މަނީލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގައި ފައިސާ ޓްރާންސްފްރ ކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 7/2015)
ފުރަތަމަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ – ތައާރަފު
މި ގަވާއިދަކީ ގާނޫނު ނަންބަރު. 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އެކުލަވާލައި ނެރެފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ – ނަން
މި ގަވާއިދަށް ކިޔާނީ "މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ފައިސާ ޓްރާންސްފަރކުރުމުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ 15 ޖަނަވަރީ 2015 އިން ފެށިގެނެނެވެ.
4 ވަނަ މާއްދާ - ގަވާއިދު ހިންގޭ ދާއިރާ
މި ގަވާއިދުގައި އެހެން ގޮތަކަށް ނުބުނާހައި ހިނދު، ފައިސާ ޓްރާންސްފަރކުރުމުގެ ވިޔަފާރިކުރުމަށް ނުވަތަ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ހުއްދަ ނުވަތަ ލައިސަންސް ލިބިފައިވާ އެންމެހައި ފަރާތްތަކުގެ މައްޗަށް މި ގަވާއިދު ހިންގޭނެއެވެ.
5 ވަނަ މާއްދާ – ގަވާއިދާ އެއްގޮތަށް އަމަލުކުމަށް އޮންނަ މަސްއޫލިއްޔަތު
(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް މި ގަވާއިދާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. އަދި އެ ފަރާތެއްގެ ސަބްސިޑިއަރީތަކާއި ބްރާންޗްތަކާއި، މުވައްޒަފުންނާއި، އޭޖެންޓުންނާއި، އެ ފަރާތެއްގެ އެއްވެސް މަސައްކަތެއް ހަވާލުކޮށްފައިވާ ތިންވަނަ ފަރާތަކުން މި ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތީން އަމަލުކުރޭތޯ ލައިސަންސް ލިބިފައިވާ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑުން ޔަގީންކުރަންވާނެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ފަރާތަކުން މި ގަވާއިދަށް ޢަމަލުކުރުމުގައި ރިސްކް ބޭސްޑް އުސޫލުން އަމަލުކުރެވިދާނެއެވެ.
ދެވަނަ ބާބު
ކަސްޓަމަރުންނާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް
6 ވަނަ މާއްދާ – މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރިކަން ބަހައްޓަންޖެހޭ ހާލަތު
އަންނަނިވި ހާލަތްތަކުގައި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރުވާތެރިވުމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ.
(ހ) ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، 50،000 (ފަންސާސް ހާސް) ރުފިޔާގެ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތެއް، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކަށް، ކުރާއިރު.
(ށ) ފައިސާ ޓްރާންސްފަރކުރުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ރާއްޖެއިން ބޭރަށް ނުވަތަ ބޭރު ގައުމަކުން ރާއްޖެއަށް، ނުވަތަ ރާއްޖޭގެ އެތެރޭގައި ފައިސާ ޓްރާންސްފަރކުރުމުގެ މުއާމަލާތެއް ކުރާއިރު.
(ނ) އެހާލަތަކީ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް މި ގަވާއިދުން ލާޒިމުކުރާ ހާލަތެއް ކަމުގައި ނުވިނަމަވެސް އަދި އެ މުއާމަލާތުގައި ހިމެނޭ އަދަދަކީ ކޮންމެ އަދަދެއް ކަމުގައި ވީނަމަވެސް، މަނީ ލޯންޑަރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތެއް ހިންގައިފާނެކަމަށް ށައްކުކުރެވުން.
(ރ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާ ބެހޭގޮތުން ކުރިން ހޯދާފައިވާ މައުލޫމާތު ފުރިހަމަ ނުވާކަމަށް ށައްކު ކުރެވުން ނުވަތަ އެފަދަ މައުލޫމާތުގެ ސައްހަކަމާމެދު ށައްކު އުފެދުން.
7 ވަނަ މާއްދާ – މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، ބެނެފިށަލް އޯނަރުންނާއި ތިންވަނަ ފަރާތްތައް ދެނެގަތުން
(ހ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރި ވުމުގެ ފިޔަވަޅުތައް އެޅުމަށް މި ގަވާއިދުގެ ދަށުން ލާޒިމުކުރާ ހާލަތްތަކުގައި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަނެ އަދި އެއީ ކޮންފަރާތެއް ކަން ޔަގީންކުރުން؛
- މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ބެނެފިށަލް އޯނަރ ދެނެގަނެ، އަދި އެއީ ކޮންފަރާތެއްކަން އިތުބާރުކުރެވޭ، މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރުން؛ އަދި
- މުއާމަލާތެއް ކުރާއިރު އެ މުއާމަލާތްކުރާ ސަބަބު.
(ށ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކުން، މުއާމަލާތެއް ކުރުމަށްޓަކައި، އެ ފަރާތް ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކޮށްފައިވާ ހާލަތްތަކުގައި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ތަމްސީލުކުރަން އައްޔަނުކޮށްފައިވާ ފަރާތް ދެނެގަނެ، އަދި އެއީ ކޮންފަރާތެއްކަން އިތުބާރުކުރެވޭ، މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރުން؛ އަދި
- މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ތަމްސީލުކުރާ ފަރާތް އެގޮތަށް އަމަލުކުރުމުގެ ހުއްދަ އޮތްކަން ޔަގީންކޮށް، އެކަން ޔަގީންކުރުމަށް ބެލި ލިޔުންތަކުގެ (ޕަވަރ އޮފް އެޓަރނީ ނުވަތަ އެއާ އެއްފަދަ ލިޔުމެއް ނުވަތަ ރަސްމީ ލިޔުމެއް) ކޮޕީ ހަދައި ބަހައްޓައި އަދި ކޮޕީއަކީ އޭގެ އަސްލާ އެއްގޮތް އެއްޗެއްކަން ޔަގީންކުރުން.
(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އިސްވެ ބަޔާންކުރެވުނު ގޮތަށް އަމަލުކުރުމަށްޓަކައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި ބެނެފިށަލް އޯނަރ އަދި ތިންވަނަ ފަރާތްތަކާ ބެހޭ، ހަމައެކަނި އަންނަނިވި މައުލޫމާތުތަކަށް ހުދޫދުކުރުމަކާނުލައި، އަންނަނިވި މައުލޫމާތުތައް، ލައިސަންސް ލިބިފައިވާ ފަރާތުން ހޯދައި ރިކޯޑު ކުރަންވާނެއެވެ.
- ފުރިހަމަ ނަން އަދި އެފަރާތާ މުހާތަބުކުރުމަށް ބޭނުންކުރެވޭ އެހެނިހެން ނަންނަން؛
- ކޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު. މީގެތެރޭގައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، ޕާސްޕޯޓު ނަންބަރު، ވީޒާ ނަންބަރު، ކުންފުނީގެ ރަޖިސްޓްރޭށަން ނަންބަރު ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު ހިމެނޭގޮތުން؛
- ރަޖިސްޓަރީކޮށްފައިވާ އެޑްރެސް ނުވަތަ ވިޔަފާރި ހިންގާ އެޑްރެސް ނުވަތަ ދާއިމީ އަދި މިހާރުއުޅޭ އެޑްރެސް އަދި ގުޅޭނެގޮތުގެ މަޢުލޫމާތު؛ އަދި
- ކުންފުނި އުފައްދާފައިވާ ތަން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ތަން ނުވަތަ ގައުމު.
(ރ) ފައިސާ ޓްރާންސްފަރ ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން، އޮރިޖިނޭޓަރ އެދިގެން އެ ފަރާތް މެދުވެރިކޮށް ފައިސާ ފޮނުވުމުގައި އަންނަނިވި ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.
- އޮރިޖިނޭޓަރ ދެނެގަނެ އަދި އެފަރާތަކީ ކޮންފަރާތެއްކަން ޔަގީންކުރުން؛
- ހަމައެކަނި އަންނަނިވި މައުލޫމާތުތަކަށް ހުދޫދު ކުރުމަކާނުލައި، އޮރިޖިނޭޓަރ އާއި ބެނިފިށަރީ، އަދި ބެނިފިށަރީ އިދާރާ، އަދި ޓްރާންސްފަރ ކުރެވޭ ތާރީހާއި، އަދަދާއި ފައިސާގެ ބާވަތް ހިމެނޭގޮތުން ޓްރާންފަރ އާ ގުޅޭގޮތުން އެކަށީގެންވާވަރަށް މައުލޫމާތު ހޯދައި ރިކޯޑުކުރުން؛ އަދި
- އޮރިޖިނޭޓަރ ގެ ނަމާއި އެޑްރެހާއި، އޮރިޖިނޭޓަރގެ ކާކުކަން އަންގައިދޭ ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު ނުވަތަ ވޯކް ޕަރމިޓް ނަންބަރު، އަދި އޮރިޖިނޭޓަރގެ އެކައުންޓު ނަންބަރު ނުވަތަ އެ މުއާމަލާތަކަށް ދީފައިވާ ހާއްސަ ނަންބަރު ޓްރާންސްފަރ މެސެޖުގައި ނުވަތަ ޓްރާންސްފަރ އާ ގުޅޭ ފައިސާދެއްކުމަށް އަންގާއެންގުމުގައި ހިމެނުން.
(ބ) ފައިސާ ލިބިފައިވާ ފަރާތަކުން، ބެނެފިށަރީއެއްގެ ފައިސާ ލިބިގަންނަ ބެނެފިށަރީ އިދާރާއެއްގެ ގޮތުގައި ހަރަކާތްތެރިވާ ހާލަތްތަކުގައި، ބެނެފިށަރީ ދެނެގަތުމަށާއި ފައިސާ ލިބިގަތުމުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އެކަށީގެންވާ، އެތެރޭގެ ސިޔާސަތުތަކާއި އުސޫލުތަކާއި ކޮންޓްރޯލްތައް ގާއިމުކޮށް ތަންފީޒު ކުރަންވާނެއެވެ.
(ޅ) ފައިސާ ޓްރާންސްފަރ ކުރެވޭ މުއާމަލާތެއްގެ ޗެއިންގައި، އިންޓަރމީޑިއަރީއެއްގެ ގޮތުގައި ލައިސަންސް ލިބިފައިވާ ފަރާތަކުން ހަރަކާތްތެރިވާ ހާލަތްތަކުގައި، އެ ފަރާތުން ފޮނުވާ ޓްރާންސްފަރ މެސެޖާއެކު ނުވަތަ ފައިސާދައްކަން އަންގާ އެންގުމާއެކު، ބެހެއްޓުމަށް ކަނޑައަޅާފައިވާ އޮރިޖިނޭޓަރގެ ހުރިހާ މައުލޫމާތެއް، ފޮނުވަންވާނެއެވެ.
(ކ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ ށަހްސެއް ނުވަތަ ޕަރޓްނަރށިޕެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ވިޔަފާރީގެ ބާވަތާއި އަދި އެ ވިޔަފާރީގެ މިލްކުވެރިކަން ބެހިގެންވާގޮތް ދެނެގަންނަންވާނެއެވެ.
(އ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ ށަހްސެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެ ފަރާތުގެ ޑިރެކްޓަރުން ދެނެގަންނަންވާނެއެވެ.
(ވ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ޕަރޓްނަރށިޕެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެ ޕަރޓްނަރށިޕްގެ ޕަރޓްނަރުން ދެނެގަންނަންވާނެއެވެ.
(މ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ އެރޭންޖްމަންޓެއް ކަމުގައިވާނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ވިޔަފާރީގެ ބާވަތާއި އަދި އެވިޔަފާރީގެ މިލްކުވެރިކަން ބެހިގެންވާގޮތް ދެނެގަނެ، އަދި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެފަރާތުގެ ބެނެފިށަލް އޯނަރުންނަކީ ކޮން ފަރާތްތަކެއްކަން ލައިސަންސް ލިބިފައިވާ ފަރާތުން ދެނެގަނެ އެއީ ކޮންފަރާތްތަކެއް ކަން ޔަގީންކުރަންވާނެއެވެ.
(ފ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ނުވަތަ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ބެނިފިށަލް އޯނަރއަކީ ސަރުކާރުގެ އިދާރާއެއް ކަމުގައިވާނަމަ، އެ މުއާމަލާތަކީ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ކުރެވޭ މުއާމަލާތެއްކަމަށް ށށައްކުކުރެވޭ ހާލަތްތައް ފިޔަވައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މައްޗަށް ލާޒިމުވެގެންވަނީ ހަމައެކަނި އެ ށަހުސަކީ ސަރުކާރުގެ އިދާރާއެއްކަން ޔަގީންކުރުމެވެ.
(ދ) މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ރިސްކު ކުޑަ މުއާމަލާތްތައް ކަމަށް ލައިސަންސް ލިބިފައިވާ ފަރާތުން ބަލާ މުއާމަލާތްތަކުގައި،، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމަށާއި އެ ފަރާތާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ލުއި ގޮތްތަކެއް ގެންގުޅެވިދާނެއެވެ.
(ތ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ޢާންމުނޫން ނުވަތަ އާދަޔާހިލާފު މާލީ ހަރަކާތްތައް ދެނެގަތުމަށްޓަކައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ މާލީ މުއާމަލާތްތައް ދާއިމީ ގޮތެއްގައި މޮނިޓަރކޮށް، އަދި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު އަޕްޑޭޓްކޮށް އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރަންވާނެއެވެ.
8 ވަނަ މާއްދާ - ކޮންފަރާތެއްކަން ޔަގީންކުރުން
ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި ބެނެފިށަލް އޯނަރ އަކީ ކޮންފަރާތެއްކަން، އިތުބާރުކުރެވޭ މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރަންވާނެއެވެ.
9 ވަނަ މާއްދާ – ކޮންފަރާތެއްކަން ޔަގީންކުރަންޖެހޭ ވަގުތު
ގަވާއިދުގައި އެހެން ގޮތަކަށް ނުބުނާހިނދަކު، ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކާ، މުއާމަލާތެއް ކުރުމުގެ ކުރީން މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ނުވަތަ ބެނެފިށަލް އޯނަރއަކީ ކޮން ފަރާތެއްކަން ދެނެގަނެ ޔަގީންކުރަންވާނެއެވެ.
10 ވަނަ މާއްދާ – ފަރުވާތެރިވުމުގެ ފިޔަވަޅުތައް ފުރިހަމަނުކުރުން
ފަރުވާތެރިވުމުގެ ގޮތުން ކުރުމަށް މި ގަވާއިދުގައި ލައިސަންސް ލިބިފައިވާ ފަރާތެއްގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންކަން ލައިސަންސް ލިބިފައިވާ ފަރާތަކަށް ފުރިހަމަ ނުކުރެވިއްޖެނަމަ، އެ މުއާމަލާތެއް ފުރިހަމަކޮށްގެން ނުވާނެއެވެ. އަދި އެ ހާލަތުގައި އެކަން ށައްކުކުރެވޭ މުއާމަލާތެއްގެ ގޮތުގައި ހުށަހަޅަންޖެހޭކަމަށް ބެލެވޭނަމަ، އެކަން ށށައްކުކުރެވޭ މުއާމަލާތެއްގެ ގޮތުގައި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅަންވާނެއެވެ.
11 ވަނަ މާއްދާ – މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުން ހާޒިރުނުވެ ގާއިމުކުރެވިފައިވާ މުއާމަލާތްތައް
ލައިސަންސް ލިބިފައިވާ ފަރާތުގެ އޮފީހަކަށް ހާޒިރުނުވެ ގާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ސަބަބުން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް އޮންނަ ރިސްކުތަކަށް ފިޔަވަޅު އެޅުމަށްޓަކައި އެކަށީގެންވާ ޕޮލިސީތަކާއި އުސޫލުތައް ލައިސަންސް ލިބިފައިވާ ފަރާތުން ގާއިމުކުރަންވާނެއެވެ.
12 ވަނަ މާއްދާ – ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް
(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކުބޮޑު ކަމަށް ބެލެވޭ މުއާމަލާތްތައް ހިންގުމުގައި، ފަރުވާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަންވާނެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކު ބޮޑު، މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކާއި މުއާމަލާތްތައް ގިންތި ކުރަންވާނެއެވެ. އަދި އަންނަނިވި މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކާއި މުއާމަލާތްތަކަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކުބޮޑު މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކާ އަދި މުއާމަލާތްތައްކަމަށް ކަނޑައަޅަންވާނެއެވެ.
- ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން؛
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާ ގައުމުތަކަށް ނިސްބަތްވާ ފަރާތްތައް؛
- ލައިސަންސް ލިބިފައިވާ ފަރާތެއްގެ އޮފީހަކަށް ހާޒިރުނުވެ ގާއިމުކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް؛ އަދި
- އޮތޯރިޓީން ކަނޑައަޅާ އެހެން، މުދަލާއި ހިދުމަތްހޯދާ ފަރާތްތަކާއި މުއާމަލާތްތައް.
(ނ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކު ބޮޑު ކަމަށް ބެލެވޭ ހާލަތްތަކުގައި ފަރުވާތެރިކަމުގެ އިތުރު ފިޔަވަޅުތައް ލައިސަންސް ލިބިފައިވާ ފަރާތުން އަޅަންވާނެއެވެ. އަދި ހަމައެކަނި އަންނަނިވި ކަންކަމަށް ހުދޫދުނުވާ ގޮތުގެ މަތިން، ފަރުވާތެރިވުމުގެގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނޭނެއެވެ.
- މުދަލާއި ހިދުމަތް ލިބިގަންނަފަރާތާއި އަދި ބެނެފިށަލް އޯނަރާބެހޭ އިތުރު މައުލޫމާތު ހޯދުން؛
- މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި ބެނެފިށަލް އޯނަރ ތަނަވަސްކަން އަދި ފައިސާ ހޯދިގޮތް، އެކަށީގެންވާ ރަނގަޅު މަސްދަރުތަކުގެ އަލީގައި ދެނެގަތުން؛
- މުދަލާއި ހިދުމަތް ހޯދާ ފަރާތަކަށް މުއާމަލާތެއް ކޮށްދިނުމުގެ ކުރިން ލައިސަންސް ލިބިފައިވާ ފަރާތުގެ އިސްވެރިންގެ ހުއްދަ ހޯދުން؛
- މުދަލާއި ހިދުމަތް ހޯދާ ފަރާތާއެކު ކުރާ މުއާމަލާތްތައް ހާއްސަގޮތެއްގައި މޮނިޓަރ ކުރުމާއި މުދަލާއި ހިދުމަތް ހޯދާ ފަރާތާ އަދި ބެނެފިށަލް އޯނަރ ދެނެގަތުމަށް ހޯދާފައިވާ މައުލޫމާތު ގަވާއިދުން އަޕްޑޭޓްކުރުން.
13 ވަނަ މާއްދާ – ފަރުވާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުން
(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް މުދަލާއި ހިދުމަތް ހޯދާ ފަރާތާއެކު އޮންނަ ވިޔަފާރީގެ ގުޅުމާމެދު ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅަންވާނެއެވެ. އަދި މުދަލާއި ހިދުމަތް ހޯދާ ފަރާތުން ހިންގާ މުޢާމަލާތްތަކަކީ ކުރިން އެފަރާތަށް ލިބިފައިވާ، މުދަލާއި ހިދުމަތް ހޯދާ ފަރާތުގެ މައުލޫމާތާއި ރިސްކް ޕްރޮފައިލް އާއި އެ ފަރާތުން ކުރާ ވިޔަފާރީގެ ހަރަކާތްތަކާ އެއްގޮތްވާ މުއާމަލާތްތައް ކަން ޔަގީންކުރުމަށްޓަކައި އެ މުއާމަލާތްތައް މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އެފަރާތުން ފައިސާ ހޯދި ގޮތް ދެނެގަންނަން ވާނެއެވެ.
(ށ) ފަރުވާތެރިވުމުގެ ފިޔަވަޅުތައް ގަވާއިދުންއެޅުމުގައި އެ ފިޔަވަޅުތައް އަޅާ ދުރުމިނަކީ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ރިސްކް ޕްރޮފައިލް ކުރެވޭ މުއާމަލާތުގެ ބާވަތައް ބަލައި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް އޮންނަ ރިސްކުގެ މިންވަރަށް، އެކަށީގެންވާ ދުރުމިނަކަށް ވާންވާނެއެވެ.
14 ވަނަ މާއްދާ – މުއާމަލާތްތައް މޮނިޓަރ ކުރުން
(ހ) ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ނުވަތަ މުއާމަލާތްތަކެއް މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކަށް ލައިސަންސް ލިބިފައިވާ ފަރާތަކުން ހިންގައިދޭއިރު، އެ މުއާމަލާތް ހިންގުމުގެ ގާބިލުކަން މުދަލާ ހިދުމަތް ލިބިގަންނަ ފަރާތުގެ ކިބައިގައި ހުރެދާނެތޯ ބެލުމަށްޓަކައި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުން ކުރިން ހިންގާފައިވާ އެފަދަ މުއާމަލާތްތައް ބަލައި ރިވިއު ކުރަންވާނެއެވެ.
(ށ) އާންމުކޮށް ކުރެވޭ މުއާމަލާތްތަކާ ތަފާތު މުއާމަލާތްތަކާއި، އާދަޔާ ހލާފު ބޮޑެތި އަދަދުތައް ހިމެނޭ މުއާމަލާތްތަކާއި، އަދި އާދަޔާ ހލާފު ގޮތްގޮތަށް ކުރެވޭ މުއާމަލާތްތަކަކީ އޭގައި އިގްތިސާދީ ބޭނުމެއް ނެތި ނުވަތަ ގާނޫނީގޮތުން ހުއްދަކުރާ ބޭނުމެއްނެތި ކުރެވޭ މުއާމަލާތްތަކެއް ކަމަށް ފެންނަނަމަ، އެފަދަ މުއާމަލާތްތައް ކުރުމުގައި ލައިސަންސް ލިބިފައިވާ ފަރާތުން ހާއްސަ ސަމާލުކަމެއްދީގެން ބަލަންވާނެއެވެ.
(ނ) ލައިސަންސް ލިބިފައިވާ ފަރާތަކާއެކު މުއާމަލާތެއް ހިންގާ ފަރާތަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްނުކުރާ ގައުމެއްގައި ދިރިއުޅޭ ފަރާތެއް ކަމުގައިވާނަމަ، އެފަރާތަކާއެކު ކުރެވޭ މުއާމަލާތްތަކާމެދު ހާއްސަ ސަމާލުކަމެއް ލައިސަންސް ލިބިފައިވާ ފަރާތުން ބަހައްޓަންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރޭގައި ގާނޫނީ ށަހްސުތައްވެސް ހިމެނެއެވެ. އަދި އެފަދަ ގައުމުތަކާ ބެހޭ މައުލޫމާތު ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަންގަންވާނެއެވެ.
ތިންވަނަ ބާބު
ރިކޯޑުތައް ބެލެހެއްޓުން
15 ވަނަ މާއްދާ – ރިކޯޑާއި ބެލެހެއްޓުން
(ހ) ލައިސަންސް ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް ވިޔަފާރިއާ ގުޅިގެން ބަދަލުކުރެވޭ ލިޔުންތަކާ ރިކޯޑުތައް އަދި ވަކިން ހާއްސަކޮށް މުދަލާއި ހިދުމަތް ހޯދާ ފަރާތާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ހޯދާ ލިޔުންތަކާއި ރިކޯޑުތައް ލައިސަންސް ލިބިފައިވާ ފަރާތުން ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި މުދަލާ ހިދުމަތް ހޯދާ ފަރާތްތައް، ބެނެފިޝަލް އޯނަރުން އަދި މި ގަވާއިދުގެ ދަށުން ކޮންފަރާތެއްކަން ދެނެގަންނަން ޖެހޭނެކަމަށް ކަ ނޑައަޅާފައިވާ ފަރާތްތަކަކީ ކޮން ފަރާތްތަކެއްކަން ޔަގީންކުރުމަށް ހޯދާ ލިޔުންތަކާ ރިކޯޑުތައް ހިމެނޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަންނަނިވި މައުލޫމާތާއި ރިކޯޑުތައް ބަހައްޓަންވާނެއެވެ.
- ކޮންފަރާތެއްކަން ދެނެގަނެ އަދި ކޮންފަރާތެއްކަން ޔަގީންކުރުމަށްޓަކައި ހޯދާފައިވާ މައުލޫމާތާއި އެ މައުލޫމާތާ ގުޅޭ ލިޔުންތަކުގެ ކޮޕީތައް؛
- ށައްކުކުރެވޭ މުއާމަލާތަކާ ގުޅިގެން ލައިސަންސް ލިބިފައިވާ ފަރާތުގެ އެތެރޭގެ ދިރާސާތަކަށް ހޯދާ ލިޔުންތަކާ ރިކޯޑުތައް؛
- ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާފައިވާ ށައްކުކުރެވޭ މުއާމަލާތަކާގުޅޭ ރިކޯޑުތައް؛ އަދި
(ނ) މި މާއްދާގެ ދަށުން ބަހައްޓާ ރިކޯޑުތައް އަންނަނިވި މުއްދަތުތަކަށް ބަހައްޓަންވާނެއެވެ.
- މުއާމަލާތަކާ ގުޅިގެން ހޯދާ ލިޔުންތަކާއި ރިކޯޑުތައް، އެ މުއާމަލާތެއް ފުރިހަމަ ކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އެ މައުލޫމާތެއް ބަހައްޓަންވާނެއެވެ. މި މައުލޫމާތުގެ ތެރޭގައި މުދަލާއި ހިދުމަތް ހޯދާ ފަރާތް ދެނެގަތުމަށް ހޯދާފައިވާ މައުލޫމާތާއި އެ މުޢާމަލާތަކާ ގުޅޭގޮތުން ހޯދާފައިވާ އެހެނިހެން މައުލޫމާތުތައް ހިމެނޭނެއެވެ.
- ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އެހެން ގޮތަކަށް ނާންގާހައި ހިނދަކު، ށައްކުކުރެވޭ މުއާމަލާތަކާ ގުޅޭގޮތުން ހުށަހަޅާ ރިޕޯޓު، އެ ރިޕޯޓު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާ ތާރީހުން ފެށިގެން 5(ފަހެއް) އަހަރު ދުވަހުގެ މުއްދަތައް ބަހައްޓަންވާނެއެވެ.
ހަތަރުވަނަ ބާބު
ރިޕޯޓު ހުށަހެޅުމާއި މޮނީޓަރކުރުން
16 ވަނަ މާއްދާ – ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުހުށަހެޅުން
ގާނޫނުގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަދާކުރަންޖެހޭ ޒިންމާތަކާއި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެ ޔުނިޓުން އަންގާ މަޢުލޫމާތު، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އެ ޔުނިޓަށް ހުށަހަޅަންވާނެއެވެ.
17 ވަނަ މާއްދާ – ށައްކުކުރެވޭ މުއާމަލާތްތައް ރިޕޯޓުކުރުން
(ހ) ވަކި ފައިސާއެއް ނުވަތަ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ނުވަތަ މުދަލެއް ކަމަށް، ނުވަތަ މަނީ ލޯންޑްރިންގގެ ޙަރަކާތަކާ ގުޅުންހުރި ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ޙަރަކާތަކާ ގުޅުންހުރި ފައިސާއެއް ނުވަތަ މުދަލެއް ކަމަށް ލައިސަންސް ލިބިފައިވާ ފަރާތަކަށް ށައްކުކުރެވިއްޖެ ނަމަ، ނުވަތަ ށައްކުކުރެވޭ ފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، އެ ށައްކެއް އުފެދުމުން ނުވަތަ އެފަދަ ސަބަބެއް ފާހަގަކުރެވުމުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ބަޔާންކޮށް، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ.
(ށ) ވަކި ފައިސާއެއް ނުވަތަ މުދަލަކީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ފައިސާ ނުވަތަ މުދަލެއް ކަމަށް، ނުވަތަ އެއިން ފަރާތަކާ ގުޅުންހުރި ފައިސާއެއް ނުވަތަ މުދަލެއް ކަމަށް ލައިސަންސް ލިބިފައިވާ ފަރާތަކަށް ށައްކުކުރެވިއްޖެ ނަމަ، ނުވަތަ ށައްކުކުރެވޭ ފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، އެ ށައްކެއް އުފެދުމުން ނުވަތަ އެފަދަ ސަބަބެއް ފާހަގަކުރެވުމުން ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އަދި ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ބަޔާންކޮށް، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ.
- ޔުނައިޓެޑް ނޭށަންސްގެ ޗާޓަރުގެ ހަތްވަނަ ޗެޕްޓަރުގެ ދަށުން ޔުނައިޓެޑް ނޭށަންސްގެ ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާ ފަރާތްތައް؛ އަދި
- އިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ކަނޑައަޅާ އެހެން ފަރާތްތައް.
18 ވަނަ މާއްދާ – މުއާމަލާތްތައް ހިންގުން ފަސްކުރުން
(ހ) މަނީ ލޯންޑްރިންގގެ ހަރަކާތަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާ ގުޅުންހުރި މުއާމަލާތެއް ކަމަށް ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާ ގުޅުންހުރި މުއާމަލާތެއް ކަމަށް ށައްކުކުރެވޭ އެއްވެސް މުއާމަލާތެއް، ލައިސަންސް ލިބިފައިވާ ފަރާތަކުން ކުރަންވާނީ، އެ މުއާމަލާތެއްގެ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމަށް ފަހު، އެ މުއާމަލާތެއް ހިންގުމާ މެދު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ވަކި ގޮތެއް އެންގުމުންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅޭ މުއާމަލާތަކީ، ސީރިއަސް ނުވަތަ ކޮންމެހެން އަވަސް ފިޔަވަޅެއް އަޅަންޖެހޭ މައްސަލައެއް ހިމެނޭ މުއާމަލާތެއް ކަމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފެންނަނަމަ، 72 (ހަތްދިހަ ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާނެ މުއްދަތަކަށް އެ މުއާމަލާތެއް ކުރިއަށް ނުގެންގޮސް ހިފެހެއްޓުމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އެންގިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ކުރުން ހުއްޓުވާލުމަކީ ކުރެވެން ނެތްކަމެއް ކަމުގައިވާނަމަ ނުވަތަ އެފަދަ މުއާމަލާތެއް ކުރުން ހުއްޓުވާލުމުން އެ މުޢާމަލާތަކާގުޅޭ ބެނެފިށަރީއަކީ ކޮން ފަރާތެއްކަން ދެނެގަތުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭނަމަ، ލައިސަންސް ލިބިފައިވާ ފަރާތުން އެ މުއާމަލާތެއް ކުރުމަށްފަހު އެކަން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ވަގުތުން އަންގަންވާނެއެވެ.
19 ވަނަ މާއްދާ – ބޭރުފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ރިޕޯޓުކުރުން
ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، އެ ފަރާތަކުން ކޮށްފައިވާ 200،000 (ދެ ލައްކަ) ރުފިޔާ އާއި އެއަށްވުރެ މަތީގެ އަދަދެއްގެ ނަގުދު ފައިސާގެ މުއާމަލާތްތައް ނުވަތަ އެހެން އަދަދެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ އެ އަދަދުގެ ނަގުދު ފައިސާގެ މުއާމަލާތްތައް، އަދި ގުޅިފައިވާ ކަމަށް ބެލެވޭ މުއާމަލާތްތަކެއްގެ ޖުމްލަ އަދަދު މި އަދަދާ އެއްވަރުވާނަމަ ނުވަތަ އެއަށް ވުރެ މަތީ އަދަދެއް ނަމަ އެ ނަގުދު ފައިސާގެ މުއާމަލާތްތައް، ހަފުތާއަކު އެއްފަހަރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި ނަގުދު ފައިސާގެ މުއާމަލާތްތައް ކަމަށް ބުނެފައިއެވަނީ ނަގުދު ފައިސާ އިން ކުރާ މުއާމަލާތްތަކާއި، އަދި ޗެކް، ބޭންކް ޑްރާފްޓް، ޓްރަވެލާރސް ޗެކް އަދި އެހެން ބެއަރަރ ނެގޯށިއަބަލް އިންސްޓްރުމަންޓް އިން ކުރާ މުއާމަލާތްތަކަށެވެ.
20 ވަނަ މާއްދާ – ޓްރާންސްފަރކުރުމުގެ މުއާމަލާތްތައް ރިޕޯޓުކުރުން
(ހ) ފައިސާ ޓްރާންސްފަރކުރުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ދިވެހިރާއްޖެ އެތެރޭގައި ދިވެހިރާއްޖެއިން ބޭރަށް ކުރާ ޓްރާންސްފަރތައް، ހަފުތާއެކު އެއްފަހަރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ. މި ގޮތުން ފޮނުވާ ރިޕޯޓުގައި ވަޔަރ ޓްރާންސްފަރ އަދި އިލެކްޓްރޯނިކް ޓްރާންސްފަރތައް ހިމަނަންވާނެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކުރާ އަންނަނިވި ޓްރާންސްފަރތައް މި މާއްދާގެ (ހ) ދަށުން ރިޕޯޓުކުރާކަށް ނުޖެހޭނެއެވެ.
- ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ކުރާ ޓްރާންސްފަރ، އެ ޓްރާސްފަރ އަކީ ޓްރާންސްފަރ ގެ އޮރިޖިނޭޓަރ އަދި ބެނިފިޝިއަރީ އަކީ ވެސް ލައިސަންސް ލިބިފައިވާ ފަރާތަކަށް ވެފައި، އެ ޓްރާންސްފަރ ހަދަނީ ދެ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމުގައި ވާނަމަ؛ ނުވަތަ
- ލައިސަންސް ލިބިފައިވާ ފަރާތަކާއި އޮތޯރިޓީ އާ ދެމެދު ކުރާ ޓްރާސްންފަރ، އެ ޓްރާސްފަރ އަކީ ޓްރާންސްފަރ ގެ އޮރިޖިނޭޓަރ އަދި ބެނިފިޝިއަރީ އަކީ ލައިސަންސް ލިބިފައިވާ ފަރާތެއް ނުވަތަ އޮތޯރިޓީ ކަމަށް ވެފައި، އެ ޓްރާންސްފަރ ހަދަނީ ދެ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމުގައި ވާނަމަ.
21 ވަނަ މާއްދާ – ވަކިފަރާތަކާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިގެންސް ޔުނިޓަށް ހުށަހަޅައިފިކަން ހާމަނުކުރުން
ލައިސަންސް ލިބިފައިވާ ފަރާތެއް ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް، ނުވަތަ މުވައްޒަފެއް، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާބެހޭ ރިޕޯޓެއް އެ ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާބެހޭ ތަހުގީގެއް ކުރާކަން ނުވަތަ ކުރަން އުޅޭކަން އެ ލައިސަންސް ލިބިފައިވާ ފަރާތުގެ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް އެއްވެސް ހާލަތެއްގައި ހާމަކޮށްގެން ނުވާނެއެވެ.
ފަސްވަނަބާބު
ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދޭ އިމްތިޔާޒު
22 ވަނަ މާއްދާ – ށައްކުކުރެވޭ މުއާމަލާތްތައް ހެޔޮ ނިޔަތުގައި ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދޭ އިމްތިޔާޒު
މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހެޔޮ ނިޔަތުގައި ރިޕޯޓުތަކާއި މައުލޫމާތު ހުށަހެޅުން، އެ ހުށަހަޅާ ލައިސަންސް ލިބިފައިވާ ފަރާތެއް، ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރެއްގެ ނުވަތަ އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ މައްޗަށް، ބޭންކިންގ ސީކްރަސީއާ ނުވަތަ ޕްރޮފެށަނަލް ސީކްރަސީއާ ނުވަތަ ކޮންޓްރެކްޓާ ހލާފުވުމުގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދަޢުވާއެއް ނުކުރެވޭނެއެވެ. އަދި އެފަދަ ފަރާތެއްގެ މައްޗަށް އިދާރީ ނުވަތަ އިސްލާހީ ފިޔަވަޅެއްވެސް ނޭޅޭނެއެވެ.
23 ވަނަ މާއްދާ – ށައްކުކުރެވޭ މުއާމަލާތެއް ހިންގާ ފަރާތްތަކަށް ލިބިގެންވާ އިމްތިޔާޒު
(ހ) ގާނޫނާއި މި ގަވާއިދާ އެއް ގޮތްވާ ގޮތުގެމަތިން ހެޔޮ ނިޔަތުގައި ރިޕޯޓުކޮށްފައިވާ މުއާމަލާތެއް ހިންގުމަކުން، އެ މުއާމަލާތެއް ހިންގި ލައިސަންސް ލިބިފައިވާ ފާރާތެއް ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށުގެ ދައުވާއެއް ނުކުރެވޭނެއެވެ.
(ށ) ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައާއި، ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އެދުމަކަށް މުއާމަލާތެއް ހިންގާ ކޮންމެ ފަރާތަކަށް މި މާއްދާގެ ދަށުން އިމްތިޔާޒު ލިބިދެވޭނެއެވެ.
ހަވަނަ ބާބު
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް ޕްރޮގްރާމްތައް ހިންގުން
24 ވަނަ މާއްދާ – މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޕްރޮގްރާމްތައް ހިންގުން
(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އަންނަނިވި ކަންކަން ހިމެނޭގޮތުން އިންޓަރނަލް ޕްރޮގްރާމްތައް ރާވައި، ހިންގަންވާނެއެވެ.
- މުވައްޒަފުން އައްޔަންކުރުމަށް ގެންގުޅޭ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި އިންޓަރނަލް ޕޮލިސީތަކާއި، އުސޫލުތަކާއި ކޮންޓްރޯލްތައް ގާއިމުކުރުމާއި، އެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަށް މެނޭޖްމަންޓުން ގޮތްތަކެއް ހަމަޖައްސައި އަދި އެފަރާތްތައް ސްކްރީންކުރާނެ ރަނގަޅު އުސޫލުތަކެއް ކަނޑައެޅުން؛
- ގާނޫނު އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދޭތޯ ބެލުމަށާއި، އެ ފިޔަވަޅުތަކުގެ ހަރުދަނާކަން ދެނެގަތުމަށްޓަކައި އިންޓަރނަލް އޮޑިޓްތައް ކުރިއަށްގެންދިޔުން.
- ލައިސަންސް ލިބިފައިވާ ފަރާތުގެ ސިސްޓަމްތަކާއި ރިކޯޑުތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި އިންޓަރނަލް ކޮންޓްރޯލް ފިޔަވަޅުތައް ގާއިމުކުރުން.
(ށ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އެ ފަރާތެއްގެ މުވައްޒަފުންނަށާއި އެ ފަރާތެއްގެ އެޖެންޓުންނަށް، އަންނަނިވި ކަންކަމުގެ ތަމްރީނު ދޭންވާނެއެވެ.
- ގާނޫނާއި މި ގަވާއިދާއި އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް އެ ފަރާތުން އެކަށައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތައް.
- މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާ މެދު ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އަޅާނެ ގޮތްތަކާއި ކަސްޓަމަރުންނާއި ބެނިފިޝަރީތަކުގެ އައިޑެންޓިފިކޭޝަން ހަދާނެ ގޮތްތައް.
- ށައްކުކުރެވޭ މުއާމަލާތްތައް ދެނެގަންނާނެ ގޮތްތަކާއި ރިޕޯޓުކުރާނެ ގޮތްތައް.
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ލައިސަންސް ލިބިފައިވާ ފަރާތުގެ މުވައްޒަފުންނާއި އޭޖެންޓުންގެ ޒިންމާތަކާ މަސްއޫލިއްޔަތުތައް.
(ނ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، އެފަރާތުގެ ޙަރަކާތްތައް ޤާނޫނާއި މި ގަވައިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމަށްޓަކައި މެނޭޖްމަންޓް ފެންވަރުގައި ކޮމްޕްލަޔަންސް އޮފިސަރެއް ކަ ނޑައަޅާފައި ހުންނަންވާނެއެވެ. އަދި، އެ އޮފިސަރގެ ނަމާއި ގުޅޭނެ ނަންބަރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އަންގަންވާނެއެވެ.
25 ވަނަ މާއްދާ – އިދާރީ ފިޔަވަޅު
(ހ) ލައިސަންސް ލިބިފައިވާ ފަރާތަކުން ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއް މި ގަވާއިދާ ހލާފުވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ އިދާރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެ ފަރާތަކާމެދު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އެޅިދާނެއެވެ.
- ހލާފުވި ހލާފުވުން ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ލިޔުމުން އެންގުން؛
- 10،000 (ދިހަހާސް) ރުފިޔާއާއި 500،000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
- ހލާފުވި ހލާފުވުން ރަނގަޅުކުރުމަށް ދެވޭ މުއްދަތުގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެކަމެއް ރަނގަޅުކުރަންދެން ހިނގާ ކޮންމެ ދުވަހަކަށް 10،000 (ދިހަ ހާސް) ރުފިޔާއާއި 100،000 (އެއް ލައްކަ) ރުފިޔާއާ ދުމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
(ށ) ލައިސަންސް ލިބިފައިވާ ފަރާތެއްގެ މައްޗަށް މި މާއްދާގެ (ހ) ގެ ދަށުން އަޅާ އިދާރީ ފިޔަވަޅު އޮތޯރިޓީން އާންމުކުރެވިދާނެއެވެ.
ހަތްވަނަ ބާބު
އިންތިގާލީ ކަންތައްތައް އަދި މާނަކުރުން
26 ވަނަ މާއްދާ – ގަވާއިދައް އަމަލުކުރަން ފަށާއިރު ހުރި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތައް
ލައިސަންސް ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް، މި ގަވާއިދަށް އަމަލުކުރަން ފެށި އިރު ހުރި އެ ފަރާތުގެ ހުރިހާ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާ ގުޅޭ ގޮތުން، އަޅައި ފުރިހަމަކުރަންވާނެއެވެ.
27 ވަނަ މާއްދާ – މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ނުވަތަ ތިރީގައި މާނަކޮށްފައި ނުވާނަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި ނުވަތަ އިބާރާތްތަކުގެ މާނަ އަކީ އެ ލަފުޒުތަކަށް ނުވަތަ އިބާރާތްތަކަށް ގާނޫނުގައި ދީފައިވާ މާނައެވެ.
"އޭޖެންޓް" ކަމަށް ބުނެފައި އެވަނީ ރަސްމީގޮތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ލައިސަންސް ލިބިފައިވާ ފަރާތެއްގެ ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް އުފުލާ ތަބީއީ ނުވަތަ ގާނޫނީ ށަހުސަށެވެ.
"ބެނިފިށަރީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބެނެފިށަރީގެ އެކައުންޓަށް ފައިސާ ލިބޭ ބެންކަށެވެ. މީގެ ތެރޭގައި ވަޔަރ ޓްރާންސްފަރ ބެނެފިށިއަރީ ވެސް ހިމެނޭނެއެވެ.
"ބެނިފިށަލް އޯނަރ" ކަމަށް ބުނެފައިއެވަނީ ގާނޫނުގައި ދީފައިވާ މާނައިގައެވެ. "ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް" ނުވަތަ ''ޔުނިޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ގާއިމުކުރެވޭ ޔުނިޓަށެވެ.
"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 10/2014 ( މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) އަށެވެ.
"ގާނޫނީ އެރޭންޖްމަންޓް" ކަމަށް ބުނެފައި އެވަނީ، އެކްސްޕްރެސް ޓްރަސްޓް އާއި އެފަދަ އެހެން ވެސް ގާނޫނީ އެރޭންޖްމަންޓްތަކަށެވެ.
"ލައިސެންސް ލިބިފައިވާ ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ފައިސާ ޓްރާންސްފަރކުރުމުގެ ވިޔަފާރި ކުރުމަށް ނުވަތަ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ފަރާތަކަށެވެ.
"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) ގެ ގާނޫނުގެ ދަށުން ޤާއިމުކޮށްފައިވާ އޮތޯރިޓީ އަށެވެ.
"އޮރިޖިނޭޓަރ" ކަމަށް ބުނެފައި އެވަނީ، އެ ފައިސާ ފޮނުވާ ފަރާތަށެވެ.
"ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން" ކަމަށް ބުނެފައިއެވަނީ ގާނޫނުގައި ދީފައިވާ މާނައިގައެވެ.
"ކުއް ކޮށްގެން ހޯދާފައިވާ މުދާ[ ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ދެވިފައިވާ މާނައިގައެވެ.
"ވަޔަރ ޓްރާންސްފަރ" ކަމަށް ބުނެފައި އެވަނީ، ބެނިފިށަރީ އަށް ފައިސާ ލިބޭނެ ގޮތް ހެދުމަށްޓަކައި ބެނިފިށަރީ އިދާރާ އަށް ލިބޭނެ ގޮތް ހެދުމަށް، އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށް، އޮރިޖިނޭޓަރ ގެ ފަރާތުން ކުރާ މުޢާމަލާތަށެވެ. މިފަދަ މުއާމަލާތުގެ ބެނިފިށަރީ އަދި އޮރިޖިނޭޓަރ އަކީ އެއްފަރާތެއް ކަމަށް ވީނަމަވެސް، ބެލެވޭނީ ވަޔަރ ޓްރާންސްފަރ އެއް ގޮތުގައެވެ.
މައި ގާނޫނު
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2014)
ކިޔުންތެރިންގެ ހިޔާލު