-

ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީގެ ގަވާއިދު

(ގަވާއިދު ނަންބަރު 177/2015)

 

1 ވަނަ ބާބު: އޮޓޯރިޓީގެ ބޯޑު

 

ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 52 ވަނަ މާއްދައިގާ ބުނެފައިވާގޮތަށް، އޮތޯރިޓީ ހިންގާނީ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ބޯޑުންނެވެ. މިގޮތުން ހިންގުމުގައި އަމަލުކުރަމުން ގެންދާނެ ގޮތް ތިރީގައި މިވަނީއެވެ.

 

1 ވަނަ މާއްދާ - ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ބޯޑު

ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ބޯޑު އެކުލަވާލެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ 7 މެންބަރުންގެ މައްޗަށެވެ. ބޯޑުގެ ލަފާގެ މަތިން ކަންކަން ބަލަހައްޓައި ހިންގާނީ އޮތ× ރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

 

2 ވަނަ މާއްދާ - ބޯޑުގެ ރައީސާއި ނާއިބު ރައީސް

ބޯޑުގެ ރައީސަކާއި، ނާއިބުރައީސަކު ހުންނަންވާނެއެވެ. ރައީސްއާއި، ނާއިބުރައީސް އައްޔަންކުރާނީ، ބޯޑުގެ މެންބަރުންގެ ތެރެއިން، ބޯޑުގެ އަޣުލަބިއްޔަތުންނެވެ. ރައީސާއި ނާއިބުރައީސް ޢައްޔަންކުރާތާ ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މިނިސްޓަރަށް ރިޓީން އޮތޯރިޓީން އަންގަންވާނެއެވެ.

 

3 ވަނަ މާއްދާ - ބޯޑުގެ ރައީސްގެ މަސްއޫލިއްޔަތު

ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ރައީސެވެ.

 

4 ވަނަ މާއްދާ - ބޯޑުގެ ރައީސްގެ މަސްއޫލިއްޔަތު

ބޯޑުގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ބޯޑުގެ ނާއިބު ރައީސްއެވެ.

 

5 ވަނަ މާއްދާ - ބޯޑުގެ މަސްއޫލިއްޔަތު ތަކާއި ބާރު

ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީ ހިންގާނީ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ބޯޑުގެ ދަށުންނެވެ. މިގޮތުން، ބޯޑުން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާއި ލިބިދީފައިވާ ބާރުތައް ތިރީގައި ބަޔާންކޮށްފައިމިވަނީއެވެ.

(ހ) ޓީގެ މަސްއޫލިއްޔަތުތައް ކަމުގައި ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) އާއި އެގާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި އޮތޯރިޓީގެ މުވައްޒަފުން މެދުވެރިކޮށް ކުރުވުމާއި، ހިންގުމާއި، އެކަންކަން ބެލެހެއްޓުން.

(ށ) ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން އޮތ ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި، އެކަށައަޅަންޖެހޭ ސިޔާސަތުތަކާއި، މިންގަނޑުތަކާއި، އަމާޒުތަކާއި، އުސޫލުތަކާއި، އޮތޯރިޓީގެ ބަޖެޓާއި އަދި އެފަދަ އެހެނިހެން ކަންކަން ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަށްވަރާއާއެކު ނިންމުން.

(ނ) އޮތޯރިޓީގެ މަސައްކަތްތައް ރާވައި، އޮތޯރިޓީގެ މަސައްކަތުގެ މިސްރާބު ކަނޑައެޅުން.

(ރ) އޮތޯރިޓީގެ މަސައްކަތްތައް ރާވައި، އޮތޯރިޓީގެ މަސައްކަތުގެ މިސްރާބު ކަނޑައެޅުން

(ބ) މިނިސްޓަރުގެ ލަފާގެ މަތިން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އައްޔަންކުރުން. އަދި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ  މުސާރައާއި އިނާޔަތްތައް ކަނޑައެޅުމާއި، އެ މަގާމުގެ ށަރުޠުތައް ކަނޑައެޅުމާއި، އެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި ބާރުތައް ކަނޑައެޅުން.

(ޅ) އެއްވެސް ސަބަބަކާހުރެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް އޭނާގެ މަގާމުގެ ވާޖިބު އަދާނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އޮތޯރިޓީގެ މުވައްޒަފުންގެ ތެރެއިން މުވައްޒަފަކާ ހަވާލުކުރުން.

(ކ) ބޯޑުގެ ލަފާގެ މަތިން، އޮތޯރިޓީގެ ކަންކަން ހިންގައި ބަލަހައްޓާ ފަރާތަކީ، ޗީފް އެގްޒެކެޓިވް އޮފިސަރު ކަމުގައި ވީހިނދު، އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރަންޖެހޭ ކަންކަމުގައި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް ލަފައާއި މަށްވަރާ އާއި އިރުށާދު ދިނުން.

(އ) އޯތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަށްވަރާއާއއެކު،  އޮތޯރިޓީގެ ހިންގުމުގެ އޮނިގަނޑު އެކުލަވާލުމާއި މަގާމުތައް ކަނޑައެޅުމާއި އެ މަގާމުތަކުގެ  މުސާރައާއި އިނާޔަތްތައް ކަނޑައެޅުމާއި އެ މަގާމުތަކުގެ ށަރުތު ކަނޑައެޅުމާއި، އެމަގާމުތަކަށް މީހުން އައްޔަން ކުރުން.

(ވ) އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަށްވަރާ އާއި އެކު އޮތޯރިޓީގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން.

(މ) އޮތޯރިޓީގެ މުވައްޒަފުން ތަބައަވާންޖެހޭ މިންގަނޑުތަކާއި، އުސޫލުތައްކަނޑައެޅުމާއި،  އެކަންކަމާ ހިލާފުވާ މުވައްޒަފުންގެ މައްސަލަ ބެލުމާއި، އެމުވައްޒަފުންނާމެދު އަޅާނެ ފިޔަވަޅުކާ މެދު މިނިސްޓަރަށް ލަފާދިނުން.

(ފ) އޮތޯރިޓީ ޒިންމާދާރު ކުރުވުމަށް މަގުފަހިވާނެ މި ނޫންވެސް އެންމެހައި ކަންކަމުގައި އޮތޯރިޓީއަށް ލަފާއާއި މަށްވަރާ އާއި އިރުށާދުދީ، އޮތޯރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން.

 

6 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުން

(ހ) ބޯޑުގެ ބައްދަލުވުމެއް މަދުވެގެން ކޮންމެ މަހަކު  1 (އެކެއް) ފަހަރު ބާއްވަން ވާނެއެވެ.

(ށ) ބޯޑުގެ ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑި ކަނޑައަޅާނީ ބޯޑުގެ ރައީސް އެވެ. ރައީސް ނެތްނަމަ ނާއިބް ރައީސްއެވެ. އަދި ރައީސް އާއި ނާއިބް ރައީސް ނެތް ނަމަ އޮތޯރިޓީ އެގްޒެކެޓިވް އޮފިސަރެވެ. މިގޮތުން ބޯޑުގެ ބައްދަލުވުން ބާއްވަން ކަނޑައެޅޭ ދުވަހަކާއި ގަޑި ބޯޑުގެ ހުރިހާ މެންބަރުންނަށް ޗީފް އެގްޒެކެޓިވް އޮފިސަރ  އަންގަންވާނެއެވެ.

 

7 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުންތަކަށް ހާޒިރުވުން

(ހ) މަގްބޫލު އުޒުރެއް ދިމާވެގެން މެނުވީ، ބޯޑުގެ ބައްދަލުވުންތަކަށް ހުރިހާ މެންބަރުން ވެސް ހާޒިރުވާންވާނެއެވެ.

(ށ) ބޯޑުގެ ބައްދަލުވުމަށް ބޯޑުގެ އެއްވެސް މެންބަރަކު ހާޒިރުވެެވެން ނެތްނަމަ އެކަން ބޯޑުގެ ރައީސްއަށާއި ޗީފް އެގްޒެކެޓިވް އޮފިސަރަށް އަންގަންވާނެއެވެ.

 

8 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުމުގެ އެޖެންޑާ

(ހ) ބޯޑުގެ ކޮންމެ ބައްދަލުވުމެއްގައިވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. އެ އެޖެންޑާ ކަނޑައަޅާނީ، ރައީސްގެ ނުވަތަ ބޯޑުގެ އެހެން މެންބަރުންގެ މަށްވަރާގެ މަތިން، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އެވެ.

(ށ) ކުއްލި ބައްދަލުވުންތަކާއި ހާއްސަ ބައްދަލުވުންތައް ފިޔަވައި އެހެން ބައްދަލުވުންތަކުގެ އެޖެންޑާ ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 2 ދުވަސް ކުރިން، އިލެކްޓްރޯނިކްކޮށް ނަމަވެސް، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، މެންބަރުންނަށް ފޮނުވަން ވާނެއެވެ.

 

9 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުމުގެ ގާނޫނީ އަދަދާއި ވޯޓު ދިނުން

(ހ) ބޯޑުގެ ބައްދަލުވުމެއް ބޭއްވޭނީ ބޯޑުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ.

(ށ) ބޯޑުގެ އެއްވެސް ކަމެއް ނިންމޭނީ ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަށް ލިބިގެންނެވެ.

 

10 ވަނަ މާއްދާ - ބޯޑުގެ ރިޔާސަތު

ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ބޯޑުގެ ރައީސެވެ. ރައީސަށް ހާޒިރުނުވެވިއްޖެ ހާލަތެއްގައި ނާއިބުރައީސެވެ. އަދި ރައީސް އާއި ނާއިބު ރައީސަށް ހާޒިރުނުވެވިއްޖެ ހާލަތެއްގައި، އެޖަލްސާއަށް ހާޒިރުވެތިބި ބޯޑުގެ މެންބަރުން ކަނޑައަޅާ މެންބަރެކެވެ.

 

11 ވަނަ މާއްދާ - ބޯޑުގެ ބައްދަލުވުމަށް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހާޒިރުވުން

(ހ) ބޯޑުގެ ކޮންމެ ބައްދަލުވުމަކަށްވެސް، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނުވަަތަ އޭނާގެ މަގާމު ހިންގުން ހަވާލުކޮށްފައިވާ ފަރާތް ހާޒިރުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް ބޯޑުގެ ޖަލްސާތަކުގައި ނެގޭ ވޯޓުގައި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް ނުވަތަ އޭނާގެ މަގާމު ހިންގުން ހަވާލުކޮށްފައިވާ ފަރާތަށް ބައިވެރިއެއް ނުވެވޭނެއެވެ.

 

12 ވަނަ މާއްދާ - އާންމު ބައްދަލުވުން

ބޯޑުގެ މެންބަރުންގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މެންބަރުންބައިވެރިވާ، ގާނޫނީގޮތުން އެއަށް އަމަލުކުރެވޭނެ ނިންމުންތައް ނިންމުމަށް ބާއްވާ ކޮންމެ ބައްދަލުވުމަކީ އާންމު ބައްދަލުވުމެކެވެ. އާންމު ބައްދަލުވުމަށް ނޯޓިސް ފޮނުވުމަށްފަހު، ބޯޑުގެ ބައްދަލުވުމަށް ޤާނޫނީ އަދަދު އާންމު ބައްދަލުވުމަށް ހަމަނުވިކަމުގައިވިޔަސް ބޯޑުން ކޮންމެހެން ކުރަންޖެހޭ ބައެއް މަސައްކަތް ނިންމުމަށްޓަކައި ނުރަސްމީ ބައްދަލުވުން ބޭއްވިދާނެއެވެ.

 

13 ވަނަ މާއްދާ - ހާއްސަ ބައްދަލުވުން

ބޯޑުގެ އެއްވެސް މެންބަރަކު ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރު، ސަބަބު ބަޔާންކޮށް އާންމު ބައްދަލުވުމުގެ އިތުރުން، ބައްދަލުވުމެއް ބާއްވަންއެދިއްޖެނަމަ، އެ ހުށަހެޅުމެއް ހުށަހަޅާތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ބައްދަލުވުމެއް ބާއްވަންވާނެއެވެ. މިގޮތުން ބާއްވާ ބައްދަލުވުމަކީ ހާއްސަ ބައްދަލުވުމެވެ.

 

14 ވަނަ މާއްދާ - ކުއްލި ބައްދަލުވުން

ކުއްލިއަކަށް ދިމާވާ ކަމެއްގައި ބޯޑުގެ މަށްވަރާ ހޯދަންޖެހިއްޖެ ނަމަ އެކަމެއް މުވާސީލަތް މެދުވެރިކޮށް ބޯޑުގެ މެންބަރުންނާއި ހިއްސާކުރުމަށްފަހު، ބޯޑުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ. މިގޮތުން ބާއްވާ ބައްދަލުވުމަކީ ކުއްލި ބައްދަލުވުމެކެވެ. އެ ބައްދަލުވުމެއްގައި ބޯޑުގެ ގާނޫނީ އަދަދު ހަމަނުވާނަމަ، އެ ބައްދަލުވުމަކުން ނިންމާނިންމުން އެންމެ އަވަހަށް ބާއްވާ ބޯޑުގެ އާންމު ބައްދަލުވުމެއްގައި ފާސްކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

(ހ) ބޯޑުގެ ޔައުމިއްޔާ ބަލަހައްޓާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ ބެލުމުގެ ދަށުން އޮތޯރިޓީންނެވެ.

(ށ) ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ބޯޑުން ފާސްކުރަންވާނެއެވެ

(ނ) ބޯޑުން ފާސްކުރާ ބޯޑު ބައްދަލުވުންތަކުގެ ޔައުމިއްޔާ ރައްކާތެރިކަމާއި އެކު ބަލަހައްޓަން ވާނެއެވެ.

 

16 ވަނަ މާއްދާ - ބޯޑުގެ އިދާރީ ހިންގުން

ބޯޑުގެ އިދާރީ ކަންކަން ބަލަހައްޓާނީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ބެލުމުގެ ދަށުން އޮތޯރިޓީންނެވެ.

 

17 ވަނަ މާއްދާ - ބޯޑުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތައް

ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަންނަނިވި ސުލޫކީ މިންގަނޑުތައް ދަމަހައްޓަން ވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުން.

(ށ) ސިއްރުގެ ގޮތުގައި ބޯޑުން ކަނޑައަޅާ މައުލޫމާތު ސިއްރުގެ ގޮތުގައި ހިފެހެއްޓުން.

(ނ) މުޖްތަމަޢުގެ ތެރޭގައި އުޅުމުގައި، ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަހްލާގީ މިންގަނޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.

(ރ) މިނިވަންކަމާއި، އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ވަކި ފަރާތަކަށް ޖެހުމެއްނެތި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ގާނޫނު އަސާސީއާއި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، އިހްލާސްތެރިކަމާއެކު އަމަލުކުރުން.

(ބ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއް، ބޯޑުން ބަލާ ހިނދުގައި، އެ މައްސަލައެއް ބެލުމުގައި ނުވަތަ ނިންމުމުގައި، އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ބޯޑުން ބަލާ މައްސަލައަކީ، އެފަދަ މަސްލަހަތެއް ނުވަތަ ދައުރެއް ނުވަތަ މާލީ ފައިދާއެއް ނުވަތަ އެނޫންވެސް ފައިދާއެއް އޮތް މައްސަލައެއްކަން ކުރިން އެނގިފައި ނެތްނަމަވެސް އެކަން އެނގޭހިނދު، އެ މައްސަލައަކީ ބުނެވިދިޔަ ގޮތަށް އެ މެންބަރަކާ ގުޅުމެއްއޮތް މައްސަލައެއްކަން ރިޔާސަތަށް އެންގުމާއެކު، އެ މައްސަލައެއް ބެލުމުން ނުވަތަ އެ މައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުން އެ މެންބަރަކު އެއްކިބާވާންވާނެއެވެ.

 

18 ވަނަ މާއްދާ - ބައްދަލުވުންތަކުގައި މެންބަރުން އަމަލުކުރަންޖެހޭގޮތް.

ބޯޑުގެ ބައްދަލުވުންތަކުގައި ކޮންމެ މެންބަރަކުވެސް ތިރީގައިވާ އުސޫލުތަކާއެއްގޮތަށް އަމަލުކުރަން ވާނެއެވެ

(ހ) ބޯޑުގެ ބައްދަލުންވުންތަކުގައި މެންބަރުން ވާހަކަ ދައްކާނީ ރިޔާސަތުން ފުރުސަތު ދިނުމުންނެވެ. މިގޮތުން ބައްދަލުވުންތަކުގައި ވާހަކަ ދެއްކުމަށް ރިޔާސަތުން ފުރުސަތު ދޭންވާނީ އެކަމަށް މެންބަރުން އެދޭ ތަރުތީބުން އެއްވެސް ތަފާތުކުރުމެއް ނެތިއެވެ.

(ށ) ބޯޑުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ކޮންމެ ނިންމުމެއް ނިންމުމުން، އެހެން ކަމަކަށް މަށްވަރާ ހުޅުވާލުމުގެ ކުރިން، އެނިންމުން ރިޔާސަތުން އިއްވަން ވާނެއެވެ. އަދި ރިޔާސަތުން އެ ނިންމުން އިއްވި ގޮތަށް ޔައުމިއްޔާގައި ރިކޯޑު ކުރަން ވާނެއެވެ.

(ނ) ބޯޑުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ނިންމާނީ ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މިގޮތުން ބޯޑުން ނިންމާ ނިންމުމަކާ މެންބަރަކު ހިޔާލު ތަފާތުވެގެން އެކަމަށް ތާއީދުނުކުރާކަން އެ މެންބަރަކު ޔައުމިއްޔާގައި ފާހަގަކުރަން ބޭނުންވެއްޖެނަމަ އެކަން ޔައުމިއްޔާގައި ފާހަގަކުރަން ވާނެއެވެ.

(ރ) ބޯޑުގެ ބައްދަލުވުންތަކުގައި މެންބަރުން ފުރިހަމައަށް ބައިވެރިވެ، ބައްދަލުވުންތަކަށް ސަމާލުކަން ދޭންވާނެއެވެ.

(ބ) ބޯޑުގެ ބައްދަލުވުންތަކުގައި ވާހަކަ ދެއްކުމަށް މެންބަރުންނަށް ހަމަހަމަ ގޮތެއްގައި ރިޔާސަތުން ފުރުސަތު ދޭންވާނެއެވެ.

(ޅ) ބޯޑުގެ ބައްދަލުވުންތަކުގައި މެންބަރުން ވާހަކަ ދައްކާއިރު އެއްވެސް މެންބަރަކު އަނެއް މެންބަރަކު ދައްކާ ވާހަކައަށް ހުރަސްއަޅާ، އުނދަގޫކޮށްގެން ނުވާނެއެވެ. އަދި މިފަދަ އަމަލެއް ހިނގާނަމަ ރިޔާސަތުން އެކަން ވަގުތުން ހުއްޓުވަން ވާނެއެވެ.

(ކ) ބޯޑުގެ ބައްދަލުވުންތަކުގައި ރިޔާސަތުން އަންގާ އެންގުންތަކަށް މެންބަރުން އެއްބާރުލުން ދޭންވާނެއެވެ.

(އ) ބޯޑުގެ ބައްދަލުވުންތަކުގައި ރިޔާސަތުން ކުރިއަށްގެންދާގޮތަކީ އޮތޯރިޓީގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ގެންދާކަމެއް ކަމުގައި މެންބަރަކަށް ފެނިއްޖެހިނދެއްގައި އެހިލާފުވާގޮތެއް ބަޔާންކުރުމުން، އެކަމާމެދު ރިޔާސަތުން ގޮތެއް ނުނިންމައި ބައްދަލުވުން އިތުރަށް ކުރިއަށް ގެންގޮސްގެން ނުވާނެއެވެ.

(ވ) ޖަލްސާގައި މަށްވަރާކުރެވޭ ކަންކަމަކީ ސިއްރު ކަންކަން ކަމުގައިވަނީނަމަ ސިއްރު ދަމަހައްޓަންވާނެއެވެ.

 

19 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) ބޯޑުން ކަނޑައަޅާ ފާސްކޮށްފައިވާ އުސޫލެއްގެ މަތިންމެނުވީ ބޯޑުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސްކަމެއް، ބައްދަލުވުމުގައި ބައިވެރިވާ އެއްވެސް ފަރާތަކުން ހާމަކޮށްގެންނުވާނެއެވެ.

(ށ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މައުލޫމާތެއްގެ ބޭނުން، އެ މެންބަރަކު އަމިއްލައަށް ނާޖާއިޒު މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަކަށް ނާޖާއިޒް ދައިދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.

(ނ) މަގާމުގެ ހައިސިއްޔަތުން މެންބަރަކަށް ނުވަތަ މުވައްޒަފަކަށް ލިބިފައިވާ މައުލޫމާތެއް، މެންބަރުކަމުގެ ނުވަތަ މުވައްޒަފެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެމައުލޫމާތެއް ހާމަކޮށްގެންނުވާނެއެވެ.

(ރ) އޮތޯރީޓީގެ ލިޔެކިޔުންތަކާއި އެހެނިހެން މައުލޫމާތު އާންމުކުރެވޭނީ ނުވަތަ އެއްވެސް  ފަރާތަކަށް ދޫކުރެވޭނީ ބޯޑުން ކަނޑައަޅާ، ފާސްކޮށްފައިވާ އުސޫލެއްގެ މަތިންނެވެ.

(ބ) އޮތޯރިޓީގެ ހުއްދައާއެކު، މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ފޯރުކޮށދޭ އެއްވެސް ލިޔުމެއް އެ މެންބަރެއްގެ ނުވަތަ އެ މުވައްޒަފެއްގެ އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަށްޓަކައި ނުވަތަ ގެއްލުމެއް ދިނުމަށްޓަކައި އާންމުކޮށްގެން ނުވާނެއެވެ.

 

20 ވަނަ މާއްދާ - ބޯޑުގެ ނިންމުންތައް

(ހ) ބޯޑުން އެއްވެސްކަމެއް ނިންމޭނީ ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ  އަގުލަބިއްޔަތު އެކަމަކަށް ލިބިގެންނެވެ. ނަމަވެސް އާންމު އުސޫލެއްގެގޮތުން މައްސަލަތައް ނިންމޭތޯ ބޯޑުން ބަލާނީ ބައްދަލުވުމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ  އިއްތިފާގުންނެވެ.

(ށ) އެއްވެސް މެންބަރެއްގެ އަމިއްލަ މަސްލަހަތެއް ހިމެނޭ އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް މިންވަރަކަށް އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ. އަދި ހިނގަމުންދަނީ މިފަދަ މައްސަލައެއްކަން އެމެންބަރަކަށް އެނގޭ ހިނދުން ފެށިގެން ރިޔާސަތަށާއި، ބޯޑުގެއެހެން މެންބަރުންނަށް އެންގުމާއެކު، އެމައްސަލައަކާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތަކުން އެއްކިބާވުމުގެ ގޮތުން ބައްދަލުވުން ދޫކުރަން ވާނެއެވެ.

(ނ) ނެގޭ ކޮންމެ ވޯޓެއްގައި  ބޯޑުގެ ކޮންމެ މެންބަރަކަށް ވެސް ދެވޭނީ އެއް ވޯޓެވެ. އަދި ވޯޓު ނަގާނެގޮތާމެދު މެންބަރުންގެ މެދުގައި ހިޔާލުތަފާތު ވެއްޖެނަމަ ގޮތެއްކަނޑައަޅާނީ ބައްދަލުވުމުގެ އަގުލަބިއްޔަތުންނެވެ.

(ރ) ވޯޓު ގުނާ، އޭގެ ތަފްސީލުތައް ރިކޯޑުކުރާނީ ޗީފް އެގްޒެކެޓިވް އޮފިސަރު ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ބަދަލުގައި ބައވެރިވާ ފަރާތެކެވެ. ނަމަވެސް ވޯޓުގެ ނަތީޖާ  އިއުލާނު ކުރާނީ ބޯޑުގެ ރިޔާސަތުންނެވެ.

(ބ) ރައީސް އާއި ނާއިބު ރައީސް ހޮވުމަށް ބާއްވާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އެގްޒެކެޓިވް އޮފިސަރު ނުވަތ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ބަދަލުގައި ބައިވެރިވާ ފަރާތެކެވެ.

 

21 ވަނަ މާއްދާ - ބޯޑު މެންބަރުން ޗުއްޓީ ނެގުން

ބޯޑުގެ އެއްވެސް މެންބަރަކު ޗުއްޓީއެއް ނަގަން ބޭނުންވެއްޖެނަމަ، އެމެންބަރަކު ޗުއްޓީ ނަގާ  މުއްދަތާއި ތާރީހުތައް އެނގޭގޮތަށް ރައީސަށާއި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް  ލިޔުމުން ނުވަތަ އީމޭލް ނުވަތަ މެސެޖަކުން އަންގަންވާނެއެވެ.

 

2 ވަނަ ބާބު: އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ

22 ވަނަ މާއްދާ - އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އައްޔަންކުރުން

ގާނޫނު ނަންބަރު 3/2012 ގެ 52 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތިން އޮތޯރިޓީގެ ކަންކަން ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމަށް މިނިސްޓަރުގެ ލަފަޔާއެކު، އޮތޯރިޓީއަށް ޗީފް  އެގްޒެކެޓިވް އޮފިސަރެއް ބޯޑުން އައްޔަންކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަސްއޫލިއްޔަތު

(ހ) އޮތޯރިޓީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކޮށް ދުވަހުން ދުވަހަށް އޮތޯރިޓީ ހިންގުން.

(ށ) ބޯޑުގެ ބައްދަލުވުންތަކުގައި ޗީފް އެގްޒެކެޓިވް އޮފިސަރުގެ ހައިސިއްޔަތުން ބައިވެރިވުން

(ނ) ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާނެ ހުރިހާ އިންތިޒާމްތަކާއި ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

(ރ) ބޯޑުގެ ރައީސްގެ ނުވަތަ އެވަގުތަކު ބޯޑުގެ ހިންގުމާ ހަވާލުވެހުރި މެންބަރެއްގެ ލަފާގެ މަތިން އޮތޯރިޓީގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުން.

(ބ) ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ، ބެލެހެއްޓުން.

(ޅ) ބޯޑުގެ ބައްދަލުވުންތަކަށް ބޭނުންވާ ދިރާސާ ރިޕޯޓްތައް ތައްޔާރުކުރުން.

(ކ) ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދީ، މައުލޫމާތު ހިއްސާކުރުން

(އ) ބޯޑުގެ މަސައްކަތާ ގުޅިގެން ބޯޑުގެ ރައީސް ނުވަތަ ނާއިބު ރައީސް އަންގާ އެހެނިހެން ކަންތައްތައް ކުރުން

 

24 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރުގެ ޗުއްޓީ

(ހ) އޮތޯރިޓީގެ އެހެން މުވައްޒަފުންނަށް ޗުއްޓީ ހަމަޖައްސާ އުސޫލުން ޗީފް އެގްޒެކެޓިވް އޮފިސަރުގެ ޗުއްޓީ މި ގަވާއިދުގައިވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ހުއްދަދޭނީ ބޯޑުންނެވެ.

 

25 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރ

(ހ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ އައްޔަންކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ

(ށ) ޗީފް އެގްޒެކެޓިވް އޮފިސަރުގެ ދައުރުހަމަވުމުން އިތުރު ދައުރަކަށް އައްޔަން ކުރެވިދާނެއެވެ. އަދި އެގޮތަށް ކޮންމެ 5 އަހަރަކުން އައްޔަނު ކުރަމުން ގެންދެވިދާނެއެވެ.

 

26 ވަނަ މާއްދާ - ޗީފް އެގްޒެކެޓިވް އޮފިސަރު ވަކިކުރުން

(ހ) ޗީފް އެގްޒެކެޓިވް އޮފިސަރު ވަޒީފާއިން ވަކިކުރެވޭނީ ގާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ގާނޫނޫ) އާއި ދިވެހި ސިވިލް ސާރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ބޯޑުން ނިންމައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރު ވަޒީފާއިން ވަކިކުރާނަމަ، އޭނާ ވަޒީފާއިން ވަކިކުރާ ސަބަބު ނުވަތަ ސަބަބުތައް، އޭނާއަށް ލިޔުމުން އަންގަވާނެއެވެ.

(ނ) މި މާއްދާ މިހެން އޮތްކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގައި އަމަލުކުރާ އެހެން ގާނޫނެއްގެ ދަށުން އޮތޯރިޓީގައި ވަޒީފާ އަދާނުކުރެވޭނޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޗީފް އެގްޒެކެޓިވް  އޮފިސަރު ވަޒީފާއިން ވަކިކުރެވިދާނެއެވެ.

 

3 ވަނަ ބާބު: އޮތޯރިޓީގެ އިދާރީ ހިންގުން

27 ވަނަ މާއްދާ - އޮތޯރިޓީގެ އިދާރީ ހިންގުން

(ހ) އޮތޯރިޓީ އަކީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި، އޭނާގެ ބެލުމުގެ ދަށުން މަސައްކަތްކުރާ އެންމެހާ މުވައްޒަފުންނެވެ.

(ށ) ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނާއި މިގަވާއިދުގައިވާ ގޮތުގެމަތީން، އޮތޯރިޓީގެ އެންމެ އިސްވެރިޔަކީ ޗީފް އެގްޒެކެޓިވް އޮފިސަރެވެ. އަދި ބޯޑުން ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތަކާއި ނިންމާ ނިންމުންތަކާއި ދޭ އިރުށާދާ އެއްގޮތްވާ ގޮތުގެމަތީން، އެކަންކަން ތަންފީޒުކުރުމުގެ އެންމެހައި ކަންތައްތައް ބަލަހައްޓާނީ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ނ) މި މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތުގެމަތިން، އޮތޯރިޓީން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަމުން ގެންދަންވާނެއެވެ.

(ރ) ބޯޑުގެ މެންބަރުންނާ ކުރާ ހުރިހާ މުޢާމަލާތެއް ކުރާނީ ޗީފް އެގްޒެކެޓިވް އޮފިސަރެވެ. ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރު އެކަން ހަވާލުކުރާ މުވައްޒަފެކެވެ.

 

28 ވަނަ މާއްދާ - އޮތޯރިޓީގެ މަސައްކަތު ގަޑި

(ހ) ރަސްމީކޮށް އޮތޯރިޓީގެ  މަސައްކަތް ކުރަންވާނީ ރަސްމީ ދުވަސްތައް ކަމުގައި ކަނޑައަޅާފައިވާ ދުވަސްތަކުގައެވެ. ނަމަވެސް  މުހިންމު މަސައްކަތަކާ ގުޅިގެން، ވަޒީފާއާބެހޭ ގާނޫނާ ޚިލާފުނުވާގޮތެއްގެ މަތިން، އޮތޯރިޓީން ހަމަޖައްސާ ދުވަސްތަކެއްގައި މުވައްޒަފުން ނެރެވިދާނެއެވެ.

(ށ) އޮތޯރިޓީގެ ރަސްމީ ގަޑިއަކީ، ހެނދުނު  8:00 ން މެންދުރުފަހު  3:00 އެވެ. ނުވަތަ އެވަގުތަކު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގަޑިއެވެ.

(ނ) އޮތޯރިޓީގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށްވެސް މެންދުރުގެ ކެއުމަށް 1 (އެކެއް)  ގަޑިއިރުގެ ވަގުތު މެންދުރު 12:00 ން  2:00 އާ ދެމެދު ދޭންވާނެއެވެ. މިނޫން ގަޑިއެއްގައި މުވައްޒަފަކު އެއްގަޑިއިރުގެ ހުސްވަގުތުކޮޅެއް ނަގަން ބޭނުންވެއްޖެ ހިނދެއްގައި އެ ސެކްށަންގެ ވެރިއެއްގެ ހުއްދައާއެކު ހުސްވަގުތުކޮޅު ނެގިދާނެއެވެ.

(ރ) ކޮންމެ މުވައްޒަފަކުވެސް އެމުވައްޒަފަކު މަސައްކަތް ކުރަންޖެހޭ ހުރިހާ ދުވަހަކު ގަޑިއަށް މަސައްކަތަށް ހާޒިރުވާން ވާނެއެވެ. ރަސްމީ މަސައްކަތު ދުވަހެއްގައ އުޒުރެއް މެދުވެރިވެގެން ސަލާން ބުނުމަކާ ނުލައި، ނުވަތަ ޗުއްޓީ ނެގުމަކާ ނުލައި، އެއްވެސް މުވައްޒަފަކު އޮފީހަށް ހާޒިރުނުވެ ހުރެއްޖެނަމަ ބަލާނީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައެވެ.

(ބ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތީން ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވާ މުވައްޒަފުން ގަޑިޖެހޭނެއެވެ.

(ޅ) ރޭގަނޑު 12 ގެ ފަހުން އޮފީހުގެ މަސައްކަތެއްގައި އޮފީހުގައި ނުވަތަ އޮފީހުން ބޭރުގައި އުޅެންޖެހުމުގެ ސަބަބުން އޮފީހަށް އަންނަންވާ ގަޑިއަށް ހާޒިރު ނުވެވޭ މުވައްޒަފުން ގަޑިޖެހޭނީ އެމަސައްކަތެއް ނިމުނު ގަޑީގެ 7 ގަޑިއިރު ފަހުންނެވެ. (މިސާލަކަށް ރޭގަނޑު 3 ޖެހިއިރު ނިމުނުނަމަ، އެ މީހަކު ގަޑިޖެހޭނީ އަނެއް ދުވަހުގެ 10 ޖަހާއިރުއެވެ.( މިގޮތުން އޮފީހުގެމަސައްކަތަށް ނުކުމެ، ގަޑި ޖެހުމުގެ ކުރިން އޮފީހަށް ހާޒިރުވިކަން، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުވިގަޑި ރިކޯޑުކުރަންވާނެއެވެ. ހާޒިރުވާންޖެހޭ ގަޑިޖެހުމުގެ ކުރިން އޮފީހަށް ހާޒިރު ވިޔަސް ހާޒިރުވި ގަޑި ގަވާއިދުން ރިކޯޑުކޮށްފައި ނުވާނަމަ، އެ މުވައްޒަފަކު ގަޑިޖެހޭނެއެވެ. ހާޒިރުވި ގަޑިކަމަށް ބަލާނީ ހާޒިރުވި ގަޑި ރިކޯޑުކުރި ވަގުތެވެ.

(ކ) އޮތޯރިޓީއިން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން އޮފީހަށް އަންނަންވާ ގަޑިއަށް ހާޒިރު ނުވެވޭނަމަ، ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގަން ވާނެއެވެ.

(އ) އޮފީސް ހުޅުވާ މުވައްޒަފަކު ހާޒިރު ނުވެގެން، ނުވަތަ އެހެންވެސް ސަބަބަކާހުރެ ގަޑިޖެހުނުއިރު އޮފީސް ނުހުޅުވިއްޖެނަމަ، އޮތޯރިޓީގެ މުވައްޒަފުންގެ ތެރެއިން ހާޒިރުވެ ހުރި އިސް މުވައްޒަފަކު، އެހެން މުވައްޒަފުން ހާޒިރުވި ގަޑި ބަލާނީއެވެ. އޮފީސް ހުޅުވުމުން ހާޒިރީގައި އޮފީހަށް ހާޒިރުވި ގަޑި ރިކޯޑު ކުރާނީއެވެ.

(ވ) އޮތޯރިޓީގެ ކޮންމެ މުވައްޒަފަކުވެސް ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަހުން ހާޒިރުވެއްޖެނަމަ ގަޑިޖެހޭނެއެވެ.

(މ) އޮތޯރިޓީގެ މުވައްޒަފުން އާންމު އުސޫލެއްގެ ގޮތުން ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު، ރަސްމީ ދުވަސްދުވަހު ގަޑިޖެހޭނީ ހެނދުނ 08:01  ހިނގުމަށްފަހު އޮފީހަށް ހާޒިރުވުމުންނެވެ. ރަމަޒާންމަހު ގަޑިޖެހޭނީ 10:01  ހިނގުމަށްފަހު އޮފީހަށް ހާޒިރުވުމުންނެވެ.

(ފ) މުވައްޒަފަކު އާދަވެ ގަޑިޖެހޭނަމަ، އެ މުވައްޒަފެއްގެ މައްޗަށް އޮފީހުން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ.

 

29 ވަނަ މާއްދާ – އޮފީސް ހުޅުވައި ލެއްޕުން

(ހ) އޮފީސް ހުޅުވައި ލައްޕާނީ، އެކަމަށް ހުއްދަދީފައިވާ މުވައްޒަފުންގެ މެދުގައި ބަހާލެވިފައިވާ ތަރުތީބަކުންނެވެ.

(ށ) ނުރަސްމީ ގަޑީގައި ނުވަތަ ބަންދު ދުވަސްދުވަހު އޮފީސް ހުޅުވަންވާނީ ޗީފް އެގްޒެކެޓިވް އޮފިސަރު އަންގާ ގޮތެއްގެ މަތީންނެވެ. ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ލަފާގެ މަތީން އިދާރީ ސެކްށަންއާއި ހަވާލުވެހުރި ވެރިއެއްގެ ހުއްދަލިބިގެންނެވެ. އަދި މިގޮތަށް އޮފީސް ހުޅުވަންވާނީ ކޮންމެހެން ވަގުތުން ނިންމަންޖެހޭ މަސައްކަތް ނިންމުމަށް އެކަންޏެވެ. އަދި މިގޮތަށް އޮފީސް ހުޅުވާކަން އޮތޯރިޓީގެ  އެހެން ޑިޕާޓްމަންޓްތަކަށް އޮފީސް ހުޅުވާ ސެކްށަނަކުން އަންގަންވާނެއެވެ.

(ނ) ރަސްމީ ދުވަސް ދުވަހު ގަޑިޖެހުމުގެ 15 މިނެޓު ކުރިން އޮފީސް ހުޅުވަންވާނެއެވެ.

 

30 ވަނަ މާއްދާ - އޮތޯރިޓީގެ ހިންގުމުގެ އޮނިގަނޑާއި ސެކްށަންތަކުގެ މަސައްކަތްތައް

(ހ) މިއޮތޯރިޓީގެ އިދާރީ ކަންކަން ހިންގުމަށްޓަކައި އިދާރީ އޮނިގަނޑެއް އޮތޯރިޓީގައި  އޮންނަން ވާނެއެވެ. އަދި މިއޮނިގަނޑަށް ބަދަލެއް ގެންނަން ޗީފް އެގްޒެކެޓިވް އޮފިސަރަށް ފެނިއްޖެހިނދެއްގައި އެކަން މުރާޖައާކޮށް، ބޯޑަށް ހުށަހެޅިދާނެއެވެ. އަދި ބަދަލެއް ގެނެސްފިނަމަ، އެބަދަލެއް ލިޔުމުން އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި  ބުނެފައިވާ ގޮތުގެމަތިން ފާސްކުރާ އިދާރީ އޮނިގަނޑުގައި ހިމެނޭ ބައިތަކާއި، މަސައްކަތާއި، މަގުސަދާއި ކުރަންޖެހޭ މައިގަނޑު ހުރިހާ މަސައްކަތެއް ލިޔެފައި އޮންނަން ވާނެއެވެ. އަދި މަސައްކަތްތައް ކުރަންވާ ގޮތުގެ އުސޫލުތައް (ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރސް) ލިޔެ، ބޯޑުން ފާސްކޮށްފައި އޮންނަން ވާނެއެވެ.

 

31 ވަނަ މާއްދާ - މީޑިޔާއަށް މައުލޫމާތު ދިނުން

(ހ) އޮތޯރިޓީއިން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދޭނީ ޗީފް އެގްޒެކެޓިވް  އޮފިސަރު ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރު އެކަމަށް ކަނޑައަޅާ މުވައްޒަފެކެވެ.

(ށ) އޮތޯރިޓީއިން އާންމުކޮށް ހާމަކުރަމުން ދިއުމަށް ކަނޑައަޅާފައިވާ ތަފާސް ހިސާބު ފަދަ  މައުލޫމާތު ހާމަކުރަންވާނީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ހުއްދަ ލިބިގެންނެވެ.

(ނ) އޮތޯރިޓީގެ ވަކިމައްސަލައަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޯޑުން ވަކިފަރާތެއް  އައްޔަންކޮށްފިނަމަ، އެމައުލޫމާތެއްދޭނީ އެފަރާތަކުންނެވެ.

(ރ) އޮތޯރިޓީގެ ނަމުގައި ނޫސްބަޔާނެއް ނެރޭނަމަ އެނޫސް ބަޔާނެއް ނެރެންވާނީ ބޯޑުން ފާސްކޮށް، އެފާސްކުރިގޮތަކަށެވެ.

 

4 ވަނަ ބާބު: މުވައްޒަފުންނާއި ބެހޭބައި

32 ވަނަ މާއްދާ - މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުސޫލުތައް

(ހ) ކޮންމެ މުވައްޒަފަކުމެ ވަޒީފާ އަދާކުރުމުގައި، އިސްލާމީ ށަރީއަތަށާއި، ގާނޫނުއަސާސީ އަށާއި، ދިވެހި ދައުލަތުގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.

(ށ) ބޯޑުން ނިންމާ ނިންމުންތަކަށް މުވައްޒަފުން އަމަލުކުރަންވާނެއެވެ.

(ނ) އެކިއެކި ބޭނުމުގައި އޮތޯރިޓީއަށް އަންނަ މީހުންނާ ކަންކަމުގައި ފޯނުން ގުޅާމީހުންނާ މުހާތަބުކޮށް މުއާމަލާތު ކުރަންވާނީ އިހްތިރާމާއެކުގައެވެ.

(ރ) ކޮންމެ މުވައްޒަފަކުވެސް އެމީހަކާ ހަވާލު ކޮށްފައިވާ މަސައްކަތްތައް ކުރަންވާނީ އެމީހެއްގެ ލަޔާގަތާއި ގާބިލުކަން ތަންދޭ އެންމެ މަތީ ދަރަޖައަކަށް، ކަމަށް ކަމޭހިތައިގެން، ފަރުވާތެރިކަމާ އެކުގައެވެ,

(ބ) އޮތޯރިޓީގެ މަސައްކަތް ކުރަންވާނީ ގާނޫނާއި ގަވާއިދާ ހިލާފުނުވާ ގޮތުގެމަތިން، ސެކްށަންތަކާއި ސެކްށަންތަކުގެ ވެރިންގެ ލަފަޔާއި އިރުށާދާ އެއްގޮތަށެވެ.

(ޅ) ސެކްށަނެއްގެ ވެރިއަކު އެހެން ސެކްށަނެއްގެ މުވައްޒަފަކާ މަސައްކަތެއް ހަވާލުކުރަންވާނީ އެމުވައްޒަފަކު މަސައްކަތްކުރާ ސެކްށަނެއްގެ ވެރިއެއްގެ ހުއްދަ ލިބިގެން، އެމުވައްޒަފެއްގެ މަސައްކަތަށްހުރަސްނޭޅޭގޮތަށެވެ.

(ކ) އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު، އެމުވައްޒަފެއްގެ ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތެއް، މާލީ ފައިދާއެއް ލިބޭ ނުވަތަ ނުލިބޭ ކަމެއް ވިޔަސް، ކޮށްގެން ނުވާނެއެވެ.

(އ) އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު އޮތޯރިޓީގެ އެއްވެސް ލިޔުމެއް، ރިކޯޑިންގއެއް، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ހުއްދައެއްނެތި، އޮތޯރިޓީގެ ބޯޑު މެންބަރުން ފިޔަވައި، އެއްވެސް އެހެން ފަރާތަކަށް ދީގެން ނުވަތަ ދައްކައިގެން ނުވާނެއެވެ.

(ވ) މި މާއްދާގެ (އ) ގައި އެހެން އޮތްނަމަވެސް، އާންމުކުރުމަށް އޮތޯރިޓީއިން ނިންމާ  މައުލޫމާތުތައް ދިނުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(މ) އޮތޯރިޓީގެ  މުދަލާއި، ތަކެއްޗާއި، ކަރަންޓާއި، ފޯނާއި އަދި އޮފީހުގައި ބޭނުންކުރާ އެންމެހައި ތަކެތި ބޭނުންކުރަންވާނީ، ހަރަދުކުޑަކޮށް އެ ތަކެއްޗަށް އެއްވެސް ގެއްލުމެއް ނުލިބޭގޮތަށެވެ.

(ފ) އޮތޯރިޓީގެ އެއްވެސް އެއްޗެއް، މުވައްޒަފަކު އޮފީހުން ބޭރަށް ގެންދަން ވާނީ އޮތޯރިޓީގެ ވެރިއެއްގެ ހުއްދަ ލިބިގެންނެވެ. މިގޮތުން އެއްޗެއް އޮފީހުން ބޭރަށް ގެންދިޔުމަށް ވެރިޔަކު ހުއްދަ ދޭންވާނީ، ގެންދާ އެއްޗަކާއި ގެންދާ ބޭނުމަކާއި މުއްދަތު ބަޔާންކުރާ ލިޔުމެއް ލިޔެ، އެލިޔުމުގައި އެ އެއްޗެއް ގެންދާ މީހާ ސޮއި ކުރުމުންނެވެ. އަދި އޮތޯރިޓީ އިން  އެއްވެސް އެއްޗެއް އެއްވެސް ފަރާތަކާ ހަވާލުކުރަންވާނީ، އެ އެއްޗެއް ހަވާލުވިކަމުގެ ސޮއި ހޯދުމަށް ފަހުއެެވ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިފަދަ ތަކެތި އަނބުރާ ހަވާލުވާއިރު އެއެއްޗެއް ގެންދިޔައިރު ހުރި ހާލުތަގައި އޮތްތޯ ބެލުމަކީ، އެތަކެތި ބެލެހެއްޓުމާ ހަވާލުވެފައިވާ މުވައްޒަފެއްގެ މަސްއޫލިއްޔަތެކެވެ.

(ދ) އޮތޯރިޓީގެ އެއްވެސް އެއްޗަކަށް މުވައްޒަފެއްގެ އިހުމާލުން ގެއްލުމެއްވެއްޖެނަމަ  އެ އެމުވައްޒަފަކު އެއަށް ޒިންމާވާން ޖެހޭނެއެވެ.

(ތ) ހުރިހާ ހާލަތެއްގައިވެސް ސާފުތާހިރުކަމަށް ފަރުވާ ބެހެއްޓުމާއެކު، މަސައްކަތުގެ އަހުލާގު ހިފަހައްޓަން ވާނެއެވެ.

(ލ) މަސައްކަތު ގަޑީގައި މުވައްޒަފަކު އަމިއްލަ ކަމެއްގައި އޮފީހުން ބޭރަށް ދާންވާނީ، ކޮންމެހެން ނުގޮސްނުވެއްޖެ ހާލަތެއްގައި، އެމުވައްޒަފަކު މަސައްކަތް ކުރާ ސެކްށަންގެ  ވެރިއެއް ނުވަތަ އޮތޯރިޓީގެ ވެރިއެއްގެ ހުއްދަ ލިބިގެން، އެކަން ރިކޯޑުކުރުމަށް ފަހުއެވެ.

(ގ) ބަންދު ދުވަހެއްގައި އޮތޯރިޓީގެ މަސައްކަތެއް ކުރުމަށް ކަނޑައަޅާފައި ވަނިކޮށް، އޮތޯރިޓީގެ  މުވައްޒަފަކު، ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ، އެމުވައްޒަފަކު ނިސްބަތްވާ ސެކްށަނުގެ ނުވަތަ އޮތޯރިޓީގެ ވެރިއަކަށް އަންގަންވާނެއެވެ.

 

33 ވަނަ މާއްދާ - ސިޔާސީ ހަރަކާތް

އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ހަރާކާތެއްގައި ބައިވެރިވާ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްގެ މަންފާއާއި ލާބައަށްޓަކައި ނުވަތަ އެފަދަ ފަރާތެއްގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި، އެ މުވައްޒަފެއްގެ މަގާމުގެ ބޭނުން ހިފައިގެން ނުވާނެއެވެ.

 

34 ވަނަ މާއްދާ - ހެދުން ބަހައްޓަންވީ ގޮތް

(ހ) އޮތޯރިޓީގެ މުވައްޒަފުން ރަސްމީގަޑީގައި އޮފީހަށް ނިކުންނައިރު ހެދުން ބަހައްޓަންވާނީ ތިރީގައި ބަޔާން ކޮށްފައިވާ ގޮތަށެވެ.

  1. ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ދިގު ފަޓުލޫނާއި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ޓައީ އެވެ. ނުވަތަ ދިގު ފަޓުލޫނާއި އަތްދިގު ބުސް ގަމީހެވެ. މިގޮތަށް ހެދުން އަޅާއިރު މުވައްޒަފުން ތިބެންޖެހޭނީ އޮފީސް ބޫޓަށް ނުވަތަ ރަސްމީ މާހައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ބޫޓަކަށް އަރައިގެންނެވެ.
  2. އަންހެން މުވައްޒަފުންގެ ހެދުމަކީ ޖަމާއަތުގެ އަދަބާ ހިލާފުނުވާ ރަސްމީ މާޙައުލެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ހެދުމަކާއި ބޫޓު ނުވަތަ ފައިވާނެކެވެ.

 

(ށ) ސަޕޯޓް ސްޓާފްގެ ގޮތުގައި ހިމެނޭ ފިރިހެން މުވައްޒަފުންގެ ހެދުމަކީ، ފަޓުލޫނާއި ގަމީހާއި އެކަށީގެންވާ ބޫޓު ނުވަތަ ފައިވާނެކެވެ. މިގިންތީގެ އަންހެން މުވައްޒަފުންގެ ހެދުމަކީ މަސައްކަތަށް ދަތިނުވާ، މުޖުތަމައުގެ އަދަބާ ހިލާފުނުވާ ހެދުމަކާއި އެކަށީގެންވާ ބޫޓު ނުވަތަ ފައިވާނެކެވެ

 

35 ވަނަ މާއްދާ - މުވައްޒަފުންނަށް ގޯނާ ނުކުރުން

(ހ) އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު އަނެއް މުވައްޒަފަކާމެދު އެއްވެސް ބާވަތެއްގެ ގޯނާކުރުމުގެ އަމަލެއް ހިންގައިގެން ނުވާނެއެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ގޯނާކުރުމަކީ، ތަފާތު ގޮތްގޮތުން އެހެން މުވައްޒަފަކު ނުވަތަ މުވައްޒަފުން ކުރާ އަމަލެއްގެ ސަބަބުން މުވައްޒަފަށް ނޭދެވޭ އަސަރެއް ކުރިމަތިކުރުވުމެވެ.

(ށ) ތިރީގައި ބަޔާންކޮށްފައި އެވާ ކަންތައްތަކުގެ ތެރެއިން ކަމެއް، މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެހެން މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ކުރުމަކީ، ނުވަތަ އެފަދަ އެކިއެކި ކަންތައްތައް ތަކުރާރުކޮށް ކުރުމަކީ ގޯނާކަމަށް ބެލިދާނެއެވެ. ގޯނާ ކަމުގައި ބެލެވިދާނެ ބައެއް ޢަމަލުތައް:

  1. މުވައްޒަފަކު ރުޅިއެރުވުމަށް ނުވަތަ ދެރަކޮށްލުމަށް ނުވަތަ ނިކަމެތިކޮށްލުމުގެ ގޮތުން މަލާމާތްކުރުން، ދިމާކުރުން، ޖެއްސުންކުރުން، ނުވަތަ ފުރައްސާރަ ކުރުން. މިގޮތަށް މުވައްޒަފަކު ކުރާ އަމަލެއްގެ ސަބަބުން މުވައްޒަފަކު ހިތްހަމަނުޖެހޭކަމެއް ދިމާވެއްޖެނަމަ އެކަމެއް،  އެއަމަލެއް ހިންގި މުވައްޒަފަކަށް އެއަމަލެއް ރައްދުވި މުވައްޒަފަކު އަންގަންވާނެއެވެ.
  2. ގާނޫނު ނަންބަރު 16/2014 ( ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ބަޔާންކުރާ ޢަމަލެއް ހިންގުން
  3. މުވައްޒަފެއްގެ ނަފުސަށް ނުވަތަ ޖިސްމަށް ގެއްލުމެއް ދިނުން، ނުވަތަ ދެވިދާނެ ކަމަށް ބުނުން، ނުވަތަ އިށާރާތުން ކަނޑައެޅިގެން ދެއްކުން
  4. މުވައްޒަފަކަށް ޖިންސީ ގޯނާކުރުން.
  5. މުވައްޒަފެއްގެ އަގު ވައްޓާލުމަށް މުވައްޒަފަކާ ދިމާލަށް އެހެން މީހުންގެ ތެރޭގައި ހިތްހަމަ ނުޖެހިގެން، ބާރަށް ހަޅޭއްލެވުން
  6. މުވައްޒަފަކާ ދިމާލަށް އަހުލާގީ ގޮތުން ބޭއަދަބީ ބަހުން މުހާތަބު ކުރުމާއި އެއްޗެހި ގޮވުން
  7. އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރެވިދާނެކަމަށް ނުވަތަ ހަރުކަށި އަދަބެއް ދެވިދާނެކަމަށް ބުނެ ބިރުދެއްކުން. އެއްވެސް ސަބަބަކާ ހުރެ މިގޮތަށް މުހާތަބުކޮށްފިނަމަ އެކަމެއް ލިޔުމުން އޮތޯރިޓީގެ ބޯޑަށް ހުށަހަޅަންވާނެއެވެ
  8. މުވައްޒަފެއްގެ މަސައްކަތަށް ޖެއްސުން ކުރުން ނުވަތަ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމެއްކުރުން. (މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސައްކަތެއް ކުރުމަށް ބޭނުންވާ މައުލޫމާތު ގަސްދުގައި ނުދިނުން ނުވަތަ ހިފެހެއްޓުން ނުވަތަ ސައްޙަ ނޫން މައުލޫމާތު ދިނުން ފަދަ ކަންކަން މީގެތެރޭގައި ހިމެނެއެވެ.
  9. މަސައްކަތުގެ މާހައުލުގައި މުވައްޒަފަކާ، އަނގަބަހުން ނުވަތަ އިށާރާތަކުން ޖިންސީ ކަމަކަށް އިށާރާތްކޮށް ބެހުމާއި، މުވައްޒަފެއްގެ ހަށިގަނޑުގައި ބީހުމާއި، ކޮއްޓުމާއި، ވިކުމާއި، އަތްލުމާއި، ފިރުމުން.
  10. މަސައްކަތްކުރާ އޮފީހުގައި ނުވަތަ އޮފީހުގެ ރަސްމީ ދަތުރެއްގައި ނުވަތަ މަސައްކަތުގެ މާޙައުލުގައި ޖިންސީ އެދުމެއް ހާސިލުކުރުމަށްޓަކައި އެހެން މުވައްޒަފަކު ލައްވައި އެއްވެސް ޢަމަލެއް ކުރުވުން، ނުވަތަ ކުރުވަން އުޅުން.
  11. ހަޑިހުތިރު އިބާރާތުން ޖިންސީ ކަންކަމާބެހޭ ގޮތުން ވާހަކަ ދެއްކުމާއި، މުވައްޒަފަކު ޖިންސީ ގޮތުން ށައުގުވެރި ކުރުވުމަށްޓަކައި ވާހަކަ ދެއްކުމާއި، މި ބޭނުމަށްޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހުށަހެޅުމާއި، މަސައްކަތުގެ ދާއިރާއިން ބޭރުގައި ބައްދަލު ކުރުމަށް ހުށަހެޅުމާއި، ހަޑިހުތުރު ބަސް ބުނުމާއި، ހަޑިހުތުރު ޖޯކު ކިޔުމާއި، ހަޑިހުތުރު ޢަމަލު ހިންގުން
  12. އެހެން މުވައްޒަފަކަށް އެއްވެސް ބާވަތެއްގެ ޒަރިއްޔާއަކުން އޮރިޔާން ދެއްކުމާއި، އޮރިޔާން ކާޑު ދެއްކުމާއި، ޖިންސީ ށައުގުވެރިކަން ދޭހަކޮށްދޭ އެއްވެސް ހަރަކާތެއް ހިންގުން.
  13. މުވައްޒަފެއްގެ ޖިންސަށް ނިސްބަތްކޮށް އެ މުވައްޒަފަކު ކުޑައިމީސްކުރުމާއި، މަލާމާތްކުރުމާއި، ބެހުމާއި، ފޮށުމާއި، ދިމާކުރުމާއި، ދެރަކުރުމާއި، ހަނގާކުރުމާއި، އެކަހެރިކުރުމާއި، އެކިއެކި ބަސްބުނުން.
  14. ޖިންސީ އެދުމެއް ހުށަހެޅުމަށްޓަކައި އިދާރީގޮތުން ކޮށްދޭން ނުޖެހޭ ކަމެއް ކޮށްދިނުން ނުވަތަ ކޮށްދޭން ޖެހޭކަމެއް ކޮށްނުދިނުން، ދޭންޖެހޭ ހައްގެއް ނުދީ ހިފެހެއްޓުން ނުވަތަ ދޭންނުޖެހޭ ހައްގެއް ދިނުން ނުވަތަ ބިރުދެއްކުން

 

(ނ) މަސައްކަތުގެ ދާއިރާގައި އަންހެނުންނާއި ފިރިހެނުންނަށް އަބުރުވެރިކަމާއި ނަފުސުގެ އިއްޒަތާއެކު، މަސައްކަތް ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ރ) އެއް މުވައްޒަފަކު އަނެއް މުވައްޒަފަކާމެދު ގޯނާކުރުމުގެ އަމަލެއް ހިންގައިފި ނަމަ، އެ އަމަލެއް ހިންގި، އަދި އެ ކަމުގައި ބައިވެރިވި މުވައްޒަފެއް ނުވަތަ މުވައްޒަފުންގެ މައްޗަށް މި ގަވާއިދުގައިވާ ގޮތުގެމަތީން އިސްލާހީ  ފިޔަވަޅުއަޅަން ވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ވާގޮތުގެ  މަތިން އޮތޯރިޓީއިން ނިންމާ ނިންމުމަކާއި މެދު އެއްވެސް މުވައްޒަފަކު ހިތްހަމަ ނުޖެހޭނަމަ އެމައްސަލައެއް ބޯޑަށް ހުށަހެޅުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެން ވެއެވެ.

(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތީން މުވައްޒަފަކު މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލަ ބޯޑުން ބަލައި، ގޮތެއް ނިންމަން ވާނެއެވެ.

 

36 ވަނަ މާއްދާ - މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަކުރުން

އޮތޯރިޓީގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު، އެއްވެސް ފަރާތަކަށް ހާމަކުރަންވާނީ، ގާނޫނުއަސާސީއާ ގާނޫނާއި އެއްގޮތްވާގޮތުގެ މަތީންނެވެ.

 

5 ވަނަ ބާބު

މަގާމު އުފެއްދުމާއި އުވާލުމާއި، ވަޒީފާ ދިނުމާއި ކުރިއެރުން ދިނުން

37 ވަނަ މާއްދާ - މަގާމު އުފެއްދުމާއި އުވާލުން

(ހ) އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މަގާމުތައް އުފައްދާނީ ބޯޑުންނެވެ.  އަދި މިފަދަ މަގާމެއް އުވާލަން ޖެހިއްޖެނަމަ އުވާލާނީވެސް ބޯޑުންނެވެ.

(ށ) އަލަށް މަގާމު އުފައްދަންޖެހޭކަމަށް ފެނިއްޖެނަމަ، އެމަގާމު އުފައްދަންޖެހޭ ސަބަބާއި އެފަދަ މަގާމެއްގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލާއި މަގާމާގުޅޭ ތަފުސީލު، ޗީފް އެގްޒެކެޓިވް އޮފިސަރު ބޯޑަށް ހުށަހަޅަންވާނެއެވެ.

(ނ) އޮތޯރިޓީގެ މަގާމުތަކުގެ އޮނިގަނޑަށް ގެންނަ ބަދަލަކުން މަގާމެއް އުވިއްޖެނަމަ، އެ މަގާމެއްގައި ހުރި މުވައްޒަފަކަށް އޭނާގެ ވަޒީފާގެ އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިން އަދި ވަޒީފާއާބެހޭ ގާނޫނާއި ޚިލާފު ނުވާގޮތުގެމަތިން ނޯޓިސް ދިނުމާއި އެކު  ކަނޑައަޅާފައިވާ ރިޑެންޑެންސީ ޕެކޭޖު ހަމަޖައްސައިދޭން ވާނެއެވެ

 

 38 ވަނަ މާއްދާ - ވަޒީފާތަކަށް މީހުން ހޯދުން

(ހ) މަގާމުތަކަށް މީހުން ހޯދަންވާނީ އާންމުކޮށް އިއުލާނު ކޮށްގެންނެވެ. މިގޮތުން ކުރާ އިއުލާނުގައި މަދުވެގެން، ތިރީގައި މިވާ ބައިތައް ހިމަނަންވާނެއެވެ.

  1. މަގާމުގެ ނަން
  2. ވަޒީފާ އަދާކުރަންޖެހޭ ތަން
  3. މަގާމުގެ ގިންތިއާއި ށަރުތު
  4. މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު
  5. މުސާރައާއި މުސާރައިގެ އިތުރަށް ދެވޭ އިނާޔަތް
  6. ހުށަހަޅަންޖެހޭ ތަކެތި.
  7. ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހް
  8. ކުށުގެ ރިކޯޑް ހުށަހަޅަންޖެހޭ ކަން

 

(ށ) ވަޒީފާއަށް އެދި ހުށަހެޅުމުން ތިރީގައި މިވާ ކަންތައްތައް އޮތޯރިޓީ އިން ބަލަން ވާނެއެވެ.

  1. ސަނަދެއް ނުވަތަ ފެންވަރު ހުރިކަމުގެ ލިޔުމެއް ނުވަތަ އެނޫންވެސް ލިޔުމެއް ބޭނުންވާ މަގާމެއްނަމަ، އެފަދަ ސަނަދެއް ނުވަތަ ލިޔުމަކީ އެކްރެޑިޓްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އިދާރާއަކުން އެކްރެޑިޓްކޮށްފައިވާ ސަނަދެއްތޯ ބެލުމާއި، އަދި މިފަދަ ސަނަދު ނުވަތަ ލިޔުން އޭގެ އަސްލާ އެއްގޮތްތޯ ބެލުން
  2. ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން ށަރުޠު ހަމަވާ މީހުންނާ އިންޓަރވިއު ކުރުން. ވަޒީފާއަށް އެދި ހުށަހަޅާފައިވާ ށަރުޠު ހަމަވާ މީހުން 10 އަށް ވުރެ އިތުރުވާނަމަ ހިއުމަން ރިސޯސް ޕެނަލުން އިންޓަވިޔު ކުރާނެ އަދަދެއް ށޯޓުލިސްޓު ކުރެވިދާނެއެވެ.

 

39 ވަނަ މާއްދާ - ވަޒީފާތަކަށް މީހުން ހޮވުން

(ހ) އޮތޯރިޓީގެ ދާއިމީ ވަޒީފާތަކަށް ހޮވަންވާނީ، މީލާދީ ގޮތުން 18 އަހަރު ފުރި، 65 އަހަރު ނުވާ ދިވެހިންނެވެ.

(ށ) ވަޒީފާތަކަށް މީހުން ހޮވަންވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިންނެވެ.

(ނ) އޮތޯރިޓީގެ ވެރިންގެ ފެންވަރުގެ މަގާމުތަކަށް މީހުން ހޮވުމުގައި އިންޓަރވިއު ކުރާނބޯޑުން ކަނޑައަޅާ ޕެނަލަކުންނެވެ. އޮތރިޓީގެ އެނޫން މަގާމުތަކަށް މީހުން ހޮވުމަށް  އިންޓަރވިއު ކުރާނީ ޗީފް އެގްޒެކެޓިވް އޮފިސަރު ކަނޑައަޅާ ޕެނަލަކުންނެވެ.

 

40 ވަނަ މާއްދާ - ވަޒީފާ ދިނުމާއި ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާން

(ހ) އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ނިންމާނީ ބޯޑުންނެވެ. އޮތޯރިޓީގެ މަގާމަކަށް އައްޔަނު ކުރެވޭނީ އެމަގާމަކަށް ބޭނުންވާ ށަރުޠު ފުރިހަމަވާ މީހުންނެވެ.

(ށ) އޮތޯރިޓީގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމަށްފަހު އެ މީހަކު ލައްވާ މަސައްކަތްކުރުވަން ވާނީ ވަޒީފާގެ އެއްބަސްވުމުގައި ދެފަރާތުން ސޮއި ކުރުމަށްފަހުގައެވެ.

(ނ) އޮތޯރިޓީން ވަޒީފާ ދޭ މުވައްޒަފަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ގާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ވަޒީފާގެ އެއްބަސްވުމުގައި 3 (ތިނެއް)  މަސްދުވަހުގެ ޕްރޮބޭޝަން (ވަގުތީ މުއްދަތު) ކަނޑައަޅަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެމުވައްޒަފަކީ މަސައްކަތަށް ގާބިލު މީހެއް ކަމުގައި ފެންނަނަމަ، އެމިހަކީ ދާއިމީ މުވައްޒަފެއްކަމަށް ހަމަޖައްސައި، އެކަން ލިޔުމުން އޭނާއަށް އަންގަން ވާނެއެވެ.

(ރ) ޕްރޮބޭށަންގެ މުއްދަތު ތެރޭގައި އެމަގާމަށް އެ މީހަކު އެކަށީގެންނުވާ ކަމަށް ފެންނަ ނަމަ، އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނެއެވެ.

(ބ) ޕްރޮބޭށަންގެ މުއްދަތު ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، އެމުވައްޒަފަކު އެކަން ލިޔުމުން ހުށަހެޅުމުން ވަޒީފާއިން ވަކިކުރަންވާނެއެވެ.

(ޅ) ކޮންމެ މުވައްޒަފަކަށްވެސް، އެ މުވައްޒަފަކު ކުރާ މަސައްކަތުގެ މަސްއޫލިއްޔަތާއި ވާޖިބުތައް ބަޔާންކޮށް، ވަޒީފާ ބަޔާނެއް ލިޔެފައި އޮންނަން ވާނެއެވެ.

(ކ) މުވައްޒަފަކަށް ވަޒީފާ ހަވާލުކުރާއިރު އެ މުވައްޒަފެއްގެ ވަޒީފާގެ ބަޔާން، ޗީފް އެގްޒެކެޓިވް އޮފިސަރު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން، އެ މުވައްޒަފަކަށް އޭނާގެ މަސްއޫލިއްޔަތުތައް އޮޅުން ފިލުވައިދީ، ވަޒީފާގެ ބަޔާނުގައި ސޮއިކުރުވަން ވާނެއެވެ.

(އ) ވަޒީފާއާބެހޭ ގާނޫނާއި ހިލާފުނުވާ ގޮތުގެ މަތިން، ވަޒީފާގެ ބަޔާނަށް ގެންނަންޖެހޭ އުނި އިތުރު އޮތޯރިޓީއަށް ގެނެވިދާނެއެވެ.

 

41 ވަނަ މާއްދާ - ވަޒީފާގެ ކުރިއެރުން ދިނުން.

(ހ) އޮތޯރިޓީގެ މުވައްޒަފުން އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާނީ ބޯޑުންނެވެ. މުވައްޒަފެއްގެ ވަޒީފާ ބަދަލުވެއްޖެނަމަ، އެ މުވައްޒަފަކަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ. މުވައްޒަފަކު ހުރި މަގާމަށްވުރެ މަތީ މަގާމަކަށް ބަދަލުކުރަންވާނީ އޮތޯރިޓީގެ އިދާރީ އޮނިގަނޑުގައި އެފަދަ މަގާމެއް އޮތްނަމަ، ތިރީގައި މިވާ ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

  1. މަގާމުގެ މަސްއޫލިއްޔަތަށް އެ މުވައްޒަފަކު އެކަށީގެންވާ މިންވަރު.      
  2. އެ މުވައްޒަފަކު ހާޒިރީއަށާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި މަސައްކަތުގެ ފެންވަރު
  3. އެ މުވައްޒަފެއްގެ ތައުލީމީ ފެންވަރާއި ތަޖުރިބާ
  4. އޮފީހުގެ މަގްސަދު ހާސިލުކުރުމަށް މުވައްޒަފު ހިއްސާކޮށްފައިވާ މިންވަރު
  5. މުވައްޒަފު ހުރި މަގާމުގެ ވާޖިބުތައް އަދާކޮށްފައިވާ މިންވަރާއި ފެންވަރު
  6. ވަޒީފާ ހިމެނޭ ހިދުމަތުގެ އޮނިގަނޑުގައި ވަކި މުއްދަތެއް ހަމަވުމުން މަގާމުގެ ކުރިއެރުން ލިބޭގޮތަށް އެކުލަވާލެވިފައިވާ އޮނިގަނޑެއްގައި ބުނާ މުއްދަތު ހަމަވެފައިވުމާއެކު، އެ މީހެއްގެ ހިދުމަތުގެ ފެންވަރު ބެލުމުން އޭގެ ނަތީޖާއިން އެކަމަށް ބުރަވުން.
  7. އިސްލާހީ ފިޔަވަޅު އެޅިފައިވޭތޯއާއި އިސްލާހީ ފިޔަވަޅު އެޅިފައިވާނަމަ އެޅިފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްގައިތޯ އާއި އެ ފިޔަވަޅު އަޅާފައިވަނީ ކޮން ފެންވަރެއްގައިތޯ ބެލުން

 

(ށ) މި މާއްދާގެ (ހ) އަށް ޢަމަލު ކުރުމަށްޓަކައި މަގާމުތަކުގެ ށަރުޠުތަކާއި، ޕްރޮމޯށަން ޕޮލިސީ އެއް އޮންނަން ވާނެއެވެ.

 

42 ވަނަ މާއްދާ - އިސްލާހީ ފިޔަވަޅު އެޅުން

(ހ) ތިރީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ އެނޫންވެސް  އެފަދަ ކަމެއް މުވައްޒަފެއްގެ ފުށުން ފެނިއްޖެ ނަމަ، އެ މުވައްޒަފަކު އިސްލާހު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅަންވާނެއެވެ.

  1. މަސައްކަތަށް ފަރުވާކުޑަކުރުން
  2. ހާޒިރީއަށް ފަރުވާކުޑަކުރުން
  3. ވަޒީފާގެ ގާބިލުކަން ނެތުން
  4. ވަޒީފާ އަދާކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ސިޔާސަތުތަކާއި ހިލާފްވުމާއެކު، މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އުސޫލުތަކަށް ހުރުމަތްތެރިކޮށް ނުހިތުން.
  5. މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަ އަމަލެއްކުރުން.
  6. އޮތޯރިޓީގެ  ނިންމުންތަކަށް އިހުތިރާމް ނުކުރުން.
  7. އޮތޯރިޓީގެ ގަވާއިދަށް އަމަލުނުކުރުމާއި ހުރުމަތްތެރިކޮށް ނުހިތުން.
  8. އިސްލާހީ ފިޔަވަޅު އެޅުމަށް މި ގަވާއިދު ބަޔާންކުރާ މި ނޫންވެސް ކަމެއް ކުރުން.

(ށ) މުވައްޒަފަކު ކުރާކަމަކާ ގުޅިގެން އެ މުވައްޒަފަކު އިއސްލާހުރުމަށް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ، އިސްލާހީ ފިޔަވަޅު އަޅާނީ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. އަނގަބަހުން ނަސޭހަތް ދިނުން: އަނގަބަހުން ނަސޭހަތް ދިނުމަކީ ޗީފް އެގްޒެކެޓިވް އޮފިސަރ ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްލާހީ ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ މުވައްޒަފަކު، މުވައްޒަފެއްގެ އިސްލާހީ ފިޔަވަޅާ ބެހޭގޮތުން އެ މުވައްޒަފަކާ ވާހަކަ ދައްކައި، އެފަދައިން ޢަމަލުތައް ނުބެހެއްޓުމަށް ނަސޭހަތްތެރިވެ، އެކަން އެ މުވައްޒަފަކަށް އެންގުމެވެ. މުވައްޒަފުންނަށް އަނގަބަހުން ދެވޭ ނަސޭހަތް ލިޔެ ބަލަހައްޓަންވާނެއެވެ. އަދި އެ މަޢުލޫމާތު މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. އަނގަބަހުން އިސްލާހުވުމަށް ނަސޭހަތްތެރިވެވޭނީ ގިނަވެގެން 2 ފަހަރު އެވެ. ދެވަނަ ފަހަރަށްފަހު ދެން ނަސޭހަތް ދޭންވާނީ ލިޔުމުންނެވެ.
  2. ލިޔުމުން ނަސޭހަތް ދިނުން: ލިޔުމުން ނަސޭހަތް ދިނުމަކީ ޗީފް އެގްޒެކެޓިވް އޮފިސަރ ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްލާހީ ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ މުވައްޒަފަކު، މުވައްޒަފެއްގެ އިސްލާހީ ފިޔަވަޅާ ބެހޭގޮތުން މުވައްޒަފަކަށް ރަސްމީކޮށް ލިޔުމުން އެކަން އަންގައި، އެފަދައިން އަމަލުތައް ނުބެހެއްޓުމަށް ލިޔުމުން ނަސޭހަތްތެރިވުމެވެ. މުވައްޒަފުންނަށް ލިޔުމުން ދެވޭ ނަސޭހަތް ރައްކާތެރިކަމާއެކު ފައިލުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. މުވައްޒަފަކަށް ލިޔުމުން ނަސޭހަތްތެރިވެވޭނީ ގިނަވެގެން 2 ފަހަރުއެވެ. މިގޮތަށް ދޭ ނަސޭހަތެއް ދޭ ތާރީހު ފެށިގެން 2 އަހަރު ގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް އޭނާ ނުކުރާކަމުގައިވާނަމަ، އަލުން 2 ފަހަރު ވަންދެން އަނގަބަހުން ނަސޭހަތް ދެވިދާނެއެވެ. މިސާލަކަށް 2013 މޭ 15 ގައި ދީފައިވާ ނަސޭހަތަށް ރިއާޔަތްކޮށް އެއަށްވުރެ މަތީ ފިޔަވަޅެއް އަޅާނީ، އެ ފިޔަވަޅު އެޅިތާ 2 އަހަރު ފުރިހަމަނުވާ ކަމުގައިވާނަމައެވެ. ލިޔުމުން 2 ފަހަރު ނަސޭހަތް ދިނުމަށްފަހު އިސްލާހު ނުވިނަމަ އެފަދަ މުވައްޒަފަކަށް ދެން ދޭންވާނީ ލިޔުމުން އިންޒާރެވެ. ލިޔުމުން ނަސޭހަތް ދެވިފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ އެ މުވައްޒަފެއްގެ ޢަމަލުތައް އިސްލާހުވެ ކުށެއް ނުކުރާތާ 2 އަހަރު ދުވަސް ވުމަށް ފަހުގައެވެ.
  3. ލިޔުމުން އިންޒާރު ދިނުން: ލިޔުމުން އިންޒާރުދިނުމަކީ ޗީފް އެގްޒެކެޓިވް އޮފިސަރ ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްލާހީ ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ މުވައްޒަފަކު، ނަސޭހަތްތެރިވުމުންވެސް އިސްލާހު ނުވިނަމަ، ނުވަތަ އޭނާ ކުރި ކުށަކީ ކުށުގެ ދަރަޖަ 2 ގައި ނުވަތަ 3 ގައި ހިމެނޭފަދަ ކުށެއްނަމަ، އެކަން ތަކުރާރު ނުކުރުމަށާއި، ތަކުރާރުކޮށްފިނަމަ އަޅާނެ ފިޔަވަޅު ބަޔާންކޮށް ލިޔުމެއް ދިނުމެވެ. މި ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތް ބަދަލުކުރެވިދާނެކަން، ވަޒީފާގެ ގިންތި ދަށްކުރެވިދާނެކަން، ވަޒީފާއިން ވަކިކުރެވިދާނެކަން ބަޔާންކުރެވިދާނެއެވެ. މުވައްޒަފުންނަށް ލިޔުމުންދޭ އިންޒާރު ރައްކާތެރިކަމާއެކު ފައިލުކޮށް ބަލަހައްޓަންވާނެއެވެ. އަދި އެ މައުލޫމާތު މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. ލިޔުމުން އިންޒާރުދެވޭނީ 1 ފަހަރުއެވެ. މިގޮތަށް ދޭ އިންޒާރު ދޭ ތާރީޚުން ފެށިގެން 3 އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއް ނުކުރާކަމުގައިވާނަމަ، އެ އިންޒާރަށް އަމަލުނުކުރާގޮތަށް ހަމަޖެއްސިދާނެއެވެ. ލިޔުމުން އިންޒާރު ދެވިފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ އެ މުވައްޒަފެއްގެ ޢަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 3 އަހަރު ދުވަސް ވުމަށް ފަހުގައެވެ.
  4. ހަވާލުކޮށްފައިވާ މަސައްކަތް ބަދަލުކުރުން: ހަވާލުކޮށްފައިވާ މަސައްކަތް ބަދަލުކުރުމަކީ މުވައްޒަފަކު ކުރި ކުށަކާގުޅިގެން، އެ މުވައްޒަފަކަށް ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތުގެ ވާޖިބާއި މަސްއޫލިއްޔަތުގެ ތެރެއިން އެވަގުތަކަށް އެކަށީގެންވާ ކަންތައްތަކުން ވަގުތީ ގޮތުން ނުވަތަ ދާއިމީކޮށް ދުރުކޮށް، މުވައްޒަފުގެ މަސައްކަތާގުޅޭގޮތުން، އޮފީހުގެ މަސައްކަތުގެ ތެރެއިން، އެވަގުތަށް އެކަށީގެންވާ އެހެން ކަންތައްތަކެއް ހަވާލުކުރުމެވެ. ދާއިމީކޮށް މަސައްކަތް ބަދަލުކުރެވޭނީ ދާއިމީގޮތެއްގައި ހަވާލުކުރާނެ ޒިންމާތަކެއް އޮވެގެން ނުވަތަ އެހެން މުވައްޒަފެއްގެ މަސައްކަތެއް ކުރުމަށް ބަދަލުކުރުމުގެ ފުރުސަތު އޮވެގެންނެވެ. މިގޮތުން، ދާއިމީގޮތެއްގައި މަސައްކަތް ބަދަލުކުރެވެން ނެތްނަމަ، މަގާމު ދައްކުރާނީއެވެ. ވަގުތީ ގޮތުން މުވައްޒަފުގެ މަސައްކަތް ބަދަލުކުރާނަމަ، އެ ފިޔަވަޅު އެޅުނު މުއްދަތު ހަމަވުމުން ނުވަތަ އެ މުވައްޒަފުގެ އަމަލުތައް އިސްލާހު ވުމުން، މުވައްޒަފު ކުރިން އަދާކުރަމުންދިޔަ މަސައްކަތާއި މަސްއޫލިއްޔަތުތައް، ގިނަވެގެން 3 މަސްދުވަހުގެ ތެރޭގައި ހަވާލުކުރަންވާނެއެވެ. މި މާއްދާގައި ބުނާ ފިޔަވަޅު އަޅާފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ އެ މުވައްޒަފެއްގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 3 އަހަރު ދުވަސް ވުމަށް ފަހުގައެވެ.
  5. ވަކި މުއްދަތަކަށް ވަޒީފާއަށް ނުނުކުމެ ހުރުމަށް އެންގުން: މިއީ ކުށުގެ ދަރަޖަ 2 އަދި 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ވަޒީފާއަށް ނެރުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، އޮފީހުގެ މަސައްކަތަށް ނުރަނގަޅު އަސަރު ކޮށްފާނެ ކަމަކަށްވާތީވެ، އެ މުވައްޒަފަކަށް މުސާރަ ލިބޭގޮތަށް ނުވަތަ ނުލިބޭގޮތަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް ނުވަތަ ވަޒީފާގެ ޒިންމާ އަދާނުކޮށް ހުރުމަށް އަންގާ އެންގުމެކެވެ. މި އިސްލާހީ ފިޔަވަޅަކީ އިސްވެ ބަޔާންކުރެވުނު އިސްލާހީ ފިޔަވަޅުތަކަށްވުރެ ހަރުކަށި ފިޔަވަޅެކެވެ. މި ފިޔަވަޅު އޮތޯރިޓީގެ މުވައްޒަފަކާމެދު އަޅާނީ އެ ފިޔަވަޅު އެޅުމަށް ބޯޑުން ނިންމައިގެންނެވެ. ނަމަވެސް ކުށުގެ ދަރަޖަ 2 އަދި 3 ގައި ހިމެނޭ ކުށެއް ކުރުމުގެ ސަބަބުން ކުށްކުރި މުވައްޒަފަށް ވަގުތުން އޮފީހުން ދިއުމަށް އަންގާ އެންގުން އެއީ މި ފިޔަވަޅު އެޅުން ކަމުގައި ނުބެލެވޭނެއެވެ. އިސްލާހީ ފިޔަވަޅެއްގެ ގޮތުން އޮފީހަށް ނުނިކުމެ ހުރުމަށް އެންގޭނީ ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 14 ދުވަހުގެ މުއްދަތަށެވެ. މި މާއްދާގައި ބުނާ ފިޔަވަޅު އަޅާފައިވާ މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ އެ މުވައްޒަފެއްގެ އަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 3 އަހަރު ދުވަސް ވުމަށް ފަހުގައެވެ. މި ފިޔަވަޅު އެޅުމަށްފަހު، އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގައި، އެ ލިޔުން އެ މުވައްޒަފުގެ ޕާރސަނަލް ފައިލްގައި ދާއިމީ ރިކޯޑެއްގެ ގޮތުގައި ފައިލްކޮށް، ބަލަހައްޓަންވާނެއެވެ.
  6. ވަޒީފާގެ މަގާމު ދަށްކުރުން: މިއީ ކުށުގެ ދަރަޖަ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ހުރި ފަންތީގެ މަގާމަށްވުރެ ދަށްފަންތީގެ މަގާމަކަށް ބަދަލުކުރުމަށް އަޅާ ފިޔަވަޅެކެވެ. މި ފިޔަވަޅު އޮތޯރިޓީގެ މުވައްޒަފަކާ މެދު އަޅާނީ އެ ފިޔަވަޅު އެޅުމަށް ބޯޑުން ނިންމައިގެންނެވެ. މި މާއްދާގައި ބުނާ ފިޔަވަޅު އަޅާފައިވާ މުވައްޒަފަކަށް މަޤާމުގެ ކުރިއެރުން ނުވަތަ މުސާރައިގެ ކުރިއެރުން ދެވޭނީ އެ މުވައްޒަފެއްގެ ޢަމަލުތައް އިސްލާހުވެ، ކުށެއް ނުކުރާތާ 4 އަހަރު ދުވަސް ވުމަށް ފަހުގައެވެ. އަދި މަގާމުގެ ކުރިއެރުން ދެވޭނީ އެ މުވައްޒަފަކު ދަށްކުރި މަގާމުން ފެށިގެން، މި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. މި ފިޔަވަޅު އެޅުމަށްފަހު، އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގައި، އެ ލިޔުން އެ މުވައްޒަފުގެ ޕާރސަނަލް ފައިލްގައި ދާއިމީ ރިކޯޑެއްގެ ގޮތުގައި ފައިލްކޮށް، ބަލަހައްޓަންވާނެއެވެ. މި ފިޔަވަޅު އެޅުމަށްފަހުވެސް މުވައްޒަފު އިސްލާހުވެފައި ނުވާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ބޯޑަށް ހުށަހަޅަންވާނެއެވެ.
  7. ވަޒީފާއިން ވަކިކުރުން: މިއީ ކުށުގެ ދަރަޖަ 3 ގައި ހިމެނޭ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގެ ސަބަބުން އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ކަމަކަށް ނުވާނަމަ އެ މުވައްޒަފަކު ވަޒީފާއިން މުވައްޒަފަކާމެދު ވަކިކުރާ ކުރުމެވެ. މި ފިޔަވަޅު އޮތޯރިޓީގެ މުވައްޒަފަކާ މެދު އަޅާނީ އެ ފިޔަވަޅު އެޅުމަށް ބޯޑުން ނިންމައިގެންނެވެ. މި ފިޔަވަޅު އެޅުމަށްފަހު އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގައި އެ ލިޔުން އެ މުވައްޒަފުގެ ޕާރސަނަލް ފައިލްގައި ދާއިމީ ރިކޯޑެއްގެ ގޮތުގައި ފައިލްކޮށް ބަލަހައްޓަންވާނެއެވެ. 

(ނ) މުވައްޒަފެއްގެ ފަރާތުން ފަރުވާކުޑަ ކުރުން ފަދަ ކަމެއް ފެނިގެން ނަސޭހަތް ދީ އިސްލާހީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ، އެކަމެއް ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހަޅައި، އެ އިސްލާހީ ފިޔަވަޅު އަޅާނީ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަން މެދުވެރިކޮށް، ޗީފް އެގްޒެކެޓިވް އޮފިސަރެވެ. މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅެއް އަޅަންޖެހިއްޖެ ހިނދެއްގައި ބޭނުންވާ މައުލޫމާތު ސުޕަރވައިޒަރު ނުވަތަ ސެކްށަނުގެ ވެރިޔާ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނަށް ފޮނުވަން ވާނެއެވެ. މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އެޅިއްޖެނަމަ، އެ ފިޔަވަޅެއްގެ މައުލޫމާތު މުވައްޒަފުގެ ޕަރސަނަލް ފައިލުގައި ބަހައްޓަންވާނެއެވެ.

(ރ) ދައުލަތުގެ ފައިސާއަށާއި ތަކެއްޗަށް ހިޔާނާތްތެރިވުމާއި ރިށްވަތު ހިފުމުގެ މައްސަލައެއް މުވައްޒަފެއްގެ ފަރާތުން ފެނިއްޖެނަމަ، އެކަން ކަމާބެހޭ ފަރާތަށް ހުށަހަޅަންވާނެއެވެ.

(ބ) ށަރުއީ ކޯޓަކުން މުވައްޒަފެއްގެ މައްޗަށް ކުށެއް ސާބިތުވެގެން ހުކުމެއް ކަނޑައަޅައިފި ނަމަ، ނުވަތަ ޚިޔާނާތެއް ވެފައިވާކަމުގެ ހެކި ތަހުގީގުން ލިބިއްޖެނަމަ، ނުވަތަ ވަޒީފާގައި އިތުރަށް ބެހެއްޓުމުން އޮތޯރިޓީއަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނިއްޖެނަމަ،  މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމަކާ ނުލައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ އޮތޯރިޓީގެ ބޯޑުން އެކަން ފާސްކޮށްގެންނެއެވެ.

(ޅ) ސެކްށަން ނުވަތަ ޑިވިޒަނެއް ހިންގުމާ ހަވާލުވެ ހުރި ވެރިއެއްގެ ފަރާތުން އެމީހެއްގެ މަސައްކަތަށް ފަރުވާކުޑަކުރުން ފަދަ ކަމެއް ފެނިގެން ނަސޭހަތް ދޭން ޖެހިއްޖެނަމަ، ނަސޭހަތް ދޭނީ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ކ) ޗީފް އެގްޒެކެޓިވް އޮފިސަރަށް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމާ ގުޅޭގޮތުން އަންގަންޖެހޭ އެންގުމެއް އަންގާނީ، ނުވަތަ ދޭންޖެހޭ އިންޒާރެއް ދޭނީ، ބޯޑުންނެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރަންޖެހޭކަމަށް ފެނިއްޖެނަމަ، އެކަމާމެދު ގޮތެއް ކަނޑައަޅާނީ ވެސް ބޯޑުންނެވެ.

(އ) މުވައްޒަފުންނަށް އިންޒާރުދީ، ދޭ ލިޔުމުގައި އެ މުވައްޒަފަކު ސޮއިނުކުރިނަމަ، ދެމީހުންގެ ހާޒިރުގައި އިންޒާރުދެވުނުކަން އެމުވައްޒަފަށް އަންގާނީއެވެ. މިގޮތަށް އަމަލުކުރާއިރު، އިންޒާރުދިންކަމަށް އެ ދެމީހުން ހެކިވެ އެ ލިޔުމުގައި ސޮއިކުރަން ވާނެއެވެ.

(ވ) މުވައްޒަފަކު އިސްލާހު ކުރުމަށް މިގަވާއިދުގައި ވާގޮތުގެމަތީން ފިޔަވަޅު އަޅައިގެން އިސްލާހު ނުވެއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ބޯޑަށް ހުށަހަޅަންވާނެއެވެ. ވަޒީފާއިން ވަކިކުރުމަށް ބޯޑަށް ހުށަހަޅާއިރު، އެ މުވައްޒަފަކާމެދު އަޅާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތަފުސީލު ހުށަހަޅަން ވާނެއެވެ. މިކަންކަން ކުރުމަކީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ޒިންމާއެކެވެ.

(މ) މުވައްޒަފަކަށް، އިދާރީ ކަންކަމުގައި ނުވަތަ އޭނާ ކުރަންޖެހޭ މަސައްކަތުގައި ފަރުވާ ކުޑަވެގެން އިންޒާރު ދީފައިވަނީ ނުޙައްގުން ކަމުގައި އޭނާ ދެކޭނަމަ، އެކަމުގެ ށަކުވާ، ބޯޑަށް އުފުލުމުގެ ހައްގު އޭނާއަށް ލިބިގެން ވެއެވެ.

 

43 ވަނަ މާއްދާ - ކުށުގެ ދަރަޖަތައް

(ހ) ކުށުގެ ދަރަޖަ 1

މި ކުށްކުށަކީ، ނަސޭހަތްދީގެންނާއި އެ ނޫންވެސް އެކަމަކަށް އެކަށީގެންވާ ފިޔަވަޅު އަޅައިގެން މުވައްޒަފުންނަށް އިސްލާހުވުމަށް ފުރުސަތު ދޭންވާނެފަދަ ކުށްކުށެވެ.

  1. ހަވާލުކޮށްފައިވާ މަސައްކަތަށް ފަރުވާކުޑަކުރުމާއި ވަޒީފާގެ ޒިންމާ ނުއުފުލުން.
  2. ހަވާލުކުރެވޭ މަސައްކަތްތައް އެ މަސައްކަތް ނިންމަންޖެހޭ އަވަސްމިނުގައި ޒިންމާދާރުކަމާއެކު ނުކުރެވުން.
  3. ކަނޑައެޅިފައިވާ ގަޑިއަށް އޮފީހަށް ނުވަތަ ރަސްމީ މަސައްކަތަށް މުވައްޒަފު ހާޒިރުނުވުމުގެ ސަބަބުން އޮފީހުގެ މަސައްކަތަށް ބުރޫއެރުން ނުވަތަ އެހެން މުވައްޒަފުންގެ މަސައްކަތުގެ މާޙައުލާއި މަސައްކަތުގެ އަހުލާގަށް ނޭދެވޭ އަސަރުކުރުން.
  4. މަސައްކަތު ދާއިރާގައި މުވައްޒަފު ދޭންޖެހޭ އެއްބާރުލުމާއި، އަމުރަށާއި، އެންގުންތަކަށް ކިޔަމަންތެރިނުވުން.
  5. ކަނޑައަޅާފައިވާ މަސައްކަތުގަޑީގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނުން ބޭރުގައި ހުއްދަނެތި އުޅުމާއި، ކަނޑައަޅާފައިވާ މަސައްކަތު ގަޑީގައި އަމިއްލަ މަސައްކަތްކުރުމާއި، އަމިއްލަ ކަންކަމުގައި ވަގުތު ހޭދަކުރުމާއި ވަގުތު ބޭކާރުކުރުން.
  6. ބަލިނުވެ ސަލާމުގެ ޗުއްޓީ ނެގުމާއި، ބަލިވެގެންވެސް އޮފީހަށް ނާންގައި ސަލާމުގެ ޗުއްޓީގައި ހުރުމާއި، އެކިއެކި ޗުއްޓީ ނެގުމުގައި މަކަރުހެދުމާއި، އޮޅުވާލުމާއި، ޗުއްޓީގެ ފުރުސަތު ނުވަތަ އިނާޔަތް ނަހަމަގޮތުގައި ބޭނުންކުރުން، ނުވަތަ އެއިންކަމެއް ކުރަން އުޅުން.
  7. މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑަށްވުރެ ދަށްފަންތީގެ އަމަލުކުރުމާއި، ވާހަކަދެއްކުމުގަޔާއި، މުޙާތަބުކުރުމުގައި، ހަޑިހުތުރު ބަހުރުވަ ބޭނުންކުރުން.
  8. ވަޒީފާ އަދާކުރުމުގައި އިހުމާލުވުން ނުވަތަ ފަރުވާކުޑަވުން.
  9. ގޯނާކުރުން (ގޯނާކުރުމާބެހޭ ޗެޕްޓަރގައިވާ ގޮތުގެ މަތިން ކުރި ކުށުގެ ބޮޑުމިނަށް ބަލައި ދަރަޖަ 1 އަށް ފެތޭނަމަ(
  10. މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަގޮތަކަށް އަމަލުތައް ބެހެއްޓުން.

(ށ) ކުށުގެ ދަރަޖަ 2

މި ކުށްތަކަކީ، އިސްލާހުވުމަށް ފުރުސަތުދީ ތަކުރާރުވާނަމަ، ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭ ކުށްކުށެވެ.

  1. އޮތޯރިޓީގެ ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، އެންގުންތަކާއި، އުސޫލުތަކާއި، ސިޔާސަތުތަކާ ގަސްތުގައި ހިލާފުވުން، ނުވަތަ އެއިންކަމަކަށް އިޙުމާލުވުން ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން އެއިން ގަވާއިދަކާ ހިލާފުވުން.
  2. ގާނޫނާއި ގަވާއިދާ އެއްގޮތަށް މުވައްޒަފުގެ އިސްކޮށް ހުންނަ ވެރިއަކުދޭ އިރުށާދަކާ އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތް ގަސްދުގައި ނުކުރުން، ނުވަތަ ކުރުމުގައި އިހުމާލުވުން.
  3. ކަނޑައަޅާފައިވާ މަސައްކަތު ގަޑި ނިމުމުގެ ކުރީން ހުއްދަނެތި މަސަކަތް ކުރާ ތަނުން ދިއުން.
  4. އެއްބަސްވެފައިވާ ގޮތުގެ މަތިން މަސައްކަތު ގަޑީގެ އިތުރުން، އިތުރު ގަޑީގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެންގުމުން އެކަމަށް އިންކާރުކުރުން.
  5. މި ގަވާއިދުގައިވާ ގޮތުގެ މަތީން އެންގުމަކާ ނުލައި ވަޒީފާއަށް ހާޒިރުނުވެ ހުރުން، ނުވަތަ އަންގަންޖެހޭ ފަރާތަކަށް އެންގުމަކާ ނުލައި ވަޒީފާއަށް ހާޒިރުނުވެ ހުރުން.
  6. މަސައްކަތުގެ ދާއިރާގައި އެހެން މުވައްޒަފުންނާއެކު ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ނުކުރުން.
  7. ނަހަމަގޮތުގައި ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހާ ވަސީލަތްތައް ބޭނުންކުރުން.
  8. ގޯނާކުރުން (ގޯނާކުރުމާބެހޭ ޗެޕްޓަރގައިވާ ގޮތުގެ މަތިން ކުރި ކުށުގެ ބޮޑުމިނަށް ބަލައި ދަރަޖަ 2 އަށް ފެތޭނަމަ)
  9. މި ގަވާއިދާ ހިލާފަށް ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން.
  10. ހަށިގަނޑަށް ގެއްލުން ނުލިބޭފަދަ މަސައްކަތެއްކުރި ކަމުގައިވީނަމަވެސް އެ މަސައްކަތެއްގައި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި އިހުމާލުވުން.
  11. މަސައްކަތު ގަޑީގައި ނިދުން
  12. އެނގިހުރެ ގަސްދުގައި މަސައްކަތުގެ ދާއިރާގައި މުވައްޒަފު ހާމަކުރަންޖެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރުން.
  13. މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ވެދާފަދަ އަމަލެއް ކުރުން.
  14. ކުށުގެ ދަރަޖަ 1 ގައިވާ ކުށްތައް އިސްލާހުނުވެ ތަކުރާރުވުން.

(ނ) ކުށުގެ ދަރަޖަ 3

މި ކުށްތަކަކީ، އެންމެ ފުރަތަމަ ފަހަރުންވެސް ވަޒީފާއިން ވިކިކުރުމަށް ހުށަހެޅިދާނެ ކުށްތަކެކެވެ.

  1. މި ގަވާއިދުގައިވާ ގޮތުގެ މަތިން އެއްވެސް ސަބަބެއް ނާންގައި 7 (ހަތެއް)  ދުވަހަށްވުރެ ދިގު މުއްދަތަކަށް އޮފީހަށް، ނުވަތަ އޮފީހުގެ މަސައްކަތަށް ނުނިކުމެ ހުރުން ނުވަތަ ޗުއްޓީ ހަމަކޮށްފައި އޮފީހަށް ނުކުންނަންޖެހޭ ތާރީހު ހަމަވުމަށްފަހު 7) ހަތެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުނިކުމެ ހުރުން.
  2. ސަރުކާރުގެ ލިޔެކިއުމެއް ނުވަތަ އޮފީހުގެ ލިޔެކިއުމެއްގެ އަސްލު އޮޅުވާލައި، ބަދަލުކުރުން. މީގެ ތެރޭގައި، އެ މީހަކު މަސައްކަތުގައި ގެންގުޅެންޖެހޭ ލިޔުމާއި، އޮފީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ލިޔުމާއި، ހާޒިރީ ރިޕޯޓް، ވައުޗަރު، ޗުއްޓީގެ ރިކޯޑުތައް، އިތުރުގަޑީގެ ހާޒިރީ ފަދަ އޮފީހުގެ ލިޔެކިއުންތައް ހިމެނެއެވެ.
  3. ގާނޫނާއި ގަވާއިދާ ހިލާފަށް ދައުލަތުގެ ސިއްރު މަޢުލޫމާތު ހާމަކުރުން، ދޫކުރުން، ބޭރުކުރުން، ކޮޕީހެދުން، ރިކޯޑުކުރުން، ނުވަތަ މިއިންކަމަކަށް މަގުފަހިކުރުން، ނުވަތަ އެހީތެރިވެދިނުމާއި މިއިން ކަމެއް ކުރުމުގައި ބައިވެރިވުން.
  4. ސަރުކާރުގެ މުދަލާއި، ފައިސާއާއި، އޮފީހުގެ އެންމެހާ ވަސީލަތްތައް ބޭނުންކުރުމުގައި އިހުމާލުވުން ނުވަތަ ނަހަމަގޮތުގައި އެއިން އެއްޗެއް ބޭނުންކުރުން، ނުވަތަ އެއިން އެއްޗެއް އަމިއްލަކަމަކަށް ބޭނުންކުރުން، ނުވަތަ އެއިން އެއްޗަކަށް ގެއްލުމެއް ދިނުން، ނުވަތަ އެއިން އެއްޗަކަށް ގެއްލުންވެދާނެ ފަދަ ގޮތަކަށް އަމަލުކުރުން.
  5. ރިށްވަތު ހިފުން، ނުވަތަ އެނޫންވެސް އެފަދަ ހަދިޔާއެއް ލިބިގަތުން، ނުވަތަ އެއްޗެއް ނުވަތަ އަގުނެގޭ ހިދުމަތެއް އަގުއަދާނުކޮށް ލިބިގަތުން.
  6. އެމީހަކަށް ލިބިފައިވާ މަގާމުގެ އިހުތިޔާރު، ގަސްދުގައި ނާޖާއިޒު ގޮތެއްގައި ތިމާގެ ނުވަތަ ހައްގުނޫން ފަރާތެއްގެ ފައިދާއަށް ނުވަތަ މަސްލަހަތަށް ބޭނުންކުރުން ނުވަތަ ބޭނުންކުރަން އުޅުން.
  7. ދައުލަތާއި، ސަރުކާރާއި، އޮފީސް ބަދުނާމުވާފަދަ ކަމެއް ކުރުން. ނަމަވެސް، އެކަމަކީ ތެދުވެރިކަމާއި، އިހްލާސްތެރިކަމާއެކު ވަޒީފާ އަދާކުރުމަށްޓަކައި ކުރިކަމަކުން ނުކުތް ނަތީޖާއަކަށް ވެގެން ނުވާނެއެވެ.
  8. މުވައްޒަފުގެ ވަޒީފާގެ ކޮލިފިކޭށަނާ ގުޅޭގޮތުން ނުވަތަ ވަޒީފާގެ ވާޖިބު އަދާނުކުރެވޭ ގޮތަކަށް ށަރުއީ ކޯޓަކުން މުވައްޒަފުގެ މައްޗަށް ހުކުމެއް ކަނޑައެޅުން.
  9. ވަޒީފާ ހޯދުމަށްޓަކައި ދޮގު މައުލޫމާތު ހުށަހަޅާފައިވާކަމަށް ސާބިތުވުން.
  10. މި ގަވާއިދާ ހިލާފަށް ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން.
  11. ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު ) ގެ ދަށުން ހަރުދަނާ ގަރީނާއެއްކަމުގައި ބަލައި ގަރީނާއެއް ލިބިފައިވާ، މަސްތުވާތަކެތި ބޭނުންކުރުމުގެ ނުވަތަ ގެންގުޅުނުކަމަށް ގާނޫނީ ގޮތުން އެފަދަ މައްސަލަ ބެލުން ހަވާލުވެފައިވާ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ނުވަތަ އޮތޯރިޓީއަށް ސާބިތުވުން.
  12. ގޯނާކުރުން (ގޯނާކުރުމާބެހޭ ޗެޕްޓަރގައިވާ ގޮތުގެ މަތިން ކުރި ކުށުގެ ބޮޑުމިނަށް ބަލައި ދަރަޖަ 3 އަށް ފެތޭނަމަ)
  13. މާރާމާރީ ހިންގުން ނުވަތަ އެހެން މުވައްޒަފަކަށް އަނިޔާއެއް ވެދާފަދަ އަމަލެއް ތަކުރާރުކުރުން.
  14. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ނުވަތަ ވައްކަން، ޓެކުން، ހިޔާނާތް، މަކަރާއި ހީލަތްހެދުން ފަދަ ބޮޑުކުށެއް ކުރިކަން ށަރީއަތަށް ސާބިތުވުން.
  15. ހަށިގަނޑަށް ބޮޑެތި ގެއްލުން ލިބިދާނެފަދަ ނުރައްކާތެރި މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި ފަރުވާކުޑަކުރުން ނުވަތަ އިހުމާލުވުން.
  16. ގާނޫނާއި ގަވާއިދާ ހިލާފަށް މައުލޫމާތު ހާމަކުރުމާއި، މައުލޫމާތު ލިބިގަތުން.
  17. ކުށުގެ ދަރަޖަ 2 ގައިވާ ކުށެއް އިސްލާހުނުވެ ތަކުރާރުވުން.

 

44 ވަނަ މާއްދާ – ވަޒީފާއިން ވަކިކުރުން

(ހ) އޮތޯރިޓީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އޮތޯރިޓީން އެމީހަކަށް ފޮނުވާ ޗިޓަކުން، ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ކޮންމެވެސް ސަބަބަކާހުރެއެވެ.

 

  1. ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ މުވައްޒަފަކު ހުރި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން.
  2. މުވައްޒަފުގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް، އެކަންކުރުމަށް ކަނޑައަޅާފައިވާ ގޮތް ނޫން އެހެން ގޮތަކަށް އެކަން ގަސްދުގައި ކޮށްފައިވުން، ނުވަތަ އޮތޯރިޓީގެ ގަވާއިދާއި ހިލާފުވެފައިވުން.
  3. މުވައްޒަފަކު އެވަޒީފާއިން ވަކިވާން އެދުން.

 

(ށ) މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ހާލަތަކަށް އޭނާގެ އަމަލުތައް ހިނގައްޖެނަމަ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިއުމަން ރިސޯސް ކޮމިޓީގެ ލަފާގެ މަތިން، އެ މައްސަލަ ބޯޑަށް ހުށަހަޅަން ވާނެއެވެ.

(ނ) މުވައްޒަފަކަށް ނޯޓިސް ދިނުމަށްފަހު މި ނޯޓިސްގެ މުއްދަތުގެ ތެރޭގައި  ލިބޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ދޭންވާނެއެވެ. ނަމަވެސް ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ވާގޮތުގެމަތިން ނޯޓިސް ދިނުމަކާ ނުލައިވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގެ މަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ ބޯޑަށް ހުށަހަޅާނީ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

(ބ) މުވައްޒަފަކަށް ނޯޓިސްދީފިނަމަ ނުވަތަ ވަކިކުރި ސަބަބާއެކު އެ މުވައްޒަފަކަށް އެކަން ލިޔުމުން އަންގަން ވާނެއެވެ. އަދި ނޯޓިސްދީފައިވާ މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކު ވަޒީފާއަށް ނެރުމާއި ނުނެރުމުގެ ނޯ އިހުތިޔާރު ބޯޑަށް ލިބިގެންވެއެވެ.

(ޅ) އޮތޯރިޓީގެ ވަޒީފާގައި އުޅޭ މުއްދަތުގައި މުވައްޒަފެއްގެ މައްޗަށް ގެވެށި އަނިޔާ ނުވަތަ ޖިންސީ ގޯނާ/ފުރައްސާރަ ނުވަތަ މާރާމާރީގެ މައްސަލައަކަށް ތުހުމަތުކުރެވި، އެކަން ތަހުގީގަށް  ސާބިތުވެއްޖެނަމަ އެ މީހަކު ވަޒީފާއިން ވަކި ކުރެވޭނެއެވެ.

 

45 ވަނަ މާއްދާ - މުވައްޒަފުން އެދިގެން ވަޒީފާއިން ވަކިކުރުން

(ހ) ވަޒީފާއިން ވަކިވާން ބޭނުން މުވައްޒަފަކު ވަކިވުމަށް އެދެންވާނީ ސިޓީއަކުންނެވެ.

(ށ) މުވައްޒަފަކު ވަޒީފާއިން ވަކިވާން ބޭނުންވެއްޖެނަމަ، މަދުވެގެން 1 (އެކެއް) މަސްދަވަހުގެ މުއްދަތު އޮތޯރިޓީއަށް ދޭންވާނެއެވެ. މި މުއްދަތު ހަމަވުމުގެ ކުރިން، އެ މަގާމަށް  މުއްދަތު އޮތ ހަމަޖައްސާނެ މީހަކު ލިބިއްޖެނަމަ، ނުވަތަ ވަކިވާން އެދިފައިވާ މުވައްޒަފާ ހަވާލުވެފައިވާ މަސައްކަތްތަކާއި، ތަކެއްޗާއި، ފައިސާއާބެހޭ ކަންތައްތައް ހުރިގޮތްބަލައި، އެކަންކަން ނިމިއްޖެނަމަ، އެ މުއްދަތުގެ ކުރިންވެސް އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ. ޓިސް ދިން މުއްދަތުގައި އެމުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތާ ތަކެތި ސެކްށަންގެ ނޯ ވެރިއަކަށް ހުރި މުވައްޒަފަކު އަންގާގޮތެއްގެ މަތިން ހަވާލުކޮށް ނިމެންދެން އޮފީހަށް ހާޒިރުވާންވާނެއެވެ.

(ރ) އޮތޯރިޓީގެ ހަރަދުގައި  ތައުލީމާއި ތަމްރީން ހޯދާފައިވާ މީހަކު ހިދުމަތްކުރަންޖެހޭ މުއްދަތު ހަމަނުވަނީސް އޭނާ އެދިގެން ވަޒީފާއިން ވަކިކުރާއިރު އެ ތައުލީމާއި ތަމްރީނަށް ކުރި ހަރަދާއި، އެލަވަންސެއް ދީފައިވާނަމަ އެ އެލަވަންސް، ހިދުމަތްކުރަންޖެހޭ މުއްދަތަށް ބަހާލުމުން ބާކީވާ މުއްދަތުގެ ފައިސާ ބޮންޑުގެ މުއްދަތުގައި ބާކީ އޮތް ދުވަސްތަކަށް ބަހާލައިގެން ދެއްކިދާނެއެވެ. މިގޮތުން ދައްކަންޖެހޭ ފައިސާ ނުދައްކައިފި ނަމަ އެ މައްސަލަ ށަރީއަތަށް ހުށަހަޅަން ވާނެއެވެ.

(ބ) ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ފޮނުވުމަށް ފަހުގައިވެސް، ވަކިކުރިކަން އެމީހަކަށް ލިޔުމަކުން އަންގަންދެން، ގަވާއިދުން އޮފީހަށް ނުކުމެ، އެމީހެއްގެ ވަޒީފާ އަދާކުރަމުން ގެންދަންވާނެއެވެ.

 

46 ވަނަ މާއްދާ- ވަގުތީ ގޮތުން މީހުން ގެންގުޅުން

(ހ) މުހިންމު މަސައްކަތްތަކަށް ވަގުތީ މީހުން ގެންގުޅެން ޖެހިއްޖެނަމަ، އެކަމަށް ބޭނުންވާ މީހުން ހޯދަން ޗީފް އެގްޒެކެޓިވް އޮފިސަރު ބޯޑަށް ލަފާދޭން ވާނެއެވެ.

(ށ) 3 މަހަށްވުރެ ދިގުނޫން މުއްދަތަކަށް ވަގުތީ ވަޒީފާގައި މީހުން ގެންގުޅެވިދާނެއެވެ. ވަގުތީ ވަޒީފާދޭ މީހާ ލައްވައި އެވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކުރުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދަ މަސައްކަތްތަކަށް މީހުން ގެންގުޅެންވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ދަށުންނެވެ. މިގޮތުން ވެވޭ އެއްބަސްވުމުގައި، އެ މީހަކު ކުރަންޖެހޭ މަސައްކަތާއި، މުއްދަތާއި، ދުވާލަކު މަދުވެގެން ހޭދަކުރަންޖެހޭ ވަގުތާއި، ދެވޭ އުޖޫރައާއި، އިނާޔަތެއް ދޭނަމަ އެ އިނާޔަތެއް، ލިޔެފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި ބުނެފައިވާ ފަދަ އެއްބަސްވުމެއްގެ ދަށުން މަސައްކަތްކުރާ މީހުންގެ ހާޒިރީ ރިޕޯޓް އޮތީރިޓީ އިން ބަލަހައްޓަން ވާނެއެވެ.

 

6 ވަނަ ބާބު: މުސާރަ އާއި އުޖޫރަ

47 ވަނަ މާއްދާ - މުސާރައާއި އިނާުޔަތްތައް

(ހ) އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން މާލީ އިނާޔަތްތައް ކަނޑައަޅާނީ މިފަދަ އެހެން މުއައްސަސާތަކުގައި ކަންކުރާގޮތުގެ މައްޗަށް ރިއާޔަތްކޮށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މަށްވަރާއާއެކު، ބޯޑުންނެވެ. މިގޮތުން ކަނޑައަޅާ މުސާރައާއި އިނާޔަތްތަކުގެ އޮނިގަނޑު ބޯޑުން ފާސްކޮށްފައި އޮންނަންވާނެއެވެ. އަދި މުވައްޒަފުންނަށް ދޭ މުސާރަ އާއި މާލީ އިނާޔަތްތައް އެ މުވައްޒަފަކަށް ވަޒީފާދޭ ޗިޓުގައި ލިޔެފައި އޮންނަން ވާނެއެވެ.

(ށ) މުވައްޒަފުންނަށް މުސާރައާއި މާލީ އިނާޔަތްތަކާއި އެލަވަންސް ދޭނީ އެ މުވައްޒަފަކަށް ވަޒީފާދިން ޗިޓުގައިވާ ގޮތުގެ މަތިންނެވެ. އެހެން މަގާމަކުން ބަދަލުވެފައިވާ މުވައްޒަފެއްނަމަ، އެ މުވައްޒަފެއްގެ ވަޒީފާ ބަދަލުކުރި ޗިޓުގައިވާ ގޮތުގެ މަތިންނެވެ. ވަޒީފާ ދިނުމަށްފަހު ނުވަތަ ވަޒީފާ ބަދަލުކުރުމަށްފަހު، ސިޓީއަކުން ނުވަތަ ޗިޓަކުން ނުވަތަ މިނޫންވެސް އެފަދަ ލިޔުމަކުން މުސާރަ ހަމަޖައްސާފައިވާނަމަ، ނުވަތަ މުސާރައަށް ބަދަލުގެނެސް އެކަން އަންގާފައިވާނަމަ، އެ ލިޔުމެއްގައިވާ ގޮތުގެ މަތިންނެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބުނެފައި އޮތަސް، މުވައްޒަފުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކާ ގުޅިގެން ދެވޭ އިތުރު އިނާޔަތްތަކާއި، ރާއްޖޭގެ އެކިއެކި ރަށްރަށަށް ކުރާ ދަތުރުތަކާއި، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅިގެން ދެވޭ ހަރަދުތަކާއި އިނާޔަތްތައް، މާލިއްޔަތާބެހޭ ގާނޫނާ ގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން ދިނުމަކަށް މިގަވާއިދު ހުރަހެއް ނާޅައެވެ.

(ރ) މުސާރަ ދޭނީ ކޮންމެ މީލާދީ މަހެއްގެ އެންމެފަހު ދެ ދުވަހުންކުރެ ދުވަހަކުއެވެ. މުސާރަ ދޭންޖެހޭ ދުވަސް ބަންދު ދުވަހަކާ ދިމާވާނަމަ، މުސާރަ ދޭނީ އެމަހެއްގެ ބަންދުނޫން އެންމެފަހު ދެ ދުވަހުންކުރެ ދުވަހަކުއެވެ. މުސާރަ ދޭނީ އޮތޯރިޓީއިން ވަޒީފާ ދިން ޗިޓުގައި ނުވަތަ ނުވަތަ ވަޒީފާ ބަދަލުކުރި ޗިޓުގައިވާ ތާރީހުން ފެށިގެންނެވެ.

(ބ) ވަޒީފާއިން ވަކިވާ މީހުންނަށް އުޖޫރަ ދޭނީ ވަޒީފާއިން ވަކިކުރި ޗިޓު އެ މީހަކާ ހަވާލުވާ ތާރީހާ ހަމައަށެވެ. މުވައްޒަފަކު ހައްޔަރުކޮށްފިނަމަ، ހައްޔަރުކުރުމާއި ދޫކޮށްލުމާއި ވަޒީފާއިން ވަކިކުރުމާ ދެމެދުގައި ހިނގާ ދުވަސްތަކުގެ އުޖޫރަދިނުމުގައި އަމަލުކުރާނީ ތިރީގައި މިވާގޮތުގެމަތީންނެވެ.

  1. އެ މުވައްޒަފެއްގެ މައްޗަށް ށަރީއަތުން ކުށް ސާބިތުވެފައިވާނަމަ، ބަންދުގައި ހުރި ދުވަސްތަކުގެ އުޖޫރަ ނުދިނުން.
  2. އެ މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ށަރީއަތުން މައްސަލަ ނިންމައިފި ނަމަ، ނުވަތަ ކަމާބެހޭ ފަރާތުން އެ މައްސަލައެއް ށަރީއަތަށް ހުށަނާޅައި މައްސަލަ ނިންމައިފިނަމަ، ބަންދުގައި ހުރި ދުވަސްތަކުގެ އުޖޫރަ ދިނުން.
  3. އެ މުވައްޒަފެއްގެ މައްޗަށް ށަރީއަތުން ކުށް ސާބިތުވެ، ހުކުމް ކޮށްފައިވާ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުން ނުވަތަ ސުޕްރީމް ކޯޓުން ބަލައި ހުކުމް ބާތިލުކޮށް، ކުށް ސާބިތުނުވާ ކަމަށް މައްސަލަ ނިންމައިފިނަމަ، ބަންދުގައި ހުރި ދުވަސްތަކަށް އުޖޫރަ ދިނުން.

 

48 ވަނަ މާއްދާ - އިތުރު ގަޑީގެ ފައިސާ

(ހ) މުވައްޒަފުން ލައްވާ ރަސްމީގަޑީގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކުރުވަންވާނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުވުމަށްޓަކައެވެ. މިގޮތުން މުވައްޒަފަކު އެދުވަހަކު ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ނުނިމި ހުރެއްޖެނަމަ، ނުވަތަ އޮފީހުން ނިންމަންޖެހޭ ހާއްސަ މަސައްކަތެއް ކުރުމަށްޓަކައި، އޮފީހުން އަންގާ ގޮތެއްގެ މަތިން ނުރަސްމީގަޑީގައި ނެރެވިދާނެއެވެ.

(ށ) އިތުރުގަޑީގައި މަސައްކަތްކުރަން މުވައްޒަފަކު ނެރެންވާނީ، އެގޮތަށް އެފަދަ މުވައްޒަފަކު ނުނެރެ ވާންނެތް ހާލަތްތަކުގައެވެ. އަދި އެ މަސައްކަތަކީ ޗީފް އެގްޒެކެޓިވް އޮފިސަރު ކަނޑައަޅާ އުސޫލެއްގެ މަތިން ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރާ މަސައްކަތަކަށް  ވާންވާނެއެވެ. މިގޮތަށް އިތުރުގަޑީގައި މުވައްޒަފަކު ކުރި މަސައްކަތުގެ ރިކޯޑު އެނގެން އޮންނަން ވާނެއެވެ.

(ނ) އޮތޯރިޓީގެ މަސައްކަތް ހުންނަގޮތުން މުވައްޒަފުން ނުރަސްމީ ގަޑީގައި ނުނެރެ ފަރުޖެއްސެން ނެތް ހާލަތްތަކުގައި، ދުވާލަކު ރަސްމީ ގަޑީގެ ގޮތުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ޖުމުލަ ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުވައިފިނަމަ، އެ މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން  1¼ 1.25) ) ބަޔަށްވާ ފައިސާ އިތުރުގަޑީގެ ފައިސާގެ ގޮތުގައި ދެވޭނެއެވެ. އަދި އެފަދަ މަސައްކަތެއް ކުރުވީ ބަންދު ދުވަހެއްގައިނަމަ، އެ މީހެއްގެ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރުގެ  ½1 (1.5) ބަޔަށްވާ ފައިސާ އިތުރު ގަޑީގެ ގޮތުގައި ދޭންވާނެއެވެ. ރަމަޒާން މަސް ފިޔަވައި އެހެން މަސްމަހު ގަޑިއަކަށް ޖެހޭ މިންވަރު ބަލާނީ މަސްދުވަހުގެ މުސާރަ 30 ން ގެއްލީމާ ލިބޭ އަދަދު 7 ން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރުކަމަށް ބަލައިގެންނެވެ.

(ރ) ރަމަޒާންމަހު އިތުރުގަޑީގެ ފައިސާ ދޫކުރުމުގައި ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު ކަމުގައި ބަލާނީ ރަމަޒާންމަހުގެ ރަސްމީގަޑީގެ ގޮތުގައި ދުވާލަކަށް ކަނޑައަޅާފައިވާ ޖުމުލަ ވަގުތެވެ. ރަމަޒާންމަހު އިތުރުގަޑީގެ ފައިސާ ދިނުމުގައި ގަޑިއަކަށްޖެހޭ މިންވަރު ބަލާނީ، މަސްދުވަހުގެ މުސާރަ 30 ން ގެއްލީމާލިބޭ އަދަދު ރަމަޒާންމަހު ރަސްމީގަޑީގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ޖުމުލަ ވަގުތުން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށްޖެހޭވަރު ކަމުގައި ބަލައިގެންނެވެ.

(ބ) އިތުރުގަޑީގެ ފައިސާ ދޭނީ، މަސްދުވަހަކަށްވާ ފައިސާ، އެއްފަހަރާއެވެ. މިގޮތުން އެ ފައިސާ ދޭނީ، ކުރީމަހުގެ 16 އިން ހިނގާމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުގަޑިއަށްވާ ފައިސާ، ހިނގާމަހުގެ މުސާރަދޭ ދުވަހު، މުސާރައާއެކުގައެވެ.

(ޅ) އަތޮޅުތަކަށާއި، އަތޮޅުތަކުން މާލެއަށާއި، އެއްއަތޮޅުން އަނެއް އަތޮޅަށާއި، އެއްރަށުން އަނެއްރަށަށް އޮތޯރިޓީގެ މުވައްޒަފުން ކުރާ ދަތުރުތަކުގައި ހުރުމުގެ ހަރަދާއި ކެއުމުގެ ހަރަދާއި ދަތުރު އެލަވެންސް ދިން ނަމަވެސް، ދުވާލަކު 7 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ގަޑިތަކަށް، މި މާއްދާގެ (ކ) އަދި (އ) ގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މިގޮތަށް ފައިސާ ލިބޭނީ، އެ ދަތުރެއްގައި ދާންބޭނުންވާ ތަނަކަށް ދިއުމަށްފަހު އެ ތަނެއްގައި މަސައްކަތްކުރާ ވަގުތަށެވެ.

 

49 ވަނަ މާއްދާ - ކެއުމާއި ސައިގެ ހަރަދު

(ހ) އޮތޯރިޓީގެ މުވައްޒަފުން ލައްވާ ކުރުވަންޖެހޭ ހާއްސަ ބޮޑެތި މަސައްކަތްތައް ކުރާއިރު ސައި ނުވަތަ ކެއުމުގެ ގަޑިއަކާ ދިމާވާގޮތަށް މަސައްކަތް ކުރާނަމަ، ކެއުމާއި ސައި، އެ މަސައްކަތްކުރާ މުވައްޒަފުންނަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދެވިދާނެއެވެ. މިގޮތުން ކެއުމާއި ސައި ހަމަޖައްސައި ދޭނީ ޗީފް އެގްޒެކެޓިވް އޮފިސަރ އެކަމަށް ހުއްދަ ދިނުމުންނެވެ.

 

50 ވަނަ މާއްދާ - އޮތޯރިޓީގެ ދަތުރުތަކުގައިި ކެއުމުގެ ހަރަދާއި ދަތުރު އެލަވަންސް

(ހ) އޮތޯރިޓީގެ ދަތުރުތަކުގައި، ކޮންމެ މުވައްޒަފަކަށްވެސް، ހުރުމާއި ކެއުމުގެ ކަންތައް ހަމަޖައްސައި ދޭންވާނެއެވެ.

(ށ) އޮތޯރިޓީގެ ދަތުރުތަކުގައި ދާ މުވައްޒަފުންނަށް ފުރުމުގެ ކުރިން ދަތުރު އެލަވަންސާއި އެހެނިހެން ހަރަދު ދޭންވާނެއެވެ. މިގޮތުން ދެވޭ އެލަވަންސް ދަތުރަށް ފުރުމުގެ ކުރިން ނުދެވޭ ހާލަތެއް ދިމާވެއްޖެނަމަ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ދަތުރު ނިންމާފައި އައުމުން ދޭންވާނެއެވެ.

(ނ) މި މާއްދާގައި ބުނެފައިވާ ހަރަދުތައް، އެ ހަރަދުތައް ހައްގުވާ ފަރާތްތަކަށް ދިނުމުގައި ބަލަންވާނީ ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނާއި، ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތްތަކުގެ މައްޗަށެވެ.

 

51 ވަނަ މާއްދާ - ރަމަޒާން މަހުގެ މުނާސަބަތުގައި ދޭ ހާއްސަ އިނާޔަތުގެ ފައިސާ

(ހ) އޮތޯރިޓީގެ މުވައްޒަފުންނަށް ރަމަޒާންމަހުގެ ހާއްސަ އިނާޔަތުގެ ގޮތުން، ކޮންމެ މުވައްޒަފަކަށް ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ފައިސާ ދޭންވާނެއެވެ.

 

52 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅި ކުރުމާއި ޕެންށަން ދިނުން

(ހ) އޮތޯރިޓީގެ ވަޒީފާގައި ހުރި މުވައްޒަފަކަށް އުމުރުން 65 އަހަރު ވެއްޖެނަމަ އެމުވައްޒަފަކު ވަޒީފާއިން މުސްކުޅި ކުރަންވާނެއެވެ. މިގޮތުން ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އިނާޔަތްތައް ހަމަޖައްސައި ދޭންވާނެއެވެ.

(ށ) އޮތޯރިޓީގެ މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމުން މުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅި ކުރެވިދާނެއެވެ.

(ނ) އުމުރުން 55 އަހަރުވުމާ ގުޅިގެން އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށާއި އުމުރުން 65 އަހަރުވެގެން ވަޒީފާއިން މުސްކުޅި ކުރާ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތް ދޭންވާނެއެވެ. އެގޮތުން މި އިނާޔަތް ދޭނީ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތް ދިނުމަށް ސިވިލް ސަރވިސް ކޮމިށަނުން އެއިރަކު ހަމަޖައްސާފައިވާ އުސޫލުގެ މަތިންނެވެ.

(ރ) އޮތޯރިޓީގެ މުވައްޒަފުންނަށް ޕެންށަން ދެވޭނީ ދިވެހި ރާއްޖޭގެ ގާނޫނު ނަންބަރު 8/2009 (ޕެންށަނާބެހޭ ގާނޫނު) އާއެ އެގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތީންނެވެ.

 

53 ވަނަ މާއްދާ - އޮފީހުގެ  ހަރަދުގައި ބޭސްފަރުވާކޮށްދިނުން

(ހ) މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ މަސައްކަތުގައި އުޅެނިކޮށް، ހަށިގަޑަށް ލިބުނު ގެއްލުމަކަށް ހެލްތު އިންށުއަރެންސް ސްކީމުން ހަރަދު ހަމަޖައްސައި ނުދެވޭނަމަ، އެ ގެއްލުމަކަށް އޮތޯރިޓީގެ ހަރަދުގައި ބޭސްފަރުވާ ކޮށްދޭން ވާނެއެވެ.  އެ ސްކީމަކުން ހަމަޖައްސައިދެނީ ވަކި މިންވަރެއްނަމަ އެ ހަމަޖައްސައި ނުދޭ މިންވަރު އޮތޯރިޓީން ދޭން ވާނެއެވެ.

 

54 ވަނަ މާއްދާ - ހާއްސަ އެހީގެ ފައިސާ

(ހ) އޮތޯރިޓީގެ ވަޒީފާގައި އުޅޭ މުވައްޒަފަކު، ތަނުގެ މަސައްކަތުގައި އުޅެނިކޮށް އެކްސިޑެންޓެއް ވެގެން، ވަޒީފާގައި ނޫޅެވޭވަރުގެ ގެއްލުމެއް އެ މުވައްޒަފުގެ ޖާނަށް ނުވަތަ ސިއްހަތަށް ދިމާވެ، ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ، އެ މީހަކު ހިދުމަތް ކޮށްފައިވާ މުއްދަތުގެ ތިންބައިކުޅަ އެއްބަޔަށްވާ މުސާރައިގެ ފައިސާ، އެއްފަހަރާ އޭނާއަށް ދޭންވާނެއެވެ. އަދި އޭނާއަށް އާމްދަނީއެއް ލިބޭ ވަރުގެ މަސައްކަތެއް ކުރެވޭވަރުވަންދެން، އަދި އާމްދަނީ ލިބޭވަރުގެ މަސައްކަތެއް ކުރެވޭވަރު ނުވާނަމަ، މަރުވަންދެން ހާއްސަ އެހީގެ ފައިސާގެ ގޮތުގައި އެއިރަކު އެ މުވައްޒަފުގެ މުސާރައިގެ ދެބައިކުޅަ އެއްބަޔަށްވާ އަދަދުގެ ފައިސާ މަހު އެހީއެއްގެ ގޮތުގައި ކޮންމެ މަހަކުވެސް ދޭންވާނެއެވެ. އަދި މި ފައިސާ ފެންށަނާބެހޭ ގާނޫނުގެ ދަށުން ފެންށަން ފައިސާ ލިބުމާހަމައަށް ދެމުން ގެންދަންވާނެއެވެ.

 

55 ވަނަ މާއްދާ - ގަޑި ލާރި ކެނޑުން

(ހ) އޮތޯރިޓީގެ މުވައްޒަފަކު އޮފީހަށް ހާޒިރުވުމުގައި ގަޑިޖެހިއްޖެނަމަ، އެ މުވައްޒަފެއްގެ މުސާރައިން ވަޒީފާއަށް ނުނިކުންނަ ވަގުތަށްވާ މިންވަރު ކަނޑަން ވާނެއެވެ.

(ށ) ގަޑީ ލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. ރަމަޒާންމަސް ފިޔަވައި، އެހެން މަސްމަހު މުސާރައިން ގަޑިއަކަށްޖެހޭ އަދަދު ބަލާނީ، މަސްދުވަހުގެ މުސާރަ 30 ން ގެއްލީމާ ލިބޭ އަދަދު 7 ން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށް ޖެހޭވަރުކަމަށް ބަލައިގެންނެވެ. ރަމަޒާންމަހު މުސާރައިން ގަޑިއަކަށްޖެހޭ އަދަދު ބަލާނީ، މަސްދުވަހުގެ މުސާރަ 30 ން ގެއްލީމާ ލިބޭ އަދަދު ރަމަޒާންމަހަށް ކަނޑައަޅާފައިވާ ރަސްމީގަޑީގެ ޖުމުލަ މަސައްކަތުގެ ގަޑިން ގެއްލީމާ އަންނަ އަދަދު، އެއީ ގަޑިއަކަށްޖެހޭވަރު ކަމުގައި ބަލައިގެންނެވެ.

 

 

7 ވަނަ ބާބު: ބަންދު ދުވަސްތަކާއި މުވައްޒަފުންނަށް ދެވޭ ޗުއްޓީ

56 ވަނަ މާއްދާ - ބަންދު ދުވަސްތައް

(ހ) ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ދައުލަތުން ކަނޑައަޅާ ދުވަސްތަކަކީ އޮތޯރިޓީގެ މުވައްޒަފުންނަށް ބަންދު ދުވަސްތަކެވެ.

 

57 ވަނަ މާއްދާ - ބަންދު ދުވަހުގެ އިނާޔަތްތައް

(ހ) ބަންދު ދުވަސްކަމަށް ކަނޑައަޅާފައިވާ ދުވަހެއްގައި މުވައްޒަފަކު ވަޒީފާއަށް ނުކުންނަން ޖެހިއްޖެނަމަ، ވަޒީފާއާބެހޭ ގާނޫނުގެ 38 ވަނަ މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ބަންދު ދުވަހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިނާޔަތްދޭން ހަމަޖެހިފައިވާ އުސޫލުން އެ މުވައްޒަފަކަށް އިނާޔަތް ދެވޭނެއެވެ.

 

58 ވަނަ މާއްދާ - އަހަރީ ޗުއްޓީ

(ހ) އޮތޯރިޓީގެ ދާއިމީ މުވައްޒަފުންނަށް ކޮންމެ އަހަރަކު 30 ދުވަހުގެ އަހަރީ ޗުއްޓީ މުސާރައާއި އިނާޔަތްތަކާއެކު ދޭންވާނެއެވެ. އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ހައްގުވާނީ ވަޒީފާގައި އެއް އަހަރު ވުމުންނެވެ. އަހަރީ ޗުއްޓީގެ ދުވަސްތައް ގުނާނީ ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) ކޮންމެ މުވައްޒަފަކުވެސް އަހަރީ ޗުއްޓީ ހައްގުވާ ދުވަހުން ފެށިގެން 1 (އެކެއް)  އަހަރު ދުވަހުގެ ތެރޭގައި، އަހަރީ ޗުއްޓީ ނަގަން ވާނެއެވެ. އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީގެ ބޭނުން ނުކޮށް އޮވެ، 1 (އެކެއް) އަހަރު ފާއިތުވެއްޖެ ނަމަ، އެ ޗުއްޓީ ކެންސަލް ވާނެއެވެ.

(ނ) އޮތޯރިޓީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީގެ ބޭނުންނުކޮށް އޮތްދުވަސްތަކަށް ލިބެންވާ ފައިސާ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ދޭންވާނެއެވެ

(ރ) މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދެވޭނީ އެމުވައްޒަފަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން އެމުވައްޒަފެއްގެ ސުޕަވައިޒަރާ މަށްވަރާ ކުރުމަށްފަހު ޗީފް އެގްޒެކެޓިވް އޮފިސަރު ހަމަޖައްސާ ގޮތެއްގެ މަތީންނެވެ. އަދި ޗީފް އެގްޒެކެޓިވް އޮފިސަރަށް ޗުއްޓީ ދެވޭނީ ބޯޑުން ނިންމާ ގޮތެއްގެ މަތީންނެވެ.

(ބ) އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓާ އޮތޯރިޓީގެ އެއްވެސް މަސައްކަތެއް އެ މުވައްޒަފަކު ލައްވައި ކުރުވައިގެން ނުވާނެއެވެ.

 

59 ވަނަ މާއްދާ - މުސާރަ ނުލިބޭ ޗުއްޓީ

(ހ) އޮތޯރިޓީގެ މުވައްޒަފަކަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދެވޭނީ ތިރީގައިވާ ކަންތައްތަކުގެ  ތެރެއިން ކަމަކާ ގުޅިގެން، އޮތޯރިޓީން އެގޮތަށް ނިންމުމުންނެވެ. އަދި މިގޮތަށް އެންމެ  ކުރު މުއްދަތަކަށް ޗުއްޓީ ދެވޭނީ 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ. އަދި އެންމެ ދިގު މުއްދަތަކަށް ޗުއްޓީ ދެވޭނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

  1. އަމިއްލަ ގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ޗުއްޓީ ބޭނުންވުން.

    (ހ) އަމިއްލަގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފަކަށް ޗުއްޓީ ދޭންވާނީ އޮތޯރިޓީގެ ޓްރެއިނިންގ ރިކުއަރމެންޓުގައި ހިމެނިފައިވާ،  ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ މަސައްކަތާ ގުޅޭ ތަމްރީނެއް ފުރިހަމަ ކުރުމަށެވެ.

    (ށ) މިގޮތުން މުވައްޒަފަކަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދޭންވާނީ އޮފީހުގެ ހިއުމަން ރިސޯސް ކޮމިޓީގެ މަށްވަރާގެ މަތީންނެވެ.

    (ނ) އަމިއްލަ ގޮތުން ކިޔެވުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ޗުއްޓީ ބޭނުންވާ މުވައްޒަފުންނަށް ޗުއްޓީ ދެވޭނީ ތައުލީމުދޭ ނުވަތަ ތަމްރީނުދޭ މަރުކަޒަކުން އެ މީހަކު ކިޔެވުމުގެ ފުރުސަތު ދިންކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ. އަދި އެހަދާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށް ވާނަމައެވެ.

  2. ތިމާއަށް ސިއްހީ ފަރުވާއެއް ކުރުން ނުވަތަ ތިމާ ބަލަންޖެހިފައިވާ މީހަކަށް ފަރުވާ ހޯދުމަށްޓަކައި، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ބޭނުންވުން.|

    (ހ) މި ފަދަ ހާލަތެއްގައި މުވައްޒަފަކަށް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދެވޭނީ އެމީހެއްގެ ބަލީގެ ބާވަތާއި އެބައްޔަކަށް ފަރުވާ ހޯދުމަށް ބޭނުންވާނޭ  މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ޑޮކްޓަރެއްގެ ސެޓްފިކެޓެއް ހުށަހެޅުމުންނެވެ.

  3. (ހ) މުވައްޒަފަކަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، އެ ހާލަތު ބަޔާންކޮށް އޮތޯރިޓީއަށް ހުށަހެޅުމުން، ހިއުމަން ރިސޯސް ކޮމިޓީ މަށްވަރާ ކުރުމަށްފަހު، އެ މުވައްޒަފު ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތުގެ ބަދަލު އިންތިޒާމު ހަމަޖެއްސުމާއެކު، މުސާރަ ނުލިބޭގޮތަށް މުވައްޒަފަށް ޗުއްޓީދެވިދާނެއެވެ. މިގޮތުން މުވައްޒަފަކު މުސާރަ ނުލިބޭގޮތަށް ޗުއްޓީދޭންވާނީ އެ މުވައްޒަފަކަށް ހައްގުވާ އަހަރީ ޗުއްޓީއެއް ނެތްނަމައެވެ.  އަދި އެ މުއްދަތު މުވައްޒަފު ހިދުމަތުގައި ދެމިހުރި މުއްދަތެއް ކަމުގައި ގުނޭނެއެވެ.

    (ށ) މުސާރަ ނުލިބޭގޮތަށް ދެވޭ ޗުއްޓީ ބޭނުންކުރަންވާނީ، އެ ޗުއްޓީދިން ބޭނުމަކަށެވެ. މި ގޮތާ ހިލާފަށް އަމަލުކޮށްފިނަމަ، މުސާރަ ނުލިބޭގޮތަށް ދިން ޗުއްޓީ ކެންސަލްކުރުމާއެކު ވަޒީފާއަށް ނުކުތުމަށް އަންގައި، ނުނިކުމެއްޖެނަމަ މުސާރަ ނުލިބޭ ޗުއްޓީދިން ދުވަހުން ފެށިގެން އޮތޯރިޓީގެ  ވަޒީފާއިން އެ މުވައްޒަފު ދާއިމީކޮށް ވަކިކުރުމަށް ބޯޑަށް ހުށަހަޅަން ވާނެއެވެ.

    (ނ) އޮތޯރިޓީއަށް ހިދުމަތް ކުރުމުގެ ބޮންޑެއް އޮތް މުވައްޒަފެއް މުސާރަ ނުލިބޭ ގޮތަށް ވީއްލި ބޭނުން ނުހިފައި، އެހެންކަމެއް ކުރާނަމަ ނުވަތަ މުސާރަ ނުލިބޭގޮތަށް ވީއްލި މުއްދަތު ހަމަވުމަށްފަހު، އޮފީހުގެ ވަޒީފާއަށް ނުނިކުންނަ ނަމަ ނުވަތަ ވީގޮތެއް ނާންގައި 15 (ފަނަރަ) ދުވަސް ވެއްޖެނަމަ، އެ މުވައްޒަފަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބޯޑަށް ހުށަހަޅަންވާނެއެވެ.

    (ރ) މުސާރަ ނުލިބޭ ޗުއްޓީ ހަމަވުމަށްފަހު، ވީގޮތެއް ނާންގައި އޮފީހަށް ނުނުކުމެ 15  ދުވަސް ވެއްޖެނަމަ، އެކަން މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ބައިން ސީއީއޯގެ ސަމާލުކަމަށް ގެންނަން ވާނެއެވެ. އެ މުވައްޒަފެއްގެ މައްސަލައިގައި އަމަލުކުރަން ފެންނަ ގޮތަކާއެކު، ލަސްނުކޮށް ސީއީއޯ އެ މައްސަލަ ބޯޑަށް ހުށަހަޅަން ވާނެއެވެ. އެކަމަށް ގޮތެއް ނިންމާނީ ބޯޑުންނެވެ.

    (ބ) ވިހެއުމާ ގުޅިގެން އަންހެން މުވައްޒަފަކަށް ލިބޭ ޗުއްޓީ ހަމަވުމުން، ދަރިފުޅުގެ މަންމައަށް ނުވަތަ ބައްޕައަށް ހަމައެކަނި ދަރިފުޅު ބެލުމަށްޓަކައި، އެއް އަހަރު ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ. މި ޗުއްޓީ ބޭނުންވާނަމަ، އަންހެން މުވައްޒަފަކަށް ވިހެއުމާ ގުޅިގެން އޭނާއަށް ދޭ ޗުއްޓީ ހަމަވުމުގެ 15 ދުވަހުގެ ކުރިން ޗުއްޓީ ނެގުމަށް އެދެންވާނެއެވެ.

 

60 ވަނަ މާއްދާ - އާއިލީ ޒިންމާ ޗުއްޓީ

(ހ) ވަޒީފާއާބެހޭ ގާނޫނުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އާއިލާގެ މެންބަރަކު ބަލިވުން ނުވަތަ ނުވަތަ މުވައްޒަފަކަށް ދިމާވާ މުހިއްމު ޒިންމާއަކާ ގުޅިގެން، މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ޗުއްޓީއެއް އަހަރު ދުވަހުގެ ތެރޭގައި ދެވިދާނެއެވެ. އާއިލާގެ މެންބަރުންކަމުގައި ބަލާނީ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ، ބައްޕަ އަދި ށަރުއީ އަދި ގާނޫނީގޮތުން އެމީހެއް ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ.

(ށ) އާއިލީ ޒިންމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައިވިޔަސް، މި ޗުއްޓީ ދެވިދާނެއެވެ.

 

61 ވަނަ މާއްދާ - ބަލިވެއިނުމާއި ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީ

(ހ) މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް ރަޖިސްޓަރީކޮށްފައިވާ ސިއްޙީ ފަރުވާދޭ ޑޮކްޓަރަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، އެ މުވައްޒަފަކަށް، އެ ސެޓްފިކެޓްގައި ބަޔާންކޮށްފައިވާ ތާރީހުން ފެށިގެން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި، ބަންދު ދުވަސްތައް ނުހިމަނައި 60 ދުވަހުގެ ޗުއްޓީއެއް ހަމަ މުސާރައާއެކު ދޭންވާނެއެވެ.

(ށ) މާބަނޑުމީހާ ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރިވާނަމަ، ވިހާނެކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް 60 (ފަސްދޮޅަސް) ދުވަހުގެ ތެރެއިން 30) ތިރީސް) ދުވަސް އެ މުވައްޒަފަކަށް ނެގިދާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތިން، މުވައްޒަފަށްދެވޭ ޗުއްޓީއާގުޅިގެން މުވައްޒަފެއް ބަލިވެއިނުމާއި ވިހެއުމާގުޅޭ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފެއް އާދައިގެ ގޮތުން މަސައްކަތްކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެ ދުވަހަކަށް ދުވަހެއް އެ މުވައްޒަފުގެ ބަލިވެ އިނުމާއި ވިހެއުމާއި ގުޅޭ ޗުއްޓީއަށް އިތުރުކޮށްދޭންވާނެއެވެ.

(ރ) މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގައި ހުންނަ މުއްދަތުގައި ވަޒީފާގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ލިބިދޭ ހައްގުތަކާއި، އިނާޔަތްތަކާއި މަގާމުގެ ކުރިއެރުން ލިބިދިނުން ފަދަ ހައްގުތައް ފުރިހަމަޔަށް ލިބެންވާނެއެވެ. މިގޮތުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން  އޭނާއަށް ލިބިދޭ ހައްގުތަކަށާއި، މަގާމުގެ ކުރިއެރުން ލިބުމަށާއި، ވަޒީފާގެ މުއްދަތު ގުނޭ ގުނުމަކަށް އެއްވެސް އުނިކަމެއް ގެނެސްގެން ނުވާނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ޗުއްޓީގެ އިތުރުން މުވައްޒަފަކު ބަލިވެ އިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭކަމަށް، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ހާއްސަ ޑޮކްޓަރަކު ދޫކުރާ މެޑިކަލް ސެޓްފިކެޓު ހުށަހެޅުމުން، ވިހެއުމުގެ ޗުއްޓީގެ 60 ދުވަހުން ނުކެނޑޭގޮތަށް، ވިހެއުމުގެ ކުރިން ގިނަވެގެން 28 ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ނުހިމަނައި، މުސާރަ ނުލިބޭގޮތަށް ނެގިދާނެއެވެ. އަދި ވިހެއުމުގެ ސަބަބުން ނުވަތަ ވިހޭ ދަރިފުޅު ބަލިވުމުގެ ސަބަބުން މުވައްޒަފަކު ޗުއްޓީއެއް ނަގަން ބޭނުންނަމަ، ރަޖިސްޓަރީކޮށްފައިވާ ސިއްހީ ފަރުވާދޭ ހާއްސަ ޑޮކްޓަރަކު ދޫކުރާ މެޑިކަލް ސެޓްފިކެޓު ހުށަހެޅުމުން، ވިހެއުމުގެ ޗުއްޓީގެ 60 ދުވަހުން ނުކެނޑޭގޮތަށް، 28 ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ނުހިމަނައި، މުސާރަ ނުލިބޭ ގޮތަށް ނެގިދާނެއެވެ.

(ޅ) މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން ބާރަ މަސް ދުވަސް ވަންދެން ދަރިފުޅަށް ގާތުން ކިރުދިނުމަށްޓަކައި، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް މަސައްކަތުގެ ވަގުތުގެ ތެރެއިން އިތުރު ހުސް ވަގުތު ކޮޅެއް ދެ ފަހަރު، ދޭންވާނެއެވެ. މިގޮތުން ކޮންމެ ފަހަރަކުވެސް ދެވޭނީ 30 މިނެޓެވެ. 30 މިނެޓުގެ މި ދެ ހުސް ވަގުތުކޮޅު މުވައްޒަފަކު ބޭނުންނަމަ އެއްފަހަރާ ނެގިދާނެއެވެ.

(ކ) ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި 5 (ފަހެއް) ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.

 

62 ވަނަ މާއްދާ - ދަރިފުޅު ހިތާނުކުރުމާއި ގުޅިގެން ދެވޭ ޗުއްޓީ

(ހ) މުވައްޒަފެއްގެ ދަރިއަކު ހިތާނުކުރުމުން ޚިތާނުކުރާ ދުވަހުން ފެށިގެން މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި 5 ދުވަހުގެ ޗުއްޓީއެއް ދޭންވާނެއެވެ.

 

63 ވަނަ މާއްދާ - ހައްޖު ޗުއްޓީ

(ހ) އޮތޯރިޓީގެ މުވައްޒަފުންގެ ތެރެއިން، ފަރުލު ހައްޖަށް ދާން އެދޭ މީހުންނަށް ހައްގު ޗުއްޓީ ދެވޭނެއެވެ. މުސާރަ ލިބޭގޮތަށް ހައްޖު ޗުއްޓީ ދެވޭނީ، ހައްޖު ދަތުރަށް މާލެއިން ފުރާ ދުވަހުން ފެށިގެން ހައްޖުގެ އަޅުކަން ނިންމާ އެނބުރި އައުމާ ހަމަޔަށެވެ. މިގޮތުން ޗުއްޓީ ދެވޭނީ ބަންދު ދުވަސްތައް ނުހިމަނާ ގިނަވެގެން 30 ދުވަހެވެ.

 

64 ވަނަ މާއްދާ - ސަލާމުގެ ޗުއްޓީ

(ހ) އޮތޯރިޓީގެ މުވައްޒަފުން ސަލާން ބުނަންވާނީ، ތިމާ ބަލިވެގެން އޮފީހަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައެވެ.

(ށ) ސަލާމުގެ ޗުއްޓީ ދެވޭނީ ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާއާއި މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ. ސަލާމުގެ ޗުއްޓީއަށް މުވައްޒަފު އެދެންވާނީ އަދި ސަލާމުގެ ޗުއްޓީއާ ގުޅިގެން ޢަމަލު ކުރަންވާނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. އެ މުވައްޒަފަށް ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިޔަށް، ނުކުތުމަށް އުޒުރު ވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1) އެކެއް) ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ސުޕަވައިޒަރަށް އެންގުމާއެކު އޮތޯރިޓީގެ މުވައްޒަފުންނާބެހޭ ކަންތައް ބަލަހައްޓާ ސެކްށަނަށް އެންގުމުން އެ ދުވަހު ސަލާމުގެ ޗުއްޓީ ދޭންވާނެއެވެ. މިގޮތުން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އޮފީހަށް ނާންގައި ސަލާމުގެ ޗުއްޓީ ހަމަނުޖައްސައިފިނަމަ، އެދުވަހެއް ބަލަންވާނީ ހާޒިރުނުވާ ދުވަހަކަށެވެ.
  2. ސަލާމުގައި ހުރި މުވައްޒަފު އެދުވަހު ކޮންމެހެން ނިންމަންޖެހޭ މުހިންމުކަމެއް ހަވާލު ކުރެވިފައިވާނަމަ އެކަމެއްގެ މައުލޫމާތު އޭނާ މަސައްކަތްކުރާ ސެކްށަންގެ ވެރިޔަކަށް އަންގަން ވާނެއެވެ.
  3. އެ މުވައްޒަފަކީ ވަކި ހާއްސަ މަސައްކަތެއް ހަވާލުވެފައިވާ މީހެއް ނަމަ، އެ މީހެއްގެ މަސައްކަތް އެހެން މީހަކާ ހަވާލުކޮށް ހިންގަން ފެށޭހާ ވަގުތު އޮއްވައި، އެ މީހެއްގެ ސުޕަވައިޒަރަށް އެކަން އަންގަން ވާނެއެވެ. އަދި އަންގާއިރު، އެ މީހަކާ ހަވާލުވެފައިވާ މަސައްކަތަށް ބުރޫ ނާރައި، އެމަސައްކަތް ހިންގުމަށް އޮފީހުން އިންތިޒާމުތައް ކުރުމަށް ބޭނުންވާ މައުލޫމާތުދީ، އެކަމުގައި ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.
  4. ވަގުތު އޮއްވައި ނޭންގޭ ފަދަ، ސިއްޙީ ގޮތުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރި ކަމެއް މެދުވެރިވުން ކަހަލަ ކުއްލި ހާލަތެއް މެދުވެރި ވެއްޖެނަމަ، އެންގޭ ފަދަ ހާލަތަކަށް އެ މީހަކު އައިހާ އަވަހަކަށް، ސަލާމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި، އެ މީހަކު އެކަން އޮފީހަށް އަންގަން ވާނެއެވެ. (އަރިދަފުސް ރޯގާއެއް ޖެހުން ފަދަ  ހާލަތެއް މެދުވެރިވެގެން ނާންގައި ހުންނަ ހުރުމެއް އެ ފަދަ ހާލަތެއް ކަމަކަށް ނުބެލޭނެއެވެ.) އެ ގޮތަށް އަމަލު ނުކުރާ މުވައްޒަފުންގެ އެ އަމަލަކީ ވަޒީފާގެ ޒިންމާ އަށް އިހުމާލުވީ ކަމަށް ބެލުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވާ އަމަލެކެވެ.

(ނ) މުވައްޒަފަކު، ސަލާމުގެޗުއްޓީ ނަގަންވާނީ މި މާއްދާގެ (ހ) ގައި ބުނެފައިވާ ފަދަ ހާލަތެއް މެދުވެރި ވެގެންނެވެ. އެފަދަ ހާލަތެއް މެދުވެރި ނުވެ ސަލާމުގައި ހުރެފިނަމަ އެ ދުވަސް ބަލާނީ ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައެވެ. ޗުއްޓީއެއްގެ ބޭނުމުގައި ސަލާން ބުނުމަކީ މުވައްޒަފަށް ލިބިގެންވާ ހައްގެއް ނޫނެވެ.

(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުންނަ ފުރަތަމަ ދެ ދުވަހު، އެކަން އަންގަން ވާނެއެވެ.

(ބ) މުވައްޒަފެއް ސެޓްފިކެޓެއް ހުށަހަޅަން ނުޖެހޭގޮތަށް ސަލާމުގެ ޗުއްޓީގައި ހުރުމަށްފަހު އޮފީހަށް ނުކުންނަ ދުވަހު އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކޮށް ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި މި ލިޔުން މުވައްޒަފުގެ ޕާރސަނަލް ފައިލުގައި ފައިލުކޮށް، ބަލަހައްޓަންވާނެއެވެ.

(ޅ) މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކަށް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭގޮތަށް ދެވޭނީ، ގިނަވެގެން، 30 ( ތިރީސް) ދުވަހެވެ. ސަލާމުގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް  ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައި ވިޔަސް، ސަލާމުގެ ޗުއްޓީ ދެވިދާނެއެވެ

(ކ) މުވައްޒަފު އޮފީހަށް ހާޒިރުވުމަށްފަހު ބަލިވެގެން މަސައްކަތް ކުރުމަށް އުޒުރު ވެރިވެފައި، އަދި އެ ދުވަހުގެ މަސައްކަތުގަޑީގެ %50 އަށްވުރެ އިތުރު ވަގުތު މަސައްކަތުގައި ހޭދަކޮށްފައި ވާނަމަ، އެ ދުވަހަކީ  މުވައްޒަފު މަސައްކަތަށް ހާޒިރުވި ދުވަހެއްކަމަށް ބަލައި ދޫކޮށްލެވިދާނެއެވެ. އަދި މުވައްޒަފު އެދުވަހުގެ މަސައްކަތު ގަޑީގެ %50 އަށްވުރެ މަދު ވަގުތު މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެ ދުވަހަކީ ސަލާމުގެ ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ބަލައި، ސަލާމުގެ ޗުއްޓީ ހަމަޖައްސައިދޭން ވާނެއެވެ.

(އ) މުވައްޒަފަކު، ސަލާމުގެ ޗުއްޓީގައި ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަ ދުވަހު ހުރެއްޖެނަމަ ވަޒީފާއާބެހޭ ގާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ މީހަކު އޮފީހަށް ނުކުންނައިރު، އެ މުވައްޒަފު ސަލާމުގެ ޗުއްޓީގައިހުރި ހުރިހާ ދުވަސްތަކަށް، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވުނު މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަން ވާނެއެވެ.

(ވ) މުވައްޒަފަކަށް ސެޓްފިކެޓް ހުށަހެޅުމަކާނުލައި ސަލާމުގެ ޗުއްޓީގައި ހުރެވޭނީ ވިދިވިދިގެން މަސައްކަތު 2 ދުވަހުއެވެ.

(މ) ބަލިވެގެން، ބަލީގެބާވަތާއި އެބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، މި މާއްދާގައި ބަޔާންކުރާ ފަދަ މެޑިކަލް ސެޓްފިކެޓެއް އޮފީހަށް ހުށަހަޅައިފި ނަމަ، ސަލާމުގެ ޗުއްޓީ ކުރިއަށް ވެސް ނެގިދާނެއެވެ.

(ފ) ހަފުތާ ބަންދު ފަދަ ޗުއްޓީއާ ގުޅުވައިގެން، އާދަވެ ސަލާމުގެ ޗުއްޓީ ނެގުމަކީ، އާދަވެ ބަންދާ ގުޅިގެން މީހަކު ބަލިވުމުގެ ފުރުސަތު އޮތް ކަމަކަށް ނުވާތީ، އެ މުވައްޒަފަކާމެދު މަސައްކަތަށް ފަރުވާ ކުޑަކުރާ މުވައްޒަފެއްގެ ގޮތުގައި ބެލުމުގެ އިޚުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ. އެފަދަ ހަފުތާ ބަންދާ ދިމާކޮށް ޗުއްޓީ ދިގުކުރުމުގެ ބޭނުމުގައި މުވައްޒަފަކު ޗުއްޓީ ނަގަން ބޭނުން ނަމަ، ނަގަންވާނީ އެ މީހަކަށް ހައްގުވާ އަހަރީ ޗުއްޓީން އޮފީހުގެ މަސައްކަތަށް ދަތި ނުވާނޭ އިންތިޒާމެއްގެ ދަށުންނެވެ.

(ދ) މުވައްޒަފަކު، ވީގޮތެއް ނާންގައި އޮފީހަށް ނުނުކުމެ ހުންނަތާ 7 ދުވަސް ވެއްޖެނަމަ، އެމީހެއްގެ ވަޒީފާއާމެދު ފެންނަ ގޮތެއް އެމީހާ ވަޒީފާ އަދާކުރާ ސެކްށަން ނުވަތަ ސެކްށަން ހިންގާ ވެރިޔާ ޗީފް އެގްޒެކެޓިވް އޮފިސަރަށް ހުށަހަޅަން ވާނެއެވެ. އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ލަސްނުކޮށް އެ މައްސަލަ ބޯޑަށް ހުށަހަޅަން ވާނެއެވެ.

(ތ) މުވައްޒަފަކު ބަންދުގައި ހުރުމުގެ ސަބަބުން އޮފީހަށް ހާޒިރުނުވެ އެއްމަސް ދުވަސް ވެއްޖެނަމަ، އެމީހާ ވަޒީފާ އަދާކުރާ ސެކްށަން ނުވަތަ ޑިވިޒަނުން އެމީހެއްގެ ލަސްނުކޮށް ވަޒީފާއާމެދު ފެންނަ ގޮތަކާއެކު ސީއީއޯއަށް ހުށަހަޅަން ވާނެއެވެ. އަދި ސީއީއޯ އެ މައްސަލަ ބޯޑަށް ހުށަހަޅަން ވާނެއެވެ

(ލ) ތިންދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ސަލާމުގައި ހުރެފައި ވަޒީފާއަށް ނުކުންނައިރު، ހުށަހަޅަންޖެހޭ ސަލާމުގެ ސެޓްފިކެޓް އެމުވައްޒަފަކު ވަޒީފާއަށް ނުކުންނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅަން ވާނެއެވެ. ސެޓްފިކެޓް ހުށަނާޅައިފިނަމަ، ވަޒީފާއަށް ނުނުކުމެވުނު ސަބަބު އަންގާފައި އޮތްނަމަވެސް، ނުނުކުމެހުރި ދުވަސްތައްކަމަށް ބަލައި، އެ ދުވަސްތަކަށް ގަޑީލާރި ނެގޭނެއެވެ.

(ގ) އޮތޯރިޓީގެ މަސައްކަތެއްގައި އުޅެނިކޮށް ލިބުނު ގެއްލުމެއްގެ ސަބަބުން، މުވައްޒަފަކު އޮތީ ފަރުވާކުރުމަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ހުންނަ ދުވަސްތަކަށް ހަމަ މުސާރަ ލިބޭނެއެވެ. އަދި، މި ދުވަސްތައް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ނަގާ 30 ސަލާމް ހަމަކުރުމަކަށް ނުގުނޭނެއެވެ.

 

8 ވަނަ ބާބު: މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ބެލުމާއި ތަމްރީންކުރުން

65 ވަނަ މާއްދާ - މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމާއި ތަމްރީނު ކުރުން

(ހ) މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ބޭނުންކޮށްގެން އޮތޯރިޓީގެ ގާނޫނީ ޒިންމާ ހާސިލު ވާގޮތަށް މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދޭތ ބެލުމުގެ އިތުރުން އޮތޯރިޓީގެ މަސައްކަތްތަކާ ހަވާލުވެ ތިބޭ މުވައްޒަފުންނަށް އެމީހުންގެ މަސައްކަތުގެ  ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބާރުއަޅަން ވާނެއެވެ.

(ށ) މަސައްކަތުގެ އަގުވަޒަންކުރުމަށްޓަކައި މަގާމުގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުމާއި، އަދި މި ނޫންވެސް މަސައްކަތާ އެހެނިހެން އިނާޔަތްތައް ގުޅުވަން ވާނެއެވެ. ކަނޑައަޅާފައިވާ މިންގަނޑަށް މަސައްކަތަށް  ފަރުވާ ކުޑަކުރާ މުވައްޒަފުން އިސްލާހުކުރުމަށް މަގުފަހިކޮށް އެކަން އިންތިޒާމުކުރާ ނިޒާމަކަށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ވާންވާނެއެވެ.

(ނ) އޮތޯރިޓީގެ އެންމެހައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަދުވެގެން އަހަރަކު 1 (އެކެއް) ފަހަރު ބަލަން ވާނެއެވެ.

(ރ) މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ސިޔާސަތާއި އުސޫލުތައް ކަނޑައަޅައި އޮތޯރިޓީން ފާސްކޮށްފައި، އޮންނަން ވާނެއެވެ. މިކަން ކުރާނެ އުސޫލުތައް (ސްޓެންޑަރޑް  އޮޕަރޭޓިންގ ޕްރޮސީޖަރސް) ކަނޑައަޅައި  އޮތޯރިޓީން ފާސްކޮށްފައި އޮންނަން ވާނެއެވެ.

(ބ) މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމަށްފަހު އޭގެ ނަތީޖާގެ ކޮޕީއެއް މުވައްޒަފަށް ދޭންވާނެއެވެ. އަދި މުވައްޒަފުގެ ހިދުމަތުގެ ފެންވަރު ކަނޑައަޅާފައިވާ މިންވަރަށްވުރެ ދަށްނަމަ، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ފިޔަވަޅު އަޅަން ވާނެއެވެ.

(ޅ) މަސައްކަތުގެ ފެންވަރުގެ ނަތީޖާ އާ މެދު ހިތްހަމަނުޖެހޭނަމަ ސަބަބު ބަޔާންކޮށް، ސީއީއޯއަށް އިލްތިމާސް ކުރުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ލިބިގެންވެއެވެ.

(ކ) މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރުގެ ނަތީޖާ، މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލަންޖެހޭ ވެރިން ފިޔަވައި އެހެން މީހަކަށް ދައްކައިގެން ނުވާނެއެވެ.

(އ) އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނީ މިގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް، އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުތައް ބޭނުންކޮށްގެން މާކްސް ދީގެންނެވެ. އެގޮތުން މަސައްކަތުގެ ފެންވަރު ބަލާނެ މިންގަނޑުތައް އެކުލަވާލާ އެ މިންގަނޑުތަކަށް މުވައްޒަފުން އަހުލުވެރިކުރަންވާނެއެވެ.

(ވ) އޮތޯރިޓީގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނީ މިގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް، އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުތައް ބޭނުންކޮށްގެން މާކްސް ދީގެންނެވެ. އެގޮތުން މަސައްކަތުގެ ފެންވަރު ބަލާނެ މިންގަނޑުތައް އެކުލަވާލާ އެ މިންގަނޑުތަކަށް މުވައްޒަފުން އަހުލުވެރިކުރަންވާނެއެވެ.

(މ) ދިގު މުއްދަތަށާއި، ކުރު މުއްދަތުގެ ކޯސްތަކަށް ފޮނުވާނެ މުވައްޒަފުން ކަނޑައަޅަންވާނީ އޮތޯރިޓީގެ މުވައްޒަފުންގެ މެދުގައި އާންމުކޮށް އިއުލާން ކޮށްގެންނެވެ. މިގޮތަށް އިއުލާންކޮށްގެން ކެނޑިޑޭޓުން ހޮވުމުގައި ށަރުޠު ހަމަވާ މުވައްޒަފުންގެ ތެރެއިން އިސްކަންދޭނީ އޮތޯރިޓީގައި އެއް އަހަރަށްވުރެ ގިނަދުވަހު ވަޒީފާ އަދާ ކޮށްފައިވާ މުވައްޒަފުންނަށާ އެމުވައްޒަފަކު ކުރާމަސައްކަތަށް ބަލައިގެންނެވެ.

(ފ) ބޭނުންވާ ފެންވަރަށް ރާއްޖޭގައި ތަމްރީނު ދެވެންހުރި ދާއިރާއެއްގައި ނަމަ އެ ތަމްރީނުގައި ބައިވެރިކުރާނީ ރާއްޖޭގައި ތަމްރީނުދޭ ކޯހުގައެވެ. ރާއްޖެއިން ބޭރަށް ތަމްރީނު ދިނުމަށް ފޮނުވަން ޖެހިއްޖެނަމަ، އެފަދަ ނިންމުމެއް ނިންމާނީ ހިއުމަން ރިސޯސް ކޮމިޓީ ހުށަހެޅުމަށްފަހު، ބޯޑުން ނިންމާ ގޮތެއްގެ މަތިން ޗީފް އެގްޒެކެޓިވް އޮފިސަރ އެވެ.

(ދ) ކުރު މުއްދަތުގެ ކޯސްތަކާއި، ޓްރެއިނިންގގ، ސެމިނާރ، ވާރކްށޮޕް، ސްޓަޑީޓުއަރ ފަދަ ކަންކަމަށް މީހުން ފޮނުވާނީ ހިއުމަން ރިސޯސް ކޮމިޓީގެ މަށްވަރާއާއެކު ބޯޑުން ނިންމާ ގޮތެއްގެ މަތިން ޗީފް އެގްޒެކެޓިވް އޮފިސަރއެވެ. މިފަދަ ކޯސްތަކަށް މުވައްޒަފުން ފޮނުވުމުގައި ތިރީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އެކުލަވާލާފައި އޮންނަ މިންގަނޑު ތަކަށް ބަލަންވާނެއެވެ.

  1. އޮފީހުގެ މަސައްކަތް ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި އޮފީހަށް ބޭނުން ތަމްރީނެއް ކަމުގައިވުން.
  2. ތަމްރީނުކުރަން ފޮނުވާ މީހަކީ، އެ ތަމްރީނެއް ފުރިހަމަކުރުމަށް ބޭނުންވާ ފެންވަރުހުރި އޭނާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ އަދި އެ ކަމަށް ށައުގުވެރިވާ މީހެއް ކަމުގައިވުން
  3. އެ ތަމްރީނެއް އޮންނަ ދުވަސްވަރާ ފުށުއަރާ ގޮތަށް އެހެން ތަމްރީނަކަށް ފޮނުވަން ހަމަޖެހިފައިވާ މީހަކު ކަމުގައި ނުވުން.
  4. ވަޒީފާ އަދާކުރުމުގައި ރަނގަޅު ރިކޯޑެއް އޮތްމީހެއްކަމުގައިވުން.
  5. އޮތޯރިޓީގައި މަސައްކަތްކުރާތާ މަދުވެގެން 1 (އެކެއް) އަހަރުވެފައިވާ  މީހެއްކަމުގައިވުން.

 

66 ވަނަ މާއްދާ - ތަމްރީނަށް ފޮނުވާ މުވައްޒަފުން އިގްރާރުވުމާއި، ރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަކުރުން

(ހ) އޮތޯރިޓީއިން ހަރަދެއް ކުރާ ގޮތަށޤ، އޮތޯރިޓީއަށް ލިބޭ ފުރުސަތެއްގައި މުވައްޒަފުން ތަމްރީނު ކުރަން ފޮނުވަންވާނީ، ގާނޫނު ނަންބަރު 29/1976 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ހިދުމަތް ކުރުމާބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތިން  އޮތޯރިޓީއަށް ހިދުމަތް ކުރުމަށް ސޮއިކުރުމުންނެވެ.

(ށ) 3 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ކޯހަކަށް މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވާނަމަ، އެ މީހަކު ފޮނުވާނީ ވަޒީފާއިން ވަކިނުކޮށެވެ. އެ ދުވަސްތަކަށް އެ މުވައްޒަފެއްގެ އުޖޫރަ ލިބޭގޮތަށެވެ.

(ނ) 3 މަސް ދުވަހަށްވުރެ ދިގު މުއްދަތަށް އޮތޯރިޓީގެ ދާއިމީ މުވައްޒަފަކު ކޯހެއްގައި  ފޮނުވާއިރު ނުވަތަ މުވައްޒަފަކު އަމިއްލަޔަށް ހޯދައިގެން ކޯހެއް ހަދަމުންދާއިރު އަސާސީ މުސާރަ އާ އެއްވަރުގެ ފައިސާގެ އެހީއެއް ލިބޭގޮތަށް ހަމަޖައްސައިދިނުމަށް އެ މުވައްޒަފަކު އޮތޯރިޓީގައި އެދިއްޖެނަމަ، އެ މުވައްޒަފަކަށް އެފަދަ އިނާޔަތެއް ބޯޑުން ކަނޑައަޅާ  ގޮތެއްގެ މަތީން ދެވިދާނެއެވެ. ނަމަވެސް މި އެހީ ލިބޭގޮތަށް ހަމަޖައްސައިދޭންވާނީ، ތިރީގައިވާ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

  1. ހަދާ ކޯސް އޮތޯރިޓީގެ ޓްރެއިނިންގގ ރިކުއަރމެންޓްގައި ހިމެނިފައިވުން.
  2. ތައުލީމުދޭ ނުވަތަ ތަމްރީނު ދޭ މަރުކަޒަކުން އެ މީހަކު ގަބޫލުކޮށްފައިވާކަން ބަޔާންކޮށް، އެ މަރުކަޒުން ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅާފައިވުން.
  3. އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއް ކަމުގައިވުން.
  4. އެމުވައްޒަފަކު ވަޒީފާ އަދާކުރުމުގައި އިހުލާސްތެރިކަމާއި ށައުގުވެރިކަން ދައްކާފައިވާ މިންވަރު.

(ރ) އޮތޯރިޓީން ފައިސާގެ އެހީ ލިބޭ ގޮތަށް ދިގު މުއްދަތުގެ ކޯސްތަކުގައި ބައިވެރިވާ މީހުން، އެ މީހަކު ބައިވެރިވި ކޯސް ފުރިހަމަކޮށް ނިންމަން ވާނެއެވެ. އަދި ކޯސް ނިމުމުން، އެކޯހަކީ ރާއްޖޭގައި ހުރެގެން ނުވަތަ ރާއްޖެއިން ބޭރުގައި ހުރެގެން ހެދިކޯހެއް ނަމަވެސް ކޯސް ނިމޭތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި އޮތޯރިޓީއިން ލިޔުމުން އަންގަން ވާނެއެވެ. އަދި އޮތޯރިޓީއިން އެ މުވައްޒަފަކަށް ވަޒީފާއަށް ނުކުތުމަށް އަންގާ ދުވަހުން ފެށިގެން އޮފީހަށް ހާޒިރުވާންވާނެއެވެ.

(ބ)   ކޯސް ނިމިގެން އޮފީހަށް ނުކުންނައިރު ކޯހުގެ ސެޓްފިކެޓް އޮފީހަށް ހުށަހަޅަން ވާނެއެވެ. ފުރިހަމަ ކުރި ކޯހުގެ ސެޓްފިކެޓް ލިބުން ލަސްވެއްޖެ ނަމަ، ކިޔެވި މަރުކަޒުން ނުވަތަ ކޯހާބެހޭ ރަސްމީ ފަރާތަކުން އެ މީހަކު ކޯސް ފުރިހަމަކުރިކަމުގެ ލިޔުމެއް ހޯދައި އެ ލިޔުން ލަސްނުކޮށް ހުށަހަޅަން ވާނެއެވެ.

(ޅ) އޮތޯރިޓީ މެދުވެރިވެގެން ތަމްރީނުވާ މީހަކު މަގުބޫލު  އުޒުރެއް ނެތި ކޯސް ފުރިހަމަ ނުކޮށް އަތުވެއްޖެނަމަ، ނުވަތަ ކޯހުން ފާސްނުވެ އަތުވެއްޖެނަމަ، އެކޯހަކީ އޮތޯރިޓީން އެލަވަންސެއް ދިން ކޯހަކަށްވާނަމަ، އެކޯހެއް ހެދުމަށް އެމީހަކަށް އޮތޯރިޓީން ކުރި ހަރަދު އަނބުރާ ދޭންވާނެއެވެ.

 

67 ވަނަ މާއްދާ- ރާއްޖެ އާއި ރާއްޖެއިން ބޭރުގައިކޯސް ފުރިހަމަކުރުމާ ގުޅިގެން ހިދުމަތްކުރުން

(ހ) އޮތޯރިޓީން ބައިވެރިކުރާ މީހުންނާއި، ރާއްޖެއިން  ތަމްރީނު ދެވޭ ކޯސްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނު ދެވޭ ނުވަތަ ކިޔަވައިދެވޭ މީހުން، އެމީހަކަށް ކިޔަވައިދެވުނު ނުވަތަ ތަމްރީނު ދެވުނު މުއްދަތަކާ ގުޅޭގޮތުން އޮތޯރިޓީއަށް ހިދުމަތްކުރުމަށް އިގުރާރުވާންވާނެއެވެ. މިގޮތުން ހިދުމަތް ކުރުމަށް އިގުރާރުވާންވާނީ ގާނޫނު ނަންބަރު 29/1976 ގައިވާ ގޮތުގެ މަތީންނެވެ.

(ށ) އޮތޯރިޓީއަށް ހިދުމަތް ކުރަންޖެހިފައިވާ މުއްދަތު ހަމަނުވެ އޮއްވާ ކޯހެއްގައި ބައިވެރިވެގެން ނުވަތަ އެނޫން ގޮތަކުން އޮތޯރިޓީއަށް ހިދުމަތް ކުރަންޖެހޭ މުއްދަތަށް ބަލަލެއް އަންނަ ގޮތަށް  ދިމާވެއްޖެނަމަ، އެ މީހަކު ހިދުމަތް ކުރަންވާނީ ކުރިން ހިދުމަތް ކުރަންޖެހިފައިވާ މުއްދަތުން ބާކީއޮތް ދުވަހަށް ބަލައި، މި ދެ ބައިގެ ތެރެއިން ބޮޑުބަޔަކަށެވެ.

(ނ) ތަމްރީނު ކޯހުގައި ބައިވެރިވުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ މީހެއްނަމަ ހިދުމަތްކުރުމުގެ މުއްދަތު ކެނޑެމުންދާނީ، ތަމްރީނު ނިމުމަށްފަހު އެ މީހަކު ވަޒީފާ އަދާކުރަންފެށި ތާރީހަކުން ފެށިގެންނެވެ.

 

68 ވަނަ މާއްދާ- އޮތޯރިޓީގެ ފަރާތުން ތަމްރީނު ދޭ މީހުންގެ މައުލޫމާތު ބެލެހެއްޓުން

(ހ) އޮތޯރިޓީ މެދުވެރިވެގެން ކިޔަވައިދޭ ނުވަތަ ތަމްރީނު ދޭ ކޮންމެ މީހަކާބެހޭ މައުލޫމާތު އޮތޯރިޓީގެ ކަމާބެހޭ ސެކްށަން ނުވަތަ ޑިވިޒަނުން ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ށ) ކޯހުގައި ގޮސް ހުންނަ މީހަކު ކޮންމެ ޓާރމެއް ނުވަތަ ސެމެސްޓަރއެއް ނިމުމުން އެ ޓާރމުގެ ނުވަތަ ސެމެސްޓަރގެ ނަތީޖާ އޮތޯރިޓީއަށް ފޮނުވަން ވާނެއެވެ. އަދި ކޯހުގެ މުއްދަތަށް ނުވަތަ ކިޔަވަން ދިޔަ ދާއިރާއަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ބަދަލެއް ގެންނަންވާނީ، އޮތޯރިޓީއަށް ލިޔެ އެކަމުގެ ހުއްދަ ލިޔުމަކުން ހޯދައިގެންނެވެ.

 

9 ވަނަ ބާބު: ފައިސާއާއި މުދަލާ ބެހޭ ބައި

69 ވަނަ މާއްދާ- ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ހަރަދު ކުރުން

(ހ) ކޮންމެ މުވައްޒަފަކުވެސް އެމީހަކާ ހަވާލު ކޮށްފައިވާ މަސައްކަތްތައް ކުރަންވާނީ އެމީހެއްގެ ލަޔާގަތާއި ގާބިލުކަން ތަންދޭ އެންމެ މަތީ ދަރަޖައަކަށް ކަމަށް ކަމޭހިތައިގެން ފަރުވާތެރިކަމާ އެކުގައެވެ.

(ށ) އޮތޯރިޓީގެމަސައްކަތް ކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފުނުވާ ގޮތުގެމަތިން، ސެކްށަންތަކާއި  ސެކްށަންތަކުގެ ވެރިން އަންގާ އެންގުންތަކަށް އިޙްތިރާމް ކުރަންވާނެއެވެ. ގާނޫނާއި ގަވާއިދާ ހިިލާފަށް އަންގާ އެންގުންތަކަށް އެއްވެސް މުވައްޒަފަކު ތަބައަވެގެން ނުވާނެއެވެ.

 

70 ވަނަ މާއްދާ- ބަޖެޓް އެކުލަވައިލުން

(ހ) ބަޖެޓް އެކުލަވާލާ ތައްޔާރުކުރަންވާނީ ސަރުކާރުގެ ސިޔާސަތުތަކާ، ގާނޫނުން އޮތޯރިޓީއަށް ލާޒިމްކުރާ މަސައްކަތްތައް ކުރުމުގެ ގޮތުން އެކުލަވައިލާފައިވާ އޮތް ޕްލޭނުގައި ކަނޑައަޅާ ލަނޑުދަނޑިތަކެއް ހާސިލުކުރަން ހިންގާ ހަރަކާތްތަކަށް  (ޕްރޮގްރާމްތަކަށް) ބިނާކޮށެވެ.

(ށ) ބަޖެޓް އެކުލަވާލަންވާނީ ސަރުކާރުން ގެންގުޅޭ އުސޫލުތަކާ އެއްގޮތަށެވެ.

(ނ) ކޮންމެ އަހަރަކު ވެސް އޮތޯރިޓީއަށް ދޫކުރާ ބަޖެޓް ހަތަރު ބަޔަކަށް ބަހާލައިގެން ހަރަދު ކުރާނެ ގޮތުގެ ޕްލޭނެއް ބަޖެޓާބެހޭ ސެކްށަނުން އެކުލަވާލަން ވާނެއެވެ.

 

10 ވަނަ ބާބު: އޮތޯރިޓީއަށް މައްސަލަ ހުށަހެޅުން

71 ވަނަ މާއްދާ- އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަ

(ހ) އޮތޯރިޓީ އަށް ހުށަހެޅޭނީ ގާނޫނު ނަންބަރު 3/2012 ގެ 4 ވަނަ މާއްދާގައި  ބަޔާންކުރެވިފައިވާ "ގެވެށި އަނިޔާގެ އަމަލު" ކަމުގައި ބެލެވޭ މައްސަލަތަކެވެ.

 

72 ވަނަ މާއްދާ- އޮތޯރިޓީއަށް މައްސަލަ ހުށަހެޅުން

(ހ) ގެވެށި އަނިޔާގެ ށިކާރައަކަށްވާ ކޮންމެ ފަރާތަކަށް އަދި ގެވެށި އަނިޔާ ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކޮންމެ ފަރާތަކަށް ވެސް ގެވެށި އަނިޔާގެ މައްސަލަ އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) އޮތޯރިޓީއަށް މައްސަލަ ހުށަހެޅޭނީ އޮތޯރިޓީއަށް  ހާޒިރުވެ ނުވަތަ އީމޭލުން ނުވަތަ ފެކްހުން  ނުވަތަ ލިޔުމުންނެވެ.

 

73 ވަނަ މާއްދާ- އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަ އަށް އިޖާބަދިނުން

އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކަށް ލަސްވެގެން 72 ގަޑިއިރުތެރޭގައި އިޖާބަދޭންވާނެއެވެ..އަދި އެމައްސަލައަކީ ލިޔުމުން ހުށަހަޅާފައިވާ މައްސަލައެއްނަމަ އެމައްސަލައަކަށް ލިޔުމުން ޖަވާބު ދޭންވާނެއެވެ.

 

74 ވަނަ މާއްދާ- އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަވަސް މައްސަލަ

(ހ) އަނިޔާ ލިބިފައިވާ ފަރާތަށް ނުވަތަ އޭނާގެ ބެލެނިވެރިކަމުގައި ތިބި ކުދިން ނުވަތަ މީހުންގެ ފުރާނަޔަށް ގެއްލުމެއްވާނަމައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެފައިވާ މައްސަލައެއްނަމަ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފިޔަވަޅު އަޅަންވާނެއެވެ. އެގޮތުން ކަމާބެހޭ އެހެނިހެން ދާއިރާ ތަކުގެ ރޯލެއްވާނަމަ  ވަގުތުން އެފަރާތަށް އަންގަންވާނެއެވެ.

 

75 ވަނަ މާއްދާ- އޮތޯރިޓީއަށް ހުށަހެޅޭ މައްސަލައަށް އަމަލު ކުރާނޭ ގޮތް

އޮތޯރިޓީއަށް މައްސަލައެއް ހުށަހެޅުމުން ތިރީގައިވާ ގޮތުގެ މަތިން އަމަލުކުރަންވާނެއެވެ.

  1. މައްސަލައެއް ހުށަހެޅުމުން އެމައްސަލައެއް ރަޖިސްޓަރީކުރެވި މައްސަލައަށް ނަންބަރެއް ދިނުން
  2. މައްސަލަ ޑާޓާބޭސްއަށް އެންޓަރ ކުރުން
  3. މައްސަލައިގެ ބާވަތުން، މައްސަލަ ރިފަރ ކުރަންޖެހިއްޖެ ހާލަތެއްގައި ކަމާބެހޭ ދާއިރާއަކަށް އެމައްސަލަ ރިފަރ ކުރުން، (ސިއްޙީ ދާއިރާ، އިޖުތިމާއީ ހިދުމަތް ފޯރުކޮށްދޭ ދާއިރާތައް، މޯލްޑިވްސް ޕޮލިސް ސަރވިސް)
  4. މަތީގައިވާ ދާއިރާތަކަށް ރިފަރ ކުރާނީ އެ ދާއިރާއަކުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށެވެ.

 

11 ވަަނަ ބާބު: އެހެނިހެން ކަންކަން

76 ވަނަ މާއްދާ – މާނަކުރުން

(ހ) މި ގަވާއިދަށް ކިޔާނީ ފެމެލީ ޕްރޮޓެކްށަން އޮތޯރިޓީގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް އުނިއިތުރު ގެނައުމުގެ ބާރު ލިބިގެންވަނީ ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ބޯޑަށެވެ. މިގޮތުން މިގަވާއިދަށް ބަދަލު ގެނެވޭނީ ބޯޑުގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުންނެވެ.

(ނ) މިގަވާއިދާއި އަދި މިގަވާއިދަށް ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީން ގެންނަ އިސްލާހަށް  އަމަލުކުރެވޭނީ އެ އިސްލާހެއް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

(ރ) މި ގަވާއިދުގައި "އޮތޯރިޓީން ފާސްކުރުމާއި" . " އޮތޯރިޓީގެ ނިންމުން" އަދި  "އޮތޯރިޓީގެ ކަނޑައެޅުން"  ކަމަށް ބުނެފައި އެވަނީ، ފެމިލީ ޕްރޮޓެކްށަން އޮތޯރިޓީގެ ނިންމުންތަކަށެވެ.

(ބ) “ބޯޑުގެ ރައީސް” އަދި “ނާއިބުރައީސް” ކަމަށް މި ގަވާއިދުގައި ބުނެފައި އެވަނީ ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ބުނެފައިވާ މެންބަރުންގެ ތެރެއިން ބޯޑުގެ ބައްދަލުވުމެއްގައި ކަނޑައަޅާ ބޯޑުގެ ރައީސާއި ނާއިބު ރައީސެވެ

(ޅ) "މެންބަރުން" ކަމަށް މި ގަވާއިދުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ގައި އެބުނާ މެންބަރުންނެވެ.

(ކ) "ބޯޑުގެ ބައްދަލުވުން" ކަމަށް މި ގަވާއިދުގައި ބުނެފައި އެވަނީ އޮތޯރިޓީގެ ބޯޑު މެންބަރުންގެ މެދުގައި ބާއްވާ އޮތޯރިޓީގެ ބޯޑުގެ ، އާންމު، ހާއްސަ، ކުއްލި އަދ ނުރަސްމީ ބައްދަލުވުން ތަކެވެ.

 

77 ވަނަ މާއްދާ- މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގައި ބަލަންޖެހޭ އުސޫލުތަކާއި ސިޔާސަތުތަކާއި މިންގަނޑުތަކާއި ކޮމިޓީތައް ޗީފް އެގްޒެކެޓިވް އޮފިސަރުގެ ބެލުމުގެ ދަށުން އެކަމާބެހޭ ސެކްށަނުން ނުވަތަ ޑިވިޒަނުން އެކުލަވައިލަންވާނެއެވެ. އެގޮތުން ބަޔާންކުރެވުނު މަސައްކަތްތައް މިގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ނިންމަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަސައްކަތުން އެކުލަވައިލާ އުސޫލުތަކާއި ސިޔާސަތުތަކާއި،މިންގަނޑުތަކާއި ކޮމިޓީތައް އޮތޯރިޓީން ފާސްކުރަންވާނެއެވެ.

(ނ) މިގަވާއިދުގައި ހިމެނިފައިވާ ލަފުޒެއް ނުވަތަ ޖުމުލައެއް މާނަކުރުމުގައި ހިޔާލު ތަފާތު ވެއްޖެނަމަ ގޮތެއް ކަނޑައަޅާނީ ބޯޑުންނެވެ.

 

78 ވަނަ މާއްދާ- ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

  

މައި ގާނޫނު

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 3/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު