-

އާބިޓްރޭށަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 1698/2013)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

މިއީ ގާނޫނު ނަންބަރު 10/2013 (އާބިޓްރޭށަން ގާނޫނު) ގެ 87 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިދީފައިވާ ބާރުގެ ދަށުން ހެދިފައިވާ ގަވާއިދެކެވެ. އާބިޓްރޭށަން ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމާއި، ބަލައިގަތުމާއި ހިންގުމާއި، ނިންމުންތައް ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަމަލުކުރާނީ މިގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖްރާއާތުތަކުގައިވާ ގޮތުގެމަތިންނެވެ.

މި ގަވާއިދަށް ކިޔާނީ "އާބިޓްރޭށަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އިހްތިސާސް

މިމާއްދާގައި ބަޔާންކޮށްފައިވާ އަންނަނިވި ބާވަތުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވެއެވެ.

(ހ) އާބިޓްރަލް އެވޯޑު ބާތިލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް.

(ށ) ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ބާތިލުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް.

(ނ) އާބިޓްރަލް ޓްރައިބިއުނަލުން މައްސަލައެއް ބެލުމަށް އޮތް އިހްސާސްއަށް ވުރެ ބޭރަށް އެމައްސަލައެއް ބެލުމުގައި އެ ޓްރައިބިއުނަލުން ހިނގައްޖެކަމަށް އެމައްސަލައިގައި ހިމެނޭފަރާތަކުން ފާހަގަކުރުމުން، އެކަން ވަކިނުކުތާއެއްގެ ގޮތުގައި އެ ޓްރައިބިއުނަލުން ބަލައި، އެ ޓްރައިބިއުނަލުން އެމައްސަލަ ބެލުމަށް އޮތް އިހްތިސާސް އިން ބޭރުނުވާކަމަށް ކަނޑައަޅާއިފިނަމަ، އެކަމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް.

 

3 ވަނަ މާއްދާ - މުއްދަތު

މިގަވާއިދުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނީ އެ ނިންމުމެއް ނިންމާތާ 03 (ތިނެއް) މަސްދުވަހުގެ ތެރޭގައެވެ. މި މުއްދަތު ގުނަން ފަށާނީ އެނިންމުން ނިންމި ތާޜީހުން ފެށިގެންނެވެ. އަދި މިމުއަދތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

 

4 ވަނަ މާއްދާ - މައްސަލަ ހުށަހެޅުމަށް ހުއްދަދިނުން

(ހ) މިގަވާޢިދުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އާބިޓްރޭށަނާގުޅޭ މައްސަލައެއް ހުށަހެޅޭނީ އެމައްސަލަ ހުށަހެޅުމުގެ ހުއްދަ ދިނުމުންނެވެ. މިގޮތުން މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ހުއްދަ ދިނުމާމެދު ގޮތެއް ކަނޑައަޅާނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނެވެ.

(ށ) މިގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އާބިޓްރޭށަނާގުޅޭ މައްސަލައެއް ހުށަހެޅުމުގެ ހުއްދައަށްއެދި ހުށަހަޅަންވާނީ އާބިޓްރޭށަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް އާބިޓްރޭށަނާގުޅޭ މައްސަލައެއް ހުށާހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާމެދު ނިންމާގޮތެއް، އެފޯމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގެންފިކަން އެންގި ދުވަހުން ފެށިގެން، ގިނަވެގެން ރަސްމީ މަސައްކަތު 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެފޯމެއް ހުށަހެޅި ފަރާތަކަށް ލިޔުމުން އަންގަންވާނެއެވެ.

 

5 ވަނަ މާއްދާ - މައްސަލަ ބަލައިގަތުން

(ހ) މިގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށާހެޅޭ މައްސަލައެއް ބަލައިގަތުމަށް ކޯޓުން ކަނޑައަޅިފިނަމަ، އެކަން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދުނު ފަރާތަށް އަންގާ ދުވަހުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް އާބިޓްރޭށަންގެ މައްސަލަ ހުށަހެޅުމަށް ކަޑައެޅިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު، އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު މައްސަލަ ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ހުށަހަޅާ ފޯމާއި ލިޔެކިޔުންތައް  ބަލައިގަތްކަން އެނގޭނެ ލިޔުމެއް އެމައްސަލައެއް ހުށަހަޅާފަރާތަކަށް ހައިކޯޓުން ދޫކުރަންވާނެއެވެ. އަދި މިގޮތުގެ މަތީން ލިޔުން އެފަރާތަކަށް ލިބޭތާ ގިނަވެގެން ރަސްމީ މަސައްކަތު 03 (ތިނެއް) ދުވަހުގެ ތެރޭގައި، މިގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ރަޖިސްޓްރޭށަން ފީ ހައިކޯޓަށް ދައްކަންވާނެއެވެ.

 

6 ވަނަ މާއްދާ - މައްސަލަ ރަޖިސްޓަރީ ކުރުމުގެ ފީ

މި ގަވާއިދުގެ ދަށުން ހައިކޯޓަށް ހުށަހަޅާ މައްސަލައެއް، ގާސިއްޔާއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނީ ރަޖިސްޓްރޭށަންފީގެ ގޮތުގައި 2000ރ (ދެހާސް ރުފިޔާ) ދެއްކުމުންނެވެ.

 

7 ވަނަ މާއްދާ - އާބިޓްރަލް އެވޯޑް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުން

(ހ) އާބިޓްރަލް ޓްރައިބިއުނަލުން މައްސަލައެއް ބަލައި، ދީފައިވާ އާބިޓްރަލް އެވޯޑެއް ބާތިލުކުރުމަށް އެދި، އެމައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އާބިޓްރަލް އެވޯޑެއް ބާތިލުކޮށް ދިނުމަށް އެދި ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ހައިކޯޓަށް އާބިޓްރޭށަންގެ މައްސަލަ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު، އެފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކުގައެވެ.

(ނ) އާބިޓްރަލް އެވޯޑެއް ބާތިލު ކުރުމުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓަރީ ކުރުމަށްފަހު، އެމައްސަލައިގެ ފޯމާއި ލިޔުންތަކުގެ ކޮޕީއެއް އެމައްސަލަ ރައްދުވާ ފަރާތަށް ފޮނުވަންވާނެއެވެ. މިގޮތަށް ފޮނުވާ މައްސަލައިގެ ލިޔުންތައް މައްސަލަ ރައްދުވާ ފަރާތަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެފަރާތުން އެމައްސލައިގެ ދިފާއު ހުށަހަޅަން ބޭނުންވާނަމަ، އެ ދިފާއަކާއި، އެ ދިފާއު ބިނާކުރި ސަބަބުތަކާއި، ލިޔުންތަކާއި ހެކި ހުށަހަޅަންވާނެއެވެ.

(ރ)މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ރައްދުވާ ފަރާތުން މައްސލައިގެ ދިފާއު ހުށަހަޅާފައިނުވާނަމަ، މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށާއި، ލިޔުންތަކާއި، ހެކިތަކުގެ މައްޗަށް ށަރީއަތުން ބަލައި ގޮތެއް ކަނޑައެޅުމުގެ އިހުތިޔާރު މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - އާބިޓްރަލް އެވޯޑެއް ބާތިލުކުރުން.

މިގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން އާބިޓްރަލް އެވޯޑެއް ބާތިލުކުރުމަށް އެދި ކޯޓަށް ހުށަހަޅާ މައްސަލައެއް ކޯޓުން ބަލައި، އެވޯޑު ބާތިލުކަމަށް ކަނޑައަޅާނީ އާބިޓްރޭށަން ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތްކަމަށް، އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތަށް ގަބޫލު ކުރެވިއްޖެ ނަމައެވެ.

 

9 ވަނަ މާއްދާ - އާބިޓްރަލް އެވޯޑް ބާތިލުކުރުމަށް ހުށަހެޅޭނެ މުއްދަތު

އާބިޓްރަލް އެވޯޑެއް ބާތިލު ކުރުމަށް އެދި ހައިކޯޓަށް ހުށަހެޅޭނީ އެ އެވޯޑުގެ ތާރީހުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވުމުގެ ކުރިންނެވެ. އެ މުއްދަތު ހަމަވުމަށްފަހު، އެ އެވޯޑް ބާތިލުކުރުމަށް ކޯޓަށް ހުށައެއްނޭޅޭނެއެވެ.

 

10 ވަނަ މާއްދާ - އެވޯޑް އިސްލާހުކުރުމަށް ވަގުތު ދިނުން

(ހ) އާބިޓްރަލް އެވޯޑެއް ބާތިލުކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ އެވޯޑު އިސްލާހުކުރުމަށް ވަގުތު ބޭނުންވާކަމަށް އެމައްސަލާގައި ހިމެނޭ އަނެއްފަރާތުން ކޯޓުގައި އެދިއްޖެނަމަ، އެކަމަށް ވަގުތު ދިނުމުގެ ގޮތުން ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ފަސްކުރުމުގެ އިހްތިޔާރު އެމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް ލިބިގެންވެއެވެ.

އެވޯޑް އިސްލާހުކުރުމަށް ވަގުތު ދެވޭނެ މުއްދަތު

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން މައްސަލަ ހުއްޓާލައިފިއި ބޭއްވުމަށް ފަނޑިޔާރުންގެ ބެންޗަށް ކަނޑައެޅޭނެ އެންމެ ދިގު މުއްދަތަކީ، ކޯޓުގައި އެދުނު ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަކަށެވެ. މި 30 ދުވަސް ގުނާނީ ބަންދު ދުވަސްތައް ނުލައެވެ.

(ނ) ކޯޓުންދޭ މުއްދަތުގައި އެވޯޑަށް ޓްރައިބިއުނަލުން އިސްލާހެއް ނުވަތަ ބަދަލެއް ގެނެސްފައިނުވާނަމަ ދެން އެމައްސަލަ ކޯޓުން ކުރިއަށް ގެންދެވިދާނެއެވެ.

 

11 ވަނަ މާއްދާ - ބަލައިގަތުން ނުވަތަ ތަންފީޒުކުރުން ހުއްޓުވުމުގެ އަމުރު

އާބިޓްރަލް އެވޯޑެއް ބަލައިގަތުން އެދި ނުވަތަ ތަންފީޒުކޮށްދިނުން އެދި ކަމާބެހޭ ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ އެވޯޑެއް ބާތިލުކޮށްދިނުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ އެ މައްސަލައާމެދު ގޮތެއް ނިމެންދެން، އެ އެވޯޑު ބަލައިގަތުމަށް އެދި ނުވަތަ ތަންފީޒުކޮށްދިނުމަށް އެދި ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް ހިފެހެއްޓުމުގެ ބާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ބާތިލުކުރުމާއި އިހުތިސާސާގުޅޭ ގޮތުން ނިންމާ ނިންމުންތައް

ވަގުތީ ފިޔަވަޅު އެޅުމުގެ އަމުރެއް ބާތިލުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، އިހުތިސާސްއާގުޅޭ ގޮތުން ނިންމާ ނިންމުންތަކާމެދު އަމަލުކުރާނީ މިގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

13 ވަނަ މާއްދާ - މައްސަލަ ރައްދުވާ ފަރާތުން އިއުތިރާޒު ހުށަނޭޅުން

މި ގަވަޢިދުގެ 2 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައަކާގުޅިގެން އެމައްސަލައިގެ ލިޔުންތައް އެ މައްސަލަ ރައްދުވާ ފަރާތަށް ރައްދުކުރުމުން މިގަވާއިދުގައިވާ ގޮތުގެމަތިން އެ ހުށަހެޅުމާ ދެކޮޅަށް އިއުތިރާޒު ހުށަނާޅާނަމަ، ހުށަހެޅިފައިވާ ލިޔުންތަކާއި ހެކިތަކުގެ މައްޗަށް ބަލައި، ގޮތެއް ނިންމުމުގެ އިހްތިޔާރު އެމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

އާބިޓްރަލް އެވޯޑަކާ ގުޅޭ މައްސަލައެއް ހައިކޯޓުން ބަލައި ނިންމާނީ އެމައްސަލައިގައި ހިމެނޭ ފަރާތްތަކާއި، އެފަރާތްތަކުން ހުށަހަޅާ ހެކިތަކާއި ލިޔުންތަކުގެ ސިއްރު ހިފެހެއްޓޭނެ އުސޫލުތަކެއްގެ މަތިންނެވެ.

 

15 ވަނަ މާއްދާ - ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވުން

މިގަވާއިދުގައި ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމަކާ މެދު ގޮތެއް ނިންމާނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުގެ އަގުލަބިއްޔަތުންނެވެ.

 

16 ވަނަ މާއްދާ - ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތް

އާބިޓްރަލް ޓްރައިބިއުނަލުން ދީފައިވާ އެވޯޑު ތަންފީޒުކުރާނީ، ށަރުއީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

17 ވަނަ މާއްދާ - އަމަލުކުރަންފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖަނައަރީ 2014 ވަނަ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އާބިޓްރޭށަނުގެ ގާނޫނު (ގާނޫނު ނަންބަރު 10/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު