މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2011-26)
1 ވަނަ މާއްދާ – ތައާރަފު
(ހ) މިގަވާއިދަކީ ގާނޫނު ނަންބަރު 1996-01 (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު) ގެ 15 ވަނަ މާއްދާއާއި 12 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން، އެ ގާނޫނު ހިންގުމަށް ހަދާފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔަނީ "މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ – އަމަލު ކުރަންފަށާ ތާރީހު
މި ގަވާއިދަށް އަމަލު ކުރަން ފަށާނީ 01 ޖޫން 2011 އިން ފެށިގެންނެވެ.
3 ވަނަ މާއްދާ – ކުރީގައި ހިނގާފައިވާ ކަންކަމަށް މި ގަވާއިދު ހިންގުން
މި ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި ގަވާއިދެއް ނުހިނގާނެއެވެ.
4 ވަނަ މާއްދާ – މުދާ ވިއްކުމާއި ހިދުމަތް ދިނުމުގައި ތަފާތު ނުކުރުން
ގާނޫނަކުން ވަކި ގޮތަކަށް ކަޑަނާޅާ ހިދަކު، ވިޔަފާރިކުރާ ތަނަކުން ވިއްކާ މުދާ ވިއްކުމުގައި ނުވަތަ ހިދުމަތްދޭ ފަރާތަކުން ދޭ ހިދުމަތެއް ދިނުމުގައި ނަހަމަ ގޮތެއްގައި ވަކި ފަރާތެއް ތަފާތުކޮށްގެން ނުވާނެއެވެ. ހިދުމަތް ލިބިގަންނަ ފަރާތަކީ، ނުވަތަ މުދާ ގަންނަ ފަރާތަކީ، ވަކި ގައުމެއްގެ ނުވަތަ ވަކި ނަސްލެއްގެ މީހަކަށް ވީތީ އަގު ތަފާތެއް ނުކުރެވޭނެއެވެ. އަދި އެފަދަ ގޮތަކަށް މުދަލެއް ވަކިފަރާތަކަށް ނުވިއްކުމާއި ހިދުމަތް ނުދިނުމަކީ، މަނާކަމެކެވެ.
5 ވަނަ މާއްދާ – މުދާ ނުވިއްކާ ބެހެއްޓޭ ހާލަތްތައް
މުދާ ނުވިއްކާ ބެހެއްޓޭނީ ތިރީގައި މިދަންނަވާ ހާލަތްތަކުގައެވެ. މިނޫން ހާލަތެއްގައި އެއްވެސް މުދަލެއް ނުވިއްކާ ބަހައްޓައިގެން ނުވާނެއެވެ.
(ހ) އެމުދަލެއް ވިއްކުން ގާނޫނަކުން މަނާކޮށްފައިވުން.
(ށ) ހިސާބުކުރުން ފަދަ ކަމަކަށް ވަގުތީ ގޮތުން މުދާނުވިއްކާ ބެހެއްޓުމަށް ކަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިފައިވުން.
(ނ) މުދަލެއް ގަންނަން އައި މީހާއަށް އެފަހަރަކު އެކަށީގެންވާ އަދަދަކަށް އެމުދަލެއް ވިއްކާފައިވުން.
(ރ) ގަނޑުކޮށް މުދާ ވިއްކާ ފަރާތެއްގައި، އެފަރާތަކުން އާންމުކޮށް ވިއްކާ އަދަދަށްވުރެ މަދު އަދަދަކަށް މުދާ ގަންނަން އެދުން.
6 ވަނަ މާއްދާ – މުދަލުގެ އަގު ލިޔެފައި ބެހެއްޓުން
(ހ) ވިޔަފާރި މުދާ ވަކިން ވިއްކާ ނަމަ ވަކިން ވިއްކާ އަގު، ގަޑުކޮށް ވިއްކާ ނަމަ ގަޑުކޮށް ވިއްކާ އަގު، މުދަލުގައި ނުވަތަ މުދާ ހުންނަ ތަނުގައި ނުވަތަ މުދާ ބަހައްޓާފައިވާ ހަރުގަޑުގައި އެއީ ކޮން މުދަލެއްގެ އަގު ކަން އެގޭނެހެން ދިވެހިބަހުން ނުވަތަ އިނގިރޭސި ބަހުން ލިޔެފައި ހުންނަން ވާނެއެވެ.
(ށ) މުދަލެއް ގަތުމަށްފަހު ނުވަތަ ހިދުމަތް ހޯދުމަށްފަހު، އެ ހިދުމަތުގެ އަގު ޑެބިޓް ކާޑުން ނުވަތަ ކްރެޑިޓް ކާޑުން ދައްކާނަމަ، އެމުދަލެއް ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ އިތުރުން، އިތުރު ޗާޖެއްނަގާނަމަ، ޗާޖެއް ނަގާކަމާއި، ކާޑުން ފައިސާ ކަނޑާ އުސޫލު، ލިޔެފައި ފެންނަން ހުންނަންވާނެއެވެ.
(ނ) މުދާ ގަޑުކޮށް ވިއްކާ ތަނެއްގައި މުދަލުގައި އަގު ޖެހުމުގެ ބަދަލުގައި، އެ މުދަލެއް ގަޑުކޮށް ވިއްކާ އަގު، ލިސްޓެއްގައި ލިޔެ އެތަނަކަށް ވަންނަ މީހުންނަށް ފަސޭހައިން ފެންނާނޭހެން އެތަނެއްގައި ބެހެއްޓިދާނެއެވެ. މިގޮތަށް އަގު ޖަހާފައި ބަހައްޓާނަމަ ގަނޑުކޮށް ބަންދުކޮށްފައިވާ މުދަލެއްގެ ނަމާއި އޭގެ ތަފްސީލު ހިމަނަންވާނެއެވެ.
(ރ) އަގެއްނަގައިގެން ހިދުމަތްދޭ ކޮންމެ ތަނެއްގައި އެތަނަކުންދޭ ހިދުމަތްތަކުގެ އަގު އެނގޭނޭ ލިސްޓެއް، ހިދުމަތް ލިބިގަންނަން ދާ މީހުންނަށް ފަސޭހައިން ފެންނާނޭހެން ބަހައްޓާފައި ހުންނަންވާނެއެވެ. ނުވަތަ އެ ތަނަކުން ހިދުމަތް ލިބިގަންނަ ފަރާތުން ބޭނުންވެއްޖެ ހިދެއްގައި ހިދުމަތް ލިބުމުގެ ކުރިން ހިދުމަތުގެ އަގު އެނގޭނޭ ލިޔުމެއް ލިބޭނޭ އިންތިޒާމެއް ހަމަޖައްސާފައި އޮންނަން ވާނެއެވެ.
7 ވަނަ މާއްދާ – މިނެކިރައިގެން ތަކެތި ވިއްކުން
މިނެކިރައިގެން ނުވަތަ މިން އަޅައިގެން ވިއްކާ މުދަލެއްނަމަ އެމުދަލެއް ވިއްކަންވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިން ހަމަކޮށް، ލޭބަލްކޮށްފައިވާ ތަކެތި ބޭނުންކޮށްގެންނެވެ. މިނެކިރުމުގަ އާއި މިން އެޅުމުގައި އޮޅުވާލުމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިން ހަމަކޮށްފައި ނުވާ އެއްޗެއް ބޭނުންކޮށްގެން މިނެކިރުމަކީ މަނާކަމެކެވެ.
8 ވަނަ މާއްދާ – އަގުދިނުން ފިޔަވައި އިތުރު ށަރުތަކާއެކު މުދާ ނުވިއްކުން
އެއްވެސް ވިޔަފާރި މުދަލެއް ގަންނަ މީހާއަށް، އެ މީހަކު ގަންނަން އެދުނު މުދަލަކާއެކު އެހެން މުދަލެއް ގަތުން ށަރުތުކޮށް، ނުވަތަ އެމުދަލެއް ގަތުމަށްޓަކައި އެމުދަލެއްގެ އަގު ދިނުމުގެ އިތުރުން އެހެން ކަމެއް ށަރުތުކޮށް މުދާ ވިއްކަން ހުށަހެޅުމަކީ ނުވަތަ ވިއްކުމަކީ މަނާކަމެކެވެ.
9 ވަނަ މާއްދާ – ހިދުމަތުގެ އަގާއި، ށަރުތުތައް އެގެން ހުރުން
(ހ) ހިދުމަތްދޭ ފަރާތުން ހިދުމަތްދޭ އަގާއި، ވަކި ށަރުތުތަކެއްގެ މަތިން ދޭ ހިދުމަތެއް ނަމަ އެށަރުތުތައް ދިވެހި ބަހުން ލިޔެފައި، ފަސޭހައިން ފެންނާނެ ގޮތަކަށް ހިދުމަތްދޭ ތަނުގައި ބަހައްޓަންވާނެއެވެ.
(ށ) ހިދުމަތަށް އެދޭ މީހާ ބޭނުންނަމަ މިމާއްދާގެ (ހ) ގައިވާ މައުލޫމާތު ހިމެނޭ ލިޔުމެއް ހިދުމަތްދޭ ތަނުން އެމީހަކަށް ލިބޭގޮތަށް ހަމަޖެހިފައި އޮންނަންވާނެއެވެ.
(ނ) ހިދުމަތަށް އެދި ފުރަންޖެހޭ އެއްވެސް ފޯމެއް ބޭރު ބަހުން އޮތްނަމަ އެފޯމު ފުރުމާބެހޭ ހުރިހާ ކަމެއް ދިވެހި ބަހުންވެސް ކުރެވޭ ގޮތަށް ހަމަޖެހިފައި އޮންނަންވާނެއެވެ.
10 ވަނަ މާއްދާ – އަގު ކޮންޓްރޯލް ކުރުން
(ހ) ރާއްޖޭގައި ވަކި ބާވަތެއްގެ ވިޔަފާރި މުދަލެއް، އެއިރަކު ލިބެން ހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އިގްތިސާދީ ހާލަތު އެއިރަކު އޮންނަ ގޮތަކުން، ރާއްޖޭގައި ވިއްކާ ވިޔަފާރި މުދަލެއްގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީ އަކަށް ފެނިއްޖެ ހިދެއްގައި، އެމުދަލެއްގެ އަގު ކޮންޓްރޯލް ކުރުމާއި، މުދާ އުފުލުމުގެ ހަރަދަށް ބަލައި، ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ކޮންޓްރޯލް އަގު ތަފާތު ކުރުމުގެ އިހްތިޔާރު ކަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަގު ކޮންޓްރޯލްކޮށް ވަކި އަގެއްގައި ވިއްކުމަށް އަންގާފައިވާ މުދަލެއް ވިއްކާނަމަ، އެ މުދަލެއްގެ ކޮންޓްރޯލް އަގު، އެތަނަކަށް ވަންނަ މީހުންނަށް ފަސޭހައިން ފެންނާނެހެން ލިޔެފައި ބަހައްޓަންވާނެއެވެ.
(ނ) ކާޑުގެ ބާވަތްތައް ކަމުގައި ހިމެނޭ އާދައިގެ ހަނޑުލާއި، އާދައިގެ ގޮދަންފުށް އަދި ހަކުރު، ޕެކެޓް ކޮށްގެން ވިއްކި ނަމަވެސް، ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގެއްގައި ވިއްކޭނީ ޕެކެޓް ކުރުމަށް ހިނގާ ހަރަދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިޔުމަކުން ހުށަހަޅައި، އެ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.
11 ވަނަ މާއްދާ – ބޭހުގެ އަގު ކޮންޓްރޯލް ކުރުން
(ހ) މިނިސްޓރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޯރޑް އޮފް ޕާރމަސޫޓިކަލް އިން ކަނޑައަޅާފައިވާ އެސެންށިއަލް މެޑިސިން ލިސަޓްގައި ހިމެނޭ ބޭހުގެ ތެރެއިން، އަގު ކޮންޓްރޯލް ކުރުމަށް ކަނޑައަޅާ އައިޓަމްތަކާއި، ކޮންޓްރޮލް އަގުތަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓުގްއި ފެންނަން ހުންނާނެއެވެ. މި އަގުތަކަށްވުރެ ބޮޑުއަގުގައި އެ މުދާ ވިއްކުމަކީ މަނާކަމެކެވެ.
(ށ) އަގު ކޮންޓްރޯލް ކޮށްފައިވާ މުދަލެއް، ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެން ބޮޑުކޮށް ވިއްކުމާއި، އަގު ކޮންޓްރޯލް ކޮށްފައިވާ ހިދުމަތެއް ކޮންޓްރޯލްކޮށްފައިވާ އަގަށްވުރެން ބޮޑުއަގެއްގައި ދިނުމަކީ، މަނާކަމެކެވެ.
(ނ) ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެ ބޮޑުއްގެއްގައި އެއްވެސް ފާރމަސީއަކުން ބޭސް ވިއްކައިގެން ނުވާނެއެވެ.
12 ވަނަ މާއްދާ – މުދާ ވިއްކުމާއި، ހިދުމަތް ދިނުމާއި، އިށްތިހާރު ކުރުމުގައި މަނާ ކަންތައްތައް
(ހ) ވިޔަފާރި މުދާ ވިއްކުމުގައި ނުވަތަ ވިއްކުމަށްޓަކައި މުދާ ފޮނުވައި ދިނުމުގައި، ނުވަތަ ހިދުމަތް ދިނުމުގައި ނުވަތަ މުދާ ނުވަތަ މުދާ އިށްތިހާރު ކުރުމުގައި ތިރީގައި ބަޔާންކުރާ އެއްވެސް ކަމެއް، ބަހަކުން ނުވަތަ އަމަލަކުން ވިއަސް ކޮށްގެން ނުވާނެއެވެ. އަދި ކުރުވައިގެންވެސް ނުވާނެއެވެ.
(ށ) މީހަކު މުދަލެއް ގަންނަން އެދުމުން، ގަންނަން އެދުނު މީހާ އަށް އޮޅުވާލައިގެން، އެމީހަކު ގަންނަން އެދުނު މުދާ ނޫން މުދަލެއް އެމީހަކަށް ވިއްކުން، ނުވަތަ މީހަކު ހިދުމަތަކަށް އެދުމުން، ހިދުމަތަށް އެދުނު މީހާ އަށް އޮޅުވާލައިގެން އެމީހަކު އެދުނު ހިދުމަތް ނޫން އެހެން ހިދުމަތެއް ދިނުން.
(ނ) މުދަލަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ހާއްސަ ސިފައެއްގެ ނުވަތަ ވަކި މޮޑަލެއްގެ އެއްޗެއްކަމަށް ހަގީގަތާއި ހިލާފަށް ބަޔާން ކުރުން ނުވަތަ ދެއްކުން.
(ރ) ހިދުމަތަކީ ވަކި ފެންވަރެއްގެ ހިދުމަތެއް ކަމަށް ހަގީގަތާއި ހިލާފަށް ބަޔާން ކުރުން.
(ބ) މުދަލަކީ އާ ނުވަތަ ބޭނުން ނުކުރާ މުދަލެއްކަމަށް ހަގީގަތާއި ހިލާފަށް ބަޔާން ކުރުން ނުވަތަ ދެއްކުން.
(ޅ) މުދާ ވިއްކާ ފަރާތަކީ ނުވަތަ ހިދުމަތްދޭ ފަރާތަކީ، ވަކިފަރާތެއްގެ ރުހުން ލިބިފައިވާ ނުވަތަ ވަކިފަރާތަކާއި ގުޅިފައިވާ ފަރާތެއްކަމަށް ނުވަތަ މުދަލަކީ ވަކި ފަރާތަކުން އުފައްދާފައިވާ މުދަލެއްކަމަށް ހަގީގަތާއި ހިލާފަށް ބަޔާން ކުރުން ނުވަތަ ދެއްކުން.
(ކ) ހަގީގަތާ ހިލާފަށް ނުވަތަ ހަގީގަތް އޮޅޭގޮތަށް މުދަލެއްގެ ނުވަތަ ހިދުމަތެއްގެ ބޭނުން ބަޔާންކުރުން، ނުވަތަ އެތަނެއްގައި ނެތް މުދަލެއް ވިއްކަން ހުރިކަމަށް ނުވަތަ އެތަނަކުން ނުދޭ ހިދުމަތެއް ދެވެން ހުރިކަމަށް އިށްތިހާރު ކުރުން.
(އ) ހަގީގަތާ ހިލާފަށް ނުވަތަ ހަގީގަތް އޮޅޭގޮތަށް މުދަލެއްގެ ނުވަތަ ހިދުމަތެއްގެ ބޭނުން ބަޔާންކުރުން، ނުވަތަ އެތަނެއްގައި ނެތް މުދަލެއް ވިއްކަން ވިއްކަން ހުރިކަމަށް ނުވަތަ އެތަނަކުން ނުދޭ ހިދުމަތެއް ދެވެން ހުރިކަމަށް އިށްތިހާރުކުރުން.
(ވ) ހަގީގަތާއި ހިލާފަށް ނުވަތަ ހަގީގަތް އޮޅޭ ގޮތަށް މުދަލެއްގެ ގަރަންޓީއިން ނުވަތަ ވޮރަންޓީއިން ލިބޭ ފައިދާތައް ބަޔާން ކުރުން ނުވަތަ ދެއްކުން.
13 ވަނަ މާއްދާ – ނަން މަށްހޫރު ބްރޭންޑުތަކުގެ ތަކެތި ވިއްކުން
ދުނިޔޭގެ ނަން މަށްހޫރު ބްރޭންޑްގެ ތަކެތި، ވިއްކަން ބަހައްޓާއިރު އެ މުދަލުގެ ބްރޭންޑުގެ ނަން ނުވަތަ ނިށާނުން އަންގައިދެނީ އެ މުދަލަކީ، އެ ބްރޭންޑްގެ އޮރިޖިނަލް މުދާ ކަމުގައެވެ. ނަމަވެސް ވިއްކާ ފަރާތަށްއެ މުދަލަކީ، އެ ބްރޭންޑްގެ އޮރިޖިނަލް މުދާކަން ޔަގީން ކޮށްދެވެން ނެތްނަމަ، މުދާ ގަތުމުގެ ކުރިން، އެ މުދަލަކީ އޮރިޖިނަލް މުދާކަމުގެ ޔަގީންކަން ދެވެންނެތްކަން ގަންނަ ފަރާތަށް އަންގައިދޭންވާނެއެވެ. ނުވަތަ މިފަދަ ލިޔުމެއް މުދާ ގަންނަ ފަރާތަށް ފެންނާނެހެން އެތަނެއްގައި ބަހައްޓަންވާނެއެވެ. މިކަން ސިއްރުކޮށް މުދާވިއްކާނަމަ ބެލެވޭނީ، އޮޅުވާލައިގެން މުދާ ވިއްކާ ކަމުގައެވެ.
14 ވަނަ މާއްދާ – ވަކި ފެންވަރެއްގެ މުދާ ކަމަށް އިށްތިހާރު ކުރުމުގެ ކުރިން ހޯދަންޖެހޭ ލިޔުން ހޯދުމާއި، އިށްތިހާރު ބެހެއްޓުމާއި އިށްތިހާރު ކުރުން
(ހ) މުދަލެއް ވިއްކުމަށް، ނުވަތަ ހިދުމަތެއް ދިނުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި އިށްތިހާރެއް ލިޔެފައި ބަހައްޓާނަމަ. އިނގިރޭސި ބަހުން ނޫން އެހެން ބަހަކުން ލިޔާ ކޮންމެ އިށްތިހާރެއްގައި ލިޔެފައިވާ ލިޔުން ދިވެހިބަހުން، ލިޔެފައި ހުންނަންވާނެއެވެ.
