-

"ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަގޮތަކުން އަމަލުކުރުމުގެ ގަވާއިދު" އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 70/2016)

 

"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގަވާއިދު" އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށް ކަމަށް ކަނޑައޅާފައިވާ ކުށްކުރާ މީހުންގެ ފުރިހަމަ މައުލޫމާތު އާންމުކޮށް ފަސޭހައިން ބެލޭނެ ގޮތެއް ގާއިމުކުރުމާއި، ކުށްކޮށްފައިވާ މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެން، މޯބައިލް ޑިވައިސްއަކުން ށޯޓް މެސެޖް ސަރވިސް (އެސް.އެމް.އެސް) ގެ ޒަރީއާއިން ފަސޭހަކަމާއެކު އެ މީހުންގެ މައުލޫމާތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

4. ދަފުތަރުގައި ހިމަނަންޖެހޭ މައުލޫމާތު އެއްކުރުމާއި ދަފުތަރުގައި ހިމެނޭނެ މައުލޫމާތު

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ދަފުތަރުގައި ހިމެނެނީ ކުޑަކުދިންނަށް ޖިންސީ ގޯނާ އެއްވެސް ހާލަތެއްގައި ކުރި މީހެއްކަން ކޯޓުން ސާބިތުވެ އެ މީހެއްގެ މައްޗަށް ހުކުމްކޮށްފައި ތިބި މީހުންގެ މައުލޫމާތު އެކަންޏެވެ.

(ށ) ދަފުތަރުގައި މައުލޫމާތު ހިމެނުމަށްޓަކައި، ށަރީއަތް ނިމުނުގޮތުގެ ހުލާސާ ރިޕޯޓް ކޯޓުން ހުކުމްކުރާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ކޯޓުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) ގާނޫނު  ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސާ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށްކަމަށް ކަނޑައަޅާފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެކަމަށް ކޯޓުން ހުކުމްކުރުމަށްފަހު، އެ ހުކުމް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ތަންފީޒުކުރަން ފަށާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ މައުލޫމާތުތައް އެ ސަރވިސްއިން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

7. މައުލޫމާތު ރައްކާކުރުމާއި ދަފުތަރުގައި މައުލޫމާތު ހިމެނުން

(ހ) އަންނަނިވި މައުލޫމާތުތަކަކީ މިނިސްޓްރީން އާންމުކުރާ ދަފުތަރުގައި ހިމަނަންޖެހޭނެ މައުލޫމާތުތަކެވެ.

  1. ފުރިހަމަނަން؛
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
  3. އުފަން ތާރީހް؛
  4. ދާއިމީ އެޑްރެސް؛
  5. މިހާރު ދިރިއުޅޭ އެޑްރެސް؛
  6. މިހާރުގެ ކުލަ ފޮޓޯއެއް؛
  7. ސާބިތުވި ކުށުގެ ބާވަތް؛
  8. ހުކުމް ކުރި ތާރީހު؛
  9. ހުކުމް ތަންފީޒުކުރަންޖެހޭ މުއްދަތު؛
  10. ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހު؛
  11. ހުކުމް ތަންފީޒުކޮށް ނިމި މޮނިޓަރކުރަމުންދާ މީހެއްކަން ނުވަތަ ނޫންކަން؛
  12. ހުކުމް ތަންފީޒުކުރަމުންދާ މީހަކު، ބޭސްފަރުވާއަށް، ނުވަތަ އާއިލީ ބޭނުމަކަށް، ނުވަތަ އެނޫންވެސް ބޭނުމަކަށް ދޫކޮށްލާފައިވާނަމަ، އެ މީހަކު ދޫކޮށްލި ތާރީހާއި، އަނބުރާ ބަންދުކުރެވޭނެ ތާރީހު އަދި އެ މީހަކު ދޫކޮށްފައިވަނީ ގޭ ބަންދަށްކަން، ނުވަތަ ރަށު ބަންދަށްކަން، ނުވަތަ އެނޫންވެސް ގޮތަކަށްކަން. 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކުގެ އިތުރުން، ދަތުރުގައި ނުހިމެނި ކަމުގައިވިޔަސް އަންނަނިވި މައުލޫމާތުތައް މިނިސްޓްރީގައި ރައްކާކުރެވިފައި ހުންނަންވާނެއެވެ.

  1.  ވޒީފާއެއް އަދާކުރާނަމަ ވަޒީފާ އަދާކުރާ ތަނާއި އަދާކުރާ ވަޒީފާ ނުވަތަ ވަޒީފާއެއް އަދާކުރަމުންނުދާނަމަ އެންމެ ފަހުން ވަޒީފާ އަދާކުރި ތަނާއި އަދާކުރި ވަޒީފާ؛
  2. ކޮލެޖް ނުވަތަ ޔުނިވަރސިޓީ ނުވަތަ އެހެންވެސް ތަނެއްގައި ކިޔަވަމުންދާނަމަ އެ ތަނެއްގެ ނަން؛
  3. އިނގިލީގެ ނިށާން؛
  4. އިސްކޮޅާއި ބަރުދަން؛
  5. ހަށިގަނޑުގައި ހާއްސަ ނިށާނެއް ހުރި ނަމަ އެ ނިށާނުގެ މައުލޫމާތު؛
  6. ހުކުމް ކުރި ކޯޓު؛
  7. އިސްތިއުނާފުކޮށްފައިވާނަމަ އިސްތިއުނާފުކުރި ތާރީހު؛
  8. ކައުންސިލިންގ ހޯދަމުންދާނަމަ ކައުންސިލިންގ ފެށި ތާރީހު، ނުވަތަ ކައުންސިލިންގ ހޯދާ ނިމިފައިވާނަމަ ނިމުނު ތާރީހު؛
  9. މީގެ ކުރިން މި ބާވަތުގެ އަމަލެއް ސާބިތުވެފައިވާނަމަ، ހުކުމް ކުރި ތާރީހު/ އަދަދު/ މިހާރުގެ ހާލަތު

(ނ) ދަފުތަރުގައި މައުލޫމާތު ހިމަނާއިރު، މައުލޫމާތު ދަފުތަރުގައު ހިމަނައި، އެންމެ ފަހުން މައުލޫމާތު އަޕްޑޭޓްކުރެވުނު ތާރީހު ފަސޭހައިން އާންމުންނަށް އެނގޭނެގޮތަށް ފެންނަން ހުންނަންވާނެއެވެ.

 

4 ވަނަ މާއްދާ - ގަވާއިދުގެ 21 ވަނަ މާއްދާގެ ފަހު ޕެރެގްރާފުގައިވާ "ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް" މި އިބާރާތް " މިނިސްޓްރީ " އަށް ބަދަލުކޮށް އަންނަނިވި ގޮތަށް މާނަކުރުން.

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކިބާވަތްތަކުގެ ހާނިއްކަ ލިބިފައިވަ ކުޑަކުދީންނާއި އިހުމާލުވެފައިވާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުވައިދިނުމަށްޓަކައި އަމަލުކުރާނެ މިންގަނޑިތައް ކަނޑައަޅައި، ކަމާގުޅޭ އެހެނިހެން ދާއިރާތަކާއެކު މަސައްކަތްކޮށް، މި މަސައްކަތް ވިލަރެސްކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާއެވެ.

ބުނެވިދިޔަ ގަވާއިދުގައި 'ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސް" މިހެން ހުރި ތަންތަން "މިނިސްޓްރީ" މިގޮތަށް ބަދަލުކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަގޮތަކުން އަމަލުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 48/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު