-

ޗުއްޓީ ނެގުމާއި ސަލާމް ބުނުމާބެހޭ ގަވާއިދު

(2009) 

1 ވަނަ މާއްދާ - ތައާރުފް

މިއީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން އެކުލަވައިލެވިފައިވާ ފުލުހުން، ޗުއްޓީ ނެގުމާއި ސަލާމް ބުނުމާބެހޭ މިންގަނޑާއި އުސޫލުތައް ކަނޑައަޅާ ގަވާއިދެވެ.

 

2 ވަނަ މާއްދާ - މިގަވާއިދުގެ ނަން

މިގަވާއިދުގެ ނަމަކީ "ޗުއްޓީ ނެގުމާއި ސަލާމް ބުނުމާބެހޭ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް

މިގަވާއިދު ހިންގާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.

 

4 ވަނަ މާއްދާ - ޗުއްޓީގެ ބާވަތްތައް

ފުލުހުންނަށް ދެވޭނެ ޗުއްޓީތައް ތިރީގައި ބަޔާންވެގެން އެވަނީއެވެ.

(ހ) އަހަރީ ޗުއްޓީ؛

(ށ) މުސާރަ ނުލިބޭ ޗުއްޓީ؛

(ނ) ބަލިވެއިނުމާއި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީ؛

(ރ) މަޔަކަށް ނުވަތަ ބަފަޔަކަށް ވުމުން ދެވޭ ޗުއްޓީ؛

(ބ) ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ؛

(ޅ) ހައްޖު ޗުއްޓީ؛

(ކ) މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ؛

(އ) މުސާރައިގެ ½ (ދެބައިކުޅަ އެއްބައި) ލިބޭ ގޮތަށް ދޭ ޗުއްޓީ؛

(ވ) ބޮޑެތިކަންތަކާ ގުޅިގެން ދޭ ޗުއްޓީ.

 

5 ވަނަ މާއްދާ - އަހަރީ ޗުއްޓީ

އަހަރީ ޗުއްޓީ އަކީ ކޮންމެ ފުލުހަކުވެސް މެދުނުކެޑި 01 އަހަރު ދުވަހު ވަޒީފާއަދާ ކުރުމުން، އެއަހަރު ދުވަހުގެ ތެރޭގައި ވަޒީފާއަށް ހާޒިރުނުވާ 38 ދުވަސް ނެތް ފުލުހަކަށް، ހަމަ މުސާރަ އާއިއެކު ހައްގުވާ ޗުއްޓީއެކެވެ. މިޗުއްޓީގެ މުއްދަތަކީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 38 ދުވަހެވެ. އަހަރީ ޗުއްޓީ ލިބޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) ކޮންމެ ފުލުހަކަށްވެސް އޭނާ އެދިއްޖެ ހާލަތެއްގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތަށް ދަތިނުވާ ގޮތަށް، ފަހަރަކު 38 ދުވަހަށްވުރެ އިތުރު ނުވާނެހެން އަހަރީ ޗުއްޓީ ދޭން ވާނެއެވެ.

(ށ) އަހަޜީ ޗުއްޓީގެ ދުވަސްތައް އެއްފަހަރާ ނުވަތަ އެކި ފަހަރު މަތިން ބަހާލައިގެންވެސް ނެގިދާނެއެވެ.

(ނ) ފުލުހަކަށް ލިބޭ އަހަރީ ޗުއްޓީ ނުނަގައި ހުރެއްޖެނަމަ، އެމީހެއްގެ އަހަރީ ޗުއްޓީގެ ދުވަސްތައް 03 އަހަރުވަންދެން ޖަމާ ކުރެވޭނެއެވެ. އަދި ޗުއްޓީ ނުނަގާ 03 އަހަރުވަންދެން ހުރެއްޖެނަމަ، އެމީހެއްގެ ޖަމާގައިވާ އަހަރީ ޗުއްޓީ އިން 03 އަހަރަށްވުރެ އިތުރުވާ ދުވަސްތައް އުނިވާނެއެވެ.

(ރ) މުވައްޒަފާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި މަސައްކަތުގެ ގޮތުން އޭނާ ޗުއްޓީ ބޭނުންވިނަމަވެސް ޗުއްޓީ ނުދިނުމުގެ ސަބަބުން އޭނާގެ ޗުއްޓީގެ ދުވަސްތައް އުނިވެގެން ނުދާނެއެވެ.

(ބ) މިމާއްދާގެ (ރ) ގައި ބަޔާންވެގެންވާ ހާލަތް ނޫން އެހެން ހާލަތާއި ގުޅިގެން، އަހަރީ ޗުއްޓީގެ ޖަމާގައި 114 ދުވަހަށް ވުރެ އިތުރުވާ ދުވަސްތަކަށް އޭގެ ފަހަކުން ޗުއްޓީ އެއް ނުލިބޭނެއެވެ.

(ޅ) ފުލުހަކު ވަޒީފާއިން ވަކިކުރާއިރު އޭނާއަށް ހައްގުވާ އަހަރީ ޗުއްޓީއެއް އޮވެއްޖެނަމަ، އެޗުއްޓީގެ ބަދަލުގައި އޭނާއަށް އެއިރަކު ލިބޭ މުސާރައިގެ ނިސްބަތުން ދުވަހަކަށް ޖެހޭ މުސާރައިގެ ރޭޓުން އެދުވަސްތަކަށް ފައިސާ ދޭންވާނެއެވެ.

(ކ) އަހަރީ ޗުއްޓީގެ ދުވަސް ގުނުމުގައި، އެފުލުހަކު އަހަރެއްގެ ތެރޭ މަސައްކަތަށް ހާޒިރު ނުވާ ދުވަސްތައް، އަހަރީ ޗުއްޓީގެ މުއްދަތުން އުނި ނުކުރެވޭނެއެވެ.

(އ) އަހަރީ ޗުއްޓީ ދޭންވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތަށް ދަތިނުވާ ގޮތަށް، އަހަރީ ޗުއްޓީ ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާފައިވާ މީހުންގެ ޕަސެންޓޭޖަށްވުރެ އިތުރުނުވާ މިންވަރަށެވެ.

 

6 ވަނަ މާއްދާ - މުސާރަ ނުލިބޭ ޗުއްޓީ

(ހ) މުސާރަ ނުލިބޭ ޗުއްޓީ ނެގޭނީ، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ގުޅިގެން ނުވަތަ މިނޫންވެސް މިފަދަ ކަމަކާ ގުޅިގެން ޗުއްޓީއެއް ނަގަން ކޮންމެހެން ޖެހިއްޖެނަމައެވެ.

  1. އަމިއްލަ ގޮތުން ތައުލީމު ހާސިލުކުރުމަށްޓަކައި ދިގު ޗުއްޓީއެއް ބޭނުންވުން؛
  2. ދިގު މުއްދަތަކަށް އެފުލުހަކަށް ސިއްހީ ފަރުވާއެއް ކުރުން، ނުވަތަ އެފުލުހެއްގެ އަނބި ނުވަތަ ފިރި، ދަރިއަކު، މަންމަ، ބައްޕަ ނުވަތަ ށަރުއީ ގޮތުން ބަލަންޖެހޭ މީހަކަށް ޖެހިފައިވާ ބައްޔަކަށް ދިގު މުއްދަތަކަށް ސިއްހީފަރުވާ ހޯދުމަށްޓަކައި، ދިގު މުއްދަތަކަށް ޗުއްޓީއެއ ބޭނުންވުން؛
  3. ބޭރު ގައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލަ މިށަނެއްގެ ވަޒީފާއަކަށް އެފުލުހެއްގެ ފިރި ނުވަތަ އަނބިމީހާ ދިއުމުން، އަނބި ނުވަތަ ފިރިމީހާއާއެކު ދިރިއުޅުމަށް ދިގު މުއްދަތަކަށް ޗުއްޓީއެއް ބޭނުންވުން؛
  4. ބަލިވެއިނުމާ ވިހެއުމާ ގުޅިގެން ދިގު މުއްދަތަކަށް ޗުއްޓީއެއް ބޭނުންވުން؛

(ށ) އަހަރީ ޗުއްޓީގައި، ޗުއްޓީ ހައްގުވާ ދުވަސްތަކެއް އޮތް ފުލުހަކަށް މުސާރަ ނުލިބޭ ޗުއްޓީ ދޭންވާނީ، އަހަރީ ޗުއްޓީގައި އޮތް ދުވަސްތަކަށް ޗުއްޓީ ދިނުމަށްފަހު، އިތުރަށް ޗުއްޓީއެއް ކޮންމެހެން ބޭނުންވެގެން ހުށަހެޅުމުންނެވެ.

(ނ) މުސާރަ ނުލިބޭ ގޮތަށް ދެވޭ ޗުއްޓީގައި ހުންނަ މުއްދަތު، އެފުލުހެއްގެ ހިދުމަތުގެ މުއްދަތުގެ ތެރޭ ނުގުނޭނެތީ އެދުވަސްތައް ޕެންށަންގެ މުއްދަތާއި ރިޓަޔަރމެންޓްގެ މުއްދަތު ބެލުމުގައިވެސް ނުގުނޭނެއެވެ. ވަކި މުއްދަތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހިދުމަތްކުރަން ޖެހިފައިވާ މީހަކު މި ޗުއްޓީ ނަގައިފިނަމަ މުސާރަ ނުލިބޭ ޗުއްޓީގައި ހުރި ދުވަސްތައް، އެފުލުހަކު ހިދުމަތް ކުރަން ޖެހިފައިވާ މުއްދަތުގެ ތެރޭގައި ނުހިމެނޭނެއެވެ.

(ރ) މިމާއްދާގެ (ހ) ގެ (1)، (2) އަދި (3) ގައިވާ ހާލަތްތައް ފިޔަވައި، މުސާރަ ނުލިބޭ ޗުއްޓީ ނަގަން ޖެހޭ އިތުރު ހާލަތެއް މެދުވެރިވެގެން މުސާރަ ނުލިބޭ ޗުއްޓީ ބޭނުންވާ ފުލުހަކަށް، މުސާރަ ނުލިބޭ ޗުއްޓީ ލިބޭނީ ފުލުހުންގެ އަސާސީ ތަމްރީން ފުރިހަމަ ކުރުމަށްފަހު، މެދުނުކެނޑި، މަދުވެގެން 05 އަހަރު ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހިދުމަތް ކޮށްފައިވާނަމައެވެ.

(ބ) މުސާރަ ނުލިބޭ ގޮތަށް ދެވޭ ޗުއްޓީ ބޭނުން ކުރަންވާނީ، އެޗުއްޓީއެއް ނެގި ބޭނުމަށެވެ. އަދި ޗުއްޓީ ނެގި ބޭނުމާއި ހިލާފަށް ޗުއްޓީގެ ބޭނުންކޮށްފިނަމަ ޗުއްޓީ ކެންސަލްކުރުމުގެ އިހްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ. އެމުވައްޒަފެއްގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަކީ އެޗުއްޓީ ނެގި ބޭނުމާ ހިލާފަށް ކުރި ކަމެއް ކަމަށް ނުބެލެވޭނެއެވެ.

(ޅ) އަމިއްލަ ގޮތުން ތައުލީމު ހާސިލުކުރުމަށް މުސާރަ ނުލިބޭ ޗުއްޓީއަށް ބޭނުންވާ ފުލުހަކަށް މި ޗުއްޓީ ދެވޭނީ، ތައުލީމު ދޭ ނުވަތަ ތަމްރީން ދޭ މަރުކަޒަކަށް އެމީހަކު ގަބޫލުކޮށްފައިވާ ކަމުގެ ލިޔުމާއިއެކު އެކޯހަކަށް ފަނޑުކުރާނެ ގޮތުގެ މައުލޫމާތު، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅުމުންނެވެ. ރާއްޖެއިން ބޭރަށް ދިއުމަށް މިޗުއްޓީ ލިބޭނީ، އެމީހަކު ކިޔަވަންދާ މަރުކަޒަކަށް ދިއުމަށާއި، އެތަނަކުން އެނބުރި އައުމަށް ލަފާކުރާ މުއްދަތު ހިމަނައިގެން ކޯހުގެ މުއްދަތަށް ވުރެ 14 ދުވަސް އިތުރު ނުވާ ގޮތެއްގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތަށް ދަތިނުވާ ގޮތަށް، މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިކަމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށެވެ.

(ކ) މިމާއްދާގެ (ހ) ގެ (2) ގައިވާ ހާލަތް މެދުވެރިވެގެން، މުސާރަ ނުލިބޭ ޗުއްޓީ ލިބޭނީ، އެމީހަކަށް ސިއްހީ ފަރުވާ ދިގު މުއްދަތަކަށް ސިއްހީފަރުވާ ލިބިދޭން ޖެހޭ ކަމަށް ސިއްހަތާބެހޭ ވުޒާރާއިން ގަބޫލުކުރާ ޑޮކްޓަރަކު ނުވަތަ ހަކީމަކު، ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމުންނެވެ. މިގޮތުން ޗުއްޓީ ދެވޭނީ ގިނަވެގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(އ) މިމާއްދާގެ (ހ) ގެ (3) ގައިވާ ހާލަތް މެދުވެރިވެގެން، މުސާރަ ނުލިބޭ ޗުއްޓީ ދެވޭނީ ގިނަވެގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ވ) މުސާރަ ނުލިބޭ ގޮތަށް ދެވޭ ޗުއްޓީގައި ފުލުހަކު ހުންނަ މުއްދަތަށް އޭނާއަށް މުސާރަ އާއި މަހުން މަހަށް ދިނުމަށް ކަނޑައެޅިފައިވާ އެލަވަންސް ނުދެވޭނެއެވެ.

(މ) ފުލުހަކަށް މުސާރަ ނުލިބޭ ގޮތަށް ދެވޭ ޗުއްޓީ ދޭންވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތަށް ދަތިނުވާ ގޮތަށް، އެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް ކަނޑައަޅާފައި ވަކި ޕަސެންޓަކަށް ވުރެ ގިނަ ނުވާނެ ގޮތަކަށެވެ.

 

7 ވަނަ މާއްދާ - ބަލިވެއިނުމާއި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީ

(ހ) ފުލުހަކު ވިހެއުމާއި ގުޅިގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ 60 ދުވަހުގެ ޗުއްޓީއެއް ދޭން ވާނެއެވެ.

(ށ) ސިއްހަތާބެހޭ ވުޒާރާއިން ގަބޫލުކުރާ ފެންވަރުގެ ޑޮކްޓަރަކު ނުވަތަ ހަކީމަކު، ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ދޫކުރާ މެޑީކަލް ސެޓްފިކެޓެއް ހުށަހެޅުމުން، އެ ސެޓްފިކެޓްގައިވާ ތާރީހުން ފެށިގެން، ބަންދު ދުވަސްތައް ނުހިމަނާ، ވިހެއުމާއި ގުޅިގެން ދޭ 60 ދުވަހިގެ ޗުއްޓީ އެފުލުހަކަށް ދޭންވާނެއެވެ.

(ނ) ވިހެއުމާއި ގުޅިގެން ލިބޭ ޗުއްޓީގައި ފުލުހަކު ހުންނަ މުއްދަތުގައި "ވަޒީފާއާބެހޭ ގަވާއިދު" ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި އިނާޔަތް ލިބިދޭން ވާނެއެވެ.

(ރ) ފުލުހަކު ބަލިވެއިނުމުގެ ސަބަބުން، ނުވަތަ ވިހެއުމުގެ ސަބަބުން، ވަޒީފާއަށް ނުކުތުމަށް އެމީހެއްގެ ސިއްހީ ހާލަތު ތަންނުދޭކަމަށް ނުވަތަ އޭނާގެ ދަރުފުޅު ބައްޔެއް ވެއްޖެކަން ބަޔާންކޮށް ސިއްހީ ފަރުވާ ދިނުމުގެ ސެޓްފިކެޓް އޮތް ޑޮކްޓަރަކު ނުވަތަ ހަކީމަކު، މެޑިކަލް ސެޓްފިކެޓެއް ދީފިނަމަ، ވިހެއުމުގެ ކުރިން ގިނަ ވެގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ 28 ދުވަހުގެ ޗުއްޓީއެއް އަދި ވިހެއުމުގެ ފަހުން ގިނަވެގެން ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ 28 ދުވަހުގެ ޗުއްޓީއެއް މިމާއްދާގެ (ހ) ގައިވާ މުއްދަތުގެ އިތުރަށް ދެވިދާނެއެވެ. މިގޮތުން ދެވޭ ޗުއްޓީގެ ދުވަސްތަކަށް މުސާރަ ނުލިބޭނެއެވެ.

(ބ) ފުލުހަކު ވިހެއުމާއި ގުޅިގެން ލިބޭ ޗުއްޓީ ހަމަކުރުމަށްފަހު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރުފުޅަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެޑޭ ގޮތަށް، ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 01 ގަޑިއިރުގެ ހުސްވަގުތުކޮޅެއް ޑިއުޓީގަޑީގެ ތެރޭގައި ދެފަރަހު ދޭން ވާނެއެވެ. މިގޮތުން ދަރިފުޅުގެ އުމުރުން 01 އަހަރުވަންދެން އެހުސްވަގުތު ކޮޅު ދޭންވާނެއެވެ.

 

8 ވަނަ މާއްދާ - މަންމަ ނުވަތަ ބައްޕައަކަށް ވުމުން ދެވޭ ޗުއްޓީ

(ހ) ފިރިހެން ފުލުހަކަށް، ދަރިޔަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭ ގޮތަށް ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން 07 ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.

(ށ) ވިހެއުމާ ގުޅިގެން އަންހެން ފުލުހަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ވިހޭ ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް، އެއްއަހަރު ދުވަހަށްވުރެ ދިގު ނުވާ ގޮތަށް، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދެވިދާނެއެވެ.

(ނ) ދަރިފުޅުގެ މަންމައާއި އަދި ބައްޕަ މަސައްކަތް ކުރަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ކަމަށް ވަނީނަމަ، މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޗުއްޓީ އެދެމީހުންނަށް ފެންނަ ގޮތަކަށް އެޗުއްޓީގެ  މުއްދަތު ދެމީހުންގެ މައްޗަށް ބަހާލެވިދާނެއެވެ.

 

9 ވަނަ މާއްދާ - ހިތާނުކުރުމާ ގުޅިގެން ދެވޭ ޗުއްޓީ

ފުލުހެއްގެ ފަރިޔަކު ހިތާނުކުރުމުން، އެދުވަހުން ފެށިގެން މުސާރަ ލިބޭ ގޮތަށް ސަރުކާރު ބަންދު ދުވަސްތައް ހިމެނައިގެން 05 (ފަހެއް) ދުވަހުގެ ޗުއްޓީއެއް އެފުލުހަކަށް ދޭންވާނެއެވެ.

 

10 ވަނަ މާއްދާ - ހައްޖު ޗުއްޓީ

ފުލުހުންގެ ތެރެއިން ހައްޖަށް ދާން އެދޭ އެފުލުހަކަށް ފުރަތަމަ ފަހަރަށް ހައްޖަށް ދާން އެދިއްޖެނަމަ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ހަމަމުސާރަ އާއިއެކު، 35 ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ. ދެވަނަފަރަށް ނުވަތަ އެއަށްވުރެ ގިނަ ފަހަރަށް ހައްޖަށް ދާން ބޭނުންވާ ފުލުހުންނަށް، މުސާރަ އާއިއެކު ކޮންމެ 05 އަހަރުން 01 ފަހަރު، 30 ދުވަހުގެ ޗުއްޓީއެއް ދެވިދާނެއެވެ.

 

11 ވަނަ މާއްދާ - މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ

މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ ހަމަޖައްސައި ދެވޭނީ ކޮމިށަނަރ އޮފް ޕޮލިސްގެ ހުއްދަ ލިބިގެންނެވެ. މި ޗުއްޓީ ދެވޭނީ ތައުލީމު ހާސިލުކުރުމަށް ދިގު މުއްދަތަކަށް ޗުއްޓީ ބޭނުންވާ ފަރާތްތަކަށާއި، ވަޒީފާގައި އުޅެނިކޮށް ލިބޭ ފަރާތްތަކަށް، އެއަނިޔާއަކަށް ބޭސް ފަރުވާކުރުމަށް އެކަންޏެވެ.

 

12 ވަނަ މާއްދާ - މުސާރައިގެ ½ ލިބޭ ގޮތަށް ދެވޭ ޗުއްޓީ

މުސާރައިގެ ½ (ދެބައިކުޅަ އެއްބައި) ލިބޭ ގޮތަށް ދެވޭ ޗުއްޓީ، ދެވޭނީ ޗުއްޓީގެ ބަކީގައު ދުވަސްތަކެއް ޖަމާވެފައި ނެތް ފުލުހަކަށް އޭނާއަށް ނުވަތަ އޭނާގެ އާއިލާއަށް ދިމާވަ ބޮޑެތި ކަމަކާއި ގުޅިގެން، ކޮމިށަނަރ އޮފް ޕޮލިސްގެ ހުއްދަ ލިބިގެންނެވެ. ތައުލީމް ހާސިލުކުރުމަށް ނޫން އެހެން ބޭނުމަކަށް މިޗުއްޓީގެ މުއްދަތުގެ ގޮތުގައި ދެވޭނީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް އެންމެ ގިނަވެގެން 30 ދުވަހެވެ.

 

13 ވަނަ މާއްދާ - ޗުއްޓީ ދިން ކަމުގެ ލިޔުން

ފުލުހަކަށް، އެއްވެސް ބާވަތެއްގެ ޗުއްޓީއެއް ދީފިނަމަ އެ ޗުއްޓީ ދިން ތާރީހާއި، ޗުއްޓީ ނިންމާފައި އޮފީހަށް ނުކުންނަން ޖެހޭ ތާރީހް އެނގޭނެ ރަސްމީ ލިޔުމެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ފުލުހަކަށް ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - ސަލާމް ބުނުން

(ހ) ސަލާމް ބުންނަވާނީ، ފުލުހަކު ބަލިވެގެން، ނުވަތަ ފުލުހެއްގެ އަނބިމީހާ، ފިރިމީހާ، ދަރިން ނުވަތަ މައިންބަފައިން ބަލިވެގެން އެތަނުގައި އޭނާ ނުހުރެ ނުވާފަދަ ހާލަތެއް މެދުވެރި ވުމުން ކޮންމެހެން ސަލާމް ނުހައްދައި ނުވެއްޖެނަމައެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ހާލަތް މެދުވެރިވެގެން ސަލާމް ހައްދަން ބޭނުންވާ ފުލުހުން، ވަޒީފާއަށް ހާޒިރުނުވެވޭ ފުރަތަމަ ދުވަހުގެ ޑިއުޓީ ގަޑި ޖެހުމުގެ 30 މިނިޓް ކުރިން، ސަލާމުގައި ހުންނަން ޖެހިފައިވާ ސަބަބު އެފުލުހެއްގެ އިމީޑިއެޓް ސްޕަވައިޒަރަށް އަންގަން ވާނެއެވެ.

(ނ) ޑިއުޓީ ގަޑީ ފެށުމަށްފަހު 01 ގަޑިއިރު ހަމަވުމުން، ސަލާމް ހައްދަން ބޭނުންވެގެން ހުށަހަޅާ ފަރާތްތަކު ސަލާމް ގަބޫލުކުރެވޭނީ، އެފުލުހަކަށް ދިމާވެފައިވާ ބަލިހާލަތައް ރިއާޔަތްކުރުމަށްފަހު އެއީ މަގުބޫލު ކަމެއް ކަމުގައި ބެލެވޭ ހާލަތްތަކުގައި އެކަންޏެވެ. މަގުބޫލު އުޒުރެއް ކަމުގައި ބެލެވޭނީ އެމީހަކު ހަސްފަތާލުގައި އެނދުމަތިކޮށްގެން ފަރުވާދިނުން، ނުވަތަ އެފުލުހެއްގެ ބަލި ހާލަތު ހުރި ގޮތުން އެއްވެސް ކަމެއް ކުރާނެ ވަރު ހަށިގަނޑުގައި ނެތިގެން ނުތެދުވެވުން ނުވަތަ ބަލަންޖެހިފައިވާ މީހާގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއަށް ބޭނުންވާ އަޅާލުން ދޭންޖެހިގެން އެހެން ކަމަކާ އުޅޭނެ ވަގުތު ނުވާ ހާލަތްތަކެވެ.

(ރ) ސަލާމުގައި ހުރެފައި އޮފީހަށް ނުކުންނަ ދުވަހު ސަލާމް ސެޓްފިކެޓް ގެނެސް ހާޒިރީ ބެހެއްޓުމާ ހަވާލުވެ ހުންނަ މުވައްޒަފަށް ސަލާމް ސެޓްފިކެޓް ހުށަހަޅަން ޖެހޭނެއެވެ.

(ބ) ސަލާމުގައި ހުރެފައި އޮފީހަށް ނުކުންނަ އިރު، ނުކުންނަންވާނީ އެމީހަކު ނުކުންނަން ޖެހޭ ޑިއުޓީ ގަޑިއަކަށެވެ. ގަޑި ޖެހޭ ފަހުން ނުކުމެއްޖެ ނަމަ، ފުލުހުންގެ މުސާރައިން ގަޑީލާރި ކެނޑުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އެދުވަހަށް ގަޑިލާރި ކެނޑޭނެއެވެ.

(ޅ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތެއް މެދުވެރިވެގެން 01 ދުވަހަށް ވުރެ އިތުރަށް ސަލާމުގައި ހުއްޓާ މަހު މުސާރަ ދޭ ދުވަސް އަތުވެއްޖެ ނަމަ، މުސާރަ ދޭ ދުވަހު، އެދުވަހާ ހަމައަށްވާ ސެޓްފިކެޓް، އެމީހަކު މަސައްކަތް ކުރާ ޑިޕާރޓްމަންޓަށް ހުށަހަޅަން ވާނެއެވެ. ސެޓްފިކެޓް ހުށަ ނައަޅާއިފިނަމަ، މުސާރަ ދޭނީ ނުނިކުމެހުރި ދުވަސްތަކަކީ ހާޒިރުނުވާ ދުވަސްތައް ކަމުގައި ބަލައިގެންނެވެ.

(ޅ) އަހަރު ދުވަހުގެ ތެރޭގައި ހަމަ މުސާރަ އާއިއެކު ސަލާމުގައި ހުރެވޭނީ، ގިނަވެގެން 20 ދުވަހުއެވެ. ސަލާމުގެ ދުވަސް ބެލުމުގައި، ސަރުކާރު ބަންދު ދުވަސްތައް ނެބެލެވޭނެއެވެ.

(ކ) ކޮންމެ އަހަރަކު 20 ދުވަހަށް ވުރެ އިތުރަށް ސަލާމް ހައްދާ ކޮންމެ ދުވަހަކަށް، އެ ފުލުހެއްގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދު ކެނޑޭނެއެވެ.

(އ) އޮފީހުގެ މަސައްކަތުގައި އުޅެނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުން، ފަރުވާކުރުމަށް ސަލާމުގައި ހުންނަ ދުވަސްތަކަށް ހަމަމުސާރަ ލިބޭނެއެވެ. އަދި މިދުވަސްތައް އެފުލުހެއްގެ ސަލާމް ރިކޯޑަށް ނުގުޅޭނެއެވެ.

(ވ) ފުލުހަކު ގަވާއިދުން ސަލާމް ނުބުނެ ވީގޮތެއް ނާންގައި އޮފީހަށް ނުނުކުމެ، ހުންނަތާ 07 ދުވަސް ވެއްޖެނަމަ، އެމީހެއްގެ ވަޒީފާއާމެދު ފެންނަގޮތަކާއެކު އެފުލުހަކު މަސައްކަތްކުރާ ޑިޕާރޓްމަންޓުން މުވައްޒަފުންގެ ކަންތައް ބަލަހައްޓާ ޑިޕާރޓްމަންޓަށް އަންގަން ވާނެއެވެ. އަދި، އެފަދަ ފުލުހަކާއި މެދު "ޑީސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބުދިނުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން އަމަލުކުރަން ވާނެއެވެ.

 

15 ވަނަ މާއްދާ - ބޮޑެތި ކަންތަކާ ގުޅިގެން ދޭ ޗުއްޓީ

(ހ) ބޮޑެތި ކަންތަކާ ގުޅިގެން ދޭ ޗުއްޓީ އަކީ، ފުލުހަކަށް ނުވަތަ އޭނާގެ އާއިލާގެ މެމްބަރަކަށް ދިމާވާ ބޮޑުކަމަކާއި ގުޅިގެން، ހަމަމުސާރައާއެކު ދެވެ 01 ދުވަހުގެ ޗުއްޓީއެކެވެ.

(ށ) ޗުއްޓީ ބޭނުންވި ސަބަބަކީ، އެފުލުހަކަށް ނުވަތަ އޭނާ ބަލަންޖެހިފައިވާ މީހަކަށް ވެފައިވާ ބައްޔަކަށް ފަރުވާކުރުން ކަމުގައިވާނަމަ، ބޭސް ފަރުވާކުރުމަށް ބޭނުންވާކަން އެނގޭގޮތަށް، ސިއްހަތާބެހޭ ވުޒާރާއިން ގަބޫލުކުރާ ޑޮކްޓަރެއްގެ ސެޓްފިކެޓެއް ހުށަހަޅަންވާނެއެވެ.

(ނ) މިއީ ޖަމާކުރެވޭ ޗުއްޓީއެއް ނޫނެވެ. މި ޗުއްޓީ ލިބޭނީ އެފުލުހެއްގެ އަހަރީ ޗުއްޓީގެ ބާކީގައި ދުވަސް ނެތް ކަމުގައި ވާނަމަ ގިނަވެގެން 10 ދުވަހަށެވެ.

 

16 ވަނަ މާއްދާ - ޗުއްޓީގައި ވަނިކޮށް މަސައްކަތަށް ނެރުން

(ހ) ޗުއްޓީގައި ފުލުހަކު ހުއްޓާ ގައުމަކަށް ދިމާވާ ނުރައްކާތެރި ނުވަތަ އެފަދަ އެހެން ހާލަތެއްގެ ސަބަބުން ފުލުހަކު އޮފީހަށް ކޮންމެހެން ނެރެން ބޭނުންވެއްޖެނަމަ، ޗުއްޓީގައި ހުރި ފުލުހުންގެ މީހާ އޮފީހަށް ނެރެވިދާނެއެވެ. އެގޮތުން އެފުލުހަކު އޮފީހަށް ނެރުމުގެ އަމުރު ނެރޭނީ ކޮމިށަނަރ އޮފް ޕޮލިސްގެ ހުއްދަ އާއިއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމާއި ހަވާލުކުރެވިފައިވާ ޑިޕާރޓްމަންޓުންނެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ހާލަތުގައި ފުލުހަކު އޮފީހަށް ނެރެފިނަމަ، އެކަމެއް ނިމުމުން، އެފުލުހަކަށް، އޭނާގެ ޗުއްޓީ ނެގި މުއްދަތުން ހަމަނުވެ އޮތް ދުވަސްތަކަށް ޗުއްޓީ ދެވިދާނެއެވެ. އެގޮތުން ޗުއްޓީ ދެވޭނީ އެފުލުހަކު އޮފީހަށް ނެރުނު ބޭނުމެއް ނިމުމުން، އޭނާ ބޭނުންވެއްޖެ ހިނދެއްގައެވެ.

 

17 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ފާސްކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މިގަވާއިދު ފާސްވާއިރު ޗުއްޓީގައި ތިބި ފުލުހުންގެ ޗުއްޓީގެ މުއްދަތު މިގަވާއިދުގައި ބަޔާންވެގެންވާ ގޮތަށް ބަދަލުވާނެތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ ކަންތައް ބަލަހައްޓާ ޑިޕާރޓްމަންޓުން އެކަން ޗުއްޓީގައިވާ ފުލުހުންނަށް އަންގާ، ރިކޯޑު ކުރަން ވާނެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރ 5/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު