-

އުފަންވާ ކުދިންނާއި މަރުވާ މީހުންނާއި ކުދިންގެ މައުލޫމާތު ބެލެހެއްޓުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 179/2015)

 

1 ވަނާ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނުނު ނަންބަރު 7/1992 (އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަން ދުވަހުގެ ސެޓުފިކެޓު ހެއްދުމާއި، މަރުވާ މީހުންގެ މަރު ސާބިތު ކުރުމާ ބެހޭ ގާނޫނު) ގެ 1 ވަނަ މާއްދާގެ ދަށުން، ރާއްޖޭގައި އުފަންވާ ކުދިންގެ ފޫޅުމާ ފޯމު ފުރުމާ މަރުވާ މީހުންނާއި ކުދިންގެ މަރުފޯމު ފުރުމާއި މިކަމާގުޅޭ މައުލޫމާތު ބެލެހެއްޓުމާއި ރާއްޖޭން ބޭރުގައި ދިވެހި ރައްޔިތަކަން އުފަންވާ ކުދިންނާއި ރާއްޖޭން ބޭރުގައި މަރުވާ ކުދިންނާއި މީހުންގެ މިއުލޫމާތު ބެލެހެއްޓުމާ ބެލޭގޮތުން އަމަލުކުރާނެ ގަވާއިދެވެ.

(ށ) މިގަވާއިދު އެކުލަވައިލާފައި މިވަނީ، އުފަންވާ ކުދިންނާއި މަރުވާ މީހުންނާ ބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ރިކޯޑުކުރުމާއި، މަޢުލޫމާތު ބެލެހެއްޓުމާއި މިކަންކަމާ ގުޅޭ އުސޫލުތައް ތަފުސީލުކޮށް ބަޔާންކުރުމުގެ ގޮތުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "އުފަންވާ ކުދިންނާއި މަރުވާ މީހުންނާއި ކުދިންގެ މަޢުލޫމާތު ބެލެހެއްޓުމާބެހޭ ގަވާއިދު" އެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ – ގަވާއިދު އެކުލަވައިލުމުގެ ބާރު

މި ގަވާއިދު އެކުލަވައިލާފައި މިވަނީ ގާނޫނު ނަންބަރު 7/1992 (އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަން ދުވަހުގެ ސެޓުފިކެޓު ހެއްދުމާއި، މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި އުފަންވުން ރަޖިސްޓަރީ ކުރުމާއި، އުފަން ދުވަހުގެ ސެޓުފިކެޓު ހެދުމާއި، މަރު ސާބިތު ކުރުމާބެހޭ ގަވާއިދުތައް ހެދުމަށް މިނިސްޓްރީ އޮފް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

 

3 ވަނަ މާއްދާ – އިހުތިސާސް

ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި މަރުވާ މީހުންނާއި ރާއްޖޭން ބޭރުގައި އުފަންވާ އަދި މަރުވާ ދިވެހިންގެ މައުލޫމާތު ރިކޯޑުކުރުމާއި އެ މައުލޫމާތުތައް އެއްކުރުމާއި ބެލެހެއްޓުމުގައި ބައިވެރިވާ ހުރިހާ މުއައްސަސާތަކާއި ފަރާތްތައް، އަދި ސިއްހީ ހިދުމަތްދޭ ތަންތަނުގެ މައްޗަށް މި ގަވާއިދު ހިނގާނެއެވެ.

 

4 ވަނަ މާއްދާ – އުފަންވުމުން ފުރިހަމަ ކުރަން ޖެހޭ ފޫޅުމާ ފޯމު

(ހ)  28 ހަފުތާ ފުރުމަށްފަހު ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފޫޅުމާ ފޯމު ފުރިހަމަކުރަންވާނެއެވެ. 28 ހަފްތާ ނުފުރި އެބޯޓުކުރެވޭ ނުވަތަ ބައިގެންދާ ނުވަތަ ވިހާ ކުއްޖާގެ ފުރާނަ ހުރިނަމަ، ފޫޅުމާފޯމުގެ އިތުރުން މިގަވާއިދުގެ 10 ވަނަ މާއްދާގައިވާ "ބައިގެންދިޔުމާ އެބޯޓަޟަން" ރިޕޯޓުކުރާ ފޯމު ފުރަންވާނެއެވެ. އަދި 28 ހަފުތާ ނުފުރި އެބޯޓު ކުރެވޭ ނުވަތަ ބައިގެންދާ ނުވަތަ ވިހާ ކުއްޖާގެ ފުރާނަ ނެތްނަމަ، ފޫޅުމާ ފޯމުގެ ބަދަލުގައި ފުރަންޖެހޭނީ ހަމައެކަނި "ބައިގެންދިޔުމާއި އެބޯޟަން" ރިޕޯޓުކުރާ ފޯމެވެ.

(ށ) ފޫޅުމާ ފޯމު ހުންނަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ނަމޫނާ ފޯމާ އެއްގޮތަށެވެ. އަދި މިނިސްޓްރީއަށް ފެނިއްޖެ ހާލަތެއްގައި މި ފޯމުގައިވާ ބައިތަކަށް އިސްލާހު ގެނެވިދާނެއެވެ.

(ނ) ފޫޅުމާ ފޯމު ހުންނަންވާނީ މިނިސްޓްރީން ކަނޑައަޅާ ވިހާމަރުވާގެ ތަފާސްހިސާބުތަކުގެ (ވައިޓަލް ސްޓެޓިސްޓިކްސް) ބޭނުމަށް ތަފުސީލު މަޢުލޫމާތު އެއްކުރެވޭފަދަ ގޮތަކަށެވެ.

(ރ) ކޮންމެ ފޫޅުމާފޯމެއް ޗާޕުކޮށްފައި ހުންނަންވާނީ އަސްލު ފޯމު (ހުދު) ގެ ދަށުން އަސްލާއެއްގޮތް 2 (ދޭއް) ކޮޕީ (ރީނދޫ އަދި ފިޔާޕޮށި) އެކުލެވޭގޮތަށެވެ. އަދި ފޯމު ޗާޕުކޮށްފައި ހުންނަންވާނީ އަސްލު ފޯމުގެއި ލިޔާ ހުރިހާ ތަފްސީލެއް ދަށުގައިވާ ކޮޕީތަކަށް ސާފުކޮށް އަރާގޮތަށެވެ. ވިހާމަރުވާގެ ރިކޯޑުތައް އަޅައި ބަލަހައްޓައި ކޮމްޕިއުޓަރ ބޭސްޑް ސިސްޓަމެއްގެ ޒަރީޔާއިން ފޫޅުމާ ފޯމު ޗާޕުކުރާނަމަވެސް ފޯމުގެ އަސްލު ޗާޕުކުރަން ވާނެއެވެ. އަދި ބޭނުންވެއްޖެނަމަ އަސްލާ އެއްގޮތަށް ގިނަވެގެން 2 (ދޭއް) ކޮޕީ (ކޮޕީކަން އެނގޭގޮތަށް) ޗާޕުކުރެވިދާނެއެވެ.

(ބ) ރާއްޖޭން ބޭރުގައި ވިހާކުދިންގެ ފޫޅުމާ ފޯމުކަމުގައި އެކުއްޖަކު ވިހާފައިވާ ގައުމެއްގައި ކަނޑައަޅާފައިވާ އުސޫލެއްގެމަތިން ދޫކޮށްފައިވާ ފޯމު ނުވަތަ ސެޓުފިކެޓު ނުވަތަ ލިޔުން އެކުއްޖަކު ރަޖިސްޓަރީކުރުމަށް ބޭނުންކުރާ ލިޔުމުގެގޮތުގައި ބޭނުންކުރެވޭނެއެވެ. އަދި މި ލިޔުމުގެ އަސްލާއެކު އޭގެ ކޮޕީއެއް ވީ އެންމެ އަވަހަކަށް ރަށު ކައިންސިލު ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ޒިންމާވާންވާނެއެވެ. ލިޔުމުގެ އަސްލު ބެލުމަށްފަހު ވެރިފަރާތަށް ދޫކުރަންވާނެއެވެ. މި ލިޔުމުގެ ކޮޕީ އަތޮޅު ނުވަތަ ސިޓީ ކައުންސިލުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށް ފޮނުވަންވާނެއެވެ.

 

5 ވަމަ މާއްދާފޫޅުމާ ފޯމު ފުރިހަމަކުރާ ފަރާތް އަދި ފުރިހަމަކޮށްފައިވާ ފޫޅުމާ ފޯމުގެ އަސްލާއި ކޮޕީ އެކި ހަވާލުކުރުމާއި ފޮނުވުން

(ހ) ފޫޅުމާ ފޯމު ފުރިހަމަކުރުމަކީ ކުއްޖަކު އުފަންވުމުން އެކުއްޖަކު ވިއްސުމުގައި އެހީތެރިވެދިން ސިއްހީ ހިދުމަތްތެރިއެއްގެ ޒިންމާއެކެވެ. ގޭގައި ވިހޭނަމަ، ވިހެއުމުގައި އެހީތެރިވެދިން ފޫޅުމައެއްގެ ޒިންމާއެކެވެ. އެކަނި އޮވެ އަމިއްލައަށް ވިހޭނަމަ، ވިހޭމީހާ ނުވަތަ ވިހެއުމަށް ފަހު އެހީތެރިވެދިން ފަރާތުގެ ނުވަތަ ވިހެއުމަށްފަހު މައިމީހާއާއި ވިހޭ ދަރިފުޅު ބެލިފަރާތުގެ ނުވަތަ މައިމީހާ ނުވަތަ ދަރިފުޅު ބެލިފަރާތެއްގެ ޒިންމާއެކެވެ. ކުއްޖާ ވިއްސީ ކާކުކަން ނޭނގޭނަމަ، ފޫޅުމާ ފޯމު ފުރިހަމަ ކުރާނީ އެންމެ ކައިރިން އެކުއްޖަކު ގެންދެވޭ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ ފަރުވާދޭ މަރުކަޒަކުންނެވެ. އެހީތެރިވެދިނީ ކުޑަކުއްޖެއްނަމަ ފޫޅުމާ ފޫމު ފުރިހަމަކުރަން ޒިންމާވާނީ ވިހޭ މީހާއެވެ.

 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ފޯމުތަށް ފުރިހަމަ ކުރަންޖެހޭނީ ސިއްހީ ހިދުމަތްދޭ ތަނެއްގައެވެ. ފުރިހަމަކޮށްފައިވާ ފޯމުގެ އަސްލުގެ ކޮޕީއެއް ސިއްހީ ހިދުމަތްދޭ ތަނުގައި ބޭއްވުމަށްފަހު ފޫމުގެ އަސްލު ކުއްޖާގެ ބެލެނެވެރިން ނުވަތަ ބަލަދުވެރިޔާއަށް ހަވާލުކުރާނޫ ސިއްހީ ހިދުމަތްދޭ ތަނުންނެވެ. ފުރިހަމަކޮށްފައިވާ ފޯމުގެ ފިޔާތޮށި އަދި ރީނދޫ ކޮޕީ، އެތަނެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލަށް ފޮނުވާނީ ސިއްހީ ހިދުމަތްދޭ ތަނުންނެވެ. ފިޔާތޮށި ކޮޕީ، ރަށު ނުވަތަ ސިޓީ ކައުންސިލުގައި ބޭއްވުމަށްފަހު ރީނދޫ ކޮޕީ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށް ފޮނުވުމަށްޓަކައި ރަށު ކައުންސިލުން އަތޮޅު ކައުންސިލަށް ފޮނުވަންވާނެއެވެ.

(ނ) ފުރިހަމަ ކޮށްފައިވާ ފޯމުގެ ރީނދޫ ކޮޕީ، ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށް (ނ) ފޮނުވަންވާނީ އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލުންނެވެ.

(ރ) ކުއްޖާގެ ބައްޕަ ވީނުވީތަނެއް ނޭނގި ގެއްލިފައިވާނަމަ ނުވަތަ ފިލައިގެން އެހެންގައުމަކަށް ދިއުމުގެ ސަބަބުން ފޫޅުމާ ފޯމުގައި ބައްޕަގެ ސޮއި ނުކުރެވޭ ހާލަތުގައި ކުއްޖާއަށް ދާއިމީ އުފަންދުވަހުގެ ސެޓުފިކެޓެއް ހެއްދުމަށްޓަކައި ފޫޅުމާ ފޯމުގައި ކުއްޖާގެ ބައްޕަގެ އޮންނަ ތަނުގައި ކުއްޖާގެ ބައްޕަގެ ބަދަލުގައި ކުއްޖާގެ ދެންހުރި އެންމެ އިސް ށަރުޢީ ބަލަދުވެރިޔާއަށް ސޮއިކުރެވިދާނެއެވެ. މިގޮތުން ސޮއިގެ އިތުރުން ސޮއިކުރާ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި އައި ޑީ ކާޑު ނަންބަރު އަދި ކުއްޖާޔާ ހުރިގާތްކަން ފޯމުގައި ސާފުކޮށް ކިޔަން އެނގޭނޭހެން ލިޔެފައި އޮންނަންވާނެއެވެ.

 

6 ވަނަ މާއްދާފޫޅުމާ ފޯމު ޗާޕު ކުރުމާއި ސްޓޮކް ބެލެހެއްޓުން

ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ފޫޅުމާ ފޯމު ފުރިހަމަ ކުރުވުމުގެ ގޮތުން ފޫޅުމާ ފޯމު ޗާޕުކޮށް ސްޓޮކް ބެލެހެއްޓުމާއި ފޫޅުމާ ފޯމު ފުރިހަމަކުރަންޖެހޭ އެކިފަރާތްތަކަށް ޗާޕުކޮށްފައިވާ ފޯމު ސްޓޮކް ހުސްނުވެ ލިބެން ހުންނާނެގޮތަށް ފޮނުވައިދިނުމުގެ ހުރިހާ ކަމެއް ހަމަޖައްސާނީ މިގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުންނެވެ. ފޫޅުމާ ފޯމު ޗާޕު ކުރުމުގެ މިންގަނޑު މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާނެއެވެ.

 

7 ވަނަ މާއްދާފޫޅުމާ ފޯމުގައި ހިމެނޭ މައުލޫމާތަށް ބަދަލު ގެނައުން

 ފޫޅުމާ ފޯމުގައި ފުރާފައިވާ މައުލޫމާތަށް ބަދަލުގެނެވޭނެ ހާލަތްތަކާއި ގޮތްތައް އަދި ބަދަލު ގެނެވޭ ފަރާތްތަކާބެހޭ ތަފުސީލު މިގަވާއިދުގެ ޖަދުވަލު 3 ގައި ހިމަނާފައިވެއެވެ. މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތްނޫން އެހެންގޮތަކަށް ފޫޅުމާ ފޯމުގައި އެކުލެވޭ އެއްވެސް މަޢުލޫމާތަކަށް އެއްވެސް ފަރާތަކުން ބަދަލު ގެނެސްގެން ނުވާނެއެވެ.

 

8 ވަނަ މާއްދާފޫޅުމާ ފޯމުގައި ހިމެނޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށްޓަކައި ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުން

(ހ) ފޫޅުމާ ފޯމުގައި ފުރިހަމަކުރެވިފައިވާ ހުރިހާ މަޢުލޫމާތަކީވެސް އެ މަޢުލޫމާތުތައް ބަލަހައްޓާ އެންމެ ހައި ފަރާތްތަކުން ސިއްރު ހިފެހެއްޓޭ ގޮތުގެ މަތިން ބަލަހައްޓަންޖެހޭނެ މަޢުލޫމާތުތަކެކެވެ.

(ށ) ކާކުކަން އެނގޭގޮތަށް ފޫޅުމާ ފޯމުން ނެގިފައިވާ ވަކިވަކި ފަރުދުންގެ މަޢުލޫމާތު ދޫކުރެވޭނީ މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފަރާތްތަކަށެވެ. މިފަރާތްތަކުން މިމަޢުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ. މިގޮތުން މި މަޢުލޫމާތު ފޯރުކޮށްދޭނީ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިދާރާ ނުވަތަ ދިޕާޓްމަންޓް އޮފް ނޭޟަނަލް ރަޖިސްޓްރޭޟަނުންނެވެ. މި ގޮތުން ދޫކުރާ މައުލޫމާތުގައި އެ މައުލޫމާތަކީ ދައުލަތުގެ ސިއްރެއްކަން އެނގެން އޮންނަންވާނެއެވެ.

(ނ) ފޫޅުމާ ފޯމުގެ ކޮޕީ ދޫކުރަން ވާނީ ފޯމުގެ އަސްލު ގެއްލިގެން ނުވަތަ ހަލާކުވެގެން ނުވަތަ އެއްވެސް ސަބަބަކާހުރެ ފޫޅުމާ ފޯމުގެ އަސްލު ނުލިބިވާނަމަ އުފަންވި ކުއްޖާގެ މައިންބަފައިންނަށް ނުވަތަ އެކުއްޖެއްގެ ގާނޫނީ ބަލަދުވެރިއަކަށް ނުވަތަ އެމީހަކަށެވެ. މިގޮތުން މިފަރާތްތަކުން ފޫޅުމާ ފޯމުގެ ކޮޕީއަކަށް އެދޭ ފޯމު މި ގަވާއިދުގެ ޖަދުވަލު 5 ގައި ވާނެއެވެ.

(ރ) އެކިއެކި ދިރާސާ ކުރުމަށް ފޫޅުމާ ފޯމުން އެއްކުރެވޭ މަޢުލޫމާތު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފޯރުކޮށްދޭނީ މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ އުސޫލުގެދަށުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުންނެވެ.

(ބ) ފޫޅުމާ ފޯމުގައި ހިމެނޭ މަޢުލޫމާތު ދެވޭނެ އުސޫލުތަކާއި އެމައުލޫމާތު ދެވޭނެ ފަރާތްތައް ކަނޑައެޅާނީ މިނިސްޓްރީ އިންނެވެ. މި މިންގަނޑު މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައި ވާނެއެވެ. މި މިންގަނޑަށް ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުން ލިޔުމެއް ތައްޔާރުކޮށް އެ ޑިޕާޓްމަންޓުގައި އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުން މި ލިޔުން ސިޓީ އަދި ރަށު ކައުންސިލްތަކުގެ އިދާރާއަށް ފޮނުވުމުން، އެ އިދާރާތަކުން މި ލިޔުން އާންމުކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

9 ވަނަ މާއްދާ - އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓުފިކެޓު ހެދުމުގެ ކަންތައް މޮނިޓަރކުރުން

އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ރަޖިސްޓަރީއާއި އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމާބެހޭ ކަންކަން ތަންފީޒީ އިދާރާތަކުން ކުރަމުންގެންދަނީ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ބަލާނީ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭޟަނުންނެވެ.

 

10 ވަމަ މާއްދާ - ބައިގެންދިޔުމާއި އެބޯށަން ރިޕޯޓުކުރާ ފޯމު

(ހ) މި ފޯމު ހުންނަންވާނީ މިނިސްޓްރީއިން ކަނޑައަޅާ، މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައިވާ ނަމޫނާ ފޯމާ އެއްގޮތަށެވެ.

(ށ) މައިމީހާގެ ބަނޑަށް 28 ހަފުތާ ނުފުރި އެބޯޓުކުރެވޭ ނުވަތަ ބައިގެންދާ ނުވަތަ ވިހާ ފުރާނަ ނެތް ކޮންމެ ކުއްޖަކަށް ފޫޅުމާ ފޯޅުމާ ފޯމުގެ ފޯމުގެ ބަދަލުގައި "ބައިގެންދިޔުމާއި އެބޯޟަން'' ރިޕޯޓުކުރާ ފޯމު ފުރަންވާނެއެވެ. އަދި ފުރާނަ ހުރިނަމަ މި ފޯމުގެ އިތުރުން ފޫޅުމާ ފޯމުވެސް ފުރަންވާނެއެވެ. މި ފޯމުފުރުމާބެހޭ އުސޫލު މި ގަވާއިދުގެ ޖަދުވަލު 7 ގައި ބަޔާންކޮށްފައި ވާނެއެވެ.

 

11 ވަނަ މާއްދާ - މަރުވުމުން ފުރިހަމަ ކުރަންޖެހޭ ފޯމު

(ހ) ދިވެހިރާއްޖޭގައި އެއްވެސް މީހަކު މަރުވުމުން ގާނޫނުގައިވާގޮތުގެ މަތިން މަރު ސާބިތުކޮށް މަރު ސާބިތު ކުރާ ފޯމު ފުރިހަމަކުރަންވާނެއެވެ. ވިހާއިރު މަރުވެފައިވާ ކުދިންނަށްވެސް މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރަންވާނެއެވެ. ނަމަވެސް މައިމީހާ ގެ ބަނޑަށް 28 (އަށާވީސް) ހަފުތާ ނުފުރި އެބޯޓުކުރެވޭ ނުވަތަ ބައިގެންދާ ނުވަތަ ވިހާ ފުރާނަ ނެތް ކޮންމެ ކުއްޖަކަށް މަރުފޯމުގެ ބަދަލުގައި ފުރާނީ "ބައިގެންދިޔުމާއި އެބޯޟަން" ރިޕޯޓުކުރާ ފޯމެވެ. މަރު ސާބިތުކުރާ ފޯމަކީ މަރުވިމީހާގެ މަރު ސާބިތުކުރި ކަމުގެ ޟަރުއީ ލިޔުމެވެ.

(ށ)  މަރު ސާބިތު ކުރާ ފޫމު ހުންނަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ، މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ނަމޫނާ ފޯމާ އެއްގޮތަށެވެ. އަދި މިނިސްޓްރީއަށް ފެނިއްޖެ ހާލަތެއްގައި ފޯމުގައިވާ ބައިތަކަށް އިސްލާހު ގެނެވިދާނެއެވެ.

(ނ) މަރު ސާބިތުކުރާ ފޯމު ހުންނަންވާނީ މިނިސްޓްރީންކަނޑައަޅާ ވިހާމަރުވާގެ ތަފާސްހިސާބުތަކުގެ (ވައިޓަލް ސްޓެޓިކްސް) ބޭނުމަށް ތަފުސީލު މަޢުލޫމާތު އެއްކުރެވޭފަދަ ގޮތަކަށެވެ.

(ރ) މަރު ސާބިތުކުރާ ކޮންމެ ފޯމެއް ޗާޕުކޮށްފައި ހުންނަންވާނޫ އަސްލު ފޫމު (ހުދު) ގެ ދަށުން އަސްލާއެއްގޮތް 2 (ދޭއް) ކޮޕީ (ރީނދޫ އަދި ފިޔާތޮށި) އެކުލެވޭގޮތަށް އަސްލު ފޯމުގައި ލިޔެވޭ ހުރިހާ ތަފުސީލެއް ދަށުގައިވާ ކޮޕީތަކަށް އަރާގޮތަށެވެ. ވިހާމަރުވާގެ ރިކޯޑުތައް އަޅައި ބަލަހައްޓާ ކޮމްޕިއުޓަރ ބޭސްޑް ސިސްޓަމެއްގެ ޒަރީއާއިން މަރު ސާބިތުކުރާ ފޯމުގެ އަސްލާއި އަސްލާ އެއްގޮތް ގިނަވެގެން 2 (ދޭއް) ކޮޕީ ޗާޕުކުރެވިދާނެއެވެ.

 

12 ވަނަަ މާއްދާ - މަރު ސާބިތުކޮށް މަރުފޯމު ފުރިހަމަކުރުމާއި ފުރިހަމަ ކުރާ ފަރާތް

(ހ) މީހަކު މަރުވުމުން މަރު ސާބިތުކުރާ ފޯމު ފުރިހަމަކުރުމަކީ މަރުވިމީހާ ބަލައި މަރު ސާބިތު ކުރި ފަރާތަކުން ކުރަންޖެހޭ ކަމެކެވެ.

(ށ) ހޮސްޕިޓަލެއް ނުވަތަ ސިއްހީ ފަރުވާދޭ މަރުކަޒެއް ހުރި ރަށެއްގައި މީހަކު މަރުވެއްޖެނަމަ މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރާނީ ހޮސްޕިޓަލުގެ ނުވަތަ ސިއްހީ މަރުކަޒުގެ ޑޮކްޓަރެއް މަރުވި މީހާގެ ހަށިގަނޑު ރަނގަޅަށް ބަލައި މަރު ސާބިތު ކުރުމަށްފަހުއެވެ. ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޑޮކްޓަރެއް ނެތް ރަށެއްގައި މީހަކު މަރުވެއްޖެނަމަ ފޯމު ފުރާނީ ރަޖިސްޓަރީ ކޮށްފައިވާ ޖަމާއަތުގެ ސިއްހީ އެހީތެރިއެކެވެ. އެފަދަ މީހެއް ނެތްނަމަ މަރު ސާބިތުކޮށް މަރު ސާބިތުކުރާ ފޯމު ފުރިހަކުރާނީ ރަށު ކައުންސިލް ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް ފަރާތުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ރަށެއް ނޫން ތަނެއްގައި މަރުވާ މީހާގެ މަރު ސާބިތުކުރާ ފޯމު ފުރިހަމަކުރާނީ އެންމެ އަވަހަށް ދެވޭ ރަށެއްގައި ހުންނަ ހޮސްޕިޓަލަކުން ނުވަތަ ސިއްހީ މަރުކަޒަކުން ނުވަތަ ސިއްހީ ހިދުމަތްދޭ ތަނަކުންނެވެ. މިފަދަ ތަނެއް  ނެތް ނަމަ މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރާނީ އެ ރަށެއްގެ ރަށު ކައުންސިލް ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް ފަރާތުންނެވެ.

(ރ) ދިވެހިރާއްޖޭގައި މީހަކު މަރުވެއްޖެނަމަ އެމީހަކު ވަޅުލަންވާނީ ނުވަތަ އެމީހެއްގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދަންވާނީ ނުވަތަ މަރުވެފައިވާމީހާގެ ހަށިގަނޑަށް އެހެންގޮތެއް ހަދަންވާނީ އެމީހެއްގެ ހަށިގަނޑު މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން ބަލާ މަރު ސާބިތުކޮށް، މަރު ސާބިތު ކުރާ ފޯމު ފުރިހަމަ ކުރުމަށްފަހުގައެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، އެއްވެސް ފަރާތަކުން މަރާމެދު ށައްކެއް އުފައްދައިފިނަމަ، މަރުވެފައިވާ މީހާ ވަޅުލަންވާނީ ނުވަތަ އެމީހެއްގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދަންވާނީ ނުވަތަ މަރުވެފައިވާ މީހާގެ ހަށިގަނޑަށް އެހެންގޮތެއް ހަދަންވާނީ މޯލްޑިވްސް ޕޮލިސް ސާރވިސް އިން އެކަމަކަށް ލިޔުމުން ހުއްދަ ދިނުމުންނެވެ.

(ޅ) ރާއްޖޭން ބޭރުގައި މަރުވާ ދިވެހީންގެ މަރު ސާބިތުކުރާ ފޯމު ކަމުގައި މަރުވި ގައުމެއްގައި ކަނޑައަޅާފައިވާ އުސޫލެއްގެމަތިން ދޫކޮށްފައިވާ ފޯމު ނުވަތަ ސެޓުފިކެޓު ނުވަތަ ލިޔުން ބޭނުންކުރެވޭނެއެވެ. އަދި މި ލިޔުމުގެ ކޮޕީއެއް މަރުވިމީހާގެ ޕާސްޕޯޓް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއެކު ވީ އެންމެ އަވަހަކަށް މަރުވި މީހާ ނިސްބަތްވާ ރަށެއްގެ ރަށު ކައުންސިލު ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ޒިންމާވާންވާނެއެވެ. މަރުވީ، ޕާސްޕޯޓް ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދާފައިނުވާ ކުއްޖެއް ނަމަ ހުށަހަޅާނީ މަރުވި ކުއްޖާގެ މަންމަގެ ޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެކެވެ. މި ކޮޕީ އަތޮޅު ނުވަތަ ސިޓީ ކައުންސިލުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށް ފޮނުވަންވާނެއެވެ.

(ކ) ރާއްޖޭން ބޭރުގައި މަރުވާ ދިވެހިން ވަޅުލުމަށް ރާއްޖެ ގެނެއުމަށްފަހު ރާއްޖޭގައިފުރާ " މަރުސާބިތުކުރިކަމުގެ ލިއުން" ފުރިހަމަކުރާކަށް ނުޖެހޭނެއެވެ.

 

13 ވަނަ މާއްދާ - ރާއްޖޭން ބޭރުގައި މަރުވާ ދިވެހިން ރާއްޖޭގައި ވަޅުލުން

ރާއްޖެއިން ބޭރުގައި މަރުވާ ދިވެހިން ރާއްޖެގެނެސް ވަޅުލާނަމަ، މިގަވާއިދުގެ ޖަދުވަލު 9  ގައިވާ ފޯމު ފުރިހަމަ ކުރަން ވާނެއެވެ. އަދި ވަޅުލާ ކޮންމެ މީހެއްގެ ފޯމުގެ ކޮޕީއެއް ވަޅުލާތާދުވަހުގެ 07 ދުވަހުގެ ތެރޭގައި އެމީހަކު ވަޅުލި ރަށެއްގެ ކައުންސިލުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭޟަން އަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ފޮނުވަން ވާނެއެވެ.

 

14 ވަނަ މާއްދާ - ފުރިހަމަކޮށްފައިވާ މަރުފޯމުގެ ކޮޕީ އެކި ފަރާތްތަކަށް ފޮނުވުން

މިގަވާއިދުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރާ ފަރާތްތަކުން ފޯމުތައް ފުރިހަމަ ކުރަންޖެހޭނީ، ސިއްހީ ހިދުމަތްދޭ ތަނެއްގައެވެ. ފުރިހަމަ ކޮށްފައިވާ ފޯމުގެ އަސްލުގެ ކޮޕީއެއް ބޭއްވުމަށްފަހު ފޯމުގެ އަސްލު މަރުވިމީހާގެ މައިންބަފައިންނަށް ނުވަތަ ދަރިއަކަށް ނުވަތަ އެ މީހެއްގެ ގާނޫނީ ބަލަދުވެރިއާއަށް ހަވާލުކުރާނީ ސިއްހީ ހިދުމަތްދޭ ތަނުންނެވެ. ފުރިހަމަ ކޮށްފައިވާ ފޯމުގެ ފިޔާތޮށި އަދި ރީނދޫ ކޮޕީ އެ ތަނެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލަށް ފޮނުވަންވާނީ ސިއްހީ ހިދުމަތްދޭ ތަނުންނެވެ. ފިޔާތޮށި ކޮޕީ ރަށު ނުވަތަ ސިޓީ ކައުންސިލުގައި ބޭއްވުމަށްފަހު ރީނދޫ ކޮޕީ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭޟަން ފޮނުވުމަށްޓަކައި ރަށު ކައުންސިލުން އަތޮޅު ކައުންސިލަށް ފޮނުވަންވާނެއެވެ. ރީނދޫ ކޮޕީ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށް ފޮނުވަންވާނީ އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލުންނެވެ.

 

15 ވަނަ މާއްދާ - މަރުފޯމު ޗާޕުކުރުމާއި ސްޓޮކް ބެލެހެއްޓުން

ދިވެހިރާއްޖޭގައި މަރުވާ ކޮންމެ މީހަކަށް މަރު ސާބިތުކުރާ ފުރިހަމަ ކުރުވުމުގެ ގޮތުން މަރު ސާބިތުކުރާ ފޯމު ސްޓޮކް ބެލެހެއްޓުމާއި މަރު ސާބިތުކުރާ ފޯމު ފުރިހަމަ ކުރަންޖެހޭ އެކި ފަރާތްތަކަށް ޗާޕުކޮށްފައިވާ ފޯމު، ސްޓޮކް ހުސްނުވެ ލިބެންހުންނަގޮތަށް ފޮނުވައިދިނުމުގެ ހުރިހާ ކަންތައްތަކެއް ހަމަޖައްސާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން  ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުންނެވެ. މަރުފޯމު ޗާޕުކުރުމުގެ މިންގަނޑު މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާނެއެވެ.

 

16 ވަނަ މާއްދާ - މަރުފޯމުގައި ހިމެނޭ މައުލޫމާތަށް ބަދަލުގެނައުން

މަރު ސާބިތުކުރާ ފޯމުގައި ފުރާފައިވާ މައުލޫމާތަށް ބަދަލުގެނެވޭނެ ހާލަތްތަކާއި ގޮތްތަށް އަދި ބަދަލު ގެނެވޭނޭ ފަރާތްތަކާބެހޭ ތަފުސީލު މިގަވާއިދުގެ ޖަދުވަލު 3 ގައި ހިމަނާފައިވާނެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތްނޫން އެހެންގޮތަކަށް މަރު ސާބިތުކުރާ ފޯމު އެކުލެވޭ އެއްވެސް މައުލޫމާތަކަށް އެއްވެސް ފަރާތަކުން ބަދަލު ގެނެސްގެން ނުވާނެއެވެ.

 

17 ވަނަ މާއްދާ - މަރުފޯމުގައި ހިމެނޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުން

(ހ) މަރު ސާބިތުކުރާ ފޯމުގައި ފުރިހަމަކުރެވިފައިވާ ހުރިހާ މައުލޫމާތުތަށް ބަލަހައްޓާ އެންމެހައި ފަރާތްތަކުން ސިއްރު ހިފެހެއްޓޭ ގޮތުގެ މަތިން ބަލަހައްޓަންޖެހޭނެ މަޢުލޫމާތެކެވެ.

(ށ) ކާކުކަން އެނގޭގޮތަށް މަރު ސާބިތުކުރާ ފޯމުން ނެގިފައިވާ ވަކިވަކި ފަރުދުންގެ މައުލޫމާތު ދޫކުރެވޭނީ މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ފަރާތްތަކަށެވެ. މި ފަރާތްތަކުން މި މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެއެވެ. މިގޮތުން މި މައުލޫމާތު ފޯރުކޮށްދޭނީ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިދާރާ ނުވަތަ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުންނެވެ. މިގޮތުން ދޫކުރާ މައުލޫމާތުގައި އެ މައުލޫމާތަކީ ދައުލަތުގެ ސިއްރެއްކަން އެނގެން އޮންނަންވާނެއެވެ.

(ނ) މަރު ސާބިތުކުރާ ފޯމުގެ ކޮޕީ ދޫކުރަންވާނީ ފޯމުގެ އަސްލު ގެއްލިގެން ނުވަތަ ހަލާކުވެގެން ނުވަތަ އެއްވެސް ސަބަބަކާހުރެ މަރު ސާބިތުކުރާ އަސްލު ލިބިފައި ނުވާނަމަ މަރުވިމީހާގެ މައިންބަފައިންނަށް ނުވަތަ ދަރިއަކަށް ނުވަތަ އެ މީހެއްގެ ގާނޫނީ ބަލަދުވެރިއާއަށެވެ. މިގޮތުން މިފަރާތްތަކުން މަރުފޯމުގެ  ކޮޕީއަށް އެދޭނީ މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމުންނެއެވެ.

(ރ) އެކިއެކި ދިރާސާ ކުރުމަށް މަރުފޯމުން އެއްކުރެވޭ މައުލޫމާތު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފޯރުކޮށްދޭނީ މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުންނެވެ.

(ބ) މަރު ސާބިތުކުރާ ފޯމުގައި ހމެނޭ މަޢުލޫމާތު ދެވޭނެ އުސޫލުތަކާއި އެ މަޢުލޫމާތު ދެވޭނެ ފަރާތްތައް ކަނޑައަޅާނީ މިނިސްޓްރީއިންނެވެ. މި މިންގަނޑު މި ގަވާއިދުގެ ޖަދުވަލު 6 ގައި ބަޔާންކޮށްފައި ވާނެއެވެ. މި މިންގަނޑަށް ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުން ލިޔުމެއް ތައްޔާރުކޮށް އެ ޑިޕާޓް މަންޓުގައި އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުން މި ލިޔުން ސިޓީ ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކުގެ އިދާރާއަށް ފޮނުވުމުން، އެ އިދާރާތަކުން މި ލިޔުން އާންމުކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

 

18 ވަނަ މާއްދާ - ވިހާމަރުވާ ރިކޯޑުތައް ސިޓީ އަދި ރަށު ފެންވަރުގައި ބެލެހެއްޓުން

ިޓީގައި އަދި ރަށްރަށުގައި އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރިކޯޑު ބެލެހެއްޓުމުގެ މަސައްކަތަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫން (ގާނޫނު ނަންބަރު 2010/7) ގެ ދަށުން ސިޓީ ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކުގެ ޒިންމާއެއްކަމުގައި ވާތީ މި ގަވާއިދާއި މި ގަވާއިދުގެ ދަށުން ހަދާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ރަށު ކައުންސިލްގެ ނުވަތަ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ދާއިރާތަކުގައި އުފަންވާ ކުދިންގެ ރަޖިސްޓަރީއަކާއި މަރުވާ މީހުންގެ ރަޖިސްޓަރީއެއް ބަލަހައްޓާ އަދި އެ މައިލޫމާތުތައް މި ގަވާއިދުގެ 10 ގައިވާގޮތުގެމަތިން ޑިޕާޓްމަންޓް އޮފް ނޭޟަނަލް ރަޖިސްޓްރޭޟަނަށް ފޯރުކޮށްދެމުން ގެންދަންވާންއެވެ.

(ށ) އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން މައުލޫމާތާއި ލިޔެކިޔުން އެއް އިދާރާއަކުން އަނެއް އިދާރާ އަކަށް ބަދަލުކުރެވޭފަދަ ނިޒާމެއް ގާއިމްކުރާ ހާލަތެއްގައި އެފަދަ ނިޒާމެއް މެދުވެރިކޮށް މިމާއްދާގެ (ހ) ގައި ބަޔާންކުރާ މައުލޫމާތުތައް ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނަށް ފޮނުވުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.

 

19 ވަނަ މާއްދާ - ވިހާމަރުވާ ރިކޯޑުތައް ފުރިހަމަކޮށް ބަލަހައްޓާ ފަރާތްތަކަށް ތަމްރީނު ދިނުމާއި މައުލޫމާތު ބެލެހެއްޓުމުގެ އުސޫލުތައް ތައްޔާރުކުރުން

(ހ) ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައާއި މަރުކަޒީ ފެންވަރުގައި ވިހާމަރުވާގެ ރިކޯޑުތައް ފުރިހަމަކޮށް ބަލަހައްޓާ ފަރާތްތަކަށް އެމަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީނުތައް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަމްރީނުތައް ދިނުމުގެ ކަންތައްތައް ހިންގާނީ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުންނެވެ.

(ނ) ފޫޅުމާ ފޯމާއި މަރު ސާބިތުކކުރާ ފޯމުގައިވާ މައުލޫމާތުރަކާބެހޭގޮތުން ވިހާމަރުވާގެ ހިސާބުތައް ރަނގަޅު ކުރުމުގެ ގޮތުންނާއި ވިހާމަރުވާ ހިސާބުތަކުގެ މިންގަނޑުތަކަށް އަންނަ ބަދަލުތަކަކާ ގުޅިގެން ސިއްހީ ގޮތުން މަޢުލޫމާތު ހިމެނުމާއި އެއްކުރުމުގެ ގޮތުން ދޭންޖެހޭ ތަމްރީނުތައް ދޭނީ މިނިސްޓްރީގެ ފަންނީ އެހީއާއެކު ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުންނެވެ.

(ރ) ވިހާމަރުވާގެ ރިކޯޑުތައް އެއްކޮށް ބަލަހައްޓާ ފަރާތްތަކުން ބޭނުންކުރުމަށްޓަކައި، ކަންތައްތައް ކުރާނެގޮތުގެ އަތްމަތީ ފޮތެއް ތައްޔާރުކޮށް، އެކަން ކުރާ ހުރިހާ ފަރާތްތަކަށް ފަސޭހައިން ބެލޭނެގޮތަށް ލިބެން ހުރުމުގެ އިންތިޒާމު ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުން ހަމަޖައްސަންވާނެއެވެ. އަދި މި ފޮތް ތައްޔާރުކުރުމުގައި މިނިސްޓްރީއާއި، ވިހާމަރުވާގެ މައުލޫމާތު އެއްކޮށް ބަލަހައްޓާ އަދި ބޭނުންކުރާ މައިގަނޑު އެހެނިހެން ފަރާތްތަކުގެ ލަފާއާއި ހިޔާލު ހޯދަންވާނެއެވެ.

(ބ) މަރު ސާބިތުކުރާ ފޯމުގައި ހިމެނޭ މައުލޫމާތު ކަމުގައިވާ މަރުވި ސަބަބު ކަނޑައަޅާނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔޫ. އެޗް. އޯ) ގެ ޑެތް ސެޓިފިކޭށަން މިންގަނޑާ އެއްގޮތަށް މިނިސްޓްރީން ތައްޔާރުކޮށްފައިވާ "ކޯސް އޮފް ޑެތް ސެޓިފިކޭށަން ގައިޑްލައިން" އާ އެއްގޮތްވާގޮތުގެ މަތިންނެވެ. އަދި އެމަޢުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔޫ. އެޗް. އޯ) ގެ އިންޓަރނޭށަނަލް ކްލެސިފިކޭށަން އޮފް ޑިޒީޒަސް (އައި. ސީ.ޑީ) އާ އެއްގޮތްވާގޮތުގެ މަތިން ކޯޑުކުރާނީ މިނިސްޓްރީން ކަނޑައަޅާ ކޯޑިންގ "ވާރޟަން" އާ އެއްގޮތަށެވެ.

 

20 ވަނަ މާއްދާ - ވިހާމަރުވާގެ ރިކޯޑުތައް އަޅައި ބެލެހެއްޓުމަށް ގާއިމުކުރެވިފައިވާ އިލެކްޓްރޯނިކް ސިސްޓަމް ބެލެހެއްޓުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން ވިހާމަރުވާގެ ރިކޯޑުތައް އަޅައި ބެލެހެއްޓުމަށް ގާއިމުކޮށް ފައިވާ އިލެކްޓްރޯނިކް ސިސްޓަމް ތަންފޒުކުރުމުގައި މިނިސްޓްރީން ކުރުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުންނެވެ.

 

21 ވަނަ މާއްދާ - ވިހާމަރުވާގެ ރިކޯޑުތަކުން ވިހާމަރުވާގެ ހިސާބުތައް ނުވަތަ ވައިޓަލް ސްޓެޓިސްޓިކްސް ތައްޔާރުކޮށް ނެރުން

(ހ) ވިހާމަރުވާގެ ރިކޯޑުތަކުން ވިހާމަރުވާގެ ހިސާބުތައް ނުވަތަ ވައިޓަލް ސްޓެޓިސްޓިކްސް ގައުމީ ފެންވަރުގައި ތައްޔާރުކޮށް އާންމު ކުރުމަކީ މިނިސްޓްރީގެ ޒިންމާއެކެވެ.

(ށ) ވިހާމަރުވާގެ ރިކޯޑުތަކުން ވިހާމަރުވާގެ ތަފާސްހިސާބުތައް ތައްޔާރުކޮށް ނެރެ ޟާއިރު ކުރާނީ މިނިސްޓްރީންނެވެ. އަދި މި މައުލޫމާތު ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށާއި މަދަނީ ޖަމްއިއްޔާތަކަށާއި ބައިނަލްއަގްވާމީ ޖަމާއަތްތަކަށް ފޯރުކޮށްދޭނީ މިނިސްޓްރީންނެވެ.

(ނ) ރާއްޖެއާބެހޭގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކުން ހަދާ ނުވަތަ ހެދުމަށް އެދޭ އެސްޓިމޭޓްތައް ހެދުމަށް ވިހާމަރުވާގެ ރިކޯޑުތަކާއި ތަފާސްހިސާބުތައް ފޯރުކޮށްދޭނީ މިނިސްޓްރީންނެވެ.

(ރ) ވިހާމަރުވާގެ ހިސާބުތައް ނެރުމުގައި ބަލަންޖެހޭ ބެލުންތައް ބަލައި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރާނީ މިނިސްޓްރީންނެވެ.

(ބ) ވިހާމަރުވާގެ ތަފާސްހިސާބުތައް ނެރެ ށާއިރުކުރުމުގެ ކުރިންނާއި އެ މަޢުލޫމާތުތައް ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ޗެކުކުރުމަށާއި މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަންގައި ހުރި މަޢުލޫމާތުތަކާ އަޅައިކިޔައި ބެލުމަށް މިނިސްޓްރީން އެދިއްޖެނަމަ އެކަން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުން ފަހިކޮށްދޭންވާނެއެވެ.

(ޅ) ވިހާމަރުވާގެ ތަފާސްހިސާބު ތަރައްގީކުރުމުގެ ގޮތުން ވިހާމަރުވާގެ ރިކޯޑުތައް ބެލެހެއްޓުމުގެ ނިޒާމުން އެއްކުރެވޭ މައުލޫމާތަށް ގެންނަންޖެހޭ ބަދަލުތަކާއި ކުރިއެރުންތައް ގެންނާނީ މިނިސްޓްރީގެ ލަފައާއި އިރުށާދުގެ ދަށުން ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުންނެވެ.

 

22 ވަނަ މާއްދާ - ވިހާމަރުވާގެ ހިސާބުތައް ތައްޔާރުކޮށް ނެރުމަށާއި ވިހާމަރުވާ މީހުންގެ މައްޗަށް ކުރެވޭ ދިރާސާތައް ކުރުމަށް މިނިސްޓްރީއަށް މައުލޫމާތު ފޯރުކޮށްދިނުން

(ހ) ރާއްޖޭގައި އުފަންވާ ކުދިންނާއި މަރުވާމީހުންގެ ރިކޯޑުތައް އެޅުމަށް، ވިހާމަރުވާގެ ރިކޯޑުތައް އަޅައި ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ އިލެކްޓްރޯނިކް ސިސްޓަމްގެ ޑޭޓާބޭސްގައިވާ އެންމެހައި މަޢުލޫމާތު ފުރިހަމައަށް މިނިސްޓްރީއަށް ލިބޭނެ އިންތިޒާމު ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުން ހަމަޖައްސައިދޭންވާނެއެވެ.

(ށ) ރާއްޖޭގައި އުފަންވާ ކުދިންނާއި މަރުވާމީހުންގެ ރިކޯޑުތައް ބެލެހެއްޓުމަށް އެއްވެސް "ކޮމްޕިއުޓަރ އެޕްލިކޭށަން" އެއް ނުވަތަ ނިޒާމެއް ގާއިމުކުރާނަމަ އެ އެޕްލިކޭށަނެއް ނުވަތަ އެ ނިޒާމަކީ މިނިސްޓްރީން ކަނޑައަޅާ ހުރިހާ މަޢުލޫމާތެއް އެކުލެވިގެންވާ އެޕްލިކޭށަނެއް ނުވަތަ ނިޒާމެއް ކަމުގައި ވާންޖެހޭނެއެވެ. އަދި އެ އެޕްލިކޭށަން ނުވަތަ އެ ނިޒާމުގައި ހުރި މަޢުލޫމާތު ފުރިހަމައަށް މިނިސްޓްރީއަށް ލިބޭނެ އިންތިޒާމު ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުން ހަމަޖައްސައިދޭންވާނެއެވެ.

(ނ) މިނިސްޓްރީން ކަނޑައަޅާ ވިހާމަރުވާގެ ތަފާސްހިސާބުތަކުގެ (ވައިޓަލް ސްޓެޓިސްޓިކްސް) ތަފުސީލު ހިމެނޭގޮތަށް، ރާއްޖޭން ބޭރުގައި އުފަންވާ އަދި މަރުވާ ކުދިންނާއި މީހުންގެ މައުލޫމާތު މިނިސްޓްރީއަށް ލިބެމުންދާނެ ރަނގަޅު އިންތިޒާމެއް ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަނުން ހަމަޖައްސަންވާނެއެވެ.

 

23 ވަނަ މާއްދާ – މާނަ ކުރުން

 (ހ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ސިއްހީ ކަންތައްތަކާ ގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވުޒާރާއަށެވެ.

(ށ) "ޑިޕާޓްމަންޓް އޮފް ނޭށަނަލް ރަޖިސްޓްރޭށަން" ކަމުގައި ބުނެފައި އެވަނީ، ސިވިލް ރަޖިސްޓްރޭށަންގެ ކަންތައްތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއަށެވެ.

(ނ) "މަރު ފޯމު" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި މީހަކު މަރުވުމުން ފުރިހަމަކުރާ ފޯމު ނުވަތަ މަރު ސާބިތުކޮށްފައި ފުރިހަމަކުރާ ފޯމު ނުވަތަ މަރު ސާބިތުކުރި ލިޔުމަށެވެ.

(ރ) "ފޫޅުމާ ފޯމު" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ކުއްޖަކު އުފަންވުމުން އެކުއްޖަކަށް ފުރިހަމަކުރާ ފޯމަށެވެ.

(ބ) "މެޓާރނަލް ޑެތު ރިވިއު" ކަމުގައި ބުނެފައި އެވަނީ، ބަލިވެއިނދެ މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމަށްފަހު 42 (ބަޔާޅީސް) ދުވަސް ނުވަނީސް މަރުވާ މައިންގެ މަރާބެހޭގޮތުން ކުރެވޭ ދިރާސާއަށެވެ.

(ޅ) "އިލެކްޓްރޯނިކްސް ސިސްޓަމް" ކަމުގައި ބުނެފައި އެވަނީ، ސަރުކާރުގެ މުއައްސަސާތަކަށް އިލެކްޓްރޯނިކްކޮށް މައުލޫމާތު ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ވިއުގައެވެ.

(ކ) "ކޯޑުކުރުން" ކަމުގައި ބުނެފައި އެވަނީ، ޑަބްލިޔޫ.އެޗް.އޯ.ގެ އިންޓަރނޭށަނަލް ކްލެސިފިކޭށަން އޮފް ޑިޒީޒަސް ނުވަތަ ބައިނަލްއަގުވާމީގޮތުން ބަލިތައް ވަކިކޮށް ދެނެގަތުމަށް ޑަބްލިޔޫ.އެޗް.އޯ.އިން ކަނޑައަޅާ މިންގަނޑު ބޭނުންކޮށްގެން މަރުވި ސަބަބު ކޯޑަކަށް ބަދަލު ކުރުމަށެވެ.

(އ) "ހަށިގަނޑަށް އެހެންގޮތެއް ހެދުން" ކަމުގައި ބުނެފައި އެވަނީ، ޕޯސްޓްމޯޓަމް ހެދުން ނުވަތަ، މޯގް ނުވަތަ މޯޗަރީގައި ބޭއްވުން ފަދަ ކަންކަމަށެވެ.

(ވ) "އެބޯށަން" ކަމުގައި ބުނެފައި އެވަނީ، ބަނޑަށް 28 ހަފުތާ ނުފުރި ހައްޔަރުންނެއްޓުމަށެވެ. މީގެ ތެރޭގައި 28 ހަފުތާ ނުފުރި ބައިގެންދިއުމާއި ސިއްހީ ސަބަބަކާހުރެ ނުވަތަ އެހެނިހެން ގޮތްގޮތުން ހައްޔަރުންނެއްޓުން ނުވަތަ ވިހެއުން ހިމެނެއެވެ.

 (މ) "ވައިޓަލް ސްޓެޓިސްޓިކްސް" ކަމުގައި ބުނެފައި އެވަނީ، ވިހެއުމާއި، އުފަންވާ ކުދިންނާއި އަދި މަރުވާމީހުންގެ މަޢުލޫމާތު ހިމެނޭ ތަފާސްހިސާބެވެ.

(ފ) "މަރުވާ މީހުން" ކަމުގައި ބުނެފައި އެވަނީ، މަރުވާ މީހުންނާއި ކުދިން ވެސް ހިމެނޭ ގޮތަށެވެ.

(ދ) "ގާނޫނު" ކަމުގައި ބުނެފައި އެވަނީ، ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ގާނޫނު ނަންބަރު 7/1992) އުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓު ހެއްދުމާއި، މަރުވާ މީހުންގެ މަރު ސާބިތުކުރުމުގެ ގާނޫނު) އަށެވެ.

 

 

އުފަންވާ ކުދިންނާއި މަރުވާ މީހުންނާއި ކުރިންގެ މައުލޫމާތު ބެލެހެއްޓުމާ ބެހޭ ގަވާއިދުގައި ހިމެނޭ ޖަދުވަލުތަށްޖަދުވަލު

 

 

( ޖަދުވަލު 1،2،3،4،5،6،7،8،9 އަދި 10، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީއެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވަރޑް ފޯމެޓްގައި އަޕްލޯޑް ކުރެވިގެންދާނެއެވެ. )

(އުފަންވާކުދިންގެ މައުލޫމާތު ފޮނުވަންވާ ގޮތުގެ ނަމޫނާ ފޯމް، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވަރޑް ޑޮކިއުމެންޓްގައި އަޕްލޯޑް ކުރެވިގެންދާނެއެވެ.) 

(މަރުވާމީހުންގެ މައުލޫމާތު ފޮނުވަންވާ ގޮތުގެ ނަމޫނާ ފޯމް، އެޓޭޗްކުރެވިފައިވާ މިގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ފަހުން ވަރޑް ޑޮކިއުމެންޓްގައި އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

އުފަންވުން ރަޖިސްޓްރީ ކުރުމާއި އުވަން ދުވަހުގެ ސެޓްފިކެޓް ހެދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 7/1992)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު