-

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 48/2012)

 

އެއްވަނަ ބައި

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށް ކަމަށް ކަނޑައަޅާފައިވާ ކުށްކުރާ މީހުންގެ ފުރިހަމަ މައުލޫމާތު އާންމުކޮށް ބަލަހައްޓާނެ މިންގަނޑުތަކާއި ކަމާގުޅޭ އެހެނިހެން އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާޢިދަށް ކިޔާނީ "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށް ކަމަށް ކަނޑައަޅާފައިވާ ކުށް ކުރާ މީހުންގެ ފުރިހަމަ މައުލޫމާތު އާންމުކޮށް ފަސޭހައިން ބެލޭނެ ގޮތެއް ގާއިމުކުރުމާއި، އަދި މޯބައިލް ޑިވައިސްގެ ޒަރީއާއިންވެސް އެފަދަ ކުށްކޮށްފައިވާ މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެން ފަސޭހަކަމާއެކު އެމީހުން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރަން މަގުފަހިކުރުމެވެ.

 

ދެވަނަ ބައި

ދަފްތަރު އެކުލަވާލައި ބެލެހެއްޓުން

3  ވަނަ މާއްދާ - ދަފްތަރު އެކުލަވާލައި ބެލެހެއްޓުން

(ހ) ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށް ކަމަށް ކަނޑައަޅާފައިވާ ކުށެއް ކުރާ މީހުންގެ ދަފްތަރެއް މި ގަވާއިދުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސްއިން އެކުލަވާލައި ބަލަހައްޓަންވާނެއެވެ. އަދި އެ ދަފްތަރަކީ އާންމުކޮށް ށާއިއުކުރަމުންގެންދާ އެއްޗަކަށް ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ)ގެ ދަށުން ދަފްތަރު ބަލަހައްޓައި، އެ ދަފްތަރަށް ގެންނަންޖެހޭ ބަދަލުތައް ދުވަހުން ދުވަހަށް ގެނައުމަކީ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސްގެ ޒިންމާއެކެވެ.

 

4 ވަނަ މާއްދާ - ދަފްތަރުގައި ހިމެނޭނެ މައުލޫމާތުތައް

މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކުރަ ދަފްތަރުގައި ހިމެނޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާ އެއްވެސް މިންވަރަކަށް އެއްވެސް ހާލަތެއްގައި ކުރި މީހެއްކަން ކޯޓަކުން ސާބިތުވެ އެމީހެއްގެ މައްޗަށް ހުކުމް ކޮށްފައި ތިބި މީހުންގެ މައުލޫމާތު އެކަންޏެވެ.

 

5 ވަނަ މާއްދާ - މައުލޫމާތު ރައްކާކުރެވިފައި ހުންނާނެ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން ދަފްތަރުގައި ހިމެނޭ މައުލޫމާތު ހިމެނިފައި ހުންނާނީ އެމީހެއްގެ މައްޗަށް ށަރުއީ ކޯޓަކުން ހުކުމްކުރާ ދުވަހުން ފެށިގެން ހުކުމް ތަންފީޒުކޮށް ނިމޭތާރީހުންފެށިގެން 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ށ) ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު، 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަކަށް އެމީހެއްގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން މޮނިޓަރކުރާ މީހުންގެ މައުލޫމާތުގެ ތެރޭގައި މި ދަފްތަރުގައި ހިމެނިފައިވާނެއެވެ. އަދި، އެފަދަ މީހުންގެ މައުލޫމާތު މޯބައިލް ޑިވައިސް ބޭނުންކޮށްގެން އެސް.އެމް.އެސް ގެ ޒަރީއާއިން އެފަދަ މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖެހުމުން ލިބެން ހުންނާނެގޮތަށް ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސްއިން ހަމަޖައްސައިދޭންވާނެއެވެ.

(ނ) ހުކުމް ތަންފީޒުކުރަމުންދާ މުއްދަތުގެ ތެރޭގައި މަތީ މަރުހަލާގެ ކޯޓަކުން އެމީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް، ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާއިފިނަމަ އެ ގޮތުގެމަތިން ކަނޑައަޅާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި އެމީހެއްގެ މައުލޫމާތު ދަފްތަރުން އުނިކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ހުކުމް ތަންފީޒުކޮށް ނިމުމުން ވަކި މުއްދަތަކަށް އޭނާ މޮނިޓަރކުރުމަށް ކޯޓުން އަމުރެއް ނެރުން

(ހ) ކުޑަކުއްޖަކާއެކު މީހަކު ޖިންސީ އަމަލު ހިންގުމުގެ ކުށް ސާބިތުވެ، އެކުށުގެ ހުކުމް ތަންފީޒުކޮށް ނިމުނުކަމަށްވީނަމވެސް، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއް ކޮށް، އެ ކުށް ސާބިތުވެފައިވާ މީހުން، އެމީހެއްގެ އުފަންދަރިންގެ އުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވަންދެން އެފަދަ ޖިންސީ އަމަލެއް ކުޑަކުއްޖަކާއެކު ހިންގުމަށް މަގުފަހިނުވާނެ ގޮތެއްގެމަތިން، ދައުލަތުން އޭނާ ބަލަހައްޓަމުން ދިއުމުގެ އަމުރެއް ނެރެދިނުން އެދި ކޯޓުގައި ދައުލަތަށް އެދެވިދާނެއެވެ.

  1. އެމީހެއްގެ އަމިއްލަ އާއިލާގެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގި މީހަކު؛
  2. އެމީހެއްގެ އުފަންދަރިއަކާއެކު ޖިންސީ އަމަލު ހިންގި މީހަކު؛
  3. އެމީހެއްގެ ފަރާތުން މުޖުތަމައުއަށް ގެއްލުމެއް ލިބިދާނެފަދަ މީހަކު؛
  4. އެމީހެއްގެ ސަބަބުން އެހެން ކުޑަކުއްޖަކަށް ގެއްލުމެއް ލިބިދާނެފަދަ މީހަކު.

 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ އަމުރަކަށް އެދޭނީ ހުކުމް ތަންފީޒުކުރަމުންގެންދާ މީހާގެ ހުކުމުގެ އެންމެ ފަހު 6 (ހައެއް) މަސްދުވަސް ހަމަވުމުގެ ކުރިން ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްސަން ސަރވިސަސްގެ ލަފާގެމަތިން ޕްރެސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅާ ހުށަހެޅުމަކުންނެވެ.

 

7 ވަނަ މާއްދާ - ދަފްތަރުގައި ހިމަނަންޖެހޭ މައުލޫމާތު

ދަފްތަރުގައި ހިމަންނަޖެހޭ މައުލޫމާތުތައް ތިރީގައިއެވަނީއެވެ.

(ހ) ފުރިހަމަ ނަން؛

(ށ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛

(ނ) އުފަން ތާރީހު؛

(ރ) ދާއިމީ އެޑްރެސް؛

(ބ) މިހާރު ދިރިއުޅޭ އެޑްރެސް؛

(ޅ) އަދާކުރާ ވަޒީފާ ނުވަތަ ތަން؛

(ކ) ކޮލެޖް ނުވަތަ ޔުނިވަރސިޓީ ނުވަތަ އެހެންވެސް ތަނެއްގައި ކިޔަވަމުންދާނަމަ އެތަނެއްގެ ނަން؛

(އ) މިހާރުގެ ކުލަ ފޮޓޯއެއް؛

(ވ) އިނގިލީގެ ނިށާން؛

(މ) އިސްކޮޅާއި ބަރުދަން؛

(ފ) ހަށިގަނޑުގައި ހުރި ހާއްސަ ނިށާނެއް؛

(ދ) ސާބިތުވި ކުށުގެ ބާވަތް؛

(ތ) ހުކުމްކުރި ކޯޓް؛

(ލ) ހުކުމްކުރި ތާރީހު؛

(ގ) ހުކުމް ތަންފީޒުކުރަންޖެހޭ މުއްދަތު؛

(ޏ) ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހު؛

(ސ) އިސްތިއުނާފުކޮށްފައިވާނަމަ އިސްތިއުނާފުކުރި ތާރީހު؛

(ޑ) ކައުންސިލިންގ ދެމުންދާނަމަ ކައުންސިލިންގ ފެށި ތާރީހު / ނިމުނު ތާރީހު؛

(ޒ) މީގެ ކުރިން މި ބާވަތުގެ އަމަލެއް ސާބިތުވެފައިވާނަމަ، ހުކުމްކުރި ތާރީހު / އަދަދު / މިހާރުގެ ހާލަތު؛

(ޓ) ހުކުމް ތަންފީޒުކޮށްނިމި މޮނިޓަރކުރަމުންދާ މީހެއްކަން ނުވަތަ ނޫންކަން؛

(ޔ) ހުކުމް ތަންފީޒުކުރަމުންދާ މީހަކު، ބޭސްފަރުވާއަށް، އާއިލީ ބޭނުމަކަށް، ނުވަތަ އެނޫންވެސް ބޭނުމަކަށް ދޫކޮށްލާފައިވާނަމަ، އެމީހަކު ދޫކޮށްލި ތާރީހާއި، އަނބުރާ ބަންދުކުރެވޭނެ ތާރީހާއި، އަދި، އެމީހަކު ދޫކޮށްފަވަނީ ގޭބަންދަންކަން، ނުވަތަ ރަށު ބަންދަންކަން، ނުވަތަ އެނޫންވެސް ގޮތަކަށްކަން؛

(ޕ) ދަފްތަރުގައި ލިޔެވުނު ތާރީހު.

 

8 ވަނަ މާއްދާ - މައުލޫމާތު ހާމަނުކުރެވޭ ހާލަތުތައް

ޖިންސީ ގޯނާކުރާ މީހުންގެ ރަޖިސްޓަރީގައި ހުންނަ މައުލޫމާތު އަންނަނިވި ހާލަތުތަކުގައި ހާމަކޮށްގެންނުވާނެއެވެ.

(ހ) އެ މައުލޫމާތަކީ ހާމަކުރުން މަނާ މައުލޫމާތުކަމަށް ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ މައުލޫމާތެއްނަމ؛

(ށ) ދައުލަތުގެ މުއައްސަސާއަކުން ކުރާ ތަހްގީގަކަށް ހުރަސް އެޅިދާނެކަމަށް އެ މުއައްސަސާއަކުން އަންގާފައިވާ މައުލޫމާތެއްނަމަ އެ މައުލޫމާތެއް.

 

ތިންވަނަ ބައި

ކައުންސިލިންގގެ އެހީތެރިކަން ފޯރުވައިދިނުން

9 ވަނަ މާއްދާ - ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއްގެ ށިކާރައަކަށްވާ ކުއްޖާއަށް ކައުންސިލިންގ ދިނުން.

ގާނޫނު ނަންބަރު 12/2009 (ކުޑަކުސިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއްގެ ށިކާރައަކަށްވާ ކުޑަކުއްޖާ ބެލެހެއްޓުމުގައި އެ ކުޑަކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިއަކަށް ކައުންސިލިންގ ބޭނުންވެއްޖެ ހިނދެއްގައި، އެ އެހީތެރިކަން ސަރުކާރުން ފޯރުވައިދޭންވާނެއެވެ.

 

10 ވަނަ މާއްދާ - ކައުންސިލިންގ ދެވޭނެ ހާލަތްތައް

ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއްގެ ށިކާރައަކަށްވާ ކުޑަކުއްޖާއަށް ނަފްސާނީ ގޮތުން ދިމާވެދާނެ ހުރިހާ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމުގައި ބޭނުންވާ ކައުންސިލިންގ ތިރީގައި ބަޔާންކުރާ ގޮތުގެމަތިން ފޯރުވައިދޭންވާނެއެވެ.

(ހ) ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކުށެއްގެ ށިކާރައަކަށްވާ ކުޑަކުއްޖާގެ ޑަކްޓަރީ ރިޕޯޓަށް ބެލުމަށްފަހު، ވަކި މުއްދަތެއްވަންދެން ކައުންސިލިންގ ދިނުމަށް ލަފާދީފައިވާނަމަ އެ މުއްދަތަކަށް؛

(ށ) މައިންބަފައިން ނުވަތަ ބަލަދުވެރިޔާ، ނުވަތަ އެވަގުތަކު އެކުއްޖާ ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތަކުން އެދިއްޖެ ހާލަތެއްގައި.

 

11 ވަނަ މާއްދާ - ކައުންސިލަރ އައްޔަންކުރުން

(ހ) ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއްގެ ށިކާރައަކަށްވާ ކުޑަކުއްޖާއަށް ކައުންސިލިންގެ ހިދުމަތްދޭނީ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސް އިން އައްޔަނުކުރާ ފަރާތެކެވެ.

(ށ) މި ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލިންގ ދޭނެ ފަރާތެއް އައްޔަނުކޮށްދިނުމަކީ، ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސްއިން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލަރަކު އައްޔަނުކޮށްދިނުމާއި، ކައުންސިލިންގ ދިނުމާބެހޭ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެ ކައުންސިލަރަކަށް ދޭންޖެހޭ ފީއާއި އެންމެހައި ހަރަދު ހަމަޖައްސައިދިނުމެވެ.

 

12 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއްގެ ށިކާރައަކަށްވާ ކުޑަކުއްޖާއަށް ކައުންސިލިންގ ދޭ ފަރާތަކީ އެ ކުއްޖާއާ ބެހޭ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓޭ މީހެއްކަމުގައި ވާންވާނެއެވެ.

 

13 ވަނަ މާއްދާ - ކައުންސިލިންގ ދިނުން ހުއްޓާލުން ނުވަތަ މެދުކަނޑާލުން

ކައުންސިލަރަށް އެ ކުއްޖާއަކީ އާންމު ދިރިއުޅުމުގައި ޒިންމާދާރު ގޮތެއްގައި، އަދި ލިބުނު ނަފްސާނީ ގެއްލުމުން އާންމު ދިރިއުޅުމަކަށް ރުޖޫއަވެވިއްޖެ ކުއްޖެއްކަމަށް ފެނުމާއެކު ޑޮކްޓަރެއްގެ ލަފާ އެފަދައިން ލިބިއްޖެނަމަ އެ ކުއްޖާއަށް ކައުންސިލިންގ ދިނުން ހުއްޓާލެވިދާނެއެވެ.

 

14 ވަނަ މާއްދާ - ކައުންސިލަރ ވަކިކުރުން

އަންނަނިވި ހާލަތުތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ ކައުންސިލަރ ކައުންސިލިންގ ދިނުމުން ވަކިކުރެވިދާނެއެވެ.

(ހ) ކައުންސިލިންގ ދިނުމުގައި ފަރުވާކުޑަކުރަމުންދާ ކަމަށް ކައުންސިލަރ އައްޔަންކުރި ފަރާތަށް ފެނިއްޖެ ހިނދެއްގައި؛

(ށ) ކައުންސިލަރ ހިފަހައްޓަންޖެހޭ ސިއްރުތައް ހިފެހެއްޓުމުން އެއްކިބާވެއްޖެ ހިނދެއްގައި؛

(ނ) ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާ އެކުއްޖާއަށް ކައުންސިލިންގދޭ ފަރާތަކީ އިތުބާރުހުރި ފަރަތެއް ނޫންކަމަށް އެކަށީގެންވާ ސަބަބުތަކަކާއެކު ލިޔުމުން ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސްއަށް ހުށަހަޅައިފި ހިނދެއްގައި، އެ ކައުންސިލަރަކު ކައުންސިލަރުކަމުން ވަކިކުރެވިދާނެއެވެ.

 

15 ވަނަ މާއްދާ - ކައުންސިލަރުގެ މަސައްކަތް ބެލުމާއި މޮނިޓަރކުރުން

ށަރުއީ މަރުހަލާގަޔާއި، ށަރުއީ މަރުހަލާ ނިމުމަށްފަހުވެސް ކައުންސިލަރ، ކައުންސިލިންގ ދެމުން ގެންދާގޮތް ބެލުމުގެ އިހުތިޔާރު ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސް އަށް ލިބިގެންވެއެވެ.

 

ހަތަރުވަނަ ބައި

މާލީ އެހީތެރިކަން ފޯރުވައިދިނުން

16 ވަނަ މާއްދާ - ހަރަދު ހަމަޖައްސައިދިނުން

(ހ) ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކުށެއްގެ ށިކާރައަކަށްވާ ކުޑަކުއްޖާ ބެލެހެއްޓުމުގައި ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން މާލީ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ދައުލަތުން އެ އެހީތެރިކަން ފޯރުވައިދޭންވާނެއެވެ. އެގޮތުން މާލީ އެހީތެރިކަން ދެވޭނީ އަންނަނިވި ގޮތުގެމަތިންނެވެ. މާލީ އެހީތެރިކަމަށް އެދި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްށަން ސަރވިސަސްއަށެވެ.

(ށ) ގާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކުށެއްގެ ށިކާރައަކަށްވާ ކުޑަކުއްޖާގެ ޑަކްޓަރީ ރިޕޯޓަށް ބެލުމަށްފަހު، ވަކި މުއްދަތެއްވަންދެން ނުވަތަ މުއްދަތެއް ނެތްގޮތެއްގައި ވަކި ކަމަކަށް ފަރުވާކުރަންޖެހޭ ކުއްޖެއްނަމަ ފަރުވާކުރުމަށް ދާ ހަރަދު؛

(ނ) ށިކާރައަކަށްވި ކުށުގެ ސަބަބުން ކުއްޖާއަކީ ނުކުޅެދޭ ކުއްޖަކަށް ވެއްޖެނަމަ، ނުވަތަ ބުއްދީގެ ތަސައްރަފުކުރުން މަހްރޫމްވެފައިވާ ކުއްޖެއްނަމަ އެކުއްޖާއަށް އުގެނުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތަކާއި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ދައުލަތުން ފޯރުވައިދޭ އެހީ ލިބިގަތުމަށް މަގުފަހިކޮށްދިނުން.

 

17 ވަނަ މާއްދާ - މާލީ ހަރަދު ދިނުން ހުއްޓާލުން

އަންނަނިވި ހާލަތުން ކުރެ ހާލަތެއް މެދުވެރުވެއްޖެނަމަ، ކުއްޖާއަށް ދެމުން ގެންދިޔަ މާލީ ހަރަދުތައް ހުއްޓަލެވިދާނެއެވެ.

(ހ) ކުއްޖާއަށް ދެމުންގެންދިޔައީ ޑޮކްޓަރީ ފަރުވާ ދިނުމުގެ ހަރަދު ކަމުގައިވާނަމަ، އެ ކުއްޖާއަށް އިތުރަށް ފަރުވާދޭންޖެހޭ ކަމަށް އެ ޑޮކްޓަރަކަށް ނުފެންނަ ހާލަތެއްގައި؛ ނުވަތަ

(ށ) ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން އެދިއްޖެ ހިނދެއްގައި.

 

ފަސްވަނަ ބައި

އާންމު އުސޫލުތައް

18  ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގަވާއިދު ހަދައި ހިންގާނީ، އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ.

 

19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަންފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

20 ވަނަ މާއްދާ - ތަރުޖަމާކުރުން

މި ގަވާއިދުގެ އެކިއެކި މައްދާތައް ތަންފީޒުކުރުމުގައާއި ތަރުޖަމާކުރުމުގައި، އެންމެ އިސް މަސްލަހަތެއް އޮންނާނީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މައްޗަށެވެ.

 

21 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު:

"ށަރީއަތުގެ މަރުހަލާތައް" ކަމަށް ބުނެފައިއެވަނީ، މެޖިސްޓްރޭޓް ކޯޓުތަކާއި، ސުޕީރިޔާ ކޯޓުތަކާއި، ހައިކޯޓާއި ސުޕްރީމް ކޯޓު ހިމެނޭ ގޮތަށެވެ.

"ކުޑަކުއްޖަކު" ކަމަށް ބުނެފައިއެވަނީ، ކުއްޖަކު އުފަންވީއްސުރެ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުއްޖަކަށެވެ. އަދި ކުޑަކުއްޖަކު ކަމަށް ބުނެފައިވާ މާނައިގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން 18 (އަށާރަ) އަހަރު ފުރިފައި ވީނަމަވެސް، ބުއްދީގެ ތަސައްރަފު ނުފުދޭ ކުދިންނާއި މީހުން ހިމެނެއެވެ.

"ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްސަން ސަރވިސަސް" ކަމަށް ބުނެފައިއެވަނީ، އެކިބާވަތުގެ ހާނިއްކަ ލިބިފައިވާ ކުޑަކުދިންނާއި އިހުމާލުވެފައިވާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުވައިދިނުމަށްޓަކައި އަމަލުކުރާނެ މިންގަނޑުތައް ކަނޑައަޅައި، ކަމާގުޅޭ އެހެނިހެން ދާއިރާތަކާއެކު މަސައްކަތްކޮށް، މި މަސައްކަތް ވިލަރެސްކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ އިދާރާއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 12/2009) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު