ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 އަށް 17 ވަނަ އިސްލާހު ގެނައުން
(ގަވާއިދު ނަންބަރު 36/2013)
ދިވެހި ސިވިލް ސަރވިސަސްގެ ގަވާއިދު 2010 ގެ 165 ގެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
165 ވަނަ މާއްދާ
(ހ) މުވައްޒަފެއް ވިހާނެކަމަށް ލަފާކުރާ ދިވަސް ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން އެ މުވައްޒަފަކަށް، އެ ސެޓްފިކެޓު ނުވަތަ ލިޔުމުގައި ބުނާ ތާރީހުން ފެށިގެން ވިހެއުމާ ގުޅިގެން 60 (ފަސްދޮޅަސް) ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ނުހިމަނައި މުސާރައާއެކު ދޭންވާނެއެވެ.
(ށ) މާބަނޑުމީހާ ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރި ވާނަމަ، ވިހާނެ ކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުގެ ތެރެއިން 30 (ތިރީސް) ދުވަސް އެ މުވައްޒަފަކަށް ނެގިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެމަތިން، މުވައްޒަފަށް ދެވޭ ޗުއްޓީއާ ގުޅިގެން މުވައްޒަފެއް ބަލލިވެއިނުމާއި ވިހެއުމާގުޅިގެންދޭ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފެއް އާދައިގެ ގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެ ދުވަހަކަށް ދުވަހެއް އެ މުވައްޒަފެއްގެ ބަލިވެއިނުމާއި ވިހެއުމާގުޅިގެންދޭ ޗުއްޓީއަށް އިތުރުކޮށްދޭން ވާނެއެވެ.
(ރ) މުވައްޒަފެއް ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް، މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ އިދާރާއަކުން މެޑިކަލް ސެޓްފިކެޓް ދޫކުރުމަށް ހުއްދަދީފައިވާ ފަރާތަކުން މެޑިކަލް ސެޓްފިކެޓެއް ދީފިނަމަ، ވިހެއުމާގުޅިގެންދޭ ޗުއްޓީގެ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ކުރިން ބަންދުދުވަސް ހިމަނައިގެން 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަށް ނެގިދާނެއެވެ.
(ބ) މުވައްޒަފެއް ވިހެއުމާ ގުޅިގެން ދެވޭ 60 ދުވަހުގެ ޗުއްޓީގެ އިތުރުން ވިހެއުމުގެ ސަބަބުން މުވައްޒަފު ނުވަތަ ވިހޭ ދަރިފުޅު ބަލިވުމުގެ ސަބަބުން، މިނސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ އިދާރާއަކުން މެޑިކަލް ސެޓްފިކްޓް ދޫކުރުމަށް ހުއްދަދީފައިވާ ފަރާތަކުން މެޑިކަލް ސެޓްފިކްޓެއް ދީފިނަމަ، ވިހެއުމާ ގުޅިގެންދޭ 60 (ފަސްދޮޅަސް) ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ފަހުން ބަންދުދުވަސް ހިމަނައިގެން، ވިހެއި ދުވަހުން ފެށިގެން 40 ދުވަހުގެ ތެރޭގައި 28 (އަށާވީސް) ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަށް ނެގިދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު