-

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 އޯގަސްޓް 2008 ގައި)

 

ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާބެހޭ ގަވާއިދު (2008)

 

 

1 ވަނަ މާއްދާ - ތައާރުފް 

މިއީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލެވިފައިވާ ފުލުހުން ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މިގަވާއިދަށް ކިޔާނީ "ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު" އެވެ. 

 

3 ވަނަ މާއްދާ - ހިންގާ ފަރާތް

މި ގަވާއިދު ހިންގާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ. 

 

4 ވަނަ މާއްދާ - މަގްސަދު

މިގަވާއިދުގެ މަގްސަދަކީ ނުކިޔަމަންތެރިކަން ދައްކާ ބައެއްގެ ފަރާތުން ނުވަތަ ނުރައްކާތެރި ކުށްވެރިންގެ ފަރާތުން މީހުންގެ ފުރާނައާއި އާންމު ތަންތަނާއި މުދަލާއި ގެދޮރު ހިމާޔަތް ކޮށްދިނުމަށް، ޒިންމާދާރު ގޮތެއްގައި ފުލުހުން ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރެވޭނެ ގޮތްތައް ކަނޑައަޅާ ބަޔާން ކުރުމެވެ.

 

5 ވަނަ މާއްދާ - ހަތިޔާރުގެ ސިފައާއި ވައްތަރު

(ހ) ފުލުހުން ގެންގުޅޭ ހަތިޔާރު ވާންޖެހޭނީ ލެސް ލީތަލް، ސެމީ އޮޓޮމެޓިކް ނުވަތަ އޮޓޮމެޓިކް ހަތިޔާރަށެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެވިދިޔަ ހަތިޔާރުގެ އިތުރުން އެހެނިހެން ހަތިޔާރާއި ވަޒަން އަދި ގޮވާތަކެތި، ކޮމިށަނަރ އޮފް ޕޮލިސް ހުއްދަ ދީފައިވާ ފުލުހުންގެ ހާއްސަ ބަޔަކަށް ބޭނުން ކުރެވިދާނެއެވެ.

 

6 ވަނަ މާއްދާ - ހަތިޔާރު ހަވާލުކުރެވޭ ފަރާތްތަކާއި ގޮތް

(ހ) ހަތިޔާރެއް ނުވަތަ ހަތިޔާރާބެހޭ އެއްވެސް އާލާތެއް ހަވާލުކުރަން ޖެހޭނީ ޕޮލިސް އެކަޑެމީ އިން ކަނޑައަޅާފައިވާ މިންގަނޑަށް އެހަތިޔާރެއް ބޭނުންކުރުމުގެ ތަމްރީން ލިބިފައިވާ ގާބިލު ފުލުހުންނަށް އެކަންޏެވެ.

(ށ) ހަތިޔާރު ދޫކުރަންވާނީ ހަތިޔާރު ބޭނުންކުރުމުގައި އަމަލު ކުރަންވީ ގޮތުގެ އިގްރާރެއްގައި ސޮއިކޮށްފައިވާ ފުލުހުންނަށެވެ. 

(ނ) ހަތިޔާރު ހަވާލުކުރެވޭ ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ސްޕެށަލް ކޮންސްޓަބިއުލަރީގެ މުވައްޒަފުން ނުހިމެނޭނެއެވެ.

 

7 ވަނަ މާއްދާ - ސަލާމަތްތެރިކަމާ އެކު ހަތިޔާރު ގެންގުޅުން

(ހ) ހަތިޔާރު ގެންގުޅެންވާނީ ހުރިހާ ވަގުތެއްގައިވެސް ރައްކާތެރިކަމާއި ސަލާމަތްތެރިކަމާ އެކުގައެވެ.

(ށ) ހަތިޔާރު ސާފުކޮށް ބެލެހެއްޓުމާއި، ގުދަންކުރުމާއި އަދި ތަމްރީނުތަކުގައި ނޫން ގޮތަކަށް ހަތިޔާރު ނަގަން ޖެހޭނީ އެމީހަކު ގާނޫނީ ގޮތުން ހަތިޔާރު ނަގަންޖެހޭފަދަ ހާލަތެއްގައެވެ.

(ނ) މިގަވާއިދުގެ 9 ވަނަ މާއްދާގައި ބުނެފައިވާ ހަތިޔާރު ބޭނުންކުރަން ޖެހޭ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް އެއްވެސް މީހަކާ ދިމާއަށް ހަތިޔާރު ދިއްކޮށް، އަމާޒުކޮށްގެން ނުވާނެއެވެ.

(ރ) އެއްވެސް ފުލުހަކު، އެމީހަކާ ހަވާލު ކުރެވިފައިވާ ހަތިޔާރު ނުވަތަ ހަތިޔާރުގެ ބައެއް އެހެން އެއްވެސް ފަރާތަކަށްދީ ނުވަތަ ހަވާލު ކުރަންވާނީ ހަތިޔާރު ހަވާލުކުރެވޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.  

(ބ) ހަތިޔާރު ހަވާލުކޮށްފައިވާ ފުލުހަކު ނޫން އެހެން މީހަކަށް، އެހަތިޔާރެއްގެ ބޭނުންއެއްވެސް ގޮތެއްގައި ހިފުމުގެ ފުރުސަތު ލިބިދީގެން ނުވާނެއެވެ. އަބަދުވެސް ހަވާލުކުރެވިފައިވާ ހަތިޔާރަށް ރައްކައުތެރިވާން ޖެހޭނެއެވެ.

 

8 ވަނަ މާއްދާ - ހަތިޔާރު ބޭނުންކުރާ މީހާގެ ޒިންމާ

(ހ) ތަމްރީނެއް ނޫން ހާލަތެއްގައި، ގަސްތަކާނުލައި ވަޒަނެއް ގޮވައިފިނަމަ އެކަމުގެ މައުލޫމާތު، އަދި ފުރިހަމަ އިހުތިޔާރުގައި ގޮއްވާލެވޭ ކޮންމެ ވަޒަނެއްގެ މައުލޫމާތު "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ" އަށް، އެ ހާދިޘާއެއް ނިމުމާއެކު ލަސްނުކޮށް ރިޕޯޓް ކުރަންވާނެއެވެ. މީހަކާއި ދިމާއަށް ހަތިޔާރު ގަސްތުގައި އަމާޒުކޮށްފިނަމަ ބެލެވޭނީ ހަމަލާއެއް ދޭން އުޅުނީ ކަމަށެވެ. އަދި އެކަމެއް ރިޕޯޓްކޮށް ރިކޯޑް ކުރަންވާނެއެވެ. ވަޒަނެއް ގޮއްވާލާ ހަމަ ކޮންމެ މީހަކު، އެމީހަކު ގޮއްވާލި ވަޒަނުގެ ޒިންމާ އުފުލާ ޖަވާބުދާރީ ވާންޖެހޭނެއެވެ.

(ށ) ކޮންމެ އަހަރެއް ނިމުމާއެކު ހަތިޔާރު ބޭނުން ކުރިގޮތުގެ އެނުއަލް ރިޕޯޓެއް "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ" އަށް ފޮނުވަންވާނެއެވެ. މި ރިޕޯޓްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ގޮއްވާލި ވަޒަނުގެ އަދަދު
  2. ހަތިޔާރު ބޭނުންކުރި ކޮންމެ ހާދިސާއެއްގައި ބައިވެރިވިފުލުހުންގެ އަދަދު
  3. ގަސްތުގައި ގޮއްވާލި ވަޒަންތަކުގެ އަދަދު
  4. ގަސްތަކާނުލައި ގޮވާފައިވާ ވަޒަނުގެ އަދަދު
  5. ހަތިޔާރު ބޭނުންކޮށްގެން އަނިޔާވި މީހުންގެ އަދަދު
  6. ހަތިޔާރު ބޭނުންކޮށްގެން ހަލާކުވި ތަކެތީގެ ތަފްސީލް

 

9 ވަނަ މާއްދާ - ހަތިޔާރު ބޭނުންކުރެވޭ ހާލަތް

ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށްޓަކައި މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބުނާ ފުލުހުންގެ މީހަކަށް ނުވަތަ ބަޔަކަށް ހަތިޔާރު ނެގޭނީ ނުވަތަ ބޭނުންކުރެވޭނީ ތިރީގައި އެވާ ހާލަތްތަކުގައެވެ.

(ހ) އެމީހެއްގެ ނުވަތަ އެބައެއްގެ ފަރާތުން މީހެއްގެ ނުވަތަ ބައެއްގެ ފުރާނަޔަށް ނުރައްކާވުން ނުވަތަ ނުރައްކާވެދާނެ ކަމަށް ގަބޫލުކުރެވުން، ނުވަތަ މިފަދަ އަމަލެއް ހިންގި ނުވަތަ ހިންގާފާނެ ކަމަށް ގަބޫލުކުރެވޭ މީހަކު ނުވަތަ ބަޔަކު، ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ބޮޑު މުދަލަކަށް ގެއްލުމެއް ދިނުން ނުވަތަ ގެއްލުމެއް ދީފާނެ ކަމަށް ގަބޫލުކުރެވޭ ފަރާތެއް ހައްޔަރު ކުރުމަށް ހަތިޔާރު ބޭނުންކުރުން ފިޔަވައި އެހެން އެއްވެސް ގޮތެއް ނެތިގެން؛

(ށ) އެއްވެސް މީހެއް ނުވަތަ ބައެއްގެ ފަރާތުން އެހެން މީހަކަށް ނުވަތަ ބައެއްގެ ފުރާނަޔަށް ނުރައްކާވާފަދަ ހާލަތެއްގައި އެހާލަތަކުން އެމީހަކު ނުވަތަ އެބަޔަކު ސަލާމަތް ކުރުމަށް؛

(ނ) ފުލުހުންނާ ދެކޮޅަށް މީހަކު ނުވަތަ ބަޔަކު ހަތިޔާރު ބޭނުންކުރުން ނުވަތަ ބޭނުންކޮށްފާނެ ކަމަށް ގަބޫލުކުރެވުން؛

(ރ) މި މާއްދާގެ (ނ) ގައި ބުނެފައިވާ ހަތިޔާރުގެ ތެރޭގައި މީހެއްގެ ޖިސްމަށް ބޮޑެތި އަނިޔާ ލިބިދޭ ގޮތަށް ބޭނުންކުރެވޭ ނުރައްކާތެރި ކޮންމެ އެއްޗެއްވެސް ހިމެނެއެވެ.

 

10 ވަނަ މާއްދާ - ހަތިޔާރު ބޭނުން ކުރުމުގެ ކުރިން ދެވޭ ނަސޭހަތާއި އިންޒާރު

(ހ) ހަތިޔާރު ބޭނުންކުރުމުގެ ކުރިން، އެމީހަކަށް ނުވަތަ އެބަޔަކަށް އެވަގުތެއްގައި ކުރަމުންދާ އަމަލެއް ނުވަތަ އަމަލުތައް ސުލްހަވެރިކަމާއެކު ހުއްޓުމަށް އަންގާއަޑުހަރުކޮށް ނަސޭހަތްތެރި ވާންވާނެއެވެ.

(ށ) ހަތިޔާރު ބޭނުންކުރުމުގެ ކުރިން އެހަތިޔާރު ބޭނުންކުރާމީހާ ނުވަތަ އެފުލުހުންގެ ތެރެއިން އެންމެ އިސްކޮށް ހުންނަ ފުލުހަކު، އެވަގުތަށާއި ހާލަތަށް ބަލައި، އޭނާ އެއީ ކާކުކަން ބުނެދީ، ހަތިޔާރުގެ ބޭނުންކުރާނެކަން އަންގާ އިންޒާރު ކުރަން ވާނެއެވެ.

(ނ) މިމާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތިން އަމަލު ކުރުމަށްފަހު އެމީހަކުނުވަތަ އެބަޔަކު އެ އަމަލެއް ހުއްޓައި ސުލްހަވެރިކަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް އައުމަށް ފުރުސަތުދީ އެކަން އެމީހަކަށް ނުވަތަ އެބަޔަކަށް އަންގަންވާނެއެވެ.

(ރ) މިމާއްދާގެ (ހ)، (ށ) އަދި (ނ) ގައި އެގޮތަށް ބުނެފައިވީ ނަމަވެސް ދިމާވެފައިވާ ހާލާތަކީ ހަތިޔާރު ބޭނުންކުރުމުގެ ކުރިން ނަސޭހަތާއި އިންޒާރު ނުދެވޭނެ ފަދަ ހާލަތެއްނަމަ ނަސޭހަތާއި އިންޒާރު ދިނުމަކާނުލައި ފުލުހުންނަށް ހަތިޔާރުގެ ބޭނުންކުރެވިދާނެއެވެ.

 

11 ވަނަ މާއްދާ - ހަތިޔާރުގެ ބޭނުން ނުކުރެވޭ ހާލަތް

(ހ) ކުށެއް ނެތް މީހެއްގެ ފުރާނައަށް އަދި މީހެއްގެ މުދަލަކަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި އިންޒާރު ދިނުމުގެ ގޮތުން ވަޔަށް ބަޑިޖަހައިގެން ނުވާނެއެވެ.

(ށ) ދުއްވާފައި ދާ އުޅަނދެއްގައި އިން ފުލުހަކަށް މިމާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މެނުވީ ހަތިޔާރުގެ ބޭނުމެއް ނުކުރެވޭނެއެވެ.

(ނ) ދިމާވެފައިވާ ހާލަތެއްގެ ސަބަބުން ފުލުހުންގެ މީހަކަށް ނުވަތަ އެހެން މީހެއްގެ ފުރާނަޔަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެކަމަށް ގަބޫލު ކުރެވޭ ނުރައްކާތެރި ހާލަތްތަކުގައި އިތުރު އެހެން ގޮތެއް ނެތިގެން ދުއްވާފައިދާ އުޅަނދެއްގައި އިން ފުލުހަކަށް ހަތިޔާރުގެ ބޭނުންކުރެވި ދާނެއެވެ. 

(ރ) މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބުނެފައިވާ ހާލަތުންކުރެ ހާލަތެއް ދިމާނުވާނަމަ އެއްވެސް ފުލުހަކަށް ހަތިޔާރު ބޭނުންކުރުމުގެ ބާރު ލިބިގެންނެއް ނުވެއެވެ.

 

12 ވަނަ މާއްދާ - ގެންގުޅުން މަނާ ހަތިޔާރު 

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޫކޮށްފައިވާ ހަތިޔާރެއް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނުވަތަ ހަތިޔާރެއް ކަމުގައި ބެލެވޭ އެއްޗެއް ފުލުހުން ގެންގުޅެ އަދި ބޭނުންކޮށްގެން ނުވާނެއެވެ. ނަމަވެސް ފުލުހުން ތަހްގީގުކުރާ މައްސަލައަކާ ގުޅިގެން ނުވަތަ އެނޫން ގޮތަކުންވެސް، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަމަލުކޮށް ގެންގުޅެން ހުއްދަކުރެވިފައި ނުވާ، ހަތިޔާރެއް ނުވަތަ ހަތިޔާރެއްކަމުގައި ބެލެވޭ އެއްޗެއް، ފުލުހުންގެ ބެލުމުގެ ދަށަށް އަތުވެއްޖެނަމަ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ގޮތެއްގެ މަތިން، ފުލުހުން ތަހުލީލު ކުރުމަށާއި ތަހުގީގުގެ ބޭނުމަށް ބޭނުން ކުރާކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

 

13 ވަނަ މާއްދާ - ލެސް ލީތަލް ހަތިޔާރު 

ލެސް ލީތަލް ހަތިޔާރުގެ ތެރޭގައި ދިލަ ނުވަތަ ކެރުމުގެ އަސަރު އެކުލެވިގެންވާ ގޭސް، މުގުރު، ޓޭސަރ (ގަން)، އެންޓި-ރަޔަޓް ވެޕަން، އަދި މިނޫން ވެސް ގިނަ އަދަދެއްގެ މީހުން ހިންގާ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކާ ފުލުހުން ބޭނުންކުރުމަށް ތައްޔާރުކޮށް، ބޭނުންކުރާ ޒަމާނީ ހަތިޔާރުތައް ހިމެނެއެވެ.

 

14 ވަނަ މާއްދާ - ލެސް ލީތަލް ހަތިޔާރު ބޭނުން ކުރާ ހާލަތްތައް

ފުލުހަކަށް ލެސް ލީތަލް ހަތިޔާރު، ބޭނުންކުރެވޭނެ ހާލަތްތައް ތިރީގައި ބަޔާންވެގެން އެވަނީއެވެ.

(ހ) މީހަކު ނުވަތަ ބަޔަކު ގަދަފަދަކަން ނުވަތަ ދެކޮޅުވެރިކަން ދެއްކުމުގެ ސަބަބުން އެމީހަކު ނުވަތަ އެބަޔަކު ހިފެހެއްޓުމުގައި ނުވަތަ ކިޔަމަންތެރި ކުރުމުގައި ފުލުސް މީހާއަށް ނުވަތަ އެހެން ފަރާތަކަށް ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛

(ށ) މީހަކު ނުވަތަ ބަޔަކު ހިންގާ ގާނޫނާ ނުވަތަ ގަވާއިދާއި ހިލާފު އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތުގައި މީހެއްގެ ނުވަތަ ބައެއްގެ މުދަލަށް ބޮޑު ގެއްލުމެއް މެދުވެރިވުން ނުވަތަ މެދުވެރިވެދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛

(ނ) ލެސް ލީތަލް ހަތިޔާރަކާ ހަވާލުވެފައިވާ މީހާއަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ފުރާނައަށް ގެއްލުމެއް ވާފަދަ ހާލަތެއް މެދުވެރިވުން؛

(ރ) ގިނަ އަދަދެއްގެ ބަޔަކުވެގެން ހިންގާ ގާނޫނާ ނުވަތަ ގަވާއިދާ ހިލާފު އަމަލުތަކެއްގެ ސަބަބުން އެތަނެއްގެ އާންމު މަސްލަހަތު ގެއްލިދާފަދަ ކަމެއް ދިމާވުން ނުވަތަ މެދުވެރިވުން ނުވަތަ މިއިން ކަމެއް ދިމާވެދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛

(ބ) ހޮސްޓޭޖްކުރުމާއި ރަހީނުކުރުމުގެ އަމަލެއް ނިންމުމަކަށް ގެނައުމަށް.

 

15 ވަނަ މާއްދާ - ލެސް ލީތަލް ހަތިހާރު ބޭނުންކުރެވޭނެ ގޮތް

(ހ) ފުލުހަކަށް، އެމީހެއްގެ ދިފާއުގައި ނުވަތަ އެހެން މީހެއްގެ ދިފާއުގައި ލެސް ލީތަލް ހަތިޔާރުގެ ތެރެއިން ފުރަތަމަ ބޭނުން ކުރަންވާނީ ދިލަ ނުވަތަ ކެރުމުގެ އަސަރު ހުންނަ ގޭހެވެ. ނަމަވެސް، ހާލަތަށް ރިއާޔަތްކޮށް، އެހެން ލެސް ލީތަލް ހަތިޔާރެއް ފުލުހަކު، ބޭނުންކުރުމަށް މިމާއްދާ ހުރަހެއް ނާޅައެވެ.

(ށ) ފުލުހަކަށް، ދިލަ ނުވަތަ ކެރުމުގެ އަސަރު ހުންނަ ގޭސް ބޭނުންކޮށް ގެންގުޅެވޭނީ އެކަމަށް ކަނޑައަޅާފައިވާ ތަމްރީނު ފުރިހަމަ ކުރުމަށްފަހުއެވެ. 

(ނ) މަތީގައި ބުނެފައިވާ ފަދަ ހާލަތެއް ދިމާވެގެން ލެސް ލީތަލް ހަތިޔާރު ބޭނުން ކުރަން ޖެހިއްޖެނަމަ، އެ ހަތިޔާރެއް ބެނުންކުރާނެ ކަމުގެ އިންޒާރުދީ، އިތުރަށް ނުކިޔަމަންތެރިކަން ދައްކާނަމަ ފަހުގެ އިންޒާރު ދިނުމަށްފަހުވެސް އިތުރަށް ނުކިޔަމަންތެރިކަން ދައްކާނަމަ ލެސް ލީތަލް ހަތިޔާރު ބޭނުންކުރެވިދާނެއެވެ. ނަމަވެސް ނުކިޔަމަންތެރިކަން ދައްކާ މީހެއްގެ ނުވަތަ ބައެއްގެ އަމަލުތަކަށް ރިއާޔަތްކޮށް އެއްވެސް އިންޒާރެއް ދިނުމަކާނުލާ ވެސް ލެސް ލީތަލް ހަތިޔާރު ބޭނުން ކުރެވިދާނެއެވެ.

(ރ) އެއްވެސް މީހަކާ ދެކޮޅަށް ލެސް ލީތަލް ހަތިޔާރެއް ބޭނުންކޮށް މީހަކު ނުވަތަ ބަޔަކު ހައްޔަރު ކޮށްފިނަމަ، އެކަމަށް އެކަށީގެންވާ ސިއްހީ ފަރުވާ އެމީހަކަށް ނުވަތަ އެބަޔަކަށް ދޭންވާނެއެވެ.

 

16 ވަނަ މާއްދާ - މުގުރު

(ހ) ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން އަންނަނިވި ހާލަތްތަކުގައި މުގުރު ބޭނުންކުރެވިދާނެއެވެ.

  1. މުގުރާ ހަވާލުވެފައިވާ މީހާއަށް ނުރައްކާތެރި ޖިސްމާނީ އަނިޔާއެއް ނުވަތަ ފުރާނައަށް ގެއްލުންވާފަދަ ހާލަތެއް ދިމާވުން؛ 
  2. މީހަކަށް ނުވަތަ ބަޔަކަށް ނުރައްކާތެރި ޖިސްމާނީ އަނިޔާއެއް ނުވަތަ ފުރާނައަށް ގެއްލުންވާފަދަ ހާލަތެއްދިމާވުން؛ 
  3. މީހެއްގެ ނުވަތަ ބައެއްގެ މުދަލަކަށް ބޮޑު ގެއްލުމެއް، މީހެއްގެ ނުވަތަ ބައެއްގެ ފަރާތުން މެދުވެރިވުން ނުވަތަ މެދުވެރިވެދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ 
  4. އަމިއްލައަށް މަރުވާން އުޅޭ މީހަކު ނުވަތަ އަމިއްލަ ނަފުސަށް ބޮޑު ޖިސްމާނީ އަނިޔާއެއްދޭން އުޅޭ މީހެއްގެ އަމަލުތައް ހުއްޓުވާ، އޭނާ އެކަމުން ސަލާމަތްކުރުމަށް.

(ށ) މަތީގައިވާ ބުނެފައިވާ ފަދަ ހާލަތެއް ދިމާވެގެން މުގުރު ބޭނުންކުރަން ޖެހިއްޖެ ނަމަ މުގުރު ބޭނުން ކުރާނޭ ކަމުގެ ފުރަތަމަ އިންޒާރުދޭންވާނެއެވެ.

(ނ) ފުރަތަމަ އިންޒާރު ދިނުމުންވެސް އިތުރަށް ނުކިޔަމަންތެރިކަން ދައްކާނަމަ ފަހުގެ އިންޒާރުދީ މުގުރު ބޭނުންކުރާނީއެވެ. ނަމަވެސް ނުކިޔަމަންތެރިކަން ދައްކާ މީހެއްގެ ނުވަތަ ބައެއްގެ އަމަލުތަކުގައި ހުރި ނުރައްކާތެރިކަމުގެ މައްޗަށް ރިއާޔަތްކޮށް، މަތީގައި ބުނެފައިވާ ފަދަ އެއްވެސް އިންޒާރެއް ނުދީ މުގުރު ބޭނުންކުރެވިދާނެއެވެ.

(ރ) މުގުރު ބޭނުންކުރަންޖެހިއްޖެ ހާލަތެއްގައި މުގުރު ބޭނުންކުރާނީ ތިރީގައިބުނެފައިއެވާ ގޮތުގެ މަތިންނެވެ.

  1. މުގުރުން މީހެއްގެ ގައިގާ ޖަހާންޖެހިއްޖެ ނަމަ ފުރަތަމަ ޖަހާނީ ގައިގެ މަސްތައްކަމަށްވާ ޕްރައިމަރީ ޓާގެޓުގައެވެ. 
  2. ޕްރައިމަރީ ޓާގެޓުގާ ޖެހުމުންވެސް ކިޔަމަންތެރިނުވެއްޖެނަމަ ދެން ޖަހާނީ ސެކަންޑަރީ ޓާގެޓްކަމަށްވާ ހުޅުހުޅުގައެވެ. 
  3. ސެކަންޑަރީ ޓާގެޓުގައި ޖެހުމުންވެސް ކިޔަމަންތެރިނުވެއްޖެނަމަ، ދެން ފައިނަލް ޓާގެޓް ކަމަށްވާ ހަށިގަނޑުގެ ކޮންމެ ތަނެއްގައިވެސް ޖެހިދާނެއެވެ. 
  4. އެއްތަނެއްގައި، ގިނަ އަދަދެއްގެ ބަޔަކާ ދެކޮޅަށް މުގުރު ބޭނުންކުރަން ޖެހި، ޕްރައިމަރީ ޓާރގެޓާއި ސެކަންޑަރީ ޓާރގެޓް ފާހަގަކޮށް މުގުރުގެ ބޭނުން ކުރަން ދަތިވެއްޖެ ހާލަތެއްގައި، މިހާލަތު ރަގަޅުވާންދެން ނުވަތަ އެކަމެއް ކޮންޓްރޯލް ވާންދެން މުގުރު ބޭނުން ކުރެވިދާނެއެވެ. 
  5. ހުރިހާ ހާލަތްތަކުގައިވެސް މުގުރުން މީހެއްގެ ގައިގާ ޖަހަން ޖެހޭނީ އެމީހެއްގެ ފުރާނައަށް ނުވަތަ އެއްވެސް ގުނަވަނަކަށް ދާއިމީ ގެއްލުމެއް ނުލިބޭ ފަދަ ގޮތަކަށް ބަލައިގެންނެވެ. 
  6. މުގުރު ބޭނުންކުރަންޖެހޭ ފަދަ ހާލަތެއް ދިމާވެގެން މުގުރު ބޭނުންކޮށްފިނަމަ އެ ހާދިޘާއާ ގުޅޭ ރިޕޯރޓެއް ތައްޔާރުކޮށް، މުގުރު ބޭނުންކުރި ސަބަބާއި ތާރީހާއި ގަޑިއާއި މުގުރުގެ ބޭނުންކުރި ހިނދުގެ ދިގުމިނާއި ބޭނުންކުރި ފުލުހެއްގެ ނަމާއި މަގާމު އެނގޭނޭހެން ޔޫސް އޮފް ފޯސް ރިވިއުކުރާ ކޮމެޓީއަށް ފޮނުވަން ޖެހޭނެއެވެ.  

(ބ) މުގުރު ހަވާލުކުރެވޭ ކޮންމެ ފުލުހަކު ވާންޖެހޭނީ މުގުރު ގެންގުޅެ ބޭނުންކުރުމަށް ކަނޑައެޅިފައިވާ ތަމްރީނު ފުރިހަމަކޮށްފައިވާ ފުލުހަކަށެވެ.

(ޅ) ފުލުހުން އަދާކުރަންޖެހޭ ޑިއުޓީ ތަކުގައި މުގުރު ގެންގުޅެވޭނެއެވެ.

(ކ) އެއްވެސް ފުލުހަކު އޭނާއާއި ހަވާލުކުރެވިފައިވާ މުގުރު، އާންމު ފަރުދަކަށް ނުވަތަ މުގުރު ބޭނުންކުރުމުގެ ހުއްދަ ނެތް މީހަކަށް ނުވަތަ މުގުރު ދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ހުއްދަކޮށްފައި ނުވާ މީހަކަށް ދީގެނެއް ނުވާނެއެވެ.  

(އ) އެއްވެސް ފުލުހަކު އާންމު އެއްވެސް ތަނެއްގައި ބޭނުމެއް ނެތް ގޮތުގައި މުގުރު ނަގާ، ގެންގުޅެ ހަދައިގެން ނުވާނެއެވެ.

 

17 ވަނަ މާއްދާ - އެންޓި- ރަޔަޓް ހަތިޔާރު

(ހ) ފުލުހުންނަށް ބޭނުންކުރެވޭނީ އެކަމަށް ކަނޑައެޅިފައިވާ އެންޓި-ރަޔަޓް ހަތިޔާރުތަމްރީނު ފުރިހަމަކޮށްފައިވާ ފުލުހުންނަށެވެ.

(ށ) އެންޓި- ރަޔަޓް ހަތިޔާރުގެ ވަޒަން މީހެއްގެ ގަޔަށް ޖަހަންވާނީ އެވަގުތަކު ހާލަތު ނިޔާކުރާ ގޮތަށް ބަލައި ބޭނުން ކުރަންޖެހޭ ބާރާއި އެހާލަތާ އެއްވަރުވަނީނަމަ ލީތަލް ހަތިޔާރެއް ބޭނުންނުކޮށް އެހާލަތު ކޮންޓްރޯލް ކުރުމަށެވެ.

(ނ) ލެސް ލީތަލް ވަޒަނެއް މީހެއްގެ ގަޔަށް އަރައިފިނަމަ އެމީހަކަށް ވީއެންމެ އަވަހަކަށް ސިއްހީ ފަރުވާ ފޯރުކޮށް ދޭންޖެހޭނެއެވެ.

 

18 ވަނަ މާއްދާ - ތަމްރީން

(ހ) ހަތިޔާރު ހިފައިގެން ޑިއުޓީ އަދާކުރަންޖެހޭ ކޮންމެ ފުލުހަކު ތިރީގައި ބަޔާން ކުރެވިފައިވާ މުއްދަތުގައި، ސަލާމަތްތެރިކަމާއެކު ހަތިޔާރު ގެންގުޅުމާބެހޭތަމްރީނު ފުރިހަމަކޮށް ފާސްވާން ޖެހޭނެއެވެ.

(ށ) ހަތިޔާރު ހިފައިގެން ޑިއުޓީ އަދާކުރަންޖެހޭ ކޮންމެ ފުލުހަކު މަދުވެގެން އަހަރަކު 2 ފަހަރު ލެސް ލީތަލް ހަތިޔާރު ބޭނުން ކުރުމުގެ ތަމްރީނު ފުރިހަމަކޮށް ޕޮލިސް އެކަޑަމީ އިން ކަނޑައަޅާ މިންގަނޑަށް ފާސްވާންޖެހޭނެއެވެ.

(ނ) ހަތިޔާރު ހިފައިގެން ޑިއުޓީ އަދާކުރަންޖެހޭ ކޮންމެ ފުލުހަކު މަދުވެގެން އަހަރަކު 2 ފަހަރު ފަޔަރ އާރމްސް ބޭނުން ކުރުމުގެ ތަމްރީން ފުރިހަމަކޮށް ޕޮލިސް އެކަޑެމީ އިން ކަނޑައަޅާ މިންގަނޑަށް ފާސްވާންޖެހޭނެއެވެ.

(ރ) ސަލާމަތްތެރިކަމާއެކު ހަތިޔާރު ގެންގުޅުމުގެ ތަމްރީންތަކުގެ ރިކޯރޑްސް ޕޮލިސް އެކަޑަމީގައި އަދި އެފުލުހެއްގެ ޕާރސަނަލް ރިކޯރޑު ފައިލުގައި ހުންނަން ޖެހޭނެއެވެ.

 

19 ވަނަ މާއްދާ - ބާރުގެ ބޭނުންކުރުމުގެ މިންގަނޑު

ބާރުގެ ބޭނުން ކުރާނީ ތިރީގައި ބުނެފައި އެވާ ހަމަތަކުގެ މަތިންނެވެ.

(ހ) ދިމާވެފައިވާ ހާލަތަކާއި ބޭނުން ކުރި ބާރު އެއްވަރުވުން ނުވަތަ ކުޑަވުން؛ 

(ށ) މި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ބާރުގެ ބޭނުންކުރުން؛

(ނ) ދިމާވެފައިވާ ހާލަތަކީ ކޮންމެހެން ބާރުގެ ބޭނުން ކުރުން ލާޒިމު ހާލަތަކަށްވުން؛

(ރ) ހަތިޔާރުގެ ގޮތުގައި ފަޔަރ އާރމްސް ބޭނުންކުރަން ޖެހިއްޖެނަމަ ބޭނުންކުރެވޭމީހާގެ ޖިސްމަށް ވީހާވެސް ކުޑަކޮށް ގެއްލުންވާ ގޮތަށް، އުނަގަނޑުން ތިރިއަށް ބަޑިޖެހުމަށް ވިސްނައިގެން ހަތިޔާރުގެ ބޭނުންކުރުން؛

(ބ) ޒިންމާދާރުގޮތުގައި ޖަވާބުދާރީވެވޭ ގޮތަށް ބާރުގެ ބޭނުންކުރުން.

 

20 ވަނަ މާއްދާ - ރިޕޯރޓިންގެ ޕްރޮސީޖާ

(ހ) ހަތިޔާރުގެ ގޮތުގައި ބުނެފައިވާ އެއްވެސް އެއްޗެއް ބޭނުންކޮށްފިނަމަ، ރއެބޭނުންކުރި ހާލަތަކާބެހޭ ހާދިޘާ ރިޕޯރޓެއް އެ ޑިއުޓީއެއް ނިމުމުގެ ކުރިން ތައްޔާރުކުރަން ވާނެއެވެ. އަދި މިފަދަ ހާލަތެއްގައި، ހަތިޔާރެއް ބޭނުންކޮށްފިނަމަ އެމީހެއްގެ ޔުނިޓް ނުވަތަ ޑިޕާރޓްމަންޓްގެ ވެރިއަކަށް ވަގުތުން އެކަމެއް އަންގަން ވާނެއެވެ.

(ށ) އަނިޔާގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ، ފުލުހުންގެ މިހާއަށް ހާދިޘާ ރިޕޯރޓް ހުށަހަޅަން އުޒުރުވެރިވާފަދަ ހާލަތެއް ދިމާވެއްޖެނަމަ އެމީހަކާއި ހަވާލުވެ ހުރި ވެރިއެއް އެ ހާދިޘާ ހިނގި ގޮތް އޮޅުންފިލުވުމަށްފަހު ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހާދިޘާ ރިޕޯރޓް ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީއަށް ހުށަހަޅާންވާނެއެވެ.

(ނ) ތަމްރީނުގެ ހާލާތްތައް ފިޔަވައި އެމީހެއްގެ އިހުތިޔާރުން ނުވަތަ އިހުތިޔާރަކާއި ނުލާވެސް ހަތިޔާރުން ވަޒަނެއް ގޮވައިފިނަމަ އެކަމެއް އެމީހަކާއި ހަވާލުވެ ހުރި ވެރިއަކަށް ރިޕޯރޓް ކުރަންވާނެއެވެ.

(ރ) އެއްވެސް ހާލަތެއްގައި ހަތިޔާރެއްގެ ބޭނުންކޮށްގެން ދިމާވާ ކޮންމެ ކަމެއްގައިހަތިޔާރު ބޭނުންކުރި ފަރާތުން ޖަވާބުދާރީ ވާންޖެހޭނެއެވެ.

(ބ) ބާރުގެ ބޭނުން ކޮށްފައިވާ ހާލަތްތައް މެދުވެރިވާން ދިމާވެފައިވާ ސަބަބުތައް ދެނެގަނެ، ކުރިމަގުގައި އެފަދަ ހާލަތެއް މެދުވެރިނުވާނެ ގޮތަކަށް ކަންކަންރާވާ ހިންގުމަށްޓަކާ، ހަތިޔާރު ބޭނުންކުރުމަށްފަހު، ތައްޔާރުކުރެވޭ އެންމެހާ ހާދިޘާ ރިޕޯރޓްތައް މޯލްޑިވްސް ޕޮލިސް ސަރވިސް ގެ "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ" އިން ދިރާސާ ކުރަންވާނެއެވެ.

(މ) ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީގައި ހިމެނޭނީ، އެސިސްޓެންޓް ކޮމިށަނަރ އޮފް ޕޮލިސް އަކާއި އިތުރު 2 ކޮމިށަންޑް އޮފިސަރުންނެވެ. 

 

21 ވަނަ މާއްދާ - ކަނޑުގެ އުޅަނދުފަހަރުގައި ހަތިޔާރު އުފުލުމާއި، ގެންގުޅުމާއި، ބޭނުންކުރުން

މި ގަވާއިދުގެ (5 (ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ހަތިޔާރުތައް ކަނޑުމަތީގައި ދުއްވާ ފުލުހުންގެ އުޅަނދުފަހަރުގައި އުފުލުމާއި، ގެންގުޅުމާއި، ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ.

 

22 ވަނަ މާއްދާ - ހަތިޔާރު އުފުލުން

ކަނޑުގައި ދުއްވާ ފުލުހުންގެ އުޅަނދުފަހަރުގައި ހަތިޔާރު އުފުލަންޖެހޭނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) ކަނޑުގެ އުޅަނދަކަށް ހަތިޔާރު އެރުވުމުގެ ކުރިން ލިސްޓް ނަގާ، ޕެކްކޮށް،ސީލްކުރެވެން ޖެހޭނެއެވެ.

(ށ) ކަނޑުގެ އުޅަނދެއްގައި ހަތިޔާރު ބަހައްޓަންޖެހޭނީ ތަޅުލެވޭ، ރައްކާތެރި ތަނެއްގައެވެ.

(ނ) ކަނޑުގެ އުޅަނދަކަށް ހަތިޔާރު ބަރުކުރުމަށްފަހު އެހަތިޔާރު ބެލެހެއްޓުމުގެ އެންމެހައި ޒިންމާތަކެއް އުފުލަންޖެހޭނީ އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ހަތިޔާރާއި ހަވާލުވެ އެއުޅަނދެއްގައި ހުރި އެންމެ އިސް ފުލުހެކެވެ. އަދި ހަތިޔާރާއި ހަވާލުވިކަމުގެ ލިޔުމުގައި ސޮއިކޮށް، އެސޮއިކުރި ހަތިޔާރު ލިސްޓުގެ ކޮޕީ ކެޕްޓަން އަތުގައާއި ހަތިޔާރާއި ހަވާލުވެ ހުރި އެންމެ އިސް މީހެއްގެ އަތުގައި އޮންނަން ޖެހޭނެއެވެ.

(ރ) ހަތިޔާރު އުޅަނދުން ބާލަން ޖެހޭނީ މި މާއްދާގެ (ހ) ގައިވާ ގޮތަށް އެއްވެސް އުނި އިތުރެއްވޭތޯ ބަލައި ޗެކްކުރުމަށް ފަހުގައެވެ.

 

23 ވަނަ މާއްދާ - ކަނޑުގެ އުޅަނދުފަހަރުގައި ހަތިޔާރު ގެންގުޅުން

ކަނޑުގައި ދުއްވާ ފުލުހުންގެ އުޅަނދުފަހަރު ޑިއުޓީ ގަޑިތަކުގައި ހަތިޔާރު ގެންގުޅެން ޖެހޭނީ މިގަވާއިދުގެ 7 ވަނަ މާއްދާގައި ވާގޮތަށެވެ.

 

24 ވަނަ މާއްދާ - ކަނޑުގެ އުޅަނދުފަހަރުގައި ހަތިޔާރު ބޭނުންކުރުން

މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައިވެސް ހަތިޔާރުގެ ބޭނުންކުރެވޭނެއެވެ.

 

25 ވަނަ މާއްދާ - އިންޒާރުދިނުމާއި ހަތިޔާރު ބޭނުންކޮށްގެން އުޅަނދެއް ހުއްޓުވުން

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންވެގެންވާ ހާލަތްތައް ފިޔަވައި މިނޫން އެއްވެސް ހާލަތެއްގައި ކަނޑުގެ އުޅަނދެއް ހުއްޓުވުމަށް ހަތިޔާރުގެ ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) ގާނޫން ތަންފީޒުކުރުމަށް ފުލުހުން ކަނޑުމަތީގައި އަދާކުރާ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި މިގަވާއިދުގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހަތިޔާރު ބޭނުންކޮށްގެން އެހެން އުޅަނދެއް ހުއްޓުވަން ޖެހޭނީ އަންނަނިވި ތަރުތީބުން މަސައްކަތް ކުރުމަށްފަހު އެ އުޅަނދެއް ނުހުއްޓައިފިނަމައެވެ.

  1. މެރިން ކޮމިއުނިކޭށަން މެދުވެރިކޮށް ހުއްޓަން އަންގައިގެން ނުހުއްޓުން.
  2. އުޅަނދާއި ކައިރިކުރެވޭ ހާލަތެއް ނަމަ ކައިރިކޮށް އަޑުގަދަކުރާއިންއިންޒާރު ދިނުމުން ނުހުއްޓުން.
  3. މިމާއްދާގެ (1) ،(2 (ގައި ވާގޮތަށް މަސައްކަތްކޮށްގެން އެ އުޅަނދެއް ނުހުއްޓައިފިނަމަ (2 (ގައިވާ ގޮތަށް އިތުރަށް ވަގުތު ދިނުމަށްފަހު އުޅަނދު ހުއްޓުމަށް އެންގުން.

(ނ) މި މާއްދާގެ (ށ) ގެ (1 (އަދި (2 (ގައިވާ ގޮތަށް މަސައްކަތް ކޮށްގެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ އެ އުޅަނދެއްގެ ކޯރސް އަދި ސްޕީޑް ދަމަހައްޓާނަމަ ނުވަތަ ބާރުކުރާނަމަ، އަންނަނިވި ތަރުތީބުން މަސައްކަތްކޮށްގެން އެ އުޅަނދެއް ހުއްޓުވާނީއެވެ.

  1. އުޅަނދުގެ ސްޓަރބޯރޑް ނުވަތަ ޕޯރޓްފަރާތުން 50 މީޓަރު ދުރުން މައްޗަށް 10 ވަޒަން (ވަކިވަކިން) ޖަހާނީއެވެ.
  2. އެ އުޅަނދުގެ ސްޓަރބޯރޑް ނުވަތަ ޕޯރޓްފަރާތުން 50 މީޓަރު ދުރުން އުޅަނދުގެ ފަހަތަށް 50 މީޓަރ ދުރަށް އަމާޒުކޮށް ފެންމައްޗަށް 10 ވަޒަން ވަކިވަކިން ޖަހާނީއެވެ.
  3. އެ އުޅަނދުގެ ސްޓަރބޯރޑް ނުވަތަ ޕޯރޓްފަރާތުން 50 މީޓަރު ދުރުން އުޅަނދުގެ ކުރިއަށް 50 މީޓަރ ދުރަށް އަމާޒުކޮށް ފެންމައްޗަށް 10 ވަޒަން ވަކިވަކިން ޖަހާނީއެވެ.
  4. އެ އުޅަނދުގެ ސްޓަރބޯރޑް ނުވަތަ ޕޯރޓްފަރާތުން 50 މީޓަރ ދުރުން އުޅަނދުގެ މާސްޓަށް އަމާޒުކޮށް 5 ވަޒަން ވަކިވަކިންޖަހާނީއެވެ.
  5. އެ އުޅަނދުގެ ސްޓަރބޯރޑް ނުވަތަ ޕޯރޓްފަރާތުން 50 މީޓަރ ދުރުން އުޅަނދުގެ ވީލް ހައުސްއަށް އަމާޒުކޮށް 5 ވަޒަން ޖަހާނީއެވެ. 

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް ހަތިޔާރު ބޭނުންކުރުމުންވެސް އެ އުޅަނދެއްމަޑުނުކޮށް، ކޯރސް އަދި ސްޕީޑް ދަމަހައްޓަމުން ނުވަތަ ބާރުކުރަމުން ގެންދާނަމަ، ދެން އެ އުޅަނދަކާއިމެދު އަމަލުކުރާނީ ކޮމިށަނަރ އޮފް ޕޮލިސްގެ މަށްވަރާ އާއެކު މިނިސްޓަރ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ބ) މިމާއްދާގެ (ށ) އަދި (ނ) ގައި އެގޮތަށް ބުނެފައިވީ ނަމަވެސް ދިމާވެފައިވާ ހާލަތަކީ އެގޮތުގެ މަތިން އަމަލު ނުކުރެވޭނެ ފަދަ ހާލަތެއްނަމަ އެފަދައިން އަމަލުނުކޮށް ފުލުހުންނަށް ހަތިޔާރުގެ ބޭނުންކުރެވިދާނެއެވެ.

(ޅ) ގާނޫނާއި ގަވާއިދާއި ހިލާފްވެގެން ނުކިޔަމަންތެރިކަން ދައްކާފައިވާ އުޅަނދެއް ހުއްޓުވައި އެ އުޅަނދަކަށް ހަތިޔާރާއިއެކު ފުލުހުންގެ ބޯރޑިންގ ޓީމް އަރަންވާނީ އަންނަނިވި ހާލަތްތަކަށް ރިއާޔަތްކޮށްފައެވެ.

  1. އެ އުޅަނދެއްގައި އެއްވެސް ބާވަތެއްގެ ހަތިޔާރެއް ގެންގުޅޭކަމަށް ށައްކުވުން؛
  2. އެ އުޅަނދެއްގައި ނުރައްކާތެރި ބާވަތެއްގެ ފުރާނައަށް ގެއްލުންވާފަދަ ކެމިކަލެއް ގެންގުޅޭކަމަށް ށައްކުކުރެވުން؛ 
  3. އެ އުޅަނދެއްގެ ފަޅުވެރިން ނުވަތަ އެ އުޅަނދުގައި ތިބި ބައެއްގެ ފަރާތުން ފުލުހުންނަށް ހަމަލާއެއް ދީފާނެކަމަށް ށައްކުކުރެވޭ ބަޔަކު ތިބުން؛
  4. ގާނޫނާއި ހިލާފްވެފައިވާ ކަމަށް ތުހުމަތުކުރެވޭ އުޅަނދަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދަކަށް ނުވުން،
  5. ކައުންޓަރ އިންސާރޖަންސީ އޮޕަރޭށަނެއްގައި އުޅަނދަކަށް ބޯރޑުކުރަން ޖެހޭ ހާލަތުގައި؛
  6. ބަޔަކު ރަހީނުކޮށްގެން ހުއްޓުވޭ އުޅަނދަކަށްވުން؛
  7. ދިވެހިރާއްޖޭގެ އަމަން އަމާންކަން ގެއްލޭފަދަ ގޮތަކަށް އަމަލުކުރުމަށް ހަތިޔާރު ކަމަށް ބެލެވޭ ބާވަތުގެ ތަކެތި ހިފައިގެން ވަކި މަންޒިލަކަށް ދަތުރުކުރާ ކަމަށް ތުހުމަތު ކުރެވޭ އުޅަނދަކަށްވުން؛ 
  8. ދިވެހިރާއްޖޭގެ ސަރަހައްދުގައި މަސްތުވާތަކެތި ފޮރުވުމަށް، ނުވަތަ އެހެން ބޯޓަކަށް މަސްތުވާތަކެތި ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވުން؛
  9. ދިވެހިރާއްޖޭގެ ސަރަހައްދަށް ނިއުކްލިއަރ ދަގުއި އެޅުމަށް އުޅޭ ކަމަށް ތުހުމަތުކުރެވޭ އުޅަނދަކަށްވުން.

 

26 ވަނަ މާއްދާ - ހަތިޔާރު އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގުދަންކުރުން

(ހ) އެއްވެސް ހަތިޔާރެއް ހުރިތަނުން އެހެންތަނަކަށް ގެންދަން ޖެހޭނީ ފުރިހަމަ ސަލާމަތްތެރިކަމާއިއެކު އެކަށީގެންވާ އަދަދެއްގެ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

(ށ) ހަތިޔާރު ބަހައްޓާ ގުދަން ހެދިފައި ހުންނަންވާނީ ބައިނަލް އަގްވާމީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) ހަތިޔާރު ގުދަނަށް ވަދެވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

27 ވަނަ މާއްދާ - މިގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތް

މިގަވާއިދުގައި ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައަޅާފައި ނުވާ ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ ކަމެއް ހައްލުކުރުމުގައި އަމަލު ކުރާނީ ކޮމިށަނަރ އޮފް ޕޮލިސްގެ މަށްވަރާގެ މަތިން މިނިސްޓަރު ނިންމާ ގޮތަކަށެވެ.

 

28 ވަނަ މާއްދާ - ހަތިޔާރު އެތެރެކުރުން

މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އެގްޒެކިއުޓިވް ބޯޑުގެ ލަފަޔާއެކު މިނިސްޓަރ ކަނޑައަޅާ ގޮތެއްގެ މަތިން ފުލުހުންގެ ވާޖިބާއި މަސްއޫލިޔަތު އަދާކުރުމުގައި ބޭނުންވާ އެންމެހައި ހަތިޔާރެއް ދިވެހިރާއްޖެ އެތެރެކުރާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.

 

29 ވަނަ މާއްދާ - ބަހުގެ މާނަ

(ހ) މިގަވާއިދުގައި "ހަތިޔާރު" ކަމަށް ބުނެފައިވަނީ ވަޒަން، ގޮވާތަކެތި، ބަޑި، ފިސްތޯލަ، އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ފުލުހުންގެ މީހުން ގާނޫނު ތަންފީޒުކުރުމަށް ތައްޔާރުކުރެވިފައިވާ ހަތިޔާރުތަކަށެވެ.

(ށ) "ހަތިޔާރު ގެންގުޅުން" ކަމަށް ބުނެފައި އެވަނީ ތަމްރީނުތަކުގައި ފަރިތަކުރުމަށް ގެންގުޅޭ ގެންގުޅުމާއި ޑިއުޓީ އަދާކުރުމަށް ފުލުސް މީހާގެ އަތުން ހިފައިގެން ހުންނަ ހުރުމާއި ފުލުސް މީހާގެ ހޯލްސްޓަރގައި ހުންނަ ހުރުމަށެވެ.

(ނ) "ހަތިޔާރު ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ އެއްވެސް މީހަކަށް، ތަނަކަށް، އެއްޗަކަށް، މުދަލަކަށް އަމާޒުވާގޮތަށް ހަތިޔާރެއްގެ ބޭނުން ހިފުމެވެ.

(ރ) "ލެސް ލީތަލް" ކަމަށް ބުނެފައި އެވަނީ ބަޑި ފިޔަވައި، ނުރައްކާތެރި ހާލަތެއްގައި ބޭނުންކުރެވޭ އެހެނިހެން ބާވަތްތަކުގެ ހަތިޔާރަށެވެ.

(ބ) "އެންޓި- ރަޔަޓް ހަތިޔާރު" ކަމަށް ބުނެފައި އެވަނީ ގާނޫނާއި ގަވާއިދާއި ހިލާފު އެއްވުންތައް ރޫޅާލުމަށާއި، އަމަންއާންމު ދެމެހެއްޓުމަށް ބޭނުންކުރާ ހަތިޔާރަށެވެ.

(ޅ) "ޕޮލިސް އެކަޑަމީ" ކަމަށް ބުނެފައިއެވަނީ ފުލުހުންނަށް ދޭ ތަމްރީން ރާވާހިންގާ ބަލަހައްޓާ ފަރާތަށެވެ.

(ކ) "އެގްޒެކިއުޓިވް ބޯޑު" ކަމަށް ބުނެފައިއެވަނީ މޯލްޑިވްސް ޕޮލިސް ސަރިވސް ގެ އެންމެހާ ކަންކަން ރާވާ ހިންގުމަށްޓަކައި ކޮމިށަނަރ އޮފް ޕޮލިސް އަށް ލަފާ އެރުވުމަށް ކޮމިށަނަރ އޮފް ޕޮލިސް އައްޔަނުކޮށްފައިވާ ފުލުހުންގެ އިސް އޮފިސަރުން ހިމެނޭ ބޯޑަށެވެ.

(އ) "ކައުންޓަރ އިންސާރޖެންސީ އޮޕަރޭށަން" ކަމަށް ބުނެފައި އެވަނީ ހަތިޔާރު އެޅި ބަޔަކާއި ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭށަނަށެވެ.

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު