-

ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 5/2012)

 

 

ތިރީގައި މިވަނީ ދިވެހި ސިވިލް ސަރިވިސްގެ ގަވާއިދު 2010 ގެ 57، 172، 179 ވަނަ މާއްދާ އިސްލާހު ކުރެވިފައިވާ ގޮތެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

57 ވަނަ މާއްދާ – މުސާރައިން އުނިކުރުން

(ހ) މުވައްޒަފު ވަޒީފާއަށް ނުނިކުމެއްޖެނަމަ، ނުނިކުތް މުއްދަތަށް ނުވަތަ ވަގުތަށް، އެ މުވައްޒަފެއްގެ މުސާރައާއި ސަރވިސް އެލަވަންސް އިން ކެނޑޭނެއެވެ. ނަމަވެސް، ވަޒީފާއަށް ނުނިކުންނަ ދުވަހަށާއި ވަގުތަށްވާ މިންވަރު، އެ މީހެއްގެ މުސާރައާއި ސަރވިސް އެލަވަންސް އިން ކެނޑުން ފިޔަވައި، މުވައްޒަފު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން އިތުރު ޖޫރިމަނާއެއް ކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުވައްޒަފު ވަޒީފާއަށް ނުނިކުތުމުންނާއި، ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، އޭނާގެ މުސާރައާއި ސަރވިސް އެލަވަންސް އިން ކަނޑާނީ ތިރީގައި މިވާ ގޮތަށެވެ.

  1. އޮފީހުގެ އިޒުނަ، ގަވާއިދާ އެއްގޮތަށް ނުހޯދައި، ނުވަތަ ގަވާއިދު ތަން ނުދޭ ގޮތެއްގައި، މުވައްޒަފު ވަޒީފާއަށް ހާޒިރުނުވާ ދުވަހަކަށް މުސާރައާއި ސަރވިސް އެލަވަންސް އިން ކަނޑާނީ މުވައްޒަފުގެ މުސާރައާއި ސަރވިސް އެލަވަންސް އިން ދުވަހަކަށް ޖެހޭ އަދަދެވެ.
  2. މުވައްޒަފު ވަޒީފާ އަދާކުރަންޖެހޭ ގަޑީގައި ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު، ގަޑީލާރީގެ ގޮތުގައި އޭނާގެ މުސާރައިން ކެނޑޭނެއެވެ.
  3. ގަޑީލާރި ކެނޑޭނީ މުވައްޒަފުގެ މުސާރައިން ދުވަހަކަށް ޖެހޭ އަދަދު، 480 (480=60×8) އިން ގެއްލީމާ އަންނަ އަދަދު އެއީ މިނިޓަކަށްޖެހޭ އަދަދުކަމުގައި ބަލައި، އެ އަދަދު މުވައްޒަފު ވަޒީފާއަށް ނުނިކުމެ ހުރި ޖުމުލަ ވަގުތާ ގުނަކޮށްގެންނެވެ.

 

172 ވަނަ މާއްދާ – ސަލާމުގެ ސެޓްފިކެޓް ހުށަހެޅުން

މުވައްޒަފަކު، ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަ ދުވަހު ހުރެއްޖެނަމަ ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ މީހަކު އޮފީހަށް ނުކުންނައިރު، އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުރި ހުރިހާ ދުވަސްތަކަށް، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވުނު މުއްދަތު ބަޔާންކޮށް، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓެއް ނުވަތަ ސެޓްފިކެޓް ދޫކުރި ގައުމެއްގެ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަން ޖެހޭނެއެވެ. މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ އިން ސަލާމުގެ ސެޓްފިކެޓް ދޫކުރުމުގެ ހުއްދަ ދީފައިވާ މީހުން ތިބި ރަށެއްގައިނަމަ، ހުށަހަޅަންވާނީ، އެފަދަ މީހެއްގެ ސެޓްފިކެޓެކެވެ. އެފަދަ މީހަކު ނެތް ރަށެއްގައިނަމަ، ސެޓުފިކެޓު ހޯދާނީ ރަށު ކައުންސިލުގެ އިދާރާއިންނެވެ. މުވައްޒަފު އޮފީހަށް ހާޒިރުނުވީ ބަލިވެގެންކަން އޮފީހަށް އަންގާފައި ވީ ނަމަވެސް، މަސައްކަތަށް ނުކުންނަ ފުރަތަމަ ދުވަހު މެޑިކަލް ސެޓްފިކެޓް ހުށަނާޅައިފިނަމަ، ސަލާމުގައި ހުރި ދުވަސްތައް ބެލެވޭނީ އޮފީހަށް ނާންނަ ދުވަސްތަކެއްގެ ގޮތުގައެވެ.

(ހ) މުވައްޒަފަކަށް، ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ވިދިވިދިގެން މަސައްކަތު 2 (ދޭއް) ދުވަހުއެވެ. ސެޓްފިކެޓާ ނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނެ 2 (ދޭއް) ދުވަސް، ވިދިވިދިގެން ކަމަށް ބަލާނީ ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) ބަލިވެގެން، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، މި މާއްދާގައި ބަޔާންކުރާ ފަދަ ސެޓްފިކެޓެއް އޮފީހަށް ހުށަހަޅައިފިނަމަ، ސަލާމުގެ ޗުއްޓީ ކުރިއަށް ވެސް ނެގިދާނެއެވެ.

 

179 ވަނަ މާއްދާމުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލޭނެ ކަންތައްތައް

ސިވިލް ސަރވިސްގެ މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ތިރީގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކާ ގުޅިގެންނެވެ. މު މާއްދާގެ ދަށުން، މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލުމަށް ކަނޑައަޅައި ނިންމާނީ އެ އޮފީހެއްގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީ އިންނެވެ. މުސާރަ ނުލިބޭގޮތަށް ވީއްލާފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރުދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފުގެ މަގާމު ރިޒާރވް ކުރުމާއި ނުކުރުމުގެ އިހުތިޔާރު ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީއަށް ލިބިގެންވެއެވެ.

(ހ) އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވުން.

  1. އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފަކު ވީއްލަންވާނީ އޮފީހުގެ ޓްރެއިނިން ރިކްއަރމަންޓުގައި ހިމެނިފައިވާ ނުވަތަ އެމީހަކު އަދާކުރާ ވަޒީފާގެ މަސައްކަތާ ގުޅޭ ތަމްރީނެއް ފުރިހަމަ ކުރުމަށެވެ.
  2. އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވާ މުވައްޒަފުން ވީއްލޭނީ، ތައުލީމުދޭ ނުވަތަ ތަމްރީނުދޭ މަރުކަޒަކަށް އެމީހަކު ގަބޫލުކޮށްފައިވާ ކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ.
  3. އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލޭނީ ކޯހުގެ މުއްދަތަށެވެ. މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލާފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ކުރުނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތިން މުވައްޒަފުގެ މަގާމު ރިޒަރވް ކުރަންވާނެއެވެ. އަދި 1 (އެކެއް) އަހަރު ދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާމު، ވީއްލާފައި ހުންނަ މުއްދަތަށް ރިޒަރވްކޮށްފައި ބޭއްވުމުގެ ނުވަތަ ނުބޭއްވުމުގެ އިހުތިޔާރު އެ އޮފީހަކަށް ލިބިގެންވެއެވެ.
  4. ރާއްޖެއިން ބޭރުން ކިޔެވުމަށް މުސާރަ ނުލިބޭނެގޮތަށް މުވައްޒަފަކު ވީއްލުމުގައި، އެ މީހަކު ކިޔަވަންދާ މަރުކަޒަކަށް ދިއުމަށާއި، އެ ތަނަކުން އެނބުރި އައުމަށް، އިތުރަށް 1 (އެކެއް) މަސްދުވަސް ދެވިދާނެއެވެ.
  5. ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާއެއް އަދާކުރާ މުވައްޒަފުންނާއި، ވަގުތީ މުވައްޒަފުންނާއި، ސިވިލް ސަރވިސްގ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މުވައްޒަފުން މި ހާލަތުގެ ދަށުން ނުވީއްލޭނެއެވެ. 

(ށ) ތިމާއަށް ސިއްހީ ފަރުވާއެއް ކުރުން ނުވަތަ ތިމާ ބަލަންޖެހިފައިވާ ނުވަތަ ބަލަހައްޓަން ޖެހިފައިވާ މީހަކު ފަރުވާ ހޯދުމަށްޓަކައި، މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވުން.

  1. މުވައްޒަފު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، ބަލިވީ ތިމާނަމަ، އެ ބައްޔެއްގެ ބާވަތާއި، މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވާ ކަމާއި، ބޭނުންވާ މުއްދަތު ބަޔާންކޮށް، މި ގަވާއިދުގައި ސެޓްފިކެޓް ގަބޫލުކުރާކަމަށް ކަނޑައަޅާފައިވާ ސިއްހީ އެހީތެރިއެއްގެ ސެޓްފިކެޓެއް ހުށަހެޅުމުންނެވެ.
  2. ބަލިވީ ތިމާ ބަލަހައްޓަން ޖެހިފައިވާ ނުވަތަ ބަލަންޖެހިފައިވާ މީހެއް ނަމަ، އެ މީހެއްގެ ބަލީގެ ބާވަތާއި، އެ މީހަކަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް، މި ގަވާއިދުގައި ސެޓްފިކެޓް ގަބޫލުކުރާ ކަމަށް ކަނޑައަޅާފައިވާ ސިއްހީ އެހީތެރިއެއްގެ ސެޓްފިކެޓެއް ހުށަހެޅުމާއެކު، އެ މީހެއްގެ ގާތުގައި ތިމާ ކޮންމެހެން ހުންނަން ޖެހޭކަން ބަޔާންކޮށް އެ މުވައްޒަފެއްގެ އޮފީހަކަށް ހުށަހެޅުމުންނެވެ.
  3. މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލޭނީ، ގިނަވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލާފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ކުރުނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތިން މުވައްޒަފުގެ މަގާމު ރިޒަރވް ކުރަންވާނެއެވެ. އަދި 1 (އެކެއް) އަހަރު ދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާމު، ވީއްލާފައި ހުންނަ މުއްދަތަށް ރިޒަރވްކޮށްފައި ބޭއްވުމުގެ ނުވަތަ ނުބޭއްވުމުގެ އިހުތިޔާރު އެ އޮފީހަކަށް ލިބިގެންވެއެވެ.

(ނ) ދައުލަތުގެ ބޭނުމަކަށް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ މުވައްޒަފުންގެ އަނބިން/ފިރިން އާއިލާއެކު ދިއުމަށ ބޭނުންވުން. 

 

  1. މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ވީއްލޭނީ، އެ މުވައްޒަފެއްގެ އަނބި/ފިރި މީހާ، ދައުލަތުގެ ބޭނުމަކަށް ނުވަތަ ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ ކަމުގެ ރަސްމީ ލިޔުމަކާ އެ މުވައްޒަފާއެކު އޮތް އާއިލީގުޅުން ބަޔާންކޮށްދޭ ލިޔުން އެ އޮފީހަކަށް ހުށަހެޅުމުންނެވެ.
  2. ދައުލަތުގެ ބޭނުމަކަށް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ މުވައްޒަފުންގެ އަނބިން/ފިރިން، އާއިލާއާއެކު ދިއުމަށް މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލޭނީ ގިނަވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މުސާރަ ނުލިބޭގޮތަށް މުވައްޒަފު ވީއްލާފައި ހުންނަ މުއްދަތު 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ކުރުނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތިން މުވައްޒަފުގެ މަގާމު ރިޒަރވް ކުރަންވާނެއެވެ. އަދި 1 (އެކެއް) އަހަރު ދުވަހަށްވުރެ އިތުރުވާނަމަ، އެ މުވައްޒަފެއްގެ މަގާމު، ވީއްލާފައި ހުންނަ މުއްދަތަށް ރިޒަރވްކޮށްފައި ބޭއްވުމުގެ ނުވަތަ ނުބޭއްވުމުގެ އިހުތިޔާރު އެ އޮފީހަކަށް ލިބިގެންވެއެވެ.
  3. ވަގުތީ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅޭ މުވައްޒަފުން، ދައުލަތުގެ ބޭނުމަކަށް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފޮނުވާ މުވައްޒަފުންގެ އަނބިން/ފިރިން، އާއިލާއާއެކު ދިއުމަށް މި ހާލަތުގެ ދަށުން ނުވީއްލޭނެއެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު