އާންމު އުނދަގުލަށްވާގޮތަށް ހިންގާ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 123/2013)
1 ވަނަ ގަވާއިދު – ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 11/2010 (އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު) ދަށުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގައި އަމަލުކުރާނޭ ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެ ގާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން އެކުލަވާލާފައިވާ ގަވާއިދެވެ.
(ށ) މިގަވާއިދަށް ކިޔާނީ "އާންމު އުނދަގުލަށްވާ ގޮތަށް ހިންގާ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ގަވާއިދު" އެވެ. މިގަވާއިދު ހިންގައި ތަންފީޒުކުރާނީ ލޯކަލް ކައުންސިލްގެ އިދާރާތަކުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިންނެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ ބޭނުމަކީ، އަންނަނިވި މައިގަނޑު މަގްސަދުތައް ހާސިލުކުރުމެވެ.
(ހ) އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން އާންމު އުނދަގުލަށްވާ ގޮތަށް ހިންގާ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން؛
(ށ) އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގާނޫނުގައިވާ ގޮތުގެމަތީން ފުލުހުންނަށާއި ލޯކަލް ކައުންސިލްތަކަށް ލިބިގެންވާ ބާރުތަކުގެ ބޭނުން ކުރާނޭ ގޮތްތަކާއި ބާރުތަކުގެ ދާއިރާތައް ކަނޑައެޅުން؛
(ނ) އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ ކުޑަކުދިންނާއި އެފަދަ ކުދިންގެ ބެލެނިވެރިންނާ މެދު އަމަލުކުރާނޭ އުސޫލުތައް ކަނޑައެޅުން؛
(ރ) މުޖުތަމައުގެ އެކިއެކި ފަރުދުންނާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަގުމަތީގައި އަދި އާންމު ތަންތާނގައި ހިންގާ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުން؛
(ބ) އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމަށް، އަމުރަކަށް އެދި ކޯޓަށް ހުށަހަޅާނެގޮތާއި، އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް އެޅުމުގެ އިޖްރާއަތު ކަނޑައެޅުން؛
3 ވަނަ ގަވާއިދު – ގަވާއިދު ތަންފީޒުކުރާ އިދާރާ
(ހ) މި ގަވާއިދުގެ ދަށުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ކަމާބެހޭ އިދާރާތަކުގެ ހިދުމަތްތައް އިންތިޒާމް ކުރަންވާނީ އަންނަނިވި ގޮތުގެމަތީންނެވެ.
- ފުލުހުންގެ މަރުކަޒެއް ގާއިމުކޮށްފައިވާ ރަށެއްނަމަ ފުލުހުން؛
- ފުލުހުންގެ މަރުކަޒެއް ގާއިމުވެފައިނުވާ ރަށެއްނަމަ އެރަށެއްގެ ކައުންސިލްގެ އިދާރާ.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެގޮތަށް ބުނެފައިވީނަމަވެސް، ފުލުހުންގެ މަރުކަޒެއް ގާއިމުވެފައިނުވާ ރަށެއްގެ ރަށު ކައުންސިލަށް ހާއްސަ ހާލަތުތަކުގައި ފުލުހުންގެ އެހީތެރިކަމަށް އެދެވިދާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށްޓަކައި، ފުލުހުންގެ ވަކި ހާއްސަ ޓީމެއް ނުވަތަ ޓީމުތަކެއް އުފެއްދުމުގެ އިހުތިޔާރު ކޮމިށަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.
(ރ) އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ރިޕޯޓްކުރުމަށާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެފަދަ އަމަލުތައް ހުއްޓުވުމަށް މުޖުތަމައާ ގުޅިގެން މަސައްކަތްކުރެވޭނެ މަގުފަހިކުރުމަށްޓަކައި މައުލޫމާތު ބަދަލުކުރެވޭ ގޮތަށް ފުލުހުންގެ މަރުކަޒުތަކުގައާއި ކައުންސިލްތަކުގައި ފޯކަލް ޕޮއިންޓްތައް ކަނޑައެޅި، ފުލުހުންގެ މަރުކަޒުތަކުގައާއި ކައުންސިލްތަކުގެ އިދާރާތަކުގައި އެފަދަ ކަމެއްގައި އަބަދުވެސް މުވާސަލާތުކުރެވޭނޭ ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް، މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އާންމުކޮށް އިއުލާން ކުރަންވާނެއެވެ.
4 ވަނަ މާއްދާ – މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނޭ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް
މި ގަވާއިދުގެ ދަށުން، ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅަންވާނީ އަންނަނިވި އަމަލުތަކުގެ މައްޗަށެވެ.
(ހ) އަވަށްޓެރިންނަށް އުނދަގޫކުރުމާއި ބިރުދެއްކުމުގެ އަމަލުތަކުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ ތިރީގައިއެވާ އަމަލުތައް؛
- ފޮށުން؛
- ބިރުދެއްކުން؛
- ގަޔަށް އަތްލުން؛
- އަވަށްޓެރިޔާގެ ގެއަށް އެއްޗެހި އުކުން؛
- ހުއްދަ ނުހޯދައި ގޯތިގެދޮރަށް ވަނުން؛
- ޖިންސީ ގުނަވަނެއް ހާމަކުރުން؛
- ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ ހެދުން ބޭނުންކުރުން؛
- އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ގެންގުޅުމާއި ބޭނުންކުރުން؛
- މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ނުވަތަ މީހަކަށް ގެއްލުމެއް ލިބިދާނެ އެނޫންވެސް އަމަލެއް ހިންގުން؛
(ށ) މަގުހިނގާ މީހުންނަށް އުނދަގޫކުރުމާއި ބިރުދެއްކުމުގެ އަމަލުތަކުގެގޮތުގައި ގާނޫނުގައި ކަ ނޑައަޅާފައިވާ ތިރީގައިއެވާ އަމަލުތައް؛
- ފޮށުން؛
- ބިރުދެއްކުން؛
- ގަޔަށް އަތްލުން؛
- އާންމު ތަންތަނުގައި ގަޟާހާޖާ ކުރުން؛
- ޖިންސީ ގުނަވަނެއް ހާމަކުރުން؛
- ޖިންސީ ގުނަވަނެއް ހާމަވާފަދަ އަމަލެއް ހިންގުން ނުވަތަ ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން ނުވަތަ އިބާރާތެއް އެކުލެވޭ ހެދުން ބޭނުންކުރުން؛
- އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ގެންގުޅުމާއި ބޭނުންކުރުން؛
- މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ނުވަތަ މީހަކަށް ގެއްލުމެއް ލިބިދާނެ އެނޫންވެސް އަމަލެއް ހިންގުން.
(ނ) މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެން މީހެއްގެ މުދަލަކަށް ގެއްލުމެއް ދިނުން؛
(ރ) މުރުން 16 (ސޯޅަ) އަހަރުން ދަށުގެ ކުއްޖަކު، ޒިންމާދާރު މީހަކާއެކު ނޫން ގޮތެއްގައި، ރޭގަނޑު 12 (ބާރަ) އިގެ ފަހުން މަގްބޫލް އުޒުރަކާނުލައި މަގުމަތީގައި އުޅުމާއި، ކުޑަކުއްޖަކު އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އެނޫންވެސް އަމަލެއް ހިންގުން؛
(ބ) ގެއެއް ނުވަތަ އިމާރާތެއްގެ މަގުމަތީފާރުގައި ނުވަތަ މަގުމައްޗަށް ފެންނަން ހުންނަ އެހެން ތަނެއްގައި؛ މަގުމަތީގައި ހުންނަ އެއްޗެހީގައި؛ އާންމުން ވަދެ ނިކުމެވާ ތަނެއްގައި ޕޯސްޓަރެއް ނުވަތަ ބެނާރއެއް ހިއްޕުމަށްފަހު ނުވަތަ ހަރުކުރުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ޕޯސްޓަރެއް ނުވަތަ ބެނާއެއް ނުނެގުން؛
- ޕޯސްޓަރެއް ނުވަތަ ބެނަރއެއް ހިއްޕީ ނުވަތަ ހަރުކުރީ، ވިޔަފާރިއަކުން ޕްރޮމޯށަނަކާ ގުޅިގެންނަމަ، އެ ޕްރޮމޯށަނެއް ނިމޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި؛ އަދި އެނޫން ކަމަކާ ގުޅޭގޮތުންނަމަ، އެ ޕޯސްޓަރެއް ނުވަތަ ބެނަރއެއް ހަރުކުރުމަށްފަހު، ޕޯސްޓަރު ނުވަތަ ބެނަރ ހަލާކުވާން ފަށާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި؛
- ޕޯސްޓަރު ނުވަތަ ބެނަރއެއް ހިއްޕީ ނުވަތަ ހަރުކުރީ، މައުރަޒެއް ނުވަތަ މުބާރާތެއް ނުވަތަ ހަވީރަކާ ގުޅިގެން، ސަރުކާރުގެ އިދާރާއަކުން ނުވަތަ މަދަނީ ޖަމާއަތަކުން ކަމުގައިވާނަމަ، އެކަމެއް ނިމޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި؛ އަދި އެނޫން ކަމަކާއި ގުޅޭގޮތުންނަމަ، އެ ޕޯސްޓަރެއް ނުވަތަ ބެނަރ ހިއްޕުމަށްފަހު، ޕޯސްޓަރު ނުވަތަ ބެނަރ ހަލާކުވާން ފަށާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި؛
- ޕޯސްޓަރު ނުވަތަ ބެނަރ ހަރުކުރީ އެއްވެސް އިންތިހާބެއްގެ ކެމްޕޭނަކާ ގުޅިގެން އެ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓަކު ކަމުގައިވާނަމަ، އެ ކެމްޕޭނެއް ނިމޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި.
(ޅ) ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ހޯދައިގެން އެކިއެކި މުނާސަބަތުތަކާ ގުޅިގެން ބާއްވާ ޖަލްސާތަކާއި ހަފުލާތަކާއި އެނޫންވެސް ހަރަކާތްތައް ފިޔަވައި، ތިރީގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގުން؛
- މިސްކިތްތަކަށާއި، ހޮސްޕިޓަލްތަކަށާއި، ސްކޫލްތަކަށާއި އަވަށްޓެރިންނަށް އުދަނގޫވާގޮތަށް، ގޯތިގެދޮރާއި އިމާރާތްތަކުގައި، ބާރަށް ލަވަޖަހައި ނުވަތަ ޓީ.ވީގެ އަޑު ބާރުކޮށްގެން ޓީވީ ބަލައި ނުވަތަ އެނޫންވެސް ގޮތަކަށް އަޑުގަދަކުރުން؛
- ރެސްޓޯރެންޓް ނުވަތަ ކެފޭއެއް ނުވަތަ ކޮފީށޮޕެއް ނުވަތަ ސައިހޮޓަލެއް ނުވަތަ ކުޅިވަރު ކުޅޭ ތަނެއް ނުވަތަ އެނޫންވެސް، ޒުވާނުންނާއި ބޮޑެތި މީހުން މުނިފޫހިފިލުވަން ގޮސް އުޅޭ ތަނެއްގައި، ކައިރި ހިސާބުތަކުގެ މީހުންނަށް އުނދަގޫވާގޮތަށް ބާރަށް ލަވަޖަހައި ނުވަތަ ޓީ.ވީ ބަލައި ނުވަތަ އެނޫންވެސް ގޮތަކަށް އަޑުގަދަކޮށް ހެދުން؛
- ރަސްމީ ބައްދަލުވުމެއް ނުވަތަ ހަފްލާއެއް ނުވަތަ ދީނީ ދަރުސެއް ނުވަތަ ޖަލްސާއެއް ބާއްވަމުންދާ ތަނެއްގައި އެބަޔަކަށް ނުވަތަ އެ ދަރުސަކަށް ނުވަތަ އެބައްދަލުވުމަށް ނުވަތަ އެޖަލްސާއަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ބާރަށް އަޑުގަދަކޮށް ލަވަޖަހައި ނުވަތަ ޓީ.ވީ ބަލައި ނުވަތަ އެނޫންވެސް ގޮތަކަށް އަޑުގަދަކޮށް ހެދުން.
(ކ) ވަކި މުނާސަބަތަކާ ގުޅިގެން ނުވަތަ ހަވީރެއް ނުވަތަ ފެސްޓިވަލެއް ބޭއްވުމަށްޓަކައި، ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ތަނެއްގެ ވެރިފަރާތުގެ ހުއްދަ ހޯދައިގެން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އެއްޗަކަށް ނުވާގޮތަށް ފޮޓޯއެއް ނުވަތަ މަންޒަރެއް ނުވަތަ ކުރެހުމެއް ބެހެއްޓުން ނުވަތަ އެނޫންވެސް ފަރުމާއެއް ކުރުމާއި، ހިތާނުކޮށްގެން އުޅޭ ގެއެއްގެ މަގުމަތީ ފާރުގައި ނުވަތަ މަގުމައްޗަށް ފެންނަން ހުންނަ އެހެން ތަނެއްގައި ލިޔުން ނުވަތަ ކުރެހުން ފިޔަވައި، މީހަކު ނުވަތަ ބަޔަކު، ތިރީގައި ބަޔާންކޮށްފައިވާ ތަންތަނާއި އެއްޗެހީގެ ތެރެއިން ތަނެއް ނުވަތަ އެއްޗެއްގައި، ކުލަ ނުވަތަ ދަވާދު ނުވަތަ އެއިރޮސޯލް ޕެއިންޓް ނުވަތަ އެނޫންވެސް އެއްޗެއް ބޭނުންކޮށްގެން ލިޔުން ނުވަތަ ކުރެހުން؛
- ގެއެއް ނުވަތަ އިމާރާތެއްގެ މަގުމަތީ ފާރުގައި ނުވަތަ މަގުމައްޗަށް ފެންނަން ހުންނަ އެހެން ތަނެއްގައި؛
- މަގުމަތި ނުވަތަ ދުވާރުގައި؛
- މަގުމަތީގައި ހުންނަ އެއްޗެހީގައި؛
- އާންމުން ވަދެނިކުމެވާ ތަނެއްގެ ފާރުގައި ނުވަތަ މީހުންނަށް ފެންނާނެ ގޮތަށް އެފަދަ ތަނެއްގައި ހުންނަ އެހެން އެއްޗެއްގައި؛
- މަގުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުގައި ނުވަތަ އެހެލާފައި ހުންނަ އޮޑިދޯނި ފަހަރުގައި.
5 ވަނަ މާއްދާ – އަޅާނޭ ފިޔަވަޅުތައް
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް އެއްވެސް މީހަކު ހިންގައިފިނަމަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން އެމީހަކާ މެދު އަޅާނޭ ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.
- އިންޒާރުގެ ސިޓީ؛
- އިޖުތިމާއީ އެއްބަސްވުން؛
- އިޖުތިމާއީ އަމުރު؛
- ބެލެނިވެރިކަމުގެ އެއްބަސްވުން؛
- ބެލެނިވެރިކަމުގެ އަމުރު؛
- ޖޫރިމަނާގެ ނޯޓިސް؛
- ވަގުތީ އަމުރު؛
- ޖިނާއީ ކުށުގެ ދައުވާކުރުމަށް ހުށަހެޅުން.
(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން، މީހުން ގަޔަށް އަތްލުމާއި، ބިރުދެއްކުމާއި، ފޮށުން ފަދަ އަމަލުތައް މީހަކު ނުވަތަ ބަޔަކު ހިންގާނަމަ، ފުލުހުންނަށް ލިބިފައިވާ ބާރުގެ ދަށުން އެއަމަލެއް ވަގުތުން ހުއްޓުވާ އެއަމަލެއް ހިންގި މީހަކާ ނުވަތަ ބަޔަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ – މަގުހިނގާ މީހުންނާއި އަވަށްޓެރިންނަށް އުނދަގޫކުރުމާއި، ބިރު ދެއްކުމާއި މުދަލަށް ގެއްލުންދިނުމާ ގުޅިގެން އެޅޭނެ ފިޔަވަޅު
(ހ) މަގުހިނގާ މީހުންނަށާއި އަވަށްޓެރިންނަށް އުދަނގޫކުރުމާއި ބިރުދެއްކުމާއި މީހަކު ނުވަތަ ގިނަ މީހުންތަކެއް އެކުވެގެން، މީހެއްގެ މުދަލަކަށް ގެއްލުން ދިނުމުގެ އަމަލުތަކުގެ ގޮތުގައި މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކުރާ އަމަލެއް ހިންގައިފިނަމަ، އެ އަމަލު ހިންގި މީހަކާ މެދު ފިޔަވަޅު އަޅާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- އެމީހަކު ހިންގާފައިވާ އަމަލަކީ އެ އަމަލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ އަމަލެއްނަމަ، އިޖުތިމާއީ އެއްބަސްވުމަކަށް ދިޔުމުގެ ބަދަލުގައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި މި ގަވާއިދުގެ 14 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެމީހާއަށް އިންޒާރު ދިނުން؛
- އިންޒާރުދީގެން އެކަން ހައްލު ނުވެއްޖެނަމަ ނުވަތަ އެފަދައިން ހައްލުނުވާނެ ކަމަށް ފެނިއްޖެނަމަ މި ގަވާއިދުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އިޖުތިމާއީ އެއްބަސްވުމަކަށް ދިޔުން؛
- އިޖުތިމާއީ އެއްބަސްވުމުގައި ސޮއިކުރުމަށް އެމީހަކު އިންކާރުކޮށްފިނަމަ ނުވަތަ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އޭގައިވާ ކަމެއް ކުރުމަށް އިންކާރުކޮށްފިނަމަ، މި ގަވާއިދުގެ 11 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އިޖުތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުން؛
- އެމީހަކު ހިންގާފައިވާ އަމަލަކީ އެ އަމަލުގެ ސަބަބުން ލިބޭ ގެއްލުން ބޮޑު އަމަލެއް ކަމުގައިވާނަމަ، ނުވަތަ އެ އަމަލުކުރި މީހާ އެފަދަ އަމަލުކުރުން ތަކުރާރުކުރާނަމަ، އިޖުތިމާއީ އެއްބަސްވުމުގެ ބަދަލުގައި ސީދާ އިޖުތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުން؛
- މީހެއްގެ މައްޗަށް އިޖުތިމާއީ އަމުރެއް ހިނގަމުން ދަނިކޮށް، އެ އަމުރުގެ ދަށުން އޭނާ ކުރުން މަނާ ކޮށްފައިވާ ކަމެއް ކުރީ، ނުވަތަ ކުރުން ލާޒިމުކަމެއް ނުކޮށް ދޫކޮށްލީ މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ގަބޫލުކުރާނެ ހާލަތެއްގައި ނޫންނަމަ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ކުށުގެ ދައުވާ އުފުލުމަށް އެމީހެއްގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އިޖުތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހަޅަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރާނީ މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތީންނެވެ.
7 ވަނަ މާއްދާ – ތަންތާނގައި ކުރަހާ މީހުންނާއި ލިޔާ މީހުންނާމެދު އަޅާނެ ފިޔަވަޅު
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ތަންތާނގައި ކުރަހާ މީހުންނާއި ލިޔާ މީހުންނާމެދު ފިޔަވަޅު އަޅާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
- މީހަކު ހިންގާފައިވާ އަމަލަކީ އެ އަމަލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ އަމަލެއްނަމަ، އިޖުތިމާއީ އެއްބަސްވުމަކަށް ދިޔުމުގެ ބަދަލުގައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި މިގަވާއިދުގެ 14 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އެމީހާއަށް އިންޒާރު ދިނުން؛
- އިންޒާރުދީގެން އެކަން ހައްލުނުވެއްޖެނަމަ ނުވަތަ އެފަދައިން ހައްލުނުވާނެ ކަމަށް ފެނިއްޖެނަމަ މި ގަވާއިދުގެ 10 މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން އިޖުތިމާއީ އެއްބަސްވުމަކަށް ދިޔުން؛
- މި މާއްދާގައި ބަޔާންކުރާ ފަދަ އަމަލެއް ހިންގި މީހަކު، އިޖުތިމާއީ އެއްބަސްވުމުގައި ސޮއިކުރުމަށް އިންކާރުކޮށްފިނަމަ ނުވަތަ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އޭގައިވާ ކަމެއް ކުރުމަށް އިންކާރުކޮށްފިނަމަ، އިޖުތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުން ނުވަތަ މި މާއްދާގައި ބަޔާންކުރާ ފަދަ އަމަލެއް ހިންގީ ވަކި މީހަކު ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިގެންވާނަމަ، މި ގަވާއިދުގެ 15 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން 100 (ސަތޭކަ) ރުފިޔާ އާއި 500 (ފަސް ސަތޭކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެމީހަކު ޖޫރިމަނާކުރުމަށް ޖޫރިމަނާގެ ނޯޓިހެއް ދިނުން؛
- މި މާއްދާގައި ބަޔާންކުރާ ފަދަ އަމަލަކީ، އެ އަމަލެއް ހިންގުމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑު އަމަލެއް ކަމުގައިވާނަމަ، ނުވަތަ އެއަމަލުކުރި މީހާ އެފަދަ އަމަލުކުރުން ތަކުރާރުކުރާނަމަ، އިޖުތިމާއީ އެއްބަސްވުމެއްގެ ބަދަލުގައި ސީދާ އިޖުތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުން؛
- މި މާއްދާގައި ބަޔާންކުރާ ފަދަ އަމަލެއް ހިންގި މީހެއްގެ މައްޗަށް އިޖުތިމާއީ އަމުރެއް ހިނގަމުންދަނިކޮށް، އެ އަމުރުގެ ދަށުން އޭނާ ކުރުން މަނާ ކޮށްފައިވާ ކަމެއް ކުރީ، ނުވަތަ ކުރުން ލާޒިމުކަމެއް ނުކޮށް ދޫކޮށްލީ މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ގަބޫލުކުރާނެ ހާލަތެއްގައި ނޫންނަމަ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ކުށުގެ ދައުވާ އުފުލުމަށް އެމީހެއްގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.
(ށ) މީހަކު، މިމާއްދާގައި ބަޔާންކުރާ އަމަލެއް ކޮށްފިކަމަށް ބެލެވޭނަމަ، އެފަދަ އަމަލެއް ކުރަން ބޭނުން ކުރެވިދާނެ އެއްވެސް އާލާތެއް އެމީހެއްގެ އަތުގައި އޮތްތޯ ބެލުމަށްޓަކައި ކަމާ ބެހޭ އިދާރާތަކަށް އެމީހާގެ ހަށިގަނޑު ބަލައި ފާސްކޮށް އެފަދަ މީހެއް ދަތުރުކުރާ ދުއްވާ އެއްޗެއް ހުއްޓުވުމަށްފަހު، އެދުއްވާ އެއްޗެއް ބަލައި ފާސްކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާ ޖޫރިމަނާ ކުރުމަށްޓަކައި މީހެއްގެ ނަމާއި އެޑްރެސް އެހުމުން، އެ މައުލޫމާތު ނުދީފިނަމަ، ނުވަތަ ދޮގު މައުލޫމާތެއް ދީފި ނަމަ އެމީހަކު 2000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.
8 ވަނަ މާއްދާ – ޕޯސްޓަރު ނުވަތަ ބެނާ ހަރުކުރުމާއި ގުޅިގެން އެޅޭ ފިޔަވަޅު
(ހ) މި ގަވާއިދުގެ ދަށުން މީހެއްގެ މައްޗަށް، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ޕޯސްޓަރު ނުވަތަ ބެނާ ހަރުކުރުމާއި ގުޅިގެން، ފިޔަވަޅު އަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީންނެވެ.
- މީހަކު ހިންގާފައިވާ އަމަލަކީ އެއަމަލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ އަމަލެއްނަމަ އިޖުތިމާއީ އެއްބަސްވުމަކަށް ދިޔުމުގެ ބަދަލުގައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އެމީހާއަށް މި ގަވާއިދުގެ 14ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތީން އިންޒާރު ދިނުން؛
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އެކަން ހައްލުނުކުރެވިއްޖެނަމަ، އެ އަމަލު ހިންގީ ވަކި މީހަކު ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިގެންވާނަމަ، މިގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތީން 100 (ސަތޭކަ) ރުފިޔާ އާއި 500 (ފަސް ސަތޭކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެމީހަކު ޖޫރިމަނާކުރުމަށް ޖޫރިމަނާގެ ނޯޓިހެއް ދިނުން؛
(ށ) މި މާއްދާގެ (ހ) ގ (2)ެ ވަނަ ނަންބަރުގައި ބުނެފައިވާ ޖޫރިމަނާ ކުރުމަށްޓަކާ މީހެއްގެ ނަމާއި އެޑްރެސް އެހުމުން، އެ މައުލޫމާތު ނުދީފިނަމަ، ނުވަތަ ދޮގު މައުލޫމާތެއް ދީފި ނަމަ އެމީހަކު 2000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.
9 ވަނަ މާއްދާ – އާންމު އުނދަގުލަށް ވާގޮތަށް އަޑުގަދަ ކުރުމާއި ގުޅިގެން އެޅޭ ފިޔަވަޅު
(ހ) މި ގަވާއިދުގެ ދަށުން، މީހަކު އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް، އާންމު އުނދަގުލަށް ވާގޮތަށް އަޑުގަދަކުރާނަމަ، އެމީހަކާމެދު ފިޔަވަޅު އަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ
- މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އަމަލުކުރާ މީހަކަށް، އެކަން ނުކުރުމަށް އަންގައި، އެކަން ހުއްޓުމަށް 15 (ފަނަރަ) މިނެޓުގެ ފުރުސަތެއް ދިނުން؛
- 15 (ފަނަރަ) މިނެޓްގެ ފުރުސަތެއް ދިނުމަށްފަހުވެސް ނުހުއްޓައިފިނަމަ، 100 (ސަތޭކަ) ރުފިޔާއާއި 500 (ފަސް ސަތޭކަ) ރުފިޔާއާއި ދެމެދުގެ އަދަދަކުން އެމީހަކު ޖޫރިމަނާ ކުރުމަށް ޖޫރިމަނާގެ ނޯޓިހެއް ދިނުން؛
- އެމީހަކު އެ އަމަލެއް ނުވަތަ އެކަމެއް ނުހުއްޓައިފިނަމަ ނުވަތަ ފުލުހުން އެންގި ގޮތަށް އަމަލުކުރުމަށް އިންކާރު ކޮށްފިނަމަ، އެމީހަކު ނުވަތަ އެބަޔަކު ވަގުތުން އެތަނަކުން ދުރައްލުމަށާއި އަދި ރަސްމީ ހަފުލާއެއް ނުވަތަ ބައްދަލުވުމެއް ނުވަތަ ދީނީ ދަރުސެއް ނުވަތަ ޖަލްސާއަށް އެމީހަކު ނުވަތަ އެބަޔަކު އުނދަގޫކުރުމަށް ބޭނުންކުރި ވަސީލަތެއް ނުވަތަ ތަކެއްޗެއް ވަގުތުން އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ
- މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަތުލެވޭ ވަސީލަތެއް ނުވަތަ އެއްޗެއް އަނބުރާ އެއެއްޗެއްގެ ވެރިފަރާތަށް ރައްދުކުރެވޭނީ، އެތަކެތީގެ ބޭނުންކޮށްގެން އުނދަގޫކުރި ރަސްމީ ހަފުލާއެއް ނުވަތަ ބައްދަލުވުމެއް ނުވަތަ ދީނީ ދަރުސެއް ނުވަތަ ޖަލްސާއެއް ނިމުމުން، އެ ވަސީލަތަކީ ނުވަތަ އެ އެއްޗަކީ އެމީހެއްގެ ވަސީލަތެއް ނުވަތަ އެއްޗެއް ކަމަށް ބުނެ އޭގެ ވެރިފަރާތުން ފުލުހުންގެ އިދާރާއަށް ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބުނެފައިވާ ޖޫރިމަނާގެ ނޯޓިހުގައި ބަޔާންކުރާ ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެމީހަކާ ދެކޮޅަށް އިޖުތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެކަން އެ ނޯޓިހުގައި ބަޔާންކުރަންވާނެއެވެ. އަދި ޖޫރިމަނާ ކުރުމަށްޓަކާ މީހެއްގެ ނަމާއި އެޑްރެސް އެހުމުން، އެ މައުލޫމާތު ނުދީފިނަމަ، ނުވަތަ ދޮގު މައުލޫމާތެއް ދީފި ނަމަ އެމީހަކު 2000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ
10 ވަނަ މާއްދާ – އިޖުތިމާއީ އެއްބަސްވުން.
(ހ) މިގަވާއިދުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އިޖްތިމާއީ އެއްބަސްވުމަކަށް ދަނީނަމަ، މި ގަވާއިދުގެ ޖަދުވަލު 01 ގެ ނަންބަރު 01 ގައި އެވާ ލިޔުން ފުރިހަމަކޮށް އަންނަނިވި ކަންކަން އެ ލިޔުމުގައި ހިމަނަންވާނެއެވެ.
- މީހަކު ކުރި ނުވަތަ ހިންގުމުގައި ބައިވެރިވި އާންމު އިޖުތިމާއީ މިންގަނޑުތަކ ާހިލާފު އަމަލު ނުވަތަ އަމަލުތަކުގެ ތަފުސީލު؛
- އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން އެމީހަކު ބައިވެރިވާންޖެހޭ ޕްރޮގްރާމްގެ ތަފުސީލު؛
- އެއްބަސްވުމުގެ ދަށުން އެމީހާ ކުރުން ލާޒިމުކުރާ ކަންކަން؛
- އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރުމަށް އެމީހާ އެއްބަސްވާ އެއްބަސްވުން؛
- ކުރިއަށް އޮތްތަނުގައި އެފަދަ އަމަލެއް ހުއްޓުވުމަށްޓަކައި އެހީތެރިވުމުގެ ގޮތުން އެމީހަކަށް ކޮށްދެވޭނެ ކަންތައް.
(ށ) އިޖުތިމާއީ އެއްބަސްވުމުގައި ސޮއި ކުރުމަށް މީހަކު އިންކާރުކޮށްފިނަމަ، ނުވަތަ އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހު، އޭގައިވާ ކަމެއް ކުރުމަށް އިންކާރުކޮށްފިނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކުން އޭނާއާ މެދު އަމަލުކުރެވޭނެ ކަން އެމީހާއަށް އަންގަންވާނެއެވެ.
- އޭނާއާއި ދެކޮޅަށް އިޖުތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެކަން؛
- މި ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ފިޔަވަޅެއް އެޅިދާނެކަން.
11 ވަނަ މާއްދާ – އިޖުތިމާއީ އަމުރު
(ހ) މި ގަވާއިދުގެ ދަށުން، މީހެއްގެ މައްޗަށް އިޖުތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހަޅަންވާނީ އަންނަނިވި ހާލަތުތަކުގައެވެ.
- މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުމެއްގައި ސޮއިކުރަން އެމީހާ އިންކާރުކުރުން؛
- އެފަދަ އެއްބަސްވުމުގައި އެމީހަކު ކުރުމަށް ބަޔާންކޮށްފައިވާ ކަމެއް ނުކުރުން؛
- އެފަދަ އެއްބަސްވުމަކަށް ދިއުމަށްވުރެ އެކަށީގެންވަނީ އިޖުތިމާއީ އަމުރެއް ނެރުން ކަމަށް ކަމާބެހޭ އިދާރާއަށް ގަބޫލުކުރެވުން
(ށ) އިޖުތިމާއީ އަމުރަކަށް އެދޭ ހިނދު، ފުލުހުން ނުވަތަ ކައުންސިލްގެ އިދާރާއިން ތިރީގައިއެވާ ކަންކަން ހެއްކާއެކު ކޯޓަށް ސާބިތުކޮށްދޭންވާނެއެވެ.
- އެމީހަކު އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ކޮށްފިކަން ނުވަތަ އެފަދަ އަމަލެއް ކުރަމުން ގޮސްފައިވާކަން؛
- އެ އަމަލުގެ ސަބަބުން މުޖުތަމައުގެ ބަޔަކަށް ބިރުވެރިކަމާއި ނުތަނަވަސްކަމާއި އުދާސް އިހުސާސް ކުރަން ޖެހިފައިވާކަން؛
- އިޖުތިމާއީ އަމުރެއް ނެރުމަކީ، އެފަދަ އަމަލެއް ހިނގި ނުވަތަ ކުރިއަށް އޮތްތާނގައި ހިނގައިފާނެ ކަމަށް ބެލެވޭ ސަރަހަދެއްގައި ނުވަތަ އަވަށެއްގައި ދިރިއުޅޭ ރައްޔިތުން އެފަދަ އަމަލުތަކުން ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ އަމުރަކަށްވާކަން.
(ނ) އިޖުތިމާއީ އަމުރެއް ނެރުމުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ރ) އާއި، (ބ) އާއި، (ޅ) އަދި (ކ) ގައި ބަޔާންކުރާ އެންމެހައި ކަންކަމަށް ކޯޓުން ރިއާޔަތް ކުރަންވާނެއެވެ.
12 ވަނަ މާއްދާ – ބެލެނިވެރިކަމުގެ އެއްބަސްވުން
(ހ) މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭފަދަ އަމަލެއް ކުޑަކުއްޖަކު ކޮށްފިނަމަ، ކުރިއަށް އޮތްތާނގައި އެކުއްޖާ އެފަދަ އަމަލުތައް ހިންގުން ހުއްޓުވުމުގެ ގޮތުން، އެ ކުއްޖާގެ ބެލެނިވެރިޔާއާއި ކަމާބެހޭ އިދާރާއާ ދެމެދު އެއްބަސްވުމެއް ވެވިދާނެއެވެ.
(ށ) ކުޑަކުއްޖާކުރި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުގެ ކުޑަބޮޑު މިނަށް ބަލައި، އެއްބަސްވުމުގައި ބަޔާންކުރާ ކަމެއް ނުކުރުމުގެ ނަތީޖާ އަކީ، ބެލެނިވެރިޔާއާއި ދެކޮޅަށް ބެލެނިވެރިކަމުގެ އަމުރެއް ނެރުމަށްޓަކައި ކޯޓުގައި އެދުން ނުވަތަ ޖޫރިމަނާގެ ނޯޓިހެއް ދިނުން ނުވަތަ އެނޫންވެސް ފިޔަވަޅެއް އެޅުން ކަމަށް އެއްބަސްވުމުގައި ކަމާބެހޭ އިދާރާއަށް ކަނޑައެޅިދާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން، ބެލެނިވެރިކަމުގެ އެއްބަސްވުމަކަށް ދަނީނަމަ، މި ގަވާއިދުގެ ޖަދުވަލު 01 ގެ 02 ގައި އެވާ ލިޔުން ފުރިހަމަކޮށް، އަންނަނިވި ކަންކަން އެ ލިޔުމުގައި ހިމަނަންވާނެއެވެ.
- ކުޑަކުއްޖާ ކުރި ނުވަތަ ހިންގުމުގައި ބައިވެރިވި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުގެ ތަފުސީލު؛
- އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގެ ދަށުން އެކުއްޖާ އަދި/ނުވަތަ އެކުއްޖާގެ ބެލެނިވެރިޔާ ބައިވެރިވާންޖެހޭ ޕްރޮގްރާމްގެ ނުވަތަ ޕްރޮގްރާމްތަކުގެ ތަފުސީލު؛
- އެއްބަސްވުމުގެ ދަށުން ކުއްޖާ އަދި/ނުވަތަ ބެލެނިވެރިޔާ ކުރުން ލާޒިމުކުރާ ކަންކަން؛
- އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރުމަށް ބެލެނިވެރިޔާ އެއްބަސްވާ އެއްބަސްވުން؛
- ކުރިއަށް އޮތްތަނުގައި އެފަދަ އަމަލެއް ހުއްޓުވުމަށްޓަކައި އެހީތެރިވުމުގެ ގޮތުން އެކުއްޖާގެ ބެލެނިވެރިޔާ އަށް ކޮށްދެވޭނެ ކަންތައް.
(ރ) ބެލެނިވެރިކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މީހަކު އިންކާރުކޮށްފިނަމަ، ނުވަތަ އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހު، އޭގައިވާ ކަމެއް ކުރުމަށް އިންކާރުކޮށްފިނަމަ، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކުން އޭނާއާ މެދު އަމަލުކުރެވޭނެ ކަން އެމީހާއަށް އަންގަންވާނެއެވެ.
- އޭނާއާއި ދެކޮޅަށް ބެލެނިވެރިކަމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެކަން؛
- އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ އެ ނޫންވެސް ފިޔަވަޅެއް އެމީހާއާއި މެދު އެޅިދާނެކަން.
13 ވަނަ މާއްދާ – ބެލެނިވެރިކަމުގެ އަމުރު
(ހ) މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭފަދަ އަމަލެއް ކުޑަކުއްޖަކު ހިންގައިފިނަމަ ނުވަތަ ހިންގަމުންދާނަމަ، ތިރީގައިވާ ހާލަތުތަކުގައި، ބެލެނިވެރިކަމުގެ އަމުރެއް ނެރެދިނުމަށް އެދި ކަމާބެހޭ އިދާރާއިން ކޯޓަށް ހުށަހެޅިދާނެއެވެ.
- ބެލެނިވެރިކަމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބެލެނިވެރިޔާ އިންކާރުކުރުން؛
- އެފަދަ އެއްބަސްވުމެއްގައި ބެލެނިވެރިޔާ ކުރުމަށް ބަޔާންކޮށްފައިވާ ކަމެއް ނުކުރުން؛
- އެފަދަ އެއްބަސްވުމަކަށް ދިޔުމަށްވުރެ އެކަށީގެންވަނީ ބެލެނިވެރިކަމުގެ އަމުރެއް ނެރުން ކަމަށް ކަމާބެހޭ އިދާރާއަށް ގަބޫލުކުރެވުން.
(ށ) ބެލެނިވެރިކަމުގެ އަމުރެއް ނެރުމަކީ، އެކަމުގައި އެޅެން އޮތް އެންމެ އެކަށީގެންވާ ފިޔަވަޅުކަމާއި، އެފަދަ އަމުރަކަށް އެދޭ ފަރާތުން ތިރީގައި ބުނެފައި އެވާ ކަންކަން ހެއްކާއެކު ކޯޓަށް ސާބިތުކޮށްދޭންވާނެއެވެ.
- ބެލެނިވެރިކަމުގެ އަމުރު އަމާޒުކުރެވޭ މީހާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުއްޖާ، މިގަވާއިދުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭފަދަ ކަމެއް ކޮށްފިކަން ނުވަތަ އެފަދަ އަމަލުކުރަމުން ގޮސްފައިވާކަން؛
- އެ އަމަލުގެ ސަބަބުން މުޖުތަމައުގެ ބަޔަކަށް ބިރުވެރިކަމާއި ނުތަނަވަސްކަމާއި އުދާސް އިހުސާސް ކުރަން ޖެހިފައިވާކަން؛
- ބެލެނިވެރިކަމުގެ އަމުރެއް ނެރުމަކީ، އެފަދަ އަމަލެއް ހިނގި ނުވަތަ ކުރިއަށް އޮތްތާނގައި ހިނގައިފާނެ ކަމަށް ބެލެވޭ ސަރަހައްދެއްގައި ނުވަތަ އަވަށެއްގައި ދިރިއުޅޭ ރައްޔިތުން އެފަދަ އަމަލުތަކުން ރައްކާތެރިކުރުމަށް ކޮންމެހެން ކުރަންޖެހޭ އަމުރަކަށްވާކަން.
(ނ) ބެލެނިވެރިކަމުގެ އަމުރެއް ނެރުމުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ުއްޓުވުމުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކުރާ އެންމެހައި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.
(ރ) މީހެއްގެ މަށްޗަށް ބެލެނިވެރިކަމުގެ އަމުރެއް ހިނގަމުންދަނިކޮށް، އެ އަމުރުގެ ދަށުން އޭނާ ކުރުން މަނާ ކޮށްފައިވާ ކަމެއް ކުރީ، ނުވަތަ ކުރުން ލާޒިމުކަމެއް ނުކޮށް ދޫކޮށްލީ މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ގަބޫލުކުރާނެ ހާލަތެއްގައިނޫންނަމަ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ކުށުގެ ދައުވާ އުފުލުމަށް އެމީހެއްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިދާނެއެވެ.
14 ވަނަ މާއްދާ – އިންޒާރު ދިނުން
މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންޖެހޭ ފަދަ އަމަލަކީ، އެ އަމަލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ އަމަލެއްނަމަ، އިޖުތިމާއީ އެއްބަސްވުމަކަށް ނުވަތަ ބެލެނިވެރިކަމުގެ އެއްބަސްވުމަކަށް ދިޔުމުގެ ބަދަލުގައި، މި ގަވާއިދުގެ ޖަދުވަލު 02 ގެ 01 ގައި އެވާ ލިޔުން ފުރިހަމަކޮށް، ތިރީގައިވާ ދެ ގޮތުންކުރެ ގޮތަކަށް އެ މީހަކަށް އިންޒާރު ދެވިދާނެއެވެ.
(ހ) ދިމާވެގެން އުޅޭ މައްސަލައަކީ ކޮބައިކަން، މިގަވާއިދުގެ ދަށުން ފިޔަވަޅު އަޅަން ޖެހޭ މީހާއަށް، ނުވަތަ އެކަން ކުރީ ކުޑަކުއްޖެނަމަ އެ ކުއްޖާއަށާއި އެކުއްޖާގެ ބެލެނިވެރިޔާއަށް، ބަޔާންކޮށްދީ، އެ އަމަލަކީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއްކަމާއި، އެ އަމަލުގެ ނަތީޖާއަކީ ކޮބައިކަމާއި، އޭނާގެ އަމަލުތައް މޮނިޓަރކުރަމުންދާނެ ކަމާއި، އެފަދައިން އަމަލުތައް ބަހައްޓަމުން ގެންދާނަމަ، އިޖުތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށް ނުވަތަ ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެކަމަށް ނުވަތަ އޭނާއާ މެދު އެނޫންވެސް ފިޔަވަޅެއް އެޅިދާނެކަން އަންގައި އިންޒާރުގެ ސިޓީއެއް ފޮނުވުން؛
(ށ) މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންޖެހޭ މީހާއާއި، ކަމާބެހޭ އިދާރާއަކުން ބައްދަލުކޮށް މި މާއްދާގެ (ހ) ގައި ބުނެފައިއެވާ ކަންކަން ކިޔައިދީ، ނަސޭހަތްތެރިވުން.
15 ވަނަ މާއްދާ – ޖޫރިމަނާގެ ނޯޓިސް ދިނުން
(ހ) މި ގަވާއިދުގެ ދަށުން ފިޔަވަޅެއް އަޅަން ޖެހޭފަދަ އަމަލެއް ކޮށްފިމީހަކަށް، ކަ ނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި ވަކި އަދަދެއްގެ ޖޫރިމަނާ ފައިސާއެއް ދެއްކުމަށްފަހު، އޭނާގެ މައްޗަށް އިތުރު ފިޔަވަޅެއް އެޅުމުން ބަރީއަވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި ގަވާއިދުގެ ޖަދުވަލު 02 ގެ 02 ގައިއެވާ ލިޔުން ފުރިހަމަކޮށް، ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެއެވެ
(ށ) އެ ނޯޓިހުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ނޯޓިސް ރައްދުވާ ފަރާތުން ޖޫރިމަނާ ފައިސާ ދައްކައިފިނަމަ، އޭނާގެ މައްޗަށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިތުރު ފިޔަވަޅެއް އަޅައިގެންނުވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ދެވޭ ނޯޓިހެއްގައި ކަ ނޑައަޅޭ މުއްދަތެއްގެ ތެރޭގައި ވަކި އަދަދެއްގެ ޖޫރިމަނާ ފައިސާއެއް ދެއްކުމަށްފަހު، އޭނާގެ މައްޗަށް އިތުރު ފިޔަވަޅެއް އެޅުމުން ބަރީއަވުމުގެ ފުރުސަތު ލިބިގެންވާ ކަމާއި، އޭނާގެ މައްޗަށް އިތުރު ފިޔަވަޅެއް ނޭޅޭނެކަން ބަޔާންކުރަންވާނެއެވެ. މި ގޮތުން ޖޫރިމަނާގެ ފައިސާ ދެއްކުމަށް މަދުވެގެން 07 (ހަތެއް) ދުވަހުގެ މުހުލަތެއް ދޭންވާނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން ދެވޭ ނޯޓިހެއްގައި ކަ ނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި ނޯޓިސް ރައްދުވާ ފަރާތުން ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެ މީހަކާ މެދު އަމަލުކުރަންވާނީ ތިރީގައިއެވާ ގޮތުގެ މަތީންނެވެ.
- ޖޫރިމަނާގެ ފައިސާ ދައްކާފައިނުވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ކަމާބެހޭ އިދާރާއަށް ގަބޫލުކުރެވޭނަމަ، ޖޫރިމަނާ ފައިސާ ދައްކަން އިތުރު މުއްދަތެއް ދިނުން؛
- ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ކަމާބެހޭ އިދާރާއަށް ގަބޫލުކުރެވޭނަމަ، ނުވަތަ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ދެކޮޅު ހަދައިފިނަމަ، އޭނާ ހިންގި އަމަލުގެ ކުޑަބޮޑުމިނަށް ބަލައި، ސާބިތު ދަރަނީގެ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހަޅައި، މިގަވާއިދުގައި ވަކި ގޮތަކަށް ކަ ނޑައަޅާފައިނުވާ ހާލަތުތަކުގައި މި ގަވާއިދުގެ ދަށުން އޭނާއާ މެދު އަޅަން ފެންނަ އެންމެ އެކަށޭނެ ފިޔަވަޅެއް އެޅުން.
16 ވަނަ މާއްދާ - ވަގުތީ އަމުރު
(ހ) މި ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އިޖުތިމާއީ އަމުރަކަށް ނުވަތަ ބެލެނިވެރިކަމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އެ އަމުރު ނެރުމާއި ހަމައަށްވެސް، ނުވަތަ އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން، ވަކި ކަންތައްތަކެއް ކުރުން މަނާކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ކަމާބެހޭ އިދާރާއަކުން ކޯޓަށް ހުށަހެޅިދާނެއެވެ.
17 ވަނަ މާއްދާ - ކުޑަކުދިންނާމެދު އެޅޭނެ ފިޔަވަޅުތައް
(ހ) މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންޖެހޭ ފަދަ އަމަލެއް ކުޑަކުއްޖަކު ހިންގައިފިނަމަ، އެ ކުއްޖަކާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.
- މި ގަވާއިދުގައި ބަޔާންކުރާ އިޖުތިމާއީ އެއްބަސްވުމަކަށް ދިއުން؛
- މި ގަވާއިދުގައި ބަޔާންކުރާ ބެލެނިވެރިކަމުގެ އެއްބަސްވުމަކަށް ދިޔުން؛
- މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރި ވެއްޖެނަމަ، ބެލެނިވެރިކަމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުން؛
- ބެލެނިވެރިކަމުގެ އަމުރެއް މީހެއްގެ މަށްޗަށް ހިނގަމުންދަނިކޮށް، އެއަމުރުގެ ދަށުން އޭނާ ކުރުން މަނާ ކޮށްފައިވާ ކަމެއް ކުރީ، ނުވަތަކުރުން ލާޒިމުކަމެއް ނުކޮށް ދޫކޮށްލީ މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ސަބަބެއް ޮވެގެންކަމުގައި ގަބޫލުކުރާނެ ހާލަތެއްގައިނޫންނަމަ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ކުށުގެ ދައުވާ އުފުލުމަށް އެމީހެއްގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛
- މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންޖެހޭ ފަދަ އަމަލެއް ތަކުރާރުކުރާ ކުއްޖަކާމެދު މި ގަވާއިދުގައިވާ ގޮތުގެ މަތިން އިޖުތިމާއީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުން ނުވަތަ އެކުއްޖާގެ ބެލެނިވެރިޔާއަށް ޖޫރިމަނާގެ ނޯޓިހެއް ދެވިދާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަންޖެހޭފަދަ އަމަލެއް ހިންގީ، އުމުރުން 16 އަހަރުން ދަށުގެ ކުއްޖަކަށްވެފައި، އެކުއްޖާ ވަނީ ޒިންމާދާރު މީހެއްގެ ބެލުމުގެ ދަށުގައި ނޫންކަމަށް، އަދި އެކުއްޖާ މަގުމަތީގައިވަނީ މަގުބޫލު އުޒުރެއްނެތި ކަމަށް އެކަށީގެންވާ ސަބަބަކާއެކު ކަމާބެހޭ އިދާރާއަކަށް ގަބޫލުކުރެވޭނަމަ، އެކުއްޖާ ދިރިއުޅޭ ތަނަކަށް އެ ކުއްޖާ ގެންދިޔުމުގެ އިހުތިޔާރު ކަމާބެހޭ އިދާރާއަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ – އިޖުތިމާއީ އަމުރާއި ބެލެނިވެރިކަމުގެ އަމުރާ ހިލާފުވީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ގަބޫލުކުރާނެ ހާލަތުތައް
(ހ) އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގި މީހެއްގެ މަށްޗަށް، އިޖުތިމާއީ އަމުރެއް ނުވަތަ ބެލެނިވެރިކަމުގެ އަމުރެއް ހިނގަމުންދަނިކޮށް، އެ އަމުރުގެ ދަށުން އެމީހަކު ކުރުން މަނާ ކޮށްފައިވާ ކަމެއް ކުރީ ނުވަތަ ކުރުން ލާޒިމުކަމެއް ނުކޮށް ދޫކޮށްލީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ގަބޫލުކުރާނެ ހާލަތުތައް ތިރީގައި މިވަނީއެވެ.
- މީހަކަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބިދާނެ ގެއްލުމަކުން އެމީހަކު ނުވަތަ އެ މުދަލެއް ސަލާމަތްކުރުމަށްޓަކައި؛
- ގާނޫނު ތަންފީޒުކުކުރާ އިދާރާއަކަށް ނުވަތަ ކޯޓުގެ އަމުރަކަށް ބޯލެނބުމަށްޓަކައި؛
- ހަމަ ބުއްދި ސަލާމަތުން ނެތުން؛
- ކަމާބެހޭ އިދާރާއަށް އެކަށީގެންވާ ސަބަބެއްކަމަށް ގަބޫލުކުރެވޭ އެހެންވެސް ހާލަތެއް.
19 ވަނަ މާއްދާ – ކައުންސިލިން ދިނުމުގެ ޕްރޮގްރާމްތައް ހިންގުން
އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުމުގެ ގާނުނުގެ 25 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ، ކޯޓުން ކަނޑައަޅާ ކައުންސެލިން ނުވަތަ ގައިޑަންސް ޕްރޮގްރާމާއި، އެ ގާނޫނުގެ 17 ވަނަ މައްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ، ކައުންސެލިން ނުވަތަ ގައިޑަންސް ޕްރޮގްރާމާއި، އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުވައިދިނުމަށް ހާއްސަކޮށްފައިވާ ކައުންސެލިން ނުވަތަ ގައިޑަންސް ޕްރޮގްރާމުތަކުގެ ތެރޭގައި، ކަމާބެހޭ މުއައްސަސާތަކުން މި ގަވާއިދަށް އަމަލުކުރަން ެށުމުގެ ކުރިން އެކުލަވައިލާ ހިންގަމުންދާ އެފަދަ ޕްރޮގްރާމްތައް ހިމެނޭނެއެވެ. އަދި އެފަދަ ޕްރޮގްރާމެއް އެކުލަވާލެވިފައި ނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 )ފަސްދޮޅަސް) ދުވަހުގެ ތެރޭ ކަމާ ބެހޭ މުއައްސަސާ އަކުން އެ ޕްރޮގްރާމެއް އެކުލަވައިލާންވާނެއެވެ.
20 ވަނަ މާއްދާ – މަދަނީ އިޖްރާއަތު ހިންގުން
އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން، މި ގަވާއިދުގެ ދަށުން އަޅާ ފިޔަވަޅު ތަކުގެ ތެރެއިން މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުތައް ފިޔަވައި އެނޫން އެންމެހައި ހާލަތުތަކުގައި ހިންގޭ އިޖްރާއަތުތައް ހިންގަންވާނީ އަދި ނެރެވޭ އަމުރުތައް ނެރެންވާނީ މަދަނީ އިހުތިސާސްގެ ތެރެއިންނެވެ. މި ގޮތުން މި ގަވާއިދުގެ ދަށުން ނެރޭ އެންމެހައި އަމުރުތައް ނެރެންވާނީ ސިވިލް ކޯޓުންނާއި، ޖުވެނައިލް ކޯޓުންނާއި، މެޖިސްޓްރޭޓް ކޯޓުތަކުންނެވެ.
21 ވަނަ މާއްދާ – ކޯޓު އަމުރަށް އެދުން
މި ގަވާއިދުގެ ދަށުން، ނެރެންޖެހޭ އަމުރުތަކަށް އެދި ކޯޓުތަކަށް، ފުލުހުންނާއި ކައުންސިލްގެ އިދާރާތަކުން އެކަމަށް އެދޭ ފޯމު އެކޯޓަކަށް ހުށަހަޅަންވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގައި އެ ކޯޓަކުން އެހެނިހެން ލިޔެކިޔުންތައްވެސް ބަލައިގަންނަ ގަޑިތަކުގައެވެ.
22 ވަނަ މާއްދާ – ކަމާބެހޭ އިދާރާއަކަށް ހާޒިރުކުރުމުން އެއީ ހައްޔަރެއް ކަމުގައި ނުބެލެވުން
މި ގަވާއިދުގެ ދަށުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ހިންގި އަމަލަކާއިމެދު ފިޔަވަޅެއް އެޅުމުގެ ގޮތުން، އެފަދަ މީހަކު ކަމާބެހޭ އިދާރާއަކަށް ހާޒިރުކުރުމުން، އެއީ ހައްޔަރު ނުވަތަ ބަންދުކުރީ ކަމުގައި ނުބެލެވޭނެއެވެ. މިގޮތުން އެފަދަ މީހަކު ކަމާބެހޭ އިދާރާއަކަށް ހާޒިރުކުރުމަށްފަހު ހޭދަވާ ވަގުތު 03 (ތިނެއް) ގަޑި އިރަށްވުރެ ދިގުވެގެންނުވާނެއެވެ.
23 ވަނަ މާއްދާ – އިތުރު ގަވާއިދުތަކަށް އަމަލުކުރުން
އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފަންވާ އެހެން ގަވާއިދަކަށް އަމަލުކުރުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
24 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަންފެށުން
މި ގަވާއިދަށް އަމަލުކުރަންފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.
25 ވަނަ މާއްދާ – މާނަ
(ހ) މި ގަވާއިދުގައި، "ކަމާބެހޭ އިދާރާ" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 11/2010 (އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު) ގެ 4 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، ފުލުހުންނާއި ލޯކަލް ކައުންސިލުތަކަށެވެ.
(ށ) މިގަވާއިދުގައި "ކަމާ ބެހޭ މުއައްސަސާ" ކަމަށް ބުނެފައި އެވަނީ:
- އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މައްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ކައުންސެލިން ނުވަތަ ގައިޑަންސް ޕްރޮގްރާމުތައް ހިންގުމަށް ކަނޑައެޅިފައިވާ މުއައްސަސާއެވެ.
- އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ކުޑަކުދިންނަށް އެހީތެރިކަން ފޯރުވައިދިނުމަށް ާއްސަކޮށްފައިވާ ކައުންސެލިން ނުވަތަ ގައިޑަންސް ޕްރޮގްރާމްތައް ހިންގުމަށް ކަނޑައެޅިފައިވާ މުއައްސަސާއެވެ.
- އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުމުގެ ގާނުނުގެ 25 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ، ކޯޓުން ކަނޑައަޅާ ކައުންސެލިން ނުވަތަ ގައިޑަންސް ޕްރޮގްރާމް ހިންގަންޖެހޭ ކަމާބެހޭ ކޯޓުތަކެވެ.
(ނ) މިގަވާއިދުގައި "އުނދަގޫކުރުމަށް ބޭނުންކުރި ވަސީލަތެއް ނުވަތަ ތަކެތި" ކަމަށް ބުނެފައި އެވަނީ ދުއްވާ ވެހިކަލެއް ނުވަތަ އުޅަނދެއް ނުވަތަ އަޑުގަދަކުރާއެއް ނުވަތަ އެނޫންވެސް އަޑުގަދަކުރުމަށް ބޭނުންކުރެވޭ ވަސީލަތަކަށެވެ.
(ރ) މި ގަވާއިދުގެ ދަށުން ކުޑަކުދިން ކަމުގައި ބެލެވޭނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި މާނަކޮށްފައިވާ "ކުޑަކުދިން" މި ލަފުޒުގެ މާނައިގެ ތެރޭގައި ހިމެނޭ ކުދިންނެވެ.
(ބ)
- މި ގަވާއިދުގައި " ކޯޓު" ކަމަށް ބުނެފައި އެވަނީ، ފަނޑިޔާރަކު ނުވަތަ ފަނޑިޔާރުންތަކެއް އައްޔަންކޮށްގެން ށަރީއަތް ކުރުމަށް ގާނޫނުއަސާސީއިން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، ގާއިމުކޮށްފައިވާ ކޮންމެ ތަނަކަށެވެ؛
- މި ގަވާއިދުގެ ދަށުން ކޯޓު އަމުރަށް އެދި ހުށަހަޅަނީ، ކުޑަކުއްޖަކާ މެދުނަމަ ކޯޓު އަމުރަށް އެދި ހުށަހަޅާނީ މާލޭގައި ނަމަ ޖުވެނައިލް ކޯޓަށެވެ. އަދި ރަށެއްގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ؛
- މި ގަވާއިދުގެ ދަށުން ކޯޓު އަމުރަށް އެދި ހުށަހަޅަނީ ބޮޑު މީހަކާ މެދުނަމަ، ކޯޓު އަމުރަށް އެދި ހުށަހޅާނީ މާލޭގައި ނަމަ ސިވިލް ކޯޓަށެވެ. އަދި ރަށެއްގައި ނަމަ، މެޖިސްޓްރޭޓް ކޯޓަށެވެ.
(ޅ) މި ގަވާއިދުގެ ދަށުން "ހެކި" ކަމަށް ބެލެވޭނީ، ކިތާބީ ހެއްކާއި، ސަފަހީ ހެއްކާއި އަދި ފޮޓޯގްރާފް، ވީޑިއޯ ފުޓޭޖް އަދި އެހެނިހެން ލިޔެކިޔުންތަކަށެވެ.
(ކ) މި ގަވާއިދުގެ ބޭނުމަށްޓަކައި "ގެއްލުން ބޮޑު އަމަލު" ތަކަކީ:
- ގްރޫޕް ހަދައިގެން ހިންގޭ އަމަލުތައް؛
- އެ އަމަލެއްގެ ސަބަބުން ލިބޭ ގެއްލުމުގެ އަގު 1000 (އެއްހާސް) ރުފިޔާއަށް ވުރެ މަތިވުން؛
- މީހެއްގެ މުދަލަށް ގަސްދުގައި ގެއްލުން ދިނުން؛
- ރޭގަނޑު ދަންވަރު އަވަށްޓެރިއެއްގެ ގެއަށް އެއްޗެހި އުކުން.
(އ) މި ގަވާއިދުގެ ބޭނުމަށްޓަކައި "ގެއްލުން ކުޑަ އަމަލު" ތަކަކީ މި މާއްދާގެ (ކ) ގައި ހިމެނިފައިނުވާ އެންމެހައި އަމަލުތަކެވެ.
(ވ) މި ގަވާއިދުގައި މުފްރަދުކޮށް ގެނެސްފައިވާ ލަފުޒުތައް، އެ ލަފުޒުތަކުގެ ޖަމްއު މާނައިގައްޔާއި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް އެ ލަފުޒުތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.
( ޖަދުވަލު 1 އަދި ޖަދުވަލު 2 ގެ ފޯމުތައް، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
މައި ގާނޫނު
އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 11/2010)
ކިޔުންތެރިންގެ ހިޔާލު