-

ޕޮލިސް އިންޓަރގްރެޓީ ކޮމިށަނުން މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 46/2011)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ 47 ވަނަ މާއްދާގައި މިކޮމިށަނުން އެކިއެކި މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާބެހޭ ގަވާއިދު އެކުލަވާލުމަށް މިކޮމިށަނަށް ދީފައިވާ ބާރުގެ ދަށުން އެކުލަވާލި ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ޕޮލިސް އިންޓެގްރިޓީ ކޮމިށަނުން މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާބެހޭ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - ކޮމިށަނުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް

(ހ) ފުލުހުންގެ ގާނޫނު ގެ 23 ވަނަ މާއްދާގެ ދަށުން ކޮމިށަނުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ތިރީގައި މިވަނީއެވެ.  

  1. މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ފުލުހުންނާ ބެހޭގޮތުން އަމިއްލަ ފަރާތްތަކުން ހުށަހަޅާ ށަކުވާތައް.
  2. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފުލުހުންގެ ފަރާތުން ހުށަހަޅާ ށަކުވާތަކާ ބެހޭގޮތުން އެ ސަރވިސްއިން ނިންމާ ނިންމުންތަކާ ގުޅިގެން ތަހުގީގު ކުރުމަށް މިނިސްޓަރ ހުށަހަޅާ މައްސަލަތައް.
  3. ފުލުހަކު ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރާކަމަށް ނުވަތަ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އެކިއެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތައް.

(ށ) ފުލުހަކު ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރާކަމަށް ނުވަތަ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ކޮމިށަނަށް ފެނިގެން ބަލާ މައްސަލަތައް.

(ނ) ފުލުހުންގެ ގާނޫނު ގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ތިރީގައި މިވާ ކަންކަން ބަލައި ތަހުގީގުކުރުން.

  1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައިވާ މީހަކު މަރުވުން ނުވަތަ އެފަދަ މީހަކަށް ނުރައްކާތެރި ޖިސްމާނީ އަނިޔާއެއް ލިބުން.
  2. ފުލުހަކު، މީހެއްގެ ފުރާނައަށް ނުރައްކާތެރި ވެދާފަދަ ހަތިޔާރެއް ގަވާޢިދާ ހިލާފަށް ބޭނުން ކުރުން.
  3. ފުލުހަކު، ބާރުގެ ބޭނުންކުރުމުގެ ސަބަބުން އެއްވެސް މީހަކު މަރުވުން ނުވަތަ މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުން.
  4. ފުލުހުންގެ ބެލުމުގެ ދަށުގައިހުރި މީހަކު ފިލުން.

(ރ) ފުލުހުންގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ބ) ގައި ވާގޮތުގެ މަތިން ފުލުހުންގެ ސުލޫކީ ކަންކަމުގައި ފިޔަވަޅު އެޅުމަށްފަހު ފޮނުވާ ރިޕޯޓުތައް ދިރާސާކޮށް އެއީ ފުލުހުންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއްތޯ ބެލުން.

(ބ) ފުލުހުންގެ ގާނޫނު ގެ 19 ވަނަ މާއްދާގެ (ށ) އާއި (ނ) ގައިވާ މަގްސަދުތައް ހާސިލު ކުރުމަށްޓަކައި ކޮމިށާނުން ބަލާ މައްސަލަތައް.

 

3 ވަނަ މާއްދާ - މައްސަލަ ހުށަހެޅޭ މުއްދަތު

ކޮމިށަނުން ބަލާނީ ތިރީގައި މިވާ މުއްދަތުތަކުގެ ތެރޭގައި ހިނގާފައިވާ މައްސަލަތަކެވެ.

(ހ) ފުލުހުންގެ ގާނޫނަށް 5 އޯގަސްޓް 2008 ގައި އަމަލުކުރަން ފެށުމުގެ ފަހުގެ ތާރީހެއްގައި ހިނގާފައިވާ މައްސަލަތަކުގެ ތެރެއިން، އެ ކަންތައް ހިނގި ތާރީހާއި އެމައްސަލައެއް ކޮމިށަނަށް ހުށަހެޅި ތާރީހާ ދެމެދު މީލާދީ ގޮތުން 2 (ދޭއް) އަހަރު ދުވަސް ފުރިހަމަ ނުވާ މައްސަލަތައް.

(ށ) ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ މައްސަލަތަކުގެ ތެރެއިން ސަރުކާރުގެ ކަމާބެހޭ ދާއިރާއަކަށް ހުށަހެޅި ނުނިމިހުރި މައްސަލަތައް.

 

4 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) ކޮމިށަނަށް މައްސަލަ ހުށަހަޅާއިރު، މައްސަލަ ހުށަހަޅާފަރާތުގެ މައުލޫމާތާއި މައްސަލަ ރައްދުވާ ފަރާތުގެ މައުލޫމާތާއި ހުށަހަޅާ މައްސަލައިގެ ތަފުސީލާއި އެކަން ސާބިތުކޮށްދިނުމަށް ހުށަހަޅާ ހެކިތަކާއި ގަރީނާތައް ބަޔާންކުރަން ވާނެއެވެ.

(ށ) މައްސަލަ ހުށަހަޅާފޯމުން ނުވަތަ ސިޓީއަކުންވެސް މައްސަލަ ހުށަހެޅިދާނެއެވެ. މިގޮތަށް ހުށަހަޅާފޯމު ނުވަތަ ސިޓީ ފެކްސްގެ ޒަރީއާއިން ނުވަތަ އީމެއިލުން ނުވަތަ ކޮމިށަނުގެ ވެބްސައިޓް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. ކޮމިށަނަށް ހާޒިރުވެ މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް އެކަން ކުރެވޭނެ އިންތިޒާމު ކޮމިށަނުން ހަމަޖައްސައި ދޭންވާނެއެވެ.

(ނ) ރިޕޯޓުކުރުމުގެ ގޮތުން ހުށަހަޅާ މައްސަލަތައް މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަސީލަތްތަކުގެ އިތުރުން ފޯނުންވެސް ހުށަހެޅިދާނެއެވެ. ރިޕޯޓުކުރުމުގެ ގޮތުން މައްސަލައެއް ހުށަހަޅާއިރު އެ މައްސަލަ ހުށަހަޅާފަރާތުގެ ނަން ހާމަކުރުމަކީ ލާޒިމުކަމެއް ނޫނެވެ. އަދި އެ މައްސަލަ ހުށަހަޅާފަރާތުން ނަން ހާމަކުރިނަމަވެސް އެފަރާތުގެނަން އިސްރުކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކަކީ ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގައިވާ ގޮތުގެމަތިން ކޮމިށަނުން ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ނިންމާނީ ކޮމިށަނުގެ ބައްދަލުވުމަކުންނެވެ.

(ށ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސެވެ. ރައީސަށް ހާޒިރުނުވެވިއްޖެނަމަ އެބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ނައިބު ރައީސެވެ. ކޮމިށަނުގެ ބައްދަލުވުމެއްގެ ގާނޫނީ އަދަދަކީ ކޮމިށަނުގެ 3 (ތިނެއް) މެންބަރުންނެވެ.

(ނ) ކޮމިށަނަށް މައްސަލައެއް ހުށަހަޅާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެއީ ކޮމިށަނުން ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައަޅަންވާނެއެވެ. ކޮމިށަނަށް ހުށަހަޅާ މައްސަލައަކީ ބެލޭނެ މައްސަލައެއްކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، ލަސްނުކޮށް އެ ތާރީހުން ފެށިގެން މައްސަލައިގެ ތަހުގީގު ފަށަންވާނެއެވެ.

(ރ) މައްސަލައާ މެދު އަމަލު ކުރުމަށް ކޮމިށަނުން ކަނޑައެޅި ގޮތް، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ. މައްސަލަ ހުށަހެޅިފާރާތުން އެ ލިޔުން ބަލައި ކޮމިށަނަށް ހާޒިރު ނުވެއްޖެނަމަ އެ ލިޔުން އެ ފަރާތަށް ފޮނުވާނީ، ރަޖިސްޓްރީ ޕޯސްޓުންނެވެ. ރިޕޯޓުކުރުމުގެ ގޮތުން މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެ ލިޔުން ފޮނުވާކަށް ނުޖެހޭނެއެވެ.

 

6 ވަނަ މާއްދާ - މައްސަލަ ހަވާލުކުރުން

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލަން ކޮމިށަނުގެ މެންބަރުންނާ ހަވާލުކުރާނީ، ކޮމިށަނުގެ ރައީސެވެ. ރައީސަށް ކޮމިށަނަށް ހާޒިރުނުވެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ނައިބު ރައީސެވެ.

(ށ) މައްސަލައިގެ ބޮޑު ކުޑަމިނަށް ބަލާފައި އެއްމެންބަރަކަށް ވުރެ ގިނަ މެންބަރުންނާވެސް މައްސަލަ ބެލުން ހަވާލު ކުރެވިދާނެއެވެ. އަދި މައްސަލަ މުޅިކޮމިށަނުން ބަލާ ގޮތަށްވެސް ހަމަޖެއްސިދާނެއެވެ.

 

7 ވަނަ މާއްދާ - މައްސަލައިގެ ތަހުގީގު ހިންގުން

(ހ) މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި މައްސަލައާ ގުޅުންހުރި ފަރާތަށް، ކޮމިށަނަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވުމުން ހާޒިރު ނުވެވޭފަދަ އުޒުރެއް ދިމާވެއްޖެނަމަ، ޗިޓުގައިވާ ގަޑިޖެހުމުގެ 30 މިނެޓް ކުރިން ކޮމިށަނަށް އެކަން އަންގަންވާނެއެވެ. މަގްބޫލު އުޒުރެއް ނެތި ހާޒިރު ނުވެވޭފަދަ އުޒުރެއް ދިމާވެއްޖެނަމަ، ޗިޓުގައިވާ ގަޑިޖެހުމުގެ 30 މިނެޓު ކުރިން ކޮމިށަނަށް އެކަން އަންގަންވާނެއެވެ. މަގުބޫލު އުޒުރެއް ނެތި ހާޒިރު ނުވެއްޖެނަމަ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) ކޮމިށަނުން ކުރާ ތަހުގީގެއްގައި އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖެއްގެ ބަޔާން ނަގާނަމަ، ބަޔާން ނަގަންވާނީ ބެލެނިވެރިއެއްގެ ހާޒިރުގައެވެ.

(ނ) ތަހުގީގަށް ބަޔާންދޭން ހާޒިރުވާއިރު އެ މީހަކީ ކާކުކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އެ ކާޑު ނެތްނަމަ އެމީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. ކާކުކަން އަންގައިދޭ ކާޑުގެ ނުވަތަ އެ ލިޔުމުގެ ކޮޕީ ނެގުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) ތަހުގީގަށްދޭ ބަޔާން ލިޔުމަކުން ހުށަހެއް ނޭޅޭނެއެވެ.

 

8 ވަނަ މާއްދާ - ތަހުގީގަށް ހާޒިރުވާ މީހުން ކުރުން މަނާކަންތައް

ތިރީގައި މިވާ ކަންތައްތަކަކީ ކޮމިށަނުގެ ތަހުގީގަށް ހާޒިރުވާ މީހުން ކުރުން މަނާ ކަންތައްތަކެވެ.

(ހ) މުވާސަލާތުގެ ވަސީލަތްތަކާއި ރިކޯޑުކުރުމުގެ ވަސީލަތްތައް ތަހުގީގުކުރާ ތަނެއް ވެއްދުން.

(ށ) މީހަކަށް ޖިސްމާނީގެއްލުމެއް ދެވިދާފަދަ އެއްވެސް އެއްޗެއް ތަހުގީގުކުރާ ތަނަށް ވެއްދުން.

(ނ) ކޮމިށަނުގެ ހުއްދަ ލިބިގެން މެނުވީ ލިޔެކިޔުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ތަހުގީގުކުރާ ތަނަށް ވެއްދުން.

 

9 ވަނަ މާއްދާ - ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން

(ހ) ތަހުގީގުގައި މީހަކާ ސުވާލުކުރަން ފެށުމުގެކުރިން ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުންތޯ ސުވާލުކޮށް، ބޭނުންކަމަށް ބުނާނަމަ، އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ. ތަހުގީގު ފެށުމުގައި ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުން ނޫންކަމުގައި ބުނެފައި، ތަހުގީގު ފެށުމަށްފަހު ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަށް އެދުނުކަމުގައިވިޔަސް އެ މީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

(ށ) ގާނޫނީވަކީލު އައްޔަންކުރަން ބޭނުންވާނަމަ، ގާނޫނީވަކީލަކު އައްޔަންކުރުމަށް ފުރަތަމަފަހަރު 7 ދުވަހުގެ މުއްދަތު ދޭންވާނެއެވެ. 7 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލަކު ނުލިބިގެން ދެވަނަ ފުރުސަތަކަށް އެދިއްޖެނަމަ، 3 ދުވަހުގެ މުއްދަތު ދޭންވާނެއެވެ. ދެވަނައަށް ފުރުސަތު ދެވުނު މުއްދަތުގައި ގާނޫނީ ވަކީލަކު ހުށަނާޅައިފިނަމަ ބެލެވޭނީ އެމީހަކު ގާނޫނީވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދޫކޮށްލީ ކަމުގައެވެ.

(ނ) ގާނޫނީވަކީލަކު އައްޔަންކުރަން ބޭނުންވާކަމަށް ބުނެފިނަމަ، ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު އެމީހަކަށް ދިންކަމަށާއި، އެމީހަކު ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަން ބަޔާންކޮށް ލިޔެފައިވާ ލިޔުމުގައި އެމީހަކު ސޮއިކުރަންވާނެއެވެ.

(ރ) ތަހުގީގުގައި ސުވާލުކުރެވުނު މީހަކު، އެ މީހަކު އައްޔަންކުރާ ގާނޫނީ ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، އެމީހަކަށް އެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން، އެއް ފުރުސަތަށްވުރެ ގިނަ ފުރުސަތަށް އެދިއްޖެނަމަ، އެ ފުރުސަތުތައްވެސް ދޭންވާނެއެވެ.

(ބ) ކޮމިށަނުގެ ފަރާތުން ތަހުގީގުގައު މީހަކާ ސުވާލުކުރަމުންދަނިކޮށް، އެމީހެއްގެ ގާނޫނީވަކީލު، ތިރީގައިމިވާ ކަންތައްތަކުގެތެރެއިން އެއްވެސްކަމެއް ކޮށްގެންވުނާނެއެވެ.

  1. ކޮމިށަނުގެ ފަރާތުން ކުރާ ސުވާލުތަކަށް ޖަވާބުދިނުން.
  2. ކޮމިށަނުގެ ފަރާތުން ކުރާ ސުވާލުތަކަށް ދޭންވީ ޖަވާބު ލިޔުމަކުން ދިނުން ނުވަތަ ހަރަކާތަކުން ނުވަތަ އިށާރާތަކުން އެންގުން.
  3. ކޮމިށަނުގެ ފަރާތުން ކުރާ ސުވާލުތަކަށް ޖަވާބު ނުދިނުމަށް ނަސޭހަތްތެރިވުން.

 

10 ވަނަ މާއްދާ - ތަހުގީގުގައި ހަނުހުރުން

ކޮމިށަނުން ކުރާ ތަހުގީގެއްގައި ސުވާލުކުރެވޭފަރާތުން ހަނުހުރުމުގެ ހައްގު ބޭނުންކޮށްފިނަމަ، އެކަން އެނގޭނެ ލިޔުމެއް ކޮމިށަނުގައި އޮންނަންވާނެއެވެ.

 

11 ވަނަ މާއްދާ - ތަހުގީގަށް ދޭ ބަޔާންތައް ލިޔުމާއި ސޮއިކުރުވުން

(ހ) ތަހުގީގަށް ބަޔާންދިން މީހާ އޭނާ ދިން ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިށާން ޖަހަންވާނެއެވެ. ބަޔާން ދިނުމަށްފަހު ބަޔާނުގައި ސޮއިނުކޮށްފިނަމަ ތަހުގީގުކުރި މީހާއާއި ތަހުގީގު އަޑުއެހި ދެމީހުން، އެއީ އޭނާ ކިޔައިދިން ގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް ލިޔެ ސޮއިކުރަންވާނެއެވެ.

(ށ) ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސޮއިކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއްގައިވާ މީހަކު ނަމަ ނުވަތަ ލިޔަންކިޔަން ނުދަންނަ މީހަކު ކަމުގައިވާނަމަ އެ މީހަކު ދިން ބަޔާނުގައި އެ މީހެއްގެ އިނގިލީގެ ނިށާން ޖަހާނީއެވެ. ލިޔަންކިޔަން ނުދަންނަ މީހަކުކަމުގައިވާނަމަ ނުވަތަ ލިޔަންކިޔަން އުޒުރުވެރިވާ ފަދަ ހާލަތެއްގައި ހުރި މީހަކު ކަމުގައިވާނަމަ، އޭނާގެ ބަޔާނުގައި އިނގިލީގެ ނިށާން ޖެހުމުގެ ކުރިން އެ ބަޔާން އޭނާއަށް ކިޔައިދޭން ވާނެއެވެ. އަދި އެ ބަޔާން ކިޔައިދިން ކަމަށާއި އެއީ އޭނާ ކިޔައިދިން ގޮތަށް ލިޔެފައިވާ ބަޔާނެއްކަން އޮޅުންފިލައިފިކަމަށް އޭނާގެ ފަރާތުން މީހަކު ސޮއިކުރަންވާނެއެވެ.

(ނ) ތަހުގީގުގައި ތަރުޖަމާނަކު ބޭނުންވާ މީހުންގެ ތެރެއިން އަމިއްލައަށް ތަރުޖަމާނަކު ހޯދުމަށް ދަތިވާ މީހުންނަށް އެކަމުގައި ކޮމިށަނުން އެހީތެރިވެދޭންވާނެއެވެ. ތަރުޖަމާނަކު މެދުވެރިކޮށް ނެގޭ ބަޔާންތައް ލިޔާނީ، ދިވެހިބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. އެ ލިއުމުގައި ބަޔާންދިން މީހާ ސޮއިކުރުމުގެ ކުރިން، ތަރުޖަމާނު އެ ބަޔާން އޭނާއަށް ރަނގަޅަށް ތަރުޖަމާކޮށް ދޭންވާނެއެވެ. އަދި އޭނާއަށް އެ ބަޔާން ތަރުޖަމާ ކޮށްދިންކަމަށް ތަރުޖަމާނުވެއް އެ ބަޔާނުގައި ސޮއިކުރަން ވާނެއެވެ.

 

12 ވަނަ މާއްދާ - ބަޔާންތަކުގެ ރެކޯޑިންގއާއި ބަޔާންތަކުގެ ކޮޕީ ދޫކުރުން

ކޮމިށަނުންކުރާ ތަހުގީގަކަށް ދޭ ބަޔާންތަކުގެ ކޮޕީއާއި ކޮމިށަނުން ކުރާ ތަހުގީގަކާ ގުޅިގެން ކޮމިށަނަށް ލިބޭ ހެތްކާއި މައުލޫމާތު، ގާނޫނީގޮތުން ބާރު ލިބިފައިވާ ފަރާތަކުން އަންގާ އެންގުމަކަށް މެނުވީ ދުލެއް ނުކުރެވޭނެއެވެ.

 

13 ވަނަ މާއްދާ - މައްސަލަ ނިންމުން

މައްސަލަތައް ނިންމުމުގައި، ކޮމިށަނުގެ އިއްތިފާގުން އެ މައްސަލަތައް ނިންމުމަށް މަސައްކަތް ކުރަންވާނެއެވެ. އެފަދަ މައްސަލަތައް ނިންމުމުގައި ކޮމިށަނުގެ އިއްތިފާގު ނުލިބޭ ހާލަތްތަކުގައި މައްސަލަތައް ނިންމާނީ ކޮމިށަނުގެ އަގްލަބިއްޔަތުންނެވެ.

(ށ) މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި މައްސަލަ ނިންމީ މެންބަރުންގެ އިއްތިފާގުން ކަމުގައިވާނަމަ އިއްތިފާގުން ކަމަށް ނުވަތަ މައްސަލަ ނިންމީ އަގުލަބިއްޔަތުން ކަމުގައިވާނަމަ އަގުލަބިއްޔަތުން ކަމަށް ލިޔެ އެ ނިންމުމަށް ތާއީދު ކުރި މެންބަރުން ސޮއިކުރަންވާނެއެވެ. އެ މައްސަލަ ނިންމީ އަގުލަބިއްޔަތުން ކަމުގައިވާނަމަ އެ ނިންމުމަށް ތާއީދު ނުކުރާ މެންބަރުން ތާއީދު ނުކުރި ސަބަބު އެނގޭގޮތަށް އެ މެންބަރުންގެ ސޮއިވެސް މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި އޮންނަންވާނެއެވެ.

(ނ) މައްސަލަ ނިންމުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތަށް މައްސަލަ ނިންމި ގޮތް ބަޔާންކޮށް ލިޔުމަކުން ޖަވާބުދޭން ވާނެއެވެ. ރިޕޯޓުކުރުމުގެ އުސޫލުން ހުށަހަޅާ ހުށާހެޅުންތައް ހުށަހަޅާ ފަރާތްތަކަށް ލިޔުމަކުން ޖަވާބުދޭކަށް ނުޖެހޭނެއެވެ.

(ރ) މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާއިރު، މައްސަލަ ހުށަހެޅި މީހާގެ ނަމާޢި މައުލޫމާތާއި ހެކިބަސް ދިން މީހުންގެ ނަންތައް އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަންހަނާ ކުރުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - މައްސަލަ ބަލައި ނިންމުމަށްފަހު އަމަލުކުރަންވީ ގޮތް

(ހ) ކޮމިށަނުން މައްސަލަ ބަލައި ނިންމުމަށްފަހު އަމަލުކުރާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.

  1. ޖިނާއީ ދައުވާއެއް ކުރުމަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިއަށް ގެންދިއުމަށްޓަކައި ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.
  2. މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަމަލުކުރެވޭ އުސޫލަކަށް ނުވަތަ ގަވާއިދަކަށް ބަދަލެއް ގެންނަން ކޮމިށަނަށް ފެންނަނަމަ އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.
  3. އެއްވެސް ފުލުހަކާމެދު އިދާރީ ފިޔަވަޅެއް އަޅަން ކޮމިށަނަށް ފެންނަނަމަ އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.
  4. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމާފައިވާ ނިންމުމެއް ރަނގަޅުނޫންކަމަށް ކޮމިށަނަށް ފެންނަނަމަ، އެކަމާބެހޭ ލަފާ މިނިސްޓަރަށް ދިނުން.

(ށ) ކޮމިށަނުން މައްސަލައެއް ބެލުމަށްފަހު ހުށަހަޅާ ހުށަހެޅުމަކަށް މިނިސްޓަރުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބިއްޖެ ހާލަތެއްގައި އެ ކަމެއް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

15 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

މިގަވާއިދުގައި އެހެންގޮތަކަށް ބުނެފައި ނުވާހާ ހިނދަކު:

'ކޮމިށަން' ކަމުގައި ބުނެފައި އެވަނީ، ޕޮލިސް އިންޓެގްރިޓީ ކޮމިށަނަށެވެ.

'މިނިސްޓަރ' ކަމުގައި ބުނެފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއެއް ހިންގުމަށް ހުންނަ މިނިސްޓަރަށެވެ.

'ފުލުހުން' ކަމުގައި ބުނެފައި އެވަނީ، ފުލުހުންގެ ހުވާކޮށްފައި ތިބި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށެވެ.

'މައްސަލަ ހުށަހަޅާ ފޯމު' ކަމުގައި ބުނެފައި އެވަނީ، މައްސަލަ ހުށަހެޅުމަށް ކޮމިށަނުން ތައްޔާރުކޮށްފައިވާ ފޯމަށެވެ.

"ރިޕޯޓް ކުރުމުގެ ގޮތުން ހުށަހަޅާ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުން ބެލުމަށް ހަމަޖެހިފައިވާފަދަ މައްސަލައަކާ ބެހޭގޮތުން ދޭމައުލޫމާތަށެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

ގުޅުންހުރި ގަވާއިދު

ޕޮލިސް އިންޓެގްރިޓީ ކޮމިށަނުން މައްސަލަތައް ބަލައި ތަހުގީގުކުރުމުގައި އަމަލުކުރާނެ މިންގަނޑުތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 39/2014)

 

މައި ގާނޫނު

ފުލުހުންގެ ގާނޫނު (ގާނޫނު ނަންބަރު 5/2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު