-

ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 32/2011)

 

ޗެޕްޓަރ 32

ދިވެހި ސިވިލް ސަރވިސް އިން ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މީހުން ގެންގުޅުން

 

(މިއީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 އަށް އިތުރުކުރި އެ ގަވާއިދުގެ 32 ވަނަ ޗެޕްޓަރެވެ.)

 

273 ވަނަ މާއްދާ - ތައާރުފް

(ހ) ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ށ) ގައި ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތެއް ކުރުމަށް "ވަގުތީ މުވައްޒަފުން" ލެއްވިދާނެ ކަމުގައި ބަޔާންކުރެވިފައިވެއެވެ. އަދި އެ މާއްދާގެ (ނ)ގައި މިގޮތުން ގެންގުޅޭ މުވައްޒަފުންނަށް ވަޒީފާ ލިބިދެވޭނެ ހާލަތުތައް ދިވެހި ސިވިލް ސަރވިސް ގަވާއިދުގައި ބަޔާންކުރަންވާނެ ކަމުގައި ވެއެވެ. އަދި އެ ގާނޫނުގެ 47 ވަނަ މާއްދާގެ (ރ) ގައި މިފަދަ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ އުސޫލުތަކާއި ސަބަބުތައް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާން ކުރަންވާނެ ކަމުގައިވެއެވެ.

(ށ) ދިވެހި ސިވިލް ސަރވިސް އިން ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މީހުންނަކީ، ދިވެހި ސިވިލް ސަރިވސްގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން "ވަގުތީ މުވައްޒަފުން" ގެ ގިންތީގައި ހިމެނޭ ބައެކެވެ. މިގޮތުން ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މީހުން ގެންގުޅެންވާނީ މި ޗެޕްޓަރުގައިވާ ގޮތުގެ މަތިންނެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ތާރީޚުން ފެށިގެންނެވެ.

 

274 ވަނަ މާއްދާ - ދިވެހި ސިވިލް ސާވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މުވައްޒަފުން ގެންގުޅެވޭނެ ހާލަތްތައް

(ހ) ދިވެހި ސިވިލް ސާރވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މީހުން ގެންގުޅެވޭނީ ތިރީގައި މިދަންނަވާ ހާލަތްތަކުގައެވެ.

  1. ސިވިލް ސަރވިސް މެދުވެރިކޮށް ސަރުކާރުން ދެމުންދާ ހިދުމަތް މެދުކެނޑޭ ފަދަ ހާލަތުގައި މެދުނުކެނޑި ހިދުމަތް ދިނުމަށް.
  2. ވަކި ދުވަސްވަރެއްގައި މަސައްކަތް އިތުރުވުމުގެ ސަބަބުން، އިތުރުވާ މަސައްކަތް ކުރުމަށް،
  3. ދުވާލުގެ ރަސްމީ ގަޑީގެ މަދުވަގުތެއްގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް،
  4. ހިދުމަތް ދިނުމަށް އިތުރު އެހީ ބޭނުންވުމުން.
  5. ކުރު މުއްދަތުގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް.
  6. ވަޒީފާ އާއި ގުޅޭ ތަމްރީނެއް ފުރިހަމަކުރުމުން ނުވަތަ ތަމްރީނެއް ފުރިހަމަކުރުމަށް ފަހު މަސައްކަތުގެ ތަޖުރިބާ ހޯދުމަށް.

(ށ) ސިވިލް ސަރވިސް މެދުވެރިކޮށް ސަރުކާރުން ދެމުންދާ ހިދުމަތެއް މެދުކެނޑޭ ފަދަ ހާލަތެއް ކަމަށް ބަލާނީ އެ މަސްއޫލިއްޔަތެއް އަދާކުރުމަށް ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާ އަދާކުރާ މުވައްޒަފަށް ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރި ވުމާއި އެކު އެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލެވެން، ނެތް ހާލަތުގައި އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެ މުވައްޒަފުގެ މަސައްކަތް ބަހާލައިގެން ވެސް އެ މަސައްކަތް ކުރެވެން ނެތުމުންނެވެ.

(ނ) ވަކި ދުވަސްވަރެއްގައި މަސައްކަތް އިތުރުކަމަށް ބަލާނީ ސިވިލް ސަރވިސް އިން އަދާކޮށް ދެމުންދާ ހިދުމަތުގެ ބާވަތުން ވަކި ދުވަސްވަރެއްގައި މަސައްކަތް އިތުރުވުމުގެ ސަބަބުން، ވަޒީފާގައި ތިބި މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ނުނިމި އިތުރު މީހުން މަސައްކަތް ނިންމުމަށް ބޭނުން ވުމުންނެވެ.

(ރ) ދުވާލު ރަސްމީ ގަޑީގެ މަދުވަގުތެއްގައި ކުރަންޖެހޭ މަސައްކަތެއް ކަމަށް ބަލާނީ ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފުން ދުވާލަކު މަސައްކަތް ކުރަންޖެހޭ 8 ގަޑިއިރުގެ ބަދަލުގައި މަދުވަގުތެއްގައި މަސައްކަތްކޮށް ނިމޭ މަސައްކަތަކަށް ވުމުންނެވެ.

(ބ) ހިދުމަތެއް ދިނުމަށް އިތުރު އެހީ ބެނުންވުމުން ކަމަށް ބަލާނީ، ސިވިލް ސަރވިސްގެ މުވައްޒަފެއް މެދުވެރިކޮށް ދެވޭ ހިދުމަތެއް ދިނުމުގައި އެ ހިދުމަތެއް އިތުރަށް ފުރިހަމަކޮށް ދިނުމަށް ނުވަތަ އިތުރު އެހީއެއްގެ ގޮތުން ކޮންމެހެން އިތުރު ރިސޯސްއެއް ބޭނުންވުމުންނެވެ.

(ޅ) ކުރުމުއްދަތުގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުން ކަމަށް ބަލަނީ ދިވެހި ސިވިލް ސަރިވސްގެ އިދާރާއެއްގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް 3 (ތިނެއް) މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ހިންގޭ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރުމަށް މީހުން ބޭނުން ވުމުންނެވެ.

(ކ) ވަޒީފާއާ ގުޅޭ ތަމްރީނު ފުރިހަމަކުރަމުންދާ ނުވަތަ ތަމްރީނު ލިބުމަށްފަހު، މަސައްކަތުގެ ތަޖުރިބާ ހޯދުން ކަމަށް ބަލާނީ، ތަމްރީނު ފުރިހަމަ ކުރާ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމެއް މީހަކު ހުށަހަޅައިގެން ނުވަތަ ތަމްރީނު ފުރިހަމަކުރިތާ 1 (އެކެއް) އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައި ނުވާ މީހަކު ތަމްރީނު ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އޮފީހެއްގައި މަސައްކަތްކުރުމަށް ބޭނުންވުމުންނެވެ.

 

275 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މުވައްޒަފުން ގެންގުޅުން

(ހ) ދިވެހި ސިވިލް ސަރވިސްއިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ދެގޮތަކަށް މީހުން ގެންގުޅެވިދާނެއެވެ. މިގޮތުން މުވައްޒަފުން ގެންގުޅެވޭނެ 2 ގޮތް ތިރީގައި މިވަނީއެވެ.

  1. މަސައްކަތް ކުރާ ދުވަހަށް ނުވަތަ ވަގުތަށް އުޖޫރަދޭ ގޮތަށް މީހުން ގެންގުޅުން، މިއީ ދާއިމީ ނުވަތަ ވަގުތީ ވަޒީފާއެއްގައި ނުވަތަ ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން މުވައްޒަފަކު ވަޒީފާއެއްގައި ގެންގުޅެ ކަނޑައެޅިފައިވާ މަހު މުސާރަ ދިނުމުގެ ބަދަލުގައި މަސައްކަތް ކުރާ ދުވަހަށް ނުވަތަ ވަގުތަށް އުޖޫރަ ދީގެން މީހުން ގެންގުޅުމެވެ. މިގޮތަށް މީހަކު ގެންގުޅެވޭނީ މަހަކަށް ގިނަވެގެން 100 ގަޑި އިރުގައެވެ.
  2. މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އެދޭ ފަރާތްތައް އޮފީހުގެ މަސައްކަތަށް އެހީވުމަށް ބޭނުންކުރުން. މިއީ ވަޒީފާއާ ގުޅޭ ތަމްރީނެއް ފުރިހަމަ ކުރަމުން ނުވަތަ ކުރުމަށްފަހު، އި ންޓަރންށިޕް ފުރިހަމަ ކުރުމަށް ނުވަތަ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ވަގުތީ ގޮތުން މަސައްކަތް ކުރުމަށް އެދޭ ދަރިވަރުން އޮފީހުގެ މަސައްކަތުގައި ބޭނުންކުރުމެވެ. މިގޮތުން މަސައްކަތުގެ ތަޖުރިހާ ހޯދުމަށް އޮފީހެއްގައި ގެންގުޅެވޭނީ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހަށެވެ. ސްކޫލް/މަދުރަސާތަކުގެ ދަރިވަރުން މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އޮފީސްތަކުގައި މަސައްކަތް ކުރުން މީގެ ތެރޭގައި ނުހިމެނޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ 1 ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ދިވެހި ސިވިލް ސަރވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މީހުން ގެންގުޅެވޭނީ ދިވެހި ސިވިލް ސަރިވިސްގެ ގަވާއިދުގައި ވަޒީފާއަށް އައްޔަންކޮށް ވަކިކުރުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކުގެ މަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ވަޒީފާއާ ގުޅޭ ތަމްރީނެއް  ފުރިހަމަ ކުރުމުން ނުވަތަ ކުރުމަށްފަހު އިންޓަރންށިޕް ފުރިހަމަ ކުރުމަސް ނުވަތަ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް މަސައްކަތް ކުރަން އެދޭ ފަރާތްތަކުން، މަސައްކަތް ކުރަން އެދޭ އޮފީހަކަށް ލިޔުމަކުން ހުށަހެޅުމުން އެ ފަރާތެއްގެ ހިދުމަތް އެ އޮފީހަކަށް ލިބިގަންނާނީ އެ އޮފީހަކުންނެވެ. އަދި ހިދުމަތްދެމުންދާ ފަރާތެއްގެ ހިދުމަތް ހުއްޓާލުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަމެއް ކުރާނީ ވެސް އެފަރާތަކުން މަސައްކަތްކުރާ އޮފީހުންނެވެ.

(ރ) ދިވެހި ސިވިލް ސަރވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ގެންގުޅޭ މީހުންނަކީ، މަސައްކަތު އެއްބަސްވުމެއްގެ ދަށުން މަސައްކަތެއް ކުރުމަށް ވަގުތީ ގޮތުން މަދުވަގުތު ތަކަށް ނުވަތަ ކުރު މުއްދަތަކަށް މަސައްކަތްކުރާ ދުވަހަށް ނުވަތަ ވަގުތަށް އުޖޫރަދީގެން ގެންގުޅޭ ބައެއް ކަމަށް ވުމާއެކު، މަސައްކަތް ކުރާ މުއްދަތު ސިވިލް ސަރިވސްގެ ވަޒީފާއެއްގައި ހިދުމަތްކުރި މުއްދަތުގެ ގޮތުގައި ނުގުނޭނެއެވެ. ނަމަވެސް އެމީހަކު އެދިއްޖެ ނަމަ ހިދުމަތް ދިން ކަމާއ، ހިދުމަތުގެ މުއްދަތާއި ހިދުމަތުގެ ފެންވަރު ބަޔާންކޮށް އެ އޮފީހަކުން ލިޔުމެއް ދެވިދާނެއެވެ.

(ބ) ދިވެހި ސިވލް ސަރވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މީހުންނާއެކު މަސައްކަތުގެ އެއްބަސްވުމެއް އޮންނަން ވާނެއެވެ. މި އެއްބަސްވުމުގައި ތިރީގައިވާ ބައިތައް ހިމަނަން ވާނެއެވެ.

  1. ކުރަންޖެހޭ މަސައްކަތުގެ ތަފްސީލު
  2. މަސައްކަތަށް ދެވޭ އުޖޫރައާއި އުޖޫރަ ދެވޭނެގޮތް
  3. މަސައްކަތް ކުރުމުގައި ދިވެހި ސިވިލް ސާރވިސްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން.
  4. މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަންތެތި.
  5. ހަވާލުކުރެވޭ މަސްއޫލިއްޔަތާއި ޒިންމާއިން ވަކިކުރެވިދާނެ ގޮތް.
  6. މަސައްކަތު އެއްބަސްވުން ނިމުމަކަށް ގެނެވޭ ގޮތް.
  7. މަސައްކަތު އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެ ގޮތް.

 

(ޅ) ދިވެހި ސިވިލް ސަރވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ގެންގުޅޭ މީހުންގެ މައުލޫމާތު އެ އޮފީހަކުން ބަލަހައްޓަން ވާނެއެވެ.

 

276 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މުވައްޒަފުންނަށް އުޖޫރަ ދިނުން

ދިވެހި ސިވިލް ސަރވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މަސައްކަތް ކުރުމަށް މީހުން ގެންގުޅެން ފަށަން ވާނީ އަދި އެމީހުންނަށް އުޖޫރަ ދޭން ވާނީ ތިރީގައިވާ ގޮތުގައި މަތިންނެވެ.

(ހ) ދިވެހި ސިވިލް ސަރވިސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން މީހުން ގެންގުޅެން ވާނީ އެ އޮފީހެއްގެ ބަޖެޓުން، އެ މީހަކު ކުރާ މަސައްކަތަށް ހަރަދުކުރެވެން ހުރި ނަމައެވެ.

(ށ) ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގައި އެ އޮފީހެއްގައި ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށްލަފާކުރާ، އެއަހަރަށްބޭނުންވާނޭ "މަސައްކަތުގެ ޖުމްލަ ގަޑި"  (މޭން އަވަރސް) ފާހަގަކޮށް، އެ އަހަރުގެ ތެރޭގައި ކުރަންޖެހޭ ހަރަދު ބަޖެޓު ކުރަން ވާނެއެވެ.

(ނ) ދވެހި ސިވިލް ސަރވިސް އިން ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މީހުންނަށްއުޖޫރަދޭނީ މަހުން މަހަށެވެ. ނަމަވެސް މަހެއްގެ މެދުތެރެއިން މީހަކު ދޫކޮށްލަން ޖެހޭނަމަ އެމީހަކު ދޫކޮށްލާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެމީހަކަށް ދޭން ޖެހޭ އުޖޫރައެއް ދީ ނިންމަން ވާނެއެވެ.

(ރ) ދިވެހި ސިވިލް ސަރިވސް އިން ދޭ ހިދުމަތެއް ދިނުމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މަސައްކަތުގެ ތަޖުރިބާ ހޯދުމަށް މަސައްކަތް ކުރާ މީހުންނަށް މަހަކަށް އުޖޫރައެއް ކަނޑައަޅައި ދެވިދާނެއެވެ. މި އުޖޫރަ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކާއި އެ އޮފީހަކާއި ދެމެދު ކުރެޥޭ އެއްބަސްވުމުގައި ކަނޑައެޅި ބަޔާންކުރެވިފައި އޮންނަން ވާނެއެވެ. އެ އޮފީހަކާއި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް މަސައްކަތްކުރާ ފަރާތަކާ ދެމެދު އެއްބަސްވެވޭނަމަ، އުޖޫރައެއް ނެތިވެސް އެ މީހަކު ގެންގުޅެވިދާނެއެވެ.

 

277 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ހިމެނިފައިވާ ގޮތުން އެހެން ގޮތަކަށް ދޭހަ ނުވާހާ ހިނދަކު:

(ހ) "ވޭޖް އެމްޕްލޯއިމަންޓް" އަކީ ދިވެހި ސިވިލް ސަރވިސްގެ ހިދުމަތް ދިނުމުގައި ވަގުތީ ގޮތުން އެފެދޭ ބެނުންތައް ފުއްދުމަށް މަސައްކަތް ކުރާ ދުވަހަށް ނުވަތަ ވަގުތަށް އުޖޫރަދޭ ގތަށް މަސައްކަތު އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރުމަށް މީހުން ގެންގުޅުމެވެ.

(ށ)  "މަސައްކަތުގެ ތަޖުރިބާ" ހޯދުމުގެ ގޮތުން އޮފީހުގައި ހިދުމަތް ކުރުމަކީ، ރަޖިސްޓްރީ ކުރެވިފައިވާ މަރުކަޒެއްގެ ދަރުވަރަކު ވަޒީފާއާ ގުޅޭ ތައުލީމެއް ނުވަތަ ތަމްރީނެއް ފުރިހަމަ ކުރުމުގެ ތެރޭގައި ނުވަތަ ފުރިހަމަ ކުރުމަށްފަހު، ތަޖުރިބާ ހާސިލްކުރުމުގެ ގޮތުން ހަދާ އިންޓަރންށިޕެއްގެ ނުވަތަ އެނޫން  ގޮތުގައި ވެސް ދަސްކުރުމުގެ ގޮތުން މަސައްކަތް ކުރުމެވެ. 

 

މައިގ ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު