-

މަނީލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކުތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 8/2015)

  

ފުރަތަމަ ބާބު

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ – ތައާރުފު

މިގަވާއިދަކީ ގާނޫނު ނަންބަރު  10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ހ)ގ 3 ވަނަ ނަންބަރުގެ ދަށުން އެކުލަވާލައި ނެރެފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދަށް ކިޔަނީ "މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކުތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ 15 ޖެނުއަރީ 2015 އިން ފެށިގެންނެވެ.

 

4 ވަނަ މާއްދާ – ގަވާއިދު ހިންގޭ ދާއިރާ

މި ގަވާއިދުގައި އެހެން ގޮތަކަށް ނުބުނާހައި ހިނދަކު، ދިވެހިރާއްޖޭގެ ބޭންކިންގ އާ ބެހޭ ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ އެންމެގައި ބޭންކުތަކުގެ މައްޗަށް މި ގަވާއިދު ހިންގޭނެއެވެ.

 

5 ވަނަ މާއްދާ – ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އޮންނަ މަސްއޫލިއްޔަތު

(ހ) ކޮންމެ ބޭންކަކުން ވެސް މިގަވާއިދާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. އަދި އެ ބޭންކެއްގެ ސަބްސިޑިއަރީތަކާއީ ބްރާންޗްތަކާއި، މުވައްޒަފުންނާއި، އޭޖެންޓުންނާއި، އެ ބޭންކެއްގެ އެއްވެސް މަސައްކަތެއް ހަވާލުކޮށްފައިވާ ތިންވަނަ ފަރާތަކުން މިގަވާއިދުގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތީން އަމަލުކުރެވޭތޯ އެ ބޭންކެއްގެ ޑިރެކްޓަރުންގެ ބޯޑުން ޔަގީންކުރަންވާނެއެވެ.

(ށ) ބޭންކުތަކުން މިގަވާއިދަށް އަމަލުކުރުމުގައި ރިސްކް ބޭސްޑް އުސޫލުން އަމަލުކުރެވިދާނެއެވެ.

 

ދެވަނަ ބާބު

ކަސްޓަމަރުންނާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް

6 ވަނަ މާއްދާ – މަނާ ކަންތައްތައް

(ހ) އެއްވެސް ބޭންކަކުން ވަކިފަރާތަކަށް ނިސްބަތްނުވާ އެކައުންޓެއް ނުވަތަ ވަކި ނަމަކީ އެއްވެސް މީހަކަށް ނިސްބަތްކުރެވޭ ނަމެއްނޫންކަން ކަނޑައެޅިގެން އެނގޭ ނަމެއްގައި އެކައުންޓެއް ބަހައްޓައިގެން ނުވާނެއެވެ.

(ށ) ބޭރު ގައުމެއްގައި ރަޖިސްޓަރީކޮށްފައި ވީނަމަވެސް، އެގައުމުގައި އޮފީހެއް ގާއިމުކޮށްފައިނުވާ އަދި އެ ގައުމުގެ ބޭންކުތައް ރެގިއުލޭޓްކުރާ އިދާރާއިން ރެގިއުލޭޓްނުކުރާ ބޭންކުތަކާއެކު، ދިވެހިރާއްޖޭގައި ހިންގަމުންދާ ބޭންކަކުން ވިޔަފާރީގެ ގުޅުމެއް ގާއިމުކޮށްގެން ނުވާނެއެވެ. އަދި އެފަދަ ބޭންކަކާއެކު ކުރިން ވިޔަފާރީގެ ގުޅުމެއް ގާއިމުކޮށްފައިވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު، އެ ގުޅުން ކުރިއަށް ގެންގޮސްގެން ނުވާނެއެވެ.

 

7 ވަނަ މާއްދާ – މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރިކަން ބަހައްޓަންޖެހޭ ހާލަތު

އަންނަނިވި ހާލަތްތަކުގައި ކޮންމެ ބޭންކަކުންވެސް މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭކަމަށް މިގަވާއިދުގައި ބަޔާންކޮށްފައިވާ ފަރުވާތެރިވުމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ހ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ވިޔަފާރީގެ ގުޅުން ގާއިމުކުރާއިރު.

(ށ) އެއްމުއާމަލާތެއްގެ ގޮތުގައި ނުވަތަ ގުޅިފައިވާ މުއާމަލާތެއްގެ ގޮތުގައި ކަމަށް ވީނަމަވެސް، 50,000 (ފަންސާސް ހާސް) ރުފިޔާ އާ އެއްވަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއް ހިމެނެ ސިންގަލް ޓްރާންސެކްށަނެއް ކުރާއިރު. އެ މުއާމަލާތެއް ހިންގާ ވަގުތު، އެ މުއާމަލާތެއްގެ ޖުމުލަ އަދަދު އެނގެން ނެތްނަމަ، އެ މުއާމަލާތުގެ އަދަދެއް އެނގުމުން ނުވަތަ އެ މުއާމަލާތްތަކުގެ ޖުމުލަ އަދަދު މި މާއްދާގައި ބަޔާންކުރާ އަދަދާ އެއްވަރުވުމުން، ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ނ) ރާއްޖެއިން ބޭރަށް ނުވަތަ ދިވެހިރާއްޖޭގައި ފައިސާ ޓްރާންސްފަރ ކުރާއިރު.

(ރ) އެ ހާލަތަކީ ކަސްޓަމަރާމެދު ފަރުވާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް މި ގަވާއިދުން ލާޒިމުކުރާ ހާލަތެއް ކަމުގައި ނުވިނަމަވެސް އަދި އެ މުއާމަލާތުގައި ހިމެނޭ އަދަދަކީ ކޮންމެ އަދަދެއް ކަމުގައި ވީނަމަވެސް، މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްގެ ހަރަކާތެއް ހިންގައިފާނެކަމަށް ށައްކުކުރެވުން.

(ބ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާ ބެހޭގޮތުން ކުރިން ހޯދާފައިވާ މައުލޫމާތު ފުރިހަމަ ނުވާކަމަށް ށައްކު ކުރެވުން ނުވަތަ އެފަދަ މައުލޫމާތުގެ ސައްހަކަމާމެދު ށައްކު އުފެދުން.

 

8 ވަނަ މާއްދާ – މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، ބެނެފިށިއަލް އޯނަރުންނާއި ތިންވަނަ ފަރާތްތައް ދެނެގަތުން.

(ހ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރި ވުމުގެ ފިޔަވަޅުތައް އެޅުމަށް މި ގަވާއިދުގެ ދަށުން ބޭންކުތަކަށް ލާޒިމުކުރާ ހާލަތްތަކުގައި ކޮންމެ ބޭންކަކުންވެސް އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަނެ އަދި އެއީ ކޮންފަރާތެއް ކަން ޔަގީންކުރުން؛
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ބެނިފިށަލް އޯނަރ ދެނެގަނެ، އަދި އެއީ ކޮންފަރާތެއްކަން އިތުބާރުކުރެވޭ، މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރުން؛

    އަދި
  3. ވިޔަފާރީގެ ގުޅުން ގާއިމުކުރާ ސަބަބާއި އެ ގުޅުމުގެ ބާވަތް ދެނެގަތުން.

(ށ) ވިޔަފާރީގެ ގުޅުމެއް ގާއިމުކުރުމަށް ނުވަތަ ސިންގަލް ޓްރާންސެކްށަނެއް ހެދުމަށްޓަކައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކުން، އެ ފަރާތް ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކޮށްފައިވާ ހާލަތްތަކުގައި ކޮންމެ ބޭންކަކުންވެސް އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ތަމްސީލުކުރަން އައްޔަނުކޮށްފައިވާ ފަރާތް ދެނެގަނެ، އަދި އެއީ ކޮންފަރާތެއްކަން އިތުބާރުކުރެވޭ، މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރުން؛ އަދި
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ތަމްސީލުކުރާ ފަރާތެއްގެ ގޮތަށް އަމަލުކުރުމުގެ ހުއްދަ އޮތްކަން ޔަގީންކޮށް، އެކަން ޔަގީންކުރުމަށް ބެލި ލިޔުންތަކުގެ (ޕަވަރ އޮފް އެޓަރނީ ނުވަތަ އެއާ އެއްފަދަ ލިޔުމެއް ނުވަތަ ރަސްމީ ލިޔުމެއް) ކޮޕީ ހައްދައި ބަހައްޓައި އަދި ކޮޕީއަކީ އޭގެ އަސްލާ އެއްގޮތް އެއްޗެއްކަން ޔަގީންކުރުން.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އިސްވެ ބަޔާންކުރެވުނު ގޮތަށް އަމަލުކުރުމަށްޓަކައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި ބެނެފިށަލް އޯނަރ އަދި ތިންވަނަ ފަރާތްތަކާ ބެހޭ، ހަމައެކަނި އަންނަނިވި މައުލޫމާތުތަކަށް ހުދޫދު ކުރުމަކާނުލައި، އަންނަނިވި މައުލޫމާތު ބޭންކުން ހޯދައި ރިކޯޑުކުރަންވާނެއެވެ.

  1. ފުރިހަމަ ނަން އަދި އެފަރާތާ މުހާތަބުކުރުމަށް ބޭނުންކުރެވޭ އެހެނިހެން ނަންނަން؛
  2. ކޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު؛ (މިސާލު ކާކުކަން އަންގައިދޭ ކާޑު ނަންބަރު، ޕާސްޕޯޓު ނަންބަރު، ވީޒާ ނަންބަރު، ގާނޫނީ ށަހުސެއްނަމަ ރަޖިސްޓްރޭށަން ނަންބަރު ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު)
  3. ރަޖިސްޓްރީކޮށްފައިވާ އެޑްރެސް ނުވަތަ ވިޔަފާރި ހިންގާ އެޑްރެސް، ނުވަތަ ދާއިމީ އެޑްރެސް އަދި މިހާރުއުޅޭ އެޑްރެސް، އަދި ގުޅޭނެގޮތުގެ މައުލޫމާތު؛ އަދި
  4. ކުންފުނި އުފައްދާފައިވާ ތަން ނުވަތަ ރަޖިސްޓަރިކޮށްފައިވާ ތަން ނުވަތަ ގައުމީ ނިސްބަތް.

(ރ) ބޭންކަކުން، ވަޔަރ ޓްރާންސްފަރ އޮރިޖިނޭޓަރެއްގެ އެންގުމުގެ މަތިން ވަޔަރ ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ފޮނުވާއިރު އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. ވަޔަރ ޓްރާންސްފަރ އޮރިޖިނޭޓަރ ދެނެގަނެ އަދި އެއީ ކޮންފަރާތެއްކަން ޔަގީންކުރުން؛
  2. އޮރިޖިނޭޓަރއާއި ބެނިފިށަރީ އާއި ބެނިފިށަރީ އިދާރާގެ އެ ތަފްސީލު، އަދި ވަޔަރ ޓްރާންސްފަރ ކުރެވޭ ތާރީހާއި، އަދަދާއި ފައިސާގެ ބާވަތް، މި މައުލޫމާތު ހިމަނައި، އެހެންނަމަވެސް މި މައުލޫމާތުތަކަށް ހުދޫދު ނުވާގޮތަށް، ވަޔަރ ޓްރާންސްފަރ އާ ގުޅޭގޮތުން އެކަށީގެންވާވަރަށް މައުލޫމާތު ހޯދައި ރިކޯޑުކުރުން؛ އަދި
  3. އޮރިޖިނޭޓަރ ގެ ނަމާއި އެޑްރެހާއި، އޮރިޖިނޭޓަރގެ ކާކުކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު ނުވަތަ ވޯކް ވިސާ ޕަރމިޓް ނަންބަރު، އަދި އޮރިޖިނޭޓަރގެ އެކައުންޓް ނަންބަރު ނުވަތަ އެ މުއާމަލާތަކަށް ދީފައިވާ ހާއްސަ ނަންބަރު ޓްރާންސްފަރ މެސެޖުގައި ނުވަތަ ޓްރާންސްފަރއާގުޅޭ ފައިސާދެއްކުމަށް އަންގާއެންގުމުގައި ހިމެނުން.

(ބ) ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރކުރުމުގެ ހިދުމަތްދޭ ބޭންކުތަކުން، އޮރިޖިނޭޓަރ އެދިގެން އެ ބޭންކް މެދުވެރިކޮށް ފައިސާ ފޮނުވުމުގައި އަންނަނިވި ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(1) އޮރިޖިނޭޓަރ ދެނެގަނެ އަދި އެފަރާތަކީ ކޮންފަރާތެއްކަން ޔަގީންކުރުން؛

(2) އޮރިޖިނޭޓަރއާއި ބެނިފިށަރީއާ ބެނިފިށަރީ އިދާރާގެ ތަފްސީލު، އަދި ވަޔަރ ޓްރާންސްފަރ ކުރެވޭ ތާރީހާއި، އަދަދާއި ފައިސާގެ ބާވަތް ހިމަނައި، އެހެންނަމަވެސް މި މައުލޫމާތުތަކަށް ހުދޫދު ނުވާގޮތަށް، ވަޔަރ ޓްރާންސްފަރ އާ ގުޅޭގޮތުން އެކަށީގެންވާވަރަށް މައުލޫމާތު ހޯދައި ރިކޯޑުކުރުން؛ އަދި

(3) އޮރިޖިނޭޓަރ ގެ ނަމާއި އެޑްރެހާއި، އޮރިޖިނޭޓަރގެ ކާކުކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު ނުވަތަ ވޯކް ވިސާ ޕަރމިޓް ނަންބަރު، އަދި އޮރިޖިނޭޓަރގެ އެކައުންޓް ނަންބަރު ނުވަތަ އެ މުއާމަލާތަކަށް ދީފައިވާ ހާއްސަ ނަންބަރު ޓްރާންސްފަރ މެސެޖުގައި ނުވަތަ ޓްރާންސްފަރއާގުޅޭ ފައިސާދެއްކުމަށް އަންގާއެންގުމުގައި ހިމެނުން.

(ޅ) ބޭންކަކުން، ބެނެފިށަރީއެއްގެ ފައިސާ ލިބިގަންނަ ބެނެފިށަރީ އިދާރާއެއްގެ ގޮތުގައި ހަރަކާތްތެރިވާ ހާލަތްތަކުގައި، ބެނެފިށަރީ ދެނެގަތުމަށާއި ފައިސާ ލިބިގަތުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އެކަށީގެންވާ އެތެރޭގެ ސިޔާސަތުތަކާއި އުސޫލުތަކާއި ކޮންޓްރޯލްތައް ގާއިމުކޮށް ތަންފީޒުކުރަންވާނެއެވެ.

(ކ) ފައިސާ ޓްރާންސްފަރ ކުރެވޭ މުއާމަލާތެއްގެ ޗެއިންގައި، އިންޓަރމީޑީއަރީއެއްގެ ގޮތުގައި ބޭންކަކުން ހަރަކާތްތެރިވާ ހާލަތްތަކުގައި، ބޭންކުން ފޮނުވާ ޓްރާންސްފަރ މެސެޖާއެކު ނުވަތަ ފައިސާދައްކަން އަންގާ އެންގުމާއެކު، ހިމަނަން ކަނޑައަޅާފައިވާ އޮރިޖިނޭޓަރގެ ހުރިހާ މައުލޫމާތެއް، ފޮނުވަންވާނެއެވެ.

(އ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ ށަހުސެއް ނުވަތަ ޕާރޓްނަރށިޕެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ވިޔަފާރީގެ ބާވަތާއި އަދި އެ ވިޔަފާރީގެ މިލްކުވެރިކަން ބެހިގެންވާގޮތްދެނެގަންނަންވާނެއެވެ.

(ވ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ ށަހުސެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުން ދެނެގަންނަންވާނެއެވެ.

(މ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ޕަރޓްނަރށިޕެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެ ޕާރޓްނަރށިޕްގެ ޕަރޓްނަރުން ދެނެގަންނަންވާނެއެވެ.

(ފ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ގާނޫނީ އެރޭންޖްމަންޓެއް ކަމުގައިވާނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ވިޔަފާރީގެ ބަވަތާއި އަދި އެވިޔަފާރީގެ މިލްކުވެރިކަން ބެހިގެންވާގޮތް ދެނެގަނެ، އަދި އެ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެފަރާތުގެ ބެނެފިށަލް އޯނަރުންނަކީ ކޮން ފަރާތެއްކަން ބޭންކުން ދެނެގަނެ އެއީ ކޮންފަރާތްތަކެއް ކަން ޔަގީންކުރަންވާނެއެވެ.

(ދ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ނުވަތަ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ބެނެފިށަލް އޯނަރަކީ ސަރުކާރުގެ އިދާރާއެއްކަމުގައިވާނަމަ، އެ މުއާމަލާތަކީ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ކުރެވޭ މުއާމަލާތެއްކަމަށް ށައްކުކުރެވޭ ހާލަތްތައް ފިޔަވައި، ބޭންކުގެ މައްޗަށް ލާޒިމުވެގެންވަނީ ހަމައެކަނި އެ ށަހުސަކީ ސަރުކާރުގެ އިދާރާއެއްކަން ޔަގީންކުރުމަށެވެ.

(ތ) މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ރިސްކު ކުޑަ ވިޔަފާރީގެ ގުޅުންތައް ކަމަށް ނުވަތަ ރިސްކު ކުޑަ ސިންގަލް ޓްރާންސެކްށަންތައް ކަމަށް ބޭންކުން ބަލާ ގުޅުންތާކާއި މުއާމަލާތްތަކުގައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ބޭންކުން ލުއި ފިޔަވަޅުތައް އެޅިދާނެއެވެ.

(ލ) ބޭންކުތަކުން، އާންމުނޫން ނުވަތަ އާދަޔާހިލާފު މާލީ ހަރަކާތްތައް ދެނެގަތުމަށްޓަކައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ މާލީ މުއާމަލާތްތައް ދާއިމީގޮތެއްގައި މޮނިޓަރކޮށް، އަދި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ކޮންފަރާތެއްކަން އަންގައިދޭ މައުލޫމާތު އަޕްޑޭޓްކޮށް އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރަންވާނެއެވެ.

(ގ) ބޭރުގެ މާލީ އިދާރާއަކާއެކު ކޮރެސްޕޮންޑެންޓް ބޭންކިންގ ގުޅުމެއް ގާއިމުކުރުމުގެ ކުރީން، ގާނުނުގެ 16 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ކަންކަން، ބޭންކުތަކުން ފުރިހަމަކުރަންވާނެއެވެ.

 

9 ވަނަ މާއްދާ – ކޮންފަރާތެއްކަން ޔަގީންކުރުން

ކޮންމެ ބޭންކަކުންވެސް، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި ބެނެފިށަލް އޯނަރ އަކީ ކޮންފަރާތެއްކަން، އިތުބާރުކުރެވޭ މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރަންވާނެއެވެ.

 

10 ވަނަ މާއްދާ – ކޮންފަރާތެއްކަން ޔަގީންކުރަންޖެހޭ ވަގުތު

(ހ) ވިޔަފާރީގެ ގުޅުމެއް ގާއިމުކުރުމުގެ ކުރިން ނުވަތަ ގާއިމުކުރާއިރު އަދި ސިންގަލް ޓްރާންސެކްށަނެއް ހިންގުމުގެ ކުރީން މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ނުވަތަ ބެނެފިށަލް އޯނަރއަކީ ކޮން ފަރާތެއްކަން ދެނެގަނެ ޔަގީންކުރަންވާނެއެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް އަދި ބެނެފިށަލް އޯނަރ އަކީ ކޮންފަރާތެއްކަން ދެނެގަނެ ޔަގީންކުރުމުގެ ކުރީން ވިޔަފާރީގެ ގުޅުން ގާއިމުކުރުމުގެ އިހުތިޔާރު ބޭންކަށް ލިބިގެންވެއެވެ.

  1. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް އަދި ބެނެފިށަލް އޯނަރ އަކީ ކޮންފަރާތެއްކަން ދެނެގަނެ ޔަގީންކުރުން ލަސްކުރުމަކީ ބޭންކުގެ އާންމު ވިޔަފާރިއަށް ހުރަސް ނޭޅުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައިވުން؛
  2. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް އޮތް ރިސްކު އެކަށީގެންވާގޮތަށް ބެލެހެއްޓޭނެކަން ޔަގީންވުން؛ އަދި
  3. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ށައްކު ކުރެވުން.

(ނ) ވިޔަފާރީގެ ގުޅުން ގާއިމުކުރެވުނީ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ނުވަތަ ބެނެފިށަލް އޯނަރ ދެނެގަތުމުގެ ކުރީންކަމުގައިވާނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެއީ ކޮން ފަރާތެއްކަން ޔަގީންކުރުމުގެ މަރުހަލާ ބޭންކުން ފުރިހަމަ ކުރަންވާނެއެވެ.

 

11 ވަނަ މާއްދާ – ފަރުވާތެރިވުމުގެ ފިޔަވަޅުތައް ފުރިހަމަނުކުރުން.

ފަރުވާތެރިވުމުގެ ގޮތުން ކުރުމަށް މި ގަވާއިދުގައި ބޭންކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ބޭންކަށް ފުރިހަމަ ނުކުރެވިއްޖެނަމަ، ވިޔަފަރީގެ ގުޅުމެއް ގާއިމުކޮށް ނުވަތަ ދަމަހައްޓައި ނުވަތަ ސިންގަލް ޓްރާންސެކްށަންއެއް ފުރިހަމަކޮށްގެން ނުވާނެއެވެ. އަދި އެ ހާލަތުގައި އެކަން ށައްކުކުރެވޭ މުއާމަލާތެއްގެ ގޮތުގައި ހުށަހަޅަންޖެހޭކަމަށް ބެލެވޭނަމަ، އެކަން ށައްކުކުރެވޭ މުއާމަލާތެއްގެ ގޮތުގައި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަރ ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުން ބޭންކަށް ހާޒިރުނުވެ ގާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ މުއާމަލާތްތައް

ބޭންކަށް ހާޒިރުނުވެ ގާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ސަބަބުން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް އޮންނަ ރިސްކުތަކަށް ފިޔަވަޅު އެޅުމަށްޓަކައި އެކަށީގެންވާ ޕޮލިސީތަކާއި އުސޫލުތައް ބޭންކުތަކުން ގާއިމުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ – ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރާ ފިޔަވަޅުތައް

(ހ) ވިޔަފާރީގެ ގުޅުންތަކާ އަދި މުއާމަލާތްތަކުގެ ތެރެއިން، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކުބޮޑު ކަމަށް ބެލެވޭ ވިޔަފާރީގެ ގުޅުންތަކާ އަދި މުއާމަލާތްތައް ހިންގުމުގައި، ފަރުވާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން، ކޮންމެ ބޭންކަކުންވެސް، ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަންވާނެއެވެ.

(ށ) ކޮންމެ ބޭންކަކުންވެސް މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކުބޮޑު މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި އަދި މުއާމަލާތްތައް ގިންތި ކުރަންވާނެއެވެ. އަދި އަންނަނިވި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި މުއާމަލާތްތަކަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކުބޮޑު މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާ އަދި މުއާމަލާތްތައްކަމަށް ކަނޑައަޅަންވާނެއެވެ.

  1. ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން؛
  2. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާ ގައުމުތަކަށް ނިސްބަތްވާ ފަރާތްތައް؛
  3. ބޭންކަށް ހާޒިރުނުވެ ގާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް؛ އަދި
  4. އޮތޯރިޓީން ކަނޑައަޅާ އެހެން، މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކާއި މުއާމަލާތްތައް.

(ނ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކު ބޮޑު ކަމަށް ބެލެވޭ ހާލަތްތަކުގައި ފަރުވާތެރިކަމުގެ އިތުރު ފިޔަވަޅުތައް ބޭންކުން އަޅަންވާނެއެވެ. އަދި ހަމައެކަނި އަންނަނިވި ކަންކަމަށް ހުދޫދުނުވާ ގޮތުގެ މަތިން، ފަރުވާތެރިވުމުގެގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނޭނެއެވެ.

  1. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި އަދި ބެނެފިށަލް އޯނަރާބެހޭ އިތުރު މައުލޫމާތު ހޯދުން؛
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ އަދި ބެނެފިށަލް އޯނަރުގެ ތަނަވަސްކަން އަދި ފައިސާ ހޯދިގޮތް، އެކަށީގެންވާ ރަނގަޅު މަސްދަރުތަކުގެ އަލީގައި ދެނެގަތުން؛
  3. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކާއެކު ވިޔަފާރީގެ ގުޅުން ގާއިމުކުރުމުގެ ކުރިންނާއި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކާއެކު އޮތް ވިޔަފާރީގެ ގުޅުމެއް ދެމެހެއްޓުމުގައި ބޭންކުގެ އިސްވެރިންގެ ހުއްދަ ހޯދަން؛
  4. މުދަލާއި ހިދުމަތްހޯދާ ފަރާތާއެކު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކޮށް މޮނިޓަރ ކުރުމާއި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާ އަދި ބެނެފިށަލް އޯނަރު ދެނެގަތުމަށް ހޯދާފައިވާ މައުލޫމާތު ގަވާއިދުން އަޕްޑޭޓްކުރުން.

 

14  ވަނަ މާއްދާ – ފަރުވާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުން

(ހ) ކޮންމެ ބޭންކަކުންވެސް މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއެކު އޮންނަ ވިޔަފާރީގެ ގުޅުމާމެދު ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅަންވާނެއެވެ. އަދި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުން ހިންގާ މުއާމަލާތްތަކަކީ ބޭންކަށް ލިބިފައިވާ އެ ފަރާތުގެ މައުލޫމާތާއި ރިސްކް ޕްރޮފައިލް އާއި އެ ފަރާތުން ކުރާ ވިޔަފާރީގެ ހަރަކާތްތަކާ އެއްގޮތްވާ މުއާމަލާތްތައް ކަން ޔަގީންކުރުމަށްޓަކައި އެ މުއާމަލާތްތައް މޮނިޓަރކޮށް ބަލަހައްޓަންވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އެފަރާތުން ފައިސާހޯދި ގޮތް ދެނެގަންނަން ވާނެއެވެ.

(ށ) ފަރުވާތެރިވުމުގެ ފިޔަވަޅުތައް ގަވާއިދުންއެޅުމުގައި އެ ފިޔަވަޅުތައް އަޅާ ދުރުމިނަކީ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ރިސްކް ޕްރޮފައިލްއާއި ކުރެވޭ މުއާމަލާތުގެ ބާވަތަށް ބަލައި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް އޮންނަ ރިސްކުގެ މިންވަރަށް އެކަށީގެންވާ ދުރުމިނަކަށް ވާންވާނެއެވެ.

 

15 ވަނަ މާއްދާ – މުއާމަލާތްތައް މޮނިޓަރކުރުން

(ހ) އާންމުކޮށް ކުރެވޭ މުއާމަލާތްތަކާ ތަފާތު މުއާމަލާތްތަކާއި، އާދަޔާ ހިލާފު ބޮޑެތި އަދަދުތައް ހިމެނޭ މުއާމަލާތްތަކާއި، އަދި އާދަޔާ ހިލާފު ގޮތްގޮތަށް ކުރެވޭ މުއާމަލާތްތަކަކީ އޭގައި އިގްތިސާދީ ބޭނުމެއް ނެތި ނުވަތަ ގާނޫނީގޮތުން ހުއްދަކުރާ ބޭނުމެއް ނެތި ކުރެވޭ މުއާމަލާތްތަކެއް ކަމަށް ފެންނަނަމަ، އެފަދަ މުއާމަލާތްތައް ކުރުމުގައި ބޭންކުތަކުން ހާއްސަ ސަމާލުކަމެއްދީގެން ބަލަންވާނެއެވެ.

(ށ) ބޭންކުތަކާއެކު މުއާމަލާތެއް ހިންގާ ފަރާތަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްނުކުރާ ގައުމެއްގައި ދިރިއުޅޭ ފަރާތެއް ކަމުގައިވާނަމަ، އެފަރާތާއެކު ބޭއްވޭ ވިޔަފާރީގެ ގުޅުންތަކާއި ކުރެވޭ މުއާމަލާތްތަކާމެދު ހާއްސަ ސަމާލުކަމެއް ބޭންކުތަކުން ބަހައްޓަންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރޭގައި ގާނޫނީ ށަހުސުތައްވެސް ހިމެނެއެވެ. އަދި އެފަދަ ގައުމުތަކާބެހޭ މައުލޫމާތު ބޭންކުތަކަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަންގަންވާނެއެވެ.

 

ތިންވަނަ ބާބު

ރިކޯޑުތައް ބެލެހެއްޓުން

16. ވަނަ މާއްދާ – ރިކޯޑުތައް ބެލެހެއްޓުން

(ހ) ހުރިހާ ބޭންކުތަކަކުންވެސް ވިޔަފާރިއާ ގުޅިގެން ބަދަލުކުރެވޭ ލިޔުންތަކާ ރިކޯޑުތައް އަދި ވަކިން ހާއްސަކޮށް މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ހޯދާ ލިޔުންތަކާއި ރިކޯޑުތައް ބޭންކުން ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ބެނެފިށަލް އޯނަރުންނާއި މި ގަވާއިދުގެ ދަށުން ކޮންފަރާތެއްކަން ދެނެގަންނަން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަކީ ކޮން ފަރާތެއްކަން ޔަގީންކުރުމަށް ހޯދާ ލިޔުންތަކާއި ރިކޯޑުތައް ހިމެނޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން ބޭންކުތަކުން އަންނަނިވި މައުލޫމާތާއި ރިކޯޑުތައް ބަހައްޓަންވާނެއެވެ.

  1. ކޮންފަރާތެއްކަން ދެނެގަތުމަށް ހޯދާ މައުލޫމާތާއި، އަދި ކޮންފަރާތެއްކަން ޔަގީންކުރުމަށްޓަކައި ހޯދާ މައުލޫމާތު ގުޅޭ ލިޔުންތަކުގެ ކޮޕީތައް؛
  2. ށައްކުކުރެވޭ މުއާމަލާތަކާ ގުޅިގެން ބޭންކުން ކުރާ އެތެރޭގެ ދިރާސާތަކަށް ހޯދާ ލިޔުންތަކާ ރިކޯޑުތައް؛
  3. ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާފައިވާ ށައްކުކުރެވޭ މުއާމަލާތަލާގުޅޭ ރިކޯޑުތައް؛ އަދި
  4. ބޭރުގެ މާލީ އިދާރާއަކާއެކު ކޮރެސްޕޮންޑެންޓް ބޭންކިންގ ގުޅުމެއް ގާއިމުކުރުމުގެ ކުރީން ގާނޫނުގެ 16 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށްޓަކައި ބޭންކުން ހޯދާފައިވާ މައުލޫމާތު.

(ނ) މި މާއްދާގެ ދަށުން ބަހައްޓާ ރިކޯޑުތައް އަންނަނިވި މުއްދަތުތަކަށް ބަހައްޓަންވާނެއެވެ.

  1. ސިންގަލް ޓްރާންސެކްށަންއަކާ ގުޅިގެން ހޯދާ ލިޔުންތަކާއި ރިކޯޑުތައް، އެ މުއާމަލާތެއް ފުރިހަމަ ކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމަށް ހޯދާފައިވާ މައުލޫމާތާއި ސިންގަލް ޓްރާންސެންށަންއާ ގުޅޭގޮތުން ހޯދާފައިވާ އެހެނިހެން މައުލޫމާތުތައް ހިމެނޭނެއެވެ.
  2. ވިޔަފާރީގެ ގުޅުމަކާ ގުޅޭގޮތުން ހޯދާފައިވާ ލިޔުންތަކާއި ރިކޯޑުތައް، އެ ގުޅުމެއް ނިމުމަކަށް ގެންނަ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމަށްޓަކައި ހޯދި މައުލޫމާތާއި، މުއާމަލާތްތަކުގެ ހިސްޓްރީ، އަދި ވިޔަފާރީގެ ގުޅުމާ ބެހޭގޮތުން ހޯދާ އެހެނިހެން މައުލޫމާތާއި ލިޔުންތައް ހިމެނޭނެއެވެ.
  3. ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އެހެން ގޮތަކަށް ނާންގާހައި ހިނދަކު، ށައްކުކުރެވޭ މުއާމަލާތަކާ ގުޅޭގޮތުން ހުށަހަޅާ ރިޕޯޓުތަކާއި އެ ރިޕޯޓުތަކާ ގުޅޭ ލިޔުންތައް، އެ ރިޕޯޓު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ރިޕޯޓުހުށަހެޅުމާއި މޮނިޓަރކުރުން

17 ވަނަ މާއްދާ – ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް މައުލޫމާތު ފޮނުވުން

ގާނޫނުގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަދާކުރަންޖެހޭ ޒިންމާތަކާއި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެ ޔުނިޓުން އަންގާ މައުލޫމާތު، ކޮންމެ ބޭންކަކުން ވެސް އެ ޔުނިޓަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ށައްކުކުރެވޭ މުއާމަލާތްތައް ރިޕޯޓުކުރުން

(ހ) ވަކި ފައިސާއެއް ނުވަތަ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ނުވަތަ މުދަލެއް ކަމަށް، ނުވަތަ މަނީ ލޯންޑްރީންގގެ ހަރަކާތަކާ ގުޅުންހުރި ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާ ގުޅުންހުރި ފައިސާއެއް ނުވަތަ މުދަލެއް ކަމަށް ބޭންކަކަށް ށައްކުކުރެވިއްޖެނަމަ، ނުވަތަ ށައްކުކުރެވޭ ފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، އެ ށައްކެއް އުފެދުމުން ނުވަތަ އެފަދަ ސަބަބެއް ފާހަގަކުރެވުމުން ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ބަޔާންކޮށް، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ.

(ށ) ވަކި ފައިސާއެއް ނުވަތަ މުދަލަކީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ފައިސާ ނުވަތަ މުދަލެއް ކަމަށް، ނުވަތަ އެއިން ފަރާތަކާ ގުޅުންހުރި ފައިސާއެއް ނުވަތަ މުދަލެއް ކަމަށް ބޭންކަކަށް ށައްކުކުރެވިއްޖެނަމަ، ނުވަތަ ށައްކުކުރެވޭ ފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، އެ ށައްކެއް އުފެދުމުން ނުވަތަ އެފަދަ ސަބަބެއް ފާހަގަކުރެވުމުން ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ބަޔާންކޮށް، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ.

  1. ޔުނައިޓެޑް ނޭށަންސް ޗާޓަރުގެ ހަތްވަނަ ޗެޕްޓަރުގެ ދަށުން ޔުނައިޓެޑް ނޭށަންސްގެ ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާ ފަރަތްތައް؛ އަދި
  2. ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ކަނޑައަޅާ އެހެން ފަރާތްތައް.

 

19 ވަނަ މާއްދާ – މުއާމަލާތްތައް ހިންގުން ފަސްކުރުން

(ހ) މަނީ ލޯންޑްރިންގގެ ހަރަކާތަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާ ގުޅުންހުރި މުއާމަލާތެއް ކަމަށް ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާ ގުޅުންހުރި މުއާމަލާތެއް ކަމަށް ށައްކުކުރެވޭ އެއްވެސް މުއާމަލާތެއް، ބޭންކަކުން ކުރަންވާނީ، އެ މުއާމަލާތެއްގެ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމަށްފަހު، އެ މުއާމަލާތެއް ހިންގުމާމެދު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ވަކި ގޮތެއް އެންގުމުންނެވެ.

(ށ)  މި މާއްދާގެ (ހ) ގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅޭ މުއާމަލާތަކީ، ސީރިއަސް ނުވަތަ ކޮންމެހެން އަވަސް ފިޔަވަޅެއް އަޅަންޖެހޭ މައްސަލައެއް ހިމެނޭ މުއާމަލާތެއް ކަމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފެންނަނަމަ، 72 (ހަތްދިހަ ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާނެ މުއްދަތަކަށް އެ މުއާމަލާތެއް ކުރިއަށް ނުގެންގޮސް ހިފެހެއްޓުމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އެންގިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ކުރުން ހުއްޓުވާލުމަކީ ކުރެވެން ނެތްކަމެއް ކަމުގައިވާނަމަ ނުވަތަ އެފަދަ މުއާމަލާތެއް ކުރުން ހުއްޓުވާލުމަށް އެ މުއާމަލާތަކާގުޅޭ ބެނެފިށަރީއަކީ ކޮން ފަރާތެއްކަން ދެނެގަތުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭނަމަ، ބޭންކުން އެ މުއާމަލާތެއް ކުރުމަށްފަހު އެކަން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ވަގުތުން އަންގަންވާނެއެވެ.

 

20 ވަނަ މާއްދާ - ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ރިޕޯޓުކުރުން

ކޮންމެ ބޭންކަކުން، އެ ބޭންކުން ކޮށްފައިވާ 200,000 (ދެ ލައްކަ) ރުފިޔާ އާއި އެއަށްވުރެ މަތީގެ އަދަދެއްގެ ނަގުދު ފައިސާ ގެ މުއާމަލާތްތައް، އަދި މި އަދަދަށްވާ އަދި  މި އަދަދަށް ވުރެ މަތީ އަދަދަށްވާ ނަގުދު ބޭރު ފައިސާގެ މުއާމަލާތްތައް، ނުވަތަ އެހެން އަދަދެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ އެ އަދަދުގެ މުއާމަލާތްތައް، އަދި ގުޅިފައިވާ ކަމަށް ބެލެވޭ މުއާމަލާތްތަކެއްގެ ޖުމުލަ އަދަދު މި އަދަދާ އެއްވަރުވާނަމަ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ އެ މުއާމަލާތްތައް، ހަފުތާއަކު އެއްފަހަރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި ނަގުދު ފައިސާގެ މުއާމަލާތްތައް ކަމަށް ބުނެފައިއެވަނީ ނަގުދު ފައިސާއިން ކުރާ މުއާމަލާތްތަކާއި، އަދި ޗެކް، ބޭންކް ޑްރާފްޓް، ޓްރަވެލަރސް ޗެކް އަދި އެހެން ބެއަރަރ ނެގޯށިއަބަލް އިސްޓްރުމަންޓް އިން ކުރާ މުއާމަލާތްތަކަށެވެ.

 

21 ވަނަ މާއްދާ – ޓްރާންސްފަރކުރުމުގެ މުއާމަލާތްތައް ރިޕޯޓުކުރުން

ކޮންމެ ބޭންކަކުން، އެއް މުއާމަލާތެއްގެ ގޮތުގައި ނުވަތަ ގުޅިފައިވާ ކަމަށް ބެލެވޭ މުއާމަލާތްތަކެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ އެތެރޭގެ އަދި ދިވެހިރާއްޖެއިން ބޭރަށް ކޮށްފައިވާ، 200,000 ( ދެ ލައްކަ) ރުފިޔާއާއި އެއަށްވުރެ މަތީގެ އަދަދެއްގެ ޓްރާންސްފަރތައް، އަދި މި އަދަދާ އެއްވަރުގެ އަދި މި އަދަދަށް ވުރެ މަތީ އަދަދަށްވާ ބޭރު ފައިސާގެ ޓްރާންސްފަރތައް، ނުވަތަ އެހެން އަދަދެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ އެ އަދަދުގެ ޓްރާންސްފަރތައް، ހަފުތާއެކު އެއްފަހަރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރަންވާނެއެވެ. މި ގޮތުން ފޮނުވާ ރިޕޯޓުގައި ވަޔަރ ޓްރާންސްފަރ އަދި އިލެކްޓްރޯނިކް ޓްރާންސްފަރތައް ހިމަނަންވާނެއެވެ.

(ށ) ބޭންކުތަކުން ކުރާ އަންނަނިވި ޓްރާންސްފަރތައް މި މާއްދާގެ (ހ) ދަށުން ރިޕޯޓުކުރާކަށް ނުޖެހޭނެއެވެ.

  1. ބޭންކުތަކުގެ މެދުގައި ކުރާ ޓްރާންސްފަރ، އެ ޓްރާންސްފަރއަކީ ޓްރާންސްފަރގެ އޮރިޖިނޭޓަރ އަދި ބެނެފިށަރީއަކީ ވެސް ބޭންކަކަށް ވެފައި، އެޓްރާންސްފަރ ހަދަނީ އެ ދެ ބޭންކުގެ އަމިއްލަ ބޭނުމަށް ކަމުގައި ވާނަމަ؛ ނުވަތަ
  2. ބޭންކާއި އޮތޯރިޓީއާ ދެމެދު ކުރާ ޓްރާންސްފަރ، އެ ޓްރާންސްފަރ އަކީ ޓްރާންސްފަރ ގެ އޮރިޖިނޭޓަރ އަދި ބެނިފިށަރީ އަކީ ބޭންކެއް ނުވަތަ އޮތޯރިޓީ ކަމަށް ވެފައި، އެ ޓްރާންސްފަރ ހަދަނީ ދެ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމުގައި ވާނަމަ.

 

22 ވަނަ މާއްދާ – ވަކިފަރާތަކާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅައިފިކަން ހާމަނުކުރުން

ބޭންކެއް ނުވަތަ ބޭންކެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް، ނުވަތަ މުވައްޒަފެއް، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާބެހޭ ރިޕޯޓެއް އެ ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާބެހޭ ތަހްގީގެއް ކުރާކަން ނުވަތަ ކުރަން އުޅޭކަން އެ ބޭންކުގެ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް އެއްވެސް ހާލަތެއްގައި ހާމަކޮށްގެންނުވާނެއެވެ.

 

ފަސްވަނަ ބާބު

ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދޭ އިމްތިޔާޒު

23  ވަނަ މާއްދާ - ށައްކުކުރެވެ މުއާމަލާތްތައް ހެޔޮ ނިޔަތުގައި ރިޕޯޓުކުރާ ފަރާތްތަކަށް ލިބިދޭ އިމްތިޔާޒު

މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހެޔޮ ނިޔަތުގައި ރިޕޯޓުތަކާއި މައުލޫމާތު ހުށަހެޅުން، އެ ހުށަހަޅާ ބޭންކެއް، ނުވަތަ ބޭންކެއްގެ ޑައިރެކްޓަރެއްގެ ނުވަތަ އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ މައްޗަށް، ބޭންކިންގ ސީކްރަސީއާ ނުވަތަ ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެއެވެ. އަދި އެފަދަ ފަރާތެއްގެ މައްޗަށް އިދާރީ ނުވަތަ އިސްލާހީ ފިޔަވަޅެއްވެސް ނޭޅޭނެއެވެ.

 

24 ވަނަ މާއްދާ - ށައްކުކުރެވެ މުއާމަލާތެއް ހިންގާ ފަރާތްތަކަށް ލިބިގެންވާ އިމްތިޔާޒު

(ހ) ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހެޔޮ ނިޔަތުގައި ރިޕޯޓުކޮށްފައިވާ މުއާމަލާތެއް ހިންގުމަކުން، އެ މުއާމަލާތެއް ހިންގި ބޭންކެއް ނުވަތަ އެ ބޭންކެއްގެ ޑައިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށުގެ ދައުވާއެއް ނުކުރެވޭނެއެވެ.

(ށ) ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައާއި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އެދުމަކަށް މުއާމަލާތެއް ހިންގާ ކޮންމެ ފަރާތަކަށް މި މާއްދާގެ ދަށުން އިމްތިޔާޒު ލިބިދެވޭނެއެވެ.

 

ހަވަނަ ބާބު

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް ޕްރޮގުރާމްތައް ހިންގުން

25 ވަނަ މާއްދާ - މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި ބޭންކުން ޕްރޮގުރާމްތައް ހިންގުން

(ހ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައނޭންސްކުރުން ހުއްޓުވުމަށްޓަކައި ކޮންމެ ބޭންކަކުން ވެސް އަންނަނިވި ކަންކަން ހިމެނޭގޮތުން އިންޓަރނަލް ޕްރޮގުރާމްތައް ރާވައި، ހިންގަންވާނެއެވެ.

  1. މުވައްޒަފުން އައްޔަންކުރުމަށް ގެންގުޅޭ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި އިންޓަރނަލް ޕޮލިސީތަކާއި އުސޫލުތަކާއ ކޮންޓްރޯލްތައް ގާއިމުކުރުމާއި، އެ އުސޫލުތަކަށް އަމަލުކުރެވޭތޯ ބެލުމަށް މެނޭޖްމަންޓުން ގޮތްތަކެއް ހަމަޖައްސައި އަދި އެފަރާތްތައް ސްކްރީންކުރާނެ ރަނގަޅު އުސޫލުތަކެއް ކަނޑައެޅުން؛
  2. ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދޭތޯ ބެލުމަށާއި، އެ ފިޔަވަޅުތަކުގެ ހަރުދަނާކަން ދެނެގަތުމަށްޓަކައި އިންޓަރނަލް އޮޑިޓްތައް ކުރިއަށްގެންދިޔުން.
  3. ބޭންކުގެ ސިސްޓަމްތަކާއި ރިކޯޑުތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި އިންޓަރނަލް ކޮންޓްރޯލް ފިޔަވަޅުތައް ގާއިމުކުރުން.

(ށ) ކޮންމެ ބޭންކަކުން ވެސް އެ ބޭންކެއްގެ މުވައްޒަފުންނަށާއި އެ ބޭންކެއްގެ އެޖެންޓުންނަށް، އަންނަނިވި ކަންކަމުގައި ތަމްރީނު ދޭންވާނެއެވެ.

  1. ގާނޫނާއި މި ގަވާއިދާއި އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ބޭންކުން އެކަށައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތައް.
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ރައްކާތެރިވުމުގެ ގޮތުންފިޔަވަޅުތައް އަޅާނެ ގޮތްތަކާއި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ބެނިފިށަރީ ދެނެގަންނާނެ ގޮތްތައް.
  3. ށައްކުކުރެވޭ މުއާމަލާތްތައް ދެނެގަންނާނެ ގޮތްތަކާއި ރިޕޯޓުކުރާނެ ގޮތްތައް.
  4. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ބޭންކުގެ މުވައްޒަފުންނާއި އޭޖެންޓުންގެ ޒިންމާތަކައި މަސްއޫލިއްޔަތުތައް.

(ނ) ކޮންމެ ބޭންކަކުން، އެ ބޭންކުގެ ހަރަކާތްތައް ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމަށްޓަކައި މެނޭޖްމަންޓް ފެންވަރުގައި ކޮމްޕްލަޔަންސް އޮފިސަރެއް ކަނޑައަޅާފައި ހުންނަންވާނެއެވެ. އަދި، އެ އޮފިސަރގެ ނަމާއި ގުޅޭނެ ނަންބަރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އަންގަންވާނެއެވެ.

 

26  ވަނަ މާއްދާ – އިދާރީ ފިޔަވަޅު

(ހ) ބޭންކަކުން، ނުވަތަ ބޭންކެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއް މި ގަވާއިދާ ހިލާފުވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ އިދާރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެ ފަރާތަކާމެދު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އެޅިދާނެއެވެ.

  1. ހިލާފުވި ހިލާފުވުން ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ލިޔުމުން އެންގުން؛
  2. 10,000 (ދިހަހާސް) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  3. ހިލަފުވި ހިލާފުވުން ރަނގަޅުކުރުމަށް ދެވޭ މުއްދަތުގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެކަމެއް ރަނގަޅުކުރަންދެން ހިނގާ ކޮންމެ ދުވަހަކަށް 10,000 (ދިހަހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ށ) މި މާއްދާގެ (ހ) ދަށުން އަޅާ އިދާރީ ފިޔަވަޅު އޮތޯރިޓީން އާމުކުރެވިދާނެއެވެ.

 

ހަތްވަނަ މާއްދާ

އިންތިގާލީ ކަންތައްތައް އަދި މާނަކުރުން

27 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަންފަށާއިރު ހުރި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތައް

ހުރިހާ ބޭންކުތަކުން ވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް، މި ގަވާއިދަށް އަމަލުކުރަން ފެށިއިރު ހުރި އެ ބޭންކެއްގެ ހުރިހާ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާ ގުޅޭ ގޮތުން، އަޅައި ފުރިހަމަކުރަންވާނެއެވެ.

 

28 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ ނުވަތަ ތިރީގައި މާނަކޮށްފައިނުވާނަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި ނުވަތަ އިބާރާތްތަކުގެ މާނައަކީ އެ ލަފުޒުތަކަށް ނުވަތަ އިބާރާތްތަކަށް ގާނޫނުގައި ދީފައިވާ މާނައެވެ.

"އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ރަސްމީގޮތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ބޭންކެއްގެ ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް އުފުލާ އުފުލާ ތަބީއީ ނުވަތަ ގާނޫނީ ށަހުސަކަށެވެ.

"ބޭންކު" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި "ބޭންކު" އަށް ދެވިފައިވާ މާނައިގައިއެވެ.

ވަޔަރ ޓްރާންސްފަރ ނުވަތަ ވެލިއު ޓްރާންސްފަރއާ ގުޅޭގޮތުން "ބެނިފިށަރީ" ކަމަށް ބުނެފައިއެވަނީ ފޮނުވާ ފައިސާ އެ ފަރާތަކަށް ނުވަތަ އެފަރާތެއްގެ ބޭނުމަށް ލިބޭ ފަރާތަށެވެ.

"ބެނިފިށަރީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބެނިފިށަރީގެ އެކައުންޓަށް ފައިސާ ލިބޭ ބެންކަށެވެ. މީގެ ތެރޭގައި ވަޔަރ ޓްރާންސްފަރ ނެބިފިށަރީ ވެސް ހިމެނޭނެއެވެ.

"ބެނިފިށަރީ އޯނަރ" ކަމަށް ބުނެފައި އެވަނީ ގާނޫނުގައި ދީފައިވާ މާނައިގައެވެ.

"ވިޔަފާރި ގުޅުން" ކަމަށް ބުނެފައި އެވަނީ، ވަކި މުއްދަތަކަށް ގުޅުން ދެމެހެއްޓޭނެ ކަމަށް، ގުޅުން ގާއިމުކުރެވޭ އިރު ބޭންކުން ބެލެވޭ، އެ ބޭންކަކާއި އެ ބޭންކެއްގެ ކަސްޓަމަރާ ދެމެދު އޮންނަ ވިޔަފާރި ނުވަތަ ފަންނީ ގުޅުމަށެވެ.

"ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް" ނުވަތަ "ޔުނިޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ގާއިމުކުރެވޭ ޔުނިޓަށެވެ.

"ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގަނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން  ހުއްޓުވުމުގެ ގާނޫނު) އަށެވެ.

"ގާނޫނީ އެރޭންޖްމަންޓް" ކަމަށް ބުނެފައިއެވަނީ އެކްސްޕްރެސް ޓްރަސްޓް އާއި އެފަދަ އެހެން ވެސް ގާނޫނީ އެރޭންޖްމަންޓްތަކަށެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 ( މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) ގެ ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ އޮތޯރިޓީ އަށެވެ.

"އޮރިޖިނޭޓަރ" ކަމަށް ބުނެފައި އެވަނީ، އެ ފައިސާ ފިނުވާ ފަރާތަށެވެ.

"ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ދީފައިވާ މާނައިގައެވެ.

"ކުށް ކޮށްގެން ހޯދާފައިވާ މުދާ" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ދެވިފައިވާ މާނައިގައެވެ.

"ސިންގަލް ޓްރާންސެކްށަން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީ ގުޅުމެއްގެ ބޭރުން ކުރާ މުއާމަލާތްތަކަށެވެ.

"ވަޔަރ ޓްރާންސްފަރ" ކަމަށް ބުނެފައި އެވަނީ، ބެނިފިށަރީ އަށް ފައިސާ ލިބޭނެ ގޮތް ހެދުމަށްޓަކައި ބެނިފިށަރީ އިދާރާއަށް ލިބޭނެ ގޮތް ހެދުމަށް، އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށް، އޮރިޖިނޭޓަރގެ ފަރާތުން ކުރާ މުއާމަލާތަށެވެ. މިފަދަ މުއާމަލާތުގެ ބެނިފިށަރީ އަދި އޮރިޖިނޭޓަރއަކީ އެއްފަރާތެއް ކަމަށް ވީނަމަވެސް، ބެލެވޭނީ ވަޔަރ ޓްރާންސްފަރއެއް ގޮތުގައެވެ.

 

މައި ގާނޫނު

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު