-

ސެކިއުރިޓީޒްއާބެހޭ ވިޔަފާރި ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 383/2014)

 

ފުރަތަމަ ބައި

ފެށުން

1 ވަނަ މާއްދާ - ނަމާއި ތައާރަފް

މި ގަވާއިދަށް ކިޔާނީ، ''ސެކިއުރިޓީޒްއާބެހޭ ވިޔަފާރި ހިންގުމުގެ ގަވާއިދު'' އެވެ. މިގަވާއިދު އެކުލަވައިލާފައިވަނީ ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު)ގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ 23 ޖުލައި 2006 ގައެވެ.

 

2 ވަނަ މާއްދާ - ބަސްބަހުގެ މާނަ

މި ގަވާއިދުގައި އެބަހެއް ބޭނުންކޮށްފައިވާ ގޮތަކުން ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާނަމަ:

(ހ) ''ލައިސަންސީ'' ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައިވާ ގޮތުގެމަތީން ލައިސަންސް ދޫކޮށްފައިވާ ފަރާތަކަށެވެ.

(ށ) ''ކްލަޔަންޓް'' ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައިވާ ގޮތުގެމަތީން ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ޚިދުމަތް ލިބިގަންނަ ފަރާތަކަށެވެ.

(ނ) "ގާނޫނު'' ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނަށެވެ.

(ރ) މި ގަވާއިދުގައި ވަކިގޮތަކަށް ބަހެއް މާނަކުރެވިފައި ނުވާ ބަހެއްގެ މާނަ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައި މާނަކުރެވިފައިވާނަމަ އެ ބަހެއްގެ މާނަ ކުރަންވާނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގައި އެ ބަހެއް މާނަކޮށްފައިވާ ގޮތަކަށެވެ.

(ބ) ''ސްޓާފް'' ކަމަށް ބުނެފައި އެވަނީ ކުންފުނީގެ ޑިރެކްޓަރުންނާއި، ކުންފުނީގެ މުވައްޒަފުންނާއި، އެ ފަރާތްތަކުގެ އަނބިން ނުވަތަ ފިރިންނާއި، އެ ފަރާތުގެ 18 އަހަރު ނުފުރޭ ކުދިންނާއި، ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއް އައްޔަންކުރާ ފަރާތެއް ނުވަތަ ފަރާތްތަކެއް އަދި އެ ފަރާތުން ކުރެ ފަރާތަކަށް ކޮންޓްރޯލް ކުރެވޭ ކުންފުނި ނުވަތަ ކުންފުނިތައް ހިމެނޭ ގޮތަށެވެ. ކުންފުނި ކޮންޓްރޯލް ކުރެވޭ ފަރާތެއްކަމަށް ބެލޭނީ އެ ފަރާތަކީ ކުންފުނީގެ %51 ރައުސުލްމާލުގައި ހިއްސާވާ ފަރާތް ނުވަތަ ކުންފުނީގެ ބޯޑު ކޮންޓްރޯލް ކުރެވޭނެ ފަރާތެއްކަމަށް ވާނަމައެވެ.

 

ދެވަނަ ބައި

ވިޔަފާރި ހިންގުން

3 ވަނަ މާއްދާ - އޮތޯރިޓީން ގަބޫލުކުރާ ފަރާތެއްކަމަށް ބުނުން ނުވަތަ ދެއްކުން

(ހ) ލައިސަންސީއަކު އެމީހެއްގެ ފެންވަރާއި ކަމަށް އެކަށޭނަ މިންވަރު އެއްވެސް ސިފައެއްގައި އޮތޯރިޓީގެ ފަރާތުން ގަބޫލުކުރާކަމަށް، ސީދާކޮށް ނުވަތަ ނުސީދާކޮށްވިޔަސް ތަމްސީލުކޮށްގެން ނުވާނެއެވެ.

(ށ) އެމީހަކީ ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ މީހެއްކަން ބަޔާންކުރުމަކީ މިމާއްދާއާ ހިލާފުވުމެއްނޫނެވެ

 

4 ވަނަ މާއްދާ - މިނިވަންކަން

ލައިސަންސީއަކު ކްލަޔަންޓަކަށް ލަފާދޭއިރު ނުވަތަ ކްލަޔަންޓަކު ތަމްސީލުކޮށް ޙަރަކާތްތެރިވާއިރު:

  1. ލައިސަންސީ ހުރީ މިނިވަންގޮތަކަށް ކަމުގައިނުވާނަމަ އެގޮތަށް ބުނެގެން ނުވާނެއެވެ.
  2. ލައިސަންސީ ހުރީ މިނިވަން ގޮތަކަށް ކަމަށް ނުވަތަ ވަކި ފަރާތަކަށް ނުޖެހިކަމަށް ބުނާއިރު އެމިނިވަންކަމަށް ފަހަރުގައިވެސް ހުރަސްއެޅިދާނެ ފަދަ ކަމެއް އޮތްނަމަ އެކަމެއްވެސް ހާމަކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - އަމިއްލަ މަސްލަހަތު

ލައިސަންސީ ކްލަޔަންޓް ބައިވެރިކޮށް ނުވަތަ ކްލަޔަންޓުގެ މުއާމަލާތެއް ހިންގާއިރު، ލައިސަންސީއަށް އަމިއްލަ އެއްވެސް ފައިދާއެއް ލިބޭނަމަ ނުވަތަ ލިބިދާނެކަން އެނގިހުރެ ލަފާދީ ނުވަތަ އެވިޔަފާރިއަކާ ގުޅޭގޮތުން މުއާމަލާތުކޮށް ހެދޭނީ ހަމައެކަނި:

  1. އެކަށީގެންވާ ގޮތެއްގައި އޭނާއަށް ލިބޭ ފައިދާ ނުވަތަ އޭނާއާއި އެ މުއާމަލާތާމެދު އޮތް ގުޅުން ކްލަޔަންޓަށް އަންގައި؛ އަދި
  2. ލައިސަންސީއަށް ލިބޭ ފައިދާގެ ސަބަބުން ނުވަތަ ލައިސަންސީއާ އެކަމާ ހުރި ގުޅުމުގެ ސަބަބުން ކްލަޔަންޓުގެ ހައްގަކަށް ނޭދެވޭ އަސަރެއް ނުކުރާނެކަން ޔަގީންކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށްފަހުގައެވެ. 

 

6 ވަނަ މާއްދާ - ކްލަޔަންޓުގެ މަސްލަހަތަށް އުނިކަމެއް ލިބިދާނެ ފަދަ ކަންތައްތައް ހުއްޓުވުން

ލައިސަންސީއާއި، އެފަރާތުގެ މުވައްޒަފުންނާއި، އެޖެންޓުން މުއާމަލާތުކުރުމުގައި ކްލަޔަންޓަށް އަދާކުރަންޖެހޭ ޒިންމާއަށް ހުރަސްއެޅޭ ފަދަ ކަންތައްތައް ހިނގިޔަ ދިނުން ހުއްޓުވުމަށްޓަކައި، ނުވަތަ މަނާކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - އިންސާފުވެރިކަމާއެކު އޮޅުން ނާރާފަދަ ގޮތަކަށް މައުލޫމާތު ފޯރުވައިދިނުން

(ހ) ލައިސަންސީ އޭނާގެ ވިޔަފާރިކުރިއެރުވުމުގެ ބޭނުމުގައި، ސެކިއުރިޓީޒްގެ ހިދުމަތާ ގުޅޭގޮތުން އެއްވެސް ފަރާތަކާ މުވާސަލާތެއް ކުރެވޭނީ، އެ މުވާސަލާތުގައި ހިމެނޭ މައުލޫމާތަކީ ފުރިހަމަ، އިންސާފުވެރި އަދި އޮޅުވާލުމެއް ނެތް މައުލޫމާތެއްކަން އޭނާއަށް ޔަގީންވާނަމައެވެ.

(ށ) ކްލަޔަންޓަކާއެކު ސެކިއުރިޓީޒްގެ ހިދުމަތް ދިނުމާގުޅޭގޮތުން ހަދާ އެގްރީމަންޓަކީ ނުވަތަ ކްލަޔަންޓަށް ފޮނުވާ އެއްވެސް ވައްތަރެއްގެ މުވާސަލާތަކީ ނުވަތަ މައުލޫމާތަކީ ނުވަތަ އެންގުމަކީ ސާފުކޮށް އިންސާފުވެރި ގޮތަކަށް މައުލޫމާތު އެކުލެވޭ އެއްޗެއްކަން ޔަގީންކުރުމަށް، ލައިސަންސީ އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅަންވާނެއެވެ.

 

8 ވަނަ މާއްދާ - ކްލަޔަންޓަށް ލިބިދާނެ ގެއްލުމަކާ ބެހޭގޮތުން މައުލޫމާތު ދިނުން

ލައިސަންސީ ތިރީގައި ބަޔާންކުރާ ފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ.

  1. ކުރެވޭ މުއާމަލާތަކުން ކްލަޔަންޓަށް ލިބިދާނެ ގެއްލުން އޮޅުންފިލުވައިދިނުމަށް އެކަށީގެންވާ ފިޔަވަޅު ނާޅައި އެފަދަ މުއާމަލާތެއް ކުރުމަށް މަށްވަރާދިނުން ނުވަތަ ގޮތެއް ނިންމުމުގެ އިހުތިޔާރު ލިބިފައިވާ ކަމެއްގައި ގޮތެއް ނިންމުން؛
  2. ކުރުމަށް ގަސްދުކުރާ މުއާމަލާތެއްގެ ސަބަބުން ލިބިދާނެ ފައިދާއެއް ނުވަތަ ގެއްލުމަކާބެހޭގޮތުން ކްލަޔަންޓަށް އޮޅުވައިލުން؛ ނުވަތަ
  3. ކޮންޓްރެކްޓެއްގެ ދަށުން ކަނޑައެޅިގެން ފައިދާ ލިބެންނެތް ހާލަތެއްގައި ފައިދާއެއް ލިބޭނެކަމުގެ ގެރެންޓީއެއް ދިނުން

 

9 ވަނަ މާއްދާ - ލައިސަންސީއާބެހޭ މައުލޫމާތު ދިނުން

ލައިސަންސީއާއި، ލައިސަންސީގެ ވިޔަފާރިއާބެހޭ ގޮތުންނާއި، އެ ފަރާތުގެ މުވައްޒަފުންނާއި، އެ ފަރާތް ތަމްސީލުކުރާ ފަރާތްތަކުގެ މައުލޫމާތު އެކަށީގެންވާ މިންވަރަކަށް ކްލަޔަންޓަށް ދިނުމަށް ފިޔަވަޅު އަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - ލިޔެވިފައިވާ އެގްރީމެންޓެއްގެ ދަށުން މުއާމަލާތްކުރުން

ލިޔެވިފައިވާ އެގްރީމެންޓެއް ނެތި، ސެކިއުރިޓީޒް ވިޔަފާރިއާ ގުޅޭ ތިރީގައި ބަޔާންކުރާފަދަ ހިދުމަތެއް ލައިސަންސީއަކު ދީގެންނުވާނެއެވެ.

  1. ކްލަޔަންޓުގެ ސެކިއުރިޓީޒް ޕޯރޓްފޯލިއޯ ލައިސަންސީގެ އިހްތިޔާރުގައި ބެލެހެއްޓޭފަދަ ވިޔަފާރީގެ ހިދުމަތެއް؛ ނުވަތަ
  2. ސެކިއުރިޓީޒް ގަނެ ވިއްކުން ހިމެނޭ އެހެން އެއްވެސް ހިދުމަތެއް.

 

11 ވަނަ މާއްދާ - ކްލަޔަންޓާއެކު ވެވޭ އެއްބަސްވުން

ލިޔެފައިވާ ކޮންޓްރެކްޓެއްގެ ދަށުން ސެކިއުރިޓީޒްގެ ހިދުމަތް ދޭނަމަ އެ ކޮންޓްރެކްޓެއްގައި އެހިދުމަތް ދެވޭ އުސޫލުތަކާ ބެހޭގޮތުން އެކަށީގެންވާ ތަފުސީލު އެކުލެވެންވާނެއެވެ. މި ގޮތުން މި ފަދަ އެއްބަސްވުމެއްގައި، ލައިސެންސީއާއި، ކްލަޔަންޓުގެ ފުރިހަމަ މައުލޫމާތާއި، ދެވޭ ހިދުމަތާއި، ހިދުމަތުގެ އަގު ކަނޑައެޅިފައި އޮންނަންވާނެއެވެ.

 

12 ވަނަ މާއްދާ - ކްލަޔަންޓުގެ ހައްގުތަކަށް އުނިކަމެއް އަންނާނެ ފަދަ ށަރުޠެއް ނުކުރުން

ލިޔެފައިވާ އެއްބަސްވުމަކުން ނުވަތަ އެނޫންވެސް ގޮތަކުން އަންނަނިވި ކަމަކުންކުރެ ކަމެއް ނަފީކުރުމަށްޓަކައި ނުވަތަ އެކަންތައްތަކުގެ ދާއިރާ ހަނިކުރުމަށްޓަކައި ލައިސަންސީ މަސައްކަތްކޮށްގެން ނުވާނެއެވެ.

  1. ގާނޫނު ނުވަތަ ގަވާއިދެއްގެ ދަށުން ލައިސަންސީ ކްލަޔަންޓަށް އަދާކޮށްދޭންޖެހޭ ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް؛
  2. ސެކިއުރިޓީޒްގެ ހިދުމަތް ދިނުމުގައި ފަރުވާތެރިކަމާއެކު އެކަން ކުރުމަށްޓަކައި އަދި ބަލަންޖެހޭ ބެލުންތައް ބެލުމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް؛
  3. ސެކިއުރިޓީޒްގެ ހިދުމަތް ދިނުމުގައި ކޮށްދިނުމަށް ހަވާލުވާ ކަމެއް ކުރުމުގައި ފަރުވާ ކުޑަކޮށް ނުވަތަ އިހުމާލުވެ ނުވަތަ ބަލަންޖެހޭވަރަށް ނުބެލުމުގެ ސަބަބުން ކްލަޔަންޓަށް ލިބިދާނެ ގެއްލުމަކާގުޅިގެން އުފުލަންޖެހޭ މާލީ ނުވަތަ ގާނޫނީ ޒިންމާ.

 

 

13 ވަނަ މާއްދާ - ސެކިއުރިޓީޒްއާ ބެހޭ ގޮތުން ލަފާ ދިނުމުގައި އެކަށީގެންވާ ފަރުވާތެރިކަން ބެހެއްޓުން

ސެކިއުރިޓީޒްއާބެހޭ ގޮތުން ލަފާދިނުމުގައި ލަފާދޭންވާނީ ދެވޭ ލަފައަކީ ކްލަޔަންޓް ދީފައިވާ މައުލޫމާތުގެ މައްޗަށާއި އަދި އެހެނިހެން ހެކިތަކުގެ މައްޗަށް ބިނާކޮށް އެ ކްލަޔަންޓަށް ފައިދާހުރި ކަމެއްކަމުގައި ޔަގީންކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށް ފަހުގައެވެ.

 

14 ވަނަ މާއްދާ - ހިދުމަތުގެ އަގު ބަޔާންކުރުން

 ކްލަޔަންޓަށް ހިދުމަތް ދިނުމުގެ ކުރިން، ލައިސަންސީ ފޯރުވައިދޭ ހިދުމަތުގެ އަގު ކަނޑައަޅާފައިވާގޮތާއި ލައިސަންސީއަށް އޭނާ ދޭ ހިދުމަތާ ގުޅިގެން އެއްޗެއް ލިބޭނަމަ އެ ލިބޭ އެއްޗަކާއި އެ އެއްޗެއް ލިބޭގޮތެއް ބަޔާންކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ގަވާއިދުން މައުލޫމާތު ފޮނުވުން

ކްލަޔަންޓަށް ހިދުމަތް ދިނުމުގައި ލައިސަންސީ ކުރާ ސެކިއުރިޓީޒްގެ އެންމެހައި މުއާމަލާތުތަކާ ގުޅޭ ގޮތުން ކްލަޔަންޓަށް ގަވާއިދުން މައުލޫމާތު ފޮނުވަމުން ގެންދަންވާނެއެވެ.

 

16 ވަނަ މާއްދާ - ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން

ކްލަޔަންޓެއްގެ އޯޑަރަށް އަމަލީ ސިފަ ގެނައުމަށް ލައިސަންސީ އެއްބަސްވެއްޖެނަމަ ނުވަތަ ލައިސަންސީ އަމިއްލައަށް ނިންމައިފިނަމަ ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެ އޯޑަރަކަށް އަމަލީ ފިޔަވަޅު އަޅަންވާނެއެވެ.

 

17 ވަނަ މާއްދާ - ކްލަޔަންޓަށް ލިބެންޖެހޭ އެއްޗެއް އިންސާފުވެރިގޮތެއްގައި ލިބިދިނުން

(ހ) ކްލަޔަންޓް ދީފައިވާ އޯޑަރަކާއި، ލައިސަންސީގެ އަމިއްލަ އެކައުންޓެއްގެ އޯޑަރަކާއި ނުވަތަ އެހެން ކްލަޔަންޓެއްގެ އޯޑަރަކާ އެއްކޮށްފިނަމަ، ކްލަޔަންޓް ނުވަތަ ކްލަޔަންޓުންނަށް ލިބެންޖެހޭ ބައި ލިބިދިނުމުގައި،

  1. އިންސާފުން ބޭރުވާފަދަ ގޮތަކަށް ލައިސަންސީގެ އަމިއްލަ ނަފްސަށް ނުވަތަ އެމުއާމަލާތެއްގައި ބައިވެރިވި އެހެން ފަރާތަކަށް އިސްކަންދީގެން ނުވާނެއެވެ؛ އަދި
  2. ހުރިހާ އޯޑަރެއް ފުރިހަމަ ނުކުރެވޭނަމަ، އިސްކަންދޭންވާނީ ކްލަޔަންޓުންގެ އޯޑަރުތައް ފުރިހަމަ ކުރުމަށެވެ.

(ށ) ސްޓޮކް މާރކެޓްގައި މުއާމަލާތުކުރެވޭ ސެކިއުރިޓީޒްއަކާ މެދު ވަކި ގޮތަކަށް ޢަމަލު ކުރުމަށް ކްލަޔަންޓަކު ލައިސަންސީއަށް އަންގާފައިވަނިކޮށް އެއާ އެއްގޮތަށް އަމަލުނުކޮށް، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި، އަމިއްލަ ނަމުގައި ނުވަތަ ގުޅުންހުރި މީހެއްގެ ނަމުގައި އެފަދަ ސެކިއުރިޓީޒްއަކާ ގުޅޭ މުއާމަލާތު ކޮށްގެން ނުވާނެއެވެ.

(ނ) ށަރުޠުތަކާއެކު ވަކި ސެކިއުރިޓީޒްއެއް ގަތުމަށް ލައިސަންސީއަށް ކްލަޔަންޓް އަންގާފައިވަނިކޮށް، އެ ށަރުޠުތައް ފުރިހަމަ ނުވުމުގެ ސަބަބުން ކްލަޔަންޓް އަންގާފައިވާ ގޮތަށް އެ ސެކިއުރިޓީޒް ނުގަނެވުން ފަދަ ހާލަތްތައް މި މާއްދާގެ (ށ) އިން އިސްތިސްނާ ވާނެއެވެ.

 

18 ވަނަ މާއްދާ - ފްރަންޓް ރަނިންގ

ލައިސަންސީ ކުރާ ދިރާސާއެއް ނުވަތަ ހޯދުމަކާގުޅިގެން އަގުތަކަށް ބަދަލުއަތުވެދާނެ ފަދަ މައުލޫމާތެއް ލިބި އެކަން ހާމަކުރަން ގަސްދުކުރާނަމަ، އެ ދިރާސާއެއް ނުވަތަ ހޯދުންތަކެއް ހޯދާ ނުވަތަ ތައްޔާރު ކުރާ މުއްދަތުގައި ނުވަތަ އެ ދިރާސާއެއް ނުވަތަ ހޯދުމެއް ޢާންމު ކުރާތާ 5 ދުވަސް (ރަސްމީ ބަންދު ދުވަސް ނުލައި) ހޭދަވުމުގެ ކުރިން އެކަން އެނގި ހުރެ އަގަށް ބަދަލު އަތުވެދާނެކަމަށް ބެލެވޭ ސެކިއުރިޓީޒް ނުވަތަ އެއާ ގުޅުން ހުރި ސެކިއުރިޓީޒްއެއްގެ މުއާމަލާތު ކޮށްގެން ނުވާނެއެވެ.

 

19 ވަނަ މާއްދާ - ޗާރނިންގ

އެއްވެސް މުޢާމަލާތަކަށް ރިއާޔަތްކުރާއިރު، އެމުއާމަލާތަކީ ލައިސަންސީގެ އަމިއްލަ މަސްލަހަތަށްޓަކައި، ކޮމިށަނެއް ނުވަތަ ފައިދާއެއް ނެގުމުގެ ނިޔަތުގައި މާއަވަސްއަވަހަށް ކުރެވޭ އަދި މާބޮޑު މުއާމަލާތެއްކަމަށްވާނަމަ އެފަދަ މުއާމަލާތެއް ކޮށްގެން ނުވާނެއެވެ.

 

20 ވަނަ މާއްދާ - ވިއްކުމުގެ ހައްގު ނެތި ސެކިއުރިޓީޒް ވިއްކުން

ސެކިއުރިޓީޒް ވިއްކާ މީހަކަށް އެ ސެކިއުރިޓީޒް ވިއްކޭނީ ނުވަތަ ވިއްކުމަށް ހުށަހެޅޭނީ:

  1. އެ ސެކިއުރިޓީޒް ވިއްކާ ވަގުތު ވިއްކާ މީހާއަށް ނުވަތަ ވިއްކާ މީހާއަކީ އެޖެންޓެއްނަމަ އޭނާގެ ޕްރިންސިޕަލްއަށް އެ ވިއްކުމުގެ ފުރިހަމަ ހައްގު ލިބިގެންވާނަމައެވެ. ނުވަތަ
  2. އެ ސެކިއުރިޓީޒް ވިއްކާ ވަގުތު ވިއްކާ މީހާއަށް ނުވަތަ ވިއްކާމީހާއަކީ އެޖެންޓެއްނަމަ އޭނާގެ ޕްރިންސިޕަލްއަށް އެ ވިއްކުމާބެހޭ ހުރިހާ ހައްގުތަކެއް އެފަރާތަށް ލިބިގެންވާކަމަށް އެފަރާތަށް ގަބޫލުކުރެވޭނަމައެވެ.

 

21 ވަނަ މާއްދާ - ށަކުވާ

ލައިސަންސީގެ ވިޔަފާރީގެ ނިޒާމުގެ ތެރޭގައި އެފަރާތުގެ ކްލަޔަންޓުންގެ ށަކުވާތަކާމެދު އެކަށީގެންވާ ރަނގަޅުގޮތަކަށް އިޖާބަދީ އިސްލާހީ ފިޔަވަޅު އެޅޭނޭ އިންތިޒާމެއް ހަމަޖައްސައި އެފަދަ ށަކުވާތަކާމެދު އަވަސް ފުރުސަތެއްގައި އެކަށީގެންވާ ގޮތެއްގައި އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު

(ހ) ލައިސަންސީގެ ވިޔަފާރީގެ ނިޒާމުގެ ތެރޭގައި އެފަރާތުގެ ކްލަޔަންޓުންގެ ށަކުވާތަކާމެދު އެކަށީގެންވާ ރަނގަޅުގޮތަކަށް އިޖާބަދީ އިސްލާހީ ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖައްސައި އެފަދަ ށަކުވާތަކާމެދު އަވަސް ފުރުސަތެއްގައި އެކަށީގެންވާ ގޮތެއްގައި އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

  1. ގާނޫނާއި ގަވާއިދުގެ ދަށުން ކުރަންޖެހޭ އަދި ކޮށްގެންނުވާނޭ ކަންތައްތައް ލައިސަންސީގެ އޮފިސަރުންނާއި، މުވައްޒަފުންނާއި އެފަރާތް ތަމްސީލުކުރާ ފަރާތްތަކަށް އަންގައިދިނުމާއި، އެ ފަރާތްތަކުން މިފަދަ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާތޯ ބެލުން؛
  2. ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން ސެކިއުރިޓީޒްގެ ވިޔަފާރިއާބެހޭ ގޮތުން އެކަށީގެންވާ ވަރަށް މައުލޫމާތު އެއްކޮށް ބެލެހެއްޓުން؛ އަދި
  3. ލައިސަންސީގެ މުވައްޒަފުންނާއި، އޮފިސަރުންނާއި، އެ ފަރާތް ތަމްސީލުކުރާ ފަރާތްތަކަކީ ސެކިއުރިޓީޒްގެ ވިޔަފާރިއާ ގުޅޭގޮތުން ލަފައެއް ނުވަތަ ހިދުމަތެއް ފޯރުވައިދިނުމަށް އެކަށީގެންވާ ފެންވަރު ލިބިފައިވާ މީހެއްކަމުގައި ނުވާނަމަ އެ ފަރާތަކުން އެފަދަ ލަފައެއް ނުވަތަ ހިދުމަތެއް ފޯރުވައިނުދޭނެކަން ޔަގީންކުރުން.

 

(ށ) ސެކިއުރިޓީޒް ވިޔަފާރިއާ ގުޅިގެން ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުންތައް އޮތޯރިޓީން ނުވަތަ އޮތޯރިޓީން އައްޔަންކުރާ ފަރާތަކުން ބަލަންޖެހިއްޖެ ހާލަތެއްގައި ބެލުމަށްޓަކައި މަދުވެގެން 6 އަހަރު ދުވަހުގެ މުއްދަތަށް ރައްކާކޮށް ބަލަހައްޓަންވާނެއެވެ.

 

23 ވަނަ މާއްދާ - ކްލަޔަންޓުގެ ސިއްރުތައް ހިފެހެއްޓުން

(ހ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތު ފިޔަވައި، ލައިސަންސީ ކުރަމުންގެންދާ ވިޔަފާރިއާ ގުޅިގެން ކްލަޔަންޓުގެ ކިބައިން ލިބިފައި ހުންނަ އެންމެހައި މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ.

(ށ) ލައިސަންސީގެ ކްލަޔަންޓުންނާބެހޭ ގޮތުން އޮތޯރިޓީއަށް ބޭނުންވާ މައުލޫމާތާއި، ލައިސަންސީ މެންބަރެއްގެ ގޮތުގައި ހިމެނޭ ހިނދެއްގައި ސްޓޮކް އެކްސްޗޭންޖް ކުންފުންޏެއްގެ ކްލިއަރިންގ ހައުސްއަށް ދޭންޖެހޭ މައުލޫމާތާއި، މާރކެޓް ސަރވެއިލަންސް ކަންތައްތައް ބަލަހައްޓާ ފަރާތަކުން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތަކަށް ދޭންޖެހޭ މައުލޫމާތާއި، ކަމާބެހޭ ކޯޓަކުން އަންގައިފިނަމަ އެފަރާތަކަށް ދޭންޖެހޭ މައުލޫމާތާއި، ގާނޫނީ ގޮތުން ލާޒިމުކުރާ އެހެން ކަމެއްގައި އެހެންފަރާތަކަށް ދޭންޖެހޭ މައުލޫމާތު އެފަރާތަކަށް ދޭންވާނެއެވެ.

 

24 ވަނަ މާއްދާ - ވިޔަފާރި ހުއްޓާލުން

ސެކިއުރިޓީޒް ވިޔަފާރި ހުއްޓާލުމަށް ލައިސަންސީ ކަނޑައަޅައިފިނަމަ:

  1. ވީ އެންމެ އަވަހަކަށް އޮތޯރިޓީއަށާއި ލައިސަންސީގެ ކްލަޔަންޓުންނަށް އެމައުލޫމާތު ދޭންވާނެއެވެ. އަދި
  2. އޮތޯރިޓީއިން އަންގާ ގޮތެއްގެ މަތީން އެފަރާތުން ހަވާލުވެފައިވާ ވިޔަފާރިތައް ނިންމައި ނުވަތަ ލައިސަންސް ލިބިފައިވާ އެހެން ފަރާތަކާ އެކަންކަން ހަވާލުކުރަންވާނެއެވެ.

 

25 ވަނަ މާއްދާ - ހިދުމަތް ދެވެން އޮންނަ އެންމެ ރަނގަޅަކަށް ހިދުމަތް ދިނުން

ލައިސަންސީ ކޮންމެ ވަގުތެއްގައިވެސް މަސައްކަތް ކުރަންވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި، ފަރުވާތެރިކަމާއެކު ކަމަށް އެކަށީގެންވާ ހުނަރާއި ވިސްނުންތެރިކަން ބޭނުންކޮށްގެން އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅު ގޮތަކަށެވެ.

 

26 ވަނަ މާއްދާ - ލައިސަންސީގެ ނަމުގައި (ޕްރިންސިޕަލްގެ ގޮތުގައި) ސެކިއުރިޓީޒްގެ މުއާމަލާތު ކުރުން

(ހ) ލައިސަންސީއަކު އޭނާގެ އަމިއްލަ ހައިސިއްޔަތުން ކްލަޔަންޓަކާއެކު ސެކިއުރިޓީޒްގެ މުއާމަލާތެއް ކުރާނަމަ، އޭނާ އެ މުއާމަލާތެއް ކުރަނީ އަމިއްލަ ނުވަތަ ޕްރިންސިޕަލެއްގެ ހައިސިއްޔަތުންކަން ކްލަޔަންޓަށް ހާމަކުރުމަށްފަހުގައި ނޫނީ އެފަދަ މުއާމަލާތެއް ކޮށްގެން ނުވާނެއެވެ.

(ށ) ލައިސަންސީއަކު އޭނާގެ އަމިއްލަ ހައިސިއްޔަތުން ކްލަޔަންޓަކާއެކު ސެކިއުރިޓީޒްގެ މުއާމަލާތެއް ކުރާނަމަ، އޭނާ އެ މުއާމަލާތެއް ކުރަނީ އަމިއްލަ ނުވަތަ ޕްރިންސިޕަލްއެއްގެ ހައިސިއްޔަތުންކަން ކޮންޓްރެކްޓް ނޯޓުގައި ހާމަކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތާ ހިލާފަށް ލައިސަންސީ އަމަލުކޮށްފައިވާނަމަ، އެ މުއާމަލާތެއް ހިނގާތާ 30 ދުވަހުގެ ކުރިން ލިޔުމަކުން އަންގައި އެ މުއާމަލާތެއް ބާތިލުކުރުމުގެ އިހްތިޔާރު ކްލަޔަންޓަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެގޮތަށް އޮތުމަކުން، ކްލަޔަންޓަށް ލިބިފައިވާ އެހެން އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެއެވެ.

 

27 ވަނަ މާއްދާ - ސެކިއުރިޓީޒް ވިއްކާ ފަރާތަށް ފައިސާ ދިނުން

ސެކިއުރިޓީޒް ގަނެ ވިއްކުމުގެ މުއާމަލާތް ކުރެވޭތާ 3 ދުވަހުގެ ތެރޭގައި ސެކިއުރިޓީޒް ވިއްކާ ފަރާތަށް ފައިސާ ދޭންވާނެއެވެ.

 

28 ވަނަ މާއްދާ - ލައިސަންސީގެ ސްޓާފުން ސެކިއުރިޓީޒްގެ މުއާމަލާތުކުރުން

(ހ) ލައިސަންސީގެ ސްޓާފުންނަށް ސެކިއުރިޓީޒްގެ މުއާމަލާތު ކުރެވޭނީ ހަމައެކަނި އެ ސްޓާފަކު މަސައްކަތް ކުރާ ލައިސަންސީ މެދުވެރިކޮށެވެ.

(ށ) ލައިސަންސީގެ ސްޓާފަކަށް ސެކިއުރިޓީޒްގެ ވިޔަފާރި ކުރެވޭނީ ލައިސަންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނުވަތަ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ލައިސަންސީގެ ކޮމްޕްލަޔަންސް އޮފިސަރުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

(ނ) ލައިސަންސީގެ ސްޓާފަކަށް ވިޔަފާރި ނުކުރެވޭނެ ސެކިއުރިޓީޒް ހިމެނޭ ''ރެސްޓްރިކްޓެޑް ސެކިއުރިޓީޒް'' ލިސްޓު ލައިސަންސީގެ ކޮމްޕްލަޔަންސް އޮފިސަރ ތައްޔާރުކޮށް ބަލަހައްޓަން ވާނެއެވެ.

(ރ) މި މާއްދާގެ މަގްސަދަށްޓަކައި، ''ރެސްޓްރިކްޓެޑް ސެކިއުރިޓީޒް'' ކަމަށް ބުނެފައި އެވަނީ އެ ސެކިއުރިޓީޒްއަކާ ގުޅިގެން ޢާންމުކޮށް ލިބެން ނުހުންނަ މައުލޫމާތު ލައިސަންސީއަށް ލިބިފައިވާ ސެކިއުރިޓީޒްއަށެވެ. އަދި، އެ ސެކިއުރިޓީޒްއަކާ ގުޅޭ ގޮތުން ލައިސަންސީއަކު ކުރާ ދިރާސާއަކުން ނުވަތަ ހޯދާ ހޯދުމަކުން ސެކިއުރިޓީޒްގެ އަގަށް ބަދަލު އަތުވެދާނެ ފަދަ ސެކިއުރިޓީޒް، އެ މަޢުލޫމާތު ކްލަޔަންޓުންނަށް ހާމަކުރެވޭތާ 5 ދުވަސް ވަންދެން މި ލިސްޓުގައި ހިމެނިފައި އޮންނަންވާނެއެވެ.

(ބ) ލައިސަންސީގެ މެނޭޖްމަންޓަށް ފެނިއްޖެ ހާލަތެއްގައި، ''ރެސްޓްރިކްޓެޑް ސެކިއުރިޓީޒް'' ލިސްޓުގައި އެހެނިހެން ސެކިއުރިޓީޒް ހިމެނުމާއި، އުނިކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ޅ) ލައިސަންސީގެ ސްޓާފުންގެ އޯޑަރަށްވުރެ ކްލަޔަންޓުންގެ އޯޑަރަށް އިސްކަން ދޭންވާނެއެވެ. އަދި ލައިސަންސީގެ ސްޓާފުން ސެކިއުރިޓީޒްގެ މުއާމަލާތުކުރުމުގައި ޢަމަލު ކުރާނެ ގޮތް ލިޔެ އެކަން ސްޓާފުންނަށް އެންގިފައި އޮންނަންވާނެއެވެ.

(ކ) ލއިސަންސީގެ ސްޓާފުން ކުރާ ސެކިއުރިޓީޒްގެ މުއާމަލާތުތައް ލައިސަންސީގެ ކޮމްޕްލަޔަންސް އޮފިސަރ ނޯޓުކޮށް، އެކަމާ ގުޅޭ ރެކޯޑު ބަލަހައްޓަންވާނެއެވެ.

(އ) ލައިސަންސީގެ ސްޓާފުންގެ މަސައްކަތު ކޮންޓްރެކްޓުގައި، ލައިސަންސީގެ ސްޓާފުން ސެކިއުރިޓީޒްގެ މުއާމަލާތު ކުރުމުގައި އެކަމާގުޅޭ ގަވާއިދުތަކަށާއި، އުސޫލުތަކަށް އަމަލުކުރުމަށާއި، އަދި އެއާ ހިލާފުވެއްޖަނަމަ އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރެވިފައި އޮންނަންވާނެއެވެ.

 

ތިންވަނަ ބައި

އިށްތިހާރު ކުރުން

29 ވަނަ މާއްދާ - އިށްތިހާރުކުރުން

ލައިސަންސީ ކުރާ ވިޔަފާރިއަކާ ބެހޭގޮތުން އިށްތިހާރުކުރުމުގައި އަންނަނިވި ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

  1. ލައިސަންސީގެ ނަމާއި، އެޑްރެސް؛
  2. ލައިސަންސީ ފޯރުވައިދޭ ހިދުމަތުގެ ތަފުސީލު؛
  3. ހިދުމަތް ދިނުމުގެ އާންމު ށަރުޠުތައް؛
  4. ލައިސަންސީގެ މަސައްކަތް ހިންގާ ތަން؛ އަދި
  5. އިންސާފުވެރިކަމާއެކު އޮޅުވާލުމެއްނެތި އިށްތިހާރުގައި ހިމެނޭ ބައިތަކުގައި މައުލޫމާތު ހިމެނުމާއެކު، ކުރިމަތިވެދާނެ ގެއްލުމަކާ ބެހޭގޮތުން އިށްތިހާރުގައި ފުރިހަމައަށް މައުލޫމާތު ހިމަނަންވާނެއެވެ.

 

ހަތަރުވަނަ ބައި

ކްލަޔަންޓުގެ މުދަލާއި ފައިސާ

30 ވަނަ މާއްދާ - ކްލަޔަންޓުގެ ފައިސާ

(ހ) ކްލަޔަންޓަކު ލައިސަންސީގެ ބެލުމުގެ ދަށުގައި ފައިސާ ޖަމާކުރާއިރު ނުވަތަ ކްލަޔަންޓަކު ލައިސަންސީއަށް ދަރަންޏަށް ފައިސާދޭއިރު ލައިސަންސީ އަންނަނިވި ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

  1. ފައިސާ ލިބޭ ދުވަހުންފެށިގެން އެންމެ އަވަހަށް އަންނަ، ބޭންކު ހުޅުވިފައިހުންނަ ދުވަހެއްގައި ބޭންކު އެކައުންޓެއްގައި އެފައިސާ ޖަމާކުރަންވާނެއެވެ. އަދި އެ އެކައުންޓެއްގައި މިގޮތުން ޖަމާކުރާ ނުވަތަ ދަރަންޏަށް ލިބޭ ފައިސާގެ އިތުރުން އެހެން އެއްވެސް ފައިސާއެއް ހުރެގެންނުވާނެއެވެ.
  2. ލައިސަންސީގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ފައިސާ އާއި ދަރަންޏަށް ދޫކުރެވޭ ފައިސާ، އެފައިސާ ބެހެއްޓުނު ބޭނުމާއި އެފައިސާ ދޫކުރެވުނު ށަރުޠުތަކާއި ލައިސަންސީ އެފައިސާ ބޭނުންކުރާނެ ގޮތް ކަނޑައަޅައި އެނގޭގޮތަށް ލިޔެފައިވާ ލިޔުމެއް ކްލަޔަންޓަށް ދޫކުރަންވާނެއެވެ.
  3. މި މާއްދާގެ ޕެރެގްރާފް (ii ) ގައި ބަޔާންކުރާ ލިޔުން ކްލަޔަންޓަށް ލިބުނުކަން ލިޔުމަކުން ކްލަޔަންޓް ލައިސަންސީއަށް އަންގަންދެން ފައިސާ ބޭންކް އެކައުންޓުގައި ބަހައްޓަންވާނެއެވެ.
  4. ލައިސަންސީ މިފައިސާ ބޭނުންކުރަންވާނީ ހަމައެކަނި ޕެރެގްރާފް (ii ) ގައި ބަޔާން ކުރެވިފައިވާ ބޭނުމަށް ނުވަތަ (ii )ގައި ބަޔާންކުރެވިފައިވާ ލިޔުން ކްލަޔަންޓާ ހަވާލުކުރިފަހުން، ލިޔުމަކުން ކްލަޔަންޓް އެއްބަސްވެފައިވާ އެހެން ބޭނުމަކަށެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކުރާ އެކައުންޓުން ލައިސަންސީގެ ބޭނުމަށް ފައިސާ ނެގޭނެ ހަމައެކަނި ގޮތަކީ ލައިސަންސީގެ ފީ ނުވަތަ ކޮމިށަންގެ ގޮތުގައި ނަގާނެ އަދަދަކާ ބެހޭގޮތުން ލައިސަންސީއާއި ކްލަޔަންޓާ ދެމެދު އެއްބަސްވެފައިވާނަމަ، އެއްބަސްވެފައިވާ އަދަދަކަށް ކްލަޔަންޓުގެ އެކައުންޓުން ފީއެއް ނުވަތަ ކޮމިށަނެއްގެ ގޮތުގައި ލައިސަންސީ ނަގާ ފައިސާއެވެ.

 

31 ވަނަ މާއްދާ - ކްލަޔަންޓުގެ އިންވެސްޓްމަންޓް ރައްކާތެރިކޮށްދިނުން

ލައިސަންސީގެ ބެލުމުގެ ދަށުގައި ހުރި ކްލަޔަންޓުގެ ސެކިއުރިޓީޒްއާއި ސެކިއުރިޓީޒްގެ ވިޔަފާރިއެއް ކުރުމަށް ނުވަތަ އެނިޔަތުގައި ބެހެއްޓިފައިހުރި އެހެން އެއްޗެއްވިޔަސް ތިރީގައިވާގޮތުގެ މަތީން އަމަލު ކުރަންވާނެއެވެ.

  1. ސެކިއުރިޓީޒްގެ މިލްކުވެރިކަން ސާބިތުކޮށްދޭ ލިޔުމާއި، އެފަދަ ސެކިއުރިޓީޒްގެ މިލްކުވެރިކަމުގެ ހެއްކެއްގެ ގޮތުން ބޭނުންކުރެވޭ ލިޔުންތައް ރައްކާތެރިކަމާއެކު ބެހެއްޓުން ނުވަތަ ރައްކާތެރިކަމާއެކު ބެހެއްޓޭނެގޮތެއް ހަމަޖެއްސުން؛ އަދި
  2. ކްލަޔަންޓުގެ ނަމުގައި ގަންނަ ނުވަތަ ބަހައްޓާފައިހުރި ސެކިއުރިޓީޒްތައް، ކްލަޔަންޓުގެ ނަމުގައި ނުވަތަ ކްލަޔަންޓުގެ ރުހުމާއެކު އެކަމަށް އައްޔަންކުރެވޭ އެހެން މީހެއްގެ ނަމުގައި ރަޖިސްޓަރީކުރަންވާނެއެވެ.
  3. ފައިސާއެއްނަމަ ކްލަޔަންޓުގެ ނަމުގައި ކްލަޔަންޓުގެ އެކައުންޓަށް ޖަމާކުރަންވާނެއެވެ.

 

 

ފަސްވަނަ ބައި

ފައިސާއާއި، ހިސާބުތައް ބެލެހެއްޓުން

32 ވަނަ މާއްދާ - ހިސާބުތައް ބެލެހެއްޓުން

(ހ) ގާނޫނުގައި ނުވަތަ މިގަވާއިދުގައި ބަޔާންވެގެންވާ ހިސާބުތައް ބަލަހައްޓަންވާނީ ހަމަކޮންމެ ވަގުތެއްގައިވެސް ކަނޑައެޅޭ ވަކި މުޢާމަލާތަކާބެހޭ މައުލޫމާތު ބަލަންޖެހިއްޖެނަމަ އެމުއާމަލާތެއް ފެށުނީއްސުރެ ނިމުމާ ހަމައަށް ހިނގާފައިވާ ކަންކަން ފަސޭހައިން ބެލޭނެފަދަ ގޮތެއްގެ މަތިންނެވެ.

(ށ) ކްލަޔަންޓުގެ އެކައުންޓުގެ ސްޓޭޓްމަންޓުން ދައްކާ ބާކީ، ލައިސަންސީ ބަލަހައްޓާ ހިސާބުތަކުން ދައްކާ ބާކީއާ ދިމާވޭތޯ މަދުވެގެން ކޮންމެ މަހަކު އެއްފަހަރު ލައިސަންސީ ބަލަންވާނެއެވެ.

 

33 ވަނަ މާއްދާ

ކޮންމެ ލައިސަންސީއަކުވެސް ތިރީގައި ބަޔާންކޮށްފައިވާ ފައިސާއާބެހޭ އަހަރީ ހިސާބުތައް ކޮންމެ މާލީ އަހަރަކަށް ތައްޔާރުކުރަންވާނެއެވެ.

  1. މާލީ އަހަރުގެ އެންމެފަހު ދުވަހުގެ މުއާމަލާތުތައް ހިމެނޭ ބެލެންސްށީޓެއް؛ އަދި
  2. މާލީ އަހަރުގެ ފައިދާއާއި ގެއްލުމުގެ ހިސާބު.

 

34 ވަނަ މާއްދާ - ފައިސާއާ ބެހޭ ހިސާބުތައް ތައްޔާރު ކުރުން

(ހ) ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ފައިސާއާބެހޭ ހިސާބުތައް ތައްޔާރުކުރަންވާނީ މި ގަވާއިދުގެ ޖަދުވަލުތަކުގައި ހިމެނޭ ކަންކަން އެންމެ ފުރިހަމައަށް ހިމެނޭ ގޮތުގެ މަތިންނެވެ.

(ށ) ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ފައިސާއާބެހޭ ހިސާބުތައް ތައްޔާރުކުރުމަށް ކަ ނޑައަޅާފައިވާ ޖަދުވަލުތަކުގައިވާ ގޮތުގެ މަތިން ފޯރުވައިދެވޭ މައުލޫމާތަކީ މުޅިން ފުރިހަމަ އަދި ކަމުގެ ހަގީގަތް ފުރިހަމައަށް ދޭހަކޮށްދޭ މައުލޫމާތުތަކަކަށް ނުވެދާނެކަމަށް ލައިސަންސީއަށް ގަބޫލުކުރެވޭނަމަ އިތުރަށް ބޭނުންވާނެ ކަމަށް ފެންނަ މައުލޫމާތު ބެލެންސްށީޓުން ނުވަތަ ފައިދާއާއި ގެއްލުމުގެ ހިސާބުތަކުން ނުވަތަ އިތުރު ނޯޓްސްގެ ގޮތުގައި ފޯރުވައިދޭންވާނެއެވެ.

(ނ) ގާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތީން މައުލޫމާތު ދިނުމުން ކަމުގެ ހަގީގަތް ދޭހަނުވާނެ ކަމަށް ފެންނަނަމަ އެކަމެއްގެ ހަގީގަތް ހާމަކޮށްދިނުމަށްޓަކައި ކަނޑައެޅިފައިވާ ގޮތާއި ތަފާތުގޮތަކަށް ލައިސަންސީއަށް މައުލޫމާތު ފޯރުވައިދެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައި ކަނޑައެޅިފައިވާ ގޮތާ ހިލާފަށް މައުލޫމާތު ދޭންޖެހުނު ކަމާއި އެގޮތަށް އަމަލުކުރަންޖެހުނު ސަބަބު ފައިސާއާބެހޭ ސްޓޭޓްމަންޓްތަކާއެކު ހުށަހަޅަންވާނެއެވެ.

(ބ) ށަރީއާ ހުއްދަކުރާ ސެކިއުރިޓީޒް ނުވަތަ ވައިޓްލިސްޓްގައި ހިމެނޭ ސެކިއުރިޓީޒް ގަނެވިއްކައިދިނުމުގެ ހިދުމަތް ދިނުމުގައި ށަރީއާގެ އަސާސްތަކާއި ހިލާފުވާ ގޮތަށް އެއްވެސް މުޢާމަލާތެއް ކޮށްގެން ނުވާނެއެވެ. އަދި މިފަދަ މުއާމަލާތްތަކުގައި ފައިސާއާބެހޭ ހިސާބުތަކާއި ބުކް ކީޕިންގ ބަލަހައްޓަންވާނީ ވަކިންނެވެ.

 

35 ވަނަ މާއްދާ

(ހ) ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ފައިސާއާބެހޭ އަހަރީ ހިސާބުތައް އޮޑިޓަރަށް ހުށަހަޅައި އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމަކީ ލައިސަންސީގެ މަސްއޫލިއްޔަތެކެވެ.

(ށ) ކޮންމެ ލައިސަންސީއަކުވެސް މިގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތައްޔާރުކުރާ އޮޑިޓް ރިޕޯޓު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

  1. ފައިސާއާބެހޭ އަހަރީ ހިސާބު؛ އަދި
  2. ލައިސާއާބެހޭ އަހަރީ ހިސާބުތައް ތައްޔާރުކުރުމަށް ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ފައިސާއާބެހޭ އަހަރީ ހިސާބުތައް ތައްޔާރުކޮށްފައިވާކަން ބަޔާންކޮށް ލައިސަންސީ ހުށަހަޅާ ލިޔުން.

(ނ) ހިސާބުތަކުގެ ރިކޯޑުތަކުގެ ފުރިހަމަކަމާމެދު ނުވަތަ ތެދުކަމާމެދު އޮޑިޓަރުގެ ޔަގީންކަމެއްނެތް ކަމުގައި އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާނަމަ، އެ އޮޑިޓް ރިޕޯޓު ލައިސަންސީ ހުށަހަޅާއިރު ލައިސަންސީ ހިމެނޭ ކުންފުނީގެ ދެ (2) ޑިރެކްޓަރަކު ސޮއިކޮށް ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ބަޔާނެއް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

  1. ލައިސަންސީ ބަހައްޓާފައިވާ ހިސާބުތަކުގެ ހުރިހާ ރިކޯޑުތަކެއް އޮޑިޓްކުރުމަށްޓަކައި އޮޑިޓަރަށް ފޯރުވައިދެވުނުކަން؛ އަދި
  2. ލައިސަންސީ ހިންގި ހުރިހާ މުއާމަލާތުތަކާބެހޭ ރިކޯޑުތަކާއި ކަމާގުޅޭ އެހެނިހެން މައުލޫމާތު ހިސާބުތަކުގައި ފުރިހަމައަށް ރިކޯޑުކޮށްފައި އޮޑިޓަރަށް ފޯރުވައިދެވުނުކަން.

 

ހަވަނަ ބައި

އެހެނިހެން

36 ވަނަ މާއްދާ - ފޮތްތައް ދެއްކުމަށް އެންގުން

(ހ) އޮތޯރިޓީން ކަ ނޑައަޅާ ފޮތްތައް، އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީން ކަ ނޑައަޅާ ފަރާތަކަށް ދެއްކުމަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަންގާ އެންގުންތައް އޮންނަންވާނީ ލިޔުމުންނެވެ.

(ނ) މިމާއްދާގެ ބޭނުމަށްޓަކައި، ފޮތްތަކަކީ އަންނަނިވި ކަންކަމާ ގުޅޭ ފޮތްފޮތެވެ.

  1. ސްޓޮކް އެކްސްޗޭންޖްގެ ވިޔަފާރިއާ ގުޅޭ
  2. ސެކިއުރިޓީޒްއާބެހޭ މުއާމަލާތްތަކާ ގުޅޭ.
  3. ސެކިއުރިޓީޒްއާބެހޭގޮތުން ދެވޭ ލަފާ ނުވަތަ ށާއިއު ކުރާ ނުވަތަ ނެރޭ ރިޕޯޓެއް ނުވަތަ ސެކިއުރިޓީޒްއާބެހޭ ދިރާސާއަކާ ގުޅޭ.
  4. އޮޑިޓެއް ނުވަތަ އެކައުންޓްތައް ނުވަތަ ރިކޯޑުތަކާބެހޭ ގޮތުން އޮޑިޓަރެއް ތައްޔާރުކޮށްފައިވާ ރިޕޯޓަކާގުޅޭ.

(ރ) މި ގަވާއިދުގެ ދަށުން ފޮތްތައް ދެއްކުމަށް އެންގުމަށް އޮތޯރިޓީއަށް ލިބިދޭ ބާރު އޮތޯރިޓީއަށް ފެންނަ އެހެން ފަރާތަކަށް ލިޔުމަކުން ދެވިދާނެއެވެ. އަދި ފޮތް ދެއްކުމަށް އަންގާ އެންގުން ރައްދުވާ ފަރާތަށް، ފޮތްތައް ބެލުމަށްޓަކައި އެފަދަ ފަރާތަކަށް އޮތޯރިޓީން ހުއްދަ ދީފައިވާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ފޮތްތައް ދެއްކުމަށް އަންގާ އެންގުމަކަށް ތަބާވުމަކުން އެފަރާތަކާމެދު ގާނޫނީ ފިޔަވަޅެއް ނޭޅޭނެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން އެއްވެސް ކުންފުންޏަކަށް އަންގަންޖެހޭ އެންގުމެއް، އެކުންފުންޏެއް އުވާލުމުގެ މަސައްކަތް ހިނގަމުން ދިޔަނަމަވެސް ނުވަތަ އުވާލާފައިވީނަމަވެސް އެކުންފުންޏެއްގެ މުވައްޒަފަކަށް ނުވަތަ އެކުންފުނީގެ މުވައްޒަފެއްގެ ގޮތުގައި އުޅުނު މީހަކަށް އެންގިދާނެއެވެ.

(ކ) މި ގަވާއިދުގެ ދަށުން ދެއްކުމަށް އެންގޭ ފޮތްތައް ލިބުމުން:

  1. އެފޮތް އެފަރާތުގެ ބެލުމުގެ ދަށަށްގެނެސް އޮތޯރިޓީން ކަނޑައަޅާ މުއްދަތަކަށް ބާއްވައި، ނަކަލުކޮށް އޭގެ އެކިއެކި ބައިބައިގެ ކޮޕީ ނެގިދާނެއެވެ. އަދި،
  2. އޮތޯރިޓީއަށް ބޭނުންވެއްޖެ ހިނދެއްގައި އެފަރާތުން ދެއްކި ފޮތާބެހޭ ގޮތުން ނުވަތަ އެހެން ފޮތަކާމެދު އެފޮތް ތައްޔާރުކުރި މީހަކު ނުވަތަ ބަޔަކުކުރެން ބަޔާނެއް ނުވަތަ މައުލޫމާތެއް ހޯދުމަށް އެދެވިދާނެއެވެ.

 

(އ) ފޮތްތައް ދައްކަންޖެހޭ ފަރާތަކުން ފޮތްތައް ނުދައްކައިފިނަމަ، ނުވަތަ ދެއްކެން ނެތްކަމަށް ބުނެފިނަމަ އޮތޯރިޓީން ނުވަތަ އޮތޯރިޓީން ހުއްދަކުރާ ފަރާތަކުން:

  1. އެފަރާތަކަށް ގަބޫލުކުރެވޭ ގޮތުގައި އަދި އެފަރާތަށް މައުލޫމާތު ލިބިފައިވާ ގޮތުން ފޮތްތައް ހުންނާނެތަނެއް އޮތޯރިޓީއަށް އެންގުމަށް އެންގިދާނެއެވެ. ނުވަތަ
  2. އެފަރާތަށް ގަބޫލުކުރެވޭ ގޮތުގައި އަދި އެފަރާތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެފަހުން ފޮތްތަކާ ހަވާލުވެހުރި މީހަކާއި އެމީހަކު އުޅޭ ތަނެއްގެ މައުލޫމާތު އޮތޯރިޓީއަށް ދިނުމަށް އެންގިދާނެއެވެ. ނުވަތަ
  3. ފޮތްތައް ތައްޔާރުނުކުރެވުނު ސަބަބު ބަޔާންކޮށްދިނުމަށް އެންގިދާނެއެވެ.

 

37 ވަނަ މާއްދާ - ތަންތަން ބަލައި ފާސްކުރުމުގެ ކޯޓުގެ އަމުރަކަށް އެދުން

(ހ) ފޮތްތައް ދެއްކުމަށް އެންގުނު އެންގުމާ ހިލާފަށް ފޮތްތައް ނުދައްކައިފިނަމަ އަދި އެ ފަދަ ފޮތްތައް، އެންގުން ރައްދުވި ފަރާތުގެ ބެލުމުގެ ދަށުގައި ހުރިކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ހާލަތުގައި، އެކަން ކޯޓަށް ހުށަހަޅައި، އަންނަނިވި އަމުރުން ކުރެ އަމުރަކަށް އެދެވިދާނެއެވެ.

  1. ތަންތަން ފާސްކޮށް، އަލަމާރި، ވަތްގަނޑު، އެއްޗެހި އަޅާގޮތަށް ހަދާފައި ހުންނަ ތަކެތި، އަދި އިމާރާތުގައި ހަރުކޮށްފައި ނުވަތަ ހަރުނުކޮށް ހުރި އެފަދަ ތަކެތި ހުޅުވައި ފާސްކުރުން.
  2. އޮތޯރިޓީން ދެއްކުމަށް އެންގުނު ފޮތްތައް ސަލާމަތްތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެނައުން.

 

(ށ) މި މާއްދާގައި ''ތަންތަން'' ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ އޮނިގަނޑަށާއި، އިމާރާތަށާއި، އުޅަނދުފަހަރުވެސް ހިމެނޭ ގޮތަށެވެ.

 

38 ވަނަ މާއްދާ - ތިމާގެ އަމިއްލަ ކުށް ފާޅުވެދާނޭ ބަޔާން

އޮތޯރިޓީން އެދިގެން އެއްވެސް ފަރާތަކުން ދޭބަޔާނެއް، އެބަޔާން ދިން ފަރާތް ކުށްވެރިވާނޭ ފަދަ ބަޔާނެއްކަމުގައި އެ ބަޔާން ދިނުމުގެ ކުރީން ބަޔާން ދޭ ފަރާތުން އަންގާފައިވާނަމަ، އެ ބަޔާނަކީ މި ގަވާއިދުގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި ފިޔަވައި އެހެން ޖިނާއީ މައްސަލައެއްގައި ށަރީއަތުގައި އެ މީހަކާ ދެކޮޅަށް ކޯޓުގައި ބޭނުންކުރެވޭނެ ބަޔާނެއް ނޫނެވެ.

 

39 ވަނަ މާއްދާ - ފޮތްތަކުން ނެގޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުން

މި ގަވާއިދުގެ ދަށުން އޮތޯރިޓީއަށް ނުވަތަ އޮތޯރިޓީގެ މުވައްޒަފަކަށް ނުވަތަ އޮތޯރިޓީން އައްޔަންކޮށްފައިވާ އެއްވެސް ފަރާތަކަށް ލިބޭ އެއްވެސް މައުލޫމާތެއް އޮތޯރީޓީ ނުވަތަ އޮތޯރިޓީގެ މުވައްޒަފަކަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަންގައި، ށާއިއުކޮށް ނުވަތަ ހާމަކުރަންވާނީ ލައިސަންސީ ނުވަތަ އެފޮތާ ހަވާލުވެހުރި ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ލިބިގެންނެވެ. މިނޫންގޮތަކަށް އެފަދަ މައުލޫމާތު ހާމަކޮށް، އަންގައި، ށާއިއު ކުރަންވާނީ، ގާނޫނަކުން ނުވަތަ ށަރުއީ އަމުރަކުން ލާޒިމު ކުރާ ހާލަތުގައެވެ.

 

40 ވަނަ މާއްދާ - އޮތޯރިޓީއަށް ކަންކަން ސާފުކޮށްދިނުން

(ހ) އިންވެސްޓަރުން ހިމާޔަތްކުރުމަށްޓަކައި އެއީ ކޮންމެހެން ބޭނުންކަމެއްކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހާލަތެއްގައި، ލައިސަންސީ ހިންގާ ސެކިއުރިޓީޒްއަކާ ބެހޭ މުޢާމަލާތަކާ ގުޅޭ ގޮތުން، ކޮންފަރާތަކުން ނުވަތަ ކޮންފަރާތެއް މެދުވެރިވެ ނުވަތަ ކޮންފަރާތެއް ތަމްސީލުވެ ހުރެ އެފަރާތަކާއެކު ކުރި މުއާމަލާތެއްކަމާއި، ލައިސަންސީ ވަކިގޮތަކަށް އަމަލުކުރުމަށް އެފަރާތަކުން އަންގާފައިވާ ގޮތް ހާމަކުރުމަށް، އޮތޯރިޓީން އެންގިދާނެއެވެ.

(ށ) ސްޓޮކް އެކްސްޗޭންޖެއް މެދުވެރިވެގެން ކޮށްފައިވާ މުޢާމަލާތެއްގައި އެ މުއާމަލާތް ކުރި މެންބަރުންގެ ނަންތައް އޮތޯރިޓީއަށް ހާމަކުރުމަށް އޮތޯރިޓީން ސްޓޮކް އެކްސްޗޭންޖަށް އެންގިދާނެއެވެ.

 

41 ވަނަ މާއްދާ - ވިޔަފާރިހިންގުން މަނާކުރުމަށް އެންގުމުގެ ބާރު

(ހ) އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ނުވަތަ އާންމުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ވަކި ހާއްސަ ސެކިއުރިޓީއެއް ނުވަތަ ސެކިއުރިޓީޒްގެ މުއާމަލާތު ކުރުން ހުއްޓުވަންޖެހިއްޖެ ކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ސަބަބު ބަޔާންކޮށް ލައިސަންސީއަށް އެކަން މަނާކުރުމަށް އެންގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން އޮތޯރިޓީގެ ފަރާތުން ލައިސަންސީއަށް އަންގާ އެންގުމެއް އަންގާހިނދު؛

  1. އެ އެންގުމެއްގެ ކޮޕީ އެސެކިއުރިޓީއެއް ދޫކޮށްފައިވާ ފަރާތަކަށް ސަބަބު ބަޔާންކޮށް ފޮނުވަންވާނެއެވެ. އަދި
  2. ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ސަބަބު ބަޔާންކޮށް ކަމާބެހޭ ގޮތުން ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓަރަށް ފޮނުވައި އެ ރިޕޯޓުގެ ނަކަލު ލައިސަންސީއަށް ފޮނުވަންވާނެއެވެ

 

42 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

މަގުބޫލު އުޒުރަކާ ނުލައި މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ މީހެއްގެ އަދަބަކީ، ގާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ އަދަބެވެ.

 

43 ވަނަ މާއްދަ - ގަވާއިދަށް ބަދަލުގެނައުން

މި ގަވާއިދަށް ބަދަލު ގެނެވޭނީ ބޯޑުގެ ޖަލްސާއަކުން ބޯޑުގެ އަގުލަބިއްޔަތުން އެގޮތަށް ފާސްކުރުމަށްފަހުގައެވެ.

 

 

---------------

ޖަދުވަލު 1

ބެލެންސް ށީޓްގެ ނަމޫނާ

(ހ) ފިކްސްޑް އެސެޓްސް

އިންޓެންޖިބްލް އެސެޓްސް

  1. ޑިވެލޮޕްމަންޓް ކޮސްޓްސް
  2. ގުޑްވިލް (1)
  3. އެހެނިހެން އިންޓެންޖިބްލް އެސެޓްސް

ޓެންޖިބްލް އެސެޓްސް

  1. އަމިއްލަ ބިމާއި އިމާރާތްތައް
  2. ކުއްޔަށް ހިފާފައިވާ ބިމާއި އިމާރާތްތައް
  3. އިންޖީނުލީ އުޅަނދުތައް
  4. އޮފީސް އިކުއިޕްމަންޓާއި ކޮމްޕިއުޓަރުތައް
  5. ފިކްސްޗަރ އަދި ފިޓިންގްސް
  6. ދިގު މުއްދަތެއްގެ ތެރޭގައި ލިބެންހުރި ފައިސާ
  7. އެހެނިހެން ޓެންޖިބްލް އެސެޓްސް

އިންވެސްޓްމަންޓްސް

  1. ގްރޫޕް އަދި ގުޅިފައިވާ ކުންފުނިތައް ދޫކޮށްފައިވާ ލޯނާއި އެ ކުންފުނިތަކުން ހޯދާފައިވާ ހިއްސާ
  2. ލިސްޓު ކުރެވިފައިވާ އިންވެސްޓްމަންޓްތައް
  3. ލިސްޓު ނުކުރެވޭ އިންވެސްޓްމަންޓްތައް

 

(ށ) ފައިސާއާއި ފައިސާ ފަދަ މުދާ (ކަރަންޓް އެސެޓްސް)

ސްޓޮކްގައި ހުރި މުދާ

ޑެޓާރޒް (2)

  1. ޓްރޭޑް ޑެޓާރޒް (3)
  2. އެހެނިހެން ޑެޓާރޒް
  3. ގުޅިފައިވާ ކުންފުނިތަކާއި އެހެނިހެން ކުންފުނިތަކުން ލިބެންހުރި ފައިސާ
  4. ކުރިއަށް ދައްކާފައި ހުރި ފައިސާއާއި ލިބެންޖެހޭ އާމްދަނީ އިންވެސްޓްމަންޓްސް ބޭންކުގައާއި އަތުގައި ހުރިފައިސާ

 

(ނ) ކްރެޑިޓަރުން: ކުރިއަށްއޮތް އަހަރުގެ ތެރޭގައި ދައްކަންޖެހޭ ފައިސާ

  1. ބޭންކު ލޯނާއި އޯވަރޑްރާފްޓް
  2. ސަބޯޑިނޭޓެޑް ލޯން (4)
  3. އެހެނިހެން ޑިބެންޗަރ ލޯން
  4. ޓްރޭޑް ކްރެޑިޓަރޒް ނުވަތަ ވިޔަފާރި ހިންގުމުގައި ދަރަނިވެރިވެވޭ ފަރާތްތައް (5)
  5. އިންވެސްޓްމަންޓްސް
  6. އާމްދަނީ ޓެކްސް
  7. ގުޅިފައިވާ ކުންފުނިތަކާއި ގްރޫޕް ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ
  8. އެހެނިހެން ކްރެޑިޓަރުން
  9. ދައްކަންޖެހިފައިހުރި ފައިސާ (އެކްރޫއަލްސް)، އަދި އެޑްވާންސްއަށް ލިބިފައިހުރި އާމްދަނީ (ޑިފަރޑް އިންކަމް)

 

(ރ) ނެޓް ކަރަންޓް އެސެޓްސް )ލައިބިލިޓީޒް)

(ބ) ޖުމްލަ އެސެޓްސްއިން ކަރަންޓް ލައިބިލިޓީޒް ކެނޑުމުން އޮތް މިންވަރު

(ޅ) ކްރެޑިޓަރުން: ކުރިއަށްއޮތް އަހަރުގެ މުއްދަތަށްވުރެ ފަހުން ދައްކަންޖެހޭ ފައިސާ

  1. ބޭންކް ލޯނާއި އޯވަރ ޑްރާފްޓް
  2. ސަބްއޯޑިނޭޓެޑް ލޯން (4)
  3. އެހެނިހެން ޑިބެންޗަރ ލޯން
  4. ޓްރޭޑް ކްރެޑިޓަރޒް ނުވަތަ ވިޔަފާރި ހިންގުމުގައި ދަރަނިވެރިވެވޭ ފަރާތްތައް (5)
  5. އާމްދަނީ ޓެކްސް
  6. ގުޅިފައިވާ ކުންފުނިތަކާއި ގްރޫޕް ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ
  7. އެހެނިހެން ކްރެޑިޓަރުން
  8. ދައްކަންޖެހިފައިހުރި ފައިސާ (އެކްރޫއަލްސް)، އަދި އެޑްވާންސްއަށް ލިބިފައިހުރި އާމްދަނީ (ޑިފަރޑް އިންކަމް(

 

(ކ) ދަރަންޏާއި އެހެނިހެން ޗާޖުތަކަށް ޕްރޮވިށަން ހެދުން

  1. "އިންޑެމްނިޓީ ޓާމްސް" ގެ ދަށުން ލިބިފައިވާ ކަމިށަން
  2. ޕެންށަނާއި އެބާވަތުގެ ވާޖިބުތައް
  3. ފެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ
  4. އެހެނިހެން

(އ) ޖުމުލަ އެސެޓްސްއިން ޖުމުލަ ލައިބިލިޓީޒް ކެނޑުމުން އޮތް މިންވަރު

(ވ) ރައުސުލްމާލް ނުވަތަ ކެޕިޓަލް އާއި ރިޒާވްސް

  1. ކޯލްޑްއަޕް ށެއަރ ކެޕިޓަލް
  2. ށެއަރ ޕްރިމިއަމް އެކައުންޓް
  3. ޑައިރެކްޓަރުންގެ ކަރަންޓް އެކައުންޓްސް
  4. ރިވެލުއޭށަން ރިޒާވް
  5. އެހެނިހެން ރިޒާވްސް
  6. ލިބުނު ފައިދާ (ނުވަތަ ގެއްލުން)

ނޯޓް:

  1. ގުޑްވިލް
    ގުޑްވިލްގެ ގޮތުގައި ހިމަނާނީ ފައިދާހުރި ބޭނުންތަކަށް ލިބުނު އެއްޗެތި އެކަންޏެވެ

  2. ޑެޓަރޒް
    މިބައިގައި ހިމެނޭ ބައިތައް ފުރިހަމަ ކުރާއިރު ކުރިއަށްއޮތް އެއް އަހަރުގެ ފަހުން ލިބެންހުރި އަދަދުތައް ކޮންމެ އައިޓަމަކަށް ވަކިން ފާހަގަ ކުރަންވާނެއެވެ

  3. ޓްރޭޑް ޑެޓާރޒް
    (ހ) ފީ
    - ފައިސާ ލިބެންޖެހޭ ސުންގަޑި ފާއިތުވިތާ 30 ދުވަހަށްވުރެ ގިނަދުވަސްވެފައި
    - ފައިސާ ލިބެންޖެހޭ ސުންގަޑި ފާއިތުވިތާ 30 ދުވަސް ނުވަތަ 30 ދުވަސް ހަމަނުވާ

    (ށ) ކަމިށަން
    - ފައިސާ ލިބެންޖެހޭ ސުންގަޑި ފާއިތުވިތާ 30 ދުވަހަށްވުރެ ގިނަދުވަސްވެފައި
    - ފައިސާ ލިބެންޖެހޭ ސުންގަޑި ފާއިތުވިތާ 30 ދުވަސް ނުވަތަ 30 ދުވަސް ހަމަނުވާ

    (ނ) އެހެނިހެން
    - ފައިސާ ލިބެންޖެހޭ ސުންގަޑި ފާއިތުވިތާ 30 ދުވަހަށްވުރެ ގިނަދުވަސްވެފައ
    - ފައިސާ ލިބެންޖެހޭ ސުންގަޑި ފާއިތުވިތާ 30 ދުވަސް ނުވަތަ 30 ދުވަސް ހަމަނުވާ

  4. ސަބްއޯޑިނޭޓެޑް ލޯން
    (ހ) ދިގުމުއްދަތުގެ ސަބްއޯޑިނޭޓެޑް ލޯން
    (ށ) ކުރު މުއްދަތުގެ ސަބްއޯޑިނޭޓެޑް ލޯން
    (ނ) ހަމަޖެހިފައިވާ ނަމަވެސް ފައިސާ ނަގަންފަށާފައި ނުވާ ސަބްއޯޑިނޭޓެޑް ލޯން
    (ރ) ބޭންކް އަންޑަރޓޭކިންގްސް

  5. ޓްރޭޑް ކްރެޑިޓަރޒް ނުވަތަ ވިޔަފާރި ހިންގުމުގައި ދަރަނިވެރިވެވޭ ފަރާތްތައް
    (ހ) ސެކިއުރިޓީޒް ލިބުމުން ދައްކަންޖެހޭ ފައިސާ
    (ށ) ސެކިއުރިޓީޒްއާބެހޭ މުއާމަލާތެއް ހިންގުމާ ގުޅިގެން ދައްކަންޖެހޭ ފައިސާ
    (ނ) އެހެނިހެން (ބަޔާންކުރާ)

 ----------------------

ޖަދުވަލު 2

ފައިދާއާއި ގެއްލުމުގެ ހިސާބު ހުށަހަޅާ ގޮތުގެ ނަމޫނާ

(ހ)  ސެކިއުރިޓީޒް ޑީލްކުރުން

ޕްރިންސިޕަލްގެ ގޮތުގައި ޑީލްކޮށްގެން ލިބުނު ފައިދާ/ ނުވަތަ ގެއްލުން

  1. އިކުއިޓީޒް
  2. ޑެޓް އިންސްޓްރޫމަންޓްސް
  3. ކަލެކްޓިވް އިންވެސްޓްމަންޓް ސްކީމެއްގެ ޔުނިޓްސް
  4. އެހެނިހެން (ބަޔާންކުރޭ)

 

(ށ) ރެވެނިއު (ލިބުނު ފައިސާ)

ކަލެކްޓިވް އިންވެސްޓްމަންޓް ސްކީމްގެ ޓްރާންސެކްށަންސްއިން ލިބުނު ކަމިށަން

  1. ހުއްދަ ލިބިފައިވާ މިއުޗުއަލް ފަންޑާއި ޔުނިޓް ޓްރަސްޓް ސްކީމް
  2. އެހެނިހެން (ބަޔާންކުރޭ)

ސެކިއުރިޓީޒްއާ ބެހޭ މުއާމަލާތްތަކުން ލިބުނު ކަމިށަން

  1. އިކުއިޓީޒް
  2. ޑެޓް އިންސްޓްރޫމަންޓްސް
  3. އެހެނިހެން (ބަޔާންކުރޭ)

އިންވެސްޓްމަންޓް މެނޭޖްކުރުމުގެ ފީ

މާލީ ލަފާދީގެން ލިބޭ އާމްދަނީ

ޓްރަސްޓް ފީ

އިންޓްރެސްޓް އާއި ޑިވިޑެންޑްސް

  1. އިންވެސްޓްމަންޓްތަކުން
  2. ލޯނު އެކައުންޓާއި މާރޖިން އެކައުންޓް
  3. ހިދުމަތް ލިބިގަންނަ ފަރާތުގެ ބެންކް އެކައުންޓުގައިވާ ފައިސާ
  4. އެހެނިހެން (ބަޔާންކުރޭ)

ޑީލިންގ އާއި ސެޓްލްމަންޓް ސަރވިސަސް

ދިރާސާކުރުމާއި ކޮންސަލްޓިންގގެ ހިދުމަތުން ލިބޭ ފައިސާ

އަންޑަރައިޓްކޮށްގެންނާއި ޕްލޭސްކޮށްގެން ލިބުނު ކަމިށަން

އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ (ބަޔާންކުރޭ)

 

(ނ) ހަރަދު

ކަމިށަން

  1. މުވައްޒަފުންނަށް ދެވުނު
  2. އެހެން ވިޔަފާރިތަކަށް (ކުންފުނިތަކަށް) ދެވުނު
  3. އެހެނިހެން (ބަޔާންކުރޭ)

މުސާރައާއި މުވައްޒަފުންނަށް ހިނގާ އެހެނިހެން ހަރަދު (ކަމިށަން ނުހިމަނާ)

ޑިރެކްޓަރުންގެ މުސާރަ

މުވައްޒަފުންނަށްދެވޭ ބޯނަސް

އިންޓަރެސްޓް ޗާރޖް

  1. ހިދުމަތް ލިބިގަންނަ ފަރާތަށް ދައްކަންޖެހޭ އެފަރާތުގެ ފައިސާގެ ބެލެންސަށް ލިބޭ އިންޓަރެސްޓް
  2. އެހެނިހެން (ބަޔާންކުރޭ)

އެސްޓެބްލިށްމަންޓް ހަރަދު

މާރކެޓިންގ އާއި މުއާސަލާތުގެ ހަރަދު

އޮފީސް އިކުއިޕްމަންޓާއި ހިދުމަތްތަކުގެ ޚަރަދު

ލިބިދާނެ ގެއްލުންތަކަށާއި ނުލިބިދާނެ ފައިސާއަށް ހަދާ ޕްރޮވިށަން

ޕްރޮފެށަނަލް ޗާޖުތައް

ސެކިއުރިޓީޒް އެކްސްޗޭންޖާއި ކުލިއަރިންގ ހައުސްގެ ޗާޖުތައް

ރެގިއުލޭޓަރީ ފީއާއި ހަރަދުތައް

އޮޑިޓް ފީ (ހަރަދުތައްވެސް ހިމެނޭގޮތަށް) އެހެނިހެން އޮފީސް ހަރަދުތައް އެހެނިހެން ހަރަދު (މެޓީރިއަލިޓީއަށް ބަލާފައި)

 

(ރ) ފައިދާ/ގެއްލުން (ޓެކްސް ދެއްކުމުގެ ކުރިން)

(ބ) ޓެކްސް

(ޅ) ފައިދާ/ގެއްލުން (ޓެކްސް ދެއްކުމަށްފަހު)

(ކ) އެކްސްޓްރާއޯޑިނަރީ (އާންމު ވިޔަފާރިން ބޭރު) އައިޓަމްތައް

(އ) މާލީ އަހަރުގެ ފައިދާ/ގެއްލުން

  

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2006)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު