-

ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2013-585)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2020-63  ގެ 14 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ - ތައާރުފު

މިގަވާއިދަކީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ) ގެ 9 ވަނަ މާއްދާގެ (ވ) އާއި 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން ހެދިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ މިނިވަން ކައުންސިލެއް އުފައްދައި އެ ކައުންސިލް މެދުވެރިކޮށް، ކެޕިޓަލް މާކެޓާ ބެހޭ ކަންކަމުގައި އޮތޯރިޓީއަށް ބޭނުންވާ ށަރީއާގެ ލަފާ ފޯރުވައިދުނުމެވެ. އަދި އިސްލާމިކް ކެޕިޓަލް މާކެޓެއް ރާއްޖޭގައި ތަރައްގީކުރުމަށްޓަކައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ހޯދުމެވެ.

 

3 ވަނަ މާއްދާ - މާނަކުރުން

މިގަވާޢިދުގައި އެބަހެއް ބޭނުންކޮށްފައިވާ ގޮތަކުން އެހެންގޮތަކަށް ދޭހަ ނުވާނަމަ، މިގަވާއިދުގައި ބޭނުންކޮށްފައިވާ ބަސްބަސް މާނަކުރަންވާނީ ތިރީގައިވާ ފަދައިންނެވެ.

"އޮތޯރިޓީ" އަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއެވެ.

"ކައުންސިލް" އަކީ މިގަވާއިދުގެ ދަށުން އުފައްދާ ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލެވެ.

"ރޫލިންގ" އަކީ ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލް އިން، ށަރީއާގެ މައްސަލައަކަށް މިގަވާއިދުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން، ނިންމާ ނިންމުންތައް، އެނިންމުން ނިންމުނު ސަބަބާއި އެނިންމުމުގައި ބޭނުންކުރެވުނު، ށަރީއާ ހަމަތައް ބަޔާންކޮށްފައިވާ ލިޔުމެކެވެ.

 

4 ވަނަ މާއްދާ - ކައުންސިލް އުފެއްދުން

މިގަވާއިދުގެ ދަށުން ށަރީއާއާބެހޭ ކަންކަމުގައި އޮތޯރިޓީއަށް ލަފާއެރުވުމަށްޓަކައި "ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދައި އެކައުންސިލަށް ބޭނުންވާ އެންމެހާ ކަންކަން މިގަވާއިދުގައިވާ ގޮތުގެ މަތިން ހަމަޖެއްސޭނެއެވެ.

 

5 ވަނަ މާއްދާ - ކައުންސިލްގެ ޒިންމާ

ކައުންސިލްގެ މަސްއޫލިއްޔަތުތަކަކީ؛

(ހ) އޮތޯރިޓީއިން ހުށަހަޅާ މައްސަލަތަކުގައި ށަރީއާ ލަފާ އަދި ރޫލިންގ ފޯރުވައިދިނުން؛

(ށ) އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތަކުން ހުށަހަޅާ މައްސަލައެއްގައި ށަރީއާ ލަފާ އަދި ރޫލިންގ ފޯރުވައިދިނުން؛

(ނ) އިސްލާމިކް ކެޕިޓަލް މާކެޓް ދެމެހެއްޓުމުގައި ފޯރުވައިދޭންޖެހޭ އެހެންވެސް ށަރީއާ ލަފާ ނުވަތަ ރޫލިން ދިނުން.

 

6 ވަނަ މާއްދާ - މެންބަރުން އައްޔަންކުރުމާ ވަކިކުރުން

(ހ) ކައުންސިލްގެ މެންބަރުން އައްޔަންކުރަންވާނީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އައްޔަންކުރާ ކޮންމެ ފަރާތަކަށް އައްޔަންކުރިކަމުގެ ސިޓީއެއް ދޭންޖެހޭނެއެވެ. އަދި މިސިޓީގައި އެމެންބަރަކު އައްޔަންކުރެވުނު މުއްދަތާއި، އެލަވަންސްގެ ތަފުސީލާއި، އެ މެންބަރެއްގެ މަސްއޫލިއްޔަތުތަކާއި އަދި ވަކިކުރެވޭނެ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ. މެންބަރަކު އައްޔަންކުރެވޭނެ އެންމެ ދިގު މުއްދަތަކީ ފަހަރަކު 3 އަހަރެވެ. އަދި އިތުރު ދައުރަކަށް އައްޔަންކުރެވިދާނެއެވެ.

(ނ) ތިރީގައިވާ ކަމެއް މެދުވެރިވެއްޖެނަމަ ކައުންސިލްގެ މެންބަރަކު ވަކިކުރެވޭނެއެވެ.

  1. ތޮރޯރިޓީގެ ބޯޑުން ފާސްކޮށްފައިވާ ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކަށް ނުފެތުން
  2. އިސްތިއުފާ ހުށަހެޅުން
  3. އޮތޯރިޓީއަށް ގަބޫލުކުރެވޭ ފަދަ މަގުބޫލު އުޒުރެއްނެތި، އަދި އޮތޯރިޓީއަށް އެންގުމަކާ ނުލައި، ވިދިވިދިގެން 3 ޖަލްސާއަށް ހާޒިރުނުވުން.

 

7 ވަނަ މާއްދާ - ކެޕިޓަލް މާކެޓް ށަރީއާ އެޑްވައިޒަރީ ކައުންސިލް ގާއިމުކުރުން

(ހ) ކައުންސިލްގައި ތިބޭނީ 5 ނުވަތަ 7 މެންބަރުންނެވެ. އަދި ކޮންމެ މެންބަރެއްގެ ކިބައިގާވެސް ތިރީގައިވާ ށަރުތުތައް ފުރިހަމަ ވާންވާނެއެވެ.

  1. ށަރީއާއިން މާށްޓަރޒް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ؛
  2. ބައިނަލްއަގްވާމީ ސެކިއުރިޓީޒް ކޮމިށަނެއް ނުވަތަ ކެޕިޓަލް މާކެޓް ރެގިއުލޭޓްކުރާ ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ހުއްދަ ލިބިފައިވާ ނުވަތަ ރަޖިސްޓަރީކޮށްފައިވާ ށަރީއާ އެޑްވައިޒަރެއް ކަމުގައިވުން، އަދި؛
  3. އޮތޯރިޓީއިން ގަބޫލުކުރާ ފެންވަރުގެ ތަރުޖިބާ، އިސްލާމިކް ކެޕިޓަލް މާކެޓްގެ ދާއިރާއިން، ނުވަތަ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބިފައިވާކަމަށް، އޮތޯރިޓީއަށް ފެނުން؛
  4. އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް، ނުވަތަ އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތެއްގެ ދާއިމީ މުވައްޒަފަކަށް ނުވުން، އަދި އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފަރާތެއްގެ ބޯޑުގެ ޑިރެކްޓަރަކަށް ނުވުން.

 

(ށ) ކައުންސިލްގެ މެންބަރުންގެ ތެރެއިން، ޗެއަރޕާސަންއެއް މެންބަރުންގެ އަގުލަބިއްޔަތުން ކޮންމެ އަހަރަކަށް ހޮވަންވާނެއެވެ. ޗެއަރޕާސަންގެ މައިގަނޑު މަސްއޫލިއްޔަތަކަށްވާނީ ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި އަދި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމެވެ.

(ނ) ކައުންސިލްގެ މެންބަރުންގެ އަދަދަކީ 5 ނަމަ، ކޯރަމްއަކީ 3 އެވެ. އަދި މެންބަރުންގެ އަދަދަކީ 7 ނަމަ ކޯރަމްއަކީ 5 އެވެ.

 

8 ވަނަ މާއްދާ - ކައުންސިލްގެ ސެކްރެޓޭރިއަޓް

(ހ) ކައުންސިލްގެ ކަންކަން  ހިންގުމަށްޓަކައި އެކަމަށް ހާއްސަ ފުލްޓައިމް ސެކްރެޓޭރިއެޓް އޮތޯރިޓީގައި އޮންނަންވާނެއެވެ. މި ސެކްރެޓޭރިއެޓަށް މެންބަރުން އައްޔަންކުރާނީ އޮތޯރިޓީއިންނެވެ.

(ށ) ކައުންސިލްގެ މަސައްކަތް ކުރިއަށްދާގޮތާބެހޭ ރިޕޯޓެއް ސެކްރެޓޭރިއަޓުން، ކޮންމެ 3 މަހުން އެއްފަހަރު، ބޯޑަށް ފޮނުވަންވާނެއެވެ.

 

9 ވަނަ މާއްދާ - ސެކްރެޓޭރިއަޓްގެ ޒިންމާ

ސެކްރެޓޭރިއަޓްގެ ޒިންމާތައް ތިރީގައި މިވަނީއެވެ.

  1. ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ހަމަޖެއްސުން.
  2. ބައްދަލުވުންތަކުގެ ޔައުމިއްޔާ ނެގުމާއި ބެލެހެއްޓުން
  3. ކައުންސިލްގެ ރޫލިންތައް 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލިޔެ ބެލެހެއްޓުން
  4. ކައުންސިލަށް ބޭނުންވާ ކަންކަމުގައި ރިސާޗް މަސައްކަތް ކުރުން
  5. ދުނިޔޭގެ އެކި ގައުމުތަކުގައި ނެރޭ ކެޕިޓަލްމާކެޓާބެހޭ ށަރީއާ ރޫލިންތައް ހޯދައި ދިވެހި ބަހަށް ތަރުޖަމާކުރުން.
  6. ކައުންސިލްގެ މަސައްކަތް ކުރިއަށްދާގޮތް އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ހާމަކުރުން.
  7. ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

10 ވަނަ މާއްދާ - ކައުންސިލްގެ ރޫލިންގތައް ށާއިއުކުރުން

(ހ) އޮތޯރިޓީއިން ކައުންސިލްގެ ރޫލިންތައް ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ށާއިއުކުރާ ކޮންމެ ރޫލިންގއެއް އޮތޯރިޓީގެ ބޯޑުން އެންޑޯޒްކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ކޮންފްލިކްޓް އޮފް އިންޓަރެސްޓް

ކައުންސިލުން ގޮތެއް ނިންމަންޖެހޭ މައްސަލައެއްގައި، ކައުންސިލްގެ މެންބަރަކާ ސީދާ، ނުވަތަ ނުސީދާ ގޮތެއްގައި ގުޅުމެއްވާނަމަ، އެމައްސަލައެއް ނުވަތަ އެމައްސަލަކާ ގުޅުންހުރި މައްސަލައެއްގެ މައްޗަށް މަސްވަރާކުރާ ކައުންސިލްގެ ޖަލްސާއެއް ފެށުމުގެކުރިން، އެމެންބަރަކު އެކަން ކައުންސިލަށް ފުރިހަމައަށް ހާމަކޮށްދޭންވާނެއެވެ. އަދި އެމައްސަލައެއް ނުވަތަ އެމައްސަލަކާއި ގުޅުންހުރި މައްސަލައެއްގެ މައްޗަށް މަސްވަރާކޮށް ނިންމާއިރު އެމެންބަރަކު ޖަލްސާގައި ބައިވެރިވެގެންނުވާނެއެވެ.

 

12 ވަނަ މާއްދާ - ސިއްރު

ގާނޫނީ ގޮތުން ކޯޓަކަށް ބޭނުންވެއްޖެ ހިނދެއްގައިމެނުވީ، ނުވަތަ މިގަވާއިދުގެ ދަށުން އޭނާގެ ވާޖިބުތައް އަދާކުރުމުގެ ގޮތުންމެނުވީ، ކައުންސިލުގެ އެއްވެސް މެންބަރެއް، އޮތޯރިޓީގައި ކައުންސިލުގައި އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި އެނގިފައިވާ، ނަމަވެސް އާންމުކޮށް ހާމަކޮށްފައިނުވާ އޮތޯރިޓީގެ މުހިންމު މައުލޫމާތެއް އެއްވެސް ފަރާތަކަށް ހާމަކޮށްގެންނުވާނެއެވެ.

 

13 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން

މި ގަވާއިދަށް ގެންނަން ބޭނުންވާ ކޮންމެ ބަދަލެއް ގެނައުމުގެ އިހުތިޔާރު އޮތޯރިޓީގެ ބޯޑަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރާ ތާރީހު

މިގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

އުވި ގަވާއިދު

މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2020-63 އިން އުވާލެވިފައި

  

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު