-

އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކުރުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 38/2014)

 

1 ވަނަ މާއްދާ - ތައާރަފް

މިއީ ގާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ގާނޫނު) ގެ 46 ވަނަ މާއްދާގެ (ހ)ގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއިން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގުކުރާނެ ގޮތް ބަޔާންކުރާ ގަވާއިދެވެ.

 

2 ވަނަ މާއްދާ  - ނަން

މިގަވާއިދަށް ކިޔާނީ، "އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކުރުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ  - މަގުސަދު

 މިގަވައިދުގެ މަގުސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

ހ) ޓޯޗަރ އަމަލެއް ނުވަތަ އަމަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގު ފަހި ކުރުން.

(ށ) ޓޯޗަރގެ އަމަލެއްކަމަށް ބެލެވޭނެ ކަންކަމަކީ ކޮބައިކަން ދެނެގަނެ އެކަންކަން ތަހުގީގު ކުރުން

(ނ) ޓޯޗަރގެ އަމަލުތައް ހިންގާ ފަރާތްތައް ށަރީއަތުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން

(ރ) ޓޯޗަރގެ ށިކާރައަކަށްވެފައިވާ ކަމަށް ކޮމިށަނަށް ފެންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

4 ވަނަ މާއްދާ - ކޮމިށަނުން ބަލަންޖެހޭ މައްސަލަތައް

މިގަވާއިދުގެ ދަށުން ކޮމިށަނުން ބެލުމަށް ހަމަޖެހިފަިއވާ މައްސަލަތައް ތިރީގައި މިވަނީއެވެ.

(ހ) ގާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ށ)ގެ ދަށުން މާއްދީ އަނިޔާއެއްކަމުގައި ބެލެވޭ ކޮންމެ ކަމެއް.

(ށ) ގާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ގާނޫނު) ގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން ނަފްސާނީ އަނިޔާއެއްގެ ގޮތުގައި ބެލެވޭ ކޮންމެ ކަމެއް.

(ނ) ރަހުމު ކުޑަ ލާއިންސާނީ އަމަލެއްގެ ގޮތުގައި ބެލެވޭ ކޮންމެ ކަމެއް.

(ރ) ށަރުއީ ހުކުމެއް ތަންފީޒުކުރުން ފިޔަވައި އިންސާނީ ކަރާމަތް ގެއްލޭ ގޮތަށް ދެވޭ އަދަބުތަކާއި ކުރިމަތިކުރުވާ ފިއްތުންތައް ފަދަ ކޮންމެ އަމަލެއް.

 

5 ވަނަ މާއްދާ - ޓޯޗަރގެ މައްސަލަތައް ތަހުގީގުކުރުން

 އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ހާއްސަ ސެކްށަނެއް މިގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30(ތިރީސް) ދުވަހުގެ ތެރޭގައި ކޮމިޝަނުން އުފައްދަން ވާނެއެވެ.

 

6 ވަނަ މާއްދާ - މައްސަލަ ބެލުމުގައި އިސްކަންދޭންޖެހޭ ހަމަތައް

 މިގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އުފައްދާ އެންޓި ޓޯޗަރ އިންވެސްޓިގޭށަން ށެކްށަނުން، ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ހިންގުމުގައި އިސްކަން ދޭންވާނީ އަންނަނިވި ހަމަތަކުގެ މަތިންނެވެ.

  1. ކޮމިށަނަށް މައްސަލަ ހުށަހެޅުނު ތަރުތީބު.
  2. މައްސަލައިގެ ބާވަތަށާއި، ހާލަތަށް ބަލައި އަވަސް ތަހުގީގެއް ހިންގަންޖެހޭ ފަދަ މައްސަލައެއްކަމަށް ކޮމިށަނަށް ފެންނަ މައްސަލަތައް.
  3. ށަރުއީ ކޯޓެއްގެ އަމުރަކާ ގުޅިގެން ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި ބަލަންޖެހޭ މައްސަލަތަކާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކުން، އެ މުއައްސަސާއެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައެއް، ވަކި މުއްދަތެއްގެ ތެރޭގައި ބަލައި ނިންމައި ދިނުމަށް އެދޭ މައްސަލަތައް.

 

7 ވަނަ މާއްދާމައްސަލަ ހުށަހެޅުން

(ހ) މިގަވާއިދުގެ ދަށުން ކޮމިށަނަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަން ވާނީ ކޮމިށަނަށް މައްސަލަ ހުށަހަޅާ ފޯމުންނެވެ.

(ށ) ޓޯޗަރގެ އަމަލެއް ރިޕޯޓްކުރުމުގެ ގޮތުން ހުށަހަޅާ މައްސަލަތައް މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފޯމުގެ އިތުރުން ފޯނުންވެސް ހުށަހެޅިދާނެއެވެ. ނަމަވެސް މިފަދައިން ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން، ކޮމިށަނަށް މައްސަލަހުށަހަޅާ ފޯމުގައި ހިމަނަންޖެހޭ އެންމެހައި މައުލޫމާތެއް ހޯދައި މައްސަލައިގެ ފޯމު ކޮމިށަނުން ތައްޔާރުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ – ކޮމިށަނުން އިސްނަގައިގެން ބަލާ މައްސަލަތައް

(ހ) އެއްވެސް ފަރާތަކަށް އަނިޔާ އެއް ލިބެމުން ދާކަމަށް ނުވަތަ ލިބިފައިވާކަމުގެ މައުލޫމާތު މީޑިޔާއިން ނުވަތަ ކަމާބެހޭ ފަރާތަކުން ކޮމިށަނަށް ލިބިއްޖެނަމަ ކޮމިށަނުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ފަދަ މައްސަލަތައް ބަލައި ތަހުގީގުކޮށް ކުއްވެރިވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށްޓަކައި ކަމާ ބެހޭ ފަރާތަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތަކުގެ ހަސްމުންގެ މައުލޫމާތާއި ކަން ހިނގައިފައިވާ ގޮތުގެ ތަފްސީލު ހިމެނޭގޮތަށް މައްސަލަ ހުށަހަޅާ ފޯމު ކޮމިށަނުން ފުރިހަމަ ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ – ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ތަރުތީބުކޮށް ބެލެހެއްޓުމާއި ފައިލްކުރުން

(ހ) އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ކޮމިށަނަށް ހުށަހެޅޭ އެންމެހައި މައްސަލަތަކުގެ ދަފްތަރެއް ކޮމިށަނުން އެކުލަވައިލާންވާނެއެވެ.

(ށ) މައްސަލައެއް ބަލައިގަތުމަށް ނުވަތަ ބެލުމަށް ކޮމިށަނުން ނިންމައިފިނަމަ، ހުށަހެޅުނު ތަރުތީބުން މައްސަލައަށް ސުމާރު ނަންބަރެއް ދިނުމަށްފަހު ކޮންމެ މައްސަލައަކަށް ވަކި ފައިލެއް ތައްޔާރުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދާއި މައްސަލަތައް ތަހުގީގުކޮށް ނިމިފައިވާ މިންވަރާއި މައްސަލައާ ގުޅޭ އެހެނިހެން ތަފާސްހިސާބުތައް މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު އާންމުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ – ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން

(ހ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކަކީ އެންޓި ޓޯޗަރ ގާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ކޮމިށަނަށް ބެލުމުގެ އިހުތިސާސް ލިބިގެންވާ މައްސަލައެއްކަން ނުވަތަ ނޫންކަން ނިންމާނީ ކޮމިށަނުގެ ބައްދަލުވުމަކުންނެވެ.

(ށ) ކޮމިށަނަށް މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެއީ ކޮމިށަނުން ބެލޭނެ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައަޅަންވާނެއެވެ. ކޮމިށަނަށް ހުށަހަޅާ މައްސަލައަކީ ބެލޭނެ މައްސަލައެއްކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، ލަސްނުކޮށް މައްސަލަ ހުށަހެޅި ފަރާތަށް ކޮމިށަނުން މައްސަލަ ބަލައިގަތްކަން އަންގައި، އެ ތާރީހުން ފެށިގެން މައްސަލައިގެ ތަހުގީގު ފަށަންވާނެއެވެ. އަދި ހުށަހަޅައިފައިވާ މައްސަލައެއް ބަލައިގަނެވެން ނެތްކަމަށް ކޮމިށަނުން ނިންމައިފިނަމަ، އެ ގޮތަށް ނިންމި ސަބަބާއެކު މައްސަލަ ހުށަހެޅި ފަރާތަށް ލިއުމުން އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ށ)ގެ ދަށުން ކޮމިށަނުން ނިންމާ ނިންމުން، ސިޓީ، އީ-މެއިލް، ފެކްސް މެދުވެރިކޮށް މައްސަލަ ހުށަހެޅި ފަރާތަށް އެންގިދާނެއެވެ.

 

11 ވަނަ މާއްދާ – ހެތްކާއި ގަރީނާގެ މައްޗަށް ބަލައި މައްސަލަ ތަހުގީގުކުރުން

މައްސަލައާ ގުޅިގެން ލިބިފައިވާ އަންނަނިވި ހެތްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ނުވަތަ ޓޯޗަރގެ އަމަލު ކަށަވަރު ކުރެވެން އޮތް މިންވަރު.

(ހ) ކަންހިނގި ތަނުގައި ތިބި ނުވަތަ ކަން ހިނގިގޮތް ލޮލަށް ފެނި އަޑު އަހައިފައިވާ ފަރާތްތަކުން ބުނާ ބުނުން ނުވަތަ އެފަދަ ފަރާތްތަކުން ދޭ ބަޔާންތައް.

(ށ) ކަންހިނގި ގޮތާ ބެހޭ ގޮތުން ލިބެންހުރި އޯޑިއޯ އަދި ވީޑިއޯ ފަދަ ތަކެތި.

(ނ) ކަންހިނގި ވެށިން ނުވަތަ އެކަމާ ގުޅިގެން ލިބިފަިއވާ އެހެނިހެން ހެކިތަކާއި ގަރީނާތައް.

 

12 ވަނަ މާއްދާ – ޓޯޗަރގެ އަމަލަކަށް ފުރުސަތު އޮތް މިންވަރަށް ބަލައި މައްސަލަ ތަހުގީގުކުރުން

މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހެކިތަކާއި ގަރީނާތައް ލިބެން ނެތްނަމަ ނުވަތަ އެ ފަދަ ހެކިތަކާއި ގަރީނާތަކުގައި ތަފާތުތަކެއް ހުރިކަމަށް ފާހަގަ ކުރެވޭ ހާލަތުގައި، ކޮމިށަނަށް ހުށަހެޅޭ ނުވަތަ ރިޕޯޓްކުރެވޭ މައްސަލައެއް އެއީ މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްކަން ނުވަތަ ނޫންކަން ކަނޑައަޅައި އެ މައްސަލަ ތަހުގީގު ކުރުމުގައި ކޮމިށަނުން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެވެ.

(ހ) ޖިސްމާނީ އަނިޔާއެއް ކަމުގައި ބެލެވޭ އަނިޔާއަކީ އެ ފަރާތުގެ އަމަލެއް ނުވަތަ އަމަލުތައް ބެހެއްޓި ގޮތަކުން ލިބިފައިވާ އަނިޔާއެއް ކަން ނުވަތަ ނޫންކަން ކަށަވަރުކުރުން، މިކަން ކަށަވަރު ކުރުމަށްޓަކައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. ކަންހިނގި ހާލަތަށް ބަލައި އެ ފަރާތުގެ އަމަލެއްގެ ނުވަތަ އަމަލުތައް ބެހެއްޓި ގޮތަކުން އަނިޔާއެއް ލިބުމުގެ ފުރުސަތު އޮތް މިންވަރު،
  2. ކަން ހިނގައިފައިވާ ހާލަތުގައި މީހެއްގެ އަމަލުތައް ހުރިގޮތަކުން ލިބި ދާނެކަމަށް ކޮމިށަނަށް ފެންނަ އަނިޔާއަކަށް ވުރެން ބޮޑު ޖިސްމާނީ އަނިޔާއެއް މީހަކަށް ލިބިފައިވާނަމަ އެއީ އެފަރާތުގެ އަމަލުތައް ހުރި ގޮތަކުން ލިބިފައިވާ އަނިޔާއެއް ނޫން ކަމަށް ބެލުން.

(ށ) އަނިޔާ ލިބިފައިވާ ފަރާތުން ގަސްތުގައި އޭނާގެ މުދަލަކަށް ނުވަތަ ހަށިގަނޑަށް ދީފައިވާ އަނިޔާއެއްކަން ނުވަތަ ނޫންކަން ކަށަވަރު ކުރުން، މިކަން ކަށަވަރު ކުރުމަށްޓަކައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ،

  1. މީހަކު އޭނާގެ މުދަލަކަށް ނުވަތަ ހަށިގަނޑަށް ގަސްދުގައި ގެއްލުމެއް ދިނުމުގެ ފުރުސަތު އޮތް މިންވަރާއި ހާލަތަށް ބެލުން.
  2. ހަށިގަނޑަށް ނުވަތަ މުދަލަކަށް ލިބިފައިވާ ގެއްލުން ނުވަތަ ގެއްލުންތައް ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ނުވަތަ ފަރާތްތަކެއް މެދުވެރިކޮށް ބަލާބެލުމުން ނުވަތަ ކަމުގެ ތަޖުރިބާކާރުން އެ ފަދަކަންކަން ބެލުމުގައި ގެންގުޅޭ މިންގަނޑުތަކުން ވަޒަންކޮށް ބަލާއިރު ގަސްދުގައި ހިންގައިފައިވާ އަމަލެއް ނޫންކަމަށް ކޮމިށަނަށް ފެނުން.

(ނ) އިހުމާލު އޮތް މިންވަރަށް ބެލުން، މިކަން ކަށަވަރު ކުރުމަށްޓަކައި އަންނަނިވި ކަންކަމަށް ބަލަންވާނެއެވެ.

  1. ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވަކި ގޮތަކަށް ނުވަތަ ވަކި ހަމަތަކަކުން ކުރަން އޮތްކަމެއް އެނޫން އެހެން ގޮތަކަށް ކޮށްފައިވޭތޯއާއި ކަނޑައަޅައިފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކޮށްފައިވާ މިންވަރު.
  2. މަސްއޫލިއްޔަތު އުފުލަން ޖެހޭ ފަދަ ހާލަތެއްގައިވާ ފަރާތަކުން އެފަރާތެއްގެ ވާޖިބު ފުރިހަމައަށް އަދާކޮށްފައި ވާ މިންވަރު.
  3. އާންމު މަސްލަހަތައް ރިއާޔަތްކޮށް ބަލާއިރު، ސަމާލުކަން ދޭންވީ މިންވަރަށް ސަމާލުކަން ދީފައިވާ މިންވަރާއި އަމަލުތައް ބަހައްޓައިފައިވާ ގޮތް.

(ރ) ޖިސްމާނީ އަނިޔާއަކާ ގުޅިގެން މެޑިކަލް ޑޮކްޓަރަކު ދޭ ލިއުން ނުވަތަ ބަޔާން އަދި މާއްދީ ނުވަތަ ނަފްސާނީ އަނިޔާއަކާ ގުޅިގެން ސައިކޮލޮޖިސްޓަކު ނުވަތަ ކަމުގެ މާހިރުންގެ ބަސް.

 

13 ވަނަ މާއްދާ – މައްސަލައިގެ ތަހުގީގު ހިންގުން

(ހ) މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި މައްސަލައާ ގުޅުންހުރި ފަރާތަށް، ކޮމިށަނަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވަންވާނެއެވެ.

(ސ) މަގުބޫލު އުޒުރެއް ދިމާވެއްޖެނަމަ، ޗިޓުގައިވާ ގަޑިޖެހުމުގެ 30 މިނެޓް ކުރިން ކޮމިށަނަށް އެކަން އަންގަންވާނެއެވެ. މަގުބޫލު އުޒުރެއް ނެތި ހާޒިރު ނުވެއްޖެނަމަ، ގާނޫނު ނަންބަރު 6/2006 (ހިއުމަންރައިޓްސް ކޮމިށަނުގެ ގާނޫނު)ގެ 26 ވަނަ މާއްދާގެ (ށ)ގެ ދަށުން އެފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.

(ނ) ތަހުގީގު ބަޔާންކޮށްދޭން ހާޒިރުވައިރު އެ މީހަކީ ދިވެހި ރައްޔިތެއްނަމަ އެ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ބިދޭސީއެއްނަމަ ވޯކް ޕާމިޓް ކަޑު ނުވަތަ ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އެފަދަ ކާޑެއް ނުވަތަ ޕާސްޕޯޓެއް ނެތް ފަރާތެއްނަމަ އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. އެފަދަ އެންމެހައި ލިޔުމުގެ ކޮޕީ ނެގުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) ކޮމިށަނުން ކުރާ ތަހުގީގެއްގައި އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖެއްގެ ބަޔާން ނަގާނަމަ، ބަޔާން ނަގަންވާނީ ބެލެނިވެރިއެއްގެ ހާޒިރުގައެވެ.

(ބ) ކޮމިށަނުން ކުރާ ތަހުގީގަކަށް ބަޔާންދޭން އެދުމުން ސިޓީއަކުން ނުވަތަ ލިޔުމަކުން ހުށަހެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެއެވެ.

(ޅ) ވާހަކަދެއްކުމުން މަހްރޫމްވެފައިވާ ނުވަތަ ވާހަކަ ދެއްކުމުގައި އުނިކަމެއް ހުންނަ ފަރާތްތައް މި މާއްދާގެ (ބ) އިން އިސްތިސްނާވާނެއެވެ. އެފަދަ ފަރާތްތަކުގެ ބަޔާނެއް ނަގަން ޖެހިއްޖެ ހާލަތުގައި ކޮމިށަނުންކަންޑައަޅާ އުސޫލެއްގެ މަތިން ބަޔާން ނެގުމުގެ ކަންކަން ކުރިޔަށް ގެންދިއުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. އަދި އެއްވެސް ފަރާތަކުން އަނގަބަހުން ދޭ ބަޔާނެއް ލިއުމަށް ތިރިކޮށް ބަޔާން ދޭފަރާތް ލައްވައި ސޮއި ކުރުމަކަށް މި މާއްދާގެ (ބ) ހުރަހެއް ނާޅައެވެ.

(ކ) ކޮމިށަނުން ހިންގާ ތަހުގީގަށް ދޭ ބަޔާންތައް ރިކޯޑުކޮށް ބަލަހައްޓަންވާނެއެވެ. އަދި ބަޔާން ނަގަންވާނީ ބަޔާން ނަގާ ފަރާތުގެ އިތުރަށް 2 (ދޭއް) ހެކިވެރިންގެ ހާޒިރުގައެވެ. މި ފަދަ އެންމެހައި ބަޔާންތައް ލިއުމަށް ތިރިކުރުމަށްފަހު ބަޔާން ދިން ފަރާތުގެ އިނގިލީގެ ނިށާން ޖަހައި ސޮއި ކުރަންވާނެއެވެ. އަދި ބަޔާން ނެގި ފަރާތުގެ އިތުރަށް ދެ ހެކިން ބަޔާނުގައި ސޮއިކުރަންވާނެއެވެ. ބަޔާން ދިން ފަރާތުން ބަޔާނުގައި ސޮއިކުރުމަށް އިންކާރު ކުރާނަމަ އެކަން ބަޔާންކޮށް އެ ބަޔާނަކީ އޭނާ ކިޔައިދިން ގޮތަށް ލިޔެފައިވާ ބަޔާނެއް ކަމަށް ލިޔެ 2 ހެކިން ސޮއި ކުރަންވާނެވެ.

(އ) ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސޮއިކުރުމަށް އުޒުރުވެރިވާ ހާލަތެއްގައިވާ މީހަކު ނަމަ ނުވަތަ ލިޔަންކިޔަން ނުދަންނަ މީހަކު ކަމުގައިވާނަމަ އެމީހަކު ދިން ބަޔާނުގައި އެމީހެއްގެ އިނގިލީގެ ނިށާން ޖަހާނީއެވެ. ލިޔަންކިޔަން ނުދަންނަ މީހަކު ކަމުގައިވާނަމަ، ނުވަތަ ލިޔަންކިޔަން އުޒުރުވެރިވާ ފަދަ ހާލަތެއްގައި ހުރި މީހަކު ކަމުގައިވާނަމަ، އޭނާގެ ބަޔާނުގައި އިނގިލީގެ ނިށާން ޖެހުމުގެ ކުރިން އެ ބަޔާން އޭނާއަށް ކިޔައިދިން ކަމަށާއި އެއީ އޭނާ ކިޔައިދިން ގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް އޮޅުންފިލައިފި ކަމަށް އޭނާގެ ފަރާތުން މީހަކު ސޮއިކުރަންވާނެއެވެ.

(ވ) ތަހުގީގުގައި ތަރުޖަމާނަކު ބޭނުންވާ މީހުންގެ ތެރެއިން އަމިއްލައަށް ތަރުޖަމާނަކު ހޯދުމަށް ދަތިވާ މީހުންނަށް އެކަމުގައި ކޮމިށަނުން އެހީތެރިވެދޭންވާނެއެވެ. ތަރުޖަމާނަކު މެދުވެރިކޮށް ނެގޭ ބަޔާންތައް ލިޔާނީ، ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ. އެލިޔުމުގައި ބަޔާންދިން މީހާ ސޮއެކުރުމުގެ ކުރިން، ތަރުޖަމާނު އޭނާއަށް އެ ބަޔާން ރަނގަޅަށް ތަރުޖަމާކޮށްދޭންވާނެއެވެ. އެދި އޭނާއަށް އެ ބަޔާން ތަރުޖަމާކޮށްދިން ކަމަށް ތަރުޖަމާނުވެސް އެ ބަޔާނުގައި ސޮއިކުރަންވާނެއެވެ.

(މ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކަށް ދޭބަޔާންތަކުގެ ކޮޕީއާއި ކޮމިށަނުން ކުރާ ތަހުގީގަކާ ގުޅިގެން ކޮމިށަނަށް ލިބޭ ހެއްކާއި މައުލޫމާތު، ގާނޫނީގޮތުން ބާރުލިބިފައިވާ ފަރާތަކުން އަންގާ އެންގުމަކަށް ނުވަތަ އަމުރަކަށް މެނުވީ ދުލެއް ނުކުރެވޭނެއެވެ.

 

14 ވަނަ މާއްދާ – ބަލައި ފާސްކުރުން

(ހ) ކޮމިށަނުން ހިންގާ ތަހުގީގަކާ ގުޅިގެން އެއްވެސްތަނެއް ބަލައި ފާސްކުރަން ޖެހޭކަމަށް ކޮމިށަނަށް ފެންނަ ހާލަތުގައި ކުރިން އެންގުމަކާ ނުލައި އެތަނަކަށް ގޮސް ބަލައި ފާސްކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން އެއްވެސް ތަނެއް ފާސްކުރަންވާނީ ކޯޓުއަމުރެއްގެ ދަށުންނެވެ.

(ނ) ކޮމިށަނުން އެއްވެސް ތަނެއް ބަލައި ފާސްކުރުމުގައި އެ ތަނަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ފަދަ ގޮތަކަށް އަދި އެތަނުގެ ވެރިފަރާތުން އެތަނުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަހެއް ނޭޅޭނެ ފަދަ ގޮތަކަށް ތަހުގީގުކުރިޔަށް ގެންދިއުމަށް މަސައްކަތްކުރަންވާނެއެވެ.

 

15 ވަނަ މާއްދާ – ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ދިނުން

ތަހުގީގަށް ހާޒިރުކުރެވޭ ކޮންމެ މީހަކަށްމެ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު އޮތްކަން ބަޔާން ކުރުމާއެކު އެ މީހަކު އެކަމަށް އެދޭނަމަ އެ ފުރުސަތު ކޮމިށަނުން ދޭންވާނެއެވެ.

(ހ)ގާނޫނީ ވަކީލަކު އައްޔަން ކުރަން ބޭނުންވާނަމަ، ގާނޫނީ ވަކީލަކު އައްޔަންކުރުމަށް ފުރަތަމަ ފަހަރު 7 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. 7 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލަކު ނުލިބިގެން ދެވަނަ ފުރުސަތަކަށް އެދިއްޖެނަމަ، 3 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. ދެވަނައަށް ފުރުސަތު ދެވުނު މުއްދަތުގައި ގާނޫނީ ވަކީލަކު ހުށަނާޅައިފިނަމަ ބެލެވޭނީ އެ މީހަކު ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދޫކޮށްލީކަމުގައެވެ.

(ށ) ތަހުގީގު ފެށުމުގައި ގާނޫނީ ވަކީލަކު އައްޔަން ކުރަން ބޭނުން ނޫންކަމުގައި ބުނެފައި، ތަހުގީގު ފެށުމަށްފަހު ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަށް އެދުނުކަމުގައިވިޔަސް އެމީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

(ނ) ގާނޫނީ ވަކީލަކު އައްޔަންކުރުމަށް ބޭނުން ނުވާކަމަށް ބުނެފިނަމަ،ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އެމީހަކަށް ދިންކަމަށާއި، އެ މީހަކު ވަކީލަކު އައްޔަންކުރަން ބޭނުން ނުވާކަން ބަޔާންކޮށް ލިޔެފައިވާ ލިޔުމުގައި އެމީހަކު ސޮއެކުރަން ވާނެއެވެ.

(ރ) ތަހުގީގުގައި ސުވާލުކުރެވުނު މީހަކު، އެމީހަކު އައްޔަންކުރާ ގާނޫނީ ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުކޮށް މަށްވަރާކުރުމުގެ ފުރުސަތަކަށް އެދިއްޖެނަމަ، އެމީހަކަށް އެ ފުރުސަތު ދޭންވާނެއެވެ.

 

16 ވަނަ މާއްދާ – ތަހުގީގާ ގުޅިގެން އަންގަންޖެހޭ އެންގުން

(ހ) މި ގަވައިދުގެ ދަށުން ކޮމިށަނުން ކުރާ ތަހުގީގަކާ ގުޅިގެން ނުވަތަ ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނުން އަންގާ އެންގުމަކަށް އަމަލު ނުކުރާނަމަ އެފަރާތަކާމެދު އަންނަނިވި ގޮތުގެ މަތިން އަމަލު ކުރުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

  1. އެ ފަރާތެއް ކޮމިށަނަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހު ނަސޭހަތްތެރިވުން.
  2. ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް ހުށަހަޅައިގެން އެ ފަރާތެއް ލައްވައި ކޮމިށަނުގެ އެންގުމާ އެއްގޮތަށް އަމަލު ކުރުމަށް ބަރުއެޅުން.
  3. އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރުމަށްޓަކައި ކަމާ ބެހޭ ފަރާތަށް ހުށަހެޅުން.

 

17 ވަނަ މާއްދާ – ހެއްކެއް ނުވަތަ މައުލޫމާތެއް ހޯދުމަށް އެދުން

(ހ) ކޮމިށަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ބޭނުންވާ މައުލޫމާތާއި ހެކި ނުވަތަ ގަރީނާއެއް ދައުލަތުގެ އިދާރާތަކުންނާއި މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހޯދަން ޖެހޭ ހާލަތުގައްޔާއި އަމިއްލަ ފަރާތަކުން ހޯދަން ޖެހޭ ހާލަތްތަކުގައި އެ ފަދަ އެންމެހައި ހެކިތަކާއި ގަރީނާތަކާއި މައުލޫމާތު ހޯދުމަށް އެދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ށ) އެންޓި ޓޯޗަރ ގާނޫނުގެ 44 ވަނަ މާއްދާ އިން ކޮމިށަނަށް ލިބިފައިވާ ބާރުގެ ދަށުން މި މާއްދާގެ (ހ) ގައި ބުނެފައިވާ ތަކެތި އަވަސް ފުރުސަތެއްގައި ހޯދުމަށްޓަކައި އެދުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ ދަށުން ކޮމިށަނުން އެދޭ ގޮތުންގެ މަތީން، މައުލޫމާތާއި ހެކި ނުވަތަ ގަރީނާއެއް ހޯދުމަށް ކޮމިށަނުން އެދި ހުށަހަޅާ ހުށަހެޅުމަކަށް އެއްވެސް ފަރާތަކުން އެއްވެސް ސިފައެއްގައި އިންކާރު ކުރާނަމަ އެ ތަކެތި ހޯދުމުގެ އަމުރަކަށް އެދި ށަރީއަތަށް ހުށަހެޅުމުގެ ބާރު ކޮމިށަނަށް ލިބިގެންވެއެވެ.

 

18 ވަނަ މާއްދާ – ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިންމުން

(ހ) ހާއްސަ ހާލަތެއްގައި މެނުވީ ކޮމިށަނަށް ހުށަހެޅޭ އެންމެހައި މައްސަލަތައް ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށްފަހު ޖިނާއީ ދައުވާކުރަން ޖެހޭ ކަމަށް ކޮމިށަނަށް ފެންނަ މައްސަލަތައް ތަހުގީގުކޮށް ނިމޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ފްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެވެ. މި ގޮތުން ތަހުގީގަށްފަހު ޖިނާއީ ދައުވާކުރަން ޖެހޭ ކަމަށް ކޮމިށަނަށް ފެންނަކަމަށް ނިންމުމުގައ އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ޓޯޗަރއެއް ކަމަށް ބަލައި ދައުވާ ކުރެވޭނެ މައްސަލައެއްކަން ތަހުގީގަށް ސާބިތުވެފައިވުން.
  2. ޖިނާއީ ދައުވާއެއް އުފުލުމަށް ބޭނުންވާނެ މިންވަރަށް މައްސަލައިގެ ބާވަތުން ހެތްކާއި ގަރީނާ ތަހުގީގަށް ލިބިފައިވުން.
  3. މި ގަވައިދުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން އަދި ކޮމިޝަނުން ކަނޑައަޅައިފައިވާ މިންވަރަށް ތަހުގީގު ފުރިހަމަ ކުރެވިފައިވުން.

(ށ) ކޮމިށަނަށް ހުށަހަޅާ ކޮންމެ މައްސަލައަކާ ގުޅިގެން، މި މާއްދާގެ (ހ)ގެ ދަށުން ކޮމިށަނުން ނިންމާ ނިންމުން މައްސަލަ ހުށަހެޅި ފަރާތަށް ލިއުމުން އަންގަންވާނެވެ.

(ނ) މި މާއްދާގެ ދަށުން ފްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާ އެންމެހައި މައްސަލަތައް ފޮނުވަންވާނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓާއި މައްސަލައާ ގުޅިގެން ހޯދައިފައިވާ އެންމެހައި ހެކިތަކާއި ގަރީނާތަކާއި ބަޔާންތަކުގެ އަސްލު ހިމެނޭ ގޮތަށެވެ. އަދި މިގޮތުން ފޮނުވޭ އެންމެހައި ޑޮކިއުމަންޓްތަކުގެ ކޮފީ ކޮމިށަނުގައި ބަހައްޓަންވާނެވެ.

 

19 ވަނަ މާއްދާ – މަދަނީ ހައްގުތައް ހިމެނޭ މައްސަލަތަކާއި ބަދަލު ނަގައިދޭންޖެހޭ މައްސަލަތައް

ޓޯޗަރގެ ށިކާރައަކަށް ވެފައިވާ ފަރާތެއްގެ މަދަނީ ހައްގެއް ގެއްލިފައިވާކަން ނުވަތަ އެއްވެސް މަދަނީ ބަދަލެއް އެ ފަރާތަކަށް ލިބިދޭން ޖެހޭކަމަށް ކޮމިށަނަށް ފެންނަ ހާލަތްތަކުގައި ރަސްމީ ލިއުމަކުން، އެކަން އެފަރާތަކަށް ކޮމިށަނުން އަންގަންވާނެވެ.

 

20 ވަނަ މާއްދާ – ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

 މި ގަވާއިދުގައި އެހެންގޮތަކަށް ބުނެފައިނުވާހައި ހިނދަކު:

"ކޮމިށަން" ކަމުގައިބުނެފައި އެވަނީ، ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށެވެ.

"ރިޕޯޓްކުރުމުގެ ގޮތުން ހުށަހަޅާ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުން ބެލުމަށް ހަމަޖެހިފައިވާ ފަދަ މައްސަލައަކާބެހޭގޮތުން ކޮމިށަނަށް އެއްވެސް ފަރާޓަކުން ދޭ މައުލޫމާތެވެ.

"ޓޯޗަރ" ކަމަށް ބުނެފައި އެވަނީ، މާއްދ އަނިޔާއާއި ޖިސްމާނީ އަނިޔާއާއި ރަހުމުކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބުތަކަށެވެ.

"ދައުލަތުގެ މުއައްސަސާ" ކަމަށް ބުނެފައި އެވަނީ، އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކޮމިށަނުން ބަލައި ހޯދަން ޖެހޭ އެންމެހައި ކަންކަން ބެލުމާއި މައްސަލައާ ގުޅިގެން އެއްކުރަން ޖެހޭ އެންމެހައި މައުލޫމާތުތައް އެއްކުރުމާއި މައްސަލައާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރުމާއި ބަލައި ފާސްކުރަން ޖެހޭ ތަންތަން ބަލައި ފާސްކުރުން ފަދަ އެންމެހައި ކަންކަމަށެވެ.

"ހާއްސަ ހާލަތެއް" ކަމަށް ބުނެފައި އެވަނީ، ހުށަހެޅިފައިވާ މައްސަލައިގެ ބާވަތުން މައްސަލަ ތަހުގީގުކޮށް ނިންމުމަށްޓަކައި ހޯދަން ޖެހޭ މައުލޫމާތުތަކާއި ހެކިތަކާއި ގަރީނާތައް އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް އެއްވެސް ސަބަބަކާހުރެ ދަތިކަމެއް ކޮމިށަނަށް ކުރިމަތި ވެފައިވުމަށެވެ.

"ލިޔުމުން އެނގުން" ކަމަށް ބުނެފައި އެވަނީ، ސިޓީ، ފެކްސް، އީ-މެއިލް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އެންގުމަށެވެ.

"ރަސްމީ ލިއުން" ކަމަށް ބުނެފައި އެވަނީ، ސިޓީ ނުވަތަ ރިފޯޓް ފަދަ ލިއުންތަކަށެވެ.

"މައްސަލަ ހުށަހަޅާ ފޯމު" ކަމަށް ބުނެފައި އެވަނީ، ކޮމިށަނުން ތައްޔާރުކޮށްފައިވާ އިންސާނީ ހައްގަށް އުނިކަން ލިބުމުގެ މައްސަލަ ހުށަހަޅާ ފޯމަށެވެ.

 

21 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

 މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ކޮމިށަނުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

22 ވަނަ މާއްދާ – ގަވާއިދު ހަދައި ހިންގާ ފަރާތް

މި ގަވާއިދު ހަދައި ހިންގާނީ، ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއިންނެވެ.

 

މައި ގާނޫނު

އެންޓި ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 13/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު