-

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރަރީއާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު  28/2016)

 

1 ވަނަ މާއްދާ – ތައާރުފު

(ހ) މި ގަވާއިދަކީ، ޤާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ށ) ގެ 20 ވަނަ ނަންބަރުން ބާރު ލިބިގެން ހަދާފައިވާ އިސްލާމީ ޔުނިވަރސިޓީން ނުވަތަ ޔުނިވަރސިޓީއާ ގުޅިގެން ލައިބްރަރީތައް އުފައްދައި އެތަންތަން ހިންގުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލައިބްރަރީއާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ލައިބްރަރީ އުފެއްދުން

ޔުނިވަރސިޓީގެ ތެރޭގައި ދަރިވަރުންނަށާއި، މުވައްޒަފުންނަށް އަދި އާންމުންނަށް ވަދެވޭގޮތަށް ޔުނިވަރސިޓީގެ ނަމުގައި ލައިބްރަރީ އުފެއްދިދާނެއެވެ. ޔުނިވަރސިޓީގެ ލައިބްރަރީ އުފައްދާނީ ޔުނިވަރސިޓީގެ މަޖިލީހުން ފާސްކުރުމަށްފަހުއެވެ.

 

3 ވަނަ މާއްދާ - ޔުނިވަރސިޓީން ބައިވެރިވާ ލައިބްރަރީތައް

(ހ) ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން، ޔުނިވަރސިޓީގެ ލައިބްރަރީގެ އިތުރުން ޔުނިވަރސިޓީން އެހެން ލައިބްރަރީތަކާއެކު ހިއްސާވެ ބައިވެރިވެވިދާނެއެވެ. އެގޮތުން ބޭރުގެ ލައިބްރަރީތަކާއި ރާއްޖޭގެ ލައިބްރަރީތަކާއެކުވެސް ބައިވެރިވެވިދާނެއެވެ.

(ށ) ޔުނިވަރސިޓީން އެހެން ލައިބްރަރީތަކާ ބައިވެރިވެ، އެ ޔުނިވަރސިޓީތަކުގެ ލައިބްރަރީ ނުވަތަ އެ ގައުމެއްގެ ލައިބްރަރީއާ ބައިވެރިވާއިރު، ޔުނިވަރސިޓީގެ ރިސަރޗްގެ ކަންކަން އިތުރަށް ތަރައްގީކުރެވޭނެ ލައިބްރަރީތަކާ ބައިވެރިވުމަށް އިސްކަންދޭންވާނެއެވެ.

(ނ) ޔުނިވަރސިޓީން އެހެން ޔުނިވަރސިޓީއެއް ނުވަތަ ގައުމެއްގެ ލައިބްރަރީއާ ބައިވެރިވެ  އެ ލައިބްރަރީތަކުގެ ބޭނުން ޔުނިވަރސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް ފުރިހަމަގޮތުގައި ލިބިދޭންވާނެއެވެ.

(ރ) ޔުނިވަރިސޓީން ބައިވެރިވާ އެހެން ޔުނިވަރސިޓީއެއްގެ ނުވަތަ އެހެން ގައުމެއްގެ ލައިބްރަރީ ބޭނުންކުރުމުގެ މާނައިގެ ތެރޭގައި ކަ ނޑައެޅިފައިވާ ގޮތެއްގެ މަތިން އެ ޔުނިވަރސިޓީއަށް ޒިޔާރަތްކުރުމާއި އޮންލައިންކޮށް ބޭނުންކުރުންވެސް ހިމެނެއެވެ.

(ބ) ޔުނިވަރިސިޓީން އެހެން ޔުނިވަރސިޓީއެއްގެ ނުވަތަ ގައުމެއްގެ ލައިބްރަރީއާ ބައިވެރިވާންވާނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

4 ވަނަ މާއްދާ - ލައިބްރަރީ ބޭނުންކުރުން

(ހ) ލައިބްރަރީއަށް ވަނުމާއި ލައިބްރަރީގައި ހުންނަ ފޮތާއި، މަޢުލޫމާތު އަދި އެހެނިހެން ތަކެތި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ބޭނުންކުރުމުގެ ހުއްދަ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށާއި މުވައްޒަފުން އަދި ޔުނިވަރސިޓީން ކަނޑައަޅާ ފަރާތްތަކަށް ލިބިގެންވާނެއެވެ.

(ށ) ޔުނިވަރސިޓީގެ ދަރިވަރަކު ނުވަތަ މުދައްރިސަކު ނުވަތަ މުވައްޒަފަކު ލައިބްރަރީ ބޭނުންކުރުމަށް ފީއެއް ނުވަތަ ޗަންދާއެއް ނުނެގޭނެއެވެ. އެހެންނަމަވެސް، ޔުނިވަރސިޓީގެ މެންބަރުން ނޫން އެހެން ފަރާތަކުން ލައިބްރަރީ ބޭނުންކުރުމަށްޓަކައި ފީއެއް ނުވަތަ ޗަންދާއެއް ނެގިދާނެއެވެ.

(ނ) ލައިބްރަރީން ފޮތް ގެންދިއުމަށްޓަކައި ލައިބްރަރީ ކާޑެއް އޮންނަން ޖެހޭނެއެވެ. މި ކާޑަކީ އެހެންމީހަކަށް ޓްރާންސްފަރ ކުރެވޭނެ އެއްޗެއް ނޫނެވެ. އަދި ލައިބްރަރީ ސްޓާފުން އަންގައިފިނަމަ، މިކާޑު ދައްކަންޖެހޭނެއެވެ. އަދި މިކާޑު ނުދައްކައިފިނަމަ، ލައިބްރަރީން ނެރުމުގެ އިހުތިޔާރު ލައިބްރޭރިއަން އަށް ލިބިގެންވެއެވެ.

(ރ) ލައިބްރަރީއަށް ވަންނައިރުއާއި، ލައިބްރަރީން ނިކުންނައިރު، ކޮންމެ މީހެއްގެވެސް، ދަބަސް ފަދަ ތަކެތި ޗެކް ކުރުމުގެ ހުއްދަ ލައިބްރޭރިއަން އަށް ނުވަތަ އެކަމަށް ކަނޑައެޅިފައިވާ ބަޔަކަށް ލިބިގެންވެއެވެ.

(ބ) މޯބައިލް ފޯން އޮންނަންވާނީ ނިއްވާލައިފައި ނުވަތަ ސައިލެންޓް މޯޑުގައެވެ. މޯބައިލް ފޯނު އަދި އެހެނިހެންވެސް، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރެވޭނީ އެހެން ފަރާތްތަކަށް އުނދަގޫ ނުވާގޮތަށެވެ.

(ޅ) ލައިބްރަރީގެ ރޫމްތައް، އުނގެނުމުގެ ބޭނުމަށްޓަކައި އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތީން ރިޒާވް ކުރެވިދާނެއެވެ.

(ކ) ލައިބްރަރީ ހުޅުވާފައި ހުންނަ ވަގުތުތައް ކަނޑައަޅާނީ ލައިބްރޭރިއަން އެވެ. އަދި މި ގަޑިތައް އަހަރުގެ ތެރޭގައި ތަފާތުވެދާނެއެވެ. އަދި ލައިބްރަރީ ހުޅުވިފައި ހުންނަ ގަޑިތައް ލައިބްރަރީގެ ބޭރުގައާއި ލައިބްރަރީގެ ވެބްޕޭޖްގައި އިއުލާން ކުރެވެންވާނެއެވެ.

(އ) ޔުނިވަރސިޓީގެ އިސްދަރިވަރުންނާއި، ދިރާސާކުރުމަށް ބޭނުންވާ ހާއްސަ ފަރާތްތަކަށް ޔުނިވަރސިޓީގެ ހުއްދައާއެކު ލައިބްރަރީ ބޭނުންކުރެވޭނެއެވެ.

 

5 ވަނަ މާއްދާ - އޮންލައިން ލައިބްރަރީ ބޭނުންކުރުން

(ހ) އޮންލައިން ލައިބްރަރީ ބޭނުންކުރެވޭނީ ޔުނިވަރސިޓީގެ ދަރިވަރުންނަށާއި، މުވައްޒަފުންނަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން، ޔުނިވަރސިޓީގެ އިސް ދަރިވަރުންގެ ތެރެއިން ހުއްދަ ދެވޭ ފަރާތްތަކަށް އޮންލައިން ލައިބްރަރީގެ ހިދުމަތް ލިބޭނެއެވެ.

(ނ) އޮންލައިން ލައިބްރަރީ ބޭނުންކުރެވޭނީ، ޔޫޒަރ ނޭމަކާއި ޕާސްވޯޑެއް ބޭނުންކޮށްގެންނެވެ. އޮންލައިން ލައިބްރަރީ ބޭނުންކުރުމަށް އެދޭ ފަރާތްތަކަށް ޔޫޒަރ ނޭމަކާއި ޕާސްވޯޑެއް ލައިބްރޭރިއަން ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ރިފަރެންސް މެޓީރިއަލްސް

(ހ) ރިފަރެންސް މެޓީރިއަލްސްގެ ގޮތުގައި ހާއްސަ ކުރެވިފައިވާ އެއްވެސް މެޓީރިއަލެއް އެއްވެސް ހާލަތެއްގައި ލައިބްރަރީން ބޭރަކަށް ނުނެރެވޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ރިފަރެންސް މެޓީރިއަލްސްއަކީ ކޮބައިކަން ލައިބްރޭރިއަން ކަނޑައަޅަން ވާނެއެވެ.

(ނ) ރިފަރެންސް މެޓީރިއަލްސް ބަހައްޓަންވާނީ ކަނޑައަޅާފައިވާ ވަކި ހާއްސަ ތަނެއްގައެވެ. އަދި އެކަން ކަނޑައަޅަންވާނީ ލައިބްރޭރިއަންއެވެ.

(ރ) ރިފަރެންސް މެޓީރިއަލް ބޭނުންކުރެވޭނީ ހާއްސަ ހުއްދައެއް ލިބިގެންނެވެ.

(ބ) ރިފަރެންސް މެޓީރިއަލް ބޭނުން ކުރުމަށްފަހު އެކަމަށް ހާއްސަ ކުރެވިފައިވާ ށެލްފްގައި ބަހައްޓަން ވާނެއެވެ.

 

7 ވަނަ މާއްދާ - އަނބުރާ ދައްކާގޮތަށް ފޮތް ނެގުން

(ހ) ލޯނުގެ ގޮތުގައި ގެންދެވޭ ތަކެތި، މެމްބަރށިޕްކާޑު ދެއްކުމުން، ލޯނަށް ގެންދެވޭ ކެޓަގަރީގެ ދަށުން ހުއްދަކުރާ ވަރަށް ގެންދެވިދާނެއެވެ. އަދި އެތަކެތި ދޫކުރެވޭނެ އަދަދު ކަނޑައަޅާނީ ލައިބްރޭރިއަންއެވެ.

(ށ) ލޯނުގެ ގޮތުގައި ގެންދެވުނު އެތި، ލޯނަށް ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި، އަނބުރާ ރައްދު ނުކުރެވިއްޖެނަމަ، ޖޫރިމަނާ ވާނެއެވެ. ނަމަވެސް، ލައިބްރަރީގެ އެހެން މެންބަރަކު އެ އެތި ބޭނުންކުރުމަށް އެދިފައި ނުވާ ހާލަތެއްގައި، މަތީގައި ބަޔާން ކުރެވުނު ޖޫރިމަނާ ދެއްކުމަށްފަހު އެ ލޯނު އަނެއްކާ އަލުން އާ ކުރެވިދާނެއެވެ.

(ނ) ޖޫރިމަނާ ކުރެވިފައިވާ މީހެއް، އެމީހެއްގެ ޖޫރިމަނާ ދައްކައި ނިމެންދެން، ލޯނަށް ތަކެއްޗެއް ނުގެންދެވޭނެއެވެ.

(ރ) ލޯނުގެ ގޮތުގައި ގެންދެވޭ ތަކެތި އަނބުރާ ރައްދުކުރާ ދުވަހަކީ ބަންދު ދުވަހެއް ކަމުގައިވާނަމަ، ޖެހިގެން އަންނަ މަސައްކަތު ދުވަހު އެ އެއްޗެއް ރައްދު ކުރުމުން ޖޫރިމަނާއެއް ނުވާނެއެވެ. މިއަކުރުގައި ބަޔާންވެފައިވާ ބަންދު ދުވަސްތަކުގެ ތެރޭގައި، ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތައް ހިމެނެއެވެ.

(ބ) ލޯނުގެ ގޮތުގައި ގެންދެވޭ ތަކެތި ގެންދިއުމުގެ ކުރިން ބަލައި ޗެކް ކުރުމަކީ ގެންދާ ފަރާތުގެ ޒިންމާއެކެވެ. އަދި އެތަކެތި ރައްދުކުރާއިރު އެ ތަކެއްޗަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، ގެންދިޔަ ފަރާތުން ޒިންމާ އުފުލަން ޖެހޭނެއެވެ.

(ޅ) ލައިބްރަރީގެ އެއްވެސް އެއްޗެއް ލޯނަށް ގެންދެވޭނީ ލައިބްރޭރިއަންގެ ހުއްދަ ލިބިގެންނެވެ.

(ކ) ލައިބްރަރީގައި ބޭނުންކުރުން މަނާ އެއްވެސް އެއްޗެއް ބޭނުންކުރާނަމަ، އެ އެއްޗެއް ބޭނުންކުރުން، ލައިބްރަރީގެ ސްޓާފަކަށް ހުއްޓުވިދާނެއެވެ. އަދި ލައިބްރަރީގެ ސްޓޮކުން އެއްޗެހި ދޫނުކުރުން، ނުވަތަ ދޫނުކޮށް ހިފެހެއްޓުމުގެ ބާރު ލައިބްރަރީ ސްޓާފުންނަށް ލިބިގެންވެއެވެ.

(އ) ލޯނަށް ގެންދާ އެތީގެ ޒިންމާ ނަގަންޖެހޭނީ ކާޑު ދޫކުރެވިފައިވާ ފަރާތުންނެވެ. އަދި މި ޒިންމާއަކީ އެހެން މީހަކަށް ހަވާލު ކުރެވޭނެ ޒިންމާއެއް ނޫނެވެ. މި ޒިންމާ ނިމޭނީ، ލޯނުގެ ގޮތުގައި ގެންދެވުނު އެތި އަނބުރާ ލައިބްރަރީއަށް ލިބުނު ކަމަށް ރެކޯޑު ކުރެވުނީމައެވެ.

(ވ) ލޯނަށް ގެންދިޔަ އެތި ގެންދިޔަ މުއްދަތު ހަމަވުމުގެ ކުރިން އެ އެތި ހޯދުމަށް އެހެން މެންބަރަކު އެދިއްޖެނަމަ، އެ އެއްޗެއް ގެންދިޔަ ފަރާތުން ލައިބްރަރީއަށް އެ އެއްޗެއް ރައްދުކުރުމުން، އަލުން އެ އެއްޗެއް ދޫކުރުމުގައި ކުރިން އެދުނު ފަރާތަށް އިސްކަންދެވޭނެ ކަމަށް ލައިބްރޭރިއަންއަށް އެންގިދާނެއެވެ.

(މ) ކޮންމެ ފަރާތަކުންވެސް، މެމްބަރށިޕް ހަމަވުމުގެ ކުރިން، އެމީހަކު ލޯނުގެ ގޮތުގައި ގެންގޮސްފައިވާ ތަކެތި އަނބުރާ ރައްދުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ލައިބްރަރީ ލޯންސް

(ހ) ރަޖިސްޓަރޑް ޔޫސަރސް އަށް އާންމު ލޯނަށް ތަކެތި ދޫކުރެވޭނީ އެންމެ ގިނަވެގެން 2 (ދޭއް) ހަފްތާ، އަދި އެކަޑެމިކް ސްޓާފުންނަށް 4 (ހަތަރެއް) ހަފްތާގެ މުއްދަތަށެވެ.

(ށ) ލޯނަށް ތަކެތި ދޫކުރުމުގައި ގެންގުޅެންވީ އިތުރު އުސޫލުތައް ތިރީގައި ބަޔާން ކުރެވިފައި މިވަނީއެވެ.

8.1 ކުރުމުއްދަތުގެ ލޯނު

(ހ) ކުރުމުއްދަތުގެ ލޯނުގެ ގޮތުގައި ކަނޑައެޅިފައިވާ އެތި ދޫކުރެވޭނީ އެންމެ ގިނަވެގެން 3 (ތިނެއް) ދުވަހުގެ މުއްދަތަކަށެވެ.

8.2 ހިފެހެއްޓީފައިވާ ލޯނު

(ހ) ހިފެހެއްޓިފައިވާ ލޯނުގެ ގޮތުގައި ކަނޑައެޅިފައިވާ އެތި ދޫކުރެވޭނީ އެންމެ ގިނަވެގެން 3 (ތިނެއް) ގަޑިއިރަށެވެ.

8.3 ހަމައެކަނި އެކަޑެމިކް ސްޓާފުންނަށް ދޫކުރެވޭ ލޯނު

(ހ) ހަމައެކަނި އެކަޑެމިކް ސްޓާފުންނަށް ދޫކުރެވޭ ލޯނުގެ ގޮތުގައި ކަނޑައެޅިފައިވާ އެތި ދޫކުރެވޭނީ އެންމެ ގިނަވެގެން 1 (އެކެއް) ސެމިސްޓަރއަށެވެ.

 

9 ވަނަ މާއްދާ – ސުލޫކު

(ހ) ލޯނަށް ތަކެތި ގެންދިއުމުގެ އުސޫލާ ހިލާފަށް ތަކެތި ގެންދިއުމާއި، ލައިބްރަރީގެ ތަކެއްޗަށް ގަސްދުގައި ގެއްލުންދީ ހަލާކުކޮށްގެންނުވާނެއެވެ. އަދި މިފަދަ އަމަލެއް ހިންގާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުގެ މަތިން އަމަލުކުރަންވާނެއެވެ.

(ށ) ލައިބްރަރީގައި ބޭނުންކުރަން އިން އެތި ނުވަތަ ލޯނުގެ ގޮތުގައި ގެންދެވޭ އެއްޗަށް ގެއްލުމެއް ވެއްޖެނަމަ، ނުވަތަ ގެއްލިއްޖެ ހާލަތެއްގައި ޒިންމާ ވާންޖެހޭނީ، އެ އެތި ބޭނުންކުރަން އިން ނުވަތަ އެއެތި ގެންދިޔަ ފަރާތުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާން ވެފައިވާ އެއްޗަށް ގެއްލުމެއް ވެއްޖެނަމަ، ނުވަތަ ގެއްލިއްޖެނަމަ، އެ އެތި ގެންދިޔަ ފަރާތުން އެއެއްޗެއްގެ އާ ކޮޕީއެއް ނުވަތަ އެއެއްޗެއްގެ އަގުކަމަށް ލައިބްރޭރިއަން ކަނޑައަޅާ މިންވަރު ލައިބްރަރީއާ ހަވާލު ކުރަންވާނެއެވެ.

(ރ) ލައިބްރަރީގެ ތެރެއަށް ވައްދާ އަމިއްލަ ތަކެއްޗަށް އަދި ލިބޭ ގެއްލުމަށް ލައިބްރަރީން ޒިންމާއެއް ނުވާނެއެވެ.

(ބ) އަޑުގަދަކޮށް ވާހަކަ ދެއްކުން، ނުވަތަ ލައިބްރަރީ ބޭނުންކުރާ އެހެން މީހުންނަށް އުނދަގޫވާފަދަ ކަންތައްތައް ލައިބްރަރީގައި ކޮށްގެންނުވާނެއެވެ. އެހެންނަމަވެސް، ލައިބްރަރީގައި ގުރޫޕް ސްޓަޑީ ހެދުމަށްޓަކައި ހާއްސަ ކުރެވިފައިވާ ތަންތަނުގައި، އެހެން މީހުންނަށް އުނދަގޫ ނުވާ ގޮތަށް ކިޔެވުމާއި، ކިޔެވުމާ ގުޅޭ މަށްވަރާތައް ކުރެވިދާނެއެވެ.

(ޅ) ލައިބްރަރީގެ ގަވާއިދާ ހިލާފަށް އަމަލުތައް ބަހައްޓާނަމަ، އެފަދަ މީހުން ލައިބްރަރީން ނެރުމުގެ އިހުތިޔާރު ލައިބްރަރީގެ މުވައްޒަފުންނަށް ލިބިގެންވެއެވެ.

(ކ) ލައިބްރަރީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ މީހެއްގެ ކިބައިން، ލޯނަށް ތަކެތި ގެންދިއުމުގެ ހައްގު ވަގުތީ ގޮތުން    ކަނޑާލެވިދާނެއެވެ. އަދި ޔުނިވަރސިޓީގެ "ސުލޫކު ހިފެހެއްޓުމުގެ ގަވާއިދު" ގެ ދަށުން އެމީހަކާމެދު ފިޔަވަޅު އެޅިދާނެއެވެ.

 

10 ވަނަ މާއްދާ - މައުލޫމާތު ހިމާޔަތްކުރުން

ލައިބްރަރީގެ މެމްބަރުންނާ ގުޅޭ މައުލޫމާތުތައް ލައިބްރަރީގެ އިދާރީ މަސައްކަތް ކުރުމަށް، މެށީން ރީޑަބްލް ފޯމުގައި ބެހެއްޓިފައިވާނެއެވެ. މިފަދަ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާ ނުކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - ކޮޕީ ރައިޓްސް

ދިވެހިރާއްޖޭގެ އަދި ބައިނަލްއަގްވާމީ ކޮޕީ ރައިޓްސްގެ ގާނޫނުތަކާއި ތައާރުޒުނުވާގޮތެއްގެ މަތިން ފޮތާއި އެހެނިހެން ތަކެތީގެ ކޮޕީއެއް ލައިބްރަރީއަށް އިތުރުކުރެވިދާނެއެވެ.

 

12 ވަނަ މާއްދާ - ކޮމްޕިއުޓަރު އަދި އިންޓަރނެޓް ހިދުމަތް

(ހ) ޔުނިވަރސިޓީގެ ދަރިވަރުންނާއި، މުދައްރިސުންނާއި އަދި މުވައްޒަފުންނަށް ލައިބްރަރީގެ ކޮމްޕިއުޓަރު އަދި އިންޓަރނެޓްގެ ހިދުމަތް ލައިބްރަރީން ކަނޑައަޅާ އުސޫލެއްގެ މަތިން ބޭނުންކުރުމުގެ އިހުތިޔާރު ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތް ބޭނުންކުރާއިރު ލައިބްރަރީގެ ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ރައްކާކުރާ މައުލޫމާތަށް ލިބޭ އެއްވެސް ގެއްލުމަކަށް ލައިބްރަރީން ޒިންމާއެއް ނުވާނެއެވެ.

 

13 ވަނަ މާއްދާ - ފޮޓޯކޮޕީ އަދި ޕްރިންޓިންގ

(ހ) ފޮޓޯކޮޕީ ނެގުމާއި ޕްރިންޓް ކުރުމުގެ ހިދުމަތް ލައިބްރަރީން ކަނޑައަޅާ އުސޫލެއްގެ މަތިން ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ތަނަވަސްކޮށްދޭން ވާނެއެވެ.

(ށ) މިހިދުމަތް ދޭނެ ވަގުތުތަކާއި، ކަނޑައަޅާފައިވާ އަގުތަކާއި، އަދި އެހެނިހެން އުސޫލުތައް، ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް އާންމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަންފަށާނީ، މި ގަވާއިދު ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިރު ކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ކުރިން އަމަލުކުރަމުންދިޔަ ލައިބްރަރީގެ ގަވާއިދެއް ވާނަމަ، އެ ގަވާއިދެއް އުވި ދިޔައީއެވެ. މި ގަވާއިދު ކޮންމެ ދެ އަހަރަކުން މުރާޖައާކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ނިންމާނީ އެކަޑެމިކް ބޯޑުންނެވެ. 

 

މައި ގާނޫނު

އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 11/2015)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު