަފާނަ

Gracila albomarginata

Masked grouper

އޮޅުފާނަ

Plectropomus areolatus

Squaretail croal grouper

ކުލައޮޅުފާނަ/ކަނޑުރަސްގެފާނު

Plectropomus laevis

Black-saddled coral grouper

ދޮންއޮޅުފާނަ

Plectropomus pessuliferus

Roving coral grouper

ކަނޑުރަތްހާ

Varioala albimarginata

White edged lyretail

ކަނޑުހާ

Variola louti

Moontaiil sea-bass, Yellow edged Lyretail

 

 

ޖަދުވަލު 2

(ފާނައިގެ މަސްވެރިކަން ކުރާ ފަރާތްތަކުންނާއި، އެކްސްޕޯޓް ކުރާ  ފަރާތްތަކުން)

 

ފާނައިގެ ބާވަތް

ނެގުން ހުއްދަ ސައިޒް

ގިނިމަސްފާނަ

27 ސެންޓިމީޓަރަށް ވުރެ ބޮޑު

ބޯޅަޖެހިފާނަ

31 ސެންޓިމީޓަރަށް ވުރެ ބޮޑު

މަސްފާނަ

26 ސެންޓިމީޓަރަށް ވުރެ ބޮޑު

ކޮވެލިފާނަ

26 ސެންޓިމީޓަރަށް ވުރެ ބޮޑު

ކުދިރަތްފާނައިގެ އެހެން ބާވަތްތައް

20 ސެންޓިމީޓަރަށް ވުރެ ބޮޑު

ރަތްގަޅިފާނަ

25 ސެންޓިމީޓަރަށް ވުރެ ބޮޑު

އަސްދާނުފާނަ، ކިރުޅިފާނަ

28 ސެންޓިމީޓަރަށް ވުރެ ބޮޑު

ދޮންނޫފާނަ

30 ސެންޓިމީޓަރަށް ވުރެ ބޮޑު

ބޮޑުތިކިފާނަ/ ފިއްޖެހިފާނަ، ހުދުލައްފާނަ

32 ސެންޓިމީޓަރަށް ވުރެ ބޮޑު

ކަސްފާނަ

31 ސެންޓިމީޓަރާއި 45 ސެންޓިމީޓަރާއި ދެމެދު އަދި 63 ސެންޓިމީޓަރަށްވުރެ ބޮޑު

ކުލަފާނަ

31 ސެންޓިމީޓަރަށް ވުރެ ބޮޑު

ޓައިގަރު/އޮޅުފާނަ

35 ސެންޓިމީޓަރަށް ވުރެ ބޮޑު

ކަނޑުރަސްގެފާނު/ކުލައޮޅުފާނަ، ދޮންއޮޅުފާނަ

35 ސެންޓިމީޓަރަށް ވުރެ ބޮޑު

ކަނޑުރަތްހާ

25 ސެންޓިމީޓަރަށް ވުރެ ބޮޑު

ކަނޑުހާ

31 ސެންޓިމީޓަރަށް ވުރެ ބޮޑު

 

 

ޖަދުވަލު 3

(ފާނަ ސްޓޮކު އާލާކޮށް ދެމެހެއްޓެނިވި މަސްވެރިކަމަކަށް މަގުފަހި ކުރުމަށްޓަކައި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ނުކުރެވޭގޮތަށް ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް)

 

އަތޮޅު

ސަރަހައްދު

އޭރިޔާ

ކ.އަތޮޅު

ދިއްފުށި ކަނޑުއޮޅި

ފިގަރ 1

ޅ.އަތޮޅު

އަލިގައު ކަނޑުއޮޅި

ފިގަރ 2

ވ.އަތޮޅު

ފަރުކޮޅު ކަނޑުއޮޅި

ފިގަރ 3

މ.އަތޮޅު

ކުޑަ އަދި ބޮޑު ކަނޑުއޮޅި

ފިގަރ 4

ދ.އަތޮޅު

ކުޑަހުވަދޫ ކަނޑުއޮޅި

ފިގަރ 5

 

(ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ޗާޓު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 5/1987)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު