ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލުގެ ހިންގާ ގަވާއިދު
(ގަވާއިދު ނަންބަރު: 285/2014)
1 ވަނަ މާއްދާ - ތައާރުފާއި ނަން.
(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ 14 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔަނީ "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލުގެ ހިންގާ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ކައުންސިލު
(ހ) "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލު" އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ކައުންސިލެކެވެ.
(ށ) މިކައުންސިލަކީ، އެންމެ ކުދި،އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުގައި ހިމެނޭވިޔަފާރިތައް ތަރައްގީކުރުމަށް، ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައަޅައި، މިކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް މިނިސްޓަރަށް ލަފާދޭ މައިގަނޑު ފަރާތެވެ.
(ނ) ކައުންސިލަށް މެންބަރުން އައްޔަންކޮށް، ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ރ) ކައުންސިލުގެ ރައީސަކީ، މަގާމުގެ ހައިސިއްޔަތުން މިނިސްޓަރެވެ. ކައުންސިލުގެ މެންބަރުންގެ ތެރެއިން، ސިވިލް ސޮސައިޓީ ތަމްސީލުކުރާ މެންބަރަކު، ކައުންސިލުގެ ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެއެވެ.
(ބ) ކައުންސިލުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ މިނިސްޓްރީންނެވެ.
3 ވަނަ މާއްދާ – ކައުންސިލުގެ މަސްއޫލިއްޔަތުތައް.
(ހ) ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- އެންމެކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި، ގައުމީ އޮނިގަނޑެއް އެކުލަވައިލުން؛
- އެންމެކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަށް އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައެޅުން؛
- އެންމެކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން، ހިންގާ އެންމެހައި ހަރަކާތްތަކަށް ބަޖެޓް ތައްޔާރުކުރުމާއި، އެގޮތުން ތައްޔާރުކުރާ ބަޖެޓްގައި،ގާނޫނުގެ ދަށުން އުފައްދާ އިދާރާތަކާއި، މަރުކަޒުތަކާއި، މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމާއި، ފަންޑާއި، ގާނޫނުގެ ދަށުން އެކިއެކި ހަރަކާތްތައް ހިންގުމަށް ހިނގާނެ ހަރަދު ހިމެނުން؛
- އެންމެކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން، ގައުމީ ފެންވަރުގައި ރޭވޭ ޕްރޮގްރާމްތަކަކީ، ސަރުކާރުގެ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ރޭވޭ ޕްރޮގުރާމްތަކެއްކަން ކަށަވަރު ކުރުން؛
- ކަމާބެހޭ މިނިސްޓްރީތަކާއި، ސަރުކާރުގެ އިދާރާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެ ފަރާތްތަކުގެ މަށުވަރާއާއެކު، އެންމެކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަސަރުކުރާ ސިޔާސަތުތަކާއި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިނގާނުހިނގާ ގޮތް ބަލައި، ވަޒަން ކުރުން؛
- ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް ދޭ މަރުކަޒުތައް ހިނގާނުހިނގާ ގޮތް ބަލައި، އެ ތަންތަނުން ހިންގާ ހަރަކާތްތަކުން ނަތީޖާ ނެރެވޭ މިންވަރު ބެލުން؛
- ދަރަނި ނެގުމާއި ފައިސާ ރައްކާކުރުމުގެ ހިދުމަތްތަކާއި، ކެޕިޓަލް މާކެޓްތަކުގައި ބައިވެރިވުމާއި، އެނޫންވެސް މާލީ ހިދުމަތްތައް ހޯދޭނެ ގޮތްތައް އިތުރުކުރުމަށް ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރުން؛
- އެންމެކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށްދިނުމަށް މަސައްކަތް ކުރުން؛
- އެންމެކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީގެ ގޮތުގައި ފައިސާ ހޯދައި ދިނުމަށް މަސައްކަތްކުރުމާއި އެގޮތުން ދޫކުރެވޭ ފައިސާ ބޭނުންކުރެވެނީ އެންމެ ފައިދާ ހުރި އަދި އެދެވޭ ގޮތުގައިކަން ޔަގީންކުރުމަށްޓަކައި، އެހީދޫކުރުމުގެ އުސޫލުތައް ރާވައި، ހިންގައި، މުރާޖައާ ކުރުން؛
- ގާނޫނުގެ މަގުސަދުތައް ހާސިލުކުރުމުގައި އެހީތެރިވުމާއި، ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކުން ދިނުމަށް ކަނޑައެޅިފައިވާ ހިދުމަތް ދިނުން ފަދަ ކަންކަމުގައި، ކަމާބެހޭ މިނިސްޓްރީތަކާއެކު މަސައްކަތް ކުރުމަށް، ޕްރައިވެޓް ސެކްޓަރަށް ހިތްވަރުދިނުމާއި، ޕްރައިވެޓް ސެކްޓަރުން އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރުދޭ ޕްރޮގްރާމްތައް ހިންގުން؛
- ގައުމީ ތަރައްގީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން ނުވަތަ ގާނޫނެއްގައިވާ ގޮތުގެމަތިން، އިސްކަންދޭ ދާއިރާތަކުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ހާއްސަ އަހަމިއްޔަތު ކަމެއް ދިނުން؛
- އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހިވާފަދަ ފުރިހަމަ އޮނިގަނޑެއްގެ ދަށުން، އެ ވިޔަފާރިތައް ރެގިއުލޭޓްކުރުމަށްޓަކައި، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ށަރުތުތަކާއި، ހުރަސްތައް މަދު، އޮނިގަނޑެއް ގާއިމުކުރުމަށް މަސައްކަތް ކުރުން؛
- އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމުގައި، ގުޑް ގަވަރނަންސްގެ އުސޫލުތަކަށް އަހުލުވެރިކުރުވުމަށާއި އަދި އެ އުސޫލުތައް ޕްރޮމޯޓް ކުރުމަށްޓަކައި މަސައްކަތް ކުރުން؛
- މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑުން ފައިސާ ދޫކުރާ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހާލަތު ދިރާސާކުރުމަށް ޓަކައި އިސްކަންދޭ ދާއިރާތަކަށް އަހަންމިއްޔަތުކަން ދީގެން އޮނިގަނޑެއް އެކުލަވައިލުން؛
- އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން އުފައްދާ ބުރޭންޑްތައް އުފެއްދުމުގައާއި، ހިމާޔަތްކުރުމުގައި އެހީތެރިވެދިނުން؛
- އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ތަރައްގީކުރުމާ ގުޅޭ ދިރާސާތައް ކުރުމާއި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފަށައިގަންނަ މިންވަރާއި، ހުއްޓާލާ މިންވަރާއި، ހިނގާ ގޮތާއި، ހަރަކާތްތެރިވާ ދާއިރާތައް އަންގައިދޭ މައުލޫމާތު ށާއިއުކުރުން؛ އަދި
- ގާނޫނުގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ކުރުން.
4 ވަނަ މާއްދާ - ކައުންސިލުގެ މެންބަރުން.
(ހ) ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލު އެކުލެވިގެންވަނީ، އަންނަނިވި 14 (ސާދަ) މެންބަރުންގެ މައްޗަށެވެ.
- އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރު؛
- މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރު؛
- ފަތުރުވެރި ކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރު؛
- މާލީ ކަންކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރު؛
- ވަޒީފާއާއި އިންސާނީ ވަސީލަތްތަކާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓަރު؛
- އަންހެން ވިޔަފާރުވެރިން ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛
- މަސްވެރިކަމުގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛
- ދަނޑުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛
- ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛
- މައުލޫމާތާއި މުވާސަލާތުގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛
- ތިމާވެށީގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް؛
- އިމާރާތްކުރުމުގެ ދާއިރާ ތަމްސީލުކުރާ، ސިވިލް ސޮސައިޓީގެ މަންދޫބެއް.
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް.
- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން ނުވަތަ ޑެޕިއުޓީ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭށަން.
5 ވަނަ މާއްދާ - ކައުންސިލުގެ ޖަލްސާ ބޭއްވުން.
(ހ) ކައުންސިލުގެ ޖަލްސާއެއް މަދުވެގެން ކޮންމެ މަހަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) ކައުންސިލުގެ ޖަލްސާ ބާއްވަން ކަނޑައަޅާ ތާރީހުގެ 5 ދުވަސްކުރިން، ކައުންސިލުގެ މެންބަރުންނަށް އެކަން އަންގަންވާނެއެވެ. އަދި މި އެންގުމާއެކު، އެޖަލްސާއަށް ކަނޑައަޅާފައިވާ އެޖެންޑާއާއި އެޖެންޑާއާގުޅޭ ލިޔުންތައް މެންބަރުންނަށް ފޮނުވަންވާނެއެވެ.
(ނ) ކައުންސިލުގެ ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާ، ޖަލްސާ ބޭއްވޭތާ 7 ދުވަހުގެ ތެރޭގައި މެންބަރުންނަށް ފޮނުވަންވާނެއެވެ. އަދި ޖެހިގެން އަންނަ ޖަލްސާގައި އެ ޔައުމިއްޔާ ފާސްކުރަންވާނެއެވެ.
6 ވަނަ މާއްދާ - ޖަލްސާގެ ރިޔާސަތު.
(ހ) ކައުންސިލުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ރައީސެވެ. ކައުންސިލުގެ ރައީސް ނެތް ހިނދެއްގައި ނުވަތަ ކައުންސިލުގެ ރައީސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހިނދެއްގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ނައިބު ރައީސެވެ.
(ށ) ކައުންސިލުގެ ރައީސަށް އަދި ނައިބު ރައީސަށް ކައުންސިލުގެ ބައްދަލުވުމަށް ހާޒިރުނުވެވޭ ހާލަތެއްގައި ކައުންސިލުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކައުންސިލުގެ ބައްދަލުވުމަށް ހާޒިރުވެތިބި މެންބަރުންގެ ތެރެއިން، ކަނޑައަޅާ މެންބަރެކެވެ.
7 ވަނަ މާއްދާ - ގާނޫނީ އަދަދާއި ވޯޓުދިނުން.
(ހ) ކައުންސިލުގެ ޖަލްސާއެއް ބޭއްވޭނީ ކައުންސިލުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.
(ށ) ކައުންސިލުން އެއްވެސްކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.
8 ވަނަ މާއްދާ - ކައުންސިލުގެ ރައީސްގެ ވާޖިބުތައް.
(ހ) ކައުންސިލުގެ ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.
- ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި، އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން.
- ޖަލްސާތަކުން ނިންމޭ ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުން.
- އަހަރީ ރިޕޯޓު ތައްޔާރު ކުރުވުން.
- ކައުންސިލާއި އެހެން ފަރާތްތަކާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއި ކުރުމާއި އެފަދަ ލިޔުންތައް ބަލައި ގަތުން.
- ކައުންސިލުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
9 ވަނަ މާއްދާ - ކައުންސިލުގެ ނާއިބު ރައީސްގެ ވާޖިބުތައް.
ކައުންސިލުގެ ނާއިބު ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.
- ކައުންސިލުގެ ރައިސަށް އެހީތެރިވެދިނުން.
- ކައުންސިލުގެ ރައީސަށް ބައިވެރިނުވެވޭ ބައްދަލުވުންތަކުގައި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުން.
- ކައުންސިލުގެ ރައީސް ނެތް ހާލަތްތަކުގައި ކައުންސިލުގެ ރައީސް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުން.
10 ވަނަ މާއްދާ - މެންބަރުކަމުން ވަކިވުމާއި އިސްތިއުފާ ދިނުން.
(ހ) މަގާމުގެ ހައިސިއްޔަތުން، ކައުންސިލުގައި ހިމެނޭ މެންބަރުން، ކައުންސިލުގެ މެންބަރުކަމުގައި ދެމިތިބޭނީ، އެ މީހުން ކައުންސިލުގައި ހިމެނުނު މަގާމުގައި ދެމިތިބޭ މުށްދަތަށެވެ.
(ށ) މަގާމުގެ ހައިސިއްޔަތުން، ކައުންސިލުގައި ހިމެނޭ މެންބަރުން ފިޔަވައި އެހެން މެންބަރުން، މަގާމުން އިސްތިއުފާދޭން ބޭނުންވާނަމަ، އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ސިޓީއަކުން އިސްތިއުފާދެވިދާނެއެވެ. އަދި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މެންބަރަކު ކައުންސިލުގެ މެންބަރުކަމުން ވަކިވީއެވެ.
11 ވަނަ މާއްދާ - ކައުންސިލުގެ ޖަލްސާތަކުގައި ބައިވެރިވުން.
(ހ) ކައުންސިލުގެ ހުރިހާ މެންބަރުންވެސް ކައުންސިލުގެ ބައްދަލުވުންތަކަށް ހާޒިރުވާންވާނެއެވެ.
(ށ) މަގާމުގެ ހައިސިއްޔަތުން ކަނޑައަޅާފައިވާ މެންބަރުން ފިޔަވައި ކައުންސިލުގެ އެހެނިހެން މެންބަރުން، މަގުބޫލު އުޒުރެއްނެތި ކައުންސިލުގެ 3 ބައްދަލުވުމަށް ޖެހިޖެހިގެން ހާޒިރު ނުވެއްޖެނަމަ، އެ މެންބަރެއް ކައުންސިލުގެ މެންބަރުކަމުން ވަކިކޮށް އެ މެންބަރެއްގެ ބަދަލުގައި އައު މެންބަރެއް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު، ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.
12 ވަނަ މާއްދާ – ކައުންސިލަށް މައްސަލަ ހުށަހެޅުން.
(ހ) ކައުންސިލަށް މައްސަލަ ހުށަހެޅޭނީ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- މިނިސްޓަރު؛
- މެންބަރުން؛ އަދި
- ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިއަކުން؛
(ށ) މި މާއްދާގެ (ހ) ގެ (2) އާއި (3) ގައި ބުނެފައިވާ ފަރާތްތަކުން ކައުންސިލަށް ހުށަހަޅަން ބޭނުންވާ މައްސަލަތައް، ކައުންސިލަށް ހުށަހެޅުމަށްޓަކައި ފޮނުވާނީ ކައުންސިލުގެ ރައީސް އަށެވެ.
13 ވަނަ މާއްދާ - ކައުންސިލަށް ހުށަހެޅޭނެ މައްސަލަތައް.
(ހ) ކައުންސިލަށް ހުށަހެޅޭނެ މައްސަލަތަކުގެ ބާވަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- ވިޔަފާރިތައް ގިންތި ކުރުމާ ގުޅިގެން، ލިބެންޖެހޭ މަލީ އަދި ފަންނީ އެހީތެރިކަމާއި ގުޅޭ މައްސަލަތައް.
- ކައުންސިލް މެންބަރުންގެ ޒާތީ މަސްލަހަތެއް އޮންނަ ކަމަކާ ގުޅޭ މައްސަލަތައް.
- ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމުގެ ގޮތުން ހިންގާ ޕްރޮގުރާމްތަކާއި ގުޅޭ މައްސަލަތައް.
- ވިޔަފާރި ހިދުމަތްދޭ މަރުކަޒުތަކާ ގުޅޭ މައްސަލަތައް.
- ވިޔަފާރި ތަރައްގީ ކުރުމުގެ ގޮތުން ދޫކުރާ ލޯނު ނުވަތަ ފައިސާގެ އެހީ ބޭނުން ކުރުމާއި އަދި ދޫކުރުމާއި ގުޅޭ މައްސަލަތައް.
14 ވަނަ މާއްދާ – މައްސަލަތައް ކޮމިޓީން ބެލުން.
(ހ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަކާ ގުޅިގެން ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާމެދު ގޮތެއް ނިންމާނީ، ކައުންސިލުގެ ޖަލްސާގެ ތަޅުމަށް ހުށަހަޅައިގެންނެވެ. މިގޮތުން ހުށަހެޅޭ މައްސަލަތަކުގެ ކުޑަބޮޑު މިނަށް ބަލައި، ކައުންސިލުގައި މަށުވަރާ ކުރުމަށްފަހު، މައްސަލަ ބެލުމަށްޓަކައި ކައުންސިލް މެންބަރުންގެ ތެރެއިން ކޮމިޓީއެއް އެކުލަވައިލަން ފެނިއްޖެ ހިނދެއްގައި ކޮމިޓީއެއް އެކުލަވައި ލެވިދާނެއެވެ. އަދި މައްސަލަ ބެލުމަށް އެކުލަވާލައި ކޮމިޓީގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މިނިސްޓްރީގެ މުވައްޒަފެއް ހިމަނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ފަދައިން، މައްސަލަ ބެލުމަށް އެކުލަވައިލާ ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު، ކައުންސިލުން އެމައްސަލައާ މެދު ގޮތެއް ނިންމުމަށްޓަކައި، އެ މައްސަލަ ނިންމުމަށް ކޮމެޓީއަށް ފެންނަ ގޮތް، ކައުންސިލަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ9 ގައިވާ ފަދައިން، ކޮމެޓީއަށް ފެންނަ ގޮތް، ކައުންސިލަށް ހުށަހެޅުމުން، ކޮމިޓީން ހުށަހެޅި ގޮތަށް ނުވަތަ އެމައްސަލަ އެހެން ގޮތަކަށް ނިންމުމަށް ކައުންސިލުން ކަނޑައެޅިދާނެއެވެ. ކައުންސިލުގައި ބަހުސްކުރެވޭ މިފަދަ މައްސަލަތައް ނިންމާނީ ކައުންސިލުގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
15 ވަނަ މާއްދާ - މެންބަރެއްގެ ޒާތީ މަސްލަހަތެއް އޮތް ކަމަކުން އެއްކިބާވުން.
(ހ) ކައުންސިލުގެ މެންބަރެއްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ކައުންސިލުގެ އެއްވެސް މެންބަރަކު، އޭނާގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުމަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އަދި ޒާތީ މަސްލަހަތު ހިމެނޭ ކަމެއް ނިންމުމުގައި ބައިވެރިވެގެންވެސް ނުވާނެއެވެ.
(ށ) ކައުންސިލުން ނިންމުމަށްޓަކައި މަށުވަރާކުރަމުންދާކަމަކީ، ކައުންސިލުގެ މެންބަރެއްގެ ޒާތީ މަސްލަހަތެއް އޮތް ކަމެއް ކަމުގައިވާނަމަ، އެކަން ކައުންސިލުގެ އެހެން މެންބަރުންނަށް އެންގުމާއެކު، އެކަމާ ގުޅޭގޮތުން ހިނގަމުންދާ މަށުވަރާތަކުން ނުވަތަ އެކަން ނިންމުމުން އެއްކިބާވާންވާނެއެވެ.
16 ވަނަ މާއްދާ - މެންބަރެއްގެ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ބެލެވޭނެ ހާލަތުތައް.
(ހ) ކައުންސިލުގެ މެންބަރެއްގެ ޒާތީ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ބެލެވޭނީ، މެންބަރަކު ކުރާ އަމަލެއްގެ ސަބަބުން ނުވަތަ ކައުންސިލުގެ މަސައްކަތާ ގުޅޭގޮތުން އިހްތިޔާރުކުރާ ގޮތެއްގެ ސަބަބުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން، އަންނަނިވި ކަންކަމުންކުރެ ކަމަކަށްމަގުފަހިވާކަމަކަށް ވާނަމައެވެ.
- ކައުންސިލުގެ މެންބަރެއްގެ މިލްކިއްޔާތުގައި ހުރި މުދަލެއްގެ އަގު މަތިވުމަށް ނުވަތަ އެގޮތުގައި އެ އަގު ދެމެހެއްޓުމަށް؛ ނުވަތަ
- ކައުންސިލުގެ މެންބަރެއްގެ މާލީ ޒިންމާއެއްކަމުގައިވާ ޒިންމާއެއް ނެތިދިޔުމަށް ނުވަތަ އެ ޒިންމާގެ ނިސްބަތް ކުޑަވެގެން ދިޔުމަށް؛ ނުވަތަ
- ތިމާއަށް ކުރިން ލިބެން ނެތް މާލީ ހައްގެއް ތިމާއަށް އަލަށް ލިބިދިނުމަށް؛ ނުވަތަ
- ތިމާއަށް ލިބޭ އާމްދަނީއެއް އިތުރުވެގެން ދިޔުމަށް؛ ނުވަތަ
- ޖަމްއިއްޔާއެއް، ޖަމާއަތެއް، ޓްރޭޑް ޔޫނިއަނެއް، ކުންފުންޏެއް، ޕާޓްނަރށިޕެއް ނުވަތަ އެނޫންވެސް އެފަދަ މަސައްކަތެއް ހިނގަމުންދާ ތަނެއްގެ އިސްވެރިޔަކަށްވުމަށް، ނުވަތަ ނުފޫޒު ފޯރުވޭ ފަދަ މަގާމަކަށް އައްޔަންވުމަށް.
17 ވަނަ މާއްދާ - މެންބަރެއްގެ މަސްލަހަތު ހިމާޔަތްކުރުން ކަމުގައި ނުބެލެވޭނެ ހާލަތުތައް.
(ހ) ކައުންސިލުގެ މެންބަރަކު އޭނަގެ ޒާތީ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކުރަނީ ކަމުގައި އަންނަނިވި ހާލަތުތަކުގައެއް ނުބެލެވޭނެއެވެ.
- ކައުންސިލުގެ މެންބަރަކު އަމަލުކުރި ގޮތަކީ އޭގެ ސަބަބުން ވަކިމީހަކަށް ފައިދާވުމަށްވުރެ ބޮޑަށް ގިނަ ރައްޔިތުންތަކަކަށް އޭގެފައިދާ ލިބޭކަމަކަށްވުން؛
- ކައުންސިލުގެ މެންބަރަކަށް ފައިދާއެއްވުމާ އެކުއެކީގައި، އެ ގިންތީގައި ތިބި ގިނަ ރައްޔިތުންތަކަކަށް އޭގެ ފައިދާ ލިބޭ ކަމަކަށްވުން.
18 ވަނަ މާއްދާ - ކައުންސިލުގެ އަހަރީ ރިޕޯޓް.
ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި، ކައުންސިލުން ހިންގާފައިވާ މައިގަނޑު ހަރަކާތްތަކާއި ނިންމާފައިވާ މައިގަނޑު ނިންމުންތައް އެނގޭނެ އަހަރީ ރިޕޯޓެއް ކައުންސިލުން އެކުލަވައިލާންވާނެއެވެ. އަދި އެ ރިޕޯޓު، ވިދިގެން އަންނަ އަހަރު މާޗު މަހުގެ ނިޔަލަށް، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައި އާއްމުކޮށް ށާއިއުކުރަންވާނެއެވެ.
19 ވަނަ މާއްދާ - އަމަލުކުރަން ފެށުން.
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
20 ވަނަ މާއްދާ - މާނަ.
(ހ) މި ގަވާއިދުގައި ލަފުޒެއް، ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، ތރީގައި ދީފައިވާ މާނަކުރުމެވެ.
- "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވަޒީރަށެވެ.
- "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
- "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އުފައްދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލަށެވެ.
- "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) އަށެވެ.
މައި ގާނޫނު:
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރ 6/2013)
ކިޔުންތެރިންގެ ހިޔާލު