(ށ) މުދަލަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ސްޑޭންޑަޑެއްގެ މުދަލެއް ކަމަށް އިށްތިހާރު ކުރާނަމަ އެމުދަލެއް އުފެއްދި ފަރާތުން، އެމުދަލެއް އުފައްދާފައިވަނީ އެ އިށްތިހާރުގައި ބުނާ ފެންވަރެއްގައި ކަމަށް، އެ ސްޓޭންޑަޑެއް ކަނޑައަޅާ ބޮޑީ އަކުން ދީފައިވާ ލިޔުމެއް، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް، މުދާ އިށްތިހާރު ކުރަން ފެށުމުގެ ކުިން އެތަނެއްގައި އޮންނަންވާނެއެވެ.
(ނ) އިށްތިހާރުކުރުމުގައި އެއްވެސްފަރާތަކުން ވިއްކާ މުދަލެއްގެ ނުވަތަ ދޭ ހިދުމަތެއްގެ ނުވަތަ ވަކި ފަރާތަކުން ނިސްބަތްނުވި ނަމަވެސް، މުދަލެއްގެ ނުވަތަ ހިދުމަތެއްގެ އަގުވެއްޓޭފަދަ ނުވަތަ އެ ހިދުމަތާމެދު ނުވަތަ އެ މުދަލަކާމެދު މީހުންގެ ހިތުގައި ށައްކު އުފެދޭފަދަ އިބާރާތެއް ބޭނުންކުރުމާއި، ނުވަތަ އެފަދަ ތަސައްވަރެއް އިހްސާސްކުރެވޭފަދަ ކަމެއް ބަހުން ނުވަތަ އަޑުން ނުވަތަ ކުރެހުމުން ނުވަތަ ފޮޓޯއިން ނުވަތަ ވީޑޯއިން ނަމަވެސް ހާމަކުރުމަކީ މަނާކަމެކެވެ.
15 ވަނަ މާއްދާ – ސޭލްގައި މުދާ ވިއްކުމާއި ހިދުމަތް ދިނުން
(ހ) ވިޔަފާރިކުރާ ތަންތަނުން ވިއްކާ ތަކެތި، ވަކި ދުވަހަކުން ފެށިގެން ނުވަތަ ވަކި ދުވަސްތަކެއްގައި، ކުރިން އެމުދާ ވިއްކި އަގަށްވުރެ ހެޔޮއަގުގައި ވިއްކާކަމަށް ދޭހަވާފަދަ ލިޔުން ބަހައްޓައިގެން ނުވަތަ އިށްތިހާރު ކޮށްގެން ނުވަތަ ސޭލް އަޅުވައިގެން މުދާ ވިއްކާނަމަ، މުދާ ވިއްކަންވާނީ، ވޭތުވެދިޔަ 1 މަސް ދުވަހުގެ ތެރޭގައި އެމުދަލެއް ވިއްކި އެންމެ ކުޑަ އަގަށްވުރެ ހެޔޮ އަގެއްގައެވެ. އަދި މިގޮތުން ވިއްކާ ތަފާތު މުދަލުގެ އަގު ހެޔޮކުރި ނިސްބަތް އެނގޭގޮތަށް ހުރިހާ މުދަލަކަށް ނިސްބަތްކޮށް، މުދާ އަގުހެޔޮކުރި އެންމް ކުޑަ ޕަރސެންޓާއި އެންމެ ބޮޑު ޕަރސެންޓް ލިޔެ، އެތަނެއްގައި އާންމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ.
(ށ) ހިދުމަތްދޭ ތަންތަނުން އެ ތަނަކުންދޭ ހިދުމަތް ވަކި ދުވަހަކުން ފެށިގެން ނުވަތަ ވަކި ދުވަސްތަކެއްގައި، ކުރިން އެ ހިދުމަތް ދިން އަގަށްވުރެ ހެޔޮއަގުގައި ދޭކަމަށް ދޭހަވާފަދަ ލިޔުން ބަހައްޓައިގެން ނުވަތަ އިށްތިހާރު ކޮށްގެން ހިދުމަތްދޭނަމަ އެ ހިދުމަތް ދޭންވާނީ ވޭތުވެދިޔަ 1 މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތެއް ދިން އެންމެ ކުޑަ އަގަށްވުރެ ހެޔޮ އަގެއްގައެވެ. އަދި މިގޮތުން ދޭ ތަފާތު ހިދުމަތުގެ އަގު ހެޔޮކުރި ނިސްބަތް އެނގޭ ގޮތަށް ހުރިހާ ހިދުމަތަކަށް ނިސްބަތްކޮށް ހިދުމަތުގެ އަގު ހެޔޮކުރި އެންމެ ކުޑަ ޕަރސެންޓާއި އެންމެ ބޮޑު ޕަރސެންޓް ލިޔެ އެތަނެއްގައި އާންމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ.
16 ވަނަ މާއްދާ – މުދަލެއް ހަލާކުވެފައިވާނަމަ ކުރިން އެކަން އެންގުން
ވިއްކަން ބަހައްޓާފައިހުރި މުދަލަކީ ހަލާކުވެފައިހުރި މުދަލެއްނަމަ، ނުވަތަ ފުރިހަމަ އަށް ބޭނުންކުރެވޭ މުދަލެއްކަމުގައި ނުވާނަމަ، އެމައުލޫމާތު، މުދާ ވިއްކުމުގެ ކުރިން މުދާ ގަންނަ ފަރާތައް ދޭންވާނެއެވެ.
17 ވަނަ މާއްދާ – މުދާ ދެއްކުމާއި ޓެސްޓް ކުރުން
ވިޔަފާރި މުދަލަކީ ހަލާކުވެފައި ނުވާ، އަދި އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ މުދަލެއްކަން ދެނެގަތުމަށްޓަކާ، އެމުދަލެއް ގަންނަ ފަރާތަކުން އެ މުދަލެއް ބަލާ ޓެސްޓް ކުރަން އެދިއްޖެނަމަ، އެފަރާތަކަށް އެމުދަލެއް ދައްކާ، އަދި އެމުދަލަކީ ޓެސްޓް ކުރެވޭ ބާވަތެއްގެ މުދަލެއްނަމަ އެފަރާތެއްގެ ހާޒިރުގައި މުދާ ޓެސްޓްކޮށްދެންޖެހޭނެއެވެ. އަދި މުދާ ޓެސްޓް ކޮށްދެވޭނެ އިންތިޒާމް އެ ތަނެއްގައި ހަމަޖައްސާފައި ހުންނަންވާނެއެވެ. ވަގުތުން ޓެސްޓްކޮށް ނުދޭވޭނެފަދަ ތަކެތި ވިއްކުމުގެ ކުރިން، މުދާ ޓެސްޓް ކުރުމާމެދު ނުވަތަ އެ މުދަލަކުން ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ހުރިހާކަމެއް ކުރެވޭނެތޯ ބަލައި ޗެކްކުރެވޭނެ ގޮތަކާއި މެދު ދެފަރާތުން ގޮތެއް ނިންމަންވާނެއެވެ.
18 ވަނަ މާއްދާ – ހަލާކުވެފައިވާކަން ގަތުމުގެ ފަހުން އެނގޭ މުދާ
(ހ) ވިޔަފާރި ރޫޅާލުމާއި މެދު ވިޔަފާރި މުދާ ވިއްކާ ފަރާތާއި. ގަތް ފަރާތާއި ދެމުދު ވަކި ގޮތަކަށް އެއްބަސް ނުވެ މުދާ ގަތުމަށްފަހު އެމަދަލަކީ ހަލާކުވެފައިވާ މުދަލެއްކަން އެނގިގެން، އެމުދަލެއް ގަތުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ވިއްކި ފަރާތައް މުދާ ރައްދުކޮށް، އެމުދަލުގައި ހުރި އުނިސިފަ، މަދާ ވިއްކި ފަރާތަށް ބަޔާންކުރުމަށްފަހު އެމުދަލެއް ގަތުމަށް ދިން އަގު ނުވަތަ މުދަލެއްގެ ބަދަލުގައި ހަމައޭގެ މުދަލެއް ލިބިގަތުމުގެ ހައްގު މުދާ ގަތްފަރާތަށް ލިބިގެންވެއެވެ. މި 24 ގަޑިއރު ހަމަކުރާނީ އެ މުދަލެއް ގަންނަ ވަގުތުން ފެށިގެން، އެ ތަނެއް ބަންދުކޮށްފައި ހުންނަ ވަގުތުތައް ނުހިމަނައެވެ.
(ށ) މުދާ ގަންނަ ފަރާތްތަކަށް، މި މާއްދާގެ (ހ) އިން ލިބިދޭ ހައްގެއް ނުވަތަ އިހްތިޔާރެއް ނުލިބޭފަދަ އެއްވެސް ނޯޓިސްއެއް ނުވަތަ ލިޔުމެއް މުދާ ވިއްކާތަނެއްގައި ބަހައްޓައިގެން ނުވާނެއެވެ.
19 ވަނަ މާއްދާ – ބަންދުކޮށްފައިވާ ކާބޯތަކެތީގެ ތަފްސީލާއި ބޭނުން ކުރަންޖެހޭ މުއްދަތު ބޭރުގައި ލިޔުން
(ހ) ރާއްޖެއަށް އިމްޕޯޓް ކުރާ ނުވަތަ ރާއްޖޭގައި އުފައްދާފައި ހުންނަ ކާބޯތަކެތީގެ ތެރެއިން، ޕެކެޓްގައި ނުވަތަ ދަޅުގައި ނުވަތަ ފުޅީގައި ނުވަތަ ފޮށީގައި ނުވަތަ މިނޫން އެއްޗެއްގައި ނަމަވެސް ބަންދުކޮށްފައި ހުންނަ ކާބޯތަކެތި ވިއްކުމަށްޓަކައި، ފިހާރައެއްގަ ނުވަތަ މިނޫންވެސް ތަނެއްގައި ބަހައްޓަންވާނީ، އެ އެއްޗެއްގައި ނުވަތަ އެ އެއްޗެއް ބަންދު ކޮށްފައިވާ ޕެކެޓް ނުވަތަ ދަޅު ނުވަތަ ފުޅި ނުވަތަ ފޮށީގެ ބޭރުގައި މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވާ ގޮތަށް، ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ފަސޭހައިން ކިޔަން އެނގޭ ފޮށްޓަކުން ލޭބަލް ކޮށްފައި ހުންނަ ތަކެއްޗެވެ.
(ށ) ލޭބަލްގައި ހުންނަން ޖެހޭ މައުލޫމާތު
* އެ އެއްޗަކަށް ކިޔާ ނަން.
* އެ އެއްޗެއްގައި ހިމެނޭ ބައިތައް.
* އެ އެއްޗެއްގެ ބަރުދަން ނުވަތަ މިންވަރު.
* އެ އެއްޗެއް އުފެއްދި ތާރީހު.
* އެ އެއްޗެއް ބޭނުންކުރުމަށް މުއްދަތެއް ކަނޑައެޅިފައިވާނަމަ އެ މުއްދަތު.
* ވަކިގޮތަކަށްބޭނުންކުރުމަށް ކަނޑައަޅާފައިވާ އެއްޗެއްނަމަ އެ އެއްޗެއް ބޭނުން ކުރަންވީ ގޮތް.
20 ވަނަ މާއްދާ – ބޭނުންކުރަންޖެހޭ މުއްދަތު ހަމަވެފައިވާ ތަކެތި ނުވިއްކުން
ބޭނުން ކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައި ހުންނަ ތަކެތި، އެމުއްދަތު ހަމަ ވުމަށްފަހު ވިއްކަން ބެހެއްޓުމާއި، ވިއްކުމާއި އަދި މުއްދަތު ހަމަ ނުވިނަމަވެސް، ހަލާކުވުމުގެ ސަބަބުން ނުވަތަ ނުބައިވުމުގެ ސަބަބުން އިންސާނުން ކެއުމަށް ނުވަތަ ބުއިމަށް އެކަށީގެން ނުވާ ކާބޯތަކެތި ވިޔަފާރި ކުރާ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ މަނާކަމެކެވެ.
21 ވަނަ މާއްދާ – ރަސީދު ދިނުން
(ހ) ވިޔަފާރި މުދަލެއް ވިއްކި ކަމުގެ ރަސީދެއް ނުވަތަ ހިދުމަތެއް ދިން ކަމުގެ ރަސީދެއް ހޯދުމަށް އެމުދަލެއް ގަތް ފަރާތަކުން ނުވަތަ އެ ހިދުމަތެއް ލިބިގަތް ފަރާތަކުން އެދިއްޖެނަމަ، މި މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ މައުލޫމާތު ހިމެނޭ ރަސީދެއް މުދާ ވިއްކި ނުވަތަ ހިދުމަތްދިން ފަރާތުން މުދާ ގަތް ނުވަތަ ހިދުމަތް ލިބިގަތް ފަރާތަށް ދޭންވާނެއެވެ.
(ށ) ރަސީދުގައި މިދަންނަވާ މައުލޫމާތުތައް ހުންނަންވާނެއެވެ.
* މުދާ ވިއްކި ނުވަތަ ހިދުމަތްދިން ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް.
* މުދަލުގެ ނުވަތަ ހިދުމަތުގެ ނަމާއި، އަދަދާއި ބާވަތް.
* މުދަލުގެ ނުވަތަ ހިދުމަތުގެ އަގު.
* މުދާ ވިއްކި ނުވަތަ ހިދުމަތް ދިން ތާރީހު.
22 ވަނަ މާއްދާ – މުދާ ވިއްކާ ތަންތަނުގައާއި، ހިދުމަތްދޭ ތަންތަނުގައި ޒިންމާދާރު މީހަކުހުރުން
މުދާ ވިއްކާ ތަނެއްގައި ނުވަތަ ހިދުމަތްދޭ ތަނެއްގައި މުދާ ވިއްކުމަށް ނުވަތަ ހިދުމަތް ދިނުމަށް އެތަނެއް ހުޅުވާފައި ހުންނަ ހުރިހާ ވަގުތެއްގައި ޒިންމާދާރު މީހަކު ހުންނަންވާނެއެވެ. މުދާ ވިއްކުމާއި ހިދުމަތް ދިނުމުގެ އިތުރުން، ސަރުކާރުގެ އިދާރާތަކުން ފޮނުވާ ލިޔެކއުން ތަކާއި އަންގާ އެންގުންތައް ބަލައިގަތުމަކީ އެ މީހެއްގެ ޒިންމާއެކެވެ.
23 ވަނަ މާއްދާ – ގަވާއިދު ހިންގުން
މި ގަވާއިދާ އެއްގޮތަށް މުދާ ވިއްކާ ތަންތަނުންނާއި، ހިދުމަތްދޭ ތަންތަނުން އަމަލު ކުރަމުން ގެންދޭތޯ ސަރުކާރުގެ ކަމަބެހޭ އިދާރާތަކުން ފޮނުވާ މީހުންނަށް އެތަންތަނަށް ވަދެ، އެތަންތަނާއި އެ ތަންތަނުގައިވާ މުދާ ބަލައި ޗެކް ކުރުމުގެ އިހްތިޔާރު ލިބިގެންވެއެވެ. އަދި އެތަނެއްގައި ތިބޭ މީހުން، މިގޮތުން ދާ މީހުންނަށް އެހީތެރިކަމާއި އެއްބާރުލުން ދޭންވާނެއެވެ.
24 ވަނަ މާއްދާ – އަދަބު
މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ކުށެއް ކޮށްފިނަމަ ނުވަތަ މި ގަވާއިދާއި ހިލާފު ވެއްޖެނަމަ، އެކަމުގެ ކުޑަ ބޮޑު މިނަށް ބަލައި "މުދާ ގަންނަ ފަރާތްތަކާއި، ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު" ގެ 16 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އަދަބު ދެވޭނެއެވެ.
25 ވަނަ މާއްދާ – ގަވާއިދުން އިސްތިސްނާވާ މުދާ
(ހ) ނީލަމުގައި ވިއްކާލެވޭ މުދާ މި ގަވާއިދުން އިސްތިސްނާވެގެން ވެއެވެ.
(ށ) އެކިއެކި އޮފީސްތަކާއި، ސްކޫލް، ހޮސްޕިޓަލް، ކްލަބް ޖަމްއިއްޔާ، ކޮލެޖް ފަދަ ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާއި ދަރިވަރުންނާއި މެމްބަރުންނަށް ހިދުމަތް ދިނުމަށް ނުވަތަ ވިޔަފާރި ކުރުމަށް ހާއްސަ ކޮށްފައިވާ ތަންތަނުގެ ތެރެއިން އާމުންނަށް ހުޅުވާފައިނުވާ ތަންތަން، މި ގަވާއިދުން އިސްތިސްނާ ވެގެންވެއެވެ.
26 ވަނަ މާއްދާ – މާނަކުރުން
(ހ) މިގަވާއިދުގައި ހިދުމަތް ކަމުގައި ބުނެފައި އެވަނީ އަގެއް ނަގައިގެން ކޮށްދޭ ކޮންމެ ކަމަކަށެވެ.
(ށ) މިގަވާއިދުގައި ވިޔަފާރި މުދާ ކަމަށް ބުނެފައި އެވަނީ ވިޔަފާރިކުރާ ތަނެއްގައި ވިއްކުމަށް ބަހައްޓާފައި ހުންނަ ތަކެއްޗަށެވެ.
(ނ) "ވިޔަފާރި މުދާ ގަންނަން އެދޭ މީހުންނަށް ނުވިއްކާ ބެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ހުރި މުދަލެއް ނެތްކަމަށް ބުނުމާއި، ވިޔަފާރީގެ އުސޫލުން އެ އިރެއްގައި އާންމުކޮށް ގަންނަން ލިބޭ އަގަކަށް ނުވިއްކައި ބެހެއްޓުމާއި، ވިޔަފާރި މުދަލެއް ފިހާރާގައި ނުވަތަ އެހެންވެސް ތަނެއްގައި ގަންނަން ބޭނުންވާ މީހުންނަށް ނުވިއްކާ ބެހެއްޓުމަށެވެ.
(ރ) "ވޮރަންޓީ ނުވަތަ ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، އެ މުދަލަކީ ވަކި ފެންވަރެއްގެ އެއްޗެއްކަމަށް، ނުވަތަ ވަކި މުއްދަތެއް ފާއިތުވަންދެން ހަލާކުނުވެ ހުންނާނެ އެއްޗެއް ކަމަށް، އަދި ހަލާކުނުވާނޭ ކަމަށް ބަޔާން ކޮށްފައިވާ މުއްދަތެއްގެ ތެރޭގައި މުދާ ގަތް ފަރާތުގެ އިހުމާލަކާ ނުލާ އެމުދަލެއް ހަލާކުވެއްޖެނަމަ އެއްވެސް އަގެއް ނެގުމަކާ ނުލައި އެމުދަލެއް މަރާމާތު ކޮށްދޭނެ ކަމަށް ނުވަތަ އެމުދަލެއްގެ ބަދަލުގައި ހަމަ އޭގެ އެހެން އެއްޗެއް ދޭނެކަމަށް ބަޔާންކޮށް، އެ އެއްޗެއް އުފައްދާފައިވާ ފަރާތަކުން ނުވަތަ ވިއްކާ ފަރާތަކުން ދޭ ލިޔުމަކަށެވެ.
(ބ) ފުޅި، ދަޅު، ޕެކެޓް، ފޮށި ކަމަށް ބުނެފައި އެވަނީ، ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ކޮންމެ އެއްޗެއް ބަންދު ކުރުމަށް އަޅާފައި ހުންނަ ކޮންމެ އެއްޗަކަށެވެ.
ކިޔުންތެރިންގެ ހިޔާލު