ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 3/2016)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 161/2021 އިން އުވާލެވިފައި)
ފުރަތަމަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގަވާއިދު" މިހެންނެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ؛
(ހ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ރަޖިސްޓަރީކުރުމުގެ ކަންތައްތަކާއި، އުސޫލުތައް ބަޔާންކުރުމާއި؛
(ށ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތިތަަކަށް ބެހުމުގެ އުސޫލުތައް ކަނޑައެޅުމާއި؛
(ނ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި، ވިޔަފާރި ތަރައްގީ ކުރުމުގެ މަރުކަޒުތައް ގާއިމުކޮށް އެ މަރުކަޒުތައް ހިންގާނެ ތަންތަނާއި، ހިންގުމުގެ އުސޫލުތައް ކަނޑައެޅުމާއި؛
(ރ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިނގާނުހިނގާ ގޮތް ބަލައި، އެ ވިޔަފާރިތައް ވިލަރެސްކުރާނެ ގޮތާއި، އެ ވިޔަފާރިތަކުން މިނިސްޓްރީއަށް ރިޕޯޓު ކުރުމާ ގުޅޭ ކަންކަން ކަނޑައެޅުމާއި؛
(ބ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގުމާއި ކުރިއެރުވުމަށް ފަހި މާހައުލެއް ގާއިމު ކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ކުރުމާއި؛ އަދި
(ޅ) ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންވެގެންވާ މަގުސަދުތައް ހާސިލުކުރުމަސް ކުރަންޖެހޭ ކަންތައްތައް ކުރުމެވެ.
ދެވަނަ ބާބު
ރަޖިސްޓަރީ ކުރުން
3 ވަނަ މާއްދާ - ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރުން
(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަން ފަށާ ވިޔަފާރިތަކަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު ގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ހިމެނޭ ވިޔަފާރިއެއް ކަމަށްވާނަމަ، އެ ގާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ވިޔަފާރިއެއް ރަޖިސްޓަރީ ކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގައި ބަޔާންކުރާ ގިންތިތަކުގެ ތެރެއިން، އެ ވިޔަފާރިއެއް ހިމެނޭ ގިންތިއެއްގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާނީ، މި ގަވާއިދު ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަކޮށް، އެ ފޯމާއެކު ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކުއެވެ.
4 ވަނަ މާއްދާ - ރަޖިސްޓަރީ ކުރަން ހުށަހެޅުން
(ހ) މި ގަވާއިދުގެ ދަށުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ރަޖިސްޓަރީ ކުރަން ހުށަހަޅާނީ، ރަޖިސްޓްރާރަށެވެ.
(ށ) ވިޔަފާރިއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފޯމު ހުށަހަޅާއިރު، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެއްޖެނަމަ މި ގަވާއިދުގެ ދަށުން އެ ވިޔަފާރިއެއް ރަޖިސްޓަރީކޮށް ނުދިނުމުގެ އިހުތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.
- ހުށަހަޅާފައިވާ ފޯމު ފުރިހަމަވެފައި ނުވުން؛
- ހުށަހަޅާފައިވާ ފޯމާއެކު ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔުންތައް ހުށަހަޅާފައި ނުވުން؛ އަދި/ ނުވަތަ
- އެ ވިޔަފާރިއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނާއި މި ގަވާއިދުގައި ބުނެފައިވާ ގިންތިއަކަށް ނުފެތޭ ވިޔަފާރިއަކަށް ވުން.
(ނ) މި ގަވާއިދުގެ ދަށުން ވިޔަފާރިއެއް ރަޖިސްޓަރީކޮށް ދިނުމުން، އެ ވިޔަފާރިއެއް ރަޖިސްޓަރީ ވެފައިވާ ފިންތި އެނގޭނެ ސެޓްފިކެޓެއް، އެ ވިޔަފާރިއަކަށް ރަޖިސްޓްރާރގެ ފަރާތުން ދޫކުރަންވާނެއެވެ.
5 ވަނަ މާއްދާ - ވިޔަފާރިއެއް ގިންތިކޮށް ރަޖިސްޓަރީ ކުރުމުގައި ބަލަންޖެހޭ ކަންކަން
މި ގަވާއިދުގެ 3 ވަަނަ މާއްދާގައިވާ ފަދައިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ވިޔަފާރިއެއް ގިންތި ކުރެވެނީ، އެ ވިޔަފާރިއެއް، ތިރީގައި ބަޔާންކޮސްފައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ ނަމައެވެ.
(ހ) ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން، ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތައް؛
(ށ) ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން، ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތައް؛
(ނ) ގާނޫނު ނަންބަރު 13/2011 (ޕާރޓްނަށިޕްގެ ގާނޫނު) ގެ ދަށުން، ޕާޓްނާށިޕެއްގެ ގޮތުގައި ރަޖިސްޓަރީ ކޮސްފައިވާ ވިޔަފާރިތައް؛ ނުވަތަ
(ރ) ގާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތައް.
6 ވަނަ މާއްދާ - ވިޔަފާރި ދަފުތަރު އާންމުކުރުން
ކުދި އަދި މެދު ފަންތީގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ވިޔަފާރިތަކުގެ ލިސްޓާއި، ވިޔަފާރިތައް ހިމެނޭ ގިންތިއާއި އަދި ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ މައުލޫމާތު ހިމެނޭ ދަފުތަރެއް، ރަޖިސްޓްރާރގެ ފަރާތުން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ. އަދި އެއްވެސް ފީއަކާ ނުލައި މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެ ދަފުތަރު، ބެލޭނޭ އިންތިޒާމު، ރަޖިސްޓްރާރގެ ފަރާތުން ހަމަޖައްސަންވާނެއެވެ.
ތިންވަނަ ބާބު
ވިޔަފާރީގެ ގިންތިތައް
7 ވަނަ މާއްދާ - ވިޔަފާރީގެ ގިންތިތައް ބަދަލު އައުމުން އެކަން ރަޖިސްޓަރީ ކުރުން
(ހ) ގިންތިކުރެވޭ ވިޔަފާރީގައި ގެންގުޅޭ މުވައްޒަފުން ނުވަތަ ޖުމުލަ އާމްދަނީއަށް ބަދަލު އައުމުގެ ސަބަބުން، ވިޔަފާރީގެ ގިންތިއަށް ބަދަލު އަތުވެއްޖެނަމަ، އެ ބަދަލެއް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ރަޖިސްޓްރާރަށް އެ ބަދަލެއް ހުށަހަޅައި ރަޖިސްޓަރީ ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ބަދަލެއް އަތުވެއްޖެނަމަ، އެކަން ރަޖިސްޓަރީކޮށް އެ ވިޔަފާރި ގިންތި ކުރުމަށް ހުށަހަޅަންޖެހޭނީ، މިގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ފޯމު ފުރުމަށްފަހު، އެ ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށޤފައިވާ ލިޔުންތަކާއެކުގައެވެ.
ހަތަރުވަނަ ބާބު
ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތްދޭ މަރުކަޒު
8 ވަނަ މާއްދާ - ވިޔަފާރި ތަރައްގީ ކުރުމުގެ މަރުކަޒު ގާއިމު ކުރުން
(ހ) ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތްދޭ މަރުކަޒުތައް ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ، ހިދުމަތް ދިނުމުގައި ފަސޭހަވާނެ ގޮތަށް ބަލައި، އާބާދީގެ ނިސްބަތުން ރާއްޖެ 7 ސަރަހައްދަކަށް ބަހާލުމަށް ފަހު، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
- ހއ، ހދ، ށ އަތޮޅުގެ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ހދ. ކުޅުދުއްފުށީގައި.
- ނ، ރ، ބ، ޅ އަތޮޅުގެ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ޅ. ނައިފަރުގައި.
- އއ، އދ، ކ އަތޮޅުގެ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް މާލޭގައި.
- ވ، މ، ފ، ދ އަތޮޅުގެ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ދ. ކުޑަހުވަދޫގައި.
- ތ، ލ އަތޮޅުގެ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ލ. ފޮނަދޫގައި.
- ގއ އަދި ގދ ގެ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ގދ. ތިނަދޫގައި.
- އައްޑޫ ސިޓީ އަދި ޏ އަތޮޅުގެ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް އައްޑޫ ސިޓީގެ ހިތަދޫގައި.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތައް ހިނގަމުންދާނީ، ކައުންސިލުން ކަނޑައަޅާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓަރުގެ ބެލުމުގެ ދަށުންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކަށް، ސިވިލް ސަރވިސްގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒުތަކަށް ކޮންޓްރެކްޓް މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ، އެ މުވައްޒަފަކާއެކު ވެވޭ ކޮންޓްރެކްޓާ އެއްގޮތްވާ ގޮތުގެ މަތީން، މިނިސްޓަރެވެ.
9 ވަނަ މާއްދާ - މަރުކަޒުގެ މަސްއޫލިއްޔަތުތައް
މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.
(ހ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
(ށ) ކައުންސިލުން އިސްކަންދޭ ދާއިރާތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހާއްސަ އަހަންމިއްޔަތު ކަމެއް ދިނުން؛
(ނ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅުން ހުރި، ވިތަފާރި ހިންގުމުގެ އާ ގޮތްތައް ހޯދައި އެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާނެ ޕްރޮގްރާމުތައް ހިންގުމާއި، ހިދުމަތް ދިނުން؛
(ރ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް މާކެޓާ ހަމައަށް ވާސިލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް، މިނިސްޓްރީއާ ގުޅިގެން ރާވައި، ބައްޓަންކޮށް، ހިންގުމާއި، އަދި އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން؛ އަދި
(ބ) އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް، ތިމާވެށްޓާ ރައްޓެހި ގޮތަށް، ހިންގުމަށް ހިތްވަރުދީ މައުލޫމާތު ފޯރުކޮށްދިނުން.
10 ވަނަ މާއްދާ - ފީ ނެގުން
(ހ) މި ގަވާއިދުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ވިޔަފާރި ތަރައްގީ ކުރުމުގެ ހިދްމަތްދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، ފީއެއް ނެގިދާނެއެވެ. މި ގޮތުން ފީއެއް ނަގާނަމަ ފީގެ އަދަދާއި ފީ ނަގާނެ ގޮތުގެ އުސޫލުތައް ކަނޑައަޅާނީ ކައުންސިލުންނެވެ.
(ށ) މި މާއްދަގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފީއެއް ނެގުމަށް ކަނޑައަޅައިފިނަމަ، ނަގަން ކަނޑައެޅި ފީ ގެ މިންވަރު، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ އާންމުކޮށް ކުރާ އިއުލާނެެއް މެދުވެރިކޮށް، އާންމުންނަށް އަންގަން ޖެހޭނެއެވެ.
11 ވަނަ މާއްދާ - މަރުކަޒު ތަކުން ހުށަހަޅަންޖެހޭ ރިޕޯޓުތައް
(ހ) ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި، ނުވަތަ މަރުކަޒު ހިންގަން ފަށާ އަހަރުނަމަ، އެ އަހަރުގެ ބާކީއޮތް މުއްދަތުގައި އެ މަރުކަޒުން ހިންގާފައިވާ މައިގަނޑު ހަރަކާތްތަކާއި ނިންމާފައިވާ މައިގަނޑު ނިންމުންތައް އެނގޭނެ އަހަރީ ރިޕޯޓެއް މަރުކަޒުން އެކުލަވައިލަން ވާނެއެވެ. އަދި މި ރިޕޯޓޫ، މިނިސްޓްރީން ކަނޑައަޅަ ފޯމެޓަކަށް ތައްޔާރުކުރުމަށްފަހު، ވިދިގެން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، މިނިސްޓަރަށާއި ކައުންސިލަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންވެގެންވާ އަހަރީ ރިޕޯޓުގެ އިތުރުން، މަރުކަޒު ހިންގަން ފެށުމަށްފަހު، ކޮންމެ މުއާޓަރަކަށް އިންޓަރިމް ރިޕޯޓެއް އެކުލަވައިލައި ކައުންސިލަށާއި މިނިސްޓަރަށް ހުށަހަޅަން ވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވާއިރު، އެ ރިޕޯޓުތަކުގައި އެ އިރެއްގައި އެ މަރުކަޒެއް ހިންގުމަށް ހަވާލުވެހުރި އެންމެ އިސްވެރިޔަކު ސޮއިކުރަންވާނެއެެވެ.
12 ވަނަ މާއްދާ - މަރުކަޒުތަކުގެ އަހަރީ މަސައްކަތުގެ ޕްލޭން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން، ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ނިޔަލަށް ކައުންސިލުގެ ފަރާތުން، ކުރިޔަށް އޮތް އަހަރުގެ ވިޔަފާރި ތަރައްގީ ކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކުގެ މަސައްކަތުގެ ޕްލެނަކާއި، އެ ޕްލޭން ތަންފީޒުކުރާނެ ގޮތުގެ އޮނުގަނޑެއް އެކުލަވައިލައި މަރުކަޒުތަކަށް ފޮނުވަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށޤފައިވާ މަރުކަޒުތަކުގެ މަސައްކަތުގެ ޕްލޭނާއި އެ ޕްލޭން ތަންފީޒުކުރާނެ ގޮތުގެ އޮނިގަނޑުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ.
- ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުން އެ އަހަރަކަށް ހާޒިރުކުރަންޖެހޭ ލަނޑުދަނޑިތައް.
- ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކުން އެއަހަރަކަށް ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެ އަހަރަކު ހިންގާނެ ހަރަކާތްތައް.
- ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ މަރުކަޒުތަކުން އެ އަހަރަކު ހިންގާ ހަރަކާތްތަކުން ނަތީޖާ ނެރެވޭ މިންވަރު ބަލާނެ ގޮތުގެ ތަފުސީލުތައް.
- ކައުންސިލަށް ފެންނަ އިތުރު މައުލޫމާތެއް.
ފަސްވަނަ ބާބު
އާންމު ކަންކަން
13 ވަނަ މާއްދާ - ގަވައިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
14 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) " ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި ފަށައިގަތުމާބެހޭ ތަމްރީނު ދިނުމާއި، ވިޔަފާރީގެ ޕްލޭންތައް ތައްޔާރު ކުރުމާއި، މާލީ ކަންކަމާއި، މާކެޓް ކުރުމާ ގުޅެ ހިދުމަތްތައް ހިމެނޭގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ވިޔަފާރި ކުރިއެރުވުމާއި ތަރައްގީ ކުރުމާ ގުޅުންހުރި ހިދުމަތްތަކަށެވެ.
(ށ) "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ކުރިއަށް އޮތް ތަނުގައި އެ ވިޔަފާރިއެއްގައި މަސައްކަތް ކުރުމަށް މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އެއްބަސްވުމެއް ހަދާފައިވާ މުވައްޒަފުން ހިމެނޭގޮތަށް، އަދި ކަނޑައެޅޭ ވަކި ދުވަސްވަރެއްގައި އެކަނި، ވަޒީފާ އަދާކުރާ މުވައްޒަފުން ނުހިމެނޭ ގޮތަށް، ފުލްޓައިމްކޮށް ވަޒީފާ އަދާކުރާ ދާއިމީ މުވައްޒަފުންނަށެވެ.
(ނ) "މީހެއް" ނުވަތަ "ފަރާތް" ކަމަށް ބުނެފައި އެވަނީ، ތަބީއީ ށަހްސުތަކަށާއި ގާނޫނީ ށަހްސުތަކަށެވެ.
(ރ) "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ) ގައި ބަޔާންވެގެންވާ ރަޖިސްޓްރާރ އޮފް ކޮންޕެނީޒް އަށެވެ.
(ބ) "އިސްކަންދޭ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ގައުމީ ތަރައްގީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން، ހާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާއާއި، ވިޔަފާރިކުރާ ފަރާތްތައް ހިމެނޭގޮތަށެވެ.
(ޅ) "ކައުންސިލު" ކަމަށް ބުނެފައި އެވަނީ، ގާނޫނުގެ 1 ވަނަ މާއްދާގެ ދަށުން އުފައްދާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކައުންސިލަށެވެ.
(ކ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، އިގުތިސާދީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ވ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، އެނޫން ގޮތަކަށް ބަޔާންވެފައި ނުވާނަމަ، ގާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު) އަށެވެ.
(މ) "ޒުވާނުން" ކަމަށް ބުނެފައި އެވަނީ، އުމުރުން 18 (އަށާރަ) އަހަރާއި 35 (ތިރީސް ފަހެއް) އަހަރާ ދެމެދުގެ މީހުންނަށެވެ.
(އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ފޯމު އަދި / އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި މައުލޫމާތު އަޕްޑޭޓް ކުރުމަށް ހުށަހަޅާ ފޯމު، އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެވިފައިވާނެއެވެ. އަދި މި ފޯމް ވަރޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
މައި ގާނޫނު
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 6/2013)
އުވާލި ގަވާއިދު
ކުދި އަދި މެ ދު ފަންތީގެ ވިޔަފާރިތަކާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021/161)
ކިޔުންތެރިންގެ ހިޔާލު