-

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 އަށް 20 ވަނަ އިސްލާހުގެ ގެނައުން

(ގަވާއިދު ނަންބަރު 9/2014)

 

1 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 150 ވަނަ މާއްދާއަށް (އ)، (ވ)، (މ) އަދި (ފ) މި އަކުރުތައް އިތުރުކުރުން.

150. (އ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މާބަނޑުވުމުގެ ސަބަބުންނާއި ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތް ކުރެވޭނެ މަސައްކަތު ގަޑިތަކެއް ހަމަޖައްސައިދިނުމަށް އެފަދަ މުވައްޒަފުން އެދިއްޖެނަމަ، މި ގަވާއދުގައިވާ ގޮތުގެމަތީން އެ އިދާރާއެއްގެ އެޗް.އާރު ކޮމިޓީއަށް އެފަދަ އިންތިޒާމެއް ހަމަޖައްސައިދެވިދާނެއެވެ. އެޗް.އާރު ކޮމިޓީން މި އިންތިޒާމު ހަމަޖެއްސުމުގައި ސިވިލް ސަރވިސްގެ ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފު ނުވާގޮތެއްގެމަތީން އަމަލުކުރާނެ އުސޫލެއް އެކުލަވައިލަން ވާނެއެވެ. އަދި އެ އުސޫލުގައި މި ގަވާއިދުގެ ދަށުން ފްލެކްސިބަލްކޮށް މަސައްކަތް ކުރުމަށް މުވައްޒަފުން ކަނޑައެޅޭނެ ގޮތާއި، އެ މުވައްޒަފުން ލައްވައި ފްލެކްސިބަލްކޮށް މަސައްކަތް ކުރުވާނެ މިންވަރާއި، މުއްދަތު އަދި މިގޮތަށް ހަމަޖެއްސުމުގައި އެ އިދާރާއިން ހިދުމަތް ދިނުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތް ކުރާނެ ގޮތް ހިމެނިފައި އޮންނަން ވާނެއެވެ. އަދި ފްލެކްސިބަލްކޮށް މަސައްކަތް ކުރުވުމުގައި މަސައްކަތް ކުރުވާ ވަގުތުގެ މިންވަރު އެހެން މުވައްޒަފުންނަށް ވުރެ މަދުކުރާނަމަ، އެ މުވައްޒަފެއް ހިދުމަތް ނުދޭ ގަޑިތައް އެފަދަ މުވައްޒަފުންގެ މަގާމުގެ މުސާރައިން ގަޑިއަކަށް ޖެހޭ ނިސްބަތުން މަދުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. ނަމަވެސް މިފަދަ ކަންކަމާ ގުޅޭގޮތުން އެ މުވައްޒަފަކާ ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބައެއްގެ ގޮތުން އިތުރު އެއްބަސްވުމެއް އެ އިދާރާއަކާ އެ މުވައްޒަފާ ދެމެދު އެކުލަވައިލާފައި އޮންނަންވާނެއެވެ. އަދި މުވައްޒަފާ މަސައްކަތް ހަވާލުކުރުމާއި މަސައްކަތް ނިންމާ ސްޕަވައިޒަރަށް މުވައްޒަފު އެންގުމާއި، މަސައްކަތުގެ ފެނަވަރުބެލުމާގުޅޭ މިފަދަ އެންމެހައި ރިކޯޑު ގަވާއިދުން ބެލެހެއްޓުން ފަދަ ކަންކަން ހިމެނިފައި ހުންނަންވާނެއެވެ.

(ވ) ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މާބަނޑުވުމުގެ ސަބަބުންނާއި ޅަދަރިމައިވުމުގެ ސަބަބުން އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެފަދަ މުވައްޒަފުން އެދިއްޖެނަމަ، މި ގަވާއިދުގައިވާ ގޮތުގެމަތީން އެ އިދާރާއެއްގެ އެޗް.އާރު ކޮމިޓީއަށް ހަމަޖައްސައިދެވިދާނެއެވެ. އެޗް.އާރު ކޮމިޓީން މި އިންތިޒާމު ހަމަޖެއްސުމުގައި ސިވިލް ސަރވިސްގެ ގާނޫނާއި، ވަޒީފާއާބެހޭ ގާނޫނާ ހިލާފު ނުވާގޮތެއްގެމަތީން އަމަލުކުރާނެ އުސޫލެއް އެކުލަވައިލަން ވާނެއެވެ. އަދި އެ އުސޫލުގައި މި ގަވާޢިދުގެ ދަށުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މުވައްޒަފުން ކަނޑައެޅޭނެ ގޮތާއި، އެ މުވައްޒަފުން ލައްވައި ގޭގައި ތިބެގެން މަސައްކަތް ކުރުވާނެ މިންވަރާއި، މުއްދަތު އަދި މިގޮތަށް ހަމަޖެއްސުމުގައި އެ އިދާރާއިން ހިދުމަތް ދިނުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތް ކުރާނެ ގޮތް ހިމެނިފައި އޮންނަން ވާނެއެވެ. އަދި ގޭގައި ތިބެގެން މަސައްކަތް ކުރުވުމުގައި މަސައްކަތް ކުރުވާ ވަގުތުގެ މިންވަރު އެހެން މުވައްޒަފުންނަށް ވުރެ މަދުކުރާނަމަ، އެ މުވައްޒަފެއް ހިދުމަތް ނުދޭ ގަޑިތައް އެފަދަ މުވައްޒަފުންގެ މަގާމުގެ މުސާރައިން ގަޑިއަކަށް ޖެހޭ ނިސްބަތުން މަދުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. ނަމަވެސް މިފަދަ ކަންކަމާ ގުޅޭގޮތުން އެމުވައްޒަފަކާ ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބައެއް ގޮތުން އިތުރު އެއްބަސްވުމެއް އޮންނަންވާނެއެވެ. އަދި މުވައްޒަފާ މަސައްކަތް ހަވާލުކުރުމާއި މަސައްކަތް ނިންމާ ސްޕަވައިޒަރަށް މުވައްޒަފު އެންގުމާއި، މަސައްކަތު ފެންވަރު ބެލުމާގުޅޭ މިފަދަ އެންމެހައި ރިކޯޑެއް ގަވާއިދުން ބެލެހެއްޓުން ފަދަ އެންމެހައި ކަންކަން ހިމެނިސައި ހުންނަންވާނެއެވެ.

(މ) މި ގަވާއިދުގެ ބޭނުމަށް މުވައްޒަފެއް "ޅަދަރިމައިވުން" ކަމަށް ބަލާނީ، 3 (ތިނެއް) އަހަރު ނުވާ ކުޑަކުދިން ތިބި އެކުދިން ރަނގަޅަށް ބެލޭނެ ގޮތެއް ނެތް އަންހެން މުވައްޒަފުންނަށެވެ.

(ފ) މި މާއްދާގެ (އ) އަދި (ވ) ގެ ދަށުން މަސައްކަތްކުރުމުގައި ލުއިގޮތްތައް ހަމަޖައްސައިދެވޭ އަންހެން މުވައްޒަފުންނަށް މި ގަވާޢިދުގެ 166 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހުސްވަގުތުކޮޅު ހަމަޖައްސައެއް ނުދެވޭނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު