-

ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމާބެހޭ ގަވާއިދު

(2008) 

 

1 ވަނަ މާއްދާ - ތައާރުފް

މިއީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވާލެވިފައިވާ، ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ "ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެންގުޅުމާއި ބޭނުންކުރުމާއި ބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.

 

4 ވަނަ މާއްދާ - ފުލުހުންގެ އައިޑެންޓިޓީ ކާޑު ދޫކުރުން

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހަމަ ކޮންމެ ފުލުހަކަށް ފުލުހުންގެ އައިޑެންޓިޓީ ކާޑު ދޫކުރަން ވާނެއެވެ. އަދި ސްޕެށަލް ކޮންސްޓަބުލަރީގައި ހިމެނޭ ކޮންމެ މުވައްޒަފަކަށް ވެސް އައިޑެންޓިޓީ ކާޑެއް ދޫކުރަން ވާނެއެވެ.

 

5 ވަނަ މާއްދާ - ފުލުހުންގެ އައިޑެންޓިޓީ ކާޑުގައި ހުންނަންވާނެ މައުލޫމާތު

(ހ) ފުލުހުންގެ އައިޑީކާޑުގައި ތިރީގައި ބަޔާންވެގެން އެވާ މައުލޫމާއު ހުންނަން ވާނެއެވެ

  1. މުވައްޒަފުގެ ފުރިހަމަނަން؛
  2. މުވައްޒަފުގެ ރޭންކް ނުވަތަ މަގާމް؛
  3. ސަރވިސް ނަންބަރު؛
  4. ކާޑު ހެއްދި ތާރީހް؛
  5. ކާޑުގެ މުއްދަތު ހަމަވާ ތާރީހް؛
  6. ކާޑުގެ ސީރިއަލް ނަންބަރު؛
  7. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރ؛
  8. މުވައްޒަފުގެ ލޭގެ ގްރޫޕް؛
  9. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެޖް؛
  10. ކާޑު ދޫކުރެވޭ މުވައްޒަފުގެ ފޮޓޯ؛
  11. ކާޑު ހޮވައިފިނަމަ ހަވާލުކުރަންވީ އެޑްރެސް؛
  12. ޑިޖިޓަލް ސިގްނޭޗަރ؛

(ށ) ފުލުހުންގެ އައިޑެންޓިޓީ ކާޑުގެ ނަމޫނާއެއް މި ގަވާއިދުގެ ޖަދުވަލު 1 ގައި ވާނެއެވެ.

 

6 ވަނަ މާއްދާ - ފުލުހުންގެ އައިޑެންޓިޓީ ކާޑު ބޭނުންކުރުން

(ހ) ވަކި މުވައްޒަފަކަށް ދޫކުރެވިފައިވާ ފުލުހުންގެ އައިޑެންޓިޓީ ކާޑު، އެހެން މީހަކު ބޭނުންކުރުމަށް ނުވަތަ އެހެން މީހަކަށް ދިނުމަކީ މަނާކަމެކެވެ.

(ށ) ފުލުހުންގެ އައިޑެންޓިޓީ ކާޑަކީ ކޮންމެ މުވައްޒަފެއްގެ އަތުގައި، އަބަދުމެ އޮންނަން ޖެހޭނެ އެއްޗެކެވެ.

(ނ)ފުލުހުންގެ ވާޖިބު އަދާކުރުމުގައި އެމީހަކީ ކާކުކަން އަންގައިދޭން ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް ފުލުހުންެގެ އައިޑެންޓިޓީ ކާޑު ދައްކަން ޖެހޭނެއެވެ.

(ރ) ފުލުހުންގެ މަރުކަޒެއްގައި އުޅޭއިރު އަބަދުވެސް ފުލުހުންގެ އައިޑެންޓިޓީ ކާޑު، ފެންނަގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ.

 

7 ވަނަ މާއްދާ - ފުލުހުންގެ އައިޑެންޓިޓީ ކާޑު އަނބުރާ ހަވާލުކުރުން

(ހ) ފުލުހުންގެ އައިޑެންޓިޓީ ކާޑަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މިލްކަކަށްވާތީ ފުލުހަކު ވަޒީފާއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ ރިޓަޔަކޮށްފިނަމަ ވަގުތުން އެ ފުލުހަކަށް ދޫކޮށްފައިވާ ފުލުހުންގެ އައިޑެންޓިޓީ ކާޑު، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހަވާލުކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ދޫކުރެވޭ ފުލުހުންގެ އައިޑެންޓިޓީ ކާޑަކީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބޭނުންވެއްޖެ ހިނދެއްގައި އަތުލެވިދާނެ އެއްޗެކެވެ.

(ނ) ފުލުހަކު ކުރި ކުށަކާއި ގުޅިގެން އެމީހަކު ސަސްޕްންޑް ކުރުމަށް ނިންމައިފިނަމަ، އެފަދައިން ނިންމާހިނދު، އެމީހަކަށް ދޫކުރެވިފައިވާ ފުލުހުންގެ އައިޑެންޓިޓީ ކާޑާއި މެދު އަމަލުކުރާނެ ގޮތްވެސް ކަނޑައަޅަން ވާނެއެވެ.

 

8 ވަނަ މާއްދާ - ފުލުހުންގެ އައިޑެންޓިޓީ ކާޑު ހޮވުން

އެއްވެސް ފަރުދަކު ފުލުހުންގެ އައިޑެންޓިޓީ ކާޑެއް ހޮވައިފިނަމަ ލަސްނުކޮށް، އެކާޑު ފުލުހުންގެ މަރުކަޒަށް ހަވާލުކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ފުލުހުންގެ އައިޑެންޓިޓީ ކާޑާއި ވައްތަރު ކާޑު ހެދުން

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުއްދަ ނުހޯދާ، އެއްވެސް މީހަކު، ފުލުހުންގެ އައިޑެންޓިޓީ ކާޑާއި ވައްތަރު ކާޑެއް، ނުވަތަ ރައްޔިތުންނަށް އެއީ ފުލުހުންގެ އައިޑެންޓިޓީ ކާޑު ކަމަށް ގަބޫލުކުރެވޭ ޑިޒައިނެއްގައި ކާޑު ހައްދާ ނުވަތަ ބޭނުންކޮށްގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - ފުލުހުންގެ އައިޑެންޓިޓީ ކާޑު ގެއްލުން ނުވަތަ ހަލާކުވުން.

(ހ) ފުލުހަކާއި ހަވާލުކުރެވިފައިވާ ފުލުހުންގެ އައިޑީ ކާޑެއް ގެއްލިއްޖެ ނަމަ ނުވަތަ ހަލާކުވެއްޖެނަމަ ލަސްނުކޮށް އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އައިޑެންޓިޓީ ކާޑު ދޫކުރާ ޑިޕާޓްމެންޓަށް ނުވަތަ ޔުނިޓަށް އަންގަންވާނެއެވެ.

(ށ) ޕޮލިސް އައިޑެންޓިޓީ ކާޑު ގެއްލިފައި ނުވަތަ ހަލާކުވެފައިވަނީ ފުލުހެއްގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ކަމަށް ވާ ނަމަ، އެ މައްސަލައެއްގެ މައުލޫމާތާއި އެކު އެކަން ބަޔާންކުރަން ވާނެއެވެ. 

 

---------- 

ޖަދުވަލު 1

 (ފުލުހުންގެ އައިޑެންޓިޓީ ކާޑުގެ ނަމޫނާ، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ. )

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު