-

އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 27/2013)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 1/2013  (ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެގާނޫނު) ގެ 54 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ "އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މިގަވާއިދުގެ މަގުސަދަކީ؛

(ހ) ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް އެންމެ ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދިނުން

(ށ) އެއްވުންތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ، ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުގެ ފަރާތުން ބޭނުންވާ ހިމާޔަތާއި އެއްބާރުލުން ކަށަވަރުކޮށްދިނުން

(ނ) އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ އެންމެހާ މީޑިއާ ތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުން

(ރ) އެކްރެޑިޓްކުރުމުގެ އުސޫލުތަކެއް ކަނޑައެޅުން

 

3 ވަނަ މާއްދާ - އެކްރެޑިޓްކުރެވޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން އެކްރެޑިޓްކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކެވެ.

(ހ) ރާއްޖޭގެ މީޑިއާ އޯގަނައިޒޭށަންތައް

(ށ) ބައިނަލްއަގްވާމީ މީޑީއާގެ ފަރާތްތައް

(ނ) ފްރީލާންސް ނޫސްވެރިން

 

4 ވަނަ މާއްދާ - އެކްރެޑިޓްކުރުމުގެ އުސޫލުތައް

މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތައް އެކްރެޑިޓްކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "ރާއްޖޭގެ މީޑިއާ އޯގަނައިޒޭށަން" ތައް އެކްރެޑިޓްކޮށްދެވޭނެ އުސޫލުތައް

  1. އެކްރެޑިޓްކުރުމަށް ހުށަހަޅާއިރު މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
  2. އެކްރެޑިޓް ކުރުމަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކާޑު، ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
  3. ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި އޮންލައިން ނިއުސް ސައިޓްތަކުން އެކްރެޑިޓް ކުރުމަށް ހުށަހަޅާއިރު ކަމާ ބެހޭ އިދާރާއެއްގައި އެ ފަރާތެއް ރަޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިޔުން (އެޓެސްޓް ކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީ) ހުށަހަޅަންވާނެއެވެ.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ބައިނަލްއަގްވާމީ މީޑިއާގެ ފަރާތްތައް" އެކްރެޑިޓްކޮށްދެވޭނެ އުސޫލުތައް

  1. އެކްރެޑިޓްކުރުމަށް ހުށަހަޅާ ފަރާތަކީ ބައިނަލްއަގްވާމީ މީޑިއާ އޯގަނައިޒޭށަނެއް ތަމްސީލުކުރާ ފަރާތެއްކަން ބަޔާންކުރާ، އެ އޯގަނައިޒޭށަނެއްގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  2. އެކްރެޑިޓްކުރުމަށް ހުށަހަޅާއިރު މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ކޮމިށަނަށް ހުށަހަޅަންވާނެއެވެ. 

(ނ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ "ފްރީލާންސް ނޫސްވެރިން"  އެކްރެޑިޓްކޮށްދެވޭނެ އުސޫލުތައް

  1. އެކްރެޑިޓްކުރުމަށް ހުށަހަޅާއިރު މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
  2. އެކްރެޑިޓް ކުރުމަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކާޑު، ކޮމިށަނަށް ހުށަހަޅަންވާނެއެވެ.
  3. ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާ، ބްރޯޑްކާސްޓިންގ ސްޓޭށަން ނުވަތަ އޮންލައިން ނިއުސް ސައިޓަކުން އެ ފަރާތަކީ ފްރީލާންސް ނޫސްވެރިއެއްކަން ބަލައިގަންނަކަމުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ރ) އެކްރެޑިޓްކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅާތާ ގިނަވެގެން  3  (ތިނެއް) މަސައްކަތު ދުވަހުގެ ތެރޭގައި އެކްރެޑިޓްކޮށްދެވޭނެއެވެ.

 

5 ވަނަ މާއްދާ - އެކްރެޑިޓް ކޮށްދެވޭނެ މުއްދަތު

މި ގަވާއިދުގެ ދަށުން އެކްރެޑިޓްކޮށްދެވޭނެ މުއްދަތު ތިރީގައި އެ ވަނީއެވެ.

(ހ) ރާއްޖޭގެ މީޑިއާ އޯގަނައިޒޭށަން – އެކްރެޑިޓްކޮށްދޭ ތާރީހުން ފެށިގެން މީލާދީ 1(އެކެއް(  އަހަރު ދުވަހަށެވެ.

(ށ) ބައިނަލްއަގްވާމީ މީޑިއާގެ ފަރާތްތައް – އެކްރެޑިޓްކޮށްދޭ ތާރީހުން ފެށިގެން 3 (ތިނެއް( މަސް ދުވަހަށެވެ.

(ނ) ފްރީލާންސް ނޫސްވެރިން - އެކްރެޑިޓްކޮށްދޭ ތާރީހުން ފެށިގެން  6 (ހައެއް) މަސް ދުވަހަށެވެ.

 

6 ވަނަ މާއްދާ - އެކްރެޑިޓްކުރެވޭ ކާޑުގެ މިންގަނޑު

(ހ) ކާޑު ޕްރިންޓްކޮށްފައި އޮންނަން ވާނީ 80 GSM ސާފު ހުދު ކަރުދާހުގައި އެވެ.

(ށ) ކާޑުގެ ދިގުމިނުގައި 9.5 އިންޗި އަދި ފުޅާމިނުގައި 1.4 އިންޗި ހުންނަންވާނެއެވެ.

(ނ) ޖަދުވަލު 2 ގައިވާ ކާޑުގެ ނަމޫނާގައި މެރޫން ކުލަ ހިމެނޭ ބައިތަކުގައި ބޭނުންކުރަންވާނީ އަންނަނިވި ކުލަ ކޯޑެވެ. R:142,G:24,B:27

(ރ) ކާޑުގައި ޖަހާ ފޮޓޯ ވާންވާނީ ފޮޓޯ ނެގިތާ 3 މަސް ނުވާ، ޕާސްޕޯޓް ސައިޒުގެ ކުލަ ފޮޓޯއަކަށެވެ.

(ބ) ކާޑު ބޭނުންކުރަންވާނީ ލެމިނޭޓްކޮށްގެންނެވެ.

 

7 ވަނަ މާއްދާ- އެކްރެޑިޓްކޮށްފައިވާ ނޫސްވެރިންނަށް ލިބޭ އިމްތިޔާޒުތައް

މި ގަވާއިދުގެ ދަށުން އެކްރެޑިޓްކޮށްދެވޭ ނޫސްވެރިންނަށް އަންނަނިވި އިމްތިޔާޒުތައް ކަށަވަރުކޮށް ދެވޭނެއެވެ.

(ހ) ސަލާމަތީ ބާރުތަކުގެ ހާއްސަ ހިމާޔަތް

(ށ) ހަލަބޮލި ހާލަތްތައް ހިނގާ ސަރަހައްދުތަކަށް ދެވޭ "އެކްސެސް".

(ނ) ސަލާމަތީ ބާރުތަކުން މައުލޫމާތު ހޯދުމުގެ ލުއިފަސޭހަކަން.

 

8 ވަނަ މާއްދާ - އެކްރެޑިޓޭށަން އައުކުރުމާއި ބާތިލްކުރުން

(ހ) ކާޑު އައުކޮށްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.

  1. މުއްދަތު ހަމަވުން
  2. ގެއްލުން
  3. ބޭނުންނުކުރެވޭ ވަރަށް ހަލާކުވުން.  (ކާޑުގައި ބަޔާންކޮށްފައިވާ މައުލޫމާތެއް ސާފުނުވުން)
  4. އެކްރެޑިޓްކޮށްދެވޭ މުއްދަތުގެ ތެރޭގައި އަގަކާ ނުލައި ކާޑު އާ ކޮށްދެވޭނީ ގިނަވެގެން 2 ފަހަރުއެވެ.
  5. މި މާއްދާގެ (ހ)ގެ 4 ގައި ބަޔާންކުރާ ހާލަތު ފިޔަވައި އެހެން ހާލަތެއްގައި ކާޑު އާކޮށްދެވޭނީ -/500(ފަސްސަތޭކަ) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ. 

(ށ) ކާޑު ބާތިލުކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައެވެ.

  1. ކާޑު ބޭނުންކުރާ ފަރާތުން އެދިގެން
  2. އެކްރެޑިޓްކުރުމަށް ހުށަހަޅާ މައުލޫމާތު ސައްހަ ނޫން ކަމަށް ކޮމިށަނަށް ސާބިތުވުން
  3. ކާޑު ބޭނުންކުރާ ފަރާތަށް ޖިނާއީ ކުށެއްގައި ހުކުމެއް އައުން
  4. ކާޑު ބޭނުންކުރާ ފަރާތް ނިސްބަތްވާ މީޑިއާ އޯގަނައިޒޭށަނުގެ ރަޖިސްޓަރީ ނުވަތަ ލައިސަންސް ބާތިލުކުރުން

 

9 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ ކުރާނީ ތިރީގައި އެވާ ގޮތަށެވެ.

(ހ) "ރާއްޖޭގެ މީޑިއާ އޯގަނައިޒޭށަންތައް" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނޫސް، މަޖައްލާ ފަދަ ތަކެތި ށާއިއުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ނުވަތަ ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށެވެ.

(ށ) "ބައިނަލްއަގްވާމީ މީޑިއާގެ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށެވެ.

(ނ) "ފްރީލާންސް ނޫސްވެރިން" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމުގައި ވަކި ނިއުސް މީޑިއާ އޯގަނައިޒޭށަނަކާ ނުގުޅި މަސައްކަތް ކުރާ ފަރާތްތަކަށެވެ.

(ރ) "އެކްސެސް" ކަމަށް ބުނެފައި އެވަނީ އެއްވުން ހިނގާ ސަރަހައްދާ، ސަލާމަތީ ބާރުތައް ހަރަކާތްތެރިވާ ހިސާބާ އެންމެ ގާތުން ހަބަރާއި މައުލޫމާތު ހޯދުމަށް ދެވޭ ފުރުސަތަށެވެ.

 

(މިގަވާއިދުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމަނާފައިވާ ފޯމުތައް/ނަމޫނާތައް މި ގަވާއިދުގެ އެޓޭޗްކުރެވިފައިވާ ޕީޑީއެފް ފައިލްގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު (ގާނޫނު ނަންބަރު 1/2013) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު