ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 126/2015)
(މި ގަވާއިދުވަނީ ގަވާއިދު ނަންބަރު 2020-95 ގެ 4 ވަނަ މާއްދާއިން އުވާލެވިފައި)
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 1998-20 "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު" ގެ 22 ވަނަ މާއްދާއިން ބާރު ލިބިގެން މިނިސްޓްރީން ހަދާފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު" މިހެންނެވެ.
2 ވަނަ މާއްދާ - މަގްސަދު
(ހ) ދިވެހިރާއްޖޭގައި ހުރި ފަޅުރަށްތަކުން އާންމުވެގެންވާ މަންފާއެއް ދައުލަތަށާއި ރައްޔިތުންނަށް ލިބެނިވިގޮތަކަށް ފަޅުރަށްރަށް ވަރުވާއަށާއި ކުއްޔަށް ދިނުމުގެ ކަންކަން ވީހާވެސް ހާމަކަންބޮޑު، އިންސާފާއި ހަމަހަމަކަމާއެކު ދެފުށް ފެންނަފަދަ ގޮތަކަށް އިންތިޒާމްކުރުން.
(ށ) ދެމެހެއްޓެނިވި ގޮތަކަށް ގުދުދުރަތީ ވެށި ރައްކާތެރިކުރެވޭނެ ގޮތެއްގެ މަތިން ދިވެހިރާއްޖޭގައި ހުރި ފަޅުރަށްތައް، ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި، އިގްތިސާދީ ގޮތުން އެންމެ އެކަށީގެންވާ ގޮތަކަށް ބޭނުންކުރުން.
3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
މިގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
4 ވަނަ މާއްދާ - އުވާލެވޭ ގަވާއިދުތައް
މިގަވާއިދަށް އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުން ގެންދިޔަ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު" އުވުނީއެވެ. ނަމަވެސް އެގަވާއިދުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށާއި އަދި ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އެއްބަސްވުންތަކުގައިވާ ގޮތުގެމަތީން ޢަމަލު ކުރެވޭނެއެވެ.
ފަޅުރަށްރަށް ކުއްޔަށް ދޫކުރުން
5 ވަނަ މާއްދާ - ފަޅުރަށްރަށް ކުއްޔަށް ދޫކުރުން
ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ 2 (ދޭއް) ގޮތަކަށެވެ. އެއީ ގާނޫނު ނަންބަރު 1999-20 "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު" ގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން މިގަވާއިދުގައި ބަޔާންކުރާ އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) އާންމުކޮށް އިއުލާން ކޮށްގެން ބީލަމުގެ އުސޫލުން ފަޅުރަށްރަށް ކުއްޔަށް ދޫކުރުން.
(ށ) އާންމުކޮށް އިއުލާން ނުކޮށް، މިގަވާއިދުގެ 6 ވަނަ މާއްދާގައިވާ ށަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތީން ފަޅުރަށްރަށް ކުއްޔަށް ދޫކުރުން
6 ވަނަ މާއްދާ - އިއުލާން ނުކޮށް ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ށަރުތުތައް
މިގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ ތިރީގައިވާ ށަރުޠުތައް ފުރިހަމަވާނަމައެވެ.
- ސަރުކާރުގެ ސިޔާސަތެއް ނުވަތަ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށްޓަކައި ހުށަހެޅޭ ހުށަހެޅުމަކަށްވުން.
- ފަޅުރަށުގައި ކުރަން ހުށަހަޅާ މަސައްކަތަކީ އެއިރެއްގައި ރާއްޖޭގައި އާންމުކޮށް ނެތް މުޑުވަކެއް ނުވަތަ ނެތް ޕްރޮޑަކްޓެއް ނުވަތަ ނެތް ޓެކްނޮލޮޖީއެއް ރާއްޖޭގައި އާންމުކުރުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައިވުން ނުވަތަ ކުރަން ހުށަހަޅާ މަސައްކަތުގެ ފުރަތަމަ 5 (ފަހެއް) އަހަރުގެ އިންވެސްޓްމެންޓަކީ 10،000،000 (ދިހަ މިލިއަން) ރުފިޔާއަށް ވުރެ މަތީ އިންވެސްޓްމެންޓަކަށް ވުން
- އެކުއިޒިށަން ފީގެގޮތުގައި 5 (ފަހެއް) އަހަރުދުވަހުގެ ކުއްޔަށްވާ ފައިސާ ސަރުކާރަށް އެއްފަހަރާ ދެއްކުން (މިފައިސާއަކީ ރަށުގެ ކުލީގެ ގޮތުގައި ހިމެނޭ ފައިސާއެއް ނޫނެވެ. އަދި ވަކި މުއްދަތަކަށް ހިފެހެއްޓޭ ފައިސާއެއްވެސް ނޫނެވެ.
- ސީ.އެސް.އާރު ގެ ދަށުން މުޖްތަމައަށް ފައިދާ ކުރަނިވި ކަންތައް ތަކެއް ހުށަހެޅުން.
- ދިވެހިންނަށް، ހާއްސަކޮށް ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލުމާއެކު ވަޒީފާ ދިނުން.
7 ވަނަ މާއްދާ - ފަޅުރަށް ކުއްޔަށް ހިފުމަށް އެދި ހުށަހެޅުން
(ހ) ފަޅުރަށް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލް 1 ގައިވާފޯމުންނެވެ.
8 ވަނަ މާއްދާ - ކުއްޔަށް ދޫކުރެވޭ ފަޅުރަށްރަށާއި، ފަޅުރަށާއެކު ދޫކުރެވޭ ފަޅުގެ ސަރަހައްދު
(ހ) ފަޅުރަށެއްގެ ގޮތުގައި ކުއްޔަށް ދޫކުރެވޭނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެރަށަކީ ފަޅުރަށެއްކަމުގައި ކަނޑައަޅާފައިވާ ފަޅުރަށްތަކުގެ ތެރެއިން ކުއްޔަށް ދޫކުރުމަށް މިނިސްޓްރީއިން ކަނޑައަޅާ ކޮންމެ ފަޅުރަށެކެވެ.
(ށ) ކުއްޔަށް ދޫކުރާ ފަޅުރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ފަޅުރަށުގެ ވަށައިގެންވާ ފަޅުގެ 700 (ހަތްސަތޭކަ) މީޓަރުގެ ސަރަހައްދު އާންމު ބޭނުންތަކަށް، ފަޅުރަށް ކުއްޔަށް ހިފާފަރާތަށް ދޫކުރެވޭނެއެވެ. ނަމަވެސް އެއް ރަށަށްވުރެ ގިނަ ރަށް ހިމެނޭ ފަޅެއްނަމަ، ފަޅުރަށުގެ އިން ވަކިކުރާނީ ދެރަށްދެމެދު ހަމަހަމައަށް ބަހާލައިގެންނެވެ. އަދި ފަޅުރަށާއެކު ރަށުގެ ބައެއްގެ ގޮތުގައި ދޫކުރާ ފަޅުގެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރާނަމަ، އެމަސައްކަތެއް ކުރާ ސަރަހައްދަށް ކުލި ނެގޭނެއެވެ.
(ނ) ގުދުރަތީ ގޮތުން ރަށެއް އުފެދިފައިވާގޮތުގެ މައްޗަށް ރިއާޔަތްކޮށް ގާތްގާތުގައި ހުންނަ ކުދިކުދި ރަށްރަށް މައިރަށާއެކު ހޯދުމަށް އެދުމުން، އެއީ ކުއްޔަށް ދޫކުރާ ފަޅުރަށާއެކު ދެވޭ ފަޅުރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިހްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ - މާލީ އެކިއެކި ޓޫލްސް ބޭނުންކުރުން
މިގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ފަޅުރަށްތައް ދޫކުރުމުގައި އެރަށެއްގައި ކުރުމަށް ހުށަހަޅާ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގެމަތިން ކުރުމަށް ބާރުއެޅުމުގެ ގޮތުން މާލީ އެކިއެކި ޓޫލްސް ބޭނުންކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
10 ވަނަ މާއްދާ - އެޑްވާންސް ޕޭމަންޓް ދެއްކުން
މި ގަވާއިދުގެ ދަށުން މިނިސްޓްރީއިން ދިގުމުއްދަތަށް ކުއްޔަށް ދޫކުރާ ފަޅުރަށްރަށް ހަވާލުކުރުމަށް ނިންމާ ފަރާތުން ރެންޓް ގެރެންޓީގެ ގޮތުގައި އެފަޅުރަށެއްގެ އެއްއަހަރަށް ޖެހޭ ކުލީގެ މިންވަރު ނެގޭނެއެވެ. މި ފައިސާއަކީ އެއްބަސްވުމުގެ މުއްދަތަށް ބެހެއްޓޭފައިސާއެކެވެ. އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލުކޮށްފިނަމަ، ކުލީގެ ގޮތުގައި އެހާތަނަށް ނުދައްކާއޮތް މިންވަރު، އެ ފައިސާއިން އުނިކުރެވޭނެއެވެ.
11 ވަނަ މާއްދާ - ކުއްޔަށް ދޫކުރެވޭ ފަޅުރަށް އެހެން ފަޅުރަށަކަށް ބަދަލުކުރުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއް ކުއްޔަށް ހިފުމަށްފަހު، އެރަށެއް އެހެން ފަޅުރަށަކަށް ބަދަލުކޮށް ދެވޭނީ ހަމައެކަނި މިމާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައެވެ.
(ށ)
- އިންސާނާގެ ބާރުނުފޯރާ ކާރިސާއެއް ދިމާވެގެން އެފަޅުރަށެއްގައި ކުރުމަށް ހުށަހަޅާފައިވާ މަސައްކަތްތައް ނުކުރެވޭނެކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވުން.
- ސަރުކާރުގެ ސިޔާސަތެއްގެ ސަބަބުން ފަޅުރަށެއްގައި ކުރަމުން އަންނަ މަސައްކަތެއް ނުކުރެވޭ ގޮތް ދިމާވުން.
12 ވަނަ މާއްދާ - ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްތައް މޮނިޓަރކުރުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށްރަށް ކުއްޔަށް ދޫކުރި މަގްސަދާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާކަން ކަށަވަރުކުރުމަށް މިނިސްޓްރީއިން އެފަޅުރަށްތައް މޮނިޓަރ ކުރަންވާނެއެވެ
(ށ) މިނިސްޓްރީއިން ކަ ނޑައަޅާ އުސޫލެއްގެ ދަށުން މޮނިޓަރ ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި މޮނިޓަރ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖެއްސުމަކީ ފަޅުރަށް ކުއްޔަށް ހިފާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
13 ވަނަ މާއްދާ - އިންވެސްޓްމަންޓް އެހެން ފަރާތަކަށް ބަދަލުކުން ނުވަތަ ވިއްކާލުން
ކުންފުންޏަކަށް ނުވަތަ އަމިއްލަ ފަރުދަކަށް މިނިސްޓްރީއިން ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް އެހެންފަރާތަކަށް ބަދަލުކޮށް ނުވަތަ ވިއްކާލެވިދާނެއެވެ. އެގޮތުން އިންވެސްޓްމަންޓް ބަދަލުކޮށް ނުވަތަ ވިއްކާލެވޭނީ ތިރީގައިވާ ށަރުޠުތައް ފުރިހަމަވާނަމައެވެ.
- ފަޅުރަށުގައި ކުރުމަށް ހުށަހަޅާފައިވާ މަސައްކަތްތައް އަންގައިދޭ، މިނިސްޓްރީއާއެކު އެއްބަސްވެފައިވާ ވޯކްޕްލޭނާ އެއްގޮތަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ހުރުން.
- ފަޅުރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލާނަމަ، އެޑްމިނިސްޓްރޭޓިވް ފީ އެއްގެ ގޮތުގައި ފަޅުރަށުގެ އިންވެސްޓްމަންޓް ވިއްކާލާ އަގުގެ ނުވަތަ އެއްއަހަރު ދުވަހުގެ ކުލީގެ (މީގެން ބޮޑު އަދަދެއްގެ) %10 (ދިހައެއް އިންސައްތަ) އިންވެސްޓްމަންޓް ވިއްކާލާފަރާތުން ދައުލަތަށް ދެއްކުން.
ފަޅުރަށްތައް ވަރުވާ އަށް ދޫކުރުން
14 ވަނަ މާއްދާ - ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން
ފަޅުރަށް ވަރުވާއަށް ދޫކުރެވޭނީ އާންމުކޮށް އިއުލާންކޮށް ފަޅުރަށް ވަރުވާއަށް ގެންގުޅެން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށްބަލާ، އެންމެ ރަގަޅު ހުށަހެޅުމެއް ހުށަހަޅާފަރާތަކަށެވެ.
15 ވަނަ މާއްދާ - ފަޅުރަށް ވަރުވާއަށް ލިޔެދެވޭ މުއްދަތު
މިގަވާއިދުގެ ދަށުން ފަޅުރަށެއް ވަރުވާއަށް ދޫކުރެވޭނެ އެންމެދިގު މުއްދަތަކީ 10 (ދިހައެއް) އަހަރު ދުވަހެވެ.
16 ވަނަ މާއްދާ - ވަރުވާއަށް ދޫކުރެވޭނެ ފަޅުރަށްރަށް
ވުވާއަށް ދޫކުރެވޭނީ ދައުލަތުގެ ބޭނުމަކަށް ކަނޑައަޅާފައިވާ ފަޅުރަށާއި، ކުއްޔަށްދޫކޮށްފައިވާ ފަޅުރަށްރަށްފިޔަވައި، މިމިނިސްޓްރީގެ ހަވާލުގައި ހުންނަ ފަޅުރަށްތަކުގެ ތެރެއިން، ވަރުވާއަށް ދޫކުރުމަށް މިނިސްޓްރީއިން ކަނޑައަޅާ ރަށްތަކެވެ.
(ހ) މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެމަތިން ފަޅުރަށެއް ބައިކޮށް، އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަށް ވަރުވާއަށް ދޫކުރެވިދާނެއެވެ.
(ށ) ގުދުރަތީ ގޮތުން ރަށެއްއުފެދިފައިވާގޮތުގެ މައްޗަށް ރިއާޔަތްކޮށް ގާތްގާތުގައި ހުންނަ ކުދިކުދި ފަޅުރަށްރަށް އެއީ ވަރުވާއަށް ދޫކުރެވޭ ފަޅުރަށާއެކު ދެވޭ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) ފަޅުރަށެއް ވަރުވާއަށް ނަގައިގެން އުޅޭ ފަރާތަކުން އެފަޅުރަށާ ކައިރީގައިވާ އެހެން ފަޅުރަށެއް ވަރުވާއަށް ނަގަން ބޭނުންވެއްޖެނަމަ، އެރަށެއް ވަރުވާއަށް ދިނުމުގައި އެފަރާތަކަށް އިސްކަން ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
17 ވަނަ މާއްދާ - ފަޅުރަށްތައް ވަރުވާއަށް ދިނުމަށް އެދި ހުށަހެޅުން
(ހ) ފަޅުރަށެއް ވަރުވާއަށް ދިނުމަށް އެދި ހުށަހަޅާނީ މިގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމުންނެވެ.
(ށ) ފަޅުރަށެއް ވަރުވާ އަށް ދޫކުރެވޭނީ، މިނިސްޓްރީ އާއި އެފަޅުރަށެއް ވަރުވާއަށް ދިނުމަށް ކަ ނޑައަޅާ ފަރާތަކާއެކުވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
18 ވަނަ މާއްދާ - ވަރުވާއަށް ފަޅުރަށްތައް ދޫކުރެވޭނެ ފަރާތްތައް
(ހ) ފަޅުރަށެއް ވަރުވާ އަށް ދޫކުރެވޭނީ، މިނިސްޓްރީ އާއި އެފަޅުރަށެއް ވަރުވާއަށް ދިނުމަށް ކަނޑައަޅާ ފަރާތަކާއެކުވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
19 ވަނަ މާއްދާ - ފަޅުރަށްރަށް ވަރުވާއަށް ދީފައިވާ ފަރާތަކުން ވަކިކުރުން
(ހ) ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނާއި ނުވަތަ މިގަވާއިދާއި ނުވަތަ އެފަޅުރަށެއް ވަރުވާއަށް ދިނުމުގެ ށަރުޠަކާ ހިލާފްނުވާހާ ހިނދަކު، ފަޅުރަށެއް ވަރުވާއަށް ދީފައިވާ ފަރާތަކުން އެފަޅުރަށެއް ވަރުވާއަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވަކި ކުރެވޭނީ، ދައުލަތުގެ ބޭނުމަކަށް ސަރުކާރު ގަބޫލުކުރާ މަސައްކަތެއް ކުރުމަށް ނުވަތަ ރާއްޖޭގެ ދިފާއަށްޓަކައި އަޅަންޖެހޭ ފިޔަވަޅަކާ ގުޅިގެން ނުވަތަ އެފަރާތަކުން އަމިއްލައަށް އެދިގެން ނުވަތަ ރަށް ލިޔުއްވައިގެން އުޅޭ މީހާ ނިޔާވުމުން ނުވަތަ ލިޔުއްވައިގެން އުޅޭ ފަރާތަކީ ކުންފުންޏެއްނަމަ، އެފަރާތެއް އުވުމުން ނުވަތަ އުވާލުމުންނެވެ.
(ށ) ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނާ ނުވަތަ މި ގަވާއިދާ ނުވަތަ އެފަޅުރަށެއް ވަރުވާ އަށް ލިޔެދިނުމުގެ އެއްބަސްވުމާ ފަޅުރަށް ވަރުވާއަށް ދީފައިވާ ފަރާތުން ޚިލާފްވެއްޖެ ހިނދެއްގައި، ފަޅުރަށެއް ވަރުވާއަށް ދީފައިވާ ފަރާތުން ވަކިކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) މިނިސްޓްރީން ވަރުވާއަށް ދީފައިވާ ފަޅުރަށެއް، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނާއި ނުވަތަ މިގަވާއިދާއި ނުވަތަ އެފަޅުރަށެއް ވަރުވާއަށް ދިނުމުގެ އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން، އެފަޅުރަށެއް ދީފައިވާފަރާތަކުން ވަކިކޮށްފިނަމަ، ފަޅުރަށް ވަކި ކުރާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަސް ވަންދެން އެފަރާތަކަށް އަލުން ފަޅުރަށެއް ވަރުވާގެ ގޮތުގައި ނުދެވޭނެއެވެ.
20 ވަނަ މާއްދާ - ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއް ވަކިކުރުމުގައި ބަދަލު ދިނުން
(ހ) ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއް، ވަރުވާއަށް ދޫކޮށްފައިވާ ފަރާތުން ވަކިކުރާނަމަ ބަދަލު ދިނުމުގައި އަމަލުކުރާނީ މިގަވާއިދުގެ ދަށުން އެކުލަވައިލާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
21 ވަނަ މާއްދާ - ފަޅުރަށްރަށުގެ ވަރުވާ ކަނޑައެޅުން
(ހ) ފްޅުރަށްރަށުގެ ވަރުވާ ކަނޑައަޅާނީ ވަރުވާއަށް ފަޅުރަށެއްދޫކުރުމަށް އާންމުކޮށް އިއުލާންކޮށް، އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ރިއާއަތްކޮށް މިނިސްޓްރީއިންނެވެ.
(ށ) ފަޅުރަށްރަށުގެ ވަރުވާގެ ގޮތުގައި ކަނޑައަޅާ ފައިސާއަކީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ގަޑުކޮށްނެގޭ ފައިސާއެކެވެ.
22 ވަނަ މާއްދާ - ވަރުވާއަށް ދޫކުރާ ފަޅުރަށްރަށުގައި މަސައްކަތް ކުރުން
ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށެއްގައި އެއްވެސް މަސައްކަތެއް ކުރެވޭނީ އެމަސައްކަތެއް ކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހުއެވެ.
23 ވަނަ މާއްދާ - އެއްވެސް ފަރާތަކަށް ދޫނުކޮށް ހުންނަ ފަޅުރަށްތައް
އެއްވެސް ފަރާތަކަށް ދޫނުކޮށް ހުންނަ ފަޅުރަށްރަށް މިނިސްޓްރީއިން ކަނޑައަޅާ ފަރާތަކާ ބެލެހެއްޓުމަށް ހަވާލުކުރެވިދާނެއެވެ.
މި ގަވާއިދުގައިވާ ބަސްބަސް މާނަކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
24 ވަނަ މާއްދާ - މާނަކުރުން
- "ދައުލަތުގެ ބޭނުން" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގެ ތަރައްގީގެ މަށްރޫއެއްގެ ދަށުން ނުވަތަ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާކަމެއްގެ ސަބަބުން ނުވަތަ ރާއްޖޭގެ ބިނާވެށީގެ ޕްލޭންގެ ދަށުން ކުރިންސުރެވަކިކަމަށް ރޭވިފައިވާ ގައުމީ މަސައްކަތަކަށް، ނުވަތަ މުޅިގައުމުގެ އިގްތިސާދަށް ފައިދާ ކުރާނެ ފަދަ މަށްރޫއެއް ހިންގުމަށެވެ.
- "ވަރުވާ" ކަމުގައި ބުނެފައި އެވަނީ، މީލާދީ އަހަރަކަށް ވަރުވާގެ ގޮތުގައި ދެއްކުމަށް މިނިސްޓްރީއާއި ވަރުވާއަށް ރަށެއް ނަގާ ފަރާތާއެކު އެއްބަސްވެވޭ ކުއްޔަށެވެ.
- "ވަރުވާ އަށް ދޫކުރުން" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށްރަށުގެ ގުދުރަތީ ވެށްޓަށް ބަދަލު ނުގެނެސް ފަޅުރަށް ބެލެހެއްޓުން ހަވާލުކުރުމަށެވެ.
- "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ، އަށެވެ.
- "ސީ.އެސް.އާރް" ކަމުގައި ބުނެފައި އެވަނީ، މުޖުތަމައަށް ފައިދާ ކުރަނިވި ކަންތައްތަކެއް ކޮށްދިނުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށެވެ.
- "ފަޅުރަށް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެރަށަކީ ފަޅުރަށެއްކަމުގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ ވެއްޔާއި ގައު އަދި ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި އެތަނެއް ވަށައިގެންވާ ފަޅުގެ 700 މީޓަރުގެ ސަރަހައްދަށެވެ.
- "ފޯމު" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށެއް ކުއްޔަށް ނުވަތަ ވަރުވާގެ އުސޫލުން ނެގުމަށްއެދި މި ގަވާއިދުގެ ދަށުން ހުށަހަޅާ ފޯމަށެވެ.
- “އާންމު ބޭނުންތައް” ކަމުގައި ބުނެފައި އެވަނީ، ފަޅުރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ އޮޑިދޯނިފަހަރު ލަފާ ފުރުމާއި އަދި ފަޅުގައި ބާއްވަންޖެހޭ އޮޑިދޯނިފަހަރު ބޭއްވުމަށެވެ.
- " މާލީ އެކިއެކި ޓޫލްސް" ކަމުގައި ބުނެފައި އެވަނީ، މާލީ ގާބިލުކަން ކަށަވަރު ކޮށްދިނުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށެވެ. މިގޮތުން ބޭންކަކުން ނުވަތަ އަމިއްލަ ފަރާތަކުން ނުވަތަ ކުންފުންޏަކުން ދޫކުރާ، ސަރުކާރު ގަބޫލުކުރާ ލިޔެކިޔުންތައް ހިމެނޭނެއެވެ.
--------------------
ޖަދުވަލު 1
(މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ " ޓޫރިސްޓް ރިޒޯޓް ހެދުން ފިޔަވައި އިގްތިސާދީ އެކިއެކި މަސައްކަތް ކުރުމަށް، ފަޅުރަށް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމް" މިގަވާއިދުގެ ޕީޑީއެފް ފައިލްގައި ހިމެނިފައިވާނެއެވެ)
--------------------
ޖަދުވަލު 2
(މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ވަރުވާއަށް ފަޅުރަށް ހޯދުމަށް އެދި ހުށަހަޅާ ފޯމް" މިގަވާއިދުގެ ޕީޑީއެފް ފައިލްގައި ހިމެނިފައިވާނެއެވެ)
އުވި ގަވާއިދު
ފަޅުރަށްރަށާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-95)
މިގަވާއިދަށް ގެނެވުނު އިސްލާހު
ކިޔުންތެރިންގެ ހިޔާލު