ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ހިދުމަތް ދިނުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 47/2012)
1 ވަނަ މާއްދާ – ތައާރުފާއި ނަން
(ހ) މިއީ، ތެލަސީމިއާ ބަލިޖެހިފައިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ހިދުމަތްތަކާއި ފަރުވާއާއި އަދި މިނޫންވެސް ކަންތައްތަކާބެހޭ ގޮތުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. މިގަވާއިދު އެކުލަވާލާފައި ވަނީ، ގާނޫނު ނަންބަރު 4/2012 (ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 23 ވަނަ މާއްދާއިން ބާރު ލިބިގެންނެވެ.
(ށ) މިގަވާއިދަށް ކިޔާނީ "ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ހިދުމަތް ދިނުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދު އެކުލަވާލުމުގެ ބާރު
މިގަވާއިދު ހަދައި ހިންގާނީ ވަޒީރުގެ މަޝްވަރާގެ މަތިން ސެންޓަރުންނެވެ.
3 ވަނަ މާއްދާ – ކައުންސިލްތަކުގެ ޒިންމާ
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ފޯރުވައިދޭ ހިދުމަތްތަކުގެ ތެރެއިން ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލުން އަންނަނިވި ހިދުމަތްތައް ފޯރުވައިދޭންވާނެއެވެ.
(ހ) ސެންޓަރުންނާއި ސަރަހައްދުގައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުން ތެލަސީމިއާ ބަލީގެ މީހުންނަށް ލިބޭ ހިދުމަތްތަކާއި ފަރުވާ ހޯދުމަށް ހަމަޖެހިފައިވާ އުސޫލުތަކާބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުވައިދޭންވާނެއެވެ.
(ށ) ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގޮތުން ހިންގާ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި މިނިސްޓްރީއަށާއި ސެންޓަރަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް ރަށު ފެންވަރުގައި އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަން ކައުންސިލްތަކުން ފޯރުވައިދޭންވާނެއެވެ.
(ނ) އެ އަތޮޅެއްގައި ދިރިއުޅެމުން އަންނަ ތެލަސީމިއާ ހުންނަ މީހުންނަށް، ތެލަސީމިއާއަށް ފަރުވާ ދިނުމަށްޓަކައި ސެންޓަރުން ބަލަހައްޓަމުން ގެންދާ ތެލަސީމިއާ ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ މައުލޫމާތު ބެލެހެއްޓުމަކީ އަތޮޅު ކައުންސިލްގެ ޒިންމާއެކެވެ.
(ރ) ތެލަސީމިއާ ހުންނަ މީހުންނަށް ހިދުމަތް ދިނުމަށް ކައުންސިލްތަކުން ކުރިއަށްގެންދާ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިވުމަށް ކޮންމެ އަތޮޅު ކައުންސިލެއްގައިވެސް ފޯކަލް ޕޮއިންޓެއް ހުންނަންވާނެއެވެ.
(ބ) ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުވައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރާއެކު ވިލަރެސްކޮށް އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަން ފޯރުވައިދީ އެއްބާރުލުން ދޭންވާނެއެވެ.
(ޅ) ތެލަސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ލޭ ހޯދުމަށްޓަކައި ލޭ ހަދިޔާ ކުރާނެ ފަރާތްތައް ހޯދުމުގައި އެހީތެރިކަން ފޯރުވައިދޭންވާނެއެވެ.
4 ވަނަ މާއްދާ - ތެލަސީމިއާ ހުންނަ މީހުންގެ ދަފުތަރު
(ހ) ތެލަސީމިއާ ހުންނަ މީހުންގެ މައުލޫމާތު ހިމެނޭ ދަފުތަރެއް ތެލަސީމިއާ އެންޑް އަަަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުން ސެންޓްރަލްކޮށް ބަލަހައްޓަންޖެހޭނެއެވެ.
(ށ) ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުވައިދެވޭނީ މިދަފުތަރުގައި ތެލަސީމިއާ ހުންނަ މީހެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
(ނ) ތެލަސީމިއާ ހުންނަ މީހުން ރަޖިސްޓަރީކުރުމަކީ ބަލިމީހާ/ބެލެނިވެރިޔާގެ ޒިންމާއެކެވެ.
(ރ) އަލަށް ރަޖިސްޓަރީކުރާ ފަރާތްތައް ރަޖިސްޓްރީކުރެވޭނީ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުން ކަނޑައަޅާ މަރުކަޒުތަކަކުން ކުރެވޭ ތަހުލީލުތަކަށް ބިނާކޮށެވެ.
(ބ) އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގެ ތެރެއިން ރީޖަނަލް/އިތޮޅު ހޮސްޕިޓަލްތައް މެދުވެރިކޮށް ތެލަސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކުގެ މައުލޫމާތު ސެންޓަރަށް ފޮނުވަންވާނެއެވެ.
5 ވަނަ މާއްދާ - ތެލެސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ދިނުން
ތެލަސީމިއާގެ ސަބަބުން ޖެހޭ އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ގާނޫނު ނަންބަރު 15/2011 (އިޖުތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު) ގެ ދަށުން ހިންގާ ސްކީމުން، އެ ސްކީމުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތިންނެވެ.
6 ވަނަ މާއްދާ - ބެލެނިވެރިންގެ ޒިންމާ
(ހ) ތެލަސީމިއާ ހުންނަ މީހުންގެ ބެލެނިވެރިން އަންނަނިވި ކަންކަމަށް ޒިންމާވާންވާނެއެވެ.
- ހިމޮގްލޮބިން (އެޗްބީ) 9 ގްރާމްސް ޕަރ ޑެސިލީޓަރ () އަށް ދަށްވުމުގެ ކުރިން ލޭ އެޅުން
- ބޭނުންވާ ގްރޫޕުގެ ލޭ ހޯދުމަށް ސެންޓްރަލް ބްލަޑް ބޭންކަށް އެހީތެރިވުން
- ޑޮކްޓަރު އަންގަވާ ގޮތެއްގެ މަތިން ހަދަންޖެހޭ ޓެސްޓްތައް ހަދައި އޭގެ ނަތީޖާ ޑޮކްޓަރަށް ދެއްކުން.
- ދަގަނޑުގެ ބައި ހަށިގަނޑުން ބޭރުކުރުމަށް ދޭ ޑެސްފެރޯލް، އަސުންރާ، އަދި އެލްވަން ފަދަ ބޭސް ޑޮކްޓަރު އަންގަވާގޮތެއްގެ މަތިން ބޭނުންކުރުން.
- ބައްޔާ ގުޅިގެން ޑޮކްޓަރުން އިތުރު ފަރުވާއެއް ދެއްވައިފިނަމަ އެފަރުވާއެއް ގަވާއިދުން ބޭނުންކުރުން.
- ތެލަސީމިއާ އެންޑް އަދަރ ހިމޮގްލްބިނޯޕަތީސް ސެންޓަރުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން
7 ވަނަ މާއްދާ - ދަތުރުފަތުރުގެ އެހީ
(ހ) ތެލަސީމިއާ ފަރުވާ ހޯދުމަށް ބޭނުންވާ މީހަކު ހުރި ރަށަކުން އޭނާއަށް ލޭ އެޅުމުގެ ހިދުމަތް އަދި އޭނާއަށް ހާއްސަ ގޮތަކުން ހޯދަންޖެހޭ މި ބައްޔާ ގުޅިގެން ދޭންޖެހޭ އެހެން ފަރުވާއެއް އެރަށުގައި ލިބެން ނެތްނަމަ، އެ ހިދުމަތް އެންމެ ކައިރިން ލިބެންހުރި ރަށަކަށް ދަތުރުކުރުމުގެ ހަރަދު ސެންޓަރުން ހަމަޖައްސައި ދޭންވާނެއެވެ.
(ށ) ދަތުރު ހަރަދު ދެވޭނީ ހަމައެކަނި ތެލަސީމިއާ ހުންނަ މީހާއަށް އެކަންޏެވެ.
(ރ) ދަތުރު ހަރަދު ދެވޭނީ ތެލެސީމިއާ ބަލިހުރި މީހާ ދަތުރުކުރި އުޅަނދުން ދޫކޮށްފައިވާ ޓިކެޓް/ބިލު އަދި އެ ކުއްޖެއްގެ ތެލަސީމިއާ ރިކޯޑުފޮތް، ހިދުމަތް ހޯދި ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަކަށް ހުށަހެޅުމުންނެވެ. އަދި މި ފައިސާ ދޫކުރެވޭނީ މިތަކެތި ބަަލައި ޗެކުކުރުމަށްފަހު ބަލިމީހާ ނުވަތަ ބެލެނިވެރިޔާ/އެހީތެރިޔާ އަށެވެ.
މިގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ފެރީގެ ހިދުމަތް ލިބެންނެތް ފަދަ ހާލަތެއް އަތުވެއްޖެނަމަ އަތޮޅުތެރޭގައި ކުރާ ދަތުރުގެ ހަރަދަށް ދެވޭނީ ގިނަވެގެން 750 ރުފިޔާއެވެ.
8 ވަަނަ މާއްދާ - އިންތިޒާމުތައް ހަމަަޖެއްސުމާއި އުސޫލުތައް ހެދުމުގެ ބާރު
(ހ) މިގަވާއިދަށް އަމަލުކުރުމަށްޓަކައި ނުވަތަ މިގަވާއިދު ތަންފީޒުކުރުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށާއި ހަދަންޖެހޭ އުސޫލުތައް ހަދައި ހިންގުމުގެ ބާރު ސެންޓަރަށް ލިބިގެންވެއެވެ.
އަމަލުކުރަން ފެށުން
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާޢިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
9 ވަނަ މާއްދާ – މާނަކުރުން
(ހ) "ވަޒީރު" ކަމަށް ބުނެފައި އެވަނީ، ސިއްހީ ކަންތައްތައް ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވަޒީރަށެވެ.
(ށ) "ސެންޓަރު" ކަމަށް ބުނެފައި އެވަނީ، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށެވެ.
މައި ގާނޫނު
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2012)
ކިޔުންތެރިންގެ ހިޔާލު