-

 

ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2/2011) 

މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 54/2021 އިން އުވާލެވިފައި

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަންހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ށ) އާއި، 33 ވަނަ މާއްދާއިން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމާއި، ބެލެހެއްޓުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މިގަވާއިދުގެ މަގުސަދަކީ:-

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައެޅުން.

(ށ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމާއި ބެލެހެއްޓުމާބެހޭ އެންމެހާ މަސައްކަތްތައް އެއް އުސޫލެއްގެ ދަށުން ކުރުން.

(ނ) ގާނޫނު ނަންބަރު 8/2010  ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންޖެހޭ އިނާޔަތްތައް ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅާއިބަޔާންކުރުން.

 

3 ވަނަ މާއްދާ - ދަފުތަރުގައި މީހުން ހިމެނުން.

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނުމަށް އެދެންވާނީ، މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުންނެވެ. މި ފޯމު ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސާރވިސަސްއަށް ނުވަތަ އެ ޑިޕާޓްމަންޓުން ކަނޑައަޅާ ތަނަކަށެެވެ.

(ށ) މި ގަވާއިދުގެ ދަށުން ދަފުތަރުގައި ރަޖިސްޓަރީ ކުރެވޭނީ، މިގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ދިވެހިރައްޔިތެކެވެ.

 

4 ވަނަ މާއްދާ - ނުކުޅެދުންތެރިކަމުގެ ގިންތިތައް

މިގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމުގައި ބަލާނީ ތިރީގައިވާ ހާލަތްތަކުގައިވާ މީހުންނެވެ.

(ހ) ފެނުމުގެ ނުކުޅެދުންތެރިކަން؛

(ށ) އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން؛

(ނ) ޖިސްމާނީ ނުކުޅެދުންތެރިކަން؛

(ރ) ވިސްނުމުގެ/ ސިކުނޑީގެ ނުކުޅެދުންތެރިކަން؛

(ބ) އޯޓިޒަމް؛

(ޅ) އުނގެނުމުގެ ކުނުޅެދުންތެރިކަން؛

(ކ) މަލްޓިޕަލް ޑިސްއެބެލިޓީ (އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުރުން.)

 

5 ވަނަ މާއްދާ - ދަފުތަރުގައި ހިމެނުމަށް ހުށަހަޅަންޖެހޭ މައުލޫމާތު

(ހ) ނުކުޅެދުންތެރިކަމެއް ހުރިކަމަށް މެޑިކަލް ޑޮކްޓަރަކު ދީފައިވާ ސައްހަ ލިޔުން.

(ށ) ރަސްމީ ތައުލީމު އުގަންނައިދޭ ސްކޫލްތަކުގެ ސްޕެށަލް އެޑިއުކޭށަން ކްލާސްތަކުގައި ރަޖިސްޓްރީވެގެން ތައުލީމު ހާސިލުކުރަމުންދާ ފަރާތްތައް.

(ނ) ނުކުޅެދުންތެރިކަން ހުރިކަމަށް ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ސިއްހީ ހިދުމަތްދޭ ތަނަކަށް ދީފައިވާ ސައްހަ ލިޔުން. (ސިއްހީ ހިދުމަތްދޭ ތަންތަން ކަމުގައި ބަލާނީ، ރީޖަނަލް ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލް ނުވަތަ ރަށު ހޮސްޕިޓަލް ނުވަތަ ހެލްތް ޕޯސްޓްފަދަ ތަންތަނެވެ.

(ރ) ދަފުތަރުގައި ހިމެނުމަށް ހޯދާ މައުލޫމާތުތަކާއި، ހުށަހަޅާ މައުލޫމާތުތަކަކީ ހުއްދަލިބިފައިވާ ފަރާތްތަކަަކަށް މެނުވީ ނުފެންނާނެ ސިއްރު މައުލޫމާތުތަކެކެވެ.

 

6 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމަށާއި މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު އެޕްރޫވްކުރުން.

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނުމަށާއި މާލީ އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު އެޕްރޫވް ކުރާނީ، ޑިޕާރޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސާރވިސަސްއިންނެވެ.

(ށ) ދަފުތަރުގައި ރަޖިސްޓަރީ ކުރެވޭނީ، އެކަމަށް އެދި ހުށަހަޅާ މަހުންފެށިގެންނެވެ. މިގޮތުން ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން، މައުލޫމާތު ފުރިހަމަކޮށް ހުރިހާ ލިޔެކިޔުންތައް ހަމަކޮށް ހުށަހަޅާ ފޯމުތައް އެޕްރޫވްކޮށް، ފޯމު ހުށަހެޅި މަހެއްގައި އެމީހަކު ދަފުތަރުގައި ހިމަނައި، ޖެހިގެން އަންނަ މީލާދީ މަހުންފެށިގެން އެލަވަންސް ދޭންވާނެއެވެ.

(ނ) ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ފަހުން ފޯމު ހުށަހަޅާ ފަރާތްތައް ދަފުތަރުގައި ރަޖިސްޓްރީ ކުރެވޭނީ، ޖެހިގެން އަންނަ މަހުއެވެ.

 

7 ވަނަ މާއްދާ - އެލަވަންސް ދިނުން

(ހ) ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސާރވިސަސްއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލިސްޓް، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީއަށް ފޮނުވުމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ އިނާޔަތް، އެމީހަކު ދަފުތަރުގައި ރަޖިސްޓަރީކުރި މަހުން ފެށިގެން ދަފުތަރުން އުނިކުރުމާ ހަމައަށް ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށްދޭންވާނެއެވެ.

(ށ) ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބެއް މެދުވެރިވެއްޖެނަމަ، ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހަކަށް ދެމުންދާ އެލަވަންސް ދިނުން ހުއްޓާލަންވާނެއެވެ.

  1. ނުކުޅެދުންތެރިކަން ހުރިފަރާތުން ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކުރިކަން ސާބިތުވެގެން ކުށެއްގެ އަދަބު ތަންފީޒުކުރަން ފެށުން (ސިކުނޑީގެ އުނިކަން ހުންނަ ފަރާތްތައް އިސްތިސްނާވާނެއެވެ.)
  2. ދައުލަތުގެ ބެލުމުގެ ދަށުގައިވާ މަރުކަޒަކުން، އެމީހަކު ބަލަހައްޓަން ފެށުން.
  3. ނުކުޅެދުންތެރިކަން ހުރިފަރާތް ނިޔާވުން.
  4. ނުކުޅެދުންތެރިކަންހުރި ފަރާތް، ނުވަތަ ނުކުޅެދުންތެރިކަންހުރި ފަރާތް ބަލަހައްޓާ ފަރާތުން މި އެލަވަންސް ބޭނުންނުވާކަމަށް ލިޔުމަކުން އެންގުން.

 

8 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުން އުނިކުރުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުން އުނިވުމަށް އެދި ސަބަބު ބަޔާންކޮށް ރަސްމީކޮށް ލިޔުމަކުން ހުށަހެޅުން.

(ށ) ދަފުތަރުގައި ހިމެނުމަށް ހުށަހަޅާފައިވާ ލިޔުންތަކަކީ، ސައްހަ ލިޔުންތަކެއް ނޫންކަމަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސާރވިސަސްއަށް ސާބިތުވުން.

(ނ) ދަފުތަރުގައި ހިމެނޭ މީހަކު މަރުވިކަން، ބަލަދުވެރިޔާ ނުވަތަ ރަށުއޮފީހުން ނުވަތަ އެނޫން ރަސްމީ ފަރާތަކުން، ސައްހަ ލިޔުމަކުން ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސާރވިސަސްއަށް އެންގުން.

(ރ) ނުކުޅެދުންތެރިކަން ހުރި މީހެއްގެ ކިބައިގައިހުރި ނުކުޅެދުންތެރިކަން ރަނގަޅުވެއްޖެކަމަށް، ނުކުޅެދުންތެރިކަން ހުންނަ މީހާ ނުވަތަ ބަލަދުވެރިޔާ ލިޔުމަކުން ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ޕްރޮޓެކްށަން ސާރވިސަސްއަށް އެންގުން.( މިލިޔުން ލިބޭ ދުވަހުން ފެށިގެން ނުކުޅެދުމުގެ ހާލަތު ރަނގަޅުވީ މީހާގެ ނަން ދަފުތަރުން އުނިކުރަންވާނެއެވެ.)

(ބ) ނުކުޅެދުންތެރިކަންހުންނަ މީހަކު ދާއިމީކޮށް ދިރިއުޅުން އެހެން ގައުމަކަށް ބަދަލުކުރުން ނުވަތަ ހިޖުރަކުރުން.

 

9 ވަނަ މާއްދާ - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު ބެލެހެއްޓުން

(ހ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގެ ބެލެހެއްޓުމަކީ، ޑިޕާރޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސާރވިސަސްގެ ޒިންމާއެކެވެ.

(ށ)  ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސާރވިސަސްގެ މުވައްޒަފުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވާ ފަރާތްތަކުން، ދަފުތަރުގައި ހިމެނޭ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަށް އިގުރާރެއްގައި ސޮއިކުރަންވާނެއެވެ.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގެ މައުލޫމާތުތައް ގަވާއިދުން އަޕްޑޭޓްކޮށް، ކަނޑައެޅިފައިވާ މުއްދަތަށް ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީއަށް ފޮނުވަމުން ގެންދާނީ، ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސާރވިސަސްއިންނެވެ.

 

10 ވަނަ މާއްދާ - ހެލްތް އިންށުއަރެންސް ސްކީމްގައި ބައިވެރިކުރުން.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި، ނަން ހިމަނާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި މަދަނާގައި ބައިވެރިކުރަންވާނެއެވެ. އަދި ދަފުތަރުން އެމީހެއްގެ ނަން އުނިކުރަންދެން އިންށުއަރެންސް ދެމިއޮންނަންވާނެއެވެ.

 

11 ވަނަ މާއްދާ - ފުދުންތެރިކަން ނެތް ފަރާތްތަކަށް ސަރުކާރުން އާލާތްތައް ދިނުން.

ޑޮކްޓަރެއްގެ ސައްހަ ލިޔުންތަކަށް ބެލުމަށްްފަހު، ފުދުންތެރިކަން ނެތް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެމީހެއްގެ ހާލަތާގުޅޭގޮތުން ބޭނުންަވާ އާލާތްތައް ސަރުކާރުން ދޭންވާނެއެވެ.

  

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

(ނުކުޅެދުންތެރިކަން ހުންނަ މީހުން، ދަފުތަރުގައި ހިމެނުމާއި، މާލީ އެހީތެރިކަމަށް އެދޭ ފޯމު، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި މި ފޯމް ފަހުން ވަރޑް ޑޮކިއުމަންޓުގައި އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

 

އުވި ގަވާއިދު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 54/2021)

 

މައި ގާނޫނު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 8/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު