ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012
(ގަވާއިދު ނަންބަރު 4/2013)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ – ތައާރުފު
މިއީ ދިވެހިރާއްޖޭގައި ތަފާސްހިސާބާބެހޭ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި އާންމުކުރުމާއި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ހިންގުމާބެހޭ ގަވާއިދެވެ.
2 ވަނަ މާއްދާ – މަގުސަދުތައް
(ހ)ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި ގައުމުގެ އިގްތިސާދީ އިޖުތިމާއީ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި އެއްހަމައެއްގައި ފޯރުވައިދީ އެއީ އެންމެންގެ ހައްގެއްގެ ގޮތުގައި ފަރުދުންނަށް ލިބިދިނުން؛
(ށ) ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި އޭގެ ނަތީޖާތައް ހާސިލުކުރެވޭ މިންވަރު ވަޒަންކުރުމާއި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ތަފާސްހިސާބު، ސައްހަކަމާއެކު އިތުބާރުހުރި ގޮތެއްގައި ފޯރުވައިދިނުން؛
(ނ) މުޖުތަމައުގައި ތަފާސްހިސާބުގެ އިލްމާއި ހުނަރު އަދި ތަފާސްހިސާބު ހެޔޮގޮތުގައި ބޭނުންކުރުމާއި އޭގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމުގެ ގޮތުން މިދާއިރާއިން ހޭލުންތެރިކަން އިތުރުކުރުން؛
(ރ) ތަފާސްހިސާބުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުން ގައުމީ ފެންވަރުގައި ކުރެވޭ މުހިންމު ސަރވޭތަކާއި، ބޯހިމެނުން ފަދަ ކަންކަމުގައި ސައްހަ މައުލޫމާތު ދިނުމުގެ ފަރުދީ ޒިންމާ އަދާކުރުމަށް ބާރުއަޅައި އާންމުންގެ އެއްބާރުލުން ހޯދުމަށް މަގުފަހިކޮށް ތަފާސްހިސާބުގެ ސައްހަކަން އިތުރުކުރުން؛
(ބ) ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ނަގައި ބަލަހައްޓާ އިދާރީ ތަފާސްހިސާބު އަދި އެހެނިހެން މައުލޫމާތު ތަފާސްހިސާބުގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކޮށްދީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފުން؛
(ޅ) ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުންކުރުމުގައި ތަފާސްހިސާބުގެ މައިގަނޑު އަސާސްތަކަށް އަމަލުކުރޭތޯ ޔަގީންކުރުން؛
(ކ) ތަފާސްހިސާބުގެ ހަރަކާތްތަކުގައި މައުލޫމާތުދޭ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުމާއި ތަފާސްހިސާބު އެއްކުރާ ފަރާތްތަކާމެދު އޮންނަ ޔަގީންކަން ބޮޑުކުރުން؛
(އ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމައަށް ވިލަރެސްކޮށް ތަފާސްހިސާބުގެ މަސައްކަތަށް ކުރެވޭ ހޭދަ ކުޑަކުރުމަށް މަގުފަހިކޮށްދީ އެންމެ އެދެވޭ ގޮތުގައި ނަތީޖާ ނެރުމަށް ބާރުއެޅުން؛
(ވ) ބައިނަލްއަގްވާމީ ފެންވަރުގައި ފޯރުވައިދޭންޖެހޭ ދިވެހިރާއްޖޭގެ ތަފާސްހިސާބު އިތުބާރުހުރި ގޮތެއްގައި ނަގައި ބެލެހެއްޓުމާއި ފޯރުވައިދިނުން އަދި ދިވެހިރާއްޖޭގެ ތަފާސްހިސާބު ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭމިންވަރު އިތުރުކޮށް އޭގެ ބޭނުންކުރާ މިންވަރު އިތުރުކުރުން؛
(މ) ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ތަފާސްހިސާބުގެ އޮފީސްތަކާއި ޖަމާއަތްތަކާއި މުއައްސަސާތަކާއެކު އެއްބާރުލުމާއި ގުޅުން ގާއިމުކުރުން.
3 ވަނަ މާއްދާ – ތަފާސްހިސާބާބެހޭ މައި އިދާރާގެ މަސައްކަތްތައް
(ހ) ރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއަކީ ޑިޕާޓްމަންޓް އޮފް ނެށަނަލް ޕްލޭނިންގގެ ސްޓެޓިސްޓިކްސް ޑިވިށަންއެވެ. ތަފާސްހިސާބާބެހޭ މައި އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ތަފާސްހިސާބަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި އާންމުކުރުމާއި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމުން ހިންގަންޖެހޭ ހަރަކާތްތައް ރޭވުމާއި ބެލުމާއި ސުޕަވައިޒް ކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
(ށ) ގައުމީ ތަފާސްހިސާބުގެ ނިޒާމެއްގެ ތެރެއިން މައިގަނޑުގޮތެއްގައި ކުރަންޖެހޭ ތިރީގައި ބަޔާންކުރެވިފައިވާ މަސައްކަތްތައް ތަފާސްހިސާބާބެހޭ މައި އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
- ދިވެހިރާއްޖޭގެ އާބާދީއާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ގައުމީ ތަފާސްހިސާބު އެއްކުރުމާއި އެކުލަވައިލުމާއި ށާއިއުކުރުން.
- ފަގީރުކަމާއި ދިރިއުޅުމުގެ ހާލަތުގެ ނާޒުކުކަމާބެހޭ މައުލޫމާތުގެ ނިޒާމު ބެލެހެއްޓުން.
- ރާއްޖޭގެ އިގުތިސާދީ ތަރައްގީގެ ދުވެލި ވަޒަންކުރުމަށް ބޭނުންވާ ތަފާސްހިސާބު އެއްކުރުމާއި ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑުތައް އެކުލަވައިލައި އާންމުކުރުން.
- ތަފާސްހިސާބު އެއްކުރުމަށްޓަކައި ދިވެހިރާއްޖޭގައި ސަރވޭކުރުމުގެ ގަވާއިދުތައް ހަދައި ހިންގުމާއި، ސަރުކާރާއި ދައުލަތުގެ އެކި އިދާރާތަކުން އާންމުންނަށް އަމާޒުކޮށްކުރާ ތަފާސްހިސާބާބެހޭ ސަރވޭތަކަށް ހުއްދަ ދިނުމާއި ދިވެހިރާއްޖޭގައި ހިންގޭ ތަފާސްހިސާބާބެހޭ ސަރވޭތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.
- ރާއްޖޭގެ ތަފާސްހިސާބުގެ ސިޔާސަތު ކަނޑައެޅުމާއި ތަފާސްހިސާބުގެ ގަވާއިދުތައް ހަދައި އާންމުކުރުމާއި، ގައުމީ ތަފާސްހިސާބުގެ ނިޒާމު ވިލަރެސްކުރުން.
(ނ) ތަފާސްހިސާބާބެހޭ މައި އިދާރާއިން މިމާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރެވިފައިވާ ކަންތައްތައް ހިންގުމުގައި ތިރީގައިމިވާ ކަންކަމަށް ޒިންމާވާން ވާނެއެވެ.
- ލާމަރުކަޒީ އުސޫލުން ރަނގަޅު ފެންވަރަކަށް ތައްޔާރުކުރެވިފައިވާ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުވައިދިނުން؛
- ދިވެހިރާއްޖޭގައި ތަފާސްހިސާބު އެއްކުރުމާއި އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި އާންމުކުރުމާއި ބޭނުންކުރުމުގައި ވަކި އުސޫލުތަކެއްގެ މަތިން، ވަކި މިންގަނޑަކަށް ފެތޭގޮތަށް ވަކި ފެންވަރެއްގައި ހިފެހެއްޓުން؛
- ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކުންނާއި އުފައްދާ ފަރާތްތަކުން ބޭނުންވާ ލަފާ، ފަންނީ އެހީ އަދި މިކަމުގައި ބޭނުންވާނެ އެހެނިހެން އެހީ ފޯރުވައިދިނުން؛
- ލިބިފައިވާ މަދު ވަސީލަތްތައް އޭގެ އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމާއި މަސައްކަތް ތަކުރާރުވެ ފުށުނާރާނެހެން ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކާއި އުފައްދާ ފަރާތްތަކާ މެދު ކަންކަން ރާވައި ހިންގައި، ވިލަރެސްކޮށް، އަދި ރެށަނަލައިޒް ކުރުން؛
- ދިވެހިރާއްޖެއާއި ދިވެހިރާއްޖޭން ބޭރުގެ ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކާއި އުފައްދާ ފަރާތްތަކާއި ގުޅިގެން ތަފާސްހިސާބާއި ބެހޭ ފޯކަލް ޕޮއިންޓްގެ ދައުރު އަދާކުރުން؛
- ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުވައިދޭ މައި އިދާރާގެ ގޮތުގައި ހަރަކާތްތެރިވުން؛
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބަލަހައްޓާ ތަފާސްހިސާބު އެއްކޮށް އެކުލަވާލުމަށް އެއްވެސް އިދާރާއަކުން ނުކުޅެދޭ ހާލަތްތަކުގައި، ތަފާސްހިސާބާބެހޭ މައި އިދާރާގެ ފަރާތުން އެ އިދާރާއެއްގައި ތަފާސްހިސާބާބެހޭ މައި އިދާރާގެ މުވައްޒަފަކު ބަހައްޓައިގެން ނުވަތަ އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދީގެން އެ މައުލޫމާތެއް އެއްކޮށް އެކުލަވާލުމުގެ ބާރު ތަފާސްހިސާބާބެހޭ މައި އިދާރާއަށް ލިބިގެންވެއެވެ. އަދި މިގޮތުންވެސް މިމަސައްކަތްތައް ފުރިހަމަނުވާ ހާލަތްތަކުގައި ކޯޓު އަމުރެއްގެ ދަށުން އެފަދަ މައުލޫމާތު ހޯދުމުގެ ބާރުވެސް ތަފާސްހިސާބާބެހޭ މައި އިދާރާއަށް ލިބިގެންވެއެވެ.
(ބ) މިގަވާއިދުގެ ދަށުން ތަފާސްހިސާބާބެހޭ މައި އިދާރާގެ މަގުސަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން.
4 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު
(ހ) ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ އޮނިގަނޑު ރޭވިފައިވާ ގޮތުން ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުވައިދޭ މައި އިދާރާއަކީ ޑިޕާޓްމަންޓް އޮފް ނެށަނަލް ޕްލޭނިންގގެ ސްޓެޓިސްޓިކްސް ޑިވިށަނެވެ. ތަފާސްހިސާބާބެހޭ މައި އިދާރާ ވާނެޖެހޭނީ ޕްރޮފެށަނަލީ އިންޑި ޕެންޑެންޓް އިދާރާއަކަށެވެ. އަދި މި އިދާރާގެ މަސައްކަތްތައް ބައްޓަންކުރަންވާނީ އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރުވޭ ފަދަ ގޮތަކަށެވެ.
(ށ) ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުން އެތަނަކަށް ބޭނުންވާ ތަފާސްހިސާބު ސަރުކާރުގެ އިދާރީ ނިޒާމުގެ ތެރޭން ނަގައި ބެލެހެއްޓޭ އިދާރީ ތަފާސްހިސާބުގެ ގޮތުގައާއި ސަރވޭކޮށްގެންނާއި ބޯހިމެނުމުން އެއްކުރަމުން ގެންދެވޭނެއެވެ. މިގޮތުން މިގަވާއިދުގެ ތިންވަނަ ޖަދުވަލުގައި ހިމެނިފައިވާ ތަފާސްހިސާބުގެ ދާއިރާތަކަކީ އެދާއިރާއަކާ ގުޅޭ ސަރުކާރުގެ ވުޒާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން އިސްނަގައިގެން އެއްކޮށް ބަލަހައްޓަންޖެހޭ ސެކްޓޯރަލް ނުވަތަ އެކި އިދާރާތަކުގެ ތަފާސްހިސާބެވެ.
(ނ) އެކި އިދާރާތަކުން އެއްކުރާ ތަފާސްހިސާބުގެ އެއްކުރުމުގައި ތަފާސްހިސާބާބެހޭ މައި އިދާރާއާ ގުޅިގެން ނުވަތަ އެއް ދާއިރާއަކަށްވުރެ ގިނަ ދާއިރާތައް ގުޅިގެން އެއްކުރާ ތަފާސްހިސާބު އެއްކުރުމުގައި ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަށްވަރާކޮށް، އެއްބަސްވާގޮތަށް މައުލޫމާތު ބަދަލުކުރަންވާނެއެވެ. އަދި މައުލޫމާތު އެއްކުރުމުގައި މައުލޫމާތު ފޯރުވައިދޭ ފަރާތަށް އެކަމުގައި އިސްވެ ހަރަކާތްތެރިވާ އިދާރާއަކުން އެކަމުގެ ބޭނުމާއި، އެ މައުލޫމާތު ބޭނުންކުރެވޭނެ ގޮތް ލިޔުމަކުން އަންގަންވާނެއެވެ.
(ރ) ގައުމީ ފެންވަރުގައި ކޮންމެހެން ބޭނުންވާ ބޭސިކް ނުވަތަ އަސާސީ ތަފާސްހިސާބު އެކަމަކާ ގުޅުންހުރި ސަރުކާރުގެ ވުޒާރާއެއް ނުވަތަ ދައުލަތުގެ މުއައްސަސާއެއް މެދުވެރިކޮށް ނަގައި ބެލެހެއްޓުން ވިލަރެސްކޮށް އެހީތެރިވުމަކީ ތަފާސްހިސާބާބެހޭ މައި އިދާރާގެ ޒިންމާއެކެވެ.
(ބ) ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުވައިދޭ ކޮންމެ އިދާރާއެއްގައިވެސް އެއިދާރާއަކާ ގުޅޭ ތަފާސްހިސާބު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކޮށް ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކުރެވިފައިވާ ޔުނިޓެއް ގާއިމުކޮށް ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކުރެވިފައިވާ ބަޔަކު އެ ޔުނިޓަށް ކަނޑައަޅަންވާނެއެވެ.
(ޅ) ތަފާސްހިސާބުގެ މައި އިދާރާ އަދި ރަސްމީ ތަފާސްހިސާބާބެހޭ މައުލޫމާތު ފޯރުވައިދޭ އިދާރާތަކުގައި ގާއިމުކުރެވޭ ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކުރެވިފައވާ ޔުނިޓުތަކުގެ މުވައްޒަފުންނަކީ މިގަވާއިދުގެ ދެވަނަ ޖަދުވަލުގައިވާ އިގުރާރުގައި ސޮއިކޮށް އެއަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެ ބައެކެވެ.
ދެވަނަ ބާބު
ތަފާސްހިސާބު އެއްކުރުމާއި އެއްކުރެވޭ މައުލޫމާތުގެނަތީޖާ ހޯދުމާއި އާންމުކުރުމާއި ބޭނުންކުރުން
5 ވަނަ މާއްދާ – ތަފާސްހިސާބުގެ މައިގަނޑު އަސާސްތަކާއި މަގުސަދުތައް
(ހ) ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ މަސައްކަތްތައް ކުރުމުގައި، އ.ދ ގެ ތަފާސްހިސާބުގެ އަސާސްތައް ނުވަތަ "ފަންޑަމެންޓަލް ޕްރިންސިޕަލްސް އޮފް އޮފިށަލް ސްޓެޓިސްޓިކްސް" (މިގަވާއިދުގެ ހަތަރުވަނަ ޖަދުވަލު) ގައިވާ ގޮތުގެމަތިން، ސައްހަ މައުލޫމާތު ފޯރުވައިދިނުމަށާއި، ފެންވަރު ރަނގަޅު ކުރުމަށާއި، އެކަށީގެންވާ ހުދޫދެއްގެ ތެރޭގައި އެންމެންނަށް އެއްފަހަރާ ލިބޭ ފަދަ ގޮތަކަށް މައުލޫމާތު ހާމަކުރުމާއި، މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސައިންޓިފިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށާއި، ވަކިއަތަކަށް ބުރަނުވުމާއި ހަމަހަމަކަން އަދި ދެފުށް ފެންނަ ހަރުދަނާ އުސޫލުތަކުގެ މަތިން އަމަލުކުރުމަށާއި، ސަރުކާރުގެ ތަފާސްހިސާބުގެ މަސައްކަތްކުރާ އެހެން ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަގްވާމީ ފަރާތްތަކާއެކު މަސައްކަތް ވިލަރެސްކުރުމާއި މައުލޫމާތު ފުރިހަމަގޮތުގައި ބޭނުންކުރަން މަގުފަހިކޮށް ހަރަދު ކުޑަކުރުމަށާއި، އާންމުންގެ އިތުބާރު ލިބޭ ގޮތަކަށް ތަފާސްހިސާބުގެ ނިޒާމު ބައްޓަންކުރުމަށް އިސްކަންދޭންވާނެއެވެ.
(ށ) މިގޮތުން މިގަވާއިދުގެ ދަށުން ތަފާސްހިސާބުގެ މަސައްކަތް ރާވައި ހިންގުމުގައި އަންނަނިވި މައިގަނޑު މަގުސަދުތައް ހާސިލުކުރުމަށް ރިއާޔަތްކުރެވޭނެއެވެ.
- ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ހުރިހާ ދައިރާތަކަކުން ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ އިގުތިސާދީ، އިޖުތިމާއީ، ތިމާވެއްޓާއި އާބާދީއާބެހޭ ތަފާސްހިސާބު ފޯރުވައިދިނުމާއި ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކާއި އާންމު ފަރުދުންނަށް ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި ކަންކަން ވަޒަންކުރުމަށް ބޭނުންވާ ތަފާސްހިސާބު ފޮރުވައިދިނުން.
- ހަރުދަނާ ތަފާސްހިސާބުގެ ނިޒާމެއް ގާއިމުކޮށް ތަރައްގީކުރުމަށް މަސައްކަތްކުރުން.
- ތަފާސްހިސާބުގެ މުހިންމު ކަމާއި ބޭނުންކުރެވޭނެ ގޮތްތަކާމެދު އާންމު ފަރުދުންގެ ހޭލުންތެރިކަން އިތުރުކުރުން.
- ތަފާސްހިސާބުގެ މަސައްކަތުގައި ގެންގުޅޭ އުސޫލުތަކާއި ބޭނުންކުރެވޭ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ހިތްވަރުދީ މަސައްކަތްކުރުން.
- ޕްރައިވެޓް ސެކްޓަރާއި މަދަނީ ޖަމްއިއްޔާތަކާއި، ކިޔަވާކުދިންނާއި ރިސަރޗްކުރާ ފަރާތްތަކުން ތަފާސްހިސާބު ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ހިތްވަރުދިނުން.
- ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ރަސްމީ ތަފާސްހިސާބުގެ އިތުރުން އާރޮނގުރޮނގުން ދިރާސާތައް ކުރުމަށް ހިތްވަރުދީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފެންވަރު ރަނގަޅު ތަފާސްހިސާބު ލިބޭނެ އިތުރު މަގުތައް ހުޅުވާލުން.
6 ވަނަ މާއްދާ – ތަފާސްހިސާބު އެއްކުރުން
(ހ) ދިވެހިރާއްޖޭގައި ތަފާސްހިސާބު އެއްކުރެވޭނީ ބޯހިމެނުމުންނާއި ސަރވޭކުރުމުންނާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތަކުން އިދާރީ މަސައްކަތުގެ ތެރޭގައި ނަގައި ބަލަހައްޓާ ރިކޯޑުތަކުގެ ބޭނުންކޮށްގެން އަދި ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއިން ގަބޫލުކުރާ އެހެނިހެން ގޮތްގޮތުންނެވެ.
(ށ) ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ކުރަންވާނީ ތަފާސްހިސާބު އެއްކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ނ) ތަފާސްހިސާބުގެ މައުލޫމާތު ނެގުމުގެ މަސައްކަތް ކުރަންވާނީ، އެކަމުން އާންމު ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ އެންމެ ކުޑަވާނެ ގޮތަކަށެވެ.
(ރ) ސަރވޭކުރުމަށް އައްޔަން ކުރެވޭ އޮފިސަރެއް ނުވަތަ ހުއްދަދެވިފައިވާ މުވައްޒަފަކަށް ބޭނުންވާ މައުލޫމާތު، އެކި ފަރާތްތަކުން ހޯދުމުގައި އަންނަނިވި ދެގޮތުން ކުރެ ގޮތެއް ހިޔާރު ކުރެވިދާނެއެވެ.
- އެފަރާތަކާއެކު ބޭއްވޭ ބަސްދީގަތުމެއްގެ އެހީގައި މައުލޫމާތު ހޯދުން؛ ނުވަތަ
- މައުލޫމާތު އެއްކުރުމަށް ފުރިހަމަކުރަންޖެހޭ ފޯމު، އެފޯމު ފުރިހަމަކުރަންޖެހޭ ކަމާއި ފުރިހަމަކުރުމަށްފަހު އަނބުރާ ހަވާލުކުރަންޖެހޭ ގޮތާއި، މުއްދަތު އަންގާ އެއްގުމެއް އެންމެ ފަހުން ލިބިފައިވާ ޕޯސްޓް ނުވަތަ އީމެއިލް އެޑްރެހަށް ޕޯސްޓުގެ ޒަރީއާއިން ނުވަތަ ޓެލެގްރަފިކް ވަސީލަތެއް ބޭނުންކޮށްގެން ފޮނުވުން.
(ބ) ހުއްދަ ދެވިފައިވާ އޮފިސަރަކު މައުލޫމާތު އެއްކުރުމުގެ ގޮތުން އެއްވެސް ފަރާތަކަށް ބޭނުންވާ މައުލޫމާތާބެހޭ ލިޔުމެއް ފޮނުވައިފިނަމަ އެނޫން ގޮތަކަށް ސާބިތުނުވާހައި ހިނދަކު ބެލެވޭނީ މިގަވާއިދުގެ ދަށުން ހުއްދަކުރާ އަދި އެފަރާތަކުން ދޭންޖެހޭ މައުލޫމާތެއް ކަމަށެވެ.
(ޅ) ހުއްދަ ދެވިފައިވާ އޮފިސަރަކަށް ތަފާސްހިސާބާބެހޭ މައި އިދާރާގެ އެންމެ އިސް ފަރާތުގެ ހުއްދަ ލިޔުމަކުން ލިބިގެން އެކަށީގެންވާ ވަގުތުތަކެއްގައި ތަފާސްހިސާބާބެހޭ މައުލޫމާތު އެއްކުރުމުގެ ބޭނުމުގައި މީހުން ވަޒީފާގައި ގެންގުޅޭ ތަންތަނާއި އިމާރާތްތަކާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ނުވަތަ ވައިގެ އުޅަނދުފަހަރަށް އަރައި މައުލޫމާތު ސާފުކުރެވިދާނެއެވެ. ހުއްދަ ދެވިފައިވާ އޮފިސަރަކަށް މީހުން ދިރިއުޅޭ ގެއަކަށް ނުވަތަ ތަނަކަށް ވަދެވޭނީ އެތަނެއްގައި އުޅޭ ބައެއްގެ ހުއްދައާއެކު މިމާއްދާގެ ދަށުން ތަފާސްހިސާބާބެހޭ މައުލޫމާތު އެއްކުރުމުގެ ބޭނުމުގައެވެ.
(ކ) ހުއްދަ ދެވިފައިވާ އޮފިސަރަކަށް ތަފާސްހިސާބުގެ މައުލޫމާތު ހޯދުމަށް މީހުން ދިރިއުޅޭ ގެއަކަށް ނުވަތަ ތަނަކަށް ވަނުމުގެ ހުއްދަ، އެ ގެއެއް ނުވަތަ ތަނެއްގެ ވެރިފަރާތުން ނުދީފިނަމަ، ކޯޓު އަމުރެއްގެ ދަށުން އެ ގެއަކަށް ނުވަތަ ތަނަކަށް ވަދެ ތަފާސްހިސާބުގެ މައުލޫމާތު ހޯދުމުގެ ބާރު ތަފާސްހިސާބާބެހޭ މައި އިދާރާއަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ – ތަފާސްހިސާބު އެއްކުރުމުގެ ހުއްދަ
(ހ) ބޯހިމެނުމާއި ގައުމީ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ "ޑެޒިގްނޭޓެޑް ސްޓެޓިސްޓިކްސް" ހޯދުމަށް ކުރެވޭ ސަރވޭކުރާނީ ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާ ނުވަތަ އެކަމަށްޓަކައި އެ އިދާރާއިން ކަނޑައަޅާ ފަރާތަކުންނެވެ.
(ށ) ސަރުކާރުގެ ވުޒާރާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ސަރވޭ ކުރަންވާނީ ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއިން ހުއްދަ ލިބިގެންނެވެ. މިގޮތުން ހުއްދައަށް އެދޭ ސަރވޭއަކީ މާލޭގައި ނުވަތަ އަތޮޅުތަކުގައި ކުރަން ކަނޑައެޅޭ ސަރވޭއެއް ކަމުގައިވާނަމަ ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއަށް ހުށަހަޅާއިރު އެ އިރަކު އަތޮޅުތައް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އިދާރާއަކުން އަދި ސަރވޭއެއް ކުރެވޭ އަތޮޅަށާއި ރަށަށް އަންގަންވާނެއެވެ. އަދި މީގެ އިތުރުން އެސަރވޭއަކީ ވަކި ދާއިރާއަކާ ގުޅޭ ސަރވޭއެއްނަމަ، ސަރުކާރުގެ ކަމާބެހޭ އިދާރާގެ މަށްވަރާ ހޯދަންވާނެއެވެ.
(ނ) ތަފާސް ހިސާބު އެއްކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން ކުރެވޭ އިދާރީ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތްތަކެއް ނުހިމެނޭނެއެވެ.
(ރ) ސަރވޭކުރުމުގެ ހުއްދައަށް އެދޭއިރު ސަރވޭ ކުރުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އެފޯމުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔުމަކާއެކު ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ފަދަ ސަރވޭ ކުރަންވާނީ އެކަމަށް ހުއްދަދީފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ތާރީހުތަކާއި މައުލޫމާތާއި އެ ފޯމުގައިވާ ލިޔުންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއިން އެއްވެސް ކަމަކަށް ބަދަލެއް ގެންނަން ބޭނުންވާނަމަ، ސަރވޭ ކުރުމުގެ ކުރިން ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ އިދާރާއަށް ލިޔެ، އެފަރާތުގެ ހުއްދަ ހޯދަންވާނެއެވެ.
(ޅ) ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ރަސްމީ ބޭނުންތަކަށް ތަފާސްހިސާބު އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހުންގެ އަތުގައި، އެކަމަށްޓަކައި ސަރުކާރުގެ ތަފާސްހިސާބާބެހޭ މައި އިދާރާއިން ހުއްދަ ލިބިފައިވާ ބަޔަކުކަން އަންގައިދޭ "ސަރވޭ ކުރުމުގެ ހުއްދަ" ރަސްމީ ލިޔުމެއް އޮންނަންވާނެއެވެ. އަދި މައުލޫމާތުދޭ ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި މިލިޔުން އެފަރާތަކަށް ދައްކަން ވާނެއެވެ.
8 ވަނަ މާއްދާ – ސަރވޭކުރުމުގެ ހުއްދަ
(ހ) ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ބޭނުންތަކަށް ތަފާސްހިސާބު އެއްކުރުމުގެ ސަރވޭ ކުރެވޭނީ ހަމައެކަނި ތަފާސްހިސާބާބެހޭ މައި އިދާރާއިން ހުއްދަ ދޫކުރެވޭ ފަރާތްތަކަށެވެ. މިހުއްދައަށް އެދޭނީ ތަފާސްހިސާބާބެހޭ މައި އިދާރާއިން ދޫކުރާ ސަރވޭ ކުރުމުގެ ހުއްދައަށް އެދޭ ފޯމުންނެވެ.
(ށ) ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ބޭނުންތަކަށް ފިޔަވައި އެހެނިހެން ކަންކަމުގައި ރާއްޖޭގައި ކުރެވޭ ސަރވޭތަކަށް ތަފާސްހިސާބުގެ މައި އިދާރާއިން ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.
(ނ) އުސޫލެއްގެ ގޮތުން ސަރވޭއެއް ކުރުމުގެ 4 (ހަތަރެއް) ހަފުތާގެ ކުރިން ފުރިހަމަ މައުލޫމާތާއެކު ހުއްދައަށް އެދެންވާނެއެވެ.
(ރ) ހުއްދަ ދޫކުރެވޭނީ ފޯމު ހުށަހަޅާތާ 1 (އެކެއް) ހަފުތާގެ ތެރޭގައެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ސަރވޭ ކުރުމުގެ ހުއްދަ ދޫކުރެވޭނީ މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފޯމުގައިވާ ލިޔެކިޔުންތަކާއެކު ތަފާސްހިސާބާބެހޭ މައި އިދާރާއަށް ހުށަހަޅާ ފަރާތްތަކަށެވެ.
(ޅ) މި ގަވާއިދުގެ ދަށުން ހުއްދަދެވިފައިވާ ސަރވޭއެއް ކުރާނަމަ އެސަރވޭއެއް ކުރުމުގެ 1 (އެކެއް) ހަފުތާގެ ކުރިން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.
9 ވަނަ މާއްދާ – ތަފާސްހިސާބު އެއްކުރުމުގެ އުސޫލު
(ހ) ބޯހިމެނުމުގެ އުސޫލު: ބޯހިމެނުމުގެ ކަންތައްތައް ކުރިއަށް ގެންދަންވާނީ ތިރީގައިވާ އުސޫލުތަކުގެ މަތީންނެވެ.
- ދިވެހިރާއްޖޭގައި އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން މަދުވެގެން ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވަންވާނެއެވެ.
- ދިވެހިރާއްޖޭގައި އާބާދީއާއި ދިރިއުޅޭ ތަންތަނުގައި ބޯހިމެނުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. މިގޮތުން ބިނާކުރެވޭ އެއް އުސޫލަކީ ބޯހިމެނުން ހަވާލާދެވޭ ވަގުތު އެމީހަކު ހުރި ތަނަކުން ގުނުމެވެ. އަނެއް އުސޫލަކީ، ބޯހިމެނުން ހަވާލާދެވޭ ވަގުތު އެމީހަކު ރަޖިސްޓަރީ ވެފައިވާ ނުވަތަ އާންމުކޮށް ދިރިއުޅޭ ތަނަކުން ގުނުމެވެ.
- އެހެން ބޯހިމެނުންތައް ބޭއްވޭނީ ހަމަޖެހިފައިވާ ބައިނަލްއަގްވާމީ އުސޫލުންނެވެ.
- ބޯހިމެނުމުގައި މައުލޫމާތު އެއްކުރެވޭނީ އެކަމަށް ކަނޑައެޅިފައިވާ ސުވާލުކަރުދާހެއް ފުރިހަމަކޮށްގެންނެވެ.
- ރާއްޖޭގައި ބޯހިމެނުމުގެ މައުލޫމާތު އެއްކުރެވޭނީ ދިވެހިބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ.
(ށ) ސަރވޭކުރުމުގެ އުސޫލު: ސަރވޭއަކީ ހަވާލާދެވޭ އާބާދީއަކަށް ނުވަތަ ހުރިހާ އެއްޗަކަށް ނިސްބަތްވާގޮތަށް ހޮވޭ ސާމްޕަލަކަށް ބިނާކޮށް މައުލޫމާތު ނެގުމެވެ.
- ދިވެހިރާއްޖޭގައި ތަފާސްހިސާބު އެއްކުރުމަށް ކުރެވޭ ސާރވޭތައް ކުރުމުގައި އެ ދާއިރާއަކުން ކަނޑައެޅިފައިވާ ބައިނަލްއަގްވާމީ އުސޫލުތަކުގެ މައްޗަށް ރިއާޔަތް ކުރަންވާނެއެވެ.
- ސަރވޭ ކުރެވޭނީ އާންމުންނާ ސުވާލުކޮށްގެން ނުވަތަ އެފަރާތްތަކަށް ސުވާލުކަރުދާހެއް ފޮނުވައިގެން ނުވަތަ ފޯނު މެދުވެރިކޮށް ނުވަތަ ބަލައި ފާހަގަކޮށްގެންނެވެ.
- ސަރވޭއަށް މައުލޫމާތު އެއްކުރެވޭނީ އާންމުގޮތެއްގައި ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. މިނޫން ބަހަކުން މައުލޫމާތު ހޯދަން ވާނީ ތަފާސްހިސާބާބެހޭ މައި އިދާރާގެ ހުއްދަ ލިބިގެންނެވެ.
(ނ) އާބާދީގެ ބޯހިމެނުމާއި އެހެން ބޯހިމެނުންތައް ތަފާތުކުރުމަށްޓަކައި އެހެން ބޯހިމެނުންތަކަށް ހަވާލާދެވޭ ހިނދު އެ ބޯހިމެނުމެއްގެ ތަފުސީލު ނަން ބަޔާންކުރަން ވާނެއެވެ.
10 ވަނަ މާއްދާ - ތަފާސްހިސާބާބެހޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި ބޭނުންކުރުން
(ހ) ތަފާސްހިސާބު ހޯދުމަށްޓަކައި ހިންގޭ ހަރަކާތްތަކުން އެއްކުރެވޭ މައުލޫމާތު ކޯޑުކުރުމުގައި ބޭނުންކުރެވޭ ކޯޑިންގ ސިސްޓަމްތައް އެއްގޮތް ކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ކޯޑުކުރުމުގައި ބޭނުންކުރަންވާނީ ބައިނަލްއަގްވާމީ ފެންވަރެއްގައި ތައްޔާރުކުރެވިފައިވާ ކުލެސިފިކޭޝަން ސިސްޓަމެއް ނުވަތަ ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގެ ސިސްޓަމެއްގެ މައްޗަށް ބުރަވެ ތައްޔާރުކުރެވިފައިވާ ކްލެސިފިކޭޝަން ސިސްޓަމެކެވެ. އަލަށް ތައްޔާރުކުރެވޭ ކްލެސިފިކޭޝަން ސިސްޓަމުތަކަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއިން ގަބޫލުކުރާ ސިސްޓަމަކަށް ވާންވާނެއެވެ.
(ށ) މިގަވާއިދުގެ ދަށުން އެއްކުރެވޭ މައުލޫމާތު ބޭނުން ކުރުމުގައި ފުރަތަމަ އަމާޒުކުރަން ވާނީ އެ މައުލޫމާތެއް އެއްކުރެވުނު މަގުސަދު ފުރިހަމަ ކުރުމަށެވެ. އަދި ނެގޭ މައުލޫމާތުގެ މައްޗަށް އިތުރު ދިރާސާކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނަންވާނެއެވެ.
(ނ) ޑެޒިގްނޭޓެޑް ސްޓެޓިސްޓިކްސްގެ ގޮތުގައި ކަނޑައެޅޭ އެއްވެސް މައުލޫމާތެއް އާންމުކުރަން ވާނީ ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއިން ހުއްދަ ލިބިގެންނެވެ.
(ރ) ސަރުކާރުގެ ކަމާބެހޭ އޮފީސްތަކުން އަދި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން އިދާރީ ބޭނުމަށް ނަގައި ބަލަހައްޓާ މައުލޫމާތު، ތަފާސްހިސާބުގެ ބޭނުމަށް ތަފާސްހިސާބާބެހޭ މައި އިދާރާއަށް ބޭނުންވެއްޖެނަމަ ފޯރުވައިދޭންވާނެއެވެ. މިގޮތުން ކުންފުނިތަކުން ދައުލަތަށް ހުށަހަޅާ އަހަރީ ހިސާބުތައް، ޓެކްސް ރިކޯޑުތައް، ޕެންށަން ޑޭޓާ، ސިވިލް ރެޖިސްޓްރޭށަން ޑޭޓާބޭސް ފަދަ މައުލޫމާތުތައް އިދާރީ ތަފާސްހިސާބުގެ ބޭނުމަށް ތަފާސްހިސާބާބެހޭ މައި އިދާރާއަށް މިގަވާއިދުގެ ދަށުން ފޯރުވައިދޭންވާނެއެވެ. މިގޮތުން ޔުނިޓް ލެވެލްގެ ޑޭޓާ ހޯދުމާއި އެކިއެކި ޑޭޓާސެޓް ގުޅުވައިގެން ތަފާސްހިސާބުގެ ބޭނުމަށް މައުލޫމާތު އެކުލަވާލައި ދިރާސާކުރުމުގައި މިފަދަ އިދާރީ ތަފާސްހިސާބު ބޭނުންކުރުމުގެ ބާރު ތަފާސްހިސާބާބެހޭ މައި އިދާރާއަށް ލިބިގެންވެއެވެ.
ތިންވަނަ ބާބު
ތަފާސްހިސާބުގެ ގަވާއިދުގެ ދަށުން މައުލޫމާތު އާންމުކުރުން އަދި މައުލޫމާތުގެ ސިއްރު ހިފެހެއްޓުން
11 ވަނަ މާއްދާ – މައުލޫމާތެއް އާންމުކުރުން އަދި ސިއްރު ހިފެހެއްޓުން
(ހ) ތަފާސްހިސާބުގެ ގޮތުގައި ހޯދައި އެއްކޮށްފައިވާ މައުލޫމާތު އާންމުކުރަން ވާނީ ޖުމުލަ ހިސާބުތަކެއްގެ ގޮތުގައި ތަފާސްހިސާބުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ށ) އެއްވެސް ފަރާތަކުން ހޯދާ މައުލޫމާތެއް ތަފާސްހިސާބުގެ ގޮތުގައި އާންމުކުރާއިރު އެ މައުލޫމާތެއް ދިން ފަރާތެއް ހާމަވާ ގޮތަށް އާންމުކޮށްގެން ނުވާނެއެވެ.
(ނ) ތަފާސްހިސާބުގެ ގޮތުގައި އެއްކުރެވޭ ވަކި ފަރުދެއް ނުވަތަ ވަކި ޖަމާއަތަކާބެހޭ މައުލޫމާތަކީ އެ މައުލޫމާތު ދިން ފަރާތުގެ ސިއްރެއްގެ ގޮތުގައި ހިފަހައްޓަންވާނެ އެއްޗެކެވެ.
(ރ) މިގަވާއިދުގެ ދަށުން ހޯދާ އެއްކުރެވޭ އެއްވެސް މައުލޫމާތެއް ކަމާނުބެހޭ ފަރާތަކަށް، މިމާއްދާގެ (ހ) އަދި (ށ) ގައިވާ ފަދަ ގޮތަކަށް މެނުވީ ހާމަކޮށްގެން ނުވާނެއެވެ.
(ބ) މިގަވާއިދުގެ ދަށުން ކުރެވޭ ދައުވާއެއްގެ ބޭނުމުގައި މެނުވީ؛
- މިގަވާއިދުގެ ބޭނުމަކަށް ރައްދުކޮށްފައިވާ މައުލޫމާތުތަކެއް ނުވަތަ އެފަދަ މައުލޫމާތުގެ ބައެއް؛
- މިގަވާއިދުގެ ބޭނުމަކަށް ކުރެވިފައިވާ ސުވާލެއްގެ ޖަވާބެއް؛
- ހުށަހެޅިފައިވާ މައުލޫމާތެއް ނުވަތަ ސުވާލަކަށް ދީފައިވާ ޖަވާބުގައި ހިމެނޭ މައުލޫމާތު އެކުލެވިގެންވާ ރިޕޯޓު ނުވަތަ ހުލާސާ ލިޔުމެއްގައި އަދި މައުލޫމާތު އެކުލެވިގެންވާ ގޮތުން އެއީ ކާކުކަން، ނުވަތަ ކޮން ވިޔަފާރިވެރިއެއްކަން ނުވަތަ މަސައްކަތެއްކަން ފަހަރުގައި ހާމަވެދާނެ ކަމަށް ލަފާކުރެވޭ ރިޕޯޓާއި ލިޔުން؛
- ކޮމްޕިއުޓަރ އަދި މިނޫންވެސް އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ރައްކާކުރެވިފައިވާ މައުލޫމާތުތަކެއް ނުވަތަ އެފަދަ މައުލޫމާތެއްގެ ބައެއް ނަމަވެސް މިގަވާއިދުގެ ދަށުން ވަޒީފާއަކަށް އައްޔަންކުރެވިފައިވާ މީހަކަށް މެނުވީ، އެ މައުލޫމާތު ދިން ފަރާތުގެ، ވިޔަފާރިވެރިއެއްނަމަ އެ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ހިންގައި ބެލެހެއްޓުމާއި ހަވާލުވެ ހުރި ފަރާތުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައި މެނުވީ ށާއިއުކޮށްގެން ނުވާނެއެވެ. ނުވަތަ ހެކީގެ ގޮތުގައި ހުށަހަޅައިގެން ނުވާނެއެވެ.
(ޅ) އެއްވެސް މީހަކު، ނުވަތަ ވިޔަފާރިއަކުން، ނުވަތަ މަސައްކަތެއް ކުރާ ފަރާތަކުން މިމާއްދާގެ (ބ)ގައިވާ މައުލޫމާތު އެފަރާތުން އަމިއްލައަށް ށާއިއުކޮށް ނުވަތަ އެފަދަ މައުލޫމާތު ކޮމްޕިއުޓަރުގެ ޒަރީއާއިން އާންމުކޮށް ލިބެން ހުންނަ ގޮތަށް ބަހައްޓައިފިނަމަ ނުވަތަ ބަހައްޓާނަމަ މިމާއްދާގެ (ބ) އިން އިސްތިސްނާ ވާނެއެވެ.
(ކ) ރިޕޯޓެއް ނުވަތަ ރިޕޯޓެއްގެ ހުލާސާ ނުވަތަ އެފަދަ ލިޔުމެއްގައި ހިމަނާ މައުލޫމާތު ށާއިއުކުރުމުގެ ސަބަބުން އެމައުލޫމާތެއް ރައްދުވާ ފަރާތް އާންމުކޮށް އެނގުމުގެ ހަމައެކަނި ސަބަބަކީ އެފަރާތަކީ އެއިދާރާގައި ހަރަކާތްތެރިވާ ހަމައެކަނި ފަރާތްކަމުގައިވެފައި، އަދި ށާއިއުކުރެވޭ މައުލޫމާތު ރައްދުވާ ފަރާތުން އެއްޗެއް އުފެއްދުމަށް (ޕްރޮޑަކްށަންއަށް) ހަރަދުކުރާ ވަރު ނުވަތަ އެކަމަށް ރައުސްމާލު ބޭނުންކުރެވޭ އަދަދު ނުވަތަ އެ މަސައްކަތުން ލިބޭ ފައިދާގެ މިންވަރު ކަނޑައެޅިގެން ބަޔާން ނުވާހައި ހިނދަކު، އެފަދަ މައުލޫމާތެއް ށާއިއުކުރެވިދާނެއެވެ.
(އ) މި ގަވާއިދުގައިވާ ގޮތުގެމަތިން އެއްކުރެވިފައިވާ ތަފާސްހިސާބު އާންމުކުރުމުގެ ކުރިން އެ މައުލުމާތު ނެގިފައިވަނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންތޯއާއި އެ މައުލޫމާތަކީ ތެދު އަދި ފެންވަރު ރަނގަޅު މައުލޫމާތެއްތޯ ބެލުމުގެ އިތުރުން، އެ މައުލޫމާތު ނެގި ފަރާތުގެ ސިއްރު ހިފެހެއްޓިފައިވޭތޯ ތަފާސްހިސާބާބެހޭ މައި އިދާރާގެ އެންމެ އިސް ފަރާތުން ބަލަންވާނެއެވެ.
(ވ) ތަފާސްހިސާބާބެހޭ މައި އިދާރާގެ ފަރާތުން ތަފާސްހިސާބުގެ ގައުމީ ވިޔުގައެއް އުފެއްދުމަށް މަގުފަހިކުރުމުގެ ގޮތުން ނުވަތަ މިގަވާއިދުގެ ދަށުން ކުރަންޖެހޭ އެހެން މަސައްކަތެއް ކުރުމުގައި ތަފާސްހިސާބާބެހޭ މައި އިދާރާގެ މަގުސަދުތަކާ އެއްގޮތް މަގުސަދުތަކެއް ހުންނަ ނުވަތަ މަސައްކަތުގެ ގޮތުން އެއްހަމަތަކެއް ގެންގުޅޭ އެހެނިހެން އިދާރާތަކާއެކު މަށްވަރާކޮށް އެ އިދާރާތަކުގެ އެއްބާރުލުން ހޯދަންވާނެއެވެ.
(މ) މިގަވާއިދުގެ ދަށުން ތަފާސްހިސާބާބެހޭ މައި އިދާރާއިން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ހުރިހާ އިދާރާތަކެއްގެ އެއްބާރުލުން ތަފާސްހިސާބާބެހޭ މައި އިދާރާއަށް ފޯރުވައިދިނުމަކީ އެއިދާރާތަކުގެ ޒިންމާއެކެވެ.
12 ވަނަ މާއްދާ – އާންމުންގެ މަސްއޫލިއްޔަތު
(ހ) މިގަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ރަސްމީ ބޭނުމަކަށް އެއްކުރާ މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު އެފަރާތަކަށް ދޭންވާނެއެވެ.
(ށ) ތަފާސްހިސާބާބެހޭ މައި އިދާރާގެ ހުއްދަ ހޯދައިގެން ތަފާސްހިސާބު ހޯދުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ހޯދާ މައުލޫމާތަކީ، ތަރައްގީގެ އެކިއެކި ބޭނުންތަކަށް ބޭނުންކުރާނެ މައުލޫމާތުކަމަށް ވާނަމަ، އެފަދަ މައުލޫމާތަކަށް އެދޭ ފަރާތްތަކަށް އެމައުލޫމާތު ދޭންވާނެއެވެ.
(ނ) ތަފާސްހިސާބާބެހޭ މައި އިދާރާގެ ހުއްދަ ހޯދައިގެން އެކިއެކި ތަހުލީލު ނުވަތަ ދިރާސާތަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތްތަކުން ކުރާ ސަރވޭތަކުގައި ހޯދަން އުޅޭ މައުލޫމާތު، އެފަރާތަކަށް ދޭންވާނެއެވެ.
(ރ) މިގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން ތަފާސްހިސާބުގެ މައުލޫމާތު ހޯދުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ދަތިކުރުމުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ.
(ބ) މިގަވާއިދުގެ ދަށުން ތަފާސްހިސާބާބެހޭ މައުލޫމާތެއް އެއްވެސް ފަރާތަކަށް ދިނުމުގެ ކުރިން، މައުލޫމާތު އެއްކުރަން ދާ ފަރާތަކީ އެކަމުގެ ހުއްދަ ލިބިފައިވާ މީހަކުތޯ ބަލަންވާނެއެވެ. އަދި މިފަދަ ހުއްދައެއް އޮތްކަން އެނގޭނެ ފަދަ ލިޔުމެއް ނުވަތަ ނިށާނެއް ނެތް ފަރާތަކަށް ދެވޭ އެއްވެސް މައުލޫމާތަކީ މި ގަވާއިދުގެ ދަށުން ރައްކާތެރިކަން ލިބިދޭނެ މައުލޫމާތެއް ނޫނެވެ.
ހަތަރުވަނަ ބާބު
ތަފާސްހިސާބުގެ ގަވާއިދާ ހިލާފުވުމާއި ފިޔަވަޅު އެޅޭނެގޮތްތައް
13 ވަނަ މާއްދާ – ގަވާއިދާ ހިލާފުވުން
(ހ) މިގަވާއިދާ ހިލާފުވެއްޖެނަމަ ތިރީގައިވާ ގޮތުގެމަތީން ފިޔަވަޅު އެޅުމުގެ އިހުތިޔާރު ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއަށް ލިބިގެންވެއެވެ.
- ގަވާއިދާ ހިލާފަށް ކުރަމުންގެންދާ ކަމެއް ރަނގަޅުކުރުމަށް އެންގުމާއި އެކަން ރަނގަޅު ކުރެވެންދެން މަސައްކަތް ކުރިއަށް ގެންދިއުން މަނާކުރުން.
- ތަފާސްހިސާބުގެ މައުލޫމާތު ހޯދައި އާންމުކުރުމަށް އެފަރާތަކަށް ދެވިފައިވާ ހުއްދަ ބާތިލުކުރުން. މިގޮތުން ހުއްދަ ބާތިލުކުރެވޭނެ މުއްދަތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މައި އިދާރާއިންނެވެ.
- މިގަވާއިދާ ހިލާފުވެއްޖެނަމަ ކުރިން އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 10,000/- (ދިހަ ހާސް) ރުފިޔާއާއި 100,000/- (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން.
- މައްސަލަ ށަރީއަތަށް ހުށަހެޅުން.
(ށ) މިގަވާއިދު ހުއްދަކުރާ އެއްވެސް މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވާ މީހަކު ތިރީގައިވާ ކަންކަމުންކުރެ ކަމެއް ކޮށްފިނަމަ އެއީ ކުށެކެވެ. އެކުށުގެ އަދަބަކީ 1000/- (އެއް ހާސް) ރުފިޔާއާއި 60,000/- (ފަސްދޮޅަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
- ވަޒީފާ އަދާކުރުމުގައި ލިބޭ މައުލޫމާތެއް އާންމުކުރުމުގެ ކުރިން އެމައުލޫމާތެއްގެ އެހީގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އޭނާގެ އަމިއްލަ މަންފާއަށް ނުވަތަ ފައިދާއަށް ބޭނުންކުރުން؛ ނުވަތަ
- އަދާކުރާ ވަޒީފާގެ ގޮތުން ލިބޭ މައުލޫމާތެއް ހުއްދަ ނެތި އާންމުކުރުން ނުވަތަ ކަމާނުބެހޭ ފަރާތަކަށް ހާމަކުރުން؛ ނުވަތަ
- އެނގިހުރެ ތަފާސްހިސާބާބެހޭ މައުލޫމާތު ނުވަތަ ތަފާސްހިސާބު މީހަކަށް ހާމަކުރުމުގެ މަގުސަދުގައި އެއްކޮށްފިނަމަ، ނުވަތަ
- އެއްވެސް މީހަކު އޭނާއަށް ލިބިފައިވާ މައުލޫމާތަކީ މި ގަވާއިދާ ހިލާފަށް ހާމާވެފައިވާ މައުލޫމާތެއްކަން ދެނެހުރެ އެފަދަ މައުލޫމާތު ށާއިއުކޮށް ނުވަތަ އެހެން ފަރާތަކަށް ފޯރުވައިދިނުން.
(ނ) އެއްވެސް މީހަކު، ތިރީގައިވާ ކަންކަމުންކުރެ ކަމެއް ކޮށްފިނަމަ އެއީ ކުށެކެވެ. އެކުށުގެ އަދަބަކީ 5000/- (ފަސް ހާސް) ރުފިޔާ އާއި 30,000/- (ތިރީސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
- މިގަވާއިދުގެ ދަށުން އެއްވެސް ޒިންމާއެއް އުފުލުމަށް ހުއްދަދީފައިވާ އޮފިސަރަކު ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނުވަތަ އޭނާއަށް މިގަވާއިދުގެ ދަށުން ލިބިދޭ ނުވަތަ ބޭނުންކުރަންޖެހޭ ބާރެއްގެ ބޭނުން ކުރުމަށް ދަތިކޮށް ނުވަތަ ހުރަސްއަޅައިފިނަމަ؛ ނުވަތަ
- އަންނަނިވި ކަންކަމާ ދެކޮޅުހަދައި ނުވަތަ އެކަންކަން ކުރުމުގައި އިހުމާލުވެއްޖެނަމަ:-
(ހ) އެފަރާތަކަށް ފޮނުވާފައިވާ ނުވަތަ އެފަރާތަކަށް ހަވާލުކުރެވިފައިވާ އަނބުރާ ފޮނުވަންޖެހޭ އެއްވެސް އެއްޗެއް ނުވަތަ ފޯމެއް ނުވަތަ މިނޫން އެހެން ލިޔުމެއްގައި ބޭނުންވާ މައުލޫމާތު ފުރިހަމަކުރުމަށްފަހު އެތަކެތި އަނބުރާ ފޮނުވަން ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން؛
(ށ) މި ގަވާއިދުގެ ދަށުން އެފަރާތަކަށް ކުރެވިފައިވާ ސުވާލަކަށް ނުވަތަ ސާފުކުރަން ބޭނުންވާ މައުލޫމާތެއް ފޯރުވައިދިނުން.
(ރ) މިގަވާއިދުގެ ދަށުން މައުލޫމާތު އެއްކުރުމުގައި އެފަރާތަކަށް ފޮނުވިފައިވާ އަނބުރާ ފޮނުވަންޖެހޭ އެއްވެސް އެއްޗެއް ނުވަތަ ފޯމެއް ނުވަތަ އެފަދަ ލިޔުމެއް ފުރިހަމަކުރުމުގައި، ނުވަތަ ހުށަހަޅާ ސުވާލަކަށް ނުވަތަ މައުލޫމާތު ސާފުކުރުމަށް ބޭނުންވެގެން އެކަމަށް ޖަވާބުދާރީވުމުގައި، ނުވަތަ މައުލޫމާތެއް ނުވަތަ ބަޔާނެއް ފޯރުވައިދިނުމުގައި، ގަސްދުގައި ނުވަތަ އިހުމާލުން ނަމަވެސް ތެދުނޫން މައުލޫމާތު ދިނުމަކީ ކުށެކެވެ.
ފަސްވަނަ ބާބު
ތަފާސްހިސާބުގެނިޒާމު ތަރައްގީކޮށް ވިލަރެސްކުރުމަށްގައުމީ އަދި ބައިނަލްއަގްވާމީގުޅުން ގާއިމުކޮށް ދެމެހެއްޓުން
14 ވަނަ މާއްދާ – ތަފާސްހިސާބުގެ ނިޒާމު ތަރައްގީކޮށް ވިލަރެސްކުރުން
(ހ) ރާއްޖޭގެ ތަފާސްހިސާބުގެ ސިޔާސަތު ކަނޑައެޅުމާއި ތަފާސްހިސާބު ނަގައިބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ހުރިހާ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި މަސައްކަތްތައް ރާވައި ހިންގުމުގައި އޮންނަންޖެހޭ ގުޅުން ހަރުދަނާ ގޮތެއްގައި ގާއިމުކުރުމާއި ދެމެހެއްޓުން އަދި ވިލަރެސްކުރުމަކީ ތަފާސްހިސާބާބެހޭ މައި އިދާރާގެ މަސްއޫލިއްޔަތެކެވެ.
(ށ) މިގޮތުން ތަފާސްހިސާބާބެހޭ މަސައްކަތްތައް ކުރުމަށް މަގުފަހިކޮށް އެހީތެރިވުމުގެ ގޮތުން " ތަފާސްހިސާބުގެ ނިޒާމު ވިލަރެސްކުރާ ކޮމިޓީ" އެއް ގާއިމުކުރެވިފައި އޮންނަންވާނެއެވެ.
(ނ) އަދި ތަފާސްހިސާބުގެ މަސައްކަތް ކުރާ ދިވެހިރާއްޖެއާ ސިޔާސީ ގޮތުން ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ތަފާސްހިސާބުގެ އޮފީސްތަކާއެކު ހަރުދަނާ ގުޅުންތައް ގާއިމުކޮށް މަސައްކަތުގެ އެއްބަސްވުންތައް އެކުލަވައިލުމަކީ ތަފާސްހިސާބާބެހޭ މައި އިދާރާގެ ޒިންމާއެކެވެ.
15 ވަނަ މާއްދާ – ނެށަނަލް ސްޓެޓިސްޓިކަލް ކޯޑިނޭޓިންގ ކޮމިޓީއެއް އެކުލަވާލުމާއި ދެމެހެއްޓުން
(ހ) ތަފާސްހިސާބާބެހޭ މައި އިދާރާގެ ފަރާތުން ހިންގާ އަދި ލާމަރުކަޒީ ނިޒާމުގެ ދަށުން އެކި އިދާރާތަކުން ހިންގާ ތަފާސްހިސާބާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ނެށަނަލް ސްޓެޓިސްޓިކަލް ކޯޑިނޭޓިންގ ކޮމިޓީގެ ނަމުގައި ހަރަކާތްތެރިވާ ކޮމިޓީއެއް އޮންނަންވާނެއެވެ.
(ށ) ނެށަނަލް ސްޓެޓިސްޓިކަލް ކޯޑިނޭޓިންގ ކޮމިޓީގައި ހިމެނޭނީ، ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ އޮނިގަނޑުގައި ބަޔާންކުރެވިފައިވާ ވުޒާރާތަކާއި މުއައްސަސާތަކުން ކަނޑައަޅާ ފަރާތްތަކެވެ.
(ނ) ކޮމިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
- ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު(ޖީ.ޑީ.ޕީ) ގެ ހިސާބުތަކާއި އިގުތިސާދީ އަދި އިޖުތިމާއީ މުހިންމު މިންގަނޑުތައް ތައްޔާރުކުރުމުގައި އެދާއިރާގެ މައުލޫމާތު ދިނުން.
- މައުލޫމާތު ދިނުމާއެކު މިމިންގަނޑުތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއެކު އެދާއިރާއެއްގެ ކަމާބެހޭ ފަރާތްތަކާ މަށްވަރާކުރެވިގެން ސައްހަ އަދަދުތަކެއް ނެރެވޭނެގޮތަށް މަސައްކަތް ކުރިއަށްގެންދިއުން.
- ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކި ދާއިރާތަކުން ނެގޭ މައުލޫމާތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
- ބޯހިމެނުމާއި ސަރވޭތަކުގައި ދާއިރާތަކުގެ ކަމާބެހޭ ފަރާތްތަކާ މަށްވަރާކުރެވިގެން، އެ ދާއިރާތަކާ ގުޅޭގޮތުން އިރުށާދުދިނުން.
- ތަފާސްހިސާބު ށާއިއުކުރުމުގައާއި ފޯރުވައިދިނުމުގައި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އަވަސްގޮތެއްގައި ލިބޭނެ ނިޒާމެއް ގާއިމުކުރުމުގައި ބައިވެރިވެ އެހީތެރިވެ ދިނުން.
16 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
----------------------
ޖަދުވަލުތައް
އެއްވަނަ ޖަދުވަލު
ގަވާއިދުގައި ހިމެނޭ ބައެއް ބަސްބަހުގެ މާނަ
(ހ) "ބޯހިމެނުން" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ މުޅި އާބާދީ ހިމެނޭ ގޮތަށް ތަފާސްހިސާބާބެހޭ މައުލޫމާތު ނެގުމަށެވެ.
(ށ) "ތަފާސްހިސާބުގެ ގައުމީ ނިޒާމު" ކަމަށް ބުނެފައިވާ މާނައިގައި ރާއްޖޭގައި ސަރވޭކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ތަފާސްހިސާބާބެހޭ މައުލޫމާތު އެއްކުރުމަށް ގާނޫނެއްގެ ދަށުން ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ހުއްދަ ދީފައިވާ ސަރުކާރާއި ސަރުކާރު ނޫން އޮފީސްތަކާއި އިދާރާތައް ހިމެނެއެވެ.
(ނ) "ތަފާސްހިސާބާބެހޭ ސާމްޕަލް ސަރވޭ" ކަމަށް ބުނެފައި އެވަނީ، ހަވާލާދެވޭ ވަކި އެއްޗެއް ހިމެނޭ ގޮތުން (މުޅި އަބާދީ ނުހިމެނޭ ގޮތަށް) ނެގޭ މައުލޫމާތެވެ. ސަރވޭއަކީ ހަވާލާދެވޭ އާބާދީއަކަށް ނުވަތަ ހުރިހާ އެއްޗަކަށް ނިސްބަތްވާ ގޮތަށް ހޮވޭ ސާމްޕަލަކަށް ބިނާކޮށް މައުލޫމާތު ނެގުމެވެ.
(ރ) "ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، ކޮންމެވެސް މައުލޫމާތެއް ދޭހަކޮށްދޭ ގޮތަށް ނެގޭ އަދަދުތަކަށެވެ.
(ބ) "ކްލެސިފިކޭށަން/ކޯޑިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ހޯދޭ މައުލޫމާތު ތަފާސްހިސާބަށް ބަދަލުކުރުމަށް ބޭނުންކުރެވޭ ހިސާބުކުރުމުގެ ނިޒާމުތަކަށެވެ.
(ޅ) "އިދާރީ ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، އަމަލުކުރެވޭ ސަރުކާރުގެ ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެއްކުރެވޭ މައުލޫމާތެވެ.
(ކ) "ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރުކާރުގެ ބޭނުންތަކަށް، ރާއްޖޭގެ ތަރައްގީއަށްޓަކައި، ދިވެހިރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ސަރުކާރުން ކަނޑައަޅާ ތަފާސްހިސާބާއި، އަދި ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެހެނިހެން ބައިނަލްއަގްވާމީ ނިންމުންތަކުގެ މަތިން ދިވެހިރާއްޖެއިން ނަގައި ބަލަހައްޓަން ލާޒިމުވާ ތަފާސްހިސާބެވެ. އަދި މިއީ ތަފާސްހިސާބާބެހޭ މައި އިދާރާއިން ކަނޑައަޅާ އިއުލާނުކުރާ ތަފާސްހިސާބެވެ.
(އ) "ބޭސިކް/އަސާސީ ތަފާސްހިސާބު" އަކީ، ގައުމީ ފެންވަރުގައި އެކިދާއިރާތަކުން ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ބޭނުންވާ، އިގުތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބާދީއާބެހޭ ތަފާސްހިސާބެވެ.
(ވ) "ސެކްޓޯރަލް/އެކިދާއިރާތަކުން ތަފާސްހިސާބު" އަކީ، އެކިދާއިރާތަކުން އެދާއިރާއެއްގެ ސިޔާސަތުތައް ނިންމުމަށާއި، އެކިފަރާތްތަކަށް ފޯރުވައިދިނުމަށް އެއްކޮށް ބަލަހައްޓާ ތަފާސްހިސާބެވެ.
----------------------
ދެވަނަ ޖަދުވަލު
އިގްރާރު
އަހުރެން................. ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން.................... ކަމުގެ ވަޒީފާ، ވަފާތެރިކަމާއި ތެދުވެރިކަމާއެކު އަދާކުރުމަށާއި، އެއްވެސް ހުއްދައަކާ ނުލައި، އަދި ވަޒީފާ އަދާކުރުމުގައި އެނގޭ ނުވަތަ ހާމަވާ އެއްވެސް މައުލޫމާތެއްގެ ފައިދާ ނުވަތަ އެފަދަ މައުލޫމާތެއް އާންމުކުރުމުގެ ކުރިން އަދި ފަހުންވެސް ސީދާ ނުވަތަ ނުސީދާ ގޮތަކަށް ނަމަވެސް އަމިއްލަ ފައިދާއަށްޓަކައި ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމަށް ހުވާ ކުރަމެވެ.
----------------------
ތިންވަނަ ޖަދުވަލު
ގައުމީ ނިޒާމުން ނަގައި ބަލަހައްޓަންޖެހޭ ތަފާސްހިސާބުގެ ދާއިރާތައް
- އާބާދީ
- ބޯހިޔާވަހިކަން
- ވިހާ މަރުވާ ހިސާބުތައް
- ހިޖުރަކުރުން
- ދިވެހިރާއްޖެއާއި ދިވެހިރާއްޖޭން ބޭރުގެ ވިޔަފާރި
- ދަނޑުވެރިކަން، މީގެ ތެރޭގައި ޖަނަވާރު ގެންގުޅުމާއި، ފެނުގައި ދަނޑުވެރިކަން ކުރުން އަދި މިނޫންވެސް މިފަދަ މަސައްކަތްތައް ހިމެނެއެވ.
- ބިމުކުލި އަދި ބިން ބޭނުންކުރެވޭ ގޮތްތައް
- ޖަންގަލި/ވާ އަދި ލަކުޑި ކެނޑުން
- މަސްވެރިކަން
- މައިންކުރުމާއި ކޮރީއިންގ، މީގެ ތެރޭގައި ދަގަނޑާއި މިނޫންވެސް މިފަދަ މައުދަނާއި ގުދުރަތީ ގޭހާއި ޕެޓްރޯލިއަމް ހިމެނެއެވެ.
- ކާރުހާނާތަކުން އުފައްދާ އުފެއްދުންތައް، އިމާރާތްކުރުން، އަދި އާންމުކޮށް އުފެއްދުންތެރިކަމާ ގުޅޭ މަސައްކަތްތައް
- ތެޔޮ އަދި މިނޫންވެސް ހަކަތައިގެ ބާވަތްތައް
- ޑިސްޓްރިބިއުޓިވް ޓްރޭޑްސް
- ބޭންކިންގ، އިންށުއަރެންސް، އަދި އެހެނިހެން މާލީ ކަންކަން
- ދަފުތަރާއި މުވާސަލާތީ ގުޅުން
- ވިޔަފާރި އަދި ޕްރޮފެށަނަލް ރޮނގުން ކުރެވޭ ކަންތައްތައް
- މުޖުތަމައު، ކުޅިވަރު/މުނިފޫހިފިލުވުން އަދި ޕަރސަނަލް ހިދުމަތްތައް
- މަދަނީ ހިދުމަތްތައް
- ސޯށަލް ވެލްފެއަރ
- ތައުލީމު
- ލޭބަރުން، މީގެ ތެރޭގައި ވަޒީފާގައި ކުރިމަތިވާ މައްސަލަތަކާއި ދެބަސްވުންތައް، އަދި މަސައްކަތުގައި ލިބޭ ގެއްލުންތަކާއި އެކްސިޑެންޓްތައް އަދި މި ކަންކަމަށް ލިބިދޭ ބަދަލު
- ސިއްހަތު
- ވަޒީފާގައި އުޅޭ މީހުންނާއި ވަޒީފާ ނުލިބިފައި ތިބި މީހުން
- މުސާރަ، އުޖޫރަ، ބޯނަސް، ފީ، އެލަވަންސް، އަދި މިފަދަ އެހެނިހެން ފައިސާ އަދި ދިގު މުއްދަތުގެ ހިދުމަތަށް ދެވޭ ރަމްޒީ ހަދިޔާ
- އާމްދަނީ، އަރނިންގްސް، ފައިދާ އަދި އިންޓްރަސްޓް
- އަމިއްލަ ހަރަދުތަކާއި ކެއިންބުއިން
- ބާކީކުރުން/ފަހަށް ރައްކާކުރުން
- ކެޕިޓަލް އިންވެސްޓްމަންޓް
- އުފައްދާފައިވާ ތަކެއްޗާއި އަދި މިނޫންވެސް ތަކެތީގެ ސްޓޮކް
- ގަނޑުކޮށް އަދި ވަކިވަކިން ތަކެތި ވިއްކާ އަގުތައް އަދި ދިރިއުޅުމުގެ ހަރަދު
- ބޭރު ފައިސާ އެހީ އަދި ބެލަންސް އޮފް ޕޭމަންޓާ ގުޅޭ ކަންތައްތައް
- ފަތުރުވެރިކަން
- ތިމާވެށި
- ސަރުކާރުގައި ނުހިމެނޭ ޖަމާއަތްތައް (އެންޖީއޯ)
- ބިޒްނަސް ރެޖިސްޓަރ
- ސިވިލް ރެޖިސްޓަރ
----------------------
ހަތަރުވަނަ ޖަދުވަލު
ރަސްމީ ތަފާސްހިސާބުގެ މައިގަނޑު އަސާސްތައް
އަސާސް1:
ރަސްމީ ތަފާސްހިސާބަކީ ޑިމޮކްރެޓިކް މުޖުތަމައެއްގެ މައުލޫމާތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އަގު ނުކުރެވޭހާ މުހިންމު ވަސީލަތެކެވެ. މިގޮތުން އިގުތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބާދީއާއި ބެހޭ ތަފާސްހިސާބުގެ އަލީގައި ސަރުކާރާއި، އާންމު ފަރުދުންނަށް ގައުމުގެ ހާލަތު ވަޒަންކުރުމަށް އެހީއަކަށްވެއެވެ. އެހެންކަމުން، ރައްޔިތުންނަށް ފޯރުވައިދޭންޖެހޭ އާންމު މައުލޫމާތުގެ ގޮތުގައި ސަރުކާރުގެ ތަފާސްހިސާބު ބަލަހައްޓާ ވުޒާރާތަކުން ރަސްމީ ތަފާސްހިސާބު އެކުލަވާލައި އެންމެހައި ފަރުދުންނަށް އެއްހަމައެއްގައި ފޯރުވައިދޭންޖެހެއެވެ.
އަސާސް2:
ރަސްމީ ތަފާސްހިސާބަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ އެއްޗެއްގެ ގޮތުގައި ހަދައި އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ތަފާސްހިސާބު ބަލަހައްޓާ ވުޒާރާތަކުން ތަފާސްހިސާބު އެއްކޮށް، އެކުލަވާލުމާއި ރައްކާކުރުމާއި، ހާމަކުރުމުގައި، ސައިންޓިފިކް އުސޫލުތަކާއި ހަމަތަކުގެ މަތިން، ޕްރޮފެށަނަލް އެތިކްސްއާ އެއްގޮތަށް އަމަލުކުރުންމަތީ ދެމިތިބުން.
އަސާސް3:
ޑޭޓާ ރަނގަޅަށް މާނަކުރުމަށް މަގުފަހިކުރުމަށްޓަކައި، ތަފާސްހިސާބު ނަގައި ބަލަހައްޓާ ވުޒާރާތަކުން ސައިންޓިފިކް އުސޫލުތަކާއި، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަފާސްހިސާބު އެކުލަވައިލައި ހާމަކުރުން.
އަސާސް4:
ތަފާސްހިސާބު ނަހަމަގޮތުގައި ބޭނުންކުރުމާއި އޭގެ މާނަ އޮޅޭގޮތަށް ގޯސްކޮށް މާނަކޮށް ބޭނުންކުރާ ހާލަތްތަކުގައި، ތަފާސްހިސާބު ނަގައި ބަލަހައްޓާ ސަރުކާރުގެ ވުޒާރާތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން މިކަންކަމާމެދު ކޮމެންޓްކޮށް އޮޅުންފިލުވައިދީ ރަނގަޅަށް މާނަކޮށްދިނުމުގެ ޒިންމާ އުފުލަންޖެހެއެވެ.
އަސާސް5:
ތަފާސްހިސާބު އެކުލަވައިލުމަށްޓަކައި ހޯދޭ ޑޭޓާ ސާރވޭކޮށްގެންނާއި ސަރުކާރުގެ އިދާރީ ރެކޯޑުތަކުގެ ތެރެއިން ފަދަ އެކިއެކި ގޮތްގޮތަށް އެއްކުރެވިދާނެއެވެ. މިގޮތުން ތަފާސްހިސާބު ބަލަހައްޓާ ވުޒާރާތަކުން ޑޭޓާ ހޯދާނެ ގޮތްތައް ކަނޑައެޅުމުގައި ޑޭޓާގެ ކޮލިޓީއަށާއި، ލިބޭ އަވަސް މިނަށް، ހިނގާނެ ހަރަދަށާއި، މައުލޫމާތުދޭ ފަރާތްތަކުގެ ބުރައަށް ރިއާޔަތް ކުރަންވާނެއެވެ.
އަސާސް6:
ތަފާސްހިސާބު އެކުލަވައިލުމަށްޓަކައި، ވަކިވަކި ފަރުދުންނާއި، ވިޔަފާރި ފަދަ ތަންތަނުން އެއްކުރެވޭ އިންޑިވިޖުއަލް ފެންވަރުގެ ޑޭޓާއަކީ، ތަފާސްހިސާބު އެކުލަވައިލުމުގައި މެނުވީ އެހެން އެއްވެސްގޮތަކަށް ބޭނުން ނުކުރެވޭނެ އެއްޗެއްކަމުން ތަފާސްހިސާބު ނަގައި ބަލަހައްޓާ ވުޒާރާތަކުން، މިފަދަ އިންޑިވިޖުއަލް ޑޭޓާގެ ސިއްރު ހިފެހެއްޓުން ކޮންމެހެން ލާޒިމުވެގެންވެއެވެ.
އަސާސް7:
ތަފާސްހިސާބުގެ ނިޒާމުގައި ބޭނުންކުރާ އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކަކީ، އާންމުކުރެވިފައި ހުންނަންޖެހޭނެ އެއްޗިއްސަށް ހެދުން.
އަސާސް8:
ގައުމުގެ ތަފާސްހިސާބުގެ ނިޒާމު ހަލުވިކަމާއެކު ފުރިހަމައަށް ހިންގުމާއި މަސައްކަތްތައް އެއް އުސޫލެއްގެ މަތިން ގެންދިއުމަށްޓަކައި ތަފާސްހިސާބު ނަގައި ބަލަހައްޓާ ވުޒާރާތަކުގެ މެދުގައި ފުރިހަމައަށް ކަންކަން ވިލަރެސްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އަސާސް9:
ތަފާސްހިސާބު ނަގައި ބަލަހައްޓާ ވުޒާރާތަކުން ބައިނަލްއަގްވާމީ ކޮންސެޕްޓްތަކާއި ކްލެސިފިކޭޝަންތަކާއި އުސޫލުތައް ގެންގުޅުމަކީ، ގައުމުގެ ތަފާސްހިސާބުގެ ނިޒާމު ހަލުވިކަމާއެކު ފުރިހަމައަށް ހިންގުމާއި މަސައްކަތްތައް އެއް އުސޫލެއްގެ މަތިން ގެންދިއުމަށް މަގުފަހިކުރުވާ ކަމެކެވެ.
އަސާސް10:
ގައުމުގެ ތަފާސްހިސާބުގެ ނިޒާމު ތަރައްގީކޮށް ކުރިއެރުވުމުގައި ހިއްސާވެ އެހީތެރިވުމުގެ ގޮތުން ދޭދޭ ގައުމުތަކުގެ މެދުގައާއި ބައިނަލްއަގްވާމީ ފަރާތްތަކާއެކު ތަފާސްހިސާބުގެ ރޮނގުން ގުޅުން ގާއިމުކުރުން.
މައި ގާނޫނު
(ނެތް)
ކިޔުންތެރިންގެ ހިޔާލު