-

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 388/2014)

 

1 ވަނަ މާއްދާ – ތައާރުފު

(ހ) މިގަވާއިދަކީ، ގާނޫނު ނަންބަރު 5/1987 "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު" ގެ 3 ވަނަ މާއްދާގެ (ހ) އިން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ގަވާއިދު" މިފަދައިންނެވެ.

 

2 ވަނަ މާއްދާ – ލައިސަންސް ލިބިގެން ބޭނޭނެ ބާވަތްތައް

(ހ) މި ގަވާއިދުގެ ދަށުން ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދެވޭނީ، ހަމައެކަނިި މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތްތައް ބޭނުމަށެވެ.

(ށ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިފައިވާ އުޅަނދުފަހަރުގައި ކުރާ މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރަންވާނީ ހަމައެކަނި އަންނަނިވި ބާވަތްތަކެވެ.

 1. ރީނދޫ އުރަހަ ކަންނެލި  (Yellowfin tuna, Thunnus albacares)
 2. ލޯބޮޑު ކަންނެލި (Bigeye tuna, Thunnus obesus)

(ނ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ބޭނޭ ބައިކެޗްގެ ބާވަތްތަކާ މެދުވެސް އަމަލުކުރެވޭނީ، މި ގަވާއިދުގެ ދަށުން ބޮޑުކަންނެލީގެ ބާވަތްތަކާމެދު އަމަލުކުރެވޭ ގޮތަށެވެ.

 

3 ވަނަ މާއްދާ – މަސްވެރިކަންކުރުމަށް ލައިސަންސް ދެވޭ ސަރަހައްދު

(ހ) ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ހުއްދަ ދެވޭނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ފާހަގަކޮށް، އެ އިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރޭގައެވެ.

(ށ) ދޮށީގެ ނުވަތަ އަތު ނަނުގެ މަސްވެރިކަންކުރަންތިބި މީހުން ކުރާ މަސްވެރިކަމަށް އުނިކަމެއް ލިބޭނެ ގޮތަކަށް، ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކޮށްގެން ނުވާނެއެވެ. ހަމަ މިފަދައިން ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުންދާ ފަރާތްތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ދޮށީގެ ނުވަތަ އަތުނަނުގެ މަސްވެރިކަން ކޮށްގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ – ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާ ކަނޑައެޅުން

(ހ) ލޭނު އަޅައިގެން ބޮޑުކަންނެލި ރާއްޖެއިން ކޮންމެ އަހަރަކު ބާނަންވީ މިންވަރުގެ ޖުމުލަ ކޯޓާ ކަނޑައެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިހުތިޔާރުގެ ދަށުން ކަނޑައަޅާ ކޯޓާގެ މިންވަރު ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ގެ ކުރިން މިނިސްޓްރީން އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

5 ވަނަ މާއްދާ – ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ކޯޓާއަށް ހުށަހެޅުމުގެ ދައުވަތު

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ށާއުގުވެރިވާ ފަރާތްތަކުން ށައުގުވެރިކަން ފާޅުކޮށް ކޯޓާއަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީލާދީ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުޅުވާލައި އިއުލާންކުރަންވާނެއެވެ.

 

6 ވަނަ މާއްދާ – ކޯޓާ ވިއްކުމުގެ މަރުހަލާ

(ހ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކުރާނީ، ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ކޯޓާ ގަނެފައިވާ ފަރާތްތަކަށެވެ.

(ށ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށްޓަކައި ކޯޓާ ގަތުމުގެ މަރުހަލާގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ދިވެހި ފަރުުދުންގެ އުޅަނދުފަހަރަށާއި، ބިދޭސީއަކު ނުހިމެނޭގޮތަށް ގާނޫނު ނަންބަރު 13/2011 "ޕާރޓްނަރށިޕާބެހޭ ގާނޫނު" ގެ ދަށުން އުފައްދާފައިވާ ޕާރޓްނަރށިޕްތަކަށާއި ގާނޫނު ނަންބަރު: 96/10 "ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު" ގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށެވެ.

(ނ) ކޯޓާ ވިއްކުމުގެ މަރުހަލާގައި ހުރިހާ ކޯޓާއެއް ނުވިކިއްޖެނަމަ، ބާކީހުރި ކޯޓާ ހުސްވަންދެން ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކަށް ވިއްކުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންެވެއެވެ.

(ރ) މިމާއްދާގެ (ނ) ގެ ދަށުން ކޯޓާ ވިއްކުމުގެ މަރުހަލާ ނިމުމަށްފަހު ކޯޓާ ގަތްކަމުގައި ވީނަމަވެސް، ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމުގެ ލައިސަންސް ދޫކުރެވޭނީ މިގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) އާ ހިލާފު ނުވާ ގޮތަށެވެ.

 

7 ވަނަ މާއްދާ – ކޯޓާ ވިއްކާ އަގު

(ހ) ކޯޓާ ވިއްކުމުގެ މަރުހަލާގައި ކޯޓާ ވިއްކާނީ 20 މެޓްރިކްޓަނުގެ ބްލޮކެއް 1،000 (އެއްހާސް) އެމެރިކާ ޑޮލަރަށެވެ.

(ށ) ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސަށް އެދި ހުށަހަޅާ ކޮންމެ އުޅަނދަކަށް މަދުވެގެން 20 މެޓްރިކް ޓަނުގެ ބްލޮކެއް ކޯޓާގެ ގޮތުގައި އޮންނަންވާނެއެވެ.

(ނ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ނުކުންނަ އުޅަނދުފަހަރުގައި 80 (އައްޑިހަ) އިން ސައްތަ ދިވެހި ފަޅުވެރިން ހަރަކާތްތެރިވާނަަމަ، 20 (ވިހި) މެޓްރިކް ޓަނުގެ ބްލޮކެއް އެފަރާތަކަށް ވިއްކާނީ ކޯޓާގެ ޖުމުލަ އަގުގެ %50 (ފަންސާސް އިން ސައްތައަށް) ވާ މިންވަރަށެވެ.

 

8 ވަނަ މާއްދާ – ކޯޓާ ނީލަން ކިއުމުގެ މަރުހަލާ

(ހ) ކޯޓާ ނީލަން ކިއުމުގެ މަރުހަލާއަކަށް ދާނީ މިގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމުގެ ކޯޓާއަށް ށައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ އަދަދު މިނިސްޓްރީއިން ކޯޓާގެ ގޮތުގައި ވިއްކުމަށް ކަނޑައަޅާފައިވާ ޖުމުލަ އަދަދަށްވުރެ އިތުރުވާނަމައެވެ.

(ށ) ކޯޓާ ނީލަން ކިއުމުގެ މަރުހަލާއަކަށް ދާންޖެހިއްޖެ ހާލަތެއްގައި ކޯޓާ ގަތުމަށް ށައުގުވެރިކަން ފާޅުކުރި ހުރިހާ ފަރާތްތަކުގެ މެދުގައި ކޯޓާ ނީލަން ކިއުން އޮންނާނެއެވެ. މިގޮތަސް ނީލަން ކިއުމުގައި 20 (ވިހި) މެޓްރިކް ޓަނުގެ ބްލޮކެއްގެ ނީލަން ފެށޭނީ މިގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ދަށުން ކޯޓާ ވިއްކުމަށް ކަނޑައަޅާފައިވާ އަގުގައެވެ.

 

9 ވަނަ މާއްދާ – ކޯޓާ އެހެން ފަރާތަކަށް ވިއްކާލުން

(ހ) ކޯޓާ ގަނެފައިވާ ފަރާތުން ކޯޓާ ތިންވަނަ ފަރާތަކަށް ވިއްކާލަން ބޭނުންވެއްެޖެ ހާލަތުގައި ކޯޓާ ތިންވަނަ ފަރާތަކަށް ވިއްކާލުމުގެ ހުއްދައަށް އެދި "ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ކޯޓާ ތިންވަނަ ފަރާތަކަށް ކޯޓާ ވިއްކުމަށް އެދޭ ފޯމު" އިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ތިންވަނަ ފަރާތަކަށް ވިއްކާ ކޯޓަގެ އަގުގެ 15 (ފަނަރަ) އިން ސައްތަ ސަރުކާރަށް ފީއެއްގެ ގޮތުގައޮ ދައްކަންޖެހޭނެއެވެ.

(ނ) ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުން ނޫން މަގްސަދެއްގައި ނުވަތަ ވިޔަފާރީގެ ބޭނުމަށް، ކޯޓާ ވިއްކުމުގެ ނުވަތަ ނީލަން ކިއުމުގެ މަރުހަލާގައި ކޯޓާ ގަނެ އެހެން ފަރާތްތަކަށް ކޯޓާ ވިއްކިކަން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަންޗަރ އަށް އެނގިއްޖެނަމަ، އެފަރާތަކަށް ވިއްކާފައި ހުރި ހުރިހާ ކޯޓާއެއް ބަދަލު ދިނުމެއް ނެތި ބާތިލު ކުރެވޭނެއެވެ. އަދި ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހު ކޯޓާ ވިއްކުމުގެ އެއްވެސް މަރުހަލާއެއްގައި އެފަރާތެއް ނުވަތަ އެފަރާތް ބައިވެރިވާ ޕާރޓްނަރށިޕެއް ނުވަތަ ކުންފުންޏަކަށް ބައިވެރިނުވެވޭނެއެވެ.

(ރ) މިމާއްދާގެ (ހ) ގައި ވާގޮތަށް ތިންވަނަ ފަރާތަކަށް ކޯޓާ ވިއްކޭނީ ހިނގަމުންދާ ކޯޓާ އަހަރުގައި ކޯޓާ ގަނެފައިވާ ފަރާތަކަށެވެ.

 

10 ވަނަ މާއްދާ – ކޯޓާ ބޭނުން ނުކުރުން

(ހ) ކޯޓާ ގަތުމަށްފަހު 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އެއްވެސް ސަބަބަކާ ހުރެ ކޯޓާ ބޭނުންނުކުރާނަމަ އެ ފަރާތަކަށް ދޫކުރެވިފައިވާ ކޯޓާ ބަދަލު ދިނުމެއް ނެތި މިނިސްޓްރީއަށް އަނބުރާ ނެގޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ކޯޓާ ބޭނުންނުކުރާކަމަށް ބެލެވޭނީ، ލައިސަންސް ނަގާފައިވާ އުޅަނދަކަށް ކޯޓާ ހަމަނުޖައްސާނަމައެވެ.

 

11 ވަނަ މާއްދާ – ކޯޓާ ގަނެވޭނެ އެންމެ ގިނަ އަދަދު

(ހ) ނީލަމުގެ މަރުހަލާގައި ކޯޓާގެ ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވާ ޖުމުލަ އަދަދު %15 (ފަނަރަ އިންސައްތަ) އަށްވުރެ އިތުރަށް އެއްެވެސް ފަރާތަކަށް ކޯޓާއެއް ނުގަނެވޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަދަދު ގުނައިރު ވަކި ފަރުދެއްގެ ނަމުގައި ނުވަތަ އެފަރާތެއް ބައިވެރިވާ ޕަރޓްނަރށިޕެއް ނުވަތަ އެފަރާތުގެ ހިއްސާއެއް އޮތް ކުންފުންޏަކުން ގަންނަ ކޯޓާވެސް ގުނާނީ އެއްފަރާތެއްގެ ކޯޓާގެ ގޮތުގައެވެ.

 

12 ވަނަ މާއްދާ – ކޯޓާ ނީލަން ކިއުމުގެ މަރުހަލާ

(ހ) ކޯޓާ ނީލަން ކިއުމުގެ މަރުހަކާއަކަށް ދާނީ މިގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަމުގެ ކޯޓާއަށް ށައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ އަދަދު މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރުން ކޯޓާގެ ގޮތުގައި ވިއްކުމަށް ކަނޑައަޅާފައިވާ ޖުމުލަ އަދަދަށްވުރެ އިތުރުވާނަމައެވެ.

(ށ) ކޯޓާ ނީލަން ކިއުމުެގ މަރުހަލާއަކަށް ދާންޖެހިއްގެ ހާލަތުގައި ކޯޓާ ގަތުމަށް ށައުގުވެރިކަން ފާޅުކުރި ހުރިހާ ފަރާތްތަކުގެ މެދުގައި ކޯޓާ ނީލަން ކިއުން އޮންނާނެއެވެ. މިގޮތަށް ނީލަން ކިއުމުގައޮ ނީލަން ފެށޭ އަގަކީ މިގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ކޯޓާ ވިއްކާ އަގެވެ.

 

13 ވަނަ މާއްދާ – ލައިސަންސްގެ މުއްދަތު
(ހ) ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރާނީ ކޮންމެ މީލާދީ އަހަރެއްގެ ޖޫން 1 އިން ފެށިގެން ވިދިގެން އަންނަ އަހަރުގެ މެއި މަހުގެ 31 ގެ ނިޔަލަށެވެ.

(ށ) ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސްގެ އެންެމެ ދިގު މުއްދަތަކީ 1 (އެކެއް) އަހަރުގެ މުއްދަތެވެ.

(ނ) ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކުރުމަށް މިމާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މުއްދަތު ފެށުމަށްފަހު ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސަށް ހުށަހަޅާ ހާލަތުގައިވެސް ލައިސަންސް ދޫކުރާނީ، މިމާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މުއްދަތާއި ހިލާފުނުވާ ގޮތަށެވެ.

 

14 ވަނަ މާއްދާ – ލައިސަންސް ދިނުން

(ހ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރެވޭނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު" ގެ ދަށުން ސައްހަ ލައިސަންސެއް ލިބިގެންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ލޭނުއަޅައިގެން ބޯޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ އުޅަނދެއް މަސްވެރިކަމުގައި އުޅޭއިރު، އެ އުޅަނދަކަށް ދޫކޮށްފައިވާ މަސްވެރިކަންކުރުމުގެ ލައިސަންސް އެ އުޅަނދެއްގައި އޮންނަންވާނެއެެވެ.

(ނ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ދެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ދިވެހި ފަރުދުންގެ އުޅަނދުފަހަރަށާއި، ހަމައެކަނި ދިވެހިން ހިމެނޭގޮތަށް ގާނޫނު ނަންބަރު13/2011 "ޕާރޓްނަރށިޕާބެހޭ ގާނޫނު" ގެ ދަށުން އުފައްދާފައިވާ ޕާރޓްނަރށިޕްތަކަށާއި ގާނޫނު ނަންބަރު: 96/10 "ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު" ގެ ދަށުން އުފައްދާފައިވާ ކުންފުނިތަކުގެ އުޅަނދުފަހަރަށެވެ.

(ރ)  ލޭނުއަަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސްއަށް އެދޭނީ "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިންނެވެ.

 

15 ވަނަ މާއްދާ – ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ބިދޭސީން ހަރަކާތްތެރިވުން

(ހ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނެ އެންމެ މަތީ ނިސްބަތަކީ އެ އުޅަނދެއްގައި ހަރަކާތްތެރިވާ ޖުމުލަ ފަޅުވެރިންގެ 80 އިން ސައްތައެވެ.

(ށ) މިމާއްދާގެ (ހ) ގައި އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، ކޯޓާގެ މުއްދަތުގައި، މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ މަތިން ލޭނު މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ހޭދަވާ ފައިސާ މިނިސްޓްރީއަށް ދެއްކުމަށްފަހު، އެއުޅަނދުގައި ބިދޭސީން ގެންގުޅުމުގެ ނިސްބަތް 90 އިން ސައްތައަށް އިތުރުކުރެވިދާނެއެވެ.

 

16 ވަނަ މާއްދާ – މައުލޫމާތު ދިނުން

(ހ) ލައިސަންސް ލިބިފައިވާ އުޅަނދުގައި ކުރާ މަސްވެރިކަމާބެހޭ މައުލޫމާތު އެއްކުރުމަށް، މިނިސްޓްރީއިން ތައްޔާރުކޮށް މަސްވެރިކަންކުރާ އުޅަނދަށް ދޫކޮށްފައިވާ ލޮގްފޮތުގައި ހިމެނޭ މައުލޫމާތުތައް ލައިސަންސް ލިބިފައިވާ ފަރާތުން ފުރިހަމަކުރުމަށްފަހު ކޮންމެ މީލާދީ މަހެއްގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ވޭތުވެދިޔަ މީލާދީ މަހުގެ މައުލޫމާތު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ އޮފީހަކަށް ފޮނުވަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ދިނުމުގެ އިތުރުން، މިނިސްޓްރީއިން ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ އެހެން ފަރާތަކުން، މަސްވެރިކަމާބެހޭ މައުލޫމާތު ހޯދުމަށް ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތެއްގެ ކިބައިން އެދިއްޖެނަމަ، އެމައުލޫމާތެއް އެފަރާތަަކަށް ފޯރުވައިދޭންވާނެއެވެ.

(ނ) މައުލޫމާތުދޭ ފަރާތްތަކުން، މިނިސްޓްރީީއަށް ދޭ ނުވަތަ ފުރިހަމަކޮށްދޭ ނުވަަތަ މިނިސްޓްރީއަށް ދިނުމަށްޓަކައި އެއްކުރާ ނުވަތަ ބަލަހައްޓާ މައުލޫމާތަކީ ތެދު، ފުރިހަމަ މައުލޫމާތު ކަމަށްވާންވާނެއެވެ.

 

17 ވަނަ މާއްދާ – ވެސަލް މޮނިޓަރިންގ ސިސްޓަމް

(ހ) މިގަވާއިދުގެ ދަށުން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ލިބިފައިވާ ކޮންމެ އުޅަނދެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ "ވެސަލް މޮނިޓަރިންގ ސިސްޓަމް" އެއް ގާއިމުކޮށްފައި ބަހައްޓަންޖެހޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 'ވެސަލް މޮނިޓަރިންގ ސިސްޓަމް' އުޅަނދުގައި ހަރުކޮށްފައި ހުންނައިރު ހުންނަންވާނީ، ނިއްވާނުލާ އަބަދުވެސް ހުޅުވާފަ ('އޮން' ކޮށްފަ) އެވެ. އަދި މިނިސްޓްރީއަށް ލިއުމަކުން އަންގައި ހުއްދަ ލިބިގެންމެނުވީ ވެސަލް މޮނިޓަރިންގ ސިސްޓަމް ނިއްވާ ލުމަކީ ('އޮފް' ކޮށްލުމަކީ) މަނާކަމެކެވެ.

(ނ) ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ 'ވެސަލް ލޮކޭޓިންގް ޑިވައިސް' އެއްވެސް ސަބަބަކާއި ހުރެ ނިވިއްޖެނަމަ، ނުވަތަ މިނިސްޓްރީގައި ހުންނަ 'ވެސަލް މޮނިޓަރިންގ ސިސްޓަމް' އިން އެއުޅަނދުގެ ޕޮޒިށަން ނުފެންނަ ކަމަށް މިނިސްޓްރީން އަންގައިފިނަމަ، އުޅަނދު އޮތް ސަރަހައްދު (ޠޫލު، އަރުޒު ވަކިން އިނގޭނެހެން)، އުޅަނދުގެ ދުވެލި އަދި އުޅަނދުގެ ހަރަކާތުގެ މައުލޫމާތު ކޮންމެ 6 ގަޑިއިރަކުން މިނިސްޓްރީން ކަނޑައަޅާ ސެންޓަރަކަށް ލިއުމުން ފޮނުވަންވާނެއެވެ.

(ރ) ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދެއްގައި ހަރުކޮށްފައި ހުންނަ 'ވެސަލް ލޮކޭޓިންގް ޑިވައިސް'، އެއްވެސް ސަބަބަކާއި ހުރެ ނިވިއްޖެނަމަ، ނުވަތަ މިނިސްޓްރީގައި ހުންނަ 'ވެސަލް މޮނިޓަރިންގ ސިސްޓަމް' އިން އެއުޅަނދުގެ ޕޮޒިށަން ނުފެންނަ ކަމަށް މިނިސްޓްރީން އަންގާތާ 7 ދުވަސް ތެރޭގައި އެކަމެއް ހައްލު ނުވެއްޖެނަމަ، އެއުޅަނދެއް މިނިސްޓްރީން ކަނޑައަޅާ ބަނދަރަަކަށްވަދެ، އެކަމެއް ހައްލުކުރަންވާނެއެވެ.

 

18 ވަނަ މާއްދާ – ލޭނު ބައި ފާހަގަކުރުމުގެ ގޮތުން ލައިސަންސް ނަންބަރު ޖެހުން

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން ބޭނުންކުރާ ލޭނު ބައި ފާހަގަކުރުމަށްޓަކައި، ލޭނު ބައިގެ ބޮއިނަނުތައް ގުޅާފައިވާ ބޮއިޔަކުގައްޔާއި ރޭޑިޔޯ ބޮއި ތަކުގައި، އެއުޅަނދެއްގެ ލައިސަންސް ނަންބަރު، ފަސޭހައިން ފެންނަން ހުންނާނެ ގޮތަށް، ޖަހަންވާނެއެވެ.

 

19 ވަނަ މާއްދާ – އެން ހިފުން

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތުން އެން ހިފަންވާނީ، ދިވެހިރާއްޖޭގައި އާއްމުކޮށް ދިވެހިން އެން ހިފާ ގޮތަށެވެ.

 

20 ވަނަ މާއްދާ – ރޭޑިއޯ ކޯލް ސައިން

(ހ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުން އެއުޅަނދަކަށް ޓެލެކޮމިއުނިކޭށަން އޮތޯރިޓީ އޮފް ދަ މޯލްޑިވްސްއިން ދޫކުރާ ރޭޑިއޯ ކޯލް ސައިން އަންނަނިވި ތަންތަނުގައި ފަސޭހައިން ފެންނަ ގޮތަށް ހުންނަންވާނެއެވެ.

 1. އުޅަނދުގެ ގެގަނޑުގެ މަތީގައި
 2. އުޅަނދުގެ ދިރުނބާކޮޅުގައާއި ކޮޅުފަސްކޮޅުގައި.

 

21 ވަނަ މާއްދާ – މަސްވެރިކަމުން އަމާޒުކުރާ މަސް ފިޔަވައި ހިފޭ، ބޭނޭ ނުވަތަ ނެގޭ އެހެނިހެން ކަނޑުގެ ދިރުންތައް މަދުކުރުމަށް ފިޔަވަޅު އެޅުން

(ހ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދުފަހަރުން އަޅާ ލޭނުބައިގެ ކޮޅުތައް ހުންނަންވާނީ ކަނޑުގެ މަތީފަަލައިން ފެށިގެން މަދުވެގެން 60 މީޓަރު ފުންމިނުގައެވެ.

(ށ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ދީފައިވާ އުޅަނދުފަހަރުން ލޭނުއެޅުމުގައި ކަނޑުމަތީ ދޫނި މަރުވާ މިންވަރު މަދުކުރުމަށް ޖަދުވަލު 1 ގައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

(ނ) ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ދީފައިވާ އުޅަނދުފަހަރުން ހިފާ، ބާނާ ނުވަތަ ނަގާ މަހާއި، ވެލާ، ކަހަނބުގެ މިންވަރު މަދުކުރުމަށް ޖަދުވަލު 2 ގައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

 

22 ވަނަ މާއްދާ – ލޭނުއަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރުން މަނާ ސަރަހައްދު ކަނޑައެޅުން

ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމުގައި ހަރަކާތްތެރިވުމަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދުފަހަރުން މަސްވެރިކަންކުރުން މަނާ ސަރަހައްދެއް މިނިސްޓްރީއިން ކަނޑައަޅަން ބޭނުންވެއްޖެ ހާލަތުގައި، އާންމުކޮށް އިއުލާނުކުރުމަށްފަހު އެފަދަ ސަރަހައްދެއް ކަނޑައެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެެވެ.

 

23 ވަނަ މާއްދާ – ބޮޑުކަންނެލި އެކްސްޕޯޓްކުރުން

ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކޮށްގެން ބާނާފައިވާ މަސް ދިވެހިރާއްޖެއިން އެކްސްޕޯޓްކުރަންވާނީ، "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރކުރުމަށް ލައިސަންސް ދިނުމާ ބެހޭ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޗެކް ސެޓްފިކެޓް ހޯދުމަށްފަހުގައެވެ.

 

24 ވަނަ މާއްދާ – އޮބްޒާވަރުން

(ހ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިފައިވާ އުޅަނދެއްގައި ކުރާ، މަސްވެރިކަން ހިނގާ ނުހިނގާގޮތް ބެލުމަށް އެ އުޅަނދެއްގައި މިނިސްޓްރީގެ އޮބްޒާވަރަކު ބެހެއްޓުމަށް ބޭނުންވެއްޖެ ހިނދެއްގައި، އެ އުޅަނދެއްގައި އޮބްޒާވަރަކު ބެހެއްޓޭނެ އިންތިޒާމް ލައިސަންސް ލިބިފައިވާ ފަރާތުން، އެފަރާތުގެ ހަރަދުގައި ހަމަޖައްސައިދޭންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މިނިސްޓްރީއިން އޮބްޒާވަރަކު އުޅަނދެއްގައި ބަހައްޓަން ބޭނުންވެއްޖެ ހިނދެއްގައި، މަސްވެރިކަމުގެ ދަތުރުގައި އެއުޅަނދެއް ފުރުމުގެ 48 ގަޑިއިރު ކުރިން ލައިސަންސް ނަގާފައިވާ ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.

(ނ) މިނިސްޓްރީގެ އޮބްޒާވަރެއްގެ ގޮތުގައި އުޅަނދުގައި ބަހައްޓާ މީހާއަށް ލައިސަންސް ލިބިފައިވާ ފަރާތުން ކޮށްދޭންޖެހޭ ކަމެއް ކޮށްނުދިނުމުގެ ސަބަބުން ނުވަތަ އެފަރާތުގެ އިހުމާލުން އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެކަމުގެ ފުރިހަމަ ޒިންމާ ލައިސަންސް ލިބިފައިވާ ފަރާތުން އުފުލަންވާނެއެވެ.

(ރ) މިގަވާއިދުގެ ދަށުން ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރާ އުޅަނދުފަހަރުގައި މިނިސްޓްރީގެ ފަރާތުން ބަހައްޓާ އޮބްޒާވަރުންނަށް، "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއިި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއާކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު" ގައި ފިށަރީޒް އެންފޯށްމަންޓް އޮފިސަރުންނަށް ލިބިދީފައިވާ ބާރުތައް ދިނުމުގައި އިހުތިޔާރު މިނިސްޓްރީއަށް ލިބިގެން ވެއެވެ.

(ބ) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ލިބިފައިވާ އުޅަނދު ފަހަރުގައި ބަހައްޓާ އޮބްޒާވަރުންނަށް އަންނަނިވި ކަންތައްތައް ބެލޭނެގޮތުގެ އިންތިޒާމް ލައިސަންސް ލިބިފައިވާ ފަރާތުންނާއި އުޅަނދުގެ ފަޅުވެރިންގެ ފަރާތުން އެއްވެސް ހުރަހަކާ ނުލައި ހަމަޖައްސައިދޭންވާނެއެވެ.

 1. ބޭނުންކުރާ އާލާތާއި އެއާލާތް ބޭނުންކުރިގޮތާބެހޭ މައުލޫމާތު (އާލާތުގެ ވައްތަރު، ބޭނުންކުރާ ކޮޅުގެ އަދަދު، ދުވާލަކު ލޭނު ބައި އެޅީ ކިތައްފަަހަރުކަން ނުވަތަ ދުވާލަކު ބޭނުންކުރި ނަނުގެ ނުވަތަ ބުޅީގެ އަދަދު)
 2. ލޭނުއެޅި ކޮންމެ ދުވަހެއްގައި، ލޭނުއެޅި ކޮންމެ ފަހަރަކު ބޭނި ނުވަތަ ނެގި މަހުގެ ބާވަތްތަކާއި މިންވަރު
 3. މަސްވިއްކި ފަރާތްތަކާއި، ވިއްކި މަހުގެ ބާވަތްތަކާއި މިންވަރު ނުވަތަ ބަރުދަން
 4. ބައިކެޗްގެ ގޮތުގައި ބޭނި ނުވަތަ ނެގި މަހުގެ މިންވަރު އަދި ހިމާޔަތްކޮށްފައިވާ މަސްމަހާމެއްސާއި، މަންމަލި ޖަނަވާރާއި، ދޫނިސޫފާސޫތްޕާއި، ވެލާ، ކަހަނބުފަދަ ކަނޑުގެ ދިރުންހުރި ބާވަތްތައް ދިރިއޮއްވާ ދޫކުރިނަމަ އެމައުލޫމާތު
 5. ޗާޓްތަކާއި ނެވިގޭށަނުގެ މައުލޫމާތު
 6. ލޮގްފޮތް ފުރާގޮތް ނުވަތަ ލޮގްފޮތުގައި ފުރިހަމަކުރާ މައުލޫމާތު ބަލަން ބޭނުންވެއްޖެ ހާލަތެއްގައި އެމައުލޫމާތު
 7. އޮބްޒާވަރެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އިންތިޒާމުތައް.

(ޅ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިމިނިސްޓްރީގެ އޮބްޒާވަރެއްގެ އުޅަނދުގައި ނުބެހެއްޓޭފަދަ ހާލަތްތަކުގައި، 'އިލެކްޓްރޯނިކް އޮބްޒާވަރ ސިސްޓަމް' އެއް ގާއިމުކުރުމަށް މިމިނިސްޓްރީގެ ފަރާތުން އަންގައިފިނަމަ، އެކަމަށް ހިނގާ އެންމެހާ ހަރަދު ލައިސަންސް ލިބިފައިވާ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.

 

25 ވަނަ މާއްދާ – ކޮށްގެންނުވާނެ ކަންތައްތައް

(ހ) " ދިވެހިރާއްޖޭގެ މަސްެވެރިކަމުގެ ގާނޫނާއި" އެގާނޫނޫން ބާރުލިބިގެން ހަދާފައިވާ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގަވާއިދާއި" "އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދާ" އި މި ގަވާއިދުގައި މަނާކަމެއްކަމަށް ނުވަތަ ކޮށްގެން ނުވާނެ ކަމެއްކަމަށް ކަނޑައަޅާފައިވާ އެއްވެސް ކަމެއް ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(ށ) މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އުޅަނދަކަށް ލިބިފައިވާ ކޯޓާއަށްވުރެ ގިނައިން މަސްބާނައިގެން ނުވާނެއެވެެ.

 

26 ވަނަ މާއްދާ – ގާނޫނުތަކަށް ތަބާވުން

ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސް ދޭ އުޅަނދުފަހަރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި މަސްވެރިކަމާ ބެހޭ ގާނޫނާއި އެގާނޫނުތަކުން ބާރު ލިިބިގެން ހަދާފައިވާ ގަވާއިދުތަކަށާއި، ދިވެހިރާއްޖެއިން ސޮއިކޮށް ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި އެއްބަސްވުންތަކާއި އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޖަމްއިއްޔާ، ޖަމާއަތްތަކުން ފާސްކޮށްފައިވާ ގަރާރުގައިވާ އެންމެހައި ކަންތައްތަކަށް އަމަލުކުރަންވާނެއެވެ.

 

27 ވަނަ މާއްދާ -  އިދާރީ ފިޔަވަޅު އެޅުން

(ހ) މިގަވާއިދުގައި ވަކިގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާކަމެއް، އެކަމެއް އެގޮތަކަށް ނުކުރާ ފަރާތަކާމެދު ނުވަތަ މިގަވާއިދާ ހިލާފުވާ ފަރާތަކާމެދު، މިގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އެކަމަކާބެހޭ އިދާރީ ފިޔަވަޅު އަޅަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ އިތުރުން، ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ލައިސަންސްދެނީ، މިގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ށަރުތުކޮށް، "އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަރކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު" ގެ ދަށުން ކަމަށް ވީހިނދު، މިގަވައިދާއި ހިލާފުވާ ފަރާތްތަކާމެދު، އެކަމެއްގެ ޒާތަށާއި، ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، "އެކްސްޕޯޓްކުރާ ފަރާތަކަށް މަސްވެރިކަންކުރުމަށާއި، އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، އެކުއަކަލްޗަރކުރުމަށް ލައިސަންސް ދިނުމާބެހޭ ގަވާއިދު" ގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އިދާރީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

28 ވަަނަ މާއްދާ – ގަވާއިދާއ ހިލާފުވުން

(ހ) މިގަވާއިދުގައި ވަކިކަމެއް ކުރުމަށް ނުވަތަ ވަކިކަމެއް ނުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް ކަމެއް، މިގަވާއިދުގައި ކަނޑައަޅާފައިވާ ގޮތްނުން އެހެންގޮތަކަށް ނުވަަތަ އެގޮތާ ހިލާފު ގޮތަކަށް ކޮށްފިނަމަ އެކަމެއް އެގޮތަކަށް ކުރި ފަރާތަކުން މިގަވާއިދާ ހިލާފުވެއްޖެ ކަމުގައި ކަނދައެޅުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރއަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މިގަވާއިދާ ހިލާފުވުމުގެ އިތުރުން، އަންނަނިވި ކަންކަން ކުރުމުން އެކަމެއް އެގޮތަކަށް ކުރި ފަރާތަކުން މިގަވާޢިދާ ހިލާފުވެއްޖެކަމުގައި ކަނޑައެޅުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އަށް ލިބިގެންވެއެވެ.

 1. މިގަވާއިދުގެ ދަށުން ލައިސަންސެއް ލިބިގެން ކުރެވޭ ކަމެއް ސައްހަ ލައިސަންސެއް ނެތި ކުރުން؛
 2. މިގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތެއް، އެފަރާތަށް ލިބިފައިވާ ލައިސަންސްގެ ށަރުތުތަކަކާއި ހިލާފުވުން؛
 3. މިގަވާއިދުގެ ދަށުން ލައިސަންސް ދޫކޮށްފައިވާ ފަރާތެއް، މަސްވެރިކަމުގެ ގާނޫނާއި ނުވަތަ އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކާ ހިލާފުވުން؛
 4. މަހާއި، ކަނޑުގެ ދިރުންހުރި ބާވަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، މެނޭޖްކުރުމަށް ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ ފެންވަރުގައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފު އަމަލެއް ހިންގުން؛
 5. މިގަވާއިދުގެ ދަށުން މިނިސްޓްރީއަށް ދޭންޖެހޭ މައުލޫމާތު ނުދިނުން؛
 6. މިގަވާއިދުގެ ދަށުން މިނިސްޓްރީއަށް ދޮގު ނުވަތަ ސައްހަނޫން މައުލޫމާތު ދިނުން؛

 

29 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

30 ވަނަ މާއްދާ – ބާތިލު ގަވާއިދުތަކާއި އުސޫލުތައް

(ހ) މިގަވާއިދަށް އަމަލުކުރަން ފެށުމާއެކު "ބޮޑު ކަންނެލީގެ މަސްވެރިކަންކުރުމާއި ބޮޑު ކަންނެލި ރާއްޖެއިން އެކްސްޕޯޓްކުރުމުގެ ގަވާއިދު" ބާތިލުވާނެއެވެ.

(ށ) މިގަވާއިދަށް އަމަލުކުރަން ފެށުމާއެކު "ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ކޯޓާއާއި ލައިސަންސް ދޫކުރުމުގެ އުސޫލު" ބާތިލުވާނެއެވެ.

 

31 ވަނަ މާއްދާ – މާނަކުރުން

މިގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް، އެއިބާރާތެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މިގަވާއިދުގައި:

"މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރުން" ކަމުގައި ބުނެފައި އެވަނީ، ވަކިބާވަތެއްގެ ނުވަތަ ވަކިބާވަތްތަކެއްގެ މަހެއް ބޭނުމަށް ނުވަތަ ނެގުމަށް ގަސްދުކޮސް، އަތުނަނުދޫކޮށްގެން ނުވަތަ ލޭނުއަޅައިގެން މަސްވެރިކަންކުރުމަށެވެ.

"ބައިކެޗް" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރާ ބާވަތްތަކުގެ ކުދި މަހާއި، މަސްވެރިކަމުގައި ބޭނުމަށް އަމާޒުކުރާ ބާވަތްތައް ފިޔަވައި ބޭނޭ، ނުވަތަ ނެގޭ އެހެނިހެން ބާވަތްތަކަށެވެ.

"މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ ނުވަތަ މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަމެއް ކުރުމުގެ މަސްއޫލިއްޔަތެއް އަދާކުރުމުގެ ބާރާއި އިހުތިޔާރު މިނިސްޓްރީއިން ދީފައިވާ ކޮންމެ ފަރާތަކަށް ނިސްބަތްކޮށެވެ.

"ލޮގްފޮތް" ކަމަށް ބުނެފައި އެވަނީ، ލައިސަންސް ދީފައިވާ އުޅަނދު ފަހަރުން ފުރިހަމަކުރަންޖެހޭ މަސްވެރިކަމުގެ މައުލޫމާތު ފުރިހަމަކުރާ ފޮތަށެވެ.

"ވެސަލް މޮނިޓަރިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، އުޅަނދުފަހަރުގެ ޕޮޒިށަން ދެނެގަތުމަށްޓަކައި އުޅަނދު ފަހަރުގައި ހަރުކުރާ އާލާތެކެވެ.

"ދިވެހިރާއްޖޭގެ ހާއްސާ އިގްތިސާދީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލްމޭލުގެ ފުޅާ ކަނޑުގެ ސަރަހައްދުގެ ތެރެއިން، ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަހައްދާއި، އެސަރަހައްދުގެ ކަނޑުގެ އަޑީގައިވާ ފަސްގަނޑެވެ.

"އިލެކްޓްރޯނިކް އޮބްޒާވަރ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ވީޑިއޯ ނުވަތަ ފޮޓޯ މެދުވެރިކޮށް އުޅަނދުގައި ހިނގަމުންދާ މަސްވެރިކަމުގެ ހަރަކާތްތައް ވަގުތުން ރިކޯޑުކުރާ ނިޒާމަކަށެވެ.

 

 ޖަދުވަލު 1

ބޮޑުކަންނެއްޔަށް ލޭނުއަޅާއިރު ކަނޑުމަތީ ދޫނި މަރުވާ މިންވަރު މަދުކުރުމަށް އަޅާނެ ފިޔަވަޅުތައް

 

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމުގެ ލައިސަންސް ލިބިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުން ކަނޑުމަތީ ދޫނި މަރުވާ މިންވަރު މަދުކުރުމަށްޓަކައި، ތިރީގައިވާ ތާވަލު (ހ) ގައި ލިސްޓްކޮށްފައިވާ ކަންކަމުގެ ތެރެއިން މަދުވެގެން އެއްކަމެއް ފުރިހަމަކުރަންވާނެއެވެ. އަދި މިތާވަލުގައި ބަޔާންކޮށްފައިވާ ކަންކަން ކުރަންޖެހޭ ގޮތުގެ ތަފުސީލު މިޖަދުވަލުގެ (ށ) ގައި ބަޔާންކޮށްފައިވާނެއެވެ.

(ހ) ތަފުސީލު

ހަރަކާތް

ތަފުސީލު

ހިފަހައްޓަންޖެހޭ މިންގަނޑު

1. ރޭގަނޑުގެ ވަގުތުތަކުގައި އުޅަނދުގެ އަލި މަޑުކޮށް ބަހައްޓައިގެން ލޭނުއެޅުން

 

އިރު އަރާ ވަގުތާއި އިރު އޮއްސޭ ވަގުތާ ދެމެދުގެ ވަގުތުތަކުގައި ލޭނު ނޭޅުން. އަދި ލޭނު އަޅާ ވަގުތު އުޅަނދުގައި އަލި ހުންނަންވާނީ އަލި ބޭނުންވާ އެންމެ ދަށް މިންވަރަށް.

އިރު އަރާ ވަގުތާއި އިރުއޮއްސޭ ވަގުތު ބަލާނީ ދިވެހިރާއްޖޭގެ ކަލަންޑަރުގައި ފާހަގަކޮށްފައިވާ ފަޖުރުލާ ގަޑިއާއި އިރު އޮއްސޭ ގަޑިއަށެވެ. އަލި ހުންނަންވާ އެންމެ ދަށް މިންވަރެއް ކަމަށް މާނަކުރަނީ މަސައްކަތްކުރުމުގެ ރައްކާތެރިކަމަށާއި ދަތުރުކުރުމަށް އަލި ހުންނަންޖެހޭ މިންވަރާ ހިލާފުނުވާ އެންމެ ދަށް މިންވަރަކަށެވެ.

2. ދޫނި ފައްސާ ފަށް ބޭނުންކުރުން (ބަރޑް ސްކެއަރިންގ ލައިން)

ލޭނު ކޮޅުތަކުގައި (ބްރާންޗް ލައިން) އަޅާފައިވާ އެންމަސް ކެއުމަށް ދޫނިތައް ކައިރިވިޔަ ނުދިނުމަށް، ދޫނި ފެއްސުމަށް ބޭނުންކުރާ ފަށް ލޭނު އަޅާ ވަގުތުގައި ބޭނުންކުރުން.

ދޫނި ފައްސާ ފަށް ހުންނަންވާނެ ގޮތުގެ ތަފުސީލު ޖަދުވަލު 3 ގައި ބަޔާންކޮށްފައި ވާނެއެވެ.

3. ބާރު ލާފައިވާ ލޭނުކޮޅު (ބްރާންޗް ލައިން) ބޭނުންކުރުން

ލޭނު ބައިގައި ހިމެނޭ ހުރިހާ ކޮޅެއްގައި ކަނޑައަޅާފައިވާ މިންގަނޑަށް ބަރު ލާފައި ހުރުން.

· ކޮންމެ ލޭނު ކޮޅެއްގައި ލާ ބަރުގައި މަދުވެގެން 45 ގްރާމް ހުންނަންވާނެއެވެ.

· ލޭނު ކޮޅުގެ ބުޅިން ފެށިގެން 1 މީޓަރުގެ ދިގުމިނުގައި 60 ގްރާމަށްވުރެ ލުއިނޫން ބަރު ހަރުކޮށްފައި ހުންނަން ވާނެއެވެ.

· ލޭނު ކޮޅުގެ ބުޅިން ފެށިގެން 3.5 މީޓަރުގެ ދިގުމިނުގައި 60 ގްރާމަށްވުރެ ލުއިނޫން އަދި 100 ގްރާމަށްވުރެ ބަރުނޫން ބަރު ހަރުކޮށްފައި ހުންނަން ވާނެއެވެ.

· ލޭނު ކޮޅުގެ ބުޅިން ފެށިންގެން 4 މީޓަރުގެ ދިގުމިނުގައި 100 ގްރާމް ނުވަތަ އެއަށްވުރެ ލުއިނޫންބަރު ހަރުކޮށްފައި ހުންނަން ވާނެއެވެ.

4. ނޫ ކުލަ ޖައްސާފައިވާ ބޯވަދިލަ މަސް އެމުގެ ގޮތުގައި ބޭނުންކުރުން

އައި.އޯ.ޓީ.ސީއިން އާންމުކޮށްފައިވާ ޕްލެކާޑުގައިވާގޮތަށް ބޯވަދިލަ މަހުގައި ކުލަ ޖެއްސުން

ބޯވަދިލަމަހުގައި ޖައްސާ ކުލަ ހުންނަންވާނީ "ބްރިލިއަންޓް ބްލޫ" ފުޑް ޑައި (ކަލަރ އިންލެންޑް 42090، ނުވަތަ ފުޑް އެޑިޓިވް ނަންބަރު 133) ބޭނުންކޮށްގެން%.05 ކޮންސެންޓްރޭށަންގައި މަދުވެގެން 20 މިނެޓް ވަންދެން ކުލަޖައްސެމުން ހުންނަ ކުލައިގައެވެ.

5. ބޭނުންކޮށްފައިވާ އެމާއި މަހުން ބާކީވާ ބައިތައް (ކަރުގޮހޮރު) ވަކި އުސޫލަކުން އުކާލުން

ބޭނުންކޮށްފައިވާ އެމާއި މަހުން ބާކީވާބައިތައް، ލޭނު އަޅާ ވަގުތުގައި އުކާނުލުން. ނަމަވެސް ކަނޑައެޅިފައިވާ އުސޫލަކުން ލޭނު ނަގާ ވަގުތުގައި އުކާލެވިދާނެ.

ބޭނުންކޮށްފައިވާ އެމާއި މަހުންބާކީވާ ބައިތައް ލޭނު އަޅާ ވަގުތުގައި އުކާލައިގެން ނުވާނެއެެވެ. އަދި ލޭނު ނަގަމުންދާ ވަގުތުތަކުގައިވެސް މިތަކެތި އުކާނުލާ ވާންއޮތްނަމަ އެތަކެތި އުކާލައިގެން ނުވާނެއެވެ. ލޭނު ނަގާ ވަގުތުގައި ބޭނުންކޮށްފައިވާ އެމާއި މަހުންބާކީވާ ބައިތައް ކޮންމެހެން އުކާލަން ޖެހިއްޖެ ހާލަތެއްގައި އުކާލަންވާނީ ލޭނު ނަގާ ފަރާރް ނޫން އަނެއް ފަރާތުންނެވެ.

6. ލޭނު ދޫކުރާ ދަރި (ލައިން ސެޓިންގ ށޫޓަރ)

 

ލޭނު ދޫކުރާ ދޯރި ބޭނުންކުުރުމުން މައި ނަނަށް ވާން ނުވާގޮތަށް ލޭނު ދޫކުރުމަށް އެހީތެރިވެދޭނެ.

ލޭނު ދޫކުރާ ދޯރީގެ ލޭނު ނުކުންނަކޮޅު ހުންނަންވާނީ ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި ނުވަތަ ކަނޑުގެ ލޮނުގަނޑުގައި ޖެހޭ ހިސާބުގައެވެ. މައި ނަނު ދޫކުރަމުންދާންވާނީ އެއްވަރަކަށް (އެއް ސްޕީޑެއްގައި) އަދި އުޅަނދުގެ ދުވެއްޔަށްވުރެ ކުޑަ ތަންކޮޅެއް ބާރު މިނުގައެވެ. އެއީ މައި ނަނަށް ވާން ނުވެ އަވަހަށް އަޑިއަށް ދިއުމަށް އެހީތެރިވެދިނުމަށެވެ. އަދި ލޭނު ދޫކުރުމުގައި އުޅަނދުގެ ކަނާތް ފަރާތުން (ޕޯޓް ސައިޑް އިން) ދޫކުރުމަށް ސަމާލުކަންދޭން ވާނެއެވެ.


(ށ) ދޫނިފައްސާ ފަށުގެ ފަރުމާ އަދި ބޭނުންކުރަންވީގޮތުގެ ތަފުސީލު

 

ދޫނި ފައްސާ ފަށުގެ ފަރުމާ

 1. ދޫނި ފައްސާ ފަށުގެ ދިގުމިނުގައި މަދުވެގެން 100 މީޓަރު ހުންނަވާނެއެވެެ. އަދި މިފަށުގެ ދިގުމިނުގައި 150 މީޓަރު ހަމަނުވާނަމަ، ދޫނިފައްސާ ފަށަށް ވާންކުރުމަށްޓަކައި އަދި އެފަށުގެ ނިވަލުގައި ވާ ސަރަހައްދު ބޮޑުކުރުމަށްޓަކައި، ފަށުގެ ދޫކުރެވިފައިވާ ކޮޅު ފެންމަތީގައި ދެމޭގޮތަށް ކޮންމެވެސް އެއްޗެއް (ފުލޯޓް) ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ފަށުގެ ކުލައަކަށް ވާންވާނީ އޮރެންޖް ނުވަތަ ރަތް ފަދަ ދުރަށް ފެންނަ ކަލައެކެވެ.
 2. ދޫނި ފައްސާ ފަށުގެ ފެނުންމަތީގައި އޮންނަ ބަޔަކީ ދޫނި ސޫފާސޫފި އެފަށަށް ހޭނުނަ ނުދިނުމަށް އެކިގޮތްގޮތަށް ތެޅޭހާ ލުއި އެހެންނަމަވެސް އެފަށަކީ ވަޔާއެކު އުޅަނދުގެ މިސްރާބުން ކައްސާލައިގެން ނުދާ މިންވަރަށް ބަރުދަން ހުރި ފަށަކަށް ވާންވާނެއެވެ.
 3. ދޫނި ފައްސާ ފަށުގެ ތިރީގައި އެލުވާފައި ހުންނަ ފަށްތަކަކީ ދުރަށް ފާހަގަވާ ފަދަ (ފާޅުކަންބޮޑު) ކުލައަކުން ތައްޔާރުކޮށްފައިވާ ވަޔާއެކު އެކި ގޮތްގޮތަށް ތެޅުވޭހެން ހަރުކުރެވިފައިވާ ފަށްތަކަކަށް ވާންވާނެއެވެ. އަދި މިފަށްތައް ހަރުކުރެވިފައި ހުންނަންވާނީ ދެ ފަށުން ދެ ފަށުން " ތްރީ-ވޭ ސްވިވެލް" (ތިންތަނުން އެނބުރޭ ފޫކް) އެއްގައި ކަނޑުގެ މަތީފަށަލައިގައި ނުޖެހޭ ހިސާބުގައެވެ.
 4. މިގޮތަށް ހަރުކުރާ ފޫކުތައް ހުންނަންވާނީ ދެ ފޫކުގެ ދޭތެރޭގައި 5 މީޓަރަށްވުރެ ދޭތެރެ ދުރުނުވާ ގޮތަކަށެވެ.
 5. ދޫނި ފައްސާ ފަށުގައި އެލުވާފައި ހުންނަ ފަށްތަކުގެ އަދަދު ލޭނު އެޅުމަށް އުޅަނދު ދުއްވާ ބާރުމިނަށް ބަލައިގެން ބަދަލުކުރަންވާނެއެވެ. ލޭނު އެޅުމަށްޓަކައި ދޯނި ދުއްވަނީ މަޑު ދުވެއްޔެއްގައި ކަމުގައި ވާނަމަ ހަރުކުރާ ފަށްތަކުގެ އަދަދު އިތުރު ކުރަންވާނެއެވެ.

(ދޫނި ފައްސާ ފަށުގެ ތަފްސީލީ ކުރެހުން މި ގަވާއިދުގެ އެޓޭޗް ކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެެއެވެ.)

 

ދޫނި ފައްސާ ފަށް ބޭނުންކުރާ ގޮތް

 1. ލޭނު އެޅުމުގެ މަރުހަލާއަށް ފަށައިގަތުމުގެ ކުރިން ދޫނި ފައްސާ ފަށް ހަރުކުރަންވާނެއެވެ.
 2. ދޫނި ފައްސާ ފަށުގެ ނިވަލުގައި ވާ ސަރަހައްދުގެ ދިގުމިނުގައި މަދުވެގެން 100 މީޓަރު ހުންނަންވާނެއެވެ. މިގޮތަށް މިކަންކުރުމަށްޓަކައި ދޫނި ފައްސާ ފަށް ހަރުކޮށްފައި ހުންނަންވާނީ އުޅަނދުގެ ކޮޅުފަސް ކޮޅުގައި ފެނުގެ މަތީ ފަށަލައިން ފެށިގެން 5 މީޓަރަށްވުރެ ތިރި ނުވާނޭފަދައިން ދަނޑިއެއްގައެވެ. އަދި މިދަނޑި ހުންނަވާނީ އުޅަނދުގެ ކޮޅުފަސްކޮޅުގައި އެއިރެއްގައި ވައިޖެހޭ ގޮތަށް ބަލައި ލޭނުގެ މައްޗަށް ދޫނި ފައްސާ ފަށް އަރާ ފަދަ ގޮތަކަށެވެ.
 3. ދޫނި ފައްސާ ފަށުގައި ހަރުކޮށްފައިވާ ފަށްތައް ހުންނަންވާނީ ލޭނުކޮޅުތަކުގެ މައްޗަށް ވާގޮތަށެވެ. އަދި އެފަށުގައި ހަރުކޮށްފައި އޮންނަ ފްލޯޓް އޮންނަން ވާނީ އުޅަނދު ހުރަސްކޮށް ވައިޖެހޭއިރުވެސް ލޭނުކޮޅުމަތިން ދޫނިފައްސާ ފަށް ނައްޓާލައިގެން ނުދާ ފަދަ ގޮތަކަށެވެ.
 4. ލޭނުއަޅާއިރު ދޫނި ފައްސާ ފަށް އޮޅި، ހަލާކުވުން ފަދަ ހާޅަތެއް ކުރިމަތިވެއްޖެނަމަ، ބަދަލުގައި ބޭނުންކުރާނެ އިތުރު ދޫނި ފައްސާ ފަށެއް އުޅަނދުގައި އޮންނަންވާނެއެވެ.

 

ޖަދުވަލު 2

ބޮޑުކަންނެއްޔަށް ލޭނުއަޅާއިރު ލޭނުކޮޅުގައި ޖެހޭ މިޔަރާއި ވެލާ ކަހަނބު މަރުވާ މިންވަރު މަދުކުރުމަށް އަޅާނެ ފިޔަވަޅުތައް

 

 1. ބޮޑުކަންނެއްޔަށް ލޭނުއަޅާއިރު ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ދޫކޮށްލަންވާނެއެވެ. ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން މަރުވެފައިވާ މިޔަރު އެއްގަމަށް ގެންނަންވާނެއެވެ. އަދި އެއްގަމަށް ގެންނަ މިޔަރު، ފިށަރީޒް އިންސްޕެކްޓަރަކަށް ނުވަތަ ފިށަރީޒް އެންފޯސްމަންޓް އޮފިސަރަކަށް ނުވަތަ މި ގަވާއިދުގެ ދަށުން އައްޔަންކޮށޤފައި ހުންނަ އޮބްޒާވަރަކަށް ހާމަކުރަން (ޑިކްލެއަރ) ކުރަންވާނެއެވެ. އަދި އެއްގަމަށް މިޔަރު ގެންނައިރު މިޔަރުގެ ބޮލާއި، ހަމާއި އެތެރެހަށީގައިވާ ބައިތައް ފިޔަވައި އުރަހައާއި މަސްގަނޑު ގެނައި ނަމަވެސް ބެލެވޭނީ އެއީ މުޅި މިޔަރު ގެނައިކަމަށެވެ.
 2. ބޮޑުކަންނެއްޔަށް ލޭނުއަޅާއިރު ލޭނުކޮޅުގައި ޖެހޭ މިޔަރުގެ އަދަދު ގަވާއިދުން ރިޕޯޓް ކުރަންވާނެއެވެ. މީގެތެރޭގައި ލޭނުކޮޅުގައިޖެހޭ މިޔަރުގެ ތެރެއިން މަރުނުވާ މިޔަރާއި މަރުވާ މިޔަރު ވަކިން ރިޕޯޓް ކުރަންވާނެއެވެ.
 3. ބޮޑުކަންނެއްޔަށް ލޭނުއަޅާއިރު ލޭނުކޮޅުގައި ޖެހޭ ވެލައާއި ކަހަނބު ވީހާވެސް އަވަހަށް ދޫކުރަންވާނެއެވެ. އަދި މިގޮތަށް ދޫކުރާއިރު، ވެލައާއި ކަހަނބަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި، ބުޅި ނައްޓާ އާލާތް (ޑީ-ހުކަރ) އަދި ލޭނުކޮޅު ބުރިކުރާ އާލާތް (ލައިންކަޓަރ) އުޅަނދުގައި ބޭނުންކުރަންވާނެއެވެ.

  

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 5/1987)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު