-

ބަނގުރަލާއި އޫރުމަހުގެ ގަވާއިދު

(ގަވާއިދު ނަންބަރު 49/2011)

 

1 ވަނަ މާއްދާ - ތައާރުފު އަދި ނަން

(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 4/1975 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެގާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަކީ ބަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި، އިމްޕޯޓް ކުރުމާއި، ދިވެހިރާއްޖޭގައި ވިއްކުމާއި، ގެންގުޅުމާއި ބޭނުންކުރުމާއި، ބަަނގުރަލާއި އޫރުމަހާ ގުޅޭގޮތުން ކުރަންޖެހޭ މިނޫންވެސް ކަންކަމާބެހޭގޮތުން އަމަލުކުރަންވީ ގޮތް ބަޔާންކުރާ ގަވާއިދެވެ.

މި ގަވާއިދަށް ކިޔާނީ، " ބަަނގުރަލާއި އޫރުމަހުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ދިވެހިރާއްޖެއަށް ގެނައުމާއި، އިމްޕޯޓް ކުރުމާއި، ރާއްޖޭގައި ވިއްކުމާއި، ގެންގުޅުމާއި ބޭނުންކުރުމާއި، މިކަންތައްތައް ކުރުމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ނަގައިގެން، މި ގަވާއިދުގައިވާ ގޮތުގެމަތިން ކުރާކަމެއްގެ ގޮތުގައި ހަމަޖެއްސުމެވެ.

 

3 ވަނަ މާއްދާ - އިމްޕޯޓް ކުރުމުގެ ހުއްދަ ދެވޭނެ ފަރާތްތައް

ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ދިވެހިރާއްޖެއަށް ގެނައުމަށް ނުވަތަ އިމްޕޯޓް ކުރުމަށް ހުއްދަ ދެވޭނީ ތިރީގައިވާ ފަރާތްތަކަށެވެ.

(ހ) ޓޫރިސްޓް ރިޒޯޓުތަކުގެ ބޭނުމަށް އެ ރިޒޯޓަކުން އެދޭ އަދަދަކަށް، އެ ރިޒޯޓް ހިންގާ ފަރާތަކަށް.

(ށ) މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގައި ޓޫރިސްޓް ހިދުމަތް ދިނުމަށް ރަޖިސްޓްރީކޮށް، އޮޕަރޭޓިންގ ލައިސަންސް ދީފައިވާ ސަފާރީ ތަކާއި، ޔޮޓްތަކަށް އަންނަ ބިދޭސީންގެ ބޭނުމަށް، އެ ޔޮޓެއްގެ ނުވަތަ އެ ސަފާރީއެއްގެ އެނދުހުރި އަދަދަށް ބަލައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ އަދަދަށް، އެ އުޅަނދެއް އޮޕަރޭޓްކުރާ ފަރާތަކަށް.

(ނ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ޑިއުޓީ ހިލޭ ފިހާރަތަކުގެ ތެރެއިން، ރާއްޖޭގެ ބައިނަލްއަގްވާމީ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ބިދޭސީ ޕެސެންޖަރުންނަށް ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ވިއްކުމަށް، ކަނޑައަޅާފައިވާ ޑިއުޓީ ހިލޭ ފިހާރައަށް، އެ ޑިއުޓީ ހިލޭ ފިހާރަޔަކުން ބޭނުންވާ އަދަދަކަށް، ޑިއުޓީ ހިލޭ ފިހާރަ ހިންގާ ފަރާތަށް.

(ރ) ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޮންޑް ކުރުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި މިތަކެތި ރީ- އެކްސްޕޯޓް ކުރުމަށް ރަޖިސްޓަރީކޮށް، އެގްރީމެންޓްކޮށްފައިވާ ފަރާތުން ބޭނުންވާ އަދަދަކަށް، މި ފަރާތަށް.

(ބ) ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިށަންތަކަށް، އެ މިށަންތަކުން ކަނޑައަޅާ ބިދޭސީ މުވައްޒަފުންނަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ އަދަދަށް، ހަމައެކަނި އެ މުވައްޒަފުންގެ ޒާތީ ބޭނުމަށް، އެ މިށަނަކަށް.

(ޅ) ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޮންޑް ކުރުމުގެ ހުއްދަ ނަގާފައިވާ ފަރާތުން ބޭނުންވާ އަދަދަކަށް، މި ފަރާތަށް. މި ފަރާތަށް މިތަކެތި އިމްޕޯޓްކުރުމުގެ ހުއްދަ ދޫކުރެވޭނީ، މިތަކެތި އެ ބޮންޑެޑް ވެއަރހައުސް އަކުން ވިއްކުމުގެ ހުއްދަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެގުމަށްފަހުގައެވެ.

(ކ) ރާއްޖޭން ބޭރުން، ރާއްޖޭގެ ބަނދަރުތަަކަށް އަންނަ ބޭރުގެ ޕެސެންޖަރ ލައިންތަކާއި ޓޫރިސްޓް ޔޮޓްތަކުގެ އެޖެންޓުންގެ ގޮތުގައި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި ރަޖިސްޓަރީކޮށްފައިވާ އެޖެންޓުންނަށް، އެ އެޖެންޓަކު އެދުނު އަދަދަކަށް، އެ އުޅަނދެއްގެ ޕެސެންޖަރުންގެ ބޭނުމަށް، އެ އެޖެންޓަކަށް.

(އ) ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުގެ ބައިނަލްއަގްވާމީ ދަތުރުތަކުގައި ބައިވެރިވާ ބިދޭސީ ޕެސެންޖަރުންގެ ބޭނުމަށް، އެ އެއަރލައިނަކުން ކަނޑައަޅާފައިވާ އެ އެޖެންޓަކު އެދުނު އަދަދަކަަށް، އެ އެޖެންޓަކަށް.

(ވ) ޓޫރިސްޓް ރިޒޯޓްތައް ފިޔަވައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސް އެންޑް ކަލްޗަރުގައި ރަޖިސްޓަރީކޮށް އެ މިނިސްޓްރީން ހުއްދަދީފައިވާ ޕިކްނިކް އައިލެންޑް ފަދަ ރަށްރަށް އޮޕަރޭޓްކުރާ ފަރާތްތަކަށް. މި ރަށްރަށް އޮޕަރޭޓްކުރާ ފަރާތްތަކަށް މިތަކެތި އިމްޕޯޓްކުރުމުގެ ހުއްދަދެވޭނީ، އެ ރަށަކުން ހިދުމަތްދެވޭ ބިދޭސީންގެ އަދަދަށް ބަލައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ އަދަދަކަށެވެ.

 

4 ވަނަ މާއްދާ - މޯލްޑިވްސް ކަސްޓަމްސް ސާރވިސް އަށް ހުއްދަ ހުށަހެޅުމާއި، ކަސްޓަމްސްއިން ތަކެތި ނެރުން 

(ހ) ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ނެރެވޭނީ މިބާވަތްތައް އިމްޕޯޓް ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދީފައިވާ ހުއްދައިގެ އަސްލު، މޯލްޑިވްސް ކަސްޓަމްސް ސާރވިސް އަށް ހުށަހެޅުމުންނެވެ.

(ށ) ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި،

ރާއްޖެއަށް ގެންނަ ނުވަތަ އިމްޕޯޓް ކުރާ ފަރާތްތަކުން އެފަހަރަކު އިމްޕޯޓްކުރި އަދަދު އެއްފަހަރާ ކަސްޓަމްސް އިން ޑިކްލަރޭށަން ހައްދައި ކްލިއަރކުރުމުގެ ހުރިހާކަމެއް ނިންމަންވާނެއެވެ. މިތަކެތި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ސަރަހައްދުން އެއްފަހަރާ ނުނެރެވޭނެކަމަށްވާނަމަ، ބާކީހުރި ތަކެއްޗާމެދު އަމަލުކުރާނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، އެ ށިޕްމެންޓެއްގެ އެއަރވޭ ބިލްގައި ނުވަތަ ބިލް އޮފް ލޭޑިންގ ގައި ކޮންސައިން ކޮށްފައިވާ ތަނަކަށް ގެންދިއުމަށްޓަކައި، އެ ށިޕްމެންޓެއް އެތަނަކަށް ގެންދަންވާނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ރ) މި ގަވާއިދުގެ 3 ވަނަ މާއްދާގއި ބަޔާންކޮށްފައިވާ ތަންތަނަށް، ބަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ގެންދިއުމަށްޓަކައި ކަސްޓަމްސް އިން ނުވަތަ ބޮންޑެޑް ވެއަރ ހައުސް އިން ނެރެއިން ގެންދަންވާނީ ސީދާ އެތަނަކަށެވެ. މިތަކެތި އެތަންތަނަށް ގެންދިއުމުގައި، މީހުން ދިރިއުޅޭ ރަށެއްގެ ނުވަތަ ސަރަހައްދެއްގެ ތެރެއިން ގެންދަންވާނީ އެނޫންގޮތަކަށް ގެންދެވެން ނެތް ހާލަތެއްގައެވެ. މީހުން ދިރިއުޅޭ ރަށެއްގެ ނުވަތަ ސަރަހައްދެއްގެ ތެރެއިން ގެންދާނަމަ މިތަކެތި ގެންދަންވާނީ، އެއީ ކޮން އެއްެޗެއްކަން ނޭނގޭ ގޮތަށެވެ.

 

5 ވަނަ މާއްދާ - ހުއްދަ ދެވޭނެ މުއްދަތު

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، އެ މާއްދާގައި ހިމެނޭ އެހެން ފަރާތަކުން، ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުމަށް ހުއްދަ ދެވޭނީ، ގިނަވެގެން އަހަރަކު 2 ފަހަރު ހުއްދަ އާކުރާގޮތަށް، ފަހަރަކު 6 މަސްދުވަހަށެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި،ޑިއުޓީ ހިލޭ ވިޔަފާރިކުރާ ފިހާރައިގެ ވިޔަފާރި ހުއްދަ ބާތިލްކުރުމާ ހަމަޔަށް، އެ ފިހާރަ ހިންގާ ފަރާތަށް އަދި ރީ- އެކްސްޕޯޓް ކުރުމަށް ކޮށްފައިވާ އެގްރީމެންޓް ބާތިލުކުރުމާ ހަމަޔަށް، ރީ- އެކްސްޕޯޓް ކުރުމަށް އެގްރީމެންޓް ކޮށްފައިވާ ފަރާތަށް މިތަކެތި ރާއްޖެއަށް ގެނައުމުގެ ހުއްދަ އޮންނާނެއެވެ.

 

6 ވަނަ މާއްދާ - އިމްޕޯޓްކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ހުށަހަޅަަންޖެހޭ ތަކެތި

(ހ) މި ގާވާއިދުގެ 3 ވަނަ މާއްދާގެ (ނ) (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، އެ މާއްދާގައި ބަޔާންކޮށްފައިވާ އެހެން ފަރާތްތަކުން ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، އިމްޕޯޓް ކުރުމަށް އެދި ހުށަހަޅާ ފޯރމާއެކު، އެ ފަރާތެއް ރަޖިސްޓްރީވެފައިވާ ސަރުކާރުގެ ފަރާތުން ދޫކޮށްފައިވާ ރަޖިސްޓްރީގެ އަސްލު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަންވޭނެއެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން ހުއްދަޔަށް އެދޭއިރު، އެ ފަަރާތަކަށް ހުއްދަ ދިނުމުގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އަށް އެކަން އެންގުމަށް އެ މިނިސްޓްރީ އިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އަންގާފައިވާނަމަ، އެ ފަަރާތަކަށް ހުއްދަ ދެވޭނީ އެ މިނިސްޓްރީ އިން އެކަމަށް އިއުތިރާޒު ނުކުރާކަމުގެ ލިޔުމެއް ލިބުމުންނެވެ.

 

7 ވަނަ މާއްދާ - އިމްޕޯޓް ކުރުމާއި ގެނައުމުގައި އަމަލުކުރަންޖެހޭ ގޮތް

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، އިމްޕޯޓްކުރާ ފަރާތްތަކުން މިތަކެތި އިމްޕޯޓްކުރަން ވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން، ދީފައިވާ ހުއްދައިގައިވާ ގޮތަށް، ތަނުގެ ނަން، ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް ގައި ކޮންސައިން ކޮށްގެނެވެ.

(ށ) މިގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޑިއުޓީ ހިލޭ ފިހާރަ ހިންގާ ފަރާތުން،ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ގެންނަންވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން، ހުއްދަދީފައިވާ ޑިއުޓީ ހިލޭ ފިހާރައިގެ ނަން، ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް ގައި ކޮންސައިން ކޮށްގެނެވެ.

(ނ) މިގަވާއިދުގެ 3 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރީ-އެކްސްޕޯޓް ކުރާ ފަރާތުން،ބަަނގުރަލާއި، ބަަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ގެންނަންވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރީ-އެކްސްޕޯޓް ކުރުމަށް އެގްރީމަންޓް ކޮށްފައިވާ ފަރާތުގެ ނަން، ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް ގައި ކޮންސައިން ކޮށްގެނެވެ.

 

8 ވަނަ މާއްދާ - ހުއްދަނެތި ގެންނަ ތަކެތި

(ހ) މިގަވާއިދުގެ 3 ވަނަ މާއްދާގައި ހިމެނޭ ފަރާތްތަކުން ،ބަަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ރާއްޖެއަށް ގެނައުމަކީ މަނާކަމެކެވެ. މިގަވާއިދުގެ 3 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން މިތަކެތި ރާއްޖެއަށް ގެނެސްފިނަމަ، އެ ފަރާތަކާމެދު، މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

(ށ) ރާއްޖެއަށް އަންނަ ބޭރުގެ އުޅަނދު ފަހަރާއި މަތިންދާ ބޯޓުގައި ބޭނުންކުރަން އެ އެއްޗެތީގެ ހުންނަ ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، މި މާއްދާގެ (ހ) އިން އިސްތިސްނާވާނެެއެވެ.

 

9 ވަނަ މާއްދާ - ރީ-އެކްސްޕޯޓް ކުރަން ހުއްދަ ދެވޭނެ ފަރާތްތައް

(ހ) ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ރީ-އެކްސްޕޯޓް ކުރަން ހުއްދަ ދެވޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޮންޑެޑް ވެއަރ ހައުސް ރަޖިސްޓްރީކޮށްފައިވާ ފަރާތާ،މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު، ރީ-އެކްސްޕޯޓް އެގްރީމަންޓުގައި ސޮއިކުރުމަށްފަހު، ރީ-އެކްސްޕޯޓް އެގްރީމަންޓްކުރި ފަރާތަށެވެ.

(ށ) ރީ-އެކްސްޕޯޓް ކުރަން އެގްރީމަންޓް ކުރެވޭނީ ރީ-އެކްސްޕޯޓް ކުރަން އެދޭ ފަރާތުގެ ނަމުގައި މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި، މި ގަވާއިދުގެ (ހ) ގައި ބަޔާންކޮށްފައިވާ ތަކެތި ބެހެއްޓުމަށް ހާއްސަކޮށް ބޮންޑެޑް ވެއަރހައުސްއެއް ރަޖިސްޓަރީކޮށްފައި ވާނަމައެވެ.

 

10 ވަނަ މާއްދާ - ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި މިތަކެތި ގެންގުޅުމުގެ ހުއްދަ އޮންނަ ފަރާތްތައް

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ގެންގުޅެވޭނީ، ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިށަންތަކުގައި ތިބޭ ބިދޭސީ މުވައްޒަފުންގެ ތެރެއިން އެ ޑިޕްލޮމެޓިކް މިށަނަކުން ކަނޑައަޅާ ބަޔަކަށް، އެ މިށަނަކުން ކަނޑައަޅާ ތަނެއްގައެވެ. މި ގޮތުން ކަނޑައަޅާ ތަންތަނަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ދީފައިވާ ތަންތަން ކަމަށް ވާންޖެހޭނެއެވެ.

 

11 ވަނަ މާއްދާ - ވަގުތުން ކެއުމަށް ނުވަތަ ބުއިމަށްޓަކައި ވިއްކަން ހުއްދަ ދިނުން

ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ވިއްކަންވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ނަގައިގެންނެވެ. މި ކަމަށް ހުއްދަ ދޭނީ ތިރީގައި ބަޔާންކޮށްފައިވާ ތަންތަނަށެވެ.

  1. ޓޫރިސްޓް ރިޒޯޓްތަކުގެ ކެފޭ، ރެސްޓޯރަންޓް، އަދި ބާރ ފަދަ ކެއިން ބުއިމުގެ ހިދުމަތް ފޯރުވައިދޭ ތަންތަން.
  2. މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގައި ރަޖިސްޓަރީކޮށްފައިވާ ސަފާރީ ތަކާއި ޔޮޓްތައް.
  3. ޓޫރިސްޓް ރިސޯޓްތައް ފިޔަވައި، ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށް ހަދާފައިހުންނަ ޕިކްނިކް އައިލެންޑް ހިންގާ ފަރާތްތައް.
  4. ރާއްޖޭގެ ބައިނަލްއަގްވާމީ އެއަރޕޯޓްތަކުން ފުރާ ބިދޭސީ ޕެސެންޖަރުންނަށް ހާއްސަކޮށް، ހިދުމަތް ދިނުމަށް، ޑިޕާޗަރ ޓަރމިނަލުގައި ހަދައި، މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ބާރތައް.
  5. މީހުން ދިރިއުޅޭ ރަށްރަށާއި ސަރަހައްދުތައް ފިޔަވައި އެހެން ރަށްރަށާއި ސަރަހައްދުތަކުގައި، ޓުއަރިސްޓުންނަށް ހާއްސަކޮށް ހިދުމަތް ދިނުމަށް ހަދާފައި ހުންނަ ހޮޓާތައް. 

(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންވެގެންވާ ބާރ ހެދޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ލިބިގެންނެވެ. މި ބާރތަކުން ހިދުމަތް ދެވޭނީ ހަމައެކަނި ބިދޭސީ ޕެސެންޖަރުންނަށެވެ.

(ނ) ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ވިއްކަން ވާނީ ނުވަތަ ސާރވްކުރަން ވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނުގައި ރަޖިސްޓަރީވެގެން ތިބޭ ބިދޭސީން، ނުވަތަ އެތަންތަނަށް ޒިޔާރަތްކުރާ ބިދޭސީންނަށެވެ. މި ހިދުމަތްދޭ ސަރަހައްދުން ބޭރަށް ގެންދާގޮތަށް އެތަކެތި އެއްވެސް ފަރާތްތަކަށް ދީ އަދި ވިއްކައިގެން ނުވާނެއެވެ.

 

12 ވަނަ މާއްދާ - ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ނޫންގޮތެއްގައި ވިއްކުމަށް ހުއްދަދެވޭ ތަންތަން

ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ނޫންގޮތެއްގައި ގަނޑު ކޮންނާއި ވަކިވަކިން ވިއްކުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްދަ ދޭނީ ތިރީގައި ބަޔާންކޮށްފައިވާ ތަންތަނަށެވެ.

(ހ) ދިިވެހިރާއްޖޭގައި ޑިއުޓީ ހިލޭ ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތައް. މިތަންތަނުން މިތަކެތި ވިއްކޭނީ، ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންނަށް، އެ މީހުންގެ ބޯޑިންގ ޕާސް ދެއްކުމުންނެވެ.

(ށ) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިތަކެތި ވިއްކުމަށް ހުއްދަ ދީފައިވާ ބޮންޑެޑް ވެއަރހައުސްތައް. މި ތަންތަނުން މިތަކެތި ވިއްކޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މި ތަކެތި އިމްޕޯޓްކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކަށް، އެ މިނިސްޓްރީއިން ދޫކޮށްފައިވާ ލައިސަންސް ގެ އަސްލު ހުށެހެޅުމުން، އެ ލައިސަންސްގައިވާ އަދަދަށްވުރެއް އިތުރުނުވާގޮތަށެވެ.

 

13 ވަނަ މާއްދާ - ގެންގުޅުން މަނާ ސަރަހައްދުތައް

(ހ) ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، މި ގަވާއިދުގެ ދަށުން، ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ހުއްދަދީފައިވާ ތަންތަނާއި، މިތަކެތި ވިއްކުމަށް ހުއްދަދީފައިވާ ތަންތަނާއި، ގެންގުޅުމަށް ހުއްދަދީފައިވާ ތަންތަނާއި ބޮންޑް ކުރުމަށް ހުއްދަދީފައިވާ ތަންތަން ފިޔަވައި، އެހެން ތަނެއްގައި މިތަކެތި ގެންގުޅުމަކީ މަނާކަވެ. 

(ށ) މި މާއްދާގެ (ހ) ގައި ގެންގުޅުން މަނާ ސަރަހައްދުކަމަށް ބަޔާންކޮށްފައިވާ ތަންތަނުގެ ތެރޭގައި، އެފަދަތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި، ވައިގެ މަގުން ނުވަތަ ކަނޑު މަގުން ނުވަތަ އެއްގަމުން ގެންދިޔުމަށް އެކަނި، އެ ސަރަހައްދުތައް ބޭނުންކުރުން ނުހިމެނޭނެއެވެ.

 

14 ވަމަ މާއްދާ -  ބޮންޑް ކުރެވޭނެ ތަންތަން

(ހ) ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތެކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، މޯލްޑިވިސް ކަސްޓަމްސް ސާރވިސްގައި ރަޖިސްޓަރީކޮށްފައިވާ ބޮންޑެޑް ވެއަރހައުސްތަކުގައި ބޮންޑް ކުރެވިދާނެއެވެ.

(ށ) މި ގަވާއިދުގެ ބޭނުމަށްޓަކައި ބޮންޑް ކުރުމަކީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ގަވާއިދުގައިވާ ފަދައިން، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާ ބެހެއްޓުމެވެ.

 

15 ވަނަ މާއްދާ - ގުދަންކޮށްފައި ބެހެއްޓުން މަނާ ތަންތަން

ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާތަކެތި، މި ގަވާއިދުގެ ދަށުން، ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ހުއްދަދީފައިވާ ތަންތަނާއި، މި ތަކެތި ވިއްކުމަށް ހުއްދަދީފައިވާ ތަންތަނާއި، ގެންގުޅުމަށް ހުއްދަދީފައިވާ ތަންތަނާއި ބޮންޑް ކުރުމަށް ހުއްދަދީފައިވާ ތަންތަން ފިޔަވައި، އެހެންތަނެއްގައި މިތަކެތި ގުދަންކޮށްފައި ބެހެއްޓުމަކީ މަނާކަވެ.

 

16 ވަނަ މާއްދާ - ދިނުމާއި ވިއްކުން މަނާ ތަންތަން

މި ގަވާއިދުގެ ދަށުން، ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ހުއްދަދީފައިވާ ތަންތަނާއި، ގަނޑުކޮށް ނުވަތަ ވަކިވަކިން ވިއްކުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި، އެހެން ތަންތަނުން މި ތަކެތި އެއްވެސް ފަރާތަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ މަނާކަވެ.

 

17 ވަނަ މާއްދާ - ތަކެތި ރައްކާކުރަންޖެހޭގޮތް

 ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތެކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތީގެ ސްޓޮކް ބަހައްޓާ ތަންތަނާއި، މިތަކެތި ގެންގުޅޭ ނުވަތަ ވިއްކާ ސަރަހައްދު ނުވަތަ ތަންތަނަކީ ހުރިހާ ވަގުތެއްގައިވެސް ރަނގަޅަށް ބަންދުކުރެވޭގޮތަށް ހާއްސަ ކުރެވިފައިވާ، އަދި ރަނގަޅަށް ލައްޕައި ތަޅުލައި ބެލެހެއްޓޭނޭ ގޮތަށް ހުންނަ ތަންތަން ކަމުގައިވާންވާނެއެވެ.

 

18 ވަނަ މާއްދާ - މުދާ ގެންދަންވާ ފަރާތަކަށް ރައްދު ނުކުރެވިއްޖެނަމަ ކަންތައްކުރާނެ ގޮތް

 ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތެކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ރައްދުކުރަންވާ ފަރާތަކަށް ރައްދު ނުކުރެވިއްޖެނަމަ، އެތަކެތި ގެނެސް ބަހައްޓަންވާނީ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އަންގާ ގޮތެއްގެ މަތިން އެ ތަކެއްޗާމެދު އަމަލު ކުރުމަކީ އެތަކެތި ގެންދިޔުމަށް ހަވާލުވި ފަރާތުގެ ޒިންމާއެކެވެ.

 

19 ވަނަ މާއްދާ - ހިސާބު ބެލެހެއްޓުން

(ހ) ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ވިއްކާ ތަންތަނުން، އެތަންތަނަށް އެތެރެކުރެވޭ އަދި އެ ތަންތަނުން އެހެން ތަންތަނަށް ބަދަލުކުރެވޭ، އަދި ވިއްކޭ ތަކެއްޗާއި، ބާކީހުންނަ ތަކެތީގެ ސްޓޮކް ބަލަހައްޓަންވާނެއެވެ. އަދި މިކަމާބެހޭ ލިޔެކިޔުންތައް، އެ ށިޕްމަންޓެއް އެތެރެކުރި ތާރީހުން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަތައް ބަހައްޓަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، ޓޫރިސްޓް ހިދުމަތް ދޭ ސަފާރީތަކާއި ޔޮޓްތަކުގެ އޮކިޔުޕަންސީގެ އެންމެ ފަހުގެ 3 އަހަރުދުވަހުގެ ތަފުސީލު ބަހައްޓަންވާނެއެވެ.

 

20 ވަނަ މާއްދާ -  ބަލައި ފާސްކުރުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ ލިޔުންތައް ބެލޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

21 ވަނަ މާއްދާ – އަދަބު

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލެއް ކޮށްފިނަމަ، ނުވަތަ އެފަދަ އެއްވެސް އެއްޗެއް، މި ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް އެތެރެކޮށްފިނަމަ ނުވަތަ ގެނެސްފިނަމަ ނުވަތަ އިމްޕޯޓް ކޮށްފިނަމަ ނުވަތަ ދިވެހިރާއްޖޭގައި ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ، އަދި މިފަދަ އެއްޗެއް މި ގަވާއިދާ ހިލާފު ގޮތަކަށް ދިވެހިރާއްޖޭއަށް ގެނެސް ނުވަތަ އިމްޕޯޓްކޮށް އަތުގައި ބަހައްޓައި، ގެންގުޅެ، ދީ، ނުވަތަ ވިއްކާ ހަދައިފިނަމަ، އެކަންކުރި މީހަކު ނުވަތަ ބަޔަކު 1،000 ރުފިޔާ އާއި 5،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން، ޖޫރިމަނާ ކުރުވޭނެއެވެ. އަދި މިފަދަ އަމަލެއް ހިންގި ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ލައިސަންސް ނުވަތަ ހުއްދަ ދޫކޮށްފައިވާ ފަރާތެއްކަމަށްވާނަމަ، އެފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ނުވަތަ ލައިސަންސް، 06 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހިފެހެއްޓޭނެއެވެ.

 

22 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގަވާއިދު ހަދައި ހިންގާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށްޓުމާއެކު، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އިން 15 އޮކްޓޯބަރ 1995 ގައި ނެރެފައިވާ "ބަނގުރަލާއި، އޫރުމަހާއި، އޫރުމަހުން އުފައްދާ ތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމާއި ވިއްކުމުގެ ގަވާއިދު" ބާތިލުވީއެވެ.

 

23 ވަނަ މާއްދާ - ބައެއްބަސް ބަހުގެ މާނަ

މި ގަވާއިދުގައި "ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާތަކެތި މި ގަވާއިދުގެ ދަށުން ގެންގުޅެން ކަނޑައަޅާފައިވާ ތަންތަނަށެވެ.

މި ގަވާއިދުގައި "ޑިޕްލޮމެޓީކް މިށަން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރު ގައުމުތަކުގެ ހައިކޮމިށަންތަކާއި، ޕާރމަނަންޓް މިށަންތަަކާއި، ކޮންސިއުލޭޓުތަކާއި އެމްބަސީތަކެވެ.

މި ގަވާއިދުގައި "ބޮންޑް ކުރުން" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ގަވާއިދުގައިވާ ފަދައިން ބަނގަރަލާއި، ބަނގަރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާ ބެހެއްޓުމަށެވެ.

މި ގަވާއިދުގައި "ގުދަންކުރުން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބަޔާންކުރާ ތަކެތި ހުންނަ ސަރަހައްދު ނުވަތަ ތަންތަން ހުރިހާ ވަގުތެއްގައިވެސް ރަނގަޅަށް ބަންދުކުރެވޭގޮތަށް ހާއްސަ ކުރެވިފައިވުމާއި، އަދި ރަނގަޅަށް ލައްޕައި ތަޅުލައި ބެލެހެއްޓޭނެ ގޮތަށް ހުންނަ ހުރުމަށެވެ.

މި ގަވާއިދުގައި "ފަރާތް" ކަމަށް ބުނެފައި އެވަނީ، މިގަވާއިދުގެ ދަށުން ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓްކުރުން، އެތެރެކުރުން، ގެންގުޅުން، ދިނުން، ނުވަތަ ބޭނުންކުރުމުގެ ހުއްދަ އޮތް މީހުން ފިޔަވައި އެހެން މީހުންނެވެ.

މި ގަވާއިދުގެ "އެތެރެކުރުން" ކަމަށް ބުނެފައި އެވަނީ، އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭގޮތަށް، ޑިއުޓީ ހިލޭ ފިހާރައަށާއި، ރީ-އެކްސްޕޯޓްކުރުމަށް ގެންނަ ތަކެތި ފިޔަވައި މި ގަވާއިދުގެ ދަށުން އެހެން ފަރާތްތަކުން ގެންނަ މިފަދަ ތަކެއްޗަށެވެ.

މި ގަވާއިދުގެ "ގެނައުން" ކަމަށް ބުނެފައި އެވަނީ، ޑިއުޓީ ހިލޭ ފިހާރައަށް ރާއްޖޭން ބޭރުން ގެންނަ ގެނައުމަށާއި، ރީ-އެކްސްޕޯޓް ކުރުމަށް، އިމްޕޯޓް ޑިއުޓީ ދެއްކުމެއްނެތި، މި ގަވާއިދުގެ ދަށުން ރާއްޖޭން ބޭރުން ގެންނަ ގެނައުމަށާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބާޔާންކޮށްފައިވާ ފަދައިން ހުއްދަނެތި ރާއްޖެއަށް ގެންނަ ގެނައުމަށެވެ.

މި ގަވާއިދުގައި "އިމްޕޯޓްކުރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 31/1979 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންނާއި، މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ކަސްޓަމްސްއިން ކްލިއަރކޮށް ރާއްޖެއަށް އެތަކެތި އެތެރެކުރާ އެތެރެކުރުމަށެވެ.

މި ގަވާއިދުގައި "ކަސްޓަމްސް" ނުވަތަ "މޯލްޑިވްސް ކަސްޓަމްސް ސާރވިސް" ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއްގައި އެ ބުނެވެނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ކަމުގައެވެ.

 

24 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނު (ގާނޫނު ނަންބަރު 4/1975)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު