-

ށަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 43/2014)

 

1 ވަނަ މާއްދާ – ށަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 41 ވަނަ މާއްދާއަށް އިސްލާހު ގެނައުން

41. މުސާރައިގެ ކުރިއެރުން ދިނުން

މުސާރައިގެ ކުރިއެރުން ދޭނީ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ކަނޑައެޅޭ އުސޫލުތަކުންނެވެ. މިގޮތުން މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނެ މައިގަނޑު ކަންތައްތައް މި މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ދަށުން މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ދެވެނީ ކޮންމެ 2 އަހަރަކުން 1 ފަހަރުއެވެ.

(ށ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ދަށުން މުވައްޒަފަކަށް މުސާރައިގެ ކުރިއެރުން ދެވޭނީ ޖެހިޖެހިގެން 2 (ދޭއް) އަހަރުގެ އެވްރެޖް މާކްސް 70 އިންސައްތަ އަށްވުރެ މަތިން ލިބުމުންނެވެ.

(ނ) ށަރުއީދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ދައުލަތަށް ހިދުމަތްކުރާތާ، 1 ފެބުރުވަރީ 2009 އަށް 10 އަހަރު ނުވަތަ 15 އަހަރު ނުވަތަ 30 އަހަރު ނުވަތަ 40 އަހަރު ވެފައިވާ މުވައްޒަފުންނަށް 31 ޖަނަވަރީ 2009 ގެ ނިޔަލަށް ހިދުމަތް ކޮށްފައިވާ މުއްދަތަށް ބަލައި މިމާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ކުރިން ނުލިބިވާ ސްޓެޕް ހަމަޖެއްސޭނެއެވެ.

(ރ) މުވައްޒަފުގެ ހިދުމަތުގެ މުއްދަތަށް ބަލައި ސްޓެޕް ހަމަޖައްސާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. 10 އަހަރާއި 15 އަހަރާ ދެމެދު 5 ސްޓެޕް
  2. 15 އަހަރާއި 30 އަހަރާ ދެމެދު 8 ސްޓެޕް
  3. 30 އަހަރާއި 40 އަހަރާ ދެމެދު 9 ސްޓެޕް
  4. 40 އަހަރުން މަތި 10 ސްޓެޕް

 

(ބ) މި ގަވާއިދުގެ ދަށުން މުސާރައިގެ ކުރިއެރުމުގެ ކޮންމެ ސްޓެޕަކަށް މުސާރައަށް އިތުރު ކުރެވޭނީ -/200 ރުފިޔާއެވެ.

(ޅ) ދައުލަތުގެ އެހެން މުއައްސަސާއަކުން، ށަރުއީދާއިރާގެ ވަޒީފާއަކަށް މެދުނުކެނޑޭގޮތަށް ބަދަލުވާ މުވައްޒަފުންނަށް އެމުވައްޒަފުގެ ހިދުމަތުގެ މުއްދަތާގުޅިގެން ކުރިން ލިބެމުންދިޔަ މުސާރައިގެ ކުރިއެރުމުގެ ސްޓެޕް ށަރުއީދާއިރާއިން އެމީހަކު ހަމަޖައްސާ ވަޒީފާގެ މުސާރައިގެ ތެރެއަށް އިތުރުކޮށް ދެވޭނެއެވެ.

(ކ) ހިދުމަތުގެ މުއްދަތާގުޅިގެން މުސާރައިގެ ކުރިއެރުމުގެ ސްޓެޕަކަށް ބަދަލުކުރެވިފައިވާ މުވައްޒަފަކު އަމިއްލައަށް އެދިގެން، ނުވަތަ ށަރުއީދާއިރާއިން ބޭނުންވެގެން އެމުވައްޒަފު ހުރި ރޭންކުގެ މަގާމަކަށް ބަދަލު ކުރާނަމަ ކުރިން ލިބެމުންދިޔަ ސްޓެޕް އަލަށް ހަމަޖެއްސި މަގާމުގެ މުސާރައިގެ ތެރެއަށް އިތުރުކޮށް މުސާރަ ހަމަޖައްސަންވާނެއެވެ.

(އ) ހިދުމަތުގެ މުއްދަތާގުޅިގެން މުސާރައިގެ ކުރިއެރުމުގެ ސްޓެޕަކަށް ބަދަލުކުރެވިފައިވާ މުވައްޒަފަކު، ށަރުތު ހަމަވެގެން މަތީ މަގާމަކަށް ބަދަލުކުރާނަމަ، ނުވަތަ ށަރުއީދާއިރާގެ ފަރާތުން ސްޕޮންސަރކޮށްގެން ތައުލީމު ހާސިލު ކުރުމުގެ ސަބަބުން މަތީމަގާމަކަށް ބަދަލުކުރާނަމަ، ނުވަތަ ކޯޓު ނުވަތަ އިދާރާއިން އިއުލާނުކުރާ ވަޒީފާއަކަށް ހޮވުމާގުޅިގެން ކުރިން ހުރި މަގާމަށްވުރެ މަތީ މަގާމަކަށް ބަދަލުވާ ނަމަ އެމުވައްޒަފަކަށް ކުރިން ލިބެމުންދިޔަ ސްޓެޕްގެ އެއްފިޔަވަޅު ފަހަތަށް ސްޓެޕް ދީ މުސާރަ ހަމަޖައްސަންވާނެއެވެ.

(ވ) ދައުލަތުގެ އެހެން މުއައްސަސާއެއްގައި ނުވަތަ ށަރުއީދާއިރާގައި ހިދުމަތްކުރުމަށްފަހު ތައުލީމު ހާސިލުކުރުމަށް ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނާއި، އެމުވައްޒަފަކު މަސައްކަތް ކުރި އޮފީސް އުވާލުމުގެ ސަބަބުން ނުވަތަ އޮފީހުގެ އޮނިގަނޑަށް ގެނެވުނު ބަދަލެއްގެ ސަބަބުން ނުވަތަ ގާނޫނަކަށް އަންނަ ބަދަލެއްގެ ސަބަބުން، އެމުވައްޒަފަކު އިހުތިޔާރެއްނެތި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް އެމީހަކު ވަޒީފާއިން ވަކިނި ސަބަބު ތަފުސީލުކޮށް ހުށަހެޅުމުން އެކަން ބަލައި އެފަދަ އެމުވައްޒަފުން ދައުލަތަށް ހިދުމަތްކުރި މުއްދަތު ގުޅުވުމަށްފަހު މިމާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ސްޓެޕް ހަމަޖައްސަންވާނެއެވެ.

(މ) މިމާއްދާގެ ދަށުން ސްޓެޕް ހައްގުވާ ފަރާތްތަކަށް ސްޓެޕް ހަމަޖެއްސޭނީ، މިމާއްދާއަށް އަމަލުކުރަން ފެށުމާގުޅިގެން ސްޓެޕް  ހަމަޖެއްސުމަށް އެދި ކަމާބެހޭ ލިޔުންތަކާއެކު ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނަށް ހުށަހެޅުމުން، އެ ހުށަހެޅުންތައް ދިރާސާކޮށް އެމީހަކަށް މި ގަވާއިދުގެ ދަށުން ސްޓެޕް ހަމަޖައްސަން ޖެހޭކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުން ނިންމާ ތާރީހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަންފަށާފައިވަނީ 22 އެޕްރީލް 2014 ގައެވެ.

 

މައި ގަވާއިދު

 ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 (ގަވާއިދު ނަންބަރު 18/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު