-

ފާނައިގެ މަސްވެރިކަން ކުރުމާއި ރާއްޖެއިން ފާނަ އެކްސްޕޯޓް ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 41/2013)

 

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 5/1987 "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު" ގެ 3 ވަނަ މާއްދާ ގެ (ހ) އިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. މިގަވާއިދަށް ކިޔާނީ "ފާނައިގެ މަސްވެރިކަން ކުރުމާއި ރާއްޖެއިން ފާނަ އެކްސްޕޯޓް ކުރުމުގެ ގަވާއިދު" މިފަދައިންނެވެ.

 

2 ވަނަ މާއްދާ - ލައިސަންސް ލިބިގެން ބޭނޭނެ ބާވަތްތަކާއި، އެކްސްޕޯޓްކުރެވޭނެ ބާވަތްތައް

ފާނައިގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދެވޭނީ، ހަމައެކަނި މިގަވާއިދުގެ ޖަދުވަލު (1) ގައި ހިމެނޭ ބާވަތްތައް ބޭނުމަށެވެ. އަދި އެކްސްޕޯޓްކުރުމަށް ހުއްދަދެވޭނީ ދިރޭ ފާނައާއި އަދި ފާނައިގެ ބާވަތްތަކުން އުފައްދާފައިވާ އުފެއްދުންތަކަށެވެ.

 

3 ވަނަ މާއްދާ - ކޯޓާ ކަނޑައެޅުމާއި ދޫކުރުން

(ހ) ރާއްޖެއިން ފާނަ ބާނަންވީ މިންވަރުގެ ޖުމުލަ ކޯޓާ ކޮންމެ އަހަރަކު ކަ ނޑައެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ޖުމްލާ ކޯޓާ ކަ ނޑައެޅުމުގައި އަންނަނިވި ކަންކަމަށް މިނިސްޓްރީއިން ރިއާޔަތްކުރަންވާނެއެވެ.

  1. ފާނައިގެ ސްޓޮކްގެ ހާލަތު
  2. ފާނައިގެ ސްޓޮކްތަކުގެ ހާލަތާބެހޭގޮތުން ލިބެންހުރި މައުލޫމާތުގެ ސައްޙަކަން
  3. ރާއްޖޭގެ މަސްވެރިކަމާއި އިގްތިސާދު ކުރިއެރުވުމާއި އަދި މަސްވެރިކަމުގެ ސިނާއަތުގައި ވަޒީފާއާއި މަސައްކަތުގެ ފުރުސަތު ދެމެހެއްޓުމުގެ މުހިންމުކަން

(ށ) ކަނޑައެޅިފައިވާ ޖުމްލަ ކޯޓާއަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، ކަނޑައެޅޭ އުސޫލަކާ އެއްގޮތަށް ފާނައިގެ މަސްވެރިކަން ކުރުމަށް ކޯޓާ ދޫކުރާނީ މިނިސްޓްރީއިންނެވެ.

 

4 ވަނަ މާއްދާ - މަސްވެރިކަމުގައި ފާނަ ބޭނޭނެ ބޮޑުމިނާއި ބަރުދަން

އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްގައި ފާނައިގެ ބާވަތްތައް ބޭނޭނީ، ހިފޭނީ ނުވަތަ ނެގޭނީ މިގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ސައިޒް ލިމިޓްތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

5 ވަނަ މާއްދާ - މަސްވެރިކަން ކުރުމަށް ހުއްދަދޭ ސަރަހައްދު

(ހ) ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގާނޫނުގައި ނުވަތަ ދިވެހިރާއްޖޭގެ މަސްވެރިކަމާބެހޭ ގަވާއިދުގައި ނުވަތަ މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އަތުނަނު ނުވަތަ ފައްތާ ނަނު ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ކޮންމެ 4 ހިސާބެއްގައިވެސް ފާނައިގެ މަސްވެރިކަން ކުރެވިދާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން ބާރުލިބިގެން ހިމާޔަތްކޮށްފައިވާ ތަންތަނުންނާއި، މިގަވާއިދުގެ ޖަދުވަލު (3) ގައި ބަޔާންކޮށްފައިވާ މަސްވެރިކަންކުރުން މަނާ ސަރަހައްދުތަކުން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން މަނާވާނެއެވެ.

 

6 ވަނަ މާއްދާ - ފާނައިގެ މަސްވެރިކަން މެނޭޖްކުރާ ކޮމިޓީ

(ހ) މިގަވާއިދުގެ 3 ،4 އަދި 5 ވަނަ މާއްދާގައި ބަޔާންކުރާ ކަންތައްތައް ކުރުމަށް މިނިސްޓްރީއަށް ލަފާދިނުމަށް އަންނަނިވި ފަރާތްތަކުގެ މައްޗަށް އެކުލެވިގެންވާ "ފާނައިގެ މަސްވެރިކަން މެނޭޖްކުރާ ކޮމެޓީ"އެއް މިނިސްޓްރީއިން އުފައްދާ ހިންގަންވާނެއެވެ.

  1. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ 2 މަންދޫބުން
  2. މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓްގެ މަންދޫބެއް
  3. މެރިން ރިސާރޗް ސެންޓަރގެ މަންދޫބެއް
  4. ނައިގެ މަސްވެރިކަން ދިރާސާކުރުމުގައި މަސައްކަތް ކުރައްވާ ބޭފުޅެއް
  5. ފާނައިގެ މަސްވެރިންގެ ފަރާތުން ހޮވާލެވިފައިވާ މަންދޫބެއް
  6. ފާނަ އެކްސްޕޯރޓަރުންގެ ފަރާތުން ހޮވާލެވިފައިވާ މަންދޫބެއް
  7. މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްގެ ފަރާތުން މަންދޫބެއް
  8. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން މަންދޫބެއް
  9. މޯލްޑިވްސް ނޭޝެނަލް ޑިފެންސްފޯސް - ކޯސްޓްގާރޑުގެ މަންދޫބެއް

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމެޓީގެ ޗެއަރޕާސަން އައްޔަން ކުރާނީ ކޮމެޓީގެ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

(ނ) ފާނައިގެ މަސްވެރިކަން މެނޭޖުކުރާ ކޮމެޓީގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ 6 (ހައެއް) މަސްދުވަހުން އެއްފަހަރު ބާއްވަންވާނެއެވެ.

 

7 ވަނަ މާއްދާ - ފާނައިގެ މަސްވެރިކަން މެނޭޖުކުރާ ކޮމިޓީގެ ޒިންމާތަކާއި މަސްއޫލިއްޔަތު

(ހ) ފާނައިގެ މަސްވެރިކަން މެނޭޖްކުރާ ކޮމިޓީގެ ޒިންމާތަކާއި މަސްއޫލިއްޔަތު ތަކުގެ ތެރޭގައި އަންނަނިވި ކަންކަން އެކުލެވިގެން ވެއެވެ.

  1. ފާނައިގެ މަސްވެރިކަމާ ގުޅޭ ހުރިހާ ރިޕޯޓުތަކާއި އެހެނިހެން ޑޮކިއުމަންޓުތައް ރިވިއުކުރުން
  2. ފާނައިގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން ރިވިއު ކުރުމަށް އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމުގެ ނިންމުންތަކާއި ހުށަހެޅުންތައް ރިވިއިކުރުން.
  3. މިމާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރެވުނު ބައްދަލުވުމުގެ ނިންމުންތަކާއި ހުށަހެޅުންތައް އަދި ފާނައިގެ މަސްވެރިކަމާ ގުޅޭގޮތުން ތައްޔާރުކުރެވޭ ރިޕޯޓުތަކުގެ އަލީގައި ފާނައިގެ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނާއި އަޅަންވީ ފިޔަވަޅުތަކާމެދު ގޮތެއް ނިންމުން.

 

8 ވަނަ މާއްދާ- މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދުން

(ހ) މިގަވާއިދުގެ ދަށުން ރާއްޖޭގައި ފާނައިގެ މަސްވެރިކަން ކުރެވޭނީ، ޤާނޫނު ނަންބަރު 5/1987 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާއި "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" ގެ ދަށުން ސައްހަ ލައިސަންސެއް ލިބިގެންނެވެ.

(ށ) ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ފާނައިގެ މަސްވެރިކަން ކުރަން ލައިސަންސް ދެވޭނީ ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ދިވެހިންގެ އުޅަނދުފަހަރަށެވެ. އަދި ފާނައިގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ މަސްވެރިކަން ކުރުމަށް އެއްވެސް ބިދޭސީއެއް ގެންގުޅެގެން ނުވާނެއެވެ.

(ނ) ފާނައިގެ މަސްވެރިކަން ކުރުމުގެ ލައިސަންސަށް އެދޭނީ "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތީންނެވެ.

(ރ) ފާނައިގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ އުޅަނދެއް މަސްވެރިކަން ކުރުމުގައި އުޅޭއިރު، އެއުޅަނދަކަށް ދޫކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސް އެ އުޅަނދެއްގައި އޮންނަންވާނެއެވެ.

 

9 ވަނަ މާއްދާ - ފާނަކޮށި ހަދައިގެންނާއި ޓޭންކްތަކުގައި ނުވަތަ ބޯޓުފަހަރުގައި ދިރޭމަސްގެންގުޅުމަށް ލައިސަންސް ދޫކުރުން

(ހ) ފާނައިގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ކޮށީގައި ނުވަތަ ޓޭންކުތަކުގައި ނުވަތަ ބޯޓުފަހަރުގައި ދިރޭފާނަ ގެންގުޅޭ ފަރާތްތަކުން "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" ގެ ދަށުން މިނިސްޓްރީއިން ލައިސަންސް ހޯދަންވާނެއެވެ.

(ށ) މިމާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މިގަވާއިދުގެ (8) ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސް ލިބިފައިވާ އުޅަނދަކުން ނޫނީ މަސް ގަނެގެން ނުވާނެއެވެ.

 

10 ވަނަ މާއްދާ - ފާނަ ޕްރޮސެސްކުރުމުގެ ލައިސަންސް ދޫކުރުން

(ހ) ފާނައިގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ފިނިކޮށްގެން ނުވަތަ ގަނޑުކޮށްގެން ނުވަތަ ފާނަ އެނޫންވެސް ގޮތްގޮތުން ޕްރޮސެސްކޮށްގެން ފާނަ ގެންގުޅޭ ފަރާތްތަކުން "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، 6 އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" ގެ ދަށުން މިނިސްޓްރީއިން ލައިސަންސް ހޯދަންވާނެއެވެ.

(ށ) ފާނައިގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ފިނިކޮށްގެން ނުވަތަ ގަނޑުކޮށްގެން ނުވަތަ ފާނަ އެނޫންވެސް ގޮތްގޮތުން ޕްރޮސެސް ކޮށްގެން ފާނަ ގެންގުޅޭ ފަރާތްތަކުން ލައިސަންސަށް އެދޭނީ "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު"ގައިވާ ގޮތުގެ މަތީންނެވެ.

(ނ) މިމާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މިގަވާއިދުގެ (8) ވަނަ މާއްދާގައި ބަޔާންކުރާ ލައިސަންސް ލިބިފައިވާ އުޅަނދަކުން ނޫނީ މަސް ގަނެގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - އެކްސްޕޯޓްކުރަން ތައްޔާރުކުރާ މަހުގެ ކޮލިޓީ

(ހ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ބާނާ މަހުން ތައްޔާރުކުރާ ބާވަތްތައް ހުންނަންވާނީ އަދި އެމަސް ނުވަތަ އެމަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރަން ވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިންނާއި މިނިސްޓްރީއިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭގޮތަށެވެ.

(ށ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ބާނާ މަހުން ޔޫރަޕިއަން ޔޫނިއަންއަށް އެކްސްޕޯޓް ކުރުމަށްޓަކައި އެއްވެސް ބާވަތެއް ތައްޔާރުކުރަން ވާނީ އަދި އެފަދަ ބާވަތެއް އެކްސްޕޯޓްކުރަން ވާނީ، ޔޫރަޕިއަން ޔޫނިއަން އިން ކަނޑައަޅައި އާންމުކޮށްފައިވާ، މަހާއި މަހުން ތައްޔާރުކުރާ ބާވަތްތައް އެ ޔޫނިއަންއަށް އެކްސްޕޯޓްކުރުމާ ބެހޭ ގަވާއިދުތަކަށް ފެތޭގޮތަށެވެ.

(ނ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ފާނައިގެ މަސްވެރިކަންކުރާ ކޮންމެ އުޅަނދެއްގައި، އަދި ފާނަ ގެންގުޅޭ ކޮންމެ ކޮށްޓެއްގައި އަދި ޓޭންކުތަކުގައި، ތަނެއްގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި މިނިސްޓްރީއިން ކަ ނޑައަޅާ ނުވަތަ ގަބޫލުކުރާ ފެންވަރަކަށް މަސް ރައްކާކޮށް ބެހެއްޓޭނޭ އިންތިޒާމު، ހަމަޖެހިފައި ހުންނަންވާނެއެވެ

(ރ) މަސްވެރިކަންކުރާ އުޅަނދުގައި މަސް ރައްކާކުރާ ބަޔާއި، މަސްގެންގުޅުމުގައި ބޭނުންކުރާ ތަކެއްޗާއި އެކްސްޕޯޓްކުރުމަށް މަސް ޕްރޮސެސްކުރާ ތަންތަނާއި ތަކެތި ހުންނަންވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި މިނިސްޓްރީއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ.

 

12 ވަނަ މާއްދާ - މައުލޫމާތު ދިނުން

(ހ) މަސްވެރިކަމާބެހޭ މައުލޫމާތު އެއްކުރުމަށް، މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ ލޮގްފޮތުގައި ހިމެނޭ މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހު ފާނައިގެ މަސްވެރިކަންކުރާ ފަރާތްތަކުންނާއި  އެކްސްޕޯޓްކުރުމުގެ ބޭނުމުގައި ފާނަ ގެންގުޅޭ ފަރާތްތަކުން ކޮންމެ މީލާދީ މަހެއްގެ  15  (ފަނަރަ) ވަނަ ދުވަހުގެ ކުރިން ވޭތުވެދިޔަ މީލާދީ މަހުގެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ށ) މިމާއްދާގައި (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ދިނުމުގެ އިތުރުން، މިނިސްޓްރީއިން ނުވަތަ މިނިސްޓްރީއިން ކަ ނޑައަޅާ އެހެން ފަރާތަކުން، މަސްވެރިކަމާބެހޭ މަޢުލޫމާތު ހޯދުމަށް ފާނައިގެ މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތެއްގެ ކިބައިން އެދިއްޖެނަމަ، އެމަޢުލޫމާތެއް އެފަރާތަކަށް ފޯރުވައިދޭންވާނެއެވެ.

(ނ) މައުލޫމާތުދޭ ފަރާތްތަކުން، މިނިސްޓްރީއަށް ދޭ ނުވަތަ ފުރިހަމަކޮށްދޭ ނުވަތަ މިނިސްޓްރީއަށް ދިނުމަށްޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މައުލޫމާތަކީ ތެދު، ފުރިހަމަ މައުލޫމާތު ކަމަށް ވާންވާނެއެވެ. އަދި މިގޮތުން ދޭ އެއްވެސް މައުލޫމާތަކީ ދޮގު ނުވަތަ ސައްޙަ ނޫން މައޫލޫމާތު ކަމުގައި ވެގެންނުވާނެއެވެ.

 

13 ވަނަ މާއްދާ - ކޮށްގެން ނުވާނެ ކަންތައްތައް

ގާނޫނު ނަންބަރު 5/1987 "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު" އާއި، އެޤާނޫނުން ބާރުލިބިގެން ހަދާފައިވާ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދު" އާއި، 'އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" އާއި މިގަވާއިދުގައި މަނާކަމެއްކަމަށް ނުވަތަ ކޮށްގެން ނުވާނެކަމެއް ކަމަށް ކަނޑައަޅާފައިވާ އެއްވެސްކަމެއް، ފާނައިގެ މަސްވެރިކަން ކުރުމަށް އަދި އެކްސްޕޯޓް ކުރުމުގެ ބޭނުމަށް މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން

(ހ) މިގަވާއިދުގައި ވަކިގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާކަމެއް އެގޮތަކަށް އެކަމެއް ނުކުރާ ފަރާތްތަކާމެދު ނުވަތަ މިގަވާއިދާއި ހިލާފުވާ ފަރާތްތަކާމެދު، މިގަވާއިދުގައި ކަ ނޑައަޅާފައިވާ ގޮތުގެމަތިން، މިނިސްޓްރީއިން އިދާރީ ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މިމާއްދާގެ )ހ(ގައިވާ ގޮތުގެމަތިން އަޅާ ފިޔަވަޅު އެޅުމުގެ އިތުރުން، ފާނައިގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދެނީ، މިގަވާއިދާ އެއްގޮތަށް ޢަމަލުކުރުން ށަރުޠުކޮށް، "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު"ގެ ދަށުން ކަމަށް ވީހިނދު، މިގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު، އެކަމެއްގެ ޒާތަށާއި ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" ގައި ކަ ނޑައަޅާފައިވާ ގޮތުގެމަތިން، އިދާރީ ފިޔަވަޅުއެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މިގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ސައިޒް ލިމިޓާއި ހިލާފަށް އެއްވެސް ފަރާތަކުން  މަސްވެރިކަން ކޮށްފިނަމަ ނުވަތަ މިގަވާއިދުގެ ދަށުން މަސްވެރިކަންކުރުން މަނާކޮށްފައިވާ ސަރަހައްދަކުން މަސްވެރިކަންކޮށްފިނަމަ ނުވަތަ މަސްވެރިކަންކުރަން މަސައްކަތްކޮށްފިނަމަ ނުވަތަ ފާނަ ބިސްދޫކުރުމަށް ޖަމާވާ ޖަމާވުމަށާއި އަދި ފާނައިގެ އުޅުމަށް އަސަރު ކުރާފަދަ އެއްވެސް ޢަމަލެއް ނުވަތަ ހަރަކާތެއް ހިންގައިފިނަމަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެފަރާތަކާއި މެދު ޢަމަލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަރު 10،000 (ދިހަ ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއެކު އެ އުޅަނދެއްގައި ނުވަތަ ކޮށްޓެއްގައި އަލުން މޫދަށް ދޫކޮށްލެވޭފަދަ ހެޔޮ ހާލުގައިވާ ފާނައެއްނަމަ މޫދަށް ދޫކޮށްލުން އަދި ދޫނުކުރެވޭވަރަށް ބަލިވެފައިވާނަމަ ފާނައެއް ނަމަ ނައްތާލުން.
  2. ދެވަނަ ފަހަރަށް ކުށެއްކޮށްފިނަމަ 10,000 (ދިހަހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއެކު އެ އުޅަނދެއްގައި ނުވަތަ ކޮށްޓެއްގައި އަލުން މޫދަށް ދޫކޮށްލެވޭފަދަ ހެޔޮ ހާލުގައިވާ ފާނައެއްނަމަ މޫދަށް ދޫކޮށްލުން އަދި ދޫނުކުރެވޭވަރަށް ބަލިވެފައިވާ ފާނަ ނައްތާލުމާއި އަދި ކުށްކުރި ފަރާތަށް ދޫކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސް 6 (ހައެއް) މަސްދުވަހަށް ހިފެހެއްޓުން.
  3. ތިންވަނަ ފަހަރަށް އަދި އޭގެ ފަހުން 10,000 (ދިހަހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއެކު އެ އުޅަނދެއްގައި ނުވަތަ ކޮށްޓެއްގައި އަލުން މޫދަށް ދޫކޮށްލެވޭފަދަ ހެޔޮ ހާލުގައިވާ ފާނައެއްނަމަ މޫދަށް ދޫކޮށްލުން އަދި ދޫނުކުރެވޭވަރަށް ބަލިވެފައިވާނަމަ ފާނަ ނައްތާލުމާއި އަދި ކުށްކުރި ފަރާތަށް ދޫކޮށްފައިވާ މަސްވެރިކަންކުރުމުގެ ލައިސަންސް 12 (ބާރަ) މަސްދުވަހަށް ހިފެހެއްޓުން.

(ރ) މިގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ސައިޒް ލިމިޓާއި ހިލާފަށް މަސްވެރިކަންކޮށްގެން ބާނާފައި ނުވަތަ ހިފާފައި ނުވަތަ ނަގާފައިވާ މަސް އެއްވެސް ފަރާތަކުން ގަނެފިނަމަ ނުވަތަ އެ ފާނައިން ވިޔަފާރީގެ ނަފައެއް ހޯދުމަށް ބޭނުންކޮށްފިނަމަ ނުވަތަ އެކްސްޕޯޓްކޮށްފިނަމަ އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލު ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

  1. ފުރަތަމަ ފަހަރު ކުށެއްކޮށްފިނަމަ 10,000 (ދިހަހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއެކު އަލުން މޫދަށް ދޫކޮށްލެވޭފަދަ ހެޔޮ ހާލުގައިވާ ފާނައެއްނަމަ މޫދަށް ދޫކޮށްލުން އަދި ދޫނުކުރެވޭވަރަށް ބަލިވެފައިވާ ފާނަ ނައްތާލުމާއި އެކު އެފަރާތަކަށް ދީފައިވާ ލައިސަންސް  3 (ތިނެއް) މަސްދުވަހަށް ހިފެހެއްޓުން.
  2. ކުށެއްކޮށްފިނަމަ 10,000 (ދިހަހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއެކު އަލުން މޫދަށް ދޫކޮށްލެވޭފަދަ ހެޔޮ ހާލުގައިވާ ފާނައެއްނަމަ މޫދަށް ދޫކޮށްލުން އަދި ދޫނުކުރެވޭވަރަށް ބަލިވެފައިވާ ފާނަ ނައްތައިލުމާއެކު އެފަރާތަކަށް ދީފައިވާ ލައިސަންސް 6 (ހައެއް) މަސްދުވަހަށް ހިފެހެއްޓުން.
  3. ހަތަރުވަނަ ފަހަރަށް އަދި އޭގެ ފަހުން އެލިބުނު އާމްދަނީއަކާ އެއްވަރުގެ  ފައިސާގެ އަދަދަކުން ނުވަތަ އެކަމެއް އެގޮތަށް ކޮށްގެން އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެލިބުނު ގެއްލުމަކާ އެއްވަރުގެ ފައިސާގެ އަދަދަކުން ޖޫރިމަނާކުރުމާއި ކުށުގެ ވެށިން ހޯދާފައިވާ ފާނަ ނައްތައިލުމާއެކު އެފަރާތަކަށް ދީފައިވާ ލައިސަންސް 12 (ބާރަ) މަސްދުވަހަށް ހިފެހެއްޓުން.

(ބ) މިގަވާއިދުގެ ދަށުން ވަކިކަމެއް ކުރުމަށް ނުވަތަ ވަކިކަމެއް ނުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް ކަމެއް، މިގަވާއިދުގައި ކަނޑައަޅާފައިވާ ގޮތްނޫން އެހެން ގޮތަކަށް ނުވަތަ އެގޮތާއި ހިލާފު ގޮތަކަށް ކޮށްފިނަމަ މިގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނޑައަޅައި އެކުރި ކުށަކަށް މިމާއްދާގެ ދަށުން ފިޔަވަޅު އެޅުމުގައި ބަލާނީ ކޮންމެ ކުށެއް ވަކިންނެވެ.

(ޅ) މިމާއްދާގެ ދަށުން ޖޫރިމަނާ ކުރުމުގައި އެކަމެއް ކޮށްގެން ލިބުނު ނުވަތަ ލިބޭނެ ފައިސާގެ މިންވަރު ނުވަތަ އެކަމެއް އެގޮތަކަށް ކުރުމުން ލިބުނު ގެއްލުމުގެ މިންވަރު ފައިސާއިން ވަޒަންކޮށް ކަނޑައަޅާނީ މިނިސްޓްރީއިންނެވެ.

(ކ) މިގަވާއިދާ ހިލާފުވުމާ ގުޅިގެން، މިގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅެއް އެޅުމަކީ ނުވަތަ ކުރާ ޖޫރިމަނާއެއް ކުރުމަކީ، މަސްވެރިކަމުގެ ޤާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ނުވަތަ އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން އެފަރާތަކުން ކޮށްފައިވާ ޢަމަލަކާމެދު ދިވެހިރާއްޖޭގެ ށަރުއީ ކޯޓެއްގައި ދަޢުވާކުރުމަށް ހުރަސްއެޅޭނެ ކަމެއް ނޫނެވެ.

 

15 ވަނަ މާއްދާ - މިނިސްޓްރީގެ ނިންމުމަކާމެދު ހިތްހަމަ ނުޖެހުން

މި ގަވާއިދުގެ ދަށުން މިނިސްޓްރީއިން ލައިސަންސް ދޭގޮތާމެދު ނުވަތަ ލައިސަންސް ދިނުމަށް މިނިސްޓްރީއިން ނިންމާ ނިންމުމަކާމެދު ނުވަތަ ދީފައިވާ ލައިސަންސެއް ހިފެހެއްޓުމަށް ނުވަތަ އަނބުރާ އަތުލުމަށް ނުވަތަ ބާތިލުކުރުމަށް ނިންމާ ނިންމުމަކާމެދު ނުވަތަ މިގަވާއިދުގެ ދަށުން އިދާރީގޮތުން އަޅާ ފިޔަވަޅަކާމެދު ނުވަތަ ކުރާ ޖޫރިމަނާއަކާމެދު ހިތްހަމަ ނުޖެހޭ ހާލަތުގައި އެ މައްސަލައާމެދު އަލުން ވިސްނައި، އިދާރީގޮތުން މައްސަލައާމެދު ގޮތެއް ނިންމައިދިނުމަށް ހުށަހަޅާނަމަ، އެކަމަކާމެދު މިނިސްޓްރީން ނިންމި ނިންމުމުގެ ނޯޓިސް ލިބޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ލިޔުމަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

16 ވަނަ މާއްދާ- މޮނީޓަރކޮށް ކޮންޓްރޯލް ކުރުމާއި ސާވޭލަންސް ބެލެހެއްޓުމުގެ ނިޒާމް

(ހ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިގެން ހިންގާ އެކިއެކި ކަންކަން ބެލެހެއްޓުމުގެ ބޭނުމުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ މަށްވަރާގެ މަތިން ނުވަތަ އެފަރާތަކާ ގުޅިގެން މިގަވާއިދުގެ ދަށުން ހިނގާ ކަންކަން މޮނިޓަރކޮށް، ކޮންޓްރޯލްކޮށް، ސާރވޭލަންސް ބެލެހެއްޓުމުގެ ނިޒާމެއް މިނިސްޓްރީން ރާވައި ތަންފީޒްކުރަން ވާނެއެވެ.

(ށ) ފާނަ މެނޭޖްމަންޓް ޕްލޭންގައިވާ ކަންކަން ތަންފީޒްކުރުމުގެ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތު އުފުލާނީ މިނިސްޓްރީއިންނެވެ.

(ނ) މިމާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ފާނަ މެނޭޖްމަންޓް ޕްލޭންގައިވާ އެންމެހައި ކަންކަން ތަންފީޒުކޮށް ބެލެހެއްޓުމުގެ ފުރިހަމަ އިހްތިޔާރު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކައުންސިލްގެ އިދާރާތަކުގެ ތެރެއިން މިމިނިސްޓްރީން ކަނޑައަޅާ ފަރާތްތަކާ ހަވާލުކުރެވިދާނެއެވެ.

 

17 ވަނަ މާއްދާ - މާނަކުރުން

މިގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް، އެއިބާރާތެއް ހިމެނިފައިވާގޮތުން، ކަ ނޑައެޅިގެން އެހެންގޮތަކަށް ދޭހަ ނުވާހާ ހިނދަކު، މިގަވާއިދުގައި:

"ލޮގްފޮތް" ކަމުގައި ބުނެފައި އެވަނީ، ލައިސަންސް ލިބިފައިވާ އުޅަނދުފަހަރުން ފުރިހަމަކުރަންޖެހޭ ދުވަހު މަސްވެރިކަމުގެ ރިކޯޑު ފުރިހަމަކުރާ ފޮތަށެވެ.

"ކެޔޮޅު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދު ނުވަތަ ބޯޓުގައި ގާއިމުވެ ހުންނަ، އެ އުޅަނދު ނުވަތަ އެ ބޯޓު ދުއްވުމުގެ ހުރިހާ ޒިންމާތަކާ ހަވާލުވެ ހުންނަ އެންމެ އިސްފަރާތަށެވެ.

"މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރއަށެވެ.

 "ދިރޭމަސް ނުވަތަ ދިރޭ ފާނަ ގެންގުޅުން" ކަމުގައި ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ޤާނޫނު ހިންގާ ސަރަޙައްދުން ބާނައިގެން ނުވަތަ ހިފައިގެން ނުވަތަ ނަގައިގެން އެކްސްޕޯޓުކުރުމުގެ ބޭނުމުގައި ނުވަތަ އެކްސްޕޯޓުކުރާ ފަރާތަކަށް ވިއްކުމުގެ ބޭނުމުގައި ނުވަތަ ރިސޯޓުތަކަށް ވިއްކުމުގެ ބޭނުމުގައި ކޮށީގައި ނުވަތަ ޓޭންކުގައި ނުވަތަ އުޅަނދުފަހަރުގައި ދިރުވައިގެން މަސް ގެންގުޅުމަށެވެ.

"ކޯޓާ" ކަމުގައި ބުނެފައި އެވަނީ، ފާނައިގެ ސްޓޮކުގެ ދުޅަހެޔޮކަމަށް ރިއާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއިން ފާނަ ބޭނޭނެ ކަމަށް ކަނޑައަޅާ އެންމެ މަތީ މިނަށެވެ.

"ސައިޒް ލިމިޓް" ކަމުގައި ބުނެފައި އެވަނީ ދެމެހެއްޓެނިވިގޮތެއްގައި ފާނައިގެ ސްޓޮކް ދެމެހެއްޓުމަށްޓަކައި ފާނައިގެ މަސްވެރިކަން ކުރުމަށް ހުއްދަކޮށްފައިވާ ފާނައިގެ ކުޑަ، ބޮޑުމިނަށެވެ. "މެނޭޖްމަންޓް ޕްލޭން" ފާނައިގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ އޮނިގަނޑަށެވެ.

"ފާނައިގެ މަސްވެރިކަމުގެ ބޭނުމުގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އެއްވެސް ބޭނުމަކަށް ބޭނުން ކުރުން" ކަމުގައި ބުނެފައި އެވަނީ، ދަތުރުފަތުރުކުރުމުގެ ބޭނުމަށް ނޫން އެހެން އެއްވެސް ބޭނުމަކަށް އެސަރަޙައްދު ބޭނުންކުރުން.

 

18 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހް

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއު ކުރާ ތާރީހުން ފެށިގެން 3 މަސްދުވަސް ފަހުންނެވެ.

 

 

ޖަދުވަލު 1

ފާނައިގެ މަސްވެރިކަންކުރުމަށް ލައިސަންސް ދެވޭ ބާވަތްތައް

ދިވެހި ނަން

Scientific Name

English Name

ގިނިމަސްފާނަ

Aethaloperca rogaa

Red mouth grouper

ބޯޅަޖެހިފާނަ

Anyperodon leucogrammicus

Slender grouper

މަސްފާނަ

Cephalopholis argus

Peacok hind

ރަންފާނަ

Cephalopholis aurantia

Golden hind

ރަތްތިކިފާނަ

Cephalopholis leopardus

Leopard hind

ކޮވެލިފާނަ

Cephalopholis miniata

Coral hind, Vermilion seabass

ލަނޑާފާނަ

Cephalopholis sexmaculata

 Sixblotch hind

ވެލިފާނަ

Cephalopholis sonnerati

Tomato hind

ނާރިނގުފާނަ

Cephalopholis spiloparaea

Strawberry hind

ކަންފަތްކަޅުފާނަ

Cephalopholis urodeta

Darkfin hind

ތިއްޖެހިފާނަ

Epinephelus areolatus

Areolate grouper

ހުދުލައްފާނަ

Epinephelus caeruleopunctatus

White-spotted grouper

ކުޅަނދުރުފާނަ

Epinephelus chlorostigma

Brown-spotted grouper

ރަތްގަޅިފާނަ

Epinephelus fasciatus

Black-tip grouper, Red banded grouper

ދޮންނޫފާނަ

Epinephelus flavocaeruleus

Blue and Yellow Grouper

ކަސްފާނަ

Epinephelus fuscoguttatus

Brown- marbled grouper

މުޑުފާނަ

Epinephelus Lanceolatus

Giant grouper

ކޫރުފާނަ

Epinephelus longispinis

Long-spine grouper , Streaky spot grouper

ފިއްޖެހިފާނަ

Epinephelus macrospilos

Snubnose grouper, Big spot grouper

ލަށްފާނަ

Epinephelus merra

Honeycomb grouper

ކުރެހިފާނަ

Epinephelus miliaris

Netfin grouper,Honeyfin grouper

ދުންތަރިފާނަ

Epinephelus morrhua

Comet grouper

ބާފޮތިފާނަ

Epinephelus multinotatus

White blotched grouper

ކަޅުފާނަ/އައްގަޅިފާނަ

Epinephelus octofasciatus

Eight bar grouper

ކިރުޅިފާނަ

Epinephelus ongus

White streaked grouper

ކުލަފާނަ

Epinephelus polyphekadion

Camouflage grouper

ދޮންފާނަ

Epinephelus retouti

Red tipped grouper

އަސްދާނުފާނަ

Epinephelus spilotoceps

 Four-saddle grouper

ލޮނދިފާނަ

Epinephelus tauvina

Greasy grouper

ބޯކުޑަފާނަ

Gracila albomarginata

Masked grouper

އޮޅުފާނަ

Plectropomus areolatus

Squaretail croal grouper

ކުލައޮޅުފާނަ/ކަނޑުރަސްގެފާނު

Plectropomus laevis

Black-saddled coral grouper

ދޮންއޮޅުފާނަ

Plectropomus pessuliferus

Roving coral grouper

ކަނޑުރަތްހާ

Varioala albimarginata

White edged lyretail

ކަނޑުހާ

Variola louti

Moontaiil sea-bass, Yellow edged Lyretail

 

 

ޖަދުވަލު 2

ފާނައިގެ މަސްވެރިކަން ކުރާ ފަރާތްތަކުންނާއި، އެކްސްޕޯޓް ކުރާ  ފަރާތްތަކުން

ފާނައިގެ ބާވަތް

ނެގުން ހުއްދަ ސައިޒް

ގިނިމަސްފާނަ

27 ސެންޓިމީޓަރަށް ވުރެ ބޮޑު

ބޯޅަޖެހިފާނަ

31 ސެންޓިމީޓަރަށް ވުރެ ބޮޑު

މަސްފާނަ

26 ސެންޓިމީޓަރަށް ވުރެ ބޮޑު

ކޮވެލިފާނަ

26 ސެންޓިމީޓަރަށް ވުރެ ބޮޑު

ކުދިރަތްފާނައިގެ އެހެން ބާވަތްތައް

20 ސެންޓިމީޓަރަށް ވުރެ ބޮޑު

ރަތްގަޅިފާނަ

25 ސެންޓިމީޓަރަށް ވުރެ ބޮޑު

އަސްދާނުފާނަ، ކިރުޅިފާނަ

28 ސެންޓިމީޓަރަށް ވުރެ ބޮޑު

ދޮންނޫފާނަ

30 ސެންޓިމީޓަރަށް ވުރެ ބޮޑު

ބޮޑުތިކިފާނަ/ ފިއްޖެހިފާނަ، ހުދުލައްފާނަ

32 ސެންޓިމީޓަރަށް ވުރެ ބޮޑު

ކަސްފާނަ

31 ސެންޓިމީޓަރާއި 45 ސެންޓިމީޓަރާއި ދެމެދު އަދި 63 ސެންޓިމީޓަރަށްވުރެ ބޮޑު

ކުލަފާނަ

31 ސެންޓިމީޓަރަށް ވުރެ ބޮޑު

ޓައިގަރު/އޮޅުފާނަ

35 ސެންޓިމީޓަރަށް ވުރެ ބޮޑު

ކަނޑުރަސްގެފާނު/ކުލައޮޅުފާނަ، ދޮންއޮޅުފާނަ

35 ސެންޓިމީޓަރަށް ވުރެ ބޮޑު

ކަނޑުރަތްހާ

25 ސެންޓިމީޓަރަށް ވުރެ ބޮޑު

ކަނޑުހާ

31 ސެންޓިމީޓަރަށް ވުރެ ބޮޑު

 

ޖަދުވަލު 3

ފާނަ ސްޓޮކު އާލާކޮށް ދެމެހެއްޓެނިވި މަސްވެރިކަމަކަށް މަގުފަހި ކުރުމަށްޓަކައި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ނުކުރެވޭގޮތަށް ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް

އަތޮޅު

ސަރަހައްދު

އޭރިޔާ

ކ.އަތޮޅު

ދިއްފުށި ކަނޑުއޮޅި

ފިގަރ 1

ޅ.އަތޮޅު

އަލިގައު ކަނޑުއޮޅި

ފިގަރ 2

ވ.އަތޮޅު

ފަރުކޮޅު ކަނޑުއޮޅި

ފިގަރ 3

މ.އަތޮޅު

ކުޑަ އަދި ބޮޑު ކަނޑުއޮޅި

ފިގަރ 4

ދ.އަތޮޅު

ކުޑަހުވަދޫ ކަނޑުއޮޅި

ފިގަރ 5


 

(ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ޗާޓު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 5/1987)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު