-

މަނީލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސް ހުއްޓުވުމުގައި މާލީސެކިއުރިޓީސްއާބެހޭ ވިޔަފާރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 24/2016)

ފުރަތަމަ ބައި

އިބްތިދާއީ މާއްދާތައް

1 ވަނަ މާއްދާ - ތައާރުފު

މި ގަވާއިދަކީ ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އެކުލަވާލައި ނެރެފައިވާ ގަވާއިދެކެވެ. 

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔާނީ "މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގައި މާލީ ސެކިއުރިޓީޒްއާބެހޭ ވިޔަފާރިކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދުގައި އެހެން ގޮތަކަށް ނުބުނާހައި ހިނދަކު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ މާލީ ސެކިއުރިޓީޒްއާބެހޭ ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށް މި ގަވާއިދު ހިންގޭނެއެވެ.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގޭ ދާއިރާ

މި ގަވާއިދުގައި އެހެން ގޮތަކަށް ނުބުނާހައި ހިނދަކު، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ މާލީ ސެކިއުރިޓީޒްއާބެހޭ ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަށް މި ގަވާއިދު ހިންގޭނެއެވެ. 

 

4 ވަނަ މާއްދާ - ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އޮންނަ މަސް އޫލިއްޔަތު

(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް މި ގަވާއިދާ އެއްގޮތަށް އަމަލުކުރަންވާނެއެވެ. އަދި އެ ފަރާތެއްގެ ސަބްސިޑިއަރީތަކާއި ބްރާންޗްތަކާއި، މުވައްޒަފުންނާއި، އޭޖެންޓުންނާއި، އެ ފަރާތެއްގެ އެއްވެސް މަސައްކަތެއް ހަވާލުކޮށްފައިވާ ތިންވަނަ ފަރާތަކުން މި ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރޭތޯ ލައިސަންސް ލިބިފައިވާ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑުން ޔަޤީންކުރަންވާނެއެވެ.

(ށ) ލަައިސަންސް ލިބިފައިވާ ފަރާތަކުން މި ގަވާއިދަށް އަމަލުކުރުމުގައި ރިސްކް ބޭސްޑް އުސޫލުން އަމަލުކުރެވިދާނެއެވެ. 

 

ދެވަނަ ބާބު

ކަސްޓަމަރުންނާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް

6 ވަނަ މާއްދާ - މަނާ ކަންތައްތައް

ލައިސަންސް ލިބިފައިވާ އެއްވެސް ފަރާތަކުން ވަކިފަރާތަކަށް ނިސްބަތްނުވާ އެކައުންޓެއް ނުވަތަ ވަކި ނަމަކީ އެއްވެސް މީހަކަށް ނިސްބަތްކުރެވޭ ނަމެއްނޫންކަން ކަނޑައެޅިގެން އެނގޭ ނަމެއްގައި އެކައުންޓެއް ބަހައްޓައިގެން ނުވާނެއެވެ. 

 

7 ވަނަ މާއްދާ - މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރިކަން ބަހައްޓަންޖެހޭ ހާލަތު

އަންނަނިވި ހާލަތްތަކުގައި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރުވާތެރިވުމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ.

(ހ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ވިޔަފާރީގެ ގުޅުން ޤާއިމުކުރާއިރު؛

(ށ) އެއް މުއާމަލާތެއްގެ ގޮތުގައި ނުވަތަ ގުޅިފައިވާ މުއާމަލާތްތަކެއްގެ ގޮތުގައި ކަމަށް ވީނަމަވެސް، 50،000 (ފަންސާސް ހާސް) ރުފިޔާ އާ އެއްވަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއް ހިމެނޭ ސިންގަލް ޓްރާންސެކްށަނެއް ކުރާއިރު އެ މުއާމަލާތެއް ހިންގާ ވަގުތު، އެ މުއާމަލާތެއްގެ ޖުމްލަ އަދަދު އެނގެން ނެތްނަމަ، އެ މުއާމަލާތުގެ އަދަދެއް އެނގުމުން ނުވަތަ އެ މުއާމަލާތްތަކުގެ ޖުމްލަ އަދަދު މި މާއްދާގައި ބަޔާންކުރާ އަދަދާ އެއްވަރުވުމުން، ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ؛

(ނ) އެ ހާލަތަކީ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް މި ގަވާއިދުން ލާޒިމުކުރާ ހާލަތެއް ކަމުގައި ނުވިނަމަވެސް އަދިއެ މުއާމަލާތުގައި ހިމެނޭ އަދަދަކީ ކޮންމެ އަދަދެއް ކަމުގައި ވީނަމަވެސް، މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތެއް ހިންގައިފާނެކަމަށް ށައްކުކުރެވުން؛ އަދި

(ރ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާ ބެހޭގޮތުން ކުރިން ހޯދާފައިވާ މައުލޫމާތު ފުރިހަމަ ނުވާކަމަށް ށައްކު ކުރެވުން ނުވަތަ އެފަދަ މައުލޫމާތުގެ ސައްހަކަމާމެދު ށައްކު އުފެދުން. 

 

8 ވަނަ މާއްދާ - މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި، ބެނެފިށަލް އޯނަރުންނާއި ތިންވަނަ ފަރާތްތައް ދެނެގަތުން

(ހ) މުުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް މި ގަވާއިދުގެ ދަށުން ލާޒިމުކުރާ ހާލަތްތަކުގައި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އަންނަނިވި ކަންކަން ކުރަންވާނެއެވެ. 

  1. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަނެ އަދި އެއީ ކޮންފަރާތެއް ކަން ޔަޤީންކުރުން؛
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ބެނެފިށަލް އޯނަރ ދެނެގަނެ، އަދި އެއީ ކޮންފަރާތެއްކަން އިތުބާރުކުރެވޭ، މިނިވަން މަސްދަރުތަކުގެ އަލީގައި ޔަޤީންކުރުން؛ އަދި
  3. ވިޔަފާރީގެ ގުޅުމުގެ ސަބަބާއި އެ ގުޅުމުގެ ބާވަތް ޤާއިމުކުރާ ސަބަބު އަދި ސިންގަލް ޓްރާންސެކްށަން ކުރާ ސަބަބު ދެނެގަތުން.

(ށ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކުން، ވިޔަފާރީގެ ގުޅުން ޤާއިމުކުރުމަށްޓަކައި ނުވަތަ ސިންގަލް ޓްރާންސެކްށަނެއް ހެދުމަށްޓަކައި، އެ ފަރާތް ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކޮށްފައިވާ ހާލަތްތަކުގައި ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ތަމްސީލުކުރަން އައްޔަނުކޮށްފައިވާ ފަރާތް ދެނެގަނެ، އަދި އެއީ ކޮންފަރާތެއްކަން އިތުބާރުކުރެވޭ، މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރުން؛ އަދި
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ތަމްސީލުކުރާ ފަރާތެއްގެ ގޮތަށް އަމަލުކުރުމުގެ ހުއްދަ އޮތްކަން ޔަގީންކޮށް، އެކަން ޔަގީންކުރުމަށް ބެލި ލިޔުންތަކުގެ (ޕަވަރ އޮފް އެޓަރނީ ނުވަތަ އެއާ އެއްފަދަ ލިޔުމެއް ނުވަތަ ރަސްމީ ލިޔުމެއް) ކޮޕީ ހައްދައި ބަހައްޓައި އަދި އެ ކޮޕީއަކީ އޭގެ އަސްލާ އެއްގޮތް އެއްޗެއްކަން ޔަޤީންކުރުން.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި އިސްވެ ބަޔާންކުރެވުނު ގޮތަށް އަމަލުކުރުމަށްޓަކައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި ބެނެފިށަލް އޯނަރ އަދި ތިންވަނަ ފަރާތްތަކާބެހޭ މައުލޫމާތު އަންނަނިވި މައުލޫމާތުތަކަށް ހުދޫދު ކުރުމަކާނުލައި، ލައިސަންސް ލިބިފައިވާ ފަރާތުން ހޯދައި ރިކޯޑު ކުރަންވާނެއެވެ.

  1. ފުރިހަމަ ނަން އަދި އެފަރާތާއި މުހާތަބުކުރުމަށް ބޭނުންކުރެވޭ އެހެނިހެން ނަންނަން؛
  2. ކޮޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު؛ (މިސާލު: ކާކުކަން އަންގައިދޭ ކާޑުގެ ނަންބަރު، ޕާސްޕޯޓު ނަންބަރު، ވީޒާ ނަންބަރު، ކުންފުނި ރަޖިސްޓްރޭށަން ނަންބަރު ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު ހިމެނެއެވެ.)
  3. ރަޖިސްޓަރީކޮށްފައިވާ އެޑްރެސް ނުވަތަ ވިޔަފާރި ހިންގާ އެޑްރެސް ނުވަތަ ދާއިމީ އެޑްރެސް އަދި މިހާރުއުޅޭ އެޑްރެސް އަދި ގުޅޭނެގޮތުގެ މައުލޫމާތު؛ އަދި
  4. ކުންފުނި އުފައްދާފައިވާ ތަން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ތަން ނުވަތަ ޤައުމީ ނިސްބަތް.

(ރ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ޤާނޫނީ ށަހްސެއް ނުވަތަ ޕަރޓްނަރށިޕެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ވިޔަފާރީގެ ބާވަތާއި އަދި އެ ވިޔަފާރީގެ މިލްކުވެރިކަން ބެހިގެންވާގޮތް ދެނެގަންނަންވާނެއެވެ.

(ބ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ޤާނޫނީ ށަހްސެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެ ފަރާތުގެ ޑިރެކްޓަރުން ދެނެގަންނަންވާނެއެވެ.

(ޅ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ޕަރޓްނަރށިޕެއްނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެ ޕަރޓްނަރށިޕްގެ ޕަރޓްނަރުން ދެނެގަންނަންވާނެއެވެ.
(ކ) މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ޤާނޫނީ އެރޭންޖްމަންޓެއް ކަމުގައިވާނަމަ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ވިޔަފާރީގެ ބާވަތާއި އަދި އެ ވިޔަފާރީގެ މިލްކުވެރިކަން ބެހިގެންވާގޮތް ދެނެގަނެ، އަދި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމުގެ އިތުރުން އެ ފަރާތުގެ ބެނެފިށަލް އޯނަރުންނަކީ ކޮން ފަރާތްތަކެއް ކަން ލައިސަންސް ލިބިފައިވާ ފަރާތުން ދެނެގަނެ އެއީ ކޮން ފަރާތްތަކެއްކަން ޔަގީންކުރަންވާނެއެވެ. 

(އ) މުުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ނުވަތަ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ބެނެފިށަލް އޯނަރަކީ ސަރުކާރުގެ އިދާރާއެއް ކަމުގައިވާނަމަ، އެ މުއާމަލާތަކީ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ކުރެވޭ މުއާމަލާތެއްކަމަށް ށައްކުކުރެވޭ ހާލަތްތައް ފިޔަވައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މައްޗަށް ލާޒިމުވެގެންވަނީ ހަމައެކަނި އެ ށަހްސަކީ ސަރުކާރުގެ އިދާރާއެއްކަން ޔަގީންކުރުމަށެވެ.

(ވ) މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ރިސްކު ކުޑަ ވިޔަފާރީގެ ގުޅުންތައް ކަމަށް ނުވަތަ ރިސްކު ކުޑަ ސިންގަލް ޓްރާންސެކްށަންތައް ކަމަށް ލައިސަންސް ލިބިފައިވާ ފަރާތުން ބަލާ ގުޅުންތަކާއި މުއާމަލާތުތަކުގައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި އެ ފަރާތުން ލުއި ފިޔަވަޅުތައް އެޅިދާނެއެވެ.

(މ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އާންމު ނޫން ނުވަތަ އާދަޔާހިލާފު މާލީ ހަރަކާތްތައް ދެނެގަތުމަށްޓަކައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ މާލީ މުއާމަލާތްތައް ދާއިމީ ގޮތެއްގައި މޮނީޓަރކޮށް، އަދި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ކޮން ފަރާތެއްކަން އަންގައިދޭ މައުލޫމާތު އަޕްޑޭޓްކޮށް އެ މައުލޫމާތުގެ ސައްހަކަން ޔަގީންކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ކޮންފަރާތެއްކަން ޔަގީންކުރުން

ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި ބެނެފިށަލް އޯނަރަކީ ކޮން ފަރާތެއްކަން، އިތުބާރުކުރެވޭ މިނިވަން މަސްދަރުތަކުގެ އަލީގައި ޔަގީންކުރަންވާނެއެވެ. 

 

10 ވަނަ މާއްދާ - ކޮންފަރާތެއްކަން ޔަގީންކުރަންޖެހޭ ވަގުތު

ލަައިސަންސް ލިބިފައިވާ ފަރާތްތަކުން، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކަށް، ވިޔަފަރީގެ ގުޅުން ޤާއިމުކުރުމުގެ އަދި ސިންގަލް ޓްރާންސެކްށަނެއް ހިންގުމުގެ ކުރިން މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކީ ނުވަތަ ބެނެފިށަލް އޯނަރަކީ ކޮން ފަރާތެއްކަން ދެނެގަނެ ޔަގީންކުރަންވާނެއެވެ.

 

11 ވަނަ މާއްދާ - ފަރުވާތެރިވުމުގެ ފިޔަވަޅުތައް ފުރިހަމަނުކުރުން

ފަަރުވާތެރިވުމުގެ ގޮތުން ކުރުމަށް މި ގަވާއިދުގައި ލައިސަންސް ލިބިފައިވާ ފަރާތެއްގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންކަން ލައިސަންސް ލިބިފައިވާ ފަރާތަކަށް ފުރިހަމަ ނުކުރެވިއްޖެނަމަ، އެ ވިޔަފާރީގެ ގުޅުން ޤާއިމުކޮށް ނުވަތަ ދަމަހައްޓައިގެން ނުވަތަ ސިންގަލް ޓްރާންސެކްށަނެއް ފުރިހަމަކޮށްގެން ނުވާނެއެވެ. އަދި އެ ހާލަތުގައި އެކަން ށައްކުކުރެވޭ މުއާމަލާތެއްގެ ގޮތުގައި ހުށަހަޅަންޖެހޭކަމަށް ބެލެވޭނަމަ، އެކަން ށައްކުކުރެވޭ މުއާމަލާތެއްގެ ގޮތުގައި ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުން ހާޒިރުނުވެ ޤާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ މުއާމަލާތްތައް

ލައިސަންސް ލިބިފައިވާ ފަރާތުގެ އޮފީހަކަށް ހާޒިރުނުވެ ޤާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ސަބަބުން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް އޮންނަ ރިސްކުތަކަށް ފިޔަވަޅު އެޅުމަށްޓަކައި އެކަށީގެންވާ ޕޮލިސީތަކާއި އުސޫލުތައް ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޤާއިމުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް

(ހ) ވިޔަފާރީގެ ގުޅުންތަކާއި އަދި މުއާމަލާތުތަކުގެ ތެރެއިން، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކު ބޮޑުކަމަށް ބެލެވޭ ވިޔަފާރީގެ ގުޅުންތަކާއި އަދި މުއާމަލާތުތައް ހިންގުމުގައި، ފަރުވާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން، ކޮންމެ ލައިސަންސް ލިބިފައިވާ ފަރާތަކުންވެސް، ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަންވާނެއެވެ. 

(ށ) ކޮންމެ ލައިސަންސް ލިބިފައިވާ ފަރާތަކުންވެސް މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކު ބޮޑު މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި އަދި މުއާމަލާތުތައް ގިންތި ކުރަންވާނެއެވެ. އަދި އަންނަނިވި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި މުއާމަލާތުތަކަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކު ބޮޑު މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާ އަދި މުއާމަލާތުތައް ކަމަށް ކަނޑައަޅަންވާނެއެވެ.

  1. ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން؛
  2. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިނުވާ ޤައުމުތަކަށް ނިސްބަތްވާ ފަރާތްތައް؛
  3. ލައިސަންސް ލިބިފައިވާ ފަރާތެއްގެ އޮފީހަކަށް ހާޒިރުނުވެ ޤާއިމުކުރެވޭ ވިޔަފާރީގެ ގުޅުމާއި ކުރެވޭ ވިޔަފާރީގެ މުއާމަލާތުތައް؛ އަދި
  4. އޮތޯރިޓީން ކަނޑައަޅާ އެހެން، މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކާއި މުއާމަލާތުތައް.

(ނ) މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ރިސްކު ބޮޑުކަމަށް ބެލެވޭ ހާލަތްތަކުގައި ފަރުވާތެރިވުމުގެ އިތުރު ފިޔަވަޅުތައް ލައިސަންސް ލިބިފައިވާ ފަރާތުން އަޅަންވާނެއެވެ. އަދި ހަމައެކަނި އަންނަނިވި ކަންކަމަށް ހުދޫދު ނުވާ ގޮތުގެ މަތިން، ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. 

  1. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާއި އަދި ބެނެފިށަލް އޯނަރާބެހޭ އިތުރު މައުލޫމާތު ހޯދުން؛
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ އަދި ބެނެފިށަލް އޯނަރުގެ ތަނަވަސްކަން އަދި ފައިސާ ހޯދިގޮތް، އެކަށީގެންވާ ރަނގަޅު މަސްދަރުތަކުގެ އަލީގައި ދެނެގަތުން؛
  3. މުދަލާއި ހިދުމަތް ހޯދާ ފަރާތަކާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކުރުމުގެ ކުރިންނާއި، މުދަލާއި ހިދުމަތް ހޯދާ ފަރާތަކާއެކު އޮތް ވިޔަފާރީގެ ގުޅުމެއް ދެމެހެއްޓުމުގައި ލައިސަންސް ލިބިފައިވާ ފަރާތުގެ އިސްވެރިންގެ ހުއްދަ ހޯދުން؛ އަދި
  4. މުދަލާއި ހިދުމަތް ހޯދާ ފަރާތާއެކު އޮތް ވިޔަފާރީގެ ގުޅުން ހާއް ސަގޮތެއްގައި މޮނީޓަރ ކުރުމާއި، މުދަލާއި ހިދުމަތް ހޯދާ ފަރާތް އަދި ބެނެފިށަލް އޯނަރ ދެނެގަތުމަށް ހޯދާފައިވާ މައުލޫމާތު ގަވާއިދުން އަޕްޑޭޓްކުރުން.

 

14 ވަނަ މާއްދާ - ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުން

(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް މުދަލާއި ހިދުމަތް ހޯދާ ފަރާތާއެކު އޮންނަ ވިޔަފާރީގެ ގުޅުމާމެދު ފަރުވާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅަންވާނެއެވެ. އަދި މުދަލާއި ހިދުމަތް ހޯދާ ފަރާތުން ހިންގާ މުއާމަލާތުތަކަކީ ކުރިން އެފަރާތަށް ލިބިފައިވާ، މުދަލާއި ހިދުމަތް ހޯދާ ފަރާތުގެ މައުލޫމާތާއި ރިސްކް ޕްރޮފައިލާއި އެ ފަރާތުން ކުރާ ވިޔަފާރީގެ ހަރަކާތްތަކާ އެއްގޮތްވާ މުއާމަލާތުކަން ޔަގީންކުރުމަށްޓަކައި އެ މުއާމަލާތުތައް މޮނީޓަރކޮށް ބަލަހައްޓަންވާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އެ ފަރާތުން ފައިސާ ހޯދިގޮތް ދެނެގަންނަން ވާނެއެވެ.

(ށ) ފަަރުވާތެރިވުމުގެ ފިޔަވަޅުތައް ގަވާއިދުން އެޅުމުގައި އެ ފިޔަވަޅުތައް އަޅާ ދުރުމިނަކީ، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ރިސްކު ޕްރޮފައިލް ކުރެވޭ މުއާމަލާތުގެ ބާވަތަށް ބަލައި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް އޮންނަ ރިސްކުގެ މިންވަރަށް އެކަށީގެންވާ ދުރުމިނަކަށް ވާންވާނެއެވެ.

 

15 ވަނަ މާއްދާ - މުއާމަލާތްތައް މޮނީޓަރ ކުރުން

ލައިސަންސް ލިބިފައިވާ ފަރާތަކާއެކު މުއާމަލާތެއް ހިންގާ ފަރާތަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް، ބައިނަލްއަޤްވާމީ މިންގަ ނޑުތަކާ އެއްގޮތަށް މަސައްކަތްނުކުރާ ޤައުމެއްގައި ދިރިއުޅޭ ފަރާތެއް ކަމުގައިވާނަމަ، އެފަރާތަކާއެކު ކުރެވޭ މުއާމަލާތުތަކާމެދު ހާއްސަ ސަމާލުކަމެއް ލައިސަންސް ލިބިފައިވާ ފަރާތުން ބަހައްޓަންވާނެއެވެ. މި މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރޭގައި ޤާނޫނީ ށަހްސުތައް ވެސް ހިމެނެއެވެ. އަދި އެފަދަ ޤައުމުތަކާބެހޭ މައުލޫމާތު ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަންގަންވާނެއެވެ.

 

ތިންވަނަ ބާބު

ރިކޯޓުތައް ބެލެހެއްޓުން

16 ވަނަ މާއްދާ - ރިކޯޑު ބެލެހެއްޓުން 

(ހ) ލައިސަންސް ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް ވިޔަފާރިއާ ގުޅިގެން ބަދަލުކުރެވޭ ލިޔުންތަކާއި ރިކޯޑުތައް އަދި ވަކިން ހާއްސަކޮށް މުދަލާއި ހިދުމަތް ހޯދާ ފަރާތާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި ހޯދާ ލިޔުންތަކާއި ރިކޯޑުތައް ލައިސަންސް ލިބިފައިވާ ފަރާތުން ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި މުދަލާއި ހިދުމަތް ހޯދާ ފަރާތްތައް، ބެނެފިށަލް އޯނަރުން އަދި މި ގަވާއިދުގެ ދަށުން ކޮން ފަރާތެއްކަން ދެނެގަންނަންޖެހޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަކީ ކޮން ފަރާތްތަކެއްކަން ޔަގީންކުރުމަށް ހޯދާ ލިޔުންތަކާއި ރިކޯޑުތައް ހިމެނެއެވެ.

(ށ) މިި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަންނަނިވި މައުލޫމާތާއި ރިކޯޑުތައް ބަހައްޓަންވާނެއެވެ.

  1. ކޮން ފަރާތެއްކަން ދެނެގަނެ އަދި ކޮން ފަރާތެއްކަން ޔަޤީންކުރުމަށްޓަކައި ހޯދާފައިވާ މައުލޫމާތާއި އެ މައުލޫމާތާ ގުޅޭ ލިޔުންތަކުގެ ކޮޕީ؛
  2. ށައްކުކުރެވޭ މުއާމަލާތަކާ ގުޅިގެން ލައިސަންސް ލިބިފައިވާ ފަރާތުގެ އެތެރޭގެ ދިރާސާތަކަށް ހޯދާ ލިޔުންތަކާ ރިކޯޑު؛ އަދި
  3. ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާފައިވާ ށައްކުކުރެވޭ މުއާމަލާތަކާގުޅޭ ރިކޯޑު.

(ނ) މި މާއްދާގެ ދަށުން ބަހައްޓާ ރިކޯޑުތައް އަންނަނިވި މުއްދަތުތަކަށް ބަހައްޓަންވާނެއެވެ.

  1. ސިންގަލް ޓްރާންސެކްށަނަކާ ގުޅިގެން ހޯދާ ލިޔުންތަކާއި ރިކޯޑުތައް، އެ މުއާމަލާތެއް ފުރިހަމަ ކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ. މީގެތެރޭގައި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތް ދެނެގަތުމަށް ހޯދާފައިވާ މައުލޫމާތާއި ސިންގަލް ޓްރާންސެކްށަނާ ގުޅޭގޮތުން ހޯދާފައިވާ އެހެނިހެން މައުލޫމާތު ހިމެނެއެވެ.
  2. ވިޔަފާރީގެ ގުޅުމަކާ ގުޅޭގޮތުން ހޯދާފައިވާ ލިޔުންތަކާއި ރިކޯޑުތައް، އެ ގުޅުމެއް ނިމުމަކަށް ގެންނަ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި މުދަލާއި ހިދުމަތް ހޯދާ ފަރާތް ދެނެގަތުމަށްޓަކައި ހޯދި މައުލޫމާތާއި، މުއާމަލާތްތަކުގެ ހިސްޓްރީ އަދި ވިޔަފާރީގެ ގުޅުމާ ބެހޭގޮތުން ހޯދާ އެހެނިހެން މައުލޫމާތު ހިމެނޭނެއެވެ.
  3. ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އެހެން ގޮތަކަށް ނާންގާހައި ހިނދަކު، ށައްކުކުރެވޭ މުއާމަލާތަކާ ގުޅޭގޮތުން ހުށަހަޅާ ރިޕޯޓް، އެ ރިޕޯޓް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.

 

ހަތަރުވަނަ ބާބު

ރިޕޯޓް ހުށަހެޅުމާއި މޮނީޓަރކުރުން

17 ވަނަ މާއްދާ - ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް މައުލޫމާތު ފޮނުވުން

ޤާނޫނުގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އަދާކުރަންކުރަންޖެހޭ ޒިންމާތަކާއި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ޔުނިޓުން އަންގާ މައުލޫމާތު، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އެ ޔުނިޓަށް ހުށަހަޅަންވާނެއެވެ.

 

18 ވަނަ މާއްދާ - ށައްކުކުރެވޭ މުއާމަލާތުތައް ރިޕޯޓްކުރުން

(ހ) ވަކި ފައިސާއެއް ނުވަތަ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ނުވަތަ މުދަލެއް ކަމަށް، ނުވަތަ މަނީ ލޯންޑްރިންގގެ ހަރަކާތަކާ ގުޅުންހުރި ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާ ގުޅުންހުރި ފައިސާއެއް ނުވަތަ މުދަލެއް ކަމަށް ލައިސަންސް ލިބިފައިވާ ފަރާތަކަށް ށައްކުކުރެވިއްޖެނަމަ، ނުވަތަ ށައްކުކުރެވޭ ފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، އެ ށައްކެއް އުފެދުމުން ނުވަތަ އެފަދަ ސަބަބެއް ފާހަގަކުރެވުމުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ބަޔާންކޮށް، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރަންވާނެއެވެ.

(ށ) ވަަކި ފައިސާއެއް ނުވަތަ މުދަލަކީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ފައިސާ ނުވަތަ މުދަލެއް ކަމަށް، ނުވަތަ އެއިން ފަރާތަކާ ގުޅުންހުރި ފައިސާއެއް ނުވަތަ މުދަލެއް ކަމަށް ލައިސަންސް ލިބިފައިވާ ފަރާތަކަށް ށައްކުކުރެވިއްޖެނަމަ، ނުވަތަ ށައްކުކުރެވޭ ފަދަ ސަބަބުތަކެއް ހުރެއްޖެނަމަ، އެ ށައްކެއް އުފެދުމުން ނުވަތަ އެފަދަ ސަބަބެއް ފާހަގަކުރެވުމުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އަދި ލަސްވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ބަޔާންކޮށް، ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރަންވާނެއެވެ.

  1. ޔުނައިޓެޑްނޭށަންސްގެ ޗާޓަރުގެ ހަތްވަނަ ޗެޕްޓަރުގެ ދަށުން ޔުނައިޓެޑްނޭށަންސްގެ ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާ ފަރާތްތައް؛ އަދި
  2. ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން ކަނޑައަޅާ އެހެން ފަރާތްތައް.

 

19 ވަނަ މާއްދާ - މުއާމަލާތުތައް ހިންގުން ފަސްކުރުން

(ހ) މަނީ ލޯންޑްރިންގގެ ހަރަކާތަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތަކާ ގުޅުންހުރި މުއާމަލާތެއް ކަމަށް ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާ ގުޅުންހުރި މުއާމަލާތެއް ކަމަށް ށައްކުކުރެވޭ އެއްވެސް މުއާމަލާތެއް، ލައިސަންސް ލިބިފައިވާ ފަރާތަކުން ކުރަންވާނީ، އެ މުއާމަލާތެއްގެ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ދިނުމަށްފަހު، އެ މުއާމަލާތެއް ހިންގުމާމެދު ފައިނޭންށަލް އިންޓެލިޖެންސްޔުނިޓުން ވަކި ގޮތެއް އެންގުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅޭ މުއާމަލާތަކީ، ސީރިއަސް ނުވަތަ ކޮންމެހެން އަވަސް ފިޔަވަޅެއް އަޅަންޖެހޭ މައްސަލައެއް ހިމެނޭ މުއާމަލާތެއް ކަމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ފެންނަނަމަ، 72 (ހަތްދިހަ ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާނެ މުއްދަތަކަށް އެ މުއާމަލާތެއް ކުރިއަށް ނުގެންގޮސް ހިފެހެއްޓުމަށް ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓުން އެންގިދާނެއެވެ. 

(ނ) މިި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއާމަލާތެއް ކުރުން ހުއްޓުވާލުމަކީ ކުރެވެން ނެތްކަމެއް ކަމުގައިވާނަމަ ނުވަތަ އެފަދަ މުއާމަލާތެއް ކުރުން ހުއްޓުވާލުމުން އެ މުއާމަލާތަކާ ގުޅޭ ބެނެފިށަރީއަކީ ކޮން ފަރާތެއްކަން ދެނެގަތުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭނަމަ، ލައިސަންސް ލިބިފައިވާ ފަރާތުން އެ މުއާމަލާތެއް ކުރުމަށްފަހު އެކަން ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ވަގުތުން އަންގަންވާނެއެވެ. 

 

20 ވަނަ މާއްދާ - ނަގުދު ފައިސާއިން ކުރާ މުއާމަލާތުތައް ރިޕޯޓްކުރުން

ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، އެ ފަރާތަކުން ކޮށްފައިވާ 200،000  (ދެލައްކަ) ރުފިޔާއާއި އެއަށްވުރެ މަތީގެ އަ ދަދެއްގެ ނަގުދު ފައިސާގެ މުއާމަލާތުތައް، އަދި މި އަދަދާ އެއްވަރުގެ އަދި މި އަދަދަށް ވުރެ މަތީ އަދަދެއްގެ ނަގުދު ބޭރުފައިސާގެ މުއާމަލާތުތައް، ނުވަތަ އެހެން އަދަދެއް އޮތޯރިޓީން ކަނޑައަޅައިފިނަމަ އެ އަދަދުގެ މުއާމަލާތުތައް، އަދި ގުޅިފައިވާ ކަމަށް ބެލެވޭ މުއާމަލާތުތަކެއްގެ ޖުމްލަ އަދަދު މި އަދަދާ އެއްވަރުވާނަމަ ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ އެ މުއާމަލާތުތައް، ހަފުތާއަކު އެއްފަހަރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރަންވާނެއެވެ. މި މާއްދާގެ ބޭނުމަށްޓަކައި ނަގުދުފައިސާގެ މުއާމަލާތުތައް ކަމަށް ބުނެފައިއެވަނީ ނަގުދުފައިސާއިން ކުރާ މުއާމަލާތުތަކާއި، އަދި ޗެކް، ބޭންކް ޑްރާފްޓް، ޓްރަވެލަރސް ޗެކް އަދި އެހެން ބެއަރަރ ނެގޯށިއަބަލް އިންސްޓްރޫމަންޓުން ކުރާ މުއާމަލާތުތަކަށެވެ.  

 

21 ވަނަ މާއްދާ - ވަކިފަރާތަކާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅައިފިކަން ހާމަނުކުރުން

ލައިސަންސް ލިބިފައިވާ ފަރާތެއް ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް، ނުވަތަ މުވައްޒަފެއް، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާބެހޭ މައުލޫމާތު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާބެހޭ ރިޕޯޓެއް އެ ޔުނިޓަށް ހުށަހަޅާކަން ނުވަތަ ހުށަހަޅައިފިކަން، ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާބެހޭ ތަހުޤީޤެއް ކުރާކަން ނުވަތަ ކުރަން އުޅޭކަން އެ ލައިސަންސް ލިބިފައިވާ ފަރާތުގެ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް އެއްވެސް ހާލަތެއްގައި ހާމަކޮށްގެން ނުވާނެއެވެ.

 

ފަސްވަނަ ބައި

ރިޕޯޓްކުރާ ފަރާތްތަކަށް ލިބިދޭ އިމްތިޔާޒު

22 ވަނަ މާއްދާ - ށައްކުކުރެވޭ މުއާމަލާތުތައް ހެޔޮ ނިޔަތުގައި ރިޕޯޓްކުރާ ފަރާތްތަކަށް ލިބިދޭ އިމްތިޔާޒު 

މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހެޔޮ ނިޔަތުގައި ރިޕޯޓްތަކާއި މައުލޫމާތު ހުށަހެޅުން، އެ ހުށަހަޅާ ލައިސަންސް ލިބިފައިވާ ފަރާތެއް، ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރެއްގެ ނުވަތަ އޮފިސަރެއްގެ ނުވަތަ މުވައްޒަފެއްގެ މައްޗަށް، ބޭންކިންގ ސީކްރަސީއާ ނުވަތަ ޕްރޮފެށަނަލް ސީކްރަސީއާ ނުވަތަ ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެއެވެ. އަދި އެފަދަ ފަރާތެއްގެ މައްޗަށް އިދާރީ ނުވަތަ އިސްލާހީ ފިޔަވަޅެއް ވެސް ނޭޅޭނެއެވެ.

 

23 ވަނަ މާއްދާ - ށައްކުކުރެވޭ މުއާމަލާތެއް ހިންގާ ފަރާތްތަކަށް ލިބިގެންވާ އިމްތިޔާޒު

(ހ) ޤާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހެޔޮ ނިޔަތުގައި ރިޕޯޓްކޮށްފައިވާ މުއާމަލާތެއް ހިންގުމަކުން، އެ މުއާމަލާތެއް ހިންގި ލައިސަންސް ލިބިފައިވާ ފަރާތެއް ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއްގެ މައްޗަށް މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށުގެ ދައުވާއެއް ނުކުރެވޭނެއެވެ. 

(ށ) ގާނޫނުގެ 27 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަދި ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އެދުމަކަށް މުއާމަލާތެއް ހިންގާ ކޮންމެ ފަރާތަކަށް މި މާއްދާގެ ދަށުން އިމްތިޔާޒު ލިބިދެވޭނެއެވެ.

 

ހަވަނަ ބާބު

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް ޕްރޮގްރާމްތައް ހިންގުން

24 ވަނަ މާއްދާ - މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި ލައިސަންސް ލިބިފައިވާ ފަރާތްތަކުން ޕްރޮގްރާމްތައް ހިންގުން

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށްޓަކައި، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އަންނަނިވި ކަންކަން ހިމެނޭގޮތުން އިންޓަރނަލް ޕްރޮގްރާމްތައް ރާވައި، ހިންގަންވާނެއެވެ. 

  1. މުވައްޒަފުން އައްޔަންކުރުމަށް ގެންގުޅޭ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި އިންޓަރނަލް ޕޮލިސީތަކާއި، އުސޫލުތަކާއި ކޮންޓްރޯލްތައް ޤާއިމުކުރުމާއި، އެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަށް މެނޭޖްމަންޓުން ގޮތްތަކެއް ހަމަޖައްސައި އަދި އެފަރާތްތައް ސްކްރީންކުރާނެ ރަނގަޅު އުސޫލުތަކެއް ކަނޑައެޅުން؛ 
  2. ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދޭތޯ ބެލުމަށާއި، އެ ފިޔަވަޅުތަކުގެ ހަރުދަނާކަން ދެނެގަތުމަށްޓަކައި އިންޓަރނަލް އޮޑިޓްތައް ކުރިއަށްގެންދިޔުން؛ އަދި
  3. ލައިސަންސް ލިބިފައިވާ ފަރާތުގެ ސިސްޓަމްތަކާއި ރިކޯޑުތަކުގެ ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައި އިންޓަރނަލް ކޮންޓްރޯލް ފިޔަވަޅުތައް ޤާއިމުކުރުން.

(ށ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް އެ ފަރާތެއްގެ މުވައްޒަފުންނަށާއި އެ ފަރާތުގެ އޭޖެންޓުންނަށް، އަންނަނިވި ކަންކަމުގެ ތަމްރީނު ދޭންވާނެއެވެ.

  1. ޤާނޫނާއި މި ގަވާއިދާއި އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް އެ ފަރާތުން އެކަށައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތައް؛
  2. މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅާނެ ގޮތްތަކާއި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ބެނިފިށީއަރީ ދެނެގަންނާނެ ގޮތްތައް.
  3. ށައްކުކުރެވޭ މުއާމަލާތުތައް ދެނެގަންނާނެ ގޮތްތަކާއި ރިޕޯޓްކުރާނެ ގޮތްތައް؛ އަދި
  4. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ލައިސަންސް ލިބިފައިވާ ފަރާތުގެ މުވައްޒަފުންނާއި އޭޖެންޓުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް.

(ނ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، އެ ފަރާތެއްގެ ހަރަކާތްތައް ޤާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގުމަށްޓަކައި މެނޭޖްމަންޓް ފެންވަރުގައި ކޮމްޕްލަޔަންސް އޮފިސަރެއް ކަނޑައަޅާފައި ހުންނަންވާނެއެވެ. އަދި، އެ އޮފިސަރުގެ ނަމާއި ގުޅޭނެ ނަންބަރު ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އަންގަންވާނެއެވެ. 

 

25 ވަނަ މާއްދާ - އިދާރީ ފިޔަވަޅު

(ހ) ލައިސަންސް ލިބިފައިވާ ފަރާތަކުން ނުވަތަ އެ ފަރާތެއްގެ ޑިރެކްޓަރެއް ނުވަތަ އޮފިސަރެއް ނުވަތަ މުވައްޒަފެއް މި ގަވާއިދާ ހިލާފުވެއްޖެނަމަ، ތިރީގައި ބަޔާންކޮށްފައިވާ އިދާރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެ ފަރާތަކާމެދު 
ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓަށް އެޅިދާނެއެވެ.

  1. ހިލާފުވި ހިލާފުވުން ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރުމަށް ލިޔުމުން އެންގުން؛
  2. 10،000 (ދިހަހާސް) ރުފިޔާ އާއި 500،000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ އަދި
  3. ހިލާފުވި ހިލާފުވުން ރަނގަޅުކުރުމަށް ދެވޭ މުއްދަތުގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެކަމެއް ރަނގަޅުކުރަންދެން ހިނގާ ކޮންމެ ދުވަހަކަށް 10،000 (ދިހަހާސް) ރުފިޔާ އާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

ހަތަުވަނަ ބާބު

ތިންތިގާލީ ކަންތައްތައް އަދި މާނަކުރުން

26 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު ހުރި މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތައް

ލައިސަންސް ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ  3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތާމެދު އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތައް، މި ގަވާއިދަށް އަމަލުކުރަން ފެށިއިރު ހުރި އެ ފަރާތުގެ ހުރިހާ މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތްތަކާ ގުޅޭގޮތުން، އަޅައިފުރިހަމަކުރަންވާނެއެވެ. 

 

27 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ނުވަތަ ތިރީގައި މާނަކޮށްފައި ނުވާނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ލަފުޒުތަކާއި ނުވަތަ އިބާރާތްތަކުގެ މާނައަކީ އެ ލަފުޒުތަކަށް ނުވަތަ އިބާރާތްތަކަށް ޤާނޫނުގައި ދީފައިވާ މާނައެވެ.

"އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ރަސްމީގޮތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ލައިސަންސް ލިބިފައިވާ ފަރާތެއްގެ ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް އުފުލާ ތަބީއީ ނުވަތަ ޤާނޫނީ ށަހްސަކަށެވެ.

"ބެނެފިށަލް އޯނަރ" ކަމަށް ބުނެފައިއެވަނީ، ޤާނޫނުގައި އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.

"ވިޔަފާރި ގުޅުން" ކަމަށް ބުނެފައިއެވަނީ، ވަކި މުއްދަތަކަށް ގުޅުން ދެމެހެއްޓޭނެ ކަމަށް، ގުޅުން ޤާއިމުކުރެވޭއިރު ބެލެވޭ، ލައިސަންސް ލިބިފައިވާ ފަރާތަކާއި އެ ފަރާތެއްގެ ކަސްޓަމަރާ ދެމެދު އޮންނަ ވިޔަފާރި ނުވަތަ ފަންނީ ގުޅުމަށެވެ.

"ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ ދަށުން ޤާއިމުކޮށްފައިވާ އޮތޯރިޓީއަށެވެ.

"ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް" ނުވަތަ "ޔުނިޓް" ކަމަށް ބުނެފައިއެވަނީ، ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ޤާއިމުކޮށްފައިވާ ޔުނިޓަށެވެ.

"ލައިސަންސް ލިބިފައިވާ ފަރާތް" ނުވަތަ "މާލީ ސެކިއުރިޓީޒްއާބެހޭ ވިޔަފާރިކުރާ ފަރާތް" ކަމަށް ބުނެފައިއެވަނީ، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ލައިސަންސް ދޫކޮށް ރެގިއުލޭޓްކުރާ ތިރީގައި ބަޔާންވެގެންވާ ފަރާތްތަކަށެވެ.

  1. ޑީލިންގ ކުންފުނި؛
  2. އިންވެސްޓްކުރުމަށް ލަފާދޭ ފަރާތް؛
  3. ފަންޑް މެނޭޖަރ؛
  4. އަންޑަރައިޓަރސް؛ އަދި
  5. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އެހެން ފަރާތްތައް.

"ސިންގަލް ޓްރާންސެކްށަން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރީގެ ގުޅުމެއްގެ ބޭރުން  ކުރާ މުއާމަލާތްތަކަށެވެ.

"ޤާނޫނީ އެރޭންޖްމަންޓް" ކަމަށް ބުނެފައިއެވަނީ، އެކްސްޕްރެސް ޓްރަސްޓް އާއި، އެފަދަ އެހެންވެސް ޤާނޫނީ އެރޭންޖްމަންޓްތަކަށެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު  ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) ގެ ދަ ށުން ޤާއިމުކޮށްފައިވާ  އޮތޯރިޓީއަށެވެ.

"ޕޮލިޓިކަލީ އެކްސްޕޯސްޑް ޕަރސަން" ކަމަށް ބުނެފައިއެވަނީ، ޤާނޫނުގައި  އެ އިބާރާތަށް ދީފައިވާ މާނައިގައެވެ.

"ކުށް ކޮށްގެން ހޯދާފައިވާ މުދާ" ކަމަށް ބުނެފައި އެވަނީ، ޤާނޫނުގައި އެ އިބާރާތަށް ދެވިފައިވާ މާނައިގައެވެ.

"ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) އަށެވެ.

 

މައި ގާނޫނު:

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރ 10/2014)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު