-

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-131) އަށް 1 ވަނަ އިސްލާހު ގެނަމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-155)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2015-155 ގެ 22 ވަނަ މާއްދާއިން އުވާލެވިފައި)

 

ގަވާއިދު ނަންބަރު 2015-131 (މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދު) އަންނަނިވި ގޮތަށް އިސްލާހު ކޮށްފީމެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (ނ) އަންނަނިވި ގޮތަށް އިސްްލާހުކުރުން

(ނ) ހުރަވީ ރަން މެޑަލް

މިއީ ގަައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ވަރަށް އާދަޔާ ހިލާފު ހިތްވަރުގަދަކަމާއި ޖެހިލުންކުޑަ ކަމެއް ސާބިތުކޮށްދިން ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން، ނިށާން އާޒީގެ ށަރަފު ހައްގުވާ ފަދަ އަމަލެއް ކަމުގައި ގިންތި ނުކުރެވޭ އޮފިސަރުންނަށެވެ.

  1. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ވަރަށް ހިތްވަރުގަދަ ކަމެއް ސާބިތުކޮށްދިން ފަރާތެއް؛
  2. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަރަކާތެއްގައި ތިމާގެ ހަށިގަނޑަށް އަދި ފުރާނައަށް އެއްވެސް ބެލުމެއްނެތި ވަރަށް ހިތްވަރާއެކު އެ ފެންވަރުގެ އެހެން މީހުންނާ ހިލާފަށް ފާހަގަކުރެވޭ އަމަލެއް ކޮށްފައިވާ ފަރާތެއް؛
  3. ގައުމު ސަލާމަތްކުރުމަށް ހިންގޭ ހަަރަކާތެއްގައި، ނުރައްކާތެރި ދަނޑިވަޅެއްގައި އެ މީހެއްގެ ހަށިގަނޑާއި ފުރާނައަށް އެއްވެސް ބެލުމެއްނެތި އާދަޔާ ހިިލާފު ޖެހިލުންކުޑަ އަމަލެއް ކުރި ފަރާތެއް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ހުރަވީ ރިހި މެޑަލް

މިއީ ފާހަގަ ކުރެވޭ ހިތްވަރުގަދަ ކަމާއި ޖެހިލުންކުޑަ ކަމެއް ސާބިތު ކޮށްދިން ފަރާތަކަށް ެވޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1.  ގައުމަށް ދިމާވާ ނުރައްކާތެރި ހާލަތެއްގައި އަމަންއަމާންކަމާއި ސުލްހަ މަސްލަހަތަށް ގެއްލުންވާ ފަދަ ކަމެއްގައި ހަރަކާތްތެރި ވުމުގައި ތިމާގެ ހަށިގަނޑާއި ފުރާނަޔަށް ބެލުމެއްނެތި ހިތްވަރުގަދަ އަދި ޖެހިލުންކުޑަ އަމަލެއް (ހުރަވީ ރަން މެޑެލް ހައްގުވާ ވަރަށް ވުރެ ދަރަޖައިގެ ގޮތުން ދަށް، ހިތްވަރުގަދަ އަމަލެއް) ކުރި ފަރާތެއް؛
  2. ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ހިތްވަރުގަދަ އަމަލެއް (ހިތްވަރުގަދަކަމުގެ ކުލަ ހައްގުވާ ވަރަށްވުރެ މަތީ ދަރަޖައިގެ ހިތްވަރުގަދަ އަމަލެއް) ކުރި ފަރާތެއް؛
  3. އަމަން އަމާންކަމާއި ސުލްހަ މަސްލަހަތަށް ގެއްލުންވާފަދަ ކަމެއް ރާވާ ބަޔަކާބެހޭ މައުލޫމާތު ހޯދުމުގައި ތިމާގެ ފުރާނަޔަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ހުރަސްކޮށް ވަރަށް ހިތްވަރުގަދަ ކަމެއް ކުރި ފަރާތެއް.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑެލް

މިއީ ތިމާގެ އަމިއްލަ ފުރާނައަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ނުބަލައި، އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުޠުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އަމިއްލަ ފުރާނަޔަށް އެއްވެސް ބެލުމެއް ނެތި އެހެން އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތެއް؛
  2. އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރު ބަލައި މި މެޑެލް ދިނުމަށް ހައްގުވާކަން ސާބިތުވާ ފަރާތެއް.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ޅ) ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެލް

މިއީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތްތަކުގެ ތެރެއިން، އެ ކުރި އަމަލަކީ ފުރާނަ ސަލާމަތްކުރުމުގެ ރަންމެޑެލް ހައްގުވާ ފަދަ އަމަލެއް ކަމުގައި ނުވާ އަމަލެއް ކުރި ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އިންސާނެއްގެ ފުރާނަ ސަލާމަތްކުރި ފަރާތެއް؛
  2. އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރަށް ބަލައި މި މެޑެލް ދިނުން ހައްގުވާކަން ސާބިތުވާ ފަރާތެއް؛

 

5 ވަނަ މާއްދާ- ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ކ) މަތިވެރި ހިދުމަތުގެ މެޑަލް

މިއީ އޮފިސަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އޮފިސަރުންގެ ވަޒީފާގައި ގައުމަށް ފައިދާ ހުރި އަދި އަގު ހުރި ގޮތުގައި ގިނަ ހިދުމަތްތަކެއް އަދާކޮށްފައިވާ ފަރާތަކަށް ދެވޭ މެޑެއްޔެކެވެ. އާންމު ގޮތެއްގައި މި މެޑެލް ދެވޭނީ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުންނަށެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ޔުނިޓެއްގެ ނުވަތަ ޑިޕާޓްމަންޓެއްގެ ވެރިޔެއްގެ މަގާމުގައި މަދުވެގެން 7 (ހަތެއް) އަހަރު ހުރެ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތެއް؛
  2. އޮފިސަރުންގެ ހިދުމަތުގެ މެޑެލް ނުވަތަ އިހުލާސްތެރި ހިދުމަތުގެ މެޑެލް ލިބިފައިވާ އޮފިސަރުންގެ ތެރެއިން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ގައުމަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތެއް.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(އ) އިހްލާސްތެރި ހިދުމަތުގެ މެޑަލް

މިއީ، މެދުނުކެނޑި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި އހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ހިދުމަތް ކުރުމުގައި 10 (ދިހައެއް) އަހަރު ދެމިހުރި ފަރާތްތަކުގެ ތެރެއިން، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ.

  1. އހްލާސްތެރި ހިދުމަތުގެ ކުލަ ލިބުމަށްފަހު މެދުނުކެނޑި 5 (ފަހެއް) އަހަރަށްވުރެ ކުރު ނޫން މުއްދަތެއްގައި ވަފާތެރިކަމާއި އިހުލާސްތެރިކަމާއެކު މޯލްޑިވްސް ކަރެކށަނަލް ސަރވިސްގެ ވަޒީފާގައި ހިދުމަތްކުރި ފަރާތެއް؛ ނުވަތަ
  2. ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ ލިބިފައިވާ އޮފިސަރުންގެ ތެރެއިން ވަފާތެރިކަމާއި އިހުލާސްތެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ހިދުމަތްކުރިކަން ފާހަގަ ކުރެވޭ ފަރާތެއް.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ވ) އޮފިސަރުންގެ ހިދުމަތުގެ މެޑެލް

މިއީ، މެދުނުކެނޑި 15 (ފަނަރަ) އަހަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތް  ކުރުމުން ލިބޭ މެޑެއްޔެކެވެ. މި މެޑެލް ދެވޭނީ، ތިރީގައިވާ ށަރުތުތައް/ ށަރުތުތަކުގެ ތެރެއިން ށަރުތެެއް ފުރިހަމަވާ ފަރާތަކަށެވެ. ތިރީގައިވާ ށަރުތު ފުރިހަމަވެގެން މި މެޑެލް ދެވޭ ފަރާތެއް ކަނޑައަޅާނީ އެ އޮފިސަރެއްގެ ޕަރސަނަލް ރިކޯޑަށް ބަލައި އިންސާފު ކުރެވިގެންނެވެ.

  1. އހުލާސްތެރި ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް؛ ނުވަތަ
  2. ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(މ) ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ މެޑެލް

މިއީ، މެދުނުކެނޑި 20 (ވިހި) އަހަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި އުޅުމުން ލިބޭ މެޑެއްޔެކެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ފ) އަހުލާގީ މެޑެލް

މިއީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި މެދުނުކެނޑި 10 (ދިހައެއް) އަހަރު ހިދުމަތްކޮށް، އަހުލާގީ ކުލަ ދެ ފަހަރު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފާހަގަ ކުރެވޭ ފަރާތްތަކަށް ދެވޭ މެޑެއްޔެކެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލ 2 (ފ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ދ) މިނިވަން ފަންސާހުގެ މެޑަލް

ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ އަހަރު ކަމުގައިގައިވާ 26 ޖުލައި 2015 އާ ހަމައަށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި ދެމިހުރި ކޮންމެ އޮފިސަރަކަށް މިނިވަން ފަންސާހުގެ މެޑެލް ލިބިގެންދާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ ސުރުހީ، އަންނަނިވި ގޮތަށް އިސްލާހުކުރުން

އޮފިސަރުންނަށް ދެވޭ ށަރަފުގެ ކުލަތަކުގެ ށަރުތުތައް

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ހ) ރައީސުލްޖުމްހޫރިއްޔާގެ ކުލަ

މި ކުލައަކީ، އޮފިސަރުންގެ ހިދުމަތް ހާއްސަގޮތެއްގައި ފާހަގަ ކުރެވިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އޮފިސަރުންގެ އެންމެމަތީ ކުލައެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. ކާމިޔާބީގެ ކުލަ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ކުލަ ދޭން ފެންނަ ފަރާތެއް؛
  2. ސަރުކާރަށާއި ގައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ހާއްސަ ހިދުމަތެއް ކުރި ކަމަށް ފާހަގަ ކުރެވޭ ފަރާތެއް؛
  3. ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އހުލާސްތެރިކަމާއެކު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިހުލާސްތެރި ހިދުމަތުގެ ކުލައާއި ހާއްސަ ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް.

 

13 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ށ) ހިތްވަރުގަދަކަމުގެ ކުލަ

މިއީ ގައުމަށް ދިމާވާ އެކިއެކި ހާދިސާތަކުގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ދިމާވާ ނުރައްކާތެރި ހާދިސާއެއްގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތްތަކަށް؛
  2. ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތެއްގެ އަގުހުރި މުދަލެއް ސަލާމަތްކުރުމުގެ ގޮތުން ހިތްވަރުގަދަ ކަމެއް ކުރި ފަރާތްތަކަށް؛
  3. އާންމުންގެ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ ޖަލުގައި ބަންދުކޮށްފައިވާ ކުށްވެރިއަކަށް ނުވަތަ ކުށްވެރިންތަކަކަށް ކުރިމަތިވެފައިވާ ނުރައްކަލަކުން ސަލާމަތްކުރުމަށް ހިތްވަރުގަދަ ކަމެއް ކުރި ފަރާތްތަކަށް؛
  4. އަމަން އަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލޭ ފަދަ ކަމެއް ރާވާ ބަޔަކާ ބެހޭ މައުލޫމާތު ހޯދުމުގައި ހިތްވަރުގަދަ ކަމެއް ކުރި ފަރާތްތަކަށް؛

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3ގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ނ) ހިދުމަތުގެ ކުލަ

މި ކުލައަކީ މެދުނުކެނޑި 5 (ފަހެއް) އަހަރު ވަންދެން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހިދުމަތް ކުރުމުން ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި މި ކުލަ ދެވޭނީ އެންމެ ފަހަރަކުއެވެ.

  1. 5 (ފަހެއް) އަހަރުދުވަހު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ވަޒީފާގައި އެކަށީގެންވާ ހިދުމަތެއް ކޮށްފައިވާ އޮފިސަރަކު ކަމުގައިވުން؛
  2. މި ކުލަ ދެވޭ ފަރާތެއްގެ ޕާރސަނަލް ރިކޯޑަށް ބަލައި، އަންނަނިވި ނުކުތާތަކުގެ މައްޗަށް އިންސާފު ކުރަންވާނެއެވެ.
    - ގަޑި ޖެހުމާއި ވަޒީފާއަށް ހާޒިރުނުވުން
    - ށަރުއީ ނުވަތަ ގާނޫނީ ގޮތުން އަދަބެއް ލިބޭ ފަދަ އަމަލެއް ނުކުރުން؛
    - ގަަވާއިދާ ހިލާފު ނުވުން.

 

15 ވަނަ މާއްދާ - ބުުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (ރ)  އަންނަނިވި ގޮތަށް އިސްލާހުކުރުން

(ރ) ދިގު މުއްދަތެއްގައި ހިދުމަތްކުރުމުގެ ކުލަ

މިއީ، މެދުނުކެނޑި  10 (ދިހައެއް) އަހަރު ދުވަހު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި އުޅުމުން ލިބޭ ކުލައެކެވެ. މި ރިބަން ދެވޭނީ، ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ހިދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތަކަށްވުން؛
  2. ކަނޑައަޅާފައިވާ މުއްދަތުގައި ރިކޯޑު ރަނގަޅު ފަރާތްތަކަށްވުން.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) އިހްލާސްތެރި ހިދުމަތުގެ ކުލަ

މިއީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި ވަފާތެރިކަމާއި އިހްލާސްތެރިކަމާއެކު މެދުނުކެނޑި 10 (ދިހައެއް) އަހަރު ހިދުމަތްކުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ، ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ. އަދި މި ކުލަ ދެވޭނީ އެންމެ ފަހަރަކުއެވެ.

  1. ހދުމަތުގެ ކުލަ ހާސިލުކޮށްފައިވާ ފަރާތެއް؛
  2. އަމިއްލަ ކަންތައްތަކަށްވުރެ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތަށް އިސްކަންދޭ ފަރާތެއް؛
  3. ހަވާލުކުރެވޭ ކަންކަމުގައި ހީވާގިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރާ ފަރާތެއް؛
  4. ފަސްނުޖެހި ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރާ ކަމަށް ފާހަގަކުރެވޭ ފަރާތެއް.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ޅ) ހާއްސަ ހިދުމަތުގެ ކުލަ

މި ކުލައަކީ، ހާއްސަ ގޮތެއްގައި ފާހަގަ ކުރެވޭ ހިދުމަތެއް ކޮށްފައިވާ ފަރާތްތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އާންމު ގޮތެއްގައި ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރަށް ހަވާލުކުރެވޭ ހާއްސަ މަސައްކަތްތައް ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ފެންވަރެއްގައި ކުރި ފަރާތެއް؛
  2. ފާހަގަ ކޮށްލެވޭ ހާއްސަަ ހިދުމަތެއް ކަމަށް ބެލެވޭ ފަދަ ހިދުމަތެއް ކުރި ފަރާތެއް؛
  3. އަމިއްލައަށް ފެނި އަދި އިސްނަގައިގެން އޮފިސަރުން ތަރައްގީ ކުރުމުގެ ގޮތުން ހާއްސަ މަސައްކަތެއް ކުރިކަން ފާހަގަވުން.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ކ) އަހުލާގީ ކުލަ 1

މިއީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި މެދުނުކެނޑި މަދުވެގެން 5 (ފަހެއް) އަހަރު ހިދުމަތް ކޮށްފައިވާ އަހްލާގު ރަނގަޅު މީހުންނަށް ދެވޭ ކުލައެކެވެ.  މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށެވެ.

  1. ކުރެވޭ އަމުރުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ ފަރާތެއް؛
  2. ގަޑި ޖެހުމާއި ވަޒީފާއަށް ހާޒިރުނުވުން:-
    - ގަޑި ޖެހުމުގެ މިންވަރު އަހަރަކު 5 (ފަހެއް) އިންސައްތައަށް ވުރެ ގިނަނުވާ ފަރާތެއް؛
    - ހާޒިރުނުވާ މިންވަރު އަހަރަކު 5 (ފަހެއް) އިންސައްތައަށް ވުރެ ގިނަނުވާ ފަރާތެއް؛
  3. ވޭތުވެދިޔަ 5 އަހަރުގެ ކުށުގެ ރިކޯޑުގެ ތެރޭގައި އަދަބެއްގެ ގޮތުން އެއްވެސް ކަހަލަ ބަންދެއް ކޮށްފައިވާ އޮފިސަރަކަށް ނުވުން؛
  4. އަހުލާގާއި ސުލޫކަށް ބެލުމުގައި، އޮފިސަރުންގެ މަސައްކަތުގައްޔާއި އަމިއްލަ ކަންކަމުގައި އެ މީހެއްގެ އަމަލު ރަނގަޅު އޮފިސަރަކަށްވުން.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (އ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(އ) އަހުލާގީ ކުލަ 2

މިއީ ފުރަތަމަ އަހްލާގީ ކުލަ ލިބުމަށްފަހު އިތުރު 5 (ފަހެއ) އަހަރު ޖުމުލަ 10 )ދިހައެއ) އަހަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި މެދުނުކެނޑި ހިދުމަތް ކޮށްފައިވާ އަހްލާގު ރަނގަޅު މީހުންނަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށެވެ.

  1. އަހްލާގީ ކުލަ  1 (އެކެއް) ލިބިފައިވުން؛
  2. ކުރެވޭ އަމުރުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ ފަރާތެއް؛
  3. ގަޑި ޖެހުމާއި ވަޒީފާއަށް ހާޒިރުނުވުން:-
    - ގަޑި ޖެހުމުގެ މިންވަރު އަހަރަކު 5 (ފަހެއް) އިންސައްތައަށް ވުރެ ގިނަނުވާ ފަރާތެއް؛
    - ހާޒިރުނުވާ މިންވަރު އަހަރަކު 5 (ފަހެއް) އިންސައްތައަށް ވުރެ ގިނަނުވާ ފަރާތެއް؛
  4. ވޭތުވެދިޔަ 5  އަހަރުގެ ކުށުގެ ރިކޯޑުގެ ތެރޭގައި އަދަބެއްގެ ގޮތުން އެއްވެސް ކަހަލަ ބަންދެއް ކޮށްފައިވާ އޮފިސަރަކަށް ނުވުން؛
  5. އަހްލާގާއި ސުލޫކަށް ބެލުމުގައި، އޮފިސަރުންގެ މަސައްކަތުގައްޔާއި އަމިއްލަ ކަންކަމުގައި އެ މީހެއްގެ އަމަލު ރަނގަޅު އޮފިސަރަކަށްވުން.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (ވ) އަންނަނިވި ގޮތަށް އިސްލާހްކުރުން.

(ވ) އަހުލާގީ ކުލަ 3

މިއީ، ދެވަނަ އަހުލާގީ ކުލަ ލިބުމަށްފަހު އިތުރު 10 (ދިހައެއް) އަހަރު ޖުމުލަ   20 (ވިހި) އަހަރު މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތުގައި މެދުނުކެނޑި ހިދުމަތް ކޮށްފައިވާ އަހުލާގު ރަނގަޅު މީހުންނަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ ފަރާތަކަށެވެ.

  1. ކުރެވޭ އަމުރުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ ފަރާތެއް؛
  2. ގަޑި ޖެހުމާއި ވަޒީފާއަށް ހާޒިރުނުވުން:-
    - ގަޑި ޖެހުމުގެ މިންވަރު އަހަރަކު 5 (ފަހެއް) އިންސައްތައަށް ވުރެ ގިނަނުވާ ފަރާތެއް؛
    - ހާޒިރުނުވާ މިންވަރު އަހަރަކު 5 (ފަހެއް) އިންސައްތައަށް ވުރެ ގިނަނުވާ ފަރާތެއް؛
  3. ވޭތުވެދިޔަ 5 އަހަރުގެ ކުށުގެ ރިކޯޑުގެ ތެރޭގައި އަދަބެއްގެ ގޮތުން އެއްވެސް ކަހަލަ ބަންދެއް ކޮށްފައިވާ އޮފިސަރަކަށް ނުވުން؛
  4. އަހުލާގާއި ސުލޫކަށް ބެލުމުގައި، އޮފިސަރުންގެ މަސައްކަތުގައްޔާއި އަމިއްލަ ކަންކަމުގައި އެ މީހެއްގެ އަމަލު ރަނގަޅު އޮފިސަރަކަށްވުން.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (މ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(މ) ކާމިޔާބުގެ ކުލަ

މިއީ، އެ އޮފިސަރެއްގެ ހިންމަތާއި މިންނަތުން ހޯދާ ކާމިޔާބީއެއްގެ ސަބަބުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ ދިވެހިރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯދައިދިން ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ  ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. އެ މީހަކާ އެއްވަރު ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ބައެއްގެ މެދުގައި ކުރެވޭ މަސައްކަތެއްގައި އެފަދަ އެހެން މީހުންނާ ހިލާފަށް ކާމިޔާބެއް ހޯދި ފަރާތެއް؛
  2. ބޭރު ގައުމެއްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ގޮތަކުން ނުވަތަ އެ މީހާގެ އަމިއްލަ ހިންމަތާއި މިންނަތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ ދިވެހިރާއްޖެއަށް ފަހުރުވެރި ރީތި ނަމެއް ހޯދައި ދިން ފަރާތަކަށްވުން.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (މ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ފ) ހުނަރުވެރިކަމުގެ ކުލަ

މިއީ، ތަފާތު އަމަލީ އަދި ފަންނީ މަސައްކަތްތަކުގައި އާދަޔާ ހިލާފު ހުނަރުވެރިކަމެއް ހުރި ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތަކަށެވެ.

  1. އެ މީހަކު މަސައްކަތްކުރާ ދާއިރާގައި ފާހަގަ ކުރެވޭފަދަ ކުޅަދާނަކަމެއް ލިބިފައިވުމާއެކު، އެކަން އަމަލީ ގޮތުން ސާބިތުކޮށްދޭ ފަރާތަކަށްވުން؛
  2. އަމިއްލަ ހިޔާލުން ނުވަތަ އަމިއްލަ މަސައްކަތުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ މުޖުތަމައަށް ބޭނުންތެރި އެއްޗެއް އީޖާދުކުރި ނުވަތަ އުފެއްދި ފަރާތަކަށްވުން.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (ފ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ދ) ހެވިކަމުގެ ކުލަ

މިއީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން ހެވިކަމުގެ ހުނަރުގެ ގޮތުން ފާހަގަކުރެވޭ ފަރާތަކަށްދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުޠުތަކުގެ ތެރެއިން ށަރުޠެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. މޯލްޑިވްސް ކަރެކްށަނަލް ސަރވިސް ގަބޫލުކުރާ ފެންވަރުގެ ޑްރިލް އިންސްޓްރަކްޓަރ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތެއް؛
  2. ހެވިކަން ކިޔަވައިދިނުމުގެ މަސައްކަތުގައި މެދު ނުކެނޑި 2 (ދޭއް) އަހަރު މަސައްކަތް ކޮށްފައިވާ ފަރާތެއް؛
  3. ހެވިކަމުގެ މުބާރާތަކުން 1 ވަނަ، 2 ވަނަ ނުވަތަ 3 ވަނަ ހޯދާ ފަރާތެއް؛

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (ދ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ތ) ސްޕެށަލް ޑިއުޓީ ކުލަ

މި ކުލަ ދެވޭނީ، ޖަލުތަކުގައި ހިނގާ ބޮޑެތި ހާދިސާތަކާ ގުޅިގެން ހިންގާ އާދަޔާ ހިލާފު ބޮޑެތި އޮޕަރޭށަންތަކުގައި އަމަލީގޮތުން ބައިވެރިވެ އެކަމުގައި ހަރަކާތްތެރިވި އޮފިސަރުންނަށް ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ މީހަކާ ހަވާލުކުރާ އާދަޔާ ހިލާފު ހާއްސަ މަސައްކަތެއް ފުރިހަމައަށް އަދާކުރާ ފަރާތްތަކަށެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3ގެ (ތ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ލ) މިނިވަން ފަންސާހުގެ ޕެރޭޑް ކުލަ

މި ކުލަ ދެވޭނީ، މިނިވަން ފަންސާހާ ގުޅުވައިގެން ބާއްވާ ޕެރޭޑްގައި ބައިވެރިވި އޮފިސަރުންނަށާއި އެ ޕެރޭޑް ބޭއްވުމުގައި އެކި ގޮތްގޮތުން އެހީތެރިވި އޮފިސަރުންނާއި މުވައްޒަފުންނަށެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ (ލ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން

(ގ) މަތީ ތައުލީމުގެ ކުލަ

މިއީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ހިދުމަތަށް ނުކުތުމަށްފަހު ހިދުމަތުގައި ދެމިހުރެ އެ އޮފިސަރެއް ނުވަތަ އެ މުވައްޒަފެއްގެ ތއުލީމީ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ތައުލީމު އުނގެނި، ދަށްވެގެން ބެޗްލަސް ޑިގްރީ ނިންމާ ފަރާތްތަކަށް ދެވޭ ކުލައެކެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3ގެ (ގ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ޏ) ހަޔަރ ޑިއުޓީ ކުލަ

މިއީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން އިސް މަގާމުތައް އަދާކޮށްފައިވާ ފަރާތަކަށް ދެވޭ ކުލައެކެވެ. މި ކުލަ ދެވޭނީ ތިރީގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. ޖަލުތައް ހިންގުމުގައި އެންމެ އިސްމީހާގެ މަގާމުގައި މެދުނުކެނޑި މަދުވެގެން 1 (އެކެއް) އަހަރުދުވަހު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް؛
  2. ކުރިން ޖަލު ހިންގުމުގެ އެންމެ އިސްމީހާގެ ހައިސިއްޔަތުން 1 (އެކެއް)  އަހަރަށްވުރެ މަދުނޫން މުއްދަތަކަށް ޖަލު ހިންގުމުގެ ޒިންމާ އުފުލުން؛
  3. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އެގްޒެކްޓިވް މަގާމެއްގައި އެ މީހަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްފައިވާ ފަރާތްތަކަށް.

 

28 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފްގެ ނިށާން ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-131) 

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން (ކޮންސޮލިޑޭޓެޑް ނަންބަރު 2015-131)

 

އުވި ގަވާއިދު

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި ށަރަފުގެ ނިށާން ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-131) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2017-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